ދާރިސް (ފަންސާސްދެވަނަ ބައި)
ޖެހިގެން އައި ދެ ތިން ދުވަހުގެ ގިނަ ވަގުތު މާޒިން ހޭދަކޮށްފައިވަނީ ދާރިސްއާއި އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެ އަނެއްދުވަހު ސްކޫލް ނިމުމާއިއެކުހެން ޔުނިފޯމް ބަދަލުކުރަން ހެދުން ހިފައިގެން ހިބާމެންގެ ގެއަށް ދިޔައީ، މާޒިން ގޮތް ދޫނުކުރުމުން ކަމަށް މުނީރާ ހިބާ ގާތު ބުންޏެވެ. ވާނީވެސް އެހެންތާއެވެ. މާޒިން ދާރިސްއާއިއެކީ ކުރަމުން ދިޔައީ މާޒިން ނުލާހިކުވެސް ޝައުޤުވެރިވާ މަސައްކަތެކެވެ. އަދި އަމުދުން އެ ޝައުޤުވެރިކަން މާޒިންއާއި އެއްވަރަށް ޙިއްސާކުރާ މީހަކާއި މަސައްކަތް ކުރަން މާޒިންގެ ހިތްޖެހިފައިވާނެ މިންވަރު ހިބާއަށް ވެސް އެނގުންވިއެވެ.
ފުރަތަމަ ދެ ދުވަހު ކާރެއްހެން ހެދިފައިވި ރޮބޮޓް އެއްކޮށް ހަދައި ނިންމުމަށްފަހު، އެ ރޮބޮޓް ޕްރޮގްރާމް ކުރުމުގައި މުޅިންހެން އުޅުނީ މާޒިންއެވެ. ކުޑަކުދިންނަށް ޚާއްޞަ ޕްރޮގްރާމިންގް ސޮފްޓްވެއާރއެއް ބޭނުންކޮށްގެން، މާޒިން ނުހަނު ފަސޭހައިން އޭނަ ބޭނުންވާ ގޮތަކަށް އެމީހުންގެ ރޮބޮޓްގެ ޙަރަކާތްތައް ރޭވި ގޮތުން، ދާރިސްއަށް ޙައިރާންވެފައި އިނދެވުނެވެ. އެ ކުއްޖާއަށް ބަލަން އިންއިންހެން އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަގެ ކުޑައިރުގެ ދުވަސްތަކެވެ. އޭނައާއި ޚިލާފަށް މި ކުއްޖާއަށް ކުޑައިރުއްސުރެ ގިނަގުނަ ވަޞީލަތްތަކެއް ލިބުމުން އެ ޢުމުރުގައި ވެސް އެ ވަނީ ހާދަ ކުރިއަރާފައޭ ދާރިސްގެ ހިތަށްއެރިއެވެ. މާޒިން ހުނަރުވެރިކަމާއިއެކީ އެ ރޮބޮޓްގެ ހުރިހާ މަސައްކަތެއް ނިންމަމުން ދިޔަ މަންޒަރު ފެނި، އެ ކުއްޖާއަށްޓަކައި ހިތުގައި އުފެދުނު ލޯތްބާއިއެކީ ހިތާހިތުން އެކުއްޖާއަށްޓަކައި ދުޢާވެސް ކުރެވުނެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ބާއްވަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރީ ދުވަހު މާޒިން ނިމިފައިވާ ރޮބޮޓާއި އެކީ، ގެއަށްދާން ތައްޔާރުވަމުން ދިޔަ ވަގުތު ދާރިސް ވާހަކަ ދެއްކިއެވެ.
“ސީ ޔޫ ޓުމޯރޯ މާޒިން، އިން ޝާ ﷲ…އޯލް ދަ ބެސްޓް!” ދާރިސް މާޒިންގެ ކޮނޑުގައި ދަބަސް އަޅުވަން އެހީވެދެމުން ބުންޏެވެ. އެހިނދު ހިބާ ވެސް އެއްފަރާތެއްގައި މަންޒަރު ބަލަން ހުއްޓެވެ.
“އިން ޝާ ﷲ! އީތަން ސާރ ގެ ހެލްޕްއާއެކީ މާޒިންގެ ބެސްޓް ދޭނަން. ސާރ ވެސް އަންނާނަންދޯ މާދަމާ؟” މާޒިން ދެ އަތުން ރޮބޮޓުގައި ހިފަހައްޓައިގެން ހުރެ، އުފާވެރި ހިނިތުންވުމަކާއިއެކީ ދާރިސް ކުރެން ސުވާލުކުރިއެވެ.
“ލައްބަ…އެކަމަކު މާދަމާ ހެލްޕެއް ނުވެވޭނެ އިނގޭ؟”
“ހެލްޕެއް ބޭނުމެއްވެސް ނޫން ދެނެއް!”
މާޒިން ސާބިތު އަޑަކުން ފަޚުރުވެރިކަމާއިއެކީ އެހެން ބުނެލި ގޮތުން ދާރިސްއާއިއެކީ ހިބާއަށް ވެސް ހީލެވުނެވެ. މާޒިން ހިސާބެއްގެ އޮޅުމަކާއިއެކީ އެ ދެމީހުންނަށް ވަކިވަކިން ބެލިއެއްކަމަކު ހިނިތުންވުން ދެމެހެއްޓިއެވެ.
ތިން މީހުން އެހެން ތިއްބާ އެ ގޭގެ ކައިރިއަށް ކާރެއް އައިސް މަޑުކުރި އަޑު އިވުނެވެ. ހުޅުވިފައިވާ މައިދޮރުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ހިބާ އެދިމާލަށް ބަލައިލުމާއިއެކު މުނީރާގެ ކާރު ފެނިގެން ދިޔައެވެ.
“މާޒިން ބަލާ އެއޮތް އައީ….އަވަހަށްދޭ!” ހިބާ ބުންޏެވެ. މާޒިން ގެއިން ނުނިކުމެ އިރުކޮޅެއް ވިޔަސް މާޒިންގެ މަންމަ ކާރުން ފައިބައިގެން އައިސް އެ ގެއަށް ނުވަންނާނެކަން އެނގޭތީވެއެވެ. ކުރީކޮޅު އެއީ މާޒިންގެ މަންމައަށް ވަގުތެއް ނުވާތީކަމަށް ހީކުރެވުނެވެ. އެހެނަސް އެއްދުވަހު މާޒިން ގެއިން ނުނިކުމެ ލަސްވުމުން ވެސް މުނީރާ ކާރުގައި އިނދެ އޭނައަށް ގުޅައިލީއެވެ. މާޒިން އިތުރު ގަޑިއިރަކަށް އެ ގޭގައި ހުންނަން ބޭނުންވާކަން ހިބާ އެ ފޯނުކޯލުން އަންގައިލުމުން މުނީރާ މަޑު ކުރުމެއްވެސް ނެތި ދިޔައީއެވެ. އެއިން ހިބާއަށް ޙައިރާންކަމެއް ލިބިފައިވިއެވެ. މާޒިންގެ މަންމައަކީ އެއަށްވުރެ ބޮޑަށް މާޒިންއާއި އަޅާލާ ބެލެނިވެރިއެއްކަން އެނގޭތީވެއެވެ.
“ލައްބަ މިސް…ބާއި ބާއި މިސް! ބާއި ބާއި ސާރ!” މާޒިން އެ ދެމީހުންނަށް އެއްއަތުން ހަނާއަޅަމުން ބުންޏެވެ. ދާރިސްއާއި ހިބާ ވެސް އެފަދަ ޙަރަކާތްތަކާއި އެކީ ‘ބާއި ބާއި’ އޭ ބުނުމުން މާޒިން އެމީހުންނަށް ފަސްދީފައި ދާން އުޅުނެވެ. އެހެނަސް ގޭގެ ދޮރުމައްޗަށް އަރައި، މަންމަގެ ކާރު ފެނުމާއިއެކު ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. އެއަށްފަހު އަނެއްކާވެސް ފަސްއެނބުރި ދާރިސްއަށް ބަލައިލީ ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުންނެވެ.
“ސާރ….ސާރއަށް މާޒިން ބޭބެއޭ ކިޔުނަސް މައްސަލައެއް ނެތްތަ؟” މާޒިން ލުއި ހިނިތުންވުމަކާއިއެކީ ކޮށްލި ސުވާލުން، ދާރިސްއާއިއެކީ ހިބާއަށް ވެސް ލިބުނު ޝޮކުން، މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ހިބާ ދާރިސްއަށް ބަލައިލީ، ދާރިސްއަށް ކުރާނެ އަސަރު އެނގި، ދާރިސް އޭގެ ބަދަލުގައި ދޭނެ ޖަވާބަކަށް ކެތްމަދުވުމުންނެވެ.
“ހް…ހެހެ…ލައްބަ މައްސަލައެއްނެތް. އަހަރުމެން އެންމެންނަކީ އެހެންނޫނަސް ބްރަދާރސް އެންޑް ސިސްޓާރސް ދޯ؟” ދާރިސް ލޮލާއި ހަމައަށް ނުފޯރާ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ބްރަދާރސް އެންޑް ސިސްޓާރސް…އެއީ އެއްކަލަ މަންމަ ޖައްސާފަ ހުންނަ ޗެނަލުން ވަރަށް އިވޭ ބަސްތަކެއް. ހުރިހާ މުސްލިމުންނަކީ ވެސް ބްރަދާރސް އެންޑް ސިސްޓާރސް އޮފް އީޗް އަދާރ ދޯ؟ އެހެންވެތަ މަންމަ އެހެން ބުނީ؟” މާޒިން ވިސްނުމަކަށް ގެއްލެމުން އެހެން ބުނެލި ހިނދު ދާރިސްގެ ދެ ބުމަ ކައިރިވީ ގޮތުން ހިބާގެ މެއަށް ފިނިވިއެވެ.
ހަމަ އެވަގުތު ބޭރުގައި އޮތް ކާރުން ބަރުގޮނު އަޅައިލި އަޑަށް މާޒިންއާއިއެކީ ހިބާވެސް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. މާޒިން އަނެއްކާވެސް ބޭރަށް ބަލައިލުމަށްފަހު، މަންމައަށް ލަސްވަނީދޯއޭ ބުނެ، ދެވަނަ ފަހަރަށް ދާރިސްއަށް އަލްވަދާޢު ކިޔައިލީ ‘ބޭބެ’ގެ ނަމުން މުޚާތަބު ކުރަމުންނެވެ. އެއިން ދާރިސްއަށް ކިހާ ބޮޑު އަސަރެއް ކުރިކަން ހިބާއަށް އެނގުންވީ، މާޒިން ކާރަށް އަރައިގެން ދިޔަފަހުން ވެސް ދާރިސް އިރުކޮޅެއް ވަންދެން އެ ހުރިގޮތަށް ހުރުމުންނެވެ.
**
ދާރިސްއާއި މާޒިންގެ އުޅުމަށް ބޮޑު އިންޤިލާބެއް އައިއިރު، ހަމްނާ ވެސް އޭނަގެ ޙަޔާތުގެ ބޮޑު އިންޤިލާބަކަށް ތައްޔާރުވަމުން ދިޔައެވެ. ނައުފަލާއި ވަކިވާން ނިންމުމަށްފަހު އެ ވާހަކަ ނައުފަލްގާތު ބުނާނެ ގޮތަކާއިމެދު ހަމްނާ ވިސްނަމުން ދިޔައެއްކަމަކު، ޚިޔާލުތަކުގެ ތެރެއިން އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނައުފަލް އޭނަ ގާތު ޖަޒުބާތުގައި ޖެހިގެން ވަކިނުވާން އެދިއްޖެނަމަ އޭނައަށް އެ ބަހުގެ އޮޔާއި ޖެހިގެން ހިނގައިދާނެކަން ޔަޤީން ކުރެވުނީތީވެއެވެ. އެކަމުގައި ސިޔާރާގެ އެހީއެއް ހޯދަން ހަމްނާ ޖެހުނީ އެހެންވެއެވެ.
“ޔޫ ސްޓޭންޑް ޔުއާރ ގްރައުންޑް! އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް ހަމް ނުޖެހޭ ހަމްގެ ނިންމުން ބަދަލުކުރާކަށް!” ސިޔާރާ ސާބިތުކަމާއިއެކީ ހަމްނާގާތު އެހެން ބުނެލީ، އިންޓަވަލް ގަޑީގައި ސްކޫލްގެ ގޯތިތެރޭގައި ހުރި ގަހުގެ ވަށައިގެން ހުރި ގާގަނޑުގެ މަތީގައި އިނދެއެވެ.
“އެކަމަކު އެ ނިންމުން ގޯސް ނިންމުމަކަށް ވެއްޖެއްޔާޔޯ؟” ހަމްނާ އިސްޖެހިފައި އިނދެ ބުންޏެވެ.
“ކަމޯން ހަމް! މިއީ ގޯސް ނިންމުމަކަށް ނުވާނެ އިން ޝާ ﷲ. ހަމްނާއެއްނު ބުނީ ތި ނައުފަލްއަކާއި ރައްޓެހިވާން އުޅުނުއިރު ވެސް އެކަން ނުކުރަން އެތައް ސައިންއެއް ލިބުނު ވާހަކަ؟ އަދި އޭގެފަހުން ތި ގުޅުމުގެ ތެރެއިން ކިހާ ގިނަ ހިތާމައެއް ހަމްއަށް ތި ލިބެނީ. އޭގެ ފަހުން އަހަންނަށް ވެސް ހަމް ކައިރި ބުނެވިއްޖެ ނައުފަލްއަކީ ރަނގަޅު ކުއްޖެއްނޫނޭ. ނަތިންގް ޝުޑް ސްޓޮޕް ޔޫ އެޓް ދިސް ޕޮއިންޓް!”
“އެކަމަކު…ނައުފަލް އެކަނި މިހާތަނަށް އައިއިރު އަހަންނާއި ރައްޓެހިވީ…ނައުފަލް ދޫކޮށްލައިފިއްޔާ އަހަރެން މުޅިން އެކަނިވެރިވާނެއެއްނޫންތަ؟ ވަރަށް ގިނަ ދުވަސްވެއްޖެ ނައުފަލްއަށްޓަކައި ހިތުގައި އިޙްސާސްތަކެއްވާތާ. އަހަންނަށް ދެން ޙަޔާތުގަ ވެސް އެހެން މީހަކު ކަމުނުދިޔައިއްޔާޔޯ؟”
“ތިއީ ހީވާގޮތް ހަމް….ޔޫ އާރ ޖަސްޓް 17! އަދި ހަމްނާގެ ލައިފް ކުރިއަށް އޮތީ. ބައެއް ނިންމުންތަކަކީ ހިތަށް ތަދުވިޔަސް ނިންމަންޖެހޭނެ ނިންމުންތައް. އެހެން ނަހަދައިފިއްޔާ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެ. ޓްރަސްޓް މީ ހަމް. އަދި ހަމްއަށް ސާފުކޮށް ފެންނަން ފެށީމަ ތި ބިރުވެރިކަން ހިތުން ފިލައިގެންދާނެ. ޔޫ ވިލް ލަވް….އެންޑް ޔޫ ވިލް ބީ ލަވްޑް. ހިތްތައް ބަދަލުކުރައްވައި އެ ހިތްތަކަށް ޝިފާ ދެއްވަވާ ރަސްކަލާނގެއަކީ ހަމައެކަނި ﷲ. އަދި މީހުންގެ ހިތްތަކުގައި އަހަރުމެންނަށްޓަކައި ލޯބި ލައްވަވަނީ ވެސް ހަމައެކަނި ﷲ. އެކަލާނގެއަށް ވަކީލުކޮށް އެކަލާނގެ ޙަޟްރަތުން އެދެންވީ ހަމް. އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތް މަގަކީ…”
ސިޔާރާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކާއި އަދިވެސް ސިޔާރާ ދެއްކި އިތުރު ވާހަކަތަކެއްގެ ސަބަބުން ހަމްނާއަށް ނައުފަލާއި ވަކިވުމަށް އިހުނަށްވުރެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ.
އެހެންކަމުން އެދުވަހު ގެއަށް ގޮސް ނައުފަލާއި ވަކިވުމަށް އަދިވެސް އެއްފަހަރު އިސްތިޚާރާ ނަމާދު ކުރުމަށްފަހު، ހަމްނާ ނައުފަލަށް މެސެޖެއް ކުރިއެވެ.
“ހިނގާ މާދަމާ އިންޓަވަލް ގަޑީގައި ސްކޫލް ގްރައުންޑުން ބައްދަލުކޮށްލަން. ނީޑް ޓު ޓެލް ޔޫ ސަމްތިންގް.” ހަމްނާއަށް ކިޔަވާ މޭޒުދޮށުގައި އިނދެ، އެ މެސެޖު ލިޔުމަށްފަހު ފޮނުވައިލެވުނީ އިތުރު ހިތްވަރެއް ކުރަމުންނެވެ.
ހަމްނާ ހީކުރީ ނައުފަލްގެ އާދަޔާއި އެއްގޮތަށް އެ މެސެޖަށް ރިޕްލައިއެއް އަންނާނީ ލަސްވެގެން އެރޭ ކަމަށެވެ. އެހެނަސް މެސެޖު ފޮނުވިތާ މާ ގިނައިރެއްނުވެ މެސެޖެއްއައެވެ.
“އޯކޭ، ލަވް 😊 …..ހިނގާ ބައްދަލުކޮށްލަން. އެކަމަކު ގްރައުންޑް އިންނެއްނޫން. މާދަމާ ލޯބި ދާނަންދޯ ނެޓްބޯލް ޕްރެކްޓިސްއަށް މަރުކަޒަށް؟ ހިނގާ އެތަނުން ދިމާކޮށްލަން. ލަވް ޔޫ އެންޑް މިސް ޔޫ <3 <3 <3”
މެސެޖުގައި އޮތީ އެހެންނެވެ. އެއާއިއެކު އަނެއްކާވެސް ހަމްނާގެ ހިތަށް އުދަގޫވިއެވެ. ނައުފަލާއި ވަކިވުމާއިމެދު ޝައްކު އުފެދެން ފެށުނީ، ދެން އެއްވެސް މީހަކު އޭނައާއި އެހާ ލޯބިން ވާހަކަ ދައްކާނެތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވުމުންނެވެ. އެހެނަސް ހަމްނާ އަވަސްއަވަހަށް ބޯހޫރުވައިލަމުން އެ ޚިޔާލުތައް ފޮޅުވައިލީ، ސިޔާރާ ބުނި ވާހަކަތައް ހަނދާން ކުރަމުންނެވެ. އުއްމީދު ކަނޑާލާ ޒާތުގެ ޚިޔާލުތަކުން ދުރުވުމަށް ސިޔާރާ ބުނެލީ، އެފަދަ ޚިޔާލުތަކެއްގެ ސަބަބުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލަން މަގު ފަހިވާނެ ކަމަށް ބުނަމުންނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލުމުން އީމާންތެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެހެނީ ﷲ ގެ ރަޙްމަތަކީ މުއުމިނުންނަށްޓަކައި އަބަދަށް ދެމިގެންދާ ރަޙްމަތެކެވެ. އެ ޙަޤީޤަތަކީ މުއުމިނުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާނެ ޙަޤީޤަތެކެވެ.
އެކަން ހަނދާން ކުރަމުން ހަމްނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އެވަގުތުން ވަގުތަށް ވެސް އޭނައަކީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލާ މީހުންގެ ތެރެއިން ނުލެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
**
“ކީއްތަ ތިކުރަނީ ނައުފަލް؟! އަދިވެސް ޙަޤީޤަތް ސާފު ނުކުރެވެނީތަ؟” ރުޅިވެރި އަޑަކުން އެ ސުވާލުކޮށްލީ މާލޭގައި ހުންނަ އޭނަގެ އެޕާޓްމެންޓުގެ ސިޓިންގް ރޫމުގައި ކޮޅަށް ހުރެއެވެ.
“ސޮރީ އާސިފްބެ….ފަހަކަށް އައިސް އެ އަންހެން ކުއްޖާ އަހަންނާއި ވަރަށް ދުރުދުރުން އުޅެނީ….މާލޭގަ ހުރެފަ އަނބުރައި އައިމަ އަނެއްކާ ކައިރިން އުޅޭނެ ކަމަށް ހީކުރީ. އެކަމަކު އަދިވެސް ވަރަށް ދުރުދުރުން އުޅެނީ…” ނައުފަލް އަމިއްލަ ގޭގެ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ވާހަކަ ދެއްކީ ޖެހިލުންވުމަކާއި އެކީގައެވެ.
“ނޮޓް މައި ޕްރޮބްލަމް! މަށަށް ވާނެނަމަ މަ ތީނައާއި ނުލައިވެސް މިކަން ކޮށްފިން. ޖާސޫސްކުރަން މީހަކު ފޮނުވަން ވެސް ފޮނުވިން. އެކަމަކު އޭނައަށް ވެސް އެނގުނު ގޮތުގަ އެމީހަކަށް ކިޔަނީ ހަމަ އިސްމާޢީލް އީތަން. އެއްދުވަހު ފިހާރައިގަ ހުއްޓާ އޭނަގެ ވޮލެޓުގެ ތެރެއިން ފެނުނު އައިޑީ ކާޑުގަ ވެސް އޮތީ އެ ނަމެކޯ….މައްސަލައަކީ ބައްޕަވެސް ޤަބޫލުކުރަން ނުއުޅޭތީ. މަ އެބަ ބުނަން އެ ދާރިސްއަކު މިހާރު ދުނިޔޭގަ ނުހުންނާނެއޭ! އެކަމަކު ބައްޕައަށް ހީވަނީ އޭނަ ނަން ބަދަލުކޮށްގެން އުޅެނީހެން. އެހެން ކިޔާފަ މަގޭ ބޯ އެބަ ކާލާ!!!”
“އޮހް! ކީއްވެތަ މުޢީނުބެ އެ ދާރިސްއަކަށް އެހާ ޖެހިލުންވަނީ؟”
“މަށަކަށް ނޭނގޭ ޙަޤީޤަތުގަ….ދާރިސް މަރައިލަން ބައްޕަ މަސައްކަތްކޮށްފަ އޭނަ މަރުވިކަން ޔަޤީން ނުކުރެވެނީ. ޔަޤީން ނުކުރެވެންޏާ ވެސް އެއީ މާ ބޮޑު މައްސަލައަކަށް ވާނެ ސަބަބެއް ނުވިސްނޭ. ބައްޕަ ދިފާޢުކުރަން ބައްޕަގެ ކައިރީގަ އުޅެނީ މި ޤައުމުގަ ވެސް އުޅޭ އެންމެ ބޮޑެތި ވަކީލުން!”
“އެގްޒެކްޓްލީ! އަދި އެ ބުނާ އީތަންއަކު ވެސް މުޢީނުބެއަށް ކަމެއް ކުރަން އުޅެންޏާ މާލޭގަތާ އުޅޭނީ؟”
“ތިހެން ވެސް ބުނެބުނެ ބައްޕަ ޤަބޫލެއް ނުކުރެއޭ! އިޓްސް ****! އެނީވޭސް….ޑޫ ވަޓް ޔޫ ކޭން ނައުފް. އައިމް ކައުންޓިންގް އޮން ޔޫ. މާދަމާގެ ނިޔަލަށް ނުހޯދެންޏާ ދެން އެހާ ހިސާބުން ނައުފްއަށް މިކޮޅުން އެލޮވެންސް ނުލިބޭނެ ވާހަކަ ހިތާމައާއިއެކީ ބުނެލަން…”
އާސިފް އެހެން ބުނުމާއިއެކު ނައުފަލް ކަންބޮޑުވުމަކާއިއެކީ އެއްޗެކޭ ބުނަން އުޅުނެއްކަމަކު އޭނައަށް އެ ފުރުސަތެއް ނުދީ، އާސިފް އެކޮޅުން ފޯނު ކަނޑައިލިއެވެ. އެއާއިއެކު ނައުފަލް ފޯނު ކަންފަތުން ނަގައިލަމުން ސްކްރީނަށް ބަލައިލީ ހިސާބެއްގެ ރުޅިވެރިކަމާއި އެކީގައެވެ.
އާސިފްބެގެ އަތުން އޭނައަށް ލިބޭ ލާރިއަކީ މުހިއްމު ލާރިއެކެވެ. އެ ލާރިން އޭނަ ސިނގިރޭޓި ގަނެ، މަސްތުވާތަކެތީގެ މުޢާމަލާތް ވެސް ކޮށްފައިވެއެވެ. މިހާތަނަށް އައިއިރު ނައުފަލް އަމިއްލައަށް މަސްތުވާތަކެތި ބޭނުންކޮށްފައި ނުވިޔަސް، ނައުފަލް އޭނަ ބައިވެރިވެފައިވާ ގޭންގުގެ މީހުންނާއިއެކީ އާސިފް ދޭ ލާރިން މަސްތުވާތަކެތި ގަނެ، އެހެން މީހުންނަށް ވިއްކާފައިވެއެވެ. އެއިން ލިބޭ ލާރިއަށާއި، އެ ލާރިން އޭނައަށް ކުރެވޭ ކަންތައްތަކަށް ނައުފަލް ދެވިހިފާފައިވެއެވެ. އާސިފްބެ ދޭ އިތުރު ލާރީގެ ސަބަބުން އޭނަ ވަނީ ގޭންގުގައި ނުހަނު މަޝްހޫރު މީހަކަށް ވެސް ވެފައެވެ. ގޭންގުގެ ބައްދަލުވުމަކަށް ގޮސް އޭނަ ލާރި ނުދޭން ފަށައިފިނަމަ އޭނަގެ އަގު ވެއްޓި، އެމީހުންގެ އަތް ދަށަށް ގޮސްފާނެކަން ވެސް ނައުފަލަށް ޔަޤީން ކުރެވުނެވެ. އަތުގައި ފައިސާ ހުރި ދުވަހު ކިބުރުވެރިކަމާއިއެކީ އެމީހުންނާއި މުޚާތަބުކޮށް ކަންތައް ކޮށްފައިވި ގޮތުން ވެސްމެއެވެ.
ނައުފަލަށް ހަމްނާ ދޫކޮށްލެވެން ނެތް ސަބަބުތަކަކީ އެއީއެވެ. އާސިފްބެ އެ ހޯދަން އުޅޭ ޙަޤީޤަތެއް އޭނައަށް ހޯދޭނީ ހަމައެކަނި ހަމްނާ މެދުވެރިވެގެންކަން ޔަޤީން ކުރެވުނީތީވެއެވެ. އެ އެނގުންވި އެނގުންވުމާއިއެކީ ނައުފަލް އޭނަގެ ފޯނު ހިއްލައިލަމުން ސްކްރީނުން ފެންނަމުން ދިޔަ ހަމްނާގެ މެސެޖަށް ބަލައިލީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. މާދަމާ ކޮންމެހެން ވެސް އަދި ކޮންމެ ގޮތަކުން ވެސް ހަމްނާގެ ފަރާތުން ޙަޤީޤަތް ހޯދުމުގެ ޢަޒުމެވެ.
**
އޭގެ އަނެއް ދުވަހަކީ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ބާއްވަން ހަމަޖެހިފައިވާ ދުވަސް ކަމަށްވުމުން ހިބާ ހެނދުނުއްސުރެ ހުރީ ސްކޫލްގައެވެ. ދާރިސް ގޭގައި ހުރެގެން ހިބާ ބުނިހެން އެދުވަހުގެ އިވެންޓުގައި އޭނަ ދައްކާނެ ވާހަކައެއް ތައްޔާރު ކުރަމުން ދިޔައިރު، ހަމްނާ ވެސް އެދުވަހު ހަވީރު އޮތް އޭނަގެ ބައްދަލުވުމަށް ހިތްވަރު އެއްކުރަމުން ދިޔައެވެ. ހިބާ އެދުވަހު ގޭގައި ނެތުމުން ހަމްނާގެ ޙާލަތު ނުފެނުނެއްކަމަކު ދާރިސްއަށް ހަމްނާގެ މަޑުމޮޅިކަން ފާހަގަ ކުރެވުނެވެ. އެކަމާއިމެދު ދާރިސް ސުވާލު ކުރިއެއްކަމަކު ހަމްނާ ހިނިތުންވުމަކާއިއެކީ ކަމެއް ނުވާކަމަށް ބުންޏެވެ. އެހާ ހިސާބުން ދާރިސް އިތުރަށް އަހަން ބޭނުމެއް ނުވިއެވެ. ދެން އެންމެ ރަނގަޅުވާނީ ހިބާގާތު އެ ވާހަކަ ދައްކައިގެން ވެގެން އުޅޭ ގޮތެއް ބެލުން ކަމަށް ނިންމުމުންނެވެ.
ހިބާ އެދުވަހު ގެއަށް ދިޔައީ، ޢަޞްރު ނަމާދު ވަގުތު ގާތްވަމުން ދިޔަ ވަގުތެވެ. އޭރު ދާރިސް ހަވީރަށް ތައްޔާރުވެގެން ނަމާދަށް ދަނީއެވެ. ހިބާ ވެސް ފެންވަރައިގެން ނަމާދުކޮށް ނިމުނު ވަގުތު ދާރިސް ގެއަށް އައީ، ހިބާއާއި އެކީގައި ސްކޫލްގައި އޮތް އިވެންޓަށް ދިޔުމަށެވެ. ދާރިސް އާދައިގެ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނަކާއިއެކީ ނުހަނު ސީދާ ސާދާކޮށް ތައްޔާރުވެގެން ހުރީ، އެރަށަށް އައިއިރު އޭނަ ޓައިއެއް ވެސް ނުގެންނާތީވެއެވެ. އެރަށަށް އައިއިރު އެފަދަ ޙަފްލާއަކަށް އޭނަ ދާންޖެހިދާނެކަމަށް ހީކުރެވިފައި ނެތުމުންނެވެ. ފުރަތަމަ ފަހަރަށް މެހުމާނެއްގެ ގޮތުގައި ބޮޑު ޙަފްލާއަކަށް ދާއިރު ޓައިއަކާއި ވެސް ނުލައި ދާންވުމުން ދާރިސްއަށް އުދަގޫވެސްވިއެވެ. ކޮންމެ ތަނަކަށް ވެސް އޭނައަށް ދާން ފަސޭހައީ، އެފަދަ ޙަފްލާތަކަށް ދިޔުމަށް އޭނަ ޢާއްމުގޮތެއްގައި ހެދުން އަޅާ ގޮތަށް އަޅައިގެން ދިޔުމުން ކަމަށްވާތީވެއެވެ.
އެހެނަސް އޭނަ ޙައިރާންވެގެން ދިޔައީ، ހިބާ އަމިއްލައަށް ތައްޔާރުވުމަށްފަހު އަލަމާރިން ގަދަ ނޫކުލައިގެ ޓައިއެއް ހިފައިގެން އޭނަގެ ކައިރިއަށް އައުމުންނެވެ.
“ޝަރަފުވެރި މެހުމާނު ޓައިއަކާއި ނުލައި ދިޔައިމަ ނުގުޅޭނެއެއްނު؟” ހިބާ އެހެން ބުނެލީ، އެ ޓައި ދާރިސްގެ ކަނދުރައިގެ މަތިން ގެންދަމުންނެވެ.
“ކް….ކޮންތަނަކުން ހޯދި އެއްޗެއްތަ މިއީ؟” ދާރިސް އެ ސުވާލުކޮށްލީ، މީގެ 2 ދުވަހެއްހާ ދުވަސްކުރިން، އެ ރަށުގައި ޓައި ވިއްކާ ފިހާރައެއް ހުރިތޯ އެހުމުން ހިބާ ނޫނެކޭ ބުނެފައިވާތީވެއެވެ.
“ހަމަ އަހަރެންގެ ލޯބިވާ ފިރިމީހާއަށް ކަސްޓަމް ޓެއިލާރޑްކޮށް ފެއްސި އެއްޗެއް….އަހަރެން ނޫނެކޭ ބުނީމަ އިތުރަށް ނުވެސް ބުނަމެއްނު ބޭނުންވާ ވާހަކައެއް؟” ހިބާ ދާރިސްގެ ޓައި އަޅުވައި ދެމުން ބުންޏެވެ.
“ތިކަހަލަ ލޯބިވާ އަންބެއް ހުރީމަ ނުބުނެވެސް މި ވީއެއްނު؟” ދާރިސް އޭނަގެ މޫނު ހިބާގެ މޫނާއި ކައިރި ކުރަމުން ބުނެލިއެވެ.
“ހޫނ….އެކަމަކު މީގެ މާނައެއް ނޫން ކޮންމެ ފަހަރަކު އަހަންނަށް މައިންޑް ރީޑް ކުރެވޭނެއޭ. ބޭނުންވާ ކަންތައް އަބަދުވެސް ބުނަންވާނެ ވަރަށް ސާފުކޮށް. އަހަރެން ވެސް ބުނާނަން. އޭރުން ދެމީހުންނަށް އެކީގަ ލޯތްބާއިއެކީ އުޅެވޭނީ އިން ޝާ ﷲ…..ވާވް! ހޭންޑް…ސަމް!”
ހިބާ ޓައި އަޅައި ނިންމުމަށްފަހު އެއް ފިޔަވަޅު ފަހަތަށް އަޅައިލަމުން ދާރިސްއަށް ތަޢުރީފު ކުރިއެވެ. އެއަށްފަހު އަދި މަޑުކުރާށޭ ބުނުމަށްފަހު ހިބާ ކޮޓަރިން ނިކުމެގެން ދިޔުމުން ދާރިސްގެ ދެބުމަ ކައިރިވިއެވެ.
ހިބާ ދެން ކޮޓަރިއަށް ވަދެގެން އައީ ކޮނޑެއްގައި އެޅުވިފައިވި ދިގު، ނޫކުލައިގެ ކޯޓެއް ހިފައިގެންނެވެ. ‘ސަޕްރައިޒް’އޭ ކިޔަމުން ހިބާ އޭތި ހިފައިގެން އައެވެ.
“ތިއީ އަނެއްކާ ކޮން ތަނަކުން ހޯދި އެއްޗެއް؟” ދާރިސްއަށް އަހައިލެވުނެވެ.
“ޑޯންޓް ވޮރީ! ހަމަ ގައިމުވެސް މި ކޯޓުގެ މައްސަލައިގަ ކޯޓަކަށް ދާކަށް ނުޖެހޭނެ…ހެހެ….ވާވް! މިހާރެއްނު އިސްމާޢީލް އީތަންއާ ވައްތަރީ؟! ފެއިންޓްވާން މިއުޅެނީ ރީތިކަމުން!” ހިބާ ދާރިސްއަށް އެ ކޯޓު ލުމަށް ވެސް އެހީވެދިނުމަށްފަހު ހުވަފެނީ ގޮތަކަށް ބުންޏެވެ.
“ހެހެ….ރަސްމީކޮށް އިސްމާޢީލް އީތަންއާއެއްނު މެރީކޮށްގެން ތިއުޅެނީ؟ ކޮންސިޑާރ ޔުއާރސެލްފް ލަކީ! ތިހާވަރުން ދަންޏާ ދެން ހަމަ އީތަންގެ ނަމުން ގޮވަންވީއެއްނު؟ ކޮން ދާރިސްއެއްދޯ؟” ދާރިސް އެ ވާހަކަ ބުނެލީ ހިނިތުންވުމަކާއިއެކީ ގައި ކަމަށްވިޔަސް އެ ބަސްތައް ބުނެލިއިރު މޭގައި ރިހުމެއްވިއެވެ. ދާރިސްގެ ނަމާއި ދުރުވުމަކީ އޭނަގެ ޙަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ މަތިން ހަނދާން އާ ކޮށްދޭ ކަމަކަށް ވާތީވެއެވެ. ދާރިސްގެ ލޯމަތިން ފެނުނު އަސަރުން ހިބާއަށް އެކަން މާ ރަނގަޅަށްވެސް ނަގައިގަނެވުނެވެ.
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟ އީތަން ރީތިވެގެން އުޅުނަސް ދާރިސްއަކީ އަހަރެންގެ ފުރަތަމަ ލޯތްބޭ! އަހަންނަށް ލޯބި ދަސްކޮށްދިން މީހަކީ ދާރިސް. ދާރިސްގެ ނަން އެއްގޮތަކަށް ވެސް ހިތުން ފޮހެ ނުލެވޭނެ!” ހިބާ ސާބިތު އަޑަކުން ބުނެލިއެވެ. އެހިނދު ދާރިސްގެ ހިތަށް ކުރި އަސަރާއިއެކީ ލޮލުން ކަރުނަ ހިލެން އުޅުނެވެ. އެހެނަސް އޭގެ ކުރިން ދާރިސް ހިބާ އޭނަގެ ގާތަށް ގެނެސް ބައްދައިލިއެވެ.
ހިބާ ވެސް ހިނިތުންވުމަކާއިއެކީ ދާރިސްގެ ގައިގައި ބައްދައިލި ހިނދު އެ ހިތުގައި ދާރިސްގެ ނަން އެންމެންނަށް ހާމަކުރުމުގެ އެދުމެއް އުފެދުނެވެ. ދާރިސް ކިތަންމެ ބުންޏަސް އެ ނަން އޭނަ ފިޔަވައި އިތުރު އެންމެ މީހެއްގެ ދުލުން ވެސް ކިޔާ އަޑު އަހަން ދާރިސް ބޭނުންވާކަން ހިބާއަށް ޔަޤީން ކުރެވިފައިވެއެވެ. އެކަމަށްޓަކައި ފިޔަވަޅެއް އަޅަން އޭނަ ނިންމައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަދަކީ އެކަމަށްޓަކައި ފިޔަވަޅެއް އަޅަން ރަނގަޅު ދުވަހަކަށް ވާނެކަމަށް ހިބާއަށް ނިންމިފައިވެއެވެ. އަދި އެކަމަށްޓަކައި ރޭވުމެއް ރާވާފައިވެސްވެއެވެ.
**
އެދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި ލައިޝާމެންނާއިއެކީ ހަމްނާ ކުޅެމުން ދިޔައިރު، އޭނަ މިއަދު ނައުފަލްގާތު ބުނަން އައި ވާހަކަ ތަކުރާރުކޮށް ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެ ބަސްތަކުގެ ޖަވާބަކަށް ނައުފަލް ހަދާނެ ގޮތާއި، ބުނާނެ ބަސްތައް ވެސް ޚިޔާލަށް ގެނެސް އެއަށްވެސް ދޭނެ ޖަވާބުތައް ހަމްނާއަށް ސިފަކުރެވެމުން ދިޔައީ، ކުޅުމުގެ ތެރެއިން ހިތުގެ ތެޅުން އަވަސްވެ، ސިކުނޑި ތާޒާވެފައިވުމުން ވެސްމެއެވެ.
ގަޑިއިރެއްހާއިރު ވަންދެން ކުޅުމަށްފަހު ކަން ދިމާކުރި ގޮތުން އެދުވަހު މޮޅުވެގެން ދިޔައީ ވެސް ހަމްނާގެ ޓީމެވެ. އެކަން އެނގުންވި ވަގުތު ލައިޝާމެން އޭނައަށް ރުޅި މޫނު ދައްކައި ހަޑި ބަސްތައް ކިޔުނެއްކަމަކު ހަމްނާއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރެވުނެވެ. އެހިނދު ހިތާހިތުން ހަމްނާއަށް ޙަމްދުވެސް ކުރެވުނެވެ. މިއަދުގެ ހުރިހާ ކަމެއް އޭނައަށް ފަސޭހަކޮށްދެއްވުމަށް އެދި އޭނަ ދުޢާ ކޮށްފައިވެއެވެ. އެވަގުތުކޮޅުގައި އެ ދުޢާ އިޖާބަވެގެން ދިޔަކަން އެނގުންވުމުން ހިތަށް އިތުރު ހަމަޖެހުމެއް ލިބުން ނޫންކަމެއް ނުވިއެވެ.
އެ ދުޢާގެ ސަބަބުން ކަންނޭނގެއެވެ. މެޗު ނިމުނުތާ މާ ގިނައިރެއްނުވެ ނައުފަލް މަރުކަޒަށް ވަދެގެން އައިތަން ފެނުމުން ވެސް، އެހެން ދުވަސްދުވަހާއި ޚިލާފަށް ހަމްނާ ބަލިކަށި ނުވެއެވެ. ނައުފަލްގެ ސަބަބުން ހިތަށް ލިބިފައިވި ވަރުބަލިކަމުގެ ސަބަބުން ނައުފަލާއި ގުޅިގެން އެއްވެސް އިޙްސާސެއް ނުކުރަން އެ ހިތަށް ދަސްވެފައިވި ފަދައެވެ.
ނައުފަލް މަރުކަޒަށް ވަދެގެން އައިސް ހަމްނާއާއި ދިމާލަށް އަންނަން ފެށުމުން ވެސް ހަމްނާ ހުރިގޮތަށް ހުރީއެވެ. ހަމްނާއާއި 4 ވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓުނު ވަގުތު ލައިޝާ ނައުފަލްއަށް ގޮވައިލަން އުޅުނެވެ. އެހެނަސް ނައުފަލް އެ އަޑު އެހުމެއްނެތި އިރުކޮޅަކަށް ހަމްނާއާއި އޭނައަށް ވަކިން ވާހަކަ ދައްކަން ފުރުސަތެއް ދިނުމަށް އެތާ ތިބި އެންމެންނަށް ވާ ގޮތަށް އެންގިއެވެ. އެހިނދު ހަމްނާގެ ދެބުމަ ކައިރިވީ ހިނދު އޭނަ ނައުފަލާއި ވަކިން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އެ ހިތްވަރު ނުލިބުމުން މެއަށް ފިނިވިއެވެ. އެހެންކަމުން ހަމްނާ ފުން ނޭވާތަކެއްލަމުން ހަމައަކަށް އެޅޭތޯ ބެލިއެވެ.
ނައުފަލް ސީރިއަސްކަމާއިއެކީ އެދުނު އެދުމުގެ ސަބަބުން ހަމްނާ ފިޔަވައި ނެޓްބޯޅަ ކުޅެން އައި ހުރިހާ ކުދިން އެތަނުން ނިކުމެގެން ދިޔައެވެ. އެންމެ ފަހު ކުއްޖާ ލޯ މައްޗަށް ގެއްލުމާއިއެކު ނައުފަލް ވާހަކަ ދައްކަން އުޅުނެވެ.
“ހަމް-“
“ނައުފަލްއާ މާ ގިނަ ވާހަކަ ދައްކަން ނޫން މިއައީ…”
ހަމްނާއަށް ކުއްލި ގޮތަކަށް ބުނެވުނެވެ. އެހިނދު އޭނައަށް ފުރަތަމަ ފަހަރަށް ނައުފަލާއި ދިމާލަށް ލޯބިން ނޫން ގޮތަކަށް ގޮވައިލެވުމުން އޭނައާއިއެކީ ނައުފަލަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ނައުފަލް ހިސާބެއްގެ އޮޅުމަކާއިއެކީ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ލިބިފައިވި ހިތްވަރާއިއެކީ ހަމްނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ލެޓްސް ބްރޭކް އަޕް، ނައުފަލް.” ހަމްނާ އަންގައިލިއެވެ.
**
ހިބާމެން ސްކޫލްގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ ފެށިގެން ދިޔައީ ސްކޫލް ހޯލުގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތަކުންނެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ޕްރިންސިޕަލްގެ ވާހަކައަށްފަހު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދާރިސް ވެސް ވާހަކަ ދެއްކިއެވެ. ވާހަކަ އަޑުއަހަން ތިބި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ތިބޭތީ، ދާރިސް ހިބާ ކިޔައިދިން ބައެއް އުކުޅުތައް ބޭނުންކޮށްގެން އެކުދިންނާއި ގުޅޭ ގޮތަށް ވާހަކަ ބައްޓަން ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެ ވާހަކަ ނިމުނުއިރު ހުރިހާ ކުދިން ވެސް ތިބީ އެކުދިންގެ ޕްރޮޖެކްޓްތައް ދައްކަން ކެތްމަދުވެފައެވެ.
ދާރިސްގެ ވާހަކަ ނިމުމާއިއެކު ހުރިހާ ކުދިން އެކުދިންގެ ޕްރޮޖެކްޓްތައް ރޭވިފައި ހުރި ކުލާސްތަކަށް ދިޔައެވެ. އެވަގުތު ހިބާ ދާރިސް ކައިރިއަށް އައިސް ދާރިސް ކުލާސްތަކަށް ވަންނަމުން ދާންވީ ތަރުތީބު ކިޔައިދިނެވެ.
“ކޮންމެ ކުއްޖެއް ކައިރިއަށް ގޮއްސަ ވެސް ހެޕީ ވާ ކަހަލަ ވާހަކައެއް ވިދާޅުވެދެއްވައްޗޭ…ޕްރޮޖެކްޓް ވޯކް ނުކުރަންޏާ ހެލްޕް ވެދެއްވާތި. ޓީޗާރސްވެސް އުޅޭނެ ކައިރީގަ.” ހޯލުގެ ކައިރީގައި ހުރެގެން ހިބާ ރާގަކަށް ދާރިސްއަށް ކިޔައިދިނެވެ.
“ލައްބަ މެޑަމް! މާޒިން ކޮބައިތަ؟” ދާރިސް ވަށައި ހޯދަމުން އެހިއެވެ.
“މާޒިން ވެސް….އެބައުޅޭ ކުލާހެއްގަ. ވަންނަމުން ދަނިކޮށް ފެންނާނެ.”
ހިބާ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ދާރިސް އޯކޭއޭ ބުނުމަށްފަހު ދަނީއޭ ބުނެލިއެވެ. ހިބާ ބޯޖަހައިލުމުން ދާރިސް ހިބާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހަމަ އެހިނދު ހިބާ އަތުން ހިފަހައްޓައިގެން ހުރި ފޯނު ރިންގުވާން ފެށުމުން ހިބާ ފޯނު ހިއްލައި ސްކްރީނަށް ބަލައިލިއެވެ. މާޒިންގެ މަންމަގެ ނަން ފެނިފައި ހިބާ ކޯލު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހިބާ ކޮން އިރަކުތަ މާޒިން މަންމަ ސްކޫލަށް ދާންވީ؟ މާޒިން ފަހަރެއްގަ ސަކަރާތްވެދާނެ މަންމަ ނުފެނުނިއްޔާ…” މުނީރާ އެކޮޅުން ބުންޏެވެ.
“ދެން ލަސްނުކޮށް ހަމަ އަންނަންވީ. 10 ވަރަކަށް މިނިޓް ތެރޭ.” ހިބާ އެހެން ބުނެލީ އޭނަ ބަލަބަލާ ހުއްޓާ ގޮސް ކުލާހަކަށް ވަން ދާރިސްއަށް ބަލަން ހުރެއެވެ.
**
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް، ހަމް؟ ހަމް އަހަރެން ދެކެ ލޯބިވެއެއްނޫންތަ؟” ނައުފަލް ލިބުނު ޝޮކާއިއެކީ ވާހަކަ ދެއްކިއެވެ.
“އަހަންނަށް ވެސް ހީކުރެވުނީ އެހެން. އެކަމަކު މާ ފަހުން މި އެނގުނީ އެއީ ލޯތްބެއް ނޫންކަން. އައިމް ރިއަލީ ސޮރީ ނައުފަލް. ބޭނުމެއްނޫން ނައުފަލްއާއިއެކީ އުޅޭކަށް.” ހަމްނާ ޢަޒުމް ގުޑައިލުމެއްނެތި ބުންޏެވެ.
“ސްލޯ ޑައުން ހަމް….ކީއްވެ ބްރޭކް އަޕް ކުރަން ތިއުޅެނީ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟ ހަމަ ޔަޤީނުން ވެސް އަހަރެން ނުކުރަން ހަމްނާ ދެރަވާ ކަހަލަ ކަމެއް. މިހާރު އެ ސިޔާރާ ކަހަލަ ދީނޭ ކިޔައިގެން އުޅޭ ކުދިންނާއި ޖެހިގެން ހަމްނާ ސިކުނޑި ދޮވިގެންދޯ ތިއުޅެނީ؟”
ނައުފަލް އެހިއެވެ. ނައުފަލްގެ އެ ވާހަކައާއިއެކީ ހަމްނާގެ ހިތުގައި ނައުފަލްއަށްޓަކައި ކިރިޔާ ވެސް އޮތް ޙަމްދަރުދީގެ އަސަރު ގެއްލިގެން ދިޔައެވެ. އޭނަ ދެރަވާ ކަހަލަ ގޮތަކަށް ކަންތައް ކުރެވިފައިވާކަން ވެސް ނައުފަލްއަށް ނޭނގުނީތީވެއެވެ. އަދި އަމުދުން އޭނަގެ ލޯބިވާ އެކުވެރިޔާއާއި، އޭނަގެ ދީނާއި މެދު ވާހަކަ ދައްކައިލި ގޮތުންނެވެ.
**
ދާރިސް އެކިއެކި ކުލާސްތަކަށް ވަންނަމުން ގޮސް އެންމެ ފަހުން ކޮރިޑޯއެއްގެ އެންމެ ފަހަށް ހުރި ކުލާހުގެ ދޮރު ހުޅުވައިލިއެވެ. އެއާއިއެކު އޭނަ އެހާއިރު ވަންދެން ދެކެން ކެތްމަދުވެފައިވި މާޒިންގެ ސޫރަ ފެނިގެން ދިޔައެވެ. މާޒިން އޭނަ ފެނުމާއިއެކު އުޖާލާވި ހިނިތުންވުމަކާއިއެކީ އަތުން ހަނާ އަޅައިލިއެވެ. އެއާއިއެކު ދާރިސް ވެސް އެފަދަ ހިނިތުންވުމަކާއިއެކީ ކުލާހަށް ވަދެ، މާޒިންގެ ކައިރިއަށް ދިޔައެވެ.
އެހެން ކުލާސްތަކާއި ބަލައި، އެ ކުލާހުގައި އެންމެ ކުއްޖަކު ހުރެފައި މުދައްރިސެއް ވެސް ނެތުމުން ދާރިސްއަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ. އެއީ މާޒިން ހުންނާތީ ވީހާވެސް ހިމޭން މާޙައުލެއް ހޯދައިދިނުމަށް ހިބާ ރޭވި ގޮތްތޯ ދާރިސްގެ ހިތަށްއެރިއެވެ. އެހެނަސް އޭގެ ފަހަތުގައިވި ޙަޤީޤީ ސަބަބު ދާރިސްއަކަށް ނޭނގެއެވެ.
ދާރިސް މާޒިންގެ ކައިރިއަށް ދިޔުމާއިއެކު މާޒިން ނުހަނު ތަފްޞީލުކޮށް ޕްރޮޖެކްޓް ކިޔައިދޭން ފެށިގޮތް ދާރިސްއަށް ލޯބިވިއެވެ. ޕްރޮޖެކްޓް ކިޔައިދިނުމަށްފަހު މާޒިން އޭނަގެ ރޮބޮޓް ދުއްވައިލީ ގުޅުވިފައިވި ގަނޑުތަކެއްގައި ކަޅުކުލައިން ބޮޑު އަކުރުން ލިޔެވިފައިވި ‘8’ ނަންބަރުގެ މަތިންނެވެ. އެތާ ބެހެއްޓިފައިވި ލެޕްޓޮޕުން މާޒިން ކޯޑު ‘ރަން’ ކުރުމާއިއެކު ރޮބޮޓް އަމިއްލައަށް އެ ބައްޓަމަށް ދާން ފެށުމުން ދާރިސް މާޒިންއަށް ތަޢުރީފުކޮށް ތަރުހީބު ދިނެވެ. ހަމަ އެވަގުތު ހިބާ ވެސް އެކުލާހަށް ވަދެގެން އައިސް މާޒިންއަށް ތަޢުރީފުކުރަން ފެށުމުން ދާރިސް ފަހަތް ބަލައިލުމަށްފަހު ހިބާ އޭނަގެ ގާތަށް އައިހެން އޭނަގެ ނަޒަރު ބަދަލުކުރިއެވެ. ކުލާހުގެ ދޮރަށް މުޅިން ފަސް ދެވުނު ވަގުތު އެ ދޮރު އަނެއްކާވެސް ހުޅުވުނު އަޑު އިވުނެވެ. އެހެނަސް ދާރިސް އެ ދިމާލަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
**
“ތެދުތެދަށް ބުނަންޏާ އަސްލު މިއީ އަހަންނަށް ވަރަށް ދަތި ނިންމުމެއް. އެކަމަކު ތިބުނެލި ބަސްތަކުން ހުރިހާ ޝައްކުތަކެއް ފިލައިފި. ނައުފަލްއާއިމެދު އަހަންނަށް ރަނގަޅު ފިޔަވަޅެއް މި އެޅެނީ އަދި މިއަދު.” ހަމްނާއަށް ބުނެވުނެވެ.
“ވަޓް ދަ ހެލް ހަމްނާ؟! ޔޫ ކާންޓް ޑޫ ދިސް!!!” ކަރުތާ ފެނަށް ދިޔުމުން ނައުފަލްގެ އަޑު ހަރުވިއެވެ.
“މިތާ ހުއްޓި ހުރިހެން ނައުފަލާއި ވަކިވާންވީ ސަބަބުތައް މި ފެންނަނީ. ބޭނުމެއްނޫން އަހަންނާއި ދިމާލަށް ހަރުއަޑުން ވާހަކަ ދައްކާ، އަހަރެންގެ އެކުވެރިންނަށް ބަދުބަސްބުނެ އަހަރެންގެ އީމާންތެރިކަމަކީ މުހިންމު އެއްޗެއް ނޫންކަމަށް ދެކޭ މީހަކާއިއެކީ އުޅޭކަށް. ތި ޙަޤީޤީ ކުލަތައް މިއަދު ދެއްކި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އެ ނޫންނަމަ މި ބަސްތައް އަހަންނަށް ނުބުނެވުނީސް…ވަރަށް ސަލާމް.”
ހަމްނާ އެހެން ބުނުމަށްފަހު އިތުރަށް މަޑުކުރުމެއްވެސް ނެތި ނައުފަލަށް ފަސްދިނީ، އެ ސޫރައަށް ވެސް ވީ ފޫއްސެއްގެ ބޮޑު ކަމުންނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ހަމްނާގެ ފިޔަވަޅުތައް މަޑުޖެހުނީ، ނައުފަލް ކޮށްލި ސުވާލުންނެވެ.
“ތިގޭގަ އުޅޭ އިސްމާޢީލް އީތަންއަކީ…..ތީނަގެ ބައްޕަ މެރިކަމަށް މީހުން ބުނެ އުޅޭ ދާރިސްތަ؟”
ނައުފަލް ކޮށްލި ސުވާލުން ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އެ ސުވާލު ފަރުމާ ކުރެވިގެން ދިޔަ ގޮތުން ގަނޑުވާ ގޮތްވިއެވެ.
**
ދާރިސް ހިބާއާއި އެކީ މާޒިންއަށް ތަޢުރީފު ކުރަމުން ދިޔަ ވަގުތު ލަސްލަހުން ކުލާހަށް ވަދެގެން އައި މީހަކު އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނުކަން ފިޔަވަޅުތަކުގެ އަޑުން ދާރިސްއަށް އެނގުންވިއެވެ. އެއީ މުދައްރިސެއްކަމަށް ނިންމައިގެން ދާރިސް ހުއްޓާ އެމީހެއްގެ އަޑު އިވިގެން ދިޔައެވެ.
“ދަރިފުޅުގެ ޕްރޮޖެކްޓް މަސައްކަތް އެބަކުރޭދޯ؟” ނުހަނު ގާތުން އިވިގެން ދިޔަ އެ އަޑުން ދާރިސްއަށް ލިބިގެން ދިޔައީ ޝޮކެކެވެ. އެ އަޑު ކަންފަތުގައި ޖެހުމާއިއެކު ވެސް އެ އޯގާތެރި އަޑުގެ ވެރިޔާގެ ސޫރަ ލޮލަށް ސިފަވެގެން ދިޔައެވެ. ލިބުނު ޝޮކުގައި އޭނައަށް އެއްވެސް ޙަރަކާތެއް ނުކުރެވޭނެކަމަށް ޚުދު އޭނައަށް ވެސް ހީކުރެވިފައި ވަނިކޮށް، ލަސްލަހުން އަނެއް ފަރާތަށް އޭނައަށް އެނބުރިލެވުނީ އެ ސޫރަ ދެކެން ހިތް އެދުނު ވަރުން ކަންނޭނގެއެވެ. އެއާއިއެކު ކުރިމަތިން ފެނިގެން ދިޔަ ސޫރައިން ދާރިސްގެ ވައްޓާލެވިފައި އޮތް ދެއަތުގެ ގޮށްމުއްކެވުނީ، ބޮޑުވާ އިނގިލި އެހެން އިނގިލިތަކުގެ ދަށަށް ލަމުންނެވެ. އެންމެ ކުޑައިރު ހަދާ ފަދައިންނެވެ.
ނުނިމޭ
Jana
January 19, 2022 @ 4:25 pm
Salaam readers! Long time no see. Mihaa lahun mi genesdhevuny Jana excite vegen gossa mihaa hisaabah nuliye nuhuttunyma. hehe….In Sha Allah dhen oiy bai Monday night ga. Next week in fashaigan post thah genesdheyn fashaanan In Sha Allah. I miss the posts just like you!
Much love readers. Stay safe! <3 <3 <3
Ibaa
January 19, 2022 @ 4:56 pm
😊❤😉 Soo interesting
Mish
January 19, 2022 @ 6:01 pm
O..M…G
Dhonthi
January 20, 2022 @ 8:35 am
Salaam..Alhey enme fahun dhaaris and muneeraa meet v dhw….dhen dhaaris kanthah kuraa goii balailaa hiyy vanee plus azum varugadha hamna dhey javaabu..waiting for next part..
Stay safe😊😊
eunoia
January 20, 2022 @ 4:25 pm
oh my! hamna u did a gud job ingey! always have confidence like that. pls don’t let naufal know the truth nor anything that makes suspicious 🙁
Nd finally dhaaris met his mom.. will she know he is her son? 😲 maazin is gonna be so happy dhw after knowin dhaaris is his brother.. Nd dats why he felt that comfortable spending time with him dhw? 🤍
can’t wait for next
tgc ingey sis!!<33
Asherr
January 20, 2022 @ 6:03 pm
Wahhh amazingly beautiful ✨… Maasha’Allah 🤍