ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ނުވަވަނަ ބައި)
ތިބާއަށް ކުރެވޭނެ އެންމެ ބޮޑު ދުޢާ!
ދެން އަޅުގަނޑުމެން މި އަންނަނީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު، އެންމެ ޙިކުމަތްތެރި އަދި އެންމެ ފުން ދުޢާއާއި ހަމައަށެވެ.
إِهْدِنَا الصِّرَاطَ الْمُسْتَقِيم (އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!)
ސީދާވެގެންވާ ތެދުމަގަށް ﷲ އަޅުގަނޑުމެންނަށް މަގު ދައްކަވައިފިނަމަ، އެކަލާނގެ އަޅުގަނޑުމެންނަށް އެ އެހީތެރިވެވޮޑިގެންނެވީ، އެކަލާނގެއަށް އަޅުކަން ކުރަންޖެހޭ ގޮތަށް އަޅުކަން ކުރުމަށެވެ. (ކުރިން އައި އާޔަތުން އެކަލާނގެ ގެ އެހީތެރިކަމަށް އަޅުގަނޑުމެންނަށް އެދެވުނުކަން ހަނދާންކުރާށެވެ. އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.)
ސޫރަތުލް ފާތިޙާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ﷲ ގެ ޙަޟްރަތުން ކަމަކަށް އެދެންވީ ގޮތުގެ ފުރިހަމަ އަދަބުކަން ތިބާއަށް ފާހަގަވޭ ހެއްޔެވެ؟ ސޫރަތުލް ފާތިޙާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ދުޢާ ކުރެވޭނެ އެންމެ ރަނގަޅު ގޮތެވެ. އެ ގޮތަކުން ދުޢާ ކުރުމުން ﷲ އެ ދުޢާ އިޖާބަ ކުރައްވާނެ ގޮތެކެވެ.
ﷲ އަށް އެންމެ ޙައްޤުވެގެންވާ ފަދައިން އަޅުގަނޑުމެން ފަށަނީ އަޅުގަނޑުމެންގެ ވެރިރަސްކަލާނގެއަށް ތަޢުރީފާއި ޝުކުރު ރައްދު ކުރަމުންނެވެ.
އަޅުގަނޑުމެން އެދުމެއް އެދެނީ….އެއަށްފަހުއެވެ.
ﷲ ގެ ރުހިވޮޑިގަތުން އަޅުގަނޑުމެންނަށް ލިއްބައިދޭނެ މަގަކީ صِرَاط އެވެ. އެއީ ސީދާވެގެންވާ މަގެވެ. އެހެނަސް އެހީއަކާއި ނުލައި މި މަގަށް ތަބާވުމަކީ ފަސޭހަކަމެއް ނޫނެވެ.
އެހެނީ މި މަގުގައި ހިނގަންވީ ގޮތުގެ ބައެއް ޤަވާޢިދުތައް އަޅުގަނޑުމެންނަށް އެނގިފައި، އަނެއްބައި ޤަވާޢިދުތައް ނޭނގި ހިނގައިދާނެއެވެ. (ޙަރާމާއި ޙަލާލަކީ ކޮބައިކަމާއި، ހެވާއި ނުބަޔަކީ ކޮބައިކެމެވެ.) ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ޢިލްމު އެހާ ބޮޑަށް ލިބިފައިނުވާ ޤަވާޢިދުތައް ޢިލްމު ލިބިފައިވާ ޤަވާޢިދުތަކަށްވުރެ ގިނައެވެ.
މީގެތެރެއިން ބައެއް އަޅުކަންތަކަކީ އަޅުގަނޑުމެންނަށް ކުރަން ކުޅަދާނަކަން ލިބިފައިވާ ކަންތަކަށްވާއިރު، އަނެއްބައި ޤަވާޢިދުތަކަކީ، ޙާލަތުގެ ގޮތުން އެކަންތައް ކުރުމަށް ކުޅަދާނަކަން ލިބިފައިނުވާ ޤަވާޢިދުތަކެވެ. (މިސާލަކަށް ރޯދަ، އަދި ޙައްޖެވެ.)
ކުރުމުގެ ކުޅަދާނަކަށް ލިބިގެންވާ ބައެއް އަޅުކަންތަކަކީ، އެކަންތަކުން ބައެއްފަހަރު އަޅުގަނޑުމެންނަށް ލައްޒަތެއް ލިބޭއިރު، އަނެއްބައި ފަހަރު ބުރައަކަށްވާ ކަންތަކެވެ. (މިސާލަކަށް ފަތިސް ނަމާދަށް ހޭލުމެވެ.)
އަދި ބައެއް ފަހަރު ފަރުޟު ކުރެވިފައިވާ ވާޖިބެއް އަޅުގަނޑުމެންނަށް އަދާ ކުރެވުނަސް، ބައެއްފަހަރު އަޅުކަމުގައި އިޚްލާޞްތެރިކަން ހުރެފައި އަނެއްބައި ފަހަރު ނުހުރެއެވެ. އަދި ބައެއް ފަހަރު އެ އަޅުކަން ޤަބޫލުކުރެވޭ ފަދައިން ސުންނަތާއި އެއްގޮތަށް އަޅުކަން އަދާ ކުރެވޭއިރު، އަނެއްބައި ފަހަރު ނުކުރެވެއެވެ.
އަދި ބައެއްފަހަރު މަތީގައި ބަޔާން ކުރެވިފައިވާ ހުރިހާ ކަމެއް ފުރިހަމަ ވިޔަސް: ޢިލްމާއި، ކުޅަދާނަކަމާއި، ރަނގަޅު މިޒާޖާއި، އިޚްލާޞްތެރިކަމާއި ސުންނަތާއި އެއްގޮތަށް ޢަމަލުކުރުން ހިމެނުނަސް އަޅުގަނޑުމެންނަށް އިތުރު އެހެންކަމެއް ބޭނުންވެއެވެ. އެއީ އެގޮތުގައި ދެމިހުރުމުގެ ޤާބިލިއްޔަތުކަމެވެ. އަޅުކަން ކުރާ ކޮންމެ ފަހަރަކު އޭގެ އެންމެ ފުރިހަމައަށް އެ އަޅުކަން އަދާ ކުރުމެވެ.
ތެދުމަގަށް މަގު ދައްކަވާ ﷲ ގެ ހިދާޔަތަށް އަޅުގަނޑުމެން ބޭނުންވާ ވަރު މިހާރު ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ އެކަލާނގެ ގެ އެހީތެރިކަމާއި ނުލައި އަޅުގަނޑުމެންނަށް ނުވާނެކަން މިހާރު ތިބާއަށް ފަހުމް ކުރެވޭ ހެއްޔެވެ؟ އަދި މި ދުޢާގެ ފުރިހަމަކަން ތިބާއަށް މިހާރު އެބަ ދޭހަ ކުރެވޭ ހެއްޔެވެ؟
ތިބާއަށް އެނގޭނެ ފަދައިން ދެ صِرَاط އެއް ވެއެވެ. އެއީ މި ޙަޔާތުގެ ޞިރާޠު: މަތީގައި ބަޔާން ކުރެވުނު ޞިރާޠެވެ. ދެވަނަ ޞިރާޠަކީ އާޚިރަތް ދުވަހުގެ ޞިރާޠެވެ. އާޚިރަތް ދުވަހުގެ ޞިރާޠު ސިފަ ކުރެވިފައިވަނީ ކަނޑިއެއްގެ ތޫނުކަމެއްވާ ނުރައްކާތެރި ދަރަޖައަށް ތުނި މަގެއްގެ ގޮތުގައެވެ! އެއީ ސުވަރުގެއަށް ދިޔުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ވެސް ހުރަސްކުރަންޖެހޭ ނަރަކައިގެ މަތީގައިވާ މަގެކެވެ.
“އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ. (71) ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ حال، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ. (72)” سورة مريم
އަޅުގަނޑުމެންނަށް އާޚިރަތުގެ ޞިރާޠުގައި ސާބިތުވެ ތިބެވޭނެ ހަމައެކަނި ގޮތަކީ، މި ދުނިޔޭގެ ޞިރާޠުގައި ސާބިތުވެ ތިބުމުންނެވެ. އެ ދެވަނަ ޞިރާޠުގެ މަތީގައިވާ ސާބިތުކަން މުޅިންހެން ވެސް ބަރޯސާވަނީ އީމާންތެރިކަމުގެ ވަރުގަދަ ކަމަށާއި މި ދުނިޔޭގައި ކުރި ހެޔޮ ޢަމަލުތަކަށެވެ. އަޅުގަނޑުމެންގެ ވަރުގަދަ އީމާންތެރިކަމާއި، ހެޔޮ ޢަމަލުތައްވެގެންދާނީ، ޤިޔާމަތް ދުވަހުގެ އަނދިރިކަމުގެ ތެރެއިން އެ ޞިރާޠު މަތީގައި ދިއްލައިލެވޭނެ ވޮށަކަށެވެ.
“مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެބައިމީހުންގެ ކުރިމަތިންނާއި، އެބައިމީހުންގެ ކަނާތްފަރާތުން، އެބައިމީހުންގެ ނޫރު ހިނގަހިނގާ ހުންނާނެއެވެ.” سورة الحديد، 12
އެހެންކަމުން ކޮންމެ ބައެއްގެ ވެސް ޢަމަލުތަކަށް ބިނާކޮށް ބައެއް މީހުންނަށް ވިދުވަރެއްހާ ހަލުވި މިނުގައި އެ މަގު ހުރަސް ކުރެވޭނެއެވެ! ބައެއް މީހުން އޮއްސިގެންދާ ތަރިއެއްހާ ހަލުވި މިނުގައެވެ. ބައެއް މީހުން ވައިގެ ބާރުމިނުގައެވެ. އަނެއްބައި މީހުން ބާރަށް ދުވާ އަހެއްގެ ބާރުމިނުގައެވެ. ބައެއް މީހުން ދުވެފައި ދާނެއިރު އަނެއްބައިމީހުން ހަތަރެސްފައި މައްޗަށް ތިރިވެ ދެމެމުންދާ ޙާލުގައެވެ. އަދި ބައެއް މީހުން އެ މަގުން ކައްސައިގެން ވެއްޓި….މަންޒިލާއި ހަމައަށް ނުއެއް ދެވޭނެއެވެ. އަދި އަޅުގަނޑުމެންގެ ރަސޫލާ ﷺ ކޮޅަށް ހުންނަވާ ވަޑައިގެން އާދޭހާއިއެކީ ދުޢާ ދަންނަވާ ޙާލުގައި ވެވޮޑިގެންވާނެއެވެ. “އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ސަލާމަތް ކުރައްވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ސަލާމަތް ކުރައްވާނދޭވެ!”
މި ޙަޔާތުގެ ޞިރާޠުން އަޅުގަނޑުމެންނަށް ދެވެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގާތްކަމާއި ރުހިވޮޑިގަތުމާއި ހަމައަށެވެ.
އާޚިރަތުގެ ޞިރާޠުން އަޅުގަނޑުމެންނަށް ދެވޭނީ…..ސުވަރުގެއަށެވެ.
މި ދުޢާގެ މުހިއްމުކަން ތިބާއަށް މިހާރު އިޙްސާސް ކުރެވޭ ހެއްޔެވެ؟
إِهْدِنَا الصِّرَاطَ الْمُسْتَقِيم – އަޅުގަނޑުމެންގެ މުޅި ވުޖޫދު ބިނާވެގެންވަނީ މި ދުޢާގެ މައްޗަށެވެ. މި ހުރިހާ ކަމެއް އެނގޭ ޙާލު، މި ދުޢާއަށްފަހު ތިބާ ކިޔާލާ ‘އާމީން’ މީގެ ފަހުން ވެގެންދާނީ ތިބާގެ ހިތަށް އަސަރުކުރުވާ ބަހަކަށް ނޫންތޯއެވެ؟ ޙަޤީޤަތުގައި އެއްވެސް ދުޢާއެއް ﷲ ގެ ޙަޟްރަތުން އިޖާބަވުމުގެ އެއް ޝަރުޠަކީ، އެ ދުޢާއަކީ އިޚްލާޞްތެރި އަދި ސަމާލުކަންދޭ ހިތަކުން ކުރެވޭ ދުޢާއަކަށް ވުމެވެ. “ދުޢާ ކުރާ ހިނދު އެހެން ކަންތަކުން ފުރިފައިވާ ހިތަކުން ކުރެވޭ ދުޢާ ﷲ އިޖާބަ ނުކުރައްވައެވެ.” – ރަސޫލާ ﷺ
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް އެހީތެރިވެދެއްވައި، އެކަލާނގެ ގެ ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށި! އާމީން!
ނުނިމޭ