ބަދަލުވާ ޙަޔާތް (ސާދަވަނަ ބައި): ޒުހުދުވެރިކަމަކީ ކޮބާ؟
ކުރީ ބައިގައި އަޅުގަނޑުމެން ތަމްރީނެއް ހެދީމުއެވެ. ތިބާ އަމިއްލަ ޙަޔާތާއިމެދު ވިސްނަން ތިބާ ފަށާފައިވުމެއެވެ. ﷲ ތިބާއަށް ދެއްވާފައިވާ ހަދިޔާތަކުގެ ތެރެއިން ﷲ އާއި އެއްވަރަށް ތިބާއަށް ލޯބިވެވެނީ ކޮން ހަދިޔާތަކެއް ދެކެތޯ ތިބާ ވިސްނީމުއެވެ.
އިބްރާހިމް ޢަލައިހިއްސަލާމް ގެ ވާހަކަ އަޅުގަނޑުމެން ދަންނަމުއެވެ. އެކަލޭގެފާނު އިމްތިޙާން ކުރެވުނީ ކޮން ކަމަކުން ހެއްޔެވެ؟ އިމްތިޙާން ކުރެވުނީ އެކަލޭގެފާނު އެންމެ ލޯބިވާ ދަރިފުޅާއި ގުޅިގެންނެވެ.
އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ އެއްކަމަކީ، އަޅުގަނޑުމެން ހަދިޔާތަކެއް ދެކެ ލޯބި ވިޔަސް އެ ލޯތްބާއި ހެދި އަޅުގަނޑުމެން ﷲ މަތިން ހަނދުމަ ނައްތާލައިގެން ނުވާނެ ކަމެވެ.
ރަޙްމާން ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
كُلُّ مَنْ عَلَيْهَا فَان
“އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.” ސޫރަތުއްރަޙްމާން، 26
ހުރިހާ އެއްޗެއް ވެސް ނިމިދަނީއެވެ. ހުރިހާ އެއްޗެއް ވެސް ހަލާކުވެދާނީއެވެ. ހުރިހާ އެއްޗަކަށް ވެސް ހައްދެއްވެއެވެ. ހުރިހާ އެއްޗަކީ ވަގުތީ އެއްޗެއްސެވެ.
وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ
“އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ޒާތުފުޅު ދެމިވޮޑިގެންވެއެވެ.” ސޫރަތުއްރަޙްމާން، 27
އަބަދުގެ އަބަދަށް ދެމިވޮޑިގެންވާނީ ﷲ ގެ ވަޖުހުފުޅެވެ. ކީރިތިވަންތަ މާތްވަންތަ ﷲ ގެ ވަޖުހުފުޅެވެ.
ހުރިހާ ކަމެއްވެސް އޭގެ ޒާތުގައި ދަނެގަތުން މުހިއްމެވެ. އަޅުގަނޑުމެން ހަދިޔާއެއް ދެކެ ލޯބިވާ ކޮންމެ ފަހަރަކު، އެ ހުރިހާ ކަމަކީ ވަގުތީ ކަންކަމެވެ. ﷲ ފިޔަވައި މި ޙަޔާތުގައި ވާ ހުރިހާ އެއްޗަކާއި ކަމަކީ ވަގުތީ އެއްޗެއްސާއި ކަންކަމެވެ.
ހަދިޔާއެއްދެކެ ލޯބިވުމަކީ ވެސް ޘަވާބު ލިބޭނެ ފަދަ ލޯތްބަކަށް ހެދިދާނެއެވެ. އެ ލޯތްބަކީ ތިބާ ﷲ އާއި ގާތް ކުރަނިވި ލޯތްބަކަށް ހެދިދާނެއެވެ. އެކަން އެގޮތަށް ވާނީ ﷲ އަށްޓަކައި ލޯބިވުމުންނެވެ. މިއީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ލިބިނެވި ލޯތްބެކެވެ. އަޅުގަނޑުމެން މި ވާހަކަ އިތުރަށް ތަފްޞީލުކޮށް އެހެން ބައެއްގައި ކިޔައިދޭނަމެވެ. (އިން ޝާ ﷲ)
ﷲ އަށްޓަކައި ލޯބިވެއްޖެނަމަ، އެ ލޯބި އާޚިރަތާއި ހަމައަށް ވެސް ދެމި އޮންނާނެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންވާނީ ތިޔަބައިމީހުން ލޯބިވާ ބަޔަކާއި އެކީގައެވެ. (އާޚިރަތުގައެވެ)
އަޅުގަނޑުމެން ސުވަރުގޭގައި ވާނީ އަޅުގަނޑުމެންގެ އަނބިންނާއި/ފިރިންނާއި ދަރިންނާއި އެކީގައިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވެސް ސިފަކުރައްވާފައިވެއެވެ. ތިބާގެ ޢާއިލާގެ ތެރެއިން މުއުމިނުން ކަމުގައިވީ މީހުން ތިބާއާއިއެކީ ސުވަރުގޭގައި އުޅޭނެއެވެ. (އިން ޝާ ﷲ)
މި ޙަޔާތަކީ ވަގުތީ ތަނަކަށް ވިޔަސް، ތިބާ ﷲ އަށްޓަކައި ލޯބިވެއްޖެނަމަ، އެހެންނޫނީ ﷲ އެންގެވި ޙުދޫދުތަކުގެ ތެރެއިން ލޯބިވެއްޖެނަމަ، އެ ލޯބި އާޚިރަތާއި ހަމައަށް ވެސް ދެމި އޮންނާނެއެވެ. އެހެންކަމުން ލޯބީގެ ބިންގާއަކީ ﷲ ކަމުގައިވާން ޖެހެއެވެ. ލޯތްބެއްގެ ބިންގާއަކީ، އެހެންނޫނީ ފެށުމަކީ ﷲ ނޫން އެހެން އެއްވެސް ކަމަކަށް ވެއްޖެނަމަ އެ ލޯބި ވެގެންދާނީ ތިބާއަށް ކޮންމެވެސް ގޮތަކުން ވޭންދެނިވި ލޯތްބަކަށެވެ. އަދި އެ ވެގެން ދަނީ ނުހަނު ވަގުތީ ލޯތްބަކަށެވެ.
އަތުގައި ހަދިޔާ ބޭއްވުމާއި، ހިތުގައި ހަދިޔާ ބޭއްވުމުގެ ޚިޔާލާއިމެދު ވާހަކަ ދައްކަމުން ދާއިރު، އަޅުގަނޑު ހިތަށް ވާ ތަދާއި، އަތަށް ވާ ތަދުގެ ވާހަކަ ކުރީ ބައެއްގައި ކިޔައިދީފައިވާނެއެވެ.
ޢިލްމުވެރިން ހަދިޔާތަކާއިމެދު ވާހަކަ ދައްކަވައެވެ. ދުނިޔެއާއިމެދު ވާހަކަ ދައްކަވައެވެ. ދުނިޔެއާއިމެދު އިރުކޮޅަކަށް ވާހަކަ ދައްކަމާ ހިނގާށެވެ. ހިތުގެ ތެރެއަށް ދުނިޔެއަށް ވަނަދިނުމުގެ ނުރައްކަލުގެ ވާހަކަ އަޅުގަނދު ކިޔައިދިނީމުއެވެ. ކަނޑުގައިވާ ބޯޓެއް އަޑިއަށްދާ ޙާލަތަކީ އެއީއެވެ.
އެހެންކަމަށްވާނަމަ ދުނިޔެ ބަހައްޓަންވީ ކޮންތާކު ހެއްޔެވެ؟ ހިތުގައި ނުބާއްވާނަމަ، ބާއްވަންވީ ކޮންތާކު ހެއްޔެވެ؟ ޢިލްމުވެރިން އުނގަންނައި ދެއްވާފައިވެއެވެ. ދުނިޔެ ހިފަހައްޓަންވީ އަތުންނެވެ. ހިތު ތެރޭގައެއް ނޫނެވެ.
މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން ނުހަނު މުއްސަނދި ޞަޙާބީން އުޅުއްވިއެވެ. އަބޫބަކުރުގެފާނާއި، ޢުޘްމާނުގެފާނާއި އަދި މި ނޫނަސް ވަރަށް ގިނަ ޞަޙާބީންނަކީ ވަރަށް ގިނަ މުދަލާއި ފައިސާގެ ވެރިންނެވެ. އެހެނަސް މުހިއްމު ނުކުތާއަކީ މިއީއެވެ. އެ ބޭކަލުންގެ މުދަލާއި ފައިސާވީ އެ ބޭކަލުންގެ އަތްޕުޅުގައެވެ. އެބޭކަލުންގެ ހިތްތަޕުޅުތަކުގެ ތެރޭގައެއް ނޫނެވެ. އެ ބޭކަލުންގެ މުދަލާއި ފައިސާއަކީ އެ ބޭކަލުންގެ ވެރިއަކަށް ނުވެއެވެ. އެ މުދަލާއި ފައިސާގެ ވެރިންނަށް އެ ބޭކަލުންވިއެވެ.
ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ޒުހުދުވެރިކަމަކީ (ދުނިޔަވީ ކަންކަމާއި ހިތް ވަކިވެފައިވުމަކީ) ތިބާގެ އަތުގައި އެއްވެސް އެއްޗެއް ނެތުމެއް ނޫނެވެ. އެހެނަސް ޒުހުދުވެރިކަމަކީ އެއްވެސް އެއްޗެއް ތިބާގެ ވެރިއަކަށް ނުވުމެވެ.
އެހެންކަމުން ޙަޤީޤީ ޒުހުދުވެރިކަމަކީ މިއީއެވެ. މިއީ ތިބާގެ މިލްކުގައިވާ އެއްޗެއްސާއި ކޮންމެހެން ގުޅުން ހުރި ކަމެއް ނޫނެވެ. އެހެނެއްކަމަކު ތިބާގެ މިލްކުގައިވާ ތަކެތި ތިބާ ހިފަހައްޓަނީ ކޮންތަނެއްގައި ކަމާއި ގުޅިފައިވާ ކަމެކެވެ. އެއެއްޗެހި ވަނީ ތިބާގެ އަތުގައި ހެއްޔެވެ؟ އެހެންނޫނީ ތިބާގެ ހިތުތެރޭގައި ހެއްޔެވެ؟ މީހަކު ހަލާކުވެގެން ދަނީ ދުނިޔެ ހިތުގެ ތެރެއަށް ވެއްދުމުންނެވެ. ބޯޓެއްގެ ތެރެއަށް ފެން ވަނުމުން އެ ބޯޓު ހަލާކުވެގެންދާ ފަދައިންނެވެ. ކަނޑުގެ ލޮނުގަނޑު ބޯޓުގެ ބޭރުގައިވާހާ ހިނދަކު ބޯޓު ކަނޑުމަތީގައި ދުވަމުން ދާނެއެވެ. އަދި ކަނޑުގެ ގަދަކަމުގެ ތެރެއިން ވެސް ސަލާމަތްތެރިކަމާއިއެކީ ގޮސް އޭގެ މަންޒިލާއި ހަމައަށް ދާނެއެވެ.
މި ކަމާއި ގުޅިގެން ވަރަށް އަސަރުގަދަ ވާހަކައެއް އޮވެއެވެ. އަބޫ ޙަނީފާ އާއި ގުޅޭ ގޮތުންނެވެ. އެއްދުވަހު އަބޫ ޙަނީފާ އުނގަންނައި ދެއްވުމުގައި މަޝްޣޫލުވެ ހުންނެވިއެވެ. އެވަގުތު ކޮންމެވެސް ބަޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް ބުނެއެވެ. ކަލޭގެފާނުގެ ނައުކޮޅުތައް ގެނބިގެން ގޮއްސިއެވެ. އެންމެ ނައުކޮޅެއް ނޫނެވެ. އަބޫ ޙަނީފާއަކީ ބޮޑު ޢިލްމުވެރިއަކަށް ވެފައި ވަރަށް ގިނަ މުދަލާއި ވިޔަފާރީގެ ވެސް ވެރިއެކެވެ.
މީހަކު އައިސް އަބޫ ޙަނީފާ އަރިހު ބުންޏެވެ. ކަލޭފާނުގެ 40 ނައުކޮޅު ގެނބިގެން ގޮއްސިއެވެ.
މި ޢަދަދު ޑޮލަރަށް ބަދަލުކޮށްފިނަމަ މިއީ ހަމަ ޔަޤީނުންވެސް ވަރަށް ގިނަ ފައިސާއެވެ. އެހެންކަމުން އެ ޖުމްލައިން އެކަލޭގެފާނުގެ އަރިހުގައި އެ ދެންނެވެނީ ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ އެކަލޭގެފާނަށް ގެއްލިއްޖެ ކަމަށެވެ.
އެހިނދު އެކަލޭގެފާނު އިރުކޮޅަކަށް މަޑުކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. الْحَمْدُ لِلّهِ އެވެ. އަދި އެއަށްފަހު އަނެއްކާވެސް އުނގަންނައި ދިނުމާއިގެން ކުރިއަށް ވަޑައިގަންނަވައެވެ.
އޭގެ އިރުކޮޅެއްފަހުން އެމީހުން އަނެއްކާވެސް އަބޫ ޙަނީފާގެ އަރިހަށް އާދެއެވެ. އަދި ބުނެއެވެ. އަހަރުމެންނަށް ގޯހެއް ހެދުނީއެވެ. އެއީ ކަލޭގެފާނުގެ ނައުކޮޅުތަކެއް ނޫނެވެ. ގެނބިގެން ދިޔައީ ކަލޭގެފާނުގެ ނައުކޮޅުތަކެއް ނޫނެވެ. ކަލޭގެފާނުގެ ނައުކޮޅުތައް ރަނގަޅެވެ.
އަބޫ ޙަނީފާ އަނެއްކާވެސް އިރުކޮޅަކަށް މަޑުކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. الْحَمْدُ لِلّهِ އެވެ. އަދި އެއަށްފަހު އަނެއްކާވެސް އުނގަންނައި ދިނުމާއިގެން ކުރިއަށް ވަޑައިގަންނަވައެވެ.
މި ހުރިހާ ކަމެއް ހިނގި ފަހުން ކޮންމެވެސް މީހަކު އަބޫ ޙަނީފާގެ އަރިހުން ސުވާލު ކުރެއެވެ. ދެންމެ އެ ހިނގީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ކަލޭގެފާނު الْحَمْدُ لِلّهِ ވިދާޅުވީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟
ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ފުރަތަމަ ފަހަރު އެމީހުން ތިމަންކަލޭގެފާނުގެ ނައުކޮޅުތައް ގެނބުނު ވާހަކަ ބުނުމުން، ތިމަންކަލޭގެފާނު މަޑުކޮށްލަމުން ތިމަންކަލޭގެފާނުގެ ހިތުގެ ޙާލަތަށް ބެލީމެވެ. އެ ހިނދު އެ ހިތަށް ވަކި އަސަރެއް ނުކުރެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު الْحَمْدُ لِلّهِ އޭ ކިޔުނީ އެއިން ތިމަންކަލޭގެފާނުގެ ހިތަށް އަސަރެއް ނުކުރީތީވެއެވެ.
ދެވަނަ ފަހަރު އެމީހުން އައިސް އެއީ ކަލޭގެފާނުގެ ނައުކޮޅެއް ނޫނޭ ބުނުމުން ތިމަންކަލޭގެފާނު މަޑުކޮށްލަމުން ތިމަންކަލޭގެފާނުގެ ހިތުގެ ޙާލަތަށް ބެލީމެވެ. އެ ހިނދު އަނެއްކާވެސް އެ ހިތަށް ވަކި އަސަރެއް ނުކުރާކަން ތިމަންކަލޭގެފާނަށް އެނގުނެވެ. އެހެންކަމުން ތިމަންކަލޭގެފާނު الْحَمْدُ لِلّهِ އޭ ކިޔުނީ އެއިން ތިމަންކަލޭގެފާނުގެ ހިތަށް އަސަރެއް ނުކުރީތީވެއެވެ.
މިއީ ކިހާ ޢިބްރަތްތެރި ވާހަކައެއް ހެއްޔެވެ؟ އަބޫ ޙަނީފާ މީގެއިން މި ވިދާޅުވަނީ ކީކޭ ހެއްޔެވެ؟ އެކަލޭގެފާނުގެ الْحَمْدُ لِلّهِ ގެ ފަހަތުގައި ވަނީ އެކަލޭގެފާނުގެ ނައުކޮޅުތައް ގެނބުމާއި މަތީގައިވުމެއް ނޫނެވެ. އެހެނެއްކަމަކު އެ الْحَمْدُ لِلّهِ ގެ ފަހަތުގައި ވަނީ އެކަލޭގެފާނުގެ ހިތް އެ ނައުކޮޅުތަކުގެ ގެނބުމާއި މަތީގައިވުމާއި ގުޅިފައި ނުވުމެވެ.
ޙަޤީޤީ الْحَمْدُ لِلّهِ އަކީ އެއީއެވެ. ޙަޤީޤީ الْحَمْدُ لِلّهِ އަކީ ދުނިޔަވީ ކަންތައްތަކާއި މީހެއްގެ ހިތް ގުޅިފައި ނުވުމެވެ. ތިބާގެ ފައިސާގެ އަޅަކަށް ތިބާ ނުވުމެވެ. އަބޫ ޙަނީފާ އެ ނައުކޮޅުތަކުގެ ވެރިއަކަށްވިއެވެ. އެހެނަސް އެ ނައުކޮޅުތައް އަބޫ ޙަނީފާގެ ވެރިއަކަށް ނުވެއެވެ. އެކަލޭގެފާނު الْحَمْدُ لِلّهِ އޭ ވިދާޅުވީ އެކަމަށްޓަކައެވެ. އެހެނީ ޙަޤީޤަތަށް ބުނާނަމަ އެކަލޭގެފާނު ވަނީ މިނިވަންވެފައެވެ. އެ ޗެންޗޭނުން އެކަލޭގެފާނު ވަނީ މިނިވަންވެފައެވެ.
‘އެޓޭޗްމެންޓަކީ’ ޗެންޗޭނު ފަދަ އެއްޗެކެވެ. ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ އަމިއްލަ ކަރުގައި ޗެންޗޭނެއް އަޅުވަމުއެވެ. އެއަށްފަހު އެ ޗޭނުގެ ދެން އޮތް ބައި ކާރެއްގެ ފަހަތަށް ގުޅުވާލަމުއެވެ. ދެން އެ ކާރު ދުއްވައިލުމުން ތިބާއަށްވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެ ކާރާއިއެކީ ދެމިގެން ދެއެވެ. ކާރު ފަހަތަށް ޖަހާލުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެ ކާރާއި އެކީ ދެމިގެން ދާނެއެވެ. އެ ކާރު މަޑުކޮށްލުމުން ތިބާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެ ކާރަށް ގޮސް ތަތް އަރައެވެ.
ޙަޤީޤަތުގައި ތިބާއާއި ތިބާގެ ޙާލަތު ޗެންޗޭނަކުން ގުޅިފައިވަނީ އެ ކާރަށް ވެދާނެ ގޮތުގެ މައްޗަށެވެ. ‘އެޓޭޗްމެންޓްތަކުގެ’ އަސްލަކީ މިއީއެވެ.
އެހެންކަމުން މީހަކު އެމީހެއްގެ ފައިސާއާއި މުދަލަށް ‘އެޓޭޗް’ ވެފައިވާނަމަ، އެ މީހެއްގެ އަތުގައިވާ އެއްޗަކަށް ‘އެޓޭޗް’ ވެފައިވާނަމަ، އެ މީހަކީ ކާރަކާއި ޗެންޗޭނުން ގުޅިފައިވާ މީހެއް ފަދައެވެ. ފައިސާއާއި މުދާ އިތުރު ވެއްޖެނަމަ، އެ މީހުންގެ ޙާލަތު އެއާއި އެއްގޮތަށް ބަދަލުވެއެވެ. ފައިސާއާއި މުދާ ދަށްވެއްޖެނަމަ، އެ މީހުންގެ ޙާލަތުވެސް އެ މިޞްރާބަށް ދެއެވެ.
އަޅުގަނޑުމެން މިފަދައިން އެއްޗެއްސަށް ‘އެޓޭޗް’ ވެއްޖެނަމަ، ދުނިޔޭގެ ހުރިހާ ކަމެއް މަތިވެ ތިރިއަށް ދަމުން ދާނެއެވެ. އެހެން ނޫންހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ކަމެއް އައިސްފައި ގޮސްފައިވެއެވެ. ދުނިޔޭގެ ހުރިހާ ކަމަކީ ފުރިހަމަ ބިންގަލެއް ނެތި ގުޑުމުގެ ފުރުސަތު އޮތް ކަމެކެވެ. އަދި ދުނިޔަވީ ކަންތައްތަކަކީ ވަގުތީ ކަންތައްތަކެވެ.
އެހެންކަމުން އަޅުގަނޑުމެން ދުނިޔޭގެ ވަގުތީ، މަތިވެފައި ދަށްވާ، ކުރިއަށް ގޮސް ފަހަތަށްދާ ކަންތަކަށް އެޓޭޗްވެއްޖެނަމަ، އަޅުގަނޑުމެން އަމިއްލަ ނަފްސުތައް މި ގެންދަނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ވެސް މަތިވެފައިވާ ދަށްވާނެ ފަދަ ޙާލަތަކަށެވެ. އަދި އަޅުގަނޑުމެންގެ ނަފްސުތައް ގަދަކަމުން ދައްމުވައިގެން ދާނެ ފަދަ ޙާލަތަކަށެވެ.
ސުބްޙާނަ ﷲ! އަބޫ ޙަނީފާގެ މި ވާހަކައަކީ އަބަދުވެސް ހިތްތަކާއި ކުޅެލާ ވާހަކައެކެވެ. އެހެނީ ޙަޔާތުގެ މަޤްޞަދަކީ މުދަލުގެ ދަށްވުމާއި މަތިވުން ނޫންކަން އަބޫ ޙަނީފާއަށް ފަހުމްވެފައިވިއެވެ. އެހެނެއްކަމަކު މުހިއްމީ އެކަލޭގެފާނުގެ ހިތް އެ މުދަލާއި ގުޅިފައި ނުވުން ކަން އެކަލޭގެފާނަށް ފަހުމްވެފައިވިއެވެ. އެކަލޭގެފާނު الْحَمْدُ لِلّهِ އޭ ކިޔުނީ އެހެންވެއެވެ.
އަޅުގަނޑުމެންނަށް އެންގިފައިވެއެވެ. އާޚިރަތާއި ބަލާއިރު މި ދުނިޔެއަކީ، ތިބާގެ އިނގިލި ކަނޑުގެ ތެރެއަށް ކޮއްޕައިލުމުން ތިބާއަށް ލިބޭ ފެންފޮދެއްގެ މިސާލެވެ. ކަނޑަކީ ސުވަރުގެއެއް ނޫނެވެ. އެހެނީ ކަނޑުގެ ހައްދުތަކެއް ވެއެވެ. އެހެނަސް ސުވަރުގޭގައި ހައްދެއް ނުވެއެވެ.
އެހެންކަމުން ހުރިހާ ކަމެއްގައި ވެސް ނަޒަރިއްޔާތު ރަނގަޅުކުރުން ވަރަށް މުހިއްމެވެ.
ނުނިމޭ