ޤަދަރު (ވިހިވަނަ ބައި)
“ކުޑަ ކުއްޖަކާއި ދިމާލަށް ހަޅޭއްލަވައިގެން ތި ކުރެވެނީ މާ މޮޅު ކަމެއްހެންތަ ހީވަނީ؟ މި ކުޑަކުޑަ ހަތަރު އަހަރުގެ ކުއްޖާއަކީ ހަމަ ތީނަގެ ދަރިއޭ! ތީނައަށް ބައްޕަ ކިޔާ ދަރިފުޅު މިއީ. ތި ގޮތަށް އަމިއްލަ ޢާއިލާއާއިމެދު ކަންތައް ނުކުރާނެ ޖަނަވާރެއްވެސް! ހީ ނުކުރާތި މަ ބިރުގަންނާނެއޭ ތީނައަށް! ހަމަ މިވަގުތުން ވަގުތަށް މި ރިޕޯޓުކުރަނީ ތީނަ ކުރާ ކަންތަކުގެ ވާހަކަ!”
ފަލަކް އެހެން ބުނެ އޭނަ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި ހުރި ޖީބުން ފޯނު ނެގިއެވެ. އެއަށްފަހު ގުޅަންވީ ނަންބަރު ހަނދާން ކުރަމުން ކީ ޕެޑް ހުޅުވައިލި ތަނާހެން މީހަކު އޭނަގެ އަތުން ފޯނު ހޯދިއެވެ. އެއީ އަދުހަމޭ ހިތައި ފަލަކް އިސްއުފުލައި ބަލައިލިއިރު ހިމޭންވީ، އަފްޒަލްގެ ސޫރަ ފެނުމުންނެވެ.
“ދޮންބެގެ ވާހަކަ ރިޕޯޓް ކުރަންޏާ ކުރާނީ ދޮންބެގެ ޢާއިލާ މީހެއް…” އަފްޒަލް މަޑުމައިތިރި އަޑަކުން އޭނައަށް ބަލަން ހުރެ އެހެން ބުނުމުން ފަލަކަށް ދެ ބުމަ ކައިރިކޮށްލެވުނެވެ. އެ ބަސްތައް އިވުނީ އަފްޒަލްގެ ދުލުންކަން ޤަބޫލުކުރަން ވެސް ދަތިވާ ގޮތްވިއެވެ. އަފްޒަލް ދެންމެ ހަމަ އޭނައާއި ދެކޮޅުވެ އެ އަނިޔާވެރި ދޮންބެގެ ކޮޅު ނެގީތޯ ފަލަކްގެ ހިތަށް އެރިއެވެ.
ހަމަ އެ ވަގުތު ކޮޓަރިން ނިކުމެފައި ހުރި ނޫރާއަށް އަފްޒަލްގެ ނަޒަރު އަމާޒުވިއެވެ. އެ ހިނދު ނޫރާ ހުރީ ނޭވާ ހާސްވާން ގާތްވެފައެވެ. އެހެނަސް އެވަގުތު ރުޅިވެރިކަމެއްގެ ތެރޭގައި ހުރި ފަލަކަށް އެ ދިމާލަކަށް ނުބެލުނެވެ. ވަކިން ޚާއްޞަކޮށް އަދުހަމް އިތުރަށް ވާހަކަ ދެއްކުމުން އެހެން ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވެސްވީއެވެ.
“އެ ބުނާހެން ބީރައްޓެހި މަންޖެއެއް މިގެއަށް ވަދެގެން އައިސް ރަނިކަން ކުރަން އެބަ އުޅެއޭ!”
އަދުހަމް ފަލަކަށް ލޯ އަޅަމުން ބުންޏެވެ. އެއަށްފަހު އޭނަ ނުބައި ބަހެއް ކިޔާލަން އުޅުނު ތަނާހެން، އަފްޒަލްގެ ހަރުކަށި ނަޒަރު އޭނައަށް އަމާޒުވެފައިވި ތަން ފެނި، އަދުހަމް ކަރުކެހިލިއެވެ. އެއަށްފަހު ގަމީސް ރަނގަޅު ކޮށްލަމުން، އެތަނުން ދާން ހިނގައިގަތީ ރޮމުން ދިޔަ ނާއިލަށް ސަމާލުކަމެއް ނުދީއެވެ. އަދުހަމް އެ ދިޔަ ގޮތަށް ގޮސް ނޫރާއާއި ހަމަ ވުމާއިއެކުހެން ކޮޓަރިއަށް ވަންނާށޭ ބުނެ ނޫރާގެ ކޮނޑުގައި އަތް އަޅައި ކޮއްޕައިލިއެވެ. ނުވެއްޓި ސަލާމަތްވި ނޫރާ ވަކި ދެކޮޅު ހެދުމެއްނެތި އަދުހަމްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.
އެ މަންޒަރު ފެނުމުން ގޮށްމުއްކެވިގެން ދިޔަ ފަލަކްގެ މޫނުވެސް ރުޅިން ރަތްވިއެވެ. އެ ރުޅިވެރި ކަމުގައި ފަލަކް އަފްޒަލާއި ދިމާލަށް އެއްޗެހި ގޮވައިގަންނަން އުޅުނު ހިނދު އަފްޒަލް ނާއިލާއި ވާހަކަ ދެއްކިއެވެ.
“ލޯބި ވަރަށް ބޮޑަށް ތަދުވޭތަ؟ އާދެ ދޮންބެއާއިއެކީ….”
އަފްޒަލް އެހެން ބުނެ ވަކި ދެވަނަ ވިސްނުމެއްވެސް ނެތި ނާއިލް އުރައިލިއެވެ. އެވަގުތު އަތުގައި އޮތް ފަލަކްގެ ފޯނު އަމިއްލަ ޖީބަށް ލެވުނީ އޮޅުމަކުންނެވެ. އަފްޒަލް ފަލަކަށް ބެލުމެއްވެސް ނެތި ނާއިލް ގޮވައިގެން އޭނަގެ ކޮޓަރިއަށް ގޮސް ވަދެ ދޮރު ލައްޕައިލިއެވެ. އެ މަންޒަރު ފެނިފައި ހިތް ކުޑަކޮށް މަޑުވެގެން ދިޔަ ފަލަކް ހިމޭންވިއެއްކަމަކު ދެންވެސް އަފްޒަލާއި ދައްކަން ބޭނުންވި ވާހަކަތައް ސިކުނޑި ތެރޭގައި ގިނަވިއެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާނެއްގެ ސަބަބުން އޭނަގެ ފޯނު ވީ އަފްޒަލްގެ އަތުގައި ކަން ފާހަގައެއް ވެސް ނުވިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އިރު އަރައިގެން އައި ވަގުތު ގޭތެރެއަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ރޭ އެގޭގެ ތެރޭގައި އެއްވެސް ހަލަބޮލިކަމެއް ނުވެސް ހިނގާ ފަދައަކުންނެވެ.
އެ ހަލަބޮލިކަން އެވަގުތު ހަމަ ލޮލަށް ނުފެނުނެއްކަމަކު، ފަތިސް ނަމާދަށްފަހު ގެއަށް ވަދެގެން އަންނަމުން ދިޔަ އަފްޒަލްގެ ކަންފަތުގައި ރޭގެ އަޑުތައް ގުގުމަމުން ދިޔަ ފަދައެވެ. ދޮންބެ ބިރުވެރިކަން އިތުރު ވާ ފަދަ ރާގަކަށް ނާއިލާއި ސުވާލު ކުރަން ފެށި ގޮތެވެ. ވަކި ހިސާބަކުން ދޮންބެ އައި ރުޅިއާއި އެކީ އަތުގައި ހުރި ހޫނު ސައިތަށި ނާއިލާއި ދިމާލަށް އުކައިލި ހިނދު، އަފްޒަލްގެ މެއަށްވެގެން ދިޔަ ގޮތެވެ. ހަމަ އެހިނދު ނާއިލްގެ ކައިރީގައި އިން ފަލަކާއިމެދު ވެސް ކަންބޮޑުވެވި، އެތަނާއި ކައިރިއަށް ދެވުނު ގޮތެވެ. އެހެނަސް ފަލަކް، އޭނަ ނުވެސް ފެންނަ ފަދައަކުން ކޮޅަށް ތެދުވެ ދޮންބެއާއި މުޚާތަބު ކުރަން ފެށި ގޮތެވެ. ފަލަކް ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅި އައިސްފައި ހުރި މަންޒަރު އޭނައަށް ފެނުނު ހިނދެވެ. އެއަށްފަހު އެ ރުޅީގައި ފަލަކް ކުރަން އުޅުނު ކަމެއް އޭނަ އިސްވެ ހުއްޓުވި ގޮތެވެ.
އެ މަންޒަރު ހަނދާންވީ ވަގުތު އަފްޒަލަށް ހުރެވުނީ ގޭގެ ސިޓިންގް ރޫމުގެ މެދުގައި މަޑުކޮށްގެން، ފަލަކްގެ ކޮޓަރިއަށް ދެވޭ ސިޑި ބަރިއަށް ނަޒަރު ހުއްޓައިގެންނެވެ. ފަލަކް އޭނައަށް އަމާޒުކުރި ނުރުހުންތެރިކަމުގެ ނަޒަރު ހަނދާންވެ އަފްޒަލަށް މާޔޫސީ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ އަތުގައި ފަލަކްގެ ފޯނު އޮތުމުން އަދި ފަލަކް އިތުރަށް އޭނައާއިމެދު ނުރުހުންވާނެތާއޭ ހިތަށްއެރިއެވެ. އެހެނަސް ޙަޤީޤަތުގައި އަފްޒަލަށް އެ ފޯނު އޭނަގެ އަތުގައި އޮތްކަން ވެސް އެނގުންވީ އެދުވަހު ފަތިހެވެ. ރޭ އޭނަ މުޅިންވެސް ހޭދަކުރީ ނާއިލްގެ އަތަށް ފަރުވާދީ، ނާއިލް މަސަލަސް ކުރުމުގައެވެ. އެވަގުތުވެސް ނާއިލް އޮތީ އޭނަގެ ކޮޓަރީގައި ކަން ހަނދާންވެ، އަފްޒަލް ކޮޓަރިއަށް ދިޔުމަށް އަވަސްވިއެވެ.
**
އަފްޒަލަށް ހީވީ ރަނގަޅަށެވެ. އޭނައަށް ރޭ ފަލަކްގެ ފޯނު އަމިއްލަ ޖީބަށް އެޅުނު މަންޒަރު ހަނދާންވެ، ފަލަކް ރުޅީގެ އަލިފާނެއްގައި ރޯވަމުން ދިޔައެވެ. ރޭ ކޮޓަރިއަށް ގޮސް ވަދެވުމާއި އެކުހެން ފަލަކަށް އޭނަގެ ފޯނު ނެތްކަން އެނގުންވިއެވެ. އަދި އޭތި އޮތީ އަފްޒަލްގެ އަތުގައި ކަން ވެސް ޔަޤީންވިއެވެ. އެ ޔަޤީންކަމާއިއެކީ އޭނަ އަފްޒަލްގެ ކޮޓަރިއަށް ގޮސް ފޯނު ޖަހައިގަތުމަށް ރާވައިގެން ސިޑިން ފައިބަން ވެސް ފެށިއެވެ. އެހެނަސް އެވަގުތު ވެސް އަފްޒަލްގެ ކޮޓަރިން ނާއިލް ރޯ އަޑު އިވުމުން ފަލަކް ޚިޔާލު ބަދަލުކޮށްލީ ހަމައެކަނި ކުޑަ ކުއްޖެއްގެ ޙައްޤުގައެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު ވީއިރު ވެސް ފަލަކްގެ ރުޅިއަކަށް ބަދަލެއް ނާދެއެވެ. ރުޅި އަމާޒުވެފައިވީ އަދުހަމާއި އެކީ އަފްޒަލަށް ވެސްމެއެވެ. އޭނަގެ ނަޒަރުން އަނިޔާ ދޭ ފިރިހެނަކާއި، އެފަދަ ފިރިހެނަކު ދިފާޢު ކުރާ މީހަކާއި ދެމެދު ވަކި ތަފާތެއް ނެތެވެ. އަފްޒަލަކީ ރަނގަޅު މީހެއްކަމަށް އޭނައަށް ހީކުރެވުނު ކަމުގެ މޮޔަ އެވަގުތު ހީވަމުން ދިޔައެވެ. އޭނަ ހީކުރަމުން ދަނީ ހަމަ ރަނގަޅަށެވެ. ފިރިހެނުންގެ ތެރޭއިން ހަމަ ސަހަލު އެންމެ ފިރިހެނެއް ވެސް ފެނުމަކީ އޭނަގެ ހުވަފެނަކުން ވެސް ވާނެ ކަމެއް ނޫނެވެ. އޭނަ ގެންގުޅޭ ނަޒަރިއްޔާތު ހަމަ ބަރާބަރެވެ.
ފަލަކް ހިތާހިތުން ކުދި ކިޔަމުން ދިޔައީ ހެނދުނު ބޭރަށް ދިޔުމަށް ތައްޔާރު ވަމުންނެވެ. އެހާއިރު ވީއިރު މަހްރީން އޭނައަށް ގުޅާފައިވާނެ ޢަދަދެއް ވެސް އެނގެނީއެއް ނޫނެވެ. އެވަރުން ވެސް އަފްޒަލް އޭނައަށް އޭނަގެ ފޯނު ދޭން ނުވިސްނިތާއެވެ. އެ ލޯބިވާ ދޮންބެ ރިޕޯޓްކޮށްފާނެތީ ހަމަ އެހާވެސް ބިރުގަންނަނީތޯ ހިތަށް އެރި ހިނދު އަފްޒަލަށްވީ އިތުރު ފޫއްސެކެވެ. އެ ވީ ފޫހީގެ ތެރެއިން އޭނައަށް ވަނީ އަފްޒަލާއި އިންނަން ވެސް އެއްބަސް ވެވިފައިކަން އެނގުންވި ހިނދު އަމިއްލަ ނަފްސަށް ވެސް ރުޅިއައެވެ. އޭނަ ދެން އަފްޒަލާއި ދިމާވާހާ އަވަހަކަށް އެ އެއްބަސްވުން އުވައިލަން ފަލަކް ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. ފިރިހެނަކު ނުލިބިގެން އޭނަގެ ދިރިއުޅުމެއް ހުއްޓުމަކަށް ނާންނާނެއެވެ.
ރީތިވެގެން އަތުގައި އަތް ދަބަސް އަޅުވައިގެން ފަލަކް ސިޑިން ފައިބަން ފެށީ އަފްޒަލާއި ދިމާވުމާއިއެކު އޭނަގެ ފޯނު ހޯދަން އޭނަ އަފްޒަލާއި ކުރާނެ ހޫނު ޒުވާބު ސިކުނޑި ތެރޭގައި ރާވަމުންނެވެ. އެއަށްފަހު އެ ޒުވާބުގެ ތެރެއިން އޭނަ އަފްޒަލް ކަހަލަ މީހަކާއި އިންނަން ބޭނުންނުވާ ވާހަކަ ބުނާ މަންޒަރު ވެސް ސިކުނޑީގައި ޒީނަތްތެރިވިއެވެ.
އެ ހަލަބޮލި ޚިޔާލުތަކާއިއެކީ ފަލަކް ސިޑިން ފޭބުމަށްފަހު ސިޓިންގް ރޫމަށް ނިކުތީ އަވަސް ފިޔަވަޅުތަކެއްގައެވެ. އެހެނަސް އެ ފިޔަވަޅުތައް ކުއްލިއަކަށް މަޑުޖެހޭ ގޮތްވީ ސިޓިންގް ރޫމުގެ ސޯފާގައި އިން އަފްޒަލް އޭނަ ފެނިފައި ކޮޅަށް ތެދުވުމުންނެވެ. އެހިނދު އަފްޒަލްގެ އަތުގައި އޭނަގެ ފޯނު އޮތެވެ.
ފަލަކަށް ވަކި އެއްޗެކޭ ނުބުނެވެނީސް އަފްޒަލް އޭނަގެ ކައިރިއަށް އައިސް އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ.
“ރޭ އޮޅިގެން އަހަންނަށް މީތި އަމިއްލަ ޖީބަށް ލެވުނީ….ފަހުން އުޅުނިން މަންމަ އަތަށް ދީފަ ފަލަކްގެ ކޮޓަރިއަށް ފޮނުވަން. އެކަމަކު ރޭގެ ކަންތަކަށްފަހު މަންމަ އަދިވެސް ކޮޓަރިން ނުނިކުންނާތީ ނުދެވި ހުރީ. ސޮރީ….”
އަފްޒަލް ފޯނު ދިއްކޮށްގެން ހުރެ ބުނެލި ވާހަކަތަކުން ފަލަކަށް ބޭއިޚްތިޔާރުގައި ކުރު ނޭވައެއް ދޫކޮށްލެވުނެވެ. ދާދި ދެންމެއަކު އޭނަ ނުހަނު ބޭނުންވެގެން އަފްޒަލާއި ކުރަން އުޅުނު ޒުވާބަށް އެ ވާހަކަތަކުން ހުއްޓުމެއް އައީތީވެއެވެ. މިއީ ހަމަ އޭނަގެ ވިސްނުމާއި ކުޅެން އުޅޭ ފިރިހެނެއްތާއޭ އެވަގުތު ފަލަކްގެ ހިތަށް އެރީ، އައިސްފައިވި ރުޅި ބައިލަން އެދިފައިވި މިންވަރުންނެވެ.
“އަފްޒަލް އާ ވާހަކައެއް ދައްކާލަން ބޭނުން. މިވަގުތު ދެއްކިދާނެތަ؟” ފަލަކް ކުއްލި ގޮތަކަށް އަފްޒަލްގެ އަތުން ފޯނު ހޯދަމުން އެހިއެވެ. ފަލަކްގެ މަޤްޞަދަކަށްވީ ކުރިމަތިން ފެންނަމުން ދިޔަ ފިރިހެން މީހާ އޭނަގެ ‘ސިކުނޑި ނުދޮންނަނީސް’ އެ މީހާގެ ނުބައިކަން ހާމަކޮށް އަމިއްލަ ނަފްސު ރައްކާތެރި ކުރުމެވެ.
ފަލަކް އެހެން ބުނުމާއިއެކު އަފްޒަލް ވަކި ދެކޮޅު ހެދުމެއްނެތި ބޯޖަހައިލިއެވެ. އަދި މިކޮޅަށް އަންނާށޭ ބުނެ، ބަދިގެއާއި ދިމާލަށް ދާން ފެށިއެވެ.
އަފްޒަލްގެ ފަހަތުން ގޮސް ފަލަކް ބަދިގެއަށް ވަނުމުން ވެސް އަފްޒަލް ވަކި ހުއްޓުމެއްނެތި އެތެރޭގައި ހުރި ދޮރެއް ވެސް ހުޅުވައިލިއެވެ. އަފްޒަލް އޭނައަށް ފިލަނީތޯ ހިތައި އެކަމާއިވެސް ނުރުހުންވެ ހުރެ އެ ދޮރުން ނިކުތުމާއިއެކު ފަލަކް ހިމޭންވާ ގޮތްވިއެވެ. ވަށައިގެން ފެންނަމުން ދިޔައީ އެކި ޒާތްޒާތުގެ މާ ގަސްތައް ހެއްދިފައިވި ކުޑަ ބަގީޗާއެކެވެ. މިއީ އަދި މިހާތަނަށް އައިއިރު ފަލަކަށް ފެނިފައި ނުވާ ތަނަކަށްވުމުން، އެ ރީތިކަމަށް ގެއްލިފައި ހިނދުކޮޅަކަށް ހުރެވުނެވެ.
“ބުނޭ….” ފަލަކަށް ހަމަހޭވެރިކަމެއް ލިބޭ ގޮތްވީ އަފްޒަލްގެ އަޑަށެވެ. އެހިނދު އަފްޒަލްގެ ސީރިއަސް ނަޒަރު ފެނި، ފަލަކަށް ވެސް ސީރިއަސް ވެލެވުނެވެ.
“ކީއްވެ ރޭގަ އަހަރެން ހުއްޓުވީ؟” ފަލަކް ސީދާ މަޢުޟޫއަށް ދިޔައެވެ.
“ރޭ އެ ވަގުތަކީ ދޮންބެގެ ވާހަކަ ރިޕޯޓްކުރަން އެންމެ ރަނގަޅު ވަގުތު ނޫންހެން ހީވީތީ…” އަފްޒަލް ވެސް ދިނީ ސީދާ ޖަވާބެކެވެ.
“ރަނގަޅު ވަގުތެއް ނޫނޭ؟! އެކަހަލަ މީހެއްގެ ވާހަކަ ރިޕޯޓް ކުރަން ޖެހެނީ ކޮންމެވެސް މާތް ރެއެއްގަތަ؟”
“އެހެންނެއްނޫން މި ބުން-“
“އަންބިލީވެބްލް! ބަޓް އައިމް ނޮޓް އޯލް ސަޕްރައިޒްޑް….އަބަދުވެސް އެނގޭ ފިރިހެނަކު އަންހެނަކަށް ކުރާ އަނިޔާއަށް ދެން ތިބި ހުރިހާ ފިރިހެނުން ވެސް ބާރު ދޭނެކަން….އެހެންނޫނީ އެއީ އަމިއްލަ ދޮންބެއަށް ވީމަތަ ރިޕޯޓް ކުރަން ޖެހިލުންވެގެން ތިއުޅެނީ؟ އާހް! މޭކްސް ސެންސް!”
“ފަލަކް ތި ވިސްނަނީ އަދި ރަނގަޅަށް ނޫން.”
“އަހަރެން އޮޅުވާލަން ކޮންމެހެން އުޅޭނެ ކަމެއްނެތް! ވަރަށް ރަނގަޅަށް އެނގޭ ތިކަހަލަ މީހުންގެ ވައްތަރު. އަހަރެން ހައްލައިލެވޭނެ ކަމަށް އެއްގޮތަކަށް ވެސް ހީ ނުކުރާތި! ހިނދުކޮޅަކަށް ނަމަވެސް ހީކުރެވުނު އަފްޒަލް ތިއީ ތަފާތު މީހެކޭ. އެކަމަކު އެހެން ނުވިތާ….”
ފަލަކް އެހެން ބުނުމަށްފަހު އަފްޒަލަށް ރަނގަޅު ނަޒަރެއް ދިނެވެ. އެވަގުތު އޭނަގެ ހިތުތެރޭގައި އޮތީ އެހެންކަމުން އޭނަ ދެން އަފްޒަލާއި އިންނަން ބޭނުންނުވާ ވާހަކައެވެ. އެހެނަސް ކީއްވެ ކަމެއް ނޭނގެއެވެ. އެ ބަސްތަކުން ޚުދު އޭނަގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. އަދި އަމުދުން އެވަގުތު އަފްޒަލްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުން ދޫ މަސައްކަތް ނުކުރިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އޭނައަށް އަމާޒުވާ ނުރުހުންތެރިކަން ކަމެއް ނޫނީ ހިތާމަވެރިކަން ކަމެއް ނަގައިގަންނަން ފަލަކަށް ނޭނގުނެވެ. ޔަޤީންވިހާ ވެސް ކަމަކީ އެވަގުތު އޭނަ އެތަނުން ދާން ބޭނުންވި ކަމެވެ.
އެހެންކަމުން ފަލަކް އިސާހިތަކު އަފްޒަލަށް ފަސްދީފައި ދާން ހިނގައިގަތެވެ. ފަސްދިން ވަގުތު އަފްޒަލް އޭނަ ގާތު އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެއްކަމަކު ފަލަކަށް މަޑުކުރާ ކަހަލަ ޚިޔާލެއް ނުކުރެވުނެވެ. އެކަމަށްޓަކައި ވެސް ފަލަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
އެ ދެކެވުނު ވާހަކައަށްފަހު އޭނައާއި އަފްޒަލްގެ ގުޅުން ނިމުމަކަށް އައީތޯ ހިތް ސުވާލުކުރިއެވެ. އެ ސުވާލަށް ފަލަކަށް ހިތާހިތުން އާނއެކޭ ވެސް ބުނެވުނެވެ. އޭނަ އެފަދައިން ވާހަކަ ދެއްކުމަށްފަހު އަފްޒަލް އޭނައަށް މަޢާފު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަފްޒަލް ބުނަން އުޅުނު ވާހަކައެއް އޭނަ އަޑު އެހީއެއް ވެސް ނޫނެވެ. އޭނަ ހާދަ ގޯހެވެ. އޭނަ ނުބުންޏަސް ޚުދު އަފްޒަލް އަމިއްލައަށް އޭނައާއި ގުޅުން ކަނޑާލާނެ ވާހަކަ ބުނާނެ ކަމަށް ފަލަކަށް ހީކުރެވުނެވެ. އެ ޚިޔާލުން ވެސް ފަލަކް މާޔޫސްވާ ގޮތްވިއެވެ.
ފަލަކަށް ނޭނގުނު ކަމަކީ ގުޅުންތަކާއިމެދު އޭނަ ގެންގުޅޭ ނަޒަރިއްޔާތު ނުހަނު ތިލަ ކަމެވެ. ޢުމުރުގެ ގިނަ ދުވަސް ހޭދަކުރީ ވިޔަފާރީގައި ކަމަށްވުމުން، ވިޔަފާރީގައި ކުށެއް ކޮށްފި މީހަކު ފަލަކް ވަޒީފާއިން ކަނޑާލައެވެ. އެހެންނޫނީ މަޤާމު ދަށްކޮށްލައެވެ.
ޢާއިލީ އަދި ގާތް ގުޅުންތަކުގެ ޒާތަކީ އެއީއެއް ނޫންކަން ފަލަކަށް ނުވިސްނެއެވެ. ކޮންމެ ގުޅުމެއްގައި ވެސް ވަނީ ގޯސް ހެދޭނެ އިންސާނުންނެވެ. އަދި ހެޔޮ ހިތްތަކުގެ ވެރި އިންސާނުންނަކީ އެކަކު އަނެކަކަށް މަޢާފު ދޭން ދަންނަ ބައެކެވެ.
**
އެދުވަހުގެ ހަވީރު ކާރު ދުއްވަން އިން އަފްޒަލްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ފަލަކް ހީވެސް ނުކުރާނެ ފަދަ ޚިޔާލުތަކެވެ. ފަލަކް އޭނައާއި އެދުވަހު ހެނދުނު ވާހަކަ ދެއްކި ވާހަކަތައް ހަނދާންވަމުން ދިޔަހެން އަފްޒަލް ދެރަވަމުން ދިޔައެވެ. ފަލަކް އޭނައާއި ރުޅިވެރިކަމާއިއެކީ ވާހަކަ ދެއްކުމުން ނުރުހުންވުމަށްވުރެ ބޮޑަށް މާޔޫސްކަން ހިތަށް ލިބުނެވެ. ފަލަކް އޭނަގެ ވާހަކަ އަޑު ނާހަން އުޅުނު ގޮތުން ހިތް ދަތިވިއެވެ. ފަލަކް އޭނައަށް ފަސްދިން ގޮތުން ފަލަކް ދެން އޭނައަށް އިތުބާރު ކުރާނެތޯ ހިތަށްއެރިއެވެ.
ހިތުތެރެއިން އިވުނު އެ ސުވާލުން ދުއްވަން އިނދެވެސް އަފްޒަލަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ކޮންމެހެން ވެސް އަދި ފަލަކާއި ވާހަކަ ދައްކަން ޖެހޭކަމަށް އެވަގުތުން ވަގުތަށް ނިންމުނެވެ. ފަލަކާއި އިނުމަށް ނިންމި ދުވަހަށްވުރެ މިއަދު އަފްޒަލް ފަލަކާއިމެދު ދެކޭ ގޮތް ތަފާތު ވެފައިވެއެވެ.
ވަކިން ޚާއްޞަކޮށް ފަލަކް ޤަވާޢިދުން ނަމާދު ކުރާ ވާހަކަ މަންމަގެ ފަރާތުން އިވުނު ދުވަސްފަހުންނެވެ. ފަލަކް އޭނަގެ ޙަޔާތަށް އައީ މުހިއްމު ސަބަބަކާއި ލައިގެން ކަމަށް އަފްޒަލަށް ޤަބޫލު ކުރެވެން ފެށީ އެހާ ހިސާބުންނެވެ. އޭނަގެ ސަބަބުން މީހަކަށް ފުރިހަމަ ހިދާޔަތް ލިބޭނެ މަގެއް ފަހިވެދާނެނަމަ، އަފްޒަލް އެ ފުރުސަތު ނަގާލާކަށް ބޭނުމެއް ނޫނެވެ. އަދި އަމުދުން ފަލަކް ފަދަ ހިތް ހެޔޮ ކުއްޖެއް އޭނަގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަކީ އަބަދުވެސް އަފްޒަލްގެ ހުވަފެނެކެވެ. މިއަދު ވެސް ފަލަކް އޭނައަށް ރުޅި އިސްކުރީ ރަނގަޅު ސަބަބަކާއި ހެދިއެވެ. ޚުދު އޭނަ ގޯސްކޮށް ކަންތައް ކުރާހެން ހީވުމުން ފަލަކް ޖެހިލުންވުމެއް ނެތި އެ ވާހަކަ ފާހަގަ ކޮށްދިނީއެވެ. އެ ގަދަ ރުޅި އަންނަ ވަގުތު އަޑު ނޭހުމަކީ އަދި މުޅިން އެހެން ކަމެކެވެ.
މިފަހަރު ހިތަށް ވެރިވި އެ ޚިޔާލުން އަފްޒަލަށް ހީލެވުނީ، ހޮޓެލް ތެރެއިން ފުރަތަމަ ފަހަރަށް ފަލަކާއި ދިމާވުމުން ވެސް ފަލަކް އޭނައާއި ދިމާލަށް އެއްޗެހި ގޮވި ގޮތް ހަނދާންވުމުންނެވެ.
**
“ދައްތާ….ނޫރާ ދުށިންތަ؟” ފަލަކް އެ ސުވާލުކޮށްލީ ދެވަނަ ފަހަރަށް ބަދިގެއަށް ވަދެ ނިކުންނަމުންނެވެ. އެވަގުތު ފަޒީލާ ވެސް ކޮޓަރިން ނިކުތީއެވެ.
“ނޫރާ މިއަދު ހެނދުނު މަންމައަށް މެސެޖުކޮށްފަ އޮތް ނޫރާ ނާއިލް ގޮވައިގެން ނޫރާގެ މަންމަގެ ގެއަށް ދާ ވާހަކަ….ޢާއްމު ގޮތެއްގަ އަދުހަމްގެ ކަންތައް ބޮޑުވީމަ ނޫރާ އެގެއަށް ގޮސް ހަދާނެ….” ފަޒީލާ އޭރުވެސް އަދުހަމަށް ނުރުހުންވެފައިވާ ޙާލު ވާހަކަ ދެއްކިއެވެ.
“އޮހް! އަ…ދުހަމް ކޮބައިތަ މިހާރު؟” ފަލަކް އެހިއެވެ.
“ނޭނގެ އަހަންނަކަށް. މަށަށް ރަނގަޅީ އޭނަ ގެއަށް ނައިއްޔާ!” ފަޒީލާ އެހެން ބުނި ހިނދު ލޮލުން ކަރުނަ ހިލިފައިވިއެވެ. ފަލަކް އެ މަންޒަރު ފެނި، ފަޒީލާ ދައްތަ ގާތު އެއްޗެކޭ ބުނަން އުޅުނު ތަނާހެން ފަޒީލާ ދައްތަ ލޯ މަތިން އަތް ހިންގަމުން އޭނައަށް ފަސްދީފައި ގޮސް ބަދިގެއަށް ވަނެވެ.
އެ ވަގުތު އަނެއްކާވެސް ފަލަކް ހިނދުކޮޅަކަށް ނަމަވެސް އަފްޒަލަށް ނުރުހުންވިއެވެ. އަފްޒަލް ރޭ އޭނަ ނުހުއްޓުވިނަމަ، އެ މަންމައަށް ވެސް ހިސާބެއްގެ ހަމަޖެހުމެއް ލިބިފައިވާނެ ނޫންތޯ ހިތަށްއެރިއެވެ. އަފްޒަލް އޭނަ ހުއްޓުވީ ފަހެ ކީއްވެބާއޭ ހާސްވަނަ ފަހަރަށް ހިތަށްއެރިއެވެ.
އެހެނަސް އެ ވިސްނުމަށް ނުގެއްލި، ފަލަކް އޭނަ ކުރަން އުޅުނު ކަންތައް ކުރަން އަވަސްވިއެވެ.
“މަންމާ….ނޫރާގެ އެޑްރެސް ކިޔައިދެވިދާނެތަ؟” ފަލަކް ބަދިގޭގެ ދޮރުން ބޯދިއްކޮށް ބުނެލި ވާހަކައިން، ރޮވެން އުޅުނު ފަޒީލާ، ފަލަކަށް ބަލައިލިއެވެ.
**
އޭގެ 15 ވަރަކަށް މިނެޓް ތެރޭގައި ފަލަކް ޓެކްސީއެއްގައި ހުޅުމާލޭ ފޭސް 1 އަށް ގޮސް ޓެކްސީއިން ފޭބިއެވެ. ފޭބުމަށްފަހު ފަލަކް ފަރުވާތެރިކަމާއިއެކީ މަގުގެ ނަންތަކަށާއި ޢިމާރާތުގެ ނަންތަކަށް ނަޒަރު ދެމުން އޭނަގެ ފޯނުގައި ލިޔެވިފައިވާ އެޑްރެހަށް ބަލަމުން ދިޔައެވެ. އެންމެ ފަހުން ފޯނުގައި އޮތް ފިހާރައިގެ ނަން ޢިމާރާތެއްގެ މަތިން ފެނި، ފަލަކް މަގު ހުރަސްކޮށް އެ ޢިމާރާތާއި ހަމައަށް ދިޔައެވެ. އަދި އެތަނަށް ވަދެ ސިޑިން އަރައިގެން ގޮސް ދެވަނަ ފަންގިފިލާއަށް ގޮސް އެންމެ ކައިރިން ފެންނަމުން ދިޔަ ދޮރު ކުރިމަތީގައި މަޑުކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ވަގުތުކޮޅެއް ނެގީ، އޭނަ މި އައީ އަމިއްލައަށް ހަމަނުޖެހި ކުރެވޭނެ ކަމެއް ކުރަން ނޫންކަން ހަނދާން ކުރަމުންނެވެ.
އާނއެކެވެ. އޭނަ މި އައީ ނޫރާއާއި ވާހަކަ ދައްކާށެވެ. ޢާއިލާގެ އެއްވެސް މީހަކު ނޫރާއާއި އަދުހަމް ވަކިވާން ނޭދުނަސް، ނޫރާއަށް އެންމެ ރަނގަޅު ގޮތެއް ނިންމުމުގެ ޙައްޤު ނޫރާއަށް ލިބިގެންވާކަން ހަނދާން ކޮށްދިނުމަށެވެ. ދަރިފުޅު ނާއިލަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތް ނިންމުމުން ކަމަށް ބުނެ ނަސޭޙަތްތެރިވުމަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަދުހަމާއި ވަކިވުމަށް ކުރަން އޮތްހާ ކަމެއް ކުރުމަށް އޭނަ އެހީތެރިވެދޭނެކަން އަންގައިދިނުމަށެވެ.
ނޫރާއާއި ވާހަކަ ދައްކާނެ ގޮތް ފަހު ފަހަރަށް ސިކުނޑީގައި ރާވާލަމުން ފަލަކް ބެލް އަޅުވައިލިއެވެ. އޭގެ މާ ގިނައިރެއްނުވެ ދޮރު ހުޅުވައިލީ، އާދައިގެ ބުރުގާއަކާއި އެކީ ކުރުތާއެއް ލައިގެން ހުރި ފުރާވަރުގެ އަންހެން ކުއްޖެކެވެ.
“ތިއީ ކާކުތޯ؟” އެ ކުއްޖާ އަހައިލިއެވެ. ބުރު ސޫރައިން އެ ކުއްޖާ ނޫރާއާއި ވައްތަރުވުމުން އެއީ ނޫރާގެ ކޮއްކޮ ކަމަށް ނިންމުނެވެ.
“އަމް….މިއީ ފަލަކް. ނޫރާގެ ފްރެންޑެއް….ނޫރާ އެބަހުރިތަ ގޭގަ؟” ފަލަކް ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ.
“އޮހް! ދައްތަގެ ނިއު ފްރެންޑް ފަލަކްދޯ؟ އަފްޒަލް ބޭބެގެ ގޭގަ އުޅޭ ކުއްޖެއްދޯ ތިއީ؟” އެ ކުއްޖާ އުޖާލާވެގެން ދިޔަ ދެލޮލާއި އެކީ ބުންޏެވެ.
“އާނ…ހެހެ..ކޮބައިތަ ދައްތަ؟” ފަލަކް ގޭގެ ތެރެއަށް ނަޒަރެއް ދޭން މަސައްކަތް ކުރަމުން އެހިއެވެ.
“ދައްތަ ހުރީ….ކޮޓަރީގަ. ގެއަށް އައީއްސުރެ ނާއިލްއާ އެކީ ކޮޓަރިއަށް ވަން ގޮތަށް ނުވެސް ނިކުމޭ. މިހާރު އަފްޒަލް ބޭބެ އައިއްސަ އެބަހުރި ދައްތައަށް ނަސޭޙަތްތެރިވާން. އަފްޒަލް ބޭބެ ބުނާހެން ދައްތަ އެ އަދުހަމެއް ދޫކޮށްލިއްޔާ ކީއްވާނީ؟!” އެ ކުއްޖާ އެ އެންމެ ފަހު ސުވާލު ކުރި ވަގުތު ރުޅި ގަދަވިއެވެ. އެހެނަސް އެ ވަގުތު ފަލަކަށް ކުރެވުނީ އެހެން އިޙްސާސްތަކެވެ.
“އަފްޒަލް….މިގެއަށް އައިއްސަ އެބަހުރި؟” ފަލަކަށް އެހެން އަހައިލެވުނީ ޤަބޫލުކުރަން ދަތިވެފައިވާ ޙާލުގައެވެ. އެއާއިއެކު އެ ކުއްޖާ ބޯޖަހައިލިއެވެ.
“އާނ….އެހެންވީމަ މި ގަޑީގަ ދައްތައާއި ބައްދަލު ކުރެވޭނެހެން ހިއެއްނުވޭ. މަންމައާއި އަފްޒަލް ބޭބެ އެކީގައި ތިބެގެން ދައްތައާއި އެ ވާހަކަ ދައްކަނީ…” އެ ކުއްޖާ ބުންޏެވެ.
“އެކަމަކު…..ކުޑަކޮށް ވަދެވިދާނެތަ؟ އަފްޒަލް ބޭބެވެސް ދައްކަން އައި ކަހަލަ ވާހަކައެއް މި ދައްތަ ވެސް ދައްކަން މިއައީ.” ފަލަކަށް ބުނެވުނެވެ. އެއާއިއެކު އަނެއްކާވެސް އެކުއްޖާ ބޯޖަހައިލިއެވެ. އަދި ފަލަކަށް ވަނުމަށް ތަންދެއްކިއެވެ.
ފަލަކް އަވަސް ހިނގުމެއްގައި ގެއަށް ވަދެގެން އައި ވަގުތު ސިޓިންގް ރޫމުގައި ހުރި ނާއިލް ފެނުނެވެ. ބިންމަތީގައި ކުޅެން އިން ނާއިލަށް ފަލަކް ހިނިތުންވުމެއް ހަދިޔާ ކުރިއެއްކަމަކު އެ ކުއްޖާ ބަދަލުގައި ހިނިތުންވެ ނުލިއެވެ. އަމިއްލަ ބައްޕަގެ އަތުން އަނިޔާއެއް ލިބި އެ ހަނދާން ހުރި ކުއްޖަކަށް ހިނިތުންވެވޭނީ ކިހިނެއް ހެއްޔެވެ؟
އެ ޚިޔާލުން ފަލަކްގެ ހިތް ދެރަވި ހިނދު، އެއްފަރާތަކުން އަފްޒަލް ވާހަކަ ދައްކާ އަޑު އިވުނެވެ. އިސާހިތަކު ފަލަކް އެ ދިމާލަށް ބަލައިލި ހިނދު ކުޑަކޮށް ހުޅުވިފައިވާ ދޮރެއް ފަލަކަށް ފާހަގަވިއެވެ. ފަލަކް އެ ދޮރުގެ ކައިރިއަށް ގޮސް، ދޮރު ހުޅުވުމުގެ ބަދަލުގައި، ދޮރުގެ ކައިރިން ފާރު ކައިރީގައި މަޑުކޮށްލިއެވެ. އެ ހިނދު އަފްޒަލްގެ އަޑު ފަލަކަށް ސާފުކޮށް އިވުނެވެ.
“ޓްރަސްޓް މީ ނޫރާ….ނޫރާ މިއަދު ދޮންބެ ދޫކޮށް ދިޔަޔަސް ނޫރާއާއި ނާއިލް ނިކަމެއްޗެއް ނުވާނެ. ތިއީ ނޫރާއަށް ހީވާ ހީވުމެއް. ޚުދު ނޫރާއަކީ ވެސް އަމިއްލައަށް ވަޒީފާ އަދާ ކުރާ ކުއްޖެއް ނޫންތަ؟ މި ހުރިހާ ދުވަހު ވެސް ނާއިލް ބެލީ ނޫރާގެ ޚަރަދުގައެއް ނޫންތަ؟”
އަފްޒަލް ވާހަކަ ދެއްކި ރާގުން ފަލަކްގެ ގައިން ހީބިހި ނެގިއެވެ. އޭނަ ދުވަހެއްގެ ކޮޅުން ވެސް ފިރިހެނެއްގެ ދުލުން މިފަދަ ހިތްވަރުދޭ ބަސްތައް އަޑުއަހާފައެއް ނުވެއެވެ.
“އެކަމަކު….އަހަރުމެންގެ ބައްޕަ ވެސް އަހަރުމެން ދޫކޮށް ދިޔައިމަ ހާދަ ދެރަވިއޭ. ބައްޕައާއި މަންމަ ވަކިވީމަ، އަހަރުމެންގެ އެއްވެސް އަގެއް ނެތްހެން ހީވި. މަންމައަކީ ވެސް އަމިއްލަ އަތުން މަސައްކަތް ކުރި މީހަކަށް ވިޔަސް، ގިނަ ފަހަރު އަހަރުމެން ނުކައި ހުންނަ ދުވަސްތައް ވެސް ދިޔަ. އަހަރުމެންގެ ނާއިލްއަށް އެފަދަ ގޮތެއް ވެއްޖެއްޔާޔޯ؟” ނޫރާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“ދަރިފުޅާ….މަންމަ ކުރި ކަހަލަ އަތްތެރި މަސައްކަތެއް ނޫނެއްނު ދަރިފުޅު ތި ކުރަނީ؟ ނުލާހިކު މުސާރަ ރަނގަޅު ވަޒީފާއެއްގަ ދަރިފުޅު ތިއުޅެނީ. މަންމައަށް ޔަޤީން މަންމައަށް ދަރިފުޅުމެން ބެލުނު ވަރަށްވުރެ ރަނގަޅަށް ދަރިފުޅު ނާއިލް ބަލާނެކަން…” ނޫރާގެ މަންމަ ބުނި އަޑު އިވުނެވެ.
“އެކަމަކު މަންމާ….އަދުހަމް ބުނަނީ ހަމަ ރަނގަޅަށް ނޫންތަ؟ އަހަރެން މިއީ އެހާ މޮޅަށް ކިޔަވައިގެން ހުރި މީހެއްވެސް ނޫން. ކިޔަވައިގެން ތިބޭ މީހުންނަށް ނޫންތަ ވަޒީފާގަ އުޅެވެނީ. ހަމަ އެހެން ހުރެފަ އަހަންނަށް ވަޒީފާ ގެއްލިއްޖެއްޔާޔޯ؟ އެހެން ނޫނަސް އަހަރެން ވަޒީފާއަށް ދިޔުމަކީ އަދުހަމް ރުހޭ ގޮތެއް ނޫން. ކިހިނެއް އެނގެނީ އަދުހަމް އެހެން އުޅެނީ އަހަރެން އަދުހަމް ބުނާ ގޮތަށް ނަހަދާތީކަން؟ އަހަރެން ވެސް ވަކި ރަނގަޅެއްނޫން!” ނޫރާ އިތުރަށް ރޮމުން ދެއްކި ވާހަކަތައް އިވިފައި ފަލަކްގެ ގޮށްމުއްކެވުނެވެ. ހަމަ އެހިނދު އަނެއްކާވެސް އަފްޒަލްގެ އަޑު އިވުނެވެ.
“ކައިވެނީގެ ކުރީކޮޅު ނޫރާ ވަޒީފާއަށް ދިޔައިންތަ؟ ނުދަމެއްނު؟ އޭރު ދޮންބެ ނޫރާއަށް އަނިޔާ ނުކުރޭތަ؟ ކުރޭ! ފޮރުވަން އުޅުނަސް ނުފޮރުވޭނެ ޙަޤީޤަތެއް އެއީ. ނޫރާ ވަޒީފާއަށް ދާންޖެހުނީ ވެސް ދޮންބެއަށް ނޫރާއާއި ނާއިލްގެ ޚަރަދު ނުބެލެހެއްޓޭތީ! އެހެންވީމަ ތިއީ އަދި ހަމަޖެހޭ ވާހަކައެއް ނޫނެއްނު؟” އަފްޒަލް ބުނެލީ ސީދާ ފަލަކް ބުނަން ބޭނުންވި ބަސްތަކެވެ. އެހިނދު ފަލަކްގެ ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ.
“އެކަމަކު-” ނޫރާ ވާހަކަ ދައްކަން އުޅުނު ވަގުތު އަފްޒަލް މެދުކަނޑައިލިއެވެ.
“އިތުރު ވާހަކަތަކެއް އަޑުއަހާކަށް ނެތިން. މި ހަފްތާ ނިމެންވާއިރަށް ނޫރާ އަމިއްލަ ނަފްސަށާއި ނާއިލަށް އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށް އުއްމީދު ކުރަން. އެހެންނޫނީ ނޫރާ ކިތަންމެ އިންކާރު ކުރިޔަސް އަހަރެން ދޮންބެގެ ވާހަކަ ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކުރާނަން. މި ހުރިހާ ދުވަހުވެސް އެކަން ނުކުރީ އެ ފިޔަވަޅު އެޅީމަ ނޫރާގެ ޙާލަތު ގޯސްވާކަން އެނގޭތީ. އެކަމަކު ދެން އެގޮތަކަށް ވިސްނާކަށް ނެތިން….ދޮންބެއަށް އެ ހެދޭ ގޯސްތައް ނުހުއްޓުވައި ހުރުމަކީ ޚުދު ދޮންބެއަށް ވެސް ދެވޭ އަނިޔާއެއް ކަމަށް އަހަރެން ޤަބޫލުކުރަނީ….ދޮންބެ ދެކެ ނޫރާ ވެސް ލޯބިވަންޏާ ދޮންބެއަށް ހެޔޮ ގޮތް ވިސްނޭނެ ގޮތެއް ހަދައިދީ.”
އަފްޒަލް ބުންޏެވެ. އެހިނދު ނޫރާ ގަދައަށް ރޯން ފެށުމުން ނޫރާގެ މަންމަ ނޫރާ މަސަލަސް ކުރަން ފެށި އަޑު އިވުނެވެ. ފަލަކަށް ނޫރާއާއި ނޫރާގެ މަންމަގެ އެ ޖަޒުބާތުތަކާއި މެދު ވިސްނި، ދެރަވެފައި ހުރިތާ ހުރެވުނެވެ. އަދި އަމުދުން ދެންމެ އަފްޒަލް ދެއްކި ވާހަކަތައް އިވި، އޭނައަށް އަފްޒަލާއިމެދު ވިސްނުނީ ކިހާ ނުބައިކޮށްކަން އެނގުންވިއެވެ.
ހަމަ އެހިނދު ކުއްލި ގޮތަކަށް ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވުމުން ފަލަކަށް އެ ދިމާލަށް ބަލައިލެވުނީ ކުޑަ ސިހުމަކާއި އެކީއެވެ. އެ ވަގުތު ކޮޓަރިން ނިކުތް އަފްޒަލާއި އޭނަގެ ހަތަރުކަޅި ހަމަވިއެވެ. އެހިނދު ކީއްވެ ކަމެއް ނޭނގެއެވެ. އަފްޒަލްގެ ސޫރަ ފެނި، އަތްފައި ފިނިވެގެން ދިޔަދިޔަހެން، ފަލަކްގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ނުނިމޭ
Jana
February 9, 2023 @ 1:44 pm
Someone is having a change of heart 🤭
I love this story!!
February 10, 2023 @ 5:51 am
Mashallah!!!!! 💕Varah reethi story !!!!❤️! Afzal and Falak should marry !!!!🫣 Adhuham ah vissneyne nama kihaa rangalhu 😳!!!!!!
Kithah part innanii mi story ga ??
Zaul and Zuhaa ah kihineh vaanii dhen????
Jana
February 10, 2023 @ 1:54 pm
Dho dho? Alhe edhemeehun kairi bunamaa hingaaba marry kuraashey nikan avahah XD Adhuham dho? Ekahala meehunnah visneyne baa? hehe…..mi story ga hunnaane 60 varakah bai In Sha Allah ^_^ Zaul and Zuha ga bai adhi kuriah othy.
Much love for the support dear reader! <3 <3 <3
Mish
February 12, 2023 @ 3:46 am
Ohoa falak😏
Hudh's
March 6, 2023 @ 5:14 am
Kobaaa vaahaka … Haadha lasvejjey… Up vaane dhuvaheh angaalabala plz
Pistachio
February 15, 2023 @ 4:14 pm
Eagerly waiting for next part 💗💗
Love this story
February 20, 2023 @ 7:05 am
Jana sister!!!! THANK YOU 😊
Itsmeyaaa
February 23, 2023 @ 7:15 pm
When is next part sis? Much love <33
Anonymous
March 3, 2023 @ 12:40 pm
Aa baeh kiyaalan libeynee dhen kon irakun?
Jana ge vaahaka kiyaa meeheh
March 6, 2023 @ 3:23 pm
Kobaey aneh bai kanbuloa
🤍✨
March 12, 2023 @ 1:40 am
Hii Jana sis,
Hope u’re doin well..
And Ramadan Mubarak.
Pls remember tht we admire u and u’re such an inspiration to us. And yh it’s totally fine even if u’re not able to update the story. We’ll wait and well always b there…
Much love 🥰
Jana sisterrrrrr!!!!!
March 23, 2023 @ 5:48 am
Jana sister !!! Alhugandu mi vaahakaige next part kiyaa♥️ vanii !!!😢😃
When is the next part coming ?I am waiting !!!!…..
Love you 🥰
Maa
April 6, 2023 @ 4:23 pm
Vaahaka dhn nugennaneee tha.. haadha dhuvahekey
Maaa
April 6, 2023 @ 4:24 pm
Vaahaka dhn nugennaneee tha.. haadha dhuvahekey….. Kon irakun baa dhn update vaanee