މަތިމައްޗަށް ހުރި އަނދިރިތަކުގެ ތެރޭގައިވާ މީހާގެ މިސާލު
މިއަދު އަޅުގަނޑު ޙިއްސާ ކުރާނީ އަޅުގަނޑު ވަރަށް ރީތި އާޔަތެކެވެ. މިއީ އަޅުގަނޑު ކުރީގެ ވާހަކައަކާއެކީ ޙިއްސާކޮށްފައިވާ މަންޒަރަކަށް ވިޔަސް ޤުރުއާނުގެ އާޔަތްތަކަކީ އޭގެ ރީތިކަމަށް ފޫހިނުވާ ފަދަ އާޔަތްތަކެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި އާޔަތް ސިފަކުރިއިރު ހިތަށް ކުރި ފަދަ އަސަރެއް ހަމަ އެ މަންޒަރު މި ވާހަކައިގައި ސިފަކުރިއިރު ވެސް ކުރެވުނެވެ.
ސޫރަތުއްނޫރުގެ އާޔަތެއްގައި ވަރަށް އަނދިރި އަދި ޠޫފާނީ ރެއެއްގެ ގަދަ ކަނޑެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވެއެވެ. މި އާޔަތުގައި ސިފަކުރައްވާފައިވަނީ އެ ގަދަ ކަނޑުގައި ގެނބެމުންދާ މީހެކެވެ. އެ މީހާ އެ ގަދަ ކަނޑުގެ މައްޗަށް އަރަން އުޅުނަސް މަތި މައްޗަށް އަންނަ ބޮޑެތި ރާޅުތަކުގެ ސަބަބުން އޭނަ އަޑިއަށް ދެއެވެ. އެހެންކަމުން މި މީހާ މަޑުމަޑުން އެ ފުން ކަނޑުގެ އަޑިއަށް ދާން ފަށައެވެ. ކައިރީގައި ބޯޓެއް އަދި އެހެން އުޅަނދެއްވެސް ނެތް ތާނގައި ހަނދުގެ އަލިވެސް ކޮޅިތަކުން ފޮރުވިފައިވުމުން މި މީހާއަކަށް އެއްވެސް އައްޔެއް ލިބޭކަށް ނެތެވެ. މި މީހާއާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިހެންނެވެ.
إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا
“…އެމީހާގެ އަތް ނެރުނަސް، އެ އަތް ނުފެންނަނީ ކިރިޔާއެވެ….” ސޫރަތުއްނޫރު، 40
ތިބާ ވިސްނާލާށެވެ. މި މީހާ އޮތީ އަނދިރި ރެއެއްގައި ކަނޑު އަޑީގައި ކަމަށްވާނަމަ އަދި ވަށައިގެން އެއްވެސް އައްޔެއް ނެތް ނަމަ އޭނައަށް އެއްވެސް އެއްޗެއް ފެންނާނެ ހެއްޔެވެ؟ އޭނަ އަތް ނެރުނަސް އެއަތް އެއްވެސް ވަރަކަށް ފެންނާނެ ހެއްޔެވެ؟ ނޫނެކެވެ. ތިބާގެ ރަށުން ރޭގަނޑު ވަގުތު ކަރަންޓު ދިޔުމުން ތިބާގެ އަތަށް ބަލަން އުޅުނަސް ފޯނު ނެތިއްޔާ ތިބާއަށް އަތް ނުފެންނާނެއެވެ. އެހެންކަމުން އެ މީހާއަށް އޭނަގެ އަތް އެއްވެސް ވަރަކަށް ނުފެންނާނެކަން ހަމަ ޔަޤީނެވެ.
އެހެނަސް އަޖާއިބުކުރުވަނިވި ގޮތަކަށް ﷲ ވަޙީކުރައްވާފައިވަނީ އެމީހާއަށް އޭނަގެ އަތް ނުފެންނަނީ ‘ކިރިޔާ’ ކަމެވެ. އޭނައަށް އޭނަގެ އަތް ކޮންމެވެސް ވަރަކަށް ފެންނަކަން މި އާޔަތުން އެނގެއެވެ. މި އާޔަތުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟
ކަނޑުގައިވާ އެ އަނދިރިކަމަކީ އަޅުގަނޑުމެންގެ ފާފަތަކުގެ އަނދިރިކަމެވެ. އަޅުގަނޑުމެންގެ ފާފަތަކުގެ ޒާތަކީ އެ ފާފަތަކުގެ ތެރޭގައި އަޅުގަނޑުމެން ގެނބޭ ކަހަލަ ޒާތެކެވެ. އެ ފާފަތަކުގެ ތެރެއިން އަރައިގަންނަން އުޅުމުން އަޅުގަނޑުމެން ބައެއްފަހަރު އިތުރަށް އެ ފާފަތަކުގެ ދަށަށް ދެއެވެ. އެ ކަނޑުގައިވާ ރާޅުތައް ފަދައިންނެވެ. އެހެނަސް މީހަކު މި ނާއުއްމީދީ ކަނޑުގައި ޣަރަޤުވާން އުޅޭ ވަގުތުވެސް އޭނައަށް ކޮންމެވެސް ވަރަކަށް އޭނަގެ އަތް ފެނެއެވެ. އަތަކީ އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ ނިޝާނެކެވެ. އަޅުގަނޑުމެން ފާފަތަކެއްގެ މަގުން ކިތަންމެ ދުރަށް ހިނގިޔަސް އަޅުގަނޑުމެންގެ ޢަމަލުތަކުގެ އަސްލު އަޅުގަނޑުމެންނަށް ވިސްނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ކިބައިގައި ލެއްވި އަލި (އަޅުގަނޑުމެންގެ ރޫޙު) ގެ ސަބަބުންނެވެ. އަޅުގަނޑުމެން އެ އައްޔަށް ފުރުޞަތެއްދީ އަޅުގަނޑުމެންގެ ޢަމަލުތަކާއިމެދު ވިސްނައި ފިކުރު ކޮށްފިނަމަ އެ އަލި ބޮޑުވަމުން ގޮސް އަޅުގަނޑުމެންގެ ވަށައިގެންވި މާޙައުލުވެސް އަލިކޮށްދޭނެއެވެ. އެހެންކަމުން އެމީހާއަށް ﷲ ގެ އިރާދަފުޅުން ސަލާމަތްވާންވީ މަގު ފެނިގެންދާނެއެވެ. ސުބުޙާނަ ﷲ!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި