ޤަދަރު (ދެވަނަ ބައި)
އަނދިރިގަނޑެއްގެ ތެރެއިން ފެންނަމުން ދިޔައީ ބޮޑެތި ބިއްލޫރިގަނޑުތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުގެ އަލި ކަމެވެ. ހަމައެކަނި އެ ފަނޑު އަލިކަމުގެ ތެރެއިން ފެންނަމުން ދިޔައީ ތަނަވަސް އެޕާޓްމެންޓެއްގެ ބޮޑު ސޯފާތަކުގެ އެއްބަޔާއި، ސޯފާތަކުގެ ކުރިމަތީގައި ބެހެއްޓިފައިވާ ބޮޑު ހުދުކުލައިގެ މޭޒެވެ. އެޕާޓްމެންޓުގެ އެހެނިހެން ބައިތައް ވެސް ފެންނަމުން ދިޔައެއްކަމަކު ބޮޑު ބަޔަށް ހިޔަނި އެޅިފައިވުމުން ދެން ފެންނަމުން ދިޔަ ބައިތައް މާ ސާފެއް ނޫނެވެ.
އެ ފަނޑު އަލީގެ ތެރެއަށް ރަނގަޅު ނަޒަރެއް ހިންގައިލުމުން ސޯފާގައި އިނދެފައި މީހަކު ތެދުވުނުހެން ހީވިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި އެމީހަކު ކުރިމަތިން ފެންނަމުން ދިޔަ ބޮޑެތި ބިއްލޫރިގަނޑުތަކާއި ދިމާލަށް ލަސް ހިނގުމެއްގައި ދިޔައެވެ. އެމީހެއްގެ ހިޔަނި ރަނގަޅަށް ފެނިގެން ދިޔުމުން އެއީ ޒުވާން އަންހެން ކުއްޖެއްކަން ޔަޤީންވެގެންދެއެވެ.
އަންހެން ކުއްޖާ ފަހަތް ބެލުމެއްނެތި، ވަރެއްނެތް ހިނގުމެއްގައި ގޮސް ބިއްލޫރިގަނޑު ކައިރީގައި ހުއްޓިލިއެވެ. އަދި ކައިރީގައި ހުރި އަތްގަނޑެއްގައި އިނގިލިތައް އަޅުވައި ބިއްލޫރިގަނޑު އެއްފަރާތަށް ކަހައިލިއެވެ. އެއާއިއެކު ބޭރުން އައި ވައިރޯޅިއާއިއެކީ އަންހެން ކުއްޖާގެ އިސްތަށިގަނޑާއި ހެދުމުގެ ފަސްބައި ވިހުރިލިއެވެ.
އަންހެން ކުއްޖާ ދެންވެސް އެހެން ދިމާލަކަށް ބެލުމެއްނެތި ފިޔަވަޅެއް އަޅައިލީ ކުރިއަށެވެ. އެއާއިއެކު އަންހެން ކުއްޖާއަށް ނިކުމެވުނީ ރެއިލިންގްއެއް ނެތް ބެލްކަންޏަކަށެވެ. ދުރުދުރުން ފެންނަމުން ދިޔަ ދިގު ޢިމާރާތްތަކުގެ ކޮޅުގެ އިތުރުން އުޑުގައިވި ކޮޅިތައް ވެސް ފެންނަމުން ދިޔަ ގޮތުން އަންހެން ކުއްޖާއަށް ހުރެވުނީ ކިހާ މަތީ ހިސާބެއްގައިކަން އެނގެއެވެ. އަންހެން ކުއްޖާގެ ފިޔަވަޅުތައް ބެލްކަނީގެ ކޮޅާއި ހަމައަށްދާ މަންޒަރު ފެންނަ މީހެއްގެ މޭގަނޑު އަތަށް އަންނަހާވަރު ވާނެކަން ގައިމެވެ. އޭގެ ސިކުންތުކޮޅެއްގެ ތެރޭގައި އަންހެން ކުއްޖާ ބަންޑުން ވެއްޓިގަތް މަންޒަރު ފެނުނެވެ.
އެ މަންޒަރު ނުހަނު ގާތުން ފެނިގެން ދިޔަ އަފްޒަލްއަށް ހޭލެވުނުއިރު އޮތީ ދާހިއްލާފައެވެ. އޮވެވުނީ ނޭވާ ހިފަހައްޓައިގެންކަން ވެސް އެނގުންވީ ލޯ ހުޅުވުނުތާ އިރުކޮޅެއް ފަހުންނެވެ. އެއާއިއެކު ފުން ނޭވާތަކެއް ލަމުން ތެދުވެލެވުނެވެ. އަދި އަރިމަތީ މޭޒުމަތީގައި ހުރި ފެންތަށިން ފެން ކޯވަރެއް ދަމައިލެވުނީ ކަރު ހިއްކާފައިވި މިންވަރު އެނގުންވުމުންނެވެ.
ހުސް ފެންތަށި އަރިމަތީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ވެސް އަފްޒަލަށް އިންގޮތަށް އިނދެވުނެވެ. ދެންމެ އެ ފެނުނު ހުވަފެން އޭނައަށް ފެންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެއް ހުވަފެނެއް އެއްގޮތަކަށް ފެންނާތީ އޭގެ މާނަ މީހަކު ލައްވާ ބަލުވާނީ ވެސް ހިތަށް އަރަން ފަށާފައިވެއެވެ. އެހެނަސް އަފްޒަލް އެކަހަލަ މަގަކުން ގޮސް ފާލު ބަލާކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި އަފްޒަލް ﷲ އަށް ދުޢާ ދަންނަވައެވެ. އޭނައަށް ހުވަފެންތަކުން ފެންނަ މަންޒަރުތަކުގެ މާނަ އެނގޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދިއެވެ. އަދި ހުވަފެނުގައި އޭނައަށް ފެންނަނީ ހަމަ ޙަޤީޤީ އަންހެން ކުއްޖެއް ކަމަށްވާނަމަ އެ ކުއްޖާ އެ ޙާލަތުން ރައްކާތެރި ކޮށްދެއްވުމަށް އެދިއެވެ.
އެ ދުޢާތައް ކުރުމުން ކޮންމެ ފަހަރަކު ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު ކޮންމެ ފަހަރަކުހެން އަފްޒަލަށް އެ އަންހެން ކުއްޖާއާއިމެދު ވިސްނަން އިނދެވެއެވެ. އެއީ ކޮން ކުއްޖެއްބާވައޭ ހިތަށްއަރައެވެ. އެ ކުއްޖާ އެހެރީ ކޮންތާކުތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވެއެވެ. އަދި އަމުދުން އެކުއްޖާ އެފަދަ ފިޔަވަޅެއް އަޅަން ޖައްސާނީ ކޮން ކަމަކާއިމެދުތޯ ވެސް ފިކުރު ކުރެވެއެވެ. އެ ކުއްޖާ ލައިގެން ހުރި ހެދުމެއްގެ ސަބަބުން އެއީ ދީނާއި ދުރު ކުއްޖެއްހެން ހީވެއެވެ. އަމިއްލައަށް މަރުވުމަށް އެފަދަ ނިންމުމެއް ނިންމާނީ ދީނާއި ދުރުވުމުންތޯ އަފްޒަލްގެ ހިތަށްއަރައެވެ.
އެރޭ ވެސް އިރުކޮޅެއް ވަންދެން ވިސްނަން އިނުމަށްފަހު އަފްޒަލް ނިދަން އުޅުނެވެ. އެހެނަސް އެވަގުތު ފަތިސް ނަމާދު ވަގުތު ގާތްވަމުން ދިޔައީތީ އެނދުން ތެދުވެލީ ދަމުނަމާދު ކުރަން ވެސް ޤަސްދުކުރަމުންނެވެ.
**
ދުބާއީއަށް އިރުއަރަމުން ދިޔަ ވަގުތު އިރުގެ ދޯދިތައް ފުޅާ ކުޑަދޮރުތަކުގެ ދޭތެރެއިން ފުރޭނިގެން ތަނަވަސް ކޮޓަރިއަކަށް ވަންނަމުން ދިޔައެވެ. އެ ތަނަވަސް ކޮޓަރީގެ ކިންގް ސައިޒް އެނދުގައި މުއްސަނދި ވެރިޔާ އެވަގުތު އޮންނާނީ ނިދަންކަމަށް މީހަކަށް ހީކުރެވިދާނެއެވެ. އެހެނަސް އެވަގުތު އެ އެނދުން މީހަކު ފެންނާކަށް ނެތެވެ. ރަޖާގެ ކަންގަނޑު އެއްފަރާތުން ލެނބިފައިވި ގޮތުން މީހަކު ނިދަން އޮވެފައި ތެދުވެފައިވާކަން އެނގެއެވެ.
ފުރަތަމަ ނަޒަރުން ބަލާބެލުމަށް އެ ކޮޓަރީގައި އެއްވެސް މީހަކު ނެތްހެން ނަޒަރު ހިންގާ މީހަކަށް ހީވެދާނެއެވެ. އެހެނަސް ގާތް ނަޒަރެއް ދިޔުމުން އެ އުސް އެނދަށް ލެނގިލައިގެން ބިންމަތީގައި އަންހެން ކުއްޖެއް އިންކަން އެނގެއެވެ. އެ އަންހެން ކުއްޖާގެ ގާތަށް ދިޔުމުން އެ ކުއްޖާ އިނީ ހުދުކުލައިގެ ބޮޑު ފޮށާ ދޮޅިއެއް ބޮލުގައި އަޅައިގެން ބިންމަތީގައި އޮތް މުސައްލަ މަތީގައިކަން އެނގެއެވެ.
އެހެން އިންއިރު އިރުގެ ދޯދިތައް އައިސް އެ އަންހެން ކުއްޖާގެ ރީތި މޫނަށް ބޮސްދެމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ ރީތި އުސް ޢިމާރާތްތަކުގެ މަންޒަރުތަކުން އެ ކުއްޖާއަށް ހިތްހަމަޖެހުމެއް ލިބޭހެން ހިއެއް ނުވެއެވެ. އެހެނީ އެވަގުތު އެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތާމަވެރިކަމެވެ. އެ ގަދަ ފެހި ކުލައިގެ ރީތި ލޮލުގެ އެސްފިޔަތައް ތެމިފައިވީއިރު ބުމަ ކައިރި ކުރެވިފައިވިއެވެ.
“އައި މިސް ޔޫ، މަންމާ…” އަންހެން ކުއްޖާ އެ އިންގޮތަށް އިނދެ ބުނެލިއެވެ. އެއަށްފަހު އަތުގައި އޮތް ރަތްކުލައިގެ ޚަތިމަށް ދެރަ ނަޒަރެއް ދިނީ، އެ ޚަތިމުގެ ސަބަބުން މަންމަ މަތިން ހަނދާންވެގެން އުޅޭ ފަދައަކުންނެވެ. އަންހެން ކުއްޖާ އެ ބަސްތައް ބުނިތާ މާ ގިނައިރެއްނުވެ އޭނަގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައެވެ.
އެ ކުއްޖާ އިންގޮތަށް އިންދާ ފޯނު ރިންގުވާން ފެށި އަޑަށް އޭނަ އަވަސްއަވަހަށް ކަރުނަ ފޮހެލަމުން ސީދާވެލިއެވެ. އެއަށްފަހު ޚަތިމް ހިފައިގެން ގޮސް އަރިމަތީ މޭޒުގެ ވަތްގަނޑަށް ލުމަށްފަހު ފޯނުގެ ސްކްރީނަށް ނަޒަރެއް ދިނެވެ. ސްކްރީނުން ‘ޕާރސަނަލް އެސިސްޓެންޓް’ މި ބަސްތައް ފެނިފައި އެކުއްޖާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް….ކިހިނެއްވީ؟” އަންހެން ކުއްޖާ ސަލާމް ގޮވައި އެ ސުވާލުކޮށްލީ ޢަރަބި ބަހުންނެވެ.
“ވަޢަލައިކުމުއްސަލާމް ފަލަކް މޭމް…އެއްކަލަ ފްރެންޗް ކޮމްޕެނީގެ މީހުން މޭމްއާއިއެކީ ބާއްވަން ބޭނުންވި ބައްދަލުވުން މިކޮޅު ޓައިމްގެ 7 އަށް ބަދަލުކުރަން އެމީހުން ބޭނުމޯ. ތަންކޮޅެއް ލަސް ގަޑިއަކަށް ބަދަލުކުރަން ބުނަންވީތޯ؟” އެކޮޅުން ފަލަކްގެ އަންހެން ޕާރސަނަލް އެސިސްޓެންޓް ވެސް ވާހަކަ ދެއްކީ ޢަރަބި ބަހުންނެވެ.
“ނޫން ބަދަލު ކުރާނެ ކަމެއްނެތް. މޭމް ތައްޔާރުވެގެން ކޮންފަރެންސް ރޫމަށް އެބަ ގޮސްލަން. މަހްރީން ވެސް އާދޭ ބައްދަލުވުމުގަ ބައިވެރިވެލަން.” ފަލަކް ކޮޅަށް ތެދުވެ ފޮށާ ނަގަމުން ބުނެލިއެވެ. މަހްރީން އެކޮޅުން ‘އާދެ’އޭ ބުނެލި އަޑަށް ފަލަކް ފޯނު ކަނޑައިލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އެއަށްފަހު ބައްދަލުވުމަށް ދިޔުމަށް ތައްޔާރުވާން އަވަސްވިއެވެ.
7 ޖަހަން 15 ވަނަރަކަށް މިނެޓް ބާކީ ހުރިއިރު ފަލަކް އޭނަގެ އެޕާޓްމެންޓުގެ ތެރޭގައިވާ ކޮންފަރެންސް ރޫމަށް ދިޔައީ، ރަތްކުލައިގެ އަތްދިގު އަންހެން ގަމީހަކާއިއެކީ ހުދުކުލައިގެ ގަޔަށް ހިފިފައިވާ ދިގު ތިރިއެއް ލައިގެންނެވެ. އެވަގުތު އިސްތަށިގަނޑުވެސް އެ ހެދުމާއި ނުހަނު ގުޅޭނެ ފަދައިން އައްސާލެވިފައިވީއިރު އެއްފަރާތުން އިސްތަށިކޮޅެއް އެލުވިފައިވިއެވެ. ރީތިވާން ދަތުމުގެ ލާމަސީލު މިސާލެއް ފަދައިންނެވެ.
ވާނީވެސް އެހެންތާއެވެ. ފަލަކަކީ މުޅި ދުބާއީގެ ވެސް އަންހެނުންނަށް ޚާއްޞަ މުދާތައް ވިއްކާ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ ‘ފެމިނިން ޑިޒައިންސް’ ގެ ވެރި ފަރާތެވެ. މީގެ 8 ވަރަކަށް އަހަރު ކުރިން ފަލަކް އެ ވިޔަފާރި ފަށަން ނިންމީ އޭނައަކީ އަބަދުވެސް އަންހެނުންގެ ހެދުންތައް ކުރަހަން ޝައުޤުވެރިކަން ހުންނަ މީހަކަށްވާތީވެއެވެ. މިގޮތުން ކުންފުނި ފެށިގެން ދިޔައީ ފަލަކް ކުރަހަމުން ދިޔަ ޑިޒައިންތަކަށް ފައްސަމުން ދިޔަ ހެދުންތަކުންނެވެ. ދުބާއީގައި އެ ހެދުންތަކަށް ލިބިގެން ދިޔަ މަޤުބޫލު ކަމާއިއެކީ ފަލަކްގެ ކުންފުނި ކުރި އަރައިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނުގައެވެ. އެހެންކަމުން މިއަދާއި ހަމައަށް އައިއިރު ފެމިނިން ޑިޒައިންސްއިން ވިއްކަނީ ހަމައެކަނި ހެދުމެއް ނޫނެވެ. މީގެ އިތުރުން އަންހެނުންގެ އަތް ދަބަސްތަކާއި، ގަހަނާގެ އިތުރުން ރީތިވާން ބޭނުންކުރާ ސާމާންތައް ވެސް ވިއްކައެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ފަލަކްގެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ސަބަބުން އެ ބްރޭންޑްތަކުގެ ބައެއް މުދާތައް ވެސް ފަލަކްގެ ކުންފުނީގެ ނަމުގެ ދަށުން ވިއްކަން އެއްބަސްވެއެވެ. މިއަދު ފަލަކް އިށީނދެ އެ އިނީ ފްރާންސްގެ އެފަދަ ކުންފުންޏެއްގެ ބަޔަކާއި އެއްބަސްވުމެއް އެކުލަވައިލުމަށެވެ.
7 ޖަހަން 5 މިނެޓަށްވީ ވަގުތު މަހްރީންއާއިއެކީ ފަލަކްގެ ކުންފުނީގެ އެހެން ޝެއާރހޯލްޑަރެއް ވެސް ކޮންފަރެންސް ރޫމަށް އައިސް އެތާ މެދުގައި ހުރި ދިގު މޭޒުގެ ގޮނޑިތަކުގައި އިށީނެވެ. ފަލަކް އެ މޭޒުގެ އެންމެ ކޮޅުގައި އިންއިރު މަހްރީންއާއި، ދެންހުރި ރަޝިޔާގެ އަންހެން ޝެއާރހޯލްޑަރު އިށީނދެ ތިބީ ފަލަކްގެ ކައިރިން ދެ ފަރާތަށް ވާ ގޮތަށެވެ. 7 ޖެހުމާއިއެކު މަހްރީން އެތާ އޮތް ރިމޯޓެއްގެ ބަޓަނަކަށް ފިތައިލިއެވެ. އެއާއިއެކު ކުރިމަތިން ފެންނަމުން ދިޔަ ފާރުން ބޮޑު ހުދުކުލައިގެ ސްކްރީނެއް ތިރިވާން ފެށިއެވެ. ސްކްރީން ތިރިވެ ނިމުނުއިރު މުޅި ފާރު އެއްކޮށްހެން ފޮރުވިފައިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކޮންފަރެންސް މޭޒުމަތީގައި ހުރި ލެޕްޓޮޕުން، ފަލަކް ބައްދަލުކުރާ ކުންފުނީގެ ބޮޑެތި މީހުން ފެނިގެން ދިޔަހެން އެ ބޮޑު ސްކްރީނުން ވެސް އެ މީހުން ފެނިގެން ދިޔައެވެ.
“ހައި މިސް ފަލަކް މަޖީދު….އަޅުގަނޑުމެންގެ އަޑު އެބަ އިވޭތޯ؟” އެކޮޅުން ފެނުނީ ކޯޓު ފަޓުލޫނުގައި ތިބި ފްރާންސްގެ ތިން ފިރިހެނުންނެވެ.
“އާދެ އެބައިވޭ…ހިނގާ ފަށަމާ ދެއްތޯ؟” ފަލަކް އިނގިރޭސިން ވާހަކަ ދައްކައިލީ ޢަރަބިން ވާހަކަ ދެއްކިހާ ފަރިތަކޮށެވެ. އެވަގުތު ކޮޅުގައި އެއީ ހުޅަނގުގެ ކުއްޖެއްހެން ހީވެދާނެއެވެ.
“އާދެ….މިސް ފަލަކް ފެނުނީމަ ވަރަށް އުފާވެއްޖެ. ހަމަ އެމީހުން ބުނާހާ ވަރަށް މިސް ފަލަކް ރީތި….ހެހެހެ…” ސްކްރީނުގެ މެދަށްވާ ގޮތަށް ހުރި ފިރިހެން މީހާ އެހެން ބުނެލުމާއިއެކު ދެން ތިބި ދެ ފިރިހެނުން ވެސް ހީލިއެވެ. އެއީ ސަމާސާއަކަށް ދެއްކުނު ކުޑަ ވާހަކައެއް ކަމުގައި ފަލަކްގެ ކައިރީގައި ތިބި ދެ އަންހެނުން ވެސް ލުއި ގޮތަކަށް ހީލިއެވެ. އެހެނަސް އެ ބަސްތައް އަމާޒުވި ފަލަކަށް އެއީ ސަމާސާއަކަށްވިހެން ހިއެއް ނުވެއެވެ. އެ މޫނުމަތިން ފެނިގެން ދިޔަ ނުރުހުންތެރިކަމާއިއެކީ ވަގުތުން ވާހަކަ ދެއްކިއެވެ.
“ހިއެއްނުވޭ މި ބައްދަލުވުން މި ބޭއްވީ ރީތީގެ މުބާރާތެއް ބާއްވަންހެނެއް. ބައްދަލުވުމުގެ މަޤްޞަދު ހަނދާން ނައްތާނުލަމާ…” ފަލަކް ދެއަތް އުރައިލަމުން ނުހަނު ސީރިއަސްކަމާއިއެކީ ބުނެލިއެވެ. އެއާއިއެކު ސްކްރީނުން ފެންނަމުން ދިޔަ ތިން ފިރިހެނުން ވެސް ހިމޭންވާ ގޮތްވިއެވެ. އެމީހުންނަށް ވާނީ ވެސް އެހެންކަން ފަލަކް ދެނަހުއްޓެވެ. މިއަދުގެ އެއްބަސްވުމުން އެމީހުންނަށް ފައިދާއެއް ލިބެން އޮތީ އޭނަ އާނބަސް ބުނުމުން ކަމަށްވުމުންނެވެ.
އެހެންކަމުން ދެން އެ ބައްދަލުވުން ކުރިއަށް ދިޔައީ ފަލަކް ބޭނުންވާ ބީދައަކުންނެވެ. އެމީހުން އެ ފެށި ފަދަ ‘ބޭކާރު’ ވާހަކައެއް ނުދެކެވި ބައްދަލުވުން ކުރިއަށް ދިޔައީ ހަމައެކަނި މަސައްކަތުގެ ވާހަކައާއި އެކީގައެވެ.
ފަލަކް ދުނިޔޭގައި ވާހާ ފިރިހެނުންނަށްވަނީ އެއްކަހަލަ ނަފްރަތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ހުރިހާ ފިރިހެނުންގެ ތެރެއިން އޭނަ އެންމެ ނަފްރަތުކުރާ އެއް ފިރިހެނަކީ އޭނަގެ ބައްޕައެވެ. އާނއެކެވެ. އޭނަގެ މަންމައަށް ބޭވަފާތެރިވި ބައްޕައެވެ. އެ މަންމަ ނިކަމެތިކަމުގެ ތެރެއަށް ދޫކޮށްލި ބައްޕައެވެ. އެ މަންމަ އޭނައަށް މުޅިން ގެއްލުމުގެ ފަހަތުގައިވި ބައްޕައެވެ.
މަންމަ ނިޔާވި ފަހުން ބައްޕަ ވަނީ އެހެން މީހަކާއި ކައިވެނިކޮށް ޢާއިލާއެއް ފަށާފައެވެ. އެ ފަހުން ވެސް ބައްޕަ އޭނަ ދޫކޮށްނުލީތީ ފަލަކް އޭނަގެ ބައްޕަދެކެ އައީ އިތުރު ރުޅިއެކެވެ. އޭނަގެ މަންމައަށް އެހެން ހަދާފައި ބައްޕަ ކޮންމެހެން އޭނަ ގެންގުޅެންވީ ކީއްވެތޯ ހިތަށްއަރައެވެ. އެ ޝަކުވާ އެގޮތުގައި ބައްޕަގާތު ކުރަންވެސް ކުރެއެވެ. އޭނަ ބައްޕައަށް ނަފްރަތު ކުރާކަން ބައްޕައަށް ވެސް ނުހަނު ރަނގަޅަށް އެނގޭތީ ފަހުން ފަހުން އައިސް ބައްޕަ ވެސް އުޅެން ފެށީ އޭނައާއި ދުރުންނެވެ. އަދި އަމުދުން ފަލަކް އޭނަގެ އަމިއްލަ ވިޔަފާރި ފަށައިގެން އުޅެން ފެށީ ބައްޕައާއި މުޅިން ވަކިންނެވެ. އެގޮތަށް ވަކިން އުޅެން ފެށި ދުވަހަކީ ފަލަކްގެ މުޅި ޙަޔާތަށް ވެސް އައި އެންމެ އުފާވެރި ދުވަސްކަމަށް އޭނައަށް ނިންމުނެވެ.
އެހެނަސް ފަލަކަށް ނުވިސްނުނު ތަންކޮޅަކީ ބައްޕައަށްޓަކައި ހިތުގައިވާ އެ ނަފްރަތެއްގެ ސަބަބުން އެ މުޅި ހިތް ހަލާކުވެފައިވާ ކަމެވެ. އޭނައަށް އެންމެ ގާތުން ފެނުނު އެންމެ އިތުބާރު ކުރި ފިރިހެން މީހާ ކަންތައް ކުރި ގޮތް ފެނިފައި ހުރިހާ ފިރިހެނުން މަތިން ފޫހިވެފައިވިކަމެވެ. އޭގެ ސަބަބުން އެއްވެސް ފިރިހެނެއްގެ ކިބައިގައި ރަނގަޅުކަމެއް ހުރިކަން ޤަބޫލުކުރަން ދަތިވެފައިވިކަމެވެ. ނުބައި ފިރިހެނަކު ފެންނައިރަށް އޭނަގެ ޚިޔާލުތައް ކިހާ ރަނގަޅުތޯ ހިތާހިތުން ކިޔެއެވެ. ފިރިހެނެއްގެ ރަނގަޅު ސިފަތަކެއްގެ ވާހަކަ އިވިއްޖެނަމަ ހަމަ ޔަޤީނުން ވެސް އޭނަގެ ކިބައިގައި އެތައް ގޯސް ސިފަތަކެއް ވާނެކަން ހިތުގެ އަޑިން ޤަބޫލު ކުރެވެއެވެ. މިހާތަނަށް އައިއިރު ފަލަކް ދުވަހަކުވެސް ލޯބީގެ ގޮތުން ފިރިހެނަކާއި ގުޅިފައިނުވާ ސަބަބުތަކަކީ މިއީއެވެ. އެހެނަސް އެކަމާއި ސުވާލު ކުރެވިއްޖެނަމަ ފަލަކްގެ ޖަވާބަކަށްވާނީ ރަނގަޅު ފިރިހެނަކު ހަމަ ނެތީ ކަމަށެވެ.
އެހެންކަމުން ފަލަކްގެ ޙަޔާތުގެ މަޤްޞަދަކީ ވެސް އަންހެނުން ބާރުވެރި ކުރުވުމެވެ. ފިރިހެނުންގެ އަތްދަށަށް ކިތަންމެ ކުޑަ މިންވަރަކުން ވެސް އަންހެނަކު ނުގެންދިޔުމެވެ. އޭނަގެ ކުންފުނީގެ 90 އިންސައްތައަކީ އަންހެން މުވައްޒަފުންނަށް ވުމުގެ ފަހަތުގައިވާ ސަބަބަކީ މިއީއެވެ. މަންމަގެ ހަނދާނުގައި ފޮށާ އަޅައިގެން ނަމާދު ކުރިއެއްކަމަކު ބުރުގާ ވެސް ނާޅާ ސަބަބަކީ އެއީއެވެ. ކުޑައިރު އިވިފައިވާ ގޮތުން އަންހެނުން ބުރުގާ އަޅަނީ ފިރިމީހާ ބުނާތީވެ ކަމަށް އިވިފައިވާތީވެއެވެ.
ފަލަކްގެ މުޅި ކުންފުނިން ވިއްކާ ހެދުންތަކަކީ ވެސް ބުރުގާއާއި ނުލައި ލެވޭނެ ހެދުންތަކެވެ. ދުބާއީއަކީ އަބާޔާއަށް ނުހަނު ޑިމާންޑް އޮތް ރަށަކަށް ވިޔަސް، ޝެއާރހޯލްޑަރުންގެ އެތައް ނަސޭޙަތަކަށްފަހު ވެސް އެއްވެސް ކަހަލަ ދިގު ހެދުމެއް ވިއްކަން ފަލަކް އެއްބަހެއް ނުވިއެވެ. އެ ހުރިހާ ކަމަކީ އޭނަގެ ހިތަށް ލިބިފައިވާ ޒަޚަމްތަކުގެ ބޭނުން ހިފައިގެން ޝައިޠާނާ އޭނައަށް ޒީނަތްތެރިކޮށްދޭ ޢަމަލުތަކެއްކަން ފަލަކަށް ނުވިސްނެއެވެ.
ގަޑިއިރެއްހާއިރު ތެރޭގައި ނިމުނު މީޓިންގްއަށްފަހު ފަލަކް ދިޔައީ ހެނދުނުގެ ސަޔަށްޓަކައި ކާ ކޮޓަރިއަށެވެ. ކާ ކޮޓަރީގެ މޭޒުދޮށުގައި އިށީންނަން އުޅުނު ވަގުތު އެތަނުގެ ދޮރަކުން ވަދެގެން އައީ ސާފު ހުދުކުލައިގެ، ބުޅަލެކެވެ. ބުޅާ ފެނުމާއިއެކު ފަލަކްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“އަނހާ މަގޭ ސްނޯ ލޯބިކޮޅު ހެނދުނު ކައިފިންތަ؟” ބުޅާ އޭނަ ކައިރިއަށް އައުމާއިއެކު އުރައިލަމުން ފަލަކް ވާހަކަ ދެއްކީ އަމިއްލަ ދަރިއެއްހެން ހީވާ ފަދައަކުންނެވެ.
“އަދި ސްނޯ އޮތީ ނުކައި ފަލަކް މޭމް. މި ދަނީ ކާން އަޅަން…” ކާ މޭޒުމައްޗަށް ތަށިތައް ގެނެސްދިން ހިތްހެޔޮ އިންޑިއާ އަންހެން މީހަކު އިނގިރޭސި ބަހުން ބުންޏެވެ. ފަލަކް އެ ވާހަކައަށް ހިނިތުންވުމަކާއިއެކީ ބޯޖަހައިލަމުން އޭނަގެ ބުޅަލަށް ބޮސްދީ ފިރުމިއެވެ. ހަމަ އެވަގުތު އެތަނުން ނިކުންނަމުން ދިޔަ މަހްރީން ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުޖައްސައި ފަލަކްއާއި ދިމާލަށް އެނބުރިލިއެވެ.
“ފަލަކް މޭމް….” މަހްރީން އެހެން ބުނެލީ އޭނަގެ އަތުގައި އޮތް ފަލަކްގެ އޮފީސް މޮބައިލް ފޯނުގެ ސްކްރީން ދައްކައިލަމުންނެވެ. ދެބުމަ ކައިރިވެގެން ދިޔަ ފަލަކް އާދައިގެ ގޮތަކަށް ހިނގާފައި ގޮސް އެ ފޯނުން ހުޅުވިފައިވާ މެސެޖަށް ބަލައިލިއެވެ. އެއީ އޭނަގެ ނަމުގައި ނެގިފައިވާ ޓިކެޓެއްގެ މަޢުލޫމާތެވެ. އެއީ މާދަން ނޫން އަނެއް ދުވަހުގެ ރޭ މާލެއަށް ދިޔުމަށް ނެގިފައިވާ ޓިކެޓެކެވެ. ނުދަންނަ ނަންބަރަކުން އައިސްފައިވާ އެ މެސެޖަކީ ކާކުގެ މެސެޖެއްކަން އެނގުންވުމާއިއެކު ފަލަކްގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ.
**
އެދުވަހުގެ ހަވީރު ވަގުތު އަފްޒަލް އޭނަގެ ގޭގެ ސިޓިންގް ރޫމުގައި އިނީ އޭނައަށް ބޮޑުބޭބެ ކިޔާ 4 އަހަރުގެ ނާއިލްއާއި އެކީގައެވެ. ސޯފާގެ ކައިރިން ބިންމަތީގައި އިންދެ އަފްޒަލް މަސައްކަތް ކުރަމުން ދިޔައީ ނާއިލް ކުޅޭ ރިމޯޓު ކާރު ރަނގަޅު ކުރެވޭތޯއެވެ.
“ތިއްދޮންބެ ތީތި ރަނގަޅުވާނެތަ ދެން؟” ނާއިލް އޭނަގެ ޅަ އަޑުން ސުވާލުކުރިއެވެ.
“އިން ޝާ ﷲ ރަނގަޅުވާނެ. ނާއިލް ދުޢާ ކުރީމެއްނު؟ ދުޢާކޮށްފަ މަސައްކަތް ކުރީމަ ހުރިހާ ޕްރޮބްލަމް ސޯލްވްވާނެ އިން ޝާ ﷲ!” އަފްޒަލް ނުފިލާ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ހުމް! ހާޖަރުގެފާނުގެ ސްޓޯރީއިން ވާގޮތަށްދޯ ދޮންބެ؟ ކުރީ ދުވަހު އިސްލާމް މިސް ކިޔައިދެއްވި. ހާޖަރުގެފާނު ވޯޓާރ ހޯދަން ވަރަށް ރިޕީޓްކޮށް ދުވުނީ. ދެން ހަމަ ފަހުން ފެން ފެނުނީ…”
“އާނދޯ؟ ލޯބި ސްޓޯރީއެއްދޯ އެއީ؟ ﷲ އަށް ޓްރަސްޓްކޮށްފަ މަސައްކަތް ކުރީމަ އަބަދުވެސް ކާމިޔާބުވާނެ އިން ޝާ ﷲ.”
“ހުމް….އެހެންވީމަ އެ ސްޓޯރީއިން އެނގެނީ ގާލްސް ވަރަށް މޮޅުކަންދޯ ދޮންބޭ. ސްޓޯރީ އަޑުއަހާފަ ނާއިލްގެ ފްރެންޑެއް ބުނީ ގާލްސް މޮޅުވީމަޔޯ އެހެން އެ ވަނީ. ބޮޑަށް އެހެން ބުނީ އިއްޔެ ފަހުން ކުޅުނު ގޭމްއިން ވެސް ގާލްސް މޮޅުވީމަ. އެއީ ތެދެއްތަ ދޮންބޭ، އެންމެ މޮޅީ ގާލްސްތަ ނޫނީ ބޯއިސްތަ؟”
“ކޮއިފުޅާ! ގާލްއެއް ވިޔަސް ބޯއިއެއް ވިޔަސް ދެ ދުނިޔެއިން ވެސް މޮޅުވުން އޮތީ ހަމައެކަނި ﷲ އަށް ބޯލަނބައިގެން. ﷲ ގާލްސްއާއި ބޯއިސް ހެއްދެވީ ވަރަށް ތަފާތުކޮށް. ގާލްސް ބައެއް ކަންތަކަށް ވަރަށް މޮޅު އަދި ބޯއިސް އަނެއްބައި ކަންތަކަށް ވަރަށް މޮޅު. އެހެންވީމަ ގާލްސް ވެސް ބޯއިސްވެސް އެއްކުއްޖަކު އަނެއްކުއްޖަކަށް ހެލްޕްވެގެން އުޅުނީމަ ހުރިހާ ކުދިން އެކީ މޮޅުވާނެ!”
“އާނދޯ ދޮންބޭ؟ ބުނާނަން ތި ވާހަކަ ފްރެންޑުން ކައިރި…”
ނާއިލް އެހެން ބުނުމާއިއެކު އަފްޒަލަށް ހެވުނެވެ. ހަމަ އެވަގުތު ސޯފާމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން އަފްޒަލް އެދިމާލަށް ނަޒަރެއްދީ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން އޭނަގެ އެކުވެރި ވިދާދުގެ ނަން ފެނިފައި އަފްޒަލް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ޔެސް ބަޑީ ކީކޭ؟” ފޯނު ކަންފަތާއި ކޮނޑާއި ދެމެދުގައި ޖައްސައިގެން ވެސް ކާރު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަފްޒަލް ބުންޏެވެ.
“އޭ ކުޑަ ކަމެއް ކޮށްދޭން ވެއްޖޭ ޒައްލޭ…މާދަން ނޫން އަނެއްދުވަހުގެ ރޭ އަހަރެންގެ ޓެކްސީއިން މީހަކު ނަގަން އެއާރޕޯޓަށް ދެވިދާނެތަ؟” ވިދާދު އެކޮޅުން ބުނެލި ވާހަކައާއިއެކީ އަފްޒަލްގެ ޙަރަކާތްތައް މަޑުވިއެވެ. އިސާހިތަކު ލަސްލަހުން ފޯނުގައި ހިފަހައްޓައި ސީދާވެލެވުނެވެ.
“އެއާރ….ޕޯޓަށްތަ ހަމަ؟ އެހެން ދަތުރެއް ނެތްތަ؟” އަފްޒަލަށް ބުނެލެވުނެވެ. މީގެ 6 ވަރަކަށް އަހަރުކުރިން އޭނަ އެއާރޕޯޓަށް ގޮސް ފެނުނު މަންޒަރުގެ ސަބަބުން އަފްޒަލް ހުންނަނީ އެއާރޕޯޓަށް ދާހިތްނުވެފައެވެ.
“އެނގޭ ޒައްލެ އެއާރޕޯޓަށް ނުދާކަން. އަދިވެސް އެއާރޕޯޓުގެ އެ ހަނދާންތައް އާވާތީ. އެކަމަކު ތި ލީނާއެއްގެ މަތިން ދެން ހަނދާން ނައްތާލާހާ ދުވަސްވެސް ވެއްޖެ ކަންނޭނގެދޯ؟ އެނީވޭސް، އަސްލު މި އެހީ އެރޭ އަހަރެން އެވަގުތު ވަރަށް މުހިއްމު ބައްދަލުވުމެއް އޮންނާތީ. ވަރަށް ރެގިއުލާކޮށް އަހަންނަށް ގުޅާ މީހެއް އެދުނީ އެ ދަތުރުކޮށްދޭން. އެމީހާއަށް ނޫނެކޭ ބުނަން ބޭނުމެއްނޫން. ހެލްޕްވެވެންޏާ ބުނެދެއްޗޭ. އެހެންނޫނީ އެހެންގޮ…”
“މައްސަލައެއްނެތް….ގޮސްދޭނަން.” އަފްޒަލަށް އެހެން ބުނެލެވުނީ ކޮންތަނަކުން ލިބުނު ހިތްވަރަކުން ކަމެއްވެސް ނޭނގެއެވެ.
ނުނިމޭ
ASH ✨
September 16, 2022 @ 11:40 pm
Idk why.. But srslyy Jana sis… U’re stories just come up when I needed it the most. The advices tht I need most for the time and this stories are so relatable. Thank you for writing these wonderful stories. Thank you for inspiring us and I must say tht these are so motivating. Thank you for showing that you can write islamic based stories in such a way that readers love. May Allah bless you and grant you success in this life and here after. Plx continue writing cox for me these stories are an eye-opener. I’ve learned so much through these stories. Love you Jana sis.💖💫
Dhonthi
September 17, 2022 @ 9:40 am
Assalaamu alaikum Jana dhahthaa 😊
Kihineii haalu??
Mi part varah varah reethi….Masha Allah 😍😍
E ulhenee falak and Afzal meet vaan dhw…. alhugandu mihaaru mi inthizaaru Kuranee e dhemeehun bahdhalu vefa dhen vaane gotheii balailan….
Hmm….Afzal aee bodah dheenah loabi kuraa kujjeii dhw and falak dheenaa dhuru…. alhugandu varah kiyaalaa hiyy vey dhen Falak dheenah loabi kuraa kuhjja kah ve eynage kunfunin vikkaa hedhun thah Buruga aa eku levey kahala hedhun thah vikkaa thanakah badhalu kollaa part thah….plus burugaa aa behey gothun falak ahh engifa oii goas engun badhalu vaane dhuvahakah…..
Aslu Jana dhahtha ge stories varah unique ingey….kithanme boring topic ehh viyas Jana dhahtha stories thakuga e topic genes dheefa hunna gothun kiyaa hithun kiyaalevey….
Waiting for next part….
Jana dhahtha ge thi masaii kathugai Allah barakaai lavvaashi.. Aameen 😊
Some1
September 18, 2022 @ 2:52 pm
Masha Allah 😍😍😍😍
Vrh rythi vaahaka eii….
Waiting 4 nxt ep
😊😊
September 23, 2022 @ 4:35 am
Salaam
Next part Kon irakun????