ޤަދަރު (އެއްވަނަ ބައި)
ހިއްލައިލެވުނު ތަވަޔާއިއެކީ ތަވައިގެ މަތިން ހުޅުގަނޑު އަރައިގެން ދިޔަ ވަގުތު ޗޫސް އަޑު އިވިގެން ދިޔައެވެ. އިސާހިތަކު ހުޅުގަނޑު ތިރިވެގެން ދިޔަ ހިނދު ތަވައިގެ މަތީގައި ފިހި ފައްކާވެފައި އޮތް މަސްގަނޑު ފެނިގެން ދިޔައެވެ. އެއާއިއެކު ތަވާ ހިފަހައްޓައިގެން ހުރި އަފްޒަލް، ފަތަލި އުނދުނުގެ ކައިރިގައި ހުރި ކައުންޓަރު މަތީގައި ރޭވިފައި ހުރި ހުދު ތަށިތަކުގެ ތެރެއިން ހުސް ތަށީގެ މެދަށް ވާ ގޮތަށް ފަރިތަކަމާއިއެކީ މަސްގަނޑު ދޫކޮށްލިއެވެ.
“އަދި ތަންކޮޅެއް ހަލުވިކޮށް ގާރނިޝްކޮށްލެވޭތޯ ބަލައްޗޭ ދޮންކަލޯ!” އަފްޒަލް އެހެން ބުނަމުން ކައިރީގައި އޭނައަށްވުރެ ހަގުކޮށް ހުރި ޒުވާނާއާއި އެހީވާން ފެށިއެވެ. މިގޮތުން ތަށިތަކުގެ ފަހަތަށްވާ ގޮތަށް ބެހެއްޓިފައި ހުރި ސޯސް ތަށީގައި އޮތް ސަމުސަލުން ނެގި ސޯސް ފޮދުން، އެތާ ހުރި މަސްގަނޑުތަކަށް ދާދި އެއް ބައްޓަމުގެ ރޮނގުތަކަށް ސޯސް އަޅަން ފެށިއެވެ. އެ ޙަރަކާތްތަކަކީ އޭނަ ހިތުދަސްވެފައިވާ ޙަރަކާތްތަކެއް ފަދައިންނެވެ.
“އާދެ ސާރ! މި މަސައްކަތް ކުރަނީ. އެކަމަކު ހިއެއްނުވޭ ދުވަހަކުވެސް ސާރއާއި އެއްވަރު ވާނެހެންނެއް…ސާރ ނެތް ނަމަ މިރޭ ވެއިޓާރސްމެން ތިބެން ޖެހޭނީ މަޑުކޮށްގެންކަން ޔަޤީން!” ޒުވާނާ އެތާ ހުރި ތަށިތަކުން ފަތްތައް ނަގަމުން މަސްގަނޑުތަކުގެ މަތީގައި ބަހައްޓަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ވެއިޓަރުން އައިސް ތައްޔާރުވެފައި ހުރި ތަށިތައް ނަގައިގެން ދަނީއެވެ.
“އެއީ މައްސަލައެއް ނޫނޭ. މިކަހަލަ ދުވަސްކޮޅުތަކުގަ ހޮޓެލަށް އަންނަ މެހުމާނުންނާއި ބަލައި އެންމެ ޝެފަކު ބަދިގެ ހިންގަން ސާރ އުއްމީދެއް ވެސް ނުކުރަން. ޖުނެއިދަށް ނާދެވޭ ވާހަކަ އިވުނީމަ ސާރ އައީ އެހެންވެގެންނޭ….މަލީހާއި އެކީގަ މިރޭ މަސައްކަތް ކޮށްލީމަ މަލީހްގެ ވެސް ހުރި ޕޮޓެންޝަލް މި އެނގުނީ އަސްލު…” އަފްޒަލް ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެ ވަގުތު މަލީހަށް ނެގުނީ އެ އިވުނު ބަސްތަކުގެ ނުބައި މާނައެކެވެ.
“އެހެންވީމަ….އަޅުގަނޑު ޕްރޮބޭޝަނުން ފް…ފާސްވާނެތޯ؟” މަލީހް އެ ސުވާލުކޮށްލީ މަސައްކަތް ކުރިއަށް ގެންދަމުން އޭނަގެ ސާރއާއި ހަތަރުކަޅި ވެސް ހަމަކުރަން ނުކެރޭ ޙާލުގައެވެ. މަލީހް ކުރި ސުވާލާއިއެކީ އެ މޫނުމަތިން ފެނުނު ނުތަނަވަސްކަން ފާހަގަވުމުން، ޒުވާނާ މަސައްކަތް ކުރިއަށް ގެންދަމުން ވާހަކަ ދެއްކިއެވެ.
“ހުމް….އެބަ ވިސްނަން ތިކަމާ…2 އަހަރުގެ ކޮންޓްރެކްޓެއްގަ ސޮއިކުރަންދޯ ކުރިން އެއްބަސްވެވުނީ؟ އޭގެ ބަދަލުގަ ދާއިމީ މުވައްޒަފަކަށްވުން ކިހިނެއްވާނީ؟” އަފްޒަލް ނުހަނު އާދައިގެ ގޮތަކަށް ބުނެލި ވާހަކައިން މަލީހްގެ ޙަރަކާތް ހުއްޓި އިސާހިތަކު އެ ނަޒަރު ޒުވާނާއަށް އަމާޒުވިއެވެ. އަފްޒަލް، މަލީހަށް ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
“ސް..ސާރ…ވަރަށް ބޮޑަށް ޝުކުރިއްޔާ! މިތަނަށް އައުމުގެ ކުރިން ވެސް އަޑުއެހިން ސާރއަކީ މީހުންނަށް ފުރުސަތުދޭ، ހިތްހެޔޮ ބޮސްއެއް ކަމަށް. މިއަދު މި އެނގުނީ އެކަން. އަޅުގަނޑު ހަމަ ޔަޤީނުން ވެސް އަޅުގަނޑުގެ ބެސްޓް ދޭނަން. އައި ޕްރޯމިސް ސާރ. ތެންކިއު އަފްޒަލް ސާރ!” މަލީހް މަސައްކަތް ނިންމައި އޭނަ މަސައްކަތްކޮށްދޭ ވެރިމީހާއަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
“މަލީހް ތި ވަޢުދު ފުއްދައިދޭނެ ކަމާއިމެދު ސާރ ޝައްކެއް ނުކުރާނަން އިނގޭ. އިން ޝާ ﷲ އަދި ކުރިއަށް އޮތް ތަނުގަ ލިބޭ ޓްރެއިނިންގްތަކާއި އެކީ މަލީހް އިތުރަށް ކުރި އަރައިގެންދާނެ.” އަފްޒަލް ބަދަލުނުވާ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު އަނެއްކާވެސް މަލީހް ތަކުރާރުކޮށް އަފްޒަލްއަށް ޝުކުރު އަދާކޮށް ތަޢުރީފުގެ ބަސްތައް ރައްދު ކުރިއެވެ.
އެވަގުތަކަށް ބަދިގޭގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމުމުން އަފްޒަލް އޭނަ އަޅައިގެން ހުރި އެޕްރޯން ނަގައި، ލައިގެން ހުރި ހެދުމުގެ މަތިން އަޅައިގެން ހުރި ކައްކާ ހެދުން ވެސް ބޭލިއެވެ. އެއަށްފަހު ބަދިގެއިން ނިކުމެ ރެސްޓޯރެންޓް ތެރެއިން ހިނގަމުން އޭނަ މިޞްރާބުޖެހީ ލިފްޓަށް ދިޔުމަށެވެ. އެރޭ ފުރިފައި އޮތް ރެސްޓޯރެންޓު ތެރެއިން ބޭރު މީހުން ވެސް ގިނަ ޢަދަދަކަށް ފެންނަމުން ދިޔައެވެ. އެ ހުރިހާ އެންމެން ވެސް ކަމުން ދިޔައިރު އެންމެންގެހެން ދޫތަކުން ކާތަކެތީގެ މީރުކަމުގެ ވާހަކަ އިވި، އަފްޒަލަށް ހިނިތުންވެވުނެވެ. އަދި އަމުދުން ވެއިޓަރުންގެ ޚިދުމަތުގެ ރަނގަޅުކަމާއިމެދު ވެސް ތަޢުރީފުގެ ބަސްތައް އިވެމުން ދިޔައީތީ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ފަނޑު އަލިކަމެއް ވެރި ކުރުވިފައި އޮތް އެ ރެސްޓޯރެންޓު ޒަމާނީ ފެންވަރަށް ހަދާފައިވީއިރު، އެތާ ތެރެއިން މުޅިންހެން ފެންނަމުން ދިޔައީ ދިވެހި ސަޤާފީވަންތަ ކަމެވެ. އޮމާން ވަކަރުން ގޮނޑިއާއި މޭޒު ހެދިފައިވީއިރު ކޮންމެ މޭޒެއްގެ މެދުން ފެންނަމުން ދިޔައީ ލިޔެލާ ޖެހި ގުޅިތަކެވެ. ފާރުތަކުގެ އެކި ދިމަދިމާލުން ރާއްޖެއާއި ގުޅޭ އެކި ތަޞްވީރުތައް ފްރޭމްކޮށް ހަރު ކުރެވިފައިވިތަން ފެންނަމުން ދިޔައިރު، ރެސްޓޯރެންޓުގެ އެކި ދިމާލުގައި ބެހެއްޓިފައިވާ ބޮޑެތި ގުޅިތަކުން ފެންނަމުން ދިޔައީ ހެދެން ފަށާފައިވާ ކުދި ރުށްތަކެވެ. ‘ކަމަނަ’ ރެސްޓޯރެންޓު ބޭރު މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ސަބަބަކީ މިފަދައިން ދިވެހި ސަޤާފަތް އެ ރެސްޓޯރެންޓުން ފެނުންކަން ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެހެނަސް އަފްޒަލް އެ ރެސްޓޯރެންޓު އެގޮތުގައި ކުރިއަށް ގެންދިޔައީ ވަކި އެ ސަބަބާއި ހެދިއެއް ނޫނެވެ.
އެ ރެސްޓޯރެންޓަކީ އަފްޒަލްގެ ބައްޕަ މާލެ އައިސް ޢިމާރާތުގެ އެ 10 ވަނަ ފަންގިފިލާ ކުއްޔަށް ހިފައިގެން ހުޅުވި ރެސްޓޯރެންޓެކެވެ. އެތަން ހުޅުވި ދުވަހުއްސުރެ ބައްޕަ އޭނައަށް ދީފައިވާ ނަސޭޙަތަކީ، ރަށް ބަދަލުވިޔަސް، އަދި ކިތަންމެ ޤައުމަކުން ކިތަންމެ މައްޗަށް ކިޔެވިޔަސް ތިމާގެ އަމިއްލަ ދީނާއި ޘަޤާފަތުގެ މަތިން ހަނދާން ނައްތައި ނުލުމަށެވެ. އެހެނީ ތިމާގެ އަމިއްލަވަންތަކަން ހަނދާން ނެތިއްޖެ މީހަކަށް ޙަޤީޤީ ޤަދަރެއް ނުލިބޭނެއެވެ.
ހިނގަމުން ގޮސް އަފްޒަލް ލިފްޓަކަށް އެރުމަށްފަހު ފިތައިލީ 16 ނަންބަރު އޮތް ފިތަށެވެ. އެއީ ލިފްޓުގައި ހުރި ނަންބަރުތަކުގެ ތެރެއިން އެންމެ މަތީ ނަންބަރެވެ.
ބައްޕަ ނިޔާވިތާ އަހަރުތަކެއް ފަހުން އަފްޒަލް ރެސްޓޯރެންޓު ހުޅުވިއިރު އަފްޒަލްގެ ނަމުގައިވީ ހަމައެކަނި އެ ޢިމާރާތުގައި ރެސްޓޯރެންޓު ހުންނަ ފަންގިފިލާއެވެ. އެ ޢިމާރާތަކީ ބައްޕަގެ ގާތް ރައްޓެއްސަކަށް ނިސްބަތްވާ ޢިމާރާތަކަށްވުމުން، އޭނަ ބައްޕަގެ ހުވަފެން ކުރިއަށް ގެންދާ ވާހަކަ އިވިފައި ބައްޕަގެ އެކުވެރިޔާ އޭނައަށް އެ ފަންގިފިލާ ހަދިޔާ ކުރީއެވެ. ރެސްޓޯރެންޓު ފެށިތާ ދެ ތިން އަހަރެއްހާ ދުވަސްފަހުން އެ ތަނުގެ ނަން މަޝްހޫރުވެގެން ދިޔައީ ޚުދު އަފްޒަލް ވެސް އުއްމީދު ކުރި ވަރަށްވުރެ ބޮޑަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޢިމާރާތަށް ވެސް ގިނަ ބައެއްގެ ޝައުޤުވެރިކަން ލިބި، ގިނަ ދިވެހިންނާއި ބޭރު މީހުން ވެސް އެ ޢިމާރާތުގައި ކުއްޔަށް ތިބުމަށް އެދެން ފެށިއެވެ. ޢިމާރާތުގެ ސަބަބުން އެހާ ގިނަ ފައިދާ ލިބެން ފެށީ އަފްޒަލްގެ ސަބަބުން ކަމަށްވުމުން، ބައްޕަގެ އެކުވެރިޔާ އަފްޒަލަށް މުޅި އެ ޢިމާރާތް އެއްކޮށް ދޭން ނިންމިއެވެ. އެހެނަސް ޢިމާރާތުގެ ގެސްޓް ހައުސް ވިޔަފާރީގައި އެހެން ދިވެއްސެއްގެ ވެސް ޙިއްސާއެއް ވާތީ، އަފްޒަލަށް ފުރިހަމަ މިލްކުވެރިކަން ލިބުން ލަސްވެފައިވަނީ އެމީހަކު މިކޮޅަށް އަންނަންދެނެވެ.
ޢިމާރާތުގެ އެންމެ މަތީ ބައިގައިވާ 5 ތަރީގެ ތަނަވަސް ކޮޓަރިއަށް އަފްޒަލް ދިޔައީ ތާޒާ ވެލުމަށެވެ. އެ ކޮޓަރި ކުއްޔަށް ހިފާފައި ނުހުންނަ ދުވަސްތަކުގައި އަފްޒަލް ރެސްޓޯރެންޓުގައި އުޅުމަށްފަހު ގެއަށް ދިޔުމުގެ ކުރިން އެތަނުން ފެންވަރައިލައެވެ. އޭނަ މިއަދު އުޅެމުން ދަނީ ދުވަހެއްގެ ކޮޅުން ވެސް އޭނަ އުޅެމުންދާނެކަމަށް ހީކުރިފަދަ ދިރިއުޅުމެއް ނޫނެވެ. މިހާތަނަށް އައިއިރު އޭނަ އުއްމީދު ކުރި އެއްވެސް ކަމެއް ފުރިހަމަ ނުވިއެއްކަމަކު، މިއަދު އޭނަ އުޅެމުންދަނީ އުފާވެރި ޙަޔާތެއް ނޫނޭ އޭނައަށް ނުބުނެވޭނެއެވެ.
ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ނުލިބުނު ދުނިޔޭގައި، ވިޔަފާރި ވެސް ކިޔެވުމަށް މަގުފަހި ނުވުމުން އަފްޒަލް އެންމެ ފަހުން ކުރިއަށް ދާން ނިންމީ ކެއްކުމުގެ ދާއިރާއިންނެވެ. ބައްޕަގެ ރެސްޓޯރެންޓް ކުރިއަރުވަން ބޭނުންނަމަ އެއީ އޭނައަށް ދަސްވެފައި ހުންނަންޖެހޭނެ ހުނަރެއް ކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.
އަފްޒަލަށް ހީވީ ރަނގަޅަށެވެ. އޭނަގެ ރެސްޓޯރެންޓު އެހާ އަވަސް މުއްދަތެއްގައި ކުރި އަރައިގެން ދިޔުމުގެ ފަހަތުގައިވަނީ، ޚުދު ރެސްޓޯރެންޓުގެ ބޮޑު މީހަކީ ވެސް ކައްކަން ދަންނަ މީހަކަށްވުމުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަފްޒަލް ހަމައެކަނި ކެއްކުމުގެ އެންމެ ކޯހެއް ހަދައި ނިންމައިލީއެއް ނޫނެވެ. ކޯސް ހަދަމުން އޭނަ ރިސޯޓުތަކުގައި ވެސް ކައްކާއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވެއެވެ. އޭނަގެ ކެއްކުން މަޝްހޫރުވެގެން ދިޔަ ގޮތުން ރިސޯޓުތަކުގެ މަޖައްލާތަކުގައި ވެސް އޭނަގެ ނަން ވިދައިލި ދުވަސްވަރެއް ދިޔައެވެ.
އެ ހުރިހާ ކަމަކާއިމެދު ވިސްނައިލުމުން އަފްޒަލަށް މިއަދު ހެވޭ ގޮތްވެއެވެ. ޑޮކްޓަރަކަށްވުމުގެ ހުވަފެން ކުޑައިރުއްސުރެ ދެކެމުން އައި އޭނަ އެހާ މޮޅު ކައްކާއަކަށް ވުމުންނެވެ. އޭނަގެ ބައެއް އެކުވެރިން މިއަދާއި ހަމައަށް ވެސް އެކަމާއިމެދު އޭނައަށް މަލާމާތް ކުރެއެވެ. ޚުދު އޭނަ ވެސް އެކަމާއިހެދި ހިސާބަކަށް ލަދުގަންނަ ގޮތްވެއެވެ.
އެހެނަސް އަފްޒަލް އޭނައަށް މިއަދު ލިބިފައިވާ ނިޢުމަތްތަކަށްޓަކައި ﷲ އަށް އަބަދުވެސް ޝުކުރުވެރިވެއެވެ. އެކަލާނގެ އޭނަގެ ޙަޔާތް ރާއްވަވާ ގޮތުގެ ފަހަތުގައިވާ ސަބަބުތައް އޭނައަށް ނޭނގިދާނެކަމަށް އަފްޒަލް ޤަބޫލު ކުރެއެވެ. އަދި އެ ރޭވުންތަކުގެ ފަހަތުގައި އޭނައަށް ނޭނގޭ ޙިކުމަތްތަކެއްވާނެކަން ވެސްމެއެވެ.
ފެންވަރައި ތާޒާ ވެލައިގެން އަފްޒަލް ބޮލަށް މަހައިލީ އަޅި ކުލައިގެ އަތްދިގު ޓީޝާޓެކެވެ. އެ ޓީޝާޓާއި، އޭނަ ލައިގެން ހުރި ކަޅުކުލައިގެ ޖިންސާއި ނުހަނު ގުޅޭއިރު، އަފްޒަލްގެ އެ ސޫރަ ފެންނަ އަންހެން ކުއްޖަކަށް ދެވަނަ ފަހަރު ނުބަލައެއް ނުހުރެވޭނެއެވެ. 30 އަހަރު ޢުމުރުން ވެފައިވިއެއްކަމަކު މޫނުމަތިން ދައްކަމުން ދިޔައީ އެއަށްވުރެ ޒުވާން ގޮތަކަށެވެ. އެ ޢުމުރާއި ހަމައަށް ދިޔައިރު ވެސް އަފްޒަލް ހުސްހަށި ބަޔަށް ހުރި ގޮތަކުން ގިނަ އަންހެން ކުދިން ހިތް ކިޔާނެކަން ގައިމެވެ.
ރީތިވާ މޭޒު ކުރިމަތީގައި ހުރެ ބޮލުގައި ފުނާ އަޅައި ނިމުނު ވަގުތު، އެ މޭޒުމަތީގައި އޮތް އަފްޒަލްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ‘ޒައުލް’ ގެ ނަން ފެނިފައި އަފްޒަލް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ ދޮންބޭ! އަޅެ ނިކަން އާދެބަލަ އަހަރެން ބަލާ. ފަހު ކުލާސް ކެންސަލްވީ ވާހަކަ އެ ލެކްޗަރާއަށް އަންގަން އެނގުނީ ވެސް ދެންމެއަކު!” އެކޮޅުން އަފްޒަލަށް އޭނަގެ ކޮއްކޮގެ އަޑު އިވުނެވެ.
“އޮހް! އެންމެ ރަނގަޅު. މި އަންނަނީ…” އަފްޒަލް ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު ފޯނު ކަނޑައިލުމަށްފަހު ރީތިވާ މޭޒުމަތީގައި އޮތް ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.
އޭގެ 10 ވަރަކަށް މިނެޓް ފަހުން އަފްޒަލް ކާރު މަޑުކޮށްލީ، ޒައުލް ކިޔަވަމުންދާ ކޮލެޖު ކައިރީގައެވެ. ކާރު މަޑު ކުރިތާ މާ ގިނައިރެއްނުވެ، އަފްޒަލާއި ދާދި އެއް އިސްކޮޅެއް ހުރެފައި އަފްޒަލަށްވުރެ ތަންކޮޅެއް ހިކިކޮށް ދައްކަމުން ދިޔަ ފިރިހެން ކުއްޖެއް އައިސް ކާރަށް އެރިއެވެ.
“ހުވާ ދޮންބޭ! މި ކޯހެއްގަ ބައިވެރި ނުވެވުނުނަމައޭ ހިތަށް އެބައަރާ!” ކާރަށް އަރައި އަދި ރަނގަޅަށް ހަމަ ނުޖެހެނީސް ޒައުލް ޝަކުވާ ކުރިއެވެ.
“ދެން ކޮންމެވެސް އެއްޗެއް ކިޔެވީމަދޯ މި ޒަމާނުގަ އެއްޗަކަށް ވާނީވެސް. ސްކޫލްގަ އުޅުނުއިރު ވެސް ރަނގަޅަށް ކިޔަވާށޭ ދޮންބެ ބުނީ މިހެންވެ. އޭރު ކިޔެވިނަމަ މިހާރު ހުންނާނީ ތި އެދޭހެން ބޭރު ޤައުމެއްގަ ކިޔަވަން.” ކާރު ދުއްވަމުން އަފްޒަލް ވާހަކަ ދެއްކިއެވެ. 19 އަހަރުގެ އޭނަގެ ކޮއްކޮއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.
“އޯކޭ އޯކޭ ދޮންބޭ! ހާޑް ދެޓް ބިފޯރ….ދެން ތި ވާހަކަ ބާއްވާފަ ދޮންބެ ބުނެބަލަ….އަހަންނަށް ވަރަށް އާރޖެންޓްކޮށް މިރޭ 100 ރުފިޔާ ދެވިދާނެތަ؟”
“100 ރުފިޔާއޭ؟! ކީއްކުރަން؟ އަނެއްކާ ފޯނުގެ ލާރި ހުސްވީ؟”
“ވެލް……ޔެސް ދޮންބޭ. ޑޯންޓް ބްލޭމް މީ! ދޮންބެ ކައިރި ބުނީމެއްނު ޕޯސްޓްޕެއިޑެއް ނަގައިދޭށޭ؟”
“ޕޯސްޓްޕެއިޑެއް ނަގަންޏާ ނަގާނީ ޒައުލް އަމިއްލަ ވަޒީފާއެއް ހޯދައިގެން ލާރި ލިބުނީމަ. ކާކާ ވާހަކަ ދައްކައިގެންތަ ތިހާ ގިނައިން ލާރި ތި ހުސްވަނީ؟”
“އެއީ….ޒައުލް ލައިކްވާ ވަރަށް ޚާއްޞަ ކުއްޖެއް…”
“ވޯހް! ވަޓް ޕްރައޯރިޓީސް ބްރޯ! އަދި ރަނގަޅަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ނުތެދުވެވެނީސް ތި އުޅެނީ އަންހެން ކުއްޖެއްގެ ފަހަތުން. ޔޫ ރިއަލީ ތިންކް ދެޓް ވިލް ވޯކް؟”
“އައި ތިންކް އިޓް ވިލް ދޮންބޭ….އެ ކުއްޖާ ވެސް އަހަރެން ދެކެ ލޯބިވާހެން އަހަންނަށް ހީވަނީ. ވަރަށް އަވަހަށް ކޮންފެސް ކުރަން މިއުޅެނީ…”
“އޮ ވާވް! ކާންޓް ބިލީވް ދިސް. އަންހެން ކުއްޖާގެ ބައްޕައާއި ބައްދަލުކޮށްފަ ބުނާނީ ތިމަންނަ ފޯނަށް އަޅަން ލާރި ހޯދަނީ ވެސް ދޮންބެ އަތުންނޭތަ؟!”
“ދޮންބެ ޕްލީޒް! ޖަސްޓް ބިކޯޒް ދޮންބެއަށް މީގެ އަހަރުތަކެއް ކުރިން އެހެން ދިމާވީމަ އޭގެ މާނައެއް ނޫން ކޮންމެ މީހަކަށް ވެސް ދިމާވާނީ އެކަހަލަ ގޮތެކޭ!”
ޒައުލް އެހެން ބުނުމާއި އެކުހެން އަފްޒަލަށް ކާރުގެ ބުރަކި ޖައްސައިލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު އެމީހުންނަށް ސިނަމާލެ ބްރިޖާއި ހަމައަށް ދެވުނީއެވެ. ކަން ދިމާކުރި ގޮތުން ހަމަ އެވަގުތު ޓްރެފިކް އަލިވެސް ރަތްކުލައަށް ބަދަލުވުމުން އަފްޒަލް މަޑުކޮށްލި ކާރާއި އެކީ އެހެނިހެން ވެހިކަލްތައް ވެސް މަޑު ކުރަން ފެށިއެވެ.
އަފްޒަލަށް ވީ ގޮތް ފެނުމުން ޒައުލްގެ މޫނުމަތިން ފާޅުވީ ބުނެވުނު އެއްޗަކާއިމެދު ހިތާމަކުރާ ފަދަ އަސަރެކެވެ. ދޮންބެގެ މޫނަށް ބަލަން އިނދެފައި ޒައުލްއަށް އިސްޖަހައިލެވުނެވެ.
“ސޮރީ ދޮންބޭ….އައި ޑިޑްންޓް މީން ޓު ސޭއި ދެޓް.” ޒައުލް ބުންޏެވެ.
“އިޓްސް އޯކޭ…” އަފްޒަލް ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އެހެނަސް އެވަގުތު ވެސް އޭނަގެ ހިތަށް ކުރި އަސަރަށް ބަދަލެއް ނާދެއެވެ.
ކައިވެނީގެ ވާހަކައާއި ހަމައަށް ގޮސްފައި ވަނިކޮށް ލީނާ ފަހު ވަގުތު އޭނަ ދޫކޮށް ދިޔަތާ މިއީ 6 ވަނަ އަހަރެވެ. އެހެނަސް އެރޭ ކަންތައް ވެ ދިޔަ ގޮސް ހިތަށް ލިބުނު އަނިޔާއާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ކުރި ނޭދެވޭ އަސަރު މިއަދާއި ހަމައަށް ވެސް އަފްޒަލަށް އިޙްސާސް ކުރެވެއެވެ. އެ ދުވަސްފަހުން އަފްޒަލަށް ލީނާގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. ލީނާ ވަނީ އޭނަގެ ނަންބަރުގެ އިތުރުން ހުރިހާ ސޯޝަލް މީޑިއާއަކުން ވެސް އޭނަ ބްލޮކް ކޮށްފައެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ލީނާގެ ސޫރަ ނުފެނުނު ތާނގައި އެދުވަހު ފުރައިގެން ދިޔައީ ކޮން ތަނަކަށް ކަމެއްވެސް އަފްޒަލަކަށް ނޭނގެއެވެ. ލީނާ އޭނަ ދޫކޮށް ދިޔަތާ ފުރަތަމަ 2 އަހަރު ތެރޭގައި އަފްޒަލް ހުސް ހަށިބަޔަށް ހުރީ ލީނާ ޚިޔާލު ބަދަލުވެގެން ނަމަވެސް އޭނަ ގާތަށް އައިސްދާނެއޭ ހިތާއެވެ. އެހެނަސް އެގޮތަށް ކަންތައް ކުރުމުން އެ އަނިޔާ ދެވެނީ ޚުދު އަމިއްލަ ނަފްސަށް ކަން ދަން އަފްޒަލް އެ އުއްމީދު ކަނޑައިލިއެވެ. އެހެނަސް އަދާއި ޖެހެންދެން ވެސް އަފްޒަލް ހުސްހަށިބަޔަށް ހުރީ ލީނާ އޭނައަށް ހެދި ގޮތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ތަޖުރިބާގެ ސަބަބުން އޭނައަށް އަންހެން ކުއްޖަކަށް އިތުބާރު ކުރުމަކީ ނުހަނު ދަތިކަމަކަށް ވަނީ ވެފައެވެ.
“ފޮގެޓް ހާރ ދޮންބޭ. ޕާސްޓް ހަނދާން ނައްތާލާފަ ދޮންބެ ވެސް ދެން ލައިފް އާއިގެން ކުރިއަށް ދާންވީ. އޭނަ ދޮންބެއާއިމެދު ނުވެސް ވިސްނާކަން އަހަންނަށް ޔަޤީން…” ޒައުލް ދޮންބެއަށްޓަކައިވާ ޙަމްދަރުދީއާއި އެކީ ވާހަކަ ދެއްކިއެވެ. އެ ވާހަކައަށް އަފްޒަލް ބޯޖަހައިލިއެވެ.
“ތިކަން އެނގޭ. ދޮންބެ ދެން އެކަހަލަ ކުއްޖެއް ޙަޔާތަށް ގެންނާކަށް ނުވެސް ވިސްނަން…” އަފްޒަލް ބުންޏެވެ.
“ޔެސް ދޮންބޭ….ދޮންބެ އަޅެ ބުނެބަލަ! ދޮންބެ ބޭނުންވަނީ ކޮން ކަހަލަ ކުއްޖެއް؟” ޒައުލް ހިސާބެއްގެ ޖޯޝަކާއިއެކީ ސުވާލު ކުރިއެވެ.
“ދޮންބެ ބޭނުންވަނީ….ވަރަށް ސާދާ އުޅުމެއް އުޅޭ ހިތްތިރި ކުއްޖެއް.”
**
ދުބައިގެ މަގަކުން ދުއްވާފައި ދިޔަ އޮފު އަރާ ރަތްކުލައިގެ ކާރު ގޮސް ވަނީ ބިމު އަޑީގައިވާ ޕާކިންގް އޭރިއާއަކަށެވެ. ދާދި އެއް ފެންވަރެއްގެ ބޮޑެތި ކާރުތައް ހުރި މުޅި އެ ޕާކިންގް ލޮޓުން ވެސް އެންމެ އަޅައިގަންނަ ގޮތެއް ހުރީ އެ ރަތް ކުލައިގެ ކާރުގައެވެ.
**
“ލަދުވެތިކަމަކީ ކޮބައިކަން ދަންނަ ޑީސެންޓް ކުއްޖެއް….”
**
ޕާކް ކުރެވިގެން ދިޔަ ރަތްކުލައިގެ ކާރުން ފޭބީ އުސް ފައިވާނަކަށް އަރައިގެން ހުރި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ ލައިގެން ހުރީ ކަކުލަށްވުރެ ތަންކޮޅެއް ތިރިއަށް އޮތް ކަޅުކުލައިގެ އަތްކުރު ހެދުމެކެވެ. ހެދުމުގެ ފަސްބައިން ފެންނަމުން ދިޔަ ރީނދޫ ކުލައިގެ މާތަކާއި ދާދި އެއްކުލައިގެ އަތް ދަބަހެއް އަތުގައި އޮތް ގޮތުން، ނުހަނު ކުލަ ގުޅުވަން ދަންނަ، ފެޝަން ދަސްވެފައިވާ ކުއްޖެއްކަން އެނގެއެވެ. އަދި ކޮނޑުން ތަންކޮޅެއް ތިރިއަށް އޮތް ވިއްސިފައިވާ ކަޅުކުލަގަދަ ލޭޔާރތަކުން ކޮށާލެވިފައިވި ގޮތުން، އަމިއްލަ ނަފްސާއި ގުޅޭ ހުރިހާ ތަފްޞީލަކަށް ސަމާލުކަންދޭ ކުއްޖެއްކަން އެނގެއެވެ.
**
“ޢާއިލާއާއި ކައިވެނީގެ ގުޅުމަކީ ކިހާ މުހިއްމު ކަމެއްކަން ދަންނަ، ލޯބީގެ ގޮތުން ގުޅުނަސް މުސްތަޤްބަލެއް ބިނާ ކުރުމުގެ މަޤްޞަދުގަ ރީތިކަމާއިއެކީ ގުޅުން ކުރިއަށް ގެންދަން ބޭނުންވާ ކުއްޖެއް…”
**
ރަތް ކާރުން ފޭބި އަންހެން ކުއްޖާ ޕާކިންގް އޭރިއާ ފަހަނަޅައި ދޮރެއް ހުޅުވައިލުމުން ވަދެވުނީ ދުބައި މޯލް އަށެވެ. އެ ނަން ބޮޑު އަކުރުން ލިޔެވިފައިވާ ފާރުތަކާއިއެކީ ‘އެޓް ދަ ޓޮޕް، ބުރްޖް ޚަލީފާ’ އޭ ލިޔެވިފައިވި މަންޒަރު ވެސް ފެންނަމުން ދިޔައެވެ.
މޯލްގެ ތެރެއިން ހިނގާފައި ދިޔައިރު އަންހެން ކުއްޖާއަށް އެތައް ލޯތަކެއް އަމާޒުވަމުން ދިޔައެވެ. އެ ސާބިތުކަން އެކުލެވިފައިވި ހިނގައިލުމާއި، އަލި ވަށް މޫނާއި، ގަދަ ފެހި ކުލައިގެ ލޮލުގެ ސަބަބުން ޖާދުވީ ރީތިކަމެއް އެކުއްޖާއަށް ލިބިފައިވިއެވެ. ބަލާބެލުމަށް އެއީ ދިވެއްސެއްހެން ހީވިޔަސް، އެ ގަދަ ބުމައިގެ ބައްޓަމުންނާއި ހަމުގެ ކުލައިން ޢަރަބި ކުއްޖެއްހެން ވެސް ހީވަމުން ދިޔައެވެ.
މޯލްގެ ތެރެއިން ހިނގާފައި ދަނިކޮށް އެ ކުއްޖާގެ ދަބަސް ތެރެއިން ފޯނު ރިންގުވާ އަޑު އިވުނެވެ. ފިޔަވަޅުތައް މަޑުކުރުމެއް ނެތި އެ ކުއްޖާ ދަބަހުން ފޯނު ނަގައި ފޯނުގެ ސްކްރީނަށް ބެލިއެވެ. ސްކްރީނުން ‘ބައްޕަ’ ގެ ނަން ފެނުމާއިއެކު އަންހެން ކުއްޖާ ފަޅި ސިކުންތެއްގެ ތެރޭގައި ފޯނު ބިޒީ ކުރިއެވެ. އެ ހިނދު އެ ފަހުގެ އައި ފޯނުގެ ބެކްގްރައުންޑްގައި ލިޔެވިފައިވީ ‘ނެވާރ ސެޓްލް’ އެވެ.
އެރޭ އެތަނަށް ގޮސްފައިވި ގިނަ މީހުން ފަދައިން އެކުއްޖާ ވެސް ދުބައި މޯލްއަށް ދިޔައީ ބުރްޖް ޚަލީފާއަށް ޒިޔާރަތް ކުރަން ކަމަށް މީހަކަށް ހީވެދާނެއެވެ. އެހެނަސް އެކުއްޖާ ބުރްޖް ޚަލީފާއަށް ވަންނަން ދިޔައީ ޒިޔާރަތް ކުރަން ދިޔަ މީހުންނާއި މުޅިން ތަފާތު މިޞްރާބަކުންނެވެ. ޓިކެޓް ދައްކައި ކިއުގައި ޖެހުމުގެ ބަދަލުގައި އެކުއްޖާ ލިފްޓަށް އަރަން ދިޔުމަށްފަހު ސެކިއުރިޓީ މީހާއަށް ދައްކައިލީ ކީ ކާޑެކެވެ. ހަމަ އެއާއިއެކު އަންހެން ކުއްޖާއަށް ވަގުތުން ލިފްޓަށް އަރައިގެން ދިޔުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. ބުރްޖް ޚަލީފާގެ ތަނަވަސް ލިފްޓަށް އަންހެން ކުއްޖާ އެރުމާއިއެކު ސެކިއުރިޓީ މީހާ އަންހެން ކުއްޖާއަށްޓަކައި 100 ލިޔެވިފައިވި ފިތަށް އޮބައިލަދިނެވެ. އަދި ހިނިތުންވުމަކާއިއެކީ ބާއްޖަވެރި ރޭގަނޑަކަށް އެދުނެވެ. އަންހެން ކުއްޖާ ބަދަލުގައި ލުއި ހިނިތުންވުމެއް ދައްކައިލުން ނޫންކަމެއް ނުކުރިއެވެ.
މިނެޓެއްހާއިރު ތެރޭގައި އަންހެން ކުއްޖާއަށް ހުރެވުނީ ބުރްޖް ޚަލީފާގެ 100 ވަނަ ފަންގިފިލާގައެވެ. އެ ފަންގިފިލާގައި ހުރި އެޕާޓްމެންޓްތަކުގެ ތެރެއިން އެ އަންހެން ކުއްޖާއަށް ޚާއްޞަ އެޕާޓްމެންޓްގެ ދޮރާއި ހަމައަށް ގޮސް ކީކާޑު ދިއްކޮށްލިއެވެ. ހަމަ އެއާއިއެކު އަންހެން ކުއްޖާއަށް ވަދެވިގެން ދިޔައީ، އެއްފަހަރު ބަލައިލުމުން ބޮޑުމިން އަންދާޒާ ނުކުރެވޭ ވަރުގެ އެޕާޓްމެންޓަކަށެވެ. އަންހެން ކުއްޖާ ވަނުމާއިއެކުހެން ދިއްލިގެން ދިޔަ އެ އެޕާޓްމެންޓްގެ ކުރިމަތިން މުޅިންހެން ފާރުގެ ގޮތުގައި ފެންނަމުން ދިޔައީ ސާފު ބިއްލޫރި ގަނޑެކެވެ. އެ ބިއްލޫރިގަނޑުގެ އަނެއްފަރާތުން ދިއްލިފައިވާ ދުބައިގެ ދިގު ޢިމާރާތްތަކާއި މަގުތައް ފެންނަމުން ދިޔަ ގޮތުން އުޑުގައިވި ތަރިތައް ތިރިން ފެންނަމުން ދިޔައީހެން ހީވަމުން ދިޔައެވެ.
އަންހެން ކުއްޖާ އެޕާޓްމެންޓަށް ވަދެގެން ގޮސް އަތް ދަބަސް ސޯފާ މައްޗަށް އެއްލައިލުމާއި އެކުހެން އަނެއްކާވެސް ދަބަސް ތެރެއިން ފޯނު ރިންގުވާން ފެށިއެވެ. އެއާއިއެކު އެކުއްޖާ ފިޔަވަޅުތައް މަޑު ޖައްސައި ދަބަހާއި ދިމާލަށް ބަލައިލީ ނުރުހުންތެރިކަމާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި ދިގު ދެ ފިޔަވަޅު އަޅައިލަމުން ދަބަސް ނަގައި ދަބަސް ތެރެއިން ފޯނު ނެގީ ރުޅިވެރިކަމާއި އެކީގައެވެ. މިފަހަރު ގުޅާ މީހަކަށް ރަނގަޅު ފިލާވަޅެއް ދޭން އަމާޒުކޮށްގެން ފަދައެވެ.
އެހެނަސް މިފަހަރު ފޯނު ނަގައި ސްކްރީން ފެނުމުން އަންހެން ކުއްޖާ ހިމޭންވާ ގޮތްވިއެވެ. ސްކްރީނަށް އަރާފައި އޮތް ‘ލިޓްލް ސްޓެޕް ސިސް’ ގެ ނަން ފެނިފައި އަންހެން ކުއްޖާ ފުން ނޭވައެއް ދޫކޮށްލަމުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ޕްލީޒް ޑޯންޓް ޓެލް މީ ބައްޕަ ގުޅައިގެންނޭ ތި ގުޅީ ޒުހާ. ޔޫ ނޯ އައިމް ނޮޓް ކޯލިންގް ހިމް ބެކް!” އަންހެން ކުއްޖާ ފޯނުން ވާހަކަ ދައްކަމުން ސޯފާގައި އިށީނެވެ.
“އައި ނޯ ދޮންތާ…..އެކަމަކާއެއް ނޫނޭ މި ގުޅީ!!!” އެކޮޅުން ޒުހާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިލެއް ބާރުކަމުން އަންހެން ކުއްޖާ ފޯނު ކަންފަތާއި ދުރުކުރަން ޖެހުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އަނެއްކާވެސް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ކިހިނެއްވީ އަނެއްކާ؟ މިފަހަރު ކާކު؟ އަދިވެސް އެއްކަލަ އައްމަޑޭތަ؟” އަންހެން ކުއްޖާ ސުވާލުކުރިއެވެ.
“ނޯ! އައިމް ސޯ އޯވާރ ދެޓް ގާއި….މިއީ ވަރަށް ފަހުން ދިމާވި ވަރަށް ސްވީޓް ކުއްޖެއް. މި ހުރިހާ ދުވަސްވަންދެން ވަރަށް ލޯބިން ވާހަކަ ދެއްކީ. އެކަމަކު އިއްޔެއްސުރެ އެއްވެސް މެސެޖެއް ނުކުރޭ އެ ކުއްޖާ!!!”
“އޯ ގޯޑް ޒުހާ! ޔޫ އާރ ޕްރޮބެބްލީ ޓޯކިންގް އެބައުޓް އަ ކިޑް! ތިކުއްޖާއަށް މެސެޖު ނުކުރެވިގެން އުޅެނީ ފޯނަށް ލާރި ނޭޅިގެން ނޫންކަމެއް ވެސް ނޭނގެ.”
“އައި ޑޯންޓް ނޯ ދޮންތާ! ހީވަނީ ވަރަށް ބޮޑު ކަމެއް ދިމާވީހެން. އައިމް ސޯ ވޮރީޑް އެބައުޓް ހިމް. އެކްޗުއަލީ ވޮރީޑް ހީ މައިޓް ލީވް މީ.”
“އަގް! އާރ ޔޫ ސީރިއަސް ޒުހާ؟ ޒުހާގެ މުޅި ލައިފް ގެއްލިދާނެ އޭނަ ޒުހާ ދޫކޮށް ދިޔައިއްޔާ؟ ޔޫ އާރ ކިޑިންގް މީ! ފިރިހެނަކަށް ދުވަހަކުވެސް އަމިއްލަ ދިރިއުޅުމުގެ މައްޗަށް އެހާ ބޮޑު ބާރެއް ނުދޭތި! ދޭއި އާރ އޯލް ދަ ސޭމް އައި ޓެލް ޔޫ! ތި މީހަކަށްޓަކައި ރޯނެ ކަމެއް ނެތް. ރޮއިގެން ތި ވޭސްޓް ކުރަނީ ދޮންތަ ފޮނުވި ފޭސް މާސްކުން ތި މޫނަށް ލިބުނު ފްރެޝްކަން. އެންޑް ހީ އިޒް ނޮޓް ވޯތް އިޓް!”
“ހް..ހެހެހެ…..ޔޫ މޭކް މީ ލާފް ދޮންތާ…ބަޓް އައި ރިއަލީ ލައިކް ހިމް!”
“ދޮންތަ އަބަދުވެސް ބުނަނީ ކީކޭ؟ ރިއަލީ ލައިކް ވަންޏާ އޭނަ ކައިރި ސީދާ ސީދަލަށް ބުނޭ. ހަމައެކަނި ލައިކް ވާ ވާހަކައެއް ނޫން ބުނާނީ. މުޅި ދިރިއުޅުން އެކީގަ ހޭދަކުރަން ބޭނުންވާ ވާހަކަ ބުނާނީ. ކޮންމެހެން ކުޅޭ ކުޅޭ ގޭމެއް ގޮތަށް ފިރިހެނަކާއިއެކީ އުޅެން ނަހަދާތި. ދިރިއުޅުމެއް ފަށާ ވާހަކަ ބުނާއިރަށް އެމީހުން ބިރުން ފިލާނެ.”
“އަސްލުވެސްތަ ދޮންތާ؟ ހަމަ ހުރިހާ ފިރިހެނުން ހަދަނީ އެހެންތަ؟”
“ޔެސް ޒުހާ އައިމް ޓެލިންގް ޔޫ. ރީޒަންސް ވާއި އައިމް ސިންގަލް…”
“އެކަމަކު….ދޮންތަ ސިންގަލް އީ ދޮންތަ ބިޒްނަސްގަ މާ ބިޒީކޮށް އުޅޭތީވެހެން އަހަންނަށް ހީވަނީ. ޓެލް މީ އޮނެސްޓްލީ ދޮންތާ، ތި ބޮޑު އެޕާޓްމެންޓްގަ އެހެން މީހަކާއި ނުލައި އުޅޭއިރު ދޮންތައަށް އެކަނިވެރިކަމެއް އިޙްސާސް ނުކުރެވޭތަ؟”
އެކޮޅުން ކުރެވުނު ސުވާލުން އަންހެން ކުއްޖާ ހިސާބަކަށް ހުއްޓުން އަރާ ގޮތްވިއެވެ. ލަސްލަހުން ވަށައިގެން ކަޅިއެއް ހިންގައިލީ އެ ތަނަވަސް އެޕާޓްމެންޓު ހަތަރު ފަރާތުން އޭނަ ފިތައި ބާރުކޮށްލަން އުޅޭ ފަދަ އިޙްސާސެއް ކުރެވުމުންނެވެ. އެހިނދު އަންހެން ކުއްޖާ ހިފަހައްޓައިގެން ހުރި ފޯނުގައި ވެސް ބާރަށް ހިފައިލަން ޖެހުނެވެ.
“ނުވޭ އެކަންޏެއް…ދޮންތަގެ ޙަޔާތުގަ ފިރިހެނަކަށް އިތުރުކޮށްދެވޭނެ އެއްވެސް ހެވެއް ނޯންނާނެ…” އަންހެން ކުއްޖާ އެހެން ބުނެލި ހިނދު އެ ރީތި ލޮލަށް ކަރުނަތައް ޖަމާވީ ޚުދު އެ ކުއްޖާއަށް ވެސް ނޭނގިއެވެ.
ނުނިމޭޭ
Messenger friend 😊
September 9, 2022 @ 3:59 pm
Finally. Alhamdhulillah. So glad that u have uploaded this episode. I am going to wait till you finish 🤭. So I can easily read without having to wait 😉.
Mish
September 9, 2022 @ 5:50 pm
Who is this girl
Is she leena?
Jana sisss Maasha Allah
I cant wait! For! Thw! Next part!
Mish
September 9, 2022 @ 5:50 pm
Wow thats a great Idea aslu ves
Jana
September 11, 2022 @ 12:08 pm
Subhaanallah Messenger friend. Surprised yet again to hear you will wait till the end hehe 😛 Alhe Mish ves wait kuraany tha? Will miss you both :’)
Mish ah heevany ey Leena hen dho? Balamaa vaagotheh In Sha Allah. Next part next Friday ga In Sha Allah. Jana adhives mulhin rangalhu nuvaathyve aa ehen kamegga busy vumaai ves ekyga.
Jazaakumaallah Khairan for the support you both! <3 <3 <3
Mish
September 12, 2022 @ 1:45 pm
Sis shafaakallah <3<3<3
Cant wait for next episoade
But maybe I should wait😁
Dhonthi
September 9, 2022 @ 5:27 pm
Assalaamu alaikum Jana dhahthaa😊😊
Kihineii haalu??
Mi story ge first part varah reethi..Masha Allah 😍😍
Kuri ahh huri part thah ves varah reethi vaane hen heevanee….dhen in part kiyaalaa hithun mihaaru meenee….
Aslu firihen kudhinnah ehaa faseyhain ithubaaru nukuraa attitude hunna girls ulhey stories alhugandu kiyaa hiyy vey varah….plus dhen fahun madu madun boy rangalhu v ma ithubaaru kurevey kahala….mi story ves ekahala misraabakah dhaahen heevanee….kind of hijura , vaudhu and hiyaa….so I am really excited to read upcoming parts….😊😊
Jana dhahtha ge thi masaii kathugai Allah barakaai lavvaashi..Aameen😊
Jana
September 11, 2022 @ 12:13 pm
Wa’alaikumussalaam Dhonthi. Jana adhives hama ekahala gothakah miulheny. ekamaku ihunavvure varah bodu than rangalhu Alhamdhulillah!
Hmm….Jana ah furathama faharah kanneynge firihen kudhinnah mihaa open koh ithubaaru nukuraa anhen kujjegge vaahaka mi liyeveny. hehe….Jana ves varah liyaa hithun mihiry kuriah huri baithah. Mee mihaathanah Jana ah liyevey emme thafaathu vaahaka ah vaanehen heevany In Sha Allah. Ummeedhaky Hijra aa evvarah ehen noony eauvvure ves reethi koffa faidha kuranivi gothakah liyun In Sha Allah.
Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! <3
Mish
September 9, 2022 @ 5:46 pm
Who is this girl
Is she leena?
Jana sisss Maasha Allah
I cant wait! For! Thw! Next part!
Jana
September 11, 2022 @ 12:13 pm
Leena ah veema tha reethi vaany Mish? 😀 Balamaa dho In Sha Allah. Next part Friday ga In Sha Allah! <3
Mish
September 12, 2022 @ 1:44 pm
No maybe not
Leena ah nuvanyya maybe she will realise later when Afzal gets married
What a great person she has left
Dhw😅