މީހުންނަށް އޮތް ބިރުވެރިކަން ދޫކޮށް ﷲ އަށް ބިރުވެތިވާން ދަސްވި ގޮތުގެ ވާހަކަ
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އަޚުންނާއި އުޚްތުންނަށް ހީވެފައި އޮންނަ ހީވުމެކެވެ. ﷲ އަށް ތައުބާވެ ދީންވެރިވުމުން މުޖުތަމަޢުގައި އަޅުގަނޑުމެންގެ އަޑު ގެއްލިގެން ހިނގައިދާނެހެން ހީވާ ހީވުމެވެ. އެއީ ދީންވެރިވުމުން އަޅުގަނޑުމެންގެ ހެދުން ބަދަލުވެގެންދާ ގޮތުން ކަމަށްވިޔަސް އަދި އެހެން މީހުންނާއި ތަފާތުކަމަށް ދައްކާތީވެ ކަމަށްވިޔަސްމެއެވެ. ސޯޝަލް މީޑިއާގައި އަޅުގަނޑުމެންގެ ދިރިއުޅުން ދައްކާ މިންވަރު މަދުކުރުމުންނާއި އެހެން މީހުން އަޅުގަނޑުމެންނަކީ މުޖުތަމަޢުއިން ބޭރުވެފައިވާ ބައެއް ކަމަށް ދެކޭ ދެކުމުގެ ސަބަބުންވިޔަސްމެއެވެ. އެހެނަސް ޙަޤީޤަތަކީ މީގެ އިދިކޮޅުކަން ސާބިތުވާ ވާހަކައެއް އަޅުގަނޑު ތިޔަ އަޚުންނާއި އުޚްތުންނަށް ކިޔައިދޭން ބޭނުމެވެ.
އަޅުގަނޑު އެންމެ ފުރަތަމަ ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަ ދައްކަން ޖެހުނީ ގްރޭޑް 4 ގައެވެ. އެއީ އެއްދުވަހު ހެނދުނުގެ ވަގުތެއްގައި ބޭއްވުނު އެސަމްބްލީއެއްގައެވެ. އަޅުގަނޑުގެ ސްޕީޗްދޭ ވަގުތު ޖެހުމުން ސްޕީޗް ލިޔެފައިވާ ގަނޑާއި އެކީގައި މައިކްގެ ކައިރިއަށް ދިޔައީމެވެ. އެ ހިނދު ވެސް ގަނޑު ހިފަހައްޓައިގެން ހުރި ދެއަތް އިންތިހާއަށް ފިނިވެފައިވިއެވެ. ވާހަކަ ދައްކަން ފެށުމުން އަޑު ތުރުތުރު އެޅިއެވެ. އަޅުގަނޑު ދައްކާ އެއްވެސް ވާހަކައެއް އަޑު އަހަން ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސާފެއް ނުވާނެކަން ވެސް ޔަޤީންވިއެވެ. މި ޙާލުގައި ކުރިއަށް ދަނިކޮށް ވަކި ހިސާބަކުން އަޅުގަނޑުގެ ދެއަތް ތުރުތުރު އަޅަން ފެށިއެވެ. ކަން ދިމާކުރި ގޮތުން ސްޕީޗް ނުނިމެނީސް އަތުގައި އޮތް ގަނޑު ވީދިގެން ދިޔައެވެ.
މި ވާހަކައަކީ ކުޑަ އަންހެން ކުއްޖަކު އެ ކުއްޖާ ސްޕީޗެއް ދިން ފުރަތަމަ ދުވަހު ނުތަނަވަސްވީ ގޮތުގެ ވާހަކަ ކަމަށް ތިބާއަށް ހީވެދާނެއެވެ. އެހެނަސް އެއީ ހަމައެކަނި ވާހަކައެއް ނޫނެވެ. އެ ދުވަސްވެގެން ދިޔައީ އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފްސު ސިފަކުރާ ގޮތް ބައްޓަންވެގެން ދިޔަ ދުވަހަކަށެވެ. އަޅުގަނޑަކީ ދުވަހަކުވެސް ބައެއްގެ ކުރިމަތީގައި ރަނގަޅަށް ވާހަކަ ދެކެވޭނެ މީހެއް ނޫންކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އެއީ އަޅުގަނޑުގެ ޒާތުގައިވެސް ހުންނަ ބިރެއް ކަމަށް ނިންމުނެވެ. އެހެނަސް އެ ‘ބިރުވެރިކަން’ އެއަށްވުރެ ފުންކަމެއް އޭރު އަޅުގަނޑަކަށް ނުވިސްނެއެވެ.
އަޅުގަނޑު ބިރުގަންނަމުން ދިޔައީ ހަމައެކަނި މައިކެއްގެ ކުރިމަތީގައި ހުއްޓިހުރެ ވާހަކަ ދެއްކުމަކަށް ނޫނެވެ. މީހުން ބަލަހައްޓައިގެން ތިއްބާ ކުރާ ހުރިހާ ކަމަކަށް އަޅުގަނޑު ޖެހިލުންވެއެވެ. ފުރާވަރުގައި އެހެން މީހުން އަޅުގަނޑާއިމެދު ދެކޭ ގޮތް އަޅުގަނޑަށް ވަރަށް މުހިއްމުވިއެވެ. މިވެނި ފިލްމެއް ނުވަތަ މިވެނި ލަވައެއް ރީއްޗޭ އެކުވެރިން ކައިރި ބުނެފިނަމަ އެ އެކުވެރިން ދެކޭނެ ގޮތާއި މެދު ވިސްނުނެވެ. ޕާޓީއަކަށް ދާއިރު ވަކި ވައްތަރެއްގެ ހެދުމެއް ލައިގެން ހުރުމުން މީހުން ދެކޭނެ ގޮތާއިމެދު ވިސްނުނެވެ. ސްކޫލްގެ މަޝްހޫރު ކުދިންނާއެކީ ވަގުތު ހޭދަކުރާނަމަ އެހެން ކުދިން ދެކޭނެ ގޮތާއިމެދު ފިކުރު ހިންގުނެވެ. ވަކި ވައްތަރެއްގެ ޕޯސްޓެއް ޝެއާރކޮށް ވަކި ވައްތަރެއްގެ ސްޓޭޓަސްއެއް ލިޔުމުން މީހުން އަޅުގަނޑާއި މެދު ދެކޭނެ ގޮތާއިމެދު ވިސްނި ވިސްނިހެން ބައެއް ޕޯސްޓްތައް ޑިލީޓްވެސް ކުރެވެމުން ދިޔައެވެ.
މިފަދަ ގޮތަކަށް އުޅެމުން ދަނިކޮށް ޙަޔާތުގެ ވަކި ހިސާބަކުން ޤުރުއާނާއިމެދު އިތުރަށް އުނގެނެން އަޅުގަނޑު ޝައުޤުވެރިވާން ފެށިއެވެ. އެ ޤުރުއާން ހަމަ އިސާހިތަކު އަޅުގަނޑުގެ ޙަޔާތް ބަދަލުކޮށްލިއޭ ނުބުނާނަމެވެ. އެހެނަސް އެއިން ލިބުނު ފިލާވަޅުތައް ހިތުގެ ފުން މިނުން ދަސްވާން އަޅުގަނޑަށް ވަގުތު ނެގިއެވެ. އަޅުގަނޑަށް ޤުރުއާނުން އެންމެ ބޮޑަށް އަސަރުކުރި ބަސްތަކަކީ މިއެވެ.
‘މީހުންނަށް ބިރުނުގަންނާށެވެ. ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ.’ (ސޫރަތުލް މާއިދާ، 44)
އަޅުގަނޑުގެ ޙަޔާތް ބަދަލުވާން ފެށީ މި އާޔަތް ފެނުނުތާ މަސްތަކެއް ފަހުންނެވެ. އެއްދުވަހަކު އެހެން މީހުން ތިބި ތަނެއްގައި އަޅުގަނޑުގެ އެކުވެރިއަކު އަޅުގަނޑާއި ސަމާސާ ވާހަކައެއް ޙިއްސާކުރިއެވެ. އެ ވާހަކަ ބުނުމަށްފަހު އެ އެކުވެރިޔާ ވަށައި ހޯދުމަށްފަހު މި ވާހަކަ އެހެން މީހަކަށް އަޑު އިވިފައިވާނެތޯ އަހަން ފެށިއެވެ. އެއީ އަނެއްހެން ގޯސް ޒާތެއްގެ ސަމާސާއެއްވެސް ނޫންކަން އެނގުންވި ހިނދު އަޅުގަނޑަށް ބުނެވުނެވެ. ‘ﷲ ރުހިވޮޑިގެންނުވާ ޒާތެއްގެ ވާހަކައަކަށް ނުވާނަމަ އެހެން މީހުން ދެކޭ ގޮތާއިމެދު ވިސްނަންވީ ކީއްވެ ހެއްޔެވެ؟’
އެ ސުވާލާއިމެދު ވިސްނާލެވުމުން ޚުދު އަޅުގަނޑަށް ވެސް އެދުވަހު ލިބިގެން ދިޔައީ ޙައިރާންކަމެކެވެ. އެ ވެގެން ދިޔައީ އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލުކޮށްލި ވަގުތުކޮޅަކަށެވެ. އެދުވަހަށްފަހު އަޅުގަނޑު މީހުންގެ ކުރިމަތީގައި ނުތަނަވަސްވާ ކޮންމެ ފަހަރަކު އަޅުގަނޑު އަމިއްލަ ނަފްސާއި ސުވާލުކުރަމެވެ. ‘މިއީ ﷲ ރުހިވޮޑިގެންވާނެ ފަދަ ކަމެއް ހެއްޔެވެ؟’ އެއީ ﷲ ރުހިވޮޑިގެންވާ ކަމަކަށްވާނަމަ ނުތަނަވަސްކަން ދޫކޮށް އަޅުގަނޑު އެކަން ކުރަމެވެ. އަދި އެނޫންނަމަ އެކަމެއް ބަދަލުކުރަން ނޫނީ ރަނގަޅުކުރަން މަސައްކަތް ކުރަމެވެ. ރަނގަޅު ވާހަކައެއް ބުނުމަށް ޖެހިލުންވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ގާތު ބުނެވެއެވެ. ރަނގަޅު ޙާލަތުގައި ރަނގަޅު ގޮތަށް ހެޔޮ ވާހަކައެއް ބުނުމަކީ ﷲ ރުހިވޮޑިގެންވާނެ ކަމެކެވެ. އެހެންކަމުން އެހެން މީހަކު ކޮންމެ ގޮތަކަށް ވިސްނިޔަސް އެ ވާހަކަ ބުނާނީއެވެ.
މިއަދު އަޅުގަނޑު ގިނަ ބައެއް ކުރިމަތީގައި ވާހަކަ ދައްކަން ހުއްޓޭއިރުވެސް އެމީހުން އަޅުގަނޑާއި މެދު ދެކޭނެ ގޮތާއިމެދު ވިސްނެއެވެ. އެހެނަސް މާޒީގައިވިހެން އަޅުގަނޑުގެ ހިތުގައި ނުތަނަވަސްކަމެއް ނުވެއެވެ. އަޅުގަނޑު ދައްކަން އުޅޭ ވާހަކައަކީ ރަނގަޅު އަދި އަގުހުރި ވާހަކައަކަށް ވާނަމަ ﷲ އަޅުގަނޑުގެ އެ ޢަމަލާއިމެދު ރުހިވޮޑިގެންވާނެ ކަމުގެ ހިތްހަމަޖެހުން އޮވެއެވެ. އެހެންކަމުން އެ މީހުންގެ ފަރާތުން ކޮންމެ ފަދަ ނަޒަރެއް ލިބުނަސް މިއަދު އަޅުގަނޑުގެ އަޑު ތުރުތުރެއް ނާޅައެވެ. އޭގެ ބަދަލުގައި ޖެހިލުންވުމެއްނެތި ބުނަން ބޭނުންވާ ވާހަކައެއް ބުނެވެއެވެ.
އެހެންކަމުން މިއަދު ތިރީގައި މިވާ އާޔަތް ފެނިފައި އެ އާޔަތުން ވާހަކަ ދެކެވެނީ ޚުދު އަޅުގަނޑާއިހެން އަޅުގަނޑަށް ހީވެއެވެ.
وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُ
“…އަދި ތިބާ މީހުންނަށް ބިރުގަތީމުއެވެ. ﷲ އަށް ތިބާ ބިރުވެތިވުން މާ ޙައްޤުކަން ބޮޑުވެގެންވާ ޙާލުގައެވެ…” ސޫރަތުލް އަޙްޒާބް، 37
އެހެންކަމުން ދީންވެރިވުމުން ތިބާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިދާނެހެން ހީވާނަމަ އަދި އެއްފަހަރު ވިސްނާލާށެވެ. އަޅުގަނޑުމެން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެތައް ގުނައެއް އިތުރުވެގެން ދާނީ މި ދީނާއި އަޅުގަނޑުމެންގެ ވެރިރަސްކަލާނގެއަށް އޮތް ބިރުވެތިކަމެއްގެ ސަބަބުންނެވެ. (އިން ޝާ ﷲ)