ނަފްސީ (ތިންވަނަ ބައި)
އެހެނަސް އެ ލޮލުގައިވި ހިތާމަވެރިކަމުންނާއި، އެ މޮޅިވެރިކަމުން އެވަގުތު އެތާ އިންނާނީ ކާކުކަން ހިލްޔާއަށް ޔަޤީނާއި ގާތްވިއެވެ. އެއީ ހަމަ ރޭ އޭނައަށް ފެނުނު ޒުވާނާކަން ޝައްކެއް ނުވާ ދަރަޖައަށް ޔަޤިންވިއެވެ.
އެހިނދު ހިލްޔާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އުސްތާޒާގެ ޢާއިލާ އެހެން މީހުން ކޮބައިހެއްޔެވެ؟ އުސްތާޒާގެ މި ދަރިފުޅު އުޅެނީ ވަކިން ހެއްޔެވެ؟ އޭނަ މާސްކެއް އަޅައިގެން އެ އިނީ ކީއްވެ ހެއްޔެވެ؟ ބަލީ ހެއްޔެވެ؟ ބަލި ނަމަ ޑޮކްޓަރަށް ދައްކާފައިވާނެ ހެއްޔެވެ؟
ހިތަށް ވެރިވި އެ ސުވާލުން އެ ހިނދުން އެ ހިނދަށް ވެސް އެ ޒުވާނާގެ ގާތަށް ގޮސް ޙާލު ބަލަން ހިލްޔާގެ ހިތަށް އެރިއެވެ. އުސްތާޒާގެ ޞިއްޙަތާއިމެދު ހީކުރެވުނު ހީކުރެވުމާއި މެދު ފަރުވާ ކުޑަ ކުރުމުން ވީގޮތް ހިތުގައި ބިންވަޅު ނެގިފައިވުމުންނެވެ. އެހެނަސް އެއީ ހިލޭ ފިރިހެނެއްކަން އެނގުންވި ހިނދު، ހިލްޔާއަށް އޭނަގެ އިންތަކުގެ މަތިން ހަނދާންވެވުނެވެ. އަދި އެވަގުތު އެ ޒުވާނާއަށް ފަސް ދެވުނީ، ބައްޕަ މެދުވެރިވެގެން ވެސް އެ ޒުވާނާއަށް އެހީ ވެވިދާނެކަމަށް ނިންމަމުންނެވެ.
އެ ޒުވާނާއާއި މެދު ވިސްނުނު ވަރުން ބައްޕައާއި އެކީ ކާރަށް އެރުމާއިއެކުހެން ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“ބައްޕާ….އެއްކަލަ…ހޮސްޕިޓަލުން ފެނުނު އުސްތާޒާ ގެ ދަރިފުޅު ގެއަށް ގޮއްސިތަ މިހާރު؟” ހިލްޔާ ކާރުގެ ކުރީ ސީޓުގައި އިނދެ ބެލްޓް އަޅަމުން އެހިއެވެ. އެންމެ ފުރަތަމަ ބޭނުންވީ ދެންމެ އެ ފެނުނީ އޭނައަށް މި ހީކުރެވޭ މީހާތޯ ޔަޤީން ކުރާށެވެ.
“ހިއެއްނުވޭ. އުސްތާޒާ އަސްމާ ގެ ޢާއިލާ އެހެން މީހުން ދާން ފެށި ފަހުން ވެސް އެ ކުއްޖާ ޤަބުރުގެ ކައިރީގަ ހުރި. ބައްޕަ އަންނާށޭ ބުނީމަ ވެސް ވަކި އެއްޗެކޭ ނުބުނެ އެތާ ހުއްޓި ހުރީ….” ނަހީދު ކާރު ސްޓާޓްކޮށް ދުއްވާލަމުން ވާހަކަ ދެއްކިއެވެ.
“ބްރައުން ޝާޓް އަކާ ބްލޫ ޖިންސެއްގަ މާސްކް އަޅައިގެން ދޯ ހުރީ؟” ހިލްޔާ އެހިއެވެ.
“އާނ…..ކިހިނެއް އެނގުނީ؟” ނަހީދު ސުވާލު ކުރިއެވެ.
“އަހަރެން ދެންމެ އައިއިރު އެތާ މިސްކިތުގެ ބޭރުގަ އިށީނދެގެން އިނީ. ބަލިވެތަ އޭނަ އުޅެނީ؟ ބައްޕައާއި ދިމާވިއިރު ވެސް މާސްކް އަޅައިގެންތަ ހުރީ؟”
“ނޭނގެ ބަލިވެ ކަމެއް. ރޭ ހޮސްޕިޓަލުން ދިމާވިއިރު މާސްކެއް ނާޅާ ހުރީ. މިއަދު މިތަނުން ފެނުނީ މާސްކް އަޅައިގެން ހުއްޓާ. ބައްޕައަށް ވެސް އެނގުނީ ހަމަ ކިރިޔާ. ވާހަކަ ދެއްކީމަ ދެމުން ދިޔަ ކުރު ޖަވާބުތަކުން ޔަޤީން ކުރެވުނީ….”
“އެހެންތަ؟ އޭނަ ރަނގަޅުތޯ ޔަޤީން ކުރަންވެގެން މި އެހީ. މާސްކް އަޅައިގެން ހުރީމަ ހިތަށްއެރީ ބަލީއޭ.”
“އެހާ ބޮޑަށް ރޮވުނީމަ ރޯގާ ވައްތަރު ވެސް ވެދާނެދޯ؟ ބައްޕަ އަދި އެބަ ވިސްނަން އެ ކުއްޖާއަށް ޒިޔާރަތް ކުރަން. ހިއެއް ނުވޭ އެ އައި ޢާއިލާ މީހުންނާ މި ކުއްޖާއާ މާ ބޮޑު ގުޅުމެއް އޮތްހެނެއް. އެމީހުން ފުރަނީ ކޮން ދުވަހަކުހޭ އެހީމަ އޭނަ ބުނީ މިއަދޭ.”
“އޮހް….”
ހިލްޔާއަށް އެ ފަހު ބަސް ބުނެލެވުނީ އެ ޒުވާނާއަށްޓަކައި ހިތުގައިވި ޙަމްދަރުދީ އާއި އެކީގައެވެ. ޢާއިލާ މީހަކު ނިޔާވުމަކީ ބޮޑު ހިތާމައެކެވެ. އަދި ޢާއިލާ މީހުންގެ ތެރެއިން ވެސް މަންމަ ނިޔާވުމަކީ އެ ހިތާމައިގެ ދެގުނައެވެ. އޭގެ މައްޗަށް މި ޒުވާނާއަށް ހިތްވަރު ލައިދޭނެ މީހަކު ވެސް ނެތީ ހެއްޔެވެ؟
ހަމަ އެހިނދު ހިލްޔާއަށް ހިތާހިތުން އެ ޒުވާނާއަށްޓަކައި ދުޢާ ކުރެވުނެވެ. އެ ޒުވާނާގެ ހުރިހާ ހިތާމައެއް ފިލައި ހިތަށް ހަމަޖެހުމެއް ގެނެސްދިނުމަށް އެދިއެވެ.
ދުޢާ ކުރުމަށްފަހު ހިލްޔާ އެކަމަށްޓަކައި ފިޔަވަޅެއް ވެސް އަޅަން ބޭނުންވިއެވެ. އެހެންކަމުން އެ ޒުވާނާއަށް ފޮނުވަން މެންދުރުގެ ކެއުމެއް ތައްޔާރު ކުރާނެ ކަމަށް ހިލްޔާ ބައްޕަ ގާތު ބުންޏެވެ. ބައްޕަ އެހެން ނޫނަސް މިފަދައިން މީހަކު ނިޔާވެއްޖެ ނަމަ އެ ޢާއިލާއަށް މިފަދަ ގޮތްގޮތަށް އެހީވުމަށް ބާރު އަޅާތީވެއެވެ.
ހަވީރު ޑިއުޓީއަށް ދާންޖެހޭތީ ހިލްޔާ ގެއަށް ދެވުމާއިއެކު އަތްމަތި އަވަސްކޮށްލިއެވެ. ދުވަހުގެ އެހާއިރު ވީއިރު ގޭގެ މަސައްކަތް ކުރަން ޢާއްމުކޮށް އައިސް އުޅޭ ޕާކިސްތާނު އަންހެން ކުއްޖެއް ކަމަށްވާ އާމިނާ ބަދިގޭގައި އުޅެއެވެ. އެހެނަސް ހިލްޔާ އުސްތާޒާގެ ދަރިފުޅަށް ފޮނުވާ ކެއުން އާމިނާއަށް ދޫނުކުރިއެވެ. އެ ކެއުން ހިލްޔާ ތައްޔާރު ކުރަން ބޭނުންވީ އަމިއްލައަށެވެ. އެ މަސައްކަތުގެ އަޖުރު ލިބިގަތުމުގެ ނިޔަތުގައެވެ.
އުސްތާޒާ ދައްކާފައިވާ ބައެއް ވާހަކަތައް ހަނދާން ކުރުމަށްފަހު ހިލްޔާ ކެއްކީ މަސްބަތެވެ. އެއަށްފަހު އޮރެންޖް ޖޫސް ވެސް ތައްޔާރު ކުރިއެވެ. މަސްބަތް ތަށްޓާއި އޮރެންޖް ޖޫސް ފުޅި ކުޑަ ދަބަހަކަށް އަޅައި ހިލްޔާ ބައްޕައާއި ޙަވާލު ކުރިއެވެ. އެއަށްފަހު އެލީ އާއި ހަމްރާއާއި އެކީ މެންދުރު ކެއުމަށްފަހު ޢަޞްރު ނަމާދަށް ދާން އަވަސްވިއެވެ.
ހިލްޔާގެ ހިތް އެދިއެދި އޮތް ފަދައިން ޢަޞްރު ނަމާދަށް ބަންގި ގޮވި ވަގުތު ހިލްޔާއަށް ނަމާދަށް ތައްޔާރުވެ މުސައްލަ މައްޗަށް އެރުނެވެ. އެކަން އެނގުންވުމުން ފުރިހަމަ ހިނިތުންވުމެއް ހިލްޔާގެ މޫނުމައްޗަށް ވެރިވިއެވެ. އެންމެ ފަހުން މިފަދައިން ނަމާދަށް ތައްޔާރު ވެވުނު ހަނދާނެއް ނެތެވެ. އެކަމަށްޓަކައި ހިތާހިތުން އެތައް ފަހަރަކު ﷲ އަށް ޙަމްދު ކުރެވުނެވެ.
އެދުވަހުގެ ފަތިސް ނަމާދާއި މެންދުރު ނަމާދު ފަދައިން ޢަޞްރު ނަމާދުގައި ވެސް ހިލްޔާއަށް ﷲ މަތިން ހަނދުމަކޮށް ރޮވުނެވެ. ޟުޙާ ސޫރަތުގެ އާޔަތްތައް ކިޔަވަމުން ދިޔައިރު ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަޤީޤަތުގައި ވެސް އޭނަ ދޫނުކުރައްވާކަން އެނގުންވިއެވެ. އެ ނޫންނަމަ އެކަލާނގެ އޭނައަށް މިފަދައިން ވަގުތުން ނަމާދަށް ހުއްޓި ހުރުމުގެ ތައުފީޤު ނުދިނީސް ނޫންހެއްޔެވެ؟
ނަމާދު ނިމުނުއިރު ހިލްޔާއަށް ހުރެވުނީ ހިސާބެއްގެ ޙައިރާންކަމެއްގައެވެ. އޭނައަށް މި އިޙްސާސް ކުރެވޭ އީމާންތެރިކަމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިތޯ ހިތަށްއެރިއެވެ. ހަމަ އެހިނދު ހަނދާންވެގެން ދިޔައީ އުސްތާޒާ އޭނައާއިއެކީ ކާރުގައި އިނދެ އޭނައަށް ދަސްކޮށްދިން ދުޢާއެވެ. އަދި ގެއަށް އައިސް އޭނަ ޢިޝާ ނަމާދަށްފަހު އެ ދުޢާ ކުރި ގޮތެވެ.
“اللّهُمَّ جَدِّدِ الإِيْمَانَ فِي قَلْبِي….ޔާ ﷲ! މި އަޅާގެ ހިތުގައިވާ އީމާންތެރިކަން އާ ކޮށްދެއްވާށި…”
އެ ދުޢާ ދުލުން ކިޔައިލެވުނުހެން ހިލްޔާގެ ލޮލުން ކަރުނަ ހިލުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ އެހާ ވެސް އަވަހަށް އޭނަގެ ދުޢާ އިޖާބަ ކުރެއްވީތޯ ހިތަށްއެރިއެވެ. ހަމަ އެހިނދު ހިތުތެރެއިން އާނއެކޭ ބުނެވުނު ޖަވާބެއް އައެވެ.
ހިލްޔާ އުއްމީދު ކޮށްގެން ހުރީ އުސްތާޒާއާއި އެކީ ގިނަ ވަގުތު ހޭދަ ކުރުމުން އޭނަގެ އީމާންތެރިކަން ވަރުގަދަ ވާނެ ކަމަށެވެ. އެހެނަސް އުސްތާޒާ ގެ މަރު ވެސް ވެގެން ގޮސްފައިވަނީ އޭނައަށް ބޮޑު ޢިބުރަތަކަށެވެ. މަރަކީ އެހާ ދުރު ނޫން އެއްޗެއްކަން މިހާރު އެބަ އިޙްސާސް ކުރެވެއެވެ. އުސްތާޒާ ނިޔާވެގެން ދިޔައީ އޭނައަށް އުސްތާޒާ އެންމެ ފަހުން ފެނުނުތާ ގަޑިއިރެއްހާ އިރު ފަހުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ޚުދު އޭނަގެ ރޫޙު ވެސް އެފަދައިން ނުގެންދަވާނެކަމެއް އޭނައަށް ނޭނގެއެވެ. ނޭނގުމެއްގެ ތެރެއިން ވެސް ވީހާ ވެސް ގިނަ ހެޔޮ ޢަމަލު ކުރެވެމުން ދިޔައީ އެހެންވެތާއެވެ.
މިފަދަ ގޮތެއް މެދުވެރިވެގެން ވެސް އީމާންތެރިކަން ވަރުގަދަ ކުރައްވާނީ ހަމައެކަނި ﷲ ކަން އެނގުންވީ ހިނދު ހިލްޔާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އަދި ތަކުރާރުކޮށް އޭނަގެ އާ ވެގެން ދިޔަ އީމާންތެރިކަމަށްޓަކައި ދުޢާ ކުރެވުނެވެ.
ހިލްޔާއަށް އެވަގުތު ނޭނގުނު ކަމަކީ، އީމާންތެރިކަން ވަރުގަދަ ވާ ކޮންމެ ފަހަރަކު އެ އީމާންތެރިކަން އިމްތިޙާނު ވެސް ކުރެވޭނެ ކަމެވެ. އިމްތިޙާން ކުރެވެނީ ދަތި ނޫނީ އިންތިހާއަށް ފަސޭހަ ޙާލަތަކުންނެވެ. އެހެންނޫނީ ރުޅިވެރިވެ ބަދަލު ހިފަން ލިބޭ ފުރުސަތަކުންނެވެ. އެހެންނޫނީ ކިބުރުވެރިވެ ބޮޑާ ވެވިދާނެ މަޤާމަކުންނެވެ. ނޫނީ ރިވެތި އަޚްލާޤުގައި ހިފަހައްޓަން އުދަގޫ ޙާލަތަކުންނެވެ.
މީގެއިން ކޮންމެ ޙާލަތެއްގައި އެޅޭ ކަތި ފިޔަވަޅުތަކުން އީމާންތެރިކަމަށް ނޭދެވޭ އަސަރު ކުރެއެވެ. ހެޔޮ މަގުގައި ސާބިތުވެ ހުރެވޭނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާގިފުޅާއި އެކީގައެވެ. ނަމާދު ނިމި، މުސައްލަ މަތިން ތެދުވިއިރު ހިލްޔާއަށް އެ ވާގިފުޅަށް ނޭދެއެވެ. ސޫރަތުލް ފާތިޙާގައި ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކަވަން ﷲ ގެ ޙަޟްރަތުން އެދުނެއްކަމަކު އެކަން ހިތަކަށް މާ ބޮޑަށް އިޙްސާސެއް ނުކުރެވެއެވެ. އީމާންތެރިކަން އާވެގެން ދިޔުމުން ދެން އޭނައަށް އަމިއްލައަށް އެގޮތުގައި އުޅެވޭނެ ކަމަށް ނޭނގުމެއްގެ ތެރެއިން ވެސް ހިލްޔާއަށް ހީކުރެވިފައިވިއެވެ. ކުރިއަށް އޮތް ތާނގައި އެއީ ކިހާ ކުށްހީއެއް ކަން ހިލްޔާއަށް ދަސްވާން އުޅޭކަން އޭނައަށް ރޭކާ ނުލައެވެ.
އެދުވަހުގެ ވެސް ޑިއުޓީ އޮތީ އެމަޖެންސީ ރޫމުގައި ކަމަށްވުމުން ހިލްޔާ ހޮސްޕިޓަލަށް ވަދެގެން ދިޔަ ގޮތަށް ދިޔައީ އެމަޖެންސީ ރޫމަށެވެ. ހިލްޔާ އެތަނަށް ވަނުމާއިއެކު އެ ގަޑީގައި ޑިއުޓީ ނިމުނު ބޭރު އަންހެން ޑޮކްޓަރު އައިސް އެވަގުތު އެތާ ތިބި ބަލި މީހުންގެ މަޢުލޫމާތު ދިނެވެ.
ހިލްޔާ ވަގުތުން އެ ބަލިމީހުންނާއި އެކީ އަލަށް އަންނަމުން ދިޔަ ބަލި މީހުންގެ ވެސް ޙާލު ބަލައި ދޭންވީ އަވަސް ފަރުވާތައް ނަރުހުންނަށް އަންގަމުން ދިޔައެވެ. ދުވަސްވަރަކީ ގަދައަށް ހޮޑުލަވައި ވަރުބަލިވާ ބައްޔެއް ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެދުވަސް ވެސް އިއްޔެ ފަދައިން ހިލްޔާއަށް ބުރަވިއެވެ. އެހެނަސް އެދުވަހުގެ ބްރޭކް ގަޑި ލިބުމާއިއެކު އެންމެ ފުރަތަމަ ހިލްޔާ މަޣްރިބް ނަމާދު ކުރިއެވެ. ކެއީ ވެސް ނަމާދަށްފަހު އެވެ.
މަޣްރިބް ނަމާދަށްފަހު ވެސް އެމަޖެންސީ ރޫމުގައި ގަޑިއެއްހާއިރު ވަންދެން މަސައްކަތް ކުރުމަށްފަހު ހިލްޔާ ދިޔައީ އޯޕީޑީއަށެވެ. ބަލިމީހުން ބެލުމުގެ ތެރެއިން ހިލްޔާއަށް ޙައިރާންކަމެއް ލިބުނީ، ކުރީ ރޭ ދިމާވި ނަހީކް ފަދައިން އެ ޢުމުރުގެ އެހެން ދެ ކުއްޖަކު ވެސް ކަރު ތެރެއަށް ތަދުވެގެން އައުމުންނެވެ. އެހެނަސް އެ ދެކުދިންގެ ކަރުތެރެއިން ރަތް ކަމަކާއި އެކީ ބިހިތައް ވެސް ފެނުމުން އެހެން ދުވަހު ނުކާ އެއްޗަކަށް ކެއީ ކޯޗެއްތޯ އަހާލެވުނެވެ.
“އެޕްލް ކެއީ…”
“އާ އެއްޗަކަށް ކެއީ އާފަލު…”
ދެ ފަހަރު މަތިން އެއް ޖަވާބެއް އިވި، ނަހީކް ބުނި ބަސްތައް ވެސް ހަނދާންވެފައި ހިލްޔާގެ ސިކުނޑިއަށް ވެރިވީ ބިރުވެރި ޚިޔާލެކެވެ. އެ ދެކުދިންގެ ލޭގެ ޓެސްޓްތަކާއި އެލާޖީ ޓެސްޓްތައް ހެދުމަށް ލަސްނުކޮށް އެންގުނީ އެހެންވެއެވެ.
ހިލްޔާއަށް ވާނެނަމަ އެރެއިން އެރެއަށް ވެސް އެ ޓެސްޓްތަކުގެ ނަތީޖާތައް ބެލީއެވެ. އެހެނަސް ލޭގެ ޓެސްޓްތަކުގެ ނަތީޖާ ނެރެން ވެސް މަދުވެގެން 24 ގަޑިއިރު ބޭނުންވާނެތީ ހިލްޔާ އެކަމާއިމެދު ފިކުރު ނުކުރަން ނިންމިއެވެ. އެހެނަސް އެ ކަންވީ ދަތިކަމަކަށެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ފިކުރު ބޮޑުވާ ކޮންމެ ފަހަރަކު ފަދައިން ﷲ ގެ ނަންފުޅު ގޮވާލެވުމުންނެވެ. އެހެނަސް ހިލްޔާ ދެންވެސް އެކަލާނގެ ގެ ވާގިއަށް ނޭދެއެވެ. ނޭނގުމެއްގެ ތެރެއިން ވެސް، އޭނައަށް ހީވާ ހީވުން ޙަޤީޤަތަކަށް ވެއްޖެނަމަ ގިނަވެގެންދާނެ ބަލިމީހުންގެ ބުރަ އުފުލަން ޖެހޭނީ އޭނައޭ ހިތަށްއަރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އެކަން ބަދަލެއް ނުވާނެ ކަމަށް ހީކުރެވެމުން ދިޔައެވެ.
އެހެނަސް ހިލްޔާއަށް އެވަގުތު އިޙްސާސް ނުކުރެވޭ ޙަޤީޤަތަކީ، ﷲ އިރާދަ ކުރައްވައިފިނަމަ އަންނަން އުޅޭ މުޞީބާތެއް ވެސް މަޑުޖެހިދާނެ ކަމެވެ. އެއީ އެއްގޮތަކަށް ވެސް ނުވާ ކަމަކަށް ވެދާނެއެވެ. އެހެނީ އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.
ހޮސްޕިޓަލުން ދިމާވި ކަންތަކުގެ ފިކުރުގައި ހުރެ ހިލްޔާ ގޮސް ގެއަށް ވަންއިރު އެރޭ ސިޓިންގް ރޫމުގެ ސޯފާގައި އިނީ ބައްޕައެވެ. ސޯފާގައި އިނދެ ބައްޕަ ލެޕްޓޮޕުން މަސައްކަތެއް ކުރަމުން ދިޔައިރު މޭޒުމަތީގައި ބައެއް ފައިލްތައް ވެސް ހުޅުވިފައިވިއެވެ.
“ނަސީބަކުން މިރޭ އެލީ އަވަހަށް ނިދައިފި ދޯ ބައްޕާ؟” ހިލްޔާ އޭނަގެ ބޫޓު ބޭލުމަށްފަހު ދޮރު ކައިރި ހުރި ކަބަޑަށް ލަމުން އެހިއެވެ.
“ފޮނުވާލީމަ ދިޔައީ. ކޮންމެ ރެއަކު މި ގަޑީގަ ޓީވީ ބަލަން އިންނަނީތަ؟” ނަހީދު ލެޕްޓޮޕުން ނަޒަރު ވަކިކޮށް ހިލްޔާއަށް ބަލައިލަމުން އެހިއެވެ.
“އާނއެކޭ ބައްޕާ! އަހަރެން ބުނެބުނެ ވެސް އިޞްލާޙެއް ނުވޭ. ދެން އެ ޢުމުރަށް ދިޔައިމަ މާ ބޮޑަށް ފޯސް ނުކުރަން ވެގެން އެއްޗެކޭ ނުބުނެ މި ހުންނަނީ. އަމިއްލައަށް ވިސްނެންދެން.” ހިލްޔާ ގޮސް ބައްޕަ އިން ސޯފާގެ ކަނާތް ފަރާތުގައި ވަކިން ހުރި ސޯފާގައި އިށީންނަމުން ބުންޏެވެ.
“މަޑު ކުރަން ހަދައިފިއްޔާ މާ ގޯސްވެދާނެހެން ބައްޕައަށް ހީވަނީ. ތި ނެޓްފްލިކްސްއެއް ކަނޑާލަންވީ. މާ ރަނގަޅު އެއްޗެއް ނޫން މިރޭ ވެސް ބަލަން އިނީ. ދަރިފުޅު ދޯ އެއަށް ލާރި ދައްކަނީ ވެސް؟” ނަހީދު އެހިއެވެ.
“އާނ…..އެއްދުވަހު އަހަންނަށް ވަރަށް އާދޭސް ކުރީމަ ސަބްސްކްރައިބް ކޮށްދިނީ.” ހިލްޔާ ބުންޏެވެ.
“ކަނޑާލާ ހަމަ ވަގުތުން ކަނޑާލާ. ބުނޭ ބައްޕަ ބުނެގެންނޭ.” ނަހީދު ސީރިއަސް ނަޒަރަކާއިއެކީ އަނެއްކާވެސް މަސައްކަތަށް އެނބުރި ދަމުން ބުންޏެވެ.
“އޯކޭ ބައްޕާ….ކްލިނިކް ގެ މަސައްކަތްތަ މިއީ؟” ހިލްޔާ އެހެން ބުނެލީ އެތާ މޭޒުމަތީގައި ހުރި ފައިލްތަކުން ފައިލެއް ނަގަމުންނެވެ.
“ހުމް….އަންނަ މަސް ތެރޭ ހުޅުވޭތޯ މިއުޅެނީ….” ނަހީދު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ބުންޏެވެ.
ހިލްޔާ އެ ފައިލުން ފެނުނު ފުރަތަމަ ގަނޑުގައި އޮތް ޞުރުޚީއަށް ބަލައިލިއެވެ. ޞުރުޚީގައި އޮތީ “އޯސިސް ވެލްނެސް ސެންޓާރ” އެވެ. އެއީ ބައްޕަ ހުޅުވަން އުޅޭ ކްލިނިކް ގެ ނަމެވެ. އެހިނދު ހިލްޔާއަށް ހިތާހިތުން ބައްޕައަށް ތަޢުރީފު ކުރެވުނެވެ.
ގޭގެ ކުލިން އުޅެވޭ ވަރަށްވުރެ ގިނައިން ލާރި ލިބުނަސް ބައްޕަ އަބަދުވެސް ބޭނުންވީ އަމިއްލަ އަތުން ކުރާ ބުރަ މަސައްކަތުން ލާރި ހޯދާށެވެ. މަންމަ ވެސް ގެންގުޅުނީ އެފަދަ ވިސްނުމެއް ކަމަށް މާމަ ބުނެއެވެ. “އޯސިސް” ކުންފުންޏަކީ މަންމައާއި ބައްޕަ މީގެ 30 އަހަރު ކުރިން މާލޭގައި ފެށި ކުންފުންޏެކެވެ. އެ ކުންފުނި ފެށުނީ ކުދިކުދި އެއްޗެހި ވިއްކާ ފިހާރައަކުން ކަމަށްވިޔަސް މިއަދު މާލެއާއި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި އޯސިސް ސުޕާރމާޓްތައް ވެއެވެ. ސުޕަރމާޓް ވިޔަފާރި ކާމިޔާބުވުމުން އޯސިސް ކުންފުނިން މިހާރު ފަށަން މިއުޅެނީ ކްލިނިކެކެވެ. މިފަހުން ހުޅުވަން އުޅޭ އޯސިސް ވެލްނެސް ސެންޓާރ ގެ މަޤްޞަދަކީ ވެސް އެންމެ ބޭނުންޖެހޭ މީހުންނަށް ހެޔޮ އަގުގައި ފެންވަރު ހުރި ބޭސް ފަރުވާތައް ފޯރު ކޮށްދިނުމެވެ.
“ދަރިފުޅު ހަމަ ނާންނާނަންތަ ކްލިނިކް ގަ ވޯކް ކުރަން؟” ނަހީދު މަސައްކަތް ހުއްޓައި ހިލްޔާއަށް ބަލާލަމުން އެހިއެވެ.
“އާނ ބައްޕާ. މިހާރު ވޯކްކުރާ ހޮސްޕިޓަލަށް ކޮމިޓްވެފަ ހުއްޓާ ދެން ބަދަލުވާކަށް ބޭނުމެއް ނޫން. އެހެންނޫނަސް ދުވަސްކޮޅެއް ވަންދެން ދޯ އަހަރެން ވޯކް ކުރަން މިއައީ ވެސް. ސޮރީ ބައްޕާ. ބޭޑް ފީލް ވޭ މިހެން ބުނަންވީމަ.” ހިލްޔާ ބުންޏެވެ.
“ނޯ ނޯ އިޓްސް އޯކޭ. ބައްޕަ ވަރަށް ޕްރައުޑް ވޭ ދަރިފުޅު އެއް ތަނަކަށް ކޮމިޓްވާން ބޭނުންވާތީ. މާ ގިނައިން ޖޮބް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން. އެކަމަކު ދަރިފުޅަކީ މޮޅު ޑޮކްޓަރެއްކަން އެނގޭތީ ބައްޕައަށް ހައްތަހާ ވެސް މިހެން ބުނެވެނީ ހެހެ….”
“ކޮންތާކު ބައްޕާ؟ އަހަރެން އަދިވެސް ދަސްކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި. އަހަންނަށްވުރެ މާ ރަނގަޅު ޑޮކްޓަރުން ބައްޕައަށް ލިބިދާނެ….މިހާރު ޑޮކްޓަރުންނާއި ސްޓާފުން ހަމަވެއްޖެތަ؟”
“އާނ….5 ބޭރު ޑޮކްޓަރުންނާއި 1 ދިވެހި ޑޮކްޓަރަކު އެބަ އުޅޭ….އެޑްމިން ސްޓާފުން ވެސް ހަމަވަމުން ދަނީ. މިހެން ބުނީމަ މި ހަނދާންވީ. އުސްތާޒާ އަސްމާގެ ދަރިފުޅާ މިއަދު ތަންކޮޅެއް ރަނގަޅަށް ވާހަކަ ދެއްކުނޭ. މެންދުރު ގެ ކެއުން ދޭން ބައްޕަ ދިޔައިމަ…”
އުސްތާޒާގެ ނަން ގަނެވުމާއިއެކު ހިލްޔާގެ ހިތް މޭތެރޭގައި އޮވެ ގެނބިގެން ދިޔައެވެ. އިސާހިތަކު އުސްތާޒާގެ މޫނު އެންމެ ފަހުން ފެނުނު ވަގުތު ހަނދާންވެ، އުސްތާޒާ ވަނީ ދުނިޔެ ދޫކޮށް ގޮސްފައިކަން ހަނދާންވިއެވެ. އެ ހިތާމައިގެ ތެރެއިން އުސްތާޒާގެ ދަރިފުޅަށް ވެސް އިޙްސާސް ކުރެވޭނެ ހިތާމަވެރިކަން ހިތަށް ގެނެވުމުން ވާހަކަ ދެކެވުނެވެ.
“ކީކޭ ބުނީ؟ ބަލިކޮށްތަ އުޅެނީ؟” ހިލްޔާއަށް އެ ދެވަނަ ސުވާލު ކޮށްލެވުނީ ހިތަށް ވެރިވެފައިވި ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ. މީހަކު ބަލިވެ އުޅޭ ކަމުގެ ކިރިޔާ ވެސް ހިލަމެއް ވެއްޖެނަމަ އޭނައަށް ދެން ހުރެވޭނެހެނެއް ހިއެއް ނުވެއެވެ.
“ނޫނޭ ބައްޔެއް ނޫން. ގޭގަ ހުރީ މާސްކް ނަގާލާފަ. ވަރަށް ބޮޑަށް ދެރަވެފަ ހުރީ އެކަމަކު ބަލި ހެނެއް ހިއެއް ނުވޭ. އަނެއްހެން ވާހަކައެއް ނުދައްކާ އެކަމަކު ބައްޕަ ކުރި ސުވާލުތަކަށް ޖަވާބު ދިން. ދާނިޝް ނަމަކަށް ކިޔާ ކުއްޖެއް އެއީ.” ނަހީދު ކިޔައިދިނެވެ.
“ދާނިޝް…” ހިލްޔާއަށް އެ ނަން ކިޔާލެވުނެވެ. ނޭނގޭ ސަބަބަކާހުރެ ނަން ރީތިވިއެވެ. ހިލްޔާއަށް ވަކި އެއްޗެކޭ ނުބުނެވެނީސް ނަހީދު ވާހަކަ ދެއްކިއެވެ.
“ހުމް….ދާނިޝް ގެ ފެމިލީ މީހުން އުޅެނީ ބޭރުގަ. މިހާ ދުވަސް ވަންދެން ދާނިޝް ވެސް އުޅުނީ ހަމަ ބޭރުގަ. ބުނީ މަންމަ މިފަހުން މިކޮޅަށް އައިމަ ތިމަންނަ ވެސް އައީއްޔޭ….” ނަހީދު ބުންޏެވެ.
“އެހެންވީއިރު އޭނަ ދެން ނުދަނީތަ ބޭރަށް؟ މިކޮޅުގަ އެކަނިތަ ހުންނަނީ؟” ހިލްޔާއަށް އަހާލެވުނެވެ.
“ބައްޕައަށް ވެސް ތި ސުވާލު ކޮށްލެވުނު. ބުނީ އާނއެކޭ. މިކޮޅުގައޭ ހުންނާނީ. ބައްޕަ ބުނިން އެއްވެސް ކަމެއް ބޭނުމިއްޔާ ބުނައްޗޭ. ވަކި އެއްޗެކޭ ނުބުނީމަ ބައްޕަ ދާން އުޅެނިކޮށް ކުއްލިއަކަށް އެހީ ބޭބެ ތިއުޅެނީ ކްލިނިކެއް ހުޅުވަންދޯއޭ. ބުނީމަ ބައްޕަ ބުނިން އާނއެކޭ. ބުނީމަ ބުނީ ތިމަންނައަށް ޖޮބެއް ދެވިދާނެ ހެއްޔޭ ކްލިނިކުން….”
“ކްލިނިކުން ޖޮބެއް؟ އެއީ ޑޮކްޓަރެއްތަ؟”
“ނޫނޭ. ބުނީ ތިމަންނައަށް އެޑްމިން މަސައްކަތެއް ދިނިއްޔާ ކޮށްދޭނަމޭ. ވޯކް އެކްސްޕީރިއެންސް ހުންނާނެއޭ އެ ދާއިރާއިން. ބައްޕަ ބުނިން ސީވީ މެއިލް ކުރާށޭ. ބަލައިދޭނަމޭ.”
“އެހެންވީމަ ޖޮބެއް ނެތިދޯ މިކޮޅަށް އައިސް އެހެރީ؟”
“އެހެންހެން ހީވަނީ. ބައްޕަ މާ ގިނަ ސުވާލެއް ނުކުރަން އިތުރަށް.”
ހިލްޔާ އެ ވާހަކަތައް އިވިފައި ވިސްނުމަކަށް ގެއްލުނެވެ. އުސްތާޒާގެ ދަރިފުޅު ދާނިޝް ހުރީ ހަމަ ވަޒީފާއެއް ނެތިތޯ ހިތަށްއެރިއެވެ. އިސާހިތަކު ދާނިޝްއަށްޓަކައި ހިތުގައި އުފެދުނު އިޙްސާސްތަކަށް ކިލަނބުކަމެއް އައެވެ. ދާނިޝް އާއިމެދު ދަށްކޮށް ވިސްނެން ފެށިއެވެ. ހިލްޔާގެ ވިސްނުން ބައްޓަން ވެފައިވާ ގޮތުން އޭނަގެ ހިތުގައި އިޙްސާސްތަކެއް ވާންވާނީ އޭނައާއި އެއްވަރަށް “ކާމިޔާބު” ފިރިހެނަކަށްޓަކައެވެ. އެ ނޫން ގޮތަކަށް ހިލްޔާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ދާނިޝް އާއި އަދި ދިމާ ވެސް ނުވަނީސް ހިލްޔާއަށް އެ ނިންމުންތައް ނިންމުނީ، ދުނިޔެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަން ހިލްޔާއަށް ރޭކާ ނުލައެވެ. ދާނިޝްގެ ވަޒީފާއެއް ނެތްހެން ހީވުމާއިއެކު، ދާނިޝް ރޭ އަޅުކަމުގައި ހުރި ހުރުން މަތިން އެއްކޮށް ހަނދާން ނައްތާލެވުނީ އެހެންވެއެވެ. މީހެއްގެ ދީންވެރިކަމަށްވުރެ މުހިއްމީ ފައިސާވެރިކަން ކަމަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވެއެވެ. އޭގެ ސަބަބުން ޙަލާލު މަސައްކަތެއް ހޯދަން ދާނިޝް އެ ކުރާ މަސައްކަތަށް ވެސް ވަގުތުން އަނދިރި ލޮލެއް ދެވިއްޖެއެވެ.
މީހެއްގެ ކާމިޔާބީއަށް މުހިއްމީ ފައިސާ ކަމަށްވާނަމަ ރަސޫލާ ﷺ އަކީ ކާމިޔާބު ބޭކަލެއްގެ ގޮތުގައި ސިފަ ނުކުރެވުނީހެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި މުސްލިމުންގެ މުއްސަނދިކަން އިތުރުވީއިރު ވެސް، އެކަލޭގެފާނު ޚިޔާރު ކުރެއްވީ ހިތްތިރި ދިރިއުޅުއްވުމެކެވެ. އެހެނަސް މި ދުނިޔޭގައި ފައިންޕުޅު ބީއްސެވި އެންމެ މާތް ބޭކަލަކީ އެއީއެވެ. އާޚިރަތުގައި އެންމެ ކާމިޔާބު ބޭކަލަކީ އެއީއެވެ. އަދި އަމުދުން ދުނިޔަވީ ގޮތުން ވެސް، އެކަލޭގެފާނަކީ މިހާތަނަށް ދުނިޔެ ދުށް ލީޑަރުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ލީޑަރެވެ.
އެހެނަސް މި ހުރިހާ ކަމެއް ފަހުމްވެވޭނީ އީމާންތެރިކަން ވަރުގަދަވެފައިވާ ހިތަކުންނެވެ. ހިލްޔާއަށް ފެށެން މިއުޅެނީ އެ އީމާންތެރިކަމާއި ހަމައަށް ދެވޭ ދަތުރެވެ.
ނުނިމޭ
April 6, 2025 @ 3:18 pm
mi vaahaka nukunnaany kon dhuvas thakehga thw??
Maashaa Allah mi part vx varah varah reethi…
Allah thimaa kuraa masahkathuga barakaaiy lahvaa mi vaahaka thakun ehn meehunah iburatheh libun edhi dua kuran…
April 6, 2025 @ 4:27 pm
Alhamdhulillah <3 Vaahaka up vaany Sunday and Wednesday ga In Sha Allah
April 6, 2025 @ 4:52 pm
Varah reethi. Hilya ge visnun mee hama adhuge varah gina kudhinge visnun ves hunna goiy. Hilya aa ekee alhugandu men kiyun theringe visnun ves badhalu ve eemaan kan ithuruvegen dhiyun ummeedhakee