ދާރިސް (ފަސްވަނަ ބައި)
ނުދަންނަ ނަންބަރަކުން ގުޅިޔަސް ހިބާ ޢާއްމުގޮތެއްގައި ފޯނު ނަގައެވެ. ކުއްޖެއްގެ ބެލެނިވެރިއަކު އާ ނަންބަރަކުން ވެސް ގުޅާފާނެތީވެއެވެ. އެއީ ވެސް ބެލެނިވެރިއެކޭ ހިތައި ހިބާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ….” ހިބާ ބުންޏެވެ.
“ހެލޯ ހިބާ….ލޯންގް ޓައިމް ނޯ ސީ.” ފޯނުގެ އަނެއްކޮޅުން ޒުވާން ފިރިހެނެއްގެ އަޑު އިވުމުން ސްޓާފް ރޫމުގެ ދޮރު ހުޅުވަން އުޅުނު ހިބާގެ ޙަރަކާތްތައް މަޑުޖެހުނެވެ.
“ތިއީ ކާކު؟” ހިބާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހިއެވެ. މިފަދައިން ޒުވާން ފިރިހެނަކު އޭނައަށް ގުޅުމަކީ ނާދިރު ކަމަކަށްވުމުން، މިއީ ނުބައި ނަންބަރަކުން ގުޅިގެން އުޅެނީތޯ ވެސް ހިނދުކޮޅަކަށް ހިތަށްއެރިއެވެ.
“އަޅެ ގެސް ކޮށްލަން ޓްރައިކޮށްލަބަލަ. އެންމެ ފަހުން ދެމީހުން ދިމާވީ ގްރޭޑް 8 އިން ދޯ؟ 8 ގަ ހުރިއިރު ވެސް އަހަރެން ހުންނާނީ މި އަޑު ކަންނޭނގެ….” އެ ޒުވާނާގެ ވާހަކަ ދިގުލައިގެން ދިޔަދިޔަހެން ހިބާގެ ނުރުހުންތެރިކަން އިތުރުވިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު އަޅުގަނޑަށް ހީވަނީ ނުބައި ނަންބަރަކަށްހެން ތި ގުޅައިލެވުނީ. ބޭއްވީ….” ހިބާ އެހެން ބުނެ ފޯނު ކަނޑައިލަން އުޅުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނާއި، ހަމަ ޙަޤީޤަތުގައި ވެސް އެއީ ނުބައި ނަންބަރެއްހެން ހީވުމުންނެވެ. އެހެނަސް ފޯނު ކަންފަތާއި ދުރުކުރި ވަގުތު އެމީހަކު މަޑުކުރާށޭ ބުނި އަޑު އިވިފައި އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައިލެވުނެވެ.
“މިއީ ފަޒީންއޭ…” އެކޮޅުން ފަޒީން ބުނެލި އަޑަށް ހިބާ ހިނދުކޮޅަކަށް ހިމޭންވިއެވެ. ފުރާވަރުގައި އެ ސޫރަ ފެނުނު ގޮތް ލޮލަށް ސިފަވެގެން ދިޔަދިޔަހެން އެ ސޫރައިގެ ވެރިޔާ ކުރި ކަންތައް ވެސް ހިބާގެ ހަނދާނަށް އާވެގެން ދިޔައެވެ. ހަމަ އެއާއެކު ހިބާގެ ބުމަގޮށްޖެހިގެން ދިޔައީ ހިސާބެއްގެ ރުޅިވެރިކަމަކާއި އެކީގައެވެ. އެހެނަސް ވާހަކަ ދެއްކިއިރު ހިމޭންކަން ޚިޔާރުކުރިއެވެ.
“ފަޒީން….ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ؟” ހިބާއަށް ފުރަތަމަވެސް އަހައިލެވުނީ އެހެންނެވެ. އެހެން ބުނިއިރު ވެސް ނަންބަރު ލިބިފައިވާނީ ހައްވައްތަގެ ފަރާތުން ކަމަށް ސިކުނޑީގެ ކަނަކުން ބުންޏެވެ.
“ނަންބަރު ވެސް އިނގެން ވާނެތާދޯ އިންނަން އުޅޭ ކުއްޖާވިއްޔާ…”
“އިންނާކަށް އެއްބަހެއް ނުވަން. ބައްދަލުކުރަން އެއްބަސްވީ. އަހަންނަށް ރަނގަޅީ ވީހާވެސް އަވަހަކަށް ފަޒީންގެ ޢާއިލާއާއެކީ ބައްދަލުކުރަން ހަމަޖެއްސިއްޔާ.”
“އައްދޭ! ކެތްމަދުވެސް އެބަވޭދޯ ހިބާ؟ އެންމެ ރަނގަޅު. މިރޭ 8 ޖަހާއިރު ނިއު ކްރެސެންޓް ރެސްޓޯރެންޓުން ބައްދަލުކުރަމާ.”
“އިން ޝާ ﷲ….ފަޒީންގެ މަންމައާއި ބައްޕަ ގޮވައިގެން އަންނާތި. ދެން ބޭއްވީ…”
ހިބާ އެހެން ބުނެ ފޯނު ކަނޑައިލީ ފަޒީން އެއްޗެކޭ ބުނަން އުޅެނިކޮށެވެ. އެކަމާއިމެދު ފަރުވާލެއްވެސް ނެތި ސްޓާފް ރޫމަށް ވަދެ އޭނަގެ މަސައްކަތާއި މަޝްޣޫލުވީ، އެކަމާއިމެދު ހިތާމައެއް ވެސް ކުރުމެއް ނެތިއެވެ. މިހާރުއްސުރެ ވެސް އޭނަގެ ހިތުގައި އޮތީ ފަޒީނާއި އިނުމަށް އިންކާރު ކުރުމުގެ އެދުމެވެ. ދެންމެ ފަޒީން ވާހަކަ ދެއްކި ޒާތުން ވެސް އޭނަގެ ހިތްހަމަނުޖެހުމުންނެވެ. މިރޭ ބައްދަލުކުރަން ނުޖެހޭނެނަމައޭ ވެސް ހިނދުކޮޅަކަށް ހިތަށްއެރިއެވެ. އެހެނަސް ދެންމެއަކު އާނބަސް ދެވުމުން ދެން ދިޔުން ނޫން ގޮތެއް ނެތްކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ.
**
ހަމްނާމެން ސްކޫލްގެ އިންޓަވަލް ގަޑީގައި ހަމްނާ އިނީ އާދައިގެ މަތިން އޭނަގެ ދެ އެކުވެރިންނާއެކީ ކެންޓީންގެ މޭޒެއްގެ ދޮށުގައެވެ. ތިން މީހުންގެ ދެމެދުގައި އެކިއެކި ވާހަކަތައް ދެކެވެމުން ދަނިކޮށް ނައުފަލްގެ ނަން ގަނެވުމުން ހަމްނާގެ ހުރިހާ ސަމާލުކަމެއް އެދިމާލަށް ދަތުރުކުރިއެވެ.
“ނައުފްވެސް މިހާރު ޓިކްޓޮކްގަ އުޅެއޭ. އަޅެ މަނާލް ދުށިންތަ؟” ހަމްނާގެ އެކުވެރި ލައިޝާ އެހި އަޑަށް، ދުރު ބަލަން ހުރި ހަމްނާއަށް ލައިޝާއާއި ދިމާލަށް ބަލައިލެވުނެވެ.
“އަސްލުވެސްތަ؟” މަނާލް ވެސް ނުހަނު ގަޔާވެފައި ސުވާލުކުރިއެވެ.
“އާނއެކޭ މަގޭ އަތުގަ މިހާރު ފޯނު އޮތްނަމަ ދައްކާލީމުސް. ވަރަށް ސްމާޓްކޮށް ސަންގްލާސެސް އަޅައިގެން ސަޅި ފިލްމެއްގެ ޑައިލޮގެއް ކިޔައިލީ. އިއްޔެ އޭތި އަޕްކުރީ…މިއަދު ހެނދުނު ބެލިއިރު ހުރި 1000 ވިއުސް!” ލައިޝާ ފޯރީގައި ބުންޏެވެ. އެހިނދު މަނާލް ‘ވާވް’ އޭ ބުނެލިތަނާހެން ހަމްނާ ވާހަކަ ދެއްކިއެވެ.
“ކޮން ފިލްމެއްގެ ތަންކޮޅެއް؟ ކީކޭ ބުނީ؟” ހަމްނާ އަވަސްއަވަހަށް އެހިއެވެ. އެހިނދު ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އޭނައަށް ނައުފަލް ކަމުދާކަން އޭނަގެ އެކުވެރިންނަށް އެނގިދާނެތީވެއެވެ. އެނގިއްޖެނަމަ އެ ވާހަކަ ނައުފަލްގެ ކަންފަތާއި ހަމައަށް ފޯރުން މާ ލަހެއް ނުވާނެކަން އެނގޭތީވެއެވެ. އަދި އަމުދުން ރޭ ދޮންތައާއި ދެކެވުނު ވާހަކައަށްފަހު އޭނަގެ އިޙްސާސްތައް ހަމައަކަށް ނޭޅެނީސް އެ ވާހަކަ އޭނަގެ އެކުވެރިންނަށް އެނގެން ހަމްނާ ނޭދެއެވެ.
“އެއްކަލަ ހަމް…..ޔޫ އާރ މިސިންގް އައުޓް އޮން އޯލް ދަ ފަން! އަޅެ ތި ދޮންތައަކަށް ފިލައިގެން ވެސް ޓިކްޓޮކް އައިޑީއެއް ހަދާބަލަ!” ލައިޝާ ބުންޏެވެ.
“ދޮންތަ އަހަރެން ބޭނުމިއްޔާ ފޯސްއެއް ނުކުރާނެ ނަހަދާކަށް. އެކަމަކު މާ ބޮޑަށް ޓައިމް ވޭސްޓް ވެދާނެތީ އަސްލު ނަހަދާ ހުންނަނީ….” ހަމްނާ ކިޔައިދިނީ ޙަޤީޤަތުގެ އެއްބައެވެ. ޙަޤީޤަތަކީ އޭނަގެ އެކުވެރިން ޓިކްޓޮކްއިން ބަލާ ގިނަ ވީޑިއޯތަކަކީ ލަދުކުޑަ ވީޑިއޯތަކަކަށްވުމުން، ޓިކްޓޮކަކީ ހަމްނާ މާ ގަޔާވާ އެއްޗަކަށް ނުވުމެވެ. އޭނަގެ އެކުވެރިންނާއި އޭނަގެ ނަޒަރިއްޔާތު ތަފާތީ، ދޮންތަ އޭނައަށް ދޭ އެތައް ނަޞޭޙަތެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެހެނަސް އޭނަ މި ވާހަކަވެސް އެކުވެރިންނަށް ނާންގަނީ އެ އެކުވެރިން ގެއްލިދާނެތީވެއެވެ. އޭގެ ބަދަލުގައި އިންސްޓާގްރާމާއި، ފޭސްބުކް މެދުވެރިކޮށް އެ އެކުވެރިން ފޮނުވާ ޓިކްޓޮކް ވީޑިއޯތަކަށް ‘ރިއޭކްޓް’ ކޮށްފައި އެމީހުންގެ ސަމާސާތަކަށް ކުޑަ ގޮތަކަށް ރައްދުދެއެވެ.
“ޕިސް ޕިސް…..ތިއޭ ހަމްގެ ކަޓު ތަންކޮޅަކީ. މި ޢުމުރުގަ ޓައިމް ވޭސްޓް ވެދާނެތީ ކަންބޮޑުވެގެން ތިއުޅެނީ. ވީ ހޭވް އަވާރ ހޯލް ލައިވްސް އަހެޑް އޮފް އަސް. މި ދުވަސްކޮޅުގަ މަޖާ ނުކުރަންޏާ ދެން ދިރިއުޅުމުގަ ނާންނާނެ މަޖާކުރާނެ ދުވަސްތައް! މާރކް މައި ވޯޑްސް.” ލައިޝާ އެހެން ބުނެލީ ހިސާބެއްގެ ބިރުދެއްކުމެއްގެ ގޮތުގައެވެ. ހަމްނާއަށް އިޙްސާސްވީ ވެސް އެކަހަލަ ގޮތެކެވެ. ލައިޝާ އެ ބުނީ ތެދެއްކަމަށް ހިތާހިތުން ބުނެލެވުނު ހިނދު މަނާލް އިތުރަށް ވާހަކަ ދެއްކިއެވެ.
“އޭ މިހާރު ފޭސްބުކްގަ ހާދަ ޓްރެންޑޭދޯ ސެކިއުލާރ ބިލްއެއްގެ ވާހަކަ؟” މަނާލް ބުންޏެވެ.
“އާނދޯ؟ މީހުންނާ ދިމާލަށް ލާދީނީއޭ ނުކިޔާ ބިލްތަ؟ ޓު ބީ އޮނެސްޓް އަހަރެން ސަޕޯޓްކުރަން އެއަށް. ވީ ޝުޑުންޑް ބީ ޖަޖިންގް އަދާސް ދޯ؟” ލައިޝާ ދެއްކި ވާހަކައިގެ ޒާތުން ހަމްނާގެ މެއަށް ނުބައި ގޮތެއްވިއެވެ.
“އޭ ތިހެން ނުކިޔައްޗޭ ލައި….އެއުޅޭ ޝެއިޚުން ލައި ކުށްވެރި ކޮށްފާނެ.” މަނާލްގެ މަޖާ ޒާތަކަށް އެ ވާހަކަ ދެއްކުމުން، އޭނައަށް މި އިނދެވެނީ އަމިއްލަ އެކުވެރިންގެ ތެރޭގައިތޯ ހަމްނާއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.
“އެކަމަކު އެއީ އަސްލު ރަނގަޅު ބިލެއް ނޫންދޯ؟ ދޮންތަ ބުނީ އޭތި ފާސްވެއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެޔޯ…” ހަމްނާއަށް އެހާ ވަރަށް ވެސް ބުނެލެވުނީ ނުތަނަވަސްކަމާއި އެކީގައެވެ. އޭނަގެ ގާތް ދެއެކުވެރިންނާއި ދެކޮޅު ހެދުމަކީ އޭނައަށް ޢާއްމުގޮތެއްގައި ކުރެވޭ ގޮތަކަށް ނުވާތީވެއެވެ. ކުޑައިރުއްސުރެ މިހާތަނަށް އައިއިރު އޭނައާއި ގާތްކޮށް އުޅުނު އެކުވެރިންނަކީ އެއީ ކަމަށްވާތީވެއެވެ.
“ވާއި އާރ ވީ ނޮޓް ސަޕްރައިޒްޑް؟ ހަމްގެ ދޮންތައަކީ ނުލާހިކު ބެކްވާޑްސް ވިސްނުމެއް ހުންނަ މީހެއް. ޙަޤީޤަތުގަ ރާއްޖެ ތަރައްޤީ ނުވަނީ އެކަހަލަ ވިސްނުން ގެންގުޅޭ މީހުން އުޅޭތީ. ބަލާބަލަ ދުނިޔޭގެ ވަށައިގެން ތަރައްޤީވެފަ ހުރި ޤައުމުތައް. އެ ހުރިހާ ޤައުމުތަކަކީ ވެސް ސެކިއުލާރ ޤައުމުތައް.” ލައިޝާ އެ މަޢުޟޫއާއި ގުޅޭ ގޮތުން ނުހަނު އެނގޭ ޒާތަށް ވާހަކަ ދެއްކިއެވެ. އެހާ ހިސާބުން ހަމްނާގެ އަނގަ ބަންދުވީ ސަބަބަކީ އެއީއެވެ. ލައިޝާއަށް ރައްދެއް ދޭނެހާ މަޢުލޫމާތު އޭނަގެ ކިބައިގައި ނެތްހެން ހީވުމެވެ. ދޮންތަ އޭނައަށް ކިޔައިދިން ވާހަކަތައް ހަނދާން ހުއްޓަސްމެއެވެ.
އެ ބިލް ފާސްވެއްޖެނަމަ ފާޅުގައި ދީނަށް ފުރައްސާރަ ކުރާ މީހުން ނުހުއްޓުވޭނެ ވާހަކައެވެ. އެފަދަ މީހުން ފާހަގަ ނުކޮށް އެފަދަ މިއޮތް ސޯޝަލް މީޑިއާ ޒަމާނުގައި މީހުންގެ ނުރައްކާތެރި ޓްވީޓްތަކުންނާއި ސްޓޭޓަސްތަކުން ދުރުވުމަށް ޢާއްމުންނަށް ނަޞޭޙަތްތެރި ވެވޭނީ ކިހިނެއްތޯ ބުނެ ދޮންތަ ކުރި ސުވާލެވެ. ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް މިނިވަންކަން ދީފައި އެ ދީން ދިފާޢުކުރުމުގެ ފުރުޞަތު ނުދިނުމަކީ ކިހާ ބޮޑު ނާއިންސާފެއްތޯ ދޮންތަ ބުނި ދުވަހެވެ. މި ހުރިހާ ވާހަކައެއް ހަމްނާއަށް ވިސްނުނެއްކަމަކު އެ ވާހަކަތައް ދުލާއި ހަމައަށް ގެނައުމުގެ ހިތްވަރެއް ނުލިބުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ އެކުވެރިން އޭނަ ދަށްކޮށްލާނެކަން އެނގޭތީވެއެވެ.
އެމީހުންގެ މެދަށް ހިމޭންކަމެއް ވެރިވެފައި ވަނިކޮށް އެ ހިމޭންކަމަށް ނިމުމެއް އައީ މަނާލް ކުއްލި ގޮތަކަށް ސިއްރުން ‘ނައުފަލް’ އޭ ކިޔަން ފެށުމުންނެވެ. ހަމަ އެއާއެކު ލައިޝާއާއި ހަމްނާއަށް އެކުއެކީގައި ފަހަތް ބަލައިލެވުނެވެ. އެވަގުތު ނައުފަލް ކެންޓީންގެ ތެރެއަށް ވަދެގެން އަންނަނީއެވެ. ނައުފަލް ފެނުމާއެކު ހަމްނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އިސާހިތަކު ދެންމެ ދެކެވުނު ވާހަކަތަކާއި، ދެންމެ އޭނަގެ ހިތުގެ ތެރޭގައި އުފެދިފައިވި ހައިޖާނުގެ މަތިން ހަނދާން ނެތި ދިޔައެވެ. ނޭވާވެސް މެދުކެނޑިފައިވާ ޙާލު ހިތް ހުއްޓުނުހެން ހީވީ ނައުފަލް އޭނައަށް ބަލައި ހިނިތުންވުމެއް ހަދިޔާކޮށްލުމުންނެވެ. ސިކުންތުކޮޅެއްވަންދެން އޭނައަށް ބެލުމަށްފަހު ވަކި ހިސާބަކަށް ދެވުމުން މޫނު އަނބުރައިލި ގޮތުން ވެސް ހަމްނާ އަޝޯޚުވިއެވެ.
“އޯ އެމް ޖީ ދެޓް ކިލާރ ސްމައިލް! އަނެއްކާ ހަމްއަށްތަ އޭނަ ސްމައިލްކުރީ؟” ނައުފަލް ދުރަށް ދިޔުމުން ލައިޝާ ވާހަކަ ދެއްކިއެވެ.
“އާނއެކޭ….ބަލާބަލަ މިހިރަ އަންހެނެއްގެ މޫނު ރަތްވާވަރުވެސް!” މަނާލް އެހެން ބުނުމުން ހަމްނާ އިތުރަށް ލަދުގަތުން ނޫންކަމެއް ނުވިއެވެ. ދެމީހުންވެގެން ނައުފަލްއާއި އޭނަ އަޅުވާ ކިޔަން ފެށުމުން އެހުރިހާ ކަމަކަށް އިންކާރު ކުރިއެއްކަމަކު، އަނެއްކާވެސް އޭނަގެ އެކުވެރިންނަކީ ގާތް ބައެއްގެ ގޮތުގައި ދެކެވެން ފެށިއެވެ. ހަމްނާ އެދިއްޖެނަމަ ލައިޝާއާއި މަނާލް ވެގެން ވެސް އޭނައާއި ނައުފަލް ގުޅުވައިދީފާނެކަން އެނގޭތީވެއެވެ. އެ ދެ އެކުވެރިންނާއި ދެކޮޅު ހަދަން ޖެހިލުންވާ ސަބަބަކީ އެއީ ކަމަށްވެސްވެދާނެއެވެ.
**
ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި އެދުވަހުވެސް ހަމްނާއަށް ހިނިތުންވެވުނެވެ. އެހެނަސް އެދުވަހު އޭނައަށް ކާމިޔާބު ކަމާއެކީ ދޮންތައަށް އޭނަގެ ހިނިތުންވުންތައް ފޮރުވުނެވެ. ހަމްނާއަށް ނޭނގުނު ސަބަބަކާހުރެ އެދުވަހު ދޮންތަގެ މޫޑު ހުރީ ޚަރާބުވެފައެވެ. އެއީ ކީއްވެކަން އޭނައަށް އެނގިގެން ދިޔަ އެދުވަހު މެންދުރުގެ ކެއުމަށްފަހު ތަށި ދޮންނަމުން ދިޔަ ވަގުތެވެ.
“ހަމް މިރޭ ކާންޖެހޭނީ އެކަނި އިނގޭ. ދޮންތަ މިރޭ ރެސްޓޯރެންޓަކަށްދާން އެބަޖެހޭ. ދޮންތަ ދިޔައިމަ ދޮރު ތަޅުލައިގެން ހުންނާތި. މީހަކު އަޔަސް ދޮރު ނުހުޅުވާތި.” ހިބާ ތަށި ދޮންނަމުން ވާހަކަ ދެއްކީ ތުވާއްޔަކުން އަތް ފޮހެމުން ދިޔަ ހަމްނާއާއެވެ.
“އާދެ ލައްބަ! ސްޓާފް ޑިނާރއެއްތަ؟” ހަމްނާ އެހިއެވެ.
“ނޫނޭ….ޕްރޮޕޯޒަލްއެއް ލިބިގެން އެމީހަކާއި ބައްދަލުކުރަން މި ދަނީ…” ހިބާ ބަނަވެފައިވާ މޫނަކާއެކީ ބުންޏެވެ.
“ޕްރޮޕް…..ޔޫ މީން މެރިއޭޖް ޕްރޮޕޯޒަލްދޯ؟ ރިސާޗް ޕްރޮޕޯޒަލްއެއްނޫން؟!” ހަމްނާ އިސާހިތަކު އުޖާލާވި ހިނިތުންވުމަކާއެކީ އެހިއެވެ.
“ހުމް ތި ހީކުރާ އެއްޗެއް.” ހަމްނާ ފޯރި އެރީތީ ވެސް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ޔެސް! ފައިނަލީ ދޮންތަ ތި ދައްކަނީ ރަނގަޅު ވައްތަރުގެ ޕްރޮޕޯޒަލްގެ ވާހަކަ. އެ ކާކުތަ؟ ރީތިވެފަ ސްމާޓްތަ ދޮންތަހެން؟” ހަމްނާ އެހިއެވެ.
“އަދި ތިކަމެއް ނޭނގެ. ނުދެކެން. ގްރޭޑް 8 އާ ހަމައަށް އެކީގަ ކިޔެވި މީހެއް އެއީ. އެ ފަހުން ނުދެކެން.”
“އަސްލުވެސްތަ؟ ޗައިލްޑްހުޑް ކްރަޝްދޯ؟ ފައިނަލީ ދޮންތައަށް ވެސް ދޮންތަގެ ހީރޯ ލިބެން ތިއުޅެނީ. ކީކޭތަ ހަމްގެ ބްރަދާ-އިން-ލޯ އަށް ކިޔަނީ؟”
“ފަޒީން….އަދި ތިހާވަރަށް އުއްމީދު ނުކުރޭ. ދޮންތަ މިހިރީ މިރޭ ގޮއްސަ އޭނަ ރިޖެކްޓް ކުރަން ނިންމައިގެން.”
“އެޔޯ؟!”
“އައި ޑޯންޓް ނޯ…..ދޮންތަ އެހާ ލައިކެއް ނުވޭ އެ ފަޒީންގެ އެޓިޓިއުޑް އޭރު ހުންނަ ގޮތްވެސް. އަދި މިއަދުވެސް ގުޅާފަ ވާހަކަ ދެއްކި ގޮތުން ދޮންތަ ހިތްހަމަނުޖެހުނު. އެކަހަލަ މީހެއް ނޫން ދޮންތަ ބޭނުންވަނީ.”
“މާ އަވަހަކަށް ނޫންތަ ދޮންތަ ތި ޖަޖްކޮށްލީ؟”
ހަމްނާ އެންމެ ފަހުން ކޮށްލި ސުވާލުން ތަށިތައް ހަރުގަނޑުގައި ޖަހައި ނިންމައިލި ހިބާއަށް ފަސްއެނބުރި ހަމްނާއާއި ދިމާލަށް ބަލައިލެވުނެވެ. ހަމްނާގެ އެ ބަސްތަކުން މިއަދު ފަޒީންއާއި ވާހަކަ ދެކެވުނު ގޮތާއިމެދު ވިސްނެން ފެށިއެވެ.
“ތިބުނީ؟” ހިބާ އެހެން އަހައިލީ ހަމްނާ އެ ބުނަނީ ރަނގަޅު ވާހަކައެއްތޯ ބެލުމަށް އިތުރަށް ވިސްނޭތޯއެވެ.
“ހަމްއަށް ހީވާ ގޮތް އިނގޭ ދޮންތާ….ހަމައެކަނި ފޯނުން ދައްކާލާ ވާހަކައަކުން މީހެއްގެ ގޮތް ނޭނގިދާނެދޯ؟ ދޮންތަ ތި ވާހަކަ ދައްކާ ގޮތުން ވެސް ހަމްއަށް އެބަ އިނގޭ ދޮންތަ އެ ފަޒީންއަކާ ވާހަކަ ދައްކާފަ ހުންނާނީ ކިހިނެއްކަން. އައި ނޯ ޔޫ އާރ ވައިސް އެންޑް އޯލް ދޮންތާ. ދޮންތަ މެރީ ކުރާ މީހެއްގެ ޒާތުން އަހަރެންގެ ލައިފަށް ވެސް އިމްޕެކްޓް ކުރާނެތީ ދޮންތަ ވިސްނާކަން އެނގޭ. ބަޓް ޔޫ ޝުޑް ގިވް ޕީޕަލް ޗާންސެސް ދޯ؟” ހަމްނާ ބުންޏެވެ.
އިރުކޮޅެއް ވަންދެން ހިބާއަށް ހުރިތާ ހުރެ ހަމްނާ އެ ދެއްކި ވާހަކައާއި މެދު ވިސްނުނެވެ. ހަމްނާ އެ ބުނަނީ ތެދެއްތޯ ހިތަށްއެރިއެވެ. މިއަދު އޭނައަށް ފަޒީނާއި ވާހަކަ ދެކެވުނީ ގޯސްކޮށްތޯ ހިތަށްއެރިއެވެ. ޚިޔާލުތައް އޮޅުން އަރަން ފެށުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“މޭއިބީ ޔޫ އާރ ރައިޓް، ހަމް. ދޮންތަ ވެސް ޝުއާރއެއްނޫން ދޮންތަ މާ ބޮޑަށް އެއްކޮޅަކަށް ބަޔާސްވަނީ ކަމެއް. މިރޭ ދާންވާނީ އިސްތިޚާރާ ކޮށްގެން. އޭރުން ކޮންމެހެން ވެސް އެންމެ ރަނގަޅު ގޮތް ނިންމުމަށް ހިދާޔަތް ލިބިގެންދާނެ އިން ޝާ ﷲ.” ހިބާ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ހަމްނާއާއި ހިނިތުންވެލިއެވެ.
“ވާވް! އިސްތިޚާރާއަކީ ތިކަހަލަ ޑެސިޝަންތަކަށް ވެސް ކުރާ ނަމާދެއްތަ؟ އަހަރެން ހީކުރީ ހަމައެކަނި ޖޮބާއި ކިޔެވުމާ ގުޅޭ ކަންތަކަށް ކުރާ ނަމާދެއްކަމަށް.” ހަމްނާ ބުންޏެވެ.
“ހެހެ…..ދޮންތަ ހަމައެކަނި އެކަހަލަ ޑެސިޝަންތައް ނަގަން އެ ނަމާދު ކޮށްފަ ހުންނާތީ ހަމްއަށް ހީވި ގޮތްދޯ؟ ޢާއްމު ގޮތެއްގަ މީހުން އިސްތިޚާރާގެ ވާހަކަ ދައްކާނީވެސް މެރިއޭޖްއާ ގުޅުވައިގެން. އެކަމަކު ކިތަންމެ ކުޑަ ކަމަކަށް ވެސް އަސްލު އިސްތިޚާރާ ކުރެވިދާނެ. އިމާމް ބުޚާރީ އެކަލޭގެފާނުގެ ފޮތުގަ ލިޔުއްވި ކޮންމެ ޙަދީޘަކަށް އިސްތިޚާރާ ކުރެއްވި ވާހަކަ ދޮންތަ ބުނީމެއްނު ކުރީ ދުވަހު؟ ބަލާބަލަ މިއަދު ޞަޙީޙުލް ބުޚާރީ ފޮތަކީ ކިހާ ގިނަ ބަޔަކަށް ފައިދާ ކުރާ ފޮތެއް؟ ޕަވާރ އޮފް އިސްތިޚާރާ!” ހިބާ ބުންޏެވެ.
“ސީރިއަސްލީ ދޯ ދޮންތާ؟ އެކަމަކު ހަމް މި ހުންނަނީ ހަމަ އެ ނަމާދު ކުރަން ނުކެރިފަ. ވަކި މީހަކާ ރައްޓް….އުނހު ވަކި މީހަކާއެކީ އުޅުމުގެ ޑެސިޝަން ނަގަން ވެސް އިސްތިޚާރާ ކުރެވިދާނެތަ؟ ލައިކް….ފްރެންޑެއްވިޔަސް؟” ހަމްނާ ޖެހިލުންވުމަކާއެކީ އެހިއެވެ. ހަމްނާ ބުނަން އުޅުނީ ކީކޭކަން ނަގައިގަނެވުނު ހިބާ ދެލޯ ހަނިކޮށްލަމުން ހަމްނާއަށް ބަލައިލިއެވެ.
“ހުމް….އަޅެ ކޮށްލަބަލަ ތިކަމަށް އިސްތިޚާރާއެއް. ދޮންތައަށް ކިޔައިދެއްޗޭ ވާގޮތެއް. އިސްތިޚާރާއަށްފަހު ހަމަ ޔަޤީނުންވެސް ހަމްނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދައްކަވާނެ ހަމްނާގެ އާޚިރަތަށާއި ދުނިޔޭގެ ދިރިއުޅުމަށް އެންމެ ރަނގަޅު ގޮތް އިން ޝާ ﷲ!” ހިބާ ނޭނގޭ ކަމަށް ހަދައި މާނަ ފުން ގޮތަކަށް ބުންޏެވެ. ހަމްނާ ވިސްނުމެއްގައި ހުރެފައި ތުންފިއްތާލަމުން ބޯޖަހައިލިއެވެ.
**
މެންދުރުގެ ކެއުމަށްފަހު ހިބާ އަވަސްވީ އޭނަގެ ޕްރޮޕޯޒަލްގައި އެޕްލިކޭޝަން ސިފަކުރާ ބައި ނިންމޭތޯއެވެ. ގަޑިއިރެއްހާއިރުގެ މަސައްކަތަށްފަހު އެޕްލިކޭޝަން ސިފަކޮށް ނިމުމުން އެބައި ވަކި ޑޮކިއުމެންޓަކަށް ލައިފައި މެއިލްއެއް ލިޔަން ފެށިއެވެ.
“އަޅުގަނޑު ޚިޔާލަށް ގެންނަ އެޕްލިކޭޝަން މިވަނީ ތިރީގައިވާ ޑޮކިއުމެންޓްގަ ސިފަކޮށްފަ. ޑޮކިއުމެންޓް ކިޔުއްވާފަ މިއީ ހެދިދާނެ ޒާތެއްގެ އެޕްލިކޭޝަނެއްތޯ އަޅުގަނޑަށް އަންގައިދިނުން އެދެން. ޝުކުރިއްޔާ!”
ރަސްމީ އިނގިރޭސި ބަހުން މެއިލް ލިޔުމަށްފަހު އޭނަ ލިޔުނު ޑޮކިއުމެންޓް އެޓޭޗްކޮށްފައި ‘ވިންޓޭޖް ޓެކްނޮލޮޖީސް’ ގެ އައިޑީއަށް މެއިލް ފޮނުވައިލިއެވެ. ސެންޓް އައިޓަމްސް އިން އެ މެއިލް ފެނިފައި މިފަހަރުވެސް ޖަވާބެއް އަންނާނީ އިސްމާޢީލް އީތަންގެ ފަރާތުންތޯ ހިނދުކޮޅަކަށް ހިތަށްއެރިއެވެ. އެހެނަސް އަވަސްއަވަހަށް އެ ޚިޔާލަށް ފަސް އަޅައިލިއެވެ. އެހެން މީހެއްގެ ފަރާތުން ޖަވާބެއް އަޔަސް އޭނައަށް އެހީއެއް ލިބިއްޖެއްޔާ ރަނގަޅެއް ނޫންތޯ ހިބާގެ ސިކުނޑި ބުންޏެވެ. ހަމަ އެއާއިއެކު ހިތްހަމަޖައްސައިލަމުން ދުވަހުގެ އެހެން މަސައްކަތްތަކަށް ދިޔައެވެ.
**
އެރޭގެ ޢިޝާ ނަމާދަށްފަހު އިސްތިޚާރާ ނަމާދުވެސް ކޮށްގެން ހިބާ އެރޭގެ ކެއުމަށްދާން ތައްޔާރުވީ ނުހަނު އާދައިގެ ގޮތަކަށެވެ. ތައްޔާރުވެގެން ގެއިން ނިކުމެގެން ދިޔައީ ދޮރު ތަޅުލައިގެން ހުރުމަށާއި، މީހަކު އަޔަސް ނުހުޅުވުމަށް ހަމްނާއަށް ހަނދާންކޮށް ދިނުމަށްފަހުގައެވެ. ހަމްނާ ހިބާ ފޮނުވައިލީ އުއްމީދީ ހިނިތުންވުމަކާއެކީ ‘ގުޑް ލަކް’ އޭ ބުނުމަށްފަހުއެވެ.
10 ވަރަކަށް މިނިޓްގެ ދުއްވުމަށްފަހު ހިބާއަށް ނިއު ކްރެސެންޓް ރެސްޓޯރެންޓާއި ހަމައަށް ދެވުނީ 7:58 ވީ ވަގުތެވެ. ކުލާސްތަކަށް ގަޑިއަށް ދާފަދައިން ތަންތަނަށް ވެސް ގަޑިއަށް ދިޔުމަކީ ހިބާގެ ކަށީގައި ހަރުލާފައިވާ ކަމަކަށްވާތީވެއެވެ. މުޅި ރަށުގައި ވެސް ހުރި އެންމެ ބޮޑު ރެސްޓޯރެންޓަށް ވަދެގެން ދިޔަ ވަގުތު ހިބާއަށް އެތާ ވަށައިގެން ނަޒަރެއް ދެވުނެވެ. ވަކަރު ތަނބުތަކާއި، ހަމަ އެ ޒާތުން ހެދިފައިވާ އޮފު އަރާ ވަކަރު މޭޒުތަކާއި ގޮނޑިތައް ރީނދޫ ކުލައިގެ ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔައީ ހިތްގައިމުކޮށެވެ. ކިތަންމެ ހިތްގައިމު ވިޔަސް ހިބާ މިތަނަށް އަންނަ ހިތް ނުވަނީ އެހެން ތަންތަނަށްވުރެ މިތަނުގެ އަގުތައް ބޮޑުވުމުންނެވެ. އެއަށްވުރެ ދަށް އަގެއްގައި މީރު ކެއުންތައް ކެވޭ ކުދި ރެސްޓޯރެންޓްތައް ތިބޭއިރު މިފަދަ ތަނަކަށް އައުމަކީ ބޭކާރު ކަމެއް ކަމަށް އޭނައަށް ސިފަ ކުރެވޭތީވެއެވެ.
އަމިއްލަ ޚިޔާލުތަކުގައި ހުރެފައި އެތާހުރި މޭޒެއްގައި އިށީންނަން އުޅެފައިވެސް ފަޒީން ރިޒާވޭޝަނެއް ހަދާފައި ހުރެދާނެއޭ ހިތައި ރިސެޕްޝަނަށް ދާން ނިންމިއެވެ. އެހެނަސް އޭގެ ކުރިން ވެއިޓަރަކާއި ދިމާވުމުން ވާހަކަ ދެއްކިއެވެ.
“ސްކިއުޒް….ފަ…އަހުމަދު ފަޒީން މި ގަޑިއަށް ޓޭބަލްއެއް ރިޒާވްކޮށްފަ ހުރިކަން އެނގިލައްވާތޯ؟” ހިބާ އަދަބުވެރިކަމާއެކީ އެހިއެވެ.
“އާދެ…..ތަންކޮޅެއް ޝޯޓް ނޯޓިސްއެއްގަ ރިކުއެސްޓް އައިމަ އަޅުގަނޑުމެންނަށް އަދި ތައްޔާރުނުވޭ އިނގޭތޯ؟ މިތާ ބެންޗުގަ އިށީންނަންވީ ނޫންތޯ އަޅުގަނޑުމެންނަށް ތައްޔާރު ކުރެވެންދެން؟ ވަރަށް ބޮޑަށް މަޢާފަށް އެދެން ލަސްވި ކަމަށްޓަކައި…” ވެއިޓަރު ބުންޏެވެ.
“ނޫނޭ އެއީ މައްސަލައެއްނޫން. އަދި ޓޭބަލް ރިޒާވް ކުރި ފަރާތް ދުރުނުވޭ. އަޅުގަނޑު މިތާ މަޑުކޮށްލާނަން އިރުކޮޅަކަށް.” ހިބާ ހިތްހެޔޮ ހިނިތުންވުމަކާއެކީ ބުނުމުން ވެއިޓަރު އާދެއޭ ބުނުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.
“ސައިން ވަން…” ވެއިޓަރު ދެއްކި ބެންޗުގައި އިށީންނަމުން ހިބާ އެހެން ބުނެލީ ފުން ނޭވައެއް ދޫކޮށްލަމުން އަމިއްލަ އަމިއްލައަށެވެ. ފަޒީންއާއި އަދި މިރޭ ބައްދަލުވެސް ނުވަނީސް ކަންތައް މި ދިމާވަނީ ގޯސްކޮށެވެ. އަނެއްކާވެސް ފެނިގެން މި ދިޔައީ ފަޒީންގެ ކިބައިގައި ހުރި އޭނަ ހިތްހަމަނުޖެހޭ ސިފައެކެވެ. އޭނައަކީ ކުރަންޖެހޭ ކަމެއް އެ ވަގުތުން ވަގުތަށް ކުރާ މީހަކަށް ވާއިރު، ފަހު ވަގުތުގައި ކަންތައް ކުރާ މީހަކާއެކީ ދިރިއުޅުން ހޭދަކުރާނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
ފަޒީން ވަގުތަށް ފަރުވާތެރި ނުވާ މިންވަރު ހިބާއަށް އިތުރަށް އެނގުންވީ، ރިޒާވްކޮށްފައިވާ މޭޒުގައި އޭނަ އިށީނުމަށްފަހު ވެސް 15 މިނިޓް ވީއިރުވެސް ފަޒީންގެ ޚަބަރެއް ނުވުމުންނެވެ. އެކަމާއިމެދު ހިބާ ހިތްހަމަނުޖެހުނެއްކަމަކު އެ އިޙްސާސުގެ މައްޗަށް ބާރު ހޯދުނެވެ. މިރޭ ދިމާވާނެ ހުރިހާ ކަންތައްތަކުން އޭނައަށް ފެނިގެން ދާނީ އިސްތިޚާރާގެ ޖަވާބުކަން އޭނައަށް އެނގޭތީވެއެވެ.
ޙަޔާތުގައި އޭނަ މިހާތަނަށް ނިންމި ހުރިހާ ބޮޑެތި ނިންމުންތަކުން ވެސް ކާމިޔާބީ ލިބިފައިވަނީ އިސްތިޚާރާ ނަމާދުތަކުގެ އެހީގައެވެ. އެހެންކަމުން އެ ނަމާދު ކުރުމަށްފަހު ތަޖުރިބާ ކުރެވޭ ޙާލަތްތަކުން ހިބާއަށް ފެންނަނީ މީހުން ކަންތައް ކުރާ ގޮތަށްވުރެ ވެސް ބޮޑަށް ﷲ އޭނަގެ ޙަޔާތް އެންމެ ރީތި ގޮތުގައި ރާއްވަވާ ގޮތެވެ. އެ ވަގުތުވެސް ފަޒީން ކޮބައިތޯ އަހައި މެސެޖެއް ކޮށްލަން ހިތަށްއެރިއެއްކަމަކު ކެތްކުރިއެވެ. އޭނަގެ އިސްތިޚާރާ ނަމާދުގެ ޖަވާބު ލޯ ކުރިމަތިން ނިއުޅިގެންދާ ގޮތް ދެނެގަންނަން ބޭނުންވި ވަރުންނެވެ.
ހިބާއަށް ފަޒީން ފެނޭގޮތްވީ 9 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި ފަޒީން ހިބާ އިށީނދެގެން އިން މޭޒު ކައިރިއަށް އައީ އަވަސް ހިނގުމެއްގައެވެ. އެ އައި ގޮތަށް އައިސް ހިބާގެ ކުރިމަތީގައި އިށީންނަމުން ފަޒީން ވާހަކަ ދެއްކިއެވެ.
“ސޮރީ އައިމް ލޭޓް އިނގޭ. މިރޭ ހަމަ ސެލޫންއަކަށް ޖައްސާލާފަ ބޯ ކޮށާލައިގެން ޑޭޓްއަށް އަންނަން ބޭނުންވީ. ރީތި ކުއްޖަކާއި ބައްދަލުކުރަން ވާނީ ރީތިވެލައިގެންތާދޯ؟ ޔޫ ލުކް….ސޯ ބިއުޓިފުލް.” ފަޒީން ރަނގަޅަށް އިށީނދެ އާޝޯޚުވެފައިވާ ޒާތަށް އެހެން ބުންޏެވެ. އެ ބަސްތަކުން ހިބާގެ ހިތް އުފާވިއެއްކަމަކު އެވަގުތު އޭނައަށް އިނދެވުނީ ހިލޭ ފިރިހެނަކާއެކީ ވަކިންކަން ވެސް މާ ބޮޑަށް އެނގުންވިއެވެ. އެއާއެކު ވާހަކަ ދެކެވުނެވެ.
“ކޮބައިތަ ފަޒީންގެ މަންމައާއި ބައްޕަ؟” ކަމެއް ފާހަގަވުމުން ހިބާއަށް އަހައިލެވުނެވެ.
“އޮހް! އެމީހުން ވެސް ގެންނަން ހިބާ ބުނިންދޯ؟ ހަނދާނެއް ނެތް. ހެހެ…..އަނެއްހެން ޕްލޭންއެއް ވެސް ނުކުރަން ގެންނާކަށް. ޑޭޓްއަކަށް އަންނައިރު މިގޮތަށް ދެމީހުން އެކަނި އައިމަ ސަޅިވާނީދޯ؟” ފަޒީން އޭނަގެ ނުފިލާ ހިނިތުންވުމަކާއެކީ ބުންޏެވެ. ހިބާގެ ހިތް ދެވަނަ ފަހަރަށް ރުޅިވެރިކަމާއެކީ މިއީ ‘ޑޭޓް’ އެއް ނޫންކަމަށް ބުންޏެއްކަމަކު އެ ބަސްތައް ދުލާއި ހަމައަކަށް ނުގެނައެވެ.
ހިބާ އެއްޗެކޭ ނުބުނެ ހުއްޓާ ފަޒީންގެ ހިނިތުންވުން ކުއްލިއަކަށް ގެއްލިދިޔައެވެ.
“އަޅެ މިތާ މާ ބޮނޑިއެއް ނެތްތަ ހިބާ އައިއިރު؟” ފަޒީން ވަށައި ހޯދަމުން އެހިއެވެ. އެވަގުތު މީގެ އިރުކޮޅެއް ކުރިން ހިބާއާއި ވާހަކަ ދެއްކި ވެއިޓަރު މެނޫ ހިފައިގެން އެ މޭޒާއި ދިމާލަށް އަންނަނީއެވެ.
“ނެތް އަހަރެން އައި އިރަކުއެއް.” ހިބާ ޙައިރާންކަމާއެކީ ބުންޏެވެ. ހަމަ އެ ހިނދު ފަޒީން މޭޒު ކައިރިއަށް ހުއްޓުނު ވެއިޓަރާއި ދިމާލަށް ބަލައިލިއެވެ.
“މަ ނުބުނަންތަ ތި މީހުން ކައިރި މިތާ ތާޒާ މަލުގެ މާ ބޮނޑިއެއް ބާއްވާށޭ؟!” ފަޒީން އެ ދިވެހި ވެއިޓަރު ކުއްޖާއާއި ވާހަކަ ދެއްކީ ހަރު އަޑުން ރުޅިވެރިކަމާއި އެކީގައެވެ. އެ އަޑު އިވިފައި ހިބާގެ ހިތްވެސް ރޫރޫ އަޅައިގެން ދިޔައެވެ.
“ވް…ވަރަށް ބޮޑަށް މަޢާފަށް އެދެން އަޅުގަނޑުމެން މިހާރު-“
“މަޢާފަށް ނޭދި އަހަރުމެންނަށް ފްރީ އެއްޗެއް ދޭންވީ! ޔޫ ރުއިންޑް އަވާރ ނައިޓް!” ފަޒީން ވާހަކަ ދެއްކި ގޮތުން ވެއިޓަރު ކުއްޖާ އިތުރަށް ސިހުންވާ ގޮތްވިއެވެ. ދެންވެސް ތަކުރާރުކޮށް މަޢާފަށް އެދުމަށްފަހު އޯޑަރު ނަގައިގެން ވެއިޓަރު ކުއްޖާ އެތަނުން ދާންފެށިއެވެ. އެކުއްޖާ ލޯމައްޗަށް ގެއްލުމުން ހިބާ ވާހަކަ ދެއްކިއެވެ.
“އިޓްސް ރިއަލީ އޯކޭ ޔޫ ނޯ؟ ޝޯޓް ނޯޓިސްއެއްގަ ޓޭބަލް ރިޒާވް ކުރަން ޖެހުނީތީ އަހަރެން އައިއިރު ވެސް ޓޭބަލް ރެޑީ ނުވެ ހުރީ. އެހެންވުމާއެކު ތަންކޮޅެއް ކަސްޓަމަރުން ވެސް ގިނަވީމަ އެކަހަލަ ކަމެއް ދިމާވެދާނެ….” ހިބާގެ ވާހަކަ ދުލުގެ ކޮޅުގައި އޮތްވާ ފަޒީން ވާހަކަ ދެއްކިއެވެ.
“އެހެންވާކަށް ނުޖެހޭނެ! ބޮޑު ލާރިދީފަ މި ތަންތަނަށް އަންނަނީ މިގޮތަށް ސާރވިސް ލިބިގަންނާކަށް ނޫނެއްނު؟” ފަޒީނަށް ބޭއިޚްތިޔާރުގައި ހިބާއާއިވެސް މުޚާތަބުކުރެވުނީ ރުޅިވެރި އަޑަކުންނެވެ. އެއާއިއެކު ބޭއިޚްތިޔާރުގައި ހިބާގެ ހިތްހަމަނުޖެހުން އެ މޫނުމަތިން ފާޅުވިއެވެ. އެކަން ފާހަގަވުމުން ކަންނޭނގެއެވެ. ފަޒީންވެސް ހިމޭންވުމަށްފަހު މަޑު އަޑަކުން މަޢާފަށް އެދުނެވެ.
އެއަށްފަހު ފަޒީން ވާހަކަ އަނބުރައިލީ އެމީހުންގެ ސްކޫލް ދައުރުގެ ވާހަކަތަކަށެވެ. ހިބާ އެ ވާހަކަތަކަށް ގަދަކަމުން ހިނިތުންވުންތައް ދައްކަމުން ދިޔައީ، އޭނަ ފަޒީނާއި އިންނަން ބޭނުންނުވާ ވާހަކަ ބުނަން ރަނގަޅު ވަގުތެއް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ކެއުން އަންނަންދެން މަޑުކޮށްގެން ވަގުތު އެކިއެކި ވާހަކަތައް ފަޒީން ދެއްކިއެވެ. ސްކޫލް ދައުރުގެ ވާހަކަތައް ދެއްކިއިރު ވެސް ފަޒީން މަޖާ ނަގާފައި ދެއްކީ ޓީޗަރުންނަށް ފިލައިގެން ކުލާހުން ފިލި ދުވަސްތަކުގެ ވާހަކައެވެ. ފަޒީން ފަދައިން އެހާ އަނގަގަދަ ނޫން ކުދިންނަށް ‘ލަނޑު’ ދިން ދުވަސްތަކުގެ ވާހަކައެވެ. ފަޒީން އެދުވަސްތައް ހަނދާން އެބަހުރިތޯ އެހުމުން އާނއެކޭ ބުނުން ނޫންކަމެއް ނުކުރެވުނީ އޭނަގެ ރުޅިވެރިކަން އިތުރުވަމުން ދިޔައީތީވެއެވެ. ރުޅިވެރިކަމުގައި އަޑުހަރު ކުރުމަކީ ފަޒީން ފަދައިން އޭނަގެ އާދައަށް ނުވާތީވެއެވެ.
ސްކޫލްގެ ވާހަކަތަކަށްފަހު ފަޒީން އޭނައާއި ބެހޭގޮތުން ސުވާލުކުރިއެވެ. ހިބާ ކުރުގޮތަކަށް އޭނަ ފުރާވަރުގެ ދުވަސްތައް ހޭދަކުރި ގޮތާއި ވަޒީފާއާއި ކިޔެވުން ކުރިއަށް ދިޔަ ގޮތް ކިޔައިދިނެވެ. އެ ހުރިހާ ވާހަކައަކަށްފަހު ފަޒީން އެހިހާ ވެސް އެއްޗަކީ ޙަޔާތުގެ ބޮޑުބައި ހޭދަކުރީ ރަށްފުށުގައިދޯއެވެ. އެ ސުވާލު ކުރެވުނު ރާގުން ވެސް އޭނަ ދަށްކޮށްލީކަން ހިބާއަށް އެނގުނެވެ. އެ ސުވާލަށްފަހު، ހިބާ މޭކަޕް ނުކުރަނީ އެހެންވެދޯއޭ ބުންޏެވެ. ރަށްފުށުގައި އުޅުމުން އެފަދަ ކަންތައް ދަސްނުވޭދޯއޭ ބުނެ އިތުރުކުރީ އަމިއްލަ އަމިއްލައަށް ނިންމަމުންނެވެ. އެހިނދު އައި ރުޅީގައި ހިބާއަށް އޭނަގެ މިލްކް ޝޭކް ތަށީގައި ހިފަހައްޓައިލެވުނީ ވެސް މާ ބާރަށެވެ.
ހިބާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ފަޒީންގެ ފޯނު ރިންގުވާން ފެށިއެވެ. އެ ފޯނު މޭޒުމަތީގައި އޮތުމުން އެ ސްކްރީނަށް ‘މަންމަ’ އަރާފައި އޮތް މަންޒަރު ހިބާއަށް ފެނުނެވެ. ހިބާ ބަލަބަލާ ހުއްޓާ ފަޒީން ދެވަނަ ވިސްނުމެއް ވެސް ނެތި އެ ފޯނު ކަނޑައިލިއެވެ. އެއާއިއެކު ހިބާއަށް ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލީ އޭނަގެ ރުޅިގަނޑު ހިންދޭތޯ ގަދައަށް މަސައްކަތް ކުރަމުންނެވެ. ވީހާވެސް އަވަހަކަށް އޭނަގެ ނިންމުން ފަޒީނަށް ރީތި ބަހުން އެންގޭނެ ފަދައަކުންނެވެ.
“ސޯ….މި ޑޭޓް ވެސް ނިމުމަކަށްދޯ މި އަންނަނީ؟” ފަޒީން އެހެން ބުނެލީ ދެމީހުންގެ ވެސް ކެއުން ނިމުމަކަށް އަންނަން ގާތްވަމުން ދިޔަ ވަގުތެވެ.
“އާނ…” ހިބާ އެހެން ބުނެލީ އޭނަ ބުނަންޖެހޭ ވާހަކަތައް ސިކުނޑީގައި ރާވަމުންނެވެ.
“ޑެސްޓިނީހެން ދޯ މި ހީވަނީ؟ އެތައް އަހަރެއް ފަހުން ދެމީހުން މިހެން ދިމާވީމަ؟ ހިބާވެސް ވަރަށް ހެޕީދޯ އަހަންނާއި މެރީ ކުރެވޭތީ؟ މި ހުރިހާ ދުވަހު އެހާ އެކަނިވެރިކޮށް ހިތާމައިގަ އުޅެފަ….” ފަޒީން ޙަމްދަރުދީވާ ފަދައަކުން ދެއްކި ވާހަކައިން ހިބާގެ ދެބުމަ ކައިރިވިއެވެ.
“ސްކިއުޒް މީ؟” ހިބާއަށް އެހެން ބުނެލެވުނީ އިޚްތިޔާރުން ބޭރުގައެވެ.
“ކްލިއާއެއް ނޫނީތަ ދެންމެ ބުނި އެއްޗެއް؟ އަހަރެން ބުނީ ހިބާވެސް ވަރަށް ހެޕީދޯއޭ އަހަންނާ-” ފަޒީންގެ ވާހަކަ މެދުކެނޑުނެވެ.
“އޭގެ ފަހުން ބުނީ ކީކޭ؟” ހިބާއަށް އަހައިލެވުނެވެ.
“ހިބާ އެކަނިވެރިކޮށް ހިތާމައިގަ އުޅެފައޭ އަހަންނާ ތި ދިމާވީ….” ފަޒީން ބުންޏެވެ. އެއާއެކު ހިބާއަށް އަސަރެއް ނެތްގޮތަކަށް ހީލެވުނެވެ.
“ފަޒީނަށް ކިހިނެއް އެނގެނީ އަހަރެން އުޅުނީ އެކަނިވެރިކޮށް ހިތާމައިގަކަން؟” ހިބާ އެ ފަހު ދެ ބަސް ބުނެލީ ފަޒީން ބުނެލި ރާގަށެވެ.
“އިޓްސް އޮބްވިއަސް ދޯ؟ ހިބާ ކިތައް އަހަރު ވެއްޖެ ހިބާގެ ކޮއްކޮ ގޮވައިގެން އެކަނިމާއެކަނި ބުރަކޮށް އުޅޭތާ. ކައިވެނި ކުރާ ޢުމުރު ތި ފާއިތުވީ އިންނާނެ މީހަކު ނުލިބި. އެކަމާއިމެދު ވިސްނައި ޙަޔާތުގެ ބައިވެރިޔަކު ހުންނަން ހިތް އެދޭނެތާ. އަދި އެހާ ބޮޑު އެއްޗެއް ލިބޭ ވަޒީފާއެއްގައެއް ނޫން ތި އުޅެނީ ވެސް. މިކަހަލަ މީރު އެއްޗެހި ކާން ބޭރަށް އައުމަކީ ހިބާއަށް ނާދިރުކަމެއް ކަންނޭނގެ. އެހެންވީމަ ހުރިހާ ގޮތަކުން ބަލާއިރު ވެސް ހިބާއަށް ވަރަށް ބޮޑު ނަސީބެއް އަހަރެން ކަހަލަ މީހަކު ލިބުމަކީ. އަހަރުމެންގެ ޢާއިލާގެ ވިޔަފާރީގެ ބޮޑުބައެއް ވަނީ އަހަރެންގެ ނަމުގަ. ވީމަ ހިބާ ބޭނުންވާހާ ކަމެއް ހިބާއަށް ފުރިހަމަ ކޮށްދެވޭތޯ އަހަރެން ބަލާނަން. ކޮންމެހެން ތި ބުރަ ވަޒީފާއަށް ނުގޮސްވެސް ވާނެ.” ފަޒީން ވާހަކަ ދެއްކިއެވެ. ހިބާ އެ އިވެމުން ދިޔަ ވާހަކަތައް ޤަބޫލުކުރަން ވެސް ނޭނގިފައި ވަނިކޮށް ވެއިޓަރަކު އައިސް ނިމުނީތޯ އެހިއެވެ. ފަޒީން ނޫނެކޭ ބުނިއިރު ހިބާ އާނއެކޭ ބުނެ ބިލް ގެނެސްދިނުމަށް އެދުނެވެ. ވެއިޓަރު ދިޔުމުން ހިބާ ފަޒީނާއި ކުރިމަތިލިއެވެ.
“އަހަންނަށް ހީވަނީ ފަޒީން ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގަހެން ތިއުޅެނީ. އަހަރެން ވޭތުވެ ދިޔަ އަހަރުތައް ހޭދަކުރީ ޙަޔާތުގެ ބައިވެރިއަކާ ނުލާ ކަމަށްވިޔަސް އަހަރެން އުޅުނީ އުފަލުގަ. އަހަރެން އަމިއްލަ ލާރިން ކިޔަވައިގެން އަހަންނަށް ކަމުދާ ދާއިރާއަކުން ކުރިއަށް ގޮއްސަ އަހަރެން ވަނީ ކާމިޔާބީތައް ހޯދާފަ. ރަށްފުށުގަ ދިރިއުޅުމުގަ ޙަޔާތުގެ ބޮޑުބައި ހޭދަކުރިޔަސް އަހަރެން ވަނީ ދުނިޔެއަށް ލޯ ހުޅުވިފަ. ޙަޔާތުގެ ބައިވެރިޔަކު އައިސް އަހަރެންގެ ޙަޔާތް އިތުރަށް ފުރިހަމަ ކުރާކަށް އެއްގޮތަކަށް ވެސް އިންތިޒާރެއް ނުކުރަން. އޭގެ ބަދަލުގައި ﷲ ގެ އިރާދަފުޅުން ރަނގަޅު މީހަކު ޙަޔާތަށް އަންނަންދެން އެކަލާނގެ އަހަންނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުކޮށް ވަރަށް އުފަލުގަ އަހަރެން އުޅުނީ. އަދި އިން ޝާ ﷲ ކުރިއަށް އޮތް ތާނގަވެސް އުޅޭނަން….” ހިބާ ސާބިތުކަމާއެކީ ބުންޏެވެ. ފަޒީން ހިބާގެ އެ ވާހަކަތަކަށް މަލާމާތުގެ ހީލުމެއް ހީލިއިރު ވެއިޓަރު ބިލް ހޯލްޑާ ހިފައިގެން އައިސް އޭތި މޭޒުމަތީގައި ބޭއްވިއެވެ. ހިބާ ދެވަނަ ވިސްނުމެއްވެސް ނެތި އޭތި ނަގައި ހުޅުވައިލަމުން އެރީ ކިހާވަރެއްތޯ ބެލިއެވެ. ހަ ސަތޭކައިގެ ޢަދަދެއް ފެނުމުން ހިބާ އެތާ މޭޒުމަތީގައި ބޭއްވިފައި އޮތް ވޮލެޓް ނަގައި ހުޅުވައިލިއެވެ. އެއަށްފަހު ފަސް ސަތޭކައިގެ ނޫޓަކާއި ސަތޭކައިގެ ދެ ނޫޓު ނަގައި ބިލްގެ މަތީގައި ބޭއްވިއެވެ. ހަމަ އެވަގުތު ވެއިޓަރު އެހެންދާން ފެށުމުން ހިބާ ގޮވައިލިއެވެ.
“ސްކިއުޒް! މީގެ ބާކީ ތި ވެއިޓާރއަށް އަޅުގަނޑު ދިން ޓިޕެއްގެ ގޮތުގަ ބައްލަވައްޗޭ.” ހިބާ އެއްކަލަ ވެއިޓަރަށް ބަލަން ހުރެ ބުންޏެވެ.
“ވަޓް؟” ފަޒީން ޤަބޫލުކުރަން ވެސް ދަތިވެފައިވާ ޒާތަށް ބުންޏެވެ. ވެއިޓަރު އެތަނުން ދިޔަ ވަގުތު ހިބާ އޭނަގެ ވޮލެޓާއެކީ ކޮޅަށް ތެދުވެލިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން ފަޒީން….އެކަމަކު އަހަންނަކަށް ފަޒީންއާއި ނުއިނދެވޭނެ. އެއްގޮތަކަށް ވެސް ބޭނުމެއްނޫން ވަގުތަށް އިޙްތިރާމް ނުކުރާ، ތިމާއަށްވުރެ ދަށް މަޤާމުގައި ތިބޭ މީހުން އިތުރަށް ދަށްކުރާ، ތިމާގެ މަންމަ ގުޅީމަ ނޫންކަމަށް ހަދާ އަދި އަހަންނާއިމެދު ވެސް އެހާ ދަށްކޮށް ދެކޭ މީހަކާއި އިންނާކަށް. ފަޒީންގެ މުއްސަނދިކަން ފަޒީންއަށް މަރުޙަބާ. އަލްޙަމްދުލި ﷲ އަހަރެންގެ ބޭނުންތައް ފުދޭވަރަށް އަހަންނަށް ވެސް ލާރި ލިބޭ. ފަޒީންހާ މުއްސަނދި ނުވިޔަސް. ތިމާގެ އަތުގަ ހުރި މުއްސަނދިކަމަކާއިމެދު ފަޚުރުވެރިވުމަކީ ރަނގަޅުކަމެއް ނޫން. ލާރިއަކީ ޒަވާޖީ ޙަޔާތަކަށް ބޭނުންވާނެ ހުރިހާ ކަމެއްވެސް ނޫން. ތަނަވަސްކަން ހުރެފަ ހިތްތިރިވެ ރަނގަޅު އަޚްލާޤެއް ހުރިނަމަ އަހަންނަށް ކަމުދިޔައީސް.” ހިބާ ބުންޏެވެ. އެހިނދު ފަޒީންގެ ބުމަގޮށްޖެހިފައިވިއެވެ.
ހިބާ ވަކި އިތުރު އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގައިގަތް އިރުވެސް ފަޒީން އިންގޮތަށް އިނެވެ. އެހެނަސް ހިބާއަށް މާ ދުރަށް ނުދެވެނީސް ފަޒީން ވާހަކަ ދެއްކުމުން ހިބާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“އެއްކަލަ މޮޔަ މީހާއާ ހެދިތަ މަށާމެދު ހިބާ ތިހެން ތި ހަދަނީ؟” ހިބާ ހުއްޓުނީ ފަޒީން ކޮށްލި އެ ސުވާލުންނެވެ. ފަޒީން އެ ބުނި އެއްޗެއްގެ މާނަ ނަގައިގަންނަން ހިބާއަށް ހިނދުކޮޅެއް ނެގިއެވެ.
ނުނިމޭ
Mish
June 12, 2021 @ 1:59 am
Dhaaris akee Ismaeel eethan dhw.. For sure…
Jana
June 12, 2021 @ 3:04 pm
Varah yageen kamaa eky Mish mi bunely Ma Sha Allah! 😀 hinga balamaa dho vaagotheh? 😉
Aayaa
June 12, 2021 @ 10:53 am
nice ma sha Allah. speechless. bunaane ehcheh neygifa mi iny..keep it up❤😍🥰
maazin ge brother aky eethan. i guess
v v v inthizaaruga, every tuesday and saturday ga vahaka kiyan libeny?
Jana
June 12, 2021 @ 3:06 pm
Aayaa ves miothy varah salhi guess eh kollaafa. Hinga balamaa Maazin aa Ethan aa gulhumeh oiytho In Sha Allah.
Vaahaka officially up vaany Saturday aa Wednesday ga. Avahah liye nimuniyyaa eyge kuree reyves jana baeh faharu up kuran ^_^
Alhamdhulillah! (All praise and thanks belong to Allah) <3 Jazaakillah Khairan for the support sis! Much love! <3 <3 <3
Zaeyn...
June 12, 2021 @ 11:51 am
sis alhugandah hyvany mazin n eethan mi family kudhin hen… dhen dhaaris e eethange kuryge name or something like that hen.. hehe btw mi part vx hama best… waiting 4 next part curiosly.. be safe.. lysm sis
Jana
June 12, 2021 @ 3:10 pm
Varah reethi guess eh Zaeyn ves thi kolly Ma Sha Allah! 😀 Jana anekka inaameh kanda alhan veeba emme rangalhah guess kurevey reader akah? *curious* hehe….In Sha Allah next part Wednesday ga. Love you too sis. Stay safe <3 <3 <3
Jana
June 12, 2021 @ 3:12 pm
Assalaam’alaikum! 😀 Mi bayaa gulhey post thah In Sha Allah jana maadhamaa in feshigen up kuraanan. Kiyuntherinnah vaahakaige baithakunnaai post thakun faidha kuraa kamah ummeedhu kuran. Faidhaa kuraanama ekuverinnaa aailaa aa e post thah hissaa kurumaky jana ge varah bodu edhumeh.
Hurihaa kiyuntherinnahves baajjaveri reygandakah edhen. Stay safe! Much love! 🙂 <3
Noora
June 13, 2021 @ 7:57 pm
Maasha Allah varah reethi mi bai vs❣️😍😍
Jana
June 14, 2021 @ 6:44 am
Jazaakillah Khairan for the support Noora ^_^ <3
Nymph
June 14, 2021 @ 6:56 am
Masha Allah hadha nalaey jaanaa ….aneh Bai avaha up kollache love u
Jana
June 14, 2021 @ 2:56 pm
Alhamdhulillah! 😀 <3 In Sha Allah avahah genesdheyn mi masakkaiy kurany ^_^ Love you too <3
Aayaa
June 14, 2021 @ 10:01 am
sis. how can i contact you?
Jana
June 14, 2021 @ 2:58 pm
Hi sis….website ge ehery ehnu contact bai? e bayah gossa form fill koffa fonuvyma jana ge personal mail ah dhaany. From there we can meet In Sha Allah 🙂