ޤަދަރު (ފަންސަވީސްވަނަ ބައި)
“އެހެންތަ؟ ފަލަކަށް ކަމުދަނީ ކޮންކަހަލަ ސިފަތަކެއް ހުންނަ ފިރިހެނެއް؟” އަފްޒަލަށް ކޮށްލެވުނީ އޭނަ ކުރަން ބޭނުންވެގެން އިން ސުވާލެވެ. އެހިނދު އޭނަގެ ހިތުގެ ތެޅުމަށް ބަދަލެއް އައި ހިނދު ލޯގަނޑުން ފަލަކަށް ބަލައިލެވުނެވެ. އެހިނދު ފަލަކްގެ ޤައިދު ކުރުވަނިވި ނަޒަރު ވެސް އޭނައަށް އަމާޒުވެފައިވިއެވެ.
އެއަށްފަހު އެ ދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަން އެންމެ ފުރަތަމަ ނަގައިލީ ފަލަކެވެ.
“ވަޓް؟” ފަލަކް ނުހަނު ވިސްނުން ތެރިކަމާއިއެކީ އެ ސުވާލު ކޮށްލަމުން ދެބުމަ ކައިރި ކޮށްލިއެވެ.
ފަލަކްގެ މޫނަށް އައި ބަދަލާއިއެކީ އިވުނު ސުވާލުން އަފްޒަލް ވެސް ވަގުތުން ޖެހިލުންވާ ގޮތްވިއެވެ.
“އަމް….އެއްޗެކޭ ނޫން..” އަފްޒަލް އަވަސްއަވަހަށް އެހެން ބުނެލީ ހިނދު މިފަހަރު އަފްޒަލްގެ މޫނު ހިސާބަކަށް ރަތްވެގެން ދިޔައެވެ. ފަހަތް ބަލާ ލޯގަނޑުން އަފްޒަލަށް ވަމުން ދިޔަ ގޮތް ފެނުނު ފަލަކްގެ ތުންފަތްމަތިން ހިނިތުންވުމެއް ކުރެހިގެން ދިޔައީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. މިއީ ޒާތެއްގެ ފިރިހެނެއްތާއޭ ހިތަށްއެރިއެވެ.
**
ގެއާއި ހަމައަށް ދެވުމުން އަފްޒަލްގެ ކުރިމަތީގައި ފަލަކް އެ ހިނިތުންވުން ފޮރުވިއެއްކަމަކު، ކޮޓަރިއާއި ހަމައަށް ދެވުމާއިއެކު އަނެއްކާވެސް ހިނިތުންވެލެވުނެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމާއިއެކުހެން ބެލްކަނީގައި އޮތް ސްނޯ ދުވެފައި އައިސް އޭނަގެ ފައި ކައިރިއަށް އައުމުން، ސްނޯ އުރައިލެވުނީ އިތުރު ލޯތްބަކާއި އެކީކަން ޚުދު ފަލަކަށް ވެސް ފާހަގަ ކުރެވުނެވެ.
އެ ވަގުތު އޭނައަށް އައިސްފައިވީ ކޮން ބަދަލެއްކަން ފަލަކަށް އެވަގުތު ދޭހައެއް ނުކުރެވެއެވެ. އެނގުނުހާ ވެސް ކަމަކީ އެ ހިނދު ހިތް ފުރިފައިވީ އުފާވެރިކަމުން ކަމެވެ. އަދި އޭގެ ފަހަތުގައިވި ސަބަބަކީ އޭނަ ކިތަންމެ އަޖާއިބު ވިޔަސް އަފްޒަލް ކަމެވެ.
އެ އުފާވެރި އިޙްސާސްގައި ސްނޯ އުރާލައިގެން އޭނަ ކޮޓަރި ތެރޭގައި ކުޑަ ގޮތަކަށް އެނބުރިލީ ހިނދު އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. އެއާއިއެކު ޙަޤީޤީ ދުނިޔެއަށް އަނބުރައި އާދެވުނު ފަލަކް، ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއިއެކީ އޭނަ ދެންމެ ގެނެސް ރީތިވާ މޭޒުމަތީގައި ބެހެއްޓި އަތް ދަބަހަށް ބަލައިލިއެވެ. އަދި ސްނޯ ތިރީގައި ބޭއްވުމަށްފަހު އެ ދަބަހުގެ ކައިރިއަށް ގޮސް ފޯނު ނެގިއެވެ. އެހިނދު ސްނޯ ވެސް އޭނަގެ ފައި ކައިރިއަށް އައިސްފައި އޮތެވެ.
ފޯނުގެ ސްކްރީނުން ނޫރާގެ ނަން ފެނި ޙައިރާންކަމެއް ލިބުނެއްކަމަކު ފަލަކް ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް ނޫރާ…ހޮސްޕިޓަލުގަ ދޯ ތިއޮތީ؟” ފަލަކް ނޫރާގެ ޙާލު މަތިން ހަނދާންކޮށް އަވަސްއަވަހަށް ސުވާލު ކުރަން އުޅުނު ތަނާހެން ނޫރާގެ ގިސްލުމުގެ އަޑު އިވުނެވެ.
“ން…ނޫރާ…އާރ ޔޫ އޯކޭ؟” އެ ސުވާލުގެ ޖަވާބު ޔަޤީންވެ ހުރެވެސް ފަލަކަށް އަހައިލެވުނެވެ. އެހިނދު ވެސް ނޫރާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ. ފަލަކް ވަކި ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ނޫރާ އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ.
“ފް…ފަލަކް….އަދު..ހަމް….އަދުހަމް އަހަރެން…ވަރިކޮށްފި!”
ނޫރާ އުދަގުލާއިއެކީ ބުނެލީ ބަސްތަކުން އެ އަޑު ނުހަނު ވޭނީ ރުއިމަކަށް ބަދަލުވެގެން ދިޔައެވެ. އެ އިވުނު ބަސްތަކުގެ ޝޮކުގައި އިރުކޮޅަކަށް ހުރެވުނު ފަލަކްގެ ބުމަގޮށްޖެހިގެން ދިޔަ ފަޅި ސިކުންތަކުންނެވެ.
“ހިތްވަރު ކުރޭ ނޫރާ….އަހަރެން މި އަންނަނީ!” ފަލަކް އެހެން ބުނެލީ ނުހަނު ސާބިތު ކަމާއިއެކީގައެވެ. އެއަށްފަހު ފޯނު ކަނޑައިލުމަށްފަހު ފޯނު އަތް ދަބަހަށް ލަމުން ކޮޓަރިން ބޭރަށް ދާން ހިނގައިގަތީ ވަރުގަދަ އިޙްސާސްތަކެއްގެ ތެރޭގައި ހުރެއެވެ. ނޫރާއާއިމެދު ކަންބޮޑު ވީ ހިނދު އަދުހަމްގެ ސޫރަ ހަނދާންވަމުން ދިޔަދިޔަހެން ރުޅިވެރިކަމުގެ އަލިފާނެއް ހިތުގައި ރޯވިއެވެ.
އަވަސްއަވަހަށް ސިޑިން ފައިބަމުން ދިޔަ ފަލަކް ދާދި ދެންމެއަކު އޭނައަށް ތަޖުރިބާ ކުރެވުނު އުފާވެރިކަން މުޅިންހެން ހަނދާން ނެތިފައިވި ފަދައެވެ. ސްނޯ ވެސް އެވަގުތު އަޑު ލައްވަމުން އޭނަގެ ފަހަތުން ސިޑިން އައިކަމަށް ވެސް ފަލަކަށް ސަމާލުކަމެއް ނުދެވުނެވެ. އެވަގުތު އޭނައަށް މުހިއްމު ވިހާ ވެސް ކަމަކީ އަނިޔާއާއި ހިތާމައިގެ ތެރޭގައިވި އަންހެނަކަށް އެހީވުން ފަދައެވެ. އެފަދައިން އެހީވުމުން އޭނައަށް އެހީވެވެނީ ޚުދު އޭނަގެ މަންމައަށް ކަމަށް ޤަބޫލު ކުރެވޭތީވެއެވެ.
ފަލަކަށް ކިރިޔާވެސް ވަށައިގެންވި މާޙައުލަށް ސަމާލުކަން ދެވޭ ގޮތްވީ، ގޭގެ މައިދޮރުގެ ތަޅުގައި ހިފައިލި ހިނދު ފަހަތުން އަފްޒަލްގެ އަޑު އިވުމުންނެވެ.
“ފަލަކް ކޮން ތަނަކަށް ތި ދަނީ މާ އަވަސް އަރުވައިގެން؟ ސްނޯ ވެސް ގޮވައިގެންތަ ދަނީ؟” އަފްޒަލް އެއްފަހަރު ފަލަކަށް އަނެއްފަހަރު ސްނޯއަށް ބަލަމުން ސުވާލުކުރިއެވެ. އެވަގުތު ސްނޯ ލަސްލަހުން އެތާ ދޮރު ކައިރީގައި ބެހެއްޓިފައިވި ދަގަނޑު ތަށްޓަކުން ފެން ބޯން ފެށިއެވެ.
“މި ދަނީ ނޫރާ ކައިރިއަށް. ހޮސްޕިޓަލަށް…” ފަލަކް ބުންޏެވެ.
“ކިހިނެއްވީ؟ ނޫރާ ގުޅީތަ؟” އަފްޒަލް އެހިއެވެ.
“އަދުހަމް ނޫރާ ވަރިކޮށްފި!” ފަލަކަށް އެ ވާހަކަ ބުނެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެ ރުޅިވެރިކަމުގެ ބައެއް އަފްޒަލަށް ވެސް އަމާޒުވާނެ ގޮތަކަށެވެ. އެއީ ކީއްވެކަމެއް ޚުދު ފަލަކަށް ވެސް ދޭހައެއް ނުކުރެވުނެވެ.
އެ ޚަބަރުގެ ސިހުމަށް އަފްޒަލް ދޫކުރުމަށްފަހު ފަލަކް އަފްޒަލަށް ފަސްދީފައި ދާން ހިނގައިގަތެވެ.
**
ފަލަކް ގޮސް ނޫރާ އޮތް ވޯޑަށް ވަނުމާއި އެކުހެން އެވަގުތު ރުއިން ހުއްޓިފައިވި ނޫރާ އަނެއްކާވެސް ރޯން ފެށިއެވެ. ފަލަކް ވަކި ދެވަނަ ވިސްނުމެއް ވެސް ނެތި ގޮސް ނޫރާގެ ގައިގައި ބައްދައިލިއެވެ. ނޫރާގެ އިޙްސާސްތައް އޭނައަށް ދޭހަ ނުކުރެވުނަސް، މި ޙާލަތުގައިވި އެހެން އަންހެނުން ފަލަކަށް ފެނިފައިވާތީވެއެވެ. އަދުހަމް ފަދަ ފިރިހެނަކު ވަރިކޮށް ދިޔުމުން ނޫރާއަށް ކޮށްފައިވާނެ އަސަރުގެ ބޮޑުކަން އޭނައަށް އަންދާޒާ ކުރެވެއެވެ.
އަދި އަދުހަމް ފަދަ ހަރު ހިތެއްގެ ވެރިއަކު ނޫރާ ދޫކޮށްފައި އެ ދިޔައީ ކިހާ ވިހަގަދަ ގޮތަކަށްކަން ފަލަކަށް އެނގުންވީ، ނޫރާ ވާހަކަ ދައްކަން ފެށުމުންނެވެ.
“އޭނަ….އޭނަ ބުނީ އަހަރެން ދެކެ އަސްލު ވަރަށް ލޯބިވެއޭ. ނާއިލްދެކެ ވެސް ވަރަށް ލޯބިވެއޭ. އެކަމަކު އަބަދުވެސް އަހަރެންގެ ސޫރައާއި އަހަރެން ހެދުން އަޅާ ގޮތާއިމެދު ނުރުހުންވެއޭ. އެހެންވެގެންނޭ މިހާރު ދޫކޮށްލަން ޚިޔާލު މި ކުރަނީ…”
ނޫރާ ރޮމުން އަޑު ނަގަމުން ބުނެލި ބަސްތަކުން ފަލަކް ކިތަންމެ ރުޅިއައެއްކަމަކު ހިތް ކުދިކުދިވާހާ ގޮތްވިއެވެ. ނޫރާ ދެންވެސް އަދުހަމް ބުނިކަމަށް ބުނެ މުޅިންވެސް ދައްކަމުން ދިޔައީ އަމިއްލަ ކިބައިގައި ހުރި ނޭދެވޭ ސިފަތަކެއްގެ ވާހަކައެވެ. ފަލަކް ނޫރާގެ ބުރަކަށީގައި ފިރުމަމުން އެއީ ހުސް ދޮގުކަމަށް ބުނަމުން ގެންދިޔައެއްކަމަކު ނޫރާއަށް ޤަބޫލު ކުރެވޭ ގޮތެއްނުވިއެވެ.
އެތާ ނޫރާގެ މަންމައާއި ކޮއްކޮ ވެސް ރޮވިފައި ތިއްބެވެ. އަދުހަމް ކަހަލަ މީހަކު ނޫރާ ދޫކޮށް ދިޔުމުން ނޫރާ ޖެހެނީ އުފާކުރަން ނޫންތޯ ބުނަމުން ދިޔައެވެ. އެހެނަސް އެ ވާހަކަ ވެސް ނޫރާއަށް ދޭހަ ކުރެވޭ ގޮތެއް ނުވިއެވެ. ނޫރާ ކުރަމުން ދިޔަހާވެސް ކަމަކީ ފަލަކްގެ ކައިރިން އާދޭސް ކުރުމެވެ. އެހެން މީހުން ނޫރާއަށް އިޙްސާސް ކުރަންޖެހޭ ގޮތް ބުނެދިނަސް، ފަލަކް އެހެން ނަހަދާނެކަން އެނގޭތީވެއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ފަލަކަކީ ގާތް މީހެއްގެ ގޮތުގައި ނޫރާއަށް ސިފަ ކުރެވުނު ސަބަބަކީ ވެސް އެއީއެވެ. ނޫރާގެ އިޙްސާސްތައް ގަދަކަމުން ބަދަލު ކުރުވަން ފަލަކް ނުއުޅޭތީވެއެވެ.
**
ފަލަކް ދިޔަފަހުން ދޮންބެ ދިޔަތަނެއް ބެލުމަށް އަފްޒަލަށް 10 ވަރަކަށް ފަހަރު ދޮންބެއަށް ގުޅައިލެވުނެވެ. އެހާ ހިސާބަށް އައިއިރު ފަޒީލާއާއި ޒައުލްއަށް ވެސް އަދުހަމާއި ނޫރާގެ ވަރީގެ ޚަބަރު ލިބިފައިވިއެވެ. ޚަބަރު ލިބުމާއިއެކު ފަޒީލާ ހިމޭންވިހެން ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. ޒައުލް ވެސް ޝޮކަކަށް ދިޔައެއްކަމަކު ވަކި އެތާ މަޑު ކުރުމެއްނެތި ފޯނާއި ކުޅެމުން އަމިއްލަ ކޮޓަރިއަށް ގޮސް ވަނެވެ.
ދޮންބެ ފޯނު ނުނަގާނެކަން ޔަޤީން ކުރެވުމުން އަފްޒަލް ދޮންބެ ހޯދުމަށްޓަކައި ގެއިން ނިކުންނަން ދިމާ ކުރިއެވެ. އެހެނަސް އަފްޒަލަށް ގޭގެ ދޮރު ހުޅުވައިލެވުމުގެ ކުރިން އެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުން ވަދެގެން އައީ އަދުހަމް ނޫން ދެވަނަ މީހެއް ނޫނެވެ.
“އަނހަ! ކޮންތަނަކަށް ދާންތަ އަފްޒަލް؟” އަދުހަމް އެހެން އަހައިލީ ނިކަން ހަމަޖެހިގެން، ހިނިތުންވުމެއްގައި ވެސް ހުރެއެވެ. އެ މޫނުމަތިން އޭނަ ދެންމެ އެ އައީ އަމިއްލަ އަންހެނުން ވަރިކޮށްފައި ހެނެއް ހިއެއްނުވެއެވެ.
“ކޮންތާކު ހުރެފަ ތި އައީ؟ ކީއްކޮށްފަ ތި އައީ؟” ފަޒީލާ ކުއްލި ގޮތަކަށް ކޮޅަށް ތެދުވަމުން ސުވާލުކުރިއެވެ.
“ކީއްކޮށްފަހޭ؟ ކީކޭތަ މަންމަ ތި ކިޔަނީ؟ މި އައީ ދެންމެ ރެސްޓޯރެންޓަކަށް ގޮއްސަ ސައި ބޮއިގެން.” އަދުހަމަށް އެނގޭ ކަމަކަށް ނުވިއެވެ. އެހިނދު ފަޒީލާގެ އަނގައިން މާޔޫސީ އާހެއް ނިކުތެވެ. ވަރިއަކީ އޭނަގެ ދަރިއަކަށް އަދި މާ ބޮޑު ކަމަކަށް ވެސް ނުވުމުންނެވެ.
“ދޮންބެ ތި އައީ ނޫރާ ވަރިކޮށްފަތަ؟” އަފްޒަލް ސީދާސީދަލަށް ސުވާލުކުރިއެވެ.
“އޮހް! ޚަބަރު ލިބިއްޖެދޯ؟ އޭނަ މިގެއަށް ވެސް އަދި ގުޅައިފިދޯ؟ ހަހް!” އަދުހަމް ފޫހި ގޮތަކަށް ބުންޏެވެ.
“އަނެއްހެން ރަނގަޅު ދެން. ނޫރާއަށް އަނިޔާ ކުރުމުން ދޮންބެ ދުރުވީތީ އުފާކުރަން. އުއްމީދަކީ ވަރި ކުރިޔަސް ދޮންބެގެ ދަރިފުޅަށާއި އެ ދަރިފުޅުގެ ޙައްޤުތައް އަދާ ކުރާނެ ކަމަށް. އަދާ ނުކުރިއްޔާ ޚުދު އަހަރެން އަމިއްލައަށް އެ މައްސަލަ ބަލައި ދޮންބެ ލައްވައި އެ ޒިންމާ އަދާ ކުރުވާނަން!” އަފްޒަލް ސާބިތުކަމާއި އެކީ ބުންޏެވެ.
“އޯ ޕްލީޒް ގިވް މީ އަ ބްރޭކް! ހިތަށްއަރާ އަފްޒަލް ތިހާ ވަރަށް ނޫރާގެ ކޮޅު ނަގަނީ ކީއްވެބާއޭ. އަނެއްކާ ނޫރާއާއި ހިތާވަނީތަ؟”
އަދުހަމް އެހެން ބުނުމާއިއެކު ފަޒީލާ ހަރު އަޑުން އަދުހަމަށް ގޮވައިލި އަޑު އިވުނެވެ. އެއާއިއެކު ދެމީހުންނަށް އެކު އެކީގައި ފަޒީލާއަށް ބަލައިލެވުނެވެ.
“ޚަބަރުދާރު އަދުހަމް އަފްޒަލާއިމެދު ތި ކަހަލަ ވާހަކައެއް ދެއްކިއްޔާ! އަފްޒަލަކީ ތި ކަހަލަ ކަމެއް ކުރާނެ ކުއްޖެއް ނޫންކަން އަދުހަމަށް މާ ރަނގަޅަށް ވެސް އެނގޭނެ! މި ހުރިހާ ދުވަހު ވެސް އަދުހަމްގެ ކައިވެނި ބާއްޖަވެރި ކުރުވޭތޯ ނަސޭޙަތްދީ، އަދުހަމަށް ދަތި ވީ ދުވަހު ލާރި ދީގެން އެހީވެދިނީ ހަމަ މި ކޮއްކޮ. ކުރިއަށް އޮތް ތާނގަ ވެސް އެހީވާން ހުރީ ހަމަ މި ކޮއްކޮ!” ފަޒީލާ އާދައިގެ މަތިން، އަދުހަމާއި މުޚާތަބު ކުރަމުން ދިޔައިރު ރޮވެން ކައިރި ވެފައި ހުރެ ބުންޏެވެ.
“ހަހް! މަ ދެން ބޭނުމެއް ނޫން މީނަގެ އެހީއެއް. މި ގޭގަ ވެސް ދެން އަހަރެން ހުންނާކަށް ނެތިން. ލާރި ލިބޭނެ އެހެން ގޮތްތައް ވެސް އެބަހުރި…” އަދުހަމް ބުންޏެވެ.
“އެހެން ގޮތްތަކޭ؟ ދަރިފުޅު އަނެއްކާ….” ފަޒީލާއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. އަމިއްލަ ދަރިފުޅު އަނެއްކާވެސް ގޯސް މަގަކަށް އެޅުނު ކަމުގެ އިޙްސާސުން ހިތަށް ލިބުނު ސިހުމުގައި އެ ބަސްތައް ދުލާއި ހަމައަށް ނުގެނެވުނީއެވެ.
އަދުހަމް ވަކި މަންމައަށް ފަރުވާލެއްނެތި ގޮސް ކޮޓަރިއަށް ވަނެވެ. އަދި އިރުކޮޅެއްގެ ތެރޭގައި ކޮޓަރިން ނިކުތީ ހެދުން ފޮށި ހިފައިގެންނެވެ.
އެވަގުތު އަފްޒަލް އިނީ ފަޒީލާގެ ގާތުގައި ސޯފާގައި އިށީނދެ، ފަޒީލާގެ ކަރުނަތައް ފޮހެދޭށެވެ. އަދުހަމް ހެދުން ފޮށްޓާއިއެކީ ނިކުތް މަންޒަރު ފެނުމާއިއެކު ފަޒީލާ ރޮވިފައި ހުރެ ވާހަކަ ދެއްކިއެވެ.
“ކޮން ތަނަކަށްތަ ތި ދަނީ ދަރިފުޅު؟” ފަޒީލާ އެހިއެވެ. އެ އަޑުގައިވީ ނުދިޔުމަށް އެދޭ އާދޭހެކެވެ. އެހެނަސް އެ އާދޭސް އަދުހަމަށް އިވުނުހެން ހިއެއް ނުވެއެވެ.
“ހާސްނުވޭ މަންމާ! މިގެއަށްވުރެ ހާސްބައި ރަނގަޅު ތަނަކަށްދާން މިއުޅެނީ. މަންމަ ތި ހީކުރާ ކަހަލަ ތަނަކަށް ނޫނޭ ދާން މިއުޅެނީ. ކޮބައިތަ މިގޭ ދެން ތިބި މީހުން؟” އަދުހަމް އެ ސުވާލުކޮށް މައްޗަށް ދެވޭ ސިޑިއާއި ދިމާލަށް ނަޒަރު ހިންގިއެވެ.
“ޒައުލް އެބަ އުޅޭ ކޮޓަރީގަ…” އަފްޒަލް ބުނެލީ ހަމައެކަނި އެހާވަރަށެވެ. ދޮންބެ އެ ސުވާލު ކުރަނީ ފަލަކާއި ބެހޭގޮތުން ކަން ޤަބޫލުކުރަން ބޭނުމެއް ނުވުމުންނެވެ. އެހެނަސް…
“ޒައުލްއެއް ނޫން. މި ގޭގަ އުޅޭ ދޮން ރީތި ކުއްޖާގެ ވާހަކަ މި ދައްކަނީ…” އަދުހަމް ބުންޏެވެ.
އިވިގެން ދިޔަ އެ ބަސްތަކުން އަފްޒަލަށް އިޙްސާސް ކުރެވުނީ ބަޔާން ކުރަން ދަތި އުދަގުލެކެވެ.
“އެއީ ދޮންބެއާއި ބެހޭ ކުއްޖެއްތަ އެ ކުއްޖާއާއިމެދު ތި ސުވާލު ކުރަނީ؟” ކިތަންމެ ބޭނުމެއް ނުވިޔަސް އަފްޒަލްގެ ނުރުހުންތެރިކަން ފޮރުވޭ ގޮތެއް ނުވިއެވެ.
“އައްދެ! މިއޮތް ޣީރަތްތެރިކަމެއްދޯ؟ އަދި އޭނައާއި ނުވެސް އިންނަމެއްނު ތި ގޮތަށް ވާހަކަ ދައްކާކަށް؟ އެ މަންޖެގެ ބައްޕަ ބޭނުންވަނީ އަފްޒަލް އޭނައާއި އިންނަންދޯ؟ ގޮތެއް ނިންމައިފިންތަ؟” އަދުހަމް ކޮށްލި ސުވާލުތަކުން އަފްޒަލް އަޖާއިބުވާހާވިއެވެ. އިވެމުން ދިޔަ އާ ޚަބަރުތަކުން ފަޒީލާ ވެސް އެއްފަހަރު އަދުހަމަށް އަނެއްފަހަރު އަފްޒަލަށް ބަލަމުން ދިޔައެވެ.
“ދޮންބެއަށް ކިހިނެއް ތި ހުރިހާ ކަމެއް އެނގެނީ؟” އަފްޒަލަށް އަހައިލެވުނެވެ.
“ޚަބަރު ހޯދޭނެ ގޮތްތައް ވެސް ހުންނާނެދޯ؟ ހަހަ! އެ ކުއްޖާއާ އެކީ ވާނުވާ މަށަށް އަންގައްޗޭ. މަ ވަރަށް ޝައުޤުވެރިކަން ހުރި ކުއްޖެއް އެއީ..” އަދުހަމް ޒާތެއްގެ ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. އެހިނދު އަފްޒަލްގެ ފައިމަތީގައި ބޭއްވިފައި އޮތް އަތް މުއްކެވިގެން ދިޔައެވެ. އަދުހަމް ދެއްކި ވާހަކަތަކުން އައި ގަދަ ރުޅީގައި ދޫ ވެސް ބަންދުވިއެވެ.
އަފްޒަލާއި ފަޒީލާ ބަލަބަލާ ތިއްބާ އަދުހަމް އެ މީހުންނަށް ފަސްދީފައި ދިޔައީއެވެ.
“އަދު…އަދުހަމް އެ ބުނީ ކީކޭތަ އަފްޒަލް؟ އަފްޒަލް…އުޅެނީ ފަލަކް…” ފަޒީލާއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން ހާސްވާން ފެށިއެވެ.
“ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަން މަންމާ…މި ގަޑީގަ ބޭސް ކައިގެން މަންމަ އަރާމު ކޮށްލަންވީއެއްނު؟” އަފްޒަލް އަވަސްއަވަހަށް ބުންޏެވެ. މަންމަ މާ ބޮޑަށް ކަމަކާއިމެދު ވިސްނަން ފަށާއިރަށް ހާސް ވާގޮތްވެއެވެ. ދޮންބެގެ އުޅުމަށް މަންމަ އާދަވެފައި ވިޔަސް، ދާދި ދެންމެއަކު ދޮންބެގެ ދުލުން މުޅިން އާ ވާހަކަތައް އިވިގެން ދިޔުމުން މަންމަ ސަކަރާތްވީއެވެ.
އަފްޒަލް އެހެން ބުނުމަށްފަހު މަންމަ ކޮޓަރިއަށް ގެންދިޔުމަށް އެހީވެދިނެވެ. އެއަށްފަހު މަންމަ އޭނައާއި ސުވާލުތައް ނުކޮށް ބޭސް ކައިގެން އަރާމު ކުރަން އޮށޯތީއެވެ. ކޮންމެ ގޮތެއް ވިޔަސް މަންމަ ހޭ އެރުމުން މަންމައަށް ހުރިހާ ވާހަކައެއްގެ ތަފްޞީލު ދޭން އަފްޒަލް ނިންމިއެވެ.
**
“ބޭނުމެއްނޫން މިގޭގަ ހުންނާކަށް! އަދުހަމް ކައިރިއަށް ދާން ބޭނުން…” އެރޭގެ ވަގުތެއްގައި ނޫރާގެ ގޭތެރޭގައި ގުގުމަމުން ދިޔައީ ނޫރާގެ ރޮވިފައިވާ އަޑެވެ.
“އަދިވެސް އެ އަނިޔާ ލިބިގަންނަންތަ ނޫރާ ބޭނުންވަނީ؟” ފަލަކް އޯގާތެރި އަޑަކުން ތަކުރާރުކޮށް އެ ބަސްތައް ބުނަމުން ދިޔައެވެ. ފަލަކް ނޫރާގެ ކައިރީގައި އެނދުގައި އިށީނދެ އިނދެ އެހެން ބުނުމުން ނޫރާ ވަކި ޖަވާބެއް ނުދިނެއްކަމަކު ވޭނީ ގޮތަކަށް ރޯން ފެށިއެވެ.
ނޫރާ ހޮސްޕިޓަލުން ދޫކުރުމަށް ޑޮކްޓަރު އިޒުނަ ދިނީއްސުރެ އެ ދެމެދުގައި މިފަދަ ބަދަލުވުންތައް ހިނގި ޢަދަދެއް ޚުދު ފަލަކަށް ވެސް ނޭނގެއެވެ. އެހެނަސް ފަލަކް ކެތްތެރިކަމާއި އެކީ މަޑުމައިތިރި ކަމާއިއެކު ނޫރާއަށް އަދުހަމްގެ ގޯސްކަން ހަނދާން ކޮށްދެމުން ދިޔައީ، އޭގެ ފައިދާ ކޮންމެވެސް ހިސާބަކުން ކުރާނެކަން ދަނެގެންނެވެ.
ފަލަކް ތަކުރާރުކޮށް އެ ވާހަކަތައް ހަނދާން ކޮށްދިނުމުން ވެސް ނޫރާގެ ޚިޔާލު ބަދަލު ނުވާތީ ކެތްތެރިކަން ކޮޅުންލީ ނޫރާގެ ޢާއިލާ މީހުންނެވެ. ނޫރާގެ މަންމައާއި ކޮއްކޮ އަޑުން އަޑުލައި އެ ފިރިހެނާގެ ނަން ވެސް ނުގަންނާށޭ ބުނަމުން ދިޔައެވެ. އަދި އަދުހަމަށް ހުތުރު ބަސްތައް ވެސް އަމާޒު ކުރަމުން ދިޔައެވެ. އަދި ނޫރާ ގެއަށް އައިތާ މާ ގިނައިރެއް ނުވެ، ސްކޫލްގައި ހުރި ނާއިލް ގޮވައިގެން ގެއަށް އައި ބޮޑުބޭބެ ވެސް އެއަށްވުރެ ހަރުކަށިކޮށް އެ ވާހަކަތައް ދެއްކިއެވެ.
ބޮޑުބޭބެގެ ހަރުކަށިކަން ފެނި، ނޫރާ ހިސާބަކަށް ހިމޭންވިއެއްކަމަކު އެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ހަވީރު ވަގުތުގައި ބޮޑުބޭބެ ދެން ދަނީ ކަމަށް ބުނެ އެގެއިން ދިޔުމުން އަނެއްކާވެސް ނޫރާ ލަސްލަހުން ޝަކުވާތައް ކުރަން ފެށިއެވެ. ރޭގަނޑު ވީއިރު އަނެއްކާވެސް އެ ޝަކުވާތަކުގެ އަޑު ހަރުވެފައިވީއެވެ.
“ފަލަކް ދަރިފުޅު ދެން އަހަރުމެން ކިހިނެއް ހަދާނީ؟ ނޫރާ އެހެރީ ސިކުނޑި ގޯސްވެފަހެން ދައްތައަށް ހީވަނީ. ކަނބުލޮއަށް އެނގޭތަ ނޫރާއަށް ދެވޭނެ ފަރުވާއެއް؟ އެނގެންޏާ އަހަރުމެންނަށް އަގު ކިޔައިދީ. ކިތަންމެ ގިނަ ލާރިއެއް ބޭނުންވިޔަސް….ދަރަނިވެރިވެގެން ވެސް އަހަރުމެން ފައިސާ ހަމަޖައްސާނަން.”
ފަލަކް ސިޓިންގް ރޫމަށް ނިކުތް ވަގުތު ނޫރާގެ މަންމަ ފަލަކްގެ ކައިރިއަށް އައިސް މަޑު އަޑަކުން ވާހަކަ ދެއްކިއެވެ. އެހިނދު ސިޓިންގް ރޫމުގެ ސޯފާގައި ނޫރާގެ ކޮއްކޮ، ނާއިލް ކައިރީގައި ބައިންދައިގެން ޙާލަތު ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ.
“ނޫރާ ސިކުނޑި ގޯހީއެއް ނޫން ދައްތާ….ނޫރާ ހަމަ އެހެރީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ. އެ ހިތާމައިން އަރައިގަންނަން އަހަރުމެން އެންމެން ވެގެން ނޫރާއަށް އެހީތެރިވެދޭންވީ. އަޅުގަނޑު މިއީ އެފަދަ ބަލިތަކާ ބެހޭ މާހިރެއް ނޫން. އެކަމަކު ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން އަޅުގަނޑަށް ދަންނަން. އެ ޑޮކްޓަރުންނާއި ނޫރާ ބައްދަލު ކުރުވައި ފަރުވާ ހޯދައިދޭނަން އިން ޝާ ﷲ! ދައްތަ އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ. ނޫރާ ކަހަލަ ކޮންމެ އަންހެން ކުއްޖަކަށް އެހީވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގަ ދެކެން…” ފަލަކް ނޫރާގެ މަންމަގެ އަތުގައި ދެއަތުން ހިފަމުން ތަސައްލީއެއް ދިނެވެ.
“މާތް ﷲ ދަރިފުޅަށް ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވާށި…” ނޫރާގެ މަންމަ ކޯތާފަތުން ކަރުނަ ފޮހެމުންދާ ޙާލު ބުންޏެވެ.
“އާމީން! މަންމަ ދެން މާ ބޮޑަށް ކަންބޮޑުނުވޭ. ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ! އަޅުގަނޑު މި ވިސްނަނީ މި ވަގުތަށް ނޫރާ އެގެއަށް ގެންދަން. ނޫރާ އެހާ އާދޭހާއިއެކު އެދުނީމަ އެ އަޑު ނޭހީއްޔާ ނޫރާއަށް ވެސް ހީކުރެވޭނީ އަހަރުމެން ނޫރާއާއި އަޅާ ނުލަނީހެން. އަޅުގަނޑު ޔަޤީން ކުރާނަން ނޫރާ އަދުހަމާއި ދިމާ ނުވޭތޯ…އެންމެ ރަނގަޅުތަ؟” ފަލަކް އެހިއެވެ.
ނޫރާގެ މަންމަ އެކަމަށް އިޒުނަ ދިނުމުން ފަލަކް ދިޔައީ އެގޭގެ މައިދޮރާއި ދިމާލަށެވެ. ގެއިން ބޭރުގައި މަޑުކޮށްގެން ހުރެ އަފްޒަލަށް ގުޅައި އަދުހަމް ވީ ހިސާބެއް ހޯދައިގަތުމަށެވެ.
**
ޢިޝާ ނަމާދުން ގެއަށް އައިއިރު ވެސް ފަލަކް ގޭގައި ނެތުމުން އަފްޒަލް ކަންބޮޑުވާ ގޮތްވިއެވެ. ދޮންބެ މިއަދު ވާހަކަ ދައްކާފައިވި ގޮތުން ދޮންބެ ކޮންމެވެސް ގޮތަކަށް ފަލަކަށް ޖާސޫސް ކުރާހެން އަފްޒަލަށް ހީވެފައިވެއެވެ. އެއީ ދޮންބެ ކީއްކުރަން ކުރާނެ ކަމެއްކަން ނޭނގުނެއްކަމަކު މުޅި އެ ޚިޔާލުން އަފްޒަލްގެ ތަބީޢަތް ގޯސްވެފައިވިއެވެ. އަދި އަމުދުން އެ ޚަބަރު ލިބުނީއްސުރެ ފަލަކް ގޭގައި ވެސް ނެތުމުން ފިކުރު ބޮޑުވެފައިވިއެވެ.
އެ ފިކުރުތަކަށް ހުއްޓުމެއް ނައީތީ އޭނައަށް ހަވީރުގެ ވަގުތުގައި ފަލަކަށް މެސެޖެއްވެސް ކޮށްލެވުނެވެ. ތިހިރީ ކޮންތާކުތޯ ސުވާލު ކޮށްފައެވެ. ފަލަކް ޖަވާބުގައި ފޮނުވީ ‘ވިތް ނޫރާ’ އޭ ލިޔެވިފައިވި ކުރު މެސެޖެކެވެ. އެއަށްފަހު އަފްޒަލްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިފައިވިއެވެ. އެހެނަސް ރޭގަނޑު ވީއިރު ވެސް ފަލަކް ފެންނަ ގޮތެއް ނުވުމުން ފަލަކަށް ގުޅަން އަފްޒަލް ބޭނުންވެފައިވިއެވެ.
އެކަމަކު އެފަދަ ފިޔަވަޅެއް އެޅުމުގެ ޙައްޤު އޭނައަށް ލިބިފައިވޭތޯ އަފްޒަލަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ތަކުރާރުކޮށް ތިހިރީ ކޮންތާކުތޯ ފަލަކް ގާތުން އޭނަ އަހާނީ ކޮން ހައިސިއްޔަތަކުންތޯ ހިތަށްއެރިއެވެ. އަދި އަމުދުން އެގޮތަށް ކަންތައް ކުރުމުން ފަލަކް ނުރުހުންވެދާނެތީ ވެސް ޖެހިލުންވާ ގޮތްވިއެވެ.
މި ޚިޔާލުތަކުގައި ސިޓިންގް ރޫމުގެ ސޯފާގައި އަމިއްލަ ފޯނަށް ބަލަން އިންދާ ފޯނު ރިންގުވާން ފެށުމާއިއެކު އަފްޒަލްގެ މެއަށް ދިރުމެއް އައި ފަދައެވެ. ފޯނުގެ ސްކްރީނުން ފަލަކްގެ ނަން ފެނުމާއިއެކު އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި އަފްޒަލް ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ސަލާމް…” އަފްޒަލް ކިތަންމެ ވާހަކައެއް އެއްފަހަރާ ދައްކަން ބޭނުންވިއެއްކަމަކު ހަމަޖެހޭ ގޮތް ދެއްކިއެވެ.
“ވަޢަލައިކުމުއްސަލަމް. އަފްޒަލް ގޭގަތަ؟” ފަލަކް ނޫރާމެންގެ މައިދޮރު ކައިރީގައި ހުރެ އެހިއެވެ.
“އާނ ގޭގަ މިހިރީ. ފަލަކް ކޮންތާކު؟” އަފްޒަލަށް ހިތުގެ އާދޭސް ފުއްދައިލެވުނެވެ.
“މިހިރީ އަދިވެސް ނޫރާގެ ގޭގަ. އަސްލު….މި ގުޅައިލީ އަފްޒަލްގެ ދޮންބެ ގޭގަ ހުރިތޯ ބަލައިލަން ވެގެން. ނޫރާ ތިގެއަށް ގެންދަންވެގެން. ކޮންމެހެން ވެސް ނޫރާ އެބަ ބޭނުންވޭ ތިގެއަށް ދާން. ނޫރާ ބުނާ ގޮތަށް ވެސް ހަދައިދޭންވާނެދޯ މި ޙާލަތުގަ؟ ވަރަށް ގިނައިރުވެއްޖެ އާދޭސް ކުރާތާ…”
“އާނ ރަނގަޅުވާނެ. ދޮންބެ މިއަދު ގެއަށް އައި ގޮތަށް ފޮށި ތަންމަތި ބަނދެގެން ގެއިން ނިކުމެގެން ގޮއްސި. ބުނީ މި ދަނީ މިއަށްވުރެ ރަނގަޅު ތަނަކަށޯ. އަހަރުމެން ބަލާކަށް ނުއުޅެން ދިޔަތަނެއް. ނޫރާއާއި ނާއިލް މިގެއަށް އައުމަކީ މަންމަގެ ވެސް އެދުމަކަށްވާނެ. އެ ދެމީހުންގެ ޙާލަތު ހަމައަކަށް އެޅެންދެން ވިޔަސް.”
“ހުމް…ދެޓްސް ގުޑް ޓު ހިއާރ. އެހެންވީމަ އަހަރެން މިކޮޅުން ނޫރާއާއިއެކީ ޓެކްސީއެއްގަ އެބަ އަންނަން އިނގޭ.”
“އުނހު….އަހަރެން މި އަންނަނީ ކާރުގަ ތިކޮޅަށް. 15 މިނެޓް ތެރޭ ކައިރި ކުރާނަން. ފަލަކް ނޫރާއާއި ނާއިލްއާއެކީ ގެއަށް އަންނަން ތައްޔާރުވެލާ.”
އަފްޒަލް އެ ވާހަކަތައް ބުނެލިއިރު ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެގެން ގޮސް މައިދޮރު ކައިރީގައި ހުރި ތަޅުދަނޑި އެތިން ކާރުގެ ތަޅުދަނޑި ނަގައިފިއެވެ. އެ ޙަރަކާތްތައް ގެންނަމުން ދިޔަ ވަގުތު އަފްޒަލަށް ނޭނގުނީ، ދާދި ދެންމެއަކު އޭނަ އެ ދިއްކޮށްލި އެހީތެރިކަމުގެ އަތުން ވެސް ފަލަކްގެ އިޙްސާސްތަކަށް ބަދަލެއް އައިސްފިކަމެވެ. އެހީއަކަށް އޭނަ ބޭނުންނުވާ ޙާލަތެއްގައި ވެސް އަމިއްލައަށް އިސްނަގައިގެން އެހީވާ ފިރިހެނުން ހަމަ އުޅެނީބާއޭ ހިތަށްއެރިއެވެ.
“ތޭންކްސް އަ ލޮޓް، އަފްޒަލް….” ފަލަކަށް ހިނިތުންވަމުން ނުވަމުން ބުނެވުނީ އެހާވަރަށެވެ.
“ނޯ ޕްރޮބްލަމް. ޑިނާރ ނަގައިގެންތަ ތި ތިބީ؟” އަފްޒަލް ގޮސް ކާރަށް އަރަމުން އެހިއެވެ. އެ ސުވާލުން ފަލަކްގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބުނީ ކީއްވެކަމެއް ނުވިސްނުނެވެ.
“މިގެއިން ނޫރާގެ މަންމަ ކާންދޭން އުޅުނު. އެކަމަކު ނޫރާއާއި އެކީ ކާން ހަދައިގެން އަހަންނަށް ވެސް ނުކެވުނު…” ފަލަކަށް އޭނަގެ ޙާލަތާއިމެދު އެހާ ތެދުވެރި ވެވުނު ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާހާވިއެވެ. މިއީ އެހެން ނޫންނަމަ ހަމައެކަނި އާނއަކުން އޭނަ ނިންމާލާނެ ވާހަކައެކެވެ.
“އޮހް! މައްސަލައެއްނޫން. އަދި ފަލަކްމެންނަށް އަހަރެން ޑިނާރ ތައްޔާރުކޮށްދޭނަން. ނޫރާވެސް މިގެއަށް އައިސް މަންމައާއި އެކީ ވަގުތު ހޭދަ ކުރީމަ ރަނގަޅުވާނެހެން ހީވަނީ. ދެން އަވަހަށް ގެއަށް އަންނަންވީ ހަމަ. ފަލަކް ވެސް އެހާ ގިނައިރު ވަންދެން ގޭގަ ނެތީމަ އައި ވޯޒް ވޮރީޑް އެބައުޓް ޔޫ….” ދުރުދުރުން ވާހަކަ ދައްކަމުން ގޮސް އަފްޒަލްގެ ދުލުން އެ ބަސްތައް ބުނެވުނީ ޚުދު އޭނަގެ އިޚްތިޔާރުން ވެސް ބޭރުގައެވެ. ބުނެވުނީ ކީކޭކަން އެނގުންވީ ހިނދު ކާރު ތެރޭގައި އިނދެ އަފްޒަލް ހުއްޓުން އަރާގޮތްވިއެވެ.
އެ ބަސްތައް އިވިގެން ދިޔަ ފަލަކަށް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިޙްސާސެކެވެ. އެތައް އަހަރެއް ވަންދެން އޭނަ ބިރުވެރި އުސްމިނަކުން ވެއްޓެމުން ދަނިކޮށް މީހަކު އޭނަ ހިފަހައްޓައިލިހެން ހީވިއެވެ.
ނުނިމޭ
Jana
May 4, 2023 @ 4:23 pm
The secret recipe to discreetly capture a heart (as inspired by Chef Afzal)
A dash of worry
A cup of asking questions
A whole load of care
😍🥰
❤️
July 29, 2023 @ 7:24 am
Omg !!!!