ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ހަވަނަ ބައި)
މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މި ވަނީ الرَّحْمَن الرَّحِيم (ރަޙްމާންވަންތަ، ރަޙީމްވަންތަ) މި ބަސްތަކާއި ހަމައަށެވެ. މި ބަސްތައް مَالِكِ يَوْمِ الدِّين (ޤިޔާމަތްދުވަހުގެ ވެރިރަސްކަލާނގެ)، މި އާޔަތަށް ވުރެ ކުރިން އަންނަ ސަބަބަކާއިމެދު ވިސްނައިލިން ހެއްޔެވެ؟
މި މަންޒަރު ޚިޔާލަށް ގެންނާށެވެ. ތަޙުޤީޤު ކުރެވެމުންދާ ކުށުގެ ވެއްޓެއްގައި ތިބާ ހުރެވޭ މަންޒަރު ޚިޔާލަށް ގެންނާށެވެ. ކޯޓުގައި އެ ކުށުގެ މައްސަލަ ބެލެމުންދާ ހިނދު، އެ ކުށުގައި ތިބާގެ ބައިވެރިވުމެއް ނެތަސް، ތިބާވެސް ހާޒިރު ކުރެވެއެވެ. އަދި ގާޒީ ތިބާއާއި ސުވާލު ކުރެއްވުމަށް ގޮވައެވެ. ގާޒީ ތިބާއާއި ސުވާލު ކުރުމަށް ތިރީގައިވާ ދެގޮތުން ކުރެ އެއްގޮތް ޚިޔާރު ކުރެއެވެ.
- އެންމެ ފުރަތަމަ ވެސް ފުލުފުލުން ތިބާއާއި ސުވާލު ކުރެވެން ފަށައެވެ. އެ ކުށުގެ ވެށީގައި ތިބާ ހުރީ ކީއްވެތޯއެވެ؟ އެތާ ތިބާ ހުރީ ކީއްކުރަން ހެއްޔެވެ؟ އެތަނަށް ތިބާ ދިޔައީ ކޮން އިރަކު ހެއްޔެވެ؟ ތިބާއަށް ފެނުނީ ކޯޗެއް ހެއްޔެވެ؟ ސުވާލުތައް ކުރެވެން ފެށުމުން ތިބާގެ ހިތް ހުއްޓުމަކާއި ގާތްވެއެވެ. ނުތަނަވަސްކަމުން ސިކުނޑި ހާސްވެ ކެތްނުވާ ހިސާބަށް ދާން އުޅެނިކޮށް ގާޒީ ވިދާޅުވެއެވެ. ތިބާގެ މައުސޫމްކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެނަސް އަޅުގަނޑުމެން ވީހާވެސް ވަރަކަށް މަޢުލޫމާތު އެއްކުރަނީއެވެ.
- އަނެއްގޮތަކީ، އެންމެ ފުރަތަމަ ވެސް ގާޒީ ވިދާޅުވެއެވެ. ތިބާގެ މައުސޫމްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ތިބާއަށް ދެވޭނެހާ މަޢުލޫމާތެއް އަޅުގަނޑުމެންނަށް ދެއްވުން އެދެމެއެވެ. އެއަށްފަހު ގާޒީ ތިބާއާއި ސުވާލުތައް ކުރައްވަން ފައްޓަވައެވެ.
ތިބާގެ ހިތަށް އެންމެ ފަސޭހަވާނީ ހަމަ ގައިމުވެސް މި ދެ ޙާލަތުން ކުރެ ދެވަނަ ޙާލަތެވެ. އެހެންނޫންތޯއެވެ؟
އެހެންކަމުން الرَّحْمَن الرَّحِيم އާއި مَالِكِ يَوْمِ الدِّين އާ ދެމެދު އޮތް ގުޅުމަކީ ކޮބައިހެއްޔެވެ؟ އަދި الرَّحْمَن الرَّحِيم ކުރިން އަންނަނީ ކީއްވެ ހެއްޔެވެ؟ އެއީ ޤިޔާމަތް ދުވަހު އަޅުގަނޑުމެން ހިސާބު ބައްލަވާނީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެކަން އަޅުގަނޑުމެންނަށް ހަނދުމަކޮށްދިނުމަށެވެ. ﷲ ގެ ދެ ނަންފުޅު ކަމަށްވާ الرَّحْمَن އަދި الرَّحِيم ގެ ސަބަބުން ނަމާދުގައި އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގައި އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުރިފުޅުމަތީގައި ކޮޅަށް ތިބޭ ދުވަސް ހަނދާންވާ ދުވަހުއެވެ. (ﷲ ގެ ރަޙްމަތް ޙައްޤުވާ ބައެއްގެ ގޮތުގައި ތިބުމަށް އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ!
الرَّحْمَن الرَّحِيم މި ބަސްތަކުން އެނގިގެން ދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތް ދުވަހު ޙުކުމް ކުރައްވާނީ ރަޙްމަތާއި އެކީގައިކަމެވެ. މި ޙަޔާތުގައި ﷲ ހުރިހާ އެންމެންނަށް ވެސް ކަންތައް ކޮށްދެއްވައެވެ. މުއުމިނުންނަށާއި، ކާފިރުންނަށާއި، ޞާލިޙުންނަށާއި ފާފަވެރިންނަށް ވެސްމެއެވެ. އެކަލާނގެ ހުރިހާ އެންމެންނަށް ކެއިން ބުއިމުގެ މަގުފަހިކޮށްދެއްވައި، އަންނައުނު ދެއްވައި، ޝިފާ ދެއްވައި ރިޒުޤު ދެއްވައެވެ. ޢަޒާބު ދެއްވަން އެކަލާނގެ އަވަސްވެވަޑައި ނުގަންނަވައެވެ. އެހެނެއްކަމަކު އެކަލާނގެ ޙަޟްރަތަށް ތައުބާވުމަށް އެންމެންނަށް ވަގުތުކޮޅެއް ދެއްވައެވެ. މުޅި ޙަޔާތެއްގެ ވަގުތުކޮޅެވެ!
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް ދެގޮތަކަށް ފެނިގެން ދެއެވެ. އެކަލާނގެ ދެއްވާ ނިޢުމަތްތަކުންނެވެ. އެހެންނޫނީ އެ ނިޢުމަތްތަކުން މަޙްރޫމްވުމުން ވެސް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވެނީ އެކަލާނގެ ރަޙްމަތްފުޅެވެ. ޙަޤީޤަތަކީ އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާ ދެއްވުމުގެ ފުންކަން ވަނީ އެ މަޙްރޫމްވުމުގައި ކަމެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ޢިލްމުގެ އުނިކަމުން، އެ މަޙްރޫމްވުމުގެ ފަހަތުގައިވާ ޙިކުމަތް ވަގުތުން އަޅުގަނޑުމެންނަށް ދޭހަ ނުކުރެވުނު ކަމުގައި ވިޔަސްމެއެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ފޮރުވިފައިވާ ރަޙްމަތެކެވެ!
“(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުލް މުލްކް، 14
“…އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.” ސޫރަތުލް ބަޤަރާ، 216
الرَّحْمن، މި ބަސް ޢަރަބި ބަހުގައި އަންނަ ޒާތުން ‘އޭގެ އެންމެ ފުރިހަމަ އަދި ބޮޑު’ ގެ މާނަ އާދެއެވެ. މިސާލަކަށް ޢަރަބި ބަހުގައި غَضْبَان ގެ މާނައަކީ ވަރަށް ގަދައަށް ރުޅި އައުމެވެ. އެއަށްވުރެ ގަދައަށް މީހަކަށް ރުޅި ނާދެވުމެވެ. جَوْعَان ގެ މާނައަކީ ވަރަށް ގަދައަށް ބަނޑުހައިވުމެވެ. އެއަށްވުރެ ބޮޑަށް ބަނޑުހައިވެއްޖެނަމަ މީހަކު މަރުވެދާނެއެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ الرَّحْمن އޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ ރަޙްމަތާއި ލޯބިފުޅަށްވުރެ ބޮޑު، އަދި ފުރިހަމަ ލޯތްބަކާއި ރަޙްމަތެއް އަޅުގަނޑުމެންނަށް ތަޖުރިބާ ނުކުރެވޭނެކަމެވެ!
ޙަޤީޤަތުގައި الرَّحْمن އަކީ އެކަލާނގެ ގެ ޒާތްފުޅު އެންމެ ބޮޑަށް ސިފަކޮށްދޭ އެއް ނަންފުޅެވެ. އެކަލާނގެ ޢަރުޝިކޮޅަށް އަރާ ވަޑައިގަތް ވާހަކަ ސިފަކުރެއްވިއިރު ބޭނުންކުރެއްވި ނަންފުޅު ހަނދުމަކުރާށެވެ.
“رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ.” ސޫރަތުއްޠާހާ، 5
ޤުރުއާނުގައި އެކަލާނގެ ޒާތްފުޅު އެންމެ ބޮޑަށް ސިފަކޮށްދޭ މި ނަންފުޅު ޖެހިގެން އަންނަނީ، އެކަލާނގެ ގެ ޒާތްފުޅު އެންމެ ބޮޑަށް ސިފަކޮށްދޭ ޚަލްޤު ކަމަށްވާ އެކަލާނގެ ގެ ޢަރުޝިކޮޅުގެ ވާހަކައާއި އެކީގައެވެ!
އަދި މި ނަންފުޅު ޚާއްޞަވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. ﷲ ފިޔަވައި الرَّحْمن ނަމަކަށް ކިޔާ އެހެން ފަރާތެއް ތިބާއަށް ނުފެންނާނެއެވެ. އެހެނެއްކަމަކު ޢަބްދުއްރަޙްމާން (الرَّحْمن ގެ އަޅު) ކިޔާ މީހުން ތިބާއަށް ފެނިދާނެއެވެ. އަދި އަމުދުން ﷲ، މި ނަންފުޅުން ނަން ދެވިފައިވާ އެހެން ފަރާތެއް ތިބާއަށް ދުވަހަކުވެސް ނުފެންނާނެއެވެ. މި ދެ ނަންފުޅަކީ ވެސް އެކަލާނގެއަށް ޚާއްޞަވެގެންވާ ދެ ނަންފުޅެވެ.
ދެން الرَّحِيم މި ނަންފުޅަށް ބަލައިލަމާ ހިނގާށެވެ. الرَّحِيم އަޅުންނަށް ރަޙްމަތް ފޯރުކޮށްދެއްވާ ފަރާތެވެ. މި ނަންފުޅު ޤުރުއާނުގައި ތިބާއަށް ފެންނާނީ، މުއުމިނުންނަށް އެކަލާނގެ ޚާއްޞަކޮށް ދެއްވާ ރަޙްމަތާއި ގުޅިގެންނެވެ.
ﷲ ގެ ޙަޤީޤީ ޒާތާއި، މީހުންގެ ޙަޤީޤީ ޒާތް އަޅުގަނޑުމެންނަށް ތަފްޞީލުކޮށް އެނގޭނަމަ، މީހުންނާއި ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި، އަޅުގަނޑުމެން ކުޑަވެސް ޖެހިލުންވުމެއް ނެތި އިޚްތިޔާރު ކުރާނީ ﷲ އާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށްކަން ޔަޤީނެވެ. އަޅުގަނޑުމެންގެ އަމިއްލަ މައިންގެ ލޯތްބަށްވުރެ ވެސް، އެކަލާނގެ ގެ ޙަޟްރަތުގައި އަޅުގަނޑުމެންނަށްޓަކައިވާ ލޯބިފުޅާއި ރަޙްމަތް މާ ބޮޑަށް ވެސް އިތުރުވެގެންވާކަން އެނގުން އަޅުގަނޑުމެންނަށް ފުދެއެވެ. އެހެންކަމުން الْحَمْدُ لِلّه އެވެ. އެކަލާނގެ ގެ މުލްކް (ވެރިކަން) އެކަލާނގެ ހިންގަވާ ގޮތަށްޓަކައެވެ.
الرَّحْمَن الرَّحِيم މި ބަސްތަކުގެ ރާގުން ތިބާގެ ހިތުގައިވާ ބުރަކަން ފިލައިގެންދާ ގޮތް އިޙްސާސް ކުރާށެވެ!
ނުނިމޭ