ޤަދަރު (ހަތަރުވަނަ ބައި)
އެހެނަސް ފަލަކް ނިންޖަކަށް ވެސް ބަލިވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ނުނިދުމަށް ގަދަ ހަދަމުން އަތުގައި އޮތް ފޯނު ހުޅުވައި ފޭސްބުކް ހުޅުވައިލުމަށްފަހު ސްކްރޯލްކުރަން ފެށިއެވެ. ސްކްރޯލް ކުރަމުން ގޮސް މަޑުކޮށްލެވުނީ ފެނިގެން ދިޔަ ދިވެހި އާރޓިކަލްއަކުންނެވެ. އެ ޞުރުޚީއަށްވުރެ ކުރިން ފަލަކްގެ ސަމާލުކަން ހޯދީ ޞުރުޚީގެ މަތިން ފެންނަމުން ދިޔަ ފޮޓޯއެވެ.
ފޮޓޯއިން ފެންނަމުން ދިޔަ ޒުވާނާއަށް ފަލަކް ރަނގަޅު ނަޒަރެއް ދޭން އުޅުނު ވަގުތު އޭނަގެ ފޯނުގެ ކުލަ ބަދަލުވެގެން ދިޔައީ، ކޯލެއް އަންނަން ފެށުމުންނެވެ. ސްކްރީނުން ޒުހާގެ ނަން ފެނިފައި ފަލަކް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ…” ފަލަކްއަށް އެހެން ބުނެވުމާއިއެކު ފޯނުގެ އަނެއްކޮޅުން ޒުހާގެ އަޑު އިވުނެވެ.
“ހެލޯ ދޮންތާ އޯ އެމް ޖީ! އައި ހާޑް ޔޫ ގޮއިންގް ޓު މާލޭ!” ޒުހާ ބުންޏެވެ.
“ޔެސް…ބައްޕަ އެންމެ ހިނދުކޮޅެއް ވެސް ބޭކާރު ކޮށްނުލާދޯ ޒުހާ ގާތު މިކަހަލަ ވާހަކަތައް ދައްކަން؟” ފަލަކް ރާގަކަށް އަހައިލިއެވެ. އެ ސުވާލު ކޮށްލެވުނު ހިނދު ނޭނގުމެއްގެ ތެރެއިން ވެސް ބައްޕަ ޒުހާއަށްދޭ ސަމާލުކަމަށްޓަކައި ހިތުގައި ޙަސަދަވެރިކަމެއްވިއެވެ.
“އާނ….ދޮންތަގެ ވާހަކައެއް ވިއްޔާ ޒުހާ ކައިރި ބުނަން އަބަދުވެސް ބައްޕަ ކައިރި ބުނެފަ އޮންނަނީ. ހެހެ….ހިތަށްއަރާ ކީއްވެބާއޭ ބައްޕަ އަބަދުވެސް މާލެއިން ދޮންތައާއި ބައްދަލު ކުރަނީ. އެންމެ ރަނގަޅެއްނު އެންމެ ފަހަރަކުވެސް ލަންކާއަށް އައިއްޔާ. އޭރުން ދޮންތައާއި ޒުހާ ވެސް ދިމާވާނެއެއްނު؟” ޒުހާ ޝަކުވާ ކުރިއެވެ. އެހިނދު ބައްޕަ އެހެން އެ ހަދަނީ މާލެއަކީ ޒުހާގެ މަންމަގެ ރަށް ކަމަށްވާތީއޭ ބުނަން ފަލަކްގެ ހިތް އެދުނެވެ. ފަލަކަށް ހީކުރެވިފައިވާ ގޮތަކީ އެއީއެވެ. ޙަޤީޤަތަކީ ކޮބައިކަން ނޭނގުނަސް ފަލަކަށް އެ ހީއަކީ ޔަޤީނެއްކަމަށް ޤަބޫލު ކުރެވިފައިވެއެވެ.
“ދެން ބައްޕަ ބޭނުންވާ ތަނަކުންތާ ބައްދަލު ކުރެވޭނީ ވެސް. މާ ގިނަ ދުވަހެއް ވަންދެން މާލޭގަ ހުންނާކަށް ނެތިން. އެކަމަކު ބައްޕަ އެބަ ބުނޭ ކޮންމެވެސް އިންޓްރެސްޓިންގް ގޮތެއް ވެދާނެއޭ. ކޮންމެވެސް ގޮތަކަށް ދަތުރު ޑްރެގް ކުރަން އުޅޭހެން އެބަ ހީވޭ. ދެން ހިތަށްއެރީ މާލޭގައި ވެސް ފެމިނިން ޑިޒައިންސްގެ ބްރާންޗެއް ހުޅުވުމުގެ ޕޮސިބިލިޓީ އޮތްތޯ ކުޑަކޮށް ބަލައިލާނީއޭ މިފަހަރު ދާއިރު.” ފަލަކް ބުންޏެވެ.
“ވޯހް! ދެޓްސް އެކްސައިޓިންގް ނިއުސް ދޮންތާ! ހަމަ ޔަޤީން މާލޭގަ ވެސް ފެމިނިން ޑިޒައިންސްއަށް ވަރަށް ޑިމާންޑް އޮންނާނެކަން. ލަންކާގަ ވެސް ކިހާ އަވަހަށް ކުރި އަރައިގެން ދިޔައީ؟” ޒުހާ ބުންޏެވެ.
“ހުމް…އެހެންވީމަ ދެ ވަރަކަށް ހަފްތާއަށް މި ދަނީ. ބައްޕަ އާދައިގެ މަތިން ރިޓާން ނަގާފަ އޮތީ އެއް މަސް ފަހަށް. އެކަމަކު އެހާ ދުވަސް ވަންދެން ކިހިނެއް ބިޒްނަސްއާއި އަދި ސްނޯއާ ވެސް ދުރުގަ އުޅޭނީ؟ ދެ ހަފްތާއަށް ދާން އުޅޭތީ ވެސް ސްނޯ ގޮވައިގެން މި ދަނީ މިހާރުވެސް.”
“އޯ އެމް ޖީ! އެ ކިއުޓީ ޕައި ލަގެޖަށް ލައިގެންތަ ތި އަންނަނީ؟”
“އާނ….ހީ ވިލް ބީ ސޭފް ދުބާއި އެއާރޕޯޓުގަ ހަމަ ގައިމުވެސް. ރާއްޖެއަށް ގޮއްސަ އެމީހުން ހަދާނެ ގޮތެއް ޔަޤީނެއްވެސް ނޫން. ސްނޯއަށް ގޮތެއް ވެއްޖެއްޔާ އައި ވިލް ސޫ ދެމް ބިގް ޓައިމް!”
“ޔެސް ދޮންތާ! ޑޫ ދެޓް!”
ޒުހާ އެކޮޅުން އެހެން ބުނެލި ވަގުތަކީ، ދުބާއި އިން މާލެއަށް ދަތުރުކުރާ ފަސިންޖަރުން ގޭޓް ނަންބަރު 9 އަކަށް ދިޔުމަށް އެންގެން ފެށި ވަގުތެވެ. އެއާއިއެކު ފަލަކް އެ ގަޑީގަ ދާން ޖެހޭ ވާހަކަ ބުނެ ޒުހާއަށް އަލްވަދާޢު ކިޔައި ފޯނު ކަނޑައިލިއެވެ.
ދާންޖެހޭ ގޭޓާއި ހަމައަށް ގޮސް ބޯޑިންގް ޕާސް ދެއްކުމަށްފަހު ސީދަލަށް ގޮސް ދިޔަދިޔަހެން ފަލަކަށް ވަދެވުނީ ފްލައިޓް ތެރެއަށެވެ. ފްލައިޓްގެ ތެރެއިން އޭނައަށް ހިނިތުންވުމަކާއިއެކީ މަރުޙަބާ ކިޔުނު ކެބިން ކްރޫއާއި ހިނިތުންވެލުމަށްފަހު ފަލަކް ގޮސް އިށީނީ ބިޒްނަސް ކްލާސްގެ ކުޑަދޮރު ކައިރީގައި ހުރި ސީޓުގައެވެ. ފަލަކް ކުޑަދޮރުން ބޭރު ބަލައިގެން އިންނަތާ 5 ވަރަކަށް މިނެޓް ފަހުން ފްލައިޓް ދުވަން ފެށިއެވެ. އަދި މާ ގިނައިރެއްނުވެ ރަންވޭ މަތިން ފްލައިޓް ބާރަށް ދުއްވައިލިއިރު ވެސް ފަލަކް ސީޓަށް ލެނގިލައިގެން އިން ގޮތަށް އިނެވެ. ރޭގަނޑުގެ އެ ވަގުތު ފްލައިޓް މައްޗަށް އަރައިގެން ދިޔަ ހިނދު ދުބާއިގެ ޢިމާރާތްތަކުގެ އަލިތައް ފެނިގެން ދިޔައީ ދުރުން ފެންނަން ފެށި ތަރިތަކެއް ފަދައިންނެވެ. އެ މަންޒަރަށް ބަލަން އިން ފަލަކަށް ނޭނގުނު ކަމަކީ، އޭނައަށް ދެން ދުބާއިގެ މަލަމަތި ފެންނަ ހިނދު އޭނަގެ ޙަޔާތް ހީވެސް ނުކުރާ ފަދައަކުން ބަދަލުވެފައިވާނެ ކަމެވެ.
**
އެކުވެރިޔާއަށް ވަޢުދުވެފައިވާ ފަދައިން ހޯމަ ދުވަހުގެ ރޭ އެއާރޕޯޓަށް ދާންޖެހޭތީ އަފްޒަލް އެދުވަހު ހަވީރު ރެސްޓޯރެންޓުން ގެއަށް އައެވެ. އޭގެ ފަހަތުގައިވި އެއް ސަބަބަކީ އެދުވަހު ހަވީރު އޭނަގެ ދޮންބެ ވެސް ރިސޯޓުގައި ހުރެފައި މާލެއަށް އަނބުރައި އައުމެވެ.
އަފްޒަލްގެ ދޮންބެ އަދުހަމް މީގެ އަހަރުތަކެއް ކުރިން މަސްތުވާތަކެއްޗާއި މުޅިން ދުރުވެފައިވެއެވެ. އެހެނަސް ކުށުގެ މާޙައުލުގައި ގިނަ ދުވަސް ވަންދެން އުޅެފައިވުމުން ވަޒީފާއެއް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން ވޭތުވެދިޔަ އަހަރުތަކުގައި އަދުހަމް އަދާކޮށްފައިވަނީ އެކިއެކި ކުދިކުދި ވަޒީފާތަކެވެ. އެއްވެސް ވަޒީފާއެއްގައި އަދުހަމަށް މާ ގިނަ ދުވަހު އުޅެވިފައި ނުވަނީ އޭނަ ދޭތެރެދޭތެރެއިން އަންނަ ގަދަ ރުޅިއެއްގެ ސަބަބުންނެވެ. ކިރިޔާވެސް އޭނަ ހިފަހައްޓާލާފައި އެ ވަނީ ނުހަނު ބުރަކޮށް މަސައްކަތުގައި އުޅެންޖެހޭ ރިސޯޓު ވަޒީފާގައެވެ. އެ ވަޒީފާގައި އޭނަ އުޅޭތާ މިހާރު މިއީ 2 ވަނަ އަހަރެވެ.
ބޭރު ތެރޭގައި އެ ރުޅިވެރިކަން ބޭރުކޮށް ނުލެވޭތީ ކަންނޭނގެއެވެ. ފަހަކަށް އައިސް އަދުހަމްގެ އެ ރުޅިވެރިކަން އަމާޒުވަނީ އޭނަގެ އަނބިމީހާ ނޫރާއަށާއި ދަރިފުޅު ނާއިލަށެވެ. ނާއިލަށް ކުރާ ގިނަ ޚަރަދު ބަލަހައްޓަނީ، ނޫރާ އޮފީހެއްގައި މަސައްކަތް ކޮށްގެން ހޯދާ ލާރިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނޫރާއަކީ ވިސްނުންތެރި، ޒުވާން އަންހެން ކުއްޖަކަށްވުމުން ނޫރާއަށް އެ ވަޒީފާގައި ނުހަނު ގިނަ ކުރި އެރުންތައް ލިބުނެވެ. އެހެނަސް އަދުހަމްގެ ދުލަކުން ނޫރާއަށް ދުވަހަކުވެސް ތަޢުރީފުގެ ބަހެއް ނުލިބެއެވެ. އަދި އަމުދުން ނޫރާ އިތުރަށް ކިޔަވަން ބޭނުންވުމުން އެކަމަކަށް ވެސް އިޒުނައެއް ނުދިނެވެ.
އަފްޒަލަށް މި ހުރިހާ ކަމެއް ފާހަގަވެއެވެ. ދޮންބެއާއި ނޫރާގެ އަރައިރުންތަކުގެ ސަބަބުން ދޮންބެ ގެއަށް އައުމާއިއެކު ގޭގެ ހަމަޖެހުން ނެތިގެން ދެއެވެ. ދޮންބެ ރަށަށް އަންނަ ވަގުތު އަފްޒަލް ގޭގައި ހުރުން މުހިއްމުވާ ސަބަބަކީ އެއީއެވެ. އެހެނަސް އެދުވަހު އޭނައަށް ރެސްޓޯރެންޓުން އާދެވުނީ ބޭނުންވި ވަރަށްވުރެ ލަހުންނެވެ. ގެއަށް އައިއިރު ދޮންބެ ކޮޓަރިއަށް ވަދެ ނިދާފައި އޮތްކަން އެނގުނީ މަންމަ ބުނުމުންނެވެ. އެ ވަގުތު ނާއިލް ވެސް ސިޓިންގް ރޫމުގައި ހިމޭންކަމާއިއެކީ ކުޅެން އިނުމުން އަދި މާ ބޮޑު ކަމެއް ނުވާކަން އެނގުންވިއެވެ. މުޅި އެ ދުވަސް އެގޮތުގައި ނިމިގެންދާނެ ގޮތެއްވުމަށް އަފްޒަލަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އެހެނަސް….
“މަ ކިތައް ފަހަރުތަ ބުނަންވީ މަ ބުނާ އެއްޗަކަށް ބަސް ނުކިޔާށޭ؟!”
އަފްޒަލް އަމިއްލަ ކޮޓަރީގެ ރީތިވާ މޭޒު ކައިރީގައި ހުއްޓާ ބޭރުން ދޮންބެގެ ހަރު އަޑު އިވިގެން ދިޔައެވެ. އެއާއިއެކު އަފްޒަލް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނިކުތެވެ.
“މިހާރު މަގޭ ކުރިމަތީގަ ޒުވާބުކުރަން ވެސް ކަލެއަށް ކެރިއްޖެދޯ؟!”
އަފްޒަލް ނިކުތްއިރު ދޮންބެމެން ކޮޓަރީގެ ދޮރު ހުޅުވިފައިވުމުން ދޮންބެގެ އަޑު ސާފުކޮށް އިވިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ކޮންމެވެސް އެއްޗެއް ތަޅައިގެން ދިޔަ އަޑާއިއެކީ ނާއިލް ރޯން ފެށި އަޑު އިވުނެވެ. އެހިނދު މަންމަ ވެސް ޖެހިގެން ހުރި ކޮޓަރިން ނިކުމެ އެ ކޮޓަރިއާއި ދިމާލަށް ދާން އުޅެފައި ވެސް ސިޓިންގް ރޫމުގައި ހުއްޓިހުރި އަފްޒަލަށް ބަލައިލިއެވެ. މަންމަގެ ހިތާމަވެރި ނަޒަރު އަފްޒަލަށް މާ ރަނގަޅަށް ވެސް ދޭހަ ކުރެވުނެވެ. މަންމަ ދޮންބެއާއި ކުރިމަތިލާން މަސައްކަތް ކުރި އެއްފަހަރެއްގައި ދޮންބެއަށް މަންމައާއި ދިމާލަށް ކިޔުނު އެއްޗެހީގެ ސަބަބުން މަންމަ ހުންނަނީ ދޮންބެއާއި ކުރިމަތިލާން ވެސް ނުކެރިފައެވެ.
އެ ހުރިހާ ކަމެއް ހަނދާންވެ ވީ ނުރުހުމާއި ވެސް އެކީ އަފްޒަލް ގޮސް ދޮންބެމެންގެ ކޮޓަރީގެ ދޮރު މައްޗަށް އަރައި ޓަކިދިނެވެ. އެއާއިއެކު އޭނައަށް ފަސްދީގެން ހުރި ދޮންބެއާއި، ދޮންބެގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ނޫރާއާއި، އެއްފަރާތެއްގައި ހުރި ނާއިލްގެ ނަޒަރު ވެސް އޭނައަށް ހުއްޓުނެވެ. ނާއިލް އޭނަ ފެނުމާއިއެކު ތިއްދޮންބެއޭ ކިޔައި ރޮމުން އޭނަގެ ގާތަށް އައިސް އޭނަގެ ގައިގައި ބައްދައިލިއެވެ. އިސާހިތަކު އަދުހަމް ވެސް ހިމޭންވެ އޭނަގެ ގަމީސް ތިރިއަށް ދަމައިލަމުން ކަރުކެހިލިއެވެ. އެހެނަސް ދެންވެސް ފަހު ފަހަރަށް ނޫރާއަށް ލޯ އަޅައިލިއެވެ. އެއަށްފަހު ނޫރާ އެ ހުރި ގޮތަށް ދޫކުރުމަށްފަހު ކޮޓަރިން ނިކުންނަން ދިމާކުރީ އަފްޒަލަށް ލުއި ނަޒަރެއް ދެމުންނެވެ. އަދުހަމް މަޑު ކުރުމެއް ނެތި ދާން ފެށުމުން އަފްޒަލް ވަކި އެއްޗެކޭ ބުނުމެއްނެތި ނާއިލާއި އެކީ ކުޑަކޮށް ދުރުވެ އަދުހަމަށް ތަން ދެއްކިއެވެ.
އާނއެކެވެ. ދޮންބެ މައިތިރި ކުރުވަން އޭނަ ވަކި އެއްޗެކޭ ބުނާކަށް ނުޖެހެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަ އެންމެންނަށް ސިއްރުކޮށްގެން ދޮންބެއަށް ވެދީފައިވާހާ އެހީތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ދޮންބެގެ މިޒާޖަށް ކުޑަ ވަގުތުކޮޅެއްގެ ބަދަލެއް ނައިސް، ދޮންބެ އިސްލާޙުވެދާނެނަމައޭ އަފްޒަލްގެ ހިތަށްއަރައެވެ. އެރޭ ވެސް ނާއިލް މަސަލަސް ކުރުމަށްފަހު އަފްޒަލް ދޮންބެގެ ފަހަތުން ދިޔައީ އެ އެދުމުގައެވެ.
އެފަދަ ޙާލަތްތަކުގެ އާދައިގެ މަތިން ދޮންބެ އެރޭވެސް ޢިމާރާތުން ނިކުމެގެން ގޮސް އިށީނދެ އިނީ، ޢިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ބެންޗެއްގައެވެ. ފުރަގަހުން ފެންނަމުން ދިޔަ ދޮންބެގެ ކައިރިން ދުން އަރަމުން ދާތަން ފެނުނުތާ މާ ގިނައިރެއްނުވެ ސިނގިރެޓީގެ ވަސް ދުވަން ފެށުމުން ދޮންބެ އަނެއްކާ ސިނގިރޭޓިވެސް ބޯން ފެށީކަން އަފްޒަލަށް އެނގުންވިއެވެ. އޭނަގެ ނަސޭޙަތްތަކުގެ މަތިން އެކަން ހުއްޓާފައިވާ ކަމަށް ދޮންބެ ބުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެލިގެން ދިޔަ ހިތްވަރެއްގެ ސަބަބުން އަފްޒަލަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އަފްޒަލް ދެންވެސް ކުރިއަށް ފިޔަވަޅުތަކެއް އެޅީ، ހަނދުމަކޮށް ދިނުމުން ފައިދާ ކުރާނެކަން ހަނދާން ކުރަމުންނެވެ. އަދި އަމުދުން ދުނިޔޭގައި ވާހާ ހިނދަކު މީހަކާއި މެދު އުއްމީދު ކަނޑައިލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ވެސް ހަނދާން ކުރަމުންނެވެ.
އެހެންކަމުން އަފްޒަލް އާދައިގެ ހިނގުމެއްގައި ގޮސް ދޮންބެގެ ކައިރީގައި އިށީނެވެ. އިށީނުމާއިއެކު ދޮންބެ އޭނައަށް ބެލިއެއްކަމަކު އަފްޒަލް ބަލައެއް ނުލިއެވެ. އޭގެ ބަދަލުގައި ވާހަކަ ދެއްކިއެވެ.
“ނޯ ސްމޯކިންގް ޗެލެންޖް އެންމެ މަހަކަށްދޯ ދޮންބެ ޖެއްސީ؟ ތީތި ކަޑައެއްނު؟” އަފްޒަލް ބުންޏެވެ.
“ކަޑަވިޔަސް މީހާ ބޯހަލާކު ވާވަރު ވީމަ މިކަހަލަ ކަންތައް ކުރަންޖެހޭނެ…” އަދުހަމް ރުޅިވެރިކަމާއިއެކީ ބުންޏެވެ.
އަފްޒަލަށް ދޮންބެގެ އެ ވާހަކައަށް ބުނަންވީ އެއްޗެއް ނުވިސްނުނެވެ. އެހެންކަމުން އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ދޮންބޭ….ދޮންބެ ލޯތްބެއް ނުވޭތަ ދޮންބެގެ ވައިފްދެކެ؟ ލޯބިންނެއް ނޫންތަ މެރީ ކުރީ؟” އަފްޒަލް އެހިއެވެ. އެއާއިއެކު އަދުހަމް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ލޯބި….ތިއީ ހުސް މޮޔަ މީހުން ޤަބޫލުކުރާ ކަންތައް. ތި ބުނާ ލޯތްބަކީ މީހާއަށް ކުރީކޮޅު ހީވާ ހީވުމެއް. ތި ބުނާ ލޯތްބަކާއި ޖެހިގެން ގޮއްސަ ދިރިއުޅުން ބަރުބާދުވާ ފަހުން އެނގޭނީ ކިހާ ބޮޑު މަޅިއެއްގަ ކަން ބެދުނީ…” އަދުހަމް ނުރުހުންތެރިކަމާއި އެކީ ބުންޏެވެ.
“ދޮންބެ ތި ބުނީ ދޮންބެއަށް ނޫރާއާއި މެރީ ކުރެވުނީތީ ހިތާމަ ކުރެވެއޭތަ؟ ނޫރާ ގޯހީ ކޮން ގޮތަކަށްތަ ދޮންބޭ؟ ނޫރާ ހުރިހާ ގޮތަކުން ވެސް ދޮންބެ އެކްސެޕްޓް ކުރޭ. ދޮންބެ ނޫރާއަށް އެހާ ހާޓް ކުރާއިރު ވެސް ދޮންބެއާއި އެކީ އެބަ އުޅޭ. ދޮންބެއަށް އަދިވެސް ދޭތެރެ ދޭތެރެއިން ސަޕްރައިޒް ވެސް ދޭ. އެއީ ލޯބި ނޫނީ ދެން ކޯޗެއްތަ ދޮންބޭ؟ އަދި އަމުދުން އެއީ ދޮންބެގެ ވައިފް. ދޮންބެގެ ދަރިފުޅުގެ މަންމަ….މިކަންތައް މިހެން ހުރީމަ ދޮންބެ ނޫރާއަށް ޤަދަރުކޮށް އަޅައިލާން ނުޖެހޭތަ ދޮންބޭ؟”
އަފްޒަލް އެ ވާހަކަތައް ދެއްކީ ޙަޤީޤަތުގައި ވެސް ހިތްދަތިވެފައިވާ ޙާލުގައެވެ. ކައިވެނި ކޮށްގެން އުޅޭ މީހުންނަށް އެމީހުންނަށް ލިބިފައިވާ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވެނީތޯ ހިތަށް އަރަމުން ދިޔައެވެ.
“މަގޭ ބޯ ގޮއްވަން ނުއުޅޭ. ތީނަ ކައިވެނި ކުރި ދުވަހަކުން ތީނައަށް ވެސް އެނގޭނެ!”
އަދުހަމް އެހެން ބުނެ އޭނަގެ އަތުގައި އޮތް ސިނގިރޭޓި ބުރި ބިމަށް ޖަހައިލަމުން ބެންޗުން ތެދުވިއެވެ. އެއަށްފަހު އަފްޒަލަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އެތަނުން ދާން ހިނގައިގަތެވެ.
ދޮންބެ ޢިމާރާތަށް ގޮސް ވަނުމުން ވެސް އަފްޒަލް އިންގޮތަށް އިނީ، އިރުކޮޅެއްފަހުން އޭނަގެ އެކުވެރި ވިދާދު ޓެކްސީ ކުރާ ކާރާއި އެކީ އެތަނަށް އައުމުގެ އިންތިޒާރުގައެވެ. އެހެން އިންއިރު އޭނައަށް ދޮންބެ އެ ބުނި ބަސްތަކާއި މެދު ވިސްނުނެވެ. އޭނައަށް ޒަވާޖީ ޙަޔާތެއްގެ ނިޢުމަތް ލިބިއްޖެނަމަ އޭނަ ވެސް ދޮންބެ ފަދައިން ބަދަލުވެގެން ހިނގައިދާނެތޯ ހިތަށްއެރިއެވެ. އޭނަ ވެސް ވެގެންދާނީ އޭނަގެ އަނބިމީހާއަށް އަޑުލައި، އަނިޔާ ކުރާ މީހަކަށްތޯ ހިތަށްއެރިއެވެ.
އެހެނަސް އަފްޒަލަށް ހިތާހިތުން ވެސް އެ ޚިޔާލުތަކަށް ނަފްރަތު ކުރެވުނެވެ. އެ ހުރިހާ ޚިޔާލަކަށް ނޫނެކޭ ބުނެވުނީ ސިކުނޑި ތެރެއިން ހަރު އަޑަކުންނެވެ. އޭނަ ދުވަހެއްގެ ކޮޅުން ވެސް އަންހެނަކަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އަމުދުން އޭނަގެ މަންމައަށް ނޫނީ އަނބިމީހާއަށް ނޫނެވެ. އެ މީހުންނަކީ އޭނައަށް ޘަވާބުގެ މަގު ފަހި ކޮށްދިނުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނަގެ ޙަޔާތުގައި ލައްވަވާ މީހުންނެވެ. ވީއިރު އެމީހުންނަށްޓަކައި އޭނަ ﷲ އަށް ވާނީ ޝުކުރުވެރިއެއް ނޫން ހެއްޔެވެ؟ އަދި އަމުދުން ވަކި ހިސާބަކުން ޖެހިދާނެ މައްސަލައެއްގެ ސަބަބުން އޭނަ އަނބިމީހާއަށް ނުރުހުންވިޔަސް އޭނަ ހަމަ ގައިމުވެސް އަޑު ނުއުފުލާނެއެވެ. ލޯބީގެ ބަދަލުގައި ނަފްރަތު އިސްކުރުމަކީ މުޅިން ވެސް އޭނަގެ މިޒާޖާއި އިދިކޮޅު ސިފައަކަށް ވާތީވެއެވެ.
ވިދާދުގެ ހުދުކުލައިގެ ކާރު އަފްޒަލްގެ ކުރިމައްޗަށްވާ ގޮތަށް އައިސް ހުއްޓުނީ، އަފްޒަލް ހިތާހިތުން އެ ބަހުސް ކުރަމުން ދަނިކޮށެވެ. އަފްޒަލް އިންގޮތުން ވިދާދުވެސް ކާރުން ފޭބުމަށްފަހު ކިހިނެއްވީތޯ ސުވާލު ކުރިއެވެ.
“ހެހެ….ކަމެއްނުވޭ. މިތާ ކައިރި ހިސާބެއްގަ ހުރި ތަނަކަށްދޯ މީޓިންގްއަށް ތި ދަނީ؟ ވިދާދު ޑްރޮޕްކޮށްފަ އަހަރެން ދާންވީތަ އެއާރޕޯޓަށް؟” އަފްޒަލް ބެންޗުން ތެދުވުމަށްފަހު ހިނިތުންވެ، މޫޑު ބަދަލުކޮށްލަމުން ސުވާލުކުރިއެވެ.
“ނޫނޭ….މުޅިން އަނެއްކޮޅަށް ދާންޖެހޭނީ އޭރަށް. ލަސްވެދާނެ. މިހާރު ވެސް 8 ޖަހައިފިދޯ؟ 8:15 ހިކަށްހާއިރު ފްލައިޓް ޖައްސާނެ…” ވިދާދު އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއްދީ، އަފްޒަލްގެ އަތަށް ކާރުގެ ތަޅުދަނޑި ލައިދެމުން ބުންޏެވެ.
“އެންމެ ރަނގަޅު. ކޮން ނަމެއްތަ ތި މީހަކަށް ކިޔަނީ؟ އެ މީހާއަށް އެނގޭނެތަ މި ކާރު އައީ އެމީހާ ނަގަންކަން؟ ނޫނީ އަހަރެން އެއާރޕޯޓަށް ވަންނަން ޖެހޭނެތަ؟” އަފްޒަލް ސުވާލުކުރިއެވެ.
“އެއީ ޑޮކްޓަރ ހުސާމް ޢަބްދު ﷲ. އަހަންނަށް ވަރަށް ގިނައިން ގުޅާ ކަސްޓަމަރު މިކޮޅަށް ގެންނަ ޕާކިސްތާނުގެ ޑޮކްޓަރެއް އެއީ. އެކަމަކު ދުބާއިގަ ހުރެފަ އެ ޑޮކްޓަރު އަންނަނީ….އެ މީހާއަށް މިހާރު އެނގޭނެ ކާރުގެ ނަންބަރު. ޒައްލެ ނުޖެހޭނެ އެއާރޕޯޓަށް ވަންނަން. އެންމެ ރަނގަޅެއްނު؟” ވިދާދު އަފްޒަލްގެ ކޮނޑުގައި ދެ ފަހަރަކު ޖަހައިލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.
ވިދާދު އެ ހުރިހާ ފިޔަވަޅެއް އެޅީ އޭނައާއިމެދު ވިސްނާފައި އޭނަ އެއާރޕޯޓާއި ވީހާވެސް ދުރު ކުރުވަންކަން އަފްޒަލަށް އެނގުންވިއެވެ. އެހެންކަމުން އޭނަވެސް އޭނަގެ އެކުވެރިޔާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އެހެނަސް އެ ވަގުތު ކީއްވެކަމެއް ނޭނގެއެވެ. އޭނަ ދެން އޭނަގެ މާޒީއާއި ބަނދެވިގެން އުޅެން ނުޖެހޭ ކަމަށް އޭނަގެ ޒަމީރު ވެސް ބުނެފިއެވެ. ތަޤްދީރުގައި އޭނައަށްޓަކައި ލިޔުއްވާފައިވާ ކުއްޖާއަށްޓަކައި ވެސް އޭނައަށް ހިތް ހުޅުވައިލެވޭނީ އެ މާޒީ އެއްކޮށް ހަނދާން ނައްތައިލުމުން ނޫންތޯ އަފްޒަލަށް ހިތާހިތުން ކިޔައިލެވުނެވެ. އެހެންކަމުން ދޭތެރެއަކުން ވެސް އެ މާޒީ މަތިން ހަނދާން ނުކުރުމަށް އަފްޒަލް އެ ވަގުތު ޢަޒުމް ކަނޑަ އެޅިއެވެ. އަދި އެ މާޒީއާއި ހެދި އޭނަ ނުދާ ހުރިހާ ތަނަކަށް ގޮސް އާ ހަނދާންތަކެއް އެ ތަންތަނާއި ގުޅުވަން މަސައްކަތް ކުރުމަށް ޤަޞްދު ކުރިއެވެ.
އެއާރޕޯޓަށް ދިޔުމަށް އަފްޒަލް އެރޭ ދަތުރު ފެށީ ހިތުގައި އެ ކަނޑަ އެޅުނު ޢަޒުމްތަކާއިމެދު އިންތިހާއަށް ހަމަޖެހިފައިވާ ޙާލުގައެވެ.
**
ދުބާއިއިން މާލެއަށް ދަތުރު ކުރަމުން ދިޔަ އެމިރޭޓްސް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ، މާލޭގެ ގަޑިން 8:17 ހިކަށްހާއިރެވެ. ފްލައިޓް ތެރޭގައި އަރާމުކޮށް ނިދިފައި އޮތް ފަލަކަށް ހޭލެވުނީ ފްލައިޓް ރަންވޭ މަތީގައި ޖެއްސި ވަގުތެވެ. އޭނަ އަންނަން ބޭނުންނުވާ މަންޒިލާއި ހަމައަށް އާދެވުނީކަން ޔަޤީންވުމާއިއެކު ފަލަކް ލޯ ހުޅުވައި ސީދާވެލީ ކަންނެތް ކަމާއި އެކީގައެވެ. އެހެނަސް ފްލައިޓްގެ ދޮރު ހުޅުވުމާއިއެކު އަވަސްއަވަހަށް ތެދުވެލީ، މި ދަތުރު އަވަހަށް ފަށައި އަވަހަށް ނިންމައިލުމަށެވެ. އަދި އަމުދުން އޭނަގެ ބުޅާ މި ރާއްޖެ އެއާރޕޯޓުގެ ނުބައި އަތަކަށް ދިޔުމުގެ ކުރިން ‘ސަލާމަތް’ ކުރުމަށް ވެސްމެއެވެ.
ފަލަކްގެ ނަސީބު ރަނގަޅުކަމުން އެއާރޕޯޓަށް ވަދެވުނުތާ މާ ގިނައިރެއްނުވެ އޭނަގެ އަތަށް އޭނަގެ ބުޅާ ލިބުނެވެ. އާދައިގެ މަތިން ސްނޯ ފެނުމާއިއެކު ފަލަކް ސްނޯގެ ގައިގައި ބައްދައި ބޮސްދެމުން ދިޔައެވެ. އެއާރޕޯޓުގެ ތެރެއިން ފަލަކަށް އަމާޒުވަމުން ދިޔަ ދިވެހިންގެ ނަޒަރުތައް ގިނައެވެ. ބައެއް މީހުން ބަލަމުން ދިޔައީ އޭނަ އެ ބުޅާ ގެންގުޅެމުން ދިޔަ ގޮތުންނެވެ. އަނެއްބައި މީހުން ކުދި ކިޔަމުން ދިޔައީ އޭނަ ލައިގެން ހުރި ކަކުލާއި ހަމައަށް އޮތް ގަދަ ނޫކުލައިގެ އަތްކުރު ހެދުމުގެ ސަބަބުންނެވެ. އަނެއްބައި މީހުން އޭނައަކީ ދިވެއްސެއްތޯ ނޫނީ ޢަރަބި މީހެއްތޯ ޔަޤީން ނުވެގެން އުޅެމުން ދިޔައެވެ.
އެހެނަސް ފަލަކަށް އޭގެއިން އެއްވެސް ކަމެއް ރޭކާވެސް ނުލާ ފަދައެވެ. އޭނައަކީ އެއްވެސް ދުވަސްވަރެއްގައި އޭނައާއިމެދު އެހެން މީހަކު ދެކޭ ނަޒަރިއްޔާތަކާއި މެދު ވިސްނި މީހެއްނޫނެވެ. ވީއިރު މިއަދު ވަކި ވިސްނަންވީ ސަބަބެއް ނެތެވެ.
ފަލަކަށް އެއާރޕޯޓުން ފެނުނު މީހުންގެ ތެރެއިން ސަމާލުކަން ދެވުނީ، އެއާރޕޯޓު ތެރެއިން ބޮޑު ކޮތަޅަކާއިއެކީ ހިނގާފައި ދިޔަ ދައްތައަކަށެވެ. އެ ދައްތައަށް ފަލަކްގެ ސަމާލުކަން ދެވޭ ގޮތްވީ، އެއާރޕޯޓް ތެރެއިން ލަގެޖް ޓްރޯލީއާއިއެކީ ހިނގާފައި ދަނިކޮށް، ޓްރޯލީގެ މަތީ ބައިގައި އިން ސްނޯ އެ ދައްތައަށް ބަލައި ރޯން ފެށުމުންނެވެ. ދައްތަ ކައިރިން ދިޔަ ހިނދު ދުވި ވަހުން އެއީ ކީއްވެކަން ފަލަކަށް މާ ރަނގަޅަށް ވެސް އެނގުނެވެ. ދައްތަގެ އެ ކޮތަޅުގައި ހަމަ ޔަޤީނުން ވެސް ހުރީ ވަޅޯ މަހެވެ.
ސްނޯގެ ސަމާލުކަން އެހެން ދިމާލަކަށް ގެންދިޔުމަށްޓަކައި ފަލަކް އަވަސް ފިޔަވަޅުތަކެއްގައި އެ ދައްތަ ފަހަނަޅައި ދިޔައެވެ. އެހެނަސް ވަކި ހިސާބަކުން އޭނަގެ އަތް ދަބަސް ތެރޭގައި އޮތް ފޯނު ރިންގުވާން ފެށުމުން ފަލަކް އޭނަގެ ފިޔަވަޅުތައް މަޑު ޖައްސައިލަން ޖެހުނީ ދާދި ދެންމެ ވެސް މަހްރީން ނުހަނު މުހިއްމު ކަމަކަށް އޭނައަށް ގުޅާފައިވުމުންނެވެ. ރޯމިން ހަދާފައި ހުރީ ވެސް ކުޑަ ވަގުތުކޮޅަކަށް ވެސް ވިޔަފާރީގެ ކަމަކަށް ފަރުވާ ކުޑަ ނުކުރުމަށެވެ.
ފޯނު ނަގައި ފަލަކް މަހްރީންއާއި ވާހަކަ ދައްކަން ފެށިފަހުން ސްނޯއަށް ދެވުނު ސަމާލުކަން ކުޑަވިއެވެ. ސްނޯގެ ނަޒަރު އޭރުވެސް ހުއްޓިފައިވީ އެހިނދު ފަލަކް ފަހަނަޅައި ކުރިއަށް ދަމުން ދިޔަ ދައްތަގެ އަތުގައި އޮތް ކޮތަޅަށެވެ. ދައްތަ ހިނގަމުން ގޮސް އެއާރޕޯޓުން ނިކުންނަ ދޮރާއި ހަމަވި ތަނާހެން ސްނޯ ކުއްލި ގޮތަކަށް ޓްރޯލީއިން ފުންމައިލުމަށްފަހު ބާރަށް ދުއްވައިގެންފިއެވެ. މަންޒަރު ފެނުނު ފަލަކްގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ.
“ސްނޯ!” ފަލަކަށް ބާރަށް ގޮވައިލެވުނު އަޑަށް އެއާރޕޯޓުގެ އެ ޞަރަޙައްދުގައި ތިބި އެންމެންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެވެ. ހަމަ އެހިނދު ސްނޯ އޭނަގެ ލޯ މައްޗަށް ގެއްލުމާއިއެކު ފަލަކް އެއާރޕޯޓުން ނިކުންނަން ދުއްވައިގަތީ އޭނަގެ ލަގެޖް ޓްރޯލީ ވެސް ހުރިތާ ބަހައްޓާފައެވެ.
ދުވެފައި ގޮސް ފަލަކް އެއާރޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުން ނިކުތެވެ. އެހިނދު އެއާރޕޯޓުން ނިކުންނަމުން ދިޔަ މީހުންނާއި ވަންނަމުން ދިޔަ މީހުންގެ އިތުރުން ދިގު ރޮނގަކަށް އޮތް ޓެކްސީ ރޮނގުގެ ދޭތެރެއިން ވެސް ސްނޯ ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ފަލަކް އެއާރޕޯޓުގެ ކައިރިން ކަހަލަ ގޮތަކަށް ހިނގަން ފެށީ ދެ ފަރާތަށް ނަޒަރު ހިންގަމުންނެވެ. އެ ވަގުތު އެހެން އެއްވެސް ކަމަކަށްވުރެ ސްނޯ ހޯދުން އޭނައަށް މުހިއްމުވި ފަދައެވެ. ހިނގަމުން ދަނިކޮށް ކުއްލި ގޮތަކަށް ފަލަކް ފިޔަވަޅުތައް މަޑުޖައްސައިލީ ކުރިއަށް ފެންނަމުން ދިޔަ މަގުގެ ދުރު ހިސާބަކުން ސްނޯ ލަސް ހިނގުމެއްގައި ދާތަން ފެނިފައެވެ. ދެވަނަ ވިސްނުމެއް ވެސް ނެތި އެ ދިމާލަށް ދާން އުޅެނިކޮށް ފެނިގެން ދިޔައީ ކޮންމެވެސް އިސްތަށިގަނޑު މައްޗަށް ނަގާފައި ހުރި ޒާތެއްގެ މީހަކު ގޮސް އެ ސްނޯ ނެގިތަނެވެ. އަދި އޭގެ މާ ގިނައިރެއްނުވެ އެމީހަކު ދެ ފަރާތަށް ދެފަރާތަށް ބަލަމުން ކައިރީގައި ހުރި ސައިކަލަކަށް އަރައި ދުއްވައިލި ތަނެވެ.
ފެނުނު މަންޒަރު ޤަބޫލުވެސް ކުރަން ދަތިވެފައިވާ ޙާލު ފަލަކްގެ ބުމަގޮށްޖެހުނީ އޭނަގެ ގާތަށް އައި ގަދަ ރުޅިއަކާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައާއި އެވަގުތު އެންމެ ކައިރިން ފެނުނު ހުދުކުލައިގެ ކާރުގެ ފަހަތު ދޮރު ހުޅުވައި ކާރަށް އެރިއެވެ.
“ފޮލޯ ދެޓް ބައިކް! ރިއަލް ކުއިކް!”
ދޮރު ލައްޕައިލުމަށްފަހު ފަލަކް ބުނެލި ފުރަތަމަ ބަސްތަކަކީ އެއީއެވެ. އިސާހިތަކު ކާރު ދުއްވަން ހުރި ޒުވާނާ ފަސްއެނބުރި ފަލަކަށް ބަލައިލިއެވެ. އެހިނދު ފެނިގެން ދިޔައީ ފަލަކް އުއްމީދު ކުރި ވަރަށްވުރެ ފުރިހަމަ ސޫރައެއް ފެނިގެން ދިޔުމުން ހިނދުކޮޅަކަށް ވަގުތު މަޑުޖެހުނުހެން ފަލަކަށް ހީވިއެވެ.
ނުނިމޭ
Mish
September 30, 2022 @ 1:09 am
Oh wow
Jana
October 3, 2022 @ 3:29 pm
I know riiiiiiiight! XD hehe….Alhamdhulillah! (All praise and thanks belong to Allah) ^_^
ASH ✨
September 30, 2022 @ 5:53 am
Just wowwww… Eagerly waiting for the next part… 💫💖
Jana
October 3, 2022 @ 3:29 pm
Alhamdhulillah! 😀 Next part Tuesday ga In Sha Allah ^_^ <3
Dhonthi
September 30, 2022 @ 6:53 am
Assalaamualaikum 😊
Jana dhahtha haalu kihineii??
Masha Allah….mi part ves varah varah reethi 😍😍Alheyyyyy….I really really love the character of falak….dhe meehun meet vi goii varah majaa ingey….
Mihaaru dhen inna part kiyaalaa hithun mi innanee….
Take care Jana dhahthaa😊😊
Jana
October 3, 2022 @ 3:31 pm
Wa’alaikumussalaam. Haalu rangalhu Alhamdhulillah! Adhives balivi fahun schedule hama akah neylhigen ulheythy miulheny hehe….Falak ge character dho? I love her too. Adhi kuriah oiy thaanga maa loabivaane In Sha Allah.
Hehe….adhi e dhemeehunge majaa bai othy. Next part Tuesday ga In Sha Allah. Take care Dhonthi. Much love <3
Ibaa
September 30, 2022 @ 10:52 am
Masha Allah..Vrh reethi mi story ves kuriyah dhaa goiy..Keep going sis ! Time vy varakun abdahuves story kiyaanan In Sha Allah.. Tc..
Jana
October 3, 2022 @ 3:32 pm
Alhamdhulillah! Ethah dhuvaheh fahun anekka Ibaa ge khabareh veema ufaavejje Alhamdhulillah! Jazaakillah Khairan for the support sis! Take care <3 <3 <3
Ibaa
October 1, 2022 @ 4:06 pm
Masha Allah ❤
Jana
October 3, 2022 @ 3:32 pm
<3 <3 <3
Aalaa
October 3, 2022 @ 8:03 am
Maasha Allah sis
Keep it up !!!!
But
Jana sis the last sentence has a bit of a mistake
I hope its okay to point it out
Jana
October 3, 2022 @ 3:34 pm
Alhamdhulillah! Of course Aala I will be more than grateful if you point it out ^_^