ޤަދަރު (އެކާވީސްވަނަ ބައި)
“އިތުރު ވާހަކަތަކެއް އަޑުއަހާކަށް ނެތިން. މި ހަފްތާ ނިމެންވާއިރަށް ނޫރާ އަމިއްލަ ނަފްސަށާއި ނާއިލަށް އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށް އުއްމީދު ކުރަން. އެހެންނޫނީ ނޫރާ ކިތަންމެ އިންކާރު ކުރިޔަސް އަހަރެން ދޮންބެގެ ވާހަކަ ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކުރާނަން. މި ހުރިހާ ދުވަހުވެސް އެކަން ނުކުރީ އެ ފިޔަވަޅު އެޅީމަ ނޫރާގެ ޙާލަތު ގޯސްވާކަން އެނގޭތީ. އެކަމަކު ދެން އެގޮތަކަށް ވިސްނާކަށް ނެތިން….ދޮންބެއަށް އެ ހެދޭ ގޯސްތައް ނުހުއްޓުވައި ހުރުމަކީ ޚުދު ދޮންބެއަށް ވެސް ދެވޭ އަނިޔާއެއް ކަމަށް އަހަރެން ޤަބޫލުކުރަނީ….ދޮންބެ ދެކެ ނޫރާ ވެސް ލޯބިވަންޏާ ދޮންބެއަށް ހެޔޮ ގޮތް ވިސްނޭނެ ގޮތެއް ހަދައިދީ.”
އަފްޒަލް ބުންޏެވެ. އެހިނދު ނޫރާ ގަދައަށް ރޯން ފެށުމުން ނޫރާގެ މަންމަ ނޫރާ މަސަލަސް ކުރަން ފެށި އަޑު އިވުނެވެ. ފަލަކަށް ނޫރާއާއި ނޫރާގެ މަންމަގެ އެ ޖަޒުބާތުތަކާއި މެދު ވިސްނި، ދެރަވެފައި ހުރިތާ ހުރެވުނެވެ. އަދި އަމުދުން ދެންމެ އަފްޒަލް ދެއްކި ވާހަކަތައް އިވި، އޭނައަށް އަފްޒަލާއިމެދު ވިސްނުނީ ކިހާ ނުބައިކޮށްކަން އެނގުންވިއެވެ.
ހަމަ އެހިނދު ކުއްލި ގޮތަކަށް ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވުމުން ފަލަކަށް އެ ދިމާލަށް ބަލައިލެވުނީ ކުޑަ ސިހުމަކާއި އެކީއެވެ. އެ ވަގުތު ކޮޓަރިން ނިކުތް އަފްޒަލާއި އޭނަގެ ހަތަރުކަޅި ހަމަވިއެވެ. އެހިނދު ކީއްވެ ކަމެއް ނޭނގެއެވެ. އަފްޒަލްގެ ސޫރަ ފެނި، އަތްފައި ފިނިވެގެން ދިޔަދިޔަހެން، ފަލަކްގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“ފަލަކް؟” އަފްޒަލަށް ޙައިރާންކަން އެކުލެވިފައިވި ނަޒަރަކާއި އެކީ ކިޔައިލެވުނެވެ. ފަލަކް ވަކި އެއްޗެކޭ ބުނަން ނޭނގިފައި ވަނިކޮށް ނޫރާގެ ކޮއްކޮ ދުވެފައި އެމީހުން ކައިރިއަށް އައެވެ.
“އަފްޒަލްބެ….ދޮންތަ ބުނީ ކީކޭ؟” ނޫރާގެ ކޮއްކޮ ކަންބޮޑުވުމަކާއިއެކީ އެއްފަހަރު އަފްޒަލަށް އަނެއްފަހަރު ކޮޓަރީގެ ދޮރަށް ބަލައިލަމުން އަހައިލިއެވެ. އޭރުވެސް ކޮޓަރި ތެރެއިން ނޫރާ ރޯ އަޑު އިވެއެވެ.
“އަދިވެސް ދޮންތަ އެއްބަހެއް ނުވޭ އަފްޒަލްބެ ބުނި ގޮތަށް ހަދާކަށް. އެކަމަކު ކަންބޮޑުނުވޭ….ދޮންތަ ރަނގަޅު ނުކުރިޔަސް އަފްޒަލްބެ މިފަހަރު ހުރިހާ ކަމެއް ރަނގަޅު ކޮށްދޭނަން އިން ޝާ ﷲ!” އަފްޒަލް ސާބިތުކަން އެކުލެވިގެންވި އަޑަކުން އެހެން ބުނި ހިނދު، ފަލަކަށް އަފްޒަލާއި ދިމާލަށް ބަލަން ހުރެވުނެވެ.
“އަފްޒަލްބެ ބުނީމަ ޤަބޫލުކުރާނަން….މި ހުރިހާ ދުވަސްވީއިރު ވެސް އަހަރުމެންނަށް އެތައް ގޮތަކުން އެހީވީ ބޭބެ ވިއްޔާ…ހިތަށް އަރާ ދޮންތައަށް ވިސްނޭނެނަމައޭ. ފަލަކް ވެސް އައީ ދޮންތައާއި ވާހަކަ ދައްކަންވެގެން. އަޅެ ފަލަކް ވެސް ޓްރައި ކޮށްލަބަލަ…ފަލަކްއަކީ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ ދޮންތަ ދެކެނީ…” ނޫރާގެ ކޮއްކޮ އާދޭހާއިއެކީ ފަލަކަށް ބަލައިލަމުން ބުންޏެވެ.
“މިވަގުތަކީ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތުހެން ހިއެއްނުވޭ. އަފްޒަލްބެ ދެންމެ އެ ދެއްކީ މި ދައްތަ ވެސް ދައްކަން ބޭނުންވި ވާހަކަތައް. މިވަގުތު އެންމެ ރަނގަޅުވާނީ ދޮންތައަށް އެ ވާހަކަތަކާއިމެދު ވިސްނަން ފުރުސަތެއް ދިނިއްޔާހެން ހީވަނީ. ހިތްވަރު އެލުވައި ނުލައްޗޭ….ދޮންތައަށް އަދި ވިސްނޭނެ އިން ޝާ ﷲ!” ފަލަކް އެ ވާހަކަތައް ނޫރާގެ ކޮއްކޮއަށް ކިޔައި ދިންއިރު އަފްޒަލަށް ފަލަކާއި ދިމާލަށް ބަލަން ހުރެވުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް ދުރު ބަލައިލިއެވެ.
“ދެން ދިޔައީ އިނގޭ ކޮއްކޮ….ދޮންތައާއި ނާއިލް ރަނގަޅަށް ބަލައްޗޭ! ފަލަކް ތި އައީ ޓެކްސީއެއްގަދޯ؟ ހިނގާ ގެއަށް ގެންގޮސްދޭނަން…” އަފްޒަލް ނޫރާގެ ކޮއްކޮއާއި ވާހަކަ ދެއްކުމަށްފަހު ވަކި މަޑު ކުރުމެއްވެސް ނެތި ފަލަކާއި މުޚާތަބު ކުރިއެވެ.
“މްމް…” ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލަމުން ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ދެމީހުންވެސް ތިބީ ޢިމާރާތުން ބޭރުގައެވެ. އަފްޒަލް ކާރު އަންލޮކް ކުރަމުން ކާރާއި ދިމާލަށް ދަމުން ދިޔައިރު ފަލަކް އޭނަގެ ފަސް ފަހަތުން ދިޔައެވެ. އެހިނދު ފަލަކަށް ހުއްޓުމެއްނެތި އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަފްޒަލާއި މެދު އެހާ ނުބައިކޮށް ވިސްނުނީތީވެއެވެ. އަދި އެ ނުބައި ހީކުރުންތަކާއި އެކީ އަފްޒަލްގެ ބަސްވެސް އަޑުއެހުމެއްނެތި ރުޅިވެރިކަމާއި އެކީ އަފްޒަލާއި ވާހަކަ ދެކެވުނީތީވެއެވެ.
އެ ފިކުރުގެ ތެރެއަށް ގެއްލި ހުރެ ފަލަކަށް ކާރާއި ހަމައަށް ގޮސް ހުޅުވައިލެވުނީ ކާރުގެ ކުރީ ސީޓުގެ ދޮރުކަން ވެސް ރޭކާއެއް ނުލިއެވެ. އެކަން އެނގުންވީ ކުރީ ސީޓަށް އަރައި ދޮރު ލައްޕައިލެވުނު ފަހުންނެވެ. އެއާއިއެކު ކުއްލި ގޮތަކަށް ކަނާތް ފަރާތަށް ބަލައިލެވުނު ހިނދު ނުހަނު ގާތުން އަފްޒަލް ފެނި ކުއްލި ގޮތަކަށް ދުރަށް ވެސް ޖެހިލެވުނެވެ.
“ހެހެ….އޮޅިގެން ކުރިއަށް ދޯ އެރުނީ؟ ފަލަކް ބޭނުމިއްޔާ ފަހަތަށްދޭ…އަހަންނަށް މައްސަލައެއް ނެތް ކޮންމެ ގޮތެއްވެސް.” އަފްޒަލް ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ. އެއާއިއެކު ފަލަކް ސީޓުގައި ހަމަޖެހިލަމުން އިސްޖަހައިލިއެވެ.
“މިތާ އިންނާނީ…” ފަލަކަށް އެހެން ބުނެވުނީ އަމިއްލަ އިޚްތިޔާރުގައެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ބުނެވުނީތީވެސް ޚުދު އަމިއްލަ ނަފްސާއިމެދު ޙައިރާންވެވޭ ގޮތްވިއެވެ. މިއީ އޭނަ އަމިއްލައަށް އެދިގެން ފިރިހެނެއްގެ ކައިރީގައި ހުންނަން ބޭނުންވި ފުރަތަމަ ފަހަރެވެ.
“ހުމް….އެންމެ ރަނގަޅު. ހަވީރު ސައި ބޮއިފިންތަ؟” ކާރު ސްޓާޓް ކޮށްލަމުން އަފްޒަލް އެހިއެވެ. ޖަވާބުގައި ފަލަކް ދެންވެސް އިސްޖެހިފައި އިނދެ ބޯ ހޫރުވައިލިއެވެ.
“ހިނގާދޯ ކޮންމެވެސް ތަނަކަށް ޖައްސާލަން؟ ކޮފީއަކަށްތަ ދާނީ؟ ނޫނީ އައިސްކްރީމެއްތަ؟” ކާރު ދުއްވައިލަމުން އަފްޒަލް ސުވާލުކުރިއެވެ.
“ކޮންމެ އެއްޗެއް ވެސް އޯކޭ….” ފަލަކް އެ ޖަވާބުވެސް ދިނީ އަފްޒަލަށް ބެލުމެއް ނެތިއެވެ. އަފްޒަލާއި ކުރިމަތިލާން އޭނަ ޖެހިލުންވެފައިވާ ފަދައިންނެވެ.
އަފްޒަލާއިމެދު އޭނަ އެހާ ނުބައިކޮށް ކަންތައް ކޮށްފައި ވާއިރު ވެސް، އަފްޒަލް އޭނައަށް ނުރުހުންނުވެ، އެހާ ހެޔޮކޮށް ކަންތައް ކުރަނީ ކީއްވެތޯ ހިތަށްއެރިއެވެ.
ހަމަ އެއާއިއެކު މާޒީގެ ތެރެއިން އޭނަގެ ހިތަށް ލިބިފައިވާ ޒަޚަމްތަކުގެ އަސަރުން، އޭނަގެ ޚިޔާލުތައް ކިލަނބުވާން ފެށިއެވެ. އަފްޒަލް އޭނަ ހީވެސް ނުކުރާ ފަދަ ބޮނޑިއެއް ދޭން އޭނަ ހައްދަނީތޯ ހިތަށްއެރިއެވެ. ނޫންކަމަށް ހަދައި އޭނަގެ އިތުބާރު މިފަދައިން ހޯދައިގެން އޭނައަށް އަނިޔާއެއް ދޭން ރާވަނީތޯ ހިތް ސުވާލުކުރިއެވެ. އެހިނދު ބިރުވެރިކަމުން ހިތް ވަށައިލެވިގެން ދިޔައިރު އަތްފައި ފިނިވިއެވެ.
ކައިރީގައި އިން އަފްޒަލްގެ ނިޔަތްތައް ފަލަކަށް އެނގޭނެނަމަ، ފަލަކްގެ ހިތް ބިރުވެރިކަމުގެ ބަދަލުގައި ފުރިގެން ދިޔައީހީ ލޯބިންނެވެ. އެ ވަގުތު އަފްޒަލްގެ ހިތުގައި ފަލަކަށްޓަކައި އަޅާލުން ނޫން އެހެންކަމެއް ނެތެވެ. ސައިބޮއިފިންތޯ އަހައިލެވުނީ ފަލަކަކީ ވަރަށް ގިނައިރު ވަންދެން ނުކައި ހުރެފާނެ ކުއްޖެއްކަން މިހާތަނަށް އައިއިރު އެނގިފައިވާތީވެއެވެ. ފަލަކް ބޭނުންވީ ކޮން ގޮތެއްތޯ އެހީ ފަލަކަށް އެންމެ މީރު އެއްޗެއް ހޯދައި ދިނުމުގެ އުއްމީދުގައެވެ. އެހެނަސް ވަކި އެއްޗެއް ފަލަކް ނުބުނުމުން އަފްޒަލް ދެރަވާ ގޮތްވެސް ވިއެވެ. އެހެނަސް އެ ދަތުރު މަތީގައި ފަލަކާއި އިތުރަށް ވާހަކަ ނުދައްކަން އަފްޒަލް ނިންމީ، ފަލަކް އޭނައާއި އެހާ ކައިރީގައި އިނުމުން، އޭނަގެ ވާހަކަތައް ނޭދެވޭ ދިމާލަކަށް ގޮސްފާނެކަމުގެ ބިރު ހީވީތީވެއެވެ. އެހެންކަމުން މުޅި އެ ދަތުރު މަތީގައި އަފްޒަލް ދެން ސަމާލުކަން ދިނީ މަގަށެވެ.
އާދައިގެ މަތިން އަފްޒަލް އޭނައާއި އެފަދަ ގާތުގައި ވަނިކޮށް ވެސް އޭނައާއި ވާހަކަ ނުދެއްކުމުން ފަލަކް އޮޅުން އަރާ ގޮތްވިއެވެ. އެ އޮޅުމާއި އެކީ ހިތަށް ވެސް ފިނިކަމެއް ލިބޭ ގޮތްވިއެވެ. ކޮންމެ ގޮތެއް ވިޔަސް އަފްޒަލަކީ އޭނައަށް އަނިޔާ ނުދޭނެ މީހެއްކަން، އެ ހިމޭންކަމުގެ ކޮންމެ ސިކުންތަކުން ފަލަކަށް ޔަޤީން ކޮށްދެމުން ދިޔަ ފަދައެވެ.
ކާރު ދުއްވާފައި ދަނިކޮށް، ޢިމާރާތަކުން މަޝްހޫރު އައިސްކްރީމް ބްރޭންޑެއްގެ ނަން ފެނި، ފަލަކަށް އެދިމާލަށް ބަލަން އިނދެވުނެވެ. އިސާހިތަކު އަފްޒަލަށް އެކަން ފާހަގަވެ، ވާހަކަ ދެއްކިއެވެ.
“އެތަނަށް ދާން ބޭނުން؟” އަފްޒަލް އެހިއެވެ.
“ހުމް…ހިއެއް ނުކުރަން ރާއްޖޭގަ މިހާ ބޮޑެތި ބްރޭންޑްތަކުގެ އައުޓްލެޓް ހުންނަ ކަމެއް…” ފަލަކް ބޭރު ބަލަން އިނދެ ބުންޏެވެ.
“އެހެންވީމަ ހިނގާ…” އަފްޒަލް އެހެން ބުނެ ވަގުތުން ކާރު މަޑުކޮށްލަމުން ފަހަތަށް ދާން ފެށިއެވެ.
އިރުކޮޅެއްގެ ތެރޭގައި ދެމީހުންނަށް މީރު ވައްތަރުގެ ދެ އައިސްކްރީމް ތަށި ހިފައިގެން އަފްޒަލާއި ފަލަކް އިށީނީ، މަގު ފެންނަ ގޮތަށް ހުރި ދިގު މޭޒެއްގެ ދޮށުގައެވެ. އައިސްކްރީމް ގައި ރަހަ ބެލުމަށްފަހު އަފްޒަލް ފަލަކް ގާތުން މީރުތޯ އެހިއެވެ. އެވަގުތު ފަލަކް ވެސް ރަހަ ބަލާލަމުން ބޯޖަހައިލިއެވެ.
އެއަށްފަހު އެ ދެމެދަށް ވެރިވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެ ހިމޭންކަން އެންމެ ފުރަތަމަ ނަގައިލި މީހަކަށްވީ ފަލަކެވެ.
“ސޮރީ…” ފަލަކަށް އިސްޖެހިފައި އިނދެ ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
“ކިހިނެއްވީ؟” އަފްޒަލް އަހައިލިއެވެ. އެހިނދު ފަލަކަށް ޙައިރާންކަމެއް ލިބުނެވެ. އޭނަ މި ހުރިހާއިރު ވަންދެން ކަންބޮޑުވެފައިވީ އަފްޒަލް އޭނައަށް ނުރުހުންވެފައި ހުރެދާނެތީވެއެވެ. އެހެނަސް މިއަދު ހެނދުނު ހިނގި ކަންތައް އަފްޒަލަށް މާ ބޮޑު ކަމަކަށް ނުވީތޯ ހިތަށްއެރިއެވެ.
“އަމް….މިއަދު ހެނދުނު އަފްޒަލް އާ ވާހަކަ ދެކެވުނު ގޮތުން. ކަމުގެ ދެކޮޅު ނުބަލާ ވާހަކަ ދެކެވުނީ. އައި ޝުޑްންޓް ހޭވް…” ފަލަކް އިސްޖެހިފައި އިނދެ ދެރަވެފައިވާ ޙާލުގައި ބުންޏެވެ. އެހެން އިންދާ ހިތަށް ޙައިރާންކަމެއް ލިބިގެން ދިޔައީ އަފްޒަލްގެ ލުއި ހީލުމެއްގެ އަޑު އިވުމުންނެވެ. އިސާހިތަކު ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ.
“އެކަމާ ހެދިތަ ސަކަރާތްވެފަ ތި ހުންނަނީ؟ ހެހެ….އެއީ މައްސަލައެއް ނޫނޭ. އަހަރެން ގޯހެއް ހަދަން އުޅޭހެން ހީވާތީވެއެއްނު ފަލަކް އެގޮތަށް ވާހަކަ ދެއްކީ….ޙަޤީޤަތުގަ ދެރަވީ ފަލަކް ދެން އަހަންނަށް އިތުބާރު ނުކުރާނެހެން ހީވީމަ. އެހެންވެ ތި ވާހަކަ ދައްކަން މި ހުރީ ވެސް. ވާހަކަ ދެކެވުމުގެ ކުރިން ފަލަކަށް ޙަޤީޤަތް ސާފުވެގެން ދިޔައިމަ އުފާވެއްޖެ….އަސްލު ދޮންބެގެ ވާހަކަ ކަމާ ބެހޭ ފަރާތްތަކަށް އަންގައި ނޫރާއަށް އިންސާފު ހޯދައި ދިނުމަކީ އަހަރެން ވެސް ވަރަށް އެދޭ ކަމެއް. އެއީ ޚުދު ދޮންބެއަށްޓަކައި ކުރެވޭނެ ކަމެއް ކަމަށް އަހަރެން ޤަބޫލު ކުރަނީ. އެކަމަކު މި ހުރިހާ ދުވަސް ވަންދެން އެކަން ނުކުރެވި ހުރީ އެ ފިޔަވަޅު އަޅަން އުޅޭކަން އެނގުނަސް ނޫރާގެ ޙާލަތު ގޯސްވާތީ. އެކަމަކު މިހާރު މާ ގިނަ ދުވަސް ކަންނޭނގެ މި ފާއިތުވަނީ ގޭތެރޭގަ ހަމަޖެހުމެއްނެތި. އެހެންވީމަ މި ވިސްނަނީ ނޫރާ ނޫނެކޭ ބުންޏަސް ދޮންބެ އިންސާފުގެ ކުރިމައްޗަށް ގެންނަން…”
އަފްޒަލް ވާހަކަ ފެށީ ހިނިތުންވުމަކާއި އެކީ ކަމަށްވިޔަސް، ދޮންބެއާއި ނޫރާގެ ވާހަކަ ދައްކަން ފެށި ހިސާބުން އެ ހިނިތުންވުން ފޭދި، އެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. އެއިން ވެސް، އަފްޒަލް އެ މައްސަލައާއިމެދު ކިހާ ބޮޑަށް ވިސްނާކަން ފަލަކަށް އެނގުންވިއެވެ. އޭގެ ސަބަބުން ފަލަކްގެ ހިތުގައި އަފްޒަލަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ.
“އަސްލު ނޫރާ އެހެރީ ވަރަށް ގިނަ ދުވަސްވަންދެން އެބިއުޒްގެ ތެރޭގަ އުޅެފަދޯ؟ އަހަރުތަކެއް ވަންދެން އެހެރީ ނޫރާ އެންމެ ލޯބިވާ މީހާގެ ދުލުން ޚުދު ނޫރާ ދަށްކޮށްފައި ދައްކާ ވާހަކަތައް އަޑުއަހައި އެ ވާހަކަތައް ޤަބޫލު ކުރެވިފަ. އެ ޙާލަތަށް ދިޔައިމަ ކޮންމެ ކޮންމެ މީހަކު ވާހަކަ ދެއްކިޔަސް ނޫރާއަށް ވިސްނޭނެހެން ހިއެއް ނުވޭ. ނޫރާއަށް ބޭނުންވަނީ ކައުންސެލިންގް ސެޝަންތަކެއް. އެ ވިސްނުން ބަދަލުކުރަން…” ފަލަކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“ހަމަ އަސްލުވެސް….މީހަކާއި އިނުމުގެ ކުރިން އެ މީހަކީ ތިމާއަށް އިޙްތިރާމްކުރާ މީހެއްކަން ޔަޤީން ކުރަން މުހިއްމުވަނީ އެހެންވެ. އެހާ ބޮޑަށް އިތުބާރުކޮށް ލޯބިވާ މީހަކު ބުނެލާ ބަސްތައް ނުހަނު ފަސޭހައިން ޤަބޫލު ކުރެވޭނެ. އަދި އެ ބަސްތަކުގެ ސަބަބުން އެތައް ދުވަހެއް ވަންދެން ދިރިއުޅުމާއިގެން ކުރިއަށް ނުދެވިވެސް ހުރެވިދާނެ….” އަފްޒަލް ވެސް އެއްދިމާލަކަށް ބަލައިގެން އިނދެ އެހެން ބުނީ، ފުން މާނައެއް އެކުލެވޭ ފަދައަކުންނެވެ.
އެ ވާހަކަތައް އިވިފައި ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް އަފްޒަލް ފަލަކަށް ބަލައެއް ނުލިއެވެ. އަފްޒަލް އޭރުވެސް އިނީ، އެ ބުނި ޙަޤީޤަތުގެ ސަބަބުން ހިތްދަތިވެފައި ފަދައެކެވެ. އެކަމަކީ ޚުދު އަފްޒަލް ތަޖުރިބާ ކުރި ކަމެއްހެން ހީވާ ފަދައަކުންނެވެ.
އެކަން އެނގުންވުމުން ފަލަކް ނުރުހުންވާ ގޮތްވިއެވެ. ނުރުހުންވީ އަފްޒަލަށް އެފަދަ އިޙްސާސެއް ކުރުވި މީހަކަށެވެ. އަފްޒަލް ފަދަ ހެޔޮ ހިތެއްގެ ވެރިޔަކު އެފަދައިން ދެރަ ކުރާނީ ކިހާ ނުބައި މީހެއްތޯ ހިތަށްއެރިއެވެ. އަދި އަފްޒަލް އެފަދައިން ގެއްލުވާލާނީ އެއީ ކިހާ މޮޔަ މީހަކަށް ވުމުންތޯ ހިތް ސުވާލުކުރިއެވެ.
ދެމީހުން އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ތިއްބާ، ދެމީހުންގެ ކުރިމަތިން ފެންނަމުން ދިޔަ ބިއްލޫރިގަނޑުގައި ވާރޭ ތިކިތައް ޖެހެން ފެށި އަޑު އިވުނެވެ. ދެމީހުން އެކީގައި ބިއްލޫރިގަނޑަށް ބަލައިލި ތަނާހެން ސީލިންގްގެ މަތިން ވެސް ގަދައަށް ވާރޭ ވެހެން ފެށި އަޑު އިވުނެވެ. އިސާހިތަކު މަގުމަތިން ހިނގާފައި ދިޔަ މީހުން ވެސް ހިނގުން އަވަސްކޮށް، ސައިކަލުތަކުގެ ސްޕީޑް ބާރުވި މަންޒަރު ފެނުނީ، ވާރެއިން ފުސްވެފައިވާ ބިއްލޫރި ގަނޑުންނެވެ.
“ވާރޭ ވެހެން ފެށީދޯ؟ ހެހެ….ވަރަށް އުފާވޭ މިހެން ކުއްލި ގޮތަކަށް ވާރޭ ވެހެން ފެށީމަ.” އަފްޒަލް ފަލަކަށް ލުއި ނަޒަރެއް ދިނުމަށްފަހު، ފުރިހަމަ ހިނިތުންވުމަކާއިއެކީ ކުރިމަތިން ފެންނަމުން ދިޔަ ވާރޭ ތިކިތަކަށް ބަލަން އިނެވެ.
އެހިނދު އަފްޒަލަށް ބަލަން އިނދެ ފަލަކަށް ވެސް ހިނިތުންވެލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ވާރެއަކީ މިއަދާއި ހަމައަށް އައިއިރު އޭނައަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. ވާރެއަކީ އޭނަ އޮފީހުގެ އެކި ބައްދަލުވުންތަކަށް ގޮސް، ޢިމާރާތްތަކުން ނިކުންނަންވުމުން އޭނައަށް ބުރަ ކުރާ އެއްޗެއްގެ ގޮތުގައި ފަލަކަށް ސިފަވެފައިވިއެވެ. އެހެނަސް އެ ވަގުތު ކީއްވެކަމެއް ނޭނގެއެވެ. ހަމަ އެ ކުއްލި ވާރެއަށްޓަކައި އޭނަގެ ހިތުގައި ލޯތްބެއް އުފެދުނެވެ. އެ ވާރޭގެ ސަބަބުން އޭނަގެ ކައިރީގައި މިހިރަ ޒުވާނާގެ މޫނުމައްޗަށް އަނެއްކާވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވީތީވެ ކަންނޭނގެއެވެ. އޭނައަށް މި ވަނީ ކީއްތޯ ފަލަކަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. މިއީ އެހެން މީހަކަށް އުފަލެއް ލިބުމުން އޭނަ މިހާ އުފާވެގެން ދިޔަ ފުރަތަމަ ފަހަރެވެ.
**
އަފްޒަލާއި ފަލަކްގެ ގުޅުމަށް ބިނާ ކުރުވަނިވި އިންޤިލާބުތައް އަންނަމުން ދިޔަ މި ދުވަސްވަރަކީ، ޒައުލްއާއި ޒުހާގެ ގުޅުން ފުނޑުފުނޑުވަމުން ދިޔަ ދުވަސްވަރެވެ. އެ ދެމީހުންގެ ގުޅުމާއިމެދު ވިސްނަމުން ދިޔައީ ހަމައެކަނި ޒުހާއެއް ނޫނެވެ. ޒުހާއަށް ނޭނގުނަސް ޒައުލްވެސް ނުހަނު ގަދައަށް އެ ދެމީހުންގެ ގުޅުމާއިމެދު ވިސްނަން މަޖުބޫރުވެފައިވިއެވެ.
ޒައުލްއަށް މިހާރު ހީވާ ގޮތުގައި އޭނައަށް ބޮޑަށް ލޯބިވެވެނީ އޭނައަށް މީގެ ދެ ހަފްތާ ވަރަކަށް ކުރިން ދިމާވި އެންޖެލާ ދެކެއެވެ. ޒުހާއަށްވުރެ އެންޖެލާ އޭނައާއި މާ ބޮޑަށް ގުޅޭކަމަށް ޒައުލްއަށް މަޑުމަޑުން ޤަބޫލުކުރެވެން ފެށިފައިވިއެވެ. އޭނަ އެންޖެލާއާއި ރައްޓެހިވެއްޖެނަމަ އޭނަގެ އެކުވެރިންގެ ކުރިމަތީގައި އޭނަ މާ މޮޅު މީހަކަށް ވެދާނެކަމަށް ހީކުރެވެމުން ދިޔައެވެ.
ޒުހާއާއި ރައްޓެހިވެގެން ހުރެ އެހެން އަންހެން ކުއްޖަކާއި ވެސް ވާހަކަ ދައްކަމުން ދާތީ ދޭތެރެދޭތެރެއިން ޒައުލް ވެސް ދެރަވާ ގޮތްވެއެވެ. ޒުހާގާތު ކިތަންމެ ނޫނެކޭ ބުންޏަސް އޭނައާއި އެންޖެލާގެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އޭނައަށް މިހާތަނަށް އައިއިރު ވިސްނިފައިވެއެވެ. ބައެއްފަހަރު ޒުހާއަށް ބޭވަފާތެރިވެވޭ ކަމުގެ އިޙްސާސުން އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވެއެވެ. އެ ޚިޔާލުތަކުގެ ސަބަބުން އެންޖެލާ ދޫކޮށް، އާ ފެށުމަކުން ފަށަން ކިތަންމެ ފަހަރަކު ޒައުލްގެ ޒަމީރު އެދިފައިވެއެވެ. އެހެނަސް އޭނަ އެންޖެލާއާއި ދިމާލަށް ދަމަމުން ދިޔަ ބާރު ނުހަނު ވަރުގަދައެވެ.
ޒައުލްއަށް ނޭނގުނު ކަމަކީ އެ ބާރަކީ ޝައިޠާނީ ވަސްވާސްކަމެވެ. އެންޖެލާއާއި ދިމާވުމުގެ ކުރިން އޭނަގެ ސިކުނޑީގައި ރޭވިފައިވީ ޒުހާއާއި އިނުމުގެ ޚިޔާލެވެ. ހަމަ ޙަޤީޤަތުގައި ވެސް ޒުހާގެ ޢާއިލާއާއި ބައްދަލުކޮށް ނުހަނު އަވަހަށް ދެމީހުން ރަނގަޅު ގޮތުގައި ގުޅިގެން ދިޔުމެވެ. ޚުދު އޭނަގެ ދޮންބެގާތު ވެސް އެ ވާހަކަ ބުނެ، ޒުހާގާތު ވެސް މަންމައާއި ބައްޕަގާތު ދެމީހުންގެ ވާހަކަ ބުނަން އަންގާފައިވީ އެހެންވެއެވެ.
ޒައުލްއަށް އެޅުނު ގޯސް ފިޔަވަޅަކީ، އެ ޚިޔާލުތަކާއި އެކީ ވެސް ޒުހާ ނޫން އެހެން އަންހެން ކުދިންނާއި ގުޅުން ބަދަހިކުރެވުމެވެ. އޭގެ ފަހަތުގައިވީ އޭނައަށް އޭނަގެ ބެލުން ރައްކާތެރި ނުކުރެވުމެވެ. އެއް ދުވަސްވަރެއްގައި ވެސް ބެލުން ތިރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލު ކުރެވިފައި ނުވުމުންނެވެ. ދޮންބެ އެ ވާހަކަ ކިޔައިދީފައި ވިޔަސް، އޭނަގެ އެކުވެރިންގެ މެދުގައި އެއީ އެހާ ‘ކޫލް’ ކަމަކަށް ނުވުމުންނެވެ. ޒައުލްގެ އެކުވެރިންގެ ތެރޭގައި ހިމެނެނީ ރީތި އަންހެން ކުއްޖަކު ފެންނައިރަށް އެ އަންހެން ކުއްޖަކަށް ބަލައި ގޮތް ކިޔާ ކުދިންނެވެ. އަދި އަމުދުން އޭނައާއި ހުތުރު ވީޑިއޯތައް ހިއްސާކުރާ އެކުވެރިން ވެސް އުޅެއެވެ. ކުރީކޮޅު ޒައުލް އެމީހުން އެކުރަނީ ގޯސްކަމެއް ނޫންތޯ ބުނެ ހަދައި އުޅުނަސް، ފަހުން ފަހުން އައިސް އެއީ ޒައުލްއަށް ޢާއްމު ކަމަކަށްވިއެވެ. އަދި އަމުދުން ޚުދު އޭނަ އަމިއްލައަށް އިސްނަގައިގެން ވެސް އެފަދަ ހުތުރު ވީޑިއޯތަކާއި ސަމާސާތައް ޒައުލް އަމިއްލަ އެކުވެރިންނާއި ޙިއްސާ ކުރަން ފެށިއެވެ.
ގޯސް އެކުވެރިންގެ ބަހަށް ހެއްލުމުގެ ސަބަބުން އޭނަގެ ސާފު ހިތަށް ލިބެމުން ދިޔައީ ކިހާ ބޮޑު އަނދިރިކަމެއްކަން ޒައުލްއަށް ރޭކާ ނުލައެވެ. މިއަދު އޭނަ ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށް ޢަޒުމް ކަނޑައެޅި އަންހެން ކުއްޖާއަށް ބޭވަފާތެރިވުމުގެ ޚިޔާލު ހިތުގައި ޒީނަތްތެރިވެފައިވަނީ، އޭނަގެ ފާފަތަކުގެ ސަބަބުންކަން ޒައުލްއަށް ނޭނގެއެވެ. ތައުބާނުވެ، ތަކުރާރުކޮށް ކުރެވޭ ފާފަތަކަކީ މީހެއްގެ ދެދުނިޔެވެސް އަބާއްޖަވެރި ކުރުވާ ސަބަބެއްކަން ޒައުލްއަށް އެނގޭނެނަމައެވެ.
**
ޒައުލް ދެ އަންހެން ކުދިންގެ ޚިޔާލުތަކުގެ މެދުގައި ކަސްތޮޅު އެޅުވިފައިވީއިރު، ޒުހާ ވެސްވީ ދެ ޚިޔާލެއްގެ މަތީގައެވެ. އެހެނަސް ޒުހާގެ ދެ ޚިޔާލަކީ އޭނަ ބެއްދުމުގެ ބަދަލުގައި މިނިވަންކުރުވަނިވި ދެ ޚިޔާލެވެ. އަދި އަމުދުން ވަކި ނިންމުމެއް ނިންމަން އިސްތިޚާރާ ނަމާދު ކޮށްފައިވުމުން އޭނަ ހާސްވާންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޒުހާގެ ހިތް ބުނަމުން ދިޔައެވެ.
އާނއެކެވެ. ޒުހާ ވަނީ އޭނައަށް އެންމެ ރަނގަޅީ ޒައުލްއާއި އެކީ ހުރުން ކަމަށްވާނަމަ އެ ގޮތް ފަސޭހަ ކޮށްދެއްވުން އެދި އިސްތިޚާރާ ނަމާދުކޮށްފައެވެ. ޒައުލް ދުވަހުން ދުވަހަށް އޭނައާއި ދުރުވަމުން ދާކަން އިޙްސާސް ކުރެވުނެއްކަމަކު، އިސްތިޚާރާގެ ނަމާދުގައި ޒައުލްއާއި ދުރުވުމުގެ ޚިޔާލު ދުޢާގައި އިސްނުކުރެވުނެވެ. އެ ޚިޔާލުން ވެސް ޒުހާގެ ހިތްދަތިވާތީވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ފޭސްބުކް މެދުވެރިވެގެން އޮޅުމަކުން ޒައުލްއާއި ބައްދަލުވެ، ޒައުލްއާއި ވާހަކަ ދެކެވެން ފެށި، ރައްޓެހިވެގެން ދިޔުމުން ޒައުލްއަކީ އޭނަގެ ޙަޔާތުގެ ބައިވެރިޔާއަށް ވާނެކަމަށް ޒުހާ ހާދަ ހީކުރިއެވެ. ދުވަހަކުވެސް އެހެން ފިރިހެން ކުއްޖަކާއި އޭނަގެ މިޒާޖު ނުގުޅޭ ފަދައަކުން ޒައުލްއާއި އޭނަގެ މިޒާޖު ގުޅޭތީ ޒައުލްއަކީ އޭނަގެ ތަޤްދީރުކަމަށް ނިންމިފައިވިއެވެ.
އެފަދައިން ނިންމިއިރު ޒުހާ ފަސްއަޅައިލީ ޒައުލް އޭނައާއިމެދު ކަންތައް ކުރާ ގޮތަށެވެ. އެދެމެދުގައި އުފާވެރި ވަގުތުކޮޅުތައް ގިނަވިޔަސް ޒައުލް ކުރާ ބައެއް ކަންތަކުން ޒުހާ ވަރަށް ބޮޑަށް ހިތްހަމަނުޖެހެއެވެ. ބައެއްފަހަރު ސަމާސާއެއްގެ ގޮތުން ވިޔަސް ޒައުލް ހުތުރު ބަހުން ވާހަކަ ދައްކާ ގޮތެވެ. ބައެއް ދުވަސްދުވަހު ޒައުލް ކުއްލި ކުއްލިއަށް ރުޅިއައިސް އޭނައާއި ނުބެހޭ ކަމެއް ވިޔަސް އޭނައާއި ދިމާލަށް ބާރަށް އެއްޗެހި ބުނާ ގޮތެވެ. އަދި އެކަމަށްޓަކައި މަޢާފަށް ވެސް އެދުމެއްނެތި އެއީ ބައެއްފަހަރު ތިމަންނައަށް ވާގޮތޭ ބުނާ ގޮތެވެ. އަދި އަމުދުން މިފަހުން އައިސް ޒައުލް އެންޖެލާ ނަމަކަށް ކިޔާ ކުއްޖާއާއި އަދިވެސް ވާހަކަ ދައްކަމުންދާ ގޮތުން ޒުހާ ދެރަވެއެވެ. މި ވާހަކަތައް ދައްކަން ޒުހާ ކިތަންމެ ބޭނުންވިޔަސް، ޖެހިލުންވަނީ ޒައުލް ނުރުހުންވެދާނެތީވެއެވެ. އޭނައާއިހެދި އެ ގުޅުން ނިމުމެއް އައިސްދާނެތީވެއެވެ. އަނެކާގެ މިޒާޖު އެންމެ ރަނގަޅަށް އެނގޭނީ، އެމީހަކު ނުރުހިދާނެ ވާހަކައެއް ބުނުމުން އެމީހަކު ކަންތައް ކުރާ ގޮތް ފެނުމުންކަން ޒުހާއަކަށް ނުވިސްނެއެވެ.
އެހެނަސް މިއަދު ޒުހާގެ ހިތަށް ހަމަޖެހުމެއް ލިބިފައިވަނީ އިސްތިޚާރާގެ ސަބަބުންނެވެ. އޭނަގެ ރަނގަޅު އެކުވެރިޔަކު ބުނި ގޮތުގައި، އިސްތިޚާރާ ނަމާދު ކޮށްފިނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅާއަށް އެންމެ ރަނގަޅުވެގެންވާ މަގު ނުހަނު ސާފުކޮށް ދައްކަވާނެއެވެ. އެކަން ޒުހާއަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނީ، މި ވޭތުވި ހަފްތާތަކެއްގެ ތެރޭގައި ﷲ އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކާއި މެދު ވިސްނާލެވުމުންނެވެ. މަންމައާއި ބައްޕަގެ ލޯބި އޭނައަށް އެންމެ ފުރިހަމައަށް ނުލިބުނަސް އެ ދެމީހުން އޭނައަށް ފެނެއެވެ. އެ ދެމީހުން އޭނައަށް އެތައް ހަދިޔާއެއް ދެއެވެ. އޭނަ އުޅެމުން ދަނީ އޭނަގެ އެކުވެރިންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ނުލިބޭ ފަދަ އަރާމު ދިރިއުޅުމެއްގައެވެ. ﷲ ދެއްވާ ކޮންމެ ދަތި ކަމަކާއި އެއީ އެތައް ނިޢުމަތެއް އެކަލާނގެ ކޮންމެ އަޅަކަށް ދެއްވާކަން ޒުހާއަށް ޔަޤީންވެފައިވެއެވެ.
އެހެންކަމުން ޒައުލްއާއި ވަކިވުމުގެ ޚިޔާލަކީ އޭނައަށް ހިތްދަތި ޚިޔާލަކަށް ވިޔަސް، ﷲ އެގޮތަށް މެދުވެރި ކުރައްވައިފިނަމަ އޭގައި ހެވެއްވާނެކަން ޔަޤީން ކުރެވުނެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޙިކުމަތްތެރި ނިންމެވުންތަކެއް ނޫނީ ނުނިންމަވައެވެ.
**
އެރޭގެ ވަގުތެއްގައި ފަލަކް އިނީ ކޮޓަރީގެ މޭޒު ދޮށުގައެވެ. ކުރިމަތީގައި ލެޕްޓޮޕް ހުޅުވި، އަތުތެރޭގައި ހުޅުވިފައި އޮތް ފައިލެއް އޮތެއްކަމަކު، ފަލަކްގެ ހިތް އޭރުވެސް ވީ އޭނައަށް އެދުވަހު ހަވީރު ދެވުނު އައިސްކްރީމް ފިހާރައާއި ގުޅޭ ޚިޔާލުތަކުގެ ތެރޭގައެވެ. އެ ހަނދާންތައް އާވަމުން ދިޔަދިޔަހެން ފަލަކްގެ ތުންފަތްމައްޗަށް ވެރިވެފައިވީ، މުޅިން އާ ޒާތެއްގެ ހިނިތުންވުމެއްކަން ޚުދު އޭނައަށް ވެސް ނޭނގެއެވެ.
މިހާތަނަށް އައިއިރު ފަލަކް ހިނިތުންވެފައިވަނީ އޭނައަށް ޢުމުރުގެ އެކި ހިސާބުތަކުގައި ލިބިފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. އޭގެއިން އެއްވެސް ހިނިތުންވުމެއް އެ ވަގުތު އޭނަގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުމާއި ނުބައްދަލެވެ. އެހެނީ އެވަގުތު ފަލަކްގެ ލޮލުގައި ވެސް ވިދުމެއްވިއެވެ. އަފްޒަލްގެ ސޫރައިގެ ތަފްޞީލުތައް ހަނދާންވަމުން ދިޔަދިޔަހެން ކޯތާފަތްވެސް ރަތްވަމުން ދިޔައެވެ.
ކޯތާފަތާއި ދިމާލުން ހޫނުކަމެއް އިޙްސާސް ކުރެވެން ފެށިހެން ހީވުމާއިއެކު ފަލަކަށް ހަމަހޭވެރިކަމެއް ލިބުނު ފަދައެވެ. އިސާހިތަކު އޭނަ ސީދާވެލީ ހިނދު ހިނިތުންވުން ވެސް ގެއްލުވައިލެވުނެވެ. އޭނައަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ފިރިހެނަކާއިމެދު އެފަދައިން ވިސްނާ ހިސާބަށް އޭނަ ދިޔައީ ކޮން އިރަކު ހެއްޔެވެ؟ އަފްޒަލްގެ ސޫރައިގެ ޖާދޫގައި އޭނަ ޖެހެނީ ހެއްޔެވެ؟ މިއީ އަފްޒަލާއި މާ ގާތުން އުޅެން ފެށުމުން ވާ ގޮތެއް ހެއްޔެވެ؟
ފަލަކް އަމިއްލަ އަމިއްލައަށް އެ ސުވާލުތަކުގެ ޖަވާބަކަށް އާނއެކޭ ބުންޏަސް އެއީ ދޮގެއްކަން އޭނަގެ ޒަމީރަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އަފްޒަލް ފެނުނު ދުވަހުއްސުރެ ވެސް އޭނައަށް އަފްޒަލް ދެކެވެނީ ތަފާތު ނަޒަރަކުންކަން އެ ޒަމީރަށް ޔަޤީން ކުރެވެއެވެ. އެހެނަސް ފަލަކް އެ އަޑު ނޭހުމަށްޓަކައި އަވަސްއަވަހަށް އޭނަގެ މަސައްކަތަށް ސަމާލުކަން ދޭން ނިންމިއެވެ.
އަތުގައި އޮތް ފައިލަށް ރަނގަޅަށް ބަލައި މާ ދުރަށް ކިޔައި ނުލެވެނީސް މޭޒުމަތީގައި އޮތް ފަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ މަހްރީން ކަން އެނގި ފަލަކް ދެވަނަ ވިސްނުމެއްނެތި ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“އައްސަލާމްޢަލައިކުމް މަހްރީން!” ފަލަކް ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް މޭމް. މި ގުޅައިލީ މީގެ 2 ދުވަސްފަހުން މޭމްގެ ރިޓާންއަށްޓަކައި މިކޮޅުން ތައްޔާރީތަކެއްވަމުން ދާކަން ހަނދާންކޮށްދޭން….” މަހްރީން ބުނެލިއެވެ. އިވުނު ވާހަކައަކުން ފަލަކަށް ލިބުނީ ޒާތެއްގެ ޝޮކެކެވެ.
“2 ދުވަސް…ފަހުންނޭ؟ 2 ހަފްތާ ހަމަވީތަ؟” ފަލަކަށް އެކަން ނުހަނު ރަނގަޅަށް އެނގުނެއްކަމަކު ސުވާލުކޮށްލެވުނެވެ. އެ ސުވާލުގެ ޖަވާބު ތަފާތުވާން އޭނައަށް އެދެވުނު ފަދައަކުންނެވެ.
“އާދެ…..މީގެ ދެދުވަސްފަހުން ޝެއާރހޯލްޑާސްގެ ވަރަށް މުހިއްމު ބައްދަލުވުމެއް ވެސް އެބަ އޮތެއްނޫންތޯ؟ މޭމް މިކޮޅުން ދިޔުމުގެ ކުރިން އެ ބައްދަލުވުން ތާވަލު ކުރެއްވީވެސް. މޭމް….ހަނދާން ނެތުނީތޯ؟” މަހްރީން އެ ފަހު ބަސްތައް ބުނެލީ ޙައިރާންކަމާއި ޖެހިލުންވުން އެކުލެވޭ ގޮތަށެވެ.
އެއީ ކީއްވެކަން ފަލަކަށް މާ ރަނގަޅަށް ވެސް އެނގުންވިއެވެ. އޭނައަކީ ދުވަހެއްގެ ކޮޅުން ވެސް ބައްދަލުވުމެއް ތާވަލުކޮށް، އެއާއި މެދު ހަނދާންނެތޭ މީހެއް ނޫނެވެ. މިވަގުތު މަހްރީންއަށް އެ ބުނެވެނީ ބައްދަލުވުމުގެ ނުބައި ތާރީޚުހެން މަހްރީންއަށް ވެސް ހީވެދާނެއެވެ. އެހެނަސް އޭނަ މިފަހަރު ޙަޤީޤަތުގައި ވެސް ހަނދާން ނެތުނީއެވެ. އޭނަ ޖެހޭނީ ހަމަ ދެން އަނބުރައި އެކޮޅަށް ދާންތޯ ހިތަށްއެރިއެވެ. އެހިނދު ނޭނގޭ ސަބަބަކާއި ހުރެ ފަލަކްގެ ލޮލަށް ސިފަވެގެން ދިޔައީ، އެ ޚަބަރު އަފްޒަލަށް ލިބޭނެ ހިނދު، އަފްޒަލްގެ މޫނުމަތިން ފެންނާނެ އަސަރެވެ. ޚިޔާލު ކުރެވުމުން ވެސް ފަލަކް ދެރަވާ ގޮތްވިއެވެ. އަދި އަމުދުން އަފްޒަލާއި އެހާ ދުރަށް ދާ ޚިޔާލާއިމެދު އޭނަ އެއްގޮތަކަށް ވެސް ހަމަޖެހޭ ގޮތެއްނުވިއެވެ.
“މޭމް؟”
ފަލަކް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން މަހްރީން ގޮވައިލިއެވެ. އެއާއިއެކު ފަލަކަށް ވާހަކަ ދެކެވުނެވެ.
“މޭމް އަދި ތިކޮޅަށްދާނީ ފަހުން. ޝެއާރހޯލްޑާސްގެ މީޓިންގް ދެން އޮތް މަހަށް ފަސްކޮށްލާ. މިކޮޅުގަ އަދި ކަމަނަ ރެސްޓޯރެންޓުގެ ހުރިހާ ކަމެއް ނުނިމޭ. ނިމުނީމަ މޭމް އަންނާނަން. މިވަގުތު ތަންކޮޅެއް ބުރަކޮށް މިއުޅެނީ އިނގޭ؟ ބޭއްވީ!”
ފަލަކް އެހެން ބުނެ ފޯނު ކަނޑައިލީ، މަހްރީން އޭނަގެ ވާހަކައަށް ބުނާނެ އެއްވެސް އެއްޗެއް އަޑުއަހަން ބޭނުމެއް ނުވުމުންނެވެ. ފޯނު ކަންފަތުން ނަގައި އޭތި ބަންޑުން މޭޒުމަތީގައި ބޭއްވުމަށްފަހު، ފަލަކަށް ގޮނޑިއަށް ލެނގިލެވުނެވެ. އެހިނދު ކުރު ނޭވައެއް ދޫކޮށްލެވުނީ އޭނައަށް ދެންމެ ކަންތައް ކުރެވުނު ގޮތާއިމެދު ޤަބޫލުކުރަން ވެސް ދަތިވުމުންނެވެ. އެހެނަސް އޭނައަށް އެ ކުރެވުނު ކަމާއިމެދު ހިތާމައެއް ނުކުރެވުނެވެ. އަފްޒަލްގެ ކައިރީގައި ގިނަ ދުވަހު ހުރުމަށް އޭނައަށް ފުރުސަތެއް ލިބުނުކަމުގެ ޚިޔާލުން އޭނައަށް ލިބުނީ އުފަލެކެވެ.
މަސްހުނިވެގެން ދިޔަ އިޙްސާސްތަކެއްގެ ސަބަބުން ފަލަކަށް އޭނަގެ ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލެވުނެވެ.
ނުނިމޭ
Jana
April 20, 2023 @ 5:38 pm
Eid Mubaarak dear readers! ❤ May Allah accept from us and you. Ameen!
I will continue uploading the story on Mondays and Thursdays In Sha Allah. ❤ This is my Eid gift to you 😘❤️
Much love readers! Missed you loads! ❤ ❤ ❤
I love this story
May 10, 2023 @ 5:41 pm
I love this story