ދާރިސް (ތޭވީސްވަނަ ބައި)
“ބައްޕާ ޔޫ ލޮސްޓް ދަ ބެޓް! އަހަންނަށް މިފަހަރު އިސްލާމް ކުލާސް ޓެސްޓުން ފުލް މާކްސް!” 14 އަހަރުގެ ހިބާ ބުދަ ދުވަހެއްގެ މެންދުރު ވަގުތު އެހެން ބުނެލީ، ސިޓިންގް ރޫމުގެ ފަތްޖެހި ގޮނޑީގައި އިށީނދެގެން އިން ޝަހީދު ގާތަށް ޕޭޕަރެއް ހިފައިގެން އަންނަމުންނެވެ.
“އައްދޭ! ބައްޕަގެ ހިބާ އަނެއްކާ ކިޔަވަން ފެށީދޯ؟ ހާދަ މޮޅޭ މާ ޝާ ﷲ!” ޝަހީދު އެ ޕޭޕަރު ހޯދައި ގަނޑުތައް ހިއްލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެވަގުތު ދާރިސް ވެސް ފޮތްތަކެއް ހިފައިގެން ލަސް ހިނގުމެއްގައި ސިޓިންގް ރޫމަށް އައެވެ. ދާރިސް ފެނުމާއިއެކު ޝަހީދު ވާހަކަ ދެއްކިއެވެ.
“ދާރިސްއަށް ލިބުނީ ކިހާވަރެއް އިސްލާމް ޓެސްޓުން؟ ކުރީ ފަހަރަށްވުރެ ރަނގަޅުތަ؟” ޝަހީދު ސުވާލުކުރިއެވެ. އެހިނދު ދާރިސް މާޔޫސީ ގޮތަކަށް އިސްޖަހައިލިއެވެ. އަދި އެއަށްފަހު ޖެހިލުންވުމަކާއިއެކީ އަތުގައި އޮތް ދެ ބޮޑު ފޮތުގެ ދޭތެރެއިން ގަނޑުތަކެއް ނަގައި ޝަހީދުބެއަށް ދިއްކޮށްލިއެވެ. ޝަހީދު ފިލައިގެން ދިޔަ ހިނިތުންވުމަކާއިއެކީ އެ ގަނޑުތައް ހޯދައި ބަލައިލިއެވެ. އެ ހިނދު ހިބާވެސް ބޯދިއްކޮށްފައި ދާރިސްއަށް ލިބިފައި ހުރީ ކިހާވަރެއްތޯ ބަލައިލިއެވެ. އެ ނަންބަރު ފެނިފައި ހިބާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނުއިރު، ޝަހީދުގެ ދެބުމަ ކައިރިވިއެވެ.
“5 އައުޓް އޮފް 30؟! ސީރިއަސްލީ؟ އެހެން ހުރިހާ މާއްދާއަކުން ފުލް މާކްސް ހޯދާ ކުއްޖާގެ ޕޭޕަރެއްތަ މިއީ؟ އެންޑް އޯ މައި ގޯޑް! އީމާންކަމުގެ ރުކުންތައް ވެސް މުޅިން ނުލިޔެ އެހެރީ! އެއީ މި ޕޭޕަރުގަ ހުރި އެންމެ ފަސޭހަ ސުވާލު…..ކާންޓް ބިލީވް ދިސް!” ދާރިސްގެ އިސްލާމް ޕޭޕަރެއް ފުރަތަމަ ފަހަރަށް ފެނުނު ހިބާ ޤަބޫލުކުރަން ދަތިވެފައިހުރެ ވާހަކަ ދެއްކިއެވެ. އެހިނދު ދާރިސް ނުތަނަވަސްވެ ލަދުގަންނަ ފަދައަކުން އިސްޖެހިފައި ހުރިއިރު ޝަހީދު ސީރިއަސް ނަޒަރަކާއި އެކީ ދާރިސްއަށް ބަލައިލިއެވެ.
“ދާރިސް ފަހުން އެ ފިލާވަޅު ކިޔުނިންތަ؟” ޝަހީދު ސުވާލުކުރިއެވެ. ދާރިސް ދެންވެސް ކުށްވެރިއެއް ފަދައިން ލަސްލަހުން ބޯޖަހައިލިއެވެ.
“ކިޔުނުނަމަ މިހާވަރު ނުލިބުނީސް! އައި ޓެލް ޔޫ ބައްޕާ-“
“ހިބާ!”
ހިބާ ވާހަކަ ދައްކަން ފެށުމުން ޝަހީދު އޭނަގެ ނަމުން ގޮވައި ވާހަކަ ހުއްޓުވިއެވެ. އެއަށްފަހު އަނެއްކާވެސް ދާރިސްއަށް ބަލައިލިއެވެ.
“ކޮންމެ މީހަކު ކޮން އެއްޗެކޭ ބުނަސް ދާރިސްގެ ބެސްޓް ދާރިސް ދިންކަން ބޭބެއަށް އެނގޭ. މީހުން ބުނާ އެއްޗަކަށް ވިސްނުމެއްނެތި ކުރިއަށް ދައްޗޭ ދަރިފުޅު. ޕޭޕަރެއްގަ އޮންނަ މާކްސްއަކީ ދާރިސްގެ އަގު ކަމަށް ނުބަލާތި. ހިތްވަރާއެކީ މަސައްކަތް ކުރަމުންދާތި އަބަދުވެސް. އިން ޝާ ﷲ މުސްތަޤްބަލުގަ ދަރިފުޅުވެގެން ދާނީ މިއަދު ދަރިފުޅަށް ބަދުބަސް އެ ބުނާ މީހުންނަށް ވެސް ބަލައިގަންނަން މަޖުބޫރުވާނެ ފަދަ ޒުވާނަކަށް.” ޝަހީދު ސާބިތުކަމާއިއެކީ ބުނެލިއެވެ.
އެވަގުތު ހިބާއަށް އަނގަ ހުޅުވިފައި ބައްޕައަށް ބަލަން ހުރެވުނީ ބައްޕަގެ ނަޒަރުގައި އޭނަ ގޯސްވެއްޖެހެން ހީވުމުންނެވެ. އޭނަ ހިތުން ދެންމެ އެފަދައިން ވާހަކަ ދެއްކީ އޭނަ އެހެން ބުނުމުން ވެސް އިތުރަށް މަސައްކަތް ކުރަން ދާރިސްއަށް ހިތްވަރެއް ލިބޭނެ ފަދައަކުންނެވެ. އެހެނަސް ބައްޕަ އެ ވާހަކަ ދެއްކި ރާގުން އޭނަގެ ނިޔަތް ނޭނގުނީހެން ހީވިއެވެ.
ހިބާ ބަލަބަލާ ހުއްޓާ ޝަހީދު އިތުރު އެއްޗެކޭ ނުބުނެ ދާރިސްގެ ޕޭޕަރު އެތާ މޭޒުމަތީގައި ބޭއްވުމަށްފަހު ތެދުވެގެން ދާން ހިނގައިގަތެވެ. ބައްޕަ ލޯމައްޗަށް ގެއްލުމުން ހިބާ އެއްފަހަރު ދާރިސްއަށް އަނެއްފަހަރު ބައްޕަ ދިޔަ ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އެތެރެއަށް ދާން ހިނގައިގަތީ، ދާރިސްއާއި އެއްތަނެއްގައި ހުންނަން އެވަގުތު އުދަގޫވުމުންނެވެ.
ހިބާ އޭނަގެ ކޮޓަރިއަށް ވަދެގެން ދިޔަ ގޮތަށް ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނދެ ފިލާވަޅުތައް ހަދަން ފެށިއެވެ. ފިލާވަޅުތައް ހަދަމުން ދިޔައިރު ވެސް ދެންމެ ބައްޕަ ބުނި ބަސްތަކާއިމެދު ވިސްނެމުން ދިޔައެވެ. ދާރިސްއަށް ވީ އެންމެ ފުރިހަމައަށް ދާރިސް އިމްތިޙާނަށްޓަކައި ތައްޔާރުވިއޭ ބުނި ވާހަކައާއި ހިބާއަށް އެއްބަސްވެވުނެވެ. އިސްލާމް މާއްދާއަށްޓަކައި ދާރިސް މަސައްކަތް ކުރިތަން އޭނައަށް ހަމަ ލޮލުން ފެނިފައި ނުވިޔަސްމެއެވެ. އިމްތިޙާނެއް އޮވެއްޖެނަމަ އެއަށް މަސައްކަތް ނުކޮށް ހުރުމަކީ ދާރިސްގެ މިޒާޖާއި ޚިލާފު ކަމެއްކަން ހިބާއަށް އެނގޭތީވެއެވެ.
އެހެނަސް ބައްޕަ އެ ބުނި ބަސްތަކާއި ދެކޮޅަށް ހިބާއަށް އަމިއްލަ ނަފްސު ދިފާޢުކުރެވުނެވެ. އޭނަ ދެއްކީ ދޮގު ވާހަކައެއް ނޫންކަމަށް އަމިއްލަ ނަފްސުގާތު ބުނެވެމުން ދިޔައެވެ. މިފަދަ ހައިޖާނެއްގައި ހިބާ ވަނިކޮށް ބައްޕަ އޭނަގެ ކޮޓަރީގައި ޓަކި ދިނުމަށްފަހު ގޮވައިލި އަޑު އިވުނެވެ. ހިބާ ވަންނާށޭ ބުނުމުން ބައްޕަ ދޮރު ހުޅުވައިލިއެވެ.
“ހިބާ މިއަދު ހަސަން ސާރ އެއްވެސް ފައިލެއް ދިންތަ ބައްޕައާއި ޙަވާލުކުރަން؟” ޝަހީދު އެހިއެވެ.
“ފައި….އޮހް ޔެސް ހަނދާން ނެތިފަ މިހިރީ…” ހިބާ އެހެން ބުނެ ގޮނޑިން ތެދުވުމަށްފަހު މޭޒުމަތީގައި ބެހެއްޓިފައިހުރި ދަބަހުން ފައިލެއް ނަގައި ބައްޕަގެ އަތަށް ދިނެވެ. ބައްޕަ ‘ޖަޒާކި ﷲ ޚައިރަން’ އޭ ބުނުމަށްފަހު ދާން ހިނގައިގަތް ވަގުތު ހިބާއަށް ގޮވައިލެވުނެވެ. އެއާއިއެކު ބައްޕަ ފަސްއެނބުރި އޭނައަށް ބަލައިލިއެވެ.
“އަސްލު….ދާރިސް ކީއްވެތަ ދިވެއްސާއި އިސްލާމްއަށް އެހާ ދަށީ؟ މިއަދު އަހަންނަށް އިސްލާމް މާރކްސް ނޭނގި ހުރީ އިސްލާމް ސާރ މާރކްސް ނުބުނެ ކުދިންނަށް ވަކިވަކިން ޕޭޕަރުތައް ދޭތީ. އެކަމަކު މީގެ ދެދުވަސް ކުރިން ދިވެހި މިސް އައިއްސަ މުޅި ކުލާސް ކުރިމަތީގަ ބުނީ ދާރިސްއަށް ދިވެހި ޕޭޕަރުން ލިބުނީ ސުމެކޯ….އެންމެން ހީހީފަ މަލާމާތްކުރީ. ދާރިސް ހުރީ ވަރަށް ނާވަސްވެފަ. ދާރިސް ޓްރައި ކުރަން އުޅޭހެން ވެސް ހީވޭ އެކަމަކު….ކީއްވެތަ އެހެންވަނީ ބައްޕާ؟ ބައްޕަގެ ކެރިއާރގަ އެކަހަލަ އެހެން ކުއްޖަކު ދުވަހަކުވެސް ދުށިންތަ؟” ހިބާ ދާރިސްއަށްޓަކައި އިންތިހާއަށް ކަންބޮޑުވެފައިވާ ޙާލުގައި ސުވާލުކުރިއެވެ.
ޝަހީދު ހިބާއަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ.
“ބައްޕައަށް ފެނިފައެއް ނުވޭ ދާރިސްގެ އެ ހުންނަ ފަދަ އުދަގޫތައް ހުންނަ ކުއްޖެއް. އެކަމަކު އަބަދުވެސް އެކި ކަންތައް ކުރަން ދަތިވާ ކުދިންނާއި ދިމާވެފަ އެބަހުރި. ބައެއް ކުދިންނަކީ އެހާ ލިޔާ ހިތްވާ ކުދިންނެއް ނޫން. އަނެއްބައި ކުދިންނަށް ކުރަހަން ދަތިވޭ. އަނެއްބައި ކުދިންނަކީ ހިސާބު މާއްދާ ވަރަށް އުދަގޫވާ ކުދިން. ބައެއް މުދައްރިސުން އަދި ކުދިންގެ ވެސް ވިސްނުން ހުންނަ ގޮތުގަ ހުރިހާ ގޮތަކުން މޮޅު ނުވެއްޖެއްޔާ އެއީ މޮޅު ކުއްޖެއް ނޫން. އެކަމަކު ބައްޕަގެ ތަޖުރިބާއިން ބައްޕައަށް ދަސްވި ކަމަކީ އެއީއެއްނޫން. ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް އެއްގޮތަކުން މޮޅު ކުއްޖެއް. އަދި އެކުއްޖާ ބަލިކަށިވާ ދާއިރާތަކަކީ ވެސް ސަބަބުތަކަކާއި ލައިގެން ބަލިކަށިވާ ދާއިރާތައް. ބައެއް ކުދިންނަކީ ޢާއިލީ މައްސަލަތަކާއި ގޭގެ މަސްލަޙަތު ނެތުމުގެ ސަބަބުން ނުކިޔެވޭ ކުދިން. އަނެއްބައި ކުދިންނަކީ ކުޑައިރު އަޅައިލުން ނުލިބުމުގެ ސަބަބުން ނުކިޔެވޭ ކުދިން. ދެން ތިބޭނެ ދާރިސް ކަހަލަ ކުދިންވެސް. ބައެއް މީހުން އެކުދިން ސިފަކުރަނީ މޮޔަ ކުދިންގެ ގޮތުގަ. އެކަމަކު ބައްޕަގެ ބެލުމުގެ ދަށުގަ ހުރި ކުއްޖަކަށް ބައްޕަ އެ ލަޤަބު ދޭހިތެއް ނުވޭ. ކޮންމެވެސް އެއްގޮތަކުން ހުރިހާ ކުދިންނަށް ވެސް އެހީވެވޭނެކަމީ ބައްޕަ ޤަބޫލުކުރާ ކަމެއް. ދާރިސްއަށް ވެސް އެހީވެވޭތޯ މި ބަލަނީ އެހެންވެ….” ޝަހީދު ކިޔައިދިނެވެ. ހިބާ އެ ވާހަކައަށް ވަކި ބުނާނެ އެއްޗެއް ނޭނގިފައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުންނަނިކޮށް ޝަހީދު އިތުރަށް ވާހަކަ ދެއްކިއެވެ.
“ދާރިސްއަށް ވެސް ވެގެން އުޅެނީ ކީއްކަން ބައްޕައަށް ސާފު ނުވިޔަސް ހީވަނީ ދިވެހި ބަސް އުނގެނުމުގަ ދާރިސްއަށް އުދަގޫތަކެއް ހުރީހެން. ދާރިސްއަކީ ކުޑައިރު ވެސް ޤަވާޢިދުން ސްކޫލަށް ގޮއްސަ އުޅުނު ކުއްޖެއް. އެކަމަކު އެހެން ކުދިންނާއި އެއްވަރަށް ދިވެހި ބަސް ރަނގަޅަށް ދަސްނުވެ ބޮޑުވެފަ އެހެރީ. ދިވެހިން ހުރި ލިޔުންތައް ކިޔާފަ ވެސް ދޭހަކުރަން ދާރިސްއަށް އުދަގޫކަން ބައްޕައަށް ފާހަގަވި. އަދި ދިވެހި އަކުރުތައް އަޅަން ދަތިވެ ފިލިތައް ލިޔާއިރު އޮޅުވައިގެން ލިޔާކަން ވެސް ފާހަގަވޭ. ބައްޕައަށް އަދި މިހާތަނަށް ކުރެވުނު މަސައްކަތްތައް ފޭލްވެފަ ވަނީ. ބައްޕަވެސް ބިޒީވީމަ ދާރިސްއަށް ވަގުތު ނުދެވޭތީ ބޮޑަށް މިހެން މި ވަނީ. އަދިވެސް އެބަ ވިސްނަން ދާރިސް ދިވެހި ބަހަށް އިތުރަށް އަހުލުވެރި ކުރެވޭނެ ގޮތްތަކާއިމެދު. ހިބާވެސް ދާރިސް ދަށްކޮށްލުމުގެ ބަދަލުގަ އެހީވުމުގެ ނިޔަތެއް ގެންގުޅުނިއްޔާ ބައްޕަ ވަރަށް އުފާކުރާނަން…” ޝަހީދު ބުންޏެވެ.
“އައި ވިލް، ބައްޕާ!” ހިބާއަށް އެހެން ބުނެލެވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހިނދު އޭނަގެ ހިތުގައި ދާރިސްއަށް އެހީވުމަށް ވަރުގަދަ ޢަޒުމެއް ވެސްވިއެވެ.
ހިބާގެ މޫނުމަތިން ވެސް އެ ޢަޒުމުގެ އަސަރު ފެނުމުން ކަންނޭނގެއެވެ. ޝަހީދު ހިނިތުންވުމަކާއިއެކީ ‘އިން ޝާ ﷲ’ އޭ ކިޔަމުން އޭނަގެ ބޮލުގައި ފިރުމައިލިއެވެ. ބައްޕަގެ އެ ޙަރަކާތުން ހިބާއަށް ލިބުނު އިތުރު އުފަލާއިއެކީ ހިނިތުންވެލެވުނެވެ.
އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ހިބާ އޭނަގެ ފިލާވަޅުތައް ނިންމުމަށްފަހު ސިޓިންގް ރޫމަށް ދިޔައީ ދާރިސް ހުންނާނީ އެތާ ކަމަށް ނިންމަމުންނެވެ. ވޭތުވެ ދިޔަ ހަފްތާ ތެރޭގައި ބައްޕައާއިއެކީ ފިލާވަޅު ހަދަން ދާރިސް އިނީ އެތާނގައި ހުރި ކާމޭޒުދޮށުގައި ކަމަށްވުމުންނެވެ. ހިބާ ސިޓިންގް ރޫމާއި ގާތްވަމުން ދިޔަދިޔަހެން ފިޔަވަޅުތައް ލަސްވެގެން ދިޔައީ ކުރު ނޭވާތަކެއްގެ އަޑު އިވުމުންނެވެ. ހިބާ ގޮސް ފާރު ކައިރީގައި ހުއްޓި ބަލައިލިއިރު މޭޒުދޮށުގައި އިން ދާރިސް އިސްލާމް ބޮޑުފޮތުން ބަލައިގެން ލިޔާ ފޮތެއްގައި ލިޔަމުން ދިޔައިރު އަތް ތުރުތުރު އަޅަމުން ދިޔައެވެ. ދާރިސް އަވަސްއަވަހަށް ދެ ފޮތުން ދެފޮތަށް ނަޒަރު ހިންގަމުން ދިޔަ ގޮތުން ވީހާވެސް އަވަހަކަށް ލިޔަން މަސައްކަތް ކުރަމުން ދިޔަހެން ހީވިއެވެ. އެހެނަސް ފަހަރަކު ދާރިސްއަށް އެޅެމުން ދިޔައީ އެންމެ އަކުރެއްކަން ދުރުން ބެލުމުން ވެސް ހިބާއަށް އެނގުނެވެ. ފިލިވެސް ލިޔެމުން ދިޔައީ ވަރަށް މަސައްކަތުންނެވެ. އަދި ނުވިތާކަށް ދޭތެރެދޭތެރެއިން އަތުން ފެން ހިއްލާތީ ގަލަން ބާއްވާފައި ފަޓުލޫނުގައި އަތް ފޮހެން ލިޔުން މެދުކަނޑަން މަޖުބޫރުވަމުން ދިޔައެވެ.
މަންޒަރު ބަލަން ނުހުރެވިގެން ހިބާ އެންމެފަހުން ދިގު ފިޔަވަޅުތަކެއްގައި ކާމޭޒު ކައިރިއަށް ދިޔައެވެ. ހިބާ ނުހަނު ކައިރިން ފެނިފައި ދާރިސް ސިހުންވާ ގޮތްވިއެވެ. އެހެނަސް ހިބާ އެއަކަށް ފަރުވާލެއްނެތި އެތާ މޭޒުމަތީގައި އޮތް ގަލަމެއް ނަގައިގެން އެތެރެއަށް ދާން ހިނގައިގަތެވެ. ދާރިސް ވާނުވާއެއް ނޭނގިފައި ހިބާއަށް ބަލަން އިނެވެ.
ހިބާ ގަލަން ހިފައިގެން ދިޔައީ މަންމަގެ ފަހާފޮށި ހުންނަ މޭޒު ކައިރިއަށެވެ. އެ މޭޒުމަތީގައި ހުރި ކުދި ފޮތިކޮޅުތަކުގެ ތެރެއިން އޮރެންޖު ފޮތިކޮޅެއް ނަގައި ވީދާލުމަށްފަހު ގަލަމުގެ ހިފާ ބައިގައި އެ ޓީޝާޓު ފޮތިކޮޅު އޮޅައިލުމަށްފަހު ބަރަނި ފަށަކުން ރީއްޗަށް އައްސައިލިއެވެ.
ދާރިސް ބަލަބަލާ އިންދާ ހިބާ އެ ގަލަން ހިފައިގެން ގޮސް ދާރިސްއަށް ދިއްކޮށްލިއެވެ.
“ޓްރާއި ދިސް….އޭރުން ތަންކޮޅެއް ފަސޭހަވާނެ…” ހިބާ ބުންޏެވެ. ދާރިސް އެއްފަހަރު ހިބާއަށް އަނެއްފަހަރު އެ ގަލަމަށް ބަލައިލުމަށްފަހު ގަލަން ހޯދިއެވެ. އެއަށްފަހު ހިބާ ދެންވެސް ބަލަން ހުންނާތީ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ލިޔަން ފެށިއެވެ. ދާރިސް އުދަގުލާއެކީ ކޮންމެ އަކުރެއް އެޅުމަށްފަހު ފޮތް ބެލުމަށްފަހު ފިލި ލިޔަމުން ދިޔަ ގޮތުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“ރަނގަޅަށް ނުފެންނަނީތަ ލިޔެފަ ހުރި އެއްޗެއް؟ ދާރިސް އައިނެއް ބޭނުންވަނީބާ އަނެއްކާ؟” ހިބާ އެ ސުވާލުކޮށްލީ ދާރިސްއާއިއެކީ އަމިއްލަ ނަފްސަށް ވެސް ވާ ގޮތަށެވެ.
“ނޫނޭ….އިންގްލިޝް އެއްޗެހި ރަނގަޅަށް ފެނޭ…ދިވެހީގަ ފިލިތަކާއި އަކުރުތައް ފެނުނީމަ އޮޅެނީ.” ދާރިސް އެހެން ބުނެލީ ވެސް އުދަގޫވެގެން އުޅޭފަދަ އަސަރަކާއި އެކީގައެވެ.
“އައި ސީ….” ހިބާ ވިސްނުމެއްގައި ހުރެ އެހެން ބުނެލިއެވެ. އެއަށްފަހު ހިބާ ދާރިސްއަށް އިންޒާރެއްވެސް ނުދީ އޭނައާއި ކައިރިވެލަމުން އޭނަގެ ލިޔާ ފޮތުގެ ގަނޑުތައް ހިއްލަން ފެށިއެވެ. ހިބާގެ މޫނު ނުހަނު ގާތުން ފެނުމުން ދާރިސްގެ ހިތުގެ ތެޅުން އަވަސްވާ ގޮތްވިއެވެ. އޭގެ ސަބަބުން ހިބާއަށް ކިތަންމެ ބަލަން އުޅުނެއްކަމަކު އޭނަގެ ނަޒަރު އެއްތަނެއްގައި މަޑުޖެހޭ ގޮތެއްނުވިއެވެ. އެކަމާއިމެދު ހިތުގައި ޝަކުވާ ވެސް އުފެދުނެވެ. އެ ޝަކުވާއަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އޭނަ އެފަދަ އިޙްސާސްތަކާއެކީ ހިބާއަށް ބެލުމަކީ ޝަހީދުބެ ނުރުހުންވާނެކަމެއް ކަން ދަނެގެންނެވެ. ހިބާ އޭނައާއި ދުރުވެދާނެހެން ޝަހީދުބެ ނަންގަންނަން އުޅުނު ވަގުތު ހިބާ ސީދާވެލަމުން އޭނައާއި ދުރުވެލިއެވެ.
“އައި ތިންކް އައި ނޯ ހައު ޓު ހެލްޕް ޔޫ….އަހަންނާ އެކީ އެކްސްޓްރާ ވޯކް ކުރަން ތައްޔާރުތަ؟” ހިބާ ހިނިތުންވުމަކާއިއެކީ އެހިއެވެ. އެހިނދު ދާރިސް އެއްފަހަރާ ހުރިހާ ނުތަވަސް އިޙްސާސެއްގެ މަތިން ހަނދާން ނެތިގެން ދިޔުމުން ހިނިތުންވުމަކާއެކީ ބޯޖަހައިލެވުނެވެ.
ހިބާ އެ ބުނި ‘އެކްސްޓްރާ ވޯކް’ އަކީ ކޮބައިކަން ދާރިސްއަށް އެނގޭ ގޮތްވީ އޭގެ އަނެއްދުވަހު މެންދުރު ޝަހީދުބެއާއިއެކީ އޭނަ ކާމޭޒުދޮށުގައި އިންދައެވެ. ހިބާ ބޮޑު ދޮލަނގެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓުމުން ޝަހީދުބެއާއިއެކީ ދާރިސްއަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. އެހިނދު މޭޒުމަތީގައި ހަނޑުލުން ފުރުވިފައި ހުރި ދޮލަނގު ފެނުނެވެ.
“ބައްޕާ….މިއުޅެނީ ދާރިސްއަށް ދިވެހި ލިޔަން ދަސްކޮށްދޭން. ދާރިސް ބައެއް އަކުރުތައް އަޅާއިރު ނުބައި ކޮޅުން ލިޔާކަން ވެސް ފާހަގަވި. އަހަރެން ވެސް ކުޑައިރު އެހެން ހެދީމެއްނު؟ ފަހުން ބައްޕަ ވޮށުފިލާގަ އަކުރުތައް އަޅުވަން ފެށީމަ ދަސްވީ. އަސްލު ހީވަނީ އިނގިލިން ފީލްކޮށްފަ އަކުރު އެޅީމަ ހަނދާންކުރަން ފަސޭހަވިހެން. ދާރިސްއަށް ވެސް ފަސޭހަވާނެ ކަންނޭނގެ ދޯ ބައްޕާ؟” ހިބާ ދާރިސްއާއި ޝަހީދަށް ނަޒަރު ހިންގަމުން ބުންޏެވެ.
“ތިއީ ވަރަށް ރަނގަޅު ޚިޔާލެއް ހިބާ! ބައްޕަވެސް ދާރިސްއަށްޓަކައި ތިކަހަލަ ކަމެއް ޚިޔާލުކޮށްގެން ހުއްޓާ ތި ވާހަކަ ތި ބުނީ….ދާރިސް، ހިބާއާއެކީ ލިޔަން ދަސްކުރަންވީއެއްނު؟ ހިބާގެ އައިޑިއާގެ މައްޗަށް އަމިއްލަ ބާރު ހިންގަން ބައްޕަ ވަކި ނެތިން…ހެހެ…” ޝަހީދު ބުންޏެވެ. އެހިނދު ހިބާއާއެކީ ދާރިސްއަށް ވެސް ހީލެވުނެވެ.
އެ ވެގެން ދިޔައީ ދާރިސްއާއި ގުޅޭނެ ފަދައަކުން ދާރިސްއަށް ދިވެހި އުނގަންނައި ދެވެން ފެށި ފުރަތަމަ ފަހަރަށެވެ. ހިބާ ކޮންމެ އަކުރެއް ދާރިސްއަށް ކިޔައިދެމުން ދިޔައީ ވަކިވަކިންނެވެ. ކޮންމެ އަކުރެއް އެންމެ ފުރަތަމަ ދޮލަނގުގައި އަޅަނީ ހިބާއެވެ. އެއަށްފަހު ދާރިސް ލައްވާ ދޮލަނގު ތެރޭގައި އެ އަކުރު ލިޔުއްވައެވެ. ދާރިސްއަށް ރަނގަޅަށް އެޅޭ ކޮންމެ ފަހަރަކު ހިބާ ‘ރަނގަޅު’ ނޫނީ ‘މޮޅު’ ފަދަ ބަސްތައް ބުނެއެވެ. ދާރިސްއަށް ނުބައި ކޮޅަކުން އަކުރު އެޅޭނަމަ ހިބާ ‘އުނހު’ ކިޔައި ދާރިސް ލިޔުނު ބައި ވެސް ފޮހެލައެވެ. އަދި ލިޔަންވީ ރަނގަޅު ގޮތް ދައްކަމުންދެއެވެ.
“ތާނަ އަކުރުގެ ކޮންމެ އަކުރެއް އެޅޭ ގޮތަށް މި ހުންނަ ހުރުން އަޅުގަނޑަށް ވަރަށް ކަމުދޭ. ކޮންމެ ލެޓާރއެއް އެޅުނީމަ ހަމައެކަނި ސްކްރީންގެ ކަނުން ހެޔޮ ފާހަގައެއް ފެނުމުގެ ބަދަލުގަ ތަރިއެއް ލުން ކިހިނެއްވާނެބާ؟ އެ ތަރި އަންނައިރު ކުޑަކުދިންގެ އަޑުން ‘ވަރަށް މޮޅު’ ކިޔާ ކަހަލަ އަޑެއް އަންނަ ގޮތަށް ހުރީމަ ވެސް ކުޑަކުދިންނަށް ކަމުދާނެ. އެ ޕްރެއިޒް ލެވެލް ކުރެވިދާނެ އަކުރު ޓްރޭސްކުރެވޭ މިންވަރަކުން….މީގެ އިތުރުން މިސާލަކަށް ކުއްޖަކު ނުބައި ކޮޅަކުން އަކުރު ލިޔަން ފަށައިފިއްޔާ އަދި ރަނގަޅުކުރަން ބުނާ ކަހަލަ ކޮމެންޓެއް ވެސް އެޑްކުރެވިދާނެ. އޯޓިޒަމްއާއި ލާރނިންގް ޑިފިކަލްޓީސް ހުންނަ ކުދިންނަށް އޭރުން ދަސްވެގެންދާނެ ރަނގަޅަށް އަކުރު އަޅަންވީ ގޮތް. ކީކޭތޯ ދަންނަވަނީ؟”
ހިބާ އެ ވާހަކަތައް ދެއްކިދެއްކިހެން އީތަންއަށް ހިނިތުންވުމެއްގައި އިނދެވުނީ މާޒީގެ ހަނދާންތައް އާވަމުން ދިޔައީތީވެއެވެ. 13 އަހަރު ވީއިރުވެސް މި ކުއްޖާއަށް މާ ބޮޑު ބަދަލެއް ނާދޭތާއޭ ހިތަށްއެރިއެވެ. އެއްވެސް މީހެއްގާތު ނުބުންޏަސް އީތަން މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ، ފުރަތަމަ ފަހަރަށް އޭނައަށް އެކަށޭނެ ގޮތަކަށް ދިވެހި ކިޔަވައިދެވުނު ތަޖުރިބާއަށް ބިނާކޮށެވެ. އެޕްލިކޭޝަން ހެދިއިރު ޚުދު އޭނައަށް ވެސް އެކަން އެހާ ބޮޑަށް އެނގުން ނުވިއެއްކަމަކު، އެޕްލިކޭޝަންގެ ފަހަތުގައިވާ މައިގަނޑު ޚިޔާލުތައް އޭނައަށް ލިބުނީ ކާކުގެ ފަރާތުންކަން މިއަދު އޭނައަށް އިޙްސާސް ކުރެވެއެވެ. ދެންމެ ހިބާ އެ ސިފަކުރި ކަންތަކަކީ ޚުދު އޭނަވެސް އެއަށް އިތުރުކުރަން ނިންމައިގެން ހުރި ކަންތަކެވެ. އެހެނަސް އެހެން ބުނަން އީތަން ބޭނުންނުވީ އޭނައަކީ ކާކުކަން ހިބާއަށް އެނގުމަށްވުރެ ބޮޑަށް ހިބާގެ ޚިޔާލުގެ އަގުހުރިކަން ހިބާއަށް އިޙްސާސް ކޮށްދިނުމަށެވެ. އެ ޚިޔާލަށް ތަޢުރީފުކުރަން އުޅުނު ވަގުތު އެއްޗެކޭ ބުނަން ނުކުޅެދުނީ، އޭނަ ދެންމެ އެ މާޒީގެ މަތިން ހަނދާންވެގެން ދިޔަ ފަދައިން، ހިބާ ވެސް އޭނަ މަތިން ހަނދާންވާނެބާވައޭ ހިތަށްއެރުމުންނެވެ. އެހެނަސް ހިބާ އެ ވާހަކަތައް ދައްކާއިރު ހަނދާން ހުރީ ހިބާގެ ދަރިވަރުންކަން އީތަންއަށް އެނގުންވީ، ދެންވެސް ވަކި ހުއްޓުމެއްނެތި ހިބާ ވާހަކަ ދެއްކުމުންނެވެ.
“އަދި އަޅުގަނޑަށް ފެންނަނީ ލެޓާރސްތައް ޓްރޭސްކުރާއިރު ވެސް 3 ލެވެލް އަކަށް ބަހައިލަން. ފުރަތަމަ ލެޓާރސް ފެނިގެން ދާނީ ބޮޑުކޮށް. އެ ލެވެލް ޕާސްވީމަ ދެން ހުންނަ ލެވެލްގަ ހަމަ އެ ލެޓާރ ތަންކޮޅެއް ކުޑަ ސައިޒެއްގަ. އޭރުން ކުދިންގެ މޮޓޯރ ސްކިލްސްވެސް ބިލްޑްވާނެހެން ހީވަނީ. ދެން އެއަށްފަހު ވޯޑްސްތައް ކިޔަމުން ލިޔަން ޕްރެކްޓިސްކުރާ ލެވެލްއެއް ބަހައްޓާނީ. ކީ ސްޓޭޖް 1 އަދި 2 އަށް މި އެޕްލިކޭޝަން ހަދާއިރު….އިސްލާމް ކަހަލަ މާއްދާއެއްގަ ހިމެނޭ ބަސްތައް ވެސް ލިޔުމަށް ޕްރެކްޓިސް ދެވިދާނެ. އޭރުން އިސްލާމް މާއްދާގެ ޖަވާބުތައް ލިޔަން ވެސް ދިވެހި ލިޔަން އުދަގޫވާ ކުދިންނަށް ފަސޭހަވެގެންދާނެ.”
އެ ބަސްތައް އިވިފައި އެ ވާހަކަ ދައްކަނީ އޭނަގެ އެކުވެރި ހިބާ ނޫންކަން އީތަންއަށް އެނގުންވިއެވެ. އެ ވާހަކަ ދައްކަނީ އަމިއްލަ ދަރިވަރުންދެކެ ލޯބިވާ ‘ހިބާ މިސް’ އެވެ. ކުޑަކުދިން އެ ނަމުން ހިބާއަށް ގޮވައި ހިބާގެ ވަށައިގެންވާތަން ޚިޔާލަށް ގެނެވުމުން ވެސް އީތަންއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ހިބާ ވަދެގެން މިއުޅެނީ ހިބާއާއި އެންމެ ގުޅޭ ދާއިރާއަށްކަމަށް ހިތާހިތުން ކިޔަމުން އީތަން ވާހަކަ ދެއްކިއެވެ.
“ވަރަށް ރަނގަޅު ޚިޔާލެއް ހިބާ ތި ދެއްވީ. އިސްލާމް މާއްދާގެ މުހިއްމު ބަސްތައް ކުދިންނަށް އެނގެންޖެހޭނެ. އެ ބަސް އަޅައި ނިމުނީމަ ބަހުގެ މާނަ ކިޔައިދޭ ގޮތެއްވެސް ހެދުން ރަނގަޅުވާނެ ދެއްތޯ؟ އަދި އެ ބަހާއި މެދު އިތުރު މަޢުލޫމާތު ލިބޭނެފަދަ ލިންކްތަކެއް ވެސް ހިމެނިދާނެ. އޭރުން އެކުދިން ދީނަށް އިތުރަށް ޝައުޤުވެރިވާނެހެން ހީވަނީ، ދެއްތޯ؟”
އީތަން އެހެން ބުނެލީ ދެންވެސް މާޒީގައި ހިބާ އޭނައަށް އިސްލާމް މާއްދާ ފަސޭހަކޮށްދޭން ކޮށްދީފައިވާ ބައެއް ކަންތައް ހަނދާންކުރަމުންނެވެ. ބައެއް ކަންތައް އިތުރުކޮށްލީ ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ޚިޔާލު ހިބާއަށް ކަމުދާނެކަމަށް އުއްމީދު ކުރަމުންނެވެ.
އީތަންއަށް ރޭކާނުލީ ހިބާއަށް އެ ޚިޔާލު ކަމުދިޔަ މިންވަރެވެ. އަދި ކަމުދިޔުމުގެ ސަބަބުން ހިބާއަށް ކުރި އަސަރެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ހިބާއަށް މޭޒުމަތީގައި ބޯއަޅައިނުލެވުނީ ކިރިޔާއެވެ. މި ޤައުމުން ފައިބަން ޖެހޭ ދުވަހު ވެސް ބީރައްޓެހިއެއްގެ މަތިން ހަނދާން ނުނެތި ހުރެދާނެ ކަމުގެ ނުތަނަވަސްކަމުން އޭނަގެ ހިތް ވަށައިލެވިގެން ދިޔައެވެ. ބައްދަލުވުން ދިގުވެގެން ދިޔަނަމަ ހިބާ އިތުރަށް ވާހަކަ ދައްކަން ނުކުޅެދިފައިވިކަން އީތަންއަށް ފާހަގަ ކުރެވުނީހެވެ.
ބައްދަލުވުން ނިންމުމަށްފަހު ހިނދުކޮޅަކަށް ނަމަވެސް ހިބާ އޭނަގެ އެކުވެރިންނާއިއެކީ ރޭލުގައި ގެއަށްދާން ބޭނުންވިއެވެ. އެހެނަސް އޮފީހުން ނިކުތް ވަގުތު އޭނަ އޮފީހަށް ގެނެވުނު އަޅިކުލައިގެ ކާރު ލަސްލަހުން އައިސް އޭނަގެ ކުރިމަތީގައި މަޑުކޮށްލެވިގެން ދިޔުމުން އޭނަގެ މަޤާމް ހިބާ ހަނދާންވެގެން ދިޔައެވެ. މައިކަލް ކުޑަދޮރު ތިރިކޮށްލަމުން ‘މެޑަމް ހިބާ’ އަވަހަށް ހިނގާށޭ ބުނެލުމުން ހިބާގެ ކައިރީގައި ދެން ތިބި މުދައްރިސުން ޒާތެއްގެ ހިނިތުންވުންތައް ދައްކަން ފެށުމުން ހިބާ ލަދުވެސް ގަންނަ ގޮތްވިއެވެ. ހިބާ އަވަސްއަވަހަށް ދޮރު ހުޅުވައިލަމުން ކާރަށް އެރީ އެ ލަދުން ސަލާމަތްވުމަށެވެ.
ކާރަށް އެރިއިރު ހިބާ ހީކޮށްގެން ހުރި ގޮތާއި ޚިލާފަށް ފަރީދުބެ ފެންނަން ނެތުމުން ހިބާގެ ދެބުމަ ކައިރިވިއެވެ.
“އަޅުގަނޑުގެ ބޮޑުބޭބެ ކޮބައިތޯ؟” ހިބާއަށް އިނގިރޭސި ބަހުން އަހައިލެވުނެވެ.
“ހިބާގެ ބޮޑުބޭބެ ބުނެގެން އަޅުގަނޑު ބޮޑުބޭބެ ގެންދިޔައީ ކޮންމެވެސް ކެފޭއަކަށް. ކޮންމެވެސް މީހަކާއި ބައްދަލުކުރަން ދިޔަހެން ހީވަނީ. އަޅުގަނޑު އެތާ ބޭރުގަ މަޑުކޮށްގެން އޮތްވާ މީޓިންގް ނިމެން ކައިރިވި ވާހަކަ އީތަން ސާރ މެސެޖަކުން އެންގީމަ މި އައީ. ގާތްގަނޑަކަށް މި ހިސާބާއި 5 ވަރަކަށް މިނިޓްސް ދުރުގަ ހުރި ކެފޭއެއް އެއީ. އެތަނަށްތޯ ހިބާ ގެންދަންވީ؟” މައިކަލް ސުވާލުކުރިއެވެ.
“މަޑުކޮށްދެއްވައްޗޭ!” ހިބާ އެހެން ބުނެލީ ފަރީދުބެގެ ނަންބަރަށް ގުޅަމުންނެވެ. ދެ ރިންގަކަށްފަހު ފޯނު ބިޒީވެގެން ދިޔުމުން ހިބާއަށް ކަންފަތުން ފޯނު ނަގައިލަމުން ސްކްރީނަށް ބަލައިލެވުނެވެ. ހަމަ އެހިނދު ފަރީދުބެގެ މެސެޖެއް އޮތެވެ. މެސެޖުގައި އޮތީ ހިބާ ގެއަށް ދިޔުމަށެވެ. ފަރީދުބެ ފަހުން އަންނާނެ ކަމަށެވެ.
އެ މެސެޖު ފެނިފައި ހިބާގެ ހިތް މޭތެރޭގައި ގެނބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ. ފަރީދުބެ އޭނައާއިމެދު ފަރުވާކުޑަ ކުރާތީވެއެވެ. ނުދަންނަ ޤައުމެއްގައި އެފަދައިން ފަރީދުބެ އޭނައާއިމެދު ކަންތައް ކުރާތީވެއެވެ. ބޭބެއަށް ވެގެން އުޅެނީ ކިހިނެއްތޯ ހިތަށްއެރިއެވެ. މީގެ ކުރިން ބޭބެ މިފަދައިން ކަންތައް ކޮށްފައި ނުވާތީވެއެވެ.
ޚިޔާލުތަކުގައި ހުރެފައި ދެންވެސް އޭނަގެ ޖަވާބެއްގެ އިންތިޒާރުގައި ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިން މައިކަލް ފެނިފައި، ބޮޑުބޭބެއަށްވުރެ މި މީހާވެސް އޭނައަށް ފަރުވާތެރި ވާނެއޭ ހިތަށްއެރިއެވެ. ހަމަ އެހިނދު ގެއަށް ގެންގޮސްދޭށޭ ބުނެލެވުނެވެ. އެއާއިއެކު މައިކަލް އެންމެ ރަނގަޅޭ ބުނެ ކާރު ދުއްވައިލިއެވެ.
**
އެދުވަހު ސްކޫލުން ގެއަށް ގޮސް ތާޒާވެލުމަށްފަހު ހަމްނާއަށް އޭނަގެ ފިލާވަޅުތައް ހެދުމުގެ ކުރިން އެއްކަލަ ތަފްސީރު ފޮތާއިއެކީ އެނދުގައި އިށީނދެވުނީ، އެއަށްޓަކައި ހިތުގައި އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ފޮތުގެ ބޭރުގަނޑު ހުޅުވައިލި ވަގުތު އަނެއްކާވެސް އެއްކަލަ ފެހި ކުލައިގެ ގަނޑުކޮޅު ފެނިފައި ހަމްނާއަށް ހިނިތުންވެލެވުނެވެ. ފިރިހެން ކުއްޖަކާއި ބަލައި ނަބީހްގެ ހުންނަނީ ވެސް ރީތި ލިޔުމެއްތާއޭ އެވަގުތު ހިތަށްއެރިއެވެ.
“ނާރޑް!” އަމިއްލަ އަމިއްލައަށް ކިޔައިލަމުން ހަމްނާ އެ ތަފްސީރު ފޮތުގެ ގަނޑުތައް ހިއްލަން ފެށިއެވެ. ހަމަ އެއާއިއެކު ޤުރުއާނާއިމެދު އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ހަނދާންވުމުން ސީރިއަސް ވެލެވުނެވެ. އެކަމާއިމެދު ހިތުގައި އުފެދިފައިވި ޝައުޤުވެރިކަމާއިމެދު ޚުދު ހަމްނާ ވެސް ޙައިރާންވާހާވިއެވެ. މިއީ އެދުވަހު ޤުރުއާނުގެ އެ އާޔަތުން އޭނަގެ ހިތަށް ކުރި އަސަރުތޯ ސިކުނޑި ސުވާލުކުރި ވަގުތު ގައިން ހީބިހި ނެގިއެވެ.
ކޮންމެ ގޮތެއްވިޔަސް ހިބާ އެ ފޮތަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ތަފްސީރު އިބްނު ކަޘީރުގެ އިނގިރޭސި ތަރުޖަމާއެކެވެ. ކޮންމެ އާޔަތަކަށްފަހު އެ އާޔަތާއި ގުޅޭ ގޮތުން ރަސޫލާ (ޞ.ޢ.ވ) ގެ ޙަދީޘްފުޅު ތަކާއި ޞަޙާބީ ބޭކަލުންގެ ބަސްފުޅުތައް ލިޔެވިފައިވިއެވެ.
ތަރުޖަމާ ކިޔަން ފެށިއިރު ނުހަނު ބޮޑެތި އިނގިރޭސި ބަސްތައް ފެންނަން ފެށުމުން ކިޔާ ގިނަ އެއްޗެހި ދޭހަކުރަން ވެސް ދަތިވާނެކަމަށް ހަމްނާ ހީކުރިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ސޫރަތުލް ފާތިޙާގެ ތަފްސީރު ކިޔަން ފެށިތާ މާ ގިނައިރެއްނުވެ ހަމްނާ އެ ބަސްތަކުގެ ތެރެއަށް ގެއްލުނެވެ. ހުރިހާ ތަޢުރީފަކާއި ޝުކުރެއް ﷲ އަށް ޙައްޤުވަނީ ކީއްވެގެންކަން އޭނައަށް ސާފުވެގެން ދިޔައެވެ. އެ ހުރިހާ ދުވަސް ވަންދެން އިސްލާމް ފޮތްތަކުން ފެނިގެން ދިޔަ ‘ރަޙްމާންވަންތަ ރަޙީމްވަންތަ’ ރަސްކަލާނގެ ގެ މާނަ އެނގިގެން ދިޔައެވެ. އެ ބަސްތައް ކިޔަމުން ދިޔައިރު ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ލޮލުން ދިލަ ނެގިއެވެ. އޭނަ ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތަކީ ﷲ ކަމަށް ލިޔެވިފައި އޮތް ބަސްތައް ޤަބޫލުކުރަން ހަމްނާއަށް މަޖުބޫރު ކުރާނެ މީހެއް ނެތެވެ. އެހެނަސް އެ ބަސްތައް އޭނައަށް ޤަބޫލުކުރެވުނީ އެއީ ކުރީއްސުރެ ވެސް އޭނަގެ ހިތަށް އެނގޭ ޙަޤީޤަތެއް ފަދައިންނެވެ.
ހަމްނާގެ ލޯ ކަރުނައިން ފުސްވާން ފެށީ ސީދާވެގެންވާ މަގަށް ހިދާޔަތް ދެއްކެވުމަށް އެދިފައިވި އާޔަތާއި ހަމަވުމުންނެވެ. އިޚްލާޞްތެރި ހިތަކާއިއެކީ ﷲ ގެ ޙަޟްރަތުން ހިދާޔަތަށް އެދިއްޖެ އަޅަކަށް ﷲ ހިދާޔަތް ދައްކަވާނެ ކަމީ ޔަޤީންކަމެއް ކަމަށް ލިޔެވިފައިވި ބަސްތައް ފެނިފައި އެ ލޮލުން ކަރުނަތައް ފައިބައިގެން އައި ގޮތުން ޚުދު ހަމްނާ ވެސް އަޖައިބުވާހާވިއެވެ. އެއީ ކޮންކަހަލަ ހިދާޔަތެއްކަން ވެސް ނޭނގުނެއްކަމަކު ހަމްނާއަށް ގިސްލެވުނެވެ. އެ ހިދާޔަތަށްޓަކައި އޭނަގެ ހިތް ފެންބުވައިގެންފައިވާ ފަދައަކުންނެވެ.
ނުނިމޭ
Jana
August 25, 2021 @ 2:00 pm
Assalaam’alaikum. Next part Saturday ga In Sha Allah. Hurihaa kiyuntheringe haalu ves rangalhu kamah ummeedhu kuran ^_^ Much love. Stay safe! <3 <3 <3
unknown
December 29, 2021 @ 4:18 am
thafseer ibn kaseer ge dhivehi tharujamaa oveytho
Aayaa
August 25, 2021 @ 3:08 pm
So curious Ma sha Allah..
Aalaa
August 28, 2021 @ 9:06 am
Curiosity killed the cat u know aayaa 😂
Jana
August 28, 2021 @ 9:24 am
Haha! Curiosity nimumakah naannaane ingey vaahaka nunimenys 😀 Let’s hope we all survive till the end unlike the cat dho Aala? 😉 <3
Mish
August 28, 2021 @ 9:08 am
Vaahaka v reethi maasha allah sis
Loved it Hamna ge part ❤❤❤❤
Ekamu Bet kurumakee goas kameh kamah alhugandu kiyevi fothugai onnanee sis
Jana
August 28, 2021 @ 9:27 am
Jazaakillah Khairan faahaga kolladhinythy sis. Aslu Jana ethankolhu genaee ey teenagers ge language hunna goiy dho? heevaa heevumakah ehchekey buneema ves ehen bunefaane. mihaaru edit kollaafa hunnaany ethankolhu.
Alhamdhulillah! Adhi Hamna ge bai ge reethikan ves othy kuriah. Jazaakillah Khairan for the support! <3