މިލިއަން ޑޮލަރުގެ ސުވާލު: ތިބާ މީހަކާއި އިންނާނީ ކޮން ދުވަހަކު؟
ތިބާ މީހަކާއި އިންނަނީ ކޮން އިރަކު ހެއްޔެވެ؟ ތިއުޅެނީ މީހަކާއި ރައްޓެހިވެގެން ހެއްޔެވެ؟ ނޫނީ ޢާއިލާއިން ތިބާއަށްޓަކައި މީހަކު އެބަ ހޯދާ ހެއްޔެވެ؟ ތިބާގެ ހުރިހާ އެކުވެރިން މީހުންނާއި އިނދެފިއެވެ. އެހެންކަމުން ދެން އަންނާނީ ތިބާގެ ފަހަރުދޯއެވެ؟ ތިބާގެ ޢުމުރުވެސް ތި ދަނީއެވެ. އަވަހަށް މީހަކާއި އިންނާށެވެ!
މި ޕޯސްޓް އަޅުގަނޑު މި ލިޔަނީ މީގެ ތެރެއިން އެއްޖުމްލަ، އެހެންނޫނީ މީގެއިން ދެތިން ޖުމްލައިގެ ‘ޙަމަލާއެއް’ ކުރިމަތިވެފައިވާ އަޚުންނާއި އުޚްތުންނަށްޓަކައެވެ. އަދި މިފަދަ ބަސްތަކުގެ ސަބަބުން މީހަކާއި އަވަހަށް މީހަކާއި އިނުމުގެ ކަންބޮޑުވުމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދާ އަޚުންނާއި އުޚްތުންނަށްޓަކައެވެ.
އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ބުނަން ބޭނުންވަނީ މި ޙާލަތުގައި އުޅެނީ ހަމައެކަނި ތިބާ ނޫންކަމަށެވެ. މި ޙާލަތުގައި ހުހަށް އުޅޭ ބައިވަރު މީހުން އުޅެއެވެ. އެމީހުންގެ ޙަޔާތް ފުރިހަމައެއް ނޫންހެން އެމީހުންގެ ވަށައިގެން ތިބޭ މީހުންނަށް ހީވާ ފަދައެވެ. އެމީހުންގެ މުޅި ޙަޔާތް އެކަނިވެރިމުގައި ހޭދަކުރަން ޖެހިދާނެތީ ބައެއް އެކުވެރިން ހަމަ ޙަޤީޤަތުގައި ވެސް ކަންބޮޑުވަނީއެވެ. އަނެއްބައި މީހުން ހުހަށް ތިބޭ އެކުވެރިންނަށް އެ ވާހަކަތައް އިއްވަނީ މަޖަލަކަށެވެ. އެ ބަސްތަކުން ކުރާ އަސަރު ނޭނގިއެވެ. އަނެއްބައި މީހުން އެ ވާހަކަތައް ދައްކަނީ ހުހަށް ތިބޭ މީހުން މީހަކާއި އިނދެފިނަމަ އެ މީހުންނަށްވުރެ ‘ފުރިހަމަ’ ޒަވާޖީ ޙަޔާތެއް އެމީހަކަށް ބިނާކުރެވޭތޯ ބެލުމުގެ އެދުމުގައެވެ.
ކޮންމެ ސަބަބަކާ ހުރެ ކަމަށްވިޔަސް އެ ދެކެވޭ ވާހަކަތަކުގެ ސަބަބުން ހުހަށް ތިބޭ މީހުންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މާ ބޮޑަށް އެކަނިވެރިކަން އިޙްސާސްވެ ޑިޕްރެޝަނަށް ވެސް މަގުފަހިވެގެން ދެއެވެ. އެހެނީ އަޅުގަނޑުމެންގެ ވަށައިގެން ތިބޭ މީހުންނާއި އެމީހުން ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. ހުހަށް ތިބޭ މީހުންނަށް އެ އިވޭ ވާހަކަތަކުގެ ސަބަބުން ކޮންމެ ގޮތެއް ހަދާފައިވެސް މީހަކާއި ރައްޓެހިވުމަށް ނުވަތަ ކައިވެންޏެއް ކުރުމަށް މަސައްކަތް ކުރެވެއެވެ. އިންނާނެ މީހަކު ހޯދުމަށް ކުރިން ކަނޑައަޅާފައިވާ ޝަރުޠުތަކެއް މަތިން ހަނދާން ނައްތައިލައި މާ ބޮޑަށް ބެލުމެއް ނެތި މީހަކާއި އިންނަން އަވަސްވުމުގެ މަޖުބޫރީއެއް އިޙްސާސް ކުރެވެއެވެ. މިއީ ހަމަ ޔަޤީނުންވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި މީހުން ދައްކާ ވާހަކަތަކަކީ ކައިވެންޏެއް ފެށުމަށް އެންމެ ރަނގަޅު ސަބަބެއް ވެސް ނޫނެވެ!
އެހެންކަމުން ޙަޤީޤީ ‘މިލިއަން’ ޑޮލަރުގެ ސުވާލަށް ބަލަމާ ހިނގާށެވެ. ހުހަށް ހޭދަކުރެވޭ ދުވަސްތައް އެ ކުރިމަތިވާ ބަސްތަކާއެކީ އެންމެ ރަނގަޅު ގޮތުގައި ކަނޑައްތު ކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ތިބާ ހީކުރާ ވަރަށްވުރެ ފަސޭހަކަމެކެވެ!
ތިބާ ހަނދާން ބަހައްޓަންވީ އެންމެ މައިގަނޑު ކަމަކީ ކައިވެންޏަކީ ޙަޔާތުގެ މަޤްޞަދެއް ކަމަށް ނުދެކުމެވެ. އަޅުގަނޑުމެންގެ ޚިޔާލުތަކުގައި ކައިވެންޏާއިމެދު މިފަދައިން ދެކެވެނީ މަތީގައި ދެންނެވުނު ފަދައިން މީހުންގެ ވާހަކަތައް ހުންނަ ގޮތުންނާއި، މަޝްހޫރު ފިލްމުތަކުން ކަންތައްވެފައި ހުންނަ ގޮތުންނެވެ. ހުހަށް ހުއްޓަސް ތިބާއަކީ އުފާވެރި، ކާމިޔާބު އަދި ނުހަނު ފުރިހަމަ ދިރިއުޅުމެއް އުޅޭ މީހަކަށް ވެވިދާނެއެވެ. އަބަދުވެސް ހަނދާން ބަހައްޓާށެވެ. ކައިވެންޏަކީ ޙަޔާތުގެ މަޤްޞަދެއް ނޫނެވެ. ތިބާގެ ޙަޔާތުގެ މަޤްޞަދަކީ ﷲ ރުހިވޮޑިގެންވާ ފަދަ ގޮތަކަށް އުޅުމެވެ. އެހެންކަމުން ތިބާގެ ‘ރިލޭޝަންޝިޕް ސްޓޭޓަސް’ އަކީ ތިބާގެ އަގު ވަޒަން ކުރެވޭނެ ގޮތެއްނޫނެވެ. އެހެނެއްކަމަކު ތިބާގެ ޙަޤީޤީ އަގު ވަޒަން ކުރެވޭނީ ތިބާއާއި ﷲ އާއި މެދު އޮތް ގާތްކަމުންނާއި ތިބާކުރާ ރަނގަޅު ކަންތައްތަކުންނެވެ.
މުޅި ޢުމުރު ދުވަހު ހުހަށް ހުރެދާނެ ކަމުގެ ބިރުވެރިކަމުން އަރައިގަތުމަކީ އުދަގޫ ކަމަކަށް ވެދާނެއެވެ. އެހެނަސް އެއީ ނާދިރުކަމެއް ނޫނެވެ. މިކަމުން އަރައިގަތުމަށް ކުރަން އޮތް އެންމެ މައިގަނޑު ކަމަކީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރުމެވެ. ހުހަށް ހުރުމަކީ ﷲ ތިބާއަށް ދެއްވި ‘އުދަގޫ އިމްތިޙާނެއްގެ’ ގޮތުގައި ބެލުމުގެ ބަދަލުގައި އެއީ ނިޢުމަތެއް ކަމުގައި ދެކޭށެވެ. އެހެނީ އެއީ ހަމަ ޙަޤީޤަތުގައި ވެސް ނިޢުމަތެކެވެ. ތިބާ ހީކުރާ ވަރަށްވުރެ ގިނަ ގޮތްގޮތުންނެވެ.
ތިބާ ހުހަށް ހުންނައިރު ތިބާގެ އަމިއްލަ ނަފްސާއިމެދު އިތުރަށް ދެނެގަންނަން ވަގުތު ލިބެއެވެ. ތިބާގެ ހުރި ހުނަރުތައް އިތުރަށް ފުރިހަމަކޮށް ތިބާއަށް އެހާ ރަނގަޅަށް ނުކުރެވޭ ކަންތައް ދެނެގަނެ އެ ކަންތައްތަކަށް އިތުރަށް މަސައްކަތް ކުރަން ވަގުތު ލިބެއެވެ. ތިބާގެ އަމިއްލަ އުޅުމާއި އިޙްސާސްތަކާއިމެދު ވިސްނައި ތިބާއަށް ނަފްސާނީ ގޮތުން އަނިޔާއެއް ލިބިފައިވާނަމަ އޭގެ އަސަރުތަކުން ޝިފާ ލިބިގަންނަން ވަގުތު ލިބެއެވެ. ތިބާގެ ކޮންމެ ދުވަހުގެ އާދަތައް ހުންނަ ގޮތް ދުވަހުން ދުވަހަށް ރަނގަޅުކޮށް ތިބާއަށް ކާމިޔާބީގެ އިޙްސާސް ލިބެނީ ކޮން ގޮތަކަށް ދުވަސް ހޭދަކުރުމުންތޯ ދެނެގަންނަން ވަގުތު ލިބެއެވެ. އާ ހުނަރުތައް ދަސްކޮށް ދީނާއި، އަދި މުޅި ދުނިޔެއާއި މެދު ވެސް އިތުރަށް އުނގެނުމަށް ވަގުތު ލިބެއެވެ.
ތިބާގެ ޙަޔާތުގެ ލޯބިވެރިޔާ ތިބާ ކައިރިއަށް އައިސް ‘އުފާވެރި ނިމުމެއް’ ތިބާގެ ޙަޔާތަށް އަންނާނެ ދުވަހަކާއިމެދު ވިސްނުމުގެ ބަދަލުގައި، މި ދެންނެވި ކަންތައް ކުރުމުގައި ވަގުތުތައް ހޭދަކުރާށެވެ. ތިބާ މި ހޭދަކުރަމުންދާ ވަގުތުކޮޅުތައް އުފާވެރިކަމުން ފުރައިލެވޭނެނަމަ، މާ ދުރުގައި އޮތް އުފާވެރި ނިމުމަކާއިމެދު ވިސްނަންވީ ކީއްވެ ހެއްޔެވެ؟
އެހެންކަމުން، ތިބާ ހުހަށް ހުރި ކަމުގައިވާނަމަ ތިބާގެ އަމިއްލަ ނަފްސާއެކީ ވަގުތު ހޭދަކުރަން ދަސްކުރާށެވެ. އަމިއްލަ ނަފްސާއިމެދު އިތުރަށް ދެނެގަންނަން މަސައްކަތް ކުރާށެވެ. ތިބާގެ ސިކުނޑި ޢިލްމާއި ޙިލްމުން ޖަރީކުރާށެވެ. ހުރިހާ ނުތަނަވަސްކަމަކުން އަރައިގަނެ ތިބާ ދެކޭ ހުރިހާ ހުވަފެންތައް ފުރިހަމަ ކުރަން މަސައްކަތް ކުރާށެވެ. ކައިވެންޏަށްފަހު އުފާވެރި ކަންތައް ކުރަން ނިންމުމުގެ ބަދަލުގައި މިއަދު ވެސް ތިބާއަށް ކުރެވެން ހުރި ތިބާއަށް އުފާވެރިކަން ލިބޭނެ ހުރިހާ ކަމެއް ކުރާށެވެ. އެހެނީ މުސްތަޤްބަލުގައި ތިބާ ރަނގަޅު ޒަވާޖީ ޙަޔާތެއް ބިނާކުރުމަށް ތިބާގެ ބައިވެރިޔާއާއި ޙިއްސާކުރާނީ މިއަދު ހޯދި އުފާވެރިކަމެކެވެ. (އިން ޝާ ﷲ)
**
މިއީ ‘ދާރިސް’ މި ވާހަކައާއި ގުޅުން ހުރި ޕޯސްޓެކެވެ. މި ވާހަކަ ކިޔުއްވުމަށް ކޮމެންޓުގައިވާ ލިންކަށް ޒިޔާރަތް ކުރައްވާ 🙂
Jana
June 6, 2021 @ 9:49 am
https://storiesbyjana.com/dhivehi-stories/dhaaris/