ދާރިސް (ފަންސާސްއެއްވަނަ ބައި)
“ގުޑް އާފްޓަނޫން މާޒިން. ވެލްކަމް ޓު އަވާރ ހޯމް!” ޑޯޑޯ މަރުޙަބާ ކިޔުނެވެ. އެހިނދު މާޒިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިތަން، އެއްފަރާތުން މަންޒަރު ބަލަން ހުރި ހިބާއާއިއެކީ، އެވަގުތު ސިޓިންގް ރޫމުގެ ފާރަށް ލެނގިލި ދާރިސްއަށް ވެސް ފެނުނެވެ. އެ ދެމީހުންނަށް ވެސް ހީކުރެވުނީ މާޒިން ވަކި އެއްޗެކޭ ނުބުނެ ހުންނާނީ ކަމަށެވެ. އެހެނަސް…
“ގުޑް އާފްޓަނޫން، ޑޯޑޯ!” މާޒިން ސީދާ ޑޯޑޯއަށް ބަލަން ހުރެ ބުނެލި ބަސްތަކުން، ލިބުނު ޙައިރާންކަމާއިއެކީ ހިބާއާއި ދާރިސްގެ ވެސް ލޯ ބޮޑުވެގެން ދިޔައެވެ. ޙައިރާންވީ މާޒިން ވާހަކަ ދެއްކުމަށްވުރެ ބޮޑަށް، ދާރިސް އަމިއްލަ ގޭގައި ރައްކާކޮށްގެން ގެންގުޅޭ ރޮބޮޓެއްގެ ނަން، މާޒިންއަށް އެނގުނު ގޮތުންނެވެ.
“މާޒިން ނޯސް ޑޯޑޯ. ޑޭޓާ ސޭވްޑް!” ޑޯޑޯ އެހެން ބުނެލި ހިނދު ދާރިސްއަށް ލިބިފައިވި ޝޮކާއިއެކީ ސީދާވެލެވުނެވެ. އެހިނދު ޑޯޑޯއިން ނަޒަރު ވަކިކޮށް އެދިމާލަށް ބަލައިލި މާޒިންއާއި ދާރިސްގެ ހަތަރުކަޅި ހަމަވުމާއިއެކު، މާޒިން ހިސާބެއްގެ ސިހުމަކާއިއެކީ ތިރިއަށް ބަލައިލަމުން ދެ ފަރާތަށް ކަޅި ހިންގަން ފެށިއެވެ.
މާޒިންގެ ޙަރަކާތްތައް ބަދަލުވެގެން ދިޔަ ގޮތުން، ކުއްލިއަކަށް ބީރައްޓެއްސަކު ފެނުނީތީ ޖެހިލުންވީކަން ދާރިސްއަށް އިސާހިތަކު ނަގައިގަނެވުނެވެ. ކުޑައިރު އޭނައަށް ވެސް އެފަދަ ތަޖުރިބާތަކެއް ކުރެވިފައި ހުރީތީވެއެވެ. އެހެނަސް އޭނައާއި އެއްވަރަށް މާޒިންގެ ޙާލަތު ނޭނގޭ ހިބާ، މާޒިންގެ ކައިރިއަށް ގޮސް ވާހަކަ ދެއްކިއެވެ.
“ކިހިނެއް މާޒިންއަށް އެނގުނީ މި ރޮބޮޓަށް ކިޔާ ނަން؟ ނެޓުން ފެނުނީތަ މި ނަން ކިޔާ މި ކަހަލަ ރޮބޮޓެއް؟” ހިބާ މާޒިންގެ ކައިރިއަށް ގޮސް ކުރުފައި މައްޗަށް ތިރިވެ، ސުވާލުކުރިއެވެ. އެހެނަސް އެވަގުތު ދާރިސް އުއްމީދު ކުރި ފަދައިން މާޒިންއަށް ޖަވާބެއް ނުދެވުނެވެ. މާޒިން ދެންވެސް ތަކުރާރުކޮށް ކަޅި ދެ ފަރާތަށް ހިންގަމުން ދިޔައީއެވެ.
މާޒިން ޖަވާބެއް ނުދިނުމުން، ހިބާ ދާރިސްއަށް ބަލައިލީ، ދާރިސްއަށް ދެންމެ އެ ވީ ގޮތް ދޭހަކުރެވިފައިވިކަމުގެ ހިލަމެއް ފެނޭތޯއެވެ. އަދި ދާރިސް ލައްވާ މާޒިން ކައިރިން އިތުރު ސުވާލުތައް ކުރަން އެދޭ ފަދައަކުން ވެސްމެއެވެ. އެހެނަސް ދާރިސް ހިބާއަށް ބަލަން ހުރެ ބޯހޫރުވައިލީ، ދެން އިތުރަށް އެ ވާހަކަ ނުދެއްކުމަށް ބުނާ ފަދައަކުންނެވެ. އެއަށްފަހު ދާރިސް ފުން ނޭވައެއް ދޫކޮށްލަމުން ހިނިތުންވުމަކާއިއެކީ މާޒިންގެ ކައިރިއަށް ދިޔައީ، ދެންމެ ސިކުނޑީގައި އުފެދުނު ހުރިހާ ސުވާލެއްގެ މަތިން ހަނދާން ނައްތައިލަމުންނެވެ.
“މި ކަހަލަ ރޮބޮޓެއްތަ މާޒިން ހަދަން ބޭނުންވަނީ؟” ދާރިސް އެހެން އަހައިލީ، އެތާހުރި ދިގު ސޯފާގައި އިށީންނަމުން، ޑޯޑޯ ނަގައި ކުޑަކޮށް މާޒިންއާއި ގާތް ވާ ގޮތަށް މޭޒުމަތީގައި ބަހައްޓަމުންނެވެ. މާޒިން އޭގެ ޖަވާބަކަށް، ދާރިސްއަށް ބަލައިލަމުން ބޯޖަހައިލުމަށްފަހު އިތުރަށް ވެސް ވާހަކަ ދެއްކިއެވެ.
“މިކަހަލަ ގޮތަކަށް. އެކަމަކު މީތި ހުރި ގޮތަކަށް ނޫން. މާޒިންގެ އަމިއްލަ ޑިޒައިނެއް ހަދަން ބޭނުމީ…” މާޒިން ބުންޏެވެ. ފުރަތަމަ ފަހަރަށް މާޒިން ބީރައްޓެއްސަކާއި އެހާ އަވަހަށް ވާހަކަ ދައްކަން ފެށި މަންޒަރު ފެނި، ހިބާގެ އަނގަ ހުޅުވުނެވެ. ޝައުޤުވެރިކަން ހުރިކަމެއް ވެއްޖެނަމަ މި ކުއްޖާ ކޮންމެ ޙާލަތެއްގައިވެސް ވާހަކަ ދައްކަފާނެތާއޭ ހިތަށްއެރިއެވެ.
“ބަރާބަރު ކުއްޖެކޭ މިއީ ދޯ ހިބާ މިސް؟ ސީދާ އަމިއްލަ ޑިޒައިނެއްގެ ރޮބޮޓެއް ހަދަން ބޭނުންވަނީ. މާޒިން ޑިޒައިނެއް ތައްޔާރުކޮށްފަ ހުރިއްޔާ އީތަން ސާރއަށް ދައްކާލަ ދެވިދާނެތަ؟” ދާރިސް ވިސްނުންތެރިކަމާއިއެކީ ކުރަމުން ދިޔައީ، ވީހާވެސް ސީދާސީދަލަށް ޖަވާބުދެވޭ ސުވާލުތަކެވެ. ނަތީޖާއެއްގެ ގޮތުން މާޒިން އެ ސުވާލަށް ވެސް ހިނިތުންވުމަކާއިއެކީ ބޯޖަހައިލުމަށްފަހު ކޮނޑުގައި އޮތް ދަބަސް ނަގައިލުމަށްފަހު، ދާރިސް ބުނި އެއްޗެއް ދައްކަން އުޅުނީ، ދާރިސްއަކީ މާޒިންގެ ނުހަނު ގާތް އެކުވެރިޔަކަށްވީ ފަދައަކުންނެވެ.
އެހާ ހިސާބުން މާޒިންގެ ސައިންސް ޕްރޮޖެކްޓް ހެދުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެ މަސައްކަތުގެ ތެރެއިން މާޒިންއާއިއެކީ ދާރިސްއަށް ވެސް މަސައްކަތުގެ ބޭރުން ހިނގަމުން ދިޔަ އެއްވެސް ކަމަކާއިމެދު ރޭކާނުލާ ފަދައެވެ. އެމީހުން މަސައްކަތް ފެށިފަހުން ހިބާ ސައި ހަދައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. އެހެނަސް ދެމީހުންކުރެ އެކަކު ވެސް އެއަށް ބަލައިވެސް ނުލިއެވެ.
ދެމީހުން ވެސް ނުހަނު ޝައުޤުވެރިކަމާއިއެކީ ޚިޔާލުތައް ބަދަލުކުރަމުން، އެއް މަސައްކަތެއްގައި މަޝްޣޫލުވެގެން ތިބި މަންޒަރު ފެނި، ހިބާއަށް ހިނިތުންވެވެމުން ދިޔައެވެ. އެދެމީހުން އެހާ ފަސޭހައިން އެކުވެރިވެގެން ދިޔައީ، ދެމީހުންގެ ވެސް އެ ޙާލަތެއް ހުރެފައި، ޝައުޤުވެރިވާ އެއް ކަންތައްތަކެއް ހުރުމުންތޯ ހިބާގެ ހިތަށްއެރިއެވެ. އެއީ ޙަޤީޤަތަކަށް ވެދާނެކަން އެނގިހުރެ ވެސް އެ ދެމެދުގައި އެއަށްވުރެ ފުން ގުޅުމެއް އޮތުމަކީ ވެސް އެ އަވަސް އެކުވެރިކަމުގެ ސިއްރެއްކަމަށް ހިބާއަށް ހިތާހިތުން ޤަބޫލުކުރެވުނެވެ. ދެމީހުންގެ މޫނު އެއްފަރާތަކުން ފެންނަމުން ދިޔައިރު، އެ ދެ ސޫރަ ވައްތަރުވެސް ވީ ގޮތުން ހިބާއަށް ހިނިތުންވުމެއްގައި ހުރެ ދެމީހުންގެ ފޮޓޯއެއް ވެސް ނަގައިލެވުނެވެ.
ހިމޭންކަމާއިއެކީ އޮމާންކޮށް ދެމީހުން މަސައްކަތުގައި ތިބުމަށްފަހު، ދެމީހުން މަސައްކަތް މެދުކަނޑައިލީ، ޢަޞްރު ނަމާދަށް ބަންގި ގޮވުމުންނެވެ. މަސައްކަތް މެދުކަނޑަންވުމުން މާޒިން ދެކޮޅު ހަދައި ގަދަ ހަދާނެކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް އެހާ ހިސާބަށް ދިޔައިރު ‘އީތަން ސާރ’އަށް މާޒިންގެ ޤަދަރު ދެވިފައިވުމުން، މާ ބޮޑު ދެކޮޅު ހެދުމެއްނެތި މާޒިން ދާރިސްއާއި އެކީ ނަމާދަށް ދިޔައެވެ. ދެ މީހުންގެ ދެމެދުގައި މައްސަލައެއް ފެން މަތިވެގެން ދިޔައީ ނަމާދަށްފަހު އަނެއްކާވެސް މަސައްކަތަށް އަނބުރައި ދިޔަ ފަހުންނެވެ.
“އެންމެ ދެ ޔެލޯ ކުލައިގެ ލައިޓް މި ވަގުތު މި އޮތީ. ހިނގާ ހެޑް ލައިޓްގަ މި ދޭތި ހަރު ކުރަމާ…” ދާރިސް މަސައްކަތުގެ ތެރެއިން ބުންޏެވެ. އެ ހިނދު އޭނަވެސް އިނީ މާޒިން ފަދައިން މޭޒުގެ އަނެއްފަރާތިން ބިންމަތީގައި އިށީނދެގެންނެވެ.
“އުނހު…އެ ދޭތި ހަރު ކުރާނީ ފަހަތުގަ…” މާޒިން ވެސް މަސައްކަތުގެ ތެރެއިން އެ ރަތް ބޮކިތައް ނަގަމުން ބުނެލިއެވެ.
“އެކަމަކު ފަހަތުގަ ޔެލޯ ކުލަ ބެހެއްޓުމުގެ ބަދަލުގަ ހެޑް ލައިޓަށް ޔެލޯ ބަހައްޓާފަ ބްރޭކް ލައިޓަށް ރެޑް ކުލައެއް ލީމަ މާ ރީތިވާނެއެއްނޫންތަ؟” ދާރިސް އެހެން އަހައިލީ އޭނަ އެ ޚިޔާލުކުރާ ގޮތަށް ހަދަން ރާވައިގެން ހުންނަތާ ވަރަށް ގިނައިރު ވެފައިވާތީވެއެވެ. އަދި އެ މަސައްކަތުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައިވާތީ ވެސްމެވެ.
“އުނހު…ޔެލޯ ކުލަ ބްރޭކް ލައިޓްއަށް ބަހައްޓާނީ…ކާރުތަކުގެ ބްރޭކް ލައިޓަށް ޔޫޝުއަލީ ހުންނާނީ އެކަހަލަ ކުލައެއް…” މާޒިން އެހެން ބުނުމަށްފަހު ކުޑަ ކާރެއްގެ ބައްޓަމަށް އެމީހުން ހަދަން ފަށާފައިވާ ރޮބޮޓް ވެސް ކައިރިއަށް ޖައްސަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ދާރިސް އޭތި މާޒިންއާއި ދުރު ކުރިއެވެ.
“ބްރޭކް ލައިޓްގަ ބަހައްޓަން އަދި ބޮކިތައް ހޯދާނީއޭ! މި ވަގުތަށް މި ލައިޓްތައް ހެޑްލައިޓް ބައިގަ ހަރުކުރަމާ…” ދާރިސް ކޮންޓްރޯލެއްނެތި ހިސާބަކަށް ރުޅި އަންނަ ގޮތްވިއެވެ. މީހުންނާއި ވާހަކަ ދައްކައިގެން އަމިއްލަ ކޮޅު މޮޅުކުރުމަކީ އޭނަގެ އާދައަށްވެފައި، ކުރިމަތީގައި އިން ކުއްޖާ އަމިއްލަ ގޮތް ދޫނުކުރަން އުޅުނުހެން ހީވުމުންނެވެ.
“ހެޑްލައިޓް ދިއްލޭ ގޮތަށް ހަދަން އެހާ އުދަގުލެއްވެސް ނުވާނެ…ފުރަތަމަ ބްރޭކް ލައިޓް ވޯކް ކުރޭތޯ ބަލަން ޖެހޭނީވެސް. އޯލް ދަ މޯ ރީޒަން ޓު ކީޕް ދަ ޔެލޯ އޭޒް ބްރޭކް ލައިޓް!” މާޒިން ވެސް އަޑު ހަރުކޮށްލަމުން ދާރިސްއަށް ލޯ އަޅައިލިއެވެ. އެއަށްފަހު ދާރިސް ހިފަހައްޓައިގެން އިން ކާރު އޭނަގެ ކައިރިއަށް ދަމައިލިއެވެ.
“ޔެލޯ ފޯ ހެޑްލައިޓް އައި ސެއިޑް!” ދާރިސް ދަތްކުނޑި ވިކަމުން އަނެއްކާވެސް އެ ކާރު އޭނަގެ ކައިރިއަށް ޖެއްސިއެވެ.
“ބްރޭކް ލައިޓް!”
“ހެޑްލައިޓް!”
“ބްރޭކް ލައިޓް!”
“ހެޑް ލައިޓް!!”
“ބްރޭކް ލައިޓް!!!”
ދެމީހުން އެ ކާރު ދެކޮޅަށް ދަމަމުން ހަރުވަމުން ދިޔަ އަޑަކާއިއެކީ އެ ބަސްތައް ކިޔަމުން ދަނިކޮށް، އެ ޙަރަކާތްތައް ހުއްޓި އަޑުމަޑުވެގެން ދިޔައީ އެތަނަށް އައި މީހަކު އެ ކާރު ނަގައިލުމުންނެވެ. އެއާއިއެކު ދެމީހުން އެކީގައި އިސްއުފުލައިލިއިރު ކާރުގައި ހިފަހައްޓައިގެން ހުރީ ހިބާއެވެ.
“ކިހިނެއް މި ވަނީ؟” ހިބާ އެ ދެމީހުންނަށް ވަކިވަކިން ސީރިއަސް ނަޒަރެއް ދެމުން އެ ސުވާލުކޮށްލީ، ދެ ކުޑަކުދިން ގޯސްކަމެއް ކުރުމުން ބަލާ ފަދައަކުންނެވެ.
“ހިބާ މިސް ބަލާބަލަ އީތަން ސާރ މާޒިން ބޭނުންވާ ކުލައިގެ ލައިޓްއެއް ބަހައްޓަން ޗާންސެއް ނުދޭ!” މާޒިން ވަގުތުން ޝަކުވާ ކުރިއެވެ.
“ސާރ އެހެން ބުނީ އެ ޕްރޮޖެކްޓް އިތުރަށް ކްރިއޭޓިވް ކުރެވޭތޯ ބަލަންވެގެން އެކަމަކު މާޒިން އަޑެއްނާހާ…” ދާރިސް ވެސް ދެންވެސް ދޫނުކޮށް ބުންޏެވެ.
“އެއްވެސް ކްރިއޭޓިވްއެއް ނޫން!”
“މާޒިންއަށްވުރެ ބޮޑަށް އެނގޭނީ އީތަން ސާރ-“
“ނައު ޝްޝްޝްޝް ބޯތް އޮފް ޔޫ! ދެމީހުންނަށް ވެސް ވަރަށް ގިނައިން ބަހުސް ކުރެވިއްޖެއެއްނު؟ ދެން ނިންމާލާ! ދެމީހުން އެއް ނިންމުމަކަށް ނާންނަނީސް މީތި ދެން ހުންނާނީ ހިބާ މިސް އަތުގަ!”
“އެކަމަކު-“
“ޝްޝްޝްޝް!!!”
ހިބާ ދެމީހުން ޞުލްޙަކުރަން ނިންމުމެއް ނިންމުމުން ވެސް ދެމީހުން އެކީގައި އެއްޗެކޭ ބުނަން އުޅުމުން ހިބާ ހަރުކަށިގޮތަކަށް އެ އަޑު ލައްވައިލިއެވެ. އެއާއިއެކު ދެމީހުން ވެސް ހިމޭންވާ ގޮތްވީ، ހިބާއަކީ އެ ދެމީހުން ވެސް ޤަދަރުކުރާ ފަރާތަކަށްވީތީވެއެވެ.
އެހެނަސް އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދާރިސްއާއި މާޒިންގެ ހަތަރުކަޅި ހަމަވުމާއިއެކު ދެމީހުން ނުރުހުންތެރިކަމާއިއެކީ ދުރު ބަލައިލަމުން އެތަނުން ތެދުވުނެވެ. މާޒިން ތެދުވެގެން ގޮސް ރުޅި މޫނަކާއިއެކީ ސޯފާގައި އިށީނދެ ދެ އަތް އުރައިލިއިރު، ދާރިސް ތެދުވެގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެވަގުތު ހިބާ ވީ ބަދިގެ ތެރޭގައި ކަމަށްވުމުން، ކޮޓަރިއަށް ވަނުމާއިއެކު ދާރިސް ހިމޭންވާ ގޮތްވިއެވެ. ދެންމެ ކަންތައް ކުރެވުނު ގޮތާއިމެދު ސާފުކޮށް ވިސްނޭ ގޮތްވީ، އެނދުމަތީގައި އިށީނދެ، ފުން ނޭވާތަކެއް ލާން ފެށުމުންނެވެ. އެއާއިއެކު ޚުދު ދާރިސްއަށް ވެސް ލިބުނީ ޙައިރާންކަމެކެވެ. އޭނަ އޯޓިޒަމް ތެރަޕީއަށް ދާން ފެށިފަހުން އެފަދައިން ރުޅިވެރިކަން ކޮންޓްރޯލް ނުކުރެވި ދިޔަ ހަނދާނެއް އޭނަގެ ސިކުނޑިއަށް ނައުމުންނެވެ. އަދި އަމުދުން އޭނަގެ ޢުމުރުން 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އޭނަ ދުވަހަކުވެސް އެފަދައިން އެއްވެސް މީހަކާއި ޖަދަލުކޮށްފައެއް ނުވެއެވެ.
ފަރުވާ ހޯދަން ފެށިތާ އެތައް އަހަރެއް ފަހުން އޭނައަށް އަދި މި ވަދެވުނީވެސް ކޮންކަހަލަ ޖަދަލަކަށްތޯ ހިތަށްއެރިއެވެ. ކުޅޭ އެއްޗަކާއިހެދި ކުޑަ ކުއްޖަކާއި ކުރެވުނު ޖަދަލެކެވެ. އޭނައަށް ދެންމެއަކު މާޒިންއާއި ވާހަކަ ދެކެވުނު ގޮތް ހަނދާނަށް ވެރިވެގެން ދިޔުމުން ދާރިސްއަށް އެކަނި އިނދެވެސް އިޚްތިޔާރަކާއި ނުލައި ހީލެވުނެވެ. އޭނައަކީ ކުޑައިރު އޭނަގެ މިޒާޖު ހުންނަ ގޮތުން، ކުދިންނާއި އެފަދައިން ޖަދަލުކޮށްފައިވާ މީހެއް ނޫނެވެ. ޙަޔާތުގެ މިހާ ހިސާބުން ވިޔަސް، އޭނަގެ ޙާލަތް ހުރި ކުއްޖަކާއި ދިމާވުމުން، އޭނައަށް ‘އާދައިގެ’ ކުޑަކުއްޖެއްގެ އިޙްސާސްތައް ތަޖުރިބާކުރަން މިއަދު ފުރުސަތެއް ލިބުނީތާއޭ ހިތަށްއެރިއެވެ. އޭނައަށް މިއަދު އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަން ދަތިވި ސަބަބަކީ އެއީއެވެ.
އެކަން އެނގުންވުމުން ދާރިސްއަށް ހިނިތުންވުމެއްގައި އިނދެވުނީ، ހިތުގައި މާޒިންއަށްޓަކައި އުފެދުނު ކުލުނަކާއި އެކީގައެވެ. އެކުއްޖާއާއިއެކީ އިތުރު ވަގުތު ހޭދަކުރަން ހިތް އެދުމުން ދާރިސް އަނެއްކާވެސް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔައީ ވެސް އެ ހިނިތުންވުމާއިއެކީގައެވެ. އެހެނަސް ކޮޓަރިން ނިކުތްތަނާހެން، ގޭގެ ހުޅުވިފައިވާ މައިދޮރުގެ ސަބަބުން، ގޭގެ ކުރިމައްޗަށް އައިސް މަޑުކުރި ކަޅުކުލައިގެ ކާރު ފެނިފައި ކުއްލިއަކަށް ދާރިސްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“އަނހަ މާޒިން ބަލާ އައީދޯ؟ މާޒިން އަވަހަށް އެއްޗެހި ޕެކްކޮށްލައިގެން އާދޭ!” އެވަގުތު ބަދިގެއިން ނިކުތް ހިބާ، ދާރިސްއާއި އެ ދޮރާއި ދެމެދު ހުރަހަކަށްވިއެވެ. އެހިނދު އެކަމާއިމެދު ހިތުގައި ޝަކުވާއެއް އުފެދުނު ހިނދު ޝުކުރުވެރިވެސް ވެވުނެވެ. އެއްވެގެން ދިޔަ ޖަޒުބާތުތަކާއި މޭނުބައި ކުރާ ކަހަލަ އިޙްސާސެއް ކުރެވުނު ހިނދު ދާރިސް ދެންމެ ފެނުނު މަންޒަރަށް ފަސްދިނެވެ.
އޭރު ހިބާ މާޒިން ގެއިން ބޭރަށް ފޮނުވައިލަމުން އަލްވަދާޢު ކިޔުމުގެ ގޮތުން ހަނާ އަޅައިލަނީއެވެ. މާޒިން ކާރާއި ދިމާލަށް ދިޔަދިޔަހެން މުނީރާ ކާރުގެ ކުޑަދޮރު ތިރިކުރަން ފެށުމުން ހިބާގެ މެއަށް ފިނިވީ، ދާރިސް މަތިން ހަނދާންވުމުންނެވެ. އިސާހިތަކު ހިބާއަށް ފަސްއެނބުރި ބަލައިލެވުނީ، ދާރިސް އެތާ ހުރިތޯ ބެލުމަށެވެ. ހިބާއަށް ބަލައިލެވުނުއިރު ދާރިސް ފެންނާކަށް ނެތެވެ. އެއާއިއެކު ދާރިސް އޭނަ ބުނެފައިވާ ފަދައިން، މާޒިން ބަލާ އަންނަ ގަޑިއަށް ކޮޓަރިއަށް ވަނީތާއޭ ހިތައި، ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
**
އެ ހަފްތާގައި ނައުފަލް އަނެއްކާވެސް ސްކޫލަށް އަންނަން ފެށުމުން ހަމްނާއަށް ދަތިވެފައިވިއެވެ. އިންޓަވަލް ގަޑީގައި ނައުފަލް އޭނަ ކެންޓީނަށް ދިޔަ މަގުމަތީގައި، ނައުފަލް ވާހަކަ ދެއްކުމުން ވެސް ހަމްނާއަށް ކުރު ގޮތަކަށް ޖަވާބު ދިނުން ނޫންކަމެއް ނުކުރެވުނެވެ. ބިޒީކަމަށް ބުނެ ވާހަކަ ކުރު ކޮށްލިއެއްކަމަކު އެ ވަގުތުކޮޅުގެ އަސަރު މުޅި ދުވަހު ހަމްނާގެ ހިތުތެރޭގައިވިއެވެ. އެ ގުޅުމާއިމެދު ކަންތައް ކުރަންވީ ގޮތަކާއިމެދު ތަކުރާރުކޮށް ވިސްނެމުން ދިޔައެވެ.
އެރޭކިޔަވާ މޭޒުދޮށުގައި އިށީނެއްކަމަކު ފިލާވަޅުތައް ހަދަން ހަމްނާ ނުކުޅެދިފައިވީ އެހެންވެއެވެ. ކުރިމަތީގައި ހުރި ދޮންތަގެ ލެޕްޓޮޕުން ގޫގުލް ސްލައިޑްސް ހުޅުވިފައިވިއެއްކަމަކު، އެ ޑޮކިއުމެންޓުގެ ޞުރުޚީ ނޫން އެހެން އެއްޗެއް ލިޔެވިފައެއްނެތެވެ. ހަމްނާ އިން ގޮތަށް އިންދާ ކުޑަކޮށް ސިހިގެން ދިޔައީ، ވައިބާރގެ ރިންގްޓޯން އިވި، ސްކްރީނުން ސިޔާރާގެ ނަން ފެނިގެން ދިޔުމުންނެވެ. އެ ލެޕްޓޮޕްގެ ވައިބާރއަށް އޭނަގެ ނަންބަރު އެޅިފައިވާ ކަމާއި، އެރޭ އޭނަ މަސައްކަތް ކުރަން އެއުޅެނީ އިސްލާމް ކްލަބާއި ގުޅޭ ގްރޫޕް ވޯކެއްކަން ވެސް ހަމްނާގެ ހަނދާނަށް އައީ އެވަގުތެވެ. އިސާހިތަކު ހަމްނާ ފުން ނޭވައެއް އެތެރެއަށް ލަމުން އެ ކޯލު ނަގައި ވާހަކަ ދެއްކިއެވެ.
“ސަލާމް ސިޔާ…” ހަމްނާ ކިތަންމެ ބޭނުމެއްނުވިޔަސް އެވަގުތު އޭނަގެ އަޑުގައި ޖޯޝެއް ނެތެވެ.
“ވަޢަލައިކުމުއްސަލާމް…އާރ ޔޫ އޯކޭ ހަމް؟ މާ ބަލި އަޑަކުން ސަލާމް ގޮވައިލީމަ…” ސިޔާރާ ސުވާލުކުރުމުން ހަމްނާ ނުތަނަވަސްވިއެވެ.
“ނޫނޭ އައިމް އޯކޭ ހަމަ…ސްލައިޑް ޝެއާރ ނުކޮށްގެންދޯ ތި ގުޅައިލީ….މި ޝެއާރކުރަނީ އިނގޭ އިރުކޮޅަކުން…” ހަމްނާ ވައިބާރ މިނިމައިޒް ކުރުމަށްފަހު ގޫގުލް ސްލައިޑްގައި ޞުރުޚީ ލިޔަން ފެށިއެވެ.
“އޯކޭ ހަމް….ބަޓް އާރ ޔޫ ރިއަލީ އޯކޭ؟ އިއްޔެގަ ނައުފަލްގެ ކަންތަކާ ހަމްއަށް މާ ބޮޑަށް ޕުޝް ކުރެވުނިއްޔާ އައިމް ރިއަލީ ސޮރީ. އެނގޭ އަހަންނަށް އެހާ ފަސޭހައިން ބުނެވުނަސް ނައުފަލްއާއި ދުރުވުމަކީ ހަމްއަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެކަން. ޕްލަސް އަހަންނަށް މި ހީކުރެވުނީ ރަނގަޅަށް ނޫންކަމަށް ވެސްވެދާނެ. އެ ފަހުން ނައުފަލް ޗޭންޖްވީ ކަމަށްވެސް ވެދާނެ…” ސިޔާރާ ނައުފަލްގެ ވާހަކަ ދައްކަން ފެށުމުން އަނެއްކާވެސް ހަމްނާގެ މަސައްކަތް ހުއްޓޭ ގޮތްވިއެވެ. ސިޔާރާގެ ވާހަކައަށް އެއްޗެކޭ ނުބުނަން ޚިޔާލު ކުރިއެއްކަމަކު އެންމެ ފަހުން އިވުނު ވާހަކައިން ނުބުނެ ނުހުރެވުނެވެ.
“ނޫން ސިޔާ….ނައުފަލްއަކީ ރަނގަޅު ކުއްޖަކަށް ވެދާނެ. ބަޓް އައި ޑޯންޓް ތިންކް ހީ އިޒް ފޯ މީ….އަހަރެން ކުރާ މެސެޖުތަކަށް ރިޕްލައި ނުކޮށް، ގުޅުމެއްގައި އުޅޭއިރު ވެސް ރަށުން ބޭރަށް ދާއިރު އަހަރެން ކައިރި ނުވެސް ބުނެ، އެތައް ދުވަހެއް ވަންދެން މެސެޖު ނުކޮށް ހުންނަ ކުއްޖަކާއި އެކީ ނޫން އުޅެން ބޭނުންވަނީ. އިއްޔެ ސިޔާއާއި ވާހަކަ ދެއްކުމަށްފަހު ވިސްނައިލީމަ އަހަންނަށް ނިންމުނު ނިންމުންތަކަކީ މިއީ. ނައުފަލް ކުރާ އެކަހަލަ ކަންތައްތަކުން އަހަންނަށް އެކަނިވެރިކަން އިޙްސާސް ކުރެވުނީ….ނައު އައި ނޯ….” ހަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުންޏެވެ.
“ޔޫ އާރ ރައިޓް ހަމް….އެންޑް ލައިކް އައި ސެއިޑް. ޙަޤީޤީ ލޯތްބަކީ އެކަނިވެރިކަން އިޙްސާސް ކުރުވާ ކަމެއް ނޫން. ފިލްމުތަކުން ކިތަންމެ ވަރަކަށް ލަވް އިޒް ޕެއިންފުލް އޭ ބުންޏަސް އެއީ ޙަޤީޤަތެއްނޫން. ކުރީ ދުވަހުވެސް އަހަރެން ޝެއާރ ކުރީމެއްނު ދުޢާއެއް؟ އަހަރުމެންގެ ސްޕައުސެސް އާއި ކުދިންނަކީ އަހަރުމެންގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުމަށް އެދި އޮންނަ ދުޢާ؟ ރަސޫލެއްގެ ދުޢާއަކަށް ނުވިޔަސް އަހަންނަށް އެފަހަރުވެސް ރިޕީޓްކޮށް އެ ދުޢާ ސްޓަޑީ ކުރެވުނީ އޭތި ލައިކްވާ ވަރުން…. ލޯބިވާން ޖެހޭނީ އަހަރުމެންގެ ލޮލުގެ ފިނިކަމަށް. ހިތްދަތިކަމަކަށް ނޫން…”
“އައި ނޯ….އެކަމަކު ލޯބިވީމަ ހަމަ ވަރަށް ބޮޑަށް ދެރަވާ ފަހަރުވެސް އަންނާނެދޯ؟ މިސާލަކަށް ލޯބިވާ ކުއްޖާ ނުލިބުނީމަ. ނޫނީ ލޯބިވާ މީހަކު ދުނިޔެ ދޫކޮށް ދިޔައިމަ…”
“ހުމް…ތިއީ ވެސް ޙަޤީޤަތެއް. ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އަވަހާރަވެވަޑައިގަތުމުން ރަސޫލާ ﷺ ވަރަށް ބޮޑަށް ހިތާމަ ކުރެއްވި. އެކަމަކު އޭގެ ސަބަބުން އެކަލޭގެފާނު ދިރިއުޅުމުގެ މަޤްޞަދާއިމެދު ހަނދުމަފުޅު ނުނެތޭ. އެ ހިތާމައިގެ ސަބަބުން ދިރިއުޅުމުން އުއްމީދު ކަނޑައި ނުލައްވާ….ޙަޤީޤީ ލޯތްބާއި، ފިލްމުތަކުން އެ ދައްކާ ލޯބީގެ ތަފާތަކީ އެއީ. އެ ލޯބި ގެއްލި ހިތާމަކުރެވުނަސް ދިރިއުޅުން ހުއްޓުމަކަށް ނާންނާނެ. ހިނިތުންވުމަކާއިއެކީ ކުރިއަށް ދެވޭނެ. އެއީ ދުނިޔޭގެ ލޯތްބެއް ގެއްލުނަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯތްބަށް ނިމުމެއް ނާންނާނެކަން ޔަޤީން ކުރެވޭތީ…” ސިޔާރާ ކިޔައިދިނެވެ. އެ ވާހަކަ ކިޔައި ދިންދިންހެން ނޭނގޭ ސަބަބަކާއިހުރެ ހަމްނާއަށް ވިސްނެމުން ދިޔައީ ނަބީހާއި މެދުގައެވެ. ނަބީހް އޭނަގެ ލޯބި ނުލިބުނަސް ހިތްވަރާއިއެކީ އެ އުޅެމުންދާ ގޮތެވެ. އެ ޚިޔާލަށް ގެއްލެން އުޅެނިކޮށް ސިޔާރާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ލޯބިވުމުގަ ﷲ އާއި އެއްވަރަށް އެކަކު ދެކެވެސް ލޯބިނުވުމަށް އަންގަވާފައިވާ ސަބަބަކީ މިއީ. ހަމްއަށް މިކަން އެނގޭކަމެއް ނޭނގޭ އެކަމަކު ލޯބިވުމުގަ ވެސް ޝިރުކު ކުރެވިދާނެ. މީހަކު ދެކެ މާ ބޮޑަށް ލޯބިވުމުގެ ސަބަބުން އެމީހެއްގެ ރުހުން ހޯދަން ﷲ އަށް އުރެދޭނަމަ އެ ވެވެނީ ވެސް ޝިރުކެއް…އެންޑް ﷲ ސޭއިސް… فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ…ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށް، އަދި އަޅުކަންކޮށް ނަހަދާށޭ…އެހެން ހަދައިފިނަމަ ތިބާ ވެގެންދާނީ ޢަޒާބު ލިބޭ މީހުންގެ ތެރެއިންނޭ…ﷲ އާއި އެހެން ފަރާތަކާއި ޝިރުކު ކުރީމަ އާޚިރަތުގަ އަހަރުމެންނަށް އޭގެ ޢަޒާބު ލިބޭނެކަން ޔަޤީން. އެކަމަކު އޭގެ ކުރިން މި ދުނިޔޭގަ ވެސް….ހަމައެކަނި ﷲ ދެކެ ލޯބިވާންޖެހޭ ވަރަށް ލޯބިވެ، ﷲ އާއިމެދު އުއްމީދު ކުރާ ފަދައިން މީހަކާއިމެދު އުއްމީދުތައް ބަހައްޓައިފިނަމަ، އޭގެ ހިތާމައާއި ތަދު އަހަރުމެންގެ ހިތްތަކަށް އިޙްސާސް ކުރެވޭނެ…” ސިޔާރާ ކިޔައިދިނެވެ.
ސިޔާރާގެ އެ ވާހަކަ އިވިގެން ދިޔަދިޔަހެން ހަމްނާގެ ހިތަށް ލޮޅުމެއް އައެވެ. އެ އާޔަތުގައި ސިފަކުރެވުނީ ހަމަ އޭނަހެން ހީވުމުންނެވެ. އޭނަ ނައުފަލްގެ ފަރާތުން ހާދަ ގިނަ ކަންތައްތަކަށް އުއްމީދު ކުރިއެވެ. އޭނަގެ ހިތާމަވެރިކަން ނެތިކޮށްދިނުމަށެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދިނުމަށެވެ. އޭނަގެ ހިތްދަތިކުރުވާ އިޙްސާސްތައް ދަނެގެން އެ އިޙްސާސްތަކުން އަރައިގަންނަން އެހީވެދިނުމަށެވެ. އެ ކުރެވުނު އުއްމީދުތަކެއްގެ ސަބަބުން ﷲ ގެ ރުހިވޮޑިގަތުމުގެ މަތިން ވެސް ހަނދާން ނައްތައި، ނައުފަލް ރުއްސުމަށް ނައުފަލާއި ރައްޓެހިވެވުނެވެ. އެހެނަސް އެ ގުޅުމުން އޭނައަށް ހިތްދަތިކަމެއް ނޫނީ ނުލިބުނެވެ.
އެކަންތަކާއިމެދު ވިސްނިވިސްނިހެން ހަމްނާގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ، ނައުފަލާއި ރައްޓެހިވުމަށް އޭނަ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ކިހާ ދުރުވެގެން ދިޔަކަން އެނގުންވުމުންނެވެ. ހަމަ އެއާއިއެކު އެ ގުޅުމުން ތައުބާވުމަށް ހަމްނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް އުފެދުނެވެ.
**
“މާޒިންއަށް ކިހިނެއްބާ އެނގުނީ، ދާރިސް؟” ނިދަން ތައްޔާރުވެގެން އެނދަށް އަރަމުން ހިބާ ސުވާލުކުރިއެވެ.
“ކޮންކަމެއް؟” އެނދުގައި އިނދެ ކިޔަން އިން ފޮތުން ނަޒަރު ވަކި ކުރުމެއްނެތި ދާރިސް އެހިއެވެ.
“ޑޯޑޯ! އަދިވެސް އަހަންނަށް ވިސްނެނީ އެކަމާމެދުގައޭ. ޑޯޑޯގެ ރެޕްލިކާސްތައް ވިންޓޭޖް ޓެކްނޮލޮޖީސްއިން ވިއްކަނީތަ؟ މާޒިން މަންމަ ބުންޏޭ މާޒިން އޮންލައިންކޮށް ކުޑަކުދިންގެ ރޮބޮޓްތައް ފެނިފަ އެ ގަނެދޭށޭ ބުނި ވާހަކަ…”
“އޮހް! އެހެންވެދޯ ކާރެއް ކަހަލަ ރޮބޮޓެއް ހަދަން މާޒިން އެއުޅެނީ. އަހަރުމެން ކުންފުނިން ހުންނާނެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ވެސް ރޮބޮޓްތައް ހަދާފަ. އެކަމަކު ޑޯޑޯ ކަހަލަ ރޮބޮޓެއް އަދި މާރކެޓްގަ ނުހުންނާނެ. ޑޯޑޯއަކީ އަހަންނަށް މިހާތަނަށް ޕްރޮގްރާމް ކުރެވުނު އެންމެ ކޮމްޕްލެކްސް ރޮބޮޓަށްވެފަ އޭތި އިތުރަށް ޑެވެލޮޕްކުރަން އަހަރެން ބޭނުންވާތީ. އަދި ޑޯޑޯއާއިއެކީ އެހާ ދުވަސްވީމަ އެއަށް ލޯތްބެއް އުފެދިފަ ހުންނާތީ ވިއްކަން ބޭނުންވެސް ނުވަނީ އަސްލު…”
“ދެން ކިހިނެއްބާއޭ އެ ކުއްޖާއަށް އެނގޭނީ؟ އާރ ޔޫ ޝުއާރ އިންޓަވިއުއެއްގަ ވެސް ޑޯޑޯގެ ވާހަކަ ދެކެވިފަ ނުހުންނާނެކަން؟ އެކުއްޖާއަކީ އިންޓްރެސްޓް ޖެހިއްޖެއްޔާ އެއާއި ގުޅޭ ހުރިހާ އާރޓިކަލްއެއްވެސް ކިޔާލާނެ ކުއްޖެއް. ވިންޓޭޖް ޓެކްނޮލޮޖީސްގެ ސައިޓްއަށް ވަދެފަ އާރޓިކަލްއަކުން ފެނިފަ ހުރެދާނެދޯ؟”
“ހިއެއްނުވޭ….މި ބުނިހެން ޑޯޑޯ މާރކެޓް ކުރަން ބޭނުންނުވާތީ އިންޓަވިއުއެއްގަ ވެސް ޑޯޑޯގެ ވާހަކަ ނުދައްކަން. އެއާއި ގުޅޭ އިތުރު ސުވާލުތަކެއް ކުރިމަތިވާނެތީ…އަހަރެން ޑޯޑޯ ހެދިކަން އެނގޭނީ ވެސް އަހަރެންގެ ސެކްރެޓަރީއަށާއި ވަރަށް މަދު މުވައްޒަފަކަށް. އެންޑް….ހިބާގެ ބައްޕައަށް.”
“ބައްޕައޭ؟ ބައްޕައަށް ކިހިނެއް އެނގޭނީ؟!”
“ހެހެ….އަދި އެ ވާހަކަ ކިޔައިނުދެވޭ ދޯ؟ ވަރަށް މި ފަހުން ހެދި ރޮބޮޓަކަށް ވިޔަސް އެ ދުވަސްކޮޅުގައޭ ޑޯޑޯ ޑިޒައިންކުރަން ފެށީ. ވަރަށް ހަނދާންހުރޭ އަދިވެސް. އެއްކަލަ ސައިންސް ފެއާރއަށް އަހަރެން ފުރަތަމަ ޑިޒައިން ކުރީ ރޮބޮޓެއް. ރޮބޮޓްގެ ޑިޒައިން ގަނޑެއްގަ ކުރަހާފަ އޭގެ ފަންކްޝަންސްތައް ލިޔެފަ އެއަށް ކިޔާނެ ނަމެއް ނޭނގިގެން އަހަރެން އުޅުނީ. ޝަހީދު…ބައްޕަގާތު އެ ވާހަކަ ބުނީމަ ބުނީ މާ ބޮޑަށް ވިސްނާ އެއްޗެއް ނޫނޭ ނަމަކީ. ފުރަތަމަ ސިކުނޑިއަށް އަންނަ ބަސް ނަމަކަށް ހަދާލާށޭ. ޝަހީދުބެ އެހެން ބުނެފަ ދިޔައިމަ އަހަންނަށް އެއްލި ކަޅިއަކުން އެތާ އޮތް ފޮތަކުން ފެނުނީ ޑޯޑޯ ބާރޑްއެއް. ހިތަށްއެރީ އެ ނަން ރީތިވާނެއޭ. އެ ރޮބޮޓްގާތު އަބަދު ‘ޑޫ’ އޭ ބުނަން ޖެހޭ ގޮތަށް އޭރު ޕްލޭންކޮށްފަ ހުރީމަ އެ ނަން ރީތިވާނެކަމަށް ނިންމުނީ. ނަމެއް ވިސްނުނީމަ ވަގުތުން އެ ގަނޑުގެ ހެޑިންގްއަކަށް ލިޔުނިން ޑޯޑޯއޭ ވެސް….ހީވަނީ އެ ގަނޑު އަދިވެސް މި ގޭގަ އޮންނާނެހެން….އޭތި ބާއްވާފަ އަހަންނަށް ދެވުނީ. އެކޮޅަށް ގޮއްސަ އަނެއްކާ އެ ޑިޒައިން ކުރަހަން ޖެހުނީ….”
ދާރިސް ކިޔައި ދިންދިންހެން ހިބާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ވިސްނުމުގެ ތެރޭގައި ދެބުމަ ކައިރިކޮށްގެން ވަކި އެއްޗެކޭ ނުބުނެ ދާރިސްއަށް ބަލަން އިނދެވުނެވެ.
**
މާޒިން އަމިއްލަ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ލިޔަން އިނީ، އޭނަގެ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ‘ޖާރނަލް’ ލިޔުމަށެވެ. އެ ޖާރނަލްގައި އެދުވަހު ހިނގައިދިޔަ ކަންތައް ކުރުކުރު ޖުމްލަތަކެއްގެ ގޮތުގައި މާޒިން ލިޔެއެވެ. އެރޭ ލިޔަމުން ގޮސް 5 ވަނަ ޖުމްލައަކަށް މާޒިން ލިޔުނީ، ‘އައި މެޓް ޑޯޑޯ’ އެވެ.
އެ ޖުމްލަ ލިޔެފައި މާޒިން ކުއްލި ގޮތަކަށް ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ. އެއަށްފަހު ފަންސުރު ބޭއްވުމަށްފަހު ގޮނޑިން ތެދުވެ ކޮޓަރިން ނިކުމެ ދިޔައީ ދުވެފައެވެ. ދުވެފައި ގޮސް މާޒިން ވަނީ މާޒިންގެ މަންމަގެ ކޮޓަރިއަށެވެ. އެއަށްފަހު މަންމަގެ އެނދު ކައިރީގައި ހުރި އަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވައި އެ ވަތްގަނޑު ހާވަން ފެށިއެވެ. އެންމެ ފަހުން ވަތްގަނޑުގެ އަޑިން ރޮނގު ދަމާފައި ހުރި ގަނޑުތައް ފެނިފައި މާޒިން އެ ގަނޑުތައް ނަގައި ބަލައިލިއެވެ.
އެއާއިއެކު ފެނިގެން ދިޔައީ، ޞުރުޚީއަކަށް ‘ޑޯޑޯ’އޭ ލިޔެވި، ޑޯޑޯގެ ކުރެހުމެއް ކުރަހައި، އޭގެ ދަށުގައި ލިޔުންތައް ލިޔެފައި ހުރި ގަނޑެކެވެ.
“މާޒިން ދަރިފުޅު އަވަހަށް ކާން އާދޭ!” ބޭރުން މަންމަ ގޮވައިލި މާޒިން ގަނޑު ހިފަހައްޓައިގެން ހުރެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލިއެވެ.
“ލައްބަ މަންމާ!” މާޒިން އެހެން ބުނެ އަވަސްއަވަހަށް އެ ގަނޑުތައް ވަތްގަނޑަށް ކޮއްޕައިލުމަށްފަހު ވަތްގަނޑު ލައްޕައިލިއެވެ. މާޒިން އެއަށް ފަސްދިނުމަށްފަހު ދުވެފައި ކޮޓަރިން ނިކުންނަން ދިޔައިރު، ގަނޑުގެ އެއްބައި ވަތްގަނޑުން ބޭރުވެފައިވިއެވެ.
ނުނިމޭ
Jana
January 12, 2022 @ 4:15 pm
Salaam kiyuntherin. Dhen oiy bai next Wednesday night ga In Sha Allah. Since I will be away from home this weekend and also there is a lot coming up next week. Stay safe readers! Much love! <3 <3 <3
eunoia
January 12, 2022 @ 4:33 pm
Ohh that’s how maazin knew dhw! Amazing!!
Hamna loves nabeeh for sure.. Nd finally she is confessing it with naufal.. Adhivx curious vey when I remember naufal asked abt dhaaris… I’m sure something is going wrong with him..
Luv this part🤍
Tgc jana sis ✨
Anonymous
January 14, 2022 @ 9:58 am
not yet dhw
nabeeh ge rangalhu kan hamna ah ihsaas vanee
not that she loves him
Ibaa
January 12, 2022 @ 4:50 pm
Masha Allah. Vrh reethi story. Keep going sis. May Allah bles syou. Ameen.
Dhonthi
January 13, 2022 @ 9:31 am
Assalaamu alaikum 😊 Mi part ves varah reethi.. Masha Allah 😍😍
Maazin and dhaaris ge fight varah cute..hehe
Ehen v ma muneeraa athuga dhw e othy e gandu..
Next part kiyaalaa hithun meenee mihaaru😊😊
Stay safe Janaa dhahthaa😊😊
Naath
January 13, 2022 @ 6:38 pm
Masha Allah. Mi part vx hama vrh reethi. Keep it up. Stay safe. May Allah bless you 🥺❤🤍
mish
January 14, 2022 @ 9:56 am
wow
nothing to say