ދާރިސް (ނަވަތިރީސްވަނަ ބައި)
“އުސް އެއްޗެއް ލައިގެން ދުވަން އުދަގޫވާނެދޯ؟ އެކަމަކު ހުސް ފަޔާވެސް ނުދެވޭނެތާ….ހޮޓެލް ރޫމުގަ ހުރި ކަންނޭނގެދޯ ސްލިޕާރސްއެއް؟ ނަގައިގެން އަންނާނަން އިނގޭ؟” ހިބާ އެހެން ބުނެފައި ދާން އުޅުނު ވަގުތު ދާރިސް ހިބާގެ އަތުގައި ހިފައި އޭނަގެ ކައިރިއަށް ގެނައެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ހިބާ އޭނަގެ އަތްދަނޑިމައްޗަށް އުފުލައިލި ހިނދު ހިބާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“މި ގޮތް އެންމެ ރަނގަޅުތަ؟” ދާރިސް ހިބާގެ މޫނަށް ބަލަން ހުރެ ސުވާލުކުރިއެވެ.
“ހުމް….ހުވަފެންތަކަށްވުރެ ވެސް ސަޅިކޮށް މިދަނީ.” ހިބާއަށް އެހެން ބުނެލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
އެ ހީލުމާއެކީ ދާރިސް ހިބާ އުފުއްލައިގެން އާދައިގެ ހިނގުމެއްގައި ދިޔައީ ހޮޓެލުގެ ލިފްޓަށެވެ. ދެމީހުންގެ ނަސީބު ރަނގަޅުކަމުން އެވަގުތު ލިފްޓުގައި އެކަކުވެސް ނެތެވެ. ލިފްޓަށް އެރުމަށްފަހު ދާރިސް އޮބައިލީ ގްރައުންޑް ފްލޯގެ ފިތަށެވެ. އެހެންކަމުން 19 ވަނަ ފަންގިފިލާގައި ތިބި އެމީހުން ދަންނަ އެއްވެސް ބަޔަކަށް ފެނުމެއްނެތި ދެމީހުންނަށް ފަސޭހަކަމާއިއެކީ ޢިމާރާތުގެ އެންމެ ތިރީ ބަޔަށް ދެވުނެވެ.
އެ ވާހަކަ ދެމީހުން ދައްކަމުން ދަނިކޮށް ހިބާއަށް ހޮޓެލުގެ އެއްފަރާތެއްގައި ފޯނު ކަންފަތުގައި ޖައްސައިގެން ހުރި މައިކަލް ފެނުނެވެ. ހިބާ ދާރިސްގާތު އެ ވާހަކަ ބުނުމާއިއެކު ދާރިސް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އަދި ހޮޓެލުގެ ދޮރާއި ހަމަވުމުން ކުޑަކޮށް ދުވެލުމަށްފަހު ހޮޓެލުން ނިކުމެ ފިޔަވަޅުތައް މަޑުނުކޮށް ކާރާއި ހަމައަށް ގޮސް ހިބާ އޭނަގެ ކަޅުކުލައިގެ ކާރުގެ ކުރީ ސީޓުގައި ބޭންދިއެވެ. އެއަށްފަހު އަމިއްލައަށް ވެސް ކާރުގެ ވަށައިގެން ގޮސް ޑްރައިވާރސް ސީޓަށް އަރައި ދޮރު ލެއްޕިއެވެ.
“ފެނުނުބާ އޭނައަށް؟” ދާރިސް ކާރު ސްޓާޓްކޮށްލީ ވަގުތު ހިބާ އަވަސްވެފައިވި ހިތަކާއިއެކީ ހެވިފައި އިނދެ ފަހަތް ބަލަމުން އެހިއެވެ.
“ނުފެންނާނެ….ފެނުނަސް މައިކަލް ވަރަށް އެހެން މީހުންގެ ކަންތަކާ ނުބެހޭނެ. ވަކިން ޚާއްޞަކޮށް މައިކަލްގެ ބޮސްގެ ކަންތަކާ….”
“ހޫނ…..ޝަބީދައްތަ ކޮންނަން ފަށައިފިއްޔާ މައިކަލްއަށް ވެސް ނުބުނެ ހުރެވޭނެހެން ހިއެއްނުވޭ…އެނީވޭސް، ދިސް އިޒް ވެރީ ތްރިލިންގް ހަމަ އަސްލުވެސް. އަނެއްކާވެސް ޓީނޭޖް ދުވަސްވަރަށް އަނބުރައި ދެވުނީހެން ހީވަނީ. މިއިން ދުވަހަކުވެސް .އެކްސައިޓްވެގެން ހިތުގެ ތެޅުން އަވަސްވި ދުވަހެއް ހަނދާނެއް ނެތް…ހެހެ…”
“އެންޑް ދިސް އިޒް ޖަސްޓް ދަ ބިގިނިންގް އިނގޭ؟” ދާރިސް ޕާރކިންގް އޭރިއާއިން ކާރު ނެރެ، ގިޔަރު ބަދަލުކުރި ހިނދު ހިބާއަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. އެއާއިއެކު ހިބާ ޖޯޝާއިއެކީ ކުރިމައްޗަށް ބަލައި ‘ޔެސް’ އޭ ކިޔައިލުމުން، ދާރިސް ލުއި ހީލުމަކާއިއެކީ ކާރު ދުއްވައިލިއެވެ.
ކާރުގެ ތެރެއިން ދެމީހުންގެ ދެމެދުގައި އެތަކެއް ވާހަކައެއް ދެކެވުނެވެ. ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކާއި ގުޅޭ އިތުރު ތަފްޞީލުތަކާއިއެކީ ދާރިސް އޭނަ ކުޑައިރުގެ ދުވަސްތައް ސްވިޓްޒަލޭންޑުގައި ހޭދަކުރި ގޮތް ވެސް ހިބާއަށް ކިޔައިދިނެވެ. ވާހަކައިގެ ވަކި ހިސާބަކުން މެދުކެނޑުމެއް އައީ ދާރިސްގެ ފޯނު ރިންގުވާން ފެށި އަޑު މުޅި ކާރު ތެރެއިން އިވެން ފެށުމުންނެވެ. އެހިނދު ޑޭޝްބޯޑުން ޝަބީދައްތަގެ ނަން ފެނިފައި ދެމީހުންގެ ވެސް ލޯ ބޮޑުވި ހިނދު އެ ދެ މޫނުމަތިން ހިނިތުންވުންތައް ވެސް ފެނިގެން ދިޔައެވެ.
“ކޮބާ ބުނީމެއްނު ޝަބީދައްތަ ކޮނެގެން ހޯދަފާނެއޭ؟” ހިބާ ހެވިފައި އިނދެ ބުންޏެވެ.
“އަގް! ފޯނު ނަގާ ކަހަލަ މޫޑެއްގައެއް ނޫން މިހިރީ….ޑު ނޮޓް ޑިސްޓާބްއަށް ލާންވީ. އޯރ ބެޓާރ ޔެޓް، ނިވާލަމާ!” ދާރިސް އެހެން ބުނެ ކޯލް އެންޑްކޮށް އެތާ ސްޓޭންޑުގައި ބެހެއްޓިފައި ހުރި އޭނަގެ ފޯނު ނިވައިލިއެވެ. އޭގެ މާ ގިނައިރެއްނުވެ ހިބާގެ ފޯނު ވެސް ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ފެނިގެން ދިޔަ ޝަބީދައްތަގެ ނަމާއި އެކީ ހިބާ ދާރިސްއަށް ފޯނު ދައްކައިލިއެވެ. ދާރިސް ފުން ނޭވައެއް ދޫކޮށްލަމުން ބޯހޫރުވައިލިއެވެ. ދާރިސްގެ އެ ޙަރަކާތުން ހިބާ ލުއި ގޮތަކަށް ހީލުމަށްފަހު ފޯނު ކަނޑައިލަން އުޅުނެވެ. އެހެނަސް….
“ނަގަންވީ ކަންނޭނގެދޯ؟ ބޮޑުކަމެއް ދިމާވެގެން އުޅެންޏާޔޯ؟” ހިބާ ހިސާބެއްގެ ހާސްކަމެއް ވެރިވި ސިކުނޑިއާއިއެކީ އެހެން ހެދި ހިނދު ޝަބީދައްތަގެ ފޯނު ކެނޑިގެން ދިޔައެވެ.
“މާ ބޮޑަށް ނުވިސްނާ ހިބާ….ފޯ ވަންސް އިން ލައިފް، ހިތްހަމަޖައްސާލާ…” ދާރިސް ނަސޭޙަތްތެރިވިއެވެ. ހަމަ އެވަގުތު ހިބާގެ ފޯނަށް ޝަބީދައްތަގެ މެސެޖެއް އައެވެ. ހިބާ ހުރީ ކޮންތާކު ކަމާއި ހިބާ ހުރީ ދާރިސްއާއި އެކީތޯ ސުވާލުކޮށްފައިވިއެވެ. ހިބާ ވަގުތު އެ ސުވާލުތަކަށް ޖަވާބު ލިޔެ ރިޕްލައިއެއް ފޮނުވިއެވެ. އޭގެ ޖަވާބަކަށް ޝަބީދައްތަ އޯކޭ އޭ ލިޔެ ޙަމްދުގެ ބަސްތައް ފޮނުވި ގޮތުން ވެސް ހިބާއަށް އަނެއްކާވެސް ގޯސްކޮށް ވިސްނެން އުޅުނެވެ. އެމީހުން އައިފަހުން ހޮޓެލުގައި ކަމެއްވީތޯ ސިކުނޑި ސުވާލު ކުރި ހިނދު އަނެއްކާވެސް ނުތަނަވަސްކަމުން ހިތް ފުރެން ފެށިއެވެ. އެއާއިއެކު ހިބާއަށް ވާހަކަ ދެކެވުނެވެ.
“ޔޫ އާރ ރައިޓް! އައި އޯވާރތިންކް…..މި ވަގުތުކޮޅުން ފަށައިގެން އެއްގޮތަކަށް ވެސް ނުވިސްނަން މި ނިންމަނީ. އެހެންވީމަ މޮޔަ ކަމެއް ކުރެވުނަސް ޕްލީޒް ޑޯންޓް މައިންޑް މީ!” ހިބާ އެހެން ބުނެ އޭނަގެ ފޯނު ނިވައިލުމަށްފަހު އިންގޮތަށް އިނދެ ކާރުގެ ފަހަތު ސީޓަށް ފޯނު އެއްލައިލިއެވެ. އެ މަންޒަރު ފެނިފައި ދާރިސްއަށް އެއްފަހަރު އެ ފޯނަށް އަނެއްފަހަރު ހިބާއަށް ބަލައިލީ ޙައިރާންކަމާއިއެކީގައެވެ.
“ވޮހް! ދެޓްސް މައި ހިބާ!” ދާރިސް ފަޚުރުވެރިވާ ފަދަ ގޮތަކަށް އެހެން ބުނުމުން ދެމީހުން އެކުއެކީގައި ހީލިއެވެ.
އެ ދިގު ދަތުރު މަތީގައި ގަޑިއިރެއްހާއިރު ވީއިރު ޢިޝާ ނަމާދު ވަގުތުވުމުން ދާރިސް ހިބާ ގޮވައިގެން ކައިރިން ފެނުނު ހޮޓެލަކަށް ދިޔައެވެ. އަދި ހޮޓެލް ރޫމުގައި އެކީގައި ނަމާދުކޮށް އެ ހޮޓެލުގައި ހުރި ރެސްޓޯރެންޓަކަށް ގޮސް ދެމީހުން އެކީގައި ކެއެވެ. ކެއުމަށްފަހު ވެސް ހިބާއަށް ނޭނގުނު ސަބަބަކާއިހުރެ ދާރިސް ހިބާ ގޮވައިގެން ހޮޓެލުގެ ކައިރީގައި ހުރި ފިހާރައަކަށް ގޮސް ފިނި މޫސުމުގައި ލައި އުޅޭ ކޯޓުތައް ހިބާއަށް ގަނެދޭން ފެށިއެވެ.
“މި ހިސާބު ތަންކޮޅެއް ފިނިދޯ ދާރިސްގެ ގެ ހުންނަ ހިސާބާއި ބަލާއިރު؟” ހިބާ އެހެން ބުނެލީ ދާރިސް ފިހާރައިގެ ތެރެއިން އޭނަގެ ހެދުމުގެ މަތިން ކުރު ހުދުކުލައިގެ ކޯޓެއް ލައްވައި އޭގެ މަތިން އެހެން މުށިކުލައިގެ ކޯޓެއް ވެސް ލެއްވުމުންނެވެ.
“ހުމް….ތަންކޮޅެއް ހައި އަލްޓިޓިއުޓެއްގެ މި ވަގުތު މި ތިބީ. ފަރުބަދަތަކުގެ މައްޗަށް ދާ ވަރަކަށް ފިނިވަމުންދާނެ…” ދާރިސް ބުނެލީ ހިބާގެ ދެކޯޓު ލައްވައި ދިނުމަށްފަހު އެތަނުން ކްރީމް ކުލައިގެ ސްކާފެއް ނަގައި ހިބާގެ ކަރުގައި އަޅުވައި ދެމުންނެވެ.
“މިކޮޅަށް އަންނަން އުޅުނުއިރު ފަރީދުބެ ބުނި ހޫނު މޫސުމުގަ ވެސް މި ޤައުމަށް ސްނޯ ފައިބައޭ. އެކަމަކު އެކަމެއް ނުއެއް ފެނުނު….އެހެންވީމަ މިހާވަރު ނުވިޔަސް އޯކޭވާނެ ކަންނޭނގެ…” ހިބާ އޭނައަށް އޭރު ހުރެވުނު ގޮތަށް ޢިޝާރާތްކުރަމުން ބުންޏެވެ.
“އެއީ އަހަރުން އުޅޭ ޞަރަޙައްދަށް ވަރަށް ސްނޯ ނުފައިބާނެ ސަމާރގަ….ޓްރަސްޓް މީ ޔޫ ވިލް ނީޑް ދިސް އިން އަ ފިއު…ހިބާއަށް އަދި އިރުކޮޅަކަށް ޓްރެވެލް ކުރެވިދާނެތަ؟ އެހެންނޫނީ ވަރަށް ބޮޑަށް ބަލިވެފަތަ ތިހިރީ؟”
“ނޫނޭ! ހަމަ އެއްގޮތަކަށް ވެސް ބައްޔެއް ނުވޭ. އުފަލުން ގޮއްސަ ބަލިވާ ހިތެއް ނުވެސްވޭ!” ހިބާ ޖޯޝާއިއެކީ އެހެން ބުނެލުމުން ދާރިސްއަށް ހީލެވުނެވެ.
ދެމީހުން އެ ފިހާރައިން ގަތް ފިނި ހެދުންތައް، ލައިގެން ތިބި ހެދުންތަކުގެ މަތިން އަޅައިގެން އަނެއްކާވެސް ކާރުގައި ދަތުރު ފެށިއެވެ. އިތުރު ބައި ގަޑިއިރަކަށް އެ ދަތުރު ދެމިގެން ދިޔުމުން، ދިގު ދަތުރުތަކަށް އާދަވެފައިނުވާ ހިބާ، ދަތުރުގެ ވަކި ހިސާބަކުން ނިދޭ ގޮތްވިއެވެ. ސީޓުގައި ހިބާ އުދަގޫ ގޮތަކަށް ނިދިފައި އޮތްތަން ފެނިފައި ދާރިސް ސީޓުގެ ލެނގޭ ބައި ލަސްލަހުން ތިރިކޮށްލިއެވެ. ހިބާ ނިދިފައި އޮތް މަންޒަރު ފެނިފައި ދާރިސްއަށް ހިނިތުންވެލެވުނެވެ. ތިމަންނަ ބަލި ނުވެއޭ ހިބާ ބުނެލީ ވެސް އޭނަ އެދޭ ގޮތަށް ކަންތައް ކުރަންކަން އެނގުންވީ އެ ވަގުތެވެ. ހިބާ އެންމެ ބޭނުންވާ ގޮތް ދެނެގަންނަން އޭނަ އިތުރު މަސައްކަތެއް ކުރަން ޖެހޭނެތާއޭ އެވަގުތު ހިތަށްއެރިއެވެ.
ހިބާ ނިދުނުތާ 40 ވަރަކަށް މިނެޓް ފަހުން ދާރިސްގެ ކާރު މަޑުކޮށްލީ، ވަކަރުން އެޅިފައިވާ ކުޑަ ގެއެއްގެ ކުރިމައްޗަށެވެ. އެހިނދު އުޑުމަތި އެއްކޮށް އަނދިރިވެ ތަރިތަކާއި ހަނދު ފެންނަމުން ދިޔައެވެ. ހަނދުވަރުގެ ފަނޑު އަލިކަމާއި، މަގުގެ ދެފަރާތުގައި ހުރި ތިރި ފެންސުގައި ހަރުކުރެވިފައިވާ ރީނދޫކުލައިގެ ބޮކިތަކުގެ އަލިކަން އެއްވެފައިވުމުން ޖާދުވީ ގޮތެއް އެ މާޙައުލުގައިވިއެވެ. އެ މަންޒަރަށް އިތުރު ރީތިކަމެއް ގެނުވީ، އެވަގުތު ލަސްލަހުން ސްނޯ ފައިބަމުން ދިޔައީތީވެއެވެ. އެ ޞަރަޙައްދަށް ސްނޯ ފައިބަމުން ދިޔަތާ ފުދޭވަރަކަށް ގިނައިރުވެފައިވާކަން އެނގެނީ، މަގުގެ ދެ ފަރާތުގައިވި ފެންސުގެ މަތިންނާއި، ގެ ތަނުގެ ފުރާޅުމަތީގައި ވެސް ސްނޯގެ ފަށަލަތައް ހެދިފައިވިތަން ފެންނަމުން ދިޔައީތީވެއެވެ. ދާރިސްގެ ކާރު އެތާ އޮތްއޮތްހެން ލަސްލަހުން ކާރުގެ ވައިޕަރުގެ މަތީގައި ސްނޯ އެއްވާން ފަށާފައިވިއެވެ.
ވަށައިގެންވި މާޙައުލަށް ނަޒަރެއް ދިނުމަށްފަހު ދާރިސް ހިބާއަށް ބަލައިލިއެވެ. ހިބާ ދެންވެސް އަރާމުކޮށް ނިދިފައި އޮތް މަންޒަރު ފެނިފައި ދާރިސް ހިބާއަށް ގޮވައިލަން ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި ސީޓަށް ލެނގިލައިގެން ހިބާއަށް ބަލަން ދާރިސްއަށް އިނދެވުނެވެ. ރަތްކުލައިގެ ލިޕްސްޓިކް ލެވިފައިވާ ތުންފަތް ފެނިފައި ދާރިސްއަށް ހިނިތުންވެލެވުނީ، މީގެ އިރުކޮޅެއް ކުރިން ފިހާރަ ތެރެއިން ދިމާވި ކަންތައް ހަނދާންވުމުންނެވެ.
ހިބާ ފިހާރައިން ނިކުމެ ދާރިސްއަށް ނޭނގުނު ސަބަބަކާއިހުރެ ވާހަކަ ދައްކަމުން ދިޔައީ ދެ ތުންފަތް ޖައްސައިގެން ހުރެއެވެ. ކާރަށް އެރުމަށްފަހު ދާރިސް އެކަމާއިމެދު ސުވާލުކުރިއެވެ. ހިބާއަށް ގޮތެއްވެގެން އުޅެނީއޭ ހިތައި ކަންބޮޑުވެސްވިއެވެ. އެހެނަސް ހިބާ އޭނައަށް ޖަވާބު ދިނުމުގެ ތެރޭގައި ތުންފަތުގެ ކުލަ ކޮންމެވެސް ވަރަކަށް ފެނުމުން ފޮރުވަން ތިއުޅެނީ ކޯޗެއްތޯ ދާރިސް އަހައިލީ ލާނެތް ހިނިތުންވުމަކާއި އެކީގައެވެ. އެއާއިއެކު ހިބާ ދެލޯ މަރައި ތަގުޅިކޮށްގެން ހުރެ ދާރިސްއާއި ދިމާލަށް މޫނު އަނބުރައިލަމުން ތުންފަތް ރަނގަޅުކޮށްލިއެވެ.
“ވާވް މާ ޝާ ﷲ!” ފުރަތަމަ ފަހަރަށް ހިބާ އެފަދަ ސިފައެއްގައި އިންތަން ފެނިފައި ދާރިސްއަށް އެހެން ބުނެލެވުނީ ހަމަ އިޚްތިޔާރަކާއިވެސް ނުލައެވެ. އޭނައަށް ހިބާ އެހާވެސް ރީތިވުމުންނެވެ. އެހެނަސް….
“އަގް އައި ނޯ އައި ލުކް ލައިކް އަ ޖޯކް! ޝަބީދައްތަ ވަރަށް ކިޔުނު ރެޑް ލިޕްސްޓިކް ވަރަށް ގުޅޭނެއޭ! އަހަރެން ކިޔުނު ވަރުން ސެލޫންއިން ސްކިން ކުލައިގެ ލިޕް ގްލޮސްއެއްލީ. އެކަމަކު ދައްތަ އެހެން ކިޔާ ހަނދާންވެފަ އެ ފިހާރައިން ލިޕްސްޓިކް ޓެސްޓާރއެއް ފެނިފަ ޓްރައިކޮށްލާނީއޭ ހިތަށްއެރީ….އެކަމަކު، ދުވަހަކުވެސް ލިޕްސްޓިކް ނުލައި އުޅޭތީ ވަރަށް ނުގުޅޭދޯ؟ ފޮހެލަންވީ އަސްލު….ޓިޝޫ ހުންނާނެދޯ މި-“
ހިބާ އެހެން ބުނެ ކާރުގެ ވަތްގަނޑު ހުޅުވައިލަން އުޅުމުން ދާރިސް ހިބާގެ އަތުގައި ހިފިއެވެ. އެއާއިއެކު ހިބާ ދާރިސްއަށް ބަލައިލިއެވެ.
“ވަރަށް ގުޅޭ….ވަރަށް ލޯބި…ވަރަށް ރީތި…” ދާރިސް މަޑުމައިތިރި އަޑަކުން އެ ބަސްތައް ބުނެލި ހިނދު ހިބާގެ ކޯތާފަތް ރަތްވެގެން ދިޔަ ގޮތުން ދާރިސްގެ ނަޒަރުގައި ހިބާގެ ރީތިކަން އިތުރުވިއެވެ. އެ ވަގުތުން ވަގުތަށް ވެސް ހިބާއާއި ގާތްވާން ދާރިސްގެ ހިތް އެދުނެއްކަމަކު، ހިބާއަށް ކަމުދާނެ ތަނަކަށް ހިބާ ގެންދަން އޭނަ ރާވާފައި އޮތީތީ ދާރިސް އެވަގުތު ހިބާއަށް ހިނިތުންވުމެއްދީ، ކާރު ސްޓާޓްކޮށް ދަތުރަށް ސަމާލުކަން ދިނެވެ.
އެހެނަސް އެވަގުތު ހިބާ ނިދިފައި އޮތް މަންޒަރު ފެނިފައި ދާރިސްގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. އެ ތުންފަތަށް ބަލަހައްޓައިގެން އިންއިންހެން އަމިއްލައަށް އަޅުވައިގެން ހުރި ބެލްޓު ނައްޓައި ހިބާއާއި ގާތްވާން ފެށުނީ ބޭއިޚްތިޔާރުގައެވެ. އަވަސްވެފައިވި ހިތުގެ ތެޅުމާއިއެކީ ދާރިސް އޭނަގެ މޫނު ހިބާގެ މޫނާއި ކައިރި ކުރަމުން ދިޔަ ވަގުތު ހިބާގެ މެރިފައިވި ދެލޯ ތަގުޅިވެގެން ދިޔުމުން ދާރިސްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާ ލަސްލަހުން ލޯ ހުޅުވައިލުމުން ދާރިސްއަށް ދުރުވެލެވުނީ، ވީ ޖެހިލުންވުމެއްގެ ބޮޑު ކަމުންނެވެ. ނިދިން ހޭލެވުނު ހިބާއަށް ދާރިސް ގާތްވިކަން އެނގި، ދާރިސްއަށް ބަލައިލެވުނެވެ. އެ ހިނދު އެ ކޯތާފަތް ރަތްވެފައިވީ، ހިބާއަށް ވެސް އިޙްސާސް ކުރެވުނު ލަދުވެތިކަމެއްގެ ސަބަބުންނެވެ. އެ އިޙްސާސާއިއެކީ ހިބާ ސީދާވެލަމުން ކުރިމައްޗަށް ބަލައިލި ވަގުތު ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ.
“އޯ އެމް ޖީ! ކޮންތާކު މި ތިބީ؟!” ހިބާ އަނގަމަތީގައި ދެއަތް އަޅައިލަމުން އަހައިލީ ވަށައިގެން ނަޒަރެއް ދެމުންނެވެ. އެހިނދު އެ ލޮލުން ހުރިހާ ނިންޖެއް ފިލައިދިޔައެވެ.
“ހެހެ….ހިނގާބަލަ ބަލައިލަން.” ދާރިސް އެހެން ބުނެ ކާރުގެ ދޮރު ހުޅުވިއެވެ. އެއާއިއެކު ހިބާވެސް ކާރުން ފައިބަން އަވަސްވިއެވެ.
ހިބާއަށް ފުރަތަމަ ފަހަރަށް ސްނޯ ފެނިގެން އުޅޭތީ އިރުކޮޅެއް ވަންދެން ދެމީހުން ސްނޯގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. މިގޮތުން ހިބާ އުޑުން ފައިބަމުން ދިޔަ ސްނޯ ކޮޅުތައް އަތަށް ނަގައި ވިރިގެންދާ މަންޒަރު ބަލަމުން ދިޔައިރު، ދާރިސް އޭނަގެ ފޯނު ހުޅުވައިގެން ހިބާގެ ފޮޓޯތައް ނަގަމުން ދިޔައެވެ. އަދި ދެމީހުން އެކީގައި ސެލްފީވެސް ނަގަމުން ދިޔައެވެ.
ހިބާ ކިތަންމެ ގިނައިރެއް ވަންދެން ސްނޯގެ ތެރޭގައި ހުންނަން ބޭނުންވިއެއްކަމަކު މާ ގިނައިރެއްނުވެ މާ ބޮޑަށް ފިނިވުމުން ހިބާ ތުރުތުރު އަޅަން ފެށިއެވެ. އެއާއިއެކު ދާރިސް ވަގުތުން ގޭގެ ތެރެއަށް ދިޔުމުގެ ޚިޔާލު ދިނުމުން ހިބާ ވަކި ދެކޮޅު ހެދުމެއްނެތި ދާރިސްއާއި އެކީ ދިޔައެވެ.
އެ ވަކަރު ގޭގެ ބޭރުން ނުހަނު ސީދާސާދާކޮށް ފެނުނެއްކަމަކު ގޭގެ ތެރެއިން ފެންނަމުން ދިޔައީ ނުހަނު އުފެއްދުންތެރިކޮށް ހެދިފައިވި ފަރުނީޗަރުތަކާއި އަތްތެރި މަސައްކަތްތަކެވެ. އެ މަންޒަރުތައް ބަލަން ހިބާ ޝައުޤުވެރިވިއެއްކަމަކު ދާރިސް ހިބާ އަރާމުކޮށްލަން ބޭނުންދޯއޭ ބުނުމުން އާނއެކޭ ބުނެ ދާރިސްއާއިއެކީ އެތާހުރި ސިޑިން އަރައިގެން ގޭގެ ދެވަނަ ބަޔަށް ދިޔައެވެ. ދާރިސް ކޮޓަރިއެއްގެ ދޮރު ހުޅުވައިލުމުން ހިބާ އެ ކޮޓަރިއަށް ވަދެވެސް ވަށައިގެން ނަޒަރު ހިންގިއެވެ. ދާރިސްގެ ގޭގެ ކޮޓަރިތަކަށްވުރެ އެ ކޮޓަރި ކުޑަވިއެއްކަމަކު ހިބާއަށް އެތަން ހިތްގައިމުވިއެވެ. ގަދަ މުށިކުލައިގެ ވަކަރުން ހެދިފައިވާ އެނދުގައި ހުދުކުލައިގެ ރަޖާއާއި ބެޑްޝީޓް އެޅިފައިވި އެނދެއްވީއިރު، ދެންހުރި ފަރުނީޗަރުތައް ވެސް ވީ އެފަދަ ވަކަރުން ހެދިފައެވެ. ހިބާއަށް އެންމެ ކަމުދިޔައީ، ދެންމެ އިޙްސާސް ކުރެވުނު ފިނިކަމަށް ލުއެއް ގެނެސްދެމުން ދިޔަ މެދުމިނެއްގެ އަލިފާން ގޮޅިއެވެ.
ހިބާ އެ މަންޒަރުތަކަށް ބަލަން ހުއްޓާ ފަހަތުން ދޮރު ލައްޕައިލެވުނު އަޑަށް ހިބާއަށް ފަހަތް ބަލައިލެވުނެވެ. އެހިނދު ހިތުގައި ހިސާބެއްގެ ނުތަނަވަސްކަމެއް އުފެދުނެއްކަމަކު ދާރިސް ދައްކައިލި ހިނިތުންވުމުން އެ ނުތަނަވަސްކަން ފިލައިދިޔައެވެ. އޭގެ ބަދަލުގައި ހިބާވެސް ހިނިތުންވެލިއެވެ.
“މިއީ ހަމަ އަމިއްލަ ގެއެއް ކަމަށް ބަލާ އިނގޭ….މިހާރު ހިބާ އޯކޭތަ؟ ހީޓާރ އަދި ކުޑަކޮށް މަތިކޮށްލަންވީތަ؟” ދާރިސް އެހެން ބުނެލީ އޭނަ ލައިގެން ހުރި ފިނި ކޯޓު ބާލަމުން، އެތާ ގަހެއްހެން ހެދިފައިވި ހެދުން އަޅުވާ އެތީގައި އަޅުވައިލަމުންނެވެ.
“ނޫން މިހާރު އޯކޭ….މިއީ ދާރިސްގެ ގެއެއްތަ؟” ހިބާއަށް އެހެން ބުނަމުން ދާރިސްގެ ކައިރިއަށް ދެވުނީ ވަކި އަމިއްލަ ވިސްނުމެއް ނެތިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ނޫން….ރެންޓް ކުރި ގެއެއް މިއީ. ހިބާއަށް ރީތިތަ މި ގެ؟” ދާރިސް އެހެން ބުނެލީ، ހިބާވެސް ފިނި ކޯޓުތައް ބައިލަން އުޅުމުން ހިބާއަށް އެކަމުގައި އެހީވެ ދެމުންނެވެ.
“ހޫމް ވަރަށް ރީތި….ސިމްޕްލް ތަންތަން އަހަންނަށް ވަރަށް ކަމުދޭ…” ހިބާ ވަށައިގެން ނަޒަރެއް ދެމުން އެހެން ބުނެލި ހިނދު، ދާރިސް އެ ވާހަކައަށް ހިނިތުންވެލަމުން އޭނަ ކައިވެނި ޕާޓީގައި ލައިގެން ހުރި މުށިކުލައިގެ ކޯޓުވެސް ބޭލުމަށް އަޅުވައިލީއެވެ.
އެ މަންޒަރު ލޮލުގެ ކޮޅުން ފެނުނު ހިބާއަށް ދާރިސްއާއި ދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ދާރިސްގެ ގަމީހުގެ ފުރަތަމަ ގޮށް ނެއްޓިފައިވި ގޮތުން ހިބާއަށް އެހެން ގޮށްތަކަށް ވެސް ބެލެން ފެށީ އޭނައަށް މުޅިން އާ އިޙްސާސްތަކާއި އެކީގައެވެ. އޭނައަށް ދާރިސްއާއި އެކީ އެއްކޮޓަރިއެއްގައި މި ހުރެވުނީ އެކަނިކަން ވެސް އެނގުންވެގެން ދިޔައީ މާ ބޮޑަށެވެ. އެހިނދު ނޭނގޭ ސަބަބަކާއިހުރެ ބައްޕަގެ ހަނދާނެއް އާވެގެން ދިޔައެވެ.
“އަމް….ބައްޕަގެ ކޮންމެވެސް ފޮތަކުން ދުށިން މެރީކޮށްގެން ކޮންމެވެސް ދުޢާއެއް ކިޔަންޖެހޭ ވާހަކަ. މިހާރު ހަނދާނެއް ނެތް. ގޫގުލް ކުރަންވީދޯ؟ ފޯނު ވެސް ނެތް ހެހެ….” ހިބާ އޭނަގެ ނުތަނަވަސްކަން ފޮރުވުމަށްޓަކައި ވާހަކަ ގިނަކުރަމުން ހީލިއެވެ.
“ހެހެ….ގޫގުލް ކުރާކަށް ނުޖެހޭނެއޭ ހިބާ…އެއީ ހަމައެކަނި ހަޒްބެންޑް ކިޔަންޖެހޭ ދުޢާއެއް. ވަރަށް ހޯދައިގެން ދަސްކޮށްގެން މިއައީ…ހިބާއާއެކީ ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާތީ ވަރަށް ކަންތައް އޮޅުން ފިލުވައިގެން މި އައީ…” ދާރިސް އެހެން ބުނެލަމުން ހިނިތުންވެލިއެވެ. ދާރިސްގެ އެ ވާހަކައަށްފަހު އޭނަ ލަސްލަހުން ހިބާގެ ނިތްކުރީގައި ލޯތްބާއިއެކީ އަތްޖައްސައިލި ގޮތުން ހިބާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. ޚުދު އޭނައަށް ވެސް ނޭނގޭ ދީނުގެ ކަމެއް ދެންމެ އޭނަގެ ޙަޔާތުގެ ބައިވެރިޔާގެ ފަރާތުން އެނގިގެން ދިޔުމުން ހިތަށް އުފަލެއް ލިބިގެން ދިޔައެވެ. ދާރިސް ދުޢާ ކިޔަމުން ދިޔަ މަންޒަރަކީ ހިބާގެ ލޮލުގެ ފިނިކަމަށް ވެގެން ދިޔައެވެ.
ދުޢާ ކިޔުމަށްފަހު ދާރިސް ހިބާގެ ނިތުން އަތް ނަގައިލަމުން އަނެއްކާވެސް ހިނިތުންވެލިއެވެ.
“ދެމީހުން މިގޮތަށް އެކަނިވީމަ ހިބާއަށް ބައްޕަގެ ވާހަކަ ދެކެވެނީ ދެމީހުން އެކަނިވި ގިނަ ވަގުތުތަކުގައި ބައްޕަ ހުރީތީދޯ؟” ދާރިސް އެހިއެވެ. އެ ވާހަކައިގެ ތެރެއިން ދާރިސް ‘ޝަހީދުބެ’ގެ ބަދަލުގައި ބައްޕައޭ ކިޔުނު ގޮތުން ހިބާއަށް ހިނިތުންވެލެވުނެވެ.
“އެހެންޏާ ނޫން! ހަމަ ދެންމެ ދެންމެ އައިސްދާނެހެން ހީވަނީ މިހާރުވެސް…” ހިބާ ދެ ފަރާތަށް ބަލަމުން ބުނެލި ގޮތުން ދާރިސްއަށް ހީލެވުނެވެ.
“ހެހެ….އެކަމަކު ދެމީހުން މެރީކޮށްގެން ތިބީމަ ބައްޕަ ވެސް ނާންނާނެތާ….ބައްޕައަށް މި ދުވަސް ފެންނާނެނަމައޭ ހިތަށްއަރާ. އިން ޝާ ﷲ ސުވަރުގެއަށް ގޮއްސަ ބައްޕައަށް މި ޚަބަރު ކިޔައިދޭންވާނެ…”
“އިން ޝާ ﷲ…”
“ހިބާ ބުނެބަލަ….އެ ދުވަސްވަރު ބައްޕަ އެ ވަގުތުކޮޅުތަކުގައި ނެތްނަމަ ހިބާ ކަންތައް ކުރީހީ ކިހިނެއް؟ މި ބުނީ ކޮންމެވެސް ތޯޓްސްތަކެއް ހުންނާނެދޯ ފުރާވަރުގަ؟ ހިބާ އެގޮތަށް ބައްޕަ ނުހުންނަ ޙާލަތެއްގަ އަހަރެން ގާތު ބުނަން ބޭނުންވި ވާހަކައެއް ނޫނީ އަހަންނާއިއެކީ ކުރަން ބޭނުންވި ކަމެއް އޮތްތަ؟ ހެހެ….އައިމް ކިއުރިއަސް ޓު ނޯ އޭ އެހެންވީމަ…” ދާރިސްގެ ވާހަކައިގެ މެދުތެރެއިން ހިބާގެ ބަޑިފަޅައިގެން ހެވެން ފެށުމުން ދާރިސްވެސް ހީލަމުން ފަހު ބަސްތައް ބުންޏެވެ.
ހީލުމަށްފަހު ދާރިސްއަށް ބަލައިލި ހިނދު ހިބާގެ ކޯތާފަތް ރަތްވެފައިވިއެވެ.
“ކުރަން ބޭނުންވި ކަމެއްދޯ؟”
“ހުމް….”
ދާރިސް ލުއި ގޮތަކަށް ހޫންލައްވައިލުމުން ވެސް ހިބާ އިރުކޮޅެއް ވަންދެން ދާރިސްއަށް ބަލަން ހުއްޓެވެ. އެއަށްފަހު ކުޑަކޮށް އުޑުން ކޮށްޓައިލަމުން ދާރިސްގެ ކޯތާފަތަށް ބޮސްދިނެވެ. ބޮސްދިނުމަށްފަހު ދާރިސްއާއި ދުރުވެލީ ހިނދު ހިބާގެ ހިތުގެ ތެޅުން އަވަސްވެ، ކޯތާފަތުން ހޫނުކަމެއް އިޙްސާސް ކުރެވުނެވެ.
“ވޮހް! ވާވް…..މިހާރު ހިތަށްއަރަނީ ނަސީބެކޭ ބައްޕަ އަހަރުމެންނާއިއެކީ ހުރިކަން. މި އަންހެން ކުއްޖާގެ ސަބަބުން އެ ނޫންނަމަ މަ މޮޔަވީސް!” ދާރިސް ސަމާސާ ރާގަކަށް ބުނެލިއެވެ.
“ހެހެ….ޔުއާރ ޓާރން! ދާރިސް އަހަންނާއިއެކީ ކުރަން ބޭނުންވި ކަމެއް އޮތްތަ؟” ހިބާ މަޑުމައިތިރި އަޑަކުން ސުވާލުކުރިއިރު އެތައް ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. އެ ޚިޔާލުތައް ޙަޤީޤަތަކަށްވުމަށް އޭނަގެ ހިތް ކެތްމަދުވެފައިވެސްވިއެވެ.
“ކުރަން ބޭނުންވި ކަމެއް….ތެދުތެދަށް ކިޔައިދޭންވީތަ؟” ދާރިސް އެހިއެވެ. އެ ވާހަކައަށް ހިބާ ތުންފިއްތައިލަމުން ބޯޖަހައިލިއެވެ.
އެއާއިއެކު ދާރިސް ހިބާގެ އަތުގައި ހިފައިގެން ގެންދިޔައީ ރީތިވާ މޭޒު ކައިރިއަށެވެ. ރީތިވާ މޭޒު ކައިރީގައި ހުއްޓި، ހިބާއާއި ކުރިމަތިލަމުން ދާރިސް ވާހަކަ ދެއްކިއެވެ.
“އަހަރެން ކުރަން އުޅޭ ކަމަކުން ހިބާ މާ ބޮޑަށް ޖެހިލުންވަންޏާ ބުނައްޗޭ. އޭރުން މަޑުކޮށްލަދޭނަން…” ދާރިސް ލޯތްބާއިއެކީ ބުނެލުމުން ހިބާގެ ހިތަށް ހަމަޖެހުމެއް ލިބުމުން ބޯޖަހައިލެވުނީ ހިނިތުންވުމަކާއިއެކީގައެވެ.
ހިބާ ބަލަބަލައި ހުއްޓާ ދާރިސް ހިބާގެ ޝޯލްގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ. ޕިނަކަށްފަހު ޕިނެއް ނައްޓަމުން އެ އެއްޗެހި ރީތިވާ މޭޒުމަތީގައި ދާރިސް ބަހައްޓަމުން ދިޔަދިޔަހެން ހިބާއަށް ލޯ މަރައިލެވުނެވެ. އެހިނދު ދާރިސް މާ އަވަހަށް އޭނައާއި ގާތްވާން އުޅެނީއޭ ހިތައި ހިބާގެ ހިތަށް އަނެއްކާވެސް ނުތަނަވަސްކަމެއް ވެރިވިއެވެ. ދާރިސްގާތު މަޑުކޮށްލަދޭން ބުނަން ބޭނުންވިއެއްކަމަކު ދޫނުކުޅެދުނެވެ. ހިބާ ހީކުރީ އޭނަގެ ބުރުގާ ބައިލަމުން ދިޔަ ދާރިސްގެ އަތް ނުހަނު އަވަހަށް އެހެން ދިމާލަކަށް ވެސް ދާނެކަމަށެވެ. އެހެނަސް ޝޯލް ވެސް ރީތިވާ މޭޒުމަތީގައި ބޭއްވުމަށްފަހު ހިބާގެ ފަން އިސްތަށިގަނޑުގައި ހުރި ގޮށް ނައްޓައި، އުނަގަނޑާއި ހަމައަށް އޮތް އެ އިސްތަށިގަނޑު ދެމިގެން ދިޔުމުން ދާރިސް ޙަރަކާތްތައް މަޑުވެގެން ދިޔައެވެ.
“މާ ޝާ ﷲ! އަހަރެން ހީކުރި ވަރަށްވުރެ ވެސް ރީތިކޮށް ހުރީ….” ދާރިސް އެ ބުނެލި ބަސްތަކާއިއެކީ ހިބާއަށް ލޯ ހުޅުވައިލެވުނެވެ. އެ ހިނދު ދާރިސް ހިބާއަށް ބަލަން ހުރީ ދުނިޔޭގެ އަޖާއިބަކަށް ބަލަހައްޓައިގެން ހުރި ފަދައަކުންނެވެ. ދާރިސް ދެންމެ އޭނަގެ ބުރުގާ ބޭލީ، އޭނަ ކުރި ސުވާލެއްގެ ޖަވާބެއްގެ ގޮތުންކަން ހިބާގެ ހަނދާނަށް އައީ އެ ވަގުތެވެ.
“ބައްޕަ ނެތްނަމަ އަހަންނާއިމެދު ކަންތައް ކުރީހީ މިހެންދޯ؟ ވޮހް! ނަސީބެއް ބައްޕަ ހުރިކަން! އަ ޑޭންޖަރަސް މޭން ޔޫ އާރ….” ހިބާ ވެސް ދާރިސް ހެދިފަދައިން ސަމާސާ ރާގަކަށް ބުންޏެވެ.
“ހެހެ….އަސްލު ކުރީކޮޅު އެހާ ކިއުރިއަސްއެއް ނުވޭ. ހިބާ ލައިކްވާން ފެށިފަހުން އަސްލު ބޮޑަށް ބޭނުންވީ ހިބާގެ ހުރިހާ ޑީޓެއިލްއެއް ދެނެގަންނަން. ވަކިން ޚާއްޞަކޮށް ބަޔޯގަ ޖެނެޓިކްސްއާ ބެހޭގޮތުން ކިޔެވިއިރު….ހިތަށްއެރީ ހިބާގެ ހުންނަ ކަހަލަ އިސްތަށިގަނޑެއްދޯއޭ އަހަރުމެންނަށް ލިބޭ އަންހެން ކުއްޖެއްގެ ވެސް ހުންނާނީ. ހިބާ ގޮތަށް އެކުއްޖާ ހުރީމައޭ ރީތިވާނީ…” ދާރިސް އެ ދެއްކި ވާހަކައިން ހިބާގެ ހިތުގައިވި ޖަޒުބާތުތަކަށް އިންޤިލާބެއް އައެވެ.
“އެދުވަހުއްސުރެ ވެސް ޚިޔާލުކުރިންތަ އަހަންނާއިއެކީ ޢާއިލާއެއް ފަށަން؟”
“އޮފްކޯސް….ލޯބިވަންޏާ، އެކީގަ އުޅެން ބޭނުންވަންޏާ އެބައިވެސް އަންނާނެތާ. ޔޫ ނޯ އައި ލައިކް ޓު ޕްލޭންއެއްނު؟ ހެހެ….އަދި އެނގޭތަ؟ މިފަހުން ވެސް ހުވަފެނަކުން ދުށީމޭ ހިބާ ބުރުގާ ނާޅާ ހުއްޓާ….”
“ސުބްޙާނަ ﷲ! ކީއްކުރަން އަހަރެން ހުރީ ބުރުގާ ނާޅާ؟”
“ހެހެ….ހެނދުނުގެ ވަގުތެއްގަ ހިބާ ހުރީ މިކަހަލަ ގެއެއްގަ….ދެމީހުންނަށްދޭން ހޮޓް ޗޮކްލެޓް ހަދަން. މިކަހަލަ ގޮތަކަށް ގޮށެއް ޖަހާލައިގެން. އައި ތިންކް ހުވަފެނުގަ ފެނުނީ ރަނގަޅަށް…” ދާރިސް އެހެން ބުނެލީ ހިބާގެ އިސްތަށިގަނޑު ގޮށެއް ގޮތަށް ހަދައި ހިފަހައްޓަމުންނެވެ. ދާރިސްގެ ފަހު ބަސްތަކުން ދެމީހުންނަށް ހީލެވުމާއިއެކު ދާރިސް އިސްތަށިގަނޑުން ދޫކޮށްލިއެވެ. އެހިނދު ކަނދުރައާއި ދިމާލުން އުދަގޫވުމުން ހިބާ އިސްތަށިގަނޑު އެއްފަރާތަކަށް ޖައްސައި އެއްކޮނޑުމަތިން ވައްޓައިލިއެވެ. ހިބާގެ އެ ޙަރަކާތުން ދާރިސްއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ދެންވެސް ވާހަކަ ދެކެވުނީ ހިބާގެ ހިނިތުންވުންތައް ދެކެން ވެސް ހިތް އެދެމުން ދިޔަ ވަރުންނެވެ.
“ހުވަފެނުގަ ހިބާ ފެނުނު ފަހުން މުޅި އެދުވަސް ގޯހުން ގޯހަށް ދިޔައީ. ހަނދާންވޭތަ އަހަރެން ފޯނަށް ބަލަން ހުރެ ކޮޓަރީގެ ދޮރުގައި ގޮސް ޖެހުނު ދުވަސް؟ އެދުވަހުގެ ހެނދުނު ފެނުނު ހުވަފެނެއް އެއީ. އެއީ ހުވަފެނުގަ ހިބާ ފެނިފައި ވީވަރު! މިހާރު ހަމަ ލޮލަށް މިހާ ގާތުން ފެނުނީމަ އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދެވިއްޖެއްޔާ ރަނގަޅު! ހެހެ…..” ދާރިސް ދެއްކި ވާހަކަތަކުން ހިބާ ހިނިތުންވުމަކާއިއެކީ ދާރިސްގެ ގާތަށް ދެ ފިޔަވަޅު އަޅައި ދެމީހުންގެ ދެމެދުގައިވި ދާއިރާ ހަނިކުރިއެވެ. އެހިނދު ދާރިސްގެ ހިނިތުންވުން ފަނޑުވިއެވެ.
“ސަމާލުކަން ދެވޭނެ…..ދާރިސްގެ ހިތް ފުރެންދެން އަހަންނަށް ބަލައިލަން އަހަރެން ފުރުސަތުދޭނަން. ދާރިސް ބޭނުންވާހާއިރެއް ވަންދެން ދާރިސްއާއިއެކީ ހުރެދޭނަން…” ހިބާ ދެ މާނަ އެކުލެވޭ ބަސްތައް ބުނެ ދާރިސްގެ މޭމަތީގައި އެއްއަތް އަޅައިލީ އެކަމަށް ހިތް އެދުނު ވަރުންނެވެ. ދާރިސްގެ އަވަސްވެފައިވި ހިތުގެ ތެޅުމުގެ އިޙްސާސް ކުރެވުމުން ހިބާގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ވެސް ހީވަމުން ދިޔައެވެ.
“އައި ލަވް ޔޫ، ހިބާ….” ދާރިސް އެ ބަސްތައް ބުނެލީ ހިބާއަށްޓަކައިވި އެ ޖަޒުބާތުތަކުން ހިތް ފުރިގެން ބަންޑުންވާން ފެށުމުންނެވެ. އަދި އަމުދުން އޭނަ ގެންނަން އުޅޭ ކޮންމެ ޙަރަކާތަކީ އެ ބަސްތަކުގެ ފުންކަން ދެއްކުމަށް ކުރާ ކަމެއްކަން ހިބާއަށް ޔަޤީންކޮށްދިނުމުގެ ގޮތުން ވެސްމެއެވެ.
“އައި ލަވް ޔޫ ޓޫ، ދާރިސް…..” ހިބާވެސް ބުނެލިއެވެ. އެއާއިއެކު ދާރިސް ލޯ މަރައިލަމުން ހިބާގެ ނިތުގައި ބޮސްދިނެވެ. އެއަށްފަހު ހިބާގެ އުނަގަނޑުގައި އެއްއަތުން ވަށައިލަމުން ހިބާ އޭނައާއި އިހުނަށްވުރެ ގާތްކޮށްލަމުން ހިބާގެ ކޯތާފަތަށް ވެސް ލަސްލަހުން ބޮސްދޭން ފެށިއެވެ. އެއަށްފަހު ދެމީހުން އިތުރަށް ގާތްވެގެން ދިޔަ ހިނދު ދެމީހުންވެސް އެކަކު އަނެކަކަށް މުޅިން އާ އިޙްސާސްތަކެއްގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އެހެނަސް އެ އިޙްސާސްތަކުގެ ތެރެއިން ދެމީހުންނަށް ވެސް ތަޖުރިބާ ކުރެވެމުން ދިޔައީ އެ ދެމެދުގައިވި ފުން ލޯބިކަން ދެމީހުންނަށް ވެސް ޔަޤީން ކުރެވުނެވެ.
ނުނިމޭ
LIYUNTHERIYAA
November 11, 2021 @ 3:37 pm
Thankyou thankyou thankyou so much Jana sis
I don’t know how many times I looked at them website today
Much love
Jana
November 13, 2021 @ 3:29 pm
Welcome welcome welcome liyuntheriyaa. hehe…you don’t need to keep checking if you have the notifications on, love 😉 <3
Ishyyy
November 11, 2021 @ 4:59 pm
MaashaAllah…
Nice as always…🥰
Jana
November 13, 2021 @ 3:29 pm
Alhamdhulillah! <3
eunoia
November 11, 2021 @ 7:45 pm
Waaww!! I like the way he’s being gentle vrh bodahh💫 nd miadhu busy koh ulhevunyma adhi kiriyaa mi balaalevuny up vefa inthw :(…Vrh bodah thankiuu ingeii check Kohlan vaairah up kohdhinyma :D..This couple vrh lwbi Maasha Allah 💕 next part kn irakun kiyaalan libeyny sis? ✨ waitin for next 💫✨🤍
Jana
November 13, 2021 @ 3:32 pm
I absolutely love his gentleness too. It actually shows his love towards Hiba and I can’t help but swoon <3 ___ <3
I can't agree more on your love for this couple eunoia. I adore them too <3 Next part Tuesday ga In Sha Allah.
Mish
November 12, 2021 @ 5:34 am
😳😳
Jana
November 13, 2021 @ 3:32 pm
Hehe….reaction bar ah mi emoji add kuranvy dho Mish? 😉
mis
November 16, 2021 @ 9:50 am
yes
Aalaa
November 13, 2021 @ 5:24 am
Very nice sis
Keep up the good work
Jana
November 13, 2021 @ 3:33 pm
Alhamdhulillah! Jazaakillah Khairan for the support! <3
Ibaa
November 13, 2021 @ 8:37 am
Masha Allah . Finally soo happy, they got married.. Keep going sis In sha Allah 💖💖.. Love you sissy
Jana
November 13, 2021 @ 3:34 pm
Saaaame sis! I can’t help but be smiling while writing these episodes. Jazaakillah Khairan for the support. Love you too :* <3