ބަދަލުވާ ޙަޔާތް (ފަސްވަނަ ބައި): ލޯބިވާންވީ ކިހިނެއް؟
ބަދަލުވާ ޙަޔާތް 5
މިއަދު އަޅުގަނޑުމެން ބަލައިލާނީ ތައުބާ ސޫރަތުގެ މި އާޔަތަށެވެ.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ ރަސޫލާ އާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެއެވެ.” ސޫރަތުއް ތައުބާ، 24
މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ އަޅުގަނޑުމެންނަށްޓަކައި ޙަލާލު 8 ކަންތައްތަކުގެ ލިސްޓެކެވެ. އަޅުގަނޑުމެންގެ މައިބަފައިންނާއި، ދަރިންނާއި، އަޚުންނާއި/އުޚްތުންނާއި، އަނބިންނާއި/ފިރިންނާއި، ގާތްތިމާގެ މީހުންނާއި، އަޅުގަނޑުމެންގެ މުދަލާއި، ވިޔަފާރިއާއި ގެދޮރު، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާއި ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ އަޅުގަނޑުމެންނަށް ލޮބުވެތި ވެއްޖެނަމަ، މައްސަލަ ޖެހެނީ އެހާ ހިސާބުންނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ކީކޭ ހެއްޔެވެ؟ އެކަން އެގޮތަށް ވެއްޖެނަމަ މަޑުކުރުމަށެވެ. މަޑުކުރަންވީ ކޮންކަމަށްޓަކައި ހެއްޔެވެ؟ އެކަލާނގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެނެވެ.
މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މިސާލެއް ނަގަމާ ހިނގާށެވެ.
ތިބާ ކުޑައިރު (އެހެންނޫނީ މިހާރުވެސް) ތިބާގެ ދައްތަމެންނާއި ބޭބެމެންނާއި ތޮޅެ ހަދަމުއެވެ. އެ މަންޒަރު ފެނި ތިބާގެ ބައްޕަ ނުވަތަ މަންމަ އައިސް ބުނެއެވެ. ތި މީހުން ތޮޅުން ހުއްޓާނުލައިފިނަމަ ތިމަންނަ މިވެނި އެއްޗެއް ނަގާނަމެވެ. މިސާލަކަށް ތި މީހުން ތޮޅުން ހުއްޓާނުލައިފިނަމަ ތި މީހުންނަށް 2 ހަފްތާ ވަންދެން އެކުވެރިންނާއި ބައްދަލުކުރަން ނުދެވޭނެއެވެ. މިއީ ވަރަށް ސާފު އިންޒާރެކެވެ.
އެއީ ބިރުވެރި އިންޒާރެއް ހެއްޔެވެ؟ އެހެނަސް އެއަށްވުރެ ބިރުވެރި ގޮތަކީ މިއީ ހެއްޔެވެ؟ ތިބާގެ މަންމަ ނޫނީ ބައްޕަ ބުނެއެވެ. “ތި މީހުން ތޮޅުން ހުއްޓާ ނުލައިފިނަމަ ވާގޮތް ނިކަން ބަލަން ތިބޭށެވެ!” ތިބާގެ ހިތަށް އަރާނެއެވެ. އެއީ ހާދަ ބިރުވެރި ވާހަކައެކެވެ.
އެއްވެސް މިސާލަކަށް ވުރެ ﷲ މަތިވެރިވެވޮޑިގެންވެއެވެ. މި އާޔަތުގައި ﷲ ވަޙީ ކުރައްވަނީ ﷲ ގެ އަމުރުފުޅު ގެންނަވަންދެން މަޑުކުރުމަށެވެ. އެއަށްފަހު އެކަލާނގެ ވަޙީ ކުރެއްވިއެވެ.
وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
“…ފާސިޤުވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެއެވެ.” ސޫރަތުއްތައުބާ، 24
މިއީ ނުހަނު ބިރުވެރި އިންޒާރެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ ފާސިޤުންނަށް އެކަލާނގެ ހިދާޔަތް ނުދައްކަވާނެ ކަމަށެވެ. ‘ފާސިޤް’ އަކީ ވަރަށް ވަރުގަދަ ބަހެކެވެ. މި ބަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ރައްދު ކުރައްވަނީ ޙަލާލު އެއްޗެއް ދެކެ ލޯބިވާ މީހަކަށެވެ. އެހެންނޫން ހެއްޔެވެ؟ މި އާޔަތުގައިވާ އެއްވެސް ބައެއް ޙަރާމެއް ނޫނެވެ. އެ ލިސްޓުގައި ޖުވާ ކުޅުމާއި، ރާ ބުއިމާއި، ކައިވެނިން ބޭރުގެ ގުޅުންތަކުގެ ވާހަކައެއް ނެތެވެ. އާޔަތުގައި ވަނީ ހައްތަހާވެސް ޙަލާލް ކަންތަކުގެ ވާހަކައެވެ.
އެކަމަކު މައްސަލައަކަށްވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާއި ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ބޮޑަށް، ތިބާ އޭގެއިން ޙަލާލު ކަމެއްދެކެ ލޯބިވުމުންނެވެ. ހަދިޔާ ދޭ ފަރާތަށްވުރެ ހަދިޔާދެކެ ލޯބިވުމުގެ މާނައަކީ މިއީއެވެ. އެކަންތައްތައް ވިހަވެގެން ދަނީ އެހާ ހިސާބުންނެވެ. އެކަންތައްތަކީ ﷲ ތިބާއަށް ދެއްވި ނިޢުމަތްތަކަށް ވި ނަމަވެސް އެވެ. އެއީ ﷲ ތިބާއަށް ދެއްވި ހަދިޔާތަކަށް ވި ނަމަވެސްއެވެ. އެކަންތައްތަކަކީ އޭގެ އަސްލުގައި ތިބާއަށް ބަރަކާތް ޙާޞިލުކުރުވަނިވި ކަންތައްތަކަށް ވިޔަސްމެއެވެ. އަދި އެކަންތައްތަކަކީ ހެޔޮ ނިޔަތްތައް ގެންގުޅެފިނަމަ އެކަންތައް މެދުވެރިވެގެން ޘަވާބު ލިބިގަނެވޭނެ ކަންތައްތަކަށް ވިޔަސްމެއެވެ. އަނބިފިރި ކަމުގެ ގުޅުމުގައި ވެސް ޞަދަޤާތެއް ވާކަން ރަސޫލާ ﷺ ގެ ޙަދީޘްއަކުން އަޅުގަނޑުމެންނަށް އެނގެއެވެ. ޞަޙާބީން ސުވާލުކުރެއްވިއެވެ. ތިމަންމަން އަމިއްލަ އެދުމެއް ފުއްދުމުން ޞަދަޤާތަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ކައިވެނިން ބޭރުގައި ތިޔަބައިމީހުން އެކަން ކޮށްފިނަމަ ޢަޒާބު ނުލިބޭނެ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައެޅުއްވި ޙުދޫދުތަކުގެ ތެރެއިން އެ އެދުން ފުއްދައިފިނަމަ ތިޔަބައިމީހުންނަށް އަޖުރު ލާޒިމެއް ނޫންހެއްޔެވެ؟
އެހެންކަމުން އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ކަންތައްތަކަކީ ބަރަކާތްތެރި ކަންތަކެވެ. އެހެނަސް އެކަންތައް ވިހަވެގެން ދަނީ ތިބާ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާއި ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ބޮޑަށް، އެކަންތައް ދެކެ ލޯބިވުމުންނެވެ.
އެއީ ކީއްވެ ހެއްޔެވެ؟ އަދި އެ ގޮތަށް ލޯބިވުމުގެ ނަތީޖާތަކަކީ ކޮބައިހެއްޔެވެ؟
މީހަކު މި އާޔަތަށް ބަލާފައި ބުނެފާނެއެވެ. އަޅުގަނޑުމެންނަށް ބިރު ދެއްކިގެން މިދަނީ ކީއްވެ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ބިރު ދައްކަވަނީ ކީއްވެ ހެއްޔެވެ؟
ޙަޤީޤަތަށް ބުނާނަމަ މިއީ ބިރު ދެއްކުމެއް ނޫނެވެ. މިއީ އިންޒާރެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވަނީ އެވެ.
މިސާލެއް ނަގަމާ ހިނގާށެވެ. ތިބާގެ ދަރިފުޅު ދެކެ ތިބާ ވަރަށް ލޯބިވަމުއެވެ. އަދި ތިބާ އެ ދަރިފުޅުދެކެ ބުނަމުއެވެ. “އަލިފާނާއި ކައިރި ނުވައްޗެވެ.” ތިބާ އެ ދަރިފުޅު އަލިފާނުގައި އަންދާލަން ބިރު ދައްކަނީއެއް ނޫނެވެ. ތިބާގެ ހިތުގައި އެ ދަރިފުޅަށްޓަކައިވާ ލޯތްބާއި ރަޙުމެއްގެ ސަބަބުން ތިބާ އެ ދަރިފުޅަށް އިންޒާރު ދެނީއެވެ. އެހެނީ އެ އަލިފާނުން ދަރިފުޅަށް އަނިޔާއެއް ލިބިދާނެއެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިންޒާރު ދެއްވަނީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް މިސާލަކަށްވުރެ މަތިވެރިވެ ވޮޑިގެންވެއެވެ.
މި ފިލާވަޅު ނަގައިދޭއިރު އަޅުގަނޑު ވަރަށް ގިނައިން ދޭ މިސާލެކެވެ. ތިބާ ކާރެއް ގެންދަނީ ތެޔޮ އަޅާ ތަނަކަށެވެ. ތިބާގެ ކާރުން މުޅިންހެން ތެޔޮ ވަނީ ހުސްވެފައެވެ. އެހެނަސް ތެޔޮ އަޅާ ތަނަށް ގޮސް ބެލިއިރު ތެޔޮގެ އަގު ވަރަށް ބޮޑެވެ.
ދެން ތިބާއަށް އެހެން ދިމާލަކުން ފެންނަ ނިޝާނަކުން އެނގެނީ އޮރެންޖް ޖޫސްގެ ސޭލްއެއް އޮތްކަމެވެ. އެހެންކަމުން ތިބާ ވިސްނުން ތޫނު ގޮތެއް ޚިޔާރު ކުރަން ނިންމަމުއެވެ. އަދި ތެޔޮގެ ބަދަލުގައި ކާރުގެ ތެޔޮ ޓޭންކަށް އޮރެންޖް ޖޫސް އަޅަން ނިންމަމުއެވެ. އެއީ ނުހަނު މޮޅު ގޮތެއްހެން ތިބާއަށް ހީވިއެވެ. އެއީ އެންމެ އަގުހެޔޮ ގޮތަށްވުމުންނެވެ.
އެހެނަސް ތިބާއަށް އެ ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ކާރު އެއްކޮށް ހަލާކުކޮށްލެވުނީއެވެ. މެކޭނިކަކަށް ނުވިޔަސް އެއަށްފަހު އެ ކާރު ނުދުވާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ހަމައެއާއިކު ކާރު ދެން އިއާދަ ނުކުރެވޭނެ ފަދަ ގޮތަކަށް ހަލާކުވެސްވީއެވެ.
ހިތުގެ މިސާލަކީ އެއީއެވެ. އެހެން ކަންތައްތައް ދެކެ ލޯބި ނުވާށޭ އަޅުގަނޑުމެން ގާތު ނުއެއް ބުނެވެއެވެ. ހިތާއިމެދު ވިސްނިދާނެ އެއްގޮތަކީ މިއީއެވެ. ހިތުގެ މެދުގައި ނުހަނު ޙާއްސަ ޖާގައެއްވެއެވެ. އެ ޖާގައަށް لُبّ ކިޔަމާ ހިނގާށެވެ. ތިބާއަށް މި ބަސް ކުރިން އިވިފައި އޮވެދާނެއެވެ. اُولُو الْلأَلْبَاب އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ސިފަ ކުރައްވާފައިވާ ބައެކެވެ. އެމީހުންނަކީ لُبّ ލިބިގެންވާ މީހުންނެވެ. الْلأَلْبَاب އަކީ لُبّ ގެ ގިނަގޮތެވެ.
ޢަރަބި ބަހުގައި ބޮޑު ޕާނެއްގެ މެދުގައިވާ މަޑު ބަޔަކީ ވެސް لُبّ އެވެ.
އެހެންކަމުން ހިތުގައި ވެސް މެދުގެ ޖާގައެއްވެއެވެ. އެއީ ހިތުގެ لُبّ އެވެ. ހިތުގެ އެ ބަޔަކީ ތެޔޮ އަޅާ ޓޭންކު ކަމަށް ބަލާށެވެ. ތެޔޮ އަޅާ ޓޭންކު ފަދައިން ހިތުގެ އެ ބައިވެސް ހައްދަވާފައިވަނީ ހަމައެކަނި އެންމެ ޒާތެއްގެ އެއްޗަކަށެވެ. އެ ބަޔަކީ ތިބާގެ ‘އިލާހް’ އަށްޓަކައިވާ ޖާގައެވެ. ތިބާ އަޅުކަން ކުރާ އެއްޗަކަށް ޚާއްސަ ކުރެވިފައިވާ ޖާގައެވެ. އެއީ ހިތުގެ މެދެވެ.
މާނައަކީ އެ ޖާގައިގައި ވާނީ ހަމައެކަނި ތިބާ ލޯބިވާ އެއްޗެއް ނޫނެވެ. އެހެނަސް އެ އެއްޗެއް ވެގެން ދާނީ ތިބާ ޙަޔާތާއި ދިރިހުރުމުގެ އެންމެ މުހިއްމު ބައެއް ގޮތުގައި ދެކޭ އެއްޗަށެވެ. އެ އެއްޗެއް ވެގެން ދާނީ ތިބާގެ ދިރިހުރުމުގެ ސަބަބަށެވެ.
ﷲ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ތިބާ ހިތުގެ އެ މަޤާމް ދީފިނަމަ، އެއީ ތެޔޮ ޓޭންކަށް އޮރެންޖް ޖޫސް އެޅުން ފަދަ ކަމެކެވެ. އަދި އޭގެ ސަބަބުން ހިތް ހަލާކުވެގެން ދެއެވެ. ހިތް ހައްދަވާފައިވަނީ އެ ދަރަޖައިގެ ޝިރުކު ބަރުދާސްތު ކުރެވޭ ޒާތަކަށް ނޫނެވެ. އަޅުގަނޑު ޝިރުކޭ މި ދަންނަވަނީ ލޯބީގެ ޝިރުކަށެވެ. ބަރޯސާވުމުގެ ޝިރުކަށެވެ. ބިރުވެތިވުމުގެ ޝިރުކަށެވެ. ﷲ ދެކެ ބިރުވެތިވާ ވަރަށް ވުރެ ތިބާ އެހެން އެއްޗެއް ދެކެ ބިރުގަތުމެވެ. ﷲ ގެ ޙަޟްރަތުން އުއްމީދު ކުރާވަރަށްވުރެ ބޮޑަށް އެހެން އެއްޗެއްގެ ފަރާތުން އުއްމީދު ކުރުމެވެ. ތިބާ ﷲ އަށް އިތުބާރު ކުރާވަރަށްވުރެ ބޮޑަށް އެހެން އެއްޗަކަށް އިތުބާރު ކުރުމެވެ. އަދި އެންމެ ފަހުން ތިބާ ﷲ އަށްވުރެ ބޮޑަށް އެހެން އެއްޗެއްދެކެ ލޯބިވުމެވެ. އެއީ ތެޔޮ ޓޭންކަށް އޮރެންޖް ޖޫސް އެޅުމެވެ.
އެހެންކަމުން މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިންޒާރު ދެއްވަނީއެވެ. ނިޢުމަތްތަކެއްކަމުގައިވާ ޙަލާލް ކަންތައްތައް ވެސް އަޅުގަނޑުމެންގެ ހަލާކަށް ވެގެންދެއެވެ. އޮރެންޖު ޖޫހުގައި އެއްވެސް ޙަރާމްކަމެއް ވޭ ހެއްޔެވެ؟ ނޫނެވެ. އެއީ ނުލާހިކު ރަނގަޅު ބުއިމެކެވެ. ވިޓަމިން ސީ އެވެ. ނުލާހިކު މީރު ޖޫހެކެވެ. އެހެނަސް އޮރެންޖް ޖޫސްވެސް ނުބައި ތަނަކަށް އަޅައިފިނަމަ، އޮރެންޖް ޖޫހަކީ ވެސް ހަލާކު ކުރުވަނިވި އެއްޗަކަށް ވެގެންދެއެވެ.
އެހެންކަމުން ތިބާ އެއްވެސް އެއްޗެއް ޚިޔާރުކޮށް، ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތިބާގެ ހިތުން ދޭންވާ ޖާގަ ދީފިނަމަ، އެ އެއްޗެއް ހިތް ހަލާކު ކޮށްލަނީ އެހާ ހިސާބުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވަނީ އެކަމާއި ދެކޮޅަށެވެ.
ތިބާ އެފަދައިން އެއްޗެއް ޚިޔާރުކޮށް، ހަދިޔާ ދެއްވި ފަރާތަށް ދޭންޖެހޭ މަޤާމު އެ އެއްޗަށް ދީފިނަމަ އޭގެ ބައެއް ނަތީޖާތަކެއް ވެއެވެ.
ފުރަތަމަ ކަމަކީ ހިތް ހަލާކުވުމެވެ. ހިތަށް ކެތްނުވާ ފަދަ ތަދެއް އިޙްސާސް ކުރެވެނީ މީގެ ސަބަބުންނެވެ. ބައެއްފަހަރު ޙަޔާތުގައި މީހުންނަށް އެކި ކަންކަން ދިމާވެއެވެ. އެމީހުން ‘އަޅުކަން’ ކުރާ އެއްޗެއް ގެއްލިދެއެވެ. އެހެން ބަހަކުން ބުނާނަމަ އެމީހުންގެ ‘އިލާހް’ އެމީހުންނަށް ގެއްލިދެއެވެ.
އަޅުގަނޑު މިތަނުގައި ‘އިލާހް’ މި ބޭނުން ކުރަނީ ސަބަބަކާއި ލައިގެންނެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެންމެ ޖުމްލައަކުންނެވެ. އެއީ لاَ إِلَهَ إِلّى اللّه އެވެ. މިއީ ކިޔާލަން ނުހަނު ފަސޭހަ ޖުމްލައެކެވެ. އެހެނަސް މިއީ އެހާ ފަސޭހަ ކަމެއް ނަމަ ހަމައެކަނި މި ޖުމްލައާއި ހެދި އެމީހުން ރަސޫލާ ﷺ އާއި ހަނގުރާމަ ނުކުރީހެވެ.
لاَ إِلَهَ إِلّى اللّه އަކީ ވަރަށް ފުން މާނައެއް އެކުލެވޭ ޖުމްލައެކެވެ. އޭގެ މާނައަކީ ﷲ ފިޔަވައި އެއްވެސް إِلَه އެއް ނުވާކަމެވެ. މި ޖުމްލައިގެ މާނަ ބުނެވޭނެ އަނެއް ގޮތަކީ ﷲ ފިޔަވައި ހިތުގެ މެދުގައި މަޤާމު ދިނުން ޙައްޤު އެއްވެސް ފަރާތެއް ނުވާކަމެވެ. ތިބާގެ ފައިސާއެއްނޫނެވެ. ތިބާގެ މައިންބަފައިންނެއް ނޫނެވެ. ތިބާގެ ދަރިންނެއް ނޫނެވެ. ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއެއް ނޫނެވެ. ފެޝަނެއް ނޫނެވެ. ބާރެއް ނޫނެވެ. މަޤާމެއް ނޫނެވެ. މަޝްހޫރު ކަމެއް ނޫނެވެ. މީގެއިން އެއްވެސް ކަމެއް ނޫނެވެ.
ތިބާ ﷲ ގެ ބަދަލުގައި މީގެއިން އެއްވެސް ކަމަކަށް ހިތުގެ މެދުން މަޤާމު ދީފިނަމަ، ތިބާގެ ހިތް ހަލާކުވެދެއެވެ. އަދި ބަރުދާސްތު ނުކުރެވޭ ވޭނާއި ކެކުޅުމާއި ކުރިމަތިލާން ޖެހެއެވެ. މި ވޭނާއި ކެކުޅުމުގެ ވާހަކަ އެހެން ބައެއްގައި އަޅުގަނޑު ދައްކާނަމެވެ.
ބައެއްފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތުން އެކަލާނގެ ތިބާގެ ކިބައިން އެކަމެއް ދުރުކުރައްވައެވެ. ހަމައެކަނި އެކަލާނގެއަށް ދޭންޖެހޭ މަޤާމު ދިން އެހެން އެއްޗެއް ތިބާއާއި ވަކި ކުރައްވައެވެ. އެއީ ﷲ ގެ ރަޙްމަތުން ކުރެއްވި ކަމެކޭ މި ބުނީ ކީއްވެ ހެއްޔެވެ؟
ސަބަބަކީ މިއީއެވެ. ނިކަން ޚިޔާލަށް ގެންނާށެވެ. ބައެއް ފަހަރު ކުދިން ކޮންމެވެސް އެއްޗަކާ މާ ބޮޑަށް ގަޔާވާން ފަށައެވެ. މިސާލަކަށް ކުއްޖަކު ވީޑިއޯ ގޭމެއް ބޭނުންވެގެން އެ ގޭމް ހޯދައިދިނުމަށް މަންމަ ގާތު އާދޭސްކުރަން ފަށައެވެ. ތިމަންނައަށް މީތި ދޭށޭ ކިޔައި ތަކުރާރުކޮށް އެދެން ފަށައެވެ. ދެން އެންމެ ފަހުން އެ މަންމަ ވީޑިއޯ ގޭމް ގަނެދެއެވެ.
އެއަށްފަހު އެކުއްޖާ އިތުރު އެހެން އެއްވެސް ކަމެއް ކުރަން ބޭނުމެއް ނުވެއެވެ. ކުއްޖާ ކެއުން ހުއްޓާލައެވެ. ނިދުން ވެސް ހުއްޓާލައެވެ. ސްކޫލަށް ދާކަށް ބޭނުމެއް ނުވެއެވެ. ކުއްޖާގެ ހުރިހާ ސަމާލުކަމެއް ދެނީ އެ ގޭމަށެވެ. އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށްފަހުއެވެ.
މަންމަގެ ހިތުގައި ކުއްޖާއަށްޓަކައި ރަޙުމެއް ވާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ ގޭމު ކުއްޖާގެ އަތުން ހޯދާނީއެވެ. ގޭމު ހޯދަނީ ކޮންމެހެން ކުއްޖާއަށް އަނިޔާއަކަށް ނޫނެވެ. އެހެނެއްކަމަކު އެއީ ކުއްޖާގެ ފަރުވާއަށްޓަކައި ކުރާ ކަމެކެވެ. މީގެ ސަބަބަކީ އެ ކުއްޖާ އެ ވީޑިއޯ ގޭމަށް ވަނީ ‘އަންހެލްދީ އެޓޭޗްމެންޓް’ އެއް ވެފައެވެ. އޭގެ ސަބަބުން އެކުއްޖާއަށް ގެއްލުން ލިބޭނެ ދަރަޖައަށެވެ. ވީޑިއޯ ގޭމްގެ ސަބަބުން އެކުއްޖާއަށް ރަނގަޅު ކަންތަކުން އެކުއްޖާ މަޙްރޫމްވަމުން ދާތީވެއެވެ.
އެހެންކަމުން ބައެއްފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތުން، އަޅުގަނޑުމެން ހިތުގެ މެދުން މަޤާމު ދޭ ކަންތައްތައް އަޅުގަނޑުމެންނާއި ދުރު ކުރައްވައެވެ. އެކަލާނގެ ބައެއްފަހަރު ހަދިޔާތައް ނަންގަވަނީ ހަދިޔާ ދެއްވި ފަރާތަށް ވުރެ ބޮޑަށް ހަދިޔާދެކެ އަޅުގަނޑުމެން ލޯބިވާން ފެށުމުންނެވެ. އެ ހަދިޔާ ނަންގަވަނީ އަޅުގަނޑުމެން ދެރަ ކުރެއްވުމަކަށް ނޫނެވެ. އެހެނަސް އެއީ އަޅުގަނޑުމެންނަށް ފަރުވާއަކަށް ކުރެވޭ މަޙްރޫމެކެވެ. ‘އަންހެލްދީ އެޓޭޗްމެންޓް’ އަކަށް އަޅުގަނޑުމެންނަށް ފަރުވާ ދިނުމަށެވެ.
އެ ހަދިޔާ ނެންގުވުމުން މަޤްޞަދަކީ ސަމާލުކަން ދޭންޖެހޭ ކަންތަކަށް ސަމާލުކަން ދިނުމަށް މީހާއަށް ފުރުސަތު ދިނުމެވެ. އެ ހަދިޔާއަށް ދެވިގެން ދިޔައީ ދޭން ނުޖެހޭ މަޤާމެއްކަން އިންސާނާއަށް އިޙްސާސްވުމެވެ. އޮރެންޖް ޖޫސް އެޅިފައިވީ ނުބައި ތަނަކަށްކަން އެނގުމެވެ.
ހަދިޔާއާއި ވަކިވުމުން ހިތްދަތިކަމުން ފުރިގެންވާ މަގަކަށް އެޅިގެންދާނެކަން ޔަޤީނެވެ. އެހެނަސް އެ މަގަކީ އިޞްލާޙުގެ މަގެވެ. މި އިޞްލާޙަކީ ‘ޑިޓޮކްސް’ އެކެވެ. ރަލަށް ދެވިހިފާފައިވާ މީހަކާއިމެދު ވިސްނާލާށެވެ. އެ ދެވިހިފުމުން އަރައިގަންނަން އެމީހަކު ‘ޑިޓޮކްސިފިކޭޝަން’ ގެ ބައި ހުރަސްކުރަން ޖެހެއެވެ. އެއްވެސް ދެވިހިފުމަކުން އަރައިގަތުމުގައި ޑިޓޮކްސިފިކޭޝަން ގެ ބަޔަކީ ނުހަނު ދަތި ބައެކެވެ. އެ ދެވި ހިފި އެއްޗަކުން ދުރުވާތީ ހަށިގަނޑު ވެސް ބަލިވެ ‘ވިތްޑްރޯވަލް ސިމްޕްޓޮމްސް’ ތަކާއި ކުރިމަތިވެއެވެ.
މި ކަންތައްތަކަކީ ދަތި ކަންތަކަށް ވިޔަސް ތިބާގެ ހަށިގަނޑާއި ނަފްސު ޠާހިރުވެގެން ދަނީ މިކަމުންނެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ދިޔުމުން އޭގެ ތެރެއިން އެމީހަކަށް ދަސްވެގެންދެއެވެ. އަދި މުހިއްމު ކަންތައްތަކަށް އެމީހެއްގެ ސަމާލުކަން އަނބުރާ ގެންނަން ވެސް އެހީކަށް ވެގެންދެއެވެ. އަދި އެހާ ހިސާބުން ތެޔޮ ޓޭންކަށް އަޅަންޖެހޭނީ ހަމައެކަނި ތެޔޮކަން އެމީހަކަށް ދަސްވެގެންދެއެވެ. އޮރެންޖް ޖޫހެއް ނޫނެވެ.
އެހެން ބަސްތަކުން ބުނާނަމަ އަޅުގަނޑުމެންގެ ހިތުގެ މެދުން ޖާގައެއް ދެވެން ވާނީ ހަމައެކަނި ﷲ އަށެވެ. އެހެން އެއްވެސް އެއްޗެއް އެ މަޤާމުގައި އޮވެގެން ނުވާނެއެވެ. ﷲ އަށް ހިތުގެ އެ މަޤާމް ދީފިނަމަ އެހެން ކަންތައްތައް އެ ތަކެތީގެ ޙަޤީޤީ މަޤާމަށް ވެސްދެއެވެ. ހަދިޔާ ދެއްވި ފަރާތް ވަނީ އެންމެ މަތީގައެވެ. ހަދިޔާއަކީ ތިބާއަށް އޭގެއިން ލައްޒަތު ލިބިގަނެ ލޯބި ކުރެވޭނެ އެއްޗެކެވެ. ކޮންމެ އެއްޗަކަށް ވެސް އެއަށް ޙައްޤުވާ މަޤާމް ދިނުމުން ކާރު ރަނގަޅަށް ދުވަން ފަށައެވެ. އެހެން ބަހަކުން ބުނާނަމަ އިންސާނާގެ ހިތާއި ރޫޙު އެ ހިނގަން ޖެހޭ ގޮތަށް ހިނގަން ފަށައެވެ.
މިހާ ހިސާބުން އެހެން ގޮތެއް ވެސްވެއެވެ. ކުރީ ބައެއްގައި އަޅުގަނޑު ދެންނެވި ފަދައިން އެ ހަދިޔާގެ ލައްޒަތުވެސް ތިބާއަށް އިތުރަށް ލިބިގަނެވެއެވެ. އެ ހަދިޔާގެ ލައްޒަތުވެސް ލިބިގަނެވޭނީ ހިތުން އެ ހަދިޔާއަށް ޙައްޤު މަޤާމު ދިނުމުންނެވެ.
އަޅުގަނޑުމެން ހައިހޫނުވެފައިވާ މީހާއާއި ބަނޑުހައިވެފައިވާ މީހާގެ މިސާލު ނެގީމެވެ. ހައިހޫނުވެފައިވާ މީހާ ބޭނުންވާނީ ކޮންމެވެސް ޒާތެއްގެ ކާއެއްޗެކެވެ. ކެރެމަލް ޗީޒްކޭކަކަށް އެމީހުންގެ ފަރުވާލެއް ނެތެވެ. އެމީހަކު ބޭނުންވަނީ ހަމައެކަނި ދިރިހުންނާށެވެ.
މަސްތުވާއެއްޗަކަށް ދެވިހިފާފައިވާ މީހެއްގެ މިސާލު ނަގާށެވެ. އެމީހުން މަސްތުވާތަކެތިން ކޮންމެހެން ލައްޒަތު ލިބިގަންނަނީއެއް ނޫނެވެ. އެމީހުން ދިރިހުރުމަށް އެ މަސްތުވާތަކެއްޗަށް ބޭނުންވަނީއެވެ.
އެހެންކަމުން ކޮންމެ އެއްޗެއްގެ ވެސް ޙަޤީޤީ ލައްޒަތު ލިބިގަނެވޭނެ ހަމައެކަނި ގޮތަކީ، ކޮންމެ އެއްޗަކަށް ވެސް އޭގެ ޙައްޤު މަޤާމު ދިނުމުންނެވެ. މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަ ކުރެއްވި قُرَّةَ أَعْيُن އެވެ. އަޅުގަނޑުމެންގެ އަނބިންނާއި/ފިރިންނާއި ދަރިންގެ ފަރާތުން ލޮލުގެ ފިނިކަން ލިބުމެވެ. މިސާލަކަށް ތިބާގެ މުދަލުގެ އަޅަކަށް ތިބާ ނުވުމެވެ. މުދާ ތިބާގެ މައްޗަށް ބާރެއް ނުހިންގައެވެ. އެހެނެއްކަމަކު އެ މުދަލުގެ މައްޗަށް ބާރު ހިންގަނީ ތިބާއެވެ. ތިބާއަށް ތިބާގެ ޢާއިލީ އުފާވެރިކަން ޙަޤީޤީ ގޮތުގައި ލިބިގަނެވޭނެއެވެ. އަރައިރުންތަކާއި ހިތްހަމަނުޖެހުންތައް ނެތިއެވެ. އެ ހަމަނުޖެހުންތައް އަންނަނީ އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް އެޅުމުންނެވެ. އެހެންނޫނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙައްޤު މަޤާމް އެހެން އެއްޗަކަށް ދިނުމުންނެވެ.
ނުނިމޭ