ދާރިސް (ފަންސާސްވަނަ ބައި)
“މާޒިންއަށް އެހީވެވިދާނެ ގޮތެއް އެބައޮތް…” ހިބާ އެ ވާހަކަ ބުނަމުން ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ބަލައިލީ އެނދާއި ދިމާލަށެވެ. އެތަނުން ދާރިސް ނުފެނުމުން ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، އެ ދޮރުމައްޗަށް ދާރިސް އެރީއެވެ. އެހިނދު ހިބާއަށް ދާރިސް ފެނި، ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
ހިބާގެ އެ ހިނިތުންވުން ފެނުނު ދާރިސްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިތަން ހިބާއަށް ފެނުނު ހިނދު، އެކޮޅުން މުނީރާ ވާހަކަ ދެއްކީއެވެ.
“ކޮން ގޮތެއްތަ ހިބާ؟ ނިކަން އަވަހަށް ބުނެދީބަލަ!” މުނީރާ ބުންޏެވެ.
“އިރުކޮޅަކުން ގުޅާފަ އެބަ ބުނަން އިން ޝާ ﷲ. އިހަށް ބޭއްވީއޭ މާޒިން މަންމަ….އެއްގޮތަކަށް ވެސް ކަންބޮޑުނުވުން އެދެން. އަޅުގަނޑު މި ހީކުރާ ގޮތަށް މާޒިންއަށްޓަކައި އެހީ ނުހޯދުނަސް، މާޒިން ބޭނުންވާ ކަހަލަ ޕްރޮޖެކްޓެއް ހަދައިގެން މާޒިން ފެއާރގަ ބައިވެރި ކުރުވާނަން އިން ޝާ ﷲ.” ހިބާ ބުނެލިއެވެ. އެހިނދު އެކޮޅުން މުނީރާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވި، އެންމެ ރަނގަޅޭ ބުނެލި އަޑު އިވުނެވެ. އެއަށްފަހު ހިބާ އޯކޭ ދެމުން ފޯނު ކަނޑައިލުމަށްފަހު އަނެއްކާވެސް ދާރިސްއަށް ސަމާލުކަން ދިނެވެ.
ދާރިސް އޭރުވެސް ހުރީ، ވާނުވާއެއް ނޭނގި ހިބާއަށް ބަލަހައްޓައިގެންނެވެ. އެއްޗެކޭ އަހަން ބޭނުންވެފައިވެސް ނާހާ ހުރި ކަހަލަ އަސަރެއް އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.
“ހެހެ….ހަމަ ތި ހީކުރާ ކަހަލަ ގޮތަކަށް މި ވަނީ ދާރިސް. މާޒިން ހަމަ ދާރިސްގެ އެހީއަށް ބޭނުންވާފަދަ ޙާލަތެއްގަ މިއަދު އެވަނީ…” ހިބާ ބުނެލި އެ ވާހަކައިން ދާރިސްގެ ދެބުމަ ކައިރިވިއެވެ.
“ކް…ކޮން ޙާލަތެއް؟” އާދައިގެ މަތިން މާޒިންއާއި ގުޅޭ ސުވާލެއް ދާރިސްއަށް ކޮށްލެވުނީ ޖެހިލުންވުމަކާއިއެކީގައެވެ.
ދާރިސްގެ އެ ސުވާލާއިއެކީ ހިބާ ތަފްޞީލުކޮށް ވެގެން އުޅޭ ގޮތް ދާރިސްއަށް ކިޔައިދިނެވެ. މާޒިން ފެއާރއަށްޓަކައި ތައްޔާރުކުރަން އުޅޭ ޚިޔާލާއިމެދު ދާރިސް ވެސް ޝައުޤުވެރިވުމުން ވާހަކައިގެ ތެރެއިން ވެސް އެ ޚިޔާލާއިމެދު އެތައް ސުވާލެއް ކުރެވުނެވެ. އަދި އެ ސުވާލުތަކަށް އަމިއްލަ އަމިއްލައަށް ވެސް ޖަވާބު ދެވެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. ހިބާ ކުރުކޮށް ކިޔައިދޭން އުޅުނު ވާހަކަ 10 ވަރަކަށް މިނެޓަށް ދިގުވެގެން ދިޔައީ އެހެންވެއެވެ.
“އެހެންވީމަ ދާރިސްއަށް ވެސް މި އައިޑިއާ ވަރަށް ކަމުދަންޏާ…..މާޒިންއަށް ހެލްޕްވާނަންދޯ؟” ހިބާ އަނެއްކާވެސް އެ ޕްރޮޖެކްޓުގެ ޚިޔާލުން، މާޒިންއަށް އެހީވުމުގެ ވާހަކައަށް އަޅުވައިލުމުން ދާރިސްގެ މޫނުމަތި މިލައިގެން ދިޔައެވެ. އިސާހިތަކު އެނދުގައި ދާރިސް އިސްޖަހައިލަމުން ނިޔަފަތިތައް ހާކަން އުޅުނު ވަގުތު ހިބާ އެ އަތްމަތީގައި އަތް އެޅިއެވެ.
“އިޓް ވިލް ބީ އޯކޭ ދާރިސް…..މާޒިންގެ މަންމަ ނާންނާނެއޭ. ސްކޫލް ސެޝަން ނިންމައިލާފަ މާޒިން ޑައިރެކްޓްކޮށް މިގެއަށް ގެންނާނީ އަހަރެން. އެހެންނޫނީ އެ މަންމަ މާޒިން ލާން އަޔަސް އަދި ބަލާ އަޔަސް ދާރިސް ކޮންމެހެން އެ މަންމައާއި ބައްދަލުކުރަން ނުޖެހޭ…އެނގޭ އަސްލު އެ ޚިޔާލުންކަން ދާރިސްއަށް ބޮޑަށް ދަތިވަނީ. އިޓް ވިލް ބީ ޖަސްޓް ޔޫ އެންޑް މާޒިން….ޓްރަސްޓް މީ…” ހިބާ ދާރިސްއަށް ވިސްނައިދޭން އުޅޭ ފަދައަކުން ބުންޏެވެ.
މާޒިންގެ މަންމައާއި ދާރިސް ބައްދަލުކުރަން ދާރިސް ޖެހިލުންވާ ސަބަބު ހިބާއަށް ރަނގަޅަށް އެނގެއެވެ. އެ މަންމަގެ ނަން ދާރިސްގެ އަމިއްލަ މަންމަގެ ނަމާއި އެއްގޮތްވުމުން އެ މަންމައަކީ އޭނަގެ މަންމައަށް ވެދާނެހެން ދާރިސްއަށް ހީވަނީއެވެ. އަމިއްލަ މަންމަހެން ހީވާ މީހަކާއި ވެސް ބައްދަލުކުރަން ޖެހިލުންވާއިރު، އެ މަންމައާއި ބައްދަލުވާ ހިނދު ދާރިސްއަށް ވާނީ ކިހިނެއްތޯ ހިބާގެ ހިތް ސުވާލުކުރިއެވެ. އަދި އަމުދުން ކުޑައިރު މަންމަ ދެކެ އެހާ ލޯބިވާ ދާރިސް، މަންމަގެ ޚިޔާލުތަކުން ވެސް ދުރުވާން އެ މަސައްކަތް ކުރަނީ ކީއްވެތޯ ހިބާގެ ސިކުނޑި ހާސްވަނަ ފަހަރަށް ސުވާލުކުރިއެވެ. އެހެނަސް އެއީ ވިސްނާވިސްނާ އޭނައަށް ޖަވާބު ނުލިބުނު ސުވާލުތަކެވެ.
“އެންމެ ރަނގަޅު….” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދާރިސް ބުންޏެވެ. އުއްމީދުކޮށްގެން ނެތް ވަގުތުކޮޅެއްގައި ދާރިސްގެ ދުލުން އެ ބަސްތައް އިވިގެން ދިޔުމުން ހިބާ ހިނިތުންވެލީ ހިނދު، އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.
“ވީހާވެސް އަވަހަކަށް ގެންނަންވާނެދޯ؟ ދެން ވަރަށް މަދު ދުވަސްކޮޅެއް ބާކީ އޮތީ ވެސް…” ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެފައި ފަހު ޖުމްލަ ބުނެލީ ހިބާއަށް ބަލައިލަމުންނެވެ. އެހިނދު ލިބުނު އުފަލާއިއެކީ ހިބާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ހިބާ ‘އައި ލަވް ޔޫ’ އޭ ބުނެ ދާރިސްގެ ގައިގައި އެއްފަރާތަކުން ބައްދައިލަމުން ކޯތާފަތަށް ބޮސްދިނުމުން ދާރިސްއަށް ވެސް އެ ވަގުތުކޮޅުގައި ހީލެވުނެވެ.
ހިބާ އެވަގުތުން ވަގުތަށް ވެސް މާޒިންގެ މަންމައަށް ގުޅައި އެ އުފާވެރި ޚަބަރު ދޭން ބޭނުންވިއެވެ. އެހެނަސް އެވަގުތު ސްކޫލުން އައި ކޯލަކާއިއެކީ ހިބާ ވަގުތުން ކޮންމެވެސް މަސައްކަތެއް ނިންމަންވުމުން އެ މަސައްކަތާއި މަޝްޣޫލުވެ އެކަމުގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. އެހެންކަމުން ހިބާ އެ ފަހުން މުނީރާއަށް ގުޅައިލީ ހަވީރު ފެންވެރުމަށްފަހު ރީތިވާ މޭޒު ކައިރީގައި ބޮލުގައި ފުނާ އަޅަން ހުރެއެވެ.
“އެކަމަކު އަންފެއާރ ނުވާނެތަ އެހެން ހެދީމަ ހިބާ؟ ހިބާގެ ފިރިމީހާއަކީ އެ ކަންތަކުގެ މާހިރަކަށްވެފަ މާޒިންއަށް އެ އެހީ ލިބުނީމަ؟” އެއްއަތުން ބޮލުގައި ފުނާ އަޅަމުން އަނެއްއަތުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރި ހިބާއަށް މުނީރާގެ އަޑު އިވުނެވެ.
“ނޫނޭ ހަމަ ރަނގަޅުވާނެ….މިއީ އަނެއްހެން ކޮމްޕެޓިޝަނެއް ނޫން. ފެއާރގަ ދައްކުވައިދޭން އުޅެނީ ކުދިންގެ ކިބައިގަ ހުރި ޚިޔާލުތައް. ފެއާރގެ ބޭނުމަކީ ކުދިންގެ ހުރި ސައިންސް އަދި ޓެކްނޮލޮޖީގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ކުދިންނަށް ހޯދައިދިނުން. ސްކޯރ ދީގެން ވަނަ ހޮވާ ގޮތަކަށް ނޫން އޮތީ ވެސް. ބައިވެރިވާ ކުދިންނަށް ބައިވެރިވި ކަމުގެ ސެޓްފިކެޓެއް ލިބޭނީ. އެހެންވީމަ އަންފެއާރއެއް ނުވާނެދޯ މާޒިން އެގޮތަށް ހެލްޕް ހޯދިޔަސް؟” ހިބާ ވާހަކަ ދެއްކިއެވެ. އެހިނދު ބޭރުގައި ހުރެފައި ހަވީރު ސަޔަށް އައުމަށް ހިބާއަށް ގޮވަން، ކޮޓަރީގެ ދޮރު ހުޅުވި ދާރިސްއަށް ވެސް އެ ވާހަކައިގެ އެއްބައި އިވުނެވެ.
ދާރިސް އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލީ ހިބާ ފޯނެއްގައި ހުރީތީވެއެވެ. އަދި އަމުދުން މޫނުބަލާ ލޯގަނޑުން އެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުން ފެނިފައެވެ. އޭނަ މާޒިންއަށް އެހީވާން އެއްބަސްވުމުން، ހިބާއަށް އެ ދެވުނީ ބޮޑު ލުޔަކާއި، އުފަލެއްކަން އެވަގުތު އަނެއްކާވެސް އިޙްސާސް ކުރެވުނެވެ. އެހިނދު ވީހާވެސް ފުރިހަމައަށް މާޒިންއަށް އެހީވުމަށް އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. އެ ޚިޔާލުން އެތައް ސަބަބަކާއިހުރެ އޭނައަށް ދަތިވި ކަމުގައި ވިޔަސްމެއެވެ.
**
އެރޭ ހަމްނާ ނިދަން އޮށޯތީ، އޭނަގެ ފަހުގެ އާދައިގެ މަތިން 10 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. ނިދުމުގެ ކުރިން ކިޔާ ހުރިހާ ޒިކުރެއް ކިޔައި ނިންމައިލުމަށްފަހު ހަމްނާ ރަޖާ އަޅައިގެން އޮށޯތެއްކަމަކު، ލޮލަކަށް ނިންޖެއް ނާދެއެވެ. ލޯ މަރައިލުމާއިއެކު ފެނިގެން ދަނީ އެދުވަހު ސްކޫލުން އޭނައަށް ފެނުނު ސޫރައެވެ. ނައުފަލްގެ ސޫރައެވެ.
އެ ވަގުތުކޮޅަށްފަހު ހަމްނާގެ ހިތް މުޅިން އެފުށްމިފުށަށް ޖެހިފައިވެއެވެ. މިހާ ދުވަހު ﷲ ގެ ހަނދުމައިން ހަމަޖެހުން ލިބިފައިވި ހިތް، ނުތަނަވަސްކަމުން ފުރިފައިވިއެވެ. އޭނަގެ ކުރީގެ ނަފްސަށް އަނބުރައި ގޮސްފާނެކަމުގެ ނުތަނަވަސްކަމެވެ. އޭނަ ވަމުން ދިޔަ ތައުބާގެ މަތިން ހަނދާން ނެތި، އަނެއްކާވެސް އަނދިރި ދިރިއުޅުމަކަށް ގޮސްފާނެކަމުގެ ބިރުވެރިކަމެވެ. އޭނަ ހިދާޔަތުގެ މަގުން ދުރުވެ، އެ ހިދާޔަތުގެ ސަބަބުން އޭނައަށް ލިބުނު ސާފު ނަޒަރިއްޔާތުތައް ގެއްލި، އަނެއްކާވެސް މަގު އޮޅިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ.
އެ ކަންބޮޑުވުންތައް އިތުރުވަމުން ދިޔައީ އޭނައަށް އެދުވަހު އެތައް ދުވަހެއް ފަހުން ފުރަތަމަ ފަހަރަށް ނަމާދުގައި ދޭންޖެހޭ ސަމާލުކަން ނުދެވުމުންނެވެ. ނަމާދުގައި އަޅާއަށް އިޙްސާސް ކުރެވޭ ޚުޝޫޢަތްތެރިކަމަކީ ވެސް ﷲ ދެއްވާ ނިޢުމަތެއްކަން އޭނައަށް އެނގިފައިވަނީ ވަރަށް ފަހުންނެވެ. މިއަދު ކަންތައްވެގެން ދިޔަ ގޮތުން އެ ނިޢުމަތުން ވެސް އޭނަ މަޙްރޫމްވީތާއޭ ހިތް ބުނަމުން ދިޔަދިޔަހެން ހަމްނާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނައަށް ދެން ހެޔޮ ޢަމަލުތައް ކުރުމުގައި ދެމި ނުހުރެވޭނެކަމަށް ބުނާ ޝައިޠާނީ ވަސްވާސްތަކެއް ވެސް ލިބެމުން ދިޔައެވެ. އެފަދަ ޚިޔާލުތަކެއް ކުރަން ބޭނުންނުވުމުން ހަމްނާ ބޯހޫރުވައިލުމަށްފަހު ލޯ މަރައިލަމުން ފުން ނޭވާތަކެއް ލާން ފެށީ، އޭނަގެ ވިސްނުންތަކަށް ކުޑަވެސް ހުއްޓުމެއް ގެނައުމަށެވެ. އެ އަޑު ހަރު ޚިޔާލުތައް ހުއްޓިގެން ދިޔުމާއިއެކު ލޮލަށް ސިފަވާން ފެށީ، އެދުވަހު ހަވީރު ކަންތައްވެގެން ދިޔަ ގޮތެވެ.
“ހަމް!” އެ އަޑު އެތައް ދުވަހެއް ފަހުން އިވިފައި ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އަތް ފައި ފިނިވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެގެން ދިޔަ ގޮތުން ބިރުގަންނަހާވަރު ވިއެވެ. އެހެނަސް ހަމްނާ ހުރިހާ ހިތްވަރެއް އެއްކުރަމުން ފަސްއެނބުރިލިއެވެ. އެހިނދު އެތާ ހުރީ، ރަތްކުލައިގެ ފުޓުބޯޅަ ޖޯޒީއެއްގައި ހުރި ނައުފަލް ނޫން ދެވަނަ މީހެއްނޫނެވެ.
“ލޯންގް ޓައިމް ނޯ ސީ، ލަވް!” ނައުފަލް އެހެން ބުނެލި ހިނދު އެ ލޯ މަތިން ފެނުނު އަސަރުންނާއި، ތުންފަތްމަތިން ފެނުނު ހިނިތުންވުމުން ހަމްނާގެ ހިތް އަނެއްކާވެސް ބަލިކަށިވާން ފެށިހެން އޭނައަށް ހީވިއެވެ. އެހިނދު ކުރު އާހެއްގެ އަޑު އަނގައިން ބޭރުވެގެން ދިޔައީ، އިސާހިތަކު އެ ހިތް ވަށައިލަން ފެށި ނާއުއްމީދީ އިޙްސާސްތަކެއްގެ ސަބަބުންނެވެ.
“އެއްޗެކޭ ނުބުނާނަންތަ؟ ހެހެ….ސޮރީ އިނގޭ ލޯބި. އަހަރެން ދުވަސްކޮޅަކަށް މާލެ ދާން ޖެހުނީ. އެކޮޅަށް ގޮއްސަ މާ ބޮޑަށް ބިޒީވީމަ ކޮންޓެކްޓް ނުކުރެވުނީ…” ނައުފަލް އިސްޖަހައިލީ އަމިއްލަ ނަފްސު ކުށްވެރިކުރާ ފަދައަކުންނެވެ. އޭނަގެ އެ ޙަރަކާތުން އިސާހިތަކު ބަލިކަށިވެފައިވި ހަމްނާގެ ހިތް އޭނައަށްޓަކައި ޙަމްދަރުދީއިން ފުރިގެން ދިޔައެވެ.
ހަމްނާ ދެންވެސް އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ނައުފަލް އިތުރަށް ވާހަކަ ދެއްކިއެވެ.
“ލޯބި ފަހުން މެސެޖުވެސް ނުކޮށް ހުއްޓައިލީ ދެރަވެގެންދޯ؟ އައި ކޭން އަންޑަސްޓޭންޑް. އައިމް ވެރީ ސޮރީ…” ނައުފަލް ތަކުރާރުކޮށް މަޢާފަށް އެދެމުން ހަމްނާއާއި ދިމާލަށް ދެ ތިން ފިޔަވަޅު އަޅައިލިއެވެ. އެ ހިނދު ހަމްނާއަށް ފަހަތަށް ފިޔަވަޅުތައް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ފަހަތަށް އަޅައިލެވުނު އެންމެ ފިޔަވަޅާއި އެކީ ހަމްނާ ފާރުގައި ޖެހުމުން ލިބުނު ސިހުމަކާއިއެކީ ޙަރަކާތްތައް މަޑުޖެހުނެވެ. އެހިނދު ޙައިރާންކަމެއް ލިބުނު ނައުފަލް އެއްޗެކޭ ބުނަން އުޅުނު ހިނދު އެއްފަރާތަކުން އެހެން ކުއްޖެއްގެ އަޑު އިވުނެވެ.
“ބޯއިސް ދީޒް ޑޭސް…..ސޯ އޯވާކޮންފިޑެންޓް! ކިހިނެއް އެނގެނީ ހަމްނާ ތީނައަށް މެސެޖުކުރުން ހުއްޓައިލީ ކޮންމެހެން ތީނަގެ ހަނދާނުގަ ދެރަވެގެން ކަމެއް؟ ހަމްނާ ބޭނުންނުވީމަ ވެސް މެސެޖު ނުކޮށް ހުރެދާނެއެއްނު؟ އޯ މޭއިބީ ޝީ ހޭޑް ބެޓާރ ތިންގްސް ޓު ޑޫ ދޭން ޔޫ!” އެމީހުންގެ ކަނާތް ފަރާތުން ހިނގާފައި އައިސް ނައުފަލާއި ފަސް ވަރަކަށް ފިޔަވަޅު ދުރުގައި މަޑުކޮށްލަމުން ސާބިތު އަޑަކާއިއެކީ ވާހަކަ ދެއްކީ ސިޔާރާ ނޫން ދެވަނަ މީހެއް ނޫނެވެ.
ސިޔާރާ ދެއްކި ވާހަކައިން ހަމްނާއަށް ހިސާބެއްގެ ސާބިތުކަމެއް ލިބުނުއިރު، ނައުފަލް ސިޔާރާ ފެނުމުން ވެސް ޖެހިލުންވެ، އަނގަ ސަކަރާތްވާ ގޮތްވިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ކުރިމަތީގައި ނައުފަލް އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި ދިޔަހެން ހީވުމުން ހަމްނާއަށް ލިބުނު ޙައިރާންކަމާއިއެކީ އެއްފަހަރު ނައުފަލަށް އަނެއްފަހަރު ސިޔާރާއަށް ބަލައިލެވުނެވެ.
“މިއީ ތި ކުއްޖާއާއި ބެހޭކަމެއް ނޫން. މިއީ އަހަންނާއި އަހަރެންގެ ގާލްފްރެންޑާއި ދެމެދު ދެކެވޭ ވާހަކައެއް…” ނައުފަލް އޭނަގެ އަޑަށް ސާބިތުކަން ވެރިކުރުވޭތޯ ބަލަމުން ބުންޏެވެ.
“ގާލްފްރެންޑް؟!” ސިޔާރާ ދެބުމަ ކައިރިކޮށްލަމުން އެ ބަސް ކިޔައިލުމަށްފަހު ހަމްނާއަށް ބަލައިލުމާއިއެކު ހަމްނާއަށް އިސްޖަހައިލެވުނެވެ.
“އާނ ގާލްފްރެންޑް! އަހަރުމެން ޑޭޓް ކުރާތާ މިހާރު ދެ މަސް ހަމަވީ. ހަމްނާ ވެސް ބޭނުންވެގެން ރައްޓެހިވެގެން މިއުޅެނީ. އަދިވެސް އަހަރުމެންގެ ދެމެދަށް ވަންނަން މަސައްކަތް ކުރާނަން؟” ނައުފަލް އަޑު ބާރުކޮށް ބޮޑާވެލަމުން ސިޔާރާއާއި ވާހަކަ ދެއްކިއެވެ. ސިޔާރާ ދެންވެސް އެއްފަހަރު ނައުފަލަށް އަނެއްފަހަރު ހަމްނާއަށް ބަލަމުން ދިޔައެވެ. ނައުފަލް ދައްކަމުން ދިޔަ ވާހަކަތަކުން ހަމްނާ އޭނަގެ ރަނގަޅު އެކުވެރިޔާގެ ކުރިމަތީގައި ލަދުވެތިވުން ނޫންކަމެއް ނުވިއެވެ.
“އެހެންދޯ ވަނީ؟ އެހެންކަމަށްވަންޏާ ވެސް ތީނަ މިކަހަލަ ދުވަހެއްގަ ސްކޫލަށް އައިއްސަ ހުންނާނީ ކޮންމެވެސް ކަމަކުހެން ހީވަނީ. ހަމްނާ ބަހައްޓާފަ އެކަމެއް ކުރަން ދޭބަލަ….މީނަ ގޮވައިގެންދޭ ނަބީހް!” ސިޔާރާ ނައުފަލްއަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ގޮސް، ނައުފަލްގެ އަނެއްފަރާތުން ނަބީހް ފެނިފައި ނަބީހަށް ގޮވައިލިއެވެ. އެއާއިއެކު އެތާތިބި އެންމެންގެ ނަޒަރު ނަބީހަށް އަމާޒުވިއެވެ. ފެހި ކުލައިގެ ޖޯޒީއެއްގައި ހުރި ނަބީހް، ނައުފަލާއި ސިޔާރާއަށް ވަކިވަކި ނަޒަރުތައް ދިނުމަށްފަހު ހަމްނާއަށް ވެސް ބަލައިލި ހިނދު، ހަމްނާއަށް އާދައިގެ މަތިން ދުރަށް ނަޒަރު ހިންގައިލެވުނެވެ. އެހެނަސް އެ ދުވަހު އެ ޙަރަކާތް ގެނެވުނުއިރު ހިތުގައިވީ ތަފާތު އިޙްސާސްތަކެވެ. މި ހުރިހާ ދުވަހު އޭނަ ނަބީހަށް ފަސްދޭ ވަގުތު ހިތުގައި އޮންނަނީ ފޫހިކަމެކެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެ ވަގުތު އިޙްސާސް ކުރެވިގެން ދިޔައީ ޖެހިލުންކަމެކެވެ.
“ޕްރެކްޓިސް ފެށޭ ގަޑި ކައިރިވަނީ. ފެށެން ވާއިރަށް ވޯމް އަޕް ޖައްސަން ކޯޗް އަންގާފަ އޮތީ. ސަޓަޑޭސްގަ ވޯމް އަޕް ލީޑްކުރަނީ ނައުފަލެއް ނޫންތަ؟” ހަމްނާއަށް އަނެއްކާވެސް ނަބީހާއި ދިމާލަށް ބަލައިލެވުނީ ނަބީހް ސާބިތު އަޑަކާއިއެކީ ނައުފަލާއި ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ހަމްނާ ބަލައިލިއިރު ނަބީހާއި ނައުފަލް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ނުރުހުންތެރި ނަޒަރުތަކުންނެވެ.
“މަ ކުރަންވީ ކަމެއް ބުނަން ކަލޭ ތިއީ ކާކު؟!” ނައުފަލް އާދައިގެ މަތިން އަޑު ހަރުކޮށްފައި ނަބީހްގެ ގަޔަށް އަތްލާން އުޅުނު ވަގުތު އެތަނަށް ކޯޗެއް އައެވެ.
“ނަބީހަކީ ނައުފަލްގެ ފެލޯ ޕްލޭޔާރއެއް…ނަބީހް އެ ބުނީ ރަނގަޅަށް. މިއަދު ވޯމް އަޕް ޖައްސާނީ ނައުފަލް!” ނަބީހްގެ ކައިރިއަށް އައިސް ހުއްޓުނު ކޯޗު އެހެން ބުނުމާއިއެކު ނައުފަލް މައިތިރިވެ، ފަހަތަށް ޖެހިލިއެވެ. އިސާހިތަކު ނައުފަލް، ނަބީހަށް ލޯ އަޅައިލުމަށްފަހު ވެސް ކޯޗު ބުނި ގޮތަށް ހެދީ، އެ ކޯޗުގެ ހަރުކަށިކަން އެނގިގެންކަން އެތާތިބި އެންމެންނަށް ވެސް އެނގުނެވެ.
ނައުފަލް ހިނގައިގަތުމުން ކޯޗު ނަބީހްގާތު ހިނގާށޭ ބުނުމުން، ނަބީހް ކޯޗާއިއެކީ ހިނގައިގަތް މަންޒަރު ބަލަން ހަމްނާއަށް ހުރެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހިނދު އޭނައަށް ނަބީހް ފަހަތުން ފެންނަމުން ދިޔަ ގޮތް ވެސް އެހާ ރީތިވީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެ އިޙްސާސްތަކުން ހިތް ފުރެން ފެށުމުން ހަމްނާއަށް އަނެއްކާވެސް އިސްޖަހައިލަން ޖެހުނެވެ. ހަމަ އެ ވަގުތު ސިޔާރާ ހަމްނާގެ ކައިރިއަށް އައިސް ވާހަކަ ދެއްކިއެވެ.
“ހަމް މަސައްކަތް ނިމިފަ ހުރިއްޔާ….އިރުކޮޅަކަށް ވާހަކަ ދައްކައިލެވިދާނެތަ؟” ސިޔާރާ އެހިއެވެ. އެއާއިއެކު ހަމްނާ ނުތަނަވަސްވެގެން ދިޔަ ހިތަކާއިއެކީ ވެސް ބޯޖަހައިލިއެވެ.
އޭގެ އިރުކޮޅެއްފަހުން ހަމްނާ އިނީ ސިޔާރާއާއި އެކީ ހުސް ކުލާސްރޫމެއްގެ މޭޒުދޮށުގައެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ހުރިހާ ކުދިން އެކީގައި މަސައްކަތް ކުރަން ތިބި ކުލާސް ރޫމެވެ. ސިޔާރާގެ އެކުވެރިން އެވަގުތު މަސައްކަތް ނިންމައި، ގެއަށް ގޮސްފައިވުމުން ސިޔާރާއަށް ހަމްނާއާއި ވަކިން ވާހަކަ ދައްކަން ފުރުސަތެއް ލިބިފައިވިއެވެ.
“އަހަންނަށް ކިޔައިދީ ހަމް…ހުރިހާ ވާހަކައެއް. އައި ނޯ ޔޫ އާރ ނޮޓް އޯކޭ. އެހެންވީމަ މި ބުނީ ކިޔައިލަދޭށޭ…” ސިޔާރާ ތަކުރާރުކޮށް އެހެން ބުނަން ޖެހުނީ، އޭނަ ކުރިން ވެސް އެހެން ބުނުމުން ހަމްނާ ހިމޭންކަން ޚިޔާރު ކޮށްފައިވާތީވެއެވެ. ސިޔާރާ ހަމްނާގެ ކުރިމައްޗަށް ވާ ގޮތަށް ގޮނޑިއެއް ބަހައްޓައިގެން އިންއިރު ވެސް، ހަމްނާ ސިޔާރާއަށް ބަލަން ނުކުޅެދިފައިވިއެވެ.
“ކިޔައިދޭނީ ކިހިނެއްކަމެއް ނޭނގޭ….ލަދުގަނޭ ކިޔައިދޭން ވެސް. ސިޔާ ޑިސްއެޕޮއިންޓް ކުރެވުނީތީ ދެރަވެސް އެބަވޭ. އިސްލާމް ކްލަބްގެ އެކްޓިވް މެމްބާރއެއްގެ ގޮތުގަ ހުރެ ވެސް ރިލޭޝަންޝިޕެއްގަ އުޅެމުން ދިޔައީތީ…” ހަމްނާ ކުށްވެރިއެއް ފަދައިން ބުންޏެވެ.
“ހުމް….ޓު ބީ އޮނެސްޓް އައި އޭމް އަ ބިޓް ޑިސްއެޕޮއިންޓެޑް. އެނގޭތަ އަހަރުމެން ދީނުގަ ޑޭޓް ކުރުމަކީ ރަނގަޅުކަމެއް ނޫންކަން؟” ސިޔާރާ އެހެން އެހުމުން ހަމްނާ ބޯޖަހައިލިއެވެ.
“އެނގޭ…ދޮންތަ ހުރީ ތި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިލަދީފަ. ދޮންތަ ބުނަންވެސް ބުނި ނައުފަލަކީ ރަނގަޅު ކުއްޖެއް ނޫނޭ. އެކަމަކު ނައުފަލް ރައްޓެހިވާން ބުނީމަ އަހަންނަށް ނޫނެކޭ ނުބުނެވުނު. ދޮންތަ ރާއްޖެއިން ބޭރުގަ ހުއްޓާ ރައްޓެހިވީ ވެސް. ދޮންތައަށް ވެސް މިކަން ފޮރުވައިގެން މިއުޅެނީ…”
“އެހެންވީމަ ދޮންތައަށް ވެސް ދޮގު ހަދަންޖެހޭ ފަހަރު އައިސްފަ ހުންނާނީދޯ؟”
“ނޫން އެކަމަކު….ދޮންތަ ބުނި އަހަންނަށް ކުއްޖަކު ކަމުދަންޏާ ދޮންތަ ކައިރި ބުނާށޭ. ހުރިހާ ވާހަކައެއް ކިޔައިދޭށޭ. އެ ވާހަކަ ކިޔައިނުދީ ހުރުމުން ދޮންތައަށް އޮޅުވާލައިގެންދޯ މި އުޅެނީ؟ އައިމް ނޮޓް ޕްރައުޑް އޮފް އެނީ އޮފް އިޓް. އަދިވެސް އެއްފަހަރު ސިޔާއަށް މަޢާފަށް އެދެން-“
“އަހަންނަކަށް ނޫނޭ މަޢާފަށް އެދެންވީ. މަޢާފަށް އެދެންވީ އަމިއްލަ ނަފްސަށް. ޑޯންޓް ގެޓް މީ ރޯންގް. ކުއްޖަކު ލައިކްވުމަކީ ގޯހެއްނޫން. އެކަމަކު ގިނަފަހަރު މަތިން އަހަރުމެންގެ ހުންނަ އިމޯޝަނަލް ވޫންޑްސްތަކުގެ ސަބަބުން ނޭނގި ނަމަވެސް އަހަރުމެންނަށް އެންމެ ރަނގަޅު ޒާތުގެ ބައިވެރިންނެއް ނޫން އިޚްތިޔާރު ކުރެވެނީ. ކުޑައިރުއްސުރެ ހިތުގައިވާ އެ ޒަޚަމްތަކުގެ ސަބަބުން އަހަރުމެންނަށް ލޯބިވާން ވެސް ރަނގަޅަށް ނޭނގި ހުރެދާނެ. ޑޭޓް ކުރުމުގެ ބަދަލުގަ އެންމެ ފުރަތަމަ ވެސް ކަމުދާ ކުއްޖާގެ ވާހަކަ ޢާއިލާއަށް އަންގައި، ނޫނީ ހެޔޮއެދޭ އެކުވެރިޔަކާއި އެ ވާހަކަ ޙިއްސާ ކުރުން މުހިއްމުވާ އެއް ސަބަބަކީ ވެސް މިއީ. އޭރުން އަހަރުމެންނަށް ނުފެންނަ ނަޒަރިއްޔާތްތައް އެމީހުން ދައްކުވައިދޭނެ އިން ޝާ ﷲ…ހަމްނާއަށް ހެޔޮއެދޭ ގާތް އެކުވެރިއެއްގެ ގޮތުގަ އަހަރެން މި ބުނަނީ…ނައުފަލް އިޒް ނޯ ގުޑް ހަމްނާ. ނައުފަލް ކޮންމެވެސް ވަރަކަށް އެނގިފަ ހުރީމަ އަހަންނަށް މިހެން ބުނަން މި އެނގެނީ…”
“ހުމް….ނަބީހް ވެސް އަހަރެން ނައުފަލްއާއި ރައްޓެހިވާން އުޅުނު ދުވަސްވަރު ތިހެން ބުނި…”
“ނަބީހްގެ ވާހަކަ ބާއްވާ….ހީ މަސްޓް ބީ ސޯ ހާޓް ބާއި ދިސް..”
ސިޔާރާ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ބުނެލި ބަސްތަކުން ހަމްނާއަށް ޙައިރާންކަމެއް ލިބުނެވެ. އެ ވާހަކައާއިމެދު ހަމްނާ ސުވާލެއް ކުރަން އުޅުނުތަނާހެން ސިޔާރާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެނީވޭސް….ނައުފަލްއާއިމެދު ހަމްނާއަށް އިޙްސާސް ކުރެވެނީ ކިހިނެއް؟ ދެންމެ ދެކެވުނު ވާހަކައިން ހީވަނީ ހަމްނާ ވެސް އޭނައަށް މެސެޖު ނުކޮށްގެން އުޅޭހެން….”
“އަ….އާނ…އަސްލު ނައުފަލް ވެސް އަހަންނަށް އެހާ ގިނައިން މެސެޖެއް ނުކުރޭ. ޙަޤީޤަތުގަ އެ ރިލޭޝަންޝިޕްގަ އުޅުނުއިރު ވެސް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނީ. އެ އެކަނިވެރިކަމުގެ ތެރެއިން އަހަރެން ދީނަށް ޝައުޤުވެރިވެ ފުރަތަމަ ފަހަރަށް އިޚްލާޞްތެރި ތައުބާއެއް ވީ ވެސް އަލްޙަމްދުލި ﷲ. އެ ފަހުން ނައުފަލްއާއި އެއްގޮތަކަށް ވެސް ކޮންޓެކްޓެއް ނުކުރަން. އެ ގުޅުން ކަނޑައިލަން ބޭނުންވެގެން ހުރީ. އެއީ ވެސް އަހަރެންގެ ތައުބާގެ ތެރޭގަ ހިމެނެންޖެހޭ ކަމެއްކަން އެނގުންވީތީ. އެކަމަކު ނައުފަލް އެފަހުން އަހަންނާއި ކޮންޓެކްޓް ނުކުރީމަ ރަނގަޅުވާނެކަމަށް ނިންމައިގެން ހުރީ….އެ ގުޅުން ކަނޑައިލަން ހިތްވަރެއް ނުލިބުނީ އަސްލު…”
“އެއީ ކީއްވެ؟ ޔޫ ސްޓިލް ލައިކް ހިމް؟ އެ ރިލޭޝަންޝިޕްގަ ނައުފަލް ހަމްނާއާއި ދޭތެރޭ ކަންތައް ކުރި ގޮތަށް ފަހުވެސް؟”
“ޔެސް އައި ގެސް…..އައި ސްޓިލް ލައިކް ހިމް. އެ ހުރިހާ ކަމަކަށްފަހު ވެސް ފީލިންގްސް ހުންނާނީ ލޯތްބަށްވީމަދޯ؟”
“އެއީ ލޯތްބެއް ނޫން ހަމްނާ. އިޓްސް އަ ޑިލިއުޝަން. ޙަޤީޤީ ލޯތްބަކީ ހަމްނާގެ އަމިއްލަ ނަފްސާއިމެދު ސުވާލު އުފައްދާނެ އެއްޗެއް ނޫން. އެކަނިވެރިކަން އިޙްސާސް ކުރުވާނެ އެއްޗެއް ވެސް ނޫން. ރަނގަޅަށް ވިސްނާ ހަމް….ވަޓްސް ރިއަލީ ސްޓޮޕިންގް ޔޫ ފްރޮމް ލީވިންގް ހިމް؟”
ސިޔާރާގެ އެ ސުވާލަށް ހަމްނާއަށް އެވަގުތު ޖަވާބެއް ދެވޭ ގޮތެއްނުވިއެވެ. އެ ހަނދާންތައް އެއްފަހަރާ ހަނދާންވެގެން ދިޔަ ހިނދު، ސިޔާރާގެ އެ ފަހު ސުވާލު އެނދުގައި އޮތް ހަމްނާގެ ކަންފަތުގައި ގުގުމައިލީ އެހެންވެއެވެ. އެއާއިއެކު ހަމްނާއަށް އަނެއްކާވެސް އެ ސުވާލާއިމެދު ވިސްނެން ފެށިއެވެ. ވިސްނުމަށްފަހު ޖަވާބެއް ދިނުމަށް ސިޔާރާ އޭނަ ގާތު ބުނެފައިވާތީވެސްމެއެވެ.
ނައުފަލާއި ވަކިވުމުގެ ޚިޔާލު ކުރެވުމުން ވެސް ހަމްނާގެ މެއަށް އުދަގޫވާން ފެށިއެވެ. ހަތަރުފަރާތުން ޖެހި ފިތި ބާރުވާން އުޅުނު އިޙްސާސެއް ކުރެވުނީ، ނައުފަލާއި ވަކިވެއްޖެނަމަ އޭނަގެ ދިރިއުޅުން ހުއްޓުމަކަށް އައިސްދާނެހެން ހީވާ ދަރަޖައަކަށެވެ.
ސިކުނޑިއަށާއި ހިތަށްވާން ފެށި އުދަގޫތަކާއިއެކީ ހަމްނާ ތެދުވެލަމުން ފުން ނޭވާތަކެއް ލާން ފެށީ ހަމައަކަށް އެޅޭތޯ ބެލުމަށެވެ. އޭނައަށް އެ ވަމުން ދިޔަ އެ އުދަގޫތަކަކީ ހަމަ ނައުފަލްގެ ޚިޔާލުތަކެއްގެ ސަބަބުން ވާ އުދަގޫތަކެއްތޯ ފުރަތަމަ ފަހަރަށް ހަމްނާގެ ހިތް ސުވާލުކުރިއެވެ. އެއާއިއެކު އޭނަ ހުއްޓުން އެރިއެވެ. ސިޔާރާ ބުނިހެން އޭނަ ވާ ލޯތްބެއްގެ ސަބަބުން އޭނައަށް މިހާ ގިނަ ދަތިތައް ކުރިމަތިވާންޖެހޭތޯ ހިތަށްއެރިއެވެ. ނައުފަލާއި ދިމާވުމުގެ ކުރިން ހަމަ ގައިމުވެސް އޭނަ އުޅުނީ މިއަށްވުރެ އުފަލުގައެވެ. ނައުފަލާއި ރައްޓެހިވުމުން ވެސް އެ އުފާވެރިކަން އިތުރަށް ގެއްލި ދިޔުން ނޫންކަމެއް ނުވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ ނައުފަލް އޭނައަށްޓަކައި ރަނގަޅު ލޯބިވެރިޔަކަށް ނުވުމުން ހެއްޔެވެ؟ އެހެންނޫނީ ސިޔާރާ ބުނިހެން އޭނަގެ ހިތުގައިވާ ޒަޚަމްތަކެއްގެ ސަބަބުން އޭނައަށް ލޯބިވާން ނޭނގި ހުރީ ހެއްޔެވެ؟
ހަމްނާއަށް ނޭނގުނު ކަމަކީ އެ ސުވާލުތަކުން އޭނައަށް އެ އަޅައިލެވުނީ، ޙަޤީޤީ ލޯތްބާއި ދިމާލަށް އަޅައިލެވުނު ފުރަތަމަ ފިޔަވަޅުކަމެވެ. އެހެނީ ޙަޤީޤީ ލޯތްބަކީ އަމިއްލަ ހިތުގެ ޙާލު ނޭނގި، މަދު ފަހަރަކު ނޫނީ ތަޖުރިބާ ނުކުރެވޭނެ އިޙްސާސަކަށްވާތީވެއެވެ. އަދި ޙަޤީޤީ ލޯތްބެއް އެހެން މީހަކަށް ދެވޭނީ ވެސް އަމިއްލަ ހިތް ރަނގަޅު ޙާލަތެއްގައިވުމުން ކަމަށްވާތީވެއެވެ.
**
އޭގެ އަނެއްދުވަހުގެ ފަތިހު ހޭލެވުނީއްސުރެ ދާރިސްއަށް އުޅެވެމުން ދިޔައީ ކެތްމަދުވެފައިވާ ޒާތަކަށެވެ. އެދުވަހަކީ މާޒިންގެ ސައިންސް ޕްރޮޖެކްޓު ހެދުމަށް މާޒިން އެގެއަށް ގެނެވޭ ފުރަތަމަ ދުވަސް ކަމަށްވުމުންނެވެ. ދާރިސް ދޭތެރެދޭތެރެއިން ޙަރަކާތްތައް އަވަސްކުރަމުން ދޭތެރެދޭތެރެއިން ވިސްނުމަކަށް ގެއްލި، ލަސްލަހުން ކަންތައް ކުރަމުން ދިޔަ މަންޒަރު ފެނި، ހިބާއަށް ވެސް ހެވުނެވެ.
“އަންނާނަން އިނގޭ ސްކޫލަށް ގޮއްސަ؟ މާޒިން އަންނާނީ 2 ޖަހާއިރު. އެހާއިރަށް އަހަރެން ވެސް ހުންނާނަން ގޭގަ. އެހެންވީމަ ވެލްކަމް ކުރަން ދާރިސް ބޭރުގަ ނެތަސް މައްސަލައެއް ނެތް. އަހަރެން ބުނާނަން އެބަ އާދެއޭ…ސޯ ޑޯންޓް ވޮރީ!” ހިބާ ސްކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތުމުގެ ކުރިން ފަހު ބަހެއްގެ ގޮތުން ދާރިސްގާތު ބުންޏެވެ. ހިބާގެ ވާހަކައަށް ދާރިސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލީ އުފަލާއިއެކީކަން ހިބާއަށް ނަގައިގަނެވުނެވެ.
ހިބާ ދިޔުމުން ވެސް ދާރިސްއަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައީ އޭނަ އެދުވަހު ބައްދަލުކުރަން އުޅޭ ކުއްޖާއާއި މެދުއެވެ. އެ ކުއްޖާއަކީ ވެސް އޯޓިޒަމް ހުންނަ ކުއްޖަކަށްވުމުން އެ ކުއްޖާއަށް އެންމެ ފަސޭހަވާނެ ގޮތަށް އޭނައާއި އެކީ ގެންދާ ‘ސެޝަންތައް’ ދާރިސް ރާވަން ބޭނުންވިއެވެ. އެހެންކަމުން މާޒިން އައުމުގެ ކުރިން ވެސް މާޒިންއާއިއެކީ އޭނަ ހަދަން ބޭނުންވާ ޕްރޮޖެކްޓަށް ބޭނުންވާނެ ސާމާންތައް ގޭގެ ގުދަނުންނާއި، ގެއިން ބޭރަށް ގޮސް ކޮމްޕިއުޓަރު ހަދާ މީހެއްގެ ގެއިން ވެސް ބައެއް އެއްޗެހި ހޯދައި އެއްކުރިއެވެ. އެއަށްފަހު އެ އެއްޗެހިތައް ސިޓިންގް ރޫމުގެ މޭޒުމަތީގައި ރާވާފައި ބެހެއްޓިއެވެ. އެހެނަސް އެގޮތް ކަމުނުދިޔުމުން މާ ގިނައިރެއްނުވެ ހުރިހާ އެއްޗެއް ނަގައި ދަބަހަކަށް އަޅައި ސޯފާގައި ބެހެއްޓިއެވެ. މޭޒު ހުހަށް ހުރުމުން ވެސް ހިތްހަމަނުޖެހުމުން ދާރިސް ވިސްނިވިސްނިހެން ލިބުނު ޚިޔާލާއިއެކީ ހިނިތުންވެލެވުނެވެ.
**
މެންދުރު 2 ޖަހަން ގާތްވަމުން ދިޔަ ވަގުތު ހިބާ ބުނިހެން ދާރިސް ހުރީ، ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު ކޮޓަރީގައެވެ. ސްކޫލުން އައިސް ފެންވެރުމަށްފަހު ތާޒާވެލައިގެން ހިބާ ގޭގެ މައިދޮރު ކައިރީގައި މާޒިންގެ އިންތިޒާރުގައި ހުރީ ވެސް، މާޒިންގެ މަންމަ އެގެއަށް ވަނުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އެ މަންމަގެ އަޑުވެސް ދާރިސްއަށް އިވިއްޖެނަމަ ދާރިސްއަށް ވެދާނެ ގޮތަކާއިމެދު ޚުދު ހިބާ ވެސް ޖެހިލުންވެފައިވާތީވެއެވެ.
މުނީރާގެ ކާރު އައިސް ހިބާގެ ގޭގެ ކުރިމަތީގައި ހުއްޓިލީ، ހިބާ އެ ބޭރު ދޮރު ކައިރީގައި ހުއްޓާއެވެ. މާޒިން ކާރުން ފައިބައިގެން އޭނައާއި ދިމާލަށް އަންނަން ފެށިހިނދު، މުނީރާ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށް، ވާހަކަ ދެއްކިއެވެ.
“އިސްމާޢީލް އީތަން އަނެއްކާ ބިޒީ ގަޑިއެއްނޫންތަ މިއީ؟” މުނީރާ އޭރުވެސް ކަންބޮޑުވެފައިވީ އެކަމާއި މެދުގައެވެ.
“ނޫނެކޭ މާޒިން މަންމާ….ޗުއްޓީގަ ހުރީ މި ދުވަސްކޮޅު. މާޒިން އަންނާތީ ވަރަށް އެކްސައިޓްވެފަ ހުރީ. ވަރަށް ތައްޔާރީތަކެއް ވެސް ވެފަ ހުރީ…ވެލްކަމް ޓު ހިބާ މިސް’ ޕްލޭސް މާޒިން! ހެހެ…..” މާޒިން އޭނައާއި ހަމަވުމާއިއެކު ކުޑަކޮށް މާޒިންގެ ގައިގައި ބައްދައިލަމުން ހިބާ ބުންޏެވެ.
ހިބާ އެ ވާހަކަ ބުނުމުން މުނީރާ އެންމެ ރަނގަޅޭ ބުނެ، 4 ޖަހާއިރު އަންނާނެކަމަށް ބުނެލިއެވެ. އެއަށްފަހު މުނީރާ ކާރު ދުއްވައިލުމުން ހިބާ މާޒިން ގޮވައިގެން ގެއަށް ވަންނަން ދިޔައެވެ.
ގޭގެ އެތެރޭގެ މައިދޮރާއި ހަމަވުމުން ހިބާ ބުނިހެން މާޒިން ބޫޓު ބޭލުމަށްފަހު، ބޫޓު ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. އެއަށްފަހު މާޒިންގާތު ސޯފާގައި އިށީނުމަށް ހިބާ ބުނުމުން، މާޒިން އާދައިގެ ހިނގުމެއްގައި ސޯފާތަކާއި ދިމާލަށް ދިޔައެވެ. އެހެނަސް ހަމަ އެހިނދު ސިޓިންގް ރޫމުގެ މޭޒުމަތިން ފެނުނު އެއްޗަކުން މާޒިންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ.
މޭޒުގެ މެދަށްވާގޮތަށް ބެހެއްޓިފައިވީ ޑޯޑޯއެވެ. މާޒިން ޑޯޑޯ ފެނުނީއްސުރެ ޑޯޑޯއިން ނަޒަރު ވަކިކުރުމެއްނެތި ނުހަނު ވިސްނުންތެރިކަމާއިއެކީ ފިޔަވަޅުތަކެއް އަޅަމުން ގޮސް ޑޯޑޯގެ ކުރިމަތީގައި ހުއްޓިލިއެވެ. ޑޯޑޯއާއި ސީދާ ދިމާވާ ގޮތަށް މާޒިން ހުއްޓިލުމުން، ޑޯޑޯގެ ލޯ ނޫކުލައިން ދިއްލިގެން ދިޔައެވެ.
“ގުޑް އާފްޓަނޫން މާޒިން. ވެލްކަމް ޓު އަވާރ ހޯމް!” ޑޯޑޯ މަރުޙަބާ ކިޔުނެވެ. އެހިނދު މާޒިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިތަން، އެއްފަރާތުން މަންޒަރު ބަލަން ހުރި ހިބާއާއިއެކީ، އެވަގުތު ސިޓިންގް ރޫމުގެ ފާރަށް ލެނގިލި ދާރިސްއަށް ވެސް ފެނުނެވެ. އެ ދެމީހުންނަށް ވެސް ހީކުރެވުނީ މާޒިން ވަކި އެއްޗެކޭ ނުބުނެ ހުންނާނީ ކަމަށެވެ. އެހެނަސް…
“ގުޑް އާފްޓަނޫން، ޑޯޑޯ!” މާޒިން ސީދާ ޑޯޑޯއަށް ބަލަން ހުރެ ބުނެލި ބަސްތަކުން، ލިބުނު ޙައިރާންކަމާއިއެކީ ހިބާއާއި ދާރިސްގެ ވެސް ލޯ ބޮޑުވެގެން ދިޔައެވެ. ޙައިރާންވީ މާޒިން ވާހަކަ ދެއްކުމަށްވުރެ ބޮޑަށް، ދާރިސް އަމިއްލަ ގޭގައި ރައްކާކޮށްގެން ގެންގުޅޭ ރޮބޮޓެއްގެ ނަން، މާޒިންއަށް އެނގުނު ގޮތުންނެވެ.
ނުނިމޭ
Mish
January 8, 2022 @ 5:28 pm
Omg siya is so awesome
Cool
Sis maasha allah keep it up
Jana
January 10, 2022 @ 5:36 am
Yep! She is the definition of cool! 😎
Jazaakillah khairan for the support 😄❤
Friend
January 8, 2022 @ 5:30 pm
How did he know?🤔🤔🤔🤔🤔🤔
Jana sis..as usual this part is also amazing maasha Allah 💝💖
Much love ^__^
Jana
January 10, 2022 @ 5:38 am
Nobody knows how he knew except him lol. Alhamdhulillah! 😃 Much love! ❤
Aalaa
January 9, 2022 @ 4:31 am
Niceee
Jana
January 10, 2022 @ 5:38 am
Alhamdhulillah! 😊❤
Dhonthi
January 9, 2022 @ 12:11 pm
Assalaamu alaikum Jana dhahthaa 😊
Mi part varah varah reethi..Masha Allah 😍😍 finally Hamna take one step forward to true love without knowing..I am so happy for Hamnaa..😊
Maazin and dhaaris ves finally meet v dhw….they both are truely amazing..Masha Allah 😍 mi part kiyaafa ingijje hibaa maazin kairee nubunaakan robot ge name..but kihineii baa dhw ehaa foruvaigen gengulhey robot ehge name maazin ahh ingunee..
Alhugandah heevanee maazin hadhan vegen mind ga plane kuri robot aa dodo aa Hama same ee hen..mi bunee vahtharee hen..plus maybe he have already named or decided to name his robot dodo….hehe..
Overall koh bunanyaa mi story ga maazin and dhaaris ge character varah same dhw..misalakah enme furathama maazin and dhaaris ves hibaa aa vaahaka dhekki iru bunee Hama same ehcheii..thank you dhw..hehe
Well..this story is getting more and more interesting..I am waiting for next part..
Varah kiyaalaa hithun meenee next part..
Stay safe Jana dhahthaa😊😊
Jana
January 10, 2022 @ 5:45 am
Wa’alaikumussalaam Dhonthi. Yes Hamna is finally taking steps towards true love 😊 A lot of times we think that finding love is about finding another person to love. But finding love also includes finding ourselves before that. 😃
Hehe…yes Maazin and Dhaaris are amazing and similar in many ways. Adhi kihaa amazing kan kuriah huri baithakun engeyne. Maazin plan kury ekkahala robot eh viyas hama e nan kiyumaky varah naadhiru kameh dho? 🤔 Dhen balamaa In Sha Allah.
Jazaakillah khairan for the support Dhonthi. Next part Wednesday night ga In Sha Allah. Much love. Stay safe 💕
eunoia
January 11, 2022 @ 6:45 pm
I also wonder how maazin knew it?.. This part is amazing as usual hama!!
Hamna is on the way to know truth dhw? That parts must be curious! Can’t wait to read the next part Jana sis!
Tgc <33