ނަމާދުގެ ޙަޤީޤީ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ސާދަވަނަ ބައި)
ޙަޤީޤީ އުފާވެރިކަމުގެ މަޤާމް
އަޅުގަނޑުމެން މިހާރު ރުކޫޢު ނިންމައި ރުކޫޢަށްފަހު އިރުކޮޅެއް ވަންދެން ކޮޅަށް ވެސް ތިބެފީމުއެވެ. އެ ކޮޅަށް ހުރުން އަޅުގަނޑުމެން ތައްޔާރު ކުރަނީ ނަމާދުގެ އެންމެ ބޮޑު ތަނބަށްޓަކައެވެ. މި ތަނބު ވެގެން ދާނީ ރަކުޢަތުގެ ފޮނި ނިމުމަށެވެ. މީގެ ކުރިން އައި ހުރިހާ ބަޔަކީ މި މަޤާމަށްޓަކައިވީ ތައްޔާރީތަކެވެ. މި ބޮޑު ނިންމުމަށެވެ. ސަޖިދައަށްޓަކައެވެ.
ސަޖިދައިގައި ޙަޤީޤަތުގައި ވަނީ ކޮން ޚާޞިއްޔަތުކަމެއް ހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ އެތައް އަހަރެއް ވަންދެން އެއްވެސް ވިސްނުމެއް އިޙްސާސެއް ނެތި އާދައިގެ މަތިން ސަޖިދަތަކެއް ކޮށްފައެވެ. އެހެންކަމުން އޭގެ ބާރުގަދަ އަސަރު އަޅުގަނޑުމެންނަށް ކުރެވިފައި ނުވަނީއެވެ. ނަމާދުގެ އެއްވެސް ބަޔަކަށް އަޅުގަނޑުމެންގެ ހިތް ނުދެވޭނަމަ އޭގެ ފޮނިކަން އަޅުގަނޑުމެންނަށް އިޙްސާސެއް ނުކުރެވޭނެއެވެ. ކުރިން ވެސް ދެންނެވުނު ފަދައިން ސަޖިދައަކީ އަޅުގަނޑުމެންގެ ޚާލިޤުވަންތަ އިލާހަށް ފުރިހަމައަށް ބޯލަނބާކަން ދައްކައިދޭ އެންމެ ބޮޑު ނިޝާނެއެވެ. އެ ޙަރަކާތުން އަޅުގަނޑުމެން ބުނާ ފަދައެވެ. “ޔާ ﷲ އެވެ! އަޅުގަނޑުގެ ކިބައިން އިބަރަސްކަލާނގެ އެދިވޮޑިގެންވަނީ ކޮން ކަމަކަށްތޯއެވެ؟ މި އަޅާ އިބަރަސްކަލާނގެއަށް މި އަޅާއަށް ދެއްވާފައިވާ އެންމެ އަގުހުރި ނިޢުމަތް ހުށަހަޅަމެވެ. މި އަޅާގެ އެންމެ ޤަދަރުވެރި އަދި އެންމެ ޝަރަފުވެރި ބައެވެ. މި އަޅާގެ މޫނެވެ. އެ މޫނު މި އަޅާ މި ޖައްސަނީ މި އަޅާއަށް ފެނުނު އެންމެ ދަށް މަޤާމުގައެވެ. މި ބިމުގައެވެ. ޔާ ރައްބެވެ! ހަމައެކަނި އިބަރަސްކަލާނގެއަށްޓަކައެވެ. މި އަޅާގެ ހުރިހާ ކަމެއް އިބަރަސްކަލާނގެއަށްޓަކައި ޤުރުބާން ކުރަމެވެ.”
ސަޖިދައަކީ އުފާވެރިކަމުގެ ޙަޤީޤީ ސިއްރެވެ. ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފްސާއި މި ސުވާލު ކުރާށެވެ. އެންމެ ފުރިހަމަ އުފާވެރިކަން ލިބޭނެ ތަން ކަމުގައިވާ ސުވަރުގެ ވަނީ ކޮން ތަނެއްގައި ހެއްޔެވެ؟ އޭގެ ޖަވާބަކީ 7 އުޑުގެ މަތީ ﷲ އާއި ގާތުގައެވެ. އެންމެ ބޮޑު ހިތާމަވެރިކަމާއި ބިރުވެރިކަން ލިބޭނެ ތަން ކަމުގައިވާ ނަރަކަ ވަނީ ކޮން ތަނެއްގައި ހެއްޔެވެ؟ ވަރަށް ވެސް ތިރީގައި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ދުރު ހިސާބެއްގައެވެ. އެހެނީ ސުވަރުގޭގެ ދޮރުކޮޅުތައް ނުބައި ޢަމަލުތައް ގިނަ މީހުންނަށްޓަކައި ނުހުޅުވެއެވެ. އެންމެ ފުރިހަމަ އުފާވެރިކަމުގެ މަޤާމް ކަމަށްވާ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަކީ ކޮބައިހެއްޔެވެ؟ އެއީ ފިރްދައުސް އަލް-އަޢްލާ އޭ ކިޔާ ތަނެވެ. އެތަނުގެ މަތީ ބަޔަކީ ﷲ ގެ ކުރުސިއެވެ! އެއީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއާއި މީހަކަށް އެންމެ ގާތްވެވޭނެ މަޤާމެވެ! އެހެން ބަސްތަކަކުން ބުނާނަމަ، އެތާނގައި ތިބޭ ބައެއްގެ އަވަށްޓެރިއަކަށްވާނީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ!
އަދިވެސް ސުވާލު ކުރަމާ ހިނގާށެވެ! ރަސޫލާ ﷺ މައްކާގައި އެންމެ ދަތި ދުވަސްތައް ހޭދަކުރެއްވިއިރު، އެންމެ ފުން ހިތާމަތަކެއްގެ ތެރޭގައި ވީ ހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުމެއް ގެނެސްދެއްވީ ކިހިނެއް ހެއްޔެވެ؟ އެކަލާނގެ އެކަލޭގެފާނު އެކަލާނގެ ޙަޟްރަތަށް މައްޗަށް ގެންނެވިއެވެ. އަލް އިސްރާ ވަލް މިޢުރާޖުގެ ދަތުރުފުޅުންނެވެ. އިންސާނަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެންމެ ގާތްވެވޭނެ މަޤާމަށް އެކަލޭގެފާނަށް ދެވެންދެނެވެ. މި ޙަޔާތުގައި އަޅުގަނޑުމެންނަށް އުފާވެރިކަން ލިއްބައިދޭ ކޮންމެ ކަމެއް އެކަލާނގެ ޙަޟްރަތަށް ދެއެވެ. އެއީ ރަނގަޅު ބަހެއް އަދި ރަނގަޅު ޢަމަލެއް ކަމުގައި ވިޔަސްމެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
“…ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލުތައް އެކަލާނގެ ޙަޟްރަތަށް އުފުލައްވައެވެ…”
سُورة فَاطِر، 10
އެހެންކަމުން ޙަޤީޤީ އުފާވެރިކަން ވަނީ ކޮން ތަނެއްގައި ހެއްޔެވެ؟ އެ އުފާވެރިކަން ވަނީ އެންމެ މަތީގައި ﷲ ގެ ޙަޟްރަތުގައެވެ. އެހެންކަމުން އުފާވެރިކަމުގެ ސިއްރަކީ މިއީއެވެ. ﷲ އާއި ތިބާ ގާތްވާ ވަރަކަށް، ތިބާގެ ރޫޙުގެ މަޤާމް މަތިވެރިވެ، ތިބާއަށް އިތުރު އުފާވެރިކަން ލިބޭނެއެވެ! އެހެނަސް މި ދަރަޖައިގެ އުފާވެރިކަމާއި ހަމައަށް ދާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެން ޖެހޭނީ އެފަދަ މަތިވެރި މަޤާމަކަށް ދާށެވެ. އެހާ ހިސާބަށް ދާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ތިރިކޮށްގެންނެވެ. އެއްކަލަ ޙަދީޘް ހަނދާން ކުރާށެވެ. “އެމީހެއްގެ ހިތް ތިރި ކުރާ މީހަކު ﷲ މަތިވެރި ކުރައްވައެވެ.” އެމީހަކު ޤަދަރުވެރިކަމުން މަތިވެރި ކުރައްވައެވެ. އަދި ޙަޤީޤީ އުފާވެރިކަމުގެ މަޤާމަށް މަތިވެރި ކުރައްވައެވެ. އަދި މި ޙަދީޘް ވެސް ހަނދާން ކުރާށެވެ. “އަޅަކު ﷲ އާއި އެންމެ ގާތްވެގެންވަނީ އަޅާ ސަޖިދައިގައި ވާ ހިނދެވެ.” ޢަލަޤް ސޫރަތުގެ އެންމެ ފަހު އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ކީކޭ ހެއްޔެވެ؟
“…އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (اللَّه ގެ حضرة އަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!” سورة العلق، 19
މި ހުރިހާ އަހަރުތަކެއް ވަންދެން ތިބާ ކުރަމުން އައީ ކިހާ ވަރުގެ ކަމެއްކަން މިހާރު ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ ތިބާ މަސައްކަތް ކުރަމުން ދިޔައީ، ކޮންމެ ސަޖިދައަކާއި އެކީ ތިބާގެ ވެރި ރައްބާއި ގާތްވުމަށެވެ. ތިބާގެ ހަށިގަނޑު ބިންމައްޗަށް ތިރި ކުރެވިފައިވިޔަސް، ތިބާގެ ރޫޙު އުޑުތަކާއި ބިން ހެއްދެވި ޚާލިޤުވަންތަ ﷲ އާއި ގާތްވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “ގިނަގިނައިން ސަޖިދަ ކުރާށެވެ! އެހެނީ މުސްލިމަކު ކުރާ ކޮންމެ ސަޖިދައަކަށް ﷲ ސުވަރުގޭގައި އެމީހެއްގެ މަޤާމް މަތިވެރި ނުކޮށް އަދި އެމީހެއްގެ ފާފައެއް ފޮހެވިގެން ނުދާ ސަޖިދައެއް ނުވެއެވެ.” އެމީހަކު އެންމެ މަތީ ދަރަޖަތަކަށް ދެވެންދެނެވެ. ފިރްދައުސް އަލް-އަޢްލާއާއި ހަމައަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުރުސީގެ ތިރީގައިވާ ދަރަޖައަށެވެ!
އިތުރު ހެކިތައް ބޭނުންވޭ ހެއްޔެވެ؟ އެއްދުވަހު ރަބީޢާ އިބްނު ކަޢްބް (ރަޟިޔަ ﷲ ޢަންހު) ވުޟޫ ކުރުމުގައި ރަސޫލާ ﷺ އަށް އެހީތެރިވެ ދެއްވަމުން ގެންދެވިއެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އަރިހުން އެދޭށެވެ!” ރަބީޢާ ޖަވާބުގައި ދެންނެވިއެވެ. “އަހުރެން އެދެނީ ކަލޭގެފާނާއިއެކީ ސުވަރުގޭގައި ވުމަށެވެ.” ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “އެހެން ކަމަކަށް ބޭނުންވޭތޯއެވެ؟” ރަބީޢާ ދެންނެވިއެވެ. “ހަމައެކަނި އެކަމެވެ.” އޭގެ ޖަވާބުގައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “އެހެންކަމަށްވާނަމަ ގިނަގިނައިން ސަޖިދަކޮށް ކަލޭގެފާނު އެ މަޤާމާއި ހަމައަށް ގެންދިޔުމަށް ތިމަންކަލޭގެފާނަށް އެހީތެރިވާށެވެ!”
“އެހެންކަމުން މިހާރު ތިބާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ؟ ތިބާގެ މަޤާމް މަތިވެރިވެގެން ދިޔުމަށްޓަކައި ތިބާ ޖެހެނީ ތިބާގެ ނަފްސު ތިރިއަށް ގެންނާށެވެ. ތިބާގެ ހަށިގަނޑު ސަޖިދަ ކުރާ ހިނދު ތިބާގެ ހިތްވެސް ސަޖިދަ ކުރޭތޯ ޔަޤީން ކުރާށެވެ. ޢަރުޝީގެ މަތީގައިވާ އެއްކައުވަންތަ އިލާހު އަބަދުމެ އާ އަމުރުފުޅުތައް އެ އަމުރުފުޅުތަކުގެ މިޞްރާބުތަކަށް ކޮންމެ ދުވަހަކުމެ ގެންދަވަމުން ދާކަން ހަނދާނުގައި ބަހައްޓައިގެންނެވެ. އެންމެންގެ ބޭނުންތަކާއި ޢަމަލުތައް އުފުލިގެންދަނީ އެ ރަސްކަލާނގެ ގެ ޙަޟްރަތަށެވެ. ހުރިހާ އެންމެން އެކަލާނގެއަށް ބޭނުންވެގެންވެއެވެ. އެހެނަސް އެކަލާނގެއަށް އެއްވެސް ފަރާތެއް ބޭނުންވެގެން ނުވެއެވެ. އެއް މީހެއްގެ ފާފައެއް ފުއްސަވައި، އަނެއް މީހެއްގެ ދަތިތައް ލުއި ކޮށްދެއްވަމުންނެވެ. ބަލިކަށި މީހެއް ވަރުގަދަ ކުރައްވައި، ހަލާކުވެފައިވާ ހިތަކަށް ޝިފާ ދެއްވަމުންނެވެ. ޙަޔާތް ދެއްވަމުން ޙަޔާތް ހިއްޕަވަމުންނެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ދައްކަވައި އެކަލާނގެ އިރާދަކުރެއްވި އަޅަކު ގޯސް މަގަކުން ދިޔުމަށް ދޫކުރައްވަމުންނެވެ. އެއްބަޔަކަށް ރިޒުޤާއި ނިޢުމަތް ތަނަވަސް ކުރައްވައި އަނެއްބައެއްގެ ރިޒުޤާއި ނިޢުމަތް ހިފަހައްޓަވަމުންނެވެ. އެއްބަޔަކު ޝަރަފުވެރި ކުރައްވައި އަނެއްބައެއްގެ ހުރިހާ ޤަދަރުވެރިކަމާއި ޢިއްޒަތެއް ނަންގަވަމުންނެވެ. ވަކި ބަޔަކަށް އުފަލާއި ހަމަޖެހުން ދެއްވަމުން އަނެއްބައެއްގެ ފަރާތުން އެ ނިޢުމަތް ނަންގަވަމުންނެވެ.
ތިބާގެ ހިތް ސަޖިދަ ކުރާނަމަ ތިބާއަށް އެކަން އެނގޭނެއެވެ. އެހެނީ ތިބާ އެފަދަ ސަޖިދައަކުން ތެދުވާ ހިނދު ތިބާގެ މޫނުގައި އަލިކަމެއް ވާނެއެވެ.
“…ސަޖިދައިގެ އަސަރުން، އޭގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ…” سورة الفتح، 29
އެއީ ﷲ ފަޟްލަވަންތަކަމާއި ނޫރުފުޅުގެ އަސަރެކެވެ. އެ އޯގާތެރިކަމާއި، ހިތްހެޔޮކަމާއި، ހަމަޖެހުމާއި މަޑުމައިތިރިކަމަކީ އެހެން ފަރާތަކުން ލިބޭނެ ސިފަތަކެއް ނޫނެވެ.
ސަޖިދައަކީ ނަމާދުގެ އެންމެ ޚާއްޞަ ބައެވެ. ސަޖިދައަކީ ވަރަށް އަގުހުރި އެއްޗެކެވެ! ސަޖިދަތަކުން ނެތި ދިޔައީ ކިތައް ކަންބޮޑުވުން ހެއްޔެވެ؟ ސަޖިދަތަކުން ޙައްލުވެގެން ދިޔައީ ކިތައް ދަތިތަކާއި އިމްތިޙާންތައް ހެއްޔެވެ؟ ސަޖިދަތަކުން ފުރިހަމަވެގެން ދިޔައީ ކިތައް ބޭނުން ހެއްޔެވެ؟ ސަޖިދައިގައި ދުޢާއެއް ކުރުމުން ނޫނީ އިޖާބަނުވެ ދިޔައީ ކިތައް ދުޢާ ހެއްޔެވެ؟
އެހެންކަމުން ތިބާގެ ނަފްސު ބިމަށް ތިރި ކުރާށެވެ. ތިބާގެ ވެރި ރައްބާއި ގާތްވުމަށެވެ. ތިބާގެ ހަށިގަނޑާއި، ހިތާއި، ރޫޙުން ސަޖިދަ ކުރާށެވެ. އަދި މި ދުނިޔޭގައި ވެސް ވާ އެންމެ ފޮނި މީރު އިޙްސާސް ކުރާށެވެ. މި ދުނިޔޭގެ ޙަޤީޤީ އުފާވެރިކަން ތަޖުރިބާ ކުރާށެވެ!
ނުނިމޭ