ދާރިސް (ނަވާރަވަނަ ބައި)
ލައިބްރަރީގައި ސްވިޓްޒަލޭންޑްގެ ވާހަކަ ދެކެވުމަށްފަހު ދާރިސް ހިބާއާއި އިތުރު ސުވާލެއްވެސް ކުރަން ބޭނުންވިއެވެ. ހިބާގެ ހުށަހެޅުމަށް ޖަވާބު ދިނުމުގެ ގޮތުން ހިބާއަށް ކަމުދާނެ ކަންތައް އިތުރަށް ދެނެގަންނަން ބޭނުންވުމުންނެވެ.
އެހެނަސް ލައިބްރަރީގައި އެ ދެކެވުނު ކުރު ވާހަކައަށްފަހު، އަމިއްލައަށް އިސްނަގައިގެން އެއްޗެކޭ ބުނަން ނުކެރިފައި ދާރިސްއަށް އިނދެވުނެވެ. ހިބާގާތު އޭނަ ކުރަން ބޭނުންވާ ސުވާލުކުރަން ހިތްވަރު ނުކުރެވުމުގެ އިތުރުން، އޭނަ ހިބާއަށް ދޭން އުޅޭ ‘ސަޕްރައިޒް’ ހިބާއަށް ސިއްރުކުރަން ބޭނުންވީތީ އެންމެފަހުން ޝަހީދުބެ ކައިރި އަހަން ނިންމިއެވެ.
“ހިބާއަށް އެންމެ ރީތީ ކޮން މަލެއްތަ ބޭބޭ؟” ދާރިސް އެ ސުވާލުކޮށްލީ ޝަހީދުބެއާއިއެކީ ލައިބްރަރީއިން ނިކުތް ވަގުތެވެ. އޭނަގެ ސުވާލު އިވިފައި ޝަހީދުބެ ފިޔަވަޅުތައް މަޑުޖައްސައި އޭނައަށް ބަލައިލިކަން ދާރިސްއަށް އެނގުނެވެ. އޭރު އެމީހުންނަށްވުރެ ކުރިން ލައިބްރަރީއިން ނިކުތް ހިބާ މާ ދުރަށް ގޮސްފިއެވެ.
“ދާރިސް ތި ސުވާލުކުރަނީ ކީއްވެތޯ ބޭބެއަށް އަހައިލެވިދާނެތަ؟” ޝަހީދުބެ ސުވާލުކުރިއެވެ. އެއާއިއެކު ދާރިސް ނުތަނަވަސްވާ ގޮތްވިއެވެ. އެހެނަސް ހިތްވަރުކުރީ، ޝަހީދުބެއަށް ވެސް އޭނަގެ އިޙްސާސްތައް އެންގުމަކީ އޭނަ ނިންމައިގެން ހުރިގޮތްކަން ހަނދާންކުރަމުންނެވެ.
“އެއީ….ހިބާ އަޅުގަނޑު ކައިރި ބުނި ކޮންމެވެސް ވާހަކައަކަށް ސްޕެޝަލް ގޮތަކަށް ޖަވާބެއް ދޭންވެގެން.” ދާރިސް ބުންޏެވެ.
“ހިބާ ބުނި ކޮން ވާހަކައެއްތަ؟” ޝަހީދުބެ އެ ސުވާލުކުރިއިރު އަޑުގައި ހުރި ސީރިއަސްކަން ދާރިސްއަށް ފާހަގަވިއެވެ.
“މި…މިވް..ވަގުތު ބުނާކަށް ނުކެރޭނެ. ޝަހީދުބެގާތު އަޅުގަނޑު ބުނާނަން އެ ވާހަކަ ހިބާގާތު ބުނަންވީމަ. ޝަހީދުބެގެ ހާޒިރީގަ އަޅުގަނޑު އެ ވާހަކަ ހިބާގާތު ބުނާނީ.” ދާރިސް ތެދުތެދަށް ބުންޏެވެ. އެ ހިނދު ޝަހީދުބެ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“ދާރިސް ދަރިފުޅު….ޝަހީދުބެވާނީ ދަރިފުޅުގާތު ބުނެފަ ކަންނޭނގެ ހިބާއާއި ދުރުމިނެއް ބާއްވާށޭ. ބޭބެއަށް ފެންނަނީ ހިބާ އެ ބުނި އެއްޗެއްގެ މަތިން ދަރިފުޅު ހަނދާން ނައްތައިލަން. ތި ދެކުދިންނަށް ވެސް ގެއްލުންވާނެފަދަ ގޮތެއް ދިމާވެދާނެތީ ޝަހީދުބެ ކަންބޮޑު-“
“ކަންބޮޑުވާކަށް ނުޖެހޭނެ ބޭބޭ. އަޅުގަނޑު އެއްގޮތަކަށް ވެސް ނެތިން ޝަހީދުބެއަށް އެއްވެސް ކަމެއް ފޮރުވާކަށް. ހިބާއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތްހެން އަޅުގަނޑަށް ހީވަނީ. ޝަހީދުބެ ބުނިހެން ޝަހީދުބެ ނުހުންނަ ތަނެއްގަ ހިބާއާއި އެކީގަ އަޅުގަނޑު ނުއުޅޭނަން. އެކަމަކު އެދުވަހު ހިބާ އަޅުގަނޑު ކައިރި ބުނި ވާހަކައަށް އަޅުގަނޑު ޖަވާބުދޭންޖެހޭ ބޭބޭ. އެހެންނޫނީ ހިބާ ވަރަށް ދެރަވާނެ…”
ދާރިސްއަށް އަވަސްއަވަހަށް ވާހަކަ ދެކެވުނީ ޝަހީދުބެ އޭނަ ކައިރިން އެދެން އެ އުޅުނު ކަމަކުން ހިބާއަށް ދެރައެއް ލިބިދާނެތީވެއެވެ. އިންޓަނެޓުން ހޯދިހޯދުމުން އަންހެން ކުއްޖަކު ލޯބި ހުށަހެޅުމަށްފަހު އެއަށް ޖަވާބެއް ނުދީފިނަމަ އަންހެން ކުއްޖާ ވަރަށް ބޮޑަށް ދެރަވެގެންދާނެއެވެ. އެފަދަ ހިތާމައެއްގައި ހިބާ އުޅޭކަށް އޭނަ ބޭނުމެއް ނުވެއެވެ. ޝަހީދުބެގެ ހާޒިރީގައި ހިބާއަށް އޭނަގެ އިޙްސާސްތައް ކިޔައިދޭން ބޭނުންވީ ވެސް ހަމައެކަނި ހިބާއަށްޓަކައެވެ. ހިބާ ރައުފްއާއި ރައްޓެހިވެގެން އުޅުނުއިރު އެ ގުޅުމުގެ ވާހަކަ ޝަހީދުބެއަށް ފޮރުވަންވުމުން ހިބާއަށް ދަތިވި ގޮތް ފެނިފައިވާތީވެއެވެ. ހިބާ އޭނައާއި ރައްޓެހިވެގެން އުޅޭއިރު އެފަދަ އިޙްސާސްތަކެއް ހިބާއަށް ކުރުވަން ދާރިސް ބޭނުމެއް ނުވެއެވެ.
ދާރިސްގެ އެ ވާހަކައަށްފަހު ޝަހީދު ދާރިސްއަށް ބަލަންހުރީ ޙަމްދަރުދީގެ ނަޒަރަކުންނެވެ. އޭނަގެ އަންހެން ދަރިފުޅުގެ ސަބަބުން އެ ފިރިހެން ކުއްޖާއަށް ވަރަށް ބޮޑު ދެރައެއް ލިބެން އުޅޭހެން ހީވުމުންނެވެ. ހިބާގެ އުޅުން ހުރިގޮތުން ހިބާގެ އިޙްސާސްތައް ދެންމެ ދާރިސް ސިފަކުރީ ރަނގަޅަށް ނޫންހެން ޝަހީދަށް ހީވިއެވެ. އެހެނަސް އެކަން ދާރިސްއަށް ނޭނގޭނެތާއެވެ. ދާރިސްއަށް މީހުންގެ މޫނުތަކަށް ނަޒަރު ހުއްޓައިގެން ހުންނަން އުދަގޫވެފައި މީހުންގެ އިޙްސާސްތައް ދެނެގަންނަން އުދަގޫކަން ޝަހީދަށްވަނީ ފާހަގަވެފައެވެ. އެއީ ކީއްވެގެން ވާކަމެއްކަން ޝަހީދަށް ނޭނގުނަސް ޝަހީދު ދާރިސްއަށް އެހީވާން ބޭނުމެވެ. މިގޮތުން މީހެއްގެ ނިޔަތްތައް ދާރިސްއަށް ނުބައިކޮށް ނެގޭނަމަ އެމީހަކު ޙަޤީޤަތުގައި ދެކޭ ގޮތް ޝަހީދު ދާރިސްއަށް ކިޔައިދެއެވެ.
އެހެނަސް އެވަގުތު ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު ހިބާގެ އިޙްސާސްތަކާއިމެދު އަމިއްލައަށް ފެންނަ ގޮތް ދާރިސްއަށް ކިޔައިދޭން ޝަހީދު ބޭނުމެއް ނުވިއެވެ. ހިބާގެ ހިތުގައި ދާރިސް އެ ހީކުރާފަދަ އިޙްސާސްތަކެއް ދާރިސްއަށްޓަކައި ނުވާކަމަށް ބުނަން ދޫނުކުޅެދުނެވެ. އެހެން ބުނެފިނަމަ، ސާފު ބިއްލޫރިކޮޅެއްފަދަ ހިތެއްގެ ވެރި މި ކުއްޖާއަށް ކޮށްފާނެ ނޭދެވޭ އަސަރެއްގެ ބިރު ހީވީތީވެއެވެ. އެހެންކަމުން…
“އެންމެ ރަނގަޅު ދާރިސް. ހިބާއަށް ތި ޖަވާބުދޭންވީމަ ބޭބެގާތު ބުނާތި. ބޭބެ އަންނާނަން ދާރިސް ބުނާ ތަނަކަށް.” ޝަހީދު ބުންޏެވެ. އެއާއިއެކު ދާރިސްގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުމެއް ވެރިވިއެވެ.
“ތެންކިއު ބޭބޭ!” ދާރިސް ބުނެލިއެވެ. އެހިނދު ޝަހީދު ދާންއުޅެފައިވެސް ދާރިސްއަށް ބަލައިލިއެވެ.
“ހިބާއަށް އެންމެ ރީތީ ފިނިފެންމާ. ގަދަ ފިޔާތޮށި ކުލަ ހުންނަ ފިނިފެންމާ. ހައްވައްތަގެ ގޭގަ އެ ހުންނާނެ.” ޝަހީދު ހިނިތުންވުމަކާއިއެކީ ކިޔައިދިނެވެ. އެއާއިއެކު ދާރިސް ދެންވެސް ތަކުރާރުކޮށް ޝުކުރު އަދާކުރުމުން ޝަހީދު ލުއި ގޮތަކަށް ހީލިއެވެ.
ޝަހީދުބެގެ ވެސް ރުހުން ލިބުމުން ދާރިސް ވީހާވެސް އަވަހަކަށް އޭނަގެ އިޙްސާސްތައް ހިބާއަށް ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް އެ ހަފްތާގައި އިމްތިޙާންތައް ހުރެފައި ހިބާ ބަލިވެ އުޅޭތީ ރަނގަޅު ވަގުތަކަށް މަޑުކުރަން ދާރިސް ބޭނުންވިއެވެ. ލޯބި ހުށަހެޅުމުގައި ވަގުތުވެސް މުހިއްމުކަން ދާރިސް ހޯދި ހޯދުންތަކުން އެނގިފައިވެއެވެ. ކޮންމެއަކަސް ހިބާގެ ހުށަހެޅުމަށްފަހު އޭނަ ޖަވާބެއްނުދީ ފާއިތުވާ ކޮންމެ ދުވަހަކާއެކީ ހިބާ ދެރަވާނެކަން އެނގި، އޭނަ ޖަވާބެއްދޭން އުޅޭކަމުގެ ޢިޝާރާތްތައް ހިބާއަށް ދައްކަން ބޭނުންވިއެވެ.
މިގޮތުން އެއްރެއެއްގެ ކެއުމުގެ ތެރެއިން ހިބާއަށް އަޑު އިވޭނެ ގޮތަށް ހިބާގާތު ވާހަކައެއް ބުނަން އޭނަ ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުކަމަށް ޝަހީދުބެގާތު ބުންޏެވެ. އަދި ހައްވައްތަގެ ގެއަށް ގޮސް ހައްވައްތަގެ އިޒުނައާއިއެކީ އެގޭގައި ހުރި ފިނިފެންމާ ގަހުން ގޮފިއެއް ހިފައިގެން ގޮސް ހިބާމެންގެ ގޭގެ ބިއްދޮށުގައި އިންދިއެވެ. އެ ގޮފި ހިފައިގެން ގެއަށް ވަންނަމުން ހިބާގާތު އެއީ ކޮންކަހަލަ ގަހެއްކަން ކިޔައިދީ ހިބާއަށް އެ ކަމުދޭދޯއޭ ބުނެ ހެދިއެވެ. މީގެ އިތުރުން ހިބާ އަބަދުވެސް ހިސާބު މާއްދާ އުދަގޫވެގެން އުޅޭތީ ޝަހީދުބެ ގޮވައިގެން އައިސްވެސް ހިބާއަށް ހިސާބުގެ ފިލާވަޅުތައް ހަދަން އެހީވަމުން ދިޔައެވެ.
ހިބާގެ އިޙްސާސްތަކުގެ ހިލަމެއް ދާރިސްއަށްވާން ފެށީ މި ހުރިހާ ކަމެއް ކުރަން ފެށި ފަހުންނެވެ. އޭނަ އޭގެއިން ކޮންމެ ކަމެއް ނުހަނު ލޯތްބާއިއެކީ ކުރާއިރު ހިބާއަށް އެކަންތައް ފާހަގަނުވާހެން ހީވާންފެށިއެވެ. ފިލާވަޅުތައް ހަދަން އެހީވުމުން ވެސް ހިބާ ހިނިތުންވުމަކާއިވެސް ނުލައި ‘ތޭންކްސް’ އޭ ބުނެލުން ނޫންކަމެއް ނުކުރެއެވެ. ފިނިފެންމަލުގެ ގޮފި ހިފައިގެން ގޮސް ކަމުދޭދޯއޭ ބުނެލުމުން ހިބާ ކުރު ގޮތަކަށް ހޫންލައްވައިލި ގޮތުން އޭނަ ވާހަކަ ދެއްކީތީ ވެސް ނުރުހުންވީހެން ދާރިސްއަށް ހީވިއެވެ. ޝަހީދުބެގާތު ހިބާއާއި ވާހަކައެއް ބުނަންވެފައިވާކަމަށް ބުނި ރޭ ހިބާ އޭނައަށް ބަލާވެސް ނުލާހެން ދާރިސްއަށް ހީވިއެވެ. އެންމެފަހުން ހިބާއަށް ލޯބި ހުށަހެޅުމަށްޓަކައި ހައްވައްތަގެ ގެއިން މާތަކެއް ބިނދެގެން ބޭރު ފެންނަ ކޮތަޅަކަށް އަޅައިގެން ގެއަށް ވަން ދުވަހުވެސް ހިބާއަށް އޭނަ ނުފެންނަ ފަދައެވެ. އޭނަ ހިބާގާތު އެއްޗެކޭ ބުނަން އުޅުނުތަނާހެން ހިބާ އެދުވަހު އޯކަތް ދަމައިގެން އެތެރެއަށް ދިޔައީ ހޮޑުލަވައިގަނެގެންނެވެ. ދާރިސް ހިބާއަށް ލޯބި ހުށަހަޅަން ނިންމި އެދުވަހު ހިބާ ނުހަނު ގަދައަށް ހުންއައިސްގެން އުޅޭތީ ރަށުގެ ޞިއްޙީ މަރުކަޒުގައި ހިބާ އެނދުމަތި ކުރަންޖެހުނެވެ. ހިބާގެ ޙާލަތު ކިހާ ގޯސްކަން ދާރިސްއަށް އެނގުންވީ އެދުވަހުއެވެ. ހިބާ މި ހުރިހާ ދުވަހު އޭނައަށް ސަމާލުކަން ނުދިނީ ބަލިވީމަތޯ ހިތަށްއެރިއެވެ.
އެހެނަސް ހިބާ ބަލިވަމުން ދިޔައީވެސް ހިބާ ކަނޑައްތުކުރަމުން ދިޔަ ހިތާމައެއްގެ ސަބަބުންކަން ދާރިސްއަށް އެނގުންވީ އެދުވަސްފަހުން ހިބާގެ މަންމައާއި ބައްޕަ ދައްކަން ފެށި ވާހަކަތަކުންނެވެ. ހިބާ މަރުކަޒުން ގެއަށް ގެނެވުމުން ވެސް ތަކުރާރުކޮށް ހިބާ ދެރަވަނީ ކޮންކަމަކާއިތޯ ޝަހީދުބެ ސުވާލުކުރާ އަޑު ދާރިސްއަށް އިވެމުން ދިޔައެވެ. ހިބާގެ މަންމަވެސް ރުޅިވެރިކަމާއެކީ ތިމަންނަމެން ފުރިހަމަކޮށް ނުދޭ އެއްވެސް ކަމެއްނުވާނެއޭ ބުނެ ހަޅޭއްލަވާ އަޑު އިވެމުންދެއެވެ. ހިބާ ދެރަވާންވީ ސަބަބު ދެނެގަންނަން ދާރިސްއަށް ވެސް ދަތިވިއެވެ. ހިބާ އޭނަދެކެ ލޯބިވާ ވާހަކަ ބުނެ، އޭނަވެސް ހިބާދެކެ ލޯބިވާ ކަމުގެ ޢިޝާރާތްތައް ދައްކާނަމަ ހިބާ ވާންވީ އުފަލެއް ނޫންތޯ ހިތަށްއެރިއެވެ.
ހިބާ ދެރަވަނީ ކީއްވެގެންކަން ދަނެގަންނަން ދާރިސް މަސައްކަތް ކުރަންފެށީ އެހާ ހިސާބުންނެވެ. އެކަމަށްޓަކައި ދާރިސް ސްކޫލް ތެރޭގައި އުޅެމުން ހިބާގެ ޙަރަކާތްތަކަށް ފަރުވާތެރިކަމާއިއެކީ ބެލިއެވެ. ސްކޫލް ތެރޭގައި ހިބާގެ ހުސް ވަގުތެއް ވާއިރަށް ހިބާ އަދިވެސް ދަނީ ރައުފް ހުންނަ ތަނަކަށްކަން ދާރިސްއަށް ފާހަގަވިއެވެ. އެހެނަސް މިހާރު ރައުފްއާއި އެކީގައި ހުރުމުގެ ބަދަލުގައި ހިބާ ރައުފްއަށް ބަލަނީ ދުރުދުރުންނެވެ. ހިބާގެ މޫނުމަތީގެ ކުލަވަރު ރަނގަޅަށް ނުފެނުނަސް ރައުފް އެ އަންހެން ކުއްޖާއާއިއެކީ އުޅޭތަން ފެނިފައި ހިބާ ދެރަވާކަން ދާރިސްއަށް އެނގުނީ ހިބާގެ އެކުވެރިންވެސް ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. އަދި އެއްދުވަހު ހިބާ އަމިއްލައަށް ވެސް ރައުފް މަތިން އަދިވެސް ހަނދާންވާ ވާހަކަ އެކުވެރިއެއްގާތު ބުނެލި ގޮތުންނެވެ. އެ ހިނދު ދާރިސް އޮޅުން އެރިއެވެ. ހިބާ އަދިވެސް ރައުފް މަތިން ހަނދާންވާ ކަމަށްވާނަމަ އޭނައަށް ލޯބި ހުށަހެޅީ ކީއްވެކަން އެއްގޮތަކަށް ވެސް ނުވިސްނުނެވެ.
އެހެންކަމުން ދާރިސް އެ ޙާލަތުގެ ޙަޤީޤަތް ވެސް ހޯދަން މަސައްކަތް ކުރީ އިންޓަނެޓްގެ އެހީގައެވެ. ޝަހީދުބެގެ ހާޒިރީގައި ރައުފްގެ ވާހަކަ ނުދައްކަން ހިބާ އަންގާފައިވާތީވެއެވެ. މިފަހަރު ހޯދި ހޯދުންތަކުން ދާރިސް ހިބާއަށް ނުރުހުންވާ ގޮތްވިއެވެ. ހަމަ އެއާއިއެކު ޙަމްދަރުދީވެސްވިއެވެ. ހިބާގެ އުޅުން އެހެން އެހެރީ އަދިވެސް ރައުފް އޭނަ ދޫކޮށްފައި ދިޔުމުން ހިތަށް ލިބުނު ޒަޚަމްތަކަށް ޝިފާއެއް ނުލިބޭތީވެކަން ޔަޤީންވީތީވެއެވެ. މި ވަގުތު އޭނަ ހިބާ އެދޭގޮތަށް ކަންތައް ކުރުމަކީ ހިބާއަށް ވެސް އަދި އޭނައަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަން އެނގުނު ހިސާބުން، ދާރިސް ހިބާއަށް ޖަވާބެއް ދިނުމުގެ ޚިޔާލު ދޫކޮށްލިއެވެ.
އެދުވަހަށްފަހު ހިބާ ހުންނަ ތަންތާނގައި ދާރިސްއަށް ނޭނގުމެއްގެ ތެރެއިން ވެސް ހިތްހަމަނުޖެހުމެއްގެ ތެރޭގައި ހުރެވުނީ އެހެންވެއެވެ. އޭނަ އެހާ ބޮޑަށް ރާވައިގެން ހިބާއަށް ލޯބި ހުށަހަޅަން އުޅެނިކޮށް އެކަން އެގޮތަށް ނުވުމުން ނުރުހުންވީއެވެ. އަދި އަމުދުން ހިބާ އަމިއްލަ އެދުމަކަށް އޭނަގެ ބޭނުން ހިފައިލީކަން އެނގުމުން ހިބާއަށް ވެސް ރުޅި އަންނަ ގޮތްވިއެވެ. އެ ވާހަކަ ހިބާއާއި ދައްކަން ބޭނުންވެފައި ވެސް ނުދައްކަން ނިންމީ އެ ރުޅިވެރިކަމުގައި އަތުން ފައިން ގޯހެއް ހެދިދާނެތީވެއެވެ. ރުޅިވެރިކަމުގެ މައްޗަށް ބާރު ފޯރުވުމަކީ އޭނަ ކިތަންމެ ބޭނުންވިޔަސް ނުހަނު ދަތިކަމަކަށްވާތީވެއެވެ.
އެހެނަސް ހިބާއާއި ވާހަކަ ދައްކަން ދާރިސްއަށް މަޖުބޫރުކުރުވީ، ހިބާ އޭނަގެ އެކުވެރިޔާކާއި ފޯނުން ދެއްކި ވާހަކައަށްފަހު ހިބާ އޭނަގެ ގާތަށް އައުމުންނެވެ. ހިބާ އެކުވެރިޔާގާތު ދެއްކި ވާހަކައިން ދާރިސް އައި ގަދަ ރުޅިއާއިއެކީ ދާން އުޅުނެއްކަމަކު، ހިބާ އޭނަ ފެނިފައި އައިސް އަތުގައި ހިފައިލުމުން އޭނައަށް ނޭނގުނު ސަބަބަކާއިހުރެ އެ ރުޅިވެރިކަން ފިނިވާ ގޮތްވިއެވެ.
“ދާރިސް އައި ޕްރޯމިސް އައި ޑިޑްންޓް މީން އިޓް. އައި މީން….އަސްލު ދާރިސް ތިއީ އަހަރެން ލައިކްވާ ޒާތުގެ ކުއްޖެއްނޫނ-“
“ދެން ކީއްވެ އެދުވަހު އެހެން ބުނީ؟” ޖަވާބު އެނގިހުރެ ވެސް ދާރިސްއަށް އެ ސުވާލުކޮށްލެވުނީ ހިބާގެ ޖަވާބު ތަފާތު ވެދާނެކަމަށް އުއްމީދު ކުރެވުނީތީވެއެވެ. އެހެނަސް…
“އެއީ އަހަރެން އެދުވަހު ވެސް ބުނިހެން ދާރިސްއާއެކީ އުޅުނިއްޔާ އަހަރެން ހެޕީވާނެހެން ހީވީތީ. ދާރިސް އަހަރެން ހެޕީކޮށްދޭނެކަން ޔަޤީން ކުރެވުނީތީ…” ހިބާ ބުންޏެވެ. އެއާއިއެކު ދާރިސްއަށް މައްޗަށް ނަޒަރު ހިންގައިލަމުން ފުން ނޭވައެއް ދޫކޮށްލެވުނީ ހިބާއަށް ނޭނގުމެއްގެ ތެރެއިން ވެސް އެ ބުނެވެނީ ދޮގެއްކަން އެނގުންވީތީވެއެވެ. އޭނައަކީ ހިބާއަށް ކަމުދާ ޒާތުގެ ކުއްޖަކަށް ނުވާނަމަ އޭނައާއިއެކީ ވުމުން ހިބާ އުފާވާނީ ކިހިނެއްތޯ އަހަން ބޭނުންވިއެވެ. އެހެނަސް އެ ބަސްތައް ދުލާއި ހަމައަށް ނައީ ވީ ނުރުހުމާއި ދެރައެއްގެ ވެސް ބޮޑުކަމުންނެވެ.
“އަހަރެން އެދުވަހު ބުނި ވާހަކައަށް ޖަވާބެއް ނުދޭނަންތަ؟” އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ހިބާ ސުވާލުކުރިއެވެ.
“ޖަވާބުދޭން ބޭނުން. އެކަމަށްޓަކައި ވަރަށް ތައްޔާރުވެސް ވިން. އެކަމަކު ހިބާއަށް އެކަން ނޯޓިސްވީހެން ހިއެއްނުވޭ. އެންޑް ޔޫ އާރ ނޮޓް ރެޑީ ޓު ހިއާރ އިޓް!” ދާރިސްއަށް ބުނެލެވުނެވެ. އެހިނދު ހިބާގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރިކަން ފެނިފައި އޭނަގެ ހިތަށް އަސަރު ކުރި ހިނދު އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. މީހުންގެ އިޙްސާސްތައް ދެނެގަންނަން ބޭނުންނުވާ ޙާލަތްތަކުގައި އޭނައަށް ނަގައިގަނެވެނީ ކީއްވެތޯ ހިތަށްއެރިއެވެ. ހަމަ އެވަގުތު އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި ހިބާގެ އަތަށް ދުލެއް ދިންހެން ހީވުމުން އަތް ދަމައިގަންނަމުން ދުރަށް ދެވުނީ، އޭނަގެ ހިތުތެރޭގައި އުތުރި އަރައިގަތް އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަށެވެ.
އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. މުޅި އެދުވަހު ދާރިސްގެ ލޮލަށް ސިފަވަމުން ދިޔައީ ހިބާ އޭނަގެ ޖަވާބަކަށް އެދުނު ގޮތެވެ. އެއަށްފަހު އޭނަ ބުނެލި ވާހަކައިން އެ މޫނުމައްޗަށް ވެރިވި ހިތާމަވެރިކަމެވެ. އޭގެ އެއްދުވަސްފަހުން ވެސް ހިބާ ދެރަވެފައި ހުރިތަން ފެނިފައި ދާރިސްގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. އޭނައާއިހެދި ހިބާ ދެރަވެފައި ހުރުމަކީ އޭނަ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ގޮތަކަށް ނުވުމުން ދާރިސް އެންމެފަހުން ހިބާއާއި ވާހަކަ ދައްކަން ނިންމިއެވެ.
“ޝަހީދުބެ….މިއަދު ހަވީރު އަޅުގަނޑު ބޭނުން ހިބާއާއި ވާހަކައެއް ދައްކާލަން. ޝަހީދުބެއަށް ވަގުތެއް ވާނެތޯ؟” ދާރިސް ގޮސް އެ ވާހަކަ ބުނެލީ ޝަހީދު ކޮމްޕިއުޓަރު ދޮށުގައި މަސައްކަތެއް ކުރަން އިންދާއެވެ.
“އާނ….މިއަދު ހަވީރު ސްކޫލްގަ މީޓިންގްއެއް އެބައޮތް. މީޓިންގް ނިންމައިލާފަ އަންނާނަން އިން ޝާ ﷲ. ދަރިފުޅު ކަމަކާ ދެރަވެފަތަ ތިހިރީ؟” ޝަހީދު ދާރިސްއަށް ފަރުވާތެރިކަމާއެކީ ބަލަމުން އެހިއެވެ.
“އެއީ….މާ ބޮޑު ކަމެއް ނުވޭ…ޝަހީދުބެ ނުބުނައްޗޭ ހިބާގާތު ޝަހީދުބެ އެތާ ހުންނާނެ ވާހަކަ. އެހެންނޫނީ ހިބާ ފަހަރެއްގަ އަޅުގަނޑު ދައްކަން އުޅޭ ވާހަކައަށް އެއްޗެކޭ ނުބުނެ ހުރެދާނެ. އަޅުގަނޑު ބޭނުންވަނީ ހިބާއަށް ވަރަށް މުހިއްމުކަމެއް ވިސްނައިދޭން. ހީވަނީ މި ވާހަކަ ދެއްކީމަ ހިބާގެ ޙާލަތުވެސް ރަނގަޅުވެދާނެހެން.” ދާރިސް ބުންޏެވެ.
“ކުރީ ދުވަހު ބުނަން އުޅުނު ވާހަކައެއް ނޫންދޯ ބުނަން ތިއުޅެނީ؟” ޝަހީދުބެ އެހިއެވެ. އޭނަ ހުރިގޮތުން ކޮންމެވެސް ކަމެއްވެއްޖެކަން ބޭބެއަށް ވެސް އެނގުނީކަން ދާރިސްއަށް ނަގައިގަނެވުނެވެ. އެ ސުވާލުގެ ޖަވާބަކަށް ‘އާދެ’ އޭ ބުނުމަށްފަހު ދާރިސް ދާން ހިނގައިގަތީ ކުރިމަތިވެދާނެ އިތުރު ސުވާލުތަކުން ސަލާމަތްވުމަށެވެ.
ޝަހީދުބެގާތު އެހެން ބުނުމަށްފަހު ދާރިސް ހިބާގާތު ވެސް އެދުވަހު ހަވީރު ގޭގެ ބިއްދޮށުގައި އޭނައާއި ބައްދަލުކުރުމަށް އެދުނެވެ. ސިޓިންގް ރޫމުގައި ފިލާވަޅު ހަދަން އިން ހިބާ ވެސް އޭނައާއި އިތުރު ސުވާލުތައް ކުރަން އުޅުނެއްކަމަކު ދާރިސް އެ ފުރުސަތެއް ނުދީ އެތަނުން ދާން ހިނގައިގަތީއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދާރިސް އެދުވަހު ހަވީރު ޝަހީދުބެއާއިއެކީ ހިބާއާއި ބައްދަލުކުރަން ގޭގެ ބިއްދޮށަށް ދިޔައިރު އޭނައަށްވުރެ ކުރިން ހިބާ އެތަނަށް ގޮސްފައި ހުއްޓެވެ. ސްކޫލްގައި އޮތް ބައްދަލުވުމަށްފަހު ޝަހީދުބެއަށް އާދެވުނީ ތަންކޮޅެއް ލަހުން ކަމަށްވުމުން އެވަގުތު އިރުއޮއްސެން ގާތްވަމުން ދިޔައެވެ. ހިބާ ގެއިން ނިކުމެވޭ ދޮރަށް ފަސްދީގެން ހުރިތަން ޝަހީދުބެއަށް ވެސް ފެނުނެވެ. އެހެނަސް ދާރިސްގެ އެދުމުގެ މަތިން ވަކި އެއްޗެކޭ ނުބުނެ އެ ދޮރުގެ ކައިރީގައި ނިވާވެލައިގެން ހުއްޓިލިއެވެ. އެހިނދު ދާރިސް އެތަނުން ނިކުމެގެން ދިޔައެވެ.
ދާރިސްގެ ފިޔަވަޅުތަކުގެ އަޑާއިއެކީ ހިބާ ފަސްއެނބުރި ބަލައިލިއެވެ.
“ދާރިސް އިންދި ގަހުގަ އެހެރީ މާ ވެސް ފޮޅިފަ. އެހެންވެތަ އަހަރެން މިތަނަށް ތި ގެނައީ؟” ހިބާ ހިނިތުންވުމަކާއިއެކީ ސުވާލުކުރިއެވެ. އެހިނދު ދާރިސް ވެސް އެކި ކަހަލަ މާ ގަސްތައް ހުރި ދިމާލުން އޭނަ އިންދި ގަހަށް ނަޒަރު ހިންގިއެވެ. އެ ގަހުގައި ދެ މާ ފޮޅިފައި ހުރިތަން ފެނިފައި ދާރިސްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ ތަން ބަލަން ހުރެފައި ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އިފް އައިމް ނޮޓް ރޯންގް….ދާރިސްގެ މައިންޑް ޗޭންޖްވީދޯ؟” ހިބާ އުއްމީދީ ގޮތަކަށް ދާރިސްއަށް ބަލަންހުރެ ބުންޏެވެ. އެ ހިނދު ދާރިސް އެ ނަޒަރުގެ އަވައިގައި ޖެހިގެން ލޯބި ހުށަހަޅައިލަން ބޭނުންވިއެވެ. އެހެނަސް އޭނަ އައީ ކީއްކުރަންކަން ހަނދާން ކުރަމުން ވާހަކަ ދެއްކިއެވެ.
“ސުވާލެއްކޮށްލަން އަހަރެން ހިބާ މިތަނަށް ގެނައީ. އަހަންނަށް ލޯބި ހުށަހަޅާފަ ހިބާ އަދިވެސް އޭނައަށް ސަމާލުކަން ތި ދެނީ ކީއްވެތޯ އަހައިލަން ބޭނުންވަނީ.” ދާރިސް ސީރިއަސްކަމާއިއެކީ ބުނެލި ވާހަކައިން ހިބާގެ ހިނިތުންވުން ގެއްލިދިޔައެވެ.
“ވަޓް؟!” ހިބާ އެހެން ބުނެލިއިރު އެ އަޑުގައިވި ނުރުހުންތެރިކަން ދާރިސްއަށް ސިއްރެއްނުވިއެވެ.
“ރަނގަޅަށް ތި އަޑުއިވުނީ. އެއް ފިރިހެން ކުއްޖަކަށް ލޯބި ހުށަހަޅާފަ އެހެން ފިރިހެން ކުއްޖެއްގެ ފަހަތުން ދާ ކަހަލަ ކުއްޖެއް ނޫން ކަންނޭނގެދޯ ހިބާއަކީ؟ ޔޫ އާރ ބެޓާރ ދޭން ދެޓް!”
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟! ތިއީ ހަމަ އެދުވަހު އަހަރެން އެހެން ބުނި އަޑު އިވިފަ އެ ރުޅި ބާލަނީތަ؟ ޤަބޫލެއްވެސް ނުކުރެވޭ ތި ބަސްތައް ބުނެލީ ހަމަ ދާރިސްކަމެއް!”
“އަހަންނަށް ވެސް ބުނަން ފަސޭހަ ބަސްތަކެއް ނޫން އެއީ. އެކަމަކު ހިބާއަށް ތި ކުރެވޭ ކަންތަކުގެ ޓްރޫ ކަލާރސް ހިބާއަށް ދައްކައިލަން ބޭނުންވަނީ. އޭނަ މަތިން ހަނދާން ނުނެތެނީސް ހިބާ ކޮންމެހެން ނުޖެހޭ އަހަންނާއި ރައްޓެހިވާކަށް. އޭނަ ހިބާ ދޫކޮށް ދިޔައިމަ ދެރަވެގެން އަހަންނާއި އެކީގަ ރީބައުންޑްއަކަށް ދާން ތިއުޅެނީ…”
“ރީބައުންޑްއެކޭ؟ ދާރިސް ރިލޭޝަންޝިޕް އެކްސްޕާޓަކަށްވީ ކޮން ދުވަހަކު؟”
“ނޭނގެ….ހިބާއާއިމެދު ކަންބޮޑުވާތީ އަހަންނަށް ހޯދުނު ހޯދުންތަކުން އެނގުނުކަމެއް އެއީ. ކޮންމެ ގޮތެއްވިޔަސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ހިބާއަށް ވެސް އެނގޭނެ ކަންނޭނގެ.”
“ލުކް….މޭއިބީ ޔޫ އާރ ރައިޓް. މޭއިބީ އަހަރެން ހަމައެކަނި ރައުފްއަށް ދައްކަން ވެގެން ދާރިސްއާއި ރައްޓެހިވާން މިއުޅެނީ. ސޯ ވަޓް؟! ކާންޓް ޔޫ ޖަސްޓް ޕްލޭއި އެލޯންގް؟ އަހަންނަށް އެހާވަރު ކަމެއް ކޮށްނުދެވޭނެތަ ދާރިސްއަށް؟ ޔޫ ހޭވް ނޯ އައިޑިއާ އަހަރެން ރައުފް މަތިން ހަނދާންވަނީ ކިހާ ވަރަކަށްކަން. ރައުފް އެހެން އަންހެން ކުއްޖަކާ އެކީ އުޅޭތަން ފެނުނީމަ ދެރަވޭ. އެކަމަކު ދެރަވާކަން ރައުފްއަށް ދައްކާކަށް ބޭނުމެއް ނޫން. އަހަންނަށް ވެސް އުފަލުގަ އުޅެވިދާނެކަން ރައުފްއަށް ދައްކަން ބޭނުމީ. ރައުފް…އެ އުޅޭ ގޮތަށް.”
ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވެ އަޑު ކުރެހިގެން ދިޔައެވެ. އެކަން ދާރިސްއަށް ފާހަގަވުމުން އެއްޗެކޭ ބުނަން އުޅެފައިވެސް ހިނދުކޮޅަކަށް ހިމޭންވާ ގޮތްވިއެވެ. ސިކުންތުކޮޅެއްފަހުން ހިބާގެ ގިސްލުމުގެ އަޑު އިވުމުން ދާރިސްއަށް ގޮށްމުއްކަވައިލެވުނެވެ. ހިބާއާއިމެދު އަޅާވެސް ނުލާ މީހަކަށްޓަކައި ހިބާ އެ އޮހޮރަނީ ބޭކާރު ކަރުނަތަކެއްކަން ހަރު އަޑުން އޭނަ ގޮވަން ބޭނުންވިއެވެ. އެހެނަސް ހިބާ އެ ބުނެލި ބަސްތަކަށް ރައްދުދޭން ހިތް އެދުނެވެ.
“ހިބާ އުފަލުގަ އުޅޭކަން ހިބާ އޭނައަށް ދައްކާކަށް ވަކި ނުޖެހޭ. އަދި ހިބާ އުފަލުގަ ހުރުމަށްޓަކައި އެހެން ފިރިހެން ކުއްޖަކާއި ރައްޓެހިވުން ވެސް މުހިއްމެއްނޫން. އެންޑް ނޯ، އައި ކާންޓް ޕްލޭ އެލޯންގް. އަހަރެން މިއަދު ހިބާގެ ތި އެދުމާއި އެއްގޮތަށް ކަންތައް ކޮށްފިނަމަ ހިބާ ދުވަހަކުވެސް އުފަލެއް ނުވާނެ. އަބަދުވެސް ރައުފް ހިބާއާއިމެދު ދެކޭ ގޮތް ނޫން އެހެން ކަމަކާއިމެދު ނުވިސްނޭނެ. އެއްވެސް ކަމެއް ކުރުމުގެ ކުރިން ހިބާ ޖެހެނީ އޭނައަށް އިންވެސްޓް ކުރުން ހުއްޓައިލަން.” ދާރިސް ސާބިތު އަޑަކުން ބުންޏެވެ.
“އިންވެސްޓް ކުރުމޭ؟ މަށަކަށް ނޭނގެ ތި ދައްކާހާ ވާހަކައެއް!” ހިބާ ކަރުނަތަކުގެ ތެރެއިން ނުރުހުންތެރިކަމާއިއެކީ ބުނެލިއެވެ.
“އިންވެސްޓް ކުރުމަކީ ބިޒްނަސްގަ ޢާއްމުކޮށް ގެންގުޅޭ ބަހެއް. ބިޒްނަސްއެއްގަ އަބަދުވެސް ކުންފުންޏަކަށް ޕްރޮފިޓް ލިބޭނެ ފަދަ ކަންތަކަށް ފައިސާއާއި ވަގުތު ހޭދަކުރަން މަސައްކަތް ކުރާނީ. އެއީ ރަނގަޅު ގޮތުގަ އިންވެސްޓް ކުރުމަކީ. އިންވެސްޓް ކުރުމުން އޭގެ ރިޓާންއެއް ނުލިބޭ ކަންކަމަށް އިންވެސްޓް ކުރަންޏާ ކުންފުންޏަށް ގެއްލުން ލިބޭނެ. އަހަރެން ހޯދި ހޯދުންތަކުން އެނގުނު ގޮތުގަ ލައިފްގަ ވެސް އަހަރުމެން އިންވެސްޓް ކުރަން ޖެހޭނީ އަހަރުމެންނަށް ރިޓާންއެއް ލިބޭފަދަ ކަންތަކަށް. އެހެންނޫނީ އަހަރުމެންގެ ނަފްސުތަކަށް އެއިން ގެއްލުން ލިބޭނެ. ހިބާ ބަލާބަލަ ހިބާގެ އަމިއްލަ ނަފްސަށް. އޭނައަށް އިމޯޝަނަލީ އިންވެސްޓްވެފަ ތިހިރީ ވަރަށް ބޮޑަށް. ހިބާ ގިނަ ވަގުތު ތި ހޭދަކުރަނީ އޭނައާއި މެދު ވިސްނުމުގަ އެހެންނޫނީ އޭނައަށް ބެލުމުގަ. އޭގެ ބަދަލުގަ ހިބާއަށް އޭނަގެ ފަރާތުން އެ އިޙްސާސްތައް އަނބުރާ ނުއެއް ލިބޭ. އޭގެ ނަތީޖާ މިއަދު މި ފެންނަނީ. ޔޫ އާރ ނޮޓް ޓޭކިންގް ކެއާރ އޮފް ޔުއާރސެލްފް. އަމިއްލަ ނަފްސަށް ތި އަނިޔާ ކުރެވެނީ. އަމިއްލަ ނަފްސަށްޓަކައި އޮންނަންޖެހޭ ޤަދަރާއި ލޯބިވެސް ނެތި ގޮސްގެން ތިއުޅެނީ. ގެއްލުންހުރި ދިމާލަކަށް ހިބާގެ އިމޯޝަންސްތައް އިންވެސްޓް ކުރީމަ…”
ދާރިސް ވާހަކަ ދެއްކިއެވެ. އެ ވާހަކަ ދައްކައި ނިމުނުއިރު ހިބާ ހުރީ ހިމޭންވެފައެވެ. ދާރިސް ވަރަށް މަސައްކަތުން ހިބާއަށް ބަލައިލިއިރު ހިބާ ހުރީ އިސްޖެހިފައެވެ. ދާރިސް އިރުކޮޅެއް ވަންދެން މަޑުކުރުމުން ވެސް ހިބާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދާރިސް އިތުރަށް ވާހަކަ ދެއްކިއެވެ.
“ބޭކާރު އިމޯޝަނަލް އިންވެސްޓްމެންޓްތައް ކުރުން ހުއްޓައިލަންވީ ހިބާ. ހިބާގެ ލައިފްގަ އޭނަގެ ޗެޕްޓާރ އެއްކޮށް ލައްޕައިލަންވީ. އޭނަގެ ނަން ހިބާގެ ސްޓޯރީއިން ފޮހެލަންވީ. އެއަށްފަހު ހިބާދެކެ ލޯބިވާ މީހުންނަށް ސަމާލުކަން ދޭންވީ. ހިބާދެކެ ލޯބިވާ ބައްޕައާއި މަންމަ އަދި ކޮއްކޮއަށް ވަގުތުދީ އެމީހުންނަށް ސަމާލުކަން ދޭންވީ. އޭރުން އިން ޝާ ﷲ ޔޫ ވިލް ހީލް ފްރޮމް ވަޓް ޔޫ އާރ ގޮއިންގް ތްރޫ.” ދާރިސް ބުނެލިއެވެ. އެއަށްފަހު ވެސް ހިބާ އެއްޗެކޭ ބުނަންދެން ސިކުންތުކޮޅަކަށް ދާރިސް މަޑުކުރިއެވެ. އެހެނަސް ހިބާ ދެން އެއްޗެކޭ ނުބުނާނެއޭ ހިތައި ދާރިސް އެތަނުން ދާން ހިނގައިގަތް ވަގުތު ހިބާގެ އަޑު އިވުނެވެ.
“ތިއީ އަހަރެން ރިޖެކްޓްކުރަން ދެއްކިހާ ވާހަކަތަކެއްތަ؟ ކަމުނުދަންޏާ ކަމުނުދެއޭ ބުނީމަ ނިމުނީ! ކޮންމެހެން ތި ހުރިހާ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް!!” ހިބާ ނުރުހުންތެރިކަމާއިއެކީ ތުރުތުރު އަޅާ އަޑުން ބުނެލި ވާހަކައިން ދާރިސްގެ ފިޔަވަޅުތައް މަޑުޖެހި ދެބުމަ ކައިރިކޮށްލެވުނެވެ. އެ ހުރިހާ ވާހަކައެއް ދެއްކީ ހިބާދެކެ ލޯބިވާތީކަމަށް ހިތާހިތުން ހަރުއަޑުން ބުނެވުނެވެ. އެ ބަސްތައް އެ ވަގުތު ދުލާއި ހަމައަށް ގެންނަން ޖެހިލުންވީ، ޝަހީދުބެވެސް އެ ވާހަކަތައް އަޑު އަހައިގެން ހުރިކަން އެނގޭތީވެއެވެ. އެހެނަސް އެވަގުތު އޭނަ އެއްޗެކޭ ނުބުނެ ގޮސްފިނަމަ ހިބާއަށް އޭނަގެ އިޙްސާސްތައް އޮޅުން އަރާނެކަން އެނގުންވީތީ ދާރިސް އަނެއްކާވެސް ހިބާއަށް ބަލައިލިއެވެ. އެހިނދު ބުނަން އުޅުނު ވާހަކައިގެ ޒާތުން އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސްވިއެވެ. އެހެނަސް ދާރިސް ގޮށްމުއްކަވައިލަމުން ހިތްވަރު ކުރިއެވެ.
“އައި ލަވް ޔޫ ޓޫ، ހިބާ…” ދާރިސް ބުނެލިއެވެ. އޭނަ އޭގެ އިތުރަށް ވެސް އެއްޗެކޭ ބުނަން އުޅުނެއްކަމަކު މަޑުކޮށްލެވުނީ އޭނަގެ އެ ބަސްތަކުން ހިބާއަށް ކުރާނެ އަސަރު ކުޑަކޮށް ވެސް ނަގައިގަނެވޭތޯއެވެ. އެ ހިނދު ހިބާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަން ކަމެއް ނޫނީ ނުރުހުންތެރިކަން ކަމެއް ޔަޤީންކުރަން ދާރިސްއަށް ދަތިވިއެވެ. އިސާހިތަކު އަނެއްކާވެސް ޝަހީދުބެ މަތިން ހަނދާންވެފައި އިތުރަށް ވާހަކަ ދެކެވުނެވެ.
“މި ބަސްތައް ހިބާ އަޑުއަހަން ތައްޔާރުވި ދުވަހަކުން އަހަރެން ބުނާނަން އިން ޝާ ﷲ!” ދާރިސް ބުނެލިއެވެ.
އީތަންގެ ކަންފަތުގައި އެ ބަސްތައް ގުގުމައިލީ، ފެންމާގަނޑުން އޮހެމުން ދިޔަ ފެންތިކިތަކުގެ އަޑުގެ ތެރެއިންނެވެ. ރޭ ދޮޅު ގަޑިއިރެއްހާއިރު ނިދައިލެވުމަށްފަހު އޭނައަށް ހޭލެވުނީ ފަތިސް ނަމާދުގެ އެލާމާއި އެކީގައެވެ. ފަތިސް ނަމާދަށްފަހު އޭނަ އާދައިގެ މަތިން ބައިގަޑިއިރެއްހާއިރު ވަންދެން ދުވެލަން ގެއިން ބޭރަށް ދިޔައެވެ. ބޭރަށް ދިޔަ މަގުމަތީގައި އޭނަގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހިބާއަށް މި ޤައުމުގެ ނަމާދުގެ ގަޑިތައް އެނގޭނެތޯ ހިތަށްއެރިއެއްކަމަކު އެވަގުތު ހިބާއާއި ވާހަކަ ދައްކަން ޤަޞްދެއް ނުކުރިއެވެ.
ކޮންމެއަކަސް ދުވުމުގެ ތެރެއިންނާއި، ދުވުމަށްފަހު އޮފީހަށް ދިޔުމަށްޓަކައި އޭނަ ފެންވަރަމުން ދިޔަ ވަގުތުވެސް އޭނައަށް ހުރެވުނީ ހިބާގެ ޚިޔާލުތަކުގައެވެ. މާޒީގެ ހަނދާންތައް ސާފުކޮށް އާވެގެން ދިޔައީ ދުވުމުގެ ކަސްރަތުން ސިކުނޑިއަށް ތާޒާކަން ލިބި ހަމަޖެހުމެއްވެސް ލިބިގެން ދިޔުމުންނެވެ. ފެންވެރުމުގެ ތެރެއިން އެ ޚިޔާލުތަކަށް ހުއްޓުމެއް ގެންނަން އީތަންއަށް މަޖުބޫރުކުރުވީ، އާދައިގެ މަތިން އޮފީސް ގަޑި ކައިރިވަމުން ދިޔަދިޔަހެން އޮފީހުގެ މަސައްކަތްތާއި މެދު ވިސްނެން ފެށުމުންނެވެ. ހަމަ އެއާއިއެކު އީތަން ޙަރަކާތްތައް އަވަސްކޮށްލަމުން ފެންވަރައި ނިންމިއެވެ.
ތާޒާވެލުމަށްފަހު އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ވަގުތު އީތަންގެ ޚިޔާލުތައް ފުރިފައިވީ އެދުވަހު އޮފީހުގައި އޭނަ ކުރަންޖެހޭނެ މައިގަނޑު މަސައްކަތްތަކުންނެވެ. ހުދުކުލައިގެ ގަމީހަކާއި ގަދަ ފެހި ކުލައިގެ ކޯޓު ފަޓުލޫނާއިއެކީ އީތަން ކޮޓަރިން ނިކުންނަން ހިނގައިގަތީ ފަހުގެ އާދައިގެ މަތިން މައިކަލްއަށްވުރެ ކުރިންނެވެ. އޭނަ ތެރަޕީއަށްދަނީ އަމިއްލައަށް ދުއްވާފައި ކަމަށްވުމުންނެވެ.
**
ޝަބީދައްތައާއިއެކީ ފަތިސް ނަމާދު ކުރުމަށްފަހު ހިބާ އެދުވަހު ހެނދުނު ހިނގައިލަން ދިޔައީ އެ ދައްތަ ކިޔުނު ވަރުންނެވެ. ހިނގައިލަން ދިޔަތާ މާ ގިނައިރެއްނުވެ ހިބާއަށް ނޭނގުނު ސަބަބަކާއިހުރެ ޝަބީދައްތަ ވަރަށް ބޮޑަށް ބަލިވެގެން ބެންޗެއްގައި އިށީންނަން ޖެހުނެވެ.
“ފެންފުޅިއެއްވެސް ނުގެނެސްދޯ އާދެވުނީ. ލާރިއެއްވެސް ނެތް ދައްތަ އަތުގަ. މައި ބޭޑް!” ޝަބީދައްތަ އެހެން ބުނެލީ ބެންޗަށް ލެނގި ދެލޯ މަރައިލަމުން ސަމާސާގެ ރާގަކަށެވެ.
“އާރ ޔޫ އޯކޭ ދައްތާ؟ ގެ ހުރި ޢިމާރާތާއި މާ ދުރަށް ނުދެވޭ އަދިއެއް. އަހަރެން އަންނަންތަ ފެންފުޅިއެއް ހިފައިގެން؟” ހިބާ ކުރުފައިމައްޗަށް ތިރިވެ ކަންބޮޑުވުމަކާއިއެކީ ސުވާލުކުރިއެވެ.
“މި ޙާލަތުގަ ހަމައެކަނި ދައްތައާއިމެދު ދައްތަ ވިސްނަންޖެހޭނަމަ ބުނެވުނީސް ނޫނެކޭ. އެކަމަކު ބުނަން މި ޖެހެނީ އާނއެކޭ. ހިބާއަށް ބުރައެއް ޖައްސަން ޖެހުނީތީ މަޢާފަށް އެދެން.” ޝަބީބާ ކުޑަކޮށް ލޯ ހުޅުވައިލަމުން ބުންޏެވެ.
“އިޓްސް އޯކޭ ދައްތާ….ކުޑަކޮށް އެކްސަޒައިޒްވެދާނެއެއްނު އަހަރެން ވެސް މި ދޭތެރޭގަ ހިނގައިލީމަ؟ ވިލް ކަމް ބެކް ސޫން އިނގޭ؟” ހިބާއަށް ޝަބީބާ ބުނި އެއްޗެއްގެ މާނަ ރަނގަޅަށް ނޭނގުނަސް އެހީވެދޭން ބޭނުންވިއެވެ. ޝަބީދައްތަ ހިނިތުންވުމަކާއިއެކީ އެންމެ ރަނގަޅޭ ބުނެލުމުން ހިބާ ދެފައިމައްޗަށް ތެދުވެ އަވަސް ހިނގުމެއްގައި އެމީހުން އުޅޭ ޢިމާރާތާއި ދިމާލަށް ދިޔައެވެ.
މިނެޓްތަކެއްގެ ތެރޭގައި ހިބާއަށް ހުރެވުނީ އެ ޢިމާރާތުގެ އެންމެ މަތީ ބައިގައެވެ. ގެއަށް ވަދެވޭ ކޯޑު ޝަބީދައްތަ އޭނަގާތު ބުނެފައިވުމުން ހިބާ ވަދެގެން ދިޔައެވެ. ގެއަށް ވަދެގެން ދިޔަދިޔަހެން ހިބާ ދިޔައީ ކަނާތް ފަރާތުން ފެންނަމުން ދިޔަ ކޮޓަރިތަކާއި ދިމާލަށެވެ. ދާދި އެއްގޮތަކަށް ހުރި ދޮރުތައް ފެނުމުން އޭނަގެ ކޮޓަރި ހުރީ ކިހާ ހިސާބެއްގައި ކަމާއިމެދު ހިބާއަށް ޝައްކު ކުރެވުނެވެ. ޝަބީދައްތައާއިމެދު ކަންބޮޑުވީތީ ހިބާ ގޮސް ކޮޓަރިއެއްގެ ދޮރާއި ދިމާލަށް ދިޔައީ އަންދާޒާއެއް ކުރުމަށްފަހު މާ ބޮޑު ވިސްނުމެއް ނެތިއެވެ.
ހިބާ އެ ކޮޓަރީގެ ތަޅުގައި ހިފައިލުމަށްފަހު ބާރެއް ނުލަނީސް ތަޅުގެ އަތްގަނޑު ތިރިވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ތަޅާއިއެކީ ހިބާ އެތެރެއަށް ދެމިގެންދާން ފެށުމުން މޭގަނޑު އަތަށް އައި ކަހަލަ އިޙްސާސެއް ކުރެވުނެވެ. އޭނަ މި ވެއްޓުނީހެން ހީވި ވަގުތު ތަނަވަސް މޭމައްޗެއްގައި ގޮސް އޭނަގެ ބޯޖެހުނެވެ. ހަމަ އެހިނދު ބާރުގަދަ އަތަކުން އޭނަގެ އުނަގަނޑުގައި ވަށައިލުމުން ހިބާގެ ފައި ހަމައަކަށް އެޅި ނުވެއްޓި ސަލާމަތް ވިއެވެ.
ނުނިމޭ
Jana
August 7, 2021 @ 4:07 pm
Assalaam’alaikum. Mi bai lasvi kamattakai vvv bodah maafah edhen. Jana kudakoh busy veema lasvy. ekam In Sha Allah dhen oiy bai Wednesday ga hama genesdheynan In Sha Allah. Hurihaa kiyuntheringe ves support ah varah bodah shukuru dhannavan. Jazaakumullah Khairan! <3 Much love. Stay safe! <3 <3 <3
Ibaa
August 7, 2021 @ 4:21 pm
woww vrh reethi story… alhe hiba ah dhaaris neyngun dho adhives..waiting for the next part.. stay safe sis..bye..
Jana
August 11, 2021 @ 11:43 am
Alhamdhulillah! dhen oiy bai kiyaalabala engunutho balan, ibaa. hehe…Alhamdhulillah! Stay safe! <3
Aayaa
August 8, 2021 @ 1:19 am
Onwww. Hiba and ethann.. v salhi mi part vx ma sha Allah..
Jana
August 11, 2021 @ 11:44 am
Dhw dhw? hehe…Alhamdhulillah! ^_^ <3