ޤަދަރު (އެގާރަވަނަ ބައި)
ހަވީރު ރެސްޓޯރެންޓުން ގެއަށް އައިސް އަފްޒަލް އެ ދިޔަ ގޮތަށް ދިޔައީ ގޭގެ މަތީ ބަޔަށެވެ. ފަޒީލާ ކީއްކުރަންތޯ އެހުމުން މީހަކު އަންނަން އުޅޭތީވެ ކަމަށް އަފްޒަލް ގޮވައިލީ ސިޑިން އަރައިގެން ދަމުންނެވެ. އަފްޒަލްގެ ޙަރަކާތްތައް ހުރި ގޮތުން ފަޒީލާގެ ދެބުމަ ކައިރިވެފައިވިއެވެ. އަފްޒަލް ކެތްމަދުވެގެން އުޅޭހެން ހީވުމާއިއެކު އެއީ ކީއްވެކަން ނުވިސްނުނީތީވެއެވެ.
މަތީ ބައިގައިވާ ބޮޑު ކޮޓަރިއަށް ވަދެ އަފްޒަލް ފެށީ އެ ކޮޓަރި ސާފު ކުރުމުގެ މަސައްކަތެވެ. ކޮޓަރި ތެރެ ވެކިއުމްކޮށް މޮޕު ލައި، އެނދުގެ ބެޑް ޝީޓާއި ބާލީސް އުރަތައް ވެސް ބަދަލު ކުރިއެވެ. މިއީ ޢާއްމު ގޮތެއްގައި އެއް މެހުމާނަކަށްފަހު އަނެއް މެހުމާނެއް އެ ކޮޓަރިއަށް އަންނަންވާއިރު އޭނަ އެހެންޏާ ވެސް ކުރާ މަސައްކަތެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެދުވަހު އެ މަސައްކަތް ކުރެވެމުން ދިޔައީ އުފަލާއި އެކީ ކުރާ ހިތުންނެވެ. ހުރިހާ ކަމެއް ކުރަމުން ދިޔައިރު އެ އަންނަން އުޅޭ މެހުމާނަށް ކޮޓަރީގެ ސާފުކަމުން ލިބޭނެ ހިތްހަމަޖެހުން އެނގި އޭނައަށް ވެސް ހަމަޖެހުމެއް ލިބުނެވެ. އަދި އަމުދުން ކޮޓަރީގެ އެކި ދިމަދިމާލަށް ބަލައި މި ގޮތަށް ހުރުމުން އެ މެހުމާނަށް ކަމުދާނެތޯ ވެސް ވިސްނެމުން ދިޔައެވެ. އެއީ ހޮޓެލަކަށް ނުވިޔަސް 5 ތަރީގެ ޚިދުމަތެއް ދޭން އޭނައަށް މަސައްކަތް ކުރެވުނެވެ.
2 ގަޑިއިރެއްހާއިރު ފަހުން ކޮޓަރި ސާފުކޮށް ނިންމުމަށްފަހު އަފްޒަލްގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކޮޓަރީގައި މީރުވަސް ދުވާ އުއްބައްތިއެއް ވެސް ބަހައްޓައިލެވުމުންނެވެ. އަދި މެހުމާނު އަންނަ ގަޑި ކައިރިވުމުން އޭތި ދިއްލައިލަން ނިންމުމުންނެވެ.
އެ ހުރިހާ މަސައްކަތެއް ކުރުމަށްފަހު އެރޭ ގެއަށް އައިސް ބަދިގެއަށް ވަދެ އެރޭގެ ޚާއްޞަ ކެއުމަކަށް އަފްޒަލް ކައްކަން ފެށީ ވެސް ހިނިތުންވުމެއްގައި ހުރެއެވެ. އަފްޒަލްގެ އެ ޙަރަކާތްތައް ފެނި، ފަޒީލާއަށް އެންމެ ފަހުން ނުހުރެވިގެން ވާހަކަ ދެކެވުނެވެ.
“ކާކުތަ މިރޭ އަންނަން އުޅެނީ އަފްޒަލް؟ މާ ގާތް ރަޙްމަތްތެރިއަކީތަ އެމީހާ އަންނަންވާއިރަށް ތިހާ ގިނަ މަސައްކަތް ތިކުރަނީ؟” އުނދުން ކައިރީގައި ހުރި އަފްޒަލްގެ ކައިރިއަށް ގޮސް ފަޒީލާ ސުވާލު ކުރިއެވެ.
“ފައިނަލީ ކޮންމެވެސް އަންހެން ކުއްޖެއްދޯ ދޮންބެ؟ ދެއާރ އިޒް ދަ ލުކް އޮން ޔުއާރ ފޭސް!” ހަމަ އެ ވަގުތު ބަދިގެއަށް ވަދެގެން ގޮސް އައިސްއަލަމާރި ކައިރިއަށް ދިޔަ ޒައުލް ބުންޏެވެ. އެއާއިއެކު އަފްޒަލް ކައިރީގައި ހުރި ތަށްޓަކުން ނެގި މަދެއް ގޮސް ޖެހުނީ ޒައުލްގެ ބޮލުގައެވެ. ވީ ތަދާއިއެކީ ހަޅޭކެއް ލައްވައި ބޮލުގައި ފިރުމަން ފެށި ޒައުލްއަށް ފިލާވަޅެއް ދަސްވިއެވެ. އަދި އައިސްއަލަމާރިން ދަޅެއް ނަގައިގެން ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
“ޒައުލް އެ ބުނީ ތެދެއްތަ ދަރިފުޅު؟ އަންހެން ކުއްޖެއްތަ؟” ފަޒީލާ ނުހަނު އުއްމީދީ ގޮތަކަށް އެ ސުވާލު ކުރުމުން އަފްޒަލަށް އޭނަގެ ކުރިމަތީގައި ހުރި ތަވާއިން މަންމަގެ މޫނަށް ނަޒަރެއް ދެވުނެވެ. މިފަހަރުވެސް އޭނަ ބުނާ ބަސްތަކުން މަންމަގެ އުއްމީދު ފުނޑުފުނޑު ވާނެކަން އެނގި އަފްޒަލް އެ މޫނުން ނަޒަރު ވަކިކޮށް މަސައްކަތަށް އަނބުރައި ދިޔައެވެ.
“އަންހެން ކުއްޖެއް. އެކަމަކު މަންމަ ތި ހީކުރާ ކަހަލަ ކަމެއް ނޫން މިއީ….ދުނިޔޭގަ އުޅޭ ބައެއް އަންހެނުންނަށް ހީވާ ކަހަލަ ފިރިހެނުންނަކީ އެއްވެސް ވަރަކަށް އެއްވެސް ބަޔަކަށް ހެޔޮ އެދޭނެ ބައެއް ނޫނޭ. އެ ގޯސް ޚިޔާލު ބަދަލު ކުރުވަން އަހަރެން ބޭނުންވަނީ.” އަފްޒަލް ސީރިއަސްކަމާއިއެކީ ޖަވާބު ދިނެވެ.
“އެކަހަލަ ކުއްޖެއްތަ މިފަހަރު މިގެއަށް އަންނަނީ؟ އަނެއްކާ ވަރަށް ގޯސް އަދި ނުލަފާ ކުއްޖެއްތަ ތިއީ؟ އެކަހަލަ ޚިޔާލުތައް ގެންގުޅެން؟” ފަޒީލާ ސުވާލު ކުރިއެވެ.
“ތި ކަމެއް ޔަޤީނެއްނޫން. އެކަމަކު އެ ކުއްޖާގެ ޙަޔާތުގެ މަޤްޞަދަކީ އަންހެނުންނާއި ކުޑަކުދިން ނުލަފާ ފިރިހެނުންގެ ކިބައިން ރައްކާތެރި ކުރުން. ހިތުގައި ރަޙުމެއްވާތީ ކަންނޭނގެދޯ އެކަހަލަ މަޤްޞަދެއްގަ އުޅޭނީ؟ ތެދުތެދަށް ބުނަންޏާ އަހަރެން އެކުއްޖާ ދަނެގަންނަން ބޭނުން. އެކަމަކު މި ގުޅުން ގޮސްދާނެ ދިމާލަކާއިމެދު މަންމަ އަދި މާ ބޮޑަށް އުއްމީދު ނުކުރައްޗޭ. އިތުރަށް މަންމަ ދެރަ ކުރާކަށް ބޭނުމެއް ނޫން….” އަފްޒަލް އިސްޖެހިފައިހުރެ މާޔޫސީ ގޮތަކަށް ބުންޏެވެ.
އަފްޒަލަށް ވީ ގޮތް ފެނި ފަޒީލާ އަފްޒަލްގެ ބުރަކަށީގައި ފިރުމައިލިއެވެ.
“އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް، ދަރިފުޅު. މަންމަގެ ދުޢާ އަބަދުވެސް ދަރިފުޅާއިއެކީ ވާނެ.” ފަޒީލާ ބުންޏެވެ. އެއާއިއެކު ދެމައިންގެ ދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ.
ޢިޝާ ނަމާދު ވަގުތުވީއިރު އަފްޒަލް ބަދިގޭގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވިއެވެ. ފެންވަރައި ތާޒާވެލައިގެން ޢިޝާ ނަމާދަށްފަހު އަފްޒަލް ގެއަށް އައިއިރު ވެސް އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. އެ ކަމާއިމެދު އަފްޒަލް އޮޅުން އަރާ ގޮތްވިއެވެ. އޭނަ އުފާވަނީ ފަލަކްގެ ގޯސް ޚިޔާލުތައް އޭނައަށް ބަދަލު ކުރެވިދާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމެއް، އެހެންނޫނީ މިރޭ އޭނަ ފަލަކާއި ބައްދަލުވާން އުޅޭތީވެކަމެއް އަފްޒަލަށް ޔަޤީނެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ އެތައް އަހަރެއް ވަންދެން އޭނަގެ ހިތަށް ވެރިވެފައިވި ބުރަކަމަށް ބޮޑު މިނެއްގެ ލުއެއް ލިބިފައިވި ކަމެވެ. އެއީ ކީއްވެކަން ދޭހަ ނުކުރެވުނެއްކަމަކު އެކަމަށްޓަކައި އަފްޒަލަށް ހިތާހިތުން ޙަމްދު ކުރެވުނެވެ.
ބަރާބަރު 8 ޖެހި ވަގުތު އަފްޒަލް ކާ މޭޒުމައްޗަށް ތަށިތައް އަރުވައި ނިމުނު ވަގުތަކީ، ގޭގެ ބެލް އަޅުވައިލެވުނު އަޑުވެސް އޭނައަށް އިވުނު ވަގުތެވެ. އެ އަޑު އިވުމާއިއެކު ނޭނގޭ ސަބަބަކާއިހުރެ އަފްޒަލްގެ މެއަށް ފިނިވެގެން ދިޔައެވެ. ހިނދުކޮޅަކަށް ޖެހިލުންވެސް ވާގޮތްވިއެވެ. އެހެނަސް އަފްޒަލް ފުން ނޭވައެއް އެތެރެއަށް ލަމުން، ގޭގެ މައިދޮރާއި ދިމާލަށް ދިޔައެވެ. އެހިނދު ކޮޓަރިން ނިކުތް ފަޒީލާ ވެސް ދޮރާއި ދިމާލަށް ބަލަން ހުރިއިރު، ޒައުލް ވެސް ނާއިލާއިއެކީ ސިޓިންގް ރޫމުގައި އިނެވެ.
ދޮރު ކައިރިއަށް ގޮސް މަޑުކޮށްލަމުން އަފްޒަލް ފުން ނޭވައެއް ދޫކޮށްލިއެވެ. ދޮރުގެ ކައިރިން ފާރު ކައިރީގައި ހުރި ސްކްރީނުން އޭނަ އެދިއެދި ހުރި ސޫރަ ފެނުމުން އަފްޒަލްގެ ހިތް ތެޅިއެވެ. އެހެނަސް ހިތުގެ އެ ޙާލަތު ގޯސް ނުވަނީސް އަފްޒަލް ދޮރު ހުޅުވައިލިއެވެ.
މިއީ ފަލަކް އޭނައަށް ފެނުނު ފުރަތަމަ ފަހަރު ނޫނަސް، ސީދާ އޭނަގެ ގެ ކުރިމަތިން އެ ސޫރަ ފެނިގެން ދިޔުމުން އަފްޒަލަށް ކުރެވުނީ ތަފާތު އިޙްސާސްތަކެވެ. ފަލަކް މިގެއަށް ގެނައުމުން އޭނައަށް ފަލަކް މި ގެނެވެނީ ކިހާ ގާތަށްކަން އެނގުންވީ އެ ވަގުތެވެ. އެ އިޙްސާސްތަކުގެ ތެރޭގައި ނުގެނބުމަށްޓަކައި އަފްޒަލް ވާހަކަ ދެއްކިއެވެ.
“މި ގޭގެ ކޮޓަރި ކުއްޔަށް ހިފަން އެދުނު ކުއްޖާދޯ ތިއީ؟ ވަރަށް ބޮޑަށް މަރުޙަބާ!” އަފްޒަލް ހިނިތުންވުމަކާއިއެކީ އެހެން ބުނެލީ ދޮރު ރަނގަޅަށް ހުޅުވައި އެތެރެއަށް ވަނުމަށް ތަން ދައްކަމުންނެވެ.
އެ ހިނދު ގޭގެ ތެރޭގައި ހުރި ފަޒީލާއަށް ފަލަކް ފެނިފައި އެ މޫނުމަތިން ފެނިގެން ދިޔައީ ހިސާބެއްގެ ސިހުމެކެވެ. އެހެނަސް ދޮރުމަތީގައި ހުރި ފަލަކްވީ، ފަޒީލާއަށްވި ގޮތަށް ސަމާލުކަން ދެވޭ ވަރަށްވުރެ ބޮޑު ޝޮކެއްގައިކަން އެ މޫނުމަތިން އެނގެއެވެ. ސިކުންތުކޮޅެއް ވީއިރު ވެސް ފަލަކަށް އެ ހުރި ގޮތަށް ހުރެވުނެވެ.
“ނުވަންނާނަންތަ؟” އަފްޒަލަށް އެ ސުވާލު ކޮށްލެވުނީ ހިސާބަކަށް ދެރަވެފައި ހުރެއެވެ. ފަލަކް މިވަގުތު ޝޮކެއްގައި ހުރީ އޭނަ ފެނިފައިކަން އެނގޭ ޙާލުގައިވެސްމެއެވެ. އޭނަ އެ ސުވާލު ކުރުމުން ފަލަކްގެ މޫނުމަތިން ހިސާބެއްގެ ނުރުހުންތެރިކަމެއް ފެނުމުން އަފްޒަލް ނުތަނަވަސްވީ ކީއްވެކަމެއް އޭނައަށް ނުވިސްނުނެވެ.
“އަވަހަށް ވަދޭ ކަނބުލޮ….ކަނބުލޮ އަންނަންވާއިރަށް ވަރަށް ގިނަ ތައްޔާރީތަކެއްވެފަ ހުރީ…” ފަޒީލާ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ފަލަކް ފަޒީލާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
“އެހެންތަ ދައްތާ؟ އެހެންވެއްޖެއްޔާ ނުވަދެ ވާކަށް ނޯންނާނެތާ!” އިސާހިތަކު ފަލަކް ފަޒީލާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ފޮށްޓާއިއެކީ ގެއަށް ވަދެގެން ދާން ފެށީ އަފްޒަލް އެތާ ހުރިކަން ވެސް ހަނދާން ނައްތައިލަމުން ފަދައެވެ.
ފަލަކް ފަޒީލާ ކައިރިއަށް ދިޔުމާއިއެކު އެ ދެމެދުގައި ވާހަކަ އެޅުވުނެވެ. ސްނޯގެ ވާހަކައިން ފެށިގެން ފަލަކް އައީ ކޮން ރަށަކުން ކަމާއި މާލެ އައި ސަބަބާއި ހަމައަށެވެ. ޙައިރާންކަމާއިއެކީ އެދެމެދުގައިވި އެކުވެރިކަމަށް ބަލަން ހުރި އަފްޒަލް ގޭގެ ދޮރު ލައްޕައި ގޭގެ ތެރެއަށް ވަދެގެން ދިޔައެވެ. އެހިނދު ސޯފާގައި އިން ޒައުލް ކަރު އަނބުރައިގެން އަނގަ ހުޅުވިފައި ފަލަކަށް ބަލަން އިން މަންޒަރު ފެނި، އަފްޒަލްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިސާހިތަކު އަފްޒަލް ގޮސް ޒައުލްގެ ކޯތާފަތުގައި އަތް އަޅައި، ކަރު އަނބުރައިލަމުން ޒައުލްއަށް ފަލަކް ނުފެންނާނެހެން އޭނަ ކައިރީގައި އިށީނެވެ. އެވަގުތު ފަލަކް ފަޒީލާއާއި ވާހަކަ ދައްކަން ހުއްޓެއްކަމަކު ފަލަކަށް އެކަން ފާހަގަވިއެވެ. ފަޒީލާ އެއްޗެކޭ ބުނެބުނެ ހުއްޓާ ފަލަކް އިރުކޮޅެއް ވަންދެން އަފްޒަލަށް ބަލަހައްޓައިގެން ހުއްޓެވެ. އަފްޒަލަށް އެކަން ފާހަގަ ނުވިޔަސްމެއެވެ.
**
ކޮޓަރިއަށް ގޮސް ތާޒާވެލުމަށްފަހު ކާން އައުމަށް ފަޒީލާ ދައްތަ އެންގީތީ ފަލަކް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމާއިއެކު ފެނިގެން ދިޔަ ތަރުތީބުކަމާއި، ދުވަން ފެށި މީރު ވަހުން ފަލަކަށް ލޯ ވެސް މަރައިލެވުނެވެ. އިސާހިތަކު އިޙްސާސް ކުރެވުނު ހަމަޖެހުމާއިއެކީ ފަލަކަށް ސްނޯ ވެސް ބިންމައްޗަށް ދޫކޮށްލަމުން އެނދުމައްޗަށް ގޮސް ވެއްޓިގަނެވުނެވެ. ބެޑް ޝީޓުން ދުވި މީރު ވަހުން ވެސް އެ އެއްޗެހި ދޮވިފައިވަނީ އެދުވަހުހެން ފަލަކަށް ހީވިއެވެ. ވީ އުފަލާއިއެކީ ފަލަކަށް އެނދުމަތީގައި އެނބުރިވެސް ލެވުނެވެ. އުއްބައްތިން ދުވަމުން ދިޔަ ވެނީލާ ވަހުން އޭނަގެ ވަރުބަލިކަން ވެސް ފިލައިފިހެން ހީވަމުން ދިޔައެވެ.
ހޮޓެލަކަށް އައުމުގެ ކުރިން އޭނައަށް މިގެއަށް ނާދެވުނީ ކީއްވެތޯ ހިތަށްއެރިއެވެ. ފަޒީލާ ދައްތަ ހާދަ ހެޔޮވެފައި ހާދަ މޮޅޭ ހިތަށްއެރިއެވެ. ހުޅުމާލޭގެ ގެއެއްގައި 5 ތަރީގެ ޚިދުމަތް ލިބިދާނެކަމަށް ހީކުރާނީ ފަހެ ކާކު ހެއްޔެވެ؟ ގިނަ އަންހެނުންނަކީ ހަމަ ގެއްލިފައިވާ ހުނަރުވެރިންނެވެ. އޭނަ ހަމަ ޔަޤީނުން ވެސް މިގެއިން ދިޔުމުގެ ކުރިން ފަޒީލާ ދައްތައަށް ޙައްޤުވާ މަޝްހޫރުކަން ހޯދައިދޭނެއެވެ. އަދި އޭނައަށް މިގެއިން މި ލިބެމުންދާ މެހުމާންދާރީއަށްޓަކައި ފަޒީލާ ދައްތައަށް ފަށްފަށުން ޝުކުރު އަދާ ކުރާނެއެވެ.
ހިނިތުންވުމެއްގައި އެ ޚިޔާލުތަކުގައި އޮވެފައި ކުއްލި ގޮތަކަށް ފަލަކްގެ ހިނިތުންވުން ފިލައިދިޔައީ އަފްޒަލްގެ ސޫރަ މަތިން ހަނދާންވުމުންނެވެ. މި ގެއަކީ އެ އަފްޒަލްގެ ގެއަށް ވާންޖެހުނީ ކީއްވެތޯ ހިތަށްއެރިއެވެ. އެންމެ ފުރަތަމަ ދޮރުމަތިން އަފްޒަލް ފެނިފައި، އޭނައަށް މި ގެއަށް އާދެވުނީ އަފްޒަލްގެ ރޭވުމެއްގެ ދަށުންބާއޭ ހިތަށްއެރިއެވެ. އޭނައަށް މިގޭގެ އެޑްރެސް ލިބުނީ ކްރިސްޓަލް ޢިމާރާތުގެ ރިސެޕްޝަނުން ވިއްޔާއެވެ. އެހެނަސް އޭނައަށް އެހާ ބޮޑު އެހީއެއްވުމަށް ފިރިހެނަކު މަސައްކަތް ކޮށްފާނެ ކަމަށް ޤަބޫލުކުރަން ފަލަކްގެ ހިތް ތައްޔާރެއް ނުވިއެވެ. ބައްޕަ އެ ޢިމާރާތަށް ފުދޭވަރަކަށް ލާރި ދީފައި ހުރުމުން އެ ރިސެޕްޝަނުން އޭނަ ޗެކް އައުޓްވުމަށް ފަހު ވެސް އެހީވެ ދިނީކަމަށް ޤަބޫލު ކުރެވުނެވެ. އޭނައަކީ އެހެން ނޫނަސް ހޮޓެލްތަކުން އެފަދައިން ޚިދުމަތް ލިބުމަށް އާދަވެފައިވާ މީހެކެވެ.
ކޮންމެ ގޮތެއްވިޔަސް ފަޒީލާ ދައްތަ އެ އަފްޒަލްގެ މަންމައަށްވީ ކީއްވެތޯ ހިތަށްއެރިއެވެ. އަފްޒަލް މިގޭގައި ނެތްނަމަ މި ގެ ވީހީ އޭނައަށް އުޅެން އެންމެ ފުރިހަމަ ތަނަށެވެ. ރަނގަޅަށްވިއްޔާ އެ އަފްޒަލަކާއި އޭނަގެ ފިރިހެން ކޮއްކޮ ގޭގައި އުޅުނުއިރު ވެސް އޭނަ އައުމުގެ ކުރިން ކޮޓަރި ތައްޔާރުކޮށް ހަދާނީ ފަޒީލާ ދައްތަ އެކަންޏެވެ. ދައްތަ އެކަނި މަސައްކަތް ކުރި ވަގުތު އެ ދެމީހުން އެހީވާން ހިތަށް ވެސް ނާރުވާނެކަން ފަލަކަށް ޔަޤީން ކުރެވުނެވެ. އެ ހިނދު ފަޒީލާ ދައްތައަށްޓަކައި ފަލަކްގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. އެއާއިއެކު މިގެއިން ދިޔުމުގެ ކުރިން ކޮންމެހެން ވެސް ފަޒީލާ ދައްތައަށް ‘އިންސާފު’ ހޯދައިދޭން ފަލަކް ޢަޒުމް ކަނޑަ އެޅިއެވެ.
އެ ޢަޒުމާއިއެކީ ފަލަކް އެނދުން ތެދުވެ ފެންވަރައިލަން ދިޔައެވެ. ފަޒީލާ ދައްތަ އޭނަގެ އިންތިޒާރުގައި ހުންނާނެތީ ފަލަކް މާ ގިނައިރެއް ނުވެ ފަސޭހަ ކުރުތާއަކާއި ހަރުވާޅެއް ލައިގެން ތިރިއަށް ފޭބިއެވެ. އެހިނދު ފަލަކް ބޭނުންވިހެން އޭނައަށް ކާ މޭޒު ކައިރިން ފެނިގެން ދިޔައީ ދައްތަ އެކަންޏެވެ. އޭނަ ފެނުމާއިއެކު ފަޒީލާ ދައްތަ އޭނަ ގާތު އިށީންނަން އެންގިއެވެ. ކާ މޭޒުމަތިން އޭނަ މި ވޭތުވެދިޔަ ދުވަހުގެ ތެރޭގައި ރެސްޓޯރެންޓުތަކުން އޯޑަރު ކުރި ޒާތުގެ ޕާސްތާ ފެނިގެން ދިޔުމުން ފަލަކަށް އިތުރު އުފަލެއް ލިބުނެވެ.
“މްމްމް…..ދައްތައަށް އެނގޭތަ މިއީ އަހަންނަށް ވަރަށް މީރު ޕާސްތާއެއް. އިއްޔެ ހޮޓެލްގަ ހުރިއިރު ރެސްޓޯރެންޓުން ކެއީ…މިހާ މީރެއް ނޫން އެ ވެސް…” ޕާސްތާގައި ރަހަ ބެލުމާއިއެކު ފަލަކަށް ވާހަކަ ދެކެވުނެވެ.
“ކޮން ރެސްޓޯރެންޓެއްތަ އަނެއްކާ؟ ކަމަނަ ރެސްޓޯރެންޓުތަ؟”
“އޮހް ނޫނޭ! އެ ޢިމާރާތުގަ އުޅުނުއިރު ކުރީކޮޅު ނުދެނަހުރިން އެތާ ރެސްޓޯރެންޓެއް ހުންނަ ކަމެއްވެސް. އެހެންވެ އެހެން ރެސްޓޯރެންޓަކަށް އޯޑަރު ދިނީ..”
“އެހެންތަ؟ ކަމަނަ ރެސްޓޯރެންޓަށް އޯޑަރު ދިންނަމަ ހަމަ މި ރަހަ ލިބުނީސް. އެ ރެސްޓޯރެންޓުގެ ހެޑް ޝެފް ވިއްޔާ މިރޭގެ ކެއުން ތައްޔާރުކޮށްފަ މިހިރީ…”
“އަސްލުވެސްތަ؟! އެ ރެސްޓޯރެންޓުގެ ހެޑް ޝެފަކީ ދައްތަ؟!!”
“ހެހެ….ނޫނޭ، އެ ހެޑް ޝެފަކީ ދައްތަގެ ލޯބިވާ ދަރިފުޅު، އަފްޒަލް….”
ފަޒީލާ އެހެން ބުނި ވަގުތު ފެން ބޮމުން ދިޔަ ފަލަކް ކޮށި އަރާ ގޮތްވިއެވެ. އެހިނދު ފަޒީލާ ދައްތަ ވެސް ކަންބޮޑުވުމާއިއެކީ ‘އަނހަ’ އޭ ބުނެލި އަޑު އިވުނެވެ. ކެއްސުން އަމިއްލައަށް ރަނގަޅުވީ ވަގުތު ކަމެއް އެނގުންވީ ފަދައަކުން ފަލަކަށް ކުރިމަތީގައި ހުރި ކާ ތަށްޓާއި، ރީތިކޮށް ތަރުތީބު ކުރެވިފައިވި ކާމޭޒަށް ބަލައިލެވުނެވެ. އެ ޒަމާނީ ވިސްނުންތެރި ރީތިކަން ގެނެވިފައިވަނީ ޢުމުރުން ދުވަސްވީ އަންހެނެއް ނޫންކަން ޤަބޫލުކުރަން އެވަގުތު ފަލަކްގެ ޒަމީރަށް ފަސޭހަވިއެވެ. ދެންވެސް ޝައްކުތަކެއް ފިލުވައިލުމަށްޓަކައި ފަލަކަށް ވާހަކަ ދެކެވުނެވެ.
“ހެހެ….ކެއްކުމަކީ އަފްޒަލް ވަރަށް ކުރާ ހިތްވާ ކަމެއްދޯ؟ ގޭގަ ހެޑް ޝެފެއް ހުރީމަ އެގޮތަށް ދައްތައަށް ފަސޭހަދޯ؟” ފަލަކް ހިނިތުންވާން މަސައްކަތް ކުރަމުން އެހިއެވެ.
“ނޫނޭ….ކެއްކުމަކީ އަފްޒަލްގެ ވަޒީފާދޯ؟ ގެއަށް އައިސް އެކުއްޖާ ވެސް މަސައްކަތުން އަރާމެއް ބޭނުންވާނެއެއްނު؟ އެހެންވީމަ މަންމަ ޢާއްމު ގޮތެއްގަ ގޭގަ ކައްކަނީ. އެކަމަކު މިރޭ ތި ކުއްޖާ އަންނަންވާއިރަށް އަފްޒަލް ޚާއްޞަ ގޮތަކަށް ކައްކާފަ މިހިރީ. އަމިއްލައަށް އެ ކޮޓަރި ސާފުކޮށް ރީތި ކުރީ ވެސް….މަންމައާއިއެކީ ކޮންމެ ރެއަކު ކާނީ. އެކަމަކު ތި ކުއްޖާ ދައްތައާއިއެކީ ކާނަމޭ ބުނެފަ އޮތީމަ ތި ކުއްޖާ ކައި ނުނިމެނީސް ނުނިކުންނާނަމޭ ކިޔާފަ ކޮޓަރިއަށް ވަދެފަ އޮތީ…”
ފަޒީލާ ދެއްކި އެ ވާހަކަތަކާއިއެކީ ކެއުމަށްޓަކައި ފަލަކް ނަގަން އުޅުނު އުލާއި ވަޅިން ދޫކޮށްލެވުނެވެ. އޭނަ ހިތުން ފަޒީލާ ދައްތައާއި ދެއްކި ވާހަކަތަކުގެ ތެރެއިން ދައްތައާއި އެކީ ކާނަމޭ ބުނެލީ، ދެން ހަމައެކަނި ފިރިހެނުން އުޅޭ އެގޭގައި ދައްތަ ކައި އުޅޭނީ އެކަނި ކަމަށް އަމިއްލައަށް ނިންމުނީތީވެއެވެ. އެހެނަސް އޭނައަށް ވިސްނުނީ ކިހާ ގޯސްކޮށްކަން އެނގުންވުމުން މެއަށް ނޭނގޭ އުދަގޫތަކެއްވިއެވެ.
ނުނިމޭ
Dhonthi
October 28, 2022 @ 8:26 am
Salaam
Mi part ves varah varah reethi 😍 Masha Allah
Waiting for next part 😊
TC….
Jana
November 4, 2022 @ 12:39 pm
Wa’alaikumussalaam! Alhamdhulillah! Jazaakillah Khairan for the support, Dhonthi ^_^ Adhi mail ah reply kuraanan ingey In Sha Allah
Sherr
October 28, 2022 @ 7:11 pm
Wowww 💫💯
Jana
November 4, 2022 @ 12:38 pm
Alhamdhulillah! <3 <3 <3
I love this story 😊
November 1, 2022 @ 8:16 am
My favorite story ❤️ I love this story 😘 mi vaahaka Varah Varah Varah Varah reethi mashaallah 🥰😘
Jana
November 4, 2022 @ 12:38 pm
Jazaakallah Khairan for the support, dear reader! 😀 <3