ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (އަށްވަނަ ބައި)
ރައްކާތެރިކަމުގެ މަގު
مَالِكِ يَوْمِ الدِّيْن މި އާޔަތާއިމެދު އަޅުގަނޑުމެންނަށް ފުންކޮށް ވިސްނައިލެވިއްޖެނަމަ ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ލޮޅުމެއް އަންނާނެއެވެ. ވަރަށް ގިނަ މީހުންނަށް އެމީހުން ނަމާދުގައި ކޮޅަށް ތިބޭއިރު ކިޔޭ ބަސްތަކަށް ސަމާލުކަމެއް ނުދެވެއެވެ. އެ ބަސްތައް ދުވަހަކުވެސް އެމީހުންގެ ހިތްތަކާއި ހަމައަށް ނުފޯރައެވެ. އެ އާޔަތްތަކަކީ ހަމައެކަނި ހިތުދަސްވެފައިވާ ކިޔެވުމަކަށް ވެފައިވެއެވެ.
“ފަހެ، قرآن އާމެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެބައިމީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟” ސޫރަތް މުޙައްމަދު، 24
ބުނެއުޅޭ ބަހެކެވެ. ނަމާދުގައި ސަމާލުކަންދީ ޚުޝޫޢަތްތެރިވެވޭ މީހުންގެ މިސާލަކީ ފެނުގައިވާ މަހުގެ މިސާލެވެ. އަދި އެ ސަމާލުކަން ނުދެވޭ މީހުންގެ މިސާލަކީ ކޮށްޓެއްގެ ތެރޭގައިވާ ދޫންޏެއްގެ މިސާލެވެ.
އެހެންކަމުން އެ ބޮޑުވެގެންވާ ބިރުވެރި ދުވަހުން އަޅުގަނޑުމެން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ މީގެ ޖަވާބު ލިބިގެންދަނީ ކުރިއަށް އޮތް އާޔަތުންނެވެ. މި އާޔަތަކީ ޤުރުއާނުގައިވާ އެންމެ މާތް ސޫރަތް ކަމަށްވާ ސޫރަތުލް ފާތިޙާގެ ޚުލާޞާއެކެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن (އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.)
ކޮންމެ ރަސޫލެއްވެސް އެ ބޭކަލެއްގެ ޤައުމުގެ މީހުންނަށް ސަލާމަތްތެރިކަން ލިބިގަތުމަށް ގެނެސްދެއްވީ މި ކަމެވެ.
“ﷲ އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ ޢަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.” سُورة هُود، 26
އެހެންކަމުން އަޅުގަނޑުމެންގެ ޙަޔާތުގެ މައިގަނޑު މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ﷲ އަށް އަޅުކަންކޮށް އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ. އަޅުގަނޑުމެން ޚަލްޤު ކުރެއްވުނީ މި ކަމަށްޓަކައެވެ. އަޅުގަނޑުމެން މި މަޤްޞަދާއި ހަމައަށް ވާޞިލުކޮށްދޭނީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ގެ ވާގިފުޅަށް އެދުމުންނެވެ.
އަދި އަޅުކަމުގެ އެންމެ މުހިއްމު ބަޔަކީ ކޮބައިތޯއެވެ؟ އެއީ ހިތުގެ އިޚްލާޞްތެރިކަމެވެ. އަޅުގަނޑުމެންގެ ކިބައިގައިވާ ހުރިހާ ކަމަކާއި އަޅުގަނޑުމެން ކުރާ ހުރިހާ ކަމަކީ ހަމައެކަނި ﷲ އަށްޓަކައިވާ ކަންތައްކަމަށް ހެދުމެވެ. ހަމައެކަނި އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމެވެ. ހިތުގެ އިޚްލާޞްތެރިކަމެއް ނެތި ޢަމަލުކުރުމުގެ މިސާލަކީ، ވެލި ބަސްތާތަކާއި އެކީ ދަތުރު ކުރަމުންދާ ދަތުރުވެރިއެއްގެ މިސާލެވެ. އެ ދަތުރުވެރިޔާ އުފުއްލަނީ ކިތަންމެ ބޮޑު ބުރައެއް ކަމަށްވިޔަސް، އެއީ މުޅިން ބޭކާރު ބުރައެކެވެ!
ތިބާގެ ހުރިހާ ސަމާލުކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ރައްދުކުރާށެވެ. މީހުންނަކަށް ނޫނެވެ. އެހެނީ އެމީހުން ދެކޭ ގޮތާއި ބުނާ ބަސްތަކަކީ ތިބާއަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވެސް ގެނުވާނެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން ތިބާ ކުރާ އެއްވެސް ޢަމަލަކާއިމެދު މީހަކު އެކަމެއް ކުރީ ކީއްވެތޯ ސުވާލުކުރުމުން ތިބާއަށް ބުނެވޭނެއެވެ. “ﷲ އަށްޓަކައެވެ.” އަދި އޭގެ އިތުރަށް ދެން ކޮންކަމަކަށްޓަކައިތޯ ސުވާލުކޮށްފިނަމަ ތިބާއަށް ޔަޤީންކަމާއި އެކީ ބުނެވޭނެއެވެ. “ހަމަ އެހެން އެއްވެސް ކަމަކަށްޓަކައި ނޫނެވެ!”
“ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ (103) އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. (104)” سُورة الكَهف، 103-104
ހަމައެކަނި ﷲ އަށްޓަކައިވާ އިޚްލާޞްތެރިކަމުން ތިބާގެ މުޅި ދިރިއުޅުން ބަދަލުވެދާނެއެވެ! އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ހިތުގެ ނިޔަތް އިޚްލާޞްތެރިކުރާ ވަގުތު ޖެހިއްޖެއެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށްވެސް ދަސްކޮށްދޭންވީ ވަގުތު ޖެހިއްޖެއެވެ. އެކުދިން ދަސްކުރާ ކޮންމެ އާ ކަމެއް ދަސްކުރަނީ ﷲ އެކަމާއިމެދު ރުހިވޮޑިގެންވާތީކަން އެކުދިންނަށް ވިސްނައިދޭންވާނެއެވެ. އަދި ކަމަކުން ދުރުވެގަންނަނީ އެކަމަކީ ﷲ ރުހިވޮޑިގެންނުވާ ޢަމަލަކަށް ވާތީވެކަން ދަސްކޮށްދޭންވާނެއެވެ. އެކުދިންގެ ޢަމަލުތަކުގެ ޖަޒާ ލިބުންވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ކަމާއި މީހުންގެ ފަރާތުން ނޫންކަމެވެ.
ޝައްކެއްނެތެވެ. ހިތުގެ ނިޔަތް އިޚްލާޞްތެރި ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނަސް އެއީ މުސްތަޙީލުކަމެއް ވެސް ނޫނެވެ. އެހެނީ އަޅުގަނޑުމެންނަށް މި ޖާދުވީ ބަސްތައް ދަސްކޮށްދެވިފައިވެއެވެ. وَإِيَّاكَ نَسْتَعِيْن (އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.) ﷲ ތިބާއަށް އެހީތެރިވެވޮޑިގެންފިނަމަ ތިބާއަށް ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ. ހުރިހާ ކަމެއްވަނީ އެކަލާނގެ ގެ ޤުދުރަތްޕުޅުގައެވެ. އެކަލާނގެ ޙަޟްރަތުން އެދުމުން އެކަލާނގެ ތިބާއަށް ދެއްވާނެއެވެ. އަޅުގަނޑުމެންނަށް މިކަން ހަނދާންކޮށްދެއްވަނީ ވެސް އެކަލާނގެ ނޫން ހެއްޔެވެ؟ “ތިމަންރަސްކަލާނގެ ހިދާޔަތް ދެއްވި މީހެއް ނޫނީ ތިޔަބައިމީހުންގެ ތެރެއިން އެންމެންނަކީ ގެއްލެނިވެގެންވާ މީހުންނެވެ.!”
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن މި އާޔަތަކީ އަޅުގަނޑުމެންނަށް ވުރެ ކުރިން އައި މީހުން އެ އާޔަތަކާއިމެދު ގަޑިއިރުތަކެއް ވަންދެން ކީރިތި ކުރެއްވި އާޔަތެކެވެ. އޭގެ ތެރެއިން މީހަކު އެއްދުވަހު މައްކާގައި ނަމާދު ކުރަމުން ދިޔައެވެ. އޭނަގެ އެކުވެރިޔާ ނަމާދު ނިންމުމަށްފަހު ޠަވާފުކުރަން ދިޔައެވެ. އެކުވެރިޔާ އޭނަގެ ގާތަށް ދިޔައިރު އޭނަ އޭރުވެސް ކިޔަވަމުން ދިޔައީ އެ އާޔަތެވެ. ރޮމުން ތަކުރާރުކޮށް ކިޔަވަމުންނެވެ. އޭނަ އިރުއަރަންދެން އެ ޙާލުގައި ހުއްޓެވެ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن….އިރުކޮޅަކަށް މަޑުކޮށްލަމުން މި ބަސްތަކާއިމެދު ވިސްނައިލަމާ ހިނގާށެވެ. މި ބަސްތަކުން އަޅުގަނޑުމެންގެ ހިތްތަކަށް ވަދެފައިވާ ނިފާޤުގެ އަސަރުތަކުން އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށްލަމާ ހިނގާށެވެ.
ނުނިމޭ