ދާރިސް (ހަތަރުވަނަ ބައި)
“ވޯހް! ސްވިސްގަ 10 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ދިވެހި ބަސް ހަނދާން ނުނެތެނީތަ؟ އަމޭޒިންގް! އަހަރުމެން މިއުޅެނީ މިހާރުވެސް ހަނދާން ނެތޭތީ….” ހަމްނާ ވެސް ވީ ޙައިރާނެއްގައި ވާހަކަ ދެއްކިއެވެ.
ހިބާއަށް އެއަށް ރައްދެއް ނުދެވުނީ ދެންމެ ޓީވީއިން އިވުނު ވާހަކަތަކުން އޭނަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލުމުންނެވެ. ‘އަމިއްލައަށް ތައްޔާރުކުރި ފޮންޓެކޭ’ ބުނުމުން ހިބާގެ ހަނދާނަށް އައީ މާޒީގައި ކޮންމެވެސް މީހަކު އޭނަގާތު ބުނެފައިވާ ވާހަކައެކެވެ.
**
10 ޖެހި ވަގުތު ޓީވީ ނިވާލުމަށްފަހު ހިބާއާއި ހަމްނާ ވެސް ދިޔައީ އަމިއްލަ ކޮޓަރިތަކަށެވެ. އަނެއް ދުވަހަކީ ވެސް ސްކޫލް ދުވަހަކަށްވުމުން އަވަހަށް ނިދަން ދިޔުމަށް ހިބާ ހަމްނާ ގާތު ބުންޏެވެ. ހިބާ ވެސް ޢާއްމުގޮތެއްގައި ނިދަނީ އެ ގަޑީގައި ކަމަށްވިޔަސް، އެރޭ ނިދުމުގެ ކުރިން އިތުރަށް މަސައްކަތް ކުރަން ނިންމިއެވެ. ހަވީރު ބޭރަށް ދާންޖެހުމާއެކީ އޭނަގެ މަސައްކަތްތައް ކަނޑައަޅާފައިވާ މިންވަރަށް ނުނިންމޭތީވެއެވެ.
މިގޮތުން ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވުމަށްފަހު ހިބާ ކިޔަވާ މޭޒު ދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވައިލީ އޭނަގެ ޕްރޮޕޯޒަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. ލެޕްޓޮޕް ހުޅުވެމުން ދިޔަ ވަގުތުވެސް ހިބާއަށް ވިސްނެމުން ދިޔައީ އެރޭ ޓީވީއިން އިވުނު ވާހަކަތަކާއި މެދުގައެވެ. ނޭނގޭ ސަބަބަކާހުރެ އެ ނަން ގަނެވުނު ‘އިސްމާޢީލް އީތަން’ އަކީ އޭނަ ދަންނަ މީހެއްހެން ހީވިއެވެ. ތާނަ އަކުރުތައް ލިޔުމަށް އެހީއަކަށްވާނެ އެޕްލިކޭޝަނެއްގެ ޚިޔާލު ހުރި މީހަކު އޭނައަށް އެނގެއެވެ. އެމީހެއްގެ ސޫރަ ހިބާގެ ޚިޔާލުތަކަށް އަންނަން ފެށުމުން އޭނަ އަވަސްއަވަހަށް ދެލޯ މަރައިލަމުން ބޯހޫރުވައިލިއެވެ.
ނޫނެކެވެ. އިސްމާޢީލް އީތަންއަކީ އޭނަ ދަންނަ މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ މާޒީއިން އޭނަ ހަނދާންވަމުން ދިޔަ ފަރާތަށް ކިޔަނީ ވެސް އެހެން ނަމެކެވެ. އެހެންނޫނަސް މި ޒަމާނުގައި އަމިއްލައަށް އިސްނަގައިގެން ދިވެހި ފޮންޓުތައް ހަދާ ބައިވަރު މީހުން އުޅެއެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ އެތައް ޒުވާނުން ދިވެހި ބަސް ހިމެނޭ އެޕްލިކޭޝަންތައް ހަދާފައިވެއެވެ. ވީއިރު އިސްމާޢީލް އީތަން އަކީ އޭނަގެ ޚިޔާލުތަކަށް އަންނަ މީހާއަށް ވާކަށް ނުޖެހެއެވެ.
އަމިއްލަ ޚިޔާލުތައް މިފަދަ ގޮތަކަށް ހަމައަކަށް އަޅުވަމުން ހިބާ ފުން ނޭވައެއް ދޫކޮށް އޭނަ ޕްރޮޕޯޒަލް ލިޔަން ފަށާފައިވާ ޑޮކިއުމެންޓް ހުޅުވައިލިއެވެ. އެއަށްފަހު އޭނަގެ މަސައްކަތް ހުއްޓިފައިވާ ހިސާބުން ކުރިއަށް ގެންދަން ފެށިއެވެ. އޭނަ އެވަގުތު ލިޔަން ފެށީ އޭނަގެ ޚިޔާލުކުރާ ޕްރޮޖެކްޓުގެ މުހިއްމުކަމެވެ. އެ ބައި ނިންމުމަށްފަހު އޭނަ ފެށީ އެ އެޕްލިކޭޝަންގައި ހުންނަ ބައިތައް ސިފަކުރުމަށެވެ. ސިފަކުރަން ފެށުމުން އޭނަގެ މަސައްކަތް ލަސްވެގެން ދިޔައީ، އޭނަ ޚިޔާލަށް މިގެންނަ ކަންތައް އޭގައި ހިމެނިދާނެކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ. އެކަން ޔަޤީންކުރުމަށް ޖެހޭނީ ކޯޑިންގްގެ ބައި ރަނގަޅަށް ދަންނަ ޕްރޮގްރާމަރަކާއި ވާހަކަ ދައްކަން ކަން ކުރިން ވެސް ހިބާއަށް އެނގެއެވެ. މިހާ ހިސާބަށް އައިއިރު އެފަދަ މީހެއްގެ ޚަބަރެއް ލިބިފައި ނުވުމުން ހިބާއަށް އޭނަގެ ޝައްކުތައް އޮޅުން ފިލުވިފައި ނުވަނީއެވެ.
އިރުކޮޅެއް ވަންދެން އެ ޚިޔާލުގައި އިނދެފައި ހިބާ ކުއްލިއަކަށް ސީދާ ވެލަމުން ކްރޯމްގެ ވިންޑޯއެއް ހުޅުވައި ގޫގުލްއަށް ދިޔައީ ޚިޔާލެއް ލިބުމުންނެވެ. ގޫގުލްގެ ސާރޗް ބޮކްސްގައި ހިބާ ޓައިޕް ކޮށްލީ ‘ވިންޓޭޖް ޓެކްނޮލޮޖީސް’ އެވެ. ސާރޗްކޮށްލުމާއެކު ހިބާއަށް އެ ކުންފުނީގެ ވެބްސައިޓް ލިންކް ފެނިގެން ދިޔައެވެ. ވެބްސައިޓަށް ވަދެ ހިބާ ސްކްރޯލްކުރަން ފެށީ އެންމެ ފަހުގެ ބްލޮގް ޕޯސްޓްތަކުގެ ޞުރުޚީތައް މަތިމަތިން ކިޔަމުންނެވެ. މާ ދުރަށް ނުދެވެނީސް ދިވެހި ބަސް ހިމެނޭ އެޕްލިކޭޝަނެއްގެ ވާހަކަ އޮތް ޞުރުޚީ ފެނުމުން ހިބާ އެއަށް ކްލިކްކުރިއެވެ.
ހިބާއަށް އެ ލިޔުންކޮޅު ކިޔެންފެށީ އޭނަ ޙަޤީޤަތުގައި އެ ސައިޓަށް އައީ ކީއްކުރަންކަން ހަނދާން ނެތިފައި އިނދެއެވެ. ލިޔުންކޮޅުގައިވީ މީގެ އިރުކޮޅެއް ކުރިން އޭނައަށް ޓީވީއިން ފެނުނު އިންޓަވިއުގައި ވެސް އިވުނު ވާހަކަތަކެވެ. މިއީ ކުންފުނީގެ ޗީފް ޑައިރެކްޓާރ އިސްނަގައިގެން ކުރި ކަމެއް ކަމާއި، މި ވަގުތަށް އެޕްލިކޭޝަންތައް ފަރުމާކުރެވެނީ ހަމައެކަނި ދަށް ގްރޭޑްތަކަށް ކަމަށެވެ. އެހެނަސް ކުރިއަށް އޮތްތަނުގައި މަތީ ގްރޭޑްތަކަށް ވެސް އެ ޒާތުގެ އެޕްލިކޭޝަންތައް ހަދަން ރާވާފައިވާ ވާހަކައާއި، ފުރަތަމަ ދެ ތިން އެޕްލިކޭޝަން ޕްލޭ ސްޓޯއާއި އެޕް ސްޓޯއަށް ނެރޭނީ އަންނަ އޮކްޓޯބަރު ތެރޭގައި ކަމަށް ލިޔެވިފައިވިއެވެ.
އާރޓިކަލްގެ ފަހަތުން ފެނުނު ޖުމްލައިން ހިބާއަށް އެއަށް ސަމާލުކަން ދެވުނެވެ. އޭގައި އޮތީ މި އެޕްލިކޭޝަންތަކާއި މެދު އެއްވެސް ސުވާލެއް އޮތްނަމަ ކުންފުންޏާއި ‘ކޮންޓެކްޓް’ ކުރުމަށެވެ. ‘ކޮންޓެކްޓް’ އެ ބަސް ކްލިކް ކުރެވޭ ގޮތަށް އޮތުމުން ހިބާ ދެވަނަ ވިސްނުމެއްވެސް ނެތި އެއަށް ކްލިކްކުރިއެވެ. އެއާއިއެކު އޭނައަށް މެސެޖެއް ލިޔެލެވޭނެ ފޯމެއް ފެނިގެން ދިޔުމުން ހިބާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަ މި ސައިޓަށް އައީ މިކަމަށްޓަކައެވެ. އޭނަގެ ޚިޔާލަށް އަންނަ އެޕްލިކޭޝަނާއި ގުޅޭ ސުވާލުތައްކޮށް އޭނަގެ ޝައްކުތައް އޮޅުން ފިލުވުމަށެވެ. މި ބޮޑު ކުންފުނީގެ ފަރާތުން އޭނަގެ ކުޑަ އެދުން ޤަބޫލުކުރާނެ ކަމުގެ ޔަޤީންކަމެއް ނެތެއްކަމަކު ހިބާ އެހީއެއް ލިބޭތޯ މަސައްކަތް ކުރަން ބޭނުންވިއެވެ.
އަމިއްލަ ނަމާއި މެއިލް އެޑްރެސް ލިޔުމަށްފަހު ހިބާ މެސެޖުގައި އެންމެ ފުރަތަމަ ލިޔުނީ އޭނައަކީ ރާއްޖޭގެ މުދައްރިސެއްކަމާއި އެ ކުންފުނިން ހަދައިގެން އުޅޭ ދިވެހި އެޕްލިކޭޝަންތަކުގެ ޚިޔާލު އޭނައަށް ނުހަނު ކަމުދާ ވާހަކައެވެ. ކުންފުނީގެ މަސައްކަތަށް ތަޢުރީފު ކުރުމަށްފަހު ހިބާ އޭނަގެ އެދުން ވެސް ކުރު ގޮތަކަށް ހިމެނިއެވެ. އޭނަ ޚިޔާލުކޮށްގެ އުޅޭ އައިސީޓީ ޕްރޮޖެކްޓަކަށް އެހީއެއް ވެދެވިދާނެތޯ ހިބާއަށް ޓައިޕް ކުރެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ. އެ ސުވާލު ކިޔާފައި މެސެޖު އެއްކޮށް ފޮހެލަން ވެސް ހިތަށްއެރިއެވެ. އެ ކުންފުނީގެ މީހުން އޭނައަށްޓަކައި ވަގުތު ބޭކާރު ކުރަންވީ ކީއްވެތޯ ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިޔަސް އޭނަ ބޭނުންވާ އެހީ ހޯދާނެ އެހެން ގޮތެއް ނޭނގުމުން ހިބާ ދެލޯ މަރައިލުމަށްފަހު އެ މެސެޖު ފޮނުވައިލިއެވެ. ކާމިޔާބު ކަމާއެކީ އޭނަގެ މެސެޖު ފޮނުވުނު ވާހަކައާއި، 24 ގަޑިއިރު ތެރޭގައި މެއިލްއަށް ޖަވާބު އަންނާނެ ވާހަކަ ސްކްރީނަށް އެރުމުން ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ހެދީ ރަނގަޅަށް ކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އެއީ ބޭކާރު މެސެޖެއް ކަމަށް އެމީހުން ދެކޭނަމަ ނޫންކަމަށް ހަދައި ދޫކޮށްލާނެތާއޭ ހިތަށްއެރިއެވެ.
އެ ޚިޔާލާއެކީ ހިތްހަމަޖައްސަމުން ހިބާ ލެޕްޓޮޕް ލައްޕައިލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އެ ވަގުތު ސްވިޓްޒަލޭންޑަށް ވާނީ ކިހާއިރެއްތޯ ހިތަށްއެރިއެވެ. ހޯދައި ބަލައިލިއިރު އެވަގުތު އެ ޤައުމަށް ރޭގަނޑު 8 ޖަހަން ގާތްވާނީއެވެ. އެހެންކަމަށްވާނަމަ އޭނައަށް ޖަވާބެއް ލިބޭނީ މާދަމާގެ ވަގުތެއްގައިތާއޭ ހިތަށްއެރިއެވެ. ކުންފުންޏަށް އަންނަ މެސެޖުތަކަށް ޖަވާބުދޭނެ ކުދިންގެ ޑިއުޓީވެސް ނިމިފައިވާނެކަމަށް ނިންމުމުންނެވެ. އެހެންކަމުން ޕްރޮޕޯޒަލްގެ މަސައްކަތް މާދަމާ ސްކޫލުން ގެއަށް އައިސް ކުރުމަށް ނިންމަމުން ހިބާ ލެޕްޓޮޕް ލައްޕައިލިއެވެ.
**
ތަނަވަސް ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ފާޚާނާއިން ޝަވަރު ދޫކުރެވިފައިވާ އަޑެވެ. ކޮޓަރި ތެރެއިން ފެންނަމުން ދިޔަ ކޮންމެ ދިމާލަކުން ފެންނަމުން ދިޔައީ ކޮޓަރީގެ ވެރިޔާގެ ކިބައިގައި ހުރި މުއްސަނދިކަމެވެ. ގަދަ ނޫކުލައާއި ހުދުކުލަ ފާރުތަކުގަ ލެވިފައިވީއިރު، ކޮޓަރި ތެރެއިން ފެންނަމުން ދިޔަ ކިންގް ސައިޒް ބެޑްރޫމް ސެޓްގެ އެކި ބައިތަކުގައިވެސްވީ އެ ދެ ކުލައެވެ.
ކޮޓަރީގެ އެއްފަރާތެއްގައި ބޮޑު ކިޔަވާ މޭޒެއް ބެހެއްޓިފައިވީއިރު އެ މޭޒުމަތީގައި ‘ޑޯޑޯ’ ހުއްޓެވެ. ޑޯޑޯ ހުރިގޮތަށް ހުއްޓާ ޑޯޑޯގެ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވިއެވެ. އިސާހިތަކު ޑޯޑޯގެ ލޯ ނޫކުލައިން ދިއްލިގެން ދިޔައެވެ.
“ނިއު ނޮޓިފިކޭޝަން ފޯ އީތަން.” ޑޯޑޯ ބުންޏެވެ. އެހެނަސް މިނިޓެއްވީއިރު ވެސް އެއަށް ޖަވާބެއް ނައުމުން 5 މިނިޓް ފަހުން އަދި ހަނދާންކޮށްދޭނެ ވާހަކަ އިނގިރޭސިން ބުންޏެވެ.
5 މިނިޓް ނުވަނީސް ޑޯޑޯގެ ކުރިމައްޗަށް ވާ ގޮތަށް ފާޚާނާގެ ދޮރު ހުޅުވިގެން ދިޔައެވެ. އެ ދޮރުމައްޗަށް އެރީ ބާތްރޯބްއެއް ލައިގެން ތުވާއްޔަކުން ބޯހިއްކަމުން އައި އީތަންއެވެ.
“ހައި ޑޯޑޯ!” އީތަން ގޮސް އެތާ އޭނަގެ އިސްކޮޅަށް ހުރި މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން ބުންޏެވެ.
“ހައި ހޭންޑްސަމް!” ޑޯޑޯ ޖަވާބުގައި ބުނެލި ވާހަކައިން އީތަންއަށް ކުއްލި ގޮތަކަށް އެދިމާލަށް ބަލައިލެވުނެވެ.
“ވޮހް! މަ އަމިއްލައަށް ޕްރޮގްރާމް ކުރި ތަންކޮޅެއް އެކަމަކު މަ ވެސް އުފާވެއްޖެ ތި ބަސްތައް އިވިފަ.”
“ލެންގުއޭޖް އަންޑިޓެކްޓެޑް!”
“ހުމް…..އަދި ބަލައްޗޭ ދިވެހިން ވާހަކަ ދައްކަން ވެސް ދަސްކޮށްދޭނަން. މިހާރު ލިޔަން ދަސްކޮށްފީމެއްނު؟ ސޯ ޕްރައުޑް އޮފް ޔޫ ޑޯޑޯ.”
“ތެންކިއު.”
އެއަށްފަހު އަނެއްކާވެސް ކޮޓަރިއަށް ވެރިވީ ހިމޭންކަމެކެވެ. 2 މިނެޓެއްހާއިރުގެ ހިމޭންކަމަށްފަހު އަނެއްކާވެސް އިވިގެން ދިޔައީ ޑޯޑޯގެ އަޑެވެ.
“ނިއު ނޮޓިފިކޭޝަން ފޯ އީތަން.” ޑޯޑޯ އެ ބަސްތައް ތަކުރާރުކުރިއެވެ.
“އޮފިސް އަވާރސްއަށްފަހު ނޮޓިފިކޭޝަންގެ ވާހަކަތައް ނުދައްކަން ނުބުނަންތަ؟ އަޅެ އެތަންކޮޅު މަށަށް ސޭވް ނުކުރެވެނީބާ؟” އީތަން އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް އެހިއެވެ.
“ލެންގުއޭޖް އަންޑިޓެކްޓެޑް!”
“އޯކޭ އޯކޭ ފައިން! ރީޑް ދަ މެސެޖް.”
“ނިއު މެއިލް ވިއާ ވީޓީސް ކޮންޓެކްޓް ފޯމް. ފްރޮމް އައިޝަތު ހިބާ ޝަހީދު…..”
ޑޯޑޯ ކިޔައިލި ނަމަކުން އެވަގުތު އޭނަގެ އިސްތަށިގަނޑު މަތިން އަތް ހިންގަމުން ދިޔަ އީތަންގެ ޙަރަކާތްތަކަށް ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި ކިޔަވާ މޭޒާއި ދިމާލަށް ބަލައިލަމުން އެދިމާލަށް ދެވެން ފެށީ ދިގު ފިޔަވަޅުތަކެއްގައެވެ. މޭޒާއި ހަމައަށް ދެވުމާއި އެކުހެން އީތަން ފޯނު ނަގައި ހުޅުވައިލިއެވެ. ޑޯޑޯ ދެންމެ ކިޔައިލި ނަން އޭނަގެ މެއިލް އިމްބޮކްސްގެ ތެރެއިން ފެނިގެން ދިޔުމުން އިރުކޮޅެއް ވަންދެން އެ ނަމަށް ބަލަން ހުރެވުނެވެ.
**
11 ޖަހަން ގާތްވަމުން ދިޔަ ވަގުތު ހިބާ އޭނަގެ އެނދުމަތީގައި އިށީނދެގެން އިނީ ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔާށެވެ. ހުރިހާ ޒިކުރުތަކާއި ސޫރަތްތައް ކިޔައި ނިންމުމަށްފަހު ހިބާ ފޯނު ނިވައިލަން އުޅުނު ވަގުތު މެއިލްއެއްގެ ނޮޓިފިކޭޝަނެއް އައެވެ. އޭތި ހުޅުވައި ބަލައިލިއިރު ‘ވިންޓޭޖް ޓެކްނޮލޮޖީސް’ އިން ރިޕްލައިއެއް އައިސްފައިވިތަން ފެނިފައި ހިބާގެ ނޭވާ ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެމީހުންގެ ޖަވާބު ހާދަ އަވަހޭ ހިތަށްއެރިއެވެ. އެ ޖަވާބުގައި އޮންނާނީ ތިމަންނަމެންނަށް އޭނައަށް އެހީއެއް ނުވެވޭނެ ވާހަކަ ކަމަށް ނިންމަމުން ހިބާ އެ މެސެޖު ހުޅުވައިލިއެވެ.
ރަސްމީ ސިޓީއެއް ފަދައިން އިނގިރޭސިން ލިޔެފައިވި އެ މެސެޖު ހުޅުވައިލިއިރު ފެނިގެން ދިޔަ ވާހަކައިން ހިބާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“އަޅުގަނޑުމެންގެ އެޕްލިކޭޝަންތައް ހިބާއަށް ކަމުދިޔައީތީ އުފާކުރަން. އަދި ހިބާގެ ޕްރޮޖެކްޓަށް ވެވެން އޮތް އެހީއެއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި ދެކެން.”
އިނގިރޭސި ބަހުން ލިޔެވިފައިވި ބަސްކޮޅުގައި އޮތީ އެހެންނެވެ. އެ އެންމެ ފަހު ޖުމްލައިގައި އޮތް ވާހަކަ ޤަބޫލުކުރަން ވެސް ދަތިވުމުން ހިބާއަށް ހިނިތުންވުމަކާއެކީ ތަކުރާރުކޮށް އެ ބަސްތައް ދެ ތިން ފަހަރަކު ކިޔައިލެވުނެވެ. އެއަށްފަހު ހިތާހިތުން ޙަމްދުކުރަމުން ތިރިއަށް ސްކްރޯލްކުރީ އެމީހުންނަށް ޝުކުރު އަދާކުރުމަށް ރިޕްލައިއެއް ފޮނުވުމަށެވެ. އެވަގުތު ތިރީގައި އޮތް ނަމެއް ފެނިފައި ހިބާ ހުއްޓުން އެރިއެވެ.
‘ރިގާރޑްސް، އިސްމާޢީލް އީތަން.’
މެސެޖުގެ ތިރީގައި ލިޔެވިފައިވީ އެހެންނެވެ. އެހިނދު ހިބާގެ ދެބުމަ ކައިރިވިއެވެ. މި ކުންފުނީގެ ކުދިކުދި މެސެޖުތަކަށް ޖަވާބު ފޮނުވަނީ ވެސް ކުންފުނީގެ ޗީފް ޑައިރެކްޓާރތޯ ހިތަށްއެރިއެވެ. އިރުކޮޅެއް ވަންދެން އެކަމާއިމެދު ވިސްނުނެއްކަމަކު މާ ގިނައިރެއްނުވެ އެކަމާއިމެދު ހަނދާން ނައްތައިލެވުނީ ލިބިފައިވި އުފަލެއްގެ ބޮޑުކަމުންނެވެ. އިސާހިތަކު ހިބާ މެސެޖެއް ލިޔަން ފެށިއެވެ. އޭނަގެ ޕްރޮޖެކްޓަކީ ޓީޗާރސް ކޮންފަރެންސްގައި ހުށަހަޅަން އުޅޭ ޚިޔާލެއްކަމާއި އެއީ މޯބައިލް އެޕްލިކޭޝަނެއް ކަމަށް ބުނަމުންނެވެ. އޭތި ސިފަކޮށްފައި މާދަމާގެ ވަގުތެއްގައި ލިޔުމެއް ފޮނުވާނެ ވާހަކަ ބުނަމުން ހިބާ ޝުކުރު އަދާކޮށް މެސެޖެއް ފޮނުވައިލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ފޯނު ބޭއްވުމަށްފަހު ނިދަން އޮށޯތީވެސް ހިނިތުންވުމަކާއި އެކީގައެވެ. ހީވެސް ނުކުރާ ފަދައަކުން އެހީއެއް ލިބިގެން ދިޔުމުން ދެންވެސް ޙަމްދުކުރެވޭ ޙާލުގައެވެ.
އެ ލިބިގެން ދިޔަ އެހީއަކީ އޭނަގެ ޙަޔާތުގައި ފެށެން އުޅޭ އާ ބާބުގެ ފެށުންކަން ހިބާއަށް ރޭކާނުލިއެވެ.
**
އޭގެ އަނެއްދުވަހު އަރައިގެން ދިޔަ އިރާއެކީ ހިބާ ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އާދައިގެ މަތިން ހަމްނާ ގަދަކަމުން ތެދުކޮށް ހަމްނާއާއެކީ ސައިބޮއިގެން ސްކޫލަށް ގެންދިޔައެވެ. ހަމްނާ ސްކޫލަށް ލުމަށްފަހު އަމިއްލަ ސްކޫލަށް ދިޔުމަށް މިޞްރާބުޖެހި ވަގުތު ހިބާގެ ހަނދާނަށް އައީ މާޒިންއެވެ. މުނީރާ އިއްޔެ ނުހަނު ހެނދުނާ އޭނައާއި ބައްދަލުކުރަން އައި ގޮތުން މާޒިން އެހެން ކުދިންނަށްވުރެ އަވަހަށް އައިސްދާނެއޭ ހިތައި، ހިބާ ސައިކަލު ދުއްވާފައި ދިޔައީ ވެސް އިހުނަށްވުރެ ބާރަށެވެ.
އެހެނަސް ހިބާ ސްކޫލަށް އައިއިރު ވެސް މާޒިން އައިސްފައެއް ނުވެއެވެ. އެހެން ކުދިންނާއި ނަޝާވެސް އައިސް ކުދިން ތައްޔާރު ކޮށްގެން އައި އަކުރުތަކުން ބޯޑުގައި ‘ވެލްކަމް މާޒިން’ އޭ ލިޔެ، ސާކަލް ޓައިމް ނިމުނުއިރު ވެސް މާޒިންގެ ޚަބަރެއް ނުވެއެވެ. މާޒިން ނާންނާނެ ކަމަށް ހިބާއަށާއި ނަޝާއަށް ވެސް ނިންމުނެވެ. އެހެންކަމުން ކުދިންގާތު ވެސް އެހެން ބުނުމަށްފަހު ފުރަތަމަ ގަޑިއަށްޓަކައި ކުދިން ގޮނޑިތަކަށް އަނބުރާ ފޮނުވައިލިއެވެ. ހަމަ އެވަގުތު ހިބާގެ ފޯނު ރިންގުވާން ފެށުމުން ސްކްރީން ބެލިއިރު ‘މާޒިން’ އޭ އަރާފައި އޮތް މަންޒަރު ފެނިފައި ހިބާ ފޯނު ނެގިއެވެ.
“ހެލޯ މާޒިން މަންމާ….މިއަދު މާޒިން ނާންނަނީތޯ؟” ހިބާ ސުވާލުކުރިއެވެ.
“ނޫނޭ….ފުރަތަމަ ދުވަސްވީމަ ތަންކޮޅެއް އުދަގުލުން މި ގެނައީ. ހިބާއަށް އައިސްދެވިދާނެތަ ބޭރަށް މާޒިން ބަލައި އަންނަން؟” އެކޮޅުން މުނީރާ އެދުނެވެ.
“ލައްބަ މި އަންނަނީ އިނގޭތޯ…” ހިބާ އެހެން ބުނެ ފޯނު ކަނޑައިލިއެވެ. އެއަށްފަހު ފަސްއެނބުރި ނަޝާއަށާއި ހުރިހާ ކުދިންގާތު ވެސް މާޒިން އެބަ އަންނަ ވާހަކަ ބުންޏެވެ. އެ ކުލާހުގެ ފުރަތަމަ ގަޑި ނަގަން އޮތީ ނަޝާ ކަމަށްވީތީ ނަޝާ ކުލާހުގައި މަޑުކޮށްލިއިރު ހިބާ ބޭރަށް ދިޔައެވެ.
ކުލާހުން ނިކުމެގެން ގޮސް ހިބާ ކޮރިޑޯގެ ތެރެއިން ހިނގާފައި ދިޔައީ ދިގު ފިޔަވަޅުތަކެއްގައެވެ. މާޒިންއާއި ހިސާބަށް ވީހާވެސް އަވަހަށް ދިޔުމަށެވެ. ކޮރިޑޯގެ ތެރެއިން ހިނގާފައި ގޮސް ސްކޫލްގެ ގޭޓާއި ދިމާވާ ހިސާބަށް ދެވުނު ވަގުތު މުނީރާއާއި އެކީ ކުޑަ ފިރިހެން ކުއްޖަކު ގޭޓު ކައިރިން ހިބާއަށް ފެނިގެން ދިޔައެވެ. ހިބާ ފެނުމާއެކު މުނީރާ އޭނައަށް ޢިޝާރާތްކޮށް އެހެރީ މިސްއޭ ބުނި އަޑު ހިބާއަށް ވެސް އިވުނެވެ. އެ ހިނދު މާޒިން ލުއި ގޮތަކަށް ކުރިމައްޗަށް ނަޒަރެއް ދީފައި އިސްޖަހައިލީ ލަދުންކަމަށް އެންމެ ފުރަތަމަ ހިބާއަށް ހީވިއެވެ.
“ވެލްކަމް ޓު ސްކޫލް މާޒިން، މިއީ މާޒިންގެ މިސްއޭ…..ހިބާ މިސް. މާޒިންގެ އިންތިޒާރުގަ ބައިވަރު ކުދިން އެބަތިބި ކުލާހުގަ.” ހިބާ މާޒިންގެ ކައިރިއަށް ދަމުން ވާހަކަ ދެއްކިއެވެ. އަދި މާ ކައިރިއަށް ނުގޮސް ދުރުގައި މަޑުކޮށްލީ މާޒިން އަމިއްލައަށް އާދޭތޯ ބެލުމަށެވެ. މާޒިން ދެންވެސް ހިބާއަށް ބަލައިލާފައި އިސްޖަހައިލީ ހަތަރުކަޅި ހަމަކުރަން އުދަގޫވެގެން އުޅޭ ފަދައަކުންނެވެ. މާޒިންގެ އެ ޙަރަކާތުންނާއި، ދަބަހުގެ ދެކޮނޑު ބާރަށް ހިފަހައްޓައިގެން ހުރި ގޮތުން ހިބާގެ ހިނިތުންވުން ހިސާބަކަށް ފަނޑުވެގެން ދިޔައީ މާޒީގެ ހަނދާނެއް އާވުމުންނެވެ.
“އަވަހަށްދޭ އެކޮޅަށް. އެތާ އެހެރީ ހިބާ. ހިބާއާ އެކީގަ ހިބާގެ ކުލާހަށް ދާނީ އިނގޭ؟” ހިބާގެ ކަންފަތުގައި އެ ބަސްތައް ގުގުމައިލީ ބައްޕަގެ އަޑުންނެވެ. ބައްޕަ އެ ބަސްތައް ބުނި ދުވަހުވެސް އޭނައަށް ހުރެވުނީ ހަމަ އެ ސްކޫލްގެ ގޯތީތެރޭގެ އެހާ ހިސާބުގައި ގޭޓު ކައިރީގައި ހުރި ފިރިހެން ކުއްޖަކަށް ބަލަހައްޓައިގެނެވެ. އެކުއްޖާވެސް އޭނައަށް ބަލާފައި އިސްޖަހަމުން ދިޔައިރު ކޮނޑުގައި އެޅުވިފައިވި ސައިޑް ބޭގްގެ ފަށުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން ހުއްޓެވެ.
“ކޮބާ މާޒިން….މިސް އެބުނީ ބައިވަރު ފްރެންޑުން ވެސް އެބަތިއްބޯ…..” ހިބާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ އަނެއްކާވެސް މުނީރާ ވާހަކަ ދެއްކި އަޑަށެވެ. އެއާއިއެކު ހިބާ އަނެއްކާވެސް މާޒިންއަށް ފުރިހަމަ ހިނިތުންވުމެއް ދައްކައިލިއެވެ.
“ލައްބަ ބައިވަރު ފްރެންޑުން އެތިބި. މާޒިންއަށް ސަޕްރައިޒެއް ދޭން ތައްޔާރުވެގެން ތިބީވެސް. އަވަހަށް އާދޭ!” ހިބާ ބުންޏެވެ. މާޒިން ދެންވެސް އިރުކޮޅެއް ވަންދެން ހުރިގޮތަށް ހުރެފައި ލަސްލަހުން ހިބާގެ ކައިރިއަށް ދާންފެށިއެވެ. އެހިނދު މުނީރާއާއި ހިބާއާއި ދެމެދު ހިނިތުންވުންތައް ބަދަލުވެގެން ދިޔައެވެ. މާޒިންއަށް ހިބާގެ ކައިރިއަށް ދެވުމުން މުނީރާ އަނގައިގެ ޙަރަކާތުން ހިބާގާތު ދިޔައީއޭ ބުންޏެވެ. ހިބާ ބޯޖަހައިލުމުން މުނީރާ އެމީހުންނަށް ފަސްދިނުމުން ހިބާވެސް މާޒިންގެ ކޮނޑުގައި އަތް އަޅައި ކޮރިޑޯއާއި ދިމާލަށް ދާން ފެށިއެވެ.
މާޒިންއާއި އެކީގައި ކޮރިޑޯއިން ހިނގާފައި ދިޔަ އެ ހުރިހާ ވަގުތެއްގައި ހިބާގެ ލޯމަތިން ސިފަވެގެން ދިޔައީ މާޒީގައި ދެންމެ ހަނދާންވެގެން ދިޔަ ދުވަހުގެ މަންޒަރުތަކެވެ. އޭނަ ދައްކަމުން ދިޔަ ވާހަކަތަކަށް މާޒިން ހިމޭންކަން ޚިޔާރުކުރަމުން ދިޔަ ގޮތުން ހަނދާނަށް އަންނަމުން ދިޔައީ އެދުވަހު އެ ފިރިހެން ކުއްޖާވެސް ހިމޭންކަމާއެކީ ހިނގަމުން ދިޔަ ގޮތެވެ. ކުލާހާއި ހަމައަށް ދެވެންދެން އެ ހަނދާންތައް އާ ނުކޮށްވޭތޯ ހިބާ މަސައްކަތް ކުރިއެވެ.
ހިބާ މާޒިންއާއެކީ ކުލާހަށް ގޮސް ވަނުމާއެކު ނަޝާއާއެކީ ހުރިހާ ކުދިން ‘ވެލްކަމް މާޒިން’ އޭ ބުނެލި އަޑު ކުލާހުގައި ގުގުމައިލިއެވެ. މާޒިން އަންނަންދެން ނަޝާ ހުރީ ފިލާވަޅު ނުފަށައެވެ. އެހިނދު ހިބާ މާޒިންއަށް ބެލިއިރު އެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ފެނިފައި ކާމިޔާބީގެ އިޙްސާސެއް ކުރެވުނެވެ.
“މާޒިން އަވަހަށް މިތަނަށް އައިއްސަ ކުޑަކޮށް ތަޢާރަފު ވެލަންވީއެއްނު؟ ދަބަސް ތިހިރަ ގޮނޑީގަ ބާއްވާފަ އަންނާނީ އިނގޭ؟” ނަޝާ ފަނޑުނުވާ ހިނިތުންވުމަކާއެކީ ބުންޏެވެ. މާޒިން ނަޝާ ބުނި ފުރަތަމަ ވާހަކައާއެކީ ކުރިއަށް އަންނަން ފެށިއެވެ. އެހެނަސް ދެވަނަ ވާހަކަ އިވިފައި ފިޔަވަޅުތައް މަޑުޖެހި އޮޅުން އަރާފައި ހުއްޓުނެވެ. އިސާހިތަކު ނުތަނަވަސްކަން އެ މޫނުމައްޗަށް ވެރިވީ ހަދާނެ ގޮތް ހުސްވި ފަދައަކުންނެވެ. ހިބާ އެ މަންޒަރު ފެނިފައި ވަގުތުން ގޮސް ދަބަސް މިސްއަށް ދޭށޭ ބުނެ މާޒިންގެ ދަބަސް ހޯދައި އެ ދަބަސް ގޮސް ނަޝާ ޢިޝާރާތްކުރި ގޮނޑީގައި ބެހެއްޓިއެވެ. އެއަށްފަހު ކުޑަކޮށް ފަހަތަށް ޖެހިލަމުން ކުލާހުގެ އަނެއްފަރާތުގައި މަޑުކޮށްލީ މާޒިން އަމިއްލަ ތަޢާރަފެއްދޭ ގޮތް ބެލުމަށެވެ.
ނަޝާ ބުނިހެން މާޒިން ގޮސް ބޯޑު ކުރިމަތީގައި މަޑުކޮށްލިއެވެ. މާޒިން މުޅި ކުލާހަށް ނަޒަރެއް ދީފައި ދެންވެސް އިސްޖަހަމުން ދިޔައީ ކުރިމައްޗަށް ބަލަން އުދަގޫވެގެން އުޅޭ ފަދައަކުންނެވެ. ހިބާ އެކަން ރަނގަޅުކުރަން ނުބުނީ އެއީ މާޒިންގެ އަމިއްލަ އިޚްތިޔާރުން ބޭރުގައިވާ ކަމެއްކަން އެނގޭތީވެއެވެ. އަދި އަމުދުން އެވަގުތު މާޒިން ވާތް އަތުގެ ބޮޑުވާ އިނގިލި ދެން ހުރި އިނގިލިތަކުގެ ނިޔަފަތީގައި ތަކުރާރުކޮށް ހިންގަން ފެށުމުން މާޒިން ނުތަނަވަސްވާން ފެށީކަން ހިބާއަށް އެނގުނެވެ. އެ މޫނުމަތިން އެކަން ނުފެނުނަސްމެއެވެ.
މާޒިން އެތާ ހުއްޓިހުރި މަންޒަރު ފެނިފައި އަނެއްކާވެސް ހިބާގެ ހަނދާނަށް އަންނަން ފެށީ އެއްކަލަ ދުވަހުގެ މަންޒަރެކެވެ.
“ކީކޭބާ މީނައަށް ކިޔަނީ؟” މިފަހަރު ހިބާގެ ކަންފަތުގައި ގުގުމައިލީ އޭނައާއިއެކީ ކިޔެވި ގޯސް ފިރިހެން ކުދިންގެ އަޑުތަކެވެ. އެމީހުން އެ ވާހަކަތައް ދެއްކީ އެއްކަލަ ފިރިހެން ކުއްޖާ ތަޢާރަފުވުމަށް ކުލާސް ކުރިމަތީގައި ހުއްޓި އެއްޗެކޭ ނުބުނުމުންނެވެ.
“ނޭނގެ….މަންމަނެއް ކަންނޭނގެ މިފަހަރު އަހަރުމެން ކުލާހަށް މި އައީ.”
“ލޮލަށް އެއްޗެއް އެޅިގެންތަ އަހަރުމެންނަށް ނުބެލިގެން އެއުޅެނީ؟ އެހެންނޫނީ އަހަރުމެންނަށް މިހާރުއްސުރެ ބިރުންތަ؟”
“އޭނަ ބުއްދިވެރިއްޔާ މިހާރުއްސުރެ ބިރުގަންނަންވީ!”
އެންމެ ގޯސް އެ ފިރިހެން ކުއްޖާ ބުނި އެ ބަސްތަކާއެކީ ގުޅައަކަށްލެވިފައިވާ ކަރުދާސްތައް އެކުއްޖާއާއި ދިމާލަށް އުކެން ފެށިއެވެ.
“މާޒިން….އަޅެ ބުނެބަލަ އެއްޗެކޭ ދަރިފުޅު.” މިފަހަރު ހިބާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ނަޝާ ތަކުރާރުކޮށް އެހެން ބުނެލި އަޑަށެވެ. އެހިނދު ހިބާ އެހެން ކުދިންނަށް ބަލައިލިއިރު ބައެއް ކުދިން މާޒިންއަށް ދިން ސަމާލުކަން ދޫކޮށް އެހެން ކަންތަކަށް އަނބުރާ ދަނީއެވެ. އެ މަންޒަރު ފެނިފައި ހިބާ މާޒިންއަށް ބަލައިލައިފައި އެތާ ކައިރީގައި ހުރި މޭޒުމަތިން މާކަރެއް ނެގިއެވެ. އަދި އޭތި ހިފައިގެން މާޒިންގެ ކައިރިއަށް ގޮސް މާޒިންގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ.
“ރައިޓް 3 ސެންޓެންސެސް އެބައުޓް ޔޫ އޮން ދަ ބޯޑް.” ހިބާ އިނގިރޭސި ބަހުން ކުރު ގޮތަކަށް ބުންޏެވެ. އިނގިރޭސި ބަސް ޚިޔާރު ކުރީ ފަހަރެއްގައި މާޒިންއަށް ބޮޑަށް އެނގިފައި ހުންނާނީ އިނގިރޭސި ބަސްކަމަށް ވެދާނެތީވެއެވެ. ކުރަންވީ ކަމެއް ދިވެހިން ބުނުމުން ދެންމެ ނޭނގުނީ ކަމަށް ވެދާނެތީވެއެވެ. އެ ޒާތުގެ ކުދިންނަށް އާއްމުކޮށް އެއްބަސް މާ ބޮޑަށް އެނގި އަނެއްބަހަށް ދަށްވެފައި ހުރެދާނެތީވެއެވެ.
ހިބާއަށް ހީވީ ރަނގަޅަށެވެ. ހިބާ އެހެން ބުނުމާއެކު މާޒިން އޭނަގެ އަތުން މާކަރު ހޯދިއެވެ. އަދި ބޯޑާއި ދިމާލަށް އެނބުރިލަމުން ލަސްލަހުން ބޯޑުގައި ލިޔަން ފެށިއެވެ. ލިޔަން ފެށީވެސް އަޖާއިބުކުރުވާހާ ރީތި އިނގިރޭސި ލިޔުމަކުންނެވެ. ދެންމެ މާޒިންއަށް ސަމާލުކަން ދިނުމަށް ފަރުވާކުޑަ ކުރި ކުދިން ވެސް ‘ވާވް’ އޭ ކިޔައި ބޯޑަށް ބަލަން ތިއްބެވެ. މާޒިން ބޯޑުގައި ލިޔުނީ ތިމަންނަގެ ނަމަކީ މާޒިން ކަމާއި، ތިމަންނަ އައީ މާލެއިން ކަމާއި، މި ކުލާސް ކުދިންނާއެކީ ރަނގަޅަށް ކިޔެވުމަށް ބޭނުންވާ ވާހަކައެވެ.
“ތެންކިއު މާޒިން. ވީ ލުކް ފޯވާޑް ޓު ލާނިންގް ވިތް ޔޫ ޓޫ….ކުދިން، ފުރަތަމަ ދުވަސްވީމަ މާޒިން ވާހަކަ ދައްކަން ކުޑަކޮށް ޖެހިލުންވީ އިނގޭ. ކޮންމެ ކުއްޖަކަށް ވެސް އެހެން ވެދާނެދޯ އާ ސްކޫލަކަށް އާދެވުނީމަ؟ އެހެންވީމަ ހުރިހާ ކުދިން ފްރެންޑްވާނަންތަ މާޒިންއާ؟” ހިބާ މުޅި ކުލާހަށްވާ ގޮތަށް އެހިއެވެ. އެއާއިއެކު ހުރިހާ ކުދިން އެކީ ‘ލައްބަ’އޭ ބުނުމުން ހިބާ ހިނިތުންވެލިއެވެ.
ކުލާސްތެރޭގައި މާޒިން އިށީނދެ ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ހިބާ ކުލާހުން ނިކުމެގެން ދިޔައީ ނަޝާއާއި ޙަވާލުކުރުމަށްފަހުއެވެ. ހިބާ އެ ގަޑީގައި ވަކި ގަޑިއެއް ނަގަން ނެތުމުން ސްޓާފް ރޫމާއި ދިމާލަށް މިޞްރާބުޖެހީ ކުރިއަށް އޮތް ހަފްތާގެ ފިލާވަޅުތަކަށް ތައްޔާރުވުމަށް ނިންމަމުންނެވެ. ސްޓާފް ރޫމާއި ގާތްވަމުން ދިޔަ ވަގުތު ފޯނު ރިންގުވާން ފެށުމުން ދަބަހުގެ އަރިމަތީ ޖީބުން ފޯނު ނަގައި ބެލިއެވެ. އެހިނދު ނުދަންނަ ނަންބަރެއް ސްކްރީނަށް އަރާފައި އޮތުމުން ހިބާގެ ދެބުމަ ކައިރިވިއެވެ. ނުދަންނަ ނަންބަރަކުން ގުޅިޔަސް ހިބާ ޢާއްމުގޮތެއްގައި ފޯނު ނަގައެވެ. ކުއްޖެއްގެ ބެލެނިވެރިއަކު އާ ނަންބަރަކުން ވެސް ގުޅާފާނެތީވެއެވެ. އެއީ ވެސް ބެލެނިވެރިއެކޭ ހިތައި ހިބާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ….” ހިބާ ބުންޏެވެ.
“ހެލޯ ހިބާ….ލޯންގް ޓައިމް ނޯ ސީ.” ފޯނުގެ އަނެއްކޮޅުން ޒުވާން ފިރިހެނެއްގެ އަޑު އިވުމުން ސްޓާފް ރޫމުގެ ދޮރު ހުޅުވަން އުޅުނު ހިބާގެ ޙަރަކާތްތައް މަޑުޖެހުނެވެ.
ނުނިމޭ
Aayaa
June 9, 2021 @ 1:24 am
so aayaa ah rangalhah dhw ebunevuny. that’s eethan.. but dhaaris aky koacheh kan neygye adhivess. visna vx neygunu. mihaaru guess kohfin kaakukan gulhy..😂😂😂 v v salhi story ma sha Allah. keep up the good work❤💝💖✨next part kon iraku? stay safe sisss❤🤗😘
Jana
June 9, 2021 @ 3:07 pm
Labba ey hama Ethan. Dhaaris ey koacheh/kaaku tho balamaa dho? haha! Edhuvahu Ethan Dodo kairi buny favourite person ey ehnu? 😉
Alhe guess kurevuniyya jana kairives bunahchey. very curious 😛 hehe….Alhamdhulillah! Next part Saturday ga In Sha Allah. Stay safe sis <3 <3 <3
Aayaa
June 9, 2021 @ 3:39 pm
yah dhw. ebain favourite person ey.. but kihineh anna ehche kameh neygey.. story nimey iru enegyne thaa dhww.
haha. that’s fazeen kamah lafaa kureveny ingeyy.😂🤭
Zaeyn...
June 9, 2021 @ 5:46 am
wowww.. mi part vx hama v salhi ingey sis..adhivx dhaaris aky kwchey kan neygigen nolu mathyga suvaalu mark araafa myny.. hehe.. waiting 4 next part curiously.. lysm sis.. be safe
Zaeyn.. 😁
June 9, 2021 @ 9:13 am
Bolu*
Jana
June 9, 2021 @ 3:09 pm
In Sha Allah adhi varah avahah engeyne mi Dhaaris aky koacheh kan. hehe….next part Saturday ga In Sha Allah. Alhamdhulillah! Love you too sis. Stay safe! <3