ދާރިސް (ދެވަނަ ބައި)
“ސަލާމް ސާރ….އަޅުގަނޑަށް ހަމަ ދެންމެ މި އާދެވުނީ. މި އަންނަނީ އިނގޭތޯ؟” ހިބާއަށް އެހެން ބުނެވުނީ އޮފީހުގެ ފާރުގައި ހުރި ގަޑިއަށް ބަލައިލަމުންނެވެ.
“އާނ ހިބާ. ދާދި ދެންމެއަކުއޭ އެ ބެލެނިވެރިޔާ މި ދުރުވީވެސް. އަވަހަށް އާދޭ ސާރގެ އޮފީހަށް.” ސްކޫލްގެ ޕްރިންސިޕަލް ކަމަށްވާ ނަޒީރު ދެންނެވިއެވެ. އެއާއެކު ހިބާ އާދެއޭ ބުނަމުން ފޯނު ކަނޑައިލިއެވެ. އަދި މަޑުކުރުމެއްނެތި ކުރިއަށް ހިނގައިގަތީ އޮފީހުގެ އެތެރެ ބައިގައި ހުރި ޕްރިންސިޕަލް އޮފީހަށް ދިޔުމަށެވެ. މިއަދު އޭނަ އަވަހަށް އަންނަން ޖެހުނީ މިކަމަށްޓަކައެވެ. ސްކޫލަށް ވަންނަން އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ އާ ކުއްޖަކު އޭނަގެ ކުލާހަށް ވައްދަން އުޅޭތީ އެ ކުއްޖާގެ ބެލެނިވެރިޔާއާއި ބައްދަލުކުރުމަށެވެ.
އަވަސް ހިނގުމެއްގައި ހިބާ ހިނގާފައި ގޮސް ޕްރިންސިޕަލް އޮފީހުގެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. ދޮރުގައި ހުރި ބިއްލޫރިގަނޑުން އޮފީސް ތެރެއިން ޕްރިންސިޕަލް ވާހަކަ ދައްކަމުން ދިޔަ މަންޒަރު ހިބާއަށް ފެނުނެވެ. އެތަން ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލަމުން ހިބާ ދޮރު ހުޅުވައި ސަލާމް ގޮވައިލިއެވެ.
“ވަޢަލައިކުމުއްސަލާމް ހިބާ. އަވަހަށް ވަދޭ…މި ހުންނެވީ މާޒިންއަށްޓަކައި އަޅުގަނޑުމެން ހަމަޖެއްސި ކުލާސް ޓީޗާރ…ހިބާ އާދަމް. ހިބާ، މިއީ މާޒިންގެ މަންމަ މުނީރާ…” ޕްރިންސިޕަލް ހިބާއަށް އިށީނދެވުމުގެ ކުރިން ވެސް ހިބާއަށް އެ ބެލެނިވެރިޔާ ތަޢާރަފުކުރިއެވެ. ޕްރިންސިޕަލް ވާހަކަ ދައްކަން ފެށުމުން ހިބާ އެތާ ސޯފާގައި އިން އަންހެން މީހާއަށް ބަލައިލި ހިނދު އެ އަންހެން މީހާވެސް އޭނައަށް ބަލައިލިއެވެ.
ބަލާ ބެލުމަށް އެ އަންހެން މީހާ ވައްތަރުވީ މެދު ޢުމުރުގެ އަންހެނަކާއިއެވެ. ކަޅުކުލައިގެ ދިގު ހެދުމަކާއެކު ޝޯލް އަޅައިގެން އިންއިރު އުނގުމަތީގައި އަތް ދަބަހެއް އޮތް ގޮތުން އޮފީހަކަށް ދާން ތައްޔާރުވެގެން އިންހެން ހީވެއެވެ. މޫނުމަތި މިލައިގެން ގޮސް ލޯ ދުޅަވެފައިވި ގޮތުން ދާދި ދެންމެއަކު ވެސް އެ މީހާއަށް ރޮވިފައިވީ ކަމަށް ހިބާއަށް ޤަބޫލުކުރެވުނެވެ. އޭނަ ހިނިތުންވުމެއް ހަދިޔާ ކުރުމުން އެ އަންހެން މީހާ ހިނިތުންވެލީ ހިނދު އެ ލޮލާއި ހަމައަށް ހިނިތުންވުން ނުފޯރި ގޮތުން އެކަން ޔަޤީންވާ ގޮތްވިއެވެ. ހަމަ އެއާއެކު ހިބާ އެތާ ވަކިން ހުރި ސޯފާގައި އިށީނީ އެ ބެލެނިވެރިޔާއާއި ވާހަކަ ދައްކާއިރު ނުހަނު ފަރުވާތެރިވުމަށް ނިންމަމުންނެވެ.
“މާޒިންއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އަޅުގަނޑުވާނީ ހިބާއަށް ކިޔައިދީފަ. އެކަމަކުވެސް މާޒިން މަންމަ އަޅުގަނޑުމެންނަށް ކިޔައިދެއްވަން ބޭނުންވާ ތަފްސީލުތަކެއް ހުރިއްޔާ ހަމަ ކިޔައިދެއްވަންވީ….” ޕްރިންސިޕަލް ބުންޏެވެ.
އެއާއެކު މުނީރާ ފުން ނޭވައެއް އެތެރެއަށްލީ ހުރިހާ ހިތްވަރެއް އެއްކުރަން އުޅޭ ފަދައަކުންނެވެ. އެއަށްފަހު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަ ފެށިއެވެ.
“މާޒިން މި ބަލި ހުންނަކަން އެނގުނު ދުވަހަކީ އަޅުގަނޑުގެ ޙަޔާތުގައި ވެސް އައި އެންމެ ހިތާމަވެރި ދުވަސްތަކުގެ ތެރެއިން އެއްދުވަސް….އަނެއްކާވެސް އެފަދަ އިމްތިޙާނަކާއި ކުރިމަތިލާން ޖެހުނީމަ ބިރުގަތް. ވަރަށް ކަންބޮޑުވި މާޒިންގެ މުސްތަޤްބަލާއިމެދު. އެ ކަންބޮޑުވުމާހެދި އަޅުގަނޑު މާޒިން ހަ އަހަރު ވަންދެން ސްކޫލަކަށް ވެސް އަދި އެހެން ތަނަކަށް ވެސް ނުފޮނުވަން.” މުނީރާ އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ.
ދެއްކި ދެއްކިހެން ހިބާއަށް އެ ވާހަކަތަކާއިމެދު ވިސްނުނެވެ. އޯޓިޒަމް ހުންނަ ކުއްޖަކާއިމެދު ކަންބޮޑުވެގެން އެކުއްޖާ ސްކޫލަށް ނުފޮނުވާ ހުރި ބެލެނިވެރިއެއްގެ ވާހަކަ އޭނައަށް މި އިވުނީ ފުރަތަމަ ފަހަރަށެވެ. އޭގެ ފަހަތުގައިވާނީ ކޮން ސަބަބެއްތޯ ހިބާގެ ހިތަށްއެރިއެވެ. ‘އަނެއްކާވެސް’ އެފަދަ އިމްތިޙާނެއް ކުރިމަތިވީއޭ ބުނި ބުނުމުން އެ ބެލެނިވެރިޔާ ހިއްސާކުރަން ބޭނުންނުވާ ސިއްރުތަކެއް ހުރިހެން ހީވިއެވެ.
“އެކަމަކު ވަކި ހިސާބަކުން އެކުވެރިންނާއި ޢާއިލާއިން ވެސް ކިޔުނު ވަރުން މާލޭގަ ހުރިއިރު މާލޭގެ ސްކޫލަކަށްލީ. އެތާނގަ ވެސް މާޒިން ކިޔަވާފަ ހުންނާނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާސްތަކުގަ. މިހާ ތަނަށް އައިއިރު މާޒިންގެ ވަރަށް ގިނަ މުދައްރިސުން އެދުނު މާޒިން ނޯމަލް ކްލާހަކަށް ބަދަލުކުރުމަށް. މާޒިންގެ އެ ފެންވަރު ހުރިކަމަށް މުދައްރިސުން ބުނި. އެކަމަކު އަޅުގަނޑު އެގޮތް ބޭނުމެއްނުވީ….” މުނީރާ ދެންވެސް އިންގޮތަށް އިނދެ ކިޔައިދިނެވެ.
އެ ވާހަކަތައް އިވިފައިވެސް ހިބާގެ ދެބުމަ ކައިރިވީ ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން އާދައިގެ ކުލާހެއްގައި ކިޔަވާހާ ފެންވަރު ހުރުމަކީ އެ ފަދަ ކުދިންގެ ބެލެނިވެރިންނަށް ލިބޭނެ އުފަލެކެވެ. އެހެނަސް މި ބެލެނިވެރިޔާ އޭނަގެ ދަރިފުޅު އެ ފުރުޞަތުން މަޙްރޫމްކޮށްފައި އެވަނީ ކީއްވެތޯ ހިތަށްއެރިއެވެ.
“އަޅުގަނޑު މާލެއިން މިކޮޅަށް މި ބަދަލުވީ އެހެން ގޮތެއް ނެތިގެން. މިކޮޅަށް އައިއްސަ މާޒިން ސްކޫލަކަށް ލާން ޖެހިލުންވެސްވޭ. އެކަމަކު މިތާނގަ އުޅޭ މުދައްރިސުންގެ ވާހަކަ އެހެން މީހެއްގެ ފަރާތުން އިވިފަ ހިތަށްއެރީ މިއީ ރަނގަޅު ނިންމުމަކަށް ވެދާނެއޭ….” މުނީރާ އެ ފަހު ބަސްތައް ބުނެލީ އިސްއުފުލައިލަމުން ހިބާއަށް ބަލައިލަމުންނެވެ. އެ ހިނދު އެ ތުންފަތްމަތީގައިވި ލުއި ހިނިތުންވުމުން ލިބުނު ޙައިރާންކަމާއެކީ ހިބާގެ ދެބުމަ ކައިރިވިއެވެ. ހިނދުކޮޅަކަށް ނަމަވެސް މިއީ އޭނަ ދަންނަ މީހެއްތޯ ހިތަށްއެރިއެވެ.
“ތި ހީކުރެވުނީ ހަމަ ރަނގަޅަށް….މިއީ ރާއްޖެތެރޭގެ ކުޑަ ރަށަކަށް ވިޔަސް މި ސްކޫލްގަ އުޅެނީ ނުހަނު ތަޢުލީމީ ފެންވަރު ރަނގަޅު އަދި ގިނަ ތަމްރީންތައް ލިބިފައިވާ މުދައްރިސުން. ވަކިން ޚާއްޞަކޮށް މާޒިންގެ ކުލާސް ޓީޗަރަކަށް އަޅުގަނޑުމެން ކަނޑައެޅި މި މުދައްރިސަކީ ވަރަށް ފަހުން މާސްޓާސް ނިންމާފަހުރި މުދައްރިސެއް. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ މައްޗަށް ބިނާކޮށް ގިނަ ދިރާސާތަކެއް ވެސް ހަދާފަ ހުރި މުދައްރިސެއް. އަޅުގަނޑު ނުދަންނަވާނަން ހިބާ މާޒިން ބަލަހައްޓާ ގޮތް މާލޭގެ ސްކޫލަކުން ބަލަހައްޓާ ފެންވަރަށްވުރެ ދަށްވާނެއެކޭ. އެހެއްނު ހިބާ؟” ޕްރިންސިޕަލް ހިނިތުންވުމަކާއެކީ ހިބާއާއި މުޚާތަބު ކުރިއެވެ. އެއާއެކު ހިބާ އެއްފަހަރު ޕްރިންސިޕަލަށް އަނެއްފަހަރު މުނީރާއަށް ބަލައިލަމުން ހިނިތުންވުމެއް ދައްކައިލިއެވެ.
“އަޅުގަނޑަށް ވީ އެންމެ ފުރިހަމައަށް މާޒިންގެ ކުރިއެރުމަށްޓަކައި މަސައްކަތް ކޮށްދޭނަން އިނގޭތޯ؟ ވަރަށް ފަހުންތޯ މިކޮޅަށް ތި ދުރުވީ؟” ހިބާ ސުވާލުކުރިއެވެ.
“މިހާރު 2 ހަފްތާ ވަރު ވެދާނެ މިކޮޅުގަ…”
“އެހެންކަމަށްވާނަމަ މިކޮޅުގެ މާޙައުލަށް ފުދޭވަރަކަށް އާދަވެފަ ކަންނޭނގެ ދޯ ހުންނާނީ؟ އެކަމަކު ވެސް އަޅުގަނޑު ދަންނަވާނީ ސްކޫލަށް ގެނައުމުގެ ކުރިން މާޒިން ސްކޫލަށް ދާން މެންޓަލީ ޕްރިޕެއާރ ކޮށްދޭށޭ. އޯޓިޒަމް ކުދިންނަކީ ޢާއްމު ގޮތެއްގަ ދުވަހުގެ އާދަކާދައަށް ބޮޑު ބަދަލެއް އައިމަ އުޅުމަށް ވެސް ބަދަލުތަކެއް އަންނަ ކުދިންނަށް ވާތީ އަޅުގަނޑު މިހެން މި ދެންނެވީ…” ހިބާ ބުންޏެވެ. މުނީރާ ހިބާއަށް ބަލަން އިނދެފައި ބޯޖަހައިލިއެވެ.
“ލައްބަ އަޅުގަނޑަށް ވެސް އެނގޭ. އެހެންވެ މިހާރުއްސުރެ ވެސް ސްކޫލްގެ ވާހަކަތައް ދައްކަން ފަށާފަ ހުރީ. މާޒިންއަކީ ވަރަށް ބަސް މަދު ކުއްޖަކަށް ވީމަ ހިތްހަމަނުޖެހުނަސް ދުލުން ދެކޮޅެއް ނަހަދާ. އަޅުގަނޑަށް ހީވަނީ މާދަމާ އެހެންނޫނީ މާދަން ނޫން އަނެއްދުވަހު ގެނައިމަ ރަނގަޅުވާނެހެން…” މުނީރާ ބުންޏެވެ. ހިބާ އެ ވާހަކައަށް ހިނިތުންވުމަކާއެކީ ބޯޖަހައިލިއެވެ.
އެހާ ހިސާބުން އެ ބައްދަލުވުން ނިމުމަކަށް އައެވެ. މުނީރާ ސޯފާއިން ތެދުވެލުމުން ހިބާ ވެސް ތެދުވުނެވެ. މުނީރާ ޕްރިންސިޕަލަށާއި ހިބާއަށް ޝުކުރު އަދާކުރަމުން އޮފީހުން ނިކުންނަން ދިމާކުރިއެވެ. ހިބާވެސް އެ ވަގުތު ކުލާހަށް ވަންނަން ޖެހޭ ގަޑި ކައިރި ވަމުން ދިޔައީތީ މުނީރާގެ ފަހަތުން ކަހަލަ ގޮތަކަށް އޮފީހުން ނިކުމެގެން ދިޔައެވެ.
ހިބާ ކޮރިޑޯގެ ތެރެއިން މުނީރާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގާފައި ދިޔައީ ވަކި ދެންމެ އެދެމެދުގައި ހިނގި ބައްދަލުވުމާއިމެދު މާ ބޮޑު ވިސްނުމެއް ނެތިއެވެ. އޭގެ ބަދަލުގައި އާދައިގެ މަތިން ހިބާއަށް ވިސްނެމުން ދިޔައީ އޭނަ އެދުވަހު ނަގަން ރާވާފައިވާ ފިލާވަޅުތަކާއި އެ ފިލާވަޅުތަކަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި މެދުގައެވެ. އެކަންތައް ޔަޤީންކުރުމުގެ ގޮތުން ފޯނު ހުޅުވައި އެޕެއްގެ ޒަރިއްޔާއިން އޭނަގެ އެދުވަހުގެ ޓައިމް ޓޭބަލަށް ބަލަމުން ކުރިއަށް ހިނގަމުން ދިޔައެވެ.
މުނީރާއަށް ވަކި ސަމާލުކަމެއް ދިނުމެއްނެތި ކުރިއަށް ދަމުން ދިޔަ ހިބާއަށް ނޭނގުނު ކަމަކީ މުނީރާ ދޭތެރެ ދޭތެރެއިން ފަހަތަށް ނަޒަރުތަކެއް ދެމުން ދިޔަކަމެވެ. އެންމެ ފަހުން ސްކޫލްގެ ގޭޓާއި ދިމާލަށް ދެވުނު ތަނާހެން މުނީރާ ކޮރިޑޯގެ ތެރެއިން ސްކޫލްގެ ގޯތިތެރެއަށް ނިކުތްކަމެއް ވެސް ހިބާއަށް ރޭކާނުލިއެވެ. އެކަން އެނގުންވާ ގޮތްވީ މުނީރާގެ އަޑު އެއްފަރާތަކުން އިވިގެން ދިޔުމުންނެވެ.
“ހިބާ….” އޭނަގެ ނަމުން ގޮވާލި އަޑަށް ހިބާއަށް ފިޔަވަޅުތައް މަޑުޖައްސާލަމުން އެއްފަރާތަކަށް ނަޒަރެއް ދެވުނެވެ. އެހިނދު ކޮރިޑޯއާއި މާ ދުރު ނޫން ހިސާބެއްގެ މަޑުކޮށްގެން އޭނައަށް ބަލަން ހުރި މުނީރާ ފެނުނެވެ.
“ލައްބަ!” މުނީރާ އިތުރު ވާހަކައެއް ދައްކަން އޮތިއްޔޭ ހިތާ ހިބާ ޖަވާބު ދިނެވެ.
“ތިއީ ޝަހީދުގެ ދޮށީ އަންހެން ދަރިފުޅުދޯ؟” މުނީރާ ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އުއްމީދު ނުކުރާ ކަހަލަ ސުވާލެއް ކުރިމަތިވުމުން ލިބުނު ޙައިރާންކަމާއެކީ ހިބާގެ ދެބުމަ ކައިރިވިއެވެ.
“ލައްބަ….” ހިބާއަށް އެހެން ބުނެލެވުނީ އިހުނަށްވުރެ ލުއި އަޑަކުންނެވެ.
“ބަލާފަވެސް އެނގިއްޖެޔޭ. ވާހަކަ ދެއްކި ގޮތުން އިތުރަށް ޔަޤީންވީ….ހަމަ ޝަހީދުގެ ތޫނުފިލިކަން ތި ކަނބުލޮއަށް ވެސް ލިބިފަ ތިހިރީ….ހިތްވަރާއެކީ ހުއްޓުމެއްނެތި އަބަދުވެސް މަސައްކަތް ކުރައްޗޭ. އިން ޝާ ﷲ އޭރުން ކަނބުލޮއަށް ހައްގުވާ ދިރިއުޅުން ކަނބުލޮއަށް ލިބޭނެ.” މުނީރާ ބުނެލިއެވެ.
އެ ފަހު ބަސްތައް އިވިގެން ދިޔުމާއެކު ހިބާ ހުއްޓުން އަރާ ގޮތްވިއެވެ. އެއީ އެ ބަސްތަކަކީ ބައްޕަ ދުނިޔޭގައި ހުރިއިރު ތަކުރާރުކޮށް އޭނަ ގާތު ބުނެފައިވާ ބަސްތަކަކަށް ވާތީވެއެވެ. ކުޑައިރު ހިބާއަށް ހީވެފައިވާ ގޮތުން އޭނައަށް ‘ހައްގުވާ’ ދިރިއުޅުމަކީ ބައްޕަ ފަދައިން ރަނގަޅު އަދި މާނަ ހުރި ވަޒީފާއަކަށް ގޮސް އުފަލުގައި އުޅުމެވެ. އެހެންކަމުން މިއަދާއި ހަމައަށް އައިއިރު އޭނައަށް ހައްގުވާ ދިރިއުޅުން އޭނައަށް ހޯދިފައިވާ ކަމަށް ހިބާއަށް ގަބޫލުކުރެވިފައިވިއެވެ. އެހެނަސް މިއަދު އަނެއްކާވެސް އޭނައަށް އެ ބަސްތައް އިވިފައިވަނީ ކީއްވެ ހެއްޔެވެ؟ މި އަންހެން މީހާއަށް ބައްޕަ އެހާ ގާތުން އެނގިފައިވަނީ ހެއްޔެވެ؟ އެނގިފައިވާނަމަ އެކަން އެހެންވީ ކީއްވެ ހެއްޔެވެ؟
ހިބާ އަމިއްލަ ވިސްނުމެއްގައި ވަކި އެއްޗެކޭ ނުބުނެ ހުއްޓާ މުނީރާ އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހިބާ ބަލަބަލާ ހުއްޓާ މުނީރާ ސްކޫލްގެ ގޭޓުން ނިކުމެގެން ގޮސް އެރީ އެތާ ކައިރީގައި ޕާކުކުރެވިފައި އޮތް ކަޅުކުލައިގެ ކާރަށެވެ. އެ ކާރު ދުއްވައިލި ވަގުތަކީ ސްކޫލްގެ ބެލް އަޅުވައިލި ވަގުތަށް ވުމުން ހިބާ އޭނަގެ ޚިޔާލުތަކުން ނިކުމެ ދިގު ފިޔަވަޅުތަކެއްގައި އޭނަގެ ކުލާހާއި ދިމާލަށް ދާން މިސްރާބު ޖެހިއެވެ.
އެހެން ދުވަސްތަކޭ ވެސް އެއްފަދައިން ހިބާ އާދައިގެ މަތިން އޭނަގެ ގަޑިތައް ނަގަމުން ދިޔައީ ނަގާ ހިތުންނެވެ. ދޭތެރެދޭތެރެއިން މިއަދު އޭނައާއި އެ ބީރައްޓެހި އަންހެން މީހާއާއި ދެމެދު ދެކެވުނު ވާހަކަތައް ހަނދާން ވަމުން ދިޔައެވެ. އެހެނަސް އެކަން އޭނަ ފެންނަ މީހުންނަށް ފާހަގައެއް ނުވާނެއެވެ. އެއީ މުދައްރިސަކަށްވުމުން އޭނައަށް ދަސްވެފައިވާ ހުނަރެކެވެ. ކިތަންމެ ބޮޑު ކަމަކާއި ކުރިމަތިލައިގެން ހުރެވެސް އަމިއްލަ ފިކުރުތަކުގެ މަތިން ހަނދާން ނައްތައި އެހެން މީހުންނާއި ހިނިތުންވުމަކާއެކީ ކުރިމަތިލުމެވެ. ވޭތުވެދިޔަ 7 އަހަރުތެރޭގައި އޭނަގެ ދަރިވަރުންނަށްޓައި ހިތުގައި އުފެދިފައިވި ލޯތްބެއްގެ ސަބަބުން މިއަދު އެކަންވަނީ ފަސޭހަކަމަކަށް ވެފައެވެ.
ޖެހިޖެހިގެން 4 ގަޑި ނެގުމަށްފަހު ހިބާއަށް އިށީންނާނެ ފުރުސަތެއް ލިބުނީ އެދުވަހު 10 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. އެވަގުތު އަލަށް އެ ސްކޫލާއި ގުޅިގެން އުޅޭ މުދައްރިސެއް ކަމަށްވާ ނަޝާ އޭނައާއި ބައްދަލުކޮށްލަން ބޭނުންވީތީ ހިބާ ނަޝާއާއި ދިމާކޮށްލީ ސައި ކޮޓަރީގެ މޭޒު ދޮށުންނެވެ.
“ވަރަށް ސަޅި އިނގޭ މިއަދު މިސްގެ ލެސަންތައް….މިސް މިއަދު ގްރޭޑް 4 ގަ ޖެއްސި ގޭމް އަޅުގަނޑު ވެސް ހަމަ އެ ގްރޭޑްގެ އަނެއް ކުލާހުގަ ޖެއްސިން. ހުރިހާ ކުދިންނަށް ވަރަށް ކަމުދިޔަ އޭތި…” ނަޝާ ބުންޏެވެ.
“މާޝާ ﷲ! ބުނީމެއްނު އަދި އެކުދިން ނަޝާދެކެ ވެސް ލައިކްވާނެއޭ؟ ތިގޮތަށް މިސްގެ ލެސަންތަކާއި އެހެން ޓީޗާރސްމެންގެ ލެސަންތައް އޮބްޒާވްކޮށް ދަސްވާ ކަންތައް އެޕްލައި ކުރަމުން ދިޔައިމަ ރަނގަޅުވަމުންދާނެ އިން ޝާ ﷲ! އަސްލު ވަރަށް އުފާވޭ ނަޝާ ކަހަލަ ޒުވާން ކުއްޖަކު އަމިއްލައަށް އެދިގެން ޓީޗިންގްއަށް ވަދެގެން އުޅޭތަން ފެނުނީމަ. ވަރަށް ނުފެންނަ މަންޒަރެއް ދޯ އެއީ؟ ހެހެ…..” ހިބާ އޭނަގެ ކޮފީ ތަށިން ކޯވަރެއް ދަމަމުން ވާހަކަ ދެއްކިއެވެ.
“ލައްބަ….އަސްލު ވަރަށް އިންސްޕަޔާރވޭ މިސް ކަހަލަ ޓީޗާރސް ފެނުނީމަ….މިފަހަރުވެސް ޓީޗާރސް ކޮންފަރެންސްގަ މިސް ބައިވެރިވަންތަ؟”
“ހުމް ބައިވެރިވަން….އެއަށް ޕްރޮޕޯޒަލް ލިޔަން ފަށާފަވާނީ. ހިތަށްއަރަނީ ކުދިންގެ ހޯމް ލާރނިންގް ޓައިމް ޓީޗާރސްއަށް މޮނިޓާރ ކުރެވޭ ކަހަލަ އެޕެއްގެ އައިޑިއާއެކޭ ހުށަހަޅާނީ. ކޮންމެ ކަމެއްވެސް ޓެކްނޮލޮޖީއާ ގުޅުވާލީމަ މި ޒަމާނުގެ ކުދިން އިތުރަށް ޝައުޤުވެރިވާނެދޯ؟ އެކަހަލަ އެޕެއް ހަދައިދޭނެ މީހަކާ ދިމާވެއްޖެއްޔާ ރަނގަޅު….” ހިބާ އެ ފަހު ބަސްތައް ބުނެލީ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށެވެ.
“ވާވް! ސޯ ކޫލް ސީރިއަސްލީ!! މިކަހަލަ ކޫލް އައިޑިއާސްތައް މިސްގެ ހުންނާތީދޯ މިސް މި ދާއިރާއަށް ވަންނަން ބޭނުންވީ؟” ނަޝާ އުޖާލާވެގެން ދިޔަ މޫނަކާއެކީ ސުވާލުކުރިއެވެ.
އެ ސުވާލު އޭނައާއި ކުރިމަތިވެގެން ދިޔުމުން ހިބާއަށް ނަޝާއާއި ދިމާލަށް ބަލައިލެވުނެވެ. އޭނަ މި ދާއިރާއަށް ވަން ސަބަބާއިމެދު ވިސްނާލެވުމުން ހިބާ ހިމޭންވެގެން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އެވަގުތު ހިބާ ނަޝާއަށް ކިޔައިދޭން ބޭނުންވިއެވެ. ނަޝާ އޭނަ ބުނާ ވާހަކައަށް ފާޑު ކިޔުމެއްނެތި އަޑު އަހާނެހެން ހީވުމުންނެވެ.
“ނޫނޭ….މިސް މި ދާއިރާއަށް ވަންނަން ބޭނުންވަނީ އަހަރުމެންނަށްވުރެ ތަންކޮޅެއް ތަފާތު މީހުންވެސް އުޅޭކަން އެނގުނު ހިސާބުން…”
**
ތަނަވަސް ކޮޓަރިއެއްގެ މޫނު ބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ޒުވާނާ ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން ދިޔައިރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަމުން ދިޔައީ ދޭތެރެ ދޭތެރެއިންނެވެ. ގިނަ ވަގުތު އިސް ޖަހައިގެން ހުރި ގޮތުން އިސް އުފުލައިލަން އެ ޒުވާނާއަށް އުދަގުލީހެން ހީވަމުން ދިޔައެވެ.
އަތުކުރީ ގޮށް އެޅުވުމަށްފަހު ޒުވާނާ ދިޔައީ ކޮޓަރީގެ އަނެއްފަރާތުގައި ހުރި ބޮޑު ހެދުން އަލަމާރި ކައިރިއަށެވެ. އަލަމާރީގެ ދޮރު އެއްފަރާތަކަށް ދަމައިލުމާއެކު އެކި ކުލަކުލައިގެ ސޫޓް ކޯޓުތައް ފެނުނެވެ. ޒުވާނާ ނެގީ އޭނަ ލައިގެން ހުރި ގަދަ ނޫކުލައިގެ ފަޓުލޫނާއި ގުޅޭ ކަހަލަ ކޯޓެކެވެ. އެ ޒުވާނާ ކޯޓު ލައި ނިމުނު ވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ދެވުނު އަޑަށް ޒުވާނާ އެދިމާލަށް ބަލައިލިއެވެ. ޒުވާނާ ފިރިހެންވަންތަ އަޑަކުން ‘ޔެސް’ އޭ ބުނެލި އަޑަށް އެ ދޮރު ހުޅުވުނެވެ. އެހިނދު އެ ދޮރުމަތީގައި ހުރީ ޒުވާންކޮށް ހުރި ބޭރުގެ ދޮން ފިރިހެނެކެވެ. އެ ފިރިހެން މީހާ އަދަބުވެރިކަމާއެކީ ކާރު އޮތީ ތައްޔާރަށްކަމަށް ބުންޏެވެ. އެއާއެކު ކޮޓަރި ތެރޭގައި ހުރި ޒުވާނާ ‘އޯކޭ’ އޭ ބުނެލީ ފަޅި ސިކުންތަކަށް އެމީހާއަށް ބަލަމުން ކަމަށްވިޔަސް މާ ގިނައިރެއްނުވެ ނަޒަރު ތިރިއަށް ހިންގައިލެވުނެވެ.
**
“އެމީހުން އާއްމު ދިރިއުޅުމުގަ ބައެއް ކަންތައް ކުރަން ޖެހެނީ އެހެން މީހުންނަށްވުރެ ދަތި ގޮތަކަށް ކަމަށް ވެސް ވެދާނެ….” ހިބާ އިތުރަށް ކިޔައިދިނެވެ.
**
ބޭރު ޤައުމެއްގެ ފުޅާ މަގަކުން ދުއްވާފައި ދިޔަ ކާރުގައި އެއްކަލަ ޒުވާނާ އިނީ ފަހަތު ސީޓުގައެވެ. ސީޓުގައި ހިމޭންކަމާއެކީ އެހެން އިންއިރު ޒުވާނާ ފޯނުން ބަލަމުން ދިޔައީ އެކި އެކި ޖަޒުބާތުތައް ދައްކައިދޭ މޫނުތަކުގެ ފޮޓޯތަކަށެވެ. ކޮންމެ ފޮޓޯއެއްގެ ދަށުގައި އެ މޫނުން ދައްކަމުން ދަނީ ކޮން ޖަޒުބާތެއްތޯ ލިޔެވިފައިވިއެވެ. ޒުވާނާ ފަރުވާތެރިކަމާއެކީ އެ ފޮޓޯތަކަށް ބަލަމުން ކާރުގެ ކުރިމަތީގައި ހުރި ލޯގަނޑުން އޭނަގެ ޑްރައިވަރުގެ މޫނަށް ބަލަމުން ދިޔައެވެ. އަދި ޓްރެފިކާއި ޖެހުނު ވަގުތެއްގައި ކާރު މަޑުކޮށްލުމުން ކާރާއި ޖެހިގެން އޮތް ކާރު ތެރޭގައި ހުރި ކުޑަކުއްޖަކާއި ދިމާލަށް ވެސް ބެލިއެވެ. އެ ކުޑަ އަންހެން ކުއްޖާ ޒުވާނާ ފެނިފައި ދޫނެރެ މޫނު ހަދާލުމުން ޒުވާނާ ހިސާބެއްގެ އޮޅުމެއްގައި އިނދެވެސް ހީލިއެވެ.
**
“އެކަމަކު އެމީހުންނަކީ އަހަރުމެންނަށްވުރެ މޮޅު ކަންތައް ކުރާ މީހުން ކަމަށްވެސް ވެދާނެ…” ހިބާ އެ ފަހު ބަސްތައް ބުނެލީ ނަޝާއަށް ބަލައިލަމުންނެވެ.
**
ޒުވާނާގެ ކާރު އޭނަ ގެންދިޔައީ ބިއްލޫރިން ހެދިފައިވި 30 ބުރީގެ ޢިމާރާތެއްގެ ކުރިމައްޗަށެވެ. ޒުވާނާ އޭނައަށްޓަކައި ހުޅުވައިލެވުނު ދޮރުގެ ތެރެއިން ވަދެގެން ގޮސް ލިފްޓަކަށް ވަނެވެ. ލިފްޓަށް ވަދެ ޒުވާނާ ފިތާލީ އެންމެ މަތީ ފަންގިފިލާއަށް ދެވޭ ބަޓަނަށެވެ.
އެ ފަންގިފިލާއަށް ދެވުމުން ޒުވާނާ ދިގު ފިޔަވަޅުތަކެއްގައި ގޮސް ވަނީ އޭނަގެ ތަނަވަސް ކެބިންއަށެވެ. ކެބިންއަށް ވަދެގެން ގޮސް އޭނަގެ ގޮނޑީގައި އިށީންނަމުން ޒުވާނާ ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލިއެވެ. އެ ހިނދު އޭނަގެ މޭޒުމަތީގައި ބެހެއްޓިފައި ހުރި ހުދުކުލައިގެ ކުޑަ ރޮބޮޓެއް ލޮލުގައި އެޅުމުން ޒުވާނާ ހިންދެމިލިއެވެ. އަދި އެއަށް ބަލަން އިނދެފައި މޭޒުގެ އެއްފަރާތެއްގައި ބޭއްވިފައި އޮތް ކުޑަ ފޮށި ހުޅުވުމަށްފަހު، އޭގައި އޮތް އައިނު ނަގައި ލޮލުގައި އެޅިއެވެ. އެއަށްފަހު ކުރިމަތީގައި ބެހެއްޓިފައި ހުރި ލެޕްޓޮޕް ހުޅުވައިލިއެވެ. ލެޕްޓޮޕްގެ ޑެސްކްޓޮޕް ފެނުނު ވަގުތުވެސް އޭގައި ހުޅުވިފައިވި ފައިލެއްގައި ކޯޑެއް ލިޔަން ފެށިފައިވިތަން ފެނުނެވެ. ޒުވާނާ ކޯޑު ލިޔަން ބޭނުންކުރާ އެ އެޕްލިކޭޝަންގެ އެހީގައި ވަޔާރލެސްކޮށް އޭނަގެ ލެޕްޓޮޕާއި އެ ރޮބޮޓް ގުޅުވައިލިއެވެ. އެއަށްފަހު ލިޔަން ފަށާފައިވާ ކޯޑު ކުރިއަށް ގެންދަން ފެށިއެވެ.
15 ވަރަކަށް މިނެޓް ވަންދެން ކޯޑު ކުރުމަށްފަހު އެ ކޯޑު ސޭވްކޮށް ‘ރަން’ އަށް ކްލިކްކުރިއެވެ. އިރުކޮޅެއް ވަންދެން ލޯޑްވުމަށްފަހު ކޯޑު މަސައްކަތް ކުރާކަން ޒުވާނާއަށް ޔަޤީންވުމުން އޭނަ އަނެއްކާވެސް ކައިރީގައި ބެހެއްޓިފައިވި ރޮބޮޓަށް ނަޒަރެއް ދިނެވެ. އެއަށްފަހު ކައިރީގައި ހުރި ވަތްގަނޑަކަށް ދަމައިލަމުން ގަނޑެއް ނަގައި އެ ރޮބޮޓުގެ ކުރިމަތީގައި ގަނޑު ބޭއްވިއެވެ. އަދި ގަނޑުގެ ކަނެއްގައި ކުޑަ ބަރެއް ބޭއްވިއެވެ.
“ޑޯޑޯ، ލެންގުއޭޖް ޓޫ…ރައިޓް ޔުއާރ ފޭވަރިޓް ޕާރސަންސް ނޭމް.” ޒުވާނާ އެހެން ބުނެލީ ރޮބޮޓާއި ވާހަކަ ދައްކާ ފަދައަކުންނެވެ. އޭނަ އެހެން ބުނެލުމާއެކު ރޮބޮޓު ކުޑަކޮށް ގުދުވެލީ ވަގުތު އޭގެ ކަނާތް އަތުން ކުޑަ ގަލަމެއް ވެސް ނިކުމެގެން އައެވެ. އިސާހިތަކު އެ ރޮބޮޓު ގަލަމުން ގަނޑުގައި ލިޔަން ފެށީ ރިތި ދިވެހި އަކުރުތަކެވެ. އެންމެ ފުރަތަމަ ‘ދ’ އަކުރަކާއި އާބާ ފިއްޔެވެ. ދެން ‘ރ’ އަކުރާއި އިބިފިއްޔެވެ. މިހެން ގޮސް ބަސް އެއްކޮށް ލިޔެ ނިމުމާއެކުހެން ރޮބޮޓު އަމިއްލައަށް ސީދާވެ އެ ލިޔުނު ބަސް ކިޔަން ފެށިއެވެ.
“ދާރިސް…” ރޮބޮޓު އޭގެ އަމިއްލަ އަޑުން އެހެން ކިޔުނު ވަގުތު ގަނޑުގައި އެ ނަން ރީތި އަކުރުތަކުން ލިޔެވިފައިވިއެވެ. އެހިނދު ޒުވާނާގެ މޫނުމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
ނުނިމޭ
Jana
June 2, 2021 @ 5:33 am
Assalaam’alaikum. 🙂 Hurihaa kiyuntheringe ves haalu rangalhu kamah ummeedhukuran. Mihaa hisaabun vaahaka rasmeekoh mi feshuny.
In Sha Allah dhen oiy bai Saturday ga up vaane. ^_^
Zaeyn...
June 2, 2021 @ 9:02 am
heii sis.. mi part vx hama best ingeyy.. ekm dharis e myhakah kiyaa name ehtha anekka? is it the name of the guy.. nice nice.. waiting for next part curiously.. lysm.. be safe
Jana
June 2, 2021 @ 4:05 pm
heevany dhaaris aky meehakah kiyaa nameh hen dho mi bai kiyaafa? balamaa ey kaakutho hehe…..Alhamdhulillah! Love you too. Stay safe <3
Yuna
June 2, 2021 @ 9:14 am
ما شاء الله
❤❤❤❤
Jana
June 2, 2021 @ 4:05 pm
<3 <3 <3
އާޔާ
June 2, 2021 @ 11:14 am
❤ވ ސަޅި މާޝާﷲ. ވެއިޓިންގ ފޯރ ދަ ނެކްސްޓް.. ސްޓޭ ސޭފް ސިސް.
Jana
June 2, 2021 @ 4:06 pm
Alhamdhulillah! Next part Saturday ga In Sha Allah. Stay safe you too, sis! <3