ނަފްސީ (ތޭރަވަނަ ބައި)
ހިލްޔާއަށް ހީކުރެވުނީ ރަނގަޅަށެވެ. ދާނިޝް އިސްވެ ހިލްޔާއަށް އެހީތެރިވެދޭން ދިޔައީ އެހީތެރިވާން އެދެވުނު ވަރުންނެވެ. އޭނައަށް އެހީވެވެން އޮތް ޙާލަތެއްގައި އެކަމަށް ފަސްދޭން ބޭނުމެއް ނުވީއެވެ. އެއީ އެއް ޒަމާނެއްގައި ވެސް އޭނަގެ ކިބައިގައި ހުރި ސިފައަކަށް ނުވާތީވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހިލްޔާއަށް އެހީވެވެމުން ދިޔައީތީ ހިތަށް އުފަލެއް ލިބެމުން ދިޔައެވެ.
“ދެން އޯކޭ ވާނެ!”
ދާނިޝްއަށް ހަމަހޭވެރިކަމެއްވީ ހިލްޔާ އެހެން ބުނެލި އަޑަށެވެ. އެއާއިއެކު އެވަގުތު ހިފަހައްޓައިގެން ހުރި ފޮށިގަނޑު ބިންމަތީގައި ބަހައްޓަމުން ހިލްޔާއަށް ބަލާލެވުނެވެ.
“މިހާރު ހުރިހާ އެއްޗެއްގެ ނަން އެބަ ފެނޭ. ތޭންކްސް!” ހިލްޔާ އަވަސްއަވަހަށް ބުނެލިއެވެ. ދާނިޝް އޭނައާއި ކުރިމަތިލުމުން އަނެއްކާވެސް އެ ނޭނގޭ ނުތަނަވަސްކަން އޭނަގެ ހިތް ވަށާލައިފިއެވެ.
“ޔޫ އާރ ވެލްކަމް. މި އެއްޗެހި އުފުއްލަން ނަހަދާ އިނގޭ. ވޯކާރސް އަންނާނެ އިރުކޮޅަކުން.” ދާނިޝް ބުންޏެވެ. އެއާއިއެކު ހިލްޔާއަށް ހިނިތުންވުމެއްގައި ހުރެ ބޯޖަހާލެވުނެވެ. ހިނިތުންވެގެން ހުރެވުނުކަން އެނގުނީ ދާނިޝް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުންނެވެ. އެއާއިއެކު އެ ހިނިތުންވުން ފިލުވައި، ބޯހޫރުވާލަމުން އަނެއްކާވެސް މަސައްކަތަށް އަނބުރާ ދެވުނެވެ.
މުޅި ހަފްތާ ތެރޭގައި ދާނިޝް އާއި ހިލްޔާ އާ ދެމެދު ވާހަކަ ދެކެވުނީ ހަމައެކަނި އެދުވަހުއެވެ. ދެމީހުން ކުރެ އެކަކު ވެސް އެކަމަށް އިސް ވެސް ނުނެގީތީވެއެވެ. އެހެނަސް ދެމީހުންނަށް ވެސް އެކަކު އަނެކަކާއި މެދު ވިސްނެމުން ދިޔައެވެ. ދާނިޝް ދެންވެސް އެ ކައިވެނީގެ ޚިޔާލާއި މެދު ވިސްނެމުން ދިޔައިރު ހިލްޔާއަށް ވިސްނެމުން ދިޔައީ، ދާނިޝް އޭނައާއި ގުޅޭ ބައިވެރިޔަަކަށް ވެދާނެތޯއެވެ.
ހިލްޔާ ކްލިނިކް ގައި މަސައްކަތް ކުރަން ފެށި އެ ހަފްތާއަކީ، އެލީގެ ޚިޔާލު މަތިން ހަމްރާ ހިތް އުފާ ކޮށްދިނުމަށްޓަކައި ހަމްރާ އާއެކު ގިނަ ވަގުތު ހޭދަ ކުރަން ފެށި ހަފްތާ ވެސް މެއެވެ. ހަމްރާ އަދިވެސް ބަލިވެ އުޅޭތީ ގެއިން ބޭރަށް ދާ ޚިޔާލެއް ހިލްޔާމެން ނުދެއެވެ. އޭގެ ބަދަލުގައި އެލީ އިސްނަގައިގެން ދިނީ ތިން ބެއިން އެކީގައި ޑްރާމާއެއް ބެލުމުގެ ޚިޔާލެވެ.
“މި ގަޑީގަ؟” ހަމްރާ އަމިއްލަ ކޮޓަރީގެ ދޮރުމަތީގައި ހުރެ، އެހެން ބުނެލީ ބޭރުން ފެންނަމުން ދިޔަ ސިޓިންގް ރޫމުގެ ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެމުންނެވެ. އޭރު ރޭގަނޑު 9:30 ވެ ބޮޑުވަނީއެވެ.
“އާނ ދޮންތާ. އަދި ލަހެއް ނުވެއެއްނު؟ ވީ ނޯޓިސްޑް މާކިން ކޮއްކޮ ނިދަނީ މި ގަޑީގަ ކަން. އެހެންވީމަ މި ގަޑި ޗޫޒް ކުރީ. ދޯ ތުއްތާ؟” އެލީ އޭނަގެ ފަހަތުގައި ހުއްޓި ހުރި ހިލްޔާއަށް ދޯ ދިނެވެ. އެއާއިއެކު ހިލްޔާ ވެސް ބޯޖަހާލިއެވެ.
“ޔެސް ދޮންތާ! މަންމައަކަށް ވީމަ ހުރިހާ ވަގުތެއް ދަރިފުޅަށް ދޭން ބޭނުންވެދާނެ. އެކަމަކު ދޮންތަގެ އަމިއްލަ ނަފްސަށްޓަކައި ވެސް ވަގުތު ހުސްކޮށްލަން ވާނެ. ދޮންތަ ލައިކްވާ ކަހަލަ ކަމެއް ކުރަން. ތިން މީހުން އެކީގަ ޑްރާމާއެއް ނުބާލާތާ ކިހާ ދުވަހެއް މިހާރު. އާދޭ އަހަރުމެންނާ އެކީ. މަޖާ އެއްޗެއް ބެލީމަ ދޮންތަ ގެ ސިކުނޑި ވެސް ހަމަޖެހިދާނެއެއްނު؟” ހިލްޔާ ބުންޏެވެ.
އެހިނދު ހަމްރާ އޭނަގެ ދެ ކޮއްކޮއިންނަށް ބަލަން ހުރެފައި ކޮޓަރީގެ ތެރެއަށް ނަޒަރެއް ދިނެވެ. ހިލްޔާ އެ ބުނިހެން ކުޑަ އެނދުގައި ނިދިފައި އޮތް ތުއްތު މާކިން ފެނިފައި ހަމްރާ އެހެން ތަނަކަށް ދާ ހިތެއް ނުވިއެވެ. އެހެނަސް ހިލްޔާ ހީކުރި ގޮތާއި ޚިލާފަށް ހަމްރާ ހުރިހާ ވަގުތެއް ހުސްކުރަނީ މާކިންއަކަށް ނޫނެވެ. އެވަގުތު ހަމްރާގެ އެނދުމަތީގައި އޮތް ޓެބްލެޓުން ހުޅުވިފައިވީ ތަފްސީރު ދަރުހެކެވެ. ހަމްރާ މީގެ ބައި ގަޑިއިރެއްހާއިރު ވަންދެން ހުރީ އެ ދަރުހަށް މުޅިން ގެއްލިފައެވެ. ހިލްޔާ މެން ދޮރުގައި ޓަކި ދިނުމުން ދަރުސް މެދުކަނޑާލާފައި ދިޔައީ ހިތާއި ދެކޮޅަށެވެ. އެ ވަގުތު ވެސް ހުރެވުނީ އެ ދަރުސް މުޅިން ބަލަން ބޭނުންވެފައެވެ.
އެހެނަސް އަނެއްކާވެސް އޭނަގެ ޖަވާބެއްގެ އިންތިޒާރުގައި ތިބި ދެ ކޮއްކޮއިންނަށް ބަލާލެވުނެވެ. އެއަށްފަހު ހިނިތުންވެލަމުން ބޯޖަހާލީ އެ ދެ ކޮއްކޮއިން އުފާ ކޮށްދިނުމަށެވެ. އޭނަގެ ޖަވާބު ލިބުމާއިއެކު ހިލްޔާއާއި އެލީ ‘ޔެސް’ އޭ ކިޔައިފިއެވެ.
މި ރޭވުމުގެ މޭސްތިރިއަކީ އެލީ ކަމަށްވުމުން އަނެއްކާވެސް ނެޓްފްލިކްސް ސަބްސްކްރިޕްޝަންއެއް އެލީއަށް ލިބޭ ގޮތްވިއެވެ. ތިން ބެއިން އެކީގައި ބެލުމަށް އެލީ އެންމެ ފުރަތަމަ ޚިޔާރު ކުރީ އޭނައަށް ރީތިވެގެން އުޅުނު ދިވެހި ޑްރާމާއެވެ. އެހެނަސް ހަމްރާ އާއި ހިލްޔާ އެކީގައި އެއަށް ނޫނެކޭ ބުނުމުން އެ ޚިޔާލު ދޫކޮށްލަން ޖެހުނެވެ. އެހެންކަމުން އެމީހުން ބަލަން ފެށީ ހިލްޔާ ބުނި ފަދައިން މަޖާ ބޭރު ޑްރާމާއެކެވެ. ހިލްޔާއާއި އެލީ އުއްމީދު ކުރި ފަދައިން އެރޭ އެތައް ދުވަހެއް ފަހުން ހަމްރާގެ ހުނުމުގެ އަޑު އެ ދެމީހުންނަށް އިވުނެވެ. އެއިން އެ ދެމީހުންނަށް އުފަލެއް ލިބުނެވެ. އެހެނަސް ދެރަވީ، މާކިން އާއި މެދު ވިސްނޭ ވަރުން ހަމްރާ މާ ގިނައިރެއް ނުވެ އަމިއްލަ ކޮޓަރިއަށް އަނބުރާ ދިޔުމުންނެވެ.
އެރެއަށްފަހު މިއީ ކޮންމެ ރެއެއްގެ އާދައަށް ވެއްޖެއެވެ. ރޭގަނޑުގެ ބަދަލުގައި ހަވީރުން ފަށައިގެން ޑްރާމާތައް ބެލެން ފެށުނު ގޮތެއް ވެސް ހިލްޔާއާއި އެލީ އަށް ނޭނގުނެވެ. ހަމްރާއަށް ދަރިފުޅާއިމެދު ވިސްނޭ ވަރުން މާ ގިނައިރު ވަންދެން ނުހުރެވޭތީ އެއިން ހަމްރާއަށް ކުރި މާ ބޮޑު އަސަރެއް ނެތެވެ. އެހެނަސް އެ ޑްރާމާތަކުން ފެންނަމުން ދިޔަ މަންޒަރުތަކުން ހިލްޔާގެ ވިސްނުން ތަޣައްޔަރު ވާން ފެށިއެވެ.
އެ ޑްރާމާތަކުގެ ޒަރިއްޔާއިން އެންމެ ބޮޑަށް ބަދަލުވެގެން ދިޔައީ ހިލްޔާ ލޯތްބާއި މެދު ދެކޭ ގޮތެވެ. ކޮންމެ ޒާތެއްގެ ޑްރާމާއެއް ވިޔަސް އޭގެ ތެރޭގައި ލޯބީގެ ވާހަކައެއް ހުންނާތީވެއެވެ. ޑްރާމާތަކުން ފެންނަ ގޮތުގައި އަންހެން ކުއްޖާ ނިކަމެތިވެފައި ނުކިޔަވާ ހުއްޓަސް ފިރިހެން މީހާ ނުހަނު މޮޅުވެ، ތަނަވަސްވާން ޖެހެއެވެ. އަންހެން ކުއްޖާ ބޭނުންވާހާ އެއްޗެއް ގަނެދެވޭ ވަރަށް ތަނަވަސް ނުވެއްޖެނަމަ އެމީހަކު ބަޠަލާއަކަށް ވާން ނުވެސް ފުދެއެވެ. މިގޮތުން އެ ޑްރާމާތަކުގައި މި ދުނިޔޭގެ ޒީނަތްތެރިކަމަށް ވަރަށް ބޮޑަށް އަލި އަޅުވާފައިވެއެވެ. ރީތި ހެދުންތަކާއި، ކާރުތަކާއި، ތަންތަނާއި، ދިރިއުޅުމުގެ ވައްޓަފާޅިއެވެ. މުޅި ދިރިއުޅުން ބައްޓަން ކުރަންޖެހެނީ އެ ކަންތައް ޙާސިލުކުރުމަށް ކަމަށް ނުސީދާކޮށް ވެސް އެ ޑްރާމާތަކުން ދަސްކޮށްދެއެވެ. އެހެންނޫނީ ޙަޔާތުގެ މަޤްޞަދަކީ އެ ކަންތައް ހޯދައިދޭނެ ބައިވެރިޔަކު ހޯދުން ކަމަށް ދައްކުވައިދެއެވެ.
އެ ހަފްތާ ނިމެން އައިއިރު ހިލްޔާ އެ ޚިޔާލުތަކުގެ އަވައިގައި މުޅިން ޖެހިގެން ގޮއްސިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އެ ޚިޔާލުތައް ހިތާއި ސިކުނޑީގައި ޒީނަތްތެރިވެގެން ދިޔަދިޔަހެން ނަމާދަށް ވެސް ސަމާލުކަމެއް ދެވެނީއެއް ނޫނެވެ. ޤުރުއާން ކިޔެވުނިއްޔާ ކިޔެވެނީ ދުވަހަކު އެންމެ ދެ ތިން ޞަފްޙާއެވެ. އެއީ ވެސް ގަދަކަމުންނެވެ. އަވަސްއަވަހަށް ނިންމާލަނީ ދެން ޑްރާމާއިން ވާނެ އެއްޗެއް އެނގެން ކެތްމަދުވެފައިވާ ޙާލުގައެވެ. މިފަދައިން އުޅޭ މީހެއްގެ ހިތް ދުނިޔޭގެ ވަކިތަކުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟
ނަތީޖާއެއްގެ ގޮތުން އެ ހަފްތާ ގެ އެންމެ ފަހު ދުވަސް ޖެހުނުއިރު ހިލްޔާއަށް ދާނިޝް އާއިމެދު ފަހުގެ ނިންމުމެއް ނިންމިއްޖެއެވެ. ބައްޕަ ގާތު ދާނިޝް އާއި ބެހޭގޮތުން އިތުރު ސުވާލެއް ވެސް ކުރަން ބޭނުމެއް ނުވިއެވެ. ދާނިޝް އަކީ ހަމަ ޔަޤީނުން ވެސް އޭނައާއި ގުޅޭނެ މީހެއް ނޫންކަމަށް ނިންމުނެވެ. އެހެނީ ބަލާބެލުމަށް ދާނިޝް އަކީ ފައިސާވެރިއެއް ނޫނެވެ. ކިތަންމެ މޮޅަސް އެ އުޅެނީ ކުޑަ ވަޒީފާއެއްގައެވެ. އެހާ މޮޅު ނަމަ އަމިއްލަ ނަން ވުޖޫދުގައި ފަވާލާނެ ފަދަ ކޮންމެވެސް ކަމެއް ކުރީހެވެ.
ކާމިޔާބީއަކީ ހަމަ ކޮންމެހެން ވެސް އެންމެންގެ ނަޒަރު އަމާޒުވާން ޖެހޭ އެއްޗެއް ކަމަށް ހިލްޔާއަށް ޤަބޫލު ކުރެވިފައިވެއެވެ.
**
މީހަކު އޭނައާއި މެދު ބޮޑެތި ނިންމުންތައް ނިންމާކަމުގެ ރޭކާއެއް ވެސް ލުމެއްނެތި ދާނިޝް އުޅެމުން ދިޔައެވެ. ކްލިނިކް ހުޅުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށްފަހު ދާނިޝްއަށް ހޮނިހިރު ދުވަހު ގެއަށް އާދެވުނީ ޢިޝާ ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވަނިކޮށެވެ. ކިތަންމެ ވަރުބަލިވެފައި ވިޔަސް ދާނިޝް އަވަސްއަވަހަށް ފެންވަރާލައިގެން ހިނގާލާފައި މިސްކިތަށް ދިޔައެވެ. ޖަމާޢަތުގައި ނަމާދު ކުރުމަށް މިހާރު ދާނިޝް ‘ދެވިހިފާފައި’ ވެއެވެ. ކޮންމެ މަސައްކަތެއްގައި ހުއްޓަސް ނަމާދު ވަގުތަށް އަބަދުވެސް ސަމާލުވެވެއެވެ. އަދި މަސައްކަތުގެ މިޞްރާބު ބަދަލު ކޮށްގެން ވިޔަސް ޖަމާޢަތުގައި ނަމާދު ކުރެވޭތޯ މަސައްކަތް ކުރެއެވެ. އެ ނަމާދުތަކުން ދާނިޝްއަށް ނޭނގޭ ހިތްވަރެއް ލިބެއެވެ.
ޤަވާޢިދުން މިސްކިތަށް ދާން ފެށުމުން މިހާ ހިސާބަށް އައިއިރު އާދަކޮށް ފެންނަ މުސްކުޅި ބޭބެއިން ވެސް ދާނިޝްއާއި ސަލާމްކޮށް ހިނިތުންވެލައެވެ. އެމީހުންނާއި މާ ބޮޑު ގުޅުމެއް ބަދަހިވެފައި ނުވަނީ ދާނިޝް ނަމާދަށްފަހު މިސްކިތުގައި މަޑު ނުކުރާތީވެއެވެ. އެއީ ދާނިޝް ކުރަން ބޭނުންވާ ކަމެކެވެ. އެކަން ނުކުރެވިފައި ވަނީ މިފަހުން އައިސް މަސައްކަތް ބުރަވުމުންނެވެ. އަދި އަމުދުން މިސްކިތުގައި މަޑުކޮށްގެން ތިބޭ މީހުން ޤުރުއާން ކިޔަވާ މަންޒަރު ފެންނާތީވެއެވެ.
ދާނިޝް އެންމެ ފަހުން ޤުރުއާން ކިޔެވީ ކޮން ދުވަހަކު ކަމެއް އޭނައަށް ނޭނގެއެވެ. އެހެންކަމުން ކިޔެވިޔަސް ކިޔެވޭނީ ކޮށިކޮށްކަން ދާނިޝްއަށް އެނގުނީ މިފަހުންނެވެ. ޤުރުއާން ކިޔަވާ ހިތުން ފޯނަށް ޤުރުއާން އެޕްލިކޭޝަނެއް ޑައުންލޯޑް ކޮށްގެން ކިޔަވަން އުޅުމުން އެ ވެގެން ދިޔައީ ހީކުރި ވަރަށް ވުރެ ވެސް ދަތިކަމަކަށެވެ. އަޑު ކެނޑިކެނޑިގެން ދާ ގޮތުން ކިޔަވަން ނޭނގޭ މީހެއްކަން ރަނގަޅަށް އެނގޭނެއެވެ. ކަން މިހެން އޮތްއިރު އޭނައަށް މިސްކިތުގައި އިނދެ ކިޔެވޭނީ ކިހިނެއް ހެއްޔެވެ؟ ފުރާ ފުރިހަމަވެފައި ހުރި ފިރިހެނަކަށް ޤުރުއާން ކިޔަވަން ނޭނގުމުން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟
މާޒީގައި އަބަދު އެހެން މީހުންގެ ނަޒަރިއްޔާތުގެ މައްޗަށް ދިރިއުޅުން ބިނާކުރި ދާނިޝްއަށް، އަދިވެސް އެ އާދަ ދޫކޮށްނުލެވޭ ފަދައެވެ. މާޒީގެ އެ ޙަޔާތް ދޫކުރަން ނިންމިއެއްކަމަކު، ނޭނގުމެއްގެ ތެރެއިން ދީނީ ކަންކަމުގައި ވެސް އެހެން މީހުން އޭނައާއިމެދު ދެކޭނެ ގޮތާއިމެދު ކަންބޮޑުވަމުން ދިޔައީ އެހެންވެއެވެ.
ދާނިޝް ގެއަށް އައީ ވެސް އެ ކަންބޮޑުވުމުގައި ހުރެއެވެ. އެ ކަންބޮޑުވުން ފިލައި ދިޔައީ ގެއަށް ވަދެ، މަންމަގެ ކޮޓަރީގެ ދޮރު ފެނުމުންނެވެ. އެއާއިއެކު އެ ކޮޓަރި އާއި ދިމާލަށް ހިނގައިގަނެވުނީ، މަންމަގެ ލެޕްޓޮޕުން އެދުވަހު ފެނުނު ޑޮކިއުމެންޓް މަތިން ހަނދާންވުމުންނެވެ.
“ލޯބިވާ ދަރިފުޅު…”
އެ ނަން ހިތަށް ވެރިވުމާއިއެކު ދާނިޝްގެ އެ ހިތަށް ފިނިކަމެއް ލިބުނެވެ. އެރޭ އެ ޑޮކިއުމެންޓް ފެނުނެއްކަމަކު ފަހުން އެހެން ކޯލެއް އައިސް އެހެން މަސައްކަތެއްގައި މަޝްޣޫލުވުމުން ޑޮކިއުމެންޓް ނުހުޅުވެއެވެ. ވޭތުވެ ދިޔަ މުޅި ހަފްތާއަކީ ނުހަނު ބުރަ ހަފްތާއަކަށް ވުމުން ގެއަށް އައިސް ވަރުބަލިވެފައި ހުންނަ ވަރުން ނިދާލެވެނީއެވެ. އެހެނަސް މިރޭ އިތުރު ކަމެއް ނެތިފައި ކުޑަކޮށް ހަކަތަ ވެސް ހުރުމުން މިރެއަކީ އެ ޑޮކިއުމެންޓް ކިޔާލަން ރަނގަޅު ރެއެއްކަން އެނގުންވިއެވެ. އެއާއިއެކު ދާނިޝްއަށް ހިނިތުންވެލެވުނެވެ.
އެރޭ ކެއުމަށް ކެއްކުމުގެ ބަދަލުގައި ދާނިޝް އޯޑަރެއް ޖަހާލީ ވެސް އެ ފޮތް ކިޔުމަށް ވަގުތު ސަލާމަތް ކުރުމަށެވެ. ދާނިޝް ކައްކަން ފެށީ މަންމަ ނިޔާވި ފަހުންނެވެ. މީގެ ކުރިން ދުވަހަކުވެސް ދާނިޝް އަމިއްލައަށް ކައްކާފައި ނުވެއެވެ. އެހެނަސް މިފަހުން ފަށާފައިވަނީ މަންމަ މަސައްކަތް ކޮށް އުޅުނު ބަދިގޭގައި މަސައްކަތް ކުރުމުގެ ޝައުޤުގައެވެ. އެއިން މަންމަ އާއި ގާތް ކަމެއް އިޙްސާސް ކުރެވޭތީވެއެވެ. އަލަށް ކައްކަން ފަށާފައިވާތީ އަދި ދާނިޝް އެހާ މޮޅެއް ނޫނެވެ. އެހެނަސް މޮޅުވާން ބޭނުންވިއެވެ. ކެއްކުމަކީ ވެސް އެހެން މީހަކަށް އެހީއެއް ފޯރުކޮށްދެވިދާނެ ގޮތެއްކަން ދާނިޝްއަށް އެދުވަހު ލިބުނު މަސްބަތުން ދަސްވެފައިވާތީވެއެވެ.
ދާނިޝް މަންމަގެ ކޮޓަރިއަށް ވަދެގެން ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އެހިނދު މަންމަގެ އާ ބަސްތަކެއް ފެންނާނެ ކަމުގެ އުފާވެރިކަމުން ހިތް ފުރިފައިވެއެވެ. ‘ބުކްސް’ ފޯލްޑާރ ހުޅުވާލަމުން ‘ލޯބިވާ ދަރިފުޅު’ ޑޮކިއުމެންޓަށް ކްލިކް ކޮށްލިއިރު ދާނިޝްއަށް ނޭނގި ހިނިތުންވުމެއްގައި އިނދެވުނެވެ.
ޑޮކިއުމެންޓް ހުޅުވުމާއިއެކު ބޮޑު އަކުރުން ‘ލޯބިވާ ދަރިފުޅު’ އޭ ފުރަތަމަ ޞަފްޙާގައި ލިޔެވިފައިވިއެވެ. އެއަށް ބަލަން އިނދެ ދާނިޝްއަށް ތިރިއަށް ސްކްރޯލް ކޮށްލެވުނީ ލަސްލަހުންނެވެ. ދެވަނަ ޞަފްޙާއަކީ އެއްކޮށް ހުސް ޞަފްޙާއެއްހެން ދާނިޝްއަށް ހީވާން އުޅެނިކޮށް އެ ޞަފްޙާގެ މެދުގައި ލިޔެވިފައި އޮތް ބަސްކޮޅު ފެނުނެވެ.
“އަޅުގަނޑުގެ ލޯބިވާ ދަރިފުޅު، ދާނިޝްއަށް.”
އެ ބަސްތައް ފެނިގެން ދިޔުމާއިއެކު ދާނިޝްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ އިންޒާރެއް ނެތިއެވެ. އެ ބަސްކޮޅުގެ މާނައަކީ ކޮބައިކަން އެނގުންވީ ހިނދު މޭގައި ރިހުމެއް ހިނގާލިއެވެ. އެވަގުތު ހަނދާނަށް އައީ މަންމަ އެރޭ އޭނަ ގާތު ބުނެލި ބަސްތަކެވެ.
“….ހިތަށްއަރާ މަންމައަށް ފަޚުރުވެރި ކަމާއިއެކީ ދަރިފުޅު ގޮވައިގެން ހިނގަން ދެވޭނެނަމައޭ…”
“ވެދާނެ މަންމަގެ އަމިއްލަ އެދުން ބޮޑީ ކަމަށް ވެސް. އެކަމަކު އަދި މަންމައަށް ނުކެރޭނެ ދަރިފުޅާއިއެކީ މާލޭގެ މަގުތަކުގަ ހިނގާކަށް….”
މަންމަގެ އެ ބަސްތަކުން މަންމަގެ އެ ކިޔުންތެރިންނާއި އަޑުއެހުންތެރިންނަށް އޭނަގެ ނަން ވެސް އެނގެން މަންމަ ބޭނުންނުވާ ކަމަށް އޭނަ ހީކުރިއެވެ. އެހެނަސް މަންމަ މި ވަނީ މަންމަގެ ދަރިފުޅަކީ އެންމެ ފަޚުރުވެރިވާ ދަރިފުޅަށް ނުވިޔަސް، ހުރިހާ ކިޔުންތެރިންނަށް އެ ދަރިފުޅުގެ ނަން ހާމަ ކޮށްފައެވެ. އަދި އަމުދުން އެ ދަރިފުޅަށް ޚާއްސަކުރާ ފޮތެއް ލިޔެފައެވެ. މިގޮތަށް ލިޔުމުން ހުރިހާ ކިޔުންތެރިންނާއި އަޑުއެހުންތެރިން އެ ދަރިފުޅާއި މެދު މަންމައާއި ސުވާލު ކުރާނެތާއެވެ. ސުވާލު ކުރިޔަސް މަންމަ އޭނަގެ އެއްވެސް ނޭދެވޭ ވާހަކައެއް ނުދައްކާނެކަން ދާނިޝްއަށް ޔަޤީން ކުރެވުނެވެ. މަންމައަކީ އެއްގޮތަކަށް ވެސް ޣީބަ ބުނާ މީހަކަށް ނުވާތީވެއެވެ.
އެ ޚިޔާލުތަކުގައި އިންދާ ދާނިޝްގެ ލޮލުން ކޯތާފަތަށް ކަރުނަތައް ކަރުނަ ފޭބިއެވެ. އެ އިޙްސާސުން ހަމަހޭވެރިކަމެއް ލިބުމުން ދާނިޝް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން އިތުރަށް ސްކްރޯލް ކޮށްލިއެވެ. އެއާއިއެކު ފޮތުގެ ފުރަތަމަ ބާބު ފެނިގެން ދިޔައެވެ.
“ބާބު 1: ކުޑައިރުގެ ހަނދާންތައް
ދަރިފުޅާއެވެ. ދަރިފުޅު އަބަދުވެސް ކުޑައިރުގެ ދުވަސްތަކާއި މެދު މަންމަ އާއި ސުވާލު ކުރަމުއެވެ. އެއީ އެ ދުވަސްތަކުގެ މަތިން ދަރިފުޅު ހަނދާންވާތީކަން މަންމައަށް އެނގެއެވެ. އެ ދުވަސްތައް އަނބުރާ ގެންނަން ދަރިފުޅު ބޭނުންވާކަން ދަރިފުޅުގެ ލޮލުގައިވާ ވިދުމުން މަންމައަށް އެނގެއެވެ. ދިރިއުޅުން އެ މަޖަލާއި އުފަލުގައި ހޭދަކުރަން ދަރިފުޅު ބޭނުންވާކަން މަންމައަށް އެނގެއެވެ.
ދިރިއުޅުމަކީ ހަމައެކަނި މަޖަލާއި އުފަލުގައި އުޅެން އޮތް ތަނެއް ނޫންކަމަށް މަންމަ ބުނުމުން، ދަރިފުޅު ދިން ޖަވާބު ހަނދާން އެބަ ހުއްޓެވެ. އެ ޖަވާބަކީ މަންމަ ވަރަށް ފުން ވިސްނުމަކަށް ގެންދިޔަ ޖަވާބަކަށް ވުމުންނެވެ. ދަރިފުޅު ބުނީމުއެވެ.
“އަހަރެންގެ ‘އޯލްޑް ސެލްފް’ ހޯދަން ބޭނުން، މަންމާ.”
ދަރިފުޅު އެދުވަހު ބުނި ‘އޯލްޑް ސެލްފް’ ގެ މާނައާއި މެދު ވަރަށް ވިސްނުނެވެ. އޭގެ މާނައަކީ ދަރިފުޅު ގެ އެންމެ ކުރީގެ ޝަޚްޞިއްޔަތު ހޯދަން ބޭނުންވާ ވާހަކަ ކަމަށް ޤަބޫލު ކުރެވުނެވެ. ދަރިފުޅުގެ އެންމެ ކުރީގެ ޝަޚްޞިއްޔަތަކީ އެންމެ ކުޑައިރުގެ ޝަޚްޞިއްޔަތަށް ވުމުން ކުޑައިރު އުޅުނު ގޮތަށް އުޅެން ބޭނުން ވަނީތާއެވެ.
ދަރިފުޅަށް މަންމަ އެހެން ގޮތެއް ދައްކަން ހެއްޔެވެ؟ ‘އޯލްޑް ސެލްފް’ އަށް ދިޔުމުގެ ބަދަލުގައި ‘އޮރިޖިނަލް ސެލްފް’ އަށް ދިޔުން ކިހިނެއް ވާނެ ހެއްޔެވެ؟ ‘އޯލްޑް ސެލްފް’ އަށް ނުދެވުނަސް ‘އޮރިޖިނަލް ސެލްފް’ އަށް ދިޔުމަކީ ﷲ ގެ އިޒުނަފުޅުން ހަމަ ޔަޤީނުންވެސް ވާނެ ކަމެކެވެ.
ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ‘އޮރިޖިނަލް ސެލްފް’ އަކީ ދަރިފުޅުގެ ފިޠުރަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ދަރިފުޅު މި ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ވެސް ދަރިފުޅުގެ ރޫޙަށް އިލްހާމް ކޮށްދެއްވާފައިވާ ކަންތަކެވެ. އޭގެ ތެރެއިން ދަރިފުޅު އެންމެ ކުރިން ވެސް ދަންނަ ޙަޤީޤަތަކީ ﷲ އަކީ ދަރިފުޅުގެ ވެރި ރައްބު ކަމެވެ.
وَإِذْ أَخَذَ رَبُّكَ مِن بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ
“އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެބައިމީހުންގެ ބުރިކަށިތަކުން އެބައިމީހުންގެ ދަރިފަސްކޮޅު ނެރުއްވައި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެބައިމީހުން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ ވަޙީ ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރި ރައްބު ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރި ރައްބެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ….” سُورَةُ الأَعْرَاف، 172
އެވަގުތު ކޮޅުގައި ދަރިފުޅު ވެސް ﷲ އީ ދަރިފުޅުގެ ވެރި ރައްބު ކަމަށް އެއްބަސްވީމުއެވެ. އެހެންކަމުން ދަރިފުޅުގެ ފިޠުރަތަށް އަނބުރާ ދާން ބޭނުންނަމަ، ﷲ ރައްބެއްގެ ގޮތުގައި ޤަބޫލު ކޮށްގެން ދިރިއުޅުން ބައްޓަން ކުރާށެވެ. ދަރިފުޅުގެ ޙަޤީޤީ ނަފްސުގެ ޒާތަކީ މި ޙަޤީޤަތް ޤަބޫލުކޮށްގެން އުޅުމެވެ…..”
އެހާ ހިސާބަށް ކިޔާލެވުނު ވަގުތު ދާނިޝްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތީ ވީ އަޖާއިބެއްގެ ބޮޑު ކަމުންނެވެ. މަންމަ ގާތު ‘އޯލްޑް ސެލްފް’ ގެ ވާހަކަ ބުނި ދުވަސް ދާނިޝް ހަނދާން އެބަ ހުއްޓެވެ. އެދުވަސްވަރު އޭނަ އަބަދުވެސް އުޅުނީ ކޮންމެވެސް ހަމަނުޖެހުމެއްގެ ތެރޭގައެވެ. އެހާ ވަރަށް މަޖާ ނަގަން އުޅުނުއިރު ދުވަހަކު ވެސް ކުޑައިރު އުޅުނުހާ އުފަލުގައެއް ނުއުޅެވެއެވެ. އޭނަ ހޯދަން އުޅޭ އުފާވެރިކަމަކީ ކޮބައިކަމެއް ވެސް އޭނައަށް ނޭނގެއެވެ.
އެހެނަސް މިއަދު އޭނަގެ ދިރިއުޅުން ބައްޓަންވަމުން ދިޔަ ގޮތުން ކުރެވެނީ ތަފާތު އިޙްސާސެކެވެ. މިސްކިތަށް ދިޔުމުންނާއި ނަމާދު ކުރުމުން ހިތަށް ލިބެނީ ފުރިހަމަވެގެންވާ އުފާވެރިކަމެކެވެ. މާޒީގެ ހުރިހާ ދުވަސްތަކާއި އެ ވަގުތުކޮޅުތަކާއި ނުބައްދަލެވެ. އެ ދުވަސްތައް ހަނދާން ކުރަން ވެސް ބޭނުމެއް ނުވެއެވެ. ‘އޮރިޖިނަލް ސެލްފް’ ގެ ބާރަކީ މިއީތޯ ހިތަށްއެރިއެވެ.
ދާނިޝް އެ ވިސްނުމުގައި އިންދާ އެޕާޓްމެންޓްގެ ބެލް އަޅުވާލި އަޑު އިވުނެވެ. އޭނަ އޯޑަރު ކުރި ޕެކް ލިބުނީކަން އެނގި ދުރު ބަލާފައި ވެސް ދާނިޝްއަށް ސްކްރީނަށް ބަލާލެވުނެވެ. ދާނިޝް އިތުރަށް ކިޔަން ބޭނުންވިއެވެ. އެހެނަސް އޭނަ ދެން ކިޔަން ބާކީ ހުރީ 200 ޞަފްޙާ ކަން އެނގުމުން ދާނިޝް ލެޕްޓޮޕް ލައްޕާލިއެވެ. މަންމަގެ އެ ނަސޭޙަތްތައް ވީހާވެސް ދިގު ދެމިގެންދާން ބޭނުންވީތީވެއެވެ.
**
ހިލްޔާމެން އެރޭ ކެއީ ފަހުގެ އާދަކާދައިގެ މަތިން އެންމެން އެކީގައެވެ. ހަމްރާ އެކަނި ނުކުރުމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅެކެވެ. ކެއުމުގެ ތެރެއިން އެކިއެކި ވާހަކަތައް ދެކެވުނެވެ. އެ ވާހަކަތަކުގެ ތެރެއިން އަސްލަމް ގެ ވާހަކަ ނުދައްކަނީ ނަހީދާއި، ހާފިޒާއާއި ހިލްޔާގެ ރޭވުމެއްގެ މަތިންނެވެ. ވަރީގެ މައްސަލައިގައި ކޯޓު އަމުރެއް އަންނަންދެން އެ ވާހަކަ ނުދައްކަން ތިން މީހުން ވެސް ނިންމިއެވެ.
އެންމެންގެ ވެސް ކެއުން ނިމުމަކަށް އައުމުން މޭޒު ދޮށުން މީހުން މަދުވަމުން ދިޔައެވެ. މަދުވަމުން ގޮސް ބާކީ ތިބީ ސައި ތަށްޓެއް ބޮމުން ދިޔަ ހިލްޔާއާއި ކޮފީ ތަށްޓެއް ބޮމުން ދިޔަ ނަހީދެވެ. ފޯނުން ސޯޝަލް މީޑިއާ ސްކްރޯލް ކުރަން އިނދެ ސައި ބޮމުން ގޮސް ސައިތަށި ހުސްވުމުން ހިލްޔާ ތެދުވަން އުޅުނެވެ. އެހެނަސް އެވަގުތު ނަހީދު ވާހަކަ ދެއްކިއެވެ.
“ހިލްޔާ އިރުކޮޅެއް ވަންދެން މަޑުކޮށްލަބަލަ ބައްޕަ ވާހަކައެއް ދައްކާލަން.” ނަހީދު ނުހަނު އާދައިގެ ގޮތަކަށް ބުނުމުން ހިލްޔާ ނުތެދުވެ، ސީދާ ކުރިމަތީގައި ހުރި ބައްޕައާއި ދިމާލަށް އެނބުރިލިއެވެ.
“ކީކޭ ބައްޕާ؟” ހިލްޔާއަށް އަހާލެވުނީ، ބައްޕަގެ މޫނުމަތިން ފެނުނު އަސަރު ނަގައިގަންނަން ނޭނގުމުންނެވެ. އެއީ ހިނިތުންވުމެއް ކަމެއް ނޫނީ ސީރިއަސް ކަން ކަމެއް ނޭނގުނެވެ.
“ދަރިފުޅު….ކައިވެންޏަކާއިމެދު ވިސްނައިފިންތަ؟” ބައްޕަ ކޮށްލި ސުވާލުން ހިލްޔާގެ މެއަށް ލޮޅުމެއް އައެވެ.
“ން….ނުވިސްނަން.” ހިލްޔާއަށް ދެވުނީ ކުރު ޖަވާބެކެވެ. ބައްޕަ މީގެ ކުރިން އޭނައާއި ކައިވެނީގެ ވާހަކައެއް ދައްކާފައި ނުވުމުން އެ މަޢުޟޫއަށް ވާހަކަ ދައްކަން ޖެހިލުންވީއެވެ.
“އެހެންތަ؟ މި އޭޖަށް އައިމަ ބައްޕަ ހީކުރީ ދަރިފުޅު އެކަމާއިމެދު ވިސްނާނެ ކަމަށް.” ނަހީދު ބުންޏެވެ.
“އަސްލު ބޮޑަށް…ކިޔަވަން ބޭނުންވާތީ ނުވިސްނަނީ. ކިހިނެއްވީ ބައްޕަ ތި ވާހަކަ ތި ދައްކަނީ ކުއްލިއަކަށް.” ހިލްޔާއަށް އަހާލެވުނީ އެނގެން ބޭނުންވި ވަރުންނެވެ.
“އެއީ…ބައްޕަގެ ކްލިނިކްގަ މި އުޅޭ ދާނިޝް….އާ ދަރިފުޅާ ވަރަށް ގުޅޭނެހެން ބައްޕައަށް ހީވަނީ.” ނަހީދު ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ބުންޏެވެ.
“ވަޓް؟!” ހިލްޔާއަށް އެހެން ބުނެލެވުނުއިރު ގަދައަށް ހިނިތުންވެލެވުނެވެ. ބައްޕަ ފުރަތަމަ ފަހަރަށް އެކަހަލަ ވާހަކައެއް ދައްކާތީއާއި އަދި އަމުދުން ހިތަށް ވެރިވި ނޭނގޭ އިޙްސާސްތަކެއްގެ ސަބަބުންނެވެ. އޭނަ ހިނިތުންވުމުން ބައްޕަ ވެސް ލުއި ގޮތަކަށް ހީލައިފިއެވެ.
“ހެހެ…ހަމައެކަނި ބައްޕައަށް ފެންނަ ގޮތް ކަމަށް ވެސް ވެދާނެ އެކަމަކު…..އަސްލު ކަނބުލޮއަށްޓަކައި ބައްޕަ ކުއްޖަކު މި ޗޫޒް ކުރަނީ ދޮންތައަށް ދިމާވި ގޮތުން. ހިތަށް އަރާ ދޮންތައަށް ވެސް ފިރިހެން ކުއްޖަކު ބައްޕައަށް ޗޫޒް ކޮށްދެވުނު ނަމައޭ. އެހެންވީމަ މި ގޮތް ކަނބުލޮއާއި ހިސާބުން މި ފަށަނީ. އެކަމަކު އެއްވެސް ކުއްޖަކަށް ފޯސްއެއް ނުކުރާނަން. ދާނިޝް ކައިރި މިކަހަލަ އެއްވެސް އެއްޗެއް ބައްޕަ ނުބުނަން. ދަރިފުޅު ދެކޭ ގޮތް އެނގުނީމަ ކުރިއަށް ދާން އެނގޭނީ ވެސް. ސޯ ބުނެބަލަ. ދާނިޝް ކިހިނެއް؟” ބައްޕަ އެހިއެވެ.
އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ހިލްޔާއަށް ދާނިޝްއާއި މެދު ވިސްނެން ފެށިއެވެ. ދާނިޝް އާއި މެދު އޭނައަށް ކަމު ދިޔަ ކަންތަކެވެ. ކްލިނިކް ގެ މަސައްކަތުގެ ތެރެއިން ފެނުނު ދާނިޝްގެ ހީވާގިކަމާއި ރޭވުންތެރިކަމެވެ. ކަންތައް ފުރިހަމަ ކުރުމުގައި ހުންނަ ތޫނުފިލި ކަމެވެ. އެއީ އޭނައާއި ދާނިޝް ގުޅޭނެ ސަބަބުތަކެއްތޯ ހިތަށްއެރިއެވެ. އެހެނަސް އޭގެ އަނެއް ކޮޅުގައި އޭނަ ނުތަނަވަސް ކުރުވާ ހީކުރުންތައް ވެސް އެބަ ހުއްޓެވެ. ދާނިޝްއާއި އެކީ އޭނަ ފަޤީރު ދިރިއުޅުމެއް އުޅެން ޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. އޭނަގެ ވިސްނުމާއި ދާނިޝްގެ ވިސްނުން ހާސްބައި ތަފާތުވުމުން މަޞްލަޙަތު ގެއްލޭ ގޮތްވުމެވެ. ދާނިޝްއަކީ އޭނައާއި އެއްވަރަށް ކާމިޔާބު މީހަކަށް ނުވުމުން އެހެން މީހުން އޭނަގެ ޒަވާޖީ ޙަޔާތަށް ބަސްބުނުމެވެ.
އެ ޚިޔާލުތަކުން ހިލްޔާއަށް ނިކުމެވުނީ، ބައްޕަ އޭނަގެ ނަމުން ގޮވާލި އަޑަށެވެ. އެއާއިއެކު ހިލްޔާއަށް ވާހަކަ ދެކެވުނެވެ.
“އަހަރެން ވިސްނާނަން ބައްޕާ. އިން ޝާ ﷲ. ވިސްނާފަ ޖަވާބެއް ދޭނަން.” ހިލްޔާއަށް ބުނެލެވުނެވެ. އެ ވާހަކައަށް ބައްޕަ އޯކޭ ދީފައި، ތެދުވެގެން ދިޔުމުން ހިލްޔާ ފުން ނޭވައެއް ދޫކޮށްލީ ވިސްނުމަކަށް ގެއްލެމުންނެވެ.
**
އޭގެ އަނެއްދުވަހަކީ އޯސިސް ވެލްނެސް ސެންޓާރ ރަސްމީކޮށް ހުޅުވާ ދުވަހެވެ. ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އެދުވަހު ހަވީރު 4 ޖަހާއިރެވެ. އެހެންކަމުން އެދުވަހު ދާނިޝް ކުރަމުން ދިޔައީ އެ ރަސްމިއްޔާތަށް ވީހާވެސް ގިނަ ބަޔަކު އެއްކުރުމުގެ މަސައްކަތެވެ. ހަފްތާއެއްހާ ކުރިން ސޯޝަލް މީޑިއާގައި އެ ރަސްމިއްޔާތުގެ ވާހަކަ އެކި ގޮތް ގޮތަށް ޕޯސްޓް ކުރިޔަސް، ދާނިޝް އެދުވަހު ރަސްމިއްޔާތާއި ގުޅޭ ގަނޑުކޮޅު ވެސް ބަހަން ބޭނުންވިއެވެ. މީގެ އިތުރުން އެ ރަސްމިއްޔާތަށްޓަކައި ކްލިނިކްގެ އެއްފަރާތެއްގައި ޓާރފް އަޅައި ހަދާފައި އޮންނަ ޕާކު ތައްޔާރު ކުރަމުން ދިޔައެވެ. އެތަނުގައި ގޮނޑި ޖެހުމުގެ އިންތިޒާމް ހަމަޖައްސައި ރަސްމިއްޔާތަށްޓަކައި ބެކްޑްރޮޕް ތައްޔާރު ކުރެވި، ސައުންޑް ސިސްޓަމް ހަމަޖެހޭތޯ ޔަޤީން ކުރިއެވެ.
އެދުވަހު ހިލްޔާގެ މަސައްކަތް ވެސް ބުރައެވެ. ހުރިހާ ޑޮކްޓަރުންގެ ތެރެއިން ކްލިނިކް ގެ ހުރިހާ ބައެއް އެންމެ ރަނގަޅަށް އެނގެނީ ހިލްޔާއަށް ކަމަށްވުމުން، ހުރިހާ ޑޮކްޓަރުންނަށް ކްލިނިކްގެ ހުރިހާ ބައެއް ދައްކައި ހިލްޔާ ތަފްޞީލުކޮށް ކިޔައިދިނެވެ. ހުރިހާ ބޭރު ޑޮކްޓަރުން އެހާތަނަށް އައިއިރު އައިސްފައި ވިޔަސް، ހިލްޔާގެ އިތުރުން ކްލިނިކަށް ހޮވާފައިވާ ދިވެހި ޑޮކްޓަރު މެންދުރު ވީއިރު ވެސް ނާދެއެވެ.
“ޑޮކްޓަރ ރާފިލް ވީ ޓްރެއިނިންގްއެއްގަ ސިންގަޕޫރަށް ގޮސްފަ ކަމަށްވަނީ. ހަވީރު ރަސްމިއްޔާތަށް އަންނާނެ ކަމުގެ ޔަޤީންކަން ދިން.”
އެ ޑޮކްޓަރާއިމެދު ބައްޕައާއި ސުވާލު ކުރުމުން ހިލްޔާއަށް ލިބުނު ޖަވާބަކީ އެއީއެވެ. އެއާއިއެކު ހިލްޔާގެ ލޯ ކުޑަކޮށް ބޮޑުވެގެން ދިޔައީ ހިތަށް ވެރިވި ޖޯޝަކުންނެވެ. އޭނައާއި މި ދިމާވާން އުޅެނީ އޭނައަށްވުރެ ކާމިޔާބު ފިރިހެން ޑޮކްޓަރަކާ ތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ބަލާފައިވި ޑްރާމާތަކުގެ އަލީގައި ދެން ކަންތައް ވާނެ ގޮތް ސިފަ ކުރެވުނެވެ. އެހެނަސް ހިލްޔާ އެއަށްވެސް އަމިއްލަ ނަފްސާއި ބޯހޫރުވާލިއެވެ. މިހާ އަވަހަށް ފިރިހެނުން ކަމުދާނަމަ އޭނަ ކިޔަވާ ނިމެންދެން މީހަކާއި ނުއިނދެ އުޅޭނީ ކިހިނެއްތޯ ހިތާހިތުން ސުވާލު ކުރެވުނެވެ. އެހެންކަމުން ދެން އިތުރަށް ފިރިހެނަކާއިމެދު ނުވެސް ވިސްނަން ހުވާކުރިއެވެ.
ކްލިނިކް ގައި މަސައްކަތް ކުރަމުން ދިޔަ އެންމެންހެން މެންދުރު ގެއަށް ދިޔައީ ތާޒާ ވެލައިގެން ޢަޞްރު ނަމާދަށް ފަހު ރަސްމިއްޔާތަށް އައުމަށެވެ. މިގޮތުން އެންމެން އަނބުރާ އައުމުން ފެހި ކުލައާއި ކަޅުކުލައިން މުޅި މާޙައުލު އެއްކުލަ ވެގެން ދިޔައެވެ. އަންހެނުން ގަދަ ފެހި ކުލައިގެ ދިގު ހެދުމުގެ ތިބިއިރު، ފިރިހެނުން ތިބީ ކަޅުކުލައިގެ ކޯޓު ފަޓުލޫނާއި އެކީ ހުދުކުލައިގެ ގަމީސް ލައި، ފެހި ކުލައިގެ ޓައީ އަޅައިގެންނެވެ. ރަސްމިއްޔާތު އޭރު ނުފެށޭތީ ކްލިނިކްގެ މުވައްޒަފުން ގޮނޑި ރޭވިފައިވި ޓާރފް މަތީގައި އެކި ބައި ބަޔަށް ވާހަކަ ދައްކަން ތިއްބެވެ. ހިލްޔާ ވެސް ފާރމަސިސްޓް ބޭރު އަންހެން ކުއްޖާއާއި ވާހަކަ ދައްކަން ހުއްޓާ އަޑެއް އިވިގެން އެހެން ދިމާލަކަށް ބަލާލަން ޖެހުނެވެ.
“މައިކް ޓެސްޓިންގް 1،2،3”
ޓާފްމަތީގައި ބެހެއްޓިފައިވި ޕޯޑިއަމާއި ދިމާލަށް ބަލާލެވުނުއިރު އެތާ ހުރީ ދާނިޝްއެވެ. ހިލްޔާ ބަލަބަލާ ހުއްޓާ ދާނިޝް ސައުންޑް ބަލަހައްޓާ މީހާއަށް ބޮޑުވާ އިނގިލި ދިއްކޮށްލައިފިއެވެ. އެއަށްފަހު ޕޯޑިއަމާއި ދުރަށް ހިނގައިގަތީ ކޮންމެވެސް އެހެން ކަމެއް ބަލަންކަން ޔަޤީން ކުރެވުނެވެ.
އެހިނދު އެންމެންގެ ތެރެއިން ވެސް ހިލްޔާއަށް ކޯޓު ފަޓުލޫނުގައި އެންމެ ސްމާޓްކޮށް ދެއްކީ ދާނިޝްއެވެ. މިއޮތް ދުވަހެއްގައި ވެސް މޫނުން އެ މާސްކް ނަގާލިނަމަ ވާނީ ކީއްތޯ ހިތާހިތުން އަހާލެވުނެވެ.
ހިލްޔާ އެ ޚިޔާލުގައި ވަނިކޮށް ނުހަނު ގާތުން ކާރެއް އަންނަން ފެށި އަޑު އިވުނެވެ. ހިލްޔާއަށް ހުރެވުނީ ޓާފް މަތީގައި ކަމަށް ވިޔަސް މަގާއިވީ ފަޅީގައި ކަމަށްވުމުން، ހިލްޔާ ހުރި ގޮތަށް ހުރެ އަނެއްފަރާތަށް މޫނު އަނބުރާލުމުން އެ ކާރު ފެނުނެވެ.
އެއީ ކަޅުކުލައިގެ މާސިޑީޒް ބެންޒެކެވެ. އޮފް އަރާ އެންމެ ފަހުގެ މޮޑެލެވެ. ފުރޮޅީގައި ވެސް ކުޑަ ވެސް ހިރަފުސްކޮޅެއް ނެތުމުން މުޅިން އާ ކާރެއްހެން ހީވެއެވެ.
ހިލްޔާ ބަލަބަލާ ހުއްޓާ އޭނައާއި ކައިރި ހިސާބަކަށް ކާރު މަޑުކޮށްލައިފިއެވެ. ހުޅުވިގެން ދިޔަ ކާރުގެ ފަހަތު ދޮރު ފޭބީ އިސްކޮޅުން ދިގު ޒުވާނެކެވެ. އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވިގެން ދިޔައީ ޒުވާނާ ލައިގެން ހުރި ކަޅުކުލައިގެ ސޫޓެވެ. ސޫޓުގެ ކުރިމަތިން ލަންބާފައިވާ ބައިގައި އޮފް ހުރުމުން އެ ސޫޓަކީ ވެސް ބްރޭންޑެއްގެ ސޫޓަކަށް ނޫނީ ނުވާނެކަން ޔަޤީން ކުރެވުނެވެ. ހަމަ އެއާއިއެކު ލައިގެން ހުރި ބޫޓާއި، އަޅައިގެން ހުރި އަވި އައިނަކީ ވެސް ބްރެންޑެޑް އެއްޗެހި ނޫނީ ނުވާނެކަން ހިލްޔާއަށް ޔަޤީންވިއެވެ. ހަމަ އެއާއިއެކު އެމީހެއްގެ މުއްސަނދިކަން އިޙްސާސް ކުރެވި، ހިތަށް ގޮތެއްވިއެވެ.
ޒުވާނާ ރަސްމިއްޔާތުގެ ބެކްޑްރޮޕަށް ނަޒަރު ހުއްޓައިގެން ހުރެ އައިނު ނަގާލި ވަގުތު، އެ ސޫރަ ސާފުކޮށް ހިލްޔާއަށް ފެނުނެވެ. އެއީ ކުލަ އަލިވެފައި ހަތަރެސްކަން ބައްޓަމެއްގެ މޫނެކެވެ. ސާފުކޮށް ތުނބުޅި ބޭލިފައިވިއެވެ. ރާޅު ބާނީ ނަގާ ކުރު އިސްތަށިގަނޑު، އޭގެ ޒާތަށް ދޫކޮށްލެވިފައިވިއެވެ. ހިލްޔާއަށް އެއްފަރާތުން ފެންނަމުން ދިޔަ އެ ޒުވާނާގެ މޫނުގެ ބައްޓަމުން، އޭނަ ބަލައި އުޅޭ ޑްރާމާއެއްގެ ތަރިއަކާއި ވައްތަރުވެސް ވިއެވެ. އެ ޚިޔާލުން ހިތަށް ވެރިވި ޖޯޝާއި އެކީ ތުންފަތުގައި ހިނިތުންވުމެއް ވެސް ކުޅެލިއެވެ. މިއީ ހަމަ ޔަޤީނުން ވެސް ރީތި ފިލްމެއްގެ ބަޠަލާއަކަށް ވެވޭނެ ޒުވާނެކޭ ހިތަށްއެރިއެވެ.
“ހޫ އިޒް ހީ؟”
ހިލްޔާގެ ކުރިމަތީގައި ހުރި ފާރމަސިސްޓް ކުއްޖާ ވެސް އެ ފަރާތަށް އެނބުރި، އެ ޒުވާނާއަށް ބަލާލަމުން ކޮށްލީ، ހިލްޔާގެ ހިތުގައި އޮތް ސުވާލެވެ. އަދި މުޅި އެ ތަނުގައި ތިބި ހުރިހާ ޒުވާން އަންހެން ކުދިންހެން އެ ޒުވާނާއަށް ބަލަން ތިބެ ކުރަން ފެށި ސުވާލު ވެސްމެއެވެ.
މަސައްކަތުގައި މަޝްޣޫލުވެފައިވި ދާނިޝްއަށް އެ ޒުވާނާ ފެނުނީ، އެންމެ ކުރީ ގޮނޑިބަރީގެ ކުރިމަތީގައި ބެހެއްޓިފައިވި މޭޒުމަތީގައި، ރަސްމިއްޔާތުގެ އެޖެންޑާ ބޭއްވުމަށްފަހު ހިންދެމިލި ވަގުތެވެ. އެ ޒުވާނާ ސީދާ އޭނައާއި ކުރިމައްޗަށް ވާ ގޮތަށް ފެނުމާއިއެކު ދާނިޝްއަށް ހުރެވުނު ތަން ވެސް ހަނދާން ނެތުނެވެ. ހިތުގައި އުތުރު އެރި އިޙްސާސްތަކާއި އެކީ ލޭ ކެކިގެން ދިޔަ ހިނދު ބުމަގޮށްޖެހި، ގޮށްމުއްކަވާލެވުނެވެ.
ނުނިމޭ
ެ. އެކަން އެނގުންވުމުން އިސާހިތަކު އަނެއްކާވެސް ބޯހޫރުވާލެވުނެވެ.
ޕިކަޕުން ހުރިހާ ފޮށިތައް ގެނެސް ބަހައްޓައި ނިމުމުން ހިލްޔާ އަނެއްކާވެސް ބޭހުގެ ލިސްޓު ހިފައިގެން އައިސް އެ ކޭސްތަކަށް ބަލަމުން ބޭސްތަކުގައި ފާހަގަލަމުން ދިޔައެވެ. އެހެނަސް ބައެއް ކޭސްތައް ތަންކޮޅެއް ފަހަތަށް ލެވިފައިވުމުން ބައެއް ފޮށިތަކުގެ ނަންތައް ހިލްޔާއަށް ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އުދަގުލާއި އެކީގައި ވެސް މަތިމައްޗަށް ޖެހިފައި ހުރި އެ ކޭސްތައް އަމިއްލައަށް އުފުއްލައި ތިރި ކުރަން ފެށިއެވެ.
“ނޫނޭ….އެކްސްޗޭންޖް ކުރަން އަޅުގަނޑުމެން ބޭނުން. އެހެންވީމަ އަޅުގަނޑު އެބަ އަންނަން ތިކޮޅަށް ރިވައިޒްޑް ކޯޓޭޝަން އާ އެކީ އެ ކޭބަލްތައް ބަލާ.”
ހިލްޔާ ބޮޑު ފޮށްޓެއް ނަގައި ބިންމަތީގައި ބެހެއްޓި ވަގުތަކީ ފަހަތުން ދާނިޝްގެ އަޑު އިވުނު ވަގުތެވެ. އެއާއިއެކު ހިލްޔާ ހިންދެމިލަމުން ފަސް ބަލާލި ވަގުތު ސިޑިން ފައިބަމުން ފޯނުން ވާހަކަ ދައްކަމުން އައި ދާނިޝް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ހިލްޔާ ވަކި ފަރުވާލެއްނެތި އަނެއްކާވެސް އިތުރު ފޮށްޓެއް އުދަގުލާއި އެކީ ނަގައި، ތިރީގައި ބެހެއްޓިއެވެ. ހިލްޔާ ހީކުރީ ދާނިޝް ސިޑިން ފައިބައިގެން އައި ގޮތަށް ކްލިނިކުން ނިކުމެގެން ދާނެ ކަމަށެވެ. ފޯނުން ވާހަކަ ދެއްކި ގޮތުން ބޭރަށް ދާން އުޅޭކަން އެނގޭތީވެއެވެ.
އެހެނަސް ހިލްޔާ ޙައިރާންވެގެން ދިޔައީ، ދާނިޝް ނިކުމެގެން ދިޔުމުގެ ބަދަލުގައި އޭނަގެ ކައިރިއަށް އައިސް ހުއްޓި ވާހަކަ ދެއްކުމުންނެވެ.
“ކިހިނެއްވީ؟ ފޮށިތައް ފާމަސީއަށް ވައްދަންތަ؟” ދާނިޝް ލަފާއެއްގެ މައްޗަށް ސުވާލު ކުރިއެވެ. އެއާއިއެކު ހިލްޔާއަށް ބޯހޫރުވާލެވުނެވެ.
“ފަހަތުގައި ހުރި ފޮށިތަކުގެ ނަންތައް ނުފެނިގެން މިއުޅެނީ.” ހިލްޔާ ބުންޏެވެ.
ހަމަ އެއާއިއެކު ދާނިޝް ދެވަނަ އެއްޗެކޭ ވެސް ނުބުނެ އެ ބޮޑެތި ފޮށިތައް ތިރިކޮށްލަ ދޭން ފެށިއެވެ. އެހިނދު ހިލްޔާގެ ހިތަށް އާދަޔާ ޚިލާފު އަސަރެއް ކުރިއެވެ. މިއީ އޭނަގެ ބައްޕަ ފިޔަވައި ފިރިހެނަކު އަމިއްލައަށް އިސްނަގައިގެން އޭނައަށް އެހީވަމުން ދިޔަ ފުރަތަމަ ފަހަރެވެ. އެސްފިޔަ ޖެހުމެއްނެތި ދާނިޝް އެ މަސައްކަތުގައި ހުއްޓާ ބަލަން ހުރެވުނީ ޙައިރާންކަން ވެރިވެފައިވި ހިތެއްގެ ސަބަބުންނެވެ. އެހެންކަމަކަށް ނުވިޔަސް އެވަގުތު ދާނިޝްގެ ފިރިހެންވަންތަކަން ހިލްޔާއަށް އިޙްސާސް ކުރެވުނެވެ. ޙަޤީޤީ ފިރިހެންވަންތަކަމުގެ ތެރޭގައި އެހެން އިތުރު އެދުމެއް ނެތި އަންހެނަކަށް އެހީވުން ހިމެނެއެވެ. މަސައްކަތުގެ ތެރެއިން ދާނިޝް އޭނައާއި ވާހަކަ ނުދެއްކި ތާނގައި ބަލާވެސް ނުލި ގޮތުން އެ އެދުމެއް ނެތްކަން ހިލްޔާއަށް އެނގުނެވެ.
ހިލްޔާއަށް ހީކުރެވުނީ ރަނގަޅަށެވެ. ދާނިޝް އިސްވެ ހިލްޔާއަށް އެހީތެރިވެދޭން ދިޔައީ އެހީތެރިވާން އެދެވުނު ވަރުންނެވެ. އޭނައަށް އެހީވެވެން އޮތް ޙާލަތެއްގައި އެކަމަށް ފަސްދޭން ބޭނުމެއް ނުވީއެވެ. އެއީ އެއް ޒަމާނެއްގައި ވެސް އޭނަގެ ކިބައިގައި ހުރި ސިފައަކަށް ނުވާތީވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހިލްޔާއަށް އެހީވެވެމުން ދިޔައީތީ ހިތަށް އުފަލެއް ލިބެމުން ދިޔައެވެ.
ނުނިމޭ