ދާރިސް (ސާދަވަނަ ބައި)
ސިޑި ގިރާ ކުރުމަށްފަހު ކުޑަކޮށް މަޑުކޮށްލަމުން ހިބާ އޭނަ ނަޒަރު އަމާޒުކޮށްލީ، ތިން ދޮރު ފަސްކޮށް ދެވެން ހުރި ލައިބްރަރީގެ ދޮރާއި ދިމާލަށެވެ. އެއަށްފަހު އެދިމާލަށް ދާން ފެށީ ފުން ނޭވައެއް އެތެރެއަށް ލަމުންނެވެ. ލައިބްރަރީގެ ދޮރާއި އަރައި ހަމަވީ ވަގުތު އެ ދޮރު ހުޅުވިގެން ދިޔައެވެ. އަދި އެތަނުން ނިކުމެގެން އައީ ދާރިސްއެވެ. ދާރިސް ހިބާ ފެނުމާއިއެކު ހިބާ އުއްމީދު ކުރި ފަދައިން އިސްޖަހަމުން އިސްއުފުލަމުން ބަލަން ފެށިއެވެ. ކަންދިމާކުރި ގޮތުން އެ ވަގުތަކީ ދާރިސްގެ ފުރަގަހުން ރައުފް އޭނަގެ އެކުވެރިންނާއެކީ އަންނަމުން ދިޔަ މަންޒަރު ހިބާއަށް ފެނުނު ވަގުތެވެ. އަދި ހިބާއަށް ނޭނގުނު ނަމަވެސް އޭނަގެ ފަހަތުން އެއްކަލަ އަންހެން ކުދިންވެސް އެހާ ހިސާބަށް އައިސްފައިވި ވަގުތެވެ. ރައުފް އޭނައަށް ބަލަން ހުރިތަން ފެނިފައި ހިބާ ދާރިސްއަށް ބަލައިލިއެވެ.
“އައި ލަވް ޔޫ، ދާރިސް.” ހިބާ ދެވަނަ ވިސްނުމެއްވެސް ނެތި ބުނެލިއެވެ.
އެވަގުތުކޮޅު ހިތަށް ވެރިވެގެން ދިޔަ ހިނދު ހިބާއަށް ހީލެވުނީ މޫނުގައި އެއްއަތް އަޅަމުންނެވެ. އެ ހިނދު ހިބާއަށް ނޭނގި އޭނަގެ ކޯތާފަތް ރަތްވެފައިވިއެވެ. އޭނަ އޭރު ހާދަ މޮޔައޭ ހިތަށްއެރި ވަގުތު ލަދު ގަތެވެ. އެހެނަސް ބޮޑަށް ލަދުގަންނަ ގޮތްވި ދާރިސް އެދުވަހު އޭނަގެ އެ ބަސްތަކަށްފަހު ހުއްޓުންއަރާފައި ހުރިގޮތް ހަނދާންވުމުންނެވެ. ދެން ކަންތައްވީ ގޮތާއިމެދު ވިސްނެން ފެށި ވަގުތަކީ މަޣްރިބް ނަމާދު ބަންގީގެ ވަގުތު ޖެހުމުން އޭނަގެ ފޯނަށް ނޮޓިފިކޭޝަނެއް އައި ވަގުތެވެ. އެއާއިއެކު ހިބާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އެނދުން ތެދުވެލީ ނަމާދަށް ދިޔުމަށެވެ.
**
އެރޭގެ ޢިޝާ ނަމާދަށްފަހު ހިބާ ހޮޓެލް ރޫމުން ނިކުމެ ލިފްޓާއި ދިމާލަށް ދިޔައީ، ހޮޓެލްގެ އެއްވަނަ ފަންގިފިލާގައިވާ ރެސްޓޯރެންޓަށް އައުމަށް ފަރީދުބެ ގުޅާފައި އެދުމުންނެވެ. ފަޒީނާއި ބައްދަލުކުރަން ދިޔަ ރޭ ފަދައިން ހިބާ ރީތިވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ.
ލިފްޓް ހުޅުވިގެން ދިޔައިރު ހުހަށް ހުރުމުން ހިބާ ލިފްޓަށް އެރީ ހަމަޖެހުމުގެ ނޭވައެއް ދޫކުރަމުންނެވެ. އޭނަ މާލެއަށް އައިސް ހުންނަ ދުވަސްދުވަހު ފަރީދުބެ އަބަދުހެން ހޮޓެލްގައި ހުންނަނަމައޭ ހިބާގެ ހިތަށްއަރައެވެ. އެކި ފަހަރުމަތިން ލިފްޓް ތެރެއިން ވެސް ދިމާވާ މީހުންގެ ޒާތުން ވާ ޖެހިލުންވުމެއްގެ ބޮޑުކަމުންނެވެ. އެހެނަސް ފަރީދުބެ ގާތު އެކަމަށް އެދޭކަށް ނުކެރެއެވެ. ފަރީދުބެ މި ދަތުރުތަކުގައި އޮފީސް ކަންތަކުގައި ބުރަވެގެންދާނެ މިންވަރު އެނގޭތީވެއެވެ. އަދި އަމުދުން މިހާރުއްސުރެ ފަރީދުބެ ހަމައެކަނި އޭނައާއި އެކީ ބޭރަށް ވެސް ދިޔުމަށްޓަކައި، އެދުވަސްވަރަށް ޗުއްޓީ ނަގައިގެން ހުރި ގޮތުން އިތުރު ކަމަކަށް އެދޭކަށް ނުކެރުނެވެ.
މިނެޓްތަކެއްގެ ތެރޭގައި ހިބާއަށް ހުރެވުނީ ޢިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ. ލިފްޓުން ނިކުމެވުމާއެކު ހިބާއަށް ފެނިގެން ދިޔައީ، ފަނޑު ރީނދޫކުލައިގެ އައްޔަކުން އަލިކުރެވިފައިވި މާޙައުލެކެވެ. ރަށުގައި ހުރި މޮޅު ރެސްޓޯރެންޓު ފަދައިން އެތާ ތެރެއިން ވެސް ވަކަރު މޭޒާއި ގޮނޑިތައް ފެންނަމުން ދިޔަ ގޮތުން ހިބާގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަ ހިތްހަމަނުޖެހިގެން ދިޔަ އެ ރެއެވެ. މިރޭ ކަންތައްވާނީ ވެސް އެ ޒާތަށްތޯ ހިތަށްއެރި ވަގުތު އެއްފަރާތުން އޭނަގެ ނަމުން ގޮވައިލެވުނު އަޑަށް ހިބާއަށް އެދިމާލަށް ބަލައިލެވުނެވެ. އެ ހިނދު އޭނައާއި ދިހަ ފިޔަވަޅެއްހާ ދުރުގައި ހުރި މޭޒެއްގެ ކައިރީގައި ހުއްޓިހުރި ފަރީދުބެ ހިނިތުންވުމަކާއެކީ މިކޮޅަށް އަންނާށޭ ބުނެ ހަނާއަޅައިލިތަން ހިބާއަށް ފެނުނެވެ. ފަރީދުބެގެ ކައިރީގައި ހުއްޓިހުރި ޒުވާނާ ހިބާގެ ލޮލުގައި އެޅީ ކުރިއަށް ހިނގަން ފެށި ވަގުތެވެ. އެ ހިނދު އެ ޒުވާނާ އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި ހިބާ ޖެހިލުންވާ ގޮތްވިއެވެ.
ކުރިއަށް ހިނގަމުން ހިބާ ހިތާހިތުން ‘އާސިފް’ ގެ ނަން ހަނދާންކުރަމުން އެ ނަން ކިޔައިލިއެވެ. އޭނައަށްވުރެ ކުޑަ ތަންކޮޅެއް އިސްކޮޅުން ދިގުކޮށް ހުރި އާސިފަށް ލިބިފައިވި ފަން އިސްތަށިގަނޑު އަދުގެ ޒުވާނުންގެ ޒާތަށް އެއްފަރާތަށް ކެހިފައިވި ގޮތުން ހިބާ އެހާ ގަޔާވާ ގޮތެއްނުވިއެވެ. ކައިރިވީވީހެން އިސްތަށިގަނޑުގެ ތިރީ ބައި ތުނިކޮށްފައި ދެން ހުރި ބައި ބޯކޮށް ހުރި ގޮތުން އެއީ އޭނައާއި ވަރަށް ޚިޔާލު ތަފާތުވާނެ މީހެއްކަމަށް ނިންމުނެވެ. އާސިފްގެ ފިރިހެންވަންތަ ސޫރަ ރީތިކަމަށް ހިބާއަށް ޤަބޫލުކުރެވުނެއްކަމަކު ތުނބުޅި ބޭލިފައިނުވިނަމަ އެއަށްވުރެ ފުރިހަމަވީސްކަމަށް ހިތާހިތުން ކިޔައިލެވުނެވެ.
ކޮންމެއަކަސް ހިބާ ފަރީދުބެއާއި އާސިފްގެ ކުރިމައްޗަށް ހުއްޓިލަމުން ފަރީދުބެއަށް ވާގޮތަށް ހިނިތުންވުމެއް ދައްކައިލީ އެ ޚިޔާލުތައް ހިންދަން މަސައްކަތް ކުރަމުންނެވެ. މީހަކު ފެންނަ ފެނުމަކަށް މީހެއްގެ ގޮތް ނިންމަން ނުވާނެ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. އެހެނަސް ދެންމެ އޭނައަށް ކުރެވުނު ޚިޔާލުތަކަކީ ވެސް އިސްތިޚާރާގެ ޢިޝާރާތްތަކަށް ވެދާނެކަމަށް ވެސް ހިބާއަށް ޤަބޫލުކުރެވުނެވެ. އާސިފަކީ އޭނައަށް ރަނގަޅު މީހެއްނަމަ ފެނުނީއްސުރެ ވެސް އޭނައަށް ކުރެވުނީހީ ރަނގަޅު އިޙްސާސްތަކެވެ. އެވަގުތު ވެސް އާސިފް އޭނައަށް ބަލަހައްޓައިގެން ހުރިގޮތުން ހިބާއަށް ނޭނގޭ އުދަގުލެއްވަމުން ދިޔައެވެ.
“ހިނގާ އަވަހަށް މިތާ އިށީންނަމާދޯ؟ ބޭބެ ހުރީ މި މޭޒު ރިޒާވްކޮށްފަ.” ފަރީދުބެ ބުންޏެވެ. އެއާއިއެކު އާސިފް ހިބާއަށްވުރެ ކުރިން ހިނގާށޭ ބުނެލިއެވެ. އެ ވަގުތުވެސް ހިބާގެ މޫނުން އާސިފް ނަޒަރު ވަކިކޮށްނުލައެވެ.
މޭޒުދޮށުގައި ގޮސް އެންމެން ގޮސް އިށީން ގޮތުން ހިބާއަށް އިނދެވުނީ އާސިފާއި ދިމާ ކުރިމައްޗަށް ވާގޮތަށެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނު ވަގުތު ފަރީދުބެ ވާހަކަ ދެއްކިއެވެ.
“ބޭބެ ކުޑަކޮށް ދެކުދިން ދެކުދިންނަށް ތަޢާރަފުކޮށްލަ ދީފާނަން އިނގޭ. ހިބާ…މިއީ އާސިފް. ބޭބެމެން އޮފީހުގެ ޑިޕާރޓްމެންޓެއްގަ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކުއްޖެއް. މި ހޮޓެލަކީ ވެސް އާސިފްގެ ނަންމަތީގައިވާ ތަނެއް. އާސިފަށްވާނީ 29 އަހަރު….ދޯ؟ އާސިފަކީ އާސިފްގެ މަންމައާއި ބައްޕައަށް ލިބިފަ ހުރި ހަމައެކަނި ދަރިފުޅު….އާސިފް، މިއީ ހިބާ-“
“27 އަހަރުގެ ޓީޗަރެއްދޯ؟ އެއްބަނޑު އެއްބަފާ ކޮއްކޮއާއި އެކީ އެކަނި އުޅެމުން ދަނީ؟” ފަރީދުބެގެ ވާހަކަ މެދުކަނޑައިލަމުން އާސިފް ވާހަކަ ދެއްކި ރާގުން ހިބާއަށް އޭނައާއި ދިމާލަށް ބަލައިލެވުނެވެ. ބޮޑު މީހެއްގެ ވާހަކަ މެދުކަނޑައިލި ގޮތުންނާއި، އޭނަ އުޅެނީ އޭނަގެ ކޮއްކޮއާއިއެކީ ‘އެކަނި’ކަމަށް އަލި އަޅުވައިލި ގޮތުން ހިބާގެ ހިތްހަމަނުޖެހުނެވެ.
“ހެހެ….އާސިފަށް ބުނެދެވިފަދޯ ހުރީ ބޭބެއަށް؟ ހިބާއަށް އެނގޭތަ؟ އާސިފް ވެސް އިންނާނެ ރަނގަޅު ކުއްޖަކު ނުލިބިގެން ބޭބެގެ ރަށުގަ ރަނގަޅު ކުއްޖެއް ހުރިތޯ އެހީ. ހިބާ މަތިން ހަނދާންވެފަ ބޭބެ ވަގުތުން ހިބާގެ ވާހަކަ ކިޔައިދިނީ. ހިބާގެ ވާހަކަ އިވުނު ދުވަހުއްސުރެ ވެސް ހިބާއާއި ބައްދަލުކުރާ ހިތުން ހުރީ. ދޯ އާސިފް؟” ފަރީދު ހިނިތުންވުމަކާއެކީ އެއްފަހަރު ހިބާއަށް އަނެއްފަހަރު އާސިފަށް ބަލަމުން ވާހަކަ ދެއްކިއެވެ.
“އާދެ….ފެނުނީމަ އަދި އިތުރަށް ކަމުގޮސްފި. ހިބާ އަޅުގަނޑާއިމެދު ދެކެނީ ކިހިނެއްބާއޭ ހިތަށްއަރަނީ.” އާސިފް ހިބާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އެހިއެވެ.
“ތެދެއް ހިބާ؟” ފަރީދު އެހިއެވެ.
“އަ…އަދި އެއްޗެކޭ ބުނެވޭ ވަރަކަށް އާސިފްއާއި ބެހޭގޮތުން ނުއެއް އެނގޭ.” ހިބާ ތެދުތެދަށް ޖަވާބުދިނެވެ. ދެންމެއަކު އާސިފް އަދަބުވެރިކަމާއެކީ ވާހަކަ ދެއްކި ގޮތުން އޮޅުން އަރާ ގޮތްވިއެވެ. ދެން ކަންތައްވާން ފެށި ގޮތުން އެ އޮޅުން އިތުރުވުން ނޫންކަމެއް ނުވިއެވެ.
ހިބާގެ ވާހަކައިން އާސިފާއިއެކީ ފަރީދުބެ ލުއި ގޮތަކަށް ހީލިއެވެ. ހަމަ އެ ވަގުތު ވެއިޓަރަކު އޯކިޑް މާތަކާއި ލިލީ މާތަކުގެ މެދުމިނުގެ މާ ބޮނޑިއެއް ގެނެސް ހިބާގެ ކުރިމަތީގައި ބޭއްވިއެވެ. ހިބާ އެއަށް ރަނގަޅަށް ބަލައިލިއިރު އޭގެ ކުރިމަތީގައި ހަރުކުރެވިފައިވި ގަނޑުގައި ‘ކޮންގްރޭޓްސް، ހިބާ’ އޭ ލިޔެވިފައިވިއެވެ.
“އަޅުގަނޑުގެ ފަރާތުން ކުޑަ ހަދިޔާއެއް. މިއަދު ހަވީރު ހިބާ ކޮންފަރެންސްގަ ވާހަކަ ދެއްކިތަން ދުށިން. އެކަހަލަ ޕްލެޓްފޯމަކަށް ދެވޭނީވެސް ވަރަށް މޮޅުވީމަ ކަންނޭނގެދޯ؟” އާސިފް ލުއި ހިނިތުންވުމަކާއެކީ ވާހަކަ ދެއްކި ގޮތުން ހިބާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. ހިބާގެ ހަނދާނަށް އައީ ފަޒީން އޭނައަށްޓަކައި ހޯދި މާ ބޮނޑި ނައިސްގެން އޭނަ ވެއިޓަރާއި ދިމާލަށް ހަޅޭއްލެވި ރެއެވެ. އާސިފަކީ ފަޒީންގެ ބަދަލެއްގެ ގޮތުން އޭނައަށް ލިބެން އުޅޭ ނިޢުމަތެއްތޯ އެވަގުތު ހިތަށްއެރިއެވެ.
“އާނއެކޭ….ހިބާއަކީ ކުޑަކުޑަ ރަށެއްގައި އުޅެގެން ކިޔަވައި ނިންމިޔަސް ވަރަށް މޮޅު ކުއްޖެއް މާ ޝާ ﷲ! އަދި އެނގޭތަ؟ އެ ކޮންފަރެންސްގެ މޮޅު ހުށަހެޅުންތެރިންގެ ތެރޭގަ ހިބާ ހިމެނިއްޖެއްޔާ ސްވިޓްޒަލޭންޑަށް ދިޔުމުގެ ފުރުސަތުވެސް ލިބެޔޯ!” ފަރީދު ޖޯޝާއިއެކީ ކިޔައިދިނެވެ.
“އަސްލުވެސްތަ؟ އަޅުގަނޑުގެ އާންޓެއް އުޅޭ އެޑިއުކޭޝަން މިނިސްޓްރީގަ. ހިބާ ބޭނުމިއްޔާ އެ ޤައުމަށްދާ ބައިވެރިންގެ ލިސްޓުގަ ހިބާގެ ނަން ހިމަނަން އަޅުގަނޑު އެހީވެދީފާނަން.” އާސިފް ބުންޏެވެ.
“އެގޮތް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑުގެ އެކުވެރިއެއްގެ ދައްތައެއް ވެސް އުޅޭ މިނިސްޓްރީގަ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ހުރި ހުނަރެއްގެ ސަބަބުން އެ ފުރުސަތު ލިބިގަންނަން އިން ޝާ ﷲ.” ހިބާ ބުނެލިއެވެ. އެއާއިއެކު އާސިފް ބޯޖަހައިލިއެވެ.
“އާނދޯ؟ އެއީ ހަމަ އެންމެ ރަނގަޅު ގޮތް.” އާސިފް އަނެއްކާވެސް ހިތްހެޔޮ ހިނިތުންވުމެއް ދައްކައިލުމުން ހިބާއަށް އޭނައާއިމެދު ވިސްނަންވީ ގޮތެއް ނޭނގިފައި އިނދެވުނެވެ.
ހަމަ އެވަގުތު ފަރީދުގެ ފޯނު ރިންގުވާން ފެށުމުން ފަރީދު ފޯނަށް ބަލައިލުމަށްފަހު ތިމަންނަ އެބަ އަންނަމޭ ބުނެ ތެދުވެގެން ދިޔައެވެ. ފަރީދު ދިޔަތަނާހެން އަނެއްކާވެސް އެ މޭޒު ކައިރިއަށް ވެއިޓަރަކު އައިސް މެނޫ މޭޒުމަތީގައި ބޭއްވިއެވެ. އަދި ތަބަކެއްގައި ގެނައި ހުސް ބިއްލޫރި ތަށިތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ފިނި ފެން ހުރި ބިއްލޫރި ގުޅިއެއް މޭޒުގެ މެދުގައި ބެހެއްޓިއެވެ.
ވެއިޓަރު ދިޔުމުން ހިބާއަށް އެ ގުޅިއާއި ދިމާލަށް ބަލައިލެވުނީ އެވަގުތު ކަރު ހިއްކުމުންނެވެ. ހިބާ ވަކި ވިސްނުމެއްނެތި އެ ގުޅީގައި ހިފަހައްޓައިލީ އާސިފަށް ވެސް ބެލުމެއްނެތި އޭނަގެ ތަށްޓަށް ފެން އެޅުމަށެވެ. އެހެނަސް އެވަގުތު ކުއްލިއަކަށް ގުޅީގައި ހިފެހެއްޓިފައިވި އޭނަގެ އަތުގައި ހިފައިލި ގޮތުން މޭގަނޑު އަތަށް އައި ކަހަލަ އިޙްސާސެއް ކުރެވުނެވެ. ނުތަނަވަސްކަމާއެކީ އެއަތަށް ބަލަން އިނދެފައި ހިބާ ކުރިމައްޗަށް ބަލައިލިއިރު އާސިފްގެ ނަޒަރު އޭނައަށް އަމާޒުވެފައިވިއެވެ. އެއީ އޮޅުމަކުން ވީ ކަމެކޭ ހިތައި ހިބާ އޭނަގެ އަތް މިނިވަންކުރަން މަސައްކަތް ކުރުމުން ވެސް އާސިފްގެ އަތަށް ބާރުވުން ނޫންކަމެއް ނުވިއެވެ.
ބިރުވެރިކަމުގެ ރާޅުބާންޏެއް ހިބާގެ ހިތުގައި ނެގި ވަގުތަކީ ފަރީދުބެ އަނެއްކާވެސް މޭޒުދޮށަށް އައި ވަގުތެވެ. އިސާހިތަކު އާސިފްގެ އަތަށް ދޫވެގެން ދިޔުމާއިއެކު ހިބާ ވަގުތުން އޭނަގެ އަތް އެ ގުޅިއާއި ދުރުކުރިއެވެ. އެއާއިއެކު އާސިފް ހިނިތުންވުމަކާއިއެކީ ދެންމެ ގުޅީ ކާކުތޯ ފަރީދުބެ ކައިރިން އަހަމުން ގުޅި ނަގައި ހިބާގެ ތަށްޓަށް ފެން އަޅައިދޭން ފެށިއެވެ. ހިބާ ދެބުމަ ކައިރިކޮށްގެން އާސިފްއާއި ދިމާލަށް ބަލައިލި ވަގުތު އާސިފް އެ ހުރިހާއިރު ދައްކަމުން ދިޔަ ހިނިތުންވުން ދައްކައިލުން ނޫންކަމެއް ނުކުރިއެވެ.
އެ ވަގުތުކޮޅުން ފެށިގެން ހިބާއަށް އެ ކެއުމުގެ ތެރެއިން އިތުރު ވާހަކައެއް ދެކެވޭ ގޮތެއް ނުވިއެވެ. އާސިފް ކަންތައް ކުރި ގޮތުން އޭނައަށް އުދަގޫވިއެވެ. ދެންމެ ކަންތައްވީ ގޮތް ބޮޑުކަމަކަށް ހަދަންވީތޯ ނުވަތަ ނުހަދަންވީތޯއާއި މެދު ޚިޔާލު ތަފާތުވެފައި އިނދެވުނެވެ. އެކަމަށް އެވަގުތު އަލިއަޅުވައިލިޔަސް އާސިފް އަމިއްލަ ނަފްސު ދިފާޢު ކުރާނެކަން ހިބާއަށް ޔަޤީންވިއެވެ. އެވަގުތަށް ހިމޭންކަން ޚިޔާރުކުރަން ހިބާ ނިންމީ އެހެންވެއެވެ. އަދި މި ކެއުން ނިންމައިލުމަށްފަހު ވަކި އެ ވާހަކަ ބުނުމެއްނެތި އޭނަ އާސިފާއި އިންނަން ބޭނުންނުވާ ވާހަކަ ފަރީދުބެގާތު ބުނަން ހިބާ ނިންމިއެވެ.
**
އޭގެ އަނެއްދުވަހަކީ އީތަންއަށް ހަފްތާ ބަންދު ދުވަހަކަށް ވިޔަސް، މެންދުރުގެ ވަގުތު އޮފީހަށްދާން ނިކުތީ، އޮފީހުގައި އިނދެ ރާއްޖޭގައި އޮތް ޓީޗާރސް ކޮންފަރެންސްގެ ދެވަނަ ބައި ބެލުމަށެވެ. ޗުއްޓީ ދުވަހަކަށްވުމުން އީތަން އޮފީހަށް ދިޔައީ ހުދުކުލައިގެ އަތްދިގު، ބޯ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކެވެ. ދުވަސްވަރަކީ އެ ޤައުމަށް ހޫނު މޫސުމަށް ވިޔަސް އެ ޞަރަޙައްދުގެ ގޮތުން މާޙައުލުގައި އާދައިގެ ފިނިކަމެއް ހުންނާތީވެއެވެ.
ޗުއްޓީ ދުވަހު ޑްރައިވަރަށް އުދަގޫ ނުކުރުމަށްޓަކައި އީތަން ކާރު ދުއްވާފައި ދިޔައީ އަމިއްލައަށެވެ. ހައިވޭއިން ކާރު ދުއްވާފައި ދިޔައިރު ދެ ފަރާތުން ފެހި ވިނަތަކުގެ ބިންތަކާއި ދުރު ހިސާބުތަކުން ފަރުބަދަތައް ފެންނަމުން ދިޔައެވެ. އީތަން އަމިއްލައަށް ކާރު ދުއްވަން ނިންމާ ދުވަސްދުވަހުގެ އާދައާއި އެއްގޮތަށް އެދުވަހުވެސް ކާރުތެރެއިން އިވެމުން ދިޔައީ ޤުރުއާނުގެ އަޑެވެ. މާޙައުލުގެ ވަށައިގެން ﷲ ގެ ކުޅަދުންވަންތަކަން ފެންނަ މަންޒަރުތަކަށް ބަލަމުން އެ އާޔަތްތަކާއިމެދު ވިސްނުމުން ލިބޭ އާދަޔާ ޚިލާފު ހިތްހަމަޖެހުމުގެ ސަބަބުންނެވެ. ޢަރަބި ނޭނގުނަސް އެވަގުތު ޕްލޭ ކުރެވިފައިވި އާލު ޢިމްރާން ސޫރަތުގެ ފަހު އާޔަތްތަކަކީ އީތަންއަށް މާނަ އެނގޭ އާޔަތްތަކަށްވުމުން، އެ އާޔަތްތަކުން އީތަންގެ ހިތަށް ބޮޑަށް އަސަރުކުރިއެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ ޝަހީދުބެއެވެ. އޭނައަށް ދީން އުނގަންނައި ދިނުމުގައި ޝަހީދުބެގެ ވަރަށް ބޮޑު ދައުރެއްވާތީވެއެވެ.
ޝަހީދުބެގެ ހަނދާންތަކާއެކީ ހިބާގެ ހަނދާންތައް ވެސް އާވާން ފެށުމުން އީތަން އެކަމާއިމެދު ނުވިސްނޭތޯ ވަރަށް މަސައްކަތް ކުރަންޖެހުނެވެ. އިއްޔެ ޓީވީއިން ހިބާ ފެނުނު ފަހުން އީތަންއަށް ހުއްޓުމެއްނެތި ހިބާއާއިމެދު ވިސްނެމުން ދިޔައެވެ. ހިބާ ފެނުނު ފުރަތަމަ ވަގުތުކޮޅުގައި ޓީވީ ސްކްރީނުން ނަޒަރު ވަކިކުރަން ދަތިވެ ހިބާ ދައްކަން ފެށި ވާހަކައަށް ވެސް ސަމާލުކަން ދޭން ދަތިވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އީތަން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ޓީވީއާއި ދުރު ހިސާބަކަށް ގޮސް މޭޒުގެ އެއްފަރާތެއްގައި މަޑުކޮށްލަމުން ހިބާގެ ހުށަހެޅުން އަޑުއެހޭތޯ ބެލިއެވެ. ހިބާ މީގެ ދުވަސްކޮޅެއް ކުރިން އޭނައަށް ފޮނުވި ލިޔުމާއިމެދު ވިސްނާފައި، އޭނަ އުއްމީދު ކުރި ފަދައިން ހިބާގެ ހުށަހެޅުން ވަރަށްވެސް މޮޅެވެ. ފަނޑިޔާރެއްގެ ގޮތުން ހިބާއަށް ސްކޯރދިން އިރު އެހާތަނަށް ހުށަހެޅި ހުރިހާ ބައިވެރިންނަށް ވުރެ ވެސް މަތިން ހިބާއަށް ދެވުނެވެ. އެއީ ހިބާއަކީ އޭނަ ދަންނަ ކުއްޖަކަށްވުމުންތޯ ދިހަ ވަރަކަށް ފަހަރު އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. އެހެންނޭ ހިތައި ސްކޯރ ދަށްކޮށްލަން ވެސް ހިތަށްއެރިއެވެ. އެހެނަސް އެކަން ކުރަން ދަތިވީ އެ ހުށަހެޅުން އެހާ ވެސް ފުރިހަމަ ވުމުންނެވެ. އޭނަ ފަދައިން އެހެން ފަނޑިޔާރުން ވެސް އެފަދަ ސްކޯރއެއް ހިބާއަށް ދޭނެ ކަމާއިމެދު ޔަޤީނާއި ގާތްވުމުންނެވެ.
އެ ޚިޔާލުން އެވަގުތު އީތަންގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ހިބާ މޮޅު ހުށަހެޅުންތެރިންގެ ތެރޭގައި ހިމެނިއްޖެނަމަ އޭނަގެ ކުންފުންޏާއިއެކީ މަސައްކަތް ކުރަން އަންނާނެތާއޭ ހިތަށްއެރިއެވެ. އެކަމާއިމެދު އިރުކޮޅެއް ވަންދެން ހިނިތުންވެފައި ހުރެވުނު ގޮތުން އީތަން އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. ހިބާ އެތައް ދުވަހެއްފަހުން އޭނައަށް ފެނިފައި ވިޔަސް ހިބާއާއިމެދު އެގޮތަށް ވިސްނުމުގެ ޙައްޤެއް އޭނައަށް ލިބިގެނެއް ނުވެއެވެ. ހިބާ މިކޮޅަށް އަޔަސް އޭނަގެ އިންތަކުގެ މަތިން އޭނަ ހަނދާން ނައްތާލައިގެން ނުވާނެކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ.
ހިބާ އިއްޔެ ފެނުނީއްސުރެ ހިބާ ވެސް މިހާރު މީހަކާއި އިނދެ ދިރިއުޅުމެއް ފަށާފައިވާނެތާއޭ އީތަންގެ ސިކުނޑި ބުނަމުން ދިޔައެވެ. އެ ޚިޔާލުން ކޮންމެ ފަހަރަކުވެސް އީތަންގެ ހިތަށް އުދަގޫވެއެވެ. ކޮންމެ ގޮތެއްވިޔަސް ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހިބާ ޚިޔާރުކޮށްފައިވާނީ ރަނގަޅު މީހެއްކަމަށް އީތަންއަށް ހިތާހިތުން އެދެވުނެވެ. އެކީގައި އުޅެން ނުބައި މީހަކު ޚިޔާރު ކުރުމަށްފަހު ހިބާ އުޅުނު ޙާލު އޭނައަށް ނުހަނު ގާތުން ފެނިފައިވާތީވެއެވެ.
ރައުފް ހިބާއާއި ވަކިވާން ބޭނުންވާ ވާހަކަ އެދުވަހު ބުނެލީ އޭނަ ވެސް ދުރުގައި ބަލަހައްޓައިގެން ހުއްޓާއެވެ. ހިބާ ނުހަނު އަވަސް ހިނގުމެއްގައި ސްކޫލްގެ ބިއްދޮށާއި ދިމާލަށްދާ މަންޒަރު ފެނިފައި އޭނަ ވެސް ހިބާގެ ފަހަތުން ދިޔައެވެ. އެދުވަހު ނެގި ފިލާވަޅަކާއި ގުޅޭ ގޮތުން ހިބާއާއި ސުވާލެއް ކޮށްލަން ބޭނުންވީތީވެއެވެ. ހިބާ ދިޔައީ މީހެއްގެ ފަހަތުންކަން އޭނައަށް އެނގުނީ، ހިބާ ގޮސް ސްކޫލްގެ މެދު ޢިމާރާތުގެ ފަހަތުގައި މަޑު ކުރުމަށްފަހު ވާހަކަ ދެއްކުމުންނެވެ.
ހިބާ ވާހަކަ ދައްކަން ފެށުމުން އޭނައަށް ހުރިތާ މަޑުކޮށްލެވުނެވެ. މާ ގިނައިރެއްނުވެ ހިބާ ވާހަކަ ދައްކަމުން ދިޔައީ ރައުފްއާއިކަން އޭނައަށް އެނގުނެވެ. ރައުފް ރުޅިވެރިކަމާއެކީ ހިބާއާއި މުޚާތަބުކުރުމުން އޭނައަށް ގޮށްމުއްކަވައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހިބާ ތުރުތުރު އަޅާ އަޑަކުން ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ވެސް ރައުފް ޤަބޫލު ނުކުރުމުން ރައުފްއަށް ނުރުހުންވާ ގޮތްވިއެވެ. އެ ނުރުހުމުގައި އޭނައަށް އެއްޗެކޭ ބުނެވެން އުޅުނު ވަގުތަކީ ރައުފް ހިބާއާއި ވަކިވާން ބޭނުންވާ ވާހަކަ ބުނި ވަގުތެވެ. ރައުފް ހިބާއަށް ފަސްދީފައި ދާން ހިނގައިގަތުމުން ރައުފް ހުއްޓުވަން ވެސް އޭނަ އުޅުނެވެ. އެހެނަސް އެކަމަށް ހުރަސް އެޅިގެން ދިޔައީ ހިބާގެ ގިސްލުމުގެ އަޑު އިވިގެން ދިޔުމުންނެވެ. އެދިމާލަށް ބަލައިލިއިރު ހިބާ އޭނައަށް ފަސްދީގެން ހުރެ ރޮމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ހިތަށް އާދަޔާ ޚިލާފު ހިތާމަވެރިކަމެއް ވެރިވިއެވެ.
ހިބާގެ އެ ހިތާމަވެރިކަމުގެ ފުންކަން އޭނައަށް އިޙްސާސް ކުރެވޭ ގޮތްވީ ގޭތެރޭގައި އުޅެމުންދާއިރު ޝަހީދުބެ ދޭތެރެދޭތެރެއިން ހިބާ ގާތު ތި އުޅެނީ ދެރަވެގެންތޯ އަހަމުން ދިޔަ ގޮތުންނެވެ. ހަފްތާއެއް ވީއިރު ވެސް ހިބާ ޝަހީދުބެގެ އެ ސުވާލަށް ޖަވާބު ނުދިން ގޮތުންނެވެ. ހިބާއަށް ރަނގަޅަށް ނުވެސް ކެވި، އަބަދު ކޮޓަރީގައި އޮންނާތީ ވެގެން އުޅޭ ގޮތެއް ނޭނގިގެން ޝަހީދުބެ އޭނައާއި ވެސް ސުވާލުކުރަން ފެށި ގޮތުންނެވެ. އެހެނަސް އޭނައަށް އެ ވާހަކަ ކިޔައެއް ނުދެވުނެވެ. ހިބާ އޭނަގާތު ރައުފްގެ ވާހަކަ ހިބާގެ ބައްޕައަށް ސިއްރުކުރަން އެންގި ދުވަހުގެ މަތިން ހަނދާން ހުރީތީވެއެވެ.
މި ހުރިހާ ކަމަކާހުރެ އޭނައަށް ޚުދު އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވުނެވެ. ރައުފް ހިބާއާއި ވަކިވީ އޭނަގެ ސަބަބުން ކަމަށް ނިންމުނީތީވެއެވެ. މި މައްސަލަ ދިމާވީ އޭނަގެ ސަބަބުން ކަމަށްވުމުން އޭނަ އަމިއްލައަށް އެ މައްސަލަ ޙައްލުކުރަން ވެސް ބޭނުންވިއެވެ. މިގޮތުން ކޮންމެވެސް އެއްގޮތަކުން ހިބާ އުފާކޮށްދޭން ބޭނުންވިއެވެ. އުފާކޮށްދިނުމަށްޓަކައި ހިބާގާތު ބުނާނެ ވާހަކައެއް ނޭނގުމުން ގޭގައި ޝަހީދުބެ ނުހުންނަ ވަގުތުތަކުގައި އިންޓަނެޓުގައި ‘ބްރޭކް-އަޕް’ އޭ ޖަހައި ސާޗްކުރިއެވެ.
އޭނައަކީ ކުރިން ދުވަހަކުވެސް އެފަދަ ގުޅުމެއްގައި އުޅުނު މީހަކަށް ނުވިޔަސް، ދެދުވަހެއްހާ ތެރޭ ‘ބްރޭކް-އަޕް’އާއި ގުޅޭ ހުރިހާ ކަމެއް ނުހަނު ތަފްޞީލުކޮށް އޭނަގެ މޮޅު ސިކުނޑި ނަގައިގެންފިއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގުޅުމެއްގައި އުޅެފައި އެގޮތަށް ވަކިވުމުން ކިހާ ދެރަވާނެ ކަމާއި، އެންމެ ބޮޑަށް ދެރަވާނީ ގުޅުން ދަމަހައްޓަން މަސައްކަތް ކުރި ކުއްޖާކަން އޭނައަށް އެނގުނެވެ. އެފަދަ ގޮތަކަށް ދެރަވިޔަސް ޙައްލު ނުކުރެވޭ މައްސަލައަކާހެދި ގުޅުން ކެނޑުނުނަމަ، އެހެންނޫނީ އަނެކުންގެ ފައިދާ ހިފަން އުޅުނު މީހަކާއި ވަކިވިނަމަ، އެ ހިތާމަވެރިކަން ދުވަސްކޮޅަކުން ފިލައިދާނެކަން އެނގުނެވެ. އެހެނަސް އެދެމެދުގައިވާ ޚިޔާލު ތަފާތުވުންތައް ޙައްލުކުރެވޭނެނަމަ އެ ޙައްލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އިންޓަނެޓް އޭނައަށް ދަސްކޮށްދިނެވެ. އެހެންކަމުން އޭނަ ހިބާގެ ޙާލަތް ބަދަލުކުރުމަށް އެގޮތް ޚިޔާރު ކުރިއެވެ.
ހިބާއާއި ރައުފް ވަކިވިތާ ހަފްތާއެއްހާ ދުވަސްފަހުން އެއްދުވަހުގެ އިންޓަވަލް ގަޑީގައި ދާރިސް ރައުފްއާއި ބައްދަލުކުރަން ނިންމީ އެހެންވެއެވެ. ރައުފް ހިބާގެ ވާހަކަ ޤަބޫލު ނުކުރިއްޔާ އޭނަގެ ވާހަކަ ޤަބޫލުކުރާނެ ކަމަށް ނިންމައިގެންނެވެ. ސްކޫލްގެ އެކި ތަންތާނގައި ހިނގަމުން ގޮސް ދާރިސްއަށް ރައުފް ފެންނަ ގޮތްވީ ސްކޫލްގެ ގޯތި ތެރޭގައި ހުންނަ ގަހެއްގެ ދަށުގައި ހެދިފައިވާ ގާގަނޑުގެ މަތިންނެވެ. ދުރުން ފެނުނު އިރުވެސް ރައުފް އޭނަގެ އެކުވެރިންނާއެކީ ހީ ސަމާސާ ކުރަނީކަން ދާރިސްއަށް އެނގުނެވެ. އެކަމުން ދާރިސް ޙައިރާންވާ ގޮތްވިއެވެ. ހިބާއާއި ވަކިވި ދުވަހު ރައުފް ވެސް ދެރަވިހެން އޭނައަށް ހީވިއެވެ. އޭނަ ހޯދާފައިވާ ހޯދުންތަކުން އެފަދައިން ވަކިވުމަށްފަހު ފިރިހެން ކުއްޖާގެ ޙާލަތުވެސް އެހާ އަވަހަށް ރަނގަޅެއް ނުވާނެއެވެ. ވީއިރު މި ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟
މިފަދަ ޚިޔާލުތަކެއްގައި ހުރެ ދާރިސް އެމީހުންނާއި ކައިރިވަމުން ދިޔަދިޔަހެން އިވެން ފެށި ވާހަކަތަކުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ޔޫ ޝުޑް ހޭވް ސީން ހާރ ފޭސް މަ އޭނައާއި ބްރޭކް އަޕް ކުރިއިރު. ހީވީ ހަމަ ޑްރާމާއަކުން ނިކުމެފަ އައިއްސަ ހުރި ކުއްޖެއްހެން ލޮލުން ކަރުނަ އައިއްސަ ހުރިގޮތުން. ދަ ސްޓްރޯންގް އެންޑް މައިޓީ ހިބާ ހުރީ މަށަށް އާދޭސްކުރަން ތައްޔާރަށް!” ރައުފް ހެވިފައި އިނދެ އެ ވާހަކަ ބުނެލިއިރު ދާރިސްއަށް ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެވުނެވެ.
“އަޅެ އެދުވަހު ފޯނު ގެނެސް ފޮޓޯއެއް ނެގިނަމަ، އެންމެންނަށް އެމްއެމްއެސް ފޯވާރޑްކުރަން. ޑެއާރއެއް ކުރިނަމަ ރައުފްއާ އަނެއްކާ ގުޅުމުގެ ޝަރުޠެއްގެ ގޮތުގަ….” ރައުފްގެ އެކުވެރިއަކު ބުންޏެވެ.
“އަދި ކުރިއަށް އޮތީއޭ ކަންތައް. މަ މިއުޅެނީ ނަހޫއާ ރައްޓެހިވާން. ދެން ވިސްނާލާ ވާނެ ގޮތް!” ރައުފް ބުންޏެވެ. އެއާއިއެކު އޭނަގެ އެކުވެރިން ރާގަކަށް އަޑެއް ލައްވައިލި ހިނދު ދާރިސްގެ ދަތްކުނޑި ވިކުނެވެ. ރައުފްގެ އެކުވެރިއަކަށް ދާރިސް އެތާ ހުރިކަން ފާހަގަވީ އެވަގުތެވެ. އެހިނދު އެންމެން ހިމޭންވެ ދާރިސްއާއި ދިމާލަށް ބަލައިލިއެވެ.
“މިއީ އެއްކަލަ ހިބާއާ އެކީގަ އުޅޭ ސޮރުދޯ؟ ދެންމެ އަހަރުމެން ދެއްކި ވާހަކަ މީނައަށް އިވުނު ބާ؟” އެ އެކުވެރިޔާ ހިސާބެއްގެ ނުތަނަވަސްކަމާއެކީ އެހިއެވެ.
“އިވުނު ކަމެއް ނުއިވޭކަމެއް…..އެކަކަށް ވެސް ޔަޤީން ކުރާކަށް ނޭނގޭނެ. އިވުނަސް މީނައަށް އެއްޗެކޭ ބުނެވޭނެ ކަމާއިމެދު ޝައްކު. ބަލާބަލަ ހުންނަ ގޮތެއްވެސް. މަ ބިރެއް ނުގަނޭ މީނައަކަށް.” ރައުފް އެހެން ބުނެލަމުން އޭނައާއި ދިމާލަށް އަންނަން ފެށިކަން ދާރިސްއަށް އެނގުނެވެ. އެ ހިނދު ހިތް ނުތަނަވަސްވިއެއްކަމަކު އެ ނުލަފާ ފިރިހެން ކުއްޖާގެ ކުރިމަތީގައި ފަހަތް ޖެހޭކަށް ދާރިސް ނުއުޅުނެވެ. އޭނަ އެހެން ހުއްޓާ ވިސްނާލާނެ ފުރުސަތެއް ވެސް ނުދީ ރައުފް އޭނަގެ މޭމަތީގައި އެއްއަތް އަޅައި ބާރަށް ކޮއްޕައިލިއެވެ. އިސާހިތަކު ދާރިސް ފަހަތަށް ޖެހި ވެއްޓެން ދިޔައެއްކަމަކު ފައި ބިންމަތީގައި ހަމަކޮށްލެވުމުން ނުވެއްޓި ސަލާމަތްވިއެވެ. ދާރިސްގެ މޭމަތީގައި ރިހުމެއް އުފެދި ހިތުގެ ތެޅުން އަވަސްވެފައިވި ވަގުތު ރައުފް އަނެއްކާވެސް އޭނައަށް ޙަމަލާއެއް ދޭން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު މުދައްރިސަކު އައުމުން ދާރިސް އެ ޙާލަތުން ސަލާމަތްވާ ގޮތްވިއެވެ.
އެދުވަހު ގެއަށް ގޮސް ދާރިސް ވަގުތުން ހިބާގާތު ރައުފްގެ ޙަޤީޤަތް ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް ހިބާއާއި ވަކިން ވާހަކަ ދައްކަން އުޅުމުގެ ތެރޭގައި ޝަހީދުބެއަށް އޭނަ ފެނިގެން ދިޔުމުން އެކަމަށް ހުރަސް އެޅިގެން ދިޔައެވެ. އެއްގެއެއްގައި އުޅުނަސް ހިބާއާއި ވާހަކައެއް ދައްކަން ވިއްޔާ ބޭބެގެ ހާޒިރީގައި އެކަން ކުރުމަށް ޝަހީދުބެ ހަނދާންކޮށްދިނެވެ. އެ ހަނދާންކޮށްދިނުމާއެކީ ދާރިސް ޝަހީދުބެއަށް ސިއްރުން ވެސް އެކަން ކުރާކަށް ބޭނުމެއް ނުވިއެވެ. ޝަހީދުބެގެ ހާޒިރީގައި ހިބާއާއި ރައުފްގެ ވާހަކަ ނުދެއްކޭނެތީ އެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަން ދާރިސް ނިންމިއެވެ. އެކަން ނޭނގުނަސް އޭނަގެ ހޯދުންތަކާއި އެއްގޮތަށް ހިބާ ރައުފްއާއި ދުރުގައި އުޅުނިއްޔާ ހިބާގެ ހިތުގައިވާ ޒަޚަމްތަކަށް ޝިފާއެއް ލިބިގެންދާނެކަމަށް ޤަބޫލު ކުރެވުމުންނެވެ.
ކަންތައްވާން ފެށީވެސް ދާރިސް ހީކުރި ގޮތަށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން ހިބާގެ ޙާލަތު ރަނގަޅުވާން ފެށިއެވެ. ހިބާ ގިނަ ވަގުތު ފެންނަން ފެށީ ކޮންމެވެސް އެއް މަސައްކަތެއް ކުރަން ހުއްޓާއެވެ. ސްކޫލްގެ އިތުރު ޙަރަކާތްތަކުގައި ވެސް އުޅެން ފެށީ އިހުނަށްވުރެ ބޮޑަށްކަން އެނގުނީ ޝަހީދުބެ އެކަން ފާހަގަކުރުމުންނެވެ. ހިބާގެ އެ ޙާލަތަށް ކިރިޔާވެސް ލޮޅުމެއް އައީ، ރައުފް އެހެން ކުއްޖަކާއި ރައްޓެހިވީ ވާހަކަ ސްކޫލް ތެރޭގައި ފެތުރިގެން ދިޔުމުންނެވެ. އެކަމާއިހެދި ވެސް ދާރިސް ރައުފްއަށް އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. އެހެނަސް އަނެއްކާވެސް ހިބާގެ ޙާލަތު ރަނގަޅުވާނެ ކަމަށް ނިންމައިގެން ހުއްޓާ ދެން ދިމާވެގެން ދިޔައީ ދާރިސް އުއްމީދުވެސް ނުކުރާފަދަ ގޮތެކެވެ.
“އައި ލަވް ޔޫ، ދާރިސް.” އެއްދުވަހެއްގެ އިންޓަވަލް ގަޑީގައި ލައިބްރަރީގައި ހުރެފައި ނިކުތް ވަގުތު ހިބާ ބުނެލި ވާހަކައިން ދާރިސްގެ ނޭވާ މެދުކެނޑުނެވެ. އެ ބުނި ބަސްތަކުގެ މާނަ ރަނގަޅަށް ދޭހަ ނުކުރެވުނެއްކަމަކު އެވަގުތު އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހުރެވުނު ތަން ވެސް ހަނދާން ނެތިފައި ހިބާއަށް ބަލަހައްޓައިގެން ހުރެވުނީ، މީގެ ދުވަސްކޮޅެއް ކުރިން އޭނަ ހޯދި ހޯދުންތަކުގެ ތެރެއިން އޭގެ މާނައަކަށްވާނީ ކޯޗެއްކަމާއިމެދު ވިސްނަމުންނެވެ. އެ ޚިޔާލުން ދާރިސްގެ ހިތަށް އުފަލެއް ލިބުނު ވަގުތަކީ ފަހަތުން ކޮންމެވެސް ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށި ވަގުތެވެ. މާ ގިނައިރެއްނުވެ އޭގެ ތެރެއިން މީހަކު ވާހަކަ ޗޮއްކަނޑަން ފެށި އަޑު ދާރިސްއަށް އިވުނެވެ.
“ރައްޓެހިވާނެ މީހަކު ނުލިބުނަސް ތި ދެން ބޮޑު ވަރު ހިބާ! ވާހަކަ ނުދެއްކޭ މީހަކަށް ލޯބި ހުށަހަޅާފަ ޖަވާބަކަށް އިންތިޒާރުކޮށްގެން ތި ހުންނަނީ ކީއްވެ؟” އެ ވާހަކަ ބުނި މީހެއްގެ ސޫރަ ނުފެނުނެއްކަމަކު އެއީ ރައުފްގެ އެކުވެރިއެއްކަން ދާރިސްއަށް އެ އަޑުން އެނގުނެވެ. އެވަގުތު ރައުފްއާއި އޭނަގެ އެކުވެރިންގެ އިތުރުން ހިބާގެ ފަހަތުގައި ތިބި އަންހެން ކުދިންގެ ނަޒަރު އެމީހުންނަށް އަމާޒުވެފައިވިކަން ދާރިސްއަށް އެނގުންވިއެވެ.
“ހަމައެކަނި ވާހަކަ ނުދެއްކެނީތަ؟ ބީރު މީހަކަށް ލޯބި ހުށަހެޅިޔަސް އޭނައަށް ރޭކާލާނީ ކިހިނެއް؟” އަނެއް އެކުވެރިއަކު އެހެން ބުނުމާއެކު ރައުފް ފިޔަވައި އެތާތިބި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ. އެ ސުވާލުތައް ކުރެވެމުން ދިޔައީ ހިބާ ދެރަކޮށްލަންކަން އެނގުންވި ދާރިސްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވިއެވެ. އެވަގުތު ހިބާވެސް އިސްޖެހިފައި ހުރިކަން އެނގުމުން އެ ރުޅިވެރިކަން ދެގުނަވިއެވެ.
“ސައިން ލެންގުއޭޖް ބޭނުން ކުރަންވީއެއްނު ހިބާ؟ ނޫނީ ފޮތަކާއި ގަލަމެއް ހިފައިގެން އައިއްސަ ލިޔެފަ ދައްކައިލަންވީއެއްނު؟ އޭރުން އޭނައަށް އެނގިދާނެ. ހިބާގެ އާ ރިލޭޝަންޝިޕަށް ވަރަށް ބޮޑަށް މަރުޙަބާ. އެންޑް….ގުޑް ލަކް!” ރައުފްވެސް އެ ވާހަކަ ރާގަކަށް ބުނެލުމާއިއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
ރައުފްމެން ދެއްކި ވާހަކައެއް ދެއްކުމަށްފަހު ދާން ހިނގައިގަތް ވަގުތު އެމީހުންގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައީ އިވިގެން ދިޔަ އާ އަޑަކުންނެވެ.
“ވާހަކަ ދެއްކޭ އަހަންނަށް…” ދާރިސްގެ އެތާ ތިބި އެންމެން ޝޮކަކަށް ދިޔައެވެ. ހިބާ ވެސް ކުއްލި ގޮތަކަށް އޭނައަށް ބަލައިލިކަން ދާރިސްއަށް އެނގުނުއިރު، ދުރުގައި ތިބި އަންހެން ކުދިންވެސް ޙައިރާންވެފައި ސިއްރުވެރި ވާހަކަތައް ދައްކަން ފެށި އަޑު އިވުނެވެ. ރައުފް ފަސްއެނބުރި ބަލައިލިތަން ފެނިފައި އޭނަގެ މަޤްޞަދު ޙާޞިލުވެއްޖެކަން އެނގުމުން ދާރިސް އިތުރަށް ވާހަކަ ދެއްކިއެވެ.
“ވާހަކަ ދެއްކޭ….އަޑުވެސް އިވޭ. ދެންމެ ހިބާ އެ ބުނި ބަސްތައް ވަރަށް ރަނގަޅަށް އިވުނު. ރައުފް މިތާނގަ ވާހަކަ ދައްކާކަށް ނުޖެހޭ. ދިސް އިޒް ބިޓުވީން މީ އެންޑް ހިބާ.” ދާރިސް ރައުފްއަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުގައިވި ސާބިތުކަމުން އެތާނގައި ތިބި މީހުންނާއި އެއްވަރަށް ޚުދު އޭނަވެސް ޙައިރާންވިއެވެ. މިހާ ގިނަ މީހުން ތިބި ތަނެއްގައި މިފަދައިން ވާހަކަ ދެކެވުނު ހަނދާނެއް އޭނަގެ ސިކުނޑިއަށް ނައުމުންނެވެ. އޭނަ ދެންވެސް ހިބާއަށް ނަޒަރު ހުއްޓައިލީ އެވަގުތު އޭނަގެ ހިތަށް ލިބިފައިވި އާ ރޫޙަކާއި އެކީގައެވެ.
“ހިބާ…ހިނގާދޯ މި ވާހަކަ ގެއަށް ގޮސް ދައްކަމާ. މިވަގުތު ގަޑިވެސް ޖެހެނީ. ހިނގާ ކްލާހަށް.” އިޚްތިޔާރަކާއި ނުލާވެސް ދާރިސްއަށް އެ ބަސްތައް އަތުރައިލެވުނީ ރައުފް ރުޅި އަންނާނެ ޒާތަކަށެވެ. ރައުފް ހިބާއާއި ވަކިވީ ދުވަހު އޭނައާއި ހިބާ އެއްގެއެއްގައި އުޅޭ ވާހަކައަށް އަލި އަޅުވައިލިކަން ހަނދާންވީ، އެ ވާހަކަ ބުނެވުނު ފަހުންނެވެ. އެކަން އެނގުންވި ރައުފް އަވަސް ހިނގުމެއްގައި އެތަނުން ދާން ހިނގައިގަތުމުން ދާރިސްއަށް ކާމިޔާބީގެ އިޙްސާސެއް ކުރެވުނެވެ. އެއީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ. ދާރިސް ހިބާއަށްވުރެ ކުރިއަށް އަރައިގެން ދާން ހިނގައިގަތީ އާ އިޙްސާސްތަކުން ފުރެމުން ދިޔަ ހިތަކާއި އެކީގައެވެ.
އެދުވަހުގެ އެވަގުތުކޮޅުން ފަށައިގެން ދާރިސްއަށް އިނދެވުނީ ހައިޖާނެއް އުފެދިފައިވި ހިތަކާއި އެކީގައެވެ. ހިބާއަށް ބަލަހައްޓައިގެން ހުންނަން އެދެވެމުން ދިޔައެއްކަމަކު ހިބާ އޭނައާއި ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު ގަންނަ ލަދުން ދުރު ބެލެމުން ދިޔައެވެ. ފިލާވަޅުތަކަށް ސަމާލުކަން ދޭން އުޅުނެއްކަމަކު މިއަދު ހިބާ އޭނަގާތު ބުނެލި ބަސްތައް ސިކުނޑީގައި ގުގުމަމުން ދިޔައީތީ އެކަން މުސްތަޙީލުކަމަކަށް ވިއެވެ. ކުރަން އުޅޭ ކަމަށް ސަމާލުކަން ނުދެވި އޭނަގެ ދުވަސްތަކަށް ބޮޑު ބަދަލުތަކެއް އަންނަން އުޅޭހެން ހީވުމުން ދާހިއްލަމުން ދިޔައެވެ. އެހެނަސް އެ ހުރިހާ ކަމެއްގެ ތެރެއިން އޭނަގެ ހިތަށް ވެރިވެފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އެ އުފާވެރިކަން އިތުރުވީ، ގެއަށް ދިޔަ މަގުމަތީގައި ހިބާ އޭނަގާތު ބުނެލި ވާހަކައިންނެވެ.
“އަސްލު….ވަކި ޖަވާބެއް ހޯދާކަށް ނޫން އަހަރެން އެހެން ބުނީ އޭރު. ބަޓް ނައު ދެޓް އައި ތިންކް އެބައުޓް އިޓް….ދާރިސްއާއެކީ އުޅުނިއްޔާ އަހަރެން ވަރަށް ހެޕީވާނެ. އިންތިޒާރު ކުރާނަން އިނގޭ ޖަވާބަކަށް؟” ހިބާއަށްވުރެ ކުރިއަށް އަރައިގެން ހިނގާފައި ދަނިކޮށް ހިބާ ދެއްކި ވާހަކަތަކުން ދާރިސްގެ ފިޔަވަޅުތައް ލަސްވިއެވެ. އެހިނދު އޭނައަށް ނޭނގި އޭނަގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ފިޔަވަޅުތައް މަޑުޖައްސައިގެން ހުއްޓާ ހިބާ އޭނައާއި އެއްހަމަ ކުރުމުން އިސާހިތަކު ދިގު ފިޔަވަޅުތަކެއްގައި ގެއާއި ދިމާލަށް ދެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އޭނަގެ އެ ޙަރަކާތުން ހިބާ ހީލި އަޑަށް އިތުރަށް ލަދުގަންނަ ގޮތްވިއެވެ.
ދާރިސް ގެއަށް ގޮސް ތާޒާވެލައިގެން އެންމެ ފުރަތަމަ ކަމަކަށް ދިޔައީ ޝަހީދުބެގެ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް ގޮސް ކޮމްޕިއުޓަރު ދޮށުގައި އިށީނީ އޭނަގެ ސިކުނޑިއަށް ވެރިވެފައިވި ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވެފައިވުމުންނެވެ. މިގޮތުން ދާރިސް ބޭނުންވީ ހިބާ އެދުވަހު ބުނި ބަސްތަކުގެ މާނަ ތަފްޞީލުކޮށް ދެނެގަންނާށެވެ. ހަމައެކަނި ހީވާ ހީވުމެއްގެ މައްޗަށް އިޙްސާސްތައް ބިނާކުރަން ބޭނުންނުވީތީވެއެވެ.
ލޯބީ ހުށަހެޅުމުގެ ވަރަށް ގިނަ މާނަތައް ދާރިސްއަށް ފެނުނެވެ. އޭގެ މާނައަކީ އަނެކާގެ ލޯބިވެރިއަކަށްވުމަށް ދެވޭ ދަޢުވަތެއް ކަމަށެވެ. އޭގެ މާނައަކީ އަނެކާ ކަމުދާތީ އެމީހަކާއެކީ ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ވާހަކަ ކަމަށެވެ. ދާރިސްއަށް އެންމެ ރީތި މާނަ ފެނިގެން ދިޔައީ އޭނަ ހުޅުވައިލި ފަސްވަނަ ލިންކުންނެވެ. އޭގައި އޮތީ ލޯބި ހުށަހެޅުމުން އޭގެ މާނައަކީ އަނެކާދެކެ ފުން ލޯތްބެއްވާތީ މުޅި ޢުމުރު ދުވަހު ހުރިހާ ޙާލަތެއްގައި ވެސް އެމީހަކާއެކީ އުޅެން ބޭނުންވާ ވާހަކައެވެ. ދާރިސް އެ ބަސްތަކަށް ބަލަހައްޓައިގެން ހުއްޓާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ.
ކޮންފަރެންސް ހޯލުގައި މޭޒުދޮށުގެ ކޮޅުގައި ހުރި ގޮނޑީގައި އިން އީތަންއަށް ހީލެވުނީ އެދުވަހުގެ މަތިން ހަނދާންވުމުންނެވެ. އެވަގުތު ދޮރު ހުޅުވައިލީ، ކީއްކުރަނީތޯ ސުވާލުކުރަމުން އައި ހިބާއެވެ. ސިއްސައިގެން ދިޔަ ވަގުތު މައުސްއަށް ކްލިކްވެގެން ދިޔުމުން އޭނަ ހުޅުވައިގެން ހުރި ވިންޑޯ ކްލޯޒްވެސް ވެގެން ދިޔައެވެ.
އެ ޚިޔާލުތަކުގައި ހިނިތުންވެގެން އިންދާ އީތަންގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ ޓީޗާރސް ކޮންފަރެންސްގެ ދެވަނަ ބައި ފެށުމަށްޓަކައި ހޮސްޓް ވާހަކަ ދައްކަން ފެށުމުންނެވެ. އެއާއިއެކު އީތަން އޭނަގެ ކުރިމަތީގައި އޮތް އައިޕެޑް ހުޅުވަމުން އެކަމަށް ތައްޔާރުވިއެވެ.
**
ކޮންފަރެންސް ހޯލުގައި އިށީނދެގެން އިން ހިބާގެ އުނގުމަތީގައި ފޮތަކާއި ގަލަމެއް އޮތެއްކަމަކު ފޮތް ހުޅުވާ ހިތް ނުވެފައި ހިބާއަށް އިނދެވުނެވެ. އޭނަވަނީ އެދުވަހު ހެނދުނު ފަރީދުބެ ގާތު އޭނައަށް އާސިފާއި ނުއިނދެވޭނެ ވާހަކަ ބުނެފައެވެ. އެހެނަސް މިފަހަރު ކައިވެންޏަށް އިންކާރުކުރުން ވެގެން ދިޔައީ އޭނަ ހީކުރިވަރަށްވުރެ ދަތިކަމަކަށެވެ.
“އެއީ ކީއްވެ ހިބާ؟ އެއީ ރަނގަޅު ކުއްޖެއް ނޫންތަ؟” ފަރީދުބެ އަޖާއިބުވެފައިހުރެ ސުވާލުކުރިއެވެ.
“ރް…ރަނގަޅު. އެކަމަކު އަހަންނަށް ކަމަކުނުދޭ.” ހިބާ ޖެހިލުންވުމަކާއެކީ އެހެން ބުނެލީ، ރޭ ސިކުންތުކޮޅެއް ވަންދެން ހިނގި ކަންތައް އޭނަގެ ބޮޑުބޭބެއަށް ކިޔައިދޭން ނުކުޅެދޭ ޙާލުގައެވެ.
“ކީއްވެ ކަމުނުދާންވީ؟ އެއީ ނުލާހިކު ހަރުދަނާ ޢާއިލާއަކަށް ނިސްބަތްވާ އަޚްލާޤު ރަނގަޅު ކުއްޖެއް!” ފަރީދުބެ ބުންޏެވެ. ފަރީދުބެގެ އެ ވާހަކައަށް ޖަވާބެއް ދޭން ނޭނގިފައި ހިބާ ހުއްޓާ ބޭބެ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަދި ބޭބެއަށް ފެންނަނީ ހިބާ އިތުރަށް އާސިފް ދެނެގަންނަން. އެންމެ ރެއަކުން މީހެއްގެ ގޮތް ނޭނގި ހިނގައިދާނެދޯ ހިބާ؟ އަދި އާސިފްއަށް ފުރުސަތެއްދީ އިނގޭ؟”
ފަރީދުބެ ބުނެލީ އެހެންނެވެ. ހިބާ އިތުރަށް ވެސް އޭނަ އާސިފާއި ބައްދަލުކުރަން ބޭނުންނުވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެހެނަސް އެކަމަށް ދޫ ނުކުޅެދުނެވެ.
އެކަމާއިމެދު ވިސްނަން އިނދެފައި ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ޙަޔާތަށް މުޅިންވެސް ގޯސް ފިރިހެނުން އަންނަނީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެއީ ލޯބި ހޯދުމުގެ ދަތުރު އޭނައަށް ފެށުނީ ވެސް ގޯސް ފިރިހެން ކުއްޖަކާއެކީ ކަމަށްވުމުންތޯ ހިތަށްއެރިއެވެ. އެހެނަސް އެ ޚިޔާލު ހިބާ ސިކުނޑިން ފޮޅުވައިލީ، ﷲ އަކީ ފާފަތައް ފުއްސަވާ ރަސްކަލާނގެކަން ހަނދާންކުރަމުންނެވެ. އޭނަ ދޫކޮށްފައިވާ މާޒީއެއްގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނަގެ މުސްތަޤްބަލު ބަރުބާދެއް ނުކުރައްވާނެއެވެ. އެކަލާނގެއީ އެންމެ ރަޙީމްވަންތަ ރަސްކަލާނގެއަށް ވުމުންނެވެ. 27 އަހަރުގެ ޢުމުރަށް އައިއިރު ވެސް ކައިވެނި ކުރަން ރަނގަޅު މީހަކު އޭނައަށް ފެނިފައިނުވަނީ އެކަލާނގެ ޤަދަރުފުޅުގައި އެކަން އެގޮތަށް ލިޔުއްވާފައިވުމުންނެވެ. ހަމަ ޔަޤީނުންވެސް އެކަލާނގެ ހެވެއްނެތި ކަމެއް ލަސް ނުކުރައްވާނެކަމަށް ހިބާ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އަދި މިއަދު މި ކުރިމަތިވެފައިވި އިމްތިޙާނުން އަރައިގަންނަން އޭނައަށް އެހީތެރިވެވޮޑިގެންވާނީ ވެސް އެކަލާނގެކަމަށް ހިބާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އަދި އެހެންނޫނަސް އޭނަގެ ޙަޔާތުގައި މިއަދު ވެސް އެތައް ނިޢުމަތްތަކެއް ވާކަން ހަނދާން ކުރަމުން ކުރިމައްޗަށް އިސްއުފުލައިލިއެވެ. މިއަދު އޭނައަށް ނުހަނު ބޮޑު އިނާމެއް ލިބެން އުޅޭ ކަމުގެ ޔަޤީންކަން ލިބިފައިވުމަކީ ވެސް ނިޢުމަތެއްކަން ހަނދާންކުރަމުން ހިބާ ހިނިތުންވުމަށްފަހު އޭނަގެ ފޮތް ހުޅުވައިލިއެވެ.
**
ދެ ގަޑިއިރެއްހާއިރު ތެރޭގައި 15 ވަރަކަށް ބައިވެރިންގެ ހުށަހެޅުންތަކަށްފަހު އީތަން އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނެވެ. އެއީ މޮޅު ހުށަހެޅުންތެރިން ހޮވޭ ވަގުތެވެ. އެކިއެކި ބައިތަކުން ގަދަ ދިހައެއްގެ ހުށަހެޅުންތެރިން ހޮވުމަށްފަހު މާ ގިނައިރެއް ނުވެ އެންމެ މޮޅު 5 ހުށަހެޅުންތެރިންގެ ނަން އިއްވައިލެވޭ ވަގުތު ޖެހުނެވެ. އެ 5 ހުށަހެޅުންތެރިންނަށް ސްވިޓްޒަލޭންޑްގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ތަމްރީން ލިބިގަތުމާއި، ވިންޓޭޖް ޓެކްނޮލޮޖީސްއާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެންގިގެން ދިޔައެވެ.
އެ ހުށަހެޅުންތެރިންގެ ނަންތައް ކިޔެން ފެށުމުން އީތަންއަށް އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ނަން ގަނެވެމުން ދިޔަ ކޮންމެ ހުށަހެޅުންތެރިއަކާއެކީ ދެން ކިޔޭނީ ހިބާގެ ނަން ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް އީތަންގެ ހިނިތުންވުން ފޭދިގެން ދިޔައީ އެންމެ ފަހު ހުށަހެޅުންތެރިޔާގެ ނަން ވެސް ހިބާގެ ނަމަށް ނުވުމުންނެވެ. ސްކްރީނުން އަނެއްކާވެސް ކޮންފަރެންސް ހޯލު ފެނި އެ ހުށަހެޅުންތެރިންނަށް މަރުޙަބާ ކިޔަން ފެށުމުން އީތަންއަށް އިނދެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. ހިބާގެ ހުށަހެޅުން އެންމެ މޮޅު ހުށަހެޅުންތަކުގެ ތެރޭގައި ނުހިމެނެންވީ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނުމުންނެވެ. ހިބާއަށްވުރެ މާ ނުފަރިތަކޮށް ހުށަހެޅި ބައިވެރިއަކު ވެސް މޮޅު 5 ގެ ތެރޭގައި ހިމެނިފައިވިކަން އެނގުންވުމުން އީތަންގެ ބުމަގޮށްޖެހުނެވެ. ކޮންމެވެސް ގޯހެއް އެބަ އުޅޭކަން ޔަޤީންވި ވަގުތު އީތަން ވަގުތުން މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތައިލަމުން ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ….އެޑިއުކޭޝަން މިނިސްޓްރީތޯ؟” އީތަން ސުވާލުކުރިއެވެ.
ނުނިމޭ
Jana
July 17, 2021 @ 4:05 pm
Assalaam’alaikum. Jana vvv bodah baliveema comment thakah reply nukurevi mi bai mihaa lasvy. ekamaku varah dhigukoh genesdhevunyma ufaavejje Alhamdhulillah!
In Sha Allah Jana maadhamaa comment thakah reply kohdheynan. adhi mi bayaa gulhey kudhi kudhi post thah comment thakuge therey himanaalaanan In Sha Allah! <3 Much love! Stay safe!
Ibaa
July 17, 2021 @ 5:14 pm
It’s okay sis. Shafakillahi 💖.. Take youre time sis..
Jana
July 18, 2021 @ 8:56 am
Jazaakillah Khairan sis! <3
Ibaa
July 17, 2021 @ 5:12 pm
Woww vrh reethi.Masha Allah. But kihineh mi vy dho? hiba hovenejeheynun. Dhn vaane gotheh balailaa hithun hama mi hury. can’t wait. konme kamehvx vaany rangalhakah dho soo lets hope for the best, sis next part tuesday ga genesdheynvy nun eid gift eh gothah if you can.. May allah bless you sis. Ly>3
Jana
July 18, 2021 @ 8:58 am
Aan dho Ibaa? Hiba ehaa molhah hushahelheema hovenvaane. Jana ves can’t wait to write ingey. YES hurihaa kameh ves vaany emme rangalhah!
In Sha Allah Jana eba try kuran veehaaves avahakah liyeveytho mifaharu. Ekam promise eh nukuran ingey. Try kuraanan eh dhuvas kurin genesdheveytho. May Allah bless you too. Love you! <3
Jana
July 18, 2021 @ 9:00 am
English Post:
“Indeed, in the creation of the heavens and the earth and the alternation of the night and the day are signs for those of understanding. (190) Who remember Allah while standing or sitting or [lying] on their sides and give thought to the creation of the heavens and the earth, [saying], “Our Lord, You did not create this aimlessly; exalted are You [above such a thing]; then protect us from the punishment of the Fire. (191)” Surah Ale-Imran, 190-191
These ayahs + a beautiful scenery = Best COMBO! 😍
Jana
July 18, 2021 @ 9:01 am
English Post:
“Allah does not delay a matter except for good. Allah does not deprive you of anything except for good. And He does not make you cry except for good. He does not send calamity upon you except for good. So do not be sad, every matter has good” (Author unknown)
No doubt in Your Hands is all good Ya Rabb! And no doubt You are Capable of all things!
Jana
July 18, 2021 @ 9:01 am
Dhivehi Post:
ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. (190) އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޒާބުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ! (191)
ސޫރަތް އާލު ޢިމްރާން، 190-191
އުފަލަކީ….މި އާޔަތްތަކާއިމެދު ވިސްނަމުން ޤުދުރަތީ ރީތި މަންޒަރުތަކަށް ބެލުން 🥰
Jana
July 18, 2021 @ 9:02 am
Dhivehi Post:
“ހެވެއް އޮވެގެން މެނުވީ ﷲ ކަމެއް ލަސްނުކުރައްވައެވެ. ހެވެއް އޮވެގެން މެނުވީ އެކަލާނގެ ތިބާ ކަމަކުން މަޙްރޫމް ނުކުރައްވައެވެ. ހެވެއް އޮވެގެން މެނުވީ އެކަލާނގެ ތިބާ ކަމަކާއިމެދު ރޮއްވާ ނުލައްވައެވެ. ހެވެއް އޮވެގެން މެނުވީ އެކަލާނގެ ތިބާއަށް މުޞީބާތެއް ނުޖައްސަވައެވެ. އެހެންކަމުން ދެރަ ނުވާށެވެ. ކޮންމެ ކަމެއްގައިވެސް ހެވެއްވެއެވެ.” (ނަން ނޭނގޭ ލިޔުންތެރިއެއްގެ ބަސްކޮޅެއް)
ހަމަ ޔަޤީނުންވެސް ހުރިހާ ހެވެއްވަނީ އިބަރަސްކަލާނގެ ޤުދުރަތްފުޅުގައެވެ. އަދި ހަމަ ޔަޤީނުންވެސް އިބަރަސްކަލާނގެ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވަމުއެވެ.
Aayaa
July 18, 2021 @ 9:59 am
alhey. hiba swis ah fonuvahchey siss. and eethan vaahaka dhakkaigen hiba ah dhevey goeh fahun hadhaane kanneyge dhw. i hope ehen vaane kamah. and hiba and aasif marry nukuruvahchey. plx plx plx plx plx.
by the way story v v v v reethi ma sha Allah. thabaarakallah.. i love this storyy.. keep going siss..❤💖✨
Jana
July 19, 2021 @ 8:46 am
Aaya ge thi msg Ethan ah foaru kohdheveytho eba balan ingey. hehe….Hiba ah ves ehaa burakoh masakkaiy kureema ehcheh libenvaanethaa dho? Asif hadhaa gotheh balamaa.
Alhamdhulillah! Jazaakillah Khairan for the support sis <3 <3 <3
💜
July 18, 2021 @ 1:48 pm
Asif ge kameh kahneyge.. komme akas stry vrh rythi ngey sis 😊 waiting for the next part curiously ❤
Jana
July 19, 2021 @ 8:49 am
hmm…..Asif ge varah goas gotheh eba hurey dho? balamaa eyna kuri kamehtho nuvatha noontho. Next part Wednesday ga In Sha Allah ^_^