ނަފްސީ (ސަތާރަވަނަ ބައި)
އޭގެ އަނެއްދުވަހު ހިލްޔާއަށް ހޭލެވުނީ މީހަކު ބާރަށް އޭނަގެ ދޮރުގައި ޓަކިދޭ އަޑަށެވެ. ސިއްސައިގެން ހޭލެވުމާއިއެކު އިވިގެން ދިޔައީ ދޮންތަގެ އަޑެވެ.
“ހިލްޔާ ހޭލައިފިންތަ؟ ބައްޕަ އެބަ އިން ސައިބޯން. މިއަދު ހިލްޔާ ނާންނަނީހޭ އެހީ…”
ބޭރުން ދޮންތަ އެހެން ބުނި އަޑު އިވިފައި ހިލްޔާއަށް ލުއްކެއްޖަހައި ތެދުވެލަމުން ފާރުގައި ހުރި ގަޑިއަށް ނަޒަރެއް ދެވުނެވެ. ގަޑިން 7:21 ވެފައިވި މަންޒަރު ފެނުމުން ދެލޯ ބޮޑުވިއެވެ.
“މި ހޭލީ ދޮންތާ! ބައްޕަ ކައިރި ބުނޭ ރެޑީ ވަނީއޭ!!!”
ހިލްޔާ ދޮންތައަށް އިވޭނެހެން އަޑު ހަރުކޮށް އެހެން ބުނުމަށްފަހު އެނދުން ފައިބަމުން އަވަސްވެގަތެވެ.
ހިލްޔާ އެދުވަހު ފަތިސް ނަމާދު މަތިން ހަނދާންވާ ގޮތްވީ، ފެންވެރުމުގެ ތެރެއިންނެވެ. އެހެންކަމުން ފާޚާނާއިން ނިކުތީ ވުޟޫ ކޮށްލައިގެންނެވެ. ވަގުތު ސަލާމަތް ކުރުމަށް ރީތިވެ ނިމިގެން ނަމާދު ކުރަން ނިންމިއެވެ. ގަދަ ނޫކުލައިގެ އަބާޔާއަކާއި މަޑު ނޫކުލައިގެ ޝޯލްއެއް އަޅައި ރީތިވެ ނިމުނުއިރު 7:45 ވީއެވެ. އެވަގުތު ފަތިސް ނަމާދު ކުރަންވުމުން ބުރައަކަށްވިއެވެ. މިއަދު އޭނަ ގަޑި ޖެހެންޏާ ޖެހޭނީ ނަމާދުގެ ސަބަބުން ކަމަށް ހިތާހިތުން ކިޔާލެވުނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން އެ ހިތަށް އުދަގުލެއް ވެސް ވިއެވެ. ނަމާދު ނުކޮށް ނުދިޔުމަށް ހިލްޔާއަށް ޖެއްސީ އެ ވީ އުދަގުލެވެ.
އެހެންކަމުން ސިކުނޑި ހަމަޖައްސަން މަސައްކަތް ކުރަމުން ހިލްޔާ އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ބައްޕައަށް ގުޅިއެވެ.
“ހެލޯ ބައްޕާ….މިއަދު ބައްޕަ އަހަރެން ޑްރޮޕް ކުރަން ނުދިޔަޔަސް އޯކޭ. އަހަރެން އަމިއްލައަށް ޑްރައިވް ކޮށްފަ ގޮސްލާނަން. ރެޑީ ވެފަ މިހިރީ އެކަމަކު އަދި ނަމާދު ކުރަން ބޭނުން. ބައްޕަ މި ގަޑީގަ ތަނަކަށް ދާން އޮތީތަ؟” ހިލްޔާއަށް ވާހަކަ ދައްކަމުން އަހާލެވުނެވެ.
“އާނ ފިހާރައިގެ ކަމެއް ބަލާލަން ކަމަށް މިއުޅުނީ. ހިލްޔާ ޑްރޮޕް ކޮށްލާފަ ގޮސް. އެކަމަކު ދެން ސައިކަލުގަ ގޮސްލާނަން. ކިހިނެއްވީ ދަރިފުޅު މިއަދު ހޭނުލެވުނީ؟ ބަލީތަ؟” ބައްޕަ އެހި އަޑު އިވުނެވެ.
އެއާއިއެކު ހިލްޔާގެ އަނގަ ބަންދުވިއެވެ. އޭނައަށް ހޭނުލެވުނު ސަބަބު ހަނދާންވުމުންނެވެ. ރާފިލް ގެ ކޯލު ނިމުނީ ރޭ ދަންވަރު 2 ޖަހައި ބޮޑުވި ފަހުންނެވެ. އޭގެ ފަހުން ވެސް ހިތަށް ވެރިވެފައިވި ޖޯޝުގެ ސަބަބުން ޚިޔާލީ ފޮލާ ކައްކަން ގަޑިއެއްހާއިރު ވަންދެން ހިލްޔާއަށް ހޭލާ އޮވެވުނެވެ. އެ ދެއްކިހާ ވާހަކަތަކާއި ކުރެވުނު ޚިޔާލުތަކުގެ މަތިން ހަނދާންވެ ހިނިތުންވެވެން އުޅުނެއްކަމަކު އެވަގުތު ހިނިތުން ނުވެވުނެވެ. އޭނައަށް ރޭ ކުރެވުނީ ބައްޕަ ނުރުހޭނެ ކަމެއްހެން ހީވުމުންނެވެ.
“ނޫން ބައްޕާ ޖަސްޓް….ހަމަ ހޭނުލެވުނީ.” ހިލްޔާ ކުރު ގޮތަކަށް ބުންޏެވެ.
“އެހެންތަ؟ ދަރިފުޅަށް ވަރަށް ހޭނުލެވި ނުހުންނާތީ މި އަހާލެވުނީ. އެނީވޭ، ނަމާދުކޮށްގެން ސައިބޮއިގެން ދާނީ އިނގޭ. ބުނާނަން ދާނިޝް ކައިރީގަ ދަރިފުޅު 8:30 އިން ބަލިމީހުން ބަލަން ފަށާ ގޮތަށް ހަދާށޭ. އޯކޭ؟” ބައްޕަ ބުންޏެވެ.
ހިލްޔާ ވެސް އެ ވާހަކައަށް އޯކޭ ދިނުމުން އެ ކޯލު ނިމުމަކަށް އައެވެ. އެއާއިއެކު ހިލްޔާ ދެން އަވަސްވީ ނަމާދުގެ ‘ބުރަ’ ފިލުވައިލުމަށެވެ. ހިލްޔާގެ ހިތުގައި މިވަގުތު ވާ ޙަޔާތުގެ މަޤްޞަދުގައި ނަމާދު ކުރުން ނުހިމެނެއެވެ. ޙަޔާތުގެ މަޤްޞަދަކީ ރާފިލްއެވެ. ރާފިލްއާއި އިނުމެވެ. ރާފިލް އާއި އިނދެ ރާފިލް އޭނައަށް ހޯދައިދޭނެ މުއްސަނދި ދިރިއުޅުމާއި މެދު ފަޚުރުވެރިވުމެވެ.
ނަތީޖާއެއްގެ ގޮތުން ނަމާދު ތެރެއިން ވެސް ހިލްޔާއަށް ވިސްނުނީ މުޅިން ވެސް ރާފިލްއާއި މެދުގައެވެ. ރާފިލްއާއިއެކީ އޭނައަށް ލިބޭނެ މުސްތަޤްބަލާއި މެދުގައެވެ. ނަމާދަށް ކުޑަވެސް ސަމާލުކަމެއް ނުދެވެއެވެ. އެނގުނުހާ ވެސް ކަމަކީ ދެ ރަކުޢަތުގައި ވެސް ކިޔަވާލެވުނީ އިޚްލާޞް ސޫރަތް ކަމެވެ. ސަލާމް ދޭން ހިތަށް އެރި ވަގުތު ކުރެވުނީ ކިތައް ރަކުޢަތް ކަމެއް ޔަޤީނެއް ނުވިއެވެ. ރަކުޢަތްތައް ހަމަ ވިޔަސް ނުވިޔަސް އެކަމަކަށް ފަރުވާލެއް ނެތި ހިލްޔާ ކުށު ސަޖިދަ ކޮށްލަމުން އަވަސްއަވަހަށް ނަމާދުން ފޭބިއެވެ. ރާފިލް އާއި ބައްދަލުވުމުގެ ސަބަބު ކަމަށްވާ ކްލިނިކަށް ދިޔުމަށް އަވަސްވުމަށެވެ.
ހިލްޔާއަށް ދައްކަން އައިސްފައި ތިބޭނެ ބަލިމީހުން މަތިން ހަނދާންކޮށް ހިނދުކޮޅަކަށް ނަމަވެސް ހިލްޔާ އަވަސްކޮށްލަން ބޭނުންވިއެވެ. ބަލިމީހުން އިންތިޒާރުގައި ބައިތިއްބާ ޑޮކްޓަރަކަށް ދުވަހެއްގެ ކޮޅުން ވެސް ނުވުމަށް ހިލްޔާ ޢަޒުމް ކަނޑައެޅީތީވެއެވެ. އެހެނަސް ރާފިލް ގެ ޚިޔާލުތަކުގެ ސަބަބުން އެކަން ވީ މުސްތަޙީލު ކަމަކަށެވެ. ސައިބޮމުން ދިޔަ ވަގުތު ވެސް ހިލްޔާއަށް ދޭތެރެ ދޭތެރެއިން ހިނިތުންވެވެމުން ދިޔައެވެ. ރާފިލް ދެއްކި ވާހަކަތައް ހަނދާންވަމުން ދިޔަ ގޮތުންނެވެ.
“ވެން އައި ފަސްޓް ސޯ ޔޫ، އެންމެ ފުރަތަމަ ވެސް ހިތަށްއެރީ، ދިސް އިޒް ސަޗް އަ ބިއުޓިފުލް ގާލް އޭ. ސަލާން ނުކުރީމަ އަސްލު ދެރަވެސް ވި. އެކަމަކު ފަހުން ހިތަށްއެރީ މޭއިބީ ޝައި ވެގެންނޭ ނުކުރީ. އެންޑް އައި ވޯޒް އިވެން މޯ އިމްޕްރެސްޑް….”
“އޮހް ހިލްޔާގެ ބައްޕަގެ ކްލިނިކް ދޯ އެއީ؟ ހީ އިޒް އަ ބިޒްނަސް މޭން؟ މައި ޑޭޑް އިޒް އޯލްސޯ އަ ބިޒްނަސް މޭން. މުޅި ރާއްޖޭގެ ވެސް އެންމެ ކާމިޔާބު ބިޒްނަސް މައި ޑޭޑް ހިންގަނީ. އިޓް އިންކްލޫޑްސް….”
“ޑޮކްޓަރަކަށް ވީ އަސްލު ބައްޕައާއި ތަފާތުވާން ވެގެން. ރިބެލް ކުރަން. އެކަމަކު ވެސް ހަމަ ބައްޕަ ބޭނުންވަނީ އަހަންނަށް ބިޒްނަސް އިންހެރިޓް ވާން. ބައްޕަގެ އެންމެ ޓްރަސްޓެޑް ސަން އަހަންނަކީ….”
“ހިލްޔާ ކިޔެވީ މެލޭޝިޔާގެ ޔުނިވާރސިޓީ އަކުން ދޯ؟ ދެމީހުންނަށް އެއް ދުވަސްވަރެއްގަ ދޯ މެޑިސިން ހަދަން މި ފެށުނީ ވެސް. ހެހެ…..އަހަރެން ކިޔެވީ ޔުނިވާރސިޓީ އޮފް ކެމްބްރިޖް، ސްކޫލް އޮފް މެޑިސިން އިން. އައި ތިންކް ދެޓްސް ދަ ބެސްޓް ސްކޫލް އޮފް މެޑިސިން ބިކޯޒް….”
“އިންޓާނަލް ސާރޖަރީ އިޒް އިންޓްރެސްޓިންގް. އެކަމަކު އަހަރެން ވާން ބޭނުމީ ހާޓް ސާޖަން އަކަށް. އޭރުން އަހަރެން ވެދޭނަން ހިލްޔާގެ ހާޓް ޑޮކްޓާރ އަށް. ޕަން އިންޓެންޑެޑް. ހަހަހަހަ!”
ސައިބޮއިގެން ކާރަށް އެރެންދެން ވެސް ރޭ ރާފިލް ދެއްކިހާ ވާހަކަތައް ހިލްޔާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ރާފިލް ނުހަނު ގަޔާވެ އަމިއްލައަށް އިސްނަގައިގެން ވާހަކަ ދެއްކިކަން ހިލްޔާއަށް ފާހަގަވިއެވެ. އެ ވެގެން ދިޔައީ ހިލްޔާ ގަޔާވި ކަމަކަށެވެ. ޢާއްމު ގޮތެއްގައި ފިރިހެނުންގެ ބަސް މަދުވެ، ގުޅުން ހީނަރު ވާ ގޮތުގެ ވާހަކަތައް ހިލްޔާއަށް އެކުވެރިންގެ ފަރާތުން އިވިފައިވެއެވެ. ރާފިލްގެ ވާހަކަ ގިނަވުމަކީ އޭނަ ރާފިލް އާއިއެކީ ވުމަށް ލިބުނު ފެހި ސިގްނަލެއް ކަމަށް ޤަބޫލު ކުރެވުނެވެ.
އެ ގިނަ ވާހަކަތަކުގެ ސަބަބުން ހިލްޔާއަށް ރޭ ނިދަން ބޭނުންވެފައިވެސް ނުނިދި އޮތް ކަމުގައި ވިޔަސްމެއެވެ. ލަހުން ނިދުމުގެ ސަބަބުން ފަތިސް ނަމާދަށް ހޭނުލެވުނު ކަމަށްވިޔަސް މެއެވެ. ނިދި މަދުވުމުގެ ސަބަބުން އެދުވަހު ވަޒީފާއަށް ސަމާލުކަން ދޭންޖެހޭ ވަރަށް ނުދެވޭނެ ކަމުގެ ބިރު ހީވިޔަސްމެއެވެ.
ހިލްޔާއަށް ހީވި ފަދައިން އެދުވަހު އޭނައަށް ބަލި މީހުންނަށް ސަމާލުކަން ދެވުނީ ވަކި ވަރަކަށެވެ. އެ ބަލިމީހުންގެ ތެރެއިން އެއްކަލަ ޒާތަށް ކަރަށް ތަދުވެގެން އައި މީހުންނާއި ކުދިން ހިލްޔާއަށް ފާހަގަވިއެވެ. ދެވެމުން ދިޔަ ސަމާލުކަން ކުޑަވުމުން އޭނައަށް މީގެ ދުވަސްކޮޅެއް ކުރިން ހީވި ހީވުން މަތިން ހަނދާން ވިޔަސް، އެހާ ބޮޑަށް އަޅާނުލެވުނެވެ. މިގޮތުން އެންމެ ފަހުން ކެއީ ކޯޗެއްތޯ ވެސް އަހާލެވުނީ އައި ބަލި މީހުންގެ ތެރެއިން އެންމެ ކުއްޖެއް ކައިރިންނެވެ. އެ ކުއްޖާ އާފަލު ކަމަށް ބުނުމުން ހިލްޔާ ކަންބޮޑުވާން އުޅެފައިވެސް އެކަން ހަނދާން ނައްތާލިއެވެ. މިފަދަ ކަންތަކާއިމެދު ވިސްނާކަށް މިވަގުތު އޭނަގެ ސިކުނޑީގައި ޖާގައެއް ނެތެވެ. އެހެން މީހަކާއިމެދު އަޅާލާން ބޭނުންވާނެ ފަދަ ޖާގައެއް ހިތުގައި ނެތެވެ. ހިތާއި ސިކުނޑި ވެސް ރާފިލްގެ ހަނދާންތަކާއި ޚިޔާލުތަކުން ފުރިފައިވުމުންނެވެ.
ހެނދުނުގެ މުޅި ޑިއުޓީ ތެރެއިން ހިލްޔާ އިންތިޒާރު ކުރަމުން ދިޔައީ 2 ޖަހާނެ އިރަކަށެވެ. އޭނަގެ ހިތުގެ ވެރިޔާ ފެންނާނީ 2 ޖަހާއިރު ކަމަށް ތަކުރާރުކޮށް އެ ހިތް ހަނދާން ކޮށްދެމުން ދިޔައީތީވެއެވެ. 2 ޖެހި ވަގުތު ޑިއުޓީ ނިންމާފައި އެދުވަހު ހިލްޔާ އޭނަގެ ރޫމުން ނިކުތީ ހަނދާންކޮށް މާސްކް ނަގާލާފައެވެ. އަދި ހުދުކުލައިގެ ކޯޓު ބޭލުމަށްފަހު ގޮނޑީގައި އަޅުވާލުމަށްފަހުއެވެ.
ރޫމުން ނިކުމެގެން ގޮސް ލޮބީ އޭރިއާއަށް ދެވުނު ވަގުތު ހިލްޔާ އުއްމީދު ކޮށްގެން ހުރި ފަދައިން އެ ހިތުގެ މުރާދު ޙާސިލުވިއެވެ. ހިލްޔާއަށް ލޮބީއަށް ނިކުމެވުނު ވަގުތަކީ ރާފިލް ސައިން އިން ވުމަށްފަހު އެ ދިމާލަށް އެނބުރިލީ ވަގުތެވެ. ދެ ޒުވާނުންގެ ހަތަރު ކަޅި ހަމަވުމާއިއެކު އެ ދެ މޫނުމަތިން ވެސް އުޖާލާވި ހިނިތުންވުންތައް ފާޅުވިއެވެ. އެހެނަސް އެވަގުތު ރިސެޕްޝަންގައި ބަލިމީހުންގެ ކިއުއެއް އޮތުމުން ދެމީހުން އެކަކު އަނެކަކަށް ފަސްދީފައި ދިޔައީ ވަކި ވާހަކައެއް ދެއްކުމެއް ނެތިއެވެ.
ހިލްޔާގެ ޙަޔާތުގައި ލޯބީގެ ވާހަކައެއް ފެށިގެން ދިޔައިރު، ހަމްރާ ވެސް އޭނަގެ ޙަޔާތުގެ ސިލްސިލާ ކުރިއަށް ގެންދާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައެވެ. ދެ ކޮއްކޮއިންނާއި އެކީ ޑްރާމާތައް ބަލަމުން ދިޔަ ވަރަކަށް ހަމްރާ ހަނދާންވަމުން ދިޔައީ އަސްލަމް މަތިންނެވެ. މަދުން ނަމަވެސް އެދެމެދުގައި ހޭދަވި ލޮބުވެތި ވަގުތުކޮޅު ތަކުގެ މަތިންނެވެ. ޑްރާމާތައް ބަލަން ފެށި ފަހުން އޭނަ އަސްލަމް މަތިން ހަނދާންވަމުން ދިޔައީ މާ ގިނައިން ކަން ހަމްރާއަށް ފާހަގަވެފައިވެއެވެ. އެހެންކަމުން ޑްރާމާތައް ބެލުން ހުއްޓަން ވެސް ބޭނުންވެފައިވިއެވެ. އެހެނަސް ދެ ކޮއްކޮއިންނަށް އިންކާރު ކުރާނެ ގޮތެއް ނުވިސްނެއެވެ.
މެންދުރުގެ އެވަގުތު ވެސް ހަމްރާއަށް އެނދުގައި އޮވެ ފޭސްބުކުން ސްކްރޯލް ކުރެވެމުން ދިޔައީ އަސްލަމް ގެ ޕްރޮފައިލެވެ. މި އާދައަކީ ހަމްރާ ނަފްރަތު ކުރާ ކަމަކަށް ވިޔަސް އެކަން ބަދަލު ކުރަން ނުކުޅެދިފައިވާ އާދައެކެވެ. އަސްލަމްގެ ޕްރޮފައިލުން ފެންނަނީ އުފާވެރި ޒަވާޖީ ޙަޔާތަކާއި ގުޅޭ ޕޯސްޓްތަކެކެވެ. ރިލޭޝަންޝިޕް ސްޓޭޓަސް ގައި މެރީޑް ޓު، އާމިނަތު ރިޝްފާއޭ ލިޔެފައިވެއެވެ. އެ ލިޔުމުގައި ރިޝްފާ ޓެގް ކުރެވިފައިވެއެވެ. މިއީ އަސްލަމް ދުވަހަކުވެސް އޭނައަށް ދިން މަޤާމެއް ނޫނެވެ. ހަމްރާއަކީ ސޯޝަލް މީޑިއާގައި އެހާ ކަން ދައްކަން ބޭނުންވާ މީހަކަށް ނުވިޔަސް، އަސްލަމް އޭނައަށް ނުދިން ސަމާލުކަމެއް އެހެން ކުއްޖަކަށް ދިނުމުން ދެރަވިއެވެ. ވަކިން ޚާއްސަކޮށް އޭނަ އެތައް އަހަރެއް ވަންދެން އަސްލަމާއި އެކީ އުޅެފައި ވަނިކޮށެވެ. އަދި އަސްލަމް އެ ސަމާލުކަން ދޭ ކުއްޖަކީ މާ ގިނަ ދުވަސް ވަންދެން އަސްލަމަށް އެނގިފައިވެސް ނުވާ ކުއްޖަކަށް ވީ ހިނދެވެ.
އެ ޚިޔާލުތައް ސިކުނޑިއަށް ވެރިވީ ވީހެން ހަމްރާގެ ހިތް މޭ ތެރޭގައި އޮވެ ޖެހި ފިތި ބާރުވާން އުޅުނުހެން ހީވިއެވެ. އަސްލަމް އޭނައަށް މިހެން ހެދީ ކީއްވެތޯ ހިތަށް އަރަން ފެށިއެވެ. ހަމަ އެއާއިއެކު އަސްލަމް އޭނައާއިމެދު ގޯސްކޮށް ކުރި ކަންތަކާއި، އަދާއި ހަމައަށް ވެސް އޭނައާއި ދަރިފުޅު ގެ ވެސް ޙާލު ބަލާފައި ނުވާ ގޮތުން، އަސްލަމާއި އޭނައަށް ކުރިން ވަކި ނުވެވުނީ ކީއްވެތޯ ހިތަށް އަރަމުން ދިޔައެވެ. ހަމަ އެއާއިއެކު ހިތުގައި ރުޅީގެ އަލިފާނެއް ރޯވެއެވެ.
ހަމްރާ އެހެން އޮތްވާ ފޯނު ވައިބްރޭޓް ވާން ފެށީ ކޯލެއް އަންނަން ފެށުމުންނެވެ. ގުޅަނީ ބައްޕަކަން އެނގުމުން ހަމްރާއަށް ޚިޔާލުތަކުން ނިކުމެ، އެވަގުތުކޮޅަށް އާދެވުނެވެ. އެއާއިއެކު ކައިރީގައި އަޑު ކިޔާ ކުޅޭ އެއްޗެއް ހަލުވަން އޮތް މާކިންއަށް ސަމާލުވެލަމުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ބައްޕާ ކީކޭ؟” ހަމްރާއަށް އަހާލެވުނެވެ.
“ބައްޕަ ހަމްރާއާއި ވާހަކައެއް ދައްކާލަން. މާކިން ނިދަން އޮވެދާނެތީ ކޮޓަރީގަ ޓަކި ޖަހާލަން ނުކެރިގެން.” ބައްޕަ ބުނި އަޑު އިވުނެވެ.
“ނޫނޭ ބައްޕާ އާދޭ….މާކިން އޮތީ ކުޅެން.” ހަމްރާ އެހެން ބުނެ ތެދުވެލަމުން ހެޑްބޯޑަށް ލެނގިލީ، ބައްޕަ ކޮޓަރިއަށް ވަންނަން ވާއިރަށް ތައްޔާރުވުމަށެވެ. ހަމްރާ ހީކޮށްގެން ހުރި ފަދައިން ފޯނު ކެނޑުނުތަނާހެން ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ހަމްރާ ވަންނާށޭ ބުނުމާއިއެކު ބައްޕަ ދޮރު ހުޅުވިތަން ފެނުނެވެ.
“އަނހާ ކާފަ ގެ ލޯބި ކޮޅު!” ނަހީދު ހަމްރާއަށް ބަލާފައި ވެސް އެނދުގައި އޮތް މާކިން ފެނިފައި މާކިންގެ ގާތަށް ދިޔައެވެ. ބައްޕައަށް ވީގޮތް ފެނިފައި އެއްފަހަރު ބައްޕައަށް އަނެއްފަހަރު މާކިންއަށް ބަލާލަމުން ހީލެވުނެވެ. ބައްޕަ އާދައިގެ މަތިން އައިސް މާކިންއަށް އަތް ދިއްކޮއްލުމުން މާކިން ވެސް އުރާލުމަށް އަތް ދިއްކުރި ގޮތުން ހަމްރާގެ ހިތް ލޯބިން ފުރިގެން އައެވެ. ބައްޕަ މާކިން އުރާލަމުން އިރުކޮޅެއް ވަންދެން ލޯބި ކުރިއެވެ. އަދި އަނެއްކާވެސް މާކިން އެނދުމަތީގައި ބޭއްވުމަށްފަހު އެނދުގެ އެ ފަރާތުގައި އިށީނެވެ.
“ބައްޕައަށް މިއަދު ތަންކޮޅެއް ލަހުންދޯ ތި އާދެވުނީ. މިއަދުގެ ފެމިލީ ލަންޗްގަ ބައްޕަ ނެތް ވާހަކަ އެންމެން ދެއްކީ.” ހަމްރާ ބުންޏެވެ.
“ވަރަށް ކުށްވެރިވެއްޖެދޯ؟ ސޮރީ! މިއަދު ހަމަ ފިހާރައިގަ ބިޒީވީ. މިރޭ ޑިނާރއަށް ޖޮއިން ކުރާނަން އިރާދަކުރެއްވިއްޔާ. ހެހެ…..ހަމްރާ ދަރިފުޅު. ބައްޕަ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ނަހީދު ސީރިއަސްވެލީ ގޮތުން ހަމްރާގެ ހިނިތުންވުން ފަނޑުވިއެވެ.
“ކޮން ވާހަކައެއް؟” ހަމްރާއަށް އަހާލެވުނެވެ. އެއާއިއެކު ބައްޕަ ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލި ގޮތުން ހަމްރާ އިތުރަށް ކަންބޮޑުވިއެވެ.
“ހަމްރާއާއި އަސްލަމްގެ ވަރީގެ ވާހަކަ. އެ މައްސަލަ ނިންމަން ހަފްތާއެއްހާ ދުވަސް ތެރޭ ކޯޓަށް އައުމަށް ކޯޓު އަމުރެއް އަންނާނެ ވާހަކަ ކޯޓުގަ މަސައްކަތް ކުރާ ބައްޕަގެ އެކުވެރިޔަކު ބުނީ. އެހެންވީމަ ވަރަށް އަވަހަށް އެ މައްސަލަ ނިމޭނެ ކަމަށް މި ބަލަނީ.” ބައްޕަ ދެއްކި ވާހަކަތަކުން ހަމްރާއަށް އިޙްސާސް ކުރަންވީ ވަކި ގޮތެއް ނޭނގުނެވެ. އަސްލަމް ނުހަނު އަވަހަށް ފެނިދާނެ ކަމުގެ ޚިޔާލުން އެއްވެގެން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން މޭ ނުބައި ކުރިއެވެ.
“ބައްޕަ ތަންކޮޅެއް ކުރިން ވެސް ހަމްރާ ގާތު ބުނިހެން މި މައްސަލަ ނިމިދާނެ ކޮންމެ ގޮތަކަށް ވެސް. އެކަމަކު ބައްޕަ ނަސޭޙަތް ތެރިވާނީ ދެމީހުން ގުޅެން ގާޒީ ނިންމިޔަސް ހަމްރާ އިސްނަގައިގެން އޭނައާއި ވަކިވާން. މިހާތަނަށް އައިއިރު ވެސް އޭނަ ދަރިފުޅާއި މާކިންގެ ވެސް ޚަބަރެއް ނުބަލާ ހުންނާނީ ހާދަ ރަޙުމެއް ނެތީމައޭ. ބައްޕަގެ ހިތް ނޭދޭ ދަރިފުޅު އެކަހަލަ މީހަކާއި އެކީ އުޅޭކަށް. އެކަމަކު…..ބައްޕަ ވަކި ގޮތަކަށް ކަންތައް ކުރަން ހަމްރާއަށް މަޖުބޫރެއް ނުކުރާނަން…” ނަހީދު ބުންޏެވެ.
އެ ވާހަކަތަކަށް ހަމްރާއަށް ވަކި އެއްޗެކޭ ނުބުނެ އިސްޖެހިފައި އިނދެވުނެވެ. އެވަގުތު ވިސްނެމުން ދިޔައީ އޭނައަށް މި ޙާލަތުގައި ނިންމިދާނެ އެންމެ ރަނގަޅު ނިންމުމާއި މެދުގައެވެ. އެހެން އިންދާ ބައްޕަ، މާކިން ގޮވައިގެން ބޭރަށް އަންނަންވީ ނޫންތޯ ބުންޏެވެ. ހަމްރާ އެ ވާހަކައަށް ލުއި ގޮތަކަށް ބޯޖަހާލުން ނޫންކަމެއް ނުކުރިއެވެ. އެއާއިއެކު ބައްޕަ އިތުރު އެއްޗެކޭ ނުބުނެ އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އެ ހިނދު ވެސް ހަމްރާއަށް އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނދެވުނެވެ.
ނަހީދު ބުނިހެން އެރޭ ނަހީދާއި އެކީ އެންމެން ކާން ދިޔައީ ބޭރަށެވެ. ހާފިޒާ ގޭގައި މާކިން ބަލަން ހުންނަން ނިންމީ، ހަމްރާއަށް ބޭރަށް ދިޔުމުގެ ފުރުސަތު ދިނުމަށެވެ. ދިޔައީ ހެންވޭރުގައި ހުންނަ ޢިމާރާތެއްގެ މަތީ ބައިގައި ހުންނަ ރެސްޓޯރެންޓަކަށެވެ. އެހެންކަމުން އެ ފަންގިފިލާގައި ހެދިފައި ހުރި ބޮޑެތި ކުޑަދޮރުތަކުން ސިނަމާލޭ ބްރިޖާއި އެކީ މާލޭގެ މަލަމަތި ފެންނަމުން ދިޔަ ގޮތް ރީތިވިއެވެ. އެންމެން މޭޒުދޮށުގައި އިށީނދެ އެ މަންޒަރަށް ގެއްލުނެއްކަމަކު ހިލްޔާ ގެއްލިފައިވީ އޭނަގެ ފޯނަށެވެ. ވާނީވެސް އެހެންތާއެވެ. ރާފިލް ހުއްޓުމެއްނެތި އޭނައަށް މެސެޖު ކުރަމުން ދިޔައެވެ. ރާފިލް މެސެޖެއް ކުރުމުން އެ ފަހުން ބަލަން ހިލްޔާއަށް ކެތް ނުވަނީއެވެ. އެ މެސެޖު ބެލުމަކީ ‘ފަރުޟެއް’ ހެން ހީވާ ފަދައަކުންނެވެ. ކޮންމެއަކަސް އެހެން މީހުންނަށް ފާހަގަ ނުވާނެހެން ހިލްޔާ ދޭތެރެދޭތެރެއިން އޭނަގެ ފޯނު މޭޒުމަތީގައި ބަންޑުން ބާއްވަމުން ދިޔައެވެ. އަދި އެންމެން ދައްކަމުން ދިޔަ ވާހަކަތަކުގައި ބައިވެރިވާން މަސައްކަތް ކުރަމުން ދިޔައެވެ.
އެންމެން ކާން ނިމެން ގާތްވި ވަގުތު އެލީ ކައި ނިމުނެވެ. އެލީ ކެއީ ނާން ކަމަށްވުމުން އަތް ދޮންނަން ބޭނުންވިއެވެ. ޢާއްމު ގޮތެއްގައި އެލީ ތަންތަނަށް އައިސް އެކަނި އެކި ދިމާލަށް ދާން އާދަވެފައި ނުވާތީ ހިލްޔާ އެލީއާއި އެކީ ދާންޖެހުނެވެ.
އެ ބޮޑު ރެސްޓޯރެންޓްގެ އަތް ދޮންނަ ބައި ވަކިން ހަދާފައިވިއެވެ. ހިލްޔާ އެލީ އާއި އެކީ އެތަނަށް ވަދެ އަތްދޮންނަ ތަށިގަނޑުތަކުގެ ކުރިމަތީގައި ހުރި ލޯގަނޑުތަކެއްގެ ތެރެއިން ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި ފަރާތްފަރާތުން އޭނަގެ ސޫރައަށް ބަލައި ޝޯލް ކުޑަ ގޮތަކަށް ރަނގަޅު ކުރަން ފެށިއެވެ.
“ތުއްތާ…” ހިލްޔާ އަމިއްލަ ސޫރައަށް ގެއްލިފައި ވަނިކޮށް އަތް ދޮންނަން ހުރި އެލީ ގޮވާލުމުން ބަލާލެވުނެވެ. އެވަގުތު އެތާނގައި އެހެން މީހެއް ނެތެވެ.
“ހުމް؟” ހިލްޔާއަށް ސުވާލުގެ ރާގަކަށް އަހާލެވުނެވެ. އެލީ ފެން އިސްކުރު ބަންދު ކުރިއެވެ.
“ތުއްތާ ރޭގަ ބުނި މީހާއަށް ގުޅީތަ؟” އެލީ ސީރިއަސްކަމާއެކީ އެ ސުވާލު ކުރުމުން ހިލްޔާގެ މެއަށް ފިނިވެ، ދެލޯ ބޮޑުވިއެވެ.
“ހައު ޑިޑް ޔޫ ނޯ؟” ޙައިރާންކަމާއިއެކީ ހިލްޔާއަށް އަހާލެވުނެވެ.
“އައި ޖަސްޓް ގެސްޑް. ތުއްތަ ތި ފޯނު ބަލާ ގޮތުން އެނގޭ މީހަކާ އިންވޯލްވް ވެގެން އުޅޭކަން.” އެލީ ހަމަ އެ އާދައިގެ ރާގަށް ވާހަކަ ދެއްކިއެވެ. ރޭ ރާފިލްގެ ވާހަކަ ދެއްކިއިރު އެ މޫނުމައްޗަށް ވެރިވި ޖޯޝެއް ފެންނާކަށް ނެތެވެ. އެކަމާއިމެދު ހިލްޔާ ޙައިރާންވެސް ވިއެވެ.
“ހެހެހެ….ދޯ؟ ދެން އެހާ ލައިކް ވަންޏާ ނުވެސް ފޮރުވޭނެތާ…” ހިލްޔާ އެ ޖޯޝު ގެންނަން މަސައްކަތް ކުރިއެވެ. އެހެނަސް…..
“ތުއްތާ އަހަރެން ތެދުތެދަށް ބުނަންޏާ، އައި ޑޯންޓް ތިންކް ހީ އިޒް ގުޑް ފޯ ޔޫ.” އެލީ އެ ބުނެލި ވާހަކައިން ހިލްޔާގެ ހިނިތުންވުން ފޭދުނެވެ.
“ވަޓް؟ ކިހިނެއް އެލީއަށް އެނގެނީ؟ ރޭގަ ގައިމު އެލީ ނުލާހިކު އެކްސައިޓްވެފަ ހުރި.” ހިލްޔާގެ އެ ސުވާލުގައި ނުރުހުންތެރިކަމެއްވިއެވެ.
“އައި ނޯ އެކަމަކު…މިއަދު އަހަރެންގެ ފްރެންޑަކު ބްރޭކް އަޕް ވެއްޖެ. ހަމަ ތިގޮތަށް ވަރަށް ކުރީކޮޅު ލޯބި ހުށަހަޅައިގެން އުޅުނު ބޯއިއެއް އެއީ. ބަޓް މިއަދު އެނގުނީ އެއީ ހުސް ފޭކް ކަން. އިޓްސް ލަވް ބޮމްބިންގް ތުއްތާ. ކުރީކޮޅު އެހާ ބޮޑު ޖަމްޕެއް ކޮށްފަ ޕްރޮޕޯޒް އެ ކުރީ ކޮންމެވެސް ކަމެއް ޙާޞިލު ކުރަންވެގެން. އަހަރުމެން އެންމެން ވެގެން މިއަދު މިކަމާއިމެދު ހޯދީމަ ތުއްތަގެ ސިޗުއޭޝަން މަތިން ހަނދާންވީ. ދޮންތަ ބުނިހެން އަދި އޭނައަށް ތުއްތަ އެހާ ރަނގަޅަށް ނުވެސް އެނގޭ ދޯ؟ އައި ތިންކް އިޓްސް ސޭފް ހެން ބައްޕަ ތްރޫކޮށް ތިކަން ކުރިއަށް ގެންދަން.” އެލީ ބުންޏެވެ.
ހިލްޔާ ވަކި އެއްޗެކޭ ނުބުނެ އެލީއަށް ބަލަހައްޓައިގެން ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެންނެވެ. އެލީ ދެން ހިނގާދޯ އޭ ބުނެ ޓިޝޫ އަޅުވާފަ ހުރި އެތިން ޓިޝޫއެއް ދަމައި އަތް ފޮހެމުން ނިކުންނަން ދިޔައެވެ.
އަޅަކު ގޯސް މަގަކުން ދާން އުޅޭ ވަގުތު ވަރަށް ގިނަ ފަހަރު ﷲ ސުބްޙާނަހޫ ވަތަޢާލާ އެ އަޅަކު ހުއްޓުވުމަށް ސަބަބުތަކެއް މެދުވެރި ކުރައްވައެވެ. އަޅަކު ކާމިޔާބު ވާނީ އެ ސަބަބު ތަކުގައި ހިފައި ދެންވެސް ﷲ އެންމެ ރުހިވޮޑިގެންވާ ފަދަ ގޮތަކަށް ޢަމަލު ކުރުމުންނެވެ. އޭގެ އިދިކޮޅަށް ކަންކޮށްފި އަޅަކު އަދި އިތުރަށް ގެއްލެނި ވެ ތެދުމަގުން އިހުނަށްވުރެ ދުރުވެގެން ދެއެވެ.
އެލީގެ ވާހަކަތައް އަޑުއަހާފައި ހިނދުކޮޅަކަށް ނަމަވެސް އެރޭ ރާފިލްއަށް ނުގުޅަން ހިލްޔާގެ ހިތަށް އެރިއެވެ. އެހެނަސް އެލީގެ އެ ވާހަކަތަކަށް ފަހު ވެސް ނުހަނު ޖޯޝާއި އެކީ އޭނައަށް މެސެޖު ކުރަމުން ދިޔަ ރާފިލް ގެ އަވައިގައި ހިލްޔާ ޖެހުނެވެ. މިރޭ ނުގުޅޭނެ ވާހަކަ ބުނެފިނަމަ ރާފިލް ދެރަވާނެ ވަރާއި މެދު ވިސްނުނެވެ. އެލީ އާއި ދޮންތަ ބުންޏަސް ހިލްޔާއަށް ދެންވެސް ރާފިލް ފެންނަމުން ދިޔައީ މައުސޫމް މީހެއްގެ ގޮތުގައެވެ. އެ ނޫން ނަޒަރަކުން ރާފިލްއަށް ބަލަންވީ ސަބަބެއް ހިލްޔާއަށް ނުވިސްނެއެވެ.
އެހެންކަމުން އެރޭ ވެސް 10:30 ހިކަށްހާއިރު ނިދަން އެނދަށް އަރާފައި ހިލްޔާ ރާފިލްއަށް ގުޅަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ރާފިލް އޭނައަށް ގުޅަން ފެށުމުން ހިތަށް ވެރިވި ޖޯޝާއިއެކީ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލަމުން ފޯނު ނެގުނެވެ.
“ހެލޯ ބިއުޓިފުލް!” އެކޮޅުން ރާފިލް ވާހަކަ ދެއްކި އަޑު ހިލްޔާއަށް އިވުނެވެ. އެއާއިއެކު ހިލްޔާއަށް ހިނިތުންވެވުނެވެ.
“ހައި…” ހިލްޔާއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. އަދި ރާފިލްއަށް ތަޢުރީފު ކުރާވަރަށް އެ ދެމީހުން ގާތް ނުވާކަމަށް ސިކުނޑި ބުންޏެވެ. ހަމަ އެއާއިއެކު އެލީގެ ބަސްތައް ހަނދާނަށް އައުމުން ހިތަށް އުދަގުލެއްވިއެވެ.
އެހެނަސް އެ އުދަގުލުގެ ވާހަކަ ބުނަން ހިލްޔާއަށް ފުރުސަތެއް ލިބުނީ، ހިލްޔާ އެ ބުނި އެންމެ ބަހަށްފަހު 20 މިނެޓް ވަންދެން ރާފިލް ވާހަކަ ދެއްކި ފަހުންނެވެ.
“ސުވާލެއް ކޮށްލަންތަ ރާފިލް؟” ހިލްޔާއަށް އަހާލެވުނެވެ.
“ޝުއާރ…” ރާފިލް ބުނި އަޑު އިވުނެވެ.
“ކީއްވެތަ ރާފިލް އަހަރުމެންގެ ފަސްޓް މީޓިންގްގަ އަހަންނަށް ޕްރޮޕޯޒް ކުރީ؟ މާ އަވަސްހެން ހިއެއް ނުވޭތަ؟” ހިލްޔާ އޭނަގެ ހިތުގައިވާ ޝައްކުތައް ފިލުވަން އެހިއެވެ.
“ޕްރޮޕޯޒް ކުރީ އަހަރެން ޓައިމް ވޭސްޓް ކުރަން ބޭނުމެއް ނުވާތީ. އަދި ޕްރޮޕޯޒް ކުރިޔަސް އޭގެ މާނައެއް ނޫން މިއަދުން މިއަދަށް މެރީ ކުރަން ބޭނުމޭ. ދެޓްސް ނޮޓް ވަޓް އައި މެންޓް. ދެމީހުން ގުޅޭނެހެން ވަރަށް ބޮޑަށް ހީވާތީ އައި ވޯންޓެޑް ޓު ނޯ ޔޫ. އެންޑް އޯލްސޯ ދެމީހުންނަށް ވެސް 26 ޔިއާރސް ދޯ؟ މި ޢުމުރަށް އައިއްސަ 100 އެޕިސޯޑުގެ ޑްރާމާއެއް ކުޅެފަ ނޫން ކަންނޭނގެ ދޯ ޕްރޮޕޯޒް ކުރާނީ؟ ހެހެހެ….ވީ އާރ ބޯތް މެޗުއާރ އެޑަލްޓްސް. އެހެންވީމަ އަސްލު ޕްރޮޕޯޒް ކުރީ…”
ރާފިލް ވާހަކަތައް އަމުނާލި ގޮތުން ހިލްޔާއަށް އެ ވާހަކަ ޤަބޫލު ކުރެވުނެވެ. ހަމަ އެއާއިއެކު އެލީ ދެއްކި ހުރިހާ ވާހަކައެއްގައި ކޮޅު ފައިން ޖަހާލެވުނެވެ. ރާފިލް އެ ބުނީ ތެދެކެވެ. މި ޢުމުރުގައި ލޯބި ހޯދުމުގައި ކޮންމެހެން ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތެވެ. ސީދާ ސީދަލަށް ބޭނުންވާ ގޮތް އެންގުމުން އެ ނިމުނީއެވެ. ރާފިލްގެ ވިސްނުމަކީ އެއީކަން އެނގުންވުމުން ރާފިލްއަށް ތަޢުރީފު ކުރެވުނެވެ. ރާފިލް އެދުވަހު އޭނައަށް ކައިވެންޏަށް އެދުނީ ރާފިލްގެ ހިތްވަރު ގަދަ ކަމުން ކަމަށް ސިފަކުރެވުނެވެ.
ކައިވެންޏަކަށް އެދުމުގައި ފިރިހެނެއްގެ ޙަޤީޤީ ހިތްވަރުގަދަ ކަން އަންގަވާފައިވަނީ އިސްލާމް ދީނުގައި ކަން ހިލްޔާ ހަނދާން ނެތިފައިވެއެވެ. އިސްލާމް ދީނުގައި ފިރިހެނަކަށް އަންހެނަކު ކަމު ގޮސްފިނަމަ، އެ އަންހެން މީހާއާއި ވަކިން ވާހަކަ ދެއްކުމުގެ ބަދަލުގައި ވާހަކަ ދައްކަން ޖެހެނީ އަންހެން މީހާގެ ވަލީވެރިޔާ އާއެވެ. ޙަޤީޤީ ހައިބަތަކީ އަންހެން މީހާއާއި ވާހަކަ ދެއްކުމެއްނެތި، އެ ވަލީވެރިޔާ އާއި ހަމައަށް ދިޔުމެވެ. ޙަޤީޤީ ޤަދަރުވެރިކަމަކީ އެފަދައިން ވަލީވެރިއެއްގެ ގާތަށް ގޮސް ވާހަކަ ދެއްކޭނެ ފަދަ ޞާލިޙު ދިރިއުޅުމެއް ބިނާ ކުރެވިފައިވުމެވެ.
މި ހުރިހާ ކަމެއްގެ މަތިން ހިލްޔާ ހަނދާން ނެތިފައިވުމުން، ހިލްޔާއާއި ރާފިލްގެ ގުޅުން ދިޔައީ ކުރިއަށެވެ. މުޅި ޢާއިލާއަށާއި ވަށައިގެންވި އެންމެންނަށް ފޮރުވައިގެންނެވެ. ރާފިލް ކޮންމެ ރެއަކު ހިލްޔާއަށް ގުޅައެވެ. އޭގެ ސަބަބުން ހިލްޔާއަށް ކޮންމެ ރެއަކު ނިދެނީ ލަހުންނެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދު ގެއްލުން އާދައަކަށް ވެއްޖެއެވެ. އެހެނަސް އެކަމާއިމެދު ހިލްޔާގެ ފަރުވާލެއް ނެތެވެ. ހިލްޔާއަށް މުހިއްމު ވެފައިވީ އެންމެ ކަމެކެވެ. ރާފިލް އާއި އޭނަގެ ގުޅުމެވެ.
ނަތީޖާއެއްގެ ގޮތުން ހިލްޔާ ދުވަހެއްގެ ކޮޅުން ވެސް އެއްބަސް ނުވާނެ ކަމަށް ހީކުރެވިފައިވާ ކަމަކަށް ވެސް އެއްބަސް ވާންޖެހުނީ، އެއްރޭ ރާފިލް ގުޅާފައި ދެއްކި ވާހަކައިންނެވެ.
“ހިލްޔާ ދެން ހިނގާ ދޯ މީޓް ކޮށްލަން؟ ވަރަށް ގިނަ ދުވަސް ވަންދެން ފޯނުން ވާހަކަ ދެއްކިއްޖެއެއްނު؟” ރާފިލް ބުންޏެވެ.
“ވަރަށް ގިނަ ދުވަހެއްނޫން. ހަފްތާއެއްވީ. ރާފިލްއަށް ދުވަސްތައް ދަނީ މާ އަވަހަށްދޯ؟ ހަހަ!” ހިލްޔާ މަޖާކުރިއެވެ.
“ހޫމްމމ ވެދާނެ. އެކަމަކު އަސްލު ވަރަށް ބޭނުން މީޓް ކޮށްލަން. ނެކްސްޓް ވީކެންޑްއަށް ވެސް އައި ކާންޓް ވެއިޓް. ޓުމޯރޯ 3 އިން 3:30 އަށް ހަދަމާ. ޔޫ ވޯންޓް ބީ އޮން ޝިފްޓްއެއްނު؟ އެންޑް އައި ވިލް ބީ ފްރީ އެއީ ޕީކް ޓައިމްއަށް ނުވީމަ. 30 މިނެޓްސް ގެ ޑޭޓްއަކަށް ދާން ހިނގާ!” ރާފިލް ބުންޏެވެ.
ރާފިލް އެ އެދުނު އެދުމުން ހިލްޔާގެ ހިތަށް އެތައް އުދަގުލެއް ވިއެވެ. ފިރިހެނަކާއި ވަކިން ބައްދަލު ކުރުމުގެ ޚިޔާލުންނެވެ. އެކަން ކޮށްފިނަމަ ބައްޕަ ނުރުހުންވާނެކަމުގެ ޚިޔާލުންނެވެ. އަދި އަމުދުން ރާފިލް އެ ކިޔުނު ގަޑިއަކީ ޢަޞްރު ނަމާދު ވަގުތު ކަމަށްވުމުގެ ޚިޔާލުންނެވެ.
“ސޭއި ޔެސް ހިލްޔާ!! ޕްރިޓީ ޕްލީީީޒް!” ރާފިލް ދިގުކޮށް ބުނުމުން ހިލްޔާއަށް ހީލެވުނެވެ.
“ހެހެ….އޯކޭ އޭ!” ހިލްޔާއަށް އެހެން ބުނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ބުނެވުނު ވަގުތު އަނގަމަތީގައި އަތްވެސް އަޅާލެވުނެވެ.
“އޯކޭ ދޯ؟ ސީ ޔާ ޓުމޯރޯ ލަވް!” ރާފިލް ހިލްޔާއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ވެސް ނުދީ ވާހަކަ ދެއްކުމުން އެ ޚިޔާލު ބަދަލު ކުރަން ހިލްޔާ ނުކުޅެދުނެވެ. އެ ވަގުތު ކޮޅުން ފެށިގެން ރާފިލްއާއި ބައްދަލު ކުރުމާއިމެދު ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެނަސް ހަމަ އެންމެ ބަހެއް ވެސް އެކަމާއި ދެކޮޅަށް ނުބުނެވުނެވެ.
**
އޭގެ އަނެއްދުވަހު 3 ޖެހި ވަގުތު ދާނިޝް ހުރީ ކްލިނިކްގެ ރިސެޕްޝަނިސްޓް ގެ މަޤާމަށް މިފަހުން ހޮވުނު ޒުވާން ފުރައިގެ ފިރިހެން ކުއްޖެއް ކަމަށްވާ ނާއިފަށް ކޮމްޕިއުޓަރުގައި ހުރި ޕްރޮގްރާމްތައް ކިޔައިދޭށެވެ. ނާއިފް ގޮނޑީގައި އިށީނދެގެން އިންއިރު ދާނިޝް އެވަގުތު ހުރީ ކޮޅަށެވެ.
ނާއިފް ކޮމްޕިއުޓަރުން ކުރަމުން ދިޔަ މަސައްކަތަށް ބަލަން ހުރި ދާނިޝްއަށް އެހެން ދިމާލަކަށް ބެލުނީ، ކްލިނިކްގެ މައިދޮރު ހުޅުވުނު އަޑަށެވެ. ބަލިމީހަކު އައީއޭ ހިތައި ދާނިޝް ބަލާލިއިރު އެ ދޮރުން ހިލްޔާ ވަދެގެން އަންނަމުން ދިޔަ މަންޒަރު ފެނި، ދާނިޝްގެ ދެބުމަ ކައިރިވިއެވެ. މިއީ ހަމަ ޔަޤީނުން ވެސް ހިލްޔާގެ ޑިއުޓީ ގަޑިއެއް ނޫންކަން އެނގޭތީވެއެވެ. ހިލްޔާ އައީ ކީއްވެތޯ އަހާލަން އުޅުނެއްކަމަކު އަހާލެވުމުގެ ކުރިން ހިލްޔާ ކޮންސަލްޓޭޝަން ރޫމްތައް ހުންނަ ކޮރިޑޯއަށް ގޮސް ގެއްލުނެވެ. އެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުން ދާނިޝްގެ ހިތަށް އުދަގުލެއްވިއެވެ.
ހިލްޔާ އައީ ބާއްވާފައި ދެވުނު އެއްޗެއް ނަގަން ކަމަށް ހީކޮށް ދާނިޝް ދެން ވެސް އޭނަގެ މަސައްކަތާއި މަޝްޣޫލުވިއެވެ. އަދި ނާއިފް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދެމުން ނާއިފްގެ އިތުރު ޒިންމާތައް އަދާ ކުރަންވީ ގޮތް ކޮމްޕިއުޓަރުން ދައްކަން ފެށިއެވެ.
ދާނިޝް ނާއިފް ގާތު އެއްޗެކޭ ބުނެފައި ހިންދެމިލީ ވަގުތަކީ ރިސެޕްޝަންގެ ކުރިމަތިން ހިލްޔާ އޭނައަށް ފެނުނު ވަގުތެވެ. ދާނިޝްއަށް އެންމެ ފުރަތަމަ ފާހަގަވީ ހިލްޔާ އެކަނި ކަމަށްވިޔަސް މާ ގިނައިރެއް ނުވެ ހިލްޔާގެ ގާތުން ހިނގަމުން ދިޔަ ރާފިލް ވެސް ދާނިޝްއަށް ފާހަގަވިއެވެ. ކުރިއެކޭ އެއްގޮތަކަށް އެދެމީހުން ދަނީ ޑިއުޓީގެ ކަމެއްގައޭ ހިތަށް އަރަން އުޅުނެވެ. އެހެނަސް އެވަގުތު އެ ދެމީހުން ވެސް އާދައިގެ ހެދުމުގައި ތިބެފައި، ދެމީހުންގެ ވެސް މިޞްރާބު، ކްލިނިކްގެ މައިދޮރާއި ދިމާލަށް ހުރި ގޮތުން، ދާނިޝްގެ ހިތްހަމަނުޖެހުނެވެ.
ހިލްޔާއާއި ރާފިލް އެކަކު އަނެކަކާއި ވާހަކަ ދައްކައި ހެމުން މައިދޮރާއި ހަމައަށް ދިޔައެވެ. މައިދޮރާއި ހަމަވުމާއިއެކު ރާފިލް ދޮރު ހުޅުވައިދިނުމުން ހިލްޔާ އެ ދޮރުން ނިކުތެވެ. އެއަށްފަހު ރާފިލް ވެސް ނިކުމެގެން ދިޔަ މަންޒަރު ފެނި، ދާނިޝްގެ ބުމަގޮށްޖެހުނެވެ.
އަނެއްކާވެސް ދާނިޝްއަށް ހުރިހާ ނުބައެއް ފެނުނީ ރާފިލްގެ ފަރާތުންނެވެ. ރާފިލް ހިލްޔާ ގޮވައިގެން އެ ދަނީ ކޮންތަނަކަށް ތޯ ހިތަށްއެރިއެވެ. ހިލްޔާ ރާފިލް އާއި އެކުވެރިވާން ނިންމިޔަސް، ރާފިލްއަކީ ހިލްޔާއަށް ހެޔޮ ނޭދޭނެ މީހެއްހެން ދާނިޝްއަށް ހީވިއެވެ. އެހެން ހީވީ ކީއްވެ ކަމެއް ޚުދު ދާނިޝްއަށް ވެސް ޔަޤީނެއް ނުކުރެވުނެވެ.
ނުނިމޭ