ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ތިންވަނަ ބައި)
ރަސްގެފާނަށް ‘ކުރުނީސް ސަލާމް’ ކުރާށެވެ! އަދި މި ބައްދަލުވުމަށް ހުރަސް އަޅަން އުޅޭ ފަރާތް ބޭރުކުރާށެވެ!
اللّه أَكْبَر ކިޔުމަށްފަހު ތިބާއަށް މިހާރު މިވަނީ ރަސްމީކޮށް ނަމާދުގެ ތެރެއަށް ވަދެވިފައެވެ. ސަޖިދަ ކުރާ ތަނާއި ދިމާލަށް ތިބާގެ ބެލުން ތިރި ކުރެވިފައިވެއެވެ. އަދި ތިބާގެ ކަނާތް އަތް ވާތު އަތްމަތީގައި ބޭއްވިފައިވާއިރު ދެއަތް މެއާއި ކައިރީގައި ޖެއްސިފައިވެއެވެ. މިއީ ކީއްވެ ހެއްޔެވެ؟
ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ ޝާހީ ގަނޑުވަރެއްގެ ތެރެއަށް ވަދެގެންދާއިރު ދެ ފަރާތުގައި މީހުން ހުއްޓިގެން ތިބޭ މަންޒަރު ތިބާއަށް ފެންނާނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ނުހަނު ހައިބަތާއިއެކީ ތިބާއަށް ބަލަހައްޓައިގެން އެމީހުންގެ އަތް ދެ ފަރާތަށް ދޫކޮށްލައިގެން ތިބޭނެއެވެ. އެހެނަސް އަނެއްބައި މީހުން ތިބޭނީ އެމީހުންގެ ނަޒަރުތައް ތިރިކޮށް އެމީހުންގެ އަތް މެއާއި ދިމާލުގައި ޖައްސައިގެންނެވެ. ހަމައެކަނި އެމީހުން ކޮޅަށް ތިބޭ ގޮތުންވެސް، ޝާހީ މީހުންނާއި، އެ ޝާހީ ގަނޑުވަރުގައި އުޅޭ ނޯކަރުންގެ ތަފާތު ތިބާއަށް ފާހަގަ ކުރެވޭނެ ނޫންތޯއެވެ؟
އަޅުންގެ ގޮތުގައި، އަޅުގަނޑުމެންގެ ވެރި ރައްބުގެ ކުރިފުޅުމަތީގައި ތިބޭއިރު ހިތްތިރި ގޮތެއްގައި ތިބުން ނޫނީ އެންމެ ރަނގަޅެއް ނޫނެވެ. އަޅުގަނޑުމެންނަކީ އެކަލާނގެ ޙަޟްރަތުގައި ކޮން ބައެއްކަން ހަނދާންވުމަކީ ވެސް ހިތްތިރި ކުރުވާ ކަމެކެވެ. އެހެނަސް ހަނދާންކުރަމާ ހިނގާށެވެ. ﷲ ހަނދުމަކޮށް އަޅުގަނޑުމެން ހިތްތިރިވުމުގެ ސަބަބުން އިތުރު ޤަދަރެއް ނޫނީ އަޅުގަނޑުމެންނަށް ނުލިބޭނެއެވެ. އެހެނީ އެއީ އިންސާނުންގެ ކުރިމަތީގައި ބަލިކަށިވުމުން އަޅުގަނޑުމެން ރައްކާތެރި ކޮށްދޭ ހިތްތިރި ކަމެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ. “ﷲ ގެ ޙަޟްރަތުގައި ހިތްތިރި ކުރާ މީހާގެ ޤަދަރު އުފުލިގެން ދެއެވެ!”
މިވަގުތުކޮޅުގައި ދެން ކުރަން އެންމެ މޮޅު އިތުރު ކަމަކީ ރަސްގެފާނަށް ‘ކުރުނީސް ސަލާމްކުރުމެވެ.’
“ޔާ ﷲ! އިބަރަސްކަލާނގެ ގެ ހުސްޠާހިރު ވަންތަކަމާއެވެ. އަދި ހުރިހާ ޙަމްދެއް ޙައްޤުވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެ ގެ ނަންފުޅުގައި ބަރަކާތް ލެއްވިގެންވެއެވެ. އަދި އިބަރަސްކަލާނގެ ގެ މަޤާމް މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވެއެވެ.”
މިއީ ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ދުޢާއުލް އިފްތިތާޙު (ހަޝަމް ބަނުމަށްފަހު ނަމާދު ފަށަން ކިޔާ ދުޢާތަކުގެ) ތެރެއިން އެއް އިފްތިތާޙެއްގެ މާނައެވެ. (އިތުރު ތަފްޞީލަށް ތިރީގައިވާ ކޮމެންޓް ބައްލަވާ) މީގެއިން ކޮންމެ ދުޢާއެއްގެ ފަހަތުގައި ވެސް ވަކި ޚާއްޞަކަމެއް އެކުލެވިގެންވެއެވެ. ކޮންމެ ނަމާދެއްގައި ދުޢާއުލް އިފްތިތާޙުތައް ތަފާތު ކުރުމުން ނަމާދުގެ މި ބަރަކާތްތެރި ވަގުތުކޮޅުގައި އަޅުގަނޑުމެންނަށް ދެވޭ ސަމާލުކަން އިތުރުވާނެއެވެ. (އިން ޝާ ﷲ)
ބައްދަލުވުމަށް ހުރަސް އަޅަން އުޅޭ ފަރާތް ބޭރުކުރާށެވެ!
ﷲ ގެ ޔަދު ޤުދުރަތްޕުޅުގައި ތިބާ ކޮޅަށް ހުންނައިރު މި ބަރަކާތްތެރި ވަގުތުކޮޅުގައި، އަދި މި ބޮޑުވެގެންވާ ބައްދަލުވުމުގައި ޝައިޠާނާއަށްވުރެ ބޮޑަށް ތިބާއަށް ޙަސަދަވެރިވާ ފަރާތެއް ނުހުންނާނެއެވެ. ޝައިޠާނާގެ ޢަޒުމަކީ، ތިބާ އެންމެ ލޯބިވާ ފަރާތާއި އެކީ ހޭދަކުރެވޭ މި ފޮނި ވަގުތުކޮޅުތަކުން ވައްކަން ކުރުމެވެ. އަދި އޭގެ އަޖުރުން ވެސް ވައްކަން ކުރުމެވެ. އޭރުން ތިބާގެ ނަމާދު ނިމުނަސް ތިބާގެ ނަމާދުން ޤަބޫލުވެގެންވާނީ ހަމައެކަނި އޭގެ 3 ބައިކުޅަ އެއްބައެވެ. ނޫނީ 5 ބައިކުޅަ އެއްބައެވެ. ނޫނީ 9 ބައިކުޅަ އެއްބައެވެ. ނޫނީ 10 ބައިކުޅަ އެއްބައެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީއެވެ. ތިބާގެ ނަމާދުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާނީ ހަމައެކަނި ތިބާއަށް އެ ނަމާދުގައި ސަމާލުކަން ދެވުނު ބައިތަކެވެ. (ޤިޔާމަތް ދުވަހު 90 އަހަރުގެ ނަމާދާއި އެކީ މީހަކު އައިސްދާނެއެވެ. އެހެނަސް އެމީހެއްގެ ހިތް ކުދިކުދި ކުރުވާ ފަދައަކުން ޙައިރާންކަމެއް ލިބިގެންދާނީ، އެމީހެއްގެ ނަމާއިއެކީ އެންމެ 6 އަހަރުގެ ނަމާދު ލިޔެވިފައިވާތަން ފެނުމުންނެވެ. ނޫނީ 5 އަހަރުގެ ނަމާދެވެ. ނޫނީ 4 އަހަރުގެ ނަމާދެވެ.)
ނަމާދުގައި އަޅުގަނޑުމެން ޚިޔާލުތައް އެކި ދިމަދިމާލަށް ދަނީ ޝައިޠާނާގެ ސަބަބުންނެވެ. ތިބާ ނަމާދަށް ހުންނައިރު ދުނިޔަވީ ހުރިހާ ޚިޔާލުތަކާއި މައްސަލަތަކާއި ދަތި ޙާލަތްތައް ތިބާގެ ސިކުނޑިއަށް ވެރިވާކަން ފާހަގަ ނުވޭ ހެއްޔެވެ؟ އެތައް ދުވަހެއް ވަންދެން ނޫނީ މަސްތަކެއް ވަންދެން ގެއްލިގެން އުޅޭ އެއްޗެއްގެ މަތިން ހަނދާންވެ އެ އެއްޗެއް ފެނުނު ޙާލަތްތައް ވެސް ދިމާ ނުވޭ ހެއްޔެވެ؟ މުސައްލަ މަތިން ފެންނަމުންދާ ބައްޓަންތައް ވެސް ތިބާ ނުހަނު ޝައުޤުވެރިވާފަދަ ވާހަކަތައް ކިޔައިދޭން ފަށާ ފަދައެވެ! ތިބާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ތިބާ ޖެހޭނީ ޝައިޠާނާއާއި ދެކޮޅަށް ހަނގުރާމަކޮށް ނަމާދަށް ސަމާލުކަން ދޭށެވެ. އެހެނަސް އޭނަ އަނބުރާ އާދެއެވެ. ތިބާ އަނެއްކާވެސް ޝައިޠާނާ ފައްސާލަމުއެވެ. އެހެނަސް ތިބާ ފަހާފަހާ ދުރުނުވާނެ މެއްސެއް ފަދައިން ޝައިޠާނާ އަނބުރާ އާދެއެވެ.
އަޅުގަނޑުމެންގެ މި ބަލިކަށިކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން އެހީއަށް އެދޭނީ އަޅުގަނޑުމެންގެ ލޯބިވާ ފަރާތުގެ ޙަޟްރަތުންނެވެ. އެކަލާނގެ ހެއްދެވި ޚަލްޤެއްގެ ނުބައިކަމުން ރައްކާތެރިކަން ހޯދާނީ އެކަލާނގެ ޙަޟްރަތުންނެވެ. އެކަލާނގެ ނަންފުޅުގައި ބަރަކާތްވެއެވެ. އެކަލާނގެ ނަންފުޅުން އެންމެހާ ގެއްލުމަކުން ރައްކާތެރިކަން ލިބިގެންދެއެވެ. އެހެންކަމުން ނަމާދު ކުރިއަށް ގެންދިޔުމުގެ ކުރިން އަޅުގަނޑުމެން ރަސްމީކޮށް ހިތްވަރާއިއެކީ ކިޔަމުއެވެ.
أَعُوذُ بِللّهِ مِنَ الشَّيْطَانِ الرَّجِيم
“ލަޢުނަތް ލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.”
މި ބަސްތައް ކިޔާއިރު މި ބަސްތަކުގެ މާނަ އިޙްސާސް ކުރާށެވެ!
ނުނިމޭ
Jana
September 10, 2021 @ 8:23 am
Salatmv application ge dhuaaul ifthithaahuge baigai baeh ifthithaahu thakaai eyge maana fennan hunnaane eve. Mi dhua thakuge maana engigen namaadhugai dua thah kiyumun ves samaalukan dheyn faseyha vaane eve. In Sha Allah!