ޤަދަރު (ތިންވަނަ ބައި)
“އެނގޭ ޒައްލެ އެއާރޕޯޓަށް ނުދާކަން. އަދިވެސް އެއާރޕޯޓުގެ އެ ހަނދާންތައް އާވާތީ. އެކަމަކު ތި ލީނާއެއްގެ މަތިން ދެން ހަނދާން ނައްތާލާހާ ދުވަސްވެސް ވެއްޖެ ކަންނޭނގެދޯ؟ އެނީވޭސް، އަސްލު މި އެހީ އެރޭ އަހަރެން އެވަގުތު ވަރަށް މުހިއްމު ބައްދަލުވުމެއް އޮންނާތީ. ވަރަށް ރެގިއުލާކޮށް އަހަންނަށް ގުޅާ މީހެއް އެދުނީ އެ ދަތުރުކޮށްދޭން. އެމީހާއަށް ނޫނެކޭ ބުނަން ބޭނުމެއްނޫން. ހެލްޕްވެވެންޏާ ބުނެދެއްޗޭ. އެހެންނޫނީ އެހެންގޮ…”
“މައްސަލައެއްނެތް….ގޮސްދޭނަން.” އަފްޒަލަށް އެހެން ބުނެލެވުނީ ކޮންތަނަކުން ލިބުނު ހިތްވަރަކުން ކަމެއްވެސް ނޭނގެއެވެ.
“ދެޓްސް މޯ ލައިކް އިޓް! ކާރު ލައިދޭނަން ތި ބިލްޑިންގް ކައިރިއަށް އެރެއަކު. ޢިޝާއަށްފަހު ރެޑީވެގެން ހުރީމަ ރަނގަޅުވާނެ.”
“އޯކޭ. އިން ޝާ ﷲ ތި ދަތުރު ކޮށްދޭނަން.”
އަފްޒަލް އެހެން ބުނެލީ، އެ ދަތުރުވެގެން ދާނީ އޭނަގެ ޙަޔާތުގައި އާ ބާބެއްގެ ފެށުމަކަށްކަން ނޭނގިއެވެ.
**
ފޯނު ކަންފަތުގައި ޖައްސައިގެން ފަލަކް އޭނަގެ ތަނަވަސް ކެބިންގައި ދެ ފަރާތަށް ދެ ފަރާތަށް ހިނގަމުން ދިޔައެވެ. އެހިނދު އެ މޫނުމަތިން ސާފު ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ.
ވަކި ހިސާބަކުން ފަލަކްގެ ފިޔަވަޅުތައް މަޑުޖެހުނީ، އަނެއްކާވެސް ފޯނުގެ އަނެއްކޮޅުން، މިވަގުތު އެ ގުޅާ ނަންބަރުން ޖަވާބެއް ނުދޭ ވާހަކަ ބުނާ ޢަރަބި ބަސްކޮޅު އިވެން ފެށުމުންނެވެ. އެއާއިއެކު ފަލަކް ލޯ މަރައިލަމުން ފުން ނޭވައެއް ދޫކޮށްލިއިރު ވެސް ބުމަގޮށްޖެހިފައިވިއެވެ. ސްކްރީނަށް ބަލައިލިއިރު އޭނަ ނުދަންނަ ނަންބަރަށް ގުޅަން 5 ފަހަރު މަސައްކަތް ކޮށްފައިވާކަން އެނގެއެވެ. އޭނަ އެއް މީހަކަށް ގުޅުމަށް މިހާ މަސައްކަތް ކުރި ކަމަށްޓަކައި ފަލަކް އަމިއްލަ ނަފްސަށް ވެސް ރުޅިއައެވެ.
އެކަން އެނގުންވުމާއިއެކު ފަލަކް ވަގުތުން ފޯނު ހިފައިގެން ގޮސް އޭނަގެ ދިގު މޭޒުދޮށުގައި ހުރި ބޮޑު ގޮނޑީގައި އިށީނދެ، ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު މޭޒުމަތީގައި އޮތް ފައިލެއް ނަގައި ހުޅުވައިލިއެވެ. ފައިލުން ފެނުނު އެއްޗަކަށް ރަނގަޅަށް ސަމާލުކަން ނުދެވެނީސް ފޯނު ރިންގުވާން ފެށުމާއިއެކު ފަލަކް ފޯނު ނަގައި ބަލައިލިއެވެ. ސްކްރީނުން އޭނަ ދެންމެ ގުޅަން މަސައްކަތް ކުރަން އުޅުނު ނަންބަރު ފެނުމާއިއެކު ފަލަކް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ސީރިއަސްލީ ބައްޕާ؟ ސީރިއަސްލީ؟ އެހާ ބޮޑު ކަމެއްކޮށްފަ ފޯނު ވެސް ނުނަގާތަ ހުންނަނީ؟!” ފަލަކް ވާހަކަ ދެއްކިއިރު ރުޅިން މުޅި މީހާ ވެސް ތުރުތުރު އަޅައެވެ.
“ކާމް ޑައުން ލޯބި ކަނބުލޮ….ބައްޕަ މީޓިންގްއެއްގަ ހުރީމަ ފޯނު ނުނެގި ހުރީ…ހިތަށްއަރާ ފަލަކްގެ ފިރިއެއް ހުރި ދުވަހަކުން ހަމަ މިހާ އުދަގޫ ކުރާނެބާއޭ…” އެ ކޮޅުން އިވުނީ ބައްޕަގެ އެކުވެރި އަޑެވެ. އެހެނަސް އެ އެކުވެރިކަމުން ފަލަކަށް އައި ބަދަލެއް ނެތެވެ.
“މަޢުޟޫ ބަދަލުކުރަން ނަހަދާ ބައްޕާ! އެއީ ކޮން ޓިކެޓެއްތަ މިއަދު ފޮނުވާފަ އެހެރީ؟!” ފަލަކް ސީދާ އޭނަގެ ސުވާލަށް ދިޔައެވެ.
“އެއީ މިސް ފަލަކް މަޖީދު މާލެ އަންނަން ނެގި ޓިކެޓެއް ނޫންތަ؟” އެކޮޅުން ބައްޕަ ނޫންކަމަށް ހަދައި އެހެން ބުނެލި ގޮތުން ފަލަކްގެ ދަތް ކުނޑި ވިކުނެވެ.
“ކީއްކުރަން ހެއްޔޭ އެ ނެގީ؟؟!” ފަލަކްގެ އަޑު ހަރުވިއެވެ.
“އަންނަން ބޭނުން ނުވަންޏާ ކެންސަލްކޮށްލަންވީއެއްނު؟ އޫޕްސް! އެކަމަކު އެހެންނެއް ނުވާނެދޯ؟ ފެމިނިން ޑިޒައިންސްގެ އެންމެ ބޮޑު ޝެއާރހޯލްޑާ ކަމަކު ބުނީމަ ކޮށްދޭންވާނެތާ….”
“ބައްޕާ ޕްލީޒް! ތި ޝެއާރސްތައް އަނބުރައި އަހަންނަށްދީފަ އެހެން ކުންފުންޏަކުން ޝެއާރސްތައް ގަންނަން އުޅޭ!”
“ވެލް އައި ޑޯންޓް ވޯންޓް ޓު! އެހާ ފައިދާ ލިބޭ ކުންފުންޏަކުން ޝެއާރސްތައް ދޫކޮށްލާނީ ކާކު؟ ބިޒްނަސްވުމެންއެއްގެ ގޮތުގަ ތިކަހަލަ ނަސޭޙަތް ނުދެއްޗޭ…” ބައްޕަ ދެންވެސް ނޫންކަމަށް ހަދައި ވާހަކަ ދައްކަމުން ދިޔަ ގޮތުން ފަލަކްގެ ގޮށްމުއްކެވުނެވެ. ބައްޕަ އޭނަގެ ކުންފުނިން އެތައް ބައިވަރު ޙިއްސާއެއް ގަނެގެން އެ ދޫނުކޮށްގެން އުޅެނީ އޭނަގެ މައްޗަށް ބާރު ހިންގަން ކަމަށް ފަލަކަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވެއެވެ.
“މާލެއަށް ގޮއްސަ މިފަހަރު ކޮންކަމެއް ކުރުވަން ތި އުޅެނީ؟ އަނެއްކާވެސް ކޮންމެވެސް ކުޑަ ރެސްޓޯރެންޓަކުން ޑިނާރއެއް ނަގަންތަ؟” ފަލަކް ރާގަކަށް އެހިއެވެ.
“މޭއިބީ….ފަހަރެއްގަ ތިއަށްވުރެ އިންޓްރެސްޓިންގް ގޮތެއްވެސް ދިމާވެދާނެ. އައިމަތާ އެނގޭނީވެސް.” ބައްޕަ ބުނެލި ވާހަކައިން ފަލަކްގެ ދެބުމަ ކައިރިވިއެވެ. ބައްޕަ އެ ބުނި އެއްޗެއްގެ މާނަ ވިސްނައިގަންނަން އޭނައަށް ދަތިވިއެވެ. އެނގޭހާވެސް ކަމަކީ އޭނަ މާލެ ދާން ބޭނުންނުވާ ކަމެވެ. އެހެނަސް…
“އެންމެ ރަނގަޅު….ބަޓް އައި ސްވެއާރ ތި ޑިނާރއެއް ނިމޭއިރަށް އަހަރެން ފުރާނަން. ބޭއްވީ!” ފަލަކް އެހެން ބުނެ ބައްޕައަށްވުރެ ކުރިން ފޯނު ކަނޑައިލީ ކުރި ހޯދަން ހިތުގައި އޮތް އެދުމެއްގެ ބޮޑު ކަމުންނެވެ. އެއަށްފަހު މަސައްކަތާއިގެން ކުރިއަށް ދާން ފެށީވެސް ރުޅިވެރިކަމާއި އެކީގައެވެ.
**
ހޮނިހިރު ދުވަސް ކަމަށްވުމުން އަފްޒަލް ދުވަހުގެ ބޮޑުބައި ހޭދަކުރަމުން ދިޔައީ ގޭގައެވެ. ބައެއް ހަފްތާ ބަންދުތަކުގައި ވެސް އޭނަ ރެސްޓޯރެންޓުގައި މަސައްކަތް ކުރިއެއްކަމަކު ދޭތެރެއަކުން އަފްޒަލް މިކަހަލަ ބަންދު ދުވަހެއް ނަގާލައެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މަންމައާއިއެކީ ވަގުތު ހޭދަ ކުރުމަށެވެ.
“މަންމާ އަޅެ މީރުތޯ ބަލާބަލަ މި ކޭކުކޮޅު….މިހިރީ މަންމައަށް އެންމެ މީރު ސައި..” ހަވީރުގެ ސަޔަށް ކާމޭޒުދޮށުގައި އިށީނުމުގެ ކުރިން، އަފްޒަލް ތަބަކަކަށް ލައިގެން އައި ކޭކު ހުރި ކޯޅި ތަށްޓަކާއި، ސައި ތަށްޓެއް މަންމަގެ ކުރިމަތީގައި ބެހެއްޓިއެވެ.
“ދަރިފުޅު ހަދާ އެއްޗެއް ވެއްޖެއްޔާ ދެން މީރު ވާނެކަން އެނގެއެއްނު؟ ހެހެ…” ފަޒީލާ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ އެހެން ބުނެ ހީލުމުން އަފްޒަލް ވެސް އޭނަގެ ކޮފީ ތަށްޓާއި ކޭކުކޮޅާއި އެކީ އިށީނދެ، ހީލިއެވެ.
“މްމް….ހަމަ އަސްލުވެސް ވަރަށް މީރު….” ފަޒީލާއަށް ބުނެވުނެވެ.
“ދޯ؟ މީތި މެނޫއަށް ލާންވެގެން މި ޚިޔާލު ކުރަނީ. ވަރަށް ހިނގާނެހެން ހީވަނީ އިން ޝާ ﷲ!”
“ދަރިފުޅަށް އަބަދުވެސް ކާމިޔާބު ލިބުން މަންމަގެ ދުޢާއަކީ. އަދި ދަރިފުޅުގެ ކާމިޔާބީތަކުގަ ބައިވެރިވާނެ ޙަޔާތުގެ ބައިވެރިއެއް ވެސް ލެއްވުން…”
މަންމަ މާނަ ފުން ގޮތަކަށް ބުނެލި ބަސްތަކުން އަފްޒަލްގެ ޙަރަކާތްތައް ލަސްވިއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭނައަށް އިޙްސާސް ކުރެވިފައިވާ އެކަނިވެރިކަން އެންމެ ގާތުން ދެކެފައިވަނީ މަންމައެވެ.
ކުރީކޮޅު ލީނާ އޭނަ ދޫކޮށްދިޔުމުން ލިބުނު ހިތާމަވެރިކަމަށް އޭނަ ވަގުތު ދީފިނަމަ އެ ހިތާމަވެރިކަން ހިތުން ފިލައި އޭނަ އުފާވެރި ވެދާނެކަމަށް އަފްޒަލް ހީކުރިއެވެ. ލީނާ އޭނަ ދޫކޮށް ދިޔަތާ ދެ އަހަރެއްހާ ދުވަސްފަހުން ކަން ނިމިދިޔަ ގޮތް އަމިއްލަ ތަޤްދީރުގެ ގޮތުގައި އަފްޒަލަށް ޤަބޫލުކޮށްލެވުނެވެ. އެއަށްފަހު އައީ އޭނަ ވިދިވިދިގެން އެތައް ކާމިޔާބީތަކެއް ހޯދަމުން ދިޔަ އަހަރުތަކެވެ. އެ ކާމިޔާބީތަކުގެ ސަބަބުން މާޒީގެ މަތިން ހަނދާން ނައްތައިލަން އަފްޒަލަށް ފަސޭހަވިއެވެ. އެހެނަސް ދޭތެރެ ދޭތެރެއިން އޭނައަށް އިޙްސާސް ކުރެވެނީ ނޭނގޭ އެކަނިވެރިކަމެކެވެ. ކައިވެނި ކުރަމުންދާ އޭނަގެ އެކުވެރިން ފެންނަ ހިނދު އޭނައަށް ވެސް އެފަދަ ދުވަހެއް ފެންނާނެނަމައޭ ހިތަށްއަރައެވެ. އުފާވެރި ޚަބަރެއް ލިބޭ ހިނދު އެ ވާހަކަ ޙިއްސާކުރާނެ ޚާއްޞަ ކުއްޖަކު ހުންނާނެނަމައޭ ހިތަށްއަރައެވެ. އޭނަ ލޯބިން ކޮށްދޭން ބޭނުންވާހާ ކަމެއް ލިބިގަންނާނެ ކުއްޖަކު ހުންނާނެނަމައޭ ހިތަށްއަރައެވެ.
“އިން ޝާ ﷲ އަދި އެދުވަސް އަންނާނެ މަންމާ. އަންނާނީ ކިހިނެއް އަދި ކޮން ގޮތަކަށްކަން ނޭނގުނަސް އެދުވަސް އަންނާނެކަން އަހަރެން ޤަބޫލުކުރަން. ދުޢާކޮށްފަ އޮތް ކަމެއްވީމަ. އެ ދުޢާ އިޖާބަ ވަންދެން އަހަރެން ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް އުފަލުގަ އުޅެމުން ދާނަން އިން ޝާ ﷲ. އެހެންވީމަ މަންމަ އަހަންނާއިމެދު ކަންބޮޑު ނުވައްޗޭ…” އަފްޒަލް ހިނިތުންވުމަކާއިއެކީ މޭޒުމަތީގައި އޮތް މަންމަގެ އަތުގައި އޭނަގެ އަތް އަޅައިލަމުން ހިނިތުންވެލިއެވެ. ބަދަލުގައި މަންމަ ހިނިތުންވެލީ ގަދަކަމުންކަން އަފްޒަލަށް އެނގުންވިއެވެ. އެހިނދު އޭނައަށްޓަކައި ނޫނަސް އޭނަގެ މަންމަގެ ފިކުރުތަކަށް ނިމުމެއް އަންނާނެ ގޮތެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ.
ހަމަ އެވަގުތު އެޕާޓްމެންޓްގެ ބެލް އަޅުވައިލި އަޑަށް އަފްޒަލާއި އެކީ ފަޒީލާ ވެސް ދޮރާއި ދިމާލަށް ބަލައިލިއެވެ. އިސާހިތަކު އަފްޒަލް ތިމަންނަ އެބަ ބަލަމޭ ބުނެ ގޮނޑިން ތެދުވެގެން ގޮސް އަފްޒަލް ދޮރުގެ ކައިރީގައި ހުރި ސްކްރީނަށް ބަލައިލިއެވެ. ސްކްރީނުން ބައްޕަގެ ގާތް ރަޙްމަތްތެރިޔާ ފެނިފައި އަފްޒަލް ދޮރު ހުޅުވައިލީ ހިނިތުންވުމަކާއި އެކީގައެވެ.
“އަނހަ ސަލީމްބެ ކިހިނެއްތަ؟ ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ!” އަފްޒަލް އުޖާލާވި ހިނިތުންވުމަކާއިއެކީ ކުރިމަތިން ފެނުނު ބޭބެގެ ގައިގައި ބައްދައިލިއެވެ.
“ދޯ؟ ހިތަށްއަރާ ބައެއްފަހަރު މިކޮޅުގަ އުޅެވޭނެނަމައޭ. އެކަމަކު ހުރި އެންމެ ސޮރެއް ބޭރުގަ ކިޔަވަން ބޭނުންވަންޏާ ކުރެވޭނެ ކަމެއް ނޯންނާނެތާ!”
ހެހެ….އާދޭ އެތެރެއަށް ބޭބޭ. މަންމަވެސް އެބަހުރި…”
އަފްޒަލް އެހެން ބުނެ ސަލީމަށް ގޭގެ ތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. އެއާއިއެކު ސަލީމާއި ފަޒީލާއާއި ދެމެދު ސަލާމް ބަދަލުވިއެވެ. އެވަގުތު ނިދާފައި އޮވެފައި ކޮޓަރިން ނިކުތް ޒައުލް ވެސް ސަލީމާއި އިރުކޮޅަކަށް ވާހަކަ ދައްކަން ޖެހުނެވެ. ޙާލު އަހުވާލު އެހުމަށްފަހު ޒައުލް އެތެރެއަށް ވަދެ، އަފްޒަލްގެ އެދުމަށް ސަލީމް ވެސް ހަވީރުގެ ސަޔަށް އިށީންފަހުން، ސަލީމް އޭނަގެ ސަމާލުކަން އަފްޒަލަށް ދިނެވެ.
“އަފްޒަލްގެ ރެސްޓޯރެންޓް އަދި މިހާރު މާ ބާރަށްދޯ ކުރިއަށްދަނީ؟ މާ ޝާ ﷲ! މި ފަހުން ވެސް ނޫހަކުން ދުށިން އަފްޒަލް ގެ ވާހަކަ…”
“ހެހެ…ފުދޭވަރަކަށް މާރކެޓިންގް ޖައްސައިލަމޭ މިހާރު. އެކަމަކު ކޮންމެހެން އަމިއްލައަށް އިޝްތިހާރުވާކަށް ނޫން. އެ ނޫހުން އަހަރެން ކައިރި އެދުނީ އިންޓަވިއުއެއް ދޭން. އެދުނީމަ ހަމަ އެއްބަސްވީ ދެން. އަހަރެންގެ ވާހަކައިން އެހެން މީހަކަށް ހިތްވަރެއް ލިބިދާނެއޭ ހިތަށްއެރީ…”
“އާނދޯ؟ އޭ އަފްޒަލް! އެއްކަލަ ބޭބެ މި ދުވަސްކޮޅު މާލޭގަ އެބަ އުޅެއޭ…” ސަލީމް ކުއްލި ގޮތަކަށް މަޢުޟޫ ބަދަލުކުރުމުން އަފްޒަލްގެ ދެބުމަ ކައިރިވިއެވެ.
“ކޮން….އޮހް! އެއްކަލަ ޢިމާރާތުގެ ވެރިފަރާތް؟ ހެހެ…..އެއީ އަހަރެންގެ ބޭބެއަކީތަ؟” އަފްޒަލް ކުއްލި ގޮތަކަށް ހަނދާންވުމުން އަހައިލެވުނެވެ.
“ސަލީމްބެއަށް ބޭބެ ކިޔަންޏާ އެއީ ވެސް ބޭބެއަކަށް ކަންނޭނގެ ވާނީ. އެ ވެސް އަފްޒަލްގެ ބައްޕަގެ ގާތް އެކުވެރިއެއް އެ ދުވަސްވަރު. ފަހުން ފަހުން އައިސް އެކި ޤައުމުތަކުގަ އުޅެމުން ދިޔަޔަސް. އެހެން ހުރެލާފަ ހަމަ މާލެއަށް ޖައްސައިލާނެ. މި ފަހުން އައިސް ތަންކޮޅެއް ގިނަ ދުވަހަށް މާލޭގަ ހުންނާނެ ވާހަކަ ބުނި. އެކަމަކު އަފްޒަލް އެ ބޭބެއާއި ވީހާވެސް އަވަހަކަށް ބައްދަލުކޮށްލުން ރަނގަޅު…” ސަލީމްބެ ކިޔައިދިނެވެ. އަފްޒަލް ވިސްނުމެއްގައި އިނުމަށްފަހު އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ.
**
ފަލަކް އައިސްފައިވި ރުޅިއާއިއެކީ އޭނަ އިތުރަށް މަސައްކަތުގެ ތެރެއަށް ގެނބުން ނޫންކަމެއް ނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދެ ދުވަސް ދިޔަ ނުދިޔަ ގޮތެއްވެސް ފަލަކަށް ރޭކާނުލިއެވެ. މާލެ ދާންޖެހޭ ދުވަސް ޖެހިއްޖެކަން އެނގުންވީ ވެސް މަހްރީން އޭނަގާތު ބުނުމުންނެވެ. އެ ވާހަކަ ހަނދާންވުމާއިއެކު އައި ރުޅިން ފަލަކަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އިސާހިތަކު އަވަސް އަރުވާލައިގެން ފުރަން ތައްޔާރުވާން އަވަސްވީ، އެ ދަތުރެއްގެ އަވަސް ނިމުމާއިމެދު ހުވަފެން ދެކޭ ޙާލުގައެވެ.
ދުބާއިގެ ގަޑިން 8 ޖެހި ވަގުތު ފަލަކް އިނީ ދުބާއި އިންޓަނޭޝަނަލް އެއާރޕޯޓުގެ ޑިޕާރޗާރގައެވެ. ދުވަހުގެ އެހާ ހިސާބަށް ދިޔައިރު ފަލަކް އިންތިހާއަށް ވަރުބަލިވެފައިވިއެވެ. ވާނީވެސް އެހެންތާއެވެ. އޮފީހުގައި އެހާ ގިނައިރު ވަންދެން މަސައްކަތް ކުރުމަށްފަހު، އެއާރޕޯޓަށް ދިޔުމަށް ދިގު ދަތުރެއް ކޮށްފައި ޗެކިންގްވުމަށާއި އެހެނިހެން ކަންތަކަށް އެއާރޕޯޓުގެ ކިއުތަކުގައި މަޑުކުރަން ޖެހުނެވެ. އެ ހުރިހާ ކަމަކަށްފަހު ޑިޕާރޗާރގެ ގޮނޑީގައި އިށީނދެ އިންއިރު އިރުއިރުކޮޅާ ދެލޯ ވެސް މެރެމުން ދިޔަ ގޮތުން ދެންމެ ދެންމެ ނިދިދާނެހެން ވެސް ހީވަމުން ދިޔައެވެ.
އެހެނަސް ފަލަކް ނިންޖަކަށް ވެސް ބަލިވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ނުނިދުމަށް ގަދަ ހަދަމުން އަތުގައި އޮތް ފޯނު ހުޅުވައި ފޭސްބުކް ހުޅުވައިލުމަށްފަހު ސްކްރޯލްކުރަން ފެށިއެވެ. ސްކްރޯލް ކުރަމުން ގޮސް މަޑުކޮށްލެވުނީ ފެނިގެން ދިޔަ ދިވެހި އާރޓިކަލްއަކުންނެވެ. އެ ޞުރުޚީއަށްވުރެ ކުރިން ފަލަކްގެ ސަމާލުކަން ހޯދީ ޞުރުޚީގެ މަތިން ފެންނަމުން ދިޔަ ފޮޓޯއެވެ.
ނުނިމޭ
Jana
September 26, 2022 @ 5:09 pm
Salaam kiyuntherin! Mi bai kuruvaane. Lahun genesdhevunu iruves kurukoh genesdhevunythy dheravejje. Ehenveema In Sha Allah dhen oiy bai Thursday ga dhigukoh genesdheynan In Sha Allah. Adhi post thah ves In Sha Allah kuriah gendhaanan.
Jazaakumullah Khairan for your support, readers! Love you so much for being so understanding with me <3 <3 <3
✨
September 27, 2022 @ 10:04 pm
Loved it as alwaysss🫀✨
Dhonthi
September 28, 2022 @ 4:46 am
Salaam
Mi part ves varah reethi..Masha Allah..😍😍
Waiting for next part..