އީމާންތެރިކަމުން ޑިޕްރެޝަންއާއި އެންޒައިޓީއަށް ލުޔެއް ލިބެނީ ކިހިނެއް؟
މީގެ ދުވަސްކޮޅެއް ކުރިން މަޢުލޫމާތުދޭ ސެޝަނެއްގައި އިށީނީމެވެ. އެ ސެޝަނަކީ ނަފްސާނީ ބަލިތަކާއި ގުޅޭ ގޮތުން ބޭއްވިގެން ދިޔަ ސެޝަނެކެވެ. ސެޝަންގެ ތެރެއިން އެކިއެކި ނަފްސާނީ ބަލިތަކާއި ބެހޭ ވާހަކަތައް ދެކެވި އޭގެއިން ކޮންމެ ބައްޔަކުން މީހަކަށް އަސަރުކުރާނެ ގޮތްތައް ކިޔައިދެވުނެވެ. އަދި ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ސިކުނޑިއަށް ވެރިވާނެ ޚިޔާލުތައް ވެސް ކިޔައިދެވުނެވެ.
އެ ހުރިހާ ވާހަކައެއް އަޑުއަހައި ނިމުނުއިރު އަޅުގަނޑު ވަރަށް ޙައިރާންވިއެވެ. އެހެނީ އެ ބަލިތައް ޖެހިފައިވާ މީހުންގެ ސިކުނޑިއަށް ވެރިވާ ޚިޔާލުތަކަކީ ޚުދު އަޅުގަނޑުގެ ޚިޔާލުތަކުގައި ވެސް ދޭތެރެދޭތެރެއިން ދައުރުވާ ކަންތައްތަކަށް ވުމުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ބަލިތައް ޖެހިފައި ހުންނަ މީހުންގެ ކިބައިން ފެންނަ އުޅުމެއް އަޅުގަނޑުގެ ކިބައިން އަޅުގަނޑަށް ފާހަގައެއް ނުވުމުންނެވެ. އެ ނޭދެވޭ ޚިޔާލުތަކާއި އެކީގައިވެސް އަޅުގަނޑަށް ކޮންމެ ޙާލަތެއްގައިވާ ރަނގަޅު ކަންތައްތައް ފާހަގަކުރެވެއެވެ. އެއްވެސް ކަމަކާމެދު ގޯސްކޮށް ދެކުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާހިތްވާ ކަމެއް ނޫނެވެ. މީހަކު އެއްވެސް ކަމަކާމެދު އެއީ ނުވާނެ ކަމެކޭ ބުނާ ބުނުމަކީ އަޅުގަނޑު ނުރުހުންވާ ކަންތައްތަކެވެ.
އަޅުގަނޑު ވިސްނީމެވެ. އެފަދަ ނޭދެވޭ ޚިޔާލުތައް އަޅުގަނޑަށް ކުރެވޭއިރުވެސް އަޅުގަނޑުގެ އުޅުމަށް އޭގެ އަސަރު ނުކުރަނީ ކީއްވެކަމާއި މެދުގައެވެ. އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔައީ، ނޭދެވޭ ޚިޔާލެއް އަޅުގަނޑަށް ކުރެވޭއިރަށް އަޅުގަނޑުގެ ހަނދާނަށް އަންނަ ބަސްތައް ހަނދާންވެގެން ދިޔުމުންނެވެ.
حَسْبُنَا اللّه وَ نِعْمَ الْوَكِيْل
“ﷲ އަޅަމެންނަށް ފުދިގެންވެއެވެ. އަދި އެންމެ މޮޅު ވަކީލަކީ (ވަކީލު ކުރެވޭނެ ފަރާތަކީ) އެކަލާނގެއެވެ.”
އެ ވާގޮތް ވިސްނިގެން ދިޔައީ އެހާ ހިސާބުންނެވެ. އަޅުގަނޑަށް ﷲ ފުދިގެންވާކަން ހަނދާންވަނީއެވެ. ޙަޔާތުގައި ކޮންމެފަދަ ކަމެއް ދިމާވިޔަސް، ކޮންމެ އެއްޗެއް ގެއްލުނަސް، ކޮންމެފަދަ ޙާލަތެއް ދިމާވިޔަސް އަޅުގަނޑާއެކީ ﷲ ވޮޑިގެންވެއެވެ. ކޮންމެ ކަމަކާމެދު ބިރުގަތަސް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމުން އެކަލާނގެ އަޅުގަނޑު ރައްކާތެރި ކޮށްދެއްވާނެއެވެ. އެއްވެސް ސަލާމަތެއް ނެތްހެން ހީވާ ޙާލަތްތަކުގައި ވެސް ﷲ އަށް އަޅުގަނޑު ރައްކާތެރި ކުރެވޭނެއެވެ. އަޅުގަނޑުގެ ހިތުތެރޭގައިވި ޒަޚަމްތައް ކިތަންމެ ފުންހެން އަޅުގަނޑަށް ހީވިޔަސް އަޅުގަނޑު ﷲ މަތިން ހަނދުމަކުރުމުން އެކަލާނގެ އެ ޒަޚަމްތަކަށް ޝިފާ ދެއްވާނެއެވެ. އެކަލާނގެއަށް އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލު ކޮށްދެވިދާނެއެވެ. އަދި އަޅުގަނޑުދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ވެސް އެއީއެވެ. އެހެންކަމުން ކަމަކަށް ބޭނުންވުމުން އަޅުގަނޑު ކުރަންޖެހޭހާވެސް ކަމަކީ އެކަލާނގެ ޙަޟްރަތުން އެދުމެވެ. ޙަޔާތުގައި ދިމާވާ ދެރަ ކަމެއް ދިމާވަނީ ކީއްވެކަން އަޅުގަނޑަށް ދޭހަ ނުކުރެވުނަސް އަޅުގަނޑަށް ދެވޭނީ ރަނގަޅު މިޞްރާބަކަށްކަން އަޅުގަނޑަށް ޔަޤީންކުރެވެއެވެ. އެންމެ މޮޅު ރޭވުންތެރިއަކީ ހަމައެކަނި ﷲ ކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީވެއެވެ. ނޭދެވޭ ޚިޔާލުތަކުގެ ނުބައި އަސަރުތަކުން އަޅުގަނޑު ކޮންމެ ފަހަރަކު ސަލާމަތްވެގެން ދަނީ މި ޚިޔާލުތަކުންނެވެ.
މިއަދުގެ ސައިކޮލޮޖީގެ ދުނިޔޭގައި މަޝްހޫރު ތެރަޕީއެއްކަމުގައިވާ ކޮގްނިޓިވް ބިހޭވިއާރ ތެރަޕީ (ސީބީޓީ) ވެސް މަސައްކަތް ކުރަނީ މިފަދަ ގޮތަކަށެވެ. މި ތެރަޕީ ބުރަވެފައިވާ ތިއަރީ ބުނާ ގޮތުން އިންސާނާއަށް އިޙްސާސް ކުރެވޭނީ އޭނަ އެންމެ ގިނައިން ވިސްނާ ވިސްނުންތަކާއި އެއްގޮތަކަށެވެ. އަދި އޭނަގެ އުޅުން ހުންނާނީ އޭނަގެ އިޙްސާސްތަކާއި އެއްގޮތަކަށެވެ. އެހެންކަމުން މި ތެރަޕީގައި ބަލިމީހާގެ ނޭދެވޭ ޚިޔާލުތަކާއި ވިސްނުންތައް ބަދަލުކުރަން މަސައްކަތް ކުރެވެއެވެ. އޭގެ ސަބަބުން އޭނަގެ އިޙްސާސްތަކަށް ބަދަލު އައިސް އޭނަގެ އުޅުން ބަދަލުކުރުމުގެ އުއްމީދުގައެވެ.
އީމާންކަމަކީ ﷲ އަޅުގަނޑުމެންނަށް ދެއްވި ކިހާ ބޮޑު ނިޢުމަތެއްކަން ތިބާއަށް މިހާރު އިޙްސާސް ކުރެވޭ ހެއްޔެވެ؟
ނޯޓް: އަޅުގަނޑުމެންނަށް ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކުގެ ޝިފާއަކީ ހަމައެކަނި އީމާންތެރިކަން ކަމަށް އަޅުގަނޑު އެއްގޮތަކަށް ވެސް ނުބުނާނަމެވެ. އެ ޝިފާ ހޯދުމަށްޓަކައި އަޅުގަނޑުމެން ޖެހޭނީ އެހެން މީހުން އެހެންނޫނީ ބައެއްފަހަރު ނަފްސާނީ މާހިރެއްގެ އެހީގައި ހިތްދަތި އިޙްސާސްތަކާއި ކުރިމަތިލާށެވެ. އެހެނަސް އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކޮށްފިނަމަ އެ ފަދައިން އެ އިޙްސާސްތަކާއި ކުރިމަތިލައި ޝިފާ ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ. (އިން ޝާ ﷲ) މާތް ﷲ އަޅަމެންގެ ތެރެއިން ނަފްސާނީ ގޮތުން އެއްވެސް ބަލިކަށިކަމެއް ހުރި ހުރިހާ އަޚުންނާއި އުޚްތުންނަށް އެހީވެދެއްވާށި! އާމީން!