ނަފްސީ (ނުވަދިހަ ވަނަ ބައި)
އޭގެ ދެ ދުވަސް ފަހުން ހިލްޔާ ހޮސްޕިޓަލަށް ދާން ފެށިއެވެ. މީގެ ސަބަބުން އަނެއްކާވެސް ހިލްޔާއާއި ދާނިޝްއަށް އެކަކު އަނެކަކަށް ވަގުތު ދެވޭ މިންވަރު މަދުވިއެވެ. ދެމީހުން ވެސް ބުރަކޮށް އުޅެން ފެށުމުން ގޭގެ ތެރޭގެ މަސައްކަތްތަކަށް ދެމީހުންނަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. ވަކިން ޚާއްސަކޮށް އެތައް ފިކުރެއްގައި އުޅެމުން ދިޔަ ދާނިޝްއަށް އެކަންތަކަށް ފަރުވާ ކުޑަ ކުރެވޭ ގޮތްވިއެވެ.
ހިލްޔާއަށް އެކަން ފާހަގަވިއެވެ. އެހެންޏާ ހެދުންތައް ދޮވެ، ހެދުން ފަށްޖަހައި، ތަށިތައް ދޮވެ، ކުނި ބޭރަށް ގެންދަނީ ދާނިޝްއެވެ. އެކަންތަކަށްޓަކައި ދާނިޝްއަށް ބަރޯސާވެގެން ހުރެހުރެ އެ މަސައްކަތްތައް މަތިމައްޗަށް ޖެހެން ފެށުމުން އެންމެ ފަހުން ހިލްޔާ އެ މަސައްކަތްތައް ވެސް ކުރަން ފެށިއެވެ. މީގެ ސަބަބުން ހިލްޔާގެ ހިތުގައި ނުރުހުންތެރިކަމެއް އުފެދުނެވެ. އޭނަ ވެސް ގެއަށް އަންނަނީ ދާނިޝް ފަދައިން ވަރުބަލިވެފައި ހުރެއޭ ހިތަށް އަރަން ފެށިއެވެ. މި އިޙްސާސްތައް ދާނިޝް އާއި ޙިއްސާ ކުރަން ހިލްޔާ ނިންމިއެވެ. މިފަދަ އިޙްސާސްތައް ޙިއްސާ ނުކޮށް ގިނަ ދުވަސް ވާނަމަ ދެމެދުގައި ރުޅިވެރިކަން އުފެދުމަށް މަގުފަހިވާނެ ކަން އެނގުންވީތީވެއެވެ.
އެހެންކަމުން ހިލްޔާ އެ ވާހަކަ ޙިއްސާ ކުރަން ނިންމީ ހަފްތާ ބަންދު ދުވަހުގައެވެ. އެދުވަހު ހިލްޔާގެ ޑިއުޓީ ވެސް ނެތީތީވެއެވެ. ދެމީހުން ވެސް ހަމަޖެހިފައި ތިބޭ ދުވަހެއްގައި އެ ވާހަކައިގެ އެދެވޭ ނަތީޖާއެއް ނިކުތުން ގާތްކަމަށް ހިލްޔާ ދެކުނީތީވެއެވެ. އެހެނަސް…
“ހިލޫ އަހަރެން މިއަދު އޮފީހަށް ދާންޖެހޭ. މިއަދު ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ހުރީމަ…އިންޓަނޭޝަނަލް އިންވެސްޓާރސްއާ އެކީ މީޓިންގްއެއް ވެސް އެބައޮތް މި ގަޑީގަ. ހޯޕް ޔޫ އަންޑަސްޓޭންޑް.”
އެދުވަހު ހެނދުނު 7 ޖެހި ވަގުތު ހިލްޔާ ބަދިގޭގައި ނާސްތާ ތައްޔާރު ކުރަން ހުއްޓާ ދާނިޝް ކޯޓު ފަޓުލޫނު ލައިގެން އައިސް ބުންޏެވެ. އެހިނދު އުނދުން ނިވާލަމުން ދާނިޝްއާއި ދިމާލަށް އެނބުރިލީ ހިލްޔާގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ދާދި ދެންމެއަކު ނާސްތާގެ ތެރެއިން ދާނިޝްއާއި ވާހަކަ ދައްކައި ދެމީހުންގެ ގުޅުން ބަދަހިވެގެން ދާނެ ގޮތުގެ ޚިޔާލުތައް ކުރެވެމުން ދިޔައެވެ. އެހެނަސް ދާނިޝް އެ ބުނެލި ބަސްތަކުން އެ ޚިޔާލުތައް ވިއްސިވިހާލި ވެގެން ދިޔަހެން ހިތުގައި އޮތް ނުރުހުންތެރިކަން ވެސް އިތުރުވިއެވެ. އެ ނުރުހުންތެރިކަން މޫނުމަތިން ފާޅުވިކަން ވެސް ހިލްޔާއަށް އެނގުންވިއެވެ. އެހެނަސް އެކަމާމެދު ދާނިޝްއަށް ކުރެވޭނެ އިޙްސާސަކާމެދު އެވަގުތު އަޅާނުލެވުނެވެ. ވީ ނުރުހުންތެރިކަމުގައި ޝަކުވާ ކުރަން ވެސް ހިތަށް އެރިއެވެ. އެހެނަސް އެވަގުތު ހިމޭންކަން ޚިޔާރުކުރީ، ރުޅިވެރިކަމުގައި ހިމޭންކަން ޚިޔާރު ކުރުމަށް ރަސޫލާ ﷺ ދެއްވި ނަސޭޙަތް ހަނދާން ކުރަމުންނެވެ.
އެ ނަސޭޙަތުގެ މަތިން ހަނދާންވުމުން ހިލްޔާ ފުން ނޭވައެއް ދޫކުރިއެވެ. އަދި ދާނިޝްއަށް ބަލަން ހުރެ ދެ ފަހަރަކު ބޯޖަހާލިއެވެ. އެހިނދު ދާނިޝް ކުޑަމިނުން އޭނަދެކެ ލޯބިވާ ވާހަކަ ބުނެ އޭނަ ގައިގައި ބައްދާލާނެ ކަމަށް ހިލްޔާއަށް ހީކުރެވުނެވެ. އެހެނަސް އެފަދަ އެއްވެސް ކަމެއް ނެތި ދާނިޝް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުން ހިލްޔާގެ ހިތަށް އިތުރު ޒަޚަމެއް ލިބުނެވެ. ދެމީހުންގެ ގުޅުމަށް މި ވަނީ ކިހިނެއްތޯ އެވަގުތު ހިތަށް އެރިއެވެ.
“ޔާ ﷲ…” ހިތާހިތުން ﷲ އަށް ގޮވާލެވުނީ މިއީ ކޮން ކަހަލަ އިމްތިޙާނެއްތޯ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ސުވާލު ކުރެވޭ ޙާލުގައެވެ. މި ޙާލަތުގައި ﷲ އެންމެ ރުހިވޮޑިގެންވާނީ އޭނަ ކޮން ގޮތަކަށް ކަންތައް ކުރުމުންތޯ ވިސްނެން ފެށިއެވެ. އެހެނީ އޭނަގެ ޙަޔާތުގައި އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް މުހިއްމީ ﷲ ގެ ރުހިވޮޑިގަތުމެވެ.
އޭގެ މާ ގިނައިރެއް ނުވެ ހިލްޔާއަށް އޭގެ ޖަވާބު ލިބުނެވެ. މިވަގުތަށް އޮތީ ދުޢާ ކުރުން ކަމަށް ނިންމުނެވެ. އެއާއިއެކު ހިލްޔާއަށް އެ ހުރިތާ ހުރެވެސް ދުޢާ ކުރެވުނެވެ. އޭނައާއި ދާނިޝްގެ ދެމެދުގައި ލޯބި އަނބުރާ ގެނެސްދެއްވުމަށް އެދިއެވެ. އަދި މި އިމްތިޙާނުން ދެމީހުންނަށް ވެސް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދިއެވެ. ދުޢާ ކުރި ވަގުތު ވެސް ދާނިޝްއަށްޓަކައި ހިތުގައިވި ނުރުހުންތެރިކަން އުތުރި އަރަމުން ދިޔަ ވަގުތު ހިލްޔާ ދާނިޝްއަށްޓަކައި އިތުރަށް ދުޢާ ކުރިއެވެ. އޭގެ ސަބަބުން އަނެއްކާވެސް ދާނިޝްއާއިމެދު ހެޔޮކޮށް ވިސްނަން ހިތްވަރެއް ލިބުނެވެ. ދާނިޝް އެ ވަނީ އޭނަ ހީކުރާ ވަރަށް ވުރެ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށް ވެސް ވެދާނެނޫންތޯ ހިތަށްއެރިއެވެ.
ﷲ ރުހިވޮޑިގެންވާ ގޮތް ޚިޔާރު ކުރަން މަސައްކަތް ކުރުމުން އާދައިގެ މަތިން ހިލްޔާއަށް ހީކުރެވުނީ ރަނގަޅު ހީކުރުމެކެވެ. އެދުވަހުގެ އެވަގުތުގައި އޮފީހަށް ދާ ދަތުރުމަތީގައި ކާރު ތެރޭގައި އިންއިރު ދާނިޝް ގެ ހިތް ގެނބިފައިވިއެވެ. އޮފީހުގެ އެކިއެކި ފިކުރުތައް ސިކުނޑީގައި ހިނގަމުން ދިޔައިރު، ހިތް މާޔޫސްވެފައިވީ ހިލްޔާއާއި ވަކިވިއިރު ހިލްޔާގެ ނިތުގައި ބޮސް ނުދީ އާދެވުނީތީވެއެވެ. އޭނައަށް އައިސްފައިވާ މި ބަދަލު ޚުދު އޭނައަށް ވެސް ފާހަގަވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަންތައް ބަދަލު ކުރަން ދާނިޝް ބޭނުންވެއެވެ. ހިލްޔާ ގޭގެ ތެރޭގައި ބުރަކޮށް އުޅޭ މަންޒަރު ފެނިފައި އެހީވެދޭން ވެސް ބޭނުންވެއެވެ. އެހެނަސް އެ ޚިޔާލު ކުރާ ކޮންމެ ފަހަރަކު ކުންފުންޏަށްޓަކައި ކުރެވޭނެ ކޮންމެވެސް ކަމެއްގެ މަތިން ހަނދާންވެގެން ދެއެވެ. މި ނާޒުކު ޙާލަތުގައި އޭނަ އޮފީހުގެ މަސައްކަތެއް ނުކޮށް ހުންނަ ކޮންމެ ވަގުތަކީ ކުންފުންޏަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ޤަބޫލު ކުރެވިފައިވިއެވެ. ކުންފުންޏަށް ގޮތެއް ވެއްޖެނަމަ ހިލްޔާއާއި، ދެމީހުންގެ ގުޅުމަށް ވެސް ވާނީ ދެރައޭ ހިތައި ހުއްޓުމެއްނެތި ކުންފުނީގެ މަސައްކަތް ކުރެވެމުން ދެއެވެ. އެ ފިކުރުތައް މައިތިރި ކުރާނެ އެއްވެސް ގޮތެއް ދާނިޝްއަށް ވިސްނިފައި ނުވެއެވެ. އެ ފިކުރުތަކުގެ ސަބަބުން ޤުރުއާނާއި ސުންނަތް ނަމާދުތަކާއި ވެސް ދުރުވެފައިވިއެވެ. ހިލްޔާއަށް އަދާ ކުރަން ޖެހޭ ޙައްޤުތައް އަދާ ކުރުމުގައި ފަރުވާ ކުޑަވަމުން ދާ އެއް ސަބަބަކީ ނަމާދަށް ފަރުވާކުޑަ ވުން ކަން ދާނިޝްއަށް ރޭކާނުލައެވެ.
މުއުމިނު އަޅަކަށް ކުރިމަތިވާ މިފަދަ ޙާލަތްތަކުގެ ތެރެއިން ޝައިޠާނާ އެ އަޅަކު ހިދާޔަތުން ދުރުކުރަން މަސައްކަތް ކުރެއެވެ. ދާނިޝްއަށް ވަމުން ދިޔައީ އެކަހަލަ ގޮތެކެވެ. ކޮންމެ ދުވަހަކުވެސް ނަފްސު ހިސާބުކޮށް، ތިމާގެ އީމާންތެރިކަމަށްޓަކައި ކުރެވުނީ ކޮން ކަންތައްތަކެއް ކަމާއި، ނުކޮށް ދޫކޮށްލީ ކޮން ހެޔޮ ޢަމަލުތަކެއް ކަމާއި އެއީ ކީއްވެކަމާއިމެދު ވިސްނުން މުހިއްމުވަނީ މިހެންވެއެވެ.
މި ދަތި ޙާލަތުގައި ވެސް ﷲ ގެ ރުހިވޮޑިގަތުން އެދި ކެތްތެރިކަން އިސްކުރަމުން ދިޔަ ހިލްޔާއަށް އެފަދަ ގޮތަކަށް ވިސްނެމުން ދިޔައެވެ. އެދުވަހު ހެނދުނު ދާނިޝް ދިޔަ ފަހުން ނާސްތާ ކުރުމަށްފަހު ތާޒާ ވެލައިގެން ހިލްޔާ ޟުޙާ ނަމާދު ކުރިއެވެ. އަދި ނަމާދު ތެރެއިން ސަޖިދައިގައި އޭނަގެ ޙާލަތު ރަނގަޅު ކޮށްދެއްވުމަށާއި، އޭނައަކީ ﷲ ރުހިވޮޑިގެންވާ ފަދަ އަންބެއްކަމުގައި ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި ދާނިޝްއަކީ އެކަލާނގެ ރުހިވޮޑިގެންވާފަދަ ފިރިއެއްގެ ގޮތުގައި ލެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
އެ ނަމާދަށް ފަހު ހިލްޔާގެ ހިތަށް ވެރިވަމުން ދިޔަ ދާނިޝްގެ ޝަކުވާތަކަށް ހިތާހިތުން ރައްދު ދެވެން ފެށިއެވެ. ދާނިޝް އޭނަ ގާތު ލޯބިވާ ވާހަކަ ނުބުނާތާ ދުވަސްވެފައިވާނަމަ ޚުދު އޭނައަށް ވެސް އެ ބަސްތައް ނުބުނެވޭތާ ދުވަސް ވެއްޖެއޭ ހިތަށްއެރިއެވެ. ކެއުމުގެ ތެރެއިން ދިމާވާވުން ނޫންގޮތަކަށް ދާނިޝް އޭނައާއި އެކީ ވަގުތު ހޭދަ ނުކުރާނަމަ، ޚުދު އޭނަ ވެސް އެފަދައިން ވަގުތު ހޭދަ ކުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި މި ވާހަކަތައް ދާނިޝްއާއި ހަމައަށް ފޯރު ކޮށްދީފައެއް ވެސް ނުވެއެވެ. އެހެންކަމުން އުއްމީދު ކަނޑާލުމެއްނެތި އަނެއްކާވެސް ވަގުތެއް ހޯދައިގެން ދާނިޝް އާއި ވާހަކަ ދައްކަން ހިލްޔާ ނިންމިއެވެ.
އީމާންތެރިކަން ވަރުގަދަ މީހުންގެ އީމާންތެރިކަން ސާބިތުވުމަށް އިމްތިޙާން އިހުނަށްވުރެ ދަތިވެގެންދާ ގޮތްވެއެވެ. އެއީ އެ އަޅުންނަށް ދެވޭ ނިކަމެތިކަމެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު އެ އަޅުންގެ ދަރަޖަ މަތިވެރި ކުރެއްވުމަށެވެ.
ދާނިޝްއަށް އެދުވަހު ގެއަށް ދާން މިޞްރާބުޖެހޭ ގޮތްވީ އެދުވަހު ހަވީރު 4 ބޮޑުވި ފަހުންނެވެ. އެކަމާއިމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ޗުއްޓީ މި ދުވަހުގައި ވެސް ހިލްޔާއަށް ވަގުތެއް ނުދެވުނީތީވެއެވެ. އެހެނަސް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބިފައިވީ، ކުންފުނީގެ ޙާލަތު މިވަގުތު އޮތް ގޮތަށް އޮތްވާ ވެސް ނުހަނު ރަނގަޅު އިންވެސްޓަރަކާއި އެދުވަހު ގުޅުން ބަދަހިވެގެން ދިޔުމުންނެވެ.
ދާނިޝް ހިތުން ގެއަށް ދިޔައީ މި އުފާވެރި ޚަބަރު ހިލްޔާއާއި ޙިއްސާ ކުރާށެވެ. އުފާވެރި ޚަބަރަކުން އަނެއްކާވެސް ދެމީހުންގެ ގުޅުން ބަދަހިވެގެން ދާނެ ގޮތް ދާނިޝްއަށް ޚިޔާލު ކުރެވުނެވެ. އެރޭ މަސައްކަތުގެ ބަދަލުގައި ހިލްޔާއަށްޓަކައި ހުސްވެލަން ނިންމިއެވެ.
އެހެނަސް އެރޭ ގެއަށް ދިޔުމުން ފެނިގެން ދިޔައީ ދާނިޝްގެ އެ ހުރިހާ ޚިޔާލެއް ވިއްސިވިހާލި ކޮށްލި މަންޒަރެކެވެ. މިފަހުގެ އާދައިގެ މަތިން ދާނިޝް ގެއަށް ވަންއިރު ދޮރުމަތިން ހިލްޔާ ފެންނާކަށް ނެތެވެ. އެއީ ދާނިޝް އެގޮތަށް އެންގި ފަހުންނެވެ. ހިލްޔާ ގާތު ގަޑިއެއް ބުނުމަށްފަހު އެއަށްވުރެ މާ ލަހުން ވެސް އޭނައަށް އާދެވޭތީވެއެވެ.
އެދުވަހު ހުރިހާ ފިކުރެއް އެއްފަރާތް ކޮށްލުމަށްފަހު، ހިނިތުންވުމަކާއެކީ ގެއަށް ވަދެގެން ގޮސް ދާނިޝް ހިލްޔާ ފެންނަ ގޮތްވީ އެމީހުން ޙިއްސާ ކުރާ ކޮޓަރީގެ ދޮރުމަތިންނެވެ. ގޭގައި ލައި އުޅޭ ކަހަލަ އަތް ކުރު ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ މާ ޖެހި ހަރުވާޅެއް ލައިގެން ހުރި ހިލްޔާ ފެނިފައި ދާނިޝްގެ ހިނިތުންވުން ފުންވާން އުޅުނެވެ. އެހެނަސް އޭގެ ކުރިން ފާހަގަވި ކަމަކުން އެ ހިނިތުންވުން ފިލައިދިޔައެވެ. ހިލްޔާގެ ކަނާތް އަތުގައި މުޅިންހެން ވީ ބެންޑޭޖް އެޅިފައެވެ. އިސާހިތަކު ދާނިޝްއަށް ހިލްޔާގެ ގާތަށް ޖެހިލެވުނެވެ.
“ކިހިނެއްތަވީ ލޯބިކޮޅު؟ މި…” ދާނިޝްއަށް ހިލްޔާގެ އަތުގައި ހިފައި ހިއްލަމުން އަހާލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އަތްތިލައާއި ދިމާލުން ބެންޑޭޖުގައި ލޭ ހުރި މަންޒަރު ފެނިފައި ހިތް ގެނބިގެން ދިޔަ ގޮތުން އިތުރު ވާހަކައެއް ދައްކާނެ ވަރެއް ނުލިބުނެވެ.
“އެއީ….އެދުވަހު ގަތް ސްލައިސާރ އޮޕަރޭޓް ކުރަން އުޅުމުގެ ތެރޭގަ ހާދިސާއެއް ހިނގީ. ހެހެ….އެއްވެސް ކަމެއް ނޫން އޯކޭވާނެ. ފަސްޓް އެއިޑް ހަދާފަ މިހިރީ…” ދާނިޝްގެ މޫނުމަތިން ކަންބޮޑުވުން ފެނިފައި ހިލްޔާ ސަމާސާ ރާގެއް އެޅުވިއެވެ. ޙަޤީޤަތުގައި އަތް ކެނޑިގެން ދިޔަ ވަގުތު އޭނަ ބިރުގަނެ، ދެރަވިއެވެ. ދާނިޝް ގާތު އެ ވާހަކަ ބުނަން އުޅެފައި ވެސް ޚިޔާލު ބަދަލުކުރެވުނެވެ. މިފަހުން އައިސް އަބަދު މަސައްކަތަށް ސަމާލުކަން ދޭ ދާނިޝްއަށް މި ވާނީ ‘ކުޑަ’ ކަމެއް ކަމަށް ހީކުރެވުނެވެ. އެ ނުބައި ހީކުރުމާއިއެކު ދާނިޝް އާއިމެދު ހިތްހަމަނުޖެހިފައިވިއެވެ.
“ފަސްޓް އެއިޑް…މިހާވަރުވީމަ ގުޅާލަންވާނެއެއްނު ހިލޫ؟ ބެންޑޭޖް ބަދަލު ކުރަންވެފަ ދޯ މިހިރީ މިހާރު؟” ދާނިޝް ދެންވެސް އެ އަތަށް ބަލަމުން ކަންބޮޑުވުމަކާއެކީ އެހިއެވެ. ދާނިޝްގެ އެ ބަސްތަކުން ހިލްޔާ އިތުރަށް ނުރުހުންވާ ގޮތްވިއެވެ. ކުރިން ދާނިޝް އޮފީހުގައި ހުރެ އޭނައަށް ގުޅާހެން ގުޅައި ހަދާނަމަ މި ޚަބަރު ލިބުނީސް ނޫންތޯ ހިތާހިތުން ކިޔާލެވުނެވެ. އެހެނަސް ހިލްޔާ އެ ބަސްތައް ދުލާއި ހަމައަށް ނުގެނައީ، އެ ބަސްތައް އެވަގުތު ނިކުންނާނީ ނުރުހުންތެރިކަމާއި އެކީކަން ޔަޤީންވުމުންނެވެ.
“ބަދަލުކުރަންވީ އާނ….” ހިލްޔާ ބުންޏެވެ.
“އާދޭ…” ދާނިޝް ހިލްޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
އެހިނދު ހިލްޔާގެ މޭގައި ފިރުމާލެވުނުހެން ހިލްޔާއަށް އިޙްސާސް ކުރެވުނެވެ. ދާދި ދެންމެއަކު ދާނިޝްއާއިމެދު އުފެދުނު ނުރުހުންތެރިކަމުގެ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނެވެ. އަދި މިއަދު އަތް ކެނޑުނު އިރު ދާނިޝް ނެތީތީ ހިތުގައި އުފެދުނު ޝަކުވާ ވެސް ފޭދެން ފެށިއެވެ. ވަކިން ޚާއްސަކޮށް ދާނިޝް އޭނަ ގޮވައިގެން ގޮސް ސިޓިންގް ރޫމުގައި ސޯފާގައި ބައިންދައިގެން އިނދެ އަތުގެ ބެންޑޭޖް ބަދަލު ކޮށްދިން ގޮތުންނެވެ. ދާނިޝްގެ އެ ގާތްކަން އެންމެ ފަހުން އިޙްސާސް ކުރެވުނު ދުވަހެއް ހިލްޔާގެ ހަނދާނަށް ނާދެއެވެ. މިއީ އަދިވެސް އޭނަދެކެ ލޯބިވާ، އޭނަ ލޯބިން ގެންގުޅޭ ފިރިމީހާތާއޭ އެވަގުތު ހިތަށްއެރިއެވެ.
ހިލްޔާއަށް އެކަން އިޙްސާސް ކުރެވުނީ ހަމައެކަނި އެވަގުތު ކަމަށްވިޔަސް، ޙަޤީޤަތަކީ ދާނިޝްއަކީ އަބަދުވެސް އޭނަދެކެ ލޯބިވާ ފިރިމީހާ ކަމެވެ. ދާނިޝްގެ ނަޒަރުން މިއަދު މި ދިމާވެފައިވާ ޙާލަތުގައި ހިލްޔާއަށްޓަކައި ލޯބިން ކުރެވެން އޮތް ކަމަކީ ދެމީހުންގެ މުސްތަޤްބަލު އުޖާލާ ކުރަން މަސައްކަތް ކުރުމެވެ. އެ މަސައްކަތް ހިލްޔާގެ ނަޒަރުގައި ލޯބީގެ ގޮތުގައި ތަރުޖަމާ ނުވާ ކަމެއް ދާނިޝްއަށް ރޭކާ ނުލައެވެ.
ނުނިމޭ

October 14, 2026 @ 4:31 pm
Salaam readers! We are very close to the end of the story. There is only one big thing to happen and it will be the end In Sha Allah.
I really intended this episode to be longer but couldn’t bring myself to do it. Too tired and sleepy lol. The next few scenes will cover some very deep lessons and I really wanted to be in my senses when I write them bi iznillah.
Also readers, please note that I will only be able to upload the upcoming episodes starting from 10th November bi iznillah. My block classes are about to start and have studies to catch up on. While juggling work, as always. Do remember me in your duas, I will remember you in mine In Sha Allah
May Allah put barakah in our time and always allow us to do deeds He is pleased with. Aameen!