ދާރިސް (ފަސްދޮޅޮސްތިންވަނަ ބައި)
“މުޅި ދުނިޔެއަށް އަންގައިލިޔަސް އަހަންނަށް ހެޔޮ! އެކަމަކު ހިބާއަށް މި ޙާލު ޖައްސާފަ އޭނައަށް ނުރެކެވޭނެ….އައިމް ސޯ ސޮރީ ހިބާ….އަހަރެން ނެތީމަ މިހެން މި ދިމާވީ….” ދާރިސް ހިބާގެ މޫނުގައި އޯގާތެރިކަމާއިއެކީ ހިފަހައްޓަމުން ބުންޏެވެ.
“އައިމް ސޮރީ ޓޫ ދާރިސް. ދާރިސްގެ ބަސް އަޑުނޭހީމަ….ދާރިސްގެ ސިއްރުވެސް މަންމައަށް ހާމަވެގެން އެ ދިޔައީ…” ހިބާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. އެ ރުއިން ނުހުއްޓޭނެހެން ހީވުމުން ދާރިސް ހިބާ ކައިރިއަށް ގެނެސް ބައްދައިލިއެވެ.
މުޅި އެރޭ ދެން ދާރިސް ހޭދަކުރީ ހިބާއަށް އަޅައިލުމުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމްނާ އައިސް ކިހިނެއްވީތޯ ސުވާލު ކުރުމުން ވެސް އެއަށް ޖަވާބެއް ދެވޭނެހާ ހިތްވަރެއް ދާރިސްއާއި ހިބާއަށް ވެސް ލިބޭ ގޮތެއް ނުވިއެވެ. ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހިބާ ވަރުބަލިވެފައިވީއިރު، ހިބާގެ ޙާލު ފެނި، ދާރިސްގެ ރޫޙު މަރުވެފައިވިއެވެ. ހިބާގެ މޫނުގައި ދުޅަވެފައި ހުރި ތަނުގައި ގަނޑުފެން އަޅައިދެމުން ދިޔައިރު އެއްވެސް އެހެން ތަނަކަށް ތަދުވޭތޯ އެހެމުން ދިޔައީ ތުރުތުރު އަޅާ އަޑަކުންނެވެ.
“އޯކޭއޭ ދާރިސް….އަހް!” އެނދުގައި އިށީނދެގެން އިން ހިބާ އެހެން ބުނި ވަގުތު ދާރިސް ހިބާގެ ތަދުވާ ފައިގައި ކުޑަކޮށް ހިފައިލުމުން ހިބާއަށް ބުނެވުނެވެ.
“އޯކޭއެއް ނޫނެއްނު؟ ހިނގާ ހޮސްޕިޓަލަށް….ހަމަ މިވަގުތު!” ހިބާގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވެ އިން ދާރިސް ވަގުތުން ތެދުވެލިއެވެ. އިސާހިތަކު ހިބާ ދެން މިވަގުތު ދާނެ ކަމެއްނެތޭ ބުނަން އުޅުނު ހިނދު ދާރިސް ހިބާ އަތްދަނޑިމައްޗަށް އުފުލައިގެން ހިނގައިގަތެވެ.
ދާރިސް އެންމެ ފުރަތަމަ ދިމާކުރީ ވެސް ހިބާ ގޮވައިގެން އެ ރަށުގައި ހުރެފައި ކަނޑު ދަތުރެއްކޮށް ދެވޭ ހޮސްޕިޓަލަށް ދިޔުމަށެވެ. އެ ޚިޔާލު ބަދަލުކޮށްލީ، މިހާރު އެ ރަށުގައި ހުންނަ ޞިއްޚީ މަރުކަޒު ތަރައްޤީ ކުރެވިފައިވާކަމަށް ބުނެ ހިބާ ދޫ ނުދިނުމުންނެވެ. ދިގު ދަތުރެއް ކުރަންވުމުން ހިބާއަށް ދަތިވާނެތީވެއާއި އެކީ، ހިބާ ގޮވައިގެން ދާރިސް ޞިއްޙީ މަރުކަޒަށް ދިޔައީ އެއްކަލަ ބޭބެގެ ކާރު ހޯދައި އަމިއްލައަށް ދުއްވާފައެވެ. ޓެކްސީއެއްގައި ދަތުރު ކުރާނަމަ، އެ ދުއްވާ މީހަކަށް ހިބާގެ ޙާލަތު ފެނި، ހިބާއަށް ދަތިވާނެކަން ދަނެގެންނެވެ.
ހިބާ ބުނިހެން މާޒީއާއި ޚިލާފަށް އެ ރަށުގެ ޞިއްޚީ މަރުކަޒުގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން ދާރިސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހިބާ މަރުކަޒަށް ގެނެވުމާއިއެކު، ދާރިސް ހިބާ ގެންގޮސް ބޭއްވި އެނދު، ވަގުތުން ފަރުވާ ދެވޭ ކޮޓަރިއާއި ހަމައަށް ގެންދެވުނެވެ. ނަރުސް ކުދިން ފަރުވާ ދެމުން ދިޔަ ވަގުތު ޑޮކްޓަރު އައިސް ދާރިސް ކުރެން ހިބާގެ ޙާލާއިމެދު ވެސް ސުވާލުކުރިއެވެ. ދާރިސް ވަކި ދެވަނަ ވިސްނުމެއްވެސް ނެތި މީހެއްގެ އަތްދަށުން އަނިޔާ ލިބުނީ ކަމަށް ބުނެލީ، ހިބާގެ ފުރިހަމަ ފަރުވާއަށް ކުޑަވެސް ހުރަހެއް ނުގެނައުމަށެވެ.
ޑޮކްޓަރު އޭނައާއި ވާހަކަ ދައްކަން ހުރުމަށްފަހު ދިޔަ ވަގުތަކީ، ދާރިސްގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. ޖީބުން ފޯނު ނަގައި ސްކްރީނަށް ބަލައިލި ހިނދު މަންމަގެ ނަން ފެނިފައި ދާރިސްއަށް ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖައްސައިލެވުނެވެ.
“ދާރިސް ދަރިފުޅު ކޮންތާކު؟ މަންމަ މާޒިން ގޮވައިގެން މިގެއަށް މިއައީ ތިކުދިންނާއި ބައްދަލުކޮށްލަން. އައިއިރު ހަމްނާ އެކަނި ގޭގަ ހުރީ. ހަމްނާ ވަރަށް ސަކަރާތްވެފަ ހުރެ ބުނީ ތިކުދިން ގޭގަ ނެތް ވާހަކަ. ކީއްވެކަން ކިޔައި ނުދެވުނު އެކުއްޖާއަށް. ކިހިނެއްތަވީ؟” މަންމަ އެކޮޅުން ސުވާލުކުރި އަޑު އިވުނެވެ.
“ފަހުން ކިޔައިދޭނަން މަންމާ. މަންމައަށް މިވަގުތު އައިސްދެވިދާނެތަ މި ރަށުގެ ޞިއްޙީ މަރުކަޒަށް؟ މާޒިން ގެއެއްގަ ބަހައްޓާފަ އައިއްޔާ ބޮޑަށް ރަނގަޅީ…ތި ގެއިން ހިބާގެ ބައެއް ހެދުންތަކާއި ހިބާއަށް ބޭނުންވާނެ އެއްޗެހި ގެނެސްދެއްޗޭ.” ދާރިސް ބުންޏެވެ.
“ހުމް….އެންމެ ރަނގަޅު.” މުނީރާ ދާރިސްގެ އަޑުގައިވި ސީރިއަސްކަން ނަގައިގަންނަމުން އިތުރު ސުވާލުތަކެއް ކުރުމެއްނެތި ބުންޏެވެ.
ދާރިސް ގުޅިތާ މިނެޓްތަކެއްގެ ތެރޭގައި މުނީރާ ހުރީ ދާރިސް އެދުނު އެއްޗެހި ހިފައިގެން މަރުކަޒަށް ގޮހެވެ. އޭރުވެސް ހިބާ ފަރުވާ ދެވޭ ކޮޓަރިއަށް ވެއްދިފައިވުމުން، މުނީރާއަށް ދާރިސްއާއި ވާހަކަ ދެއްކުމުގެ ފުރުސަތެއް ލިބުނެވެ. މުނީރާ ސުވާލުކުރުމާއިއެކު ދާރިސް ވަކި ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި މުނީރާއަށް އިނދެވުނީ ދެލޯ ބޮޑުވެ، އަޖާއިބެއްގެ ތެރޭގައެވެ.
“ސުބްޙާނަ ﷲ! ހާދަ ނުލަފާ، ގޯސް މަންމައެކޭ ތިއީ. ހިބާ ހާދަ ދެރައެއްވެސް ވާނެއޭ…” ދާރިސްގެ ކައިރީގައި ގޮނޑިބަރީގައި އިނދެ މުނީރާ ވާހަކަ ދެއްކިއެވެ.
“ހުމް….އެ މަންމަ މި ފަހުން ވެސް ފެނުނު ދުވަހުއްސުރެ ހިބާގެ އެ ނޫން ޙާލެއްނެތް. އަބަދުމެ ދެރަވެ، ހާސްކަމެއްގެ ތެރޭގަ ހުންނަނީ. ދެނަހުރިން ހިބާއަށް ކޮންމެވެސް ދުވަހަކުން އެ މަންމަގެ ޙަޤީޤަތް ފެންނާނެކަން. އެކަމަކު އޭގެ ތެރެއިން ހިބާއަށް މިހާ ބޮޑު އަނިޔާތަކެއް ލިބިދާނެކަމަށް ހިއެއްނުކުރަން….އަހަރެން ގެއަށް އައިއިރު ހިބާއަށް ރަނގަޅަށް ނުވެސް ހިނގް….” އެއްދިމާލަކަށް ބަލަން އިން ދާރިސްގެ އެ ވާހަކަ މެދުކެނޑުނީ، އޭނަގެ އަރުތެރެ ބެދުމުންނެވެ. އެހިނދު އޭނަގެ ރަތްވެފައިވާ ލޮލުން ކަރުނަ ހިލެން ފެށިހެން ހީވުމުން ދުރަށް ނަޒަރު ހިންގައިލަން ޖެހުނެވެ.
ދާރިސްގެ ޙާލު އެނގުންވި މުނީރާ ހިތްވަރު ދިނުމުގެ ގޮތުގައި ދާރިސްގެ ކޮނޑުގައި އަތް އަޅައިލިއެވެ.
“އިން ޝާ ﷲ ހިބާ މުޅިން ރަނގަޅުވާނެ ދާރިސް…” މުނީރާ ބުންޏެވެ. އެއާއިއެކު ދާރިސް ބޯޖަހައިލިއެވެ.
“ތިކަމަށްޓަކައި ދުޢާކޮށްފަ އޮތީމަ ތިކަމާއިމެދު ޝައްކެތްނުކުރަން. އެކަމަކު ހަމައެކަނި ހިބާ ރަނގަޅުވުމަކުން އަހަރެންގެ ހިތެއް ނުފުރޭނެ. އަހަރެން ޔަޤީން ކުރާނަން ހިބާއަށް އެ އަނިޔާ ދިން މީހަކަށް އޭގެ ޙައްޤު އަދަބު ލިބޭތޯ. އަދި އޭނަ އެހާ ވަރުންވެގެން އަހަރެންގެ މަޢުލޫމާތު ހޯދަން ފޮނުވި މީހުންނަށް ވެސް!” ދާރިސް ރުޅިން ތުރުތުރު އަޅާ ޙާލު ބުނެލި ވާހަކައިން މުނީރާގެ ދެބުމަ ކައިރިވިއެވެ.
ނާދިރާ ދާރިސްގެ މަޢުލޫމާތު ހޯދަން އުޅުނުކަން ދާރިސް ދާދި ދެންމެ ކިޔައިދިން ވާހަކައިގެ ތެރެއިން ވެސް މުނީރާއަށް ފާހަގަވިއެވެ. އެއީ ކީއްވެތޯ އަހަން އެ ވާހަކައިގެ ތެރެއިން ވެސް ބޭނުންވިއެއްކަމަކު، ދާރިސް ޖަޒުބާތުގައި ޖެހިފައިވުމުން އެ ސުވާލު ނުކުރީއެވެ. އެހެނަސް ދާރިސް އެ ބުނެލި ފަހު ޖުމްލައިން ހިތަށް ވެރިވި ނުތަނަވަސްކަމާއިއެކީ، އެ ވާހަކަ ދައްކަން މުނީރާ އުޅުނެވެ. ނަމަވެސް ހަމަ އެ ވަގުތު ހިބާއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރު، އެމީހުންގެ ކުރިމަތިން ފެންނަމުން ދިޔަ ރޫމުން ނިކުތުމުން، މުނީރާއަށް އެ ފުރުސަތެއް ނުލިބުނެވެ.
ހިބާ ވޯޑަށް ބަދަލުކުރުމުން ހިބާއާއިއެކީ ވޯޑަށް ދިޔައީ މުނީރާ އެކަންޏެވެ. ދާރިސް ވޯޑަށް ދިޔުމުގެ ކުރިން ޑޮކްޓަރާއި ވަކިން ވާހަކަ ދައްކަން ދިޔައީ ޑޮކްޓަރުގެ އެދުމުގެ މަތިންނެވެ. މިގޮތުން ބަލިމީހުން ބަލާ ކޮޓަރީގެ ތެރެއިން ޑޮކްޓަރު ހިބާގެ ޙާލު ތަފްޞީލުކޮށް ދާރިސްއަށް ކިޔައިދިނެވެ. ޑޮކްޓަރު ބުނި ގޮތުގައި ހިބާގެ ޙާލު މިހާރު ރަނގަޅު ވިޔަސް އެ މަރުކަޒުގެ ވަޞީލަތްތައް މަދުވުމުން އަދި ހަދަންޖެހޭ ބައެއް ސްކޭންތައް ނެހެދޭ ކަމަށެވެ. މީގެ އިތުރުން ހިބާގެ ކަނާތު ލޮލާއި ދިމާލުން ވެސް އަނިޔާ ލިބިފައިވުމުން ލޮލުގެ ފެނުމަށް އަސަރު ކުރިތޯ ބެލޭނެ ވަޞީލަތެއް ނެތް ވާހަކަ ވެސް ޑޮކްޓަރު ބުންޏެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ހިބާ މާލެ ގެންދިޔުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ.
އެ ވާހަކަތައް އަޑުއެހުމަށްފަހު ދާރިސް ވޯޑަށް ދިޔައީ ވަރުބަލިވެފައިވާ ހިތަކާއި އެކީގައެވެ. ހިބާ ވަނީ، އޭނަ ހީކުރި ވަރަށްވުރެ ވެސް ދަތި ޙާލެއްގައިކަން އެނގުންވުމުން ނުތަނަވަސްވެ، މާޔޫސްވެފައިވީއެވެ.
ވޯޑުގެ ދޮރުމައްޗަށް އެރިއިރު، ހިބާގާތު ކާނީ ކޯޗެއްތޯ މަންމަ އަހަމުން ދިޔައެވެ. އެ ސުވާލު ކުރެވޭއިރަށް ހިބާ ނުކެވޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި ދާރިސް ފުން ނޭވައެއް ދޫކޮށްލަމުން ވޯޑަށް ވަދެގެން ދިޔައެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން އޭނަގެ އަޑަށް ސަމާސާވެރި ރާގެއް ގެންނަމުން، ރާނީއަކަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވޭނެތާއޭ ބުންޏެވެ. އެއަށްފަހު ހިބާގެ ކައިރީގައި އެނދުގައި އިނދެ އެކިއެކި ވާހަކަތައް ދައްކަމުން އެންމެ ފަހުން އެރޭ ކެއުމަށް ހިބާ ލައްވާ އެއްބަސް ކުރުވިއެވެ.
ހިބާ ބޭނުންވި ޒާތެއްގެ ބަތެއް ގެނެސް ހިބާ ކުޑަކޮށް ކެއުމުން، ދާރިސް ހިބާއަށް ބޭސްވެސް ދިނެވެ. ބޭސް ދިންތާ މާ ގިނައިރެއްނުވެ ހިބާއަށް ނިދޭ ގޮތްވިއެވެ. އެ ވަގުތާއި ޖެހެންދެން ވެސް މުނީރާ އެތާ އިނުމުން އަނެއްކާވެސް އެދެމެދުގައި ވާހަކަ ދެކެވުނެވެ.
“ކީކޭތަ ޑޮކްޓަރު ބުނީ؟” އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިން މުނީރާ ކަންބޮޑުވުމަކާއިއެކީ ސުވާލު ކުރިއެވެ. އެ ދުވަހު އެ މަރުކަޒުގެ ވޯޑުގައި އެހެން މީހަކު ނެތުމުން ވާހަކަ ދައްކަން ފަސޭހަވިއެވެ.
“ބުނީ ފުރިހަމަ ފަރުވާއެއް ހޯދަން ހިބާ މާލެ ގެންދާށޯ ޖެހޭނީ…” ދާރިސް ހިބާގެ ފައިލާކޮޅާއި ދިމާލުން އެނދުގައި އިނދެ ކިޔައިދިނެވެ.
“މާލެއަށޭ؟ ދެން ދަރިފުޅު މާލެ ދާނީތަ؟!” މުނީރާ ދެލޯ ބޮޑުވެފައިވާ ޙާލު، އެހެން ބުނެލީ ނުތަނަވަސްކަމާއި އެކީކަން ދާރިސްއަށް ވެސް ނަގައިގަނެވުނެވެ.
“ލައްބަ މަންމާ….އެހެން ނޫނަސް މި ހަފްތާ ތެރޭ މާލެދާން ކަމަށް ރާވައިގެން އަހަރެން ހުރީ….” ދާރިސް އިސްޖެހިފައި އިނދެ ބުންޏެވެ.
“އެއީ ކީއްކުރަންތަ ދަރިފުޅު؟”
“އެއީ….ކޮންމެވެސް މީހަކު އަހަރެން ކައިރީގަ ބުނީ ތިމަންނަ ވިޔަފާރީގަ ގެންގުޅޭ ޕްރޮގްރާމެއް ރަނގަޅުކުރަން މާލެ އައިސްދޭށޭ. އެއީ އަހަންނާއި އެކީގަ ކިޔަވާފަ ހުރި ކުއްޖަކަށްވެފަ އޭނަ އެހީއަށް އެދުނީމަ އެހީވެދޭން ބޭނުންވީ…”
“އެއީ ކާކުތަ؟ ކީއްކުރަންތަ އެއްބަސްވީ އެކޮޅަށްދާން ދަރިފުޅު؟! އެނގެއެއްނޫންތަ މާލޭގަ އުޅެނީ ކޮން ބައެއްކަން؟”
“އެނގޭ މަންމާ….އެނގޭތީ ދާން ބޭނުންވަނީ. އެ އެކުވެރިޔާ އަހަރެން ގާތު އެ އެދުން އެދުމުގެ ކުރިން ކޮންމެވެސް ބީރައްޓެއްސެއްވެސް އަހަންނަށް ގުޅި. އެ މީހަކު ބުނީ މާ ގިނަ ދުވަހެއްނުވެ މީހަކު އެދޭނޭ އަހަރެން ކައިރީގަ މާލެއަށް އަންނަން. އަހަރެންގެ ނަން އަނބުރައި ހޯދައި އަހަރެންގެ މަންމައަށް އިންސާފު ހޯދައިދޭން ބޭނުންވަންޏާ އެ މީހެއްގެ އެދުން ޤަބޫލުކޮށް މާލެ އަންނާށޭ…”
“އެއީ ކާކުބާ؟ ކޮން ހިސާބަކުން ގުޅި މީހެއް؟ ކޮން ނަމެއް ކިޔަނީ؟”
“އެމީހެއްގެ މާ ބޮޑު ތަފްޞީލެއް ނޭނގެ މަންމާ. އެނގޭހާ ވެސް ކަމަކީ އެ މީހަކު ގުޅީ ލަންކާގެ ނަންބަރަކުންކަން….މަންމާ، އަހަރެން މި ސުވާލު މަންމައާއި ކުރަން ބޭނުންވެގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެ. އެނގޭ މަންމައަށް މި ސުވާލުގެ ޖަވާބުދޭން ދަތިވެދާނެކަން އެކަމަކު އަހަރެން މި ދާން އުޅޭ ދަތުރުގެ ކުރިން އެ ޖަވާބުތައް އެނގެން ވަރަށް ބޭނުން…”
“ކޮން ސުވާލެއް؟”
“މަންމަ ކީއްވެ އަހަރެން ޝަހީދުބެގެ ރަށަށް ފޮނުވައިލަން ޖެހުނީ؟ އެރޭ މަންމަ ވަރަށް އަވަސް އަރުވައިގެން އޮފީހަށް ދިޔަ ފަހުން ގެއަށް އަހަރެން ބަލާ އައީ ޝަހީދުބެ. ޝަހީދުބެ ބުނީ މަންމަ މި ދުވަސްކޮޅުގަ މަސައްކަތުގަ ވަރަށް ބުރަވީމަ ޝަހީދުބެ މިފަހަރު ރަށަށް ދާނީ ދާރިސް ގޮވައިގެންނޭ. އެކަމަކު މިހާރު އެ ވާހަކައާއިމެދު ވިސްނައިލީމަ އެއީ އަހަރެން މާލެއިން ދާންޖެހޭ ޙަޤީޤީ ސަބަބުހެންނެއް ހިއެއްނުވޭ. މަންމަ ކިތަންމެ މަސައްކަތް ބުރަވިޔަސް އަބަދުވެސް ގެއަށް އައުމަކީ މަންމަގެ އާދައެއް….ވީއިރު މަންމައަށް އަހަރެން ނުބެލެންވީ ސަބަބެއް ނުވިސްނޭ. ފަހަރެއްގަ އަހަންނަށް މި ވިސްނެނީ ގޯސްކޮށް ކަމަށްވެސް ވެދާނެ. ބުނެބަލަ މަންމާ….ކީއްވެތަ އަހަރެން މަންމައާއި ވަކިވާން ޖެހުނީ؟”
ދާރިސް އެ ސުވާލު ކުރުމުން މުނީރާ ހިނދުކޮޅަކަށް ހިމޭންވާ ގޮތްވިއެވެ. އިރުކޮޅެއް ވަންދެން އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ވޭތުވިއެވެ. އިސްޖެހިފައި އިން މަންމަ އޭނައަށް ޖަވާބެއް ނުދޭނެހެން ހީވި ހިނދު މަންމަ ވާހަކަ ދެއްކިއެވެ.
“އެރެއަކީ ޝަހީދުބެ ވަރަށް މުހިންމު ނިންމުމެއް ނިންމި ރެއެއް. ޝަހީދުބެއަށް އެނގުނީ ޝަހީދުބެއާއިއެކީ އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުންގެ ޙަޤީޤީ ނިޔަތްތައް. އެމީހުން ބޭނުންވީ ޝަހީދުބެ އެހާ ބުރަ މަސައްކަތުން ކޮޅަށް ނަގަމުން ދިޔަ ކުންފުނީގެ ބޮޑުބައި އަމިއްލަ ކުރަން. ޝަހީދުބެ ކުންފުނި ފެށިއިރު ވެސް ރާވައިގެން ހުރީ ކުންފުންޏަށް ލިބޭ ފައިދާގެ ވަކި ބައެއް ނިކަމެތިންނަށް އެހީވުމަށް ދޭން. އެ ޚިޔާލަކީ ބައެއް މީހުންނަށް މާ ކަމުދިޔަ ޚިޔާލަކަށް ނުވި. އެހެންވެ މުޢީނުމެން ކަހަލަ މީހުން އަޑިން އަޑިން ރާވައިގެން ހުރިހާ ޙިއްސާދާރުންގެ މެދުގަ ޝަހީދުބެއާއިމެދު ނަފްރަތު އުފެއްދީ. ޝަހީދުބެއާއި ގުޅޭ ގޮތުން ހުތުރު ވާހަކަތައް ފެތުރީ. އެންމެ ދެރައީ އެމީހުންގެ ތެރޭގަ ޝަހީދުބެގެ ކޮއްކޮ ފަރީދު ވެސް ހިމެނުނީތީ. އެ ކަންތައްގަނޑުގެ ތެރެއިން ވަލީދު ވެސް ކުންފުނި ދޫކޮށް ދިޔައީ….ޝަހީދުބެ ގާތު އެ މައްސަލަ ބަލަން އެދުނީމަ ވެސް ވަކި ކަމެއް ނުކޮށް ހުންނާތީ…”
މުނީރާ ކިޔައިދިނެވެ. އެއާއިއެކު ދާރިސްއަށް ބައެއް ކަންތައް ސާފުވެގެން ދިޔައެވެ. ސްވިޓްޒަލޭންޑްގައި ވަލީދުބެއާއި ފަރީދުބެގެ ދެމެދުން ފެނުނު ހިތްހަމަނުޖެހުމެވެ. އެ ދެމީހުން އެހާ ދުރުދުރުން އުޅުނު ސަބަބަކީ އެއީތާއޭ ދާރިސްގެ ހިތަށްއެރިއެވެ.
“ޝަހީދުބެ އެ މައްސަލައާއި ގުޅިގެން ކުރިމަތިލި ހަމައެކަނި މީހަކީ ފަރީދު…ރަޙިމުގެ ގުޅުން ދަމަހައްޓަން ބޭނުންވި މިންވަރުން ފަރީދާއި ވާހަކަ ދައްކައިގެން ފަރީދަށް ކުށުގެ އިޙްސާސް ކޮށްދިނީ. ޝަހީދުބެގެ ހިތްހެޔޮ ކަމުން ފަރީދު އަމިއްލަ ބޭބެއަށް މަޢާފަށް އެދުނު. އެއަށްފަހު މުޢީންމެންގެ ރޭވުން ތަފްޞީލުކޮށް ކިޔައިދިން. އެހާ ހިސާބުން ޝަހީދުބެ އަމިއްލަ ވިޔަފާރި ރައްކާކުރަން ބޮޑު ފިޔަވަޅެއް އެޅީ….އެ ފިޔަވަޅަކީ އެރޭ އެކުލަވައިލެވުނު އެއްބަސްވުމެއް. އެ އެއްބަސްވުމުގަ ވާ ގޮތުން ޝަހީދުބެ މަޤާމުން ދުރުކުރަން ވެއްޖެނަމަ އެ މަޤާމުގައި ހުންނާނީ ޝަހީދުބެއާއި ގާތްކޮށް އުޅޭ އިތުބާރު ހުރި ބޭބެއެއް. ރައްޒާޤު ނަމަކަށް ކިޔާ މީހެއް އެއީ. އެއީ ކާކުކަން މަންމައަށް ވެސް ސާފުކޮށް ނުއެއް އެނގޭ. އެއްބަސްވުން އެކުލަވައިލެވުނު ރޭ އެ މީހަކު ނުވެސް އާދޭ. ޝަހީދުބެ އައީ އެ މީހަކު ލައްވާ ސޮއި ކުރުވައިގެން. އެކަމަކު މަންމައަށް ވެސް ނޭނގޭ ސަބަބަކާއިހުރެ ކުންފުނީގެ ބޮޑު ޙިއްސާއެއް އެމީހަކަށް ލިބޭނެ ވާހަކަ އިވުމުން މުޢީންމެން ވަރަށް ބޮޑަށް ރުޅި އައި. އެތާ ދެން ތިބި މީހުންނަށް ވެސް ބުނާނެ އެއްޗެއް ނޭނގުނު. މަންމަ ޝަހީދުބެ ކައިރިން އަހަންވެސް އެހިން އެއީ ކާކުތޯ….އެކަމަކު ޝަހީދުބެ ކިޔައެއްނުދޭ. މަންމަ އަހާއިރަށް ޝަހީދުބެ ވާހަކަ އޮޅުވަމުން ދިޔައީ…” މުނީރާ އެ ވާހަކަ ކިޔައި ދިންދިންހެން ދާރިސްގެ ދެބުމަ ކައިރިވިއެވެ.
“އެއީ ކީއްވެތަ މަންމާ؟” ދާރިސްއަށް އަހައިލެވުނެވެ.
“ނޭނގެ ހަމަ އެއްގޮތަކަށް ވެސް ދަރިފުޅު. މިއަދާއި ޖެހެންދެން ވެސް މަންމައަކަށް ނޭނގެ އެ ރައްޒާޤަކީ ކާކުކަމެއް. އެނގޭހާ ވެސް ކަމަކީ އެމީހަކަށް މަންމަގެ ދަރިއަކު ހުންނަކަމާއި އެ ދަރިއަށް ކިޔަނީ ދާރިސްކަން އެނގޭކަން. އެރޭގެ އެ ބައްދަލުވުމަށްފަހު މުޢީންމެން ކެބިންއެއްގައި ތިބެގެން ދެއްކި ވާހަކައެއްގެ ތެރެއިން މަންމައަށް އިވުނީ…..ރައްޒާޤު ބޭނުންވަނީ ވިޔަފާރީގެ ބޮޑުބައި ދާރިސްއާއި ހިބާގެ ނަންމައްޗަށް ގެންދާށޭ. އެއީ ވިޔަފާރި ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ ޝަހީދުބެއާއި މަންމަ ކަމަށްވީމަ….ރައްޒާޤު ބުންޏޯ އެ މައުސޫމް ކުދިންނާއި ބެހޭގޮތުން އެމީހުންނަކަށް ހުތުރު ވާހަކަތަކެއް ނުފެތުރޭނެނޫންހޭ. މުޢީން އެ ވާހަކަ ދެއްކިއިރު ރުޅިވެރިކަމުގެ ތެރޭގަ ބުނީ އެ ދެކުދިން މަރާލައިފިއްޔާ އޮންނާނެ ނޫންހޭ އެ އެއްބަސްވުން އުވައިލަން ސަބަބެއް ލިބިފަ….މުޢީންގެ އެ ބަސްތަކުން މަންމަ ގަތް ބިރެއްގަ ޝަހީދުބެ ގާތު ބުނެލީ ދަރިފުޅު ގޮވައިގެން އެ ރަށަށް ދާށޭ. މަންމަ އެކަނި އުޅެމުން ދަރިފުޅު ރައްކާތެރި ނުކުރެވިދާނެހެން ހީވީމަ…” މުނީރާ ރޮވެން ކައިރިވެފައިވާ ޙާލު ކިޔައިދިނެވެ.
“ދެން….އެމީހުން އަހަރެން ދިޔަ ފަހުން މަސައްކަތް ކުރިތަ އަހަރެން ހޯދަން؟” ދާރިސް ސުވާލުކުރިއެވެ. އެއާއިއެކު މުނީރާ ބޯޖަހައިލިއެވެ.
“ދަރިފުޅު ފުރައިގެން ދިޔަ ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ މުޢީން ފޮނުވި ބަޔަކު އަހަރުމެން ގެއަށް. އައިސް ދާރިސް ކޮބައިހޭ އަހައި މުޅި ގެ އެ ފުށްމިފުށަށް ޖަހައި މަންމައަށް ވެސް އަނިޔާކުރި. ނަސީބު ރަނގަޅުކަމުން ގެ ކައިރީގަ އުޅުނު އަވަށްޓެރިއަކު ފުލުހުންނަށް ގުޅާފަ ހުރީމަ މާ ގިނައިރެއްނުވެ ފުލުހުން އައިސް މަންމަ ގޮވައިގެން ދިޔައީ. މަންމަ އެ އަނިޔާތައް ލިބިގެން އުޅުނީތީ ދަރިފުޅު އެކޮޅަށް ގޮސްގެން އުޅުނު ފުރަތަމަ ދުވަސްކޮޅު ދަރިފުޅަށް ނުގުޅީ. ޝަހީދުބެ ކައިރިވެސް ބުނިން ދާރިސްގާތު މަންމަގެ ވާހަކަ އެހާ ގިނައިން ނުދައްކާށޭ. އެހެންނޫނީ މަންމަ މަތިން ހަނދާންވެގެން ދަރިފުޅު ގުޅަން ބޭނުންވެދާނެއޭ. ގުޅައިފިއްޔާ މަންމަގެ އަޑުގައި ހުރި ތަފާތެއް ނަގައިގެންވެސް ދަރިފުޅު ފިކުރު ކުރަން ފަށާފާނެތީ އެހެން ބުނީ…” މުނީރާ ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އިވުނު އިވުނުހެން ދާރިސްގެ ހަނދާނަށް އައީ ކުޑައިރު ހިބާ އޭނަގެ މަންމައާއިމެދު ސުވާލު ކުރުމުން ވެސް ޝަހީދުބެ އެ ވާހަކަ ހުއްޓުވި ގޮތެވެ. އެ ހަނދާން އާވެ، އެ ދުވަސްވަރު އޭނަ އެހާ އުފަލުން އުޅުނުއިރު ވެސް މަންމަ އުޅުނު ޙާލު އެނގުންވުމުން ދާރިސްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“މަންމައަށް އަހަންނާއިހެދި އަބަދުވެސް ހިތްދަތި ދުވަސްތަކެއްދޯ ލިބުނީ؟ ކުޑައިރު ވެސް….ގެއަށް މީހަކު އައިސް މަންމައަށް އެހާ އަނިޔާކުރީ ކީއްވެކަމެއް އަހަންނަށް އޭރު ނޭނގެ. އެކަމަކު މިހާރު ދޭހަކުރެވޭ އެމީހަކު ބޭނުންވީ އަހަރެންގެ ނަން މި ދުނިޔެއިން ފޮހެލަންކަން. އެ ވެސް އެމީހެއްގެ ޤަދަރާއި ޢިއްޒަތަށް ކިލަނބުކަމެއް ލިބިދާނެތީ…..އެއީ އަހަރެންގެ ބައްޕަ ދޯ، މަންމާ؟” ދާރިސް އިސްޖެހިފައި އިނދެ ވާހަކަ ދައްކަމުން ގޮސް މުނީރާއަށް ބަލައިލަމުން ކޮށްލި ސުވާލުން މުނީރާގެ ލޯ ބޮޑުވިއެވެ.
“ކިހިނެއް އެނގުނީ ދަރިފުޅަށް؟!” މުނީރާއަށް އަހައިލެވުނެވެ.
“ޙަޤީޤަތާއި ހަމައަށް ދާން ބޭނުންވާ ވަރުން ކަންނޭނގެ. އެކަންތަކާއިމެދު ވިސްނޭވަރުން އަހަންނަށް ދޭހަ ކުރެވެމުން ދަނީ ހަމަ…..މަންމަ އޭނަގެ އަތަށް އަހަރެން ދޫކޮށްލިނަމަ މާ ރަނގަޅުވީހެއްނު؟ އޭނަ ހަދަން ބޭނުންވާހާ އެއްޗެއް އަހަންނަށް ހެދިޔަސް މަންމައަށް ސަލާމަތުން ހުރެވުނީހެއްނު؟”
“ތިހެން ނުބުނޭ ދަރިފުޅު! މަންމަ ބުނީމެއްނު މަންމަ ދަރިފުޅު ދެކެނީ މަންމައަށް ލިބުނު އަގުހުރި ނިޢުމަތެއްގެ ގޮތުގައޭ؟ މަންމަ ހިތާމައެއް ނުކުރަން އެދުވަސްވަރު ވެސް ދަރިފުޅުގެ އަތުން ދޫކޮށްނުލެވުނު ކަމަށްޓަކައި. އަދި ނިކަން ވިސްނާލަބަލަ އެ އަނިޔާއިން މަންމަ ސަލާމަތްވި ގޮތާއިމެދު ވެސް. މަންމަ އެތައް ދުވަހެއް ވަންދެން ދުޢާކުރިން މަންމައާއި ދަރިފުޅު އެމީހެއްގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް އެދި. އެއްރެއަކު އެމީހާ މަންމައަށް އަނިޔާކުރުމުގެ ތެރޭގަ ދިމާވި އެކްސިޑެންޓެއްގެ ތެރެއިން މަރުވެގެން ދިޔައީ. އެ ފަހުން މަންމަ ނުވެސް ދަންނަ ހެޔޮ އެދޭ މީހެއްގެ ފަރާތުން މަންމައާއި ދަރިފުޅަށް ވެސް އެތައް ގިނަގުނަ އެހީއެއް ލިބެން ފެށި. ހަމަ ޔަޤީނުންވެސް މާތް ﷲ ހުރިހާ ކަމެއްވެސް ރާއްވަވަނީ އެންމެ ފުރިހަމައަށް. އަލްޙަމްދުލި ﷲ!”
“ކާކުތަ މަންމައަށް އެހީވެދޭން ފެށީ؟” ދާރިސް އެހެން އަހައިލީ އިހަކަށް ދުވަހު އޭނައަށް ހުވަފެނެއްގެ ތެރެއިން ފެނުނު ސޫރަ ހަނދާން ކުރަމުންނެވެ.
“ނޭނގެ ދަރިފުޅު. ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އެމީހެއްގެ ސެކްރެޓަރީ އަބަދުވެސް މަންމަ ކައިރިއަށް އަންނަނީ. މަންމަ ސުވާލު ކުރީމަ އެމީހަކު ބުނާނެ ތިމަންނަ މަސައްކަތް ކޮށްދޭ މަނިކުފާނަކީ އަބަދުވެސް ނިކަމެތިންނަށް އެހީވެދޭން ލޯބިކުރާ ބޭފުޅެއްކަމަށް. ކިޔާފަ ދާރިސްއަށް ދޭންވެސް ބައެއް ހަދިޔާތަކާ ހެދުންތައް ހިފައިގެން އާދޭ….ދާރިސް މަންމައަށް ގެއްލުނު ފަހުން ވެސް އެ ސެކްރެޓަރީ މަންމަ ކައިރިއަށް އައިސް ވަރަށް ހިތްވަރު ލައިދިން. ބުނި ދާރިސް ހަމަ ޔަޤީނުން ވެސް ހުންނާނީ ހެޔޮ ޙާލުގައޭ. ދާރިސްއަށް ދޭން އެއްވެސް މެސެޖެއް އޮތިއްޔާ ތިމަންނައަށް ދޭށޭ. ތިމަންނަ ދާރިސް ފެނުނު ދުވަހަކުން އެ މެސެޖު ފޯރުކޮށްދޭނަމޭ. ދަރިފުޅު ފެނުމުގެ އުއްމީދެއް ނެތަސް މަންމަ އަނގަބަހުން ވާހަކަތައް ކިޔައިދިން. ކޮންމެ ދުވަހަކު އައިސް މަންމަ ވާހަކަ ދައްކާ ނިމެންދެން އެކުއްޖާ އަޑުއަހަން ހުރޭ….” މުނީރާ ތަފްޞީލުކޮށްދިނެވެ.
އެ ވާހަކަތަކުން ދާރިސްގެ ހަނދާނަށް އައީ އޭނައަށް ލިބިފައިވާ ސިޓީތަކެވެ. އެ ސިޓީތަކަކީ މަންމަ އެ ބުނާ މީހަކު މަންމަގެ ބަސްތައް އަޑުއަހައިގެން ލިޔެ، ފޮނުވާފައިވާ ސިޓީތަކެއްތޯ ދާރިސްއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ.
“އެ ކުއްޖާ މެދުވެރިވެގެން މަންމަ ޝަފީޢުއާ ވެސް ބައްދަލުވީ. ޝަފީޢު އިންނަން އެދުނީމަ މަންމަ އެންމެ ފުރަތަމަ ބުނީ ނޫނެކޭ. އެކަމަކު ޝަފީޢު މަންމައަށް ވަޢުދުވީ ޝަފީޢުއާއި އިނދެފިއްޔާ ދާރިސް ހޯދަން އެހީވެދޭނެކަމަށް. އެހެންވެ އެ ކައިވެނި ވެގެން ދިޔައީ މަންމައަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ޙަޤީޤަތުގަ. ޝަފީޢުގެ ފުރަތަމަ ކައިވެނިން ލިބިފައިވާ ކުދިން މަންމައަށް ނުރުހުންވިޔަސް ޙަޤީޤަތުގަ ޝަފީޢުއަކީ އޯގާތެރި މީހެއް. ޝަފީޢު މަންމަ އުޅޭނެ ތަނެއްދީ، މާޒިންއަށް ރަނގަޅަށް ޚަރަދުވެސް ކުރޭ. ވީ ވަރަކުން މަންމައާއި މާޒިންއާއި ބައްދަލުކުރަން ވެސް އާދޭ. ޝަފީޢުގެ ފުރަތަމަ ދަރިފުޅު ފަޒީން މަންމައާއިމެދު ގޯސްކޮށް ކަންތައް ކުރިއްޔާ ވެސް މަންމަގެ ދިފާޢުގަ ޝަފީޢު ވާހަކަ ދައްކާނެ….ކުރީ ދުވަހު ފަޒީން ހެދި ގޮތް ހިބާއަށް ފެނިގެން ދަރިފުޅަށް ކިޔައިދީފަ ކަންނޭނގެ ހުންނާނީ. އެކަން އެނގުނީމަ ވެސް ޝަފީޢު ވަނީ މަންމައާއިމެދު އިޙްތިރާމާއިއެކީ ކަންތައް ނުކުރަނީސް ފަޒީންގެ ވިޔަފާރިއަށް އެހީއެއް ނުދޭނެ ކަމަށް ބުނެފަ….”
“އަލްޙަމްދުލި ﷲ! އުފާވެއްޖެ މަންމަގެ އާ ކައިވެނީގަ މަންމަ އުޅެނީ އުފަލުގަކަން އެނގުނީމަ. ތި ކައިވެންޏަކީ ވެސް އަނެއްހެން ބުނަންޏާ އެއްކަލަ މީހަކު މެދުވެރިވެގެން މަންމައަށް ލިބުނު ބޮޑު އެހީއެއްދޯ؟ އެ މީހަކާއި ބައްދަލުކޮށްލަން ބޭނުން. އެހެންވީމަ މާލެދާން ބޮޑަށް ޝައުޤުވެރިވަނީ…”
“އެކަމަކު ދަރިފުޅު….މާލޭގަ އުޅޭ ދަރިފުޅު ނެތިކޮށްލަން ކެތްމަދުވެފައި ތިބޭ މީހުން. ދަރިފުޅު ދެންމެ ބުނީމެއްނު ނާދިރާ މެދުވެރިވެގެން ކޮންމެވެސް ބަޔަކަށް ތިއީ ދާރިސްކަން އެނގުނު ވާހަކަ؟ މަންމަ ނުބުނާނަން މުޢީންމެން ދަރިފުޅު ފެނިފަ ދެއަތް އުރާލައިގެން ތިބޭނެއޭ. އެމީހުން ދަރިފުޅަށް ގޯހެއް ހަދާފާނެތީ ބިރުގަނޭ ވަރަށް ބޮޑަށް….”
“ބިރުނުގަނޭ މަންމާ….އަހަރެން ވެސް ދެން ބިރުގަނެ ޖެހިލުންވާކަށް ބޭނުމެއްނޫން. ކިތަންމެ ގިނަ ނަޒަރުތަކެއް އަމާޒުވިޔަސް، ދިރިއުޅުން އެ ފުށްމިފުށަށް ޖެހުނަސް އަހަރެން ދެން އަހަރެންގެ ނަން ފޮރުވާކަށް ނެތިން. މަންމައަށް އިންސާފު ހޯދައިދެވޭނީ އެ ޙަޤީޤަތް ހާމަކޮށްގެންކަމަށް އަހަންނަށް ޤަބޫލުކުރެވެނީ. އަދި އަމުދުން އަހަރެންގެ ދުޝްމިނުންގެ އަތްދަށުވެ އަހަރެން ލޯބިވާ މީހުންނަށް އަނިޔާ ލިބޭކަށް ވެސް ބޭނުމެއްނޫން. އަހަރެން ޖެހިލުންވާހެން ހީވާތީ އެމީހުންނަށް ބޭނުންހާ ގޮތަކަށް ކަންތައް ކުރެވިދާނެހެން ހީވަނީ. އަހަންނަށް މިވަގުތު ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ﷲ އަށް ވަކީލުކޮށް އެމީހުންނާއި ކުރިމަތިލުންހެން އަހަންނަށް ހީވަނީ މަންމާ…”
ދާރިސް ބުންޏެވެ. ދާރިސްގެ އެ ވާހަކަ އިވިފައި މުނީރާ އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލިއެވެ. މުނީރާ ހިތުގައިވި ނުތަނަވަސްކަމާއި އެކީވެސް ދާރިސްގެ އެ ވާހަކައާއި އެއްބަސްވެވުނު ފަދައަކުންނެވެ.
**
“ބައްޕާ…..އޭނަ އެބަ އާދެއޯ ފަޒީން ބުނީ….އީތަން! ދެ ދުވަސް ތެރޭ މާލެއަށް އެބަ އާދެއޯ. ބައްޕަ ބުނީމެއްނު މިހާރު އެއީ ދާރިސްކަން ޔަޤީނާއި ގާތްވެއްޖެއޭ؟! ކިހިނެއް އަހަރުމެން ހަދާނީ؟؟” އާސިފް ގޭގެ ސިޓިންގް ރޫމުގައި މުޢީންގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިނދެ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“އަންހެން ކުއްޖެއްހެން ހާސްނުވެ ނިކަން މީތި ކިޔާލަބަލަ…” ސިނގިރޭޓެއް ބޮމުން ދިޔަ މުޢީން އަރިމަތީ މޭޒުގައި އޮތް ފައިލެއް ނަގައި މެދުގައި ހުރި މޭޒުމައްޗަށް އެއްލައިލިއެވެ. އިސާހިތަކު އާސިފް އެ ފައިލް ނަގައި ހުޅުވައިލިއެވެ.
“މި….މިއީ ކޯޗެއް…ކުންފުނީގެ މުޅި މިލްކިއްޔާތު އެއްކޮށް ބަދަލުކުރެވެނީތަ؟ ހޯލްޑް ކުރެވިފަ ހުރި ކެޕިޓަލްއާ ވެސް ލައިގެން. އެ ހުރިހާ އެއްޗެއް ލިބެން އުޅެނީ…..އަހަންނަށްތަ؟” އާސިފް ލިބުނު އުފަލެއްގައި ހިނިތުންވާން ވެސް ނޭނގި އިނދެ މުޢީނަށް ބަލައިލިއެވެ.
“އާނއެކޭ! ޤަބޫލު ކުރަން އުޅޭ!”
“އެކަމަކު….އެއީ ކިހިނެއްތަ؟ ކާފަ ޚިޔާލު ބަދަލުކުރީތަ؟”
“ދެން މަރު ޔަޤީންވެފައިވާ ކާފައަކަށް ބޮޑު ކުންފުންޏެއް ނިންމުންތައް ނުއެއް ނިންމޭނެދޯ؟ 6 އަހަރަށްވުރެ ގިނަ ދުވަސް އެ ވަނީ ކޯމާއެއްގަ އޮންނަތާ. އޮތް ތަނެއްވެސް ކުންފުނީގެ ބަޔަކަށް އެނގެނީއެއްނޫން. އެހާ ވަރުގެ މީހަކަށް ކުންފުނީގެ ކަންތައް ނުއެއް ނިންމޭނެއެއްނު؟”
“މަޑުކުރޭ….ދެން އެ ސެކްރެޓަރީއަށް ވެސް މިކަން އެނގޭތަ؟ އޭނަ އެއްބަސްވޭތަ މި ނިންމުމަށް؟ އެއީ ވެސް ނިކަން ކަންތައް ބޮޑުކުރާ މީހެކޭ. ކާފަ ބޭނުންގޮތް ނޫން އެ ނޫންގޮތަކަށް ކަންތައް ވިއައެއްނުދޭނެ!”
“ދެން ބޭކާރު ވާހަކަ ނުދައްކާ ކުންފުނީގެ ވެރިއަކަށްވާން ތައްޔާރުވޭ. އެ ދާރިސްއަކު މިކޮޅަށް އައިމަ އާސިފަށް ކުންފުނީގެ ވެރިޔާގެ މަޤާމް ދޭނީ ވެސް. އޭނައަށް އޭނަގެ މަޤާމް ދައްކައިދޭނަން މިފަހަރު! ހާދަ ދުވަހެއް ވަންދެން މަ ބޯ ގާނަން ޖެހުނޭ އޭނައާއިހެދި!”
“އާނ…..އޭރުން ހިބާއަށް ވެސް އެނގޭނެތާ އަހަންނަށް އިންކާރު ކޮށްގެން ހެދުނީ ބޮޑު ގޯހެއްކަން. ހިބާ ދެން އެންމެ ބޮޑަށް ގުޅޭނީ ވެސް އަހަންނާ….މި މުދަލަކީ ހިބާގެ ބައްޕަގެ ވެސް މުދާ ވިއްޔާ. މަ އަދި އެއްފަހަރު އަހަންވީ ކަންނޭނގެ ހިބާގެ ކައިރިން އަހަންނާއި އިންނަން….”
“ހުމް….ބޭނުންހާ ގޮތަކަށް އުޅެލާ. އޭގެ ކުރިން މީތި ބޮއިލާ…” މުޢީން އެހެން ބުނުމަށްފަހު މޭޒުމައްޗަށް އެއްލައިލީ ސިނގިރޭޓެއް ފަދައިން އޮތް އެއްޗެކެވެ. އެހެނަސް އެއީ އާދައިގެ ސިނގިރޭޓެއް ނޫންކަން ބަލައިލުމުން އެނގެއެވެ.
އާސިފް އޭތި ނެގި ވަގުތު ދެބަފައިން އެކީގައި ހީލީ ނުލަފާ ހީލުމެކެވެ.
ނުނިމޭ
Jana
March 19, 2022 @ 2:31 pm
Salaam kiyuntherin! Dhen onnaany emme fahu bai In Sha Allah 😀 Ebai varah dhiguvaane theeve aa eky ebai up kohdheveyny next Saturday night ga In Sha Allah.
Thank you so much for your support so far readers. Means a lot to me <3 Jazaakumullah Khairan <3 <3 <3
Dhonthi
March 21, 2022 @ 2:08 pm
Salaam….Masha Allah..mi part ves varah reethi 😍😍😍😍 will give a long long comment for the last part..Insha Allah….TC
Ibaa
March 23, 2022 @ 1:06 am
😀 Im very excited for the next part. Can’t wait.
Some 1
March 27, 2022 @ 6:41 am
Nice 👍👍👍👍