ޤަދަރު (ދިހަވަނަ ބައި)
“ދެން އެ ވާހަކަ ނިންމައިލަމާދޯ މަޖީދުބެ. ވަރަށް ގިނަ މީހުންވެސް އެބަ ތިބި. އަޅުގަނޑާއިއެކީ މި ފްރައިޑް ރައިސްގެ ރަހަ ބަލައިލަންވީއެއްނު؟” އަފްޒަލް ބުންޏެވެ. އެހެން ބުނުމާއިއެކު މަޖީދު ވަށައި ނަޒަރެއް ދިނެވެ. އަޑުގަދަ މި ކުރެވުނީ ކޮން ކަހަލަ މާހައުލެއްގައިކަން އެނގުންވީ ދެނެވެ. އިސާހިތަކު މަޖީދު އާނއެކޭ ބުނަމުން އެއްބަސްވެ އަފްޒަލްގެ ކުރިމައްޗަށް ވާ ގޮތަށް އިށީނެވެ. އަދި ފަލަކް ގާތުވެސް ކައިރީގައި ހުރި ގޮނޑިއެއް ދައްކައި އިށީންނަން އެންގިއެވެ.
މަޖީދުގެ އެ އެންގުމާއިއެކީ ފަލަކް އެ ދެމީހުންނަށް ވެސް ދިނީ ފަހެވެ. އަފްޒަލާއި މަޖީދު ބަލަބަލާ ތިއްބާ ފަލަކް ދިގު ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނިކުންނަން ދިޔައެވެ.
ފަލަކް ލޯމައްޗަށް ގެއްލުނު ވަގުތު އަފްޒަލް ދެރަވެގެން ދިޔައީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ދޭހައެއް ނުކުރެވުނެވެ. ހަމަ އެއާއިއެކު ފަލަކް އެ ވަގުތުކޮޅުގެ ނުބައިކަމުން ދުރުވެގެން ދިޔައީތީ ހިތްހަމަޖެހުން ލިބުނު ގޮތުން ވެސް އަފްޒަލް ޙައިރާންވިއެވެ.
“މަށަކަށް ނޭނގެ އެ ކުއްޖާއާއިމެދު ހަދަންވީ ގޮތެއް!” މަޖީދު ރުޅިވެރިކަމާއިއެކީ ބުނުމުން އަފްޒަލަށް މަޖީދާއި ދިމާލަށް ބަލައިލެވުނެވެ. އެ ވަގުތު މަޖީދުގެ ބަހުރުވަ ހުރިގޮތުން އަފްޒަލް ހިތްހަމަ ނުޖެހުނެއްކަމަކު އެކަން ނުދެއްކިއެވެ.
“އަމިއްލަ ޒާތުގަ ރުޅިގަދަ ކުއްޖަކީދޯ އެއީ ހެހެ….” އަފްޒަލް އެތާ މޭޒުމަތީގައި ފަށްޖަހާފައި އޮތް ސާފު ތުންފުހި ނަގައި މޫނު ފޮހެން ފެށިއެވެ.
“ހުމް….އެކަހަލަ ގޮތަކަށް ބޮޑުވެފަ އެހެރީ….ލަދުގަނޭ މިހެން ބުނަން ވެސް އެކަމަކު މިއަދު އަފްޒަލް ގާތު ބޭބެ އެދުނީ އެ ކުއްޖާއާއި އިންނަން. މިރޭ މި ހިނގި ކަންތަކަށްފަހު އަފްޒަލަށް ދެން އެކަމާއިމެދު ވިސްނަންވީ ޖާގައެއް ވެސް ނެތް ކަންނޭނގެދޯ؟” މަޖީދު މާޔޫސީ ގޮތަކަށް އެހިއެވެ.
މަޖީދު ކޮށްލި އެ ސުވާލާއިއެކީ އަފްޒަލް އަތުގައި އޮތް ފޮތިކޮޅު މޭޒުމަތީގައި ބާއްވަމުން ގޮނޑިއަށް ލެނގިލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ނޫނޭ….އަދި ވިސްނާނަން އިން ޝާ ﷲ…” އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އަފްޒަލް އެހެން ބުނެލިއިރު އެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވިއެވެ.
**
އަވަސް ހިނގުމެއްގައި ރެސްޓޯރެންޓުން ނިކުމެގެން ދިޔަ ފަލަކް ހުއްޓުމެއްނެތި ގޮސް ލިފްޓަށް އަރައި އޭނަގެ އެޕާޓްމެންޓާއި ހަމައަށް ގޮސް، ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. އޭނަ ކޮޓަރިއަށް ވަނުމާއިއެކު ސްނޯ އަޑުލައްވަމުން އޭނައާއި ދިމާލަށް އައެއްކަމަކު ފަލަކް ސްނޯއާއި އަޅައިލުމެއްނެތި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ފަލަކް އެފަދައިން ކަންތައް ކުރުމުން ސްނޯ އެނދުމައްޗަށް އަރައި އިތުރަށް އޭނަގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިއެވެ. އެހެނަސް ސީލިންގްއަށް ނަޒަރު ހުއްޓައިގެން އޮތުން ނޫންކަމެއް ފަލަކަށް ނުކުރެވުނެވެ. ބުޅާ އެނދުމައްޗަށް އެރުވުމަކީ ހޮޓެލުން މަނާކޮށްފައިވާ ކަމަކަށްވިޔަސް ސްނޯ އެނދުން ނެރެން އޭނައަށް އެވަގުތު ޚިޔާލެއް ނުކުރެވެއެވެ. އޭނަ ހޮޓެލް މުވައްޒަފުގެ އަތުން މިއަދު ސްނޯ ހޯދީ އެނދުމައްޗަށް ނާރާނެކަމުގެ ޔަޤީންކަން ދީފައެވެ. އެހެނަސް މިރޭ ދާދި ދެންމެއަކު ކަންތައް ހިނގައިދިޔައީ އޭނައަށް ސީދަލަށް ވިސްނޭނެ ގޮތަކަށް ނޫނެވެ.
މިރޭ އޭނަ ކުރިމަތިލާން ޖެހުނީ ހަމައެކަނި ބައްޕައާއި ކަމަށްވިނަމަ އޭނައަށް މިހާ ބޮޑު އަސަރެއް ކޮށްފައި ނުވީސްކަން ޔަޤީނެވެ. އޭނަގެ މި ޙާލަތުގެ ފަހަތުގައިވާ ‘މުޖުރިމަކީ’ މިރޭ އޭނަގެ ދިފާޢުގައި ވާހަކަ ދެއްކި ޒުވާނާއެވެ. އޭނައަށް މިހާރު ނަންވެސް އެނގޭ ޒުވާނާއެވެ.
“އަފްޒަލް…” އޮތްގޮތަށް އޮވެ ފަލަކަށް އެ ނަން ކިޔައިލެވުނީ ހިތާހިތުންނެވެ. އެ ހިނދު އެ ސޫރައާއިއެކީ މިރޭ އަފްޒަލް އޭނައަށްޓަކައި ދެއްކިހާ ވާހަކަތައް ހަނދާންވާން ފެށިއެވެ.
“އެއީ މައްސަލައެއް ނޫނޭ މަޖީދުބެ. އެ ފެންތަށިން އަޅުގަނޑަށް މިހާރު ކުޑަކޮށް ހޭލެވިއްޖެ ހެހެ….އެހެން މީހަކު ކަމަށް ހީކޮށް ފަލަކް ފެންތަށި އުކައިލީ..”
“ދެން އެ ވާހަކަ ނިންމައިލަމާދޯ މަޖީދުބެ. ވަރަށް ގިނަ މީހުންވެސް އެބަ ތިބި….”
އެ ބަސްތައް ފަލަކްގެ ކަންފަތުގައި ގުގުމައިގެން ދިޔަދިޔަހެން އޭނައަށް މިރޭ އަފްޒަލާއި ދިމާލަށް ފެން އުކައިލެވުނު މަންޒަރު ލޮލަށް ސިފަވުމުން ފަލަކަށް ލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އަފްޒަލާއިމެދު ވިސްނަންވީ ގޮތާއި އިޙްސާސް ކުރަންވީ ގޮތާއިމެދު ފަލަކް މުޅިން އޮޅުން އަރާފައިވިއެވެ.
މިރެއަކީ ފުރަތަމަ ފަހަރަށް މީހަކު ބައްޕަގެ ކުރިމަތީގައި އޭނަ ދިފާޢުކުރި ފުރަތަމަ ފަހަރެވެ. އެ ދިފާޢު އޭނައަށް ލިބިގެން ދިޔައީ ފިރިހެނެއްގެ ފަރާތުންކަން ޤަބޫލުކުރަން އެވަގުތު ވެސް ފަލަކަށް ދަތިވެފައިވިއެވެ. މިއީ ފިރިހެނެއްގެ ފަރާތުން އޭނައަށް އެފަދަ އެހީއެއް ވެސް ލިބުނު ފުރަތަމަ ފަހަރެވެ. އެ ވަގުތުކޮޅު ތަކުރާރުކޮށް ހަނދާންކުރަމުން އެއާއިމެދު ފުންކޮށް ވިސްނެން ފެށީ އެހެންވެއެވެ.
އަފްޒަލް އޭނަ ދިފާޢުކޮށްފައިވާނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ސަމާލުކަން ހޯދަން ހެއްޔެވެ؟ ނޫނީ އޭނަ ރީތި އަންހެން ކުއްޖަކަށްވީތީ އޭނަ ޙާސިލު ކުރުމަށްޓަކައި ހެއްޔެވެ؟ އެހެންނޫނީ މިއީ ބައްޕައާއި އަފްޒަލް ރާވައިގެން އޭނަގެ ވިސްނުން ގަޑުބަޑުކުރަން ރާވައިގެން އުޅޭ ރޭވުމެއް ހެއްޔެވެ؟
ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކާއިއެކީ ފަލަކްގެ މޭވެސް ނުބައި ކުރިއެވެ. އަފްޒަލަކީ ރަނގަޅު މީހެއްކަމަށް ހިތް ޤަބޫލުކުރަން ބޭނުންވިއެއްކަމަކު އޭނަގެ ސިކުނޑި މުޅިން ނުބައިކޮށް ވިސްނަން އޭނައަށް މަޖުބޫރު ކުރުވަމުން ދިޔައީތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް މިހާ ހިސާބުން އޭނަ އަފްޒަލަށް މަޢާފަށް އެދެން ޖެހޭކަމަށް ފަލަކަށް ޤަބޫލުކުރެވުނެވެ. މިރޭ ކަންތައް ކުރެވުނު ގޮތުގެ އިތުރުން މިއަދު ހެނދުނު އަފްޒަލްގެ ބޮލުގައި އެޅުވުނު އިލްޒާމަށްޓަކައި ވެސްމެއެވެ. ފިރިހެނަކަށް މަޢާފަށް އެދުމުގެ ޚިޔާލުން ވެސް ފަލަކްގެ ތަބީޢަތް ގޯސްވިއެވެ. މިހާތަނަށް އައިއިރު އޭނަ ދުވަހަކުވެސް ފިރިހެނަކަށް މަޢާފަށް އެދިފައި ނުވާތީވެއެވެ. އަދި މަޢާފަށް އެދެންޖެހޭނެ ފަދަ ޙާލަތެއް އައިސްފައި ނުވާތީވެސްމެއެވެ. އޭނައަކީ ވަކިން ޚާއްޞަކޮށް ފިރިހެނުންގެ ކުރިމަތީގައި ހުރިހާ ކަމެއް ފުރިހަމައަށް ކުރާ މީހެކެވެ. އެހެނަސް މިރޭ އޭނަގެ އެ ‘ރެކޯޑު’ ގެއްލިގެން ގޮއްސިތާއެވެ.
އަފްޒަލަށް މަޢާފަށް އެދުމުގެ ޚިޔާލާއިއެކީ އަފްޒަލްގެ ހައިބަތުގެ މަތިން ވެސް ފަލަކް ހަނދާންވަމުން ދިޔައެވެ. އަފްޒަލަކީ މި ޢިމާރާތުގެ ވެސް ވެރިފަރާތޭ ބައްޕަ ބުނި ހަނދާން އާވެގެން ދިޔުމުން ފަލަކަށް ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ. އެއީ ހަމައެކަނި ޓެކްސީ ޑްރައިވަރެކޭ ހިތައި އޭނައަށް އެފަދައިން ވާހަކަ ދެކެވުނީ މި ޢިމާރާތުގެ ވެރިފަރާތާއިތޯ ތަކުރާރުކޮށް އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ. އެހިނދު ދުވަހަކުވެސް އިޙްސާސް ނުކުރެވޭ ފަދަ ލަދުވެތިކަމެއް ފަލަކަށް އިޙްސާސް ކުރެވުނެވެ.
އެ ލަދުވެތިކަމާއިއެކީ ފަލަކަށް އެ ވަގުތުން ވަގުތަށް ނަގަންވީ ފިޔަވަޅަކާއިމެދު ޔަޤީން ކުރެވުނެވެ. އިސާހިތަކު ފެނިގެން ދިޔައީ އޭނަ އަރިމަތީ މޭޒާއި ކައިރިވެ އެ މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ނަގައި ނަންބަރަކަށް ފިތައިލި މަންޒަރެވެ.
“ހެލޯ….އަޅުގަނޑު މިރޭ މި ރޫމުން ޗެކް އައުޓް ވާން ބޭނުން…” ފަލަކް ސާބިތުކަން އެކުލެވިގެންވި އަޑަކުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އަފްޒަލާއި މެދު ކަންތައް ކުރެވިފައިވާ ގޮތަށް ކޮށްފައި އޭނަގެ މިލްކުވެރިކަމުގައިވާ ތަނެއްގައި އުޅުމަށް ފަލަކްގެ ޒަމީރު އެއްބަހެއް ނުވިއެވެ. މިއީ އޭނަގެ ކުށް ޤަބޫލުކުރި ކަމަށް އޭނަ އަޅާ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ފަލަކް ނިންމިއެވެ.
**
އެރެއާއިމެދު ވިސްނަމުން ގޮސް ބޯ ހަލާކުވަމުން ދިޔައީ ހަމައެކަނި ފަލަކްއެއް ނޫނެވެ. ރެސްޓޯރެންޓުން ކާރުގައި ގެއަށް ދިޔަ މަގުމަތީގައި އަފްޒަލްގެ ހަމަޖެހުން ވެސް ނެތިފައިވިއެވެ. މަޖީދުބެ ދެން އެ ކުއްޖާއާއިމެދު ނުވިސްނާނަންދޯއޭ ބުނުމުން ވެސް އޭނައަށް ނޫނެކޭ ބުނެވުނީތީ އަމިއްލަ ނަފްސަށް އެއްޗެހި ގޮވެމުން ދިޔައެވެ. އޭނަ އެހެން ބުނީ ފަހެ ކޮން ޚިޔާލެއްގައި ހުރެތޯ ވިސްނެމުން ދިޔައެވެ.
އެހެނަސް ފަލަކާއި ޚިލާފަށް އަފްޒަލަށް ނިންމުމަކާއި ހަމައަށް ނުހަނު އަވަހަށް އާދެވުނެވެ. އިސްތިޚާރާގެ އެހީ އޭނައަށް ލިބިފައިވާތީ ކަންނޭނގެއެވެ. އެރޭ ނިދަން އޮށޯތުމުން އަފްޒަލްގެ ހިތް މުޅިން ވެސް ފުރިގެން ދިޔައީ ފަލަކަށްޓަކައިވި ޙަމްދަރުދީ އަކުންނެވެ. އޭނައަށް ހީކުރެވިފައިވަނީ ރަނގަޅަށްތާއޭ ހިތަށްއެރިއެވެ. ފަލަކް ފިރިހެނުންނަށް ރުޅި އައުމުގެ ފަހަތުގައި ހަމަ ކޮންމެވެސް ސަބަބެއްވެއެވެ. މިރޭ އޭނައަށް ފެނިފައިވާ މަންޒަރުތަކުންނާއި އިވިފައިވާ އަޑުތަކުން އެ ސަބަބު ފުރިހަމައަށް ދޭހަ ނުކުރެވުނަސް، އޭގެ ކޮންމެވެސް ވަރެއްގެ ފަހުމެއް ވެއްޖެއެވެ.
ފުން ވިސްނުމެއްގައި އޮވެފައި އަފްޒަލް ފޯނު ނަގައި ފަލަކްގެ ވެބްސައިޓަށް ވަދެ ފަލަކްގެ ލިޔުންތައް ވެސް ކިޔުނެވެ. ކުރީ ފަހަރާއި ޚިލާފަށް މަތިމަތިން ކިޔުމުގެ ބަދަލުގައި އެއަށް ފުރިހަމަ ސަމާލުކަން ދީގެން އަފްޒަލް ލިޔުންތައް ކިޔަމުން ދިޔައެވެ. އެ ލިޔުންތައް ކިޔަމުން ދިޔަދިޔަހެން އަފްޒަލްގެ ހިތް ފަލަކަށްޓަކައި އިތުރަށް ދެރަވުން ނޫންކަމެއް ނުވިއެވެ. އެ ލިޔުންތަކުން އަފްޒަލަށް ސިފަވެގެން ދިޔައީ އަންހެނުންގެ ޙައްޤުތަކަށް ތެދުވާ ހިތްވަރުގަދަ އަންހެން ކުއްޖެއް ނޫނެވެ. އެހެނެއްކަމަކު ނުލަފާ ފިރިހެނެއްގެ ނޫނީ ފިރިހެނުންތަކެއްގެ ސަބަބުން ހިތްދަތިކަން ލިބިފައިވި އަންހެން ކުއްޖެކެވެ. މި ކުއްޖާ ރަނގަޅު އެންމެ ފިރިހެނަކާއި ވެސް ބައްދަލުވެފައި ނުވަނީތޯ ހިތާހިތުން ކިޔައިލެވުނެވެ.
ހަމަ އެއާއިއެކު ފަލަކްގެ އެ ޚިޔާލުތައް ބަދަލުކުރާނެ ފިރިހެނަކަށް ވުމަށް އަފްޒަލްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ދެމީހުން ވާހަކަ ދައްކައިގެން ކައިވެންޏަކާއި ހަމައަށް ނުދިޔަޔަސް ފަލަކްގެ އެ ޒަޚަމަށް ޝިފާއެއް ހޯދައިދޭން އަފްޒަލް ބޭނުންވިއެވެ. ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވިއެވެ.
އެ ނިންމުނު ނިންމުމާއިމެދު ލިބުނު ހިތްހަމަޖެހުމާއިއެކީ އަފްޒަލަށް ހިނިތުންވެލެވުނެވެ. އަދި އޭގެ މާ ގިނައިރެއް ނުވެ ނިދުނުއިރު އޭނަގެ ހިތުގައި ނޭނގޭ އުފާވެރިކަމެއްވިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ރެސްޓޯރެންޓަށް ދިޔުމުގެ ކުރިން އަފްޒަލް ގޭގައި ނާސްތާ ކުރިއެވެ. އާދައިގެ މަތިން އެ ނާސްތާގައި މަންމަވެސް ބައިވެރިވިއެވެ. ޒައުލް އާދައިގެ މަތިން އެ ގަޑީގައި ނިދާފައި އޮތްއިރު، ދޮންބެއާއި އަންހެނުންނާއި ނާއިލް އެ ގަޑީގައި ކޮޓަރީގައި އުޅެމުން ދިޔައެވެ. ދެމީހުން ނާސްތާ ކުރަން ތިއްބައި އެގޭގެ މަތީ ބައިން ދެ އަންހެން ކުދިން ފޮށިތަކާއިއެކީ ފައިބައިގެން އަންނަން ފެށިއެވެ. އެއީ ގޭގެ މަތީ ބައިގައި ކުއްޔަށް އުޅުނު ދެކުދިންނެވެ. ހުޅުމާލޭގައި އެ މީހުން މިއުޅޭ ގެއަކީ ބައްޕަ މާ ކުރިން މިލްކުކޮށްފައިވާ ގެއެކެވެ. އެހެނަސް އެގޭގެ މަތީ ބައި ހަދާފައިވަނީ އަފްޒަލަށް ލާރި ލިބެން ފެށި ފަހުންނެވެ. އެ ބައި ކުއްޔަށް ދޭން އަފްޒަލް ނިންމީ މަންމައަށްޓަކައި ވަކިން ހޯދާ އާމްދަނީއެއްގެ ގޮތުގައެވެ.
“އަނހަ! މިއަދަކީ ފަސާ އާއި ހަފީ ގެ ފަހު ދުވަސްދޯ؟ މިއަދުތަ ރަށަށްދާން ފުރަނީ؟” ފަޒީލާ ނުހަނު ހެވިދިއްލިފައި އިނދެ ސުވާލުކުރިއިރު، އަފްޒަލް ފަހަތް ބަލަން ޚިޔާލުވެސް ނުކުރިއެވެ.
“އާނ ދައްތާ…..ދިޔައީ އިނގޭ؟” ދެ އަންހެން ކުދިންގެ ތެރެއިން ދިގުކޮށް ހުރި ފަސާ އެހެން ބުނެލީ އަފްޒަލްގެ މޫނު ވެސް ފެނޭތޯ ބަލަމުންނެވެ. އެހެނަސް އެކަން ފާހަގަވީ މީހަކަށްވީ ހަމައެކަނި ފަޒީލާއެވެ. އަފްޒަލް އަޅައިވެސް ލުމެއްނެތި މީރުކޮށް ނާސްތާ ކުރަމުން ދިޔައެވެ.
ފަޒީލާ ލުއި ހީލުމަކުން އެކަން ހަމަޖައްސައިލަމުން އެ ދެ އަންހެން ކުދިންނަށް އަލްވަދާޢު ކިޔުނެވެ. އެ ދެކުދިން ގެއިން ނިކުމެގެން ދިޔުމާއިއެކު ޕާން ފޮއްޗެއް ނަގަން އުޅުނު އަފްޒަލްގެ އަތުގައި ފަޒީލާ ޖެހިއެވެ.
“އަންހެން ކުއްޖަކު ސަމާލުކަން ދިނީމަ އެއަށް ރައްދެއްދޭން އަފްޒަލްއަށް ހަމަ ނޭނގެނީތަ؟ ފަސާއަށް އަފްޒަލް ކަމުދިޔަހެން މަންމައަށް ހީވަނީ….”
“ކަމުދިޔަ….އަދި ކަމުދިޔައީ ވެސް ކުޅަދާނަ ވާވަރަކަށް ނޫން. އެންމެ ފުރަތަމަ ދުވަހު އައިސް ވެސް އަހަރެންގެ ފޯނު ނަންބަރު ހޯދީ. އެއްވެސް އެހީއެއް ބޭނުންވެއްޖެއްޔާ ގުޅައިލެވިދާނެ ކަމަށް ބުނެ އަހަރެން ނަންބަރު ދިނީ. ކޮންތާކު ކޮން ގަޑިއިރަކު މެސެޖު ކުރަން ފެށީ…ނުކުރާށޭ ބުނީމަ ވެސް ހުއްޓައެއްނުލި…..ފޫހިވެގެން ގޮއްސަ ބްލޮކްކޮށްލަން ޖެހުނީ. އެކަހަލަ ކުއްޖަކަށް އަހަރެން އަދި މިކަހަލަ ވަގުތުކޮޅެއްގަ އަލްވަދާޢު ވެސް ކިޔައިފިއްޔާ ސަލާމަތެއް ނޯންނާނެއެއްނު މަންމާ؟” އަފްޒަލް ތަފްސީލުކޮށް ކިޔައިދިނެވެ.
“ދެން ކަމުދިޔައިމަ ވާހަކަ ދައްކަން ބޭނުންވީމަ މެސެޖު ކުރާނެއެއްނު؟ ދަރިފުޅު ޖެހޭނެއެއްނު އެކަން ވިސްނިގެން އެ ކުއްޖާއަށް ފުރުސަތެއް ދީގެން އެ ކުއްޖާ ދަނެގަންނަން މަސައްކަތް ކުރަން. މިގޭގަ އަދި ޢާއިލާއާއިއެކީ އުޅެފަ އެ ކުއްޖާ އެ ދިޔައީ ވެސް…ދެކުދިންނަށް ރަނގަޅު ގޮތުގަ ބައްދަލުކޮށްގެން ވާހަކަ ދައްކަން ވެސް ފަސޭހަވީހެއްނު؟” ފަޒީލާ ބުންޏެވެ.
“ނޫން މަންމާ…ޙަޤީޤަތުގަ އެކަހަލަ ކުއްޖެއްނޫން އަހަރެން ބޭނުންވަނީ. އެ ކުއްޖާ އެ ލޯތްބެއްވިއްޔާ ވީ އަހަރެންގެ ސޫރައާއި ފައިސާ ދެކެ. ފެންނައިރަށް އެހާ ވަރަށް ވާހަކަ ދައްކަން މަސައްކަތް ކުރާނީ އެހެންވެއެއްނޫންތަ؟ އަހަރެން ބޭނުންވަނީ ނުހަނު ވިސްނުންތެރިކަމާއިއެކީ ރަނގަޅު ސަބަބުތަކާއި ލައިގެން އަހަރެން ޚިޔާރު ކުރާނެ ކުއްޖެއް….” އަފްޒަލަށް ބުނެވުނެވެ. އޭނަގެ ދުލުން ބުނެވުނު އެ ފަހު ބަސްތަކާއިއެކީ ގައިން ހީބިހި ނަގައިގެން ދިޔައީ، އޭނައަށް މިހާރު މި ފަދައިން މި ދެކެވެނީ ޚިޔާލީ ކުއްޖެއްގެ ވާހަކައެއް ނޫންކަން އެނގުންވުމުންނެވެ. ހަމަ އެ ހިނދު އޭނަގެ ޚިޔާލުތަކުގެ މި ދުވަސްކޮޅު ރަސްކަން ކުރަން ފަށާފައިވާ ކުއްޖާގެ ސޫރަ ލޮލަށް ސިފަވުމުން ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“މަންމަ ބުނާނެ ވާހަކައެއް ނެތް. މުސްކުޅިވުމުގެ ކުރިން ތި ކުއްޖެއް ހޯދޭތޯ މަސައްކަތް ކުރޭ!” ފަޒީލާ ބުންޏެވެ. މަންމަ ރާގަކަށް ބުނެލި އެ ބަސްތަކާއިއެކީ އަފްޒަލަށް ހީލެވުނެވެ. ހަމަ އެ ވަގުތު އޭނަގާތު އިއްޔެ މަޖީދުބެ އެދުނު އެދުމާއި، ފަލަކްގެ ވާހަކަ މަންމައަށް ކިޔައިދޭން އަފްޒަލްގެ ހިތަށް އެރިއެވެ. އެހެނަސް އޭނައަށް މި ޚިޔާލު ކުރެވޭ ގޮތަށް އެ ކަންތައް ނިމިގެން ދާނެ ކަމާއިމެދު އަދިވެސް ޝައްކު އެބައޮތެވެ. އޭނައަށް ފަލަކް ކަމުނުގޮސް ހިނގައިދާނެއެވެ. އަދި އަމުދުން ފަލަކަށް އޭނަ ކަމުނުގޮސް ހިނގައިދާނެއެވެ. އެކަންތައް އެނގެން އޮތީ ފަލަކް އޭނައާއި ވާހަކަ ވެސް ދައްކަން އެއްބަސްވެއްޖެ ޙާލަތެއްގައެވެ.
އެހެންކަމުން އަފްޒަލް އެ ޚަބަރު މަންމައަށް ދޭން ބޭނުންވީ ހުރިހާ ކަމެއް ޔަޤީންވުމުންނެވެ. އެހެންނޫނީ މަންމަ އަނެއްކާވެސް އުއްމީދުތައް އާކޮށް އެ އުއްމީދުތައް ފުނޑުފުނޑު ކުރުވަން ޖެހިދާނެ ކަމުގެ ބިރު އޮތީތީވެއެވެ.
**
އާދައިގެ މަތިން އަފްޒަލް އެ ދުވަހުވެސް ‘ކްރިސްޓަލް’ ޢިމާރާތަށް ވަދެގެން ދިޔައީ ބަރާބަރު 7:55 ޖެހި ވަގުތެވެ. ޢިމާރާތަށް ވަދެގެން އަފްޒަލް އާދައިގެ މަތިން އަވަސް ހިނގުމެއްގައި ލިފްޓާއި ދިމާލަށް ދިޔައީ ރެސްޓޯރެންޓާއި ހަމައަށް ދިޔުމަށެވެ. އެހެނަސް….
“އަފްޒަލް ސާރ….” ރެސިޕްޝަނިސްޓުގައި ހުރި ނައިރާ ގޮވައިލުމުން އަފްޒަލަށް އެ ދިމާލަށް ބަލައިލެވުނެވެ. މުހިއްމު ކަމެކޭ ހިތައި އެ ދިމާލަށް ދެވުނެވެ.
“ކިހިނެއްވީ؟” ރިސެޕްޝަން ކައިރިއަށް ދަމުން އަފްޒަލަށް އަހައިލެވުނެވެ.
“ސާރއަށް ދޭން ރޭގަ ކޮންމެވެސް ކުއްޖަކު ދޫކޮށްދިޔަ އެއްޗެއް…” ރިސެޕްޝަންގައި ހުރި ކުއްޖާ އަފްޒަލަށް ދިއްކޮށްލީ ކުޑަ ސިޓީ އުރައެކެވެ. އަފްޒަލް ޙައިރާންކަމާއިއެކީ ދެބުމަ ކައިރި ކޮށްލަމުން އެ ސިޓީ އުރަ ހޯދިއެވެ. އަދި އޭތި ހުޅުވައިލުމަށްފަހު އޭގެ ތެރޭގައި އޮތް ކުޑަ ގަނޑުކޮޅެއް ނަގައި ނިއުޅައިލިއެވެ.
“އައިމް ސޮރީ….އެބައުޓް އެވްރީތިންގް. ވީ ވިލް ނޮޓް ސީ އީޗް އަދާރ އަގެއިން. އައި ޕްރޯމިސް.” ގަނޑުކޮޅުގައި ރީތި އިނގިރޭސި އަކުރުތަކުން އެހެން ލިޔެވި، ތިރީގައި ފަލަކްގެ ނަން ލިޔެވިފައިވިއެވެ.
ގަނޑުކޮޅަށް ބަލަން ހުރެފައި އަފްޒަލަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ. މިއީ ހާދަ ޒާތެއްގެ މަޢާފެކޭ ހިތަށްއެރިއެވެ. މި ކުއްޖާގެ ނަޒަރުން މަޢާފަށް އެދިފައި ޖެހޭނީ ފިލަން ހެއްޔެވެ؟ ހާދަ އެހެން ކަހަލަ ވިސްނުމެކެވެ.
“އެކްސްކިއުޒް….މި ކުއްޖާއާއި އަޅުގަނޑު ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނެވިދާނެތޯ؟ އެންމެ މަތީ ފްލޯރއެއްގެ ރޫމުގަ އުޅޭ ކުއްޖެއްދޯ މިއީ؟ ބުނޭ ސާރއާއި މިއަދު މެންދުރު ކަމަނަ ރެސްޓޯރެންޓުން ބައްދަލުކުރާށޭ.” އަފްޒަލް ބުންޏެވެ.
“ދެޓް ވޯންޓް ބީ ޕޮސިބަލް، ސާރ. އެކުއްޖާ ރޭގެ ވަގުތެއްގަ ރޫމުން ޗެކް އައުޓް ވެއްޖެ.”
“ވަޓް؟!”
“އާދެ….ޗެކް އައުޓްވެގެން ނިކުމެގެން ދަމުން ތީތި އަޅުގަނޑާއި ޙަވާލުކުރީ…”
“ދެން….މިހާރު ދިޔައީ ކޮން ތަނަކަށްކަން އެނގޭތަ؟”
“ވަރަށް މާލެ ނުދަންނަ ކުއްޖެއްހެން ހީވަނީ. އަޅުގަނޑު ކައިރިން އެހީ ދެން ހުންނާނީ ކޮން ހޮޓެލްތަކެއް ހެއްޔޭ. ދެން އެ ހޮޓެލްތަކުގެ އަގުތަކާއިމެދު ވެސް ސުވާލުކުރި. ދެން އެހީ ތަންކޮޅެއް އަގު ހެޔޮކޮށް ވީކްއަކަށް ވާވަރަށް ރެންޓް ކުރެވޭނެ ތަނެއް ހުންނާނެ ހެއްޔޭ…އަޅުގަނޑަށް ނޭނގޭތީ ބުނިން ނޭނގެއޭ…”
ރިސެޕްޝަން ކުއްޖާ ދެއްކި ވާހަކަތައް އިވިފައި އަފްޒަލަށް ވިސްނުމެއްގައި ހުރެވުނެވެ.
**
މެންދުރުން އަނބުރައި 1 ޖެހި ވަގުތު ފަލަކް ވަރުބަލި ހިނގުމެއްގައި މާލޭގެ ޕޭވްމެންޓް މަތިން ހިނގާފައި ދިޔައެވެ. ރޭ ކްރިސްޓަލް ޢިމާރާތުން ނިކުތް ގޮތަށް އޭނަ ދިޔައީ ރިސެޕްޝަނުގައި ހުރި ކުއްޖާ ނަންގަތް ހޮޓެލަށެވެ. ހޮޓެލުގައި ފަލަކް ކުރިހާ ވެސް ކަމަކީ ނިދުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހެނދުނު ހޭލެވުނު ތަނާހެން އޭނަ ހޮޓެލުން ނިކުމެ މަސައްކަތުގައި އުޅެން ފެށީ، އޭނަ ހޮޓެލް ބަދަލު ކުރިކަން ތުންތުން މަތިން ވެސް ބައްޕައަށް އެނގިދާނެތީވެއެވެ. އަދި އަމުދުން އަގު ބޮޑު ހޮޓެލަކަށް އޭނަގެ މި ދަތުރުގައި ޚަރަދު ނުކުރުމަށް ވެސްމެއެވެ. ސްނޯއާއި ހެދި ނޫންނަމަ އޭނަ މިހާރު ވެސް ހޮޓެލުން ޗެކް އައުޓް ވެފައިވީހެވެ. މީހުން ކައިރިން އަހައިގެން ވެސް ތަނެއް ލިބެންދެނެވެ. ކިތަންމެ މުއްސަނދި ވިޔަސް އޭނައަކީ ލާރި ރައްކާކުރަން ވީހާވެސް ވަރަކުން މަސައްކަތް ކުރާ މީހަކަށްވީތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް ފަލަކް އުޅޭނެ އަގުހެޔޮ ތަނެއް ހޯދަން ކުރި މަސައްކަތް ވީ ބޭކާރެވެ. ވިޔަފާރި މަސައްކަތުގައި އެކި ފިހާރަތަކަށް ދަމުން އޭނަ މީހުން ކައިރި ކުއްޔަށް ދެވޭ ކޮޓަރިތަކާއިމެދު ސުވާލުކޮށް އެ ތަންތަނަށް ދިޔައެވެ. އެހެނަސް މާލެއިން އޭނަ ހިތްހަމަޖެހޭ ޒާތުގެ ތަނެއް ފެންނަ ގޮތެއް ނުވެއެވެ. އަގު ހެޔޮކޮށް ވިޔަސް އޭނަ ބޭނުންވަނީ ތަނަވަސް ޖާގައެކެވެ.
އެ ވިސްނުމުގައި ފިކުރުކުރަމުން ހިނގަމުން ދަނިކޮށް ފަލަކްގެ އަތް ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު ނޭނގޭ ރާއްޖޭގެ ނަންބަރެއް ފެނިގެން ދިޔުމުން ފަލަކް ދެބުމަ ކައިރިކޮށްގެން ހުރެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ؟”
“ހެލޯ…ކްރިސްޓަލް ހޮޓެލް އިން މި ގުޅައިލީ. މިސް ފަލަކް މަޖީދު ދެއްތޯ؟”
“އާދެ…”
“އަޅުގަނޑުމެންނަށް މިހާރު އަގު ހެޔޮކޮށް މިސް ފަލަކްއަށް އުޅެވިދާނެ ގެއެއް އެނގިއްޖެ. އަދިވެސް ހޯދަމުންތޯ ތި ގެންދަވަނީ؟”
“އާދެ! ކިހާ ހިސާބެއްގަ ހުރި ގެއެއްތޯ؟”
“އެޑްރެސްއާއި އެހެނިހެން ތަފްޞީލު މެސެޖަކުން އެބަ ފޮނުވަން.”
“ޔެސް! ތެންކިއު ސޯ މަޗް!”
ފަލަކް އެހެން ބުނެ ފޯނު ކަނޑައިލިއިރު މޫނުމަތި އުޖާލާވެ، ހިނިތުންވެވިފައިވިއެވެ. މިއީ މަންމަ ދުނިޔޭގައި ހުރިއިރު މަންމަ އޭނައަށްޓަކައި ކުރި ދުޢާތަކުގެ ނަތީޖާތޯ ހިތަށްއެރިއެވެ. މަންމަ ބުނެފައިވާ ގޮތުގައި މަންމަމެން ދަރިންނަށްޓަކައި ކުރާ ދުޢާ އިޖާބަވާނެއެވެ.
ކޮންމެ ސަބަބަކާއި ހެދީ ލިބުނު ނިޢުމަތަކަށް ވިޔަސް، ފަލަކް އެ ވަގުތުން ވަގުތަށް ވެސް ހޮޓެލަށް ދިޔައީ އަނެއްކާވެސް ޕެކްކުރަން ވެގެންނެވެ. ކްރިސްޓަލް ހޮޓެލުން ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުން އެއީ ހުޅުމާލޭގެ ގެއެކެވެ. އަދި މިރޭ 8 ޖަހަންވާއިރަށް އޭނަ އެގެއަށް ދާންވާނެއެވެ.
ހުޅުމާލެއަށް ބަދަލުވާ ޚިޔާލުން ފަލަކަށް ދެ އުފަލެއް ލިބުނެވެ. އެއީ ބައްޕައާއި ދުރުވުމުގެ އުފަލާއި، އަފްޒަލާއި ވެސް ދުރުވުމުގެ އުފަލެވެ. އޭނަ އެ ފިރިހެނެއްގެ ސަބަބުން އެތައް ގޮތަކުން ލަދުވެތިވެފައިވާ ފިރިހެނަކާއި ކުރިމަތިލާން އޭނަ ބޭނުމެއް ނުވީއެވެ. އަދި އަމުދުން އަފްޒަލާއި ހެދި އޭނަ އަރާ އޮޅުންތަކުން ދުރުވާން އޭނަ ބޭނުންވިއެވެ. މިއީ ލިބޭ ރަނގަޅު ފުރުސަތެއްތާއޭ ހިތައި، އެރޭ ހުޅުމާލެއަށް ދިޔަ ކާރު ތެރެއިން ވެސް އޭނައަށް އިނދެވުނީ ހެވިފައެވެ.
ރޭގަނޑު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ފަލަކް އިން ކާރު މަޑުކޮށްލީ ދެ ބުރިއަށް ނަގާފައިވާ ގެއެއްގެ ކައިރިއަށެވެ. އުއްމީދު ނުކުރާ ފަދަ ޢިމާރާތަކާއި ހަމައަށް ދެވުމުން ފަލަކް ޓެކްސީއިން ފޭބީ ހިސާބެއްގެ ޙައިރާންކަމާއި އެކީގައެވެ. ހުދުކުލައިގެ އެ ގެ ކުޑަވިއެއްކަމަކު ގޭގެ ބޭރު ޒަމާނީ ގޮތަށް ފަރުމާ ކުރެވިފައިވިއެވެ. ބޭރުގައި ގޭޓެއް ލެވިފައިވީއިރު ގޭޓުގެ ކައިރީގައި ބަޓަނަކާއިއެކީ ކެމެރާއެއްވިއެވެ.
ފަލަކް ގޮސް އެ ބަޓަނަށް ފިތައިލުމާއިއެކު ގޭޓުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. ފަލަކް ލަސް ހިނގުމެއްގައި އެއްއަތުން ސްނޯ ހިފައިގެން އަނެއް އަތުން ފޮށި ދަމަމުން ގޮސް ގޭޓު ހުޅުވައި އެގޭގެ ގޯތި ތެރެއަށް ވަނެވެ. ގޭގެ މައި ދޮރާއި ހަމައަށް ގޮސް ދޮރުގެ ކައިރިން ފެންނަމުން ދިޔަ ބެލްގެ ބަޓަނަށް ފަލަކް ފިތައިލިއެވެ. ހަމަ އެއާއިއެކު އެ ދިމާލަށް އަންނަން ފެށި ފިޔަވަޅުތަކުގެ އަޑު އިވިފައި ފަލަކްގެ މެއަށް ފިނިވީ ކީއްވެކަމެއް ނޭނގެއެވެ. އިސާހިތަކު އެ ދޮރު ހުޅުވިގެން ދިޔަ ހިނދު ފެނުނު ސޫރައިން ފަލަކްގެ މުޅި މީހާވެސް ގަނޑުވިއެވެ.
ނުނިމޭ
Jana
October 24, 2022 @ 5:37 pm
Assalaam’alaikum. Dhen oiy bai Thursday ga In Sha Allah ^_^
Riya
October 24, 2022 @ 7:10 pm
Loved it as always❤️
Jana
November 4, 2022 @ 12:40 pm
Alhamdhulillah! <3
Shaa
October 25, 2022 @ 3:01 am
Haadha kurey😭
Jana
November 4, 2022 @ 12:40 pm
Dhiguveytho varah eba balan Shaa :'(
Dhonthi
October 25, 2022 @ 4:07 am
Salaam
Masha Allah….
Mi part ves varah reethi 😍😍
Waiting for next part 😊
TC…….
Jana
November 4, 2022 @ 12:40 pm
Wa’alaikumussalaam. Alhamdhulillah!
Sherr
October 26, 2022 @ 8:06 am
Best author 💖✨
Jana
November 4, 2022 @ 12:39 pm
Whoa! I feel like I’m given an award <3 :')