ޤަދަރު (ތޭރަވަނަ ބައި)
އަދި އޭގެ ބަދަލުގައި ކޮންމެހެން ވެސް އަފްޒަލަށް ޝުކުރު އަދާކޮށް މަޢާފަށް އެދެން ނިންމިއެވެ. ހަމަ އެއާއިއެކު އެކަން ކުރުމަށް އަފްޒަލާއިއެކީ ވަކިން ވަގުތުކޮޅެއް ހޯދޭނެ ގޮތަކާއިމެދު ފަލަކަށް ވިސްނެން ފެށިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު، ނަސީބު ފަލަކްގެ އަތުގައި ހިފި ކަހަލައެވެ. އާ ގެއަކަށް ބަދަލުވުމުން ފަތިހު ބޭރަށް ދުވަން ފަލަކް ނުދެއެވެ. ބޭރު ތެރެއަށް ނިކުމެ އުޅެނިކޮށް އެ ގޭގެ މީހުންނަށް އުދަގޫވެދާނެތީވެއެވެ. އެހެންނޫނީ އޭނަ އެފަދަ ވަގުތެއްގައި އެ ސޫރައެއް ފެނި، ނުފެންނަ ކަމަށް ހަދަން ޖެހިދާނެ ސޫރައިގެ ވެރިޔާއާއި ދިމާވެދާނެތީވެއެވެ.
އެހެންކަމުން ފަތިސް ނަމާދަށްފަހު ފަލަކް އިނީ އާދައިގެ މަތިން އޭނަގެ ލެޕްޓޮޕް ހުޅުވައިގެން އޮފީހުގެ މަސައްކަތަކަށް ގެއްލިފައެވެ. އެ މަސައްކަތުގެ ތެރެއިން ކޮންމެވެސް ކަމެއް ޔަޤީން ކޮށްލުމަށް އޭނަ މަހްރީންއަށް ވެސް ގުޅައިލަން ޖެހުނެވެ.
ފަލަކާއި މަހްރީންއާއި ދެމެދު ބޮޑަށް ދެކެވިގެން ދިޔައީ، ކުންފުނިން އެންމެ ފަހުން ތަޢާރަފު ކޮށްގެން އުޅޭ ޚިދުމަތުގެ ވާހަކައެވެ. އިންޓީރިއާ ޑިޒައިނިންގްގެ ޚިދުމަތުގެ ވާހަކަ ދެއްކުމުގެ ތެރެއިން ފަލަކްގެ ސަމާލުކަން ހޯދައިލި ޖުމްލައެއް މަހްރީން ބުންޏެވެ.
“ފަލަކް މޭމްއަށް އެނގޭތަ؟ ރާއްޖެއިން ވެސް އެ ޚިދުމަތް ހޯދަން އަޅުގަނޑުމެންނަށް އޯޑާރއެއް ލިބިފަ އެބަހުރި!” މަހްރީން ޢަރަބި ބަހުން ބުންޏެވެ.
“އަސްލުވެސްތަ؟ މާލޭގެ މަހުޖަނެއް ނޫނީ ސިޔާސީ މީހެއްދޯ ޕްރޮބެބްލީ؟ އެމީހެއްގެ ގެ ޑިޒައިން ކޮށްދޭންތަ އޯޑާރ ލިބުނީ؟” ފަލަކް ސުވާލުކުރިއެވެ.
“ނޫނޭ މޭމް….ޢާއްމު ގޮތެއްގަ ރާއްޖެއިން އިވޭ މަޝްހޫރު ނަމެއް ނޫން އިވުނީ. ކޮންމެވެސް ރެސްޓޯރެންޓެއްގެ އިންޓީރިއާ ޑިޒައިން ބަދަލު ކުރަން ރިކުއެސްޓް އައީ…” މަހްރީން ބުންޏެވެ. ‘ރެސްޓޯރެންޓް’ އޭ އިވުމުން ފަލަކަށް ސީދާ ވެލެވުނީ ނޭނގުމެއްގެ ތެރެއިންނެވެ.
“ކޮން ރެސްޓޯރެންޓެއްތަ؟” ފަލަކަށް އެހެން އަހައިލެވުނު އިރު ނޭވާ ކުރުވެފައިވިއެވެ.
“ވަރަށް ޔުނީކް ނަމެއްވީމަ ހަނދާން އެބަހުރި. ‘ކަމަނަ’ ރެސްޓޯރެންޓް އެއީ….މޭމް ދުވަހަކުވެސް ދިޔައިންތަ އެ ރެސްޓޯރެންޓަށް؟” މަހްރީން އެހިއެވެ.
ރެސްޓޯރެންޓުގެ ނަން އިވުމާއިއެކު ފަލަކަށް ކުރު ނޭވައެއް ދޫކޮށްލެވުނެވެ. ކަންތައް ވަމުންދާ ގޮތް ޤަބޫލުކުރަން ވެސް ދަތިވެފައި އިރުކޮޅެއް ވަންދެން އިވުނެވެ. އަފްޒަލާއި އޭނައާއި ދެމެދު އޮތް ގުޅުން ދަނީ ހަމަ ކުރިއަށްތޯ ހިތަށްއެރިއެވެ. ރާއްޖެއަށް އައި ދުވަހުއްސުރެ އަފްޒަލާއި އޭނަ ދިމާވެފައި ނުވާ ދުވަހެއް ނުދަނީ ކީއްވެ ހެއްޔެވެ؟ މީހުން ބުނެއުޅޭ ތަޤްދީރަކީ ހަމަ މިއީ ހެއްޔެވެ؟ އެ ޚިޔާލު ހިތަށްވެރިވުމުން ފަލަކްގެ ގައިން ހީބިހި ނެގިއެވެ.
“މޭމް؟” ފަލަކް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން އެކޮޅުން މަހްރީން ގޮވައިލިއެވެ.
“މްމް؟ އާނ….ކަމަނަ ރެސްޓޯރެންޓް ދޯ؟” ހަމަހޭވެރިކަމެއް ލިބެން ފަލަކަށް އިރުކޮޅެއް ނެގިއެވެ.
“މޭމް ތިކޮޅުގަ ހުރީމަ ކަމަނަ ރެސްޓޯރެންޓުގެ އޯނާރ އާ ވާހަކަ ދައްކާލަންވީ ނޫންތޯ؟ ފޭސް ޓު ފޭސްކޮށް ވާހަކަ ދެއްކީމަ ބޮޑަށް އެނގޭނެތާ އެ އޯނާރގެ އެކްސްޕެކްޓޭޝަންތައް ވެސް؟ ތިއީ ރަނގަޅު ފުރުސަތެއްހެން އަޅުގަނޑަށް ހީވަނީ. ނަންބަރު ފޮނުވައިދެންތޯ އެ އޯނާރގެ؟” މަހްރީން އެ ކޮށްލި ސުވާލާއިއެކީ ފަލަކްގެ ލޯ ބޮޑުވިއެވެ.
“އަ…އާނ…” ފަލަކަށް ޖެހިލުންވުމަކާއިއެކީ ބުނެވުނެވެ. އޭނަގެ ހިތުގައި ހިނގަމުންދާ ޖަޒުބާތުތައް މަހްރީންއަށް ވެސް އެނގިދާނެކަމުގެ ބިރަށްޓަކައެވެ.
ކޯލު ނިމުނުތާ މިނިޓެއްގެ ތެރޭގައި ފަލަކްގެ ފޯނަށް އައި ވައިބާރ މެސެޖާއިއެކީ އަފްޒަލްގެ ނަންބަރު ފަލަކަށް ލިބުނެވެ. ނަންބަރަށް ފިތައިލަމުން އެ ނަންބަރުގެ ވެރިޔާގެ ފޮޓޯއާއި ހަމައަށް ފަލަކަށް ދެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފޮޓޯއިން ދުރަށް ނަޒަރު ހުއްޓައިގެން ލުއި ހިނިތުންވުމެއްގައި ހުރި އަފްޒަލް ފެނިފައި ކުރެވުނު އިޙްސާސްތަކުން ފަލަކަށް އެ ފޮޓޯ ނިވައިލެވުނީ ކުއްލި ގޮތަކަށެވެ. އިތުރު އެންމެ ސިކުންތަކަށް ވެސް އެ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވިއްޖެނަމަ އޭނައަށް ދެވޭނީ ނުރައްކާތެރި މިޞްރާބަކަށް ކަމަށް ސިކުނޑި އިންޒާރު ދިނެވެ.
އޭނައަށް މި ވަނީ ކީއްތޯ ހިތަށްއެރިއެވެ. އޭނައަކީ ޙަޤީޤީ ދިރިއުޅުމުގައި ފެންނަ ފިރިހެނުން ޢާއްމުގޮތެއްގައި ރީތިވެގެން އުޅޭ މީހެއްވެސް ނޫނެވެ. ސޫރަ ރީތި ވިޔަސް ފިރިހެނުންގެ ޢާއްމު މިޒާޖު މަތިން ހަނދާންވެ، ފޫހިވެގެން ދަނީއެވެ. އޭނައަށް ކަމުދަންޏާ ވެސް ކަމުދަނީ އަންހެނަކު ލިޔެފައިވާ ވާހަކަތަކަށް ބިނާކޮށް ލިޔެފައިވާ ފިރިހެނުންގެ ބައި ކުޅޭ ބަޠަލުންނެވެ. ޙަޤީޤީ ދިރިއުޅުމުގައި އެފަދަ ފިރިހެނުން އުޅޭ ކަމަށް ފަލަކް ޤަބޫލެއް ނުކުރެއެވެ.
އެހެނަސް މިއަދު އޭނައަށް ކުރެވެން ފަށާފައި މިވަނީ ތަފާތު އިޙްސާސްތަކެއްކަން އެނގުންވި ހިނދު، ހިތުގައި ނުތަނަވަސްކަމެއް ހިނގައިލިއެވެ. އެހިނދު އަފްޒަލަށް ނުގުޅަން ވެސް ހިނދުކޮޅަކަށް ނިންމުނެވެ. އެހެނަސް އޭނަ ކޮންމެހެން ވެސް އަފްޒަލަށް މަޢާފަށް އެދެން ޖެހޭކަން ވެސް ހަނދާންވި ހިނދު ފަލަކަށް ލޯ މަރައި ތަގުޅިކޮށްލެވުނެވެ.
**
އެދުވަހު ފަތިހު ތެދުވުނީއްސުރެ އަފްޒަލްގެ ޙާލަކީ ވެސް އެއީއެވެ. ތެދުވުނީއްސުރެ އޭނަ ޢަޒުމް ކަނޑަ އަޅައިގެން ހުރީ ފަލަކާއިމެދު ނުވިސްނަން ކަމަށް ވިޔަސް، ފަލަކާއި މެދު ނުވިސްނޭ އެންމެ ސިކުންތުކޮޅެއް ވެސް ވޭތުވެއެއް ނުދެއެވެ. އެއް ސިކުންތުގައި ފަލަކަކީ އެވެނި މިވެނި ޒާތެއްގެ ގޯސް ކުއްޖެކޭ ސިކުނޑި ބުންޏެއްކަމަކު އޭގެ އަނެއް ހިނދުކޮޅުގައި ފަލަކާއިމެދު އަޅާވެސް ލެވެއެވެ. ރޭ ނުކައި އެހެރަ ކުއްޖާ ހެނދުނު ރަނގަޅަށް ސައިބޮއިފާނެތޯ މަސައްކަތުގެ ތެރޭގައި ހުރެވެސް، އަފްޒަލަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ. ރޭ ފަލަކަށްޓަކައި ތައްޔާރު ކުރި ޕާސްތާ ރެސްޓޯރެންޓުގެ އޯޑަރަކަށް ހެދި ވަގުތު އޭގައި ރަހަ ބަލައި އޭތި އަދި ކުޑަކޮށް ބަދަލުކުރަން ވެސް ކައްކާއިން ގާތު އެންގުނެވެ. ފަލަކަށް ކެވިފައި ނުވަނީ އޭނަ ކެއްކި އެއްޗެހި އެހާ މީރު ނުވުމުންހެން ވެސް ހީވަމުން ދިޔައީތީވެއެވެ.
ބަދިގެ ތެރޭގައި އުޅުމަށްފަހު ގަޑިއިރުތަކެއް ފަހުން ކައްކާ ހެދުން ބަދަލުކޮށްގެން އަފްޒަލް ބަދިގެއިން ނިކުތެވެ. ރެސްޓޯރެންޓުގެ ތެރޭގައި ތިބި މީހުން ލިބެމުން ދިޔަ އޯޑަރުތަކާއިމެދު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހައިލުމުގެ އިތުރުން ސިކުނޑި ހަމަޖައްސައިލުމަށް ވެސްމެއެވެ.
މިގޮތުން އަފްޒަލަށް ރެސްޓޯރެންޓު ނިމޭ ހިސާބަށް ދެވުނު ވަގުތު ފޯނު ރިންގުވާ އަޑަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. ޖިންސުގެ ޖީބުން ފޯނު ނަގައި ސްކްރީނަށް ބަލައިލިއިރު ނުދަންނަ ނަންބަރެއް ފެނި އަފްޒަލްގެ ދެބުމަ ކައިރިވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ރެސްޓޯރެންޓުން ދިމާވެފައިވާ ކަސްޓަމަރެކޭ ހިތައި ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“އައްސަލާމްޢަލައިކުމް…” އަފްޒަލް ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ! އަފްޒަލްތޯ؟”
ފޯނުގެ އަނެއްކޮޅުން އިވުނު އަޑުން އަފްޒަލަށް ނޭނގޭ އުފަލެއް ލިބުނު ވަގުތު ޙައިރާންވެސްވިއެވެ. ސަލާމުގެ ޖަވާބު ދިންއިރު ހުރި މަޚްރަޖުން އެއީ ޢަރަބި ކުއްޖެއްހެން ހީވިއެވެ. އެހެނަސް ދެވަނަ ޖުމްލަ ދިވެހިން ބުނި ގޮތުން އެއީ އިވިފައިވާ އަޑެއްހެން ހީވިއެވެ.
“ތިއީ…” އަފްޒަލްގެ ވާހަކަ މެދު ކެނޑުނެވެ.
“މިސް ފަލަކް މަޖީދު. ފެމިނިން ޑިޒައިންސްގެ ސީއީއޯ. ތިކޮޅުން އިންޓީރިއާ ޑިޒައިންގެ ރިކުއެސްޓެއް އައިސްފަ އޮންނާތީ ހިތަށްއެރީ މި ރެސްޓޯރެންޓުގެ އޯނާރ އާއި ބައްދަލު ކޮށްލާނީއޭ. މިއީ ރަނގަޅު ވަގުތެއްތޯ؟” ފަލަކް އެކޮޅުން ވާހަކަ ދެއްކީ ނުހަނު ރަސްމީ ގޮތަކަށެވެ. ވާހަކައިގެ ރާގު ހުރިގޮތުން މިއީ ދެންމެ އަފްޒަލް ނިކުމެގެން އައި ގޭގައި އުޅެމުންދާ ކުއްޖެއްހެން ހިއެއް ނުވެއެވެ.
“އަ…އާދެ މައްސަލައެއްނެތް. މާލޭ ހެންވޭރު ކްރިސްޓަލް ބިލްޑިންގްއަށް ދުރުވެ-“
“މިވަގުތު މި ވަންނަނީ ކްރިސްޓަލް ބިލްޑިންގްއަށް…” ފަލަކް ބުންޏެވެ.
އެއާއިއެކު އަފްޒަލް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ރެސްޓޯރެންޓުން ނިކުމެ ޢިމާރާތުގެ ލޮބީ ސަރަޙައްދަށް ދިޔައެވެ. އެ ހިނދު ފެނުނު މަންޒަރުން އަފްޒަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ބޭއިޚްތިޔާރުގައެވެ. މިހާތަނަށް އައިއިރު ކުރު އަދި ބާރު ހެދުންތަކުގައި ފެނިފައިވި ފަލަކް ފުރަތަމަ ފަހަރަށް ހަރުވާޅު ހެދުމެއްގައި ހުރިތަން ފެނުމުންނެވެ. މަޑު މުށިކުލައިގެ އަތްދިގު ކުރުތާއަކާއި ގަދަ މުށިކުލައިގެ ބާރު ހަރުވާޅެއް ލައިގެން ހުރިއިރު، ފަން ކުރެވިފައިވި އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލެވިފައިވިއެވެ. ޢިމާރާތަށް ވަދެގެން އަންނަމުން ލޮލުގައި ހުރި އަވި އައިނު ނަގައި އެއްއަތުގައި އެޅުވިފައިވާ އަތް ދަބަހަށް އަޅައިލި އެ ޙަރަކާތަށް ވެސް އެސްފިޔަ ޖަހާނުލާ މީހަކަށް ބަލަން ހުރެވިދާނެއެވެ.
ޢާއްމު ގޮތެއްގައި އެފަދަ މަންޒަރެއް ފެނި ދުރު ބަލާ އަފްޒަލަށް ވެސް ފަލަކަށް ބަލަން ހުރެވުނެވެ. ކަންފަތުގައި ޖައްސައިލެވިފައިވި ފޯނުން ކޯލު ކެނޑިފައިވިއެއްކަމަކު ފޯނު ކަންފަތުގައި ޖައްސައިގެން ހުރެވުނެވެ. ކިރިޔާ ވެސް ހަމަހޭވެރިކަމެއް ލިބުނީ ފަލަކް އައިސް އޭނަގެ ކުރިމަތީގައި ހުއްޓިލުމުންނެވެ.
“ކަމަނަ ރެސްޓޯރެންޓު ބަލާލަން ހިނގާ ދެއްތޯ؟” ފަލަކް ބުންޏެވެ. އެއާއިއެކު ހުރެވުނު ގޮތް އެނގުންވި އަފްޒަލް ވަގުތުން ކަންފަތުން ފޯނު ނަގައި ވާހަކަ ދެއްކިއެވެ.
“އާދެ….ހަމައެކަނި ކަމަނަ ރެސްޓޯރެންޓެއް ނޫން. މި ޢިމާރާތުގެ އެންމެ މަތީ ބައިގަ އޮޕެން އެއާރ ރެސްޓޯރެންޓެއް ހުޅުވަން ކަމަށް މި ޚިޔާލު ކުރަނީ. ފުރަތަމަ އެތަން ބަލާލަން ހިނގާ ދެއްތޯ؟” އަފްޒަލަށް ވެސް އޭނަގެ ވާހަކައަށް ރަސްމީ ރާގެއް އެޅުވުނެވެ. ހަމަ އެހިނދު ދެމީހުން މިހާ ދުރުވީ ކޮން އިރަކުތޯ ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިޔަސް ފަލަކް އޭނަ ނުވެސް ދަންނަ ފަދައިން ހިނިތުންވުމެއް ވެސް ނެތި އޭނަގެ ވާހަކައަށް ބޯޖަހައިލުމުން، އަފްޒަލް ފަލަކަށް ފަސްދީފައި ކުރިއަށް ހިނގައިގަތެވެ. ފަލަކަށްވުރެ ކުރިން ހިނގައިގަތީ ފަލަކްގެ އެ ރީތިކަމުގެ ޖާދޫގައި އިތުރަށް ނުޖެހޭށެވެ. އެހެންނޫނަސް މިއީ ކޮންކަހަލަ އަންހެން ކުއްޖެއްތޯ ހިތަށްއެރިއެވެ. އޭނަ އެނގިހުރެ ވެސް ނޭނގޭ ކަމަށް ހަދައި ވާހަކަ ދައްކާނީ ދެފުށް ދެގޮތް ވުމުން ނޫންތޯ ހިތަށްއެރިއެވެ. އެހެންނޫނީ މި ކުއްޖާ ހަމަ އެހާ ވެސް ކިބުރުވެރީތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ފަލަކާއި ދުރުވުމަށް އަފްޒަލަށް ސަބަބެއް ލިބުނެވެ. ހިލޭ ފިރިހެނަކާއި މާ ވާހަކަ ދިގު ނުކުރުމަކީ އޭނަ ރުހޭ ފަދަ ސިފައަކަށް ވިޔަސް އަފްޒަލް ވީހާވެސް ގޯސްކޮށް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އޭނަގެ ހިތުން ގޮތް ނޭނގޭ އަންހެން ކުއްޖަކަށް ޖާގައެއްދޭން އެއްގޮތަކަށް ވެސް ބޭނުމެއް ނުވުމުންނެވެ.
އަފްޒަލްގެ ފަހަތުން ހިނގާފައި ދިޔަ ފަލަކްގެ ޚިޔާލުތައް ވެސް ހުރީ އެ ޒާތަކަށެވެ. އަފްޒަލް މިއީ ހާދަ ވިޔާނުދާ މީހެކޭ ހިތަށްއެރިއެވެ. އޭނަ ހިތުން އެހެން ދުވަސްތަކާއި ޚިލާފަށް އަތް ދިގު ހެދުމެއް ލައިގެން އައީ އަފްޒަލަށް އޭނައާއި ވާހަކަ ދައްކަން ފަސޭހަ ކުރުވުމަށެވެ. އެހެނަސް ދެންމެ އެ ހެދި ގޮތުން އަފްޒަލްގެ ގޮތް ރަނގަޅަށް އެނގިއްޖެއެވެ. އެއީ ހަމަ އެ އުޅޭ އަންހެނުންގެ ޖަޒުބާތުތަކާއި ކުޅޭ ފިރިހެނެކެވެ. އެ ރުޅިވެރި ޚިޔާލުތަކުގެ ތެރެއިން ފަލަކަށް އަފްޒަލް ވަކި ހިސާބަކުން ދިފާޢުވެސް ކުރެވުނެވެ. އަފްޒަލް އޭނައާއި އެފަދައިން މުޚާތަބު ކުރީ އޭނަ މާ ރަސްމީ ވާތީވެ ނޫންތޯ ހިތަށްއެރިއެވެ. އޭނައާއި ހެދި އެ ދެމެދުގައި ފާރެއް ލެވުނީތޯ ހިތް ސުވާލުކުރިއެވެ. ހަމަ އެއާއިއެކު އަމިއްލަ ނަފްސަށް ނުރުހުންވެސް ވިއެވެ. މީހަކަށް މަޢާފަށް އެދެން އައިސް އެ މީހަކު ދުރުކޮށްލާނެ މީހަކަށް ދުނިޔޭގައި ވެސް ހުންނާނީ އޭނައޭ ހިތަށްއެރިއެވެ.
ޢިމާރާތުގެ ހާމައަށް އޮތް އެންމެ މަތީ ބަޔަށް ގޮސްފައިވެސް އެ ދެމެދުގައި ވާހަކަ ދެކެވުނީ ރަސްމީ ބަހުންނެވެ. މީގެ ކުރިން ދިމާވެސް ވެފައި ނުވާ ދެ ބީރައްޓެހިން ފަދައިންނެވެ. ދެމީހުން ވެސް އެކަމާއިމެދު ހިސާބަކަށް ހިތްހަމަޖެހުނެއްކަމަކު ދެމީހުން ވެސް ދައްކަން ބޭނުންވި، ރެސްޓޯރެންޓާއި ނުގުޅޭ އެތައް ވާހަކައެއް ވިއެވެ. މި ބައްދަލުވުން ނިމިގެންދާނީ އެ ވާހަކަތައް ނުދެކެވި ކަމަށް އެންމެ ފުރަތަމަ ނިންމުނީ ފަލަކަށެވެ. އޭނައަށް މަޢުޟޫއު ބަދަލުކުރަން ނޭނގިއްޖެނަމަ ފިރިހެނަކަށް ވަކި އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ނަޒަރުން އަންހެނުންނަކީ ފިރިހެނުންނަށްވުރެ ވާހަކަ ދެއްކުމުގެ ހުނަރަށް މޮޅު ބައެކެވެ.
އެހެނަސް ފަލަކަށް ނޭނގުނު ކަމަކީ ވާހަކަ ދެއްކުމުގެ ހުނަރެއް ނެތަސް އަޅާލާން ދަންނަ ފިރިހެނުން އުޅޭ ކަމެވެ. ފަލަކަށް އެކަން އެނގުންވީ ދެމީހުން ވެސް ވާހަކަ ދައްކަމުން ގޮސް އެތާ އުސްކޮށް ހަދާފައި ހުރި ބިއްލޫރި ރެއިލިންގްގައި ދެމީހުންނަށް އަތް އަޅުވައިގެން ތިބެވުނު ހިމޭންކަމުގެ ވަގުތު ކޮޅުގައެވެ.
“ސައި ބޮއިގެންތަ ތި އައީ؟” ސިކުންތުކޮޅަކަށް ވެރިވި ހިމޭންކަމުގެ ތެރެއިން އަފްޒަލް ކޮށްލި ސުވާލުން ފަލަކް އޮޅުން އެރިއެވެ. ދެންމެ އޭނައަށް އެ އިވުނު ބަސްތަކުން ކަންފަތަށް ވެސް އިތުބާރު ކުރަން ދަތިވިއެވެ. ފަލަކް އަފްޒަލަށް ބަލައިލިއިރު އަފްޒަލް ހުރީ ކުރިމައްޗަށް ނަޒަރު ހުއްޓައިގެންނެވެ. އޭނަ މިހާ އުދަގޫ ކޮށްފައި ހުރި ފިރިހެން ޒުވާނާ އޭނައާއި މި ކޮށްލީ ހަމަ މިފަދަ ސުވާލެއްތޯ ހިތަށްއެރިއެވެ. މިފަދަ ސުވާލެއް އޭނައާއި އެންމެ ފަހުން ކުރެވުނު ދުވަހެއް ފަލަކްގެ ހަނދާނަކަށް ވެސް ނައެވެ. އެހެންކަމުން ކުރެވެމުން ދިޔައީ ގޮތްނޭނގޭ އިޙްސާސްތަކެވެ.
“ބޮއިގެން އައީ…” ފަލަކަށް އަފްޒަލްގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި ބުނެލެވުނެވެ. އެއާއިއެކު އަފްޒަލް އޭނައަށް ބަލައިލިއެވެ.
“އޮހް….އަލްޙަމްދުލި ﷲ! ރޭ ނުކެވުނީ ކާ އެއްޗެހި ނުބައިވީމަތަ؟ މަންމަ ބުނި ނުކެވުނު ވާހަކަ…” އަފްޒަލް ބުންޏެވެ.
“ން…ނޫނޭ…އަސްލު ވަރަށް މީރު. ގިލްޓީ ވީވަރުން ނުކެވުނީ…” ފަލަކް ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން ބުންޏެވެ.
“ގިލްޓީ؟ ކޮން ކަމަކާ؟” އަފްޒަލް އެނގެން ބޭނުންވެފައިވާ ޒާތަކަށް އެހިއެވެ.
“ޖަސްޓް….ފޯ އެވްރީތިންގް. ރޭ އެހާ ގިނަ ތައްޔާރީތަކެއް އަހަރެން ދިޔައިރު ކޮށްފަ ހުއްޓާ ވެސް ޝުކުރު އަދާ ނުކުރެވޭ. ބަދަލުގަ ހީކުރެވުނީ އެހެން މީހެކޭ އެ މަސައްކަތް ކުރީ ވެސް…”
“އޮހް! އެހެންވެދާނެއެއްނު؟ އެއީ ވަކި މައްސަލައެއް ނޫން…”
“އެކަމަކުވެސް….އެރޭ ފެންތަށި ވެސް އުކައިލީމެއްނު؟ އަދި ލިފްޓުގަ ވެސް މިސްއަންޑަސްޓޭންޑިން އަކަށް ދިޔައީ…އައިމް ރިއަލީ ސޮރީ އެ ހުރިހާ ކަމަކަށް….”
“އިޓްސް އޯކޭ…ހުރިހާ ކަމަކަށް ވެސް ހެޔޮ ހިތުން މަޢާފް ކޮށްފިން މާ ކުރިން ވެސް. އެކަމަކު ދެން އަނެއްކާ ތަން ބަދަލުކުރަން ޚިޔާލު ނުކުރައްޗޭ. މީހަކަށް މަޢާފަށް އެދިފަ އެމީހަކަށް ފިލާނީއެއް ނޫން. މަޢާފަށް އެދެނީ އެމީހަކާއި އަނެއްކާވެސް ކުރިމަތިލާން. އެ ގުޅުން ދަމަހައްޓަން. އެ ނޫންނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވެސް ތައުބާވުމަށްފަހު އަހަރުމެން އެކަލާނގެއާއި އިތުރަށް ގާތްވާން މަސައްކަތް ނުކުރާނަމެއްނު؟”
އަފްޒަލް އެ ބުނި ވާހަކައާއި އެކީ ފަލަކްގެ މެއަށް ފިނިވިއެވެ. މިއީ ހަމައެކަނި މަންމަ އޭނަ ގާތުގައި ދައްކާ ޒާތުގެ ވާހަކަ ފިރިހެނެއްގެ ކިބައިން އިވުނު ފުރަތަމަ ފަހަރެވެ.
ނުނިމޭ
Jana
November 7, 2022 @ 5:51 pm
Assalaam’alaikum kiyuntherin! Dhen oiy bai Thursday ga In Sha Allah 😀
I love this story
November 8, 2022 @ 4:51 am
Varah reethi! Mashallah! Mi story Varah reethii ❤️
Fan of jana
November 13, 2022 @ 10:52 am
Thursday kobaa tho?
Jana
November 13, 2022 @ 3:57 pm
Salaam kiyuntherin! Varah bodah maafah edhen Thursday ga up nukurevunythy. 14 vana bai Monday night ga up vaane In Sha Allah