ދާރިސް (ފަންސާސްނުވަވަނަ ބައި)
“މަނިކުފާނު…..އަޅުގަނޑު މި ވާހަކަ ނުބުނެ ހުރީ މަނިކުފާނުގެ ޙާލުކޮޅު އެހާ ރަނގަޅު ނުވީމަ. މަނިކުފާނަށް މާ ބޮޑު ޝޮކެއް ލިބިލައްވާނެތީ…އެކަމަކު ހީވަނީ މިވަގުތު މި ޚަބަރު އަޑުއައްސަވާވަރަށް މަނިކުފާނުގެ ޙާލުކޮޅު ރަނގަޅުހެން…” އަނަސް ބުންޏެވެ.
“ކޮން ޚަބަރެއް؟”
“ދާރިސް މިހާރު އުޅެނީ ސްވިސްގައެއްނޫން….ރާއްޖޭގަ.”
އަނަސް ދިން އެ ޚަބަރާއިއެކީ ރައްޒާޤުގެ ދެލޯ ބޮޑުވިއެވެ.
“ކް….ކޮން ދުވަހަކު ދާރިސް ދިޔައީ؟ ދާރިސްގެ ޙާލު ކިހިނެއް؟ މީހުންނަށް އެނގޭތަ ދާރިސް ދުނިޔޭގަ ހުރިކަން؟” ރައްޒާޤު އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ.
“މަނިކުފާނު ތި ހީފުޅު ކުރައްވާ ވަރަށްވުރެ ރަނގަޅު ޙާލަތެއްގަ ދާރިސް ވަނީ. ދާރިސް ރާއްޖެއަށް ދިޔައީ ރާއްޖޭގެ ކުއްޖަކާ ކައިވެނިކޮށްގެން. ދާރިސްގެ ވެސް އެދުމުގަ ކައިވެނިކޮށްގެން އޮފީހުން ޗުއްޓީ ނަގައިގެން މި ވަގުތު އެ އަންހެން ކުއްޖާގެ ރަށުގަ އުޅެމުން ގެންދަނީ. އެއްވެސް މީހަކަށް އަދި ދާރިސްގެ ޙަޤީޤަތް އެނގުނުހެނެއް ހިއެއްނުވޭ. އިސްމާޢީލް އީތަންގެ ގޮތުގަ އެ ރަށު މީހުން ވެސް ދާރިސްއާއި މުޚާތަބު ކުރަނީ…” އަނަސް ހިނިތުންވުމަކާއިއެކީ ކިޔައިދިނެވެ.
“އަސްލުވެސްތަ؟ މާ ޝާ ﷲ! ޢުމުރުން އެހާ ދުވަސްވީމަ ކުއްޖަކާއި ވެސް އިންނަން ވާނެތާ….ވަރަށް އުފާވެއްޖެ ތި ޚަބަރު ލިބުނީމަ…ދެރައީ އަހަންނަށް ތި ކައިވެނީގައި ބައިވެރި ނުވެވުނުކަން. ރަނގަޅު ކުއްޖަކާތަ އިނީ؟ އެ ކުއްޖާއަށް އަނެއްކާ އެނގޭބާ އެއީ ދާރިސްކަން؟!”
“ހެހެ….އެނގޭނެހެން އަޅުގަނޑަށް ހީވަނީ. ވަކިން ޚާއްޞަކޮށް އެ ކުއްޖާއަކީ ކުޑައިރުވެސް ދާރިސްއާއި ދިމާވެފަ ހުރި ކުއްޖަކަށްވީމަ. އެއީ ކޮންކުއްޖެއްކަން އެނގިލެއްވީމަ މަނިކުފާނު އަދި އިތުރަށް އުފާވެލައްވާނެ….އެއީ ޝަހީދުގެ ދޮށީ އަންހެން ދަރިފުޅު ހިބާ!”
“ކީކޭ؟! ސުބުޙާނަ ﷲ! ތިއީ އެންމެ ގުޅެންޖެހޭ ދެކުދިން ގުޅިގެން ތި ދިޔައީ…ބުނާނެ އެއްޗެއް ވެސް ނޭނގޭ. އަލްޙަމްދުލި ﷲ!”
ރައްޒާޤު އެ ބަސްތައް ބުނެލި ވަގުތު ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އަނަސް ވެސް އެ އުފަލުގައި ބައިވެރިވަމުން ހިނިތުންވުމެއްގައި ހުރެފައި ވާހަކަ ދެއްކިއެވެ.
“މަނިކުފާނުގެ އުއްމީދުތައް ފުރިހަމަވާން ވަރަށް ގާތްވެއްޖެ ދެއްތޯ؟ ދެން އެ ދެކުދިންނަށް އެކީގަ އެ ދެކުދިންގެ ޙައްޤުތައް ހޯދަން މަސައްކަތް ކުރެވޭނެ…” އަނަސް ބުންޏެވެ. ރައްޒާޤު އެ ވާހަކައަށް ބޯޖަހައިލުމުން ދެންވެސް ޙަމްދުކޮށްލިއިރު، ލޮލުގެ ކޮޅުން ކަރުނައެއް ފައިބައިގެން އައެވެ. އެ މަންޒަރު ފެނުމާއިއެކު އަނަސް އޭނަގެ ކޯޓުގެ ތެރެއިން ނެގި ރުމާލަކުން ކަރުނަ ތިކި ފޮހެލަދިނެވެ.
**
“ކޮން ތަނަކަށްދާން މާ ބޮޑަށް ތައްޔާރު ތި ވަނީ؟” އޭގެ އަނެއްދުވަހު ހިބާ އެ ސުވާލުކޮށްލީ، އެ ދުވަހު ހަވީރު ވަގުތެއްގައި ސްކޫލުން ގެއަށް އައިސް ކޮޓަރިއަށް ވަންނަމުންނެވެ. އެ ދުވަހުގެ ސެޝަނަށްފަހު ޓްރެއިނިންގްއެއް އޮތުމުން ގެއަށް އާދެވުނުލެއް ލަސްވީއެވެ.
“ގޭގަ އަނބިމީހާ ކައިރި ހުންނަން ކަމަށް ވެސް ވެދާނެއެއްނު؟” ލޯގަނޑު ކުރިމަތީގައި ހުރެ ބޮލުގައި ފުނާ އަޅަމުން ލާނެތް ރާގަކަށް ދާރިސް ބުންޏެވެ.
“ހޫނ….ކައިވެންޏަށް ތަންކޮޅެއް ދުވަސްވެއްޖެ ކަންނޭނގެ ތިކަހަލަ ގޮތެއްވާން…” ހިބާ އޭނަގެ ދަބަހާއި އެހެނިހެން ފޮތްތައް ކިޔަވާ މޭޒުމަތީގައި ބަހައްޓަމުން އެހެން ބުނެލިއިރު، ކޯތާފަތް ރަތްވެފައިވިއެވެ.
“ދުވަސްތައް ވިޔަސް، އަހަރުތަކެއް ވިޔަސް އަހަރެން އަނބިމީހާދެކެ އެހާ ބޮޑަށް ލޯބިވަންޏާ މިކަހަލަ ގޮތެއް ވެދާނެއެއްނު؟” ދާރިސް ވާހަކަ ދައްކަމުން ގޮސް އަތުގައި އޮތް ފުނާ މޭޒުމަތީގައި ބޭއްވުމަށްފަހު ހިބާގެ ކައިރިއަށް ގޮސް، ހިބާގެ ގައިގައި ބައްދައިލިއެވެ.
“އެހެންދޯ މި ވަނީ؟ ހެހެ…” ހިބާ ދާރިސްގެ މޭމަތީގައި ބޯއަޅައިގެން އޮވެ ހީލިއެވެ. ދާރިސް ވެސް އެ ހީލުމުގައި ބައިވެރިވަމުން ހިބާ އޭނައާއި ދުރުކޮށްލިއެވެ.
“އެކަމަކު އަސްލު މިއުޅެނީ ތަނަކަށް ދާންވެގެން އިނގޭ ލޯބި؟ ގޮއްސަ ވީހާވެސް އަވަހަކަށް އަންނާނަން އިން ޝާ ﷲ…” ދާރިސް ހިބާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ލޯތްބާއިއެކީ ބުންޏެވެ.
“ކޮން ތަނަކަށް؟”
“މާ ބޮޑު ޝޮކަކަށް ނުދައްޗޭ މި ވާހަކަ އިވިފަ ހިބާ. މި ދަނީ….ފަޒީންގެ ގެއަށް.”
“ވަޓް؟!”
ހިބާއަށް ލިބުނު ޝޮކުގައި އެހެން ބުނެލެވުމާއިއެކު ދާރިސް އިއްޔެ ކަންތައް ދިމާވި ގޮތް ކިޔައިދޭން ފެށިއެވެ. އިއްޔެއަކީ ހިބާ ފުދޭ ވަރަކަށް ބުރަކޮށް އުޅުނު ދުވަހަކަށް ވުމުން ދާރިސް ހިބާގާތު ނުބުނެ ހުރީއެވެ. ދާރިސް ގުޅައިލި ޓެކްސީ އައުމަށް އަދި ވަގުތު ވެސް އޮތުމުން ދާރިސް ތަފްޞީލުކޮށް ފަޒީނާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް ހިބާއަށް ކިޔައިދިނެވެ.
“ދެން އެހެންވީމަ އެ ފަޒީނަށް އެހީވެދޭން ދާން ތިއުޅެނީ؟” ހިބާއަށް އަހައިލެވުނެވެ.
“ހުމް….އެއީދޯ މި ޙާލަތުގަ ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ؟” ދާރިސް ހިބާގެ ކައިރީގައި އެނދުގައި އިށީނދެގެން އިނދެ ބުންޏެވެ.
“ރަނގަޅަށް ތި ބުނަނީ އެކަމަކު…” ހިބާ ވިސްނުމެއްގައި އިނދެ ވާހަކަ މެދުކަނޑައިލުމުން ދާރިސްގެ ދެބުމަ ކައިރިވިއެވެ.
“އެކަމަކު ކިހިނެއްވީ؟”
“ދާރިސް….އަހަރެން ހުރީ މި ވާހަކަ ބުނަން ނުބުނަން ކަމަށް. އެކަމަކު މިހާރު ބުނެލުން އެންމެ ރަނގަޅުހެން ހީވަނީ….އެދުވަހު އަހަރެން ދާރިސްގެ މަންމަގެ ގެއަށް ދިޔަ ދުވަހު ފަޒީނާއި ދިމާވި. ފަޒީން ކޮންމެވެސް ސިޓީ އުރައެއް ހިފައިގެން އައިއްސަ މި ގޭގަ އުޅޭ އަންހެން މީހާއަށް ދޭށޭ ކިޔާފަ ސިޓީ އުރަ ބިންމައްޗަށް ޖަހާލާފަ ދިޔައީ. އަހަރެން ސިޓީ އުރަ ބެލިއިރު އޭގެ ތެރޭގަ ހުރީ ފަސް ސަތޭކައިގެ ނޫޓުތައް. ގެއަށް ވަދެފަ އަހަރެން އޭތި މަންމައާއި ޙަވާލުކުރީމަ މަންމަ ވަރަށް ނުތަނަވަސްވެފަ ހުރެ އޭތި ހޯދީ. މޫނުމަތިން ފެނުނު އަސަރުން އަހަންނަށް ނުކެރުނު އެކަމާއި ބެހޭގޮތުން ސުވާލެއް ކުރާކަށް ވެސް….”
ހިބާ އެ ވާހަކަތައް ކިޔައި ދިންދިންހެން ދާރިސްގެ ބުމަގޮށްޖެހިގެން ދިޔައީ، ހިތުގައި އުފެދިގެން ދިޔަ ރުޅިވެރިކަމެއްގެ ސަބަބުންނެވެ.
“އެހެންވީމަ މަންމަ ބުންޏަސް އެމީހުން މަންމައާއި މެދު ކަންތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫންތާ…” ދާރިސް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
“ކޮން ބައެއް؟” ހިބާއަށް އަހައިލެވުނެވެ.
“ފަޒީނާއި ފަޒީންގެ ޢާއިލާ….އިއްޔެގަ މަންމަ މިގެއަށް އައިއްސަ އަހަންނަށް ކިޔައިދިނީ. މަންމަ އުޅެނީ ފަޒީންގެ ބައްޕައާއި އިނދެގެންނޭ….އެއަށްފަހު ބުނި ފަޒީންގެ ބައްޕަ ތިމަންނައަށް ރަނގަޅޭ ވެސް. ރަނގަޅިއްޔާ އެމީހެއްގެ ދަރިވެސް ޖެހޭނެ މަންމައަށް ޤަދަރުކުރަން!” ދާރިސް ސާބިތު އަޑަކުން ބުންޏެވެ. އެ ވާހަކަ އަޑުއަހަން އިނުމަށްފަހު ހިބާ ވެސް އެ ވާހަކައާއި އެއްބަސްވިއެވެ.
އެއާއިއެކު ދާރިސް އެދުވަހު ފަޒީނާއި އެދުވަހު ބައްދަލުކުރަން ދިޔުމުގެ އެހެން މަޤްޞަދެއް ވެސް އުފެދިގެން ދިޔައެވެ.
**
“30 ޑިގްރީއޭ އަހަންނަށް ލިބެނީ ފަސް ފަހަރު ހެދީމަވެސް….ކިހިނެއްތަ 50 ޑިގްރީ މިއަށް އަންނާނީ؟! ހައު އިން ދަ ވޯރލްޑް؟!!! އައި ގިވް އަޕް…އަގް!”
ހަމްނާ އެހެން ބުނެލީ އަތުގައި އޮތް ކަލްކިއުލޭޓަރު ހިސާބު ފޮތުގެ ތެރެއަށް އަޅައި، ފޮތް ލައްޕައިލަމުންނެވެ. އެ ވަގުތަކީ، ހިސާބު ގަޑި ނިމި، އިންޓަވަލް ގަޑި ޖެހުނު ވަގުތު ކަމަށްވުމުން ކުދިން ކުލާހުން ނިކުންނަމުން ދިޔައެވެ.
“މެތްސް ޑްރޮޕްކޮށްލަންވީދޯ ހަމް؟” ހަމްނާއަށް އެ ކުލާހުން ލިބުނު އާ އެކުވެރިޔަކު ބުންޏެވެ.
“ހުމް…..ވަރަށް އެބަ ހިތަށްއަރާ ތިހެން. އެކަމަކު އަހަރެން ކުރިއަށް ދާން ބޭނުންވާ ފީލްޑަށް ވެސް މެތްސް މުހިއްމު އެބަވޭ….ހަދަންވީ ގޮތެއް ނޭނގެ އެއްގޮތަކަށް ވެސް…” ހަމްނާ އެކުވެރިންނާއިއެކީ ކޮޅަށް ތެދުވަމުން ބުންޏެވެ.
“ހައުސްވައިފަކަށްވުން ދޯ ދެން އޮންނާނެ ގޮތަކީ؟” ހަމްނާގެ ކައިރީގައި ދެން ހުރި ކުއްޖާ ލާނެތް ރާގަކަށް އެހެން ބުނުމުން ތިން ކުދިންނަށް އެކީގައި ހީލެވުނެވެ.
އެ ވަގުތަކީ ހަމްނާ އޭނަގެ މޭޒު ދުރުވެ އަނެއް ދިމާލަށް ބަލައިލި ވަގުތު ކަމަށްވުމުން، އޭރުވެސް ކުލާހުގެ ފަހަތު ބަރީގައި އިން ނަބީހްގެ ނަޒަރު އޭނައަށް އަމާޒުވެފައިވިތަން ފެނުނެވެ. އެއާއިއެކު ހަމްނާ ގަތީ އަމަށަކު ލަދެއް ނޫނެވެ. އިސާހިތަކު ކޯތާފަތް ރަތްވެ ދުރު ހޯދެން ފެށި ހިނދު ބޮލަށް އެނބުރުން އަރަން އުޅުނުހެން ވެސް ހީވިއެވެ. ލޮލުގެ ކޮޅުން ފެނުނު މަންޒަރު ނަބީހް ގޮނޑިން ތެދުވެ އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ. އެހެނަސް އެވަގުތު އޭނައަށް ނަބީހްގެ އަޑު ވެސް އިވިއްޖެނަމަ، އޭނައަށް ގޮތެއް ވެދާނެހެން ހީވި ވަރުން ކުލާހުން ނިކުމެގެން ދިޔުމަށް ހަމްނާއަށް ދިގު ފިޔަވަޅުތަކެއް އެޅުނެވެ.
ކުލާހުން ނިކުމެގެން ދިޔުމަށްފަހު ވެސް ހަމްނާއަށް އޭރު ކުލާހުގައި ހިނގައިދިޔަ ކަންތައް ހަނދާންވެ ލަދުގަންނަމުން ދިޔައެވެ. ނަބީހް މިހާރު އޭނައާއިމެދު ދެކޭނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އޭނައަށް ނަބީހް ކަމުދާހެން ހީވާން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނައަށް ނަބީހް ކަމުދަންޏާ ނަބީހްގެ ނަޒަރިއްޔާތު އޭނައަށް މުހިންމުވާނެތާއެވެ. ނަބީހަކީ އެހާ މޮޅު ކުއްޖަކަށްވެފައި މިއަދު އޭނައަށް އެ ހިސާބު ސުވާލު ހަދަން ނޭނގުމުން ނަބީހަށް އޭނަ އެހާ ކަމުނުގޮސްފާނެތާއޭ ހިތަށްއަރަން ފެށިއެވެ. އަދި އަމުދުން އެހާ ކުޑަ ކަމަކާއި ހުރެ ހިސާބު މާއްދާ ދޫކޮށްލާނަމޭ އޭނައަށް ބުނެވުނީތީ ވެސް އޭނައަކީ ޢަޒުމް ބަލިކަށި ކުއްޖެއްކަމަށް ނަބީހަށް މިހާރު ޤަބޫލުކުރެވޭނެތާއޭ ހިތާހިތުން ކިޔެން ފެށިއެވެ. އެ ޚިޔާލުތަކާއި ދުރުވާން ހަމްނާ ކިތަންމެ މަސައްކަތް ކުރިއެއްކަމަކު، އޭގެ ސަބަބުން ހަމްނާއަށް އެދުވަހު އިންޓަވަލް ގަޑީގައި ރަނގަޅަށް ކެވޭ ގޮތެއްވެސް ނުވިއެވެ.
ހަމްނާއަށް ނޭނގުނުކަމަކީ، އޭނަގެ އެ ޚިޔާލުތަކުގެ މުލަކީ އޭނަ ކުރިން ގެންގުޅުނު ލޯބިވެރިޔާ ކަމެވެ. ގުޅުމުގައިވާ ލޯތްބާއިމެދު ތަކުރާރުކޮށް އޭނަ ޝައްކެއްގެ ތެރޭގައި ބެހެއްޓި ލޯބިވެރިޔާ ކަމެވެ. އޭނަވީ ލޯބީގެ ބަދަލު އެންމެ ފަހަރަކުވެސް ފުރިހަމައަށް ނުދިން ލޯބިވެރިޔާކަމެވެ.
ޙަޤީޤީ ލޯތްބެއްގައިވާ ޔަޤީންކަމުގެ ޒާތް ހަމްނާއަށް އެނގިގެން ދިޔައީ އެދުވަހުއެވެ. ރަނގަޅަށް ނުކެވޭތީ އެދުވަހު ހަމްނާ ކެންޓީނުގައި ހުރެފައި ކުލާހަށް އަނބުރައި އައީ އޭނަގެ އެކުވެރިންނަށްވުރެ ކުރިންނެވެ. ހަމްނާ އަނބުރައި ކުލާހަށް އައިއިރު އޭނަ ބޭނުންވި ފަދައިން ކުލާހުގައި އެއްވެސް މީހެއް ނެތެވެ. އެހެނަސް ކުލާހަށް ވަންނަމުން ދިޔަ ވަގުތު ފިޔަވަޅުތައް ލަސްވެ، މަޑުޖެހިގެން ދިޔައީ، ބޯޑުގައި އެއްޗެއް ލިޔެވިފައި ހުރިތަން ފެނުމުންނެވެ. ހިސާބު މުދައްރިސް ކުލާހުން ނިކުމެގެން ދިޔައީ ބޯޑު އެއްކޮށް ސާފުކޮށްފައިކަން ހަނދާންވީތީވެސްމެއެވެ.
ހަމްނާ އެއްކޮށް މަޑުޖެހިލަމުން ބޯޑަށް ރަނގަޅަށް ބަލައިލިއިރު، ބޯޑުގައި ހެދިފައިވީ، އޭނަ ދާދި ދެންމެއަކު ހަދަން ނޭނގިގެން އުޅުނު ހިސާބު ސުވާލެވެ. ސުވާލުގެ ޖަވާބަށް 50 ޑިގްރީ އައިސްފައި ހުރި ގޮތުން އެ ސުވާލު ހަދަންޖެހޭ ރަނގަޅު ގޮތަކީ އެއީކަން ހަމްނާއަށް ޔަޤީން ކުރެވުނެވެ. އިސާހިތަކު ހަމްނާ އޭނަގެ މޭޒު ކައިރިއަށް ގޮސް ފޮތް ހުޅުވައިލަމުން އޭނަ އެ ސުވާލު ހަދާފައި ހުރި ގޮތާއި ބޯޑުގައި ހުރި ގޮތް އަޅައި ކިޔުނެވެ. އެއާއިއެކު އޭނައަށް އެންމެ ތަންކޮޅަކުން ނުބައި ހެދެމުން ދިޔައީތީ ނުބައި ޖަވާބެއް އަންނަމުން ދިޔައީކަން އެނގުންވިއެވެ. އެކަން އެނގުންވުމުން އިސާހިތަކު ހިތްވަރެއް ވެސް ލިބިގެން ދިޔައެވެ. އޭނަ އަދި ހިސާބަށް އަދި އެހާ ދަށެއް ނޫންކަން އެނގުންވެގެން ދިޔައެވެ.
އެ ލިބުނު ހިތްވަރާއިއެކީ ހަމްނާއަށް އަނެއްކާވެސް ބޯޑާއި ދިމާލަށް ނަޒަރެއް ދެވުނީ، އެ ސުވާލު ބޯޑުގައި ހަދާފައިވާނީ ކާކުތޯ ހިތް ސުވާލުކުރުމުންނެވެ. ހިސާބު މުދައްރިސް އިންޓަވަލް ގަޑީގައި ކުލާހަށް އައިސް ހަމަ އެ ސުވާލު ބޯޑުގައި ހަދަންވީ ސަބަބެއް ނުވިސްނުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ހަނދާނަށް އައީ އޭނަ ކުލާހުން ނިކުމެގެން ދިޔުމުގެ ކުރިން ކަންތައްވީ ގޮތެވެ. އޭނަ އެކުވެރިން ގާތު ޝަކުވާކުރިއިރު ނަބީހް އޭނައަށް ބަލަހައްޓައިގެން ހުރި ގޮތެވެ. އިސާހިތަކު ބޯޑުގައި ހުރި ލިޔުން ފެނި ނަބީހްގެ އަތުލިޔުން ވެސް ސިފަވެގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ބޯޑުގެ އެއްފަރާތަށް ނަޒަރެއް ދެވުނީ، އެތާނގައި އިނގިރޭސިން ބަސްތަކެއް ލިޔެވިފައި ހުރިހެން ހީވުމުންނެވެ. އެތާ ‘ނެވާ ގިވް އަޕް’ އިނގިރޭސި ބަހުން ލިޔެވި، ތިން ޙައިރާން މާކު ޖެހިފައިވިއެވެ.
އެ ބަސްތައް ފެނި ހަމްނާއަށް ލިބިގެން ދިޔައީ އާދަޔާ ޚިލާފު ހިތްވަރަކާއި ހިތްހަމަޖެހުމެކެވެ. ހިތަށް ލިބިގެން ދިޔަ އާ އުފާވެރިކަމެއްގެ ސަބަބުން ހަމްނާއަށް ހިނިތުންވެލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ.
**
އެދުވަހު ހަވީރު 4:30 ވެ ބޮޑުވި ވަގުތު ދާރިސް އިނީ ފަޒީންގެ ފިހާރައިގެ ކޮމްޕިއުޓަރު ދޮށުގައެވެ. ދާރިސް ނުހަނު ސީރިއަސްކަމާއިއެކީ ކޮމްޕިއުޓަރުގެ ސޭފް މޯޑަށް ވަދެ، މައްސަލަ ޙައްލު ކުރެވޭތޯ ބަލަމުން ދިޔައިރު، ފަޒީން އަނގަ ހުޅުވިފައި ބަލަން ހުއްޓެވެ. ދޭތެރެދޭތެރެއިން އޭނަ ދާރިސްއަށް ބަލައި އެއްޗެކޭ ބުނަން އުޅެއެވެ. އެހެނަސް ބުނާކަށް ހިތްވަރެއް ނުލިބެއެވެ.
ވާނީވެސް އެހެންތާއެވެ. ދާރިސް ކިތަންމެ ބޭނުމެއްނުވިޔަސް، އެ ދުވަހު ހިބާގެ ފަރާތުން އިވިފައިވާ ވާހަކަތަކުގެ ސަބަބުން އޭނައަށް ފަޒީނާއި ރަނގަޅަށް ވާހަކަ ދެކެވޭ ގޮތެއް ނުވެއެވެ. އޭނަ ފިހާރައަށް ގޮސް ވަނުމާއިއެކު ފަޒީން އޭނައަށް ނުހަނު ހޫނު މަރުޙަބާއެއް ކިޔުނެއްކަމަކު، ދާރިސްއަށް ހިނިތުންވެސް ވެލެވުނީ ވަކި ވަރަކަށެވެ. ވެގެން އުޅޭ ގޮތެއް ސާފުނުވާ ފަޒީން، އޭނައާއި ބޮޑު ފަރާތަކާއި ދެމެދު އޮތް ގުޅުން ހީނަރުވެދާނެ ކަމުގެ ބިރަށްޓަކައި ހިމޭންކަން ޚިޔާރުކޮށްގެން ހުރީއެވެ.
ބައިގަޑިއިރަށްވުރެ ވެސް މަދު ވަގުތުކޮޅެއްގެ މަސައްކަތަށްފަހު ކޮމްޕިއުޓަރު އަނެއްކާވެސް ހުޅުވި، މަސައްކަތް ކުރަން ފެށުމުން ފަޒީންގެ ދެލޯ ބޮޑުވިއެވެ.
“ވަހް! ޔޫ އާރ އަ ލެޖެންޑް!” ފަޒީން އެހެން ބުނެލީ އަތްތިލަ ބަޑި ޖަހަމުންނެވެ.
“ހެހް….ލެޖެންޑަކަށް ވާ ވަރަށްވުރެ ކުޑަ މައްސަލައެއް ދެންމެ މި ޙައްލު ކުރީ….ދެން މި ނިމުނީދޯ އެހެންވީމަ؟” ދާރިސް ގޮނޑިން ތެދުވެލަމުން އެ ސުވާލު ކުރުމާއިއެކު ފަޒީން ވާހަކަ ދެއްކިއެވެ.
“އަދި މަޑުކޮށްލައްވައްޗޭ! މިއޮތީ….އަޅުގަނޑުގެ ފަރާތުން ކުޑަ ހަދިޔާއެއް. ކަމުދާނެކަމަށް އުއްމީދުކުރަން…” ފަޒީން އޭނައަށް ބޭރު ނުފެންނަށް މެދުމިނެއްގެ ކޮތަޅެއް ދިއްކުރިއެވެ. ދާރިސް ވަކި އެއްޗެކޭ ނުބުނެ އެ ކޮތަޅު ހޯދައި ކޮތަޅުގެ ތެރެއަށް ނަޒަރެއް ދިނެވެ. އެއާއިއެކު ފެނިގެން ދިޔައީ ނުހަނު މަޝްހޫރު ބޫޓު ބްރޭންޑެއްގެ ފޮށްޓެކެވެ.
އެ ފޮށި ފެނިފައި ދާރިސްއަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ. މާޒީގައި އޭނަ ލައްވާ ފަޒީން އަމިއްލަ ބޫޓު ސާފު ކުރުވުމަށްފަހު، މިއަދު އޭނައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން މި ދެނީ މީތިތޯ ހިތާހިތުން ކިޔައިލެވުނެވެ.
“ކިހިނެއްތޯވީ؟ އީތަން ބޭނުން ނުކުރައްވާ ޒާތުގެ ބްރޭންޑަކީތޯ މިއީ؟” ފަޒީން ހިސާބަކަށް ޖެހިލުންވެހުރެ އެހިއެވެ.
“ނޫނޭ….ހަމަ ރަނގަޅު ހަދިޔާއެއް މިއީ..” ދާރިސް އެހެން ބުނެލިއިރު ހިނިތުންވެލިއެއްކަމަކު، ދެންވެސް އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ.
“ހެހެ….އެހެންވީމަ މިއަދުން ފެށިގެން އަޅުގަނޑުމެންގެ ގުޅުން ރަނގަޅުވަމުން ދާނެ ކަމަށް އުއްމީދު ކުރަމާ ދެއްތޯ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ މިއަދު ތި ދެއްވި އެހީއަށްޓަކައި. ކިހާ ވަރަކަށްތޯ ލާރި ދޭންވީ؟” ފަޒީން ސަލާމަށް އަތް ދިއްކޮށްލަމުން އެހިއެވެ. ދާރިސް އެއްފަހަރު އެ އަތަށް، އަނެއްފަހަރު ފަޒީނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“ދަންނަވަންތޯ ވާހަކައެއް؟ އެހެން މީހުންނަށް އިޙްތިރާމް ކުރަން ނުދަންނަ މީހުންނާއި އަޅުގަނޑު ގާތް ގުޅުމެއް ނުބާއްވަން. އެއީ ތިމާއަށްވުރެ ޢުމުރުން ދުވަސްވީ މީހަކަށް ވިޔަސް، ތިމާއަށް ވުރެ ބަލިކަށި މީހަކަށް ވިޔަސް، އަދި ތިމާއާއި އެއް ޢުމުރުގެ މީހަކަށް ވިޔަސް. މި ސިފަ ތި ބޭފުޅާގެ ފަރާތުން ފެންނާނެކަމުގެ ޔަޤީންކަން ލިބުނު ދުވަހަކު އަޅުގަނޑު ތި ބޭފުޅާއާއި އެކުވެރި ވާނަން އިން ޝާ ﷲ. ދެން ދިޔައީ…..”
ދާރިސް އެހެން ބުނެ ފަޒީނަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ، އެތަނުން ދާން ހިނގައިގަތެވެ. ދާރިސް ދާތަން ފެނި ފަޒީން ނުތަނަވަސްވާން ފެށިއެވެ. އަދި އަމުދުން އޭނަގެ އެކުވެރި އާސިފް ބުނި ފަދައިން، އީތަން މާލެ ގެންނާނެ ގޮތެއްގެ މަގު ކޮށުމުގެ ފުރުސަތު ގެއްލިއްޖެހެން ހީވުމުން އިތުރަށް ތަބީޢަތް ގޯސްވާ ގޮތްވިއެވެ.
އެ ކޮތަޅާއިއެކީ ދާރިސް ފިހާރައިން ނިކުމެ މަގަށް ނިކުތް ވަގުތު ވެސް ދާރިސްގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ. އިތުރު އެންމެ ސިކުންތަކަށް ވެސް ފަޒީނާއި ގާތް ހިސާބެއްގަ ވެސް ހުންނަން ބޭނުން ނުވީތީ، ދާރިސް ޓެކްސީއަކަށް ގުޅަން ފެށީވެސް އެ ފިހާރައާއި ދުރަށް ދާން ހިނގައިގަންނަމުންނެވެ.
ޓެކްސީއަށް ގުޅުމަށްފަހު ދާރިސް އޭނަގެ ފޯނު ޖީބަށް އަޅައިލަން އުޅުނު ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ދިގު ނަންބަރެއް ފެނުމުން ދާރިސްގެ ފިޔަވަޅުތައް ލަސްވިއެވެ. އޭނައަށް ގުޅަނީ ސްވިސްއިން ކަމަށް ފުރަތަމަ ނިންމުނެއްކަމަކު، ފުރަތަމަ ތިން ނަންބަރު އޭނައަށް ބީރައްޓެހިވުމުން، އެއީ ސްވިސްއިން ނޫންކަން ޔަޤީން ނުކުރެވުނެވެ. އެހެން ޤައުމަކުން މިއޮތް ދުވަސްކޮޅުގައި އޭނައަށް ގުޅަންވީ ކާކުކަމެއް ހަމަ އެއްގޮތަކަށް ވެސް ސިކުނޑިއަށް އަންނަ ގޮތެއް ނުވުމުން، އެއީ ނުބައި ނަންބަރެއް ކަމަށް ނިންމުނެވެ. އެހެނަސް ދާރިސް އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސައިލީ، އެ މީހެއްގާތު އެ ވާހަކަ ބުނުމަށެވެ.
“ހެލޯ….ކާކަށްތޯ ތި ގުޅުއްވަނީ؟” ދާރިސް ފޯނު ކަންފަތުގައި ޖައްސައިލަމުން އަހައިލިއެވެ.
**
ލަންކާއަށް ހަވީރުގެ ވަގުތެއްގައި ރައްޒާޤު އިނީ ފުރޮޅިލީ ގޮނޑިއެއްގައި، އޭނަގެ ޕްރައިވޭޓް ރޫމުގެ ތަނަވަސް ކުޑަދޮރުގެ ކައިރީގައެވެ. އެ ބިއްލޫރިގަނޑުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ޤުދުރަތީ މަންޒަރަށް ރައްޒާޤުގެ ނަޒަރު ހުއްޓިފައިވިއެއްކަމަކު، އޭނަގެ ސަމާލުކަން ދެވިފައިވީ، އޭނައާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުރެ، ފޯނު ކަންފަތުގައި ޖައްސައިގެން އަނަސް ދައްކަމުން ދިޔަ ވާހަކަތަކަށެވެ. ވާހަކަ ދެއްކުމަށްފަހު އަނަސް ފޯނު ކަންފަތުން ނަގައިލަމުން އޭނަގެ ކައިރިއަށް އަންނަން ފެށިކަން ވެސް ރައްޒާޤަށް އެނގުނެއްކަމަކު، އެ ދިމާލަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އެއްޗެކޭ ނުބުނެ ހުރީ އަނަސްގެ ގޮތް އެނގޭތީ ކަންނޭނގެއެވެ. ރައްޒާޤު އެއްޗެކޭ ނުބުންޏެއްކަމަކު އަނަސް ވާހަކަ ދައްކަން ފެށިއެވެ.
“މަނިކުފާނު އެދިލެއްވި ގޮތަށް އަޅުގަނޑު ކަންތައް ކޮށްފިން. ހީވަނީ މިފަހަރު މަނިކުފާނު ތި ރާއްވަވާ ރޭވުން ކާމިޔާބުވާނެހެން…” އަނަސް، ރައްޒާޤުގެ ގޮނޑީގެ ކައިރީގައި ހުއްޓިހުރެ ވާހަކަ ދެއްކިއެވެ.
“އިން ޝާ ﷲ…އުއްމީދަކީ އެއީ. ކަންބޮޑުވަނީ އެ ދެކުދިން ކުރެ ކުއްޖަކަށް ގޮތެއް ދިމާވެދާނެތީ…” ރައްޒާޤު އިންގޮތަށް އިނދެ ބުނެލިއެވެ.
“ދާރިސް ދެއްތޯ؟ ހަމަ އަސްލުވެސް ދާރިސްއަށް ދެން ވަރަށް ދަތިވާނެ ރާއްޖޭގަ އަމިއްލަ ނަން އަނބުރައި ގެންނަން….” އަނަސް ބުންޏެވެ.
“ނޫނޭ….ދާރިސްއާއިމެދު ކަންބޮޑެއް ނުވޭ. ދާރިސްއަށް އޭނަގެ ދުޝްމިނުން އެނގޭނެ. ކުޑައިރު އެމީހުން ފެނިފަ ވެސް ހުރީމަ….ނުބައި މީހުންނަކީ ކޮބައިކަން ނޭނގޭނީ ޝަހީދުގެ ކަނބުލޮއަށް. އަޑިންއަޑިން ރާވައިގެން އެމީހުން އެކުއްޖާއަށް އަމާޒުކޮށް ގެއްލުމެއް ދީފާނެކަމުގެ ބިރުހީވަނީ…” ރައްޒާޤު ކިޔައިދިނެވެ.
**
ހިބާ އެދުވަހު ހަވީރު ހިއްކަން ރޯނުގައި އެޅުވިފައި ހުރި ހެދުންތައް ނަގަމުން ދިޔަ ވަގުތު، ގޭގެ ދޮރުގައި މީހަކު ޓަކި ދޭން ފެށި އަޑު އިވުނެވެ. އެ ގަޑިއަކީ ހަމްނާވެސް ޓިއުޝަނަށް ގޮސްފައި ހުރި ވަގުތަށްވެފައި، ދާރިސް ވެސް ގޭގައި ނެތުމުން، ދޮރު ހުޅުވަން ދާން ހިބާ އަވަސްވެގަތީ، އަތްމަތީގައި ހުރި ހެދުންތަކާއި ވެސް އެކީގައެވެ. އެ ގަޑީގައި ގެއަށް އަންނާނީ ކާކުކަން ޔަޤީން ނުކުރެވުނީތީ ކުޑަކޮށް ހިތް ބިރުވެސް ގަންނަ ގޮތްވިއެވެ. ގޭގައި އެކަނި ހުރުމާއި އެކީގައެވެ. އަދި އަމުދުން، މައިދޮރާއި ގާތްވަމުން ދިޔަދިޔަހެން، އެ ޓަކީގެ އަޑަކީ އޭނައަށް ބީރައްޓެހި އަޑެއް ނޫންހެން ހީވި ހީވުމުން ވެސްމެއެވެ. ބީރައްޓެހި ނުވިޔަސް ހިބާގެ ހިތަށް ހަމަޖެހުމެއް ލިބުމުގެ ބަދަލުގައި އެ ހިތުގައިވީ ނުތަނަވަސްކަމެކެވެ.
އަމިއްލަ އިޙްސާސްތައް ދޭހަކުރަން ދަތިވެފައިވާ ޙާލު، ހިބާއަށް ލެއްޕިފައިވާ ދޮރުގެ ކުރިމަތީގައި ހުއްޓިލެވުނެވެ. އެއަށްފަހު ދެ ޚިޔާލެއްގެ މަތީގައި ހުރެ ދޮރުގެ ތަޅުގައި ހިފައި އަނބުރައިލީ، އެއީ ކާކުކަން ދަނެގަންނަން ބޭނުންވި މިންވަރުންނެވެ. އަދި އަމުދުން އެ ޓަކީގެ އަޑު އިވެމުން ދިޔަ ގޮތުން، އޭނަ ދޮރު ނުހުޅުވައިފިނަމަ އޭނައަށް ނުބައެއް ވެދާނެކަމަށް ސިކުނޑި ބުނަމުން ދިޔައެވެ. މީހަކު އޭނައަށް އެއްޗެހި ގޮވަން ފަށާފާނެހެން ހީވަމުން ދިޔައެވެ.
ތަޅު އަނބުރައިލި ވަގުތު ވެސް ޓަކީގެ އަޑު އިވުމުން ހިބާއަށް ދޮރު ހުޅުވައިލެވުނީ، ލިބުނު ސިހުމާއި އެކީގައެވެ. އެހިނދު ކުރިމަތިން ފެނިގެން ދިޔަ ސޫރައިން ހިބާ ގަނޑުވާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަތުން ވަރުދޫވި ފަދައަކުން އަތް ވައްޓައިލެވުނު ހިނދު، އަތް މަތީގައި ބެހެއްޓިފައި ހުރި އަންނައުނުތައް ބިންމައްޗަށް ވެއްޓުނެވެ.
“މަމް..މާ..” ހިބާއަށް ކެނޑިކެނޑިގެން ދިޔަ ވައި އަޑުން ބުނެލެވުނީ އެހެންނެވެ.
ނުނިމޭ
Jana
February 28, 2022 @ 4:40 pm
Assalaam’alaikum. Mi baives kamudhiya kamah ummeedhukuran 😀 Next part Friday night ga In Sha Allah <3 Much love readers! <3 <3 <3
Dhonthi
March 1, 2022 @ 12:01 pm
Assalaamu alaikum Jana dhahthaa 😊.. kihineii haalu??
Masha Allah..mi part ves varah varah reethi.. mihaaru dhen inn part kiyaalaa hithun mi innanee..hithah aranee hibaa ge mamma enburi e aee keevve baaey..
Janaa dhahthaa mi part ga ves eba inn ekkala kahala mistake kolheii ingey..ethanun 1 bunelaanan ingey..hamnaa calculator foii there ahh alhaali vaahaka eba otheii nu..aslu 1 calculator v ma foii there ahh laanee..foii there ahh alhaalaanee baivaru v ma ingey..
Ummeedhu kuranee kuri ahh huri baithakun mi same mistake nufennaane kamah.. overall koh varah reethi..
Waiting for next part
Take care 😊😊
Jana
March 6, 2022 @ 1:13 am
Wa’alaikumussalaam Dhonthi. Jana rangalhu mihaaru Alhamdhulillah! Hehe..mihaaru engijje dho e mamma aee keevvekan.
Dhonthi anekkaaves Jana ge kuh baheh faahaga kolla dhineethy vv shukuru adhaa kuran. In Sha Allah time eh vee irakun mi bai edit kollaanan. Dhen e kuh thakuraaru nukureveytho balaanan In Sha Allah.
Take care you too, sis! <3
𝕊𝕙𝕒
March 1, 2022 @ 2:41 pm
OMG…. Yesss A level maths is so harrrrrdd .. Hamna I’m struggling too…… 🤣😅 And Jana sis this story has taught me a lot. It’s so encouraging and it always increases our knowledge abt Islam. I’ve learned a lot abt our religion through u’re stories. Jazaakillah khairan.🤍 May Allah bless u and grant u all the happiness in this life n in hereafter …
Andddddddd I can’t wait to read next part …. Curiously waiting…………………✨
Jana
March 6, 2022 @ 1:15 am
Haha! I’ve had quite a tough time with A level math too. Perhaps the reason why I keep writing about it in stories 😛
Alhamdhulillah! Its only Allah Who allows us to do good and benefit others in the process. May Allah grant you the very best in this life and in the next. Ameen!
Jazaakillah Khairan for the support, sis! <3 <3 <3
𝕊𝕙𝕒
March 11, 2022 @ 8:19 pm
Jazaakillah khairan…. Ly🤍✨
Ibaa
March 3, 2022 @ 3:34 pm
Masha Allah story was hama perfect inge. May Allah bless you for your hardwork. Jazakillahi khairan sis. Story abadhuves hama regular koh kiyan vaguthu veevarakun. I really appreciate you sis. lots of love. stay safe dear
Jana
March 6, 2022 @ 1:16 am
Alhamdhulillah! Such encouraging words :’) Love you so much sis!
May Allah put barakah in every good you do too. Ameen! <3 <3 <3
😊😊😊😊
March 5, 2022 @ 8:40 am
Masha Allah 😍 varah rythi 😍😍
Jana
March 6, 2022 @ 1:17 am
<3 <3 <3
Thatgirlwhoreadthischapter
March 17, 2022 @ 7:02 am
I don’t usually comment on stories like this but this time I just had to. I love the fact that Hamna’s character is so relatable to me in many ways, like for example when she was struggling with that math problem. I’m currently a highschool student too and I understand her feelings as a fellow highschool buddy. I had such thoughts too at times; whether I should drop out certain subjects or not because it was hard. After reading this chapter and later that day, I was doing this question on past paper in order to revise that topic and it was quite a hard question, I must say. I was about to give up and move on to another question until this chapter popped up in my mind. The scene where Hamna decided to not give up. I got my motivation back and continued the question. So yeah, I just wanted to say that this story is such a motivation at times. I appreciate the Author; Jana and basically the whole storyline. It really is amazing, Ma sha allah. : )
Jana
March 19, 2022 @ 2:25 pm
Subhaanallah! Very touched and motivated to hear this Alhamdhulillah! 😀 I must say that I do try to target these stories to teenagers and high school students. Because honestly high school was when I turned towards deen and when I first had the idea for writing these stories as well. So I do believe brothers and sisters of that age have a lot of potential to do good and excel both in this life and in the next. And this is what I try to show in my stories.
So glad to hear that you were motivated by it. No doubt its only Allah Who increases us in any kind of guidance.
Jazaakillah Khairan for the support sis. May Allah bless you immensely. Ameen! <3 <3 <3