ޤަދަރު (ނަވާވީސްވަނަ ބައި)
ރީތިވާ މޭޒު ކައިރި އިށީނދެގެން އިން ފަލަކް އޭނަގެ ފަން ރީތި އިސްތަށިގަނޑު އޮމާން ކުރުމަށްފަހު ފުނާ ބޭއްވިއެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން ފަލަކް އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިނެވެ.
ލޯގަނޑުން އެ ފެންނަމުން ދަނީ ނުހަނު ރީތި ސޫރައެއްކަން ޚުދު ފަލަކަށް ވެސް އެނގެއެވެ. އޭނަގެ ސޫރައަށް އޭނައަށް ތަޢުރީފުތައް ލިބެމުން ދަނީ އެންމެ ކުޑައިރުއްސުރެއެވެ. ފުރާވަރަށް އެޅިގެން ދިޔައިރު އެ ރީތިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ސްކޫލް ދައުރުގައި އޭނައަށް ލޯބި ހުށަހެޅި ފިރިހެން ކުދިންގެ ޢަދަދެއް ވެސް ފަލަކަށް ނޭނގެއެވެ.
އެ ހުރިހާ ކަމަކާއި އެކީ ވެސް ފަލަކް މިހާތަނަށް އައިއިރު ފިރިހެން ކުއްޖަކާއި ރައްޓެހިވެގެން އުޅެފައެއް ނުވެއެވެ. ކުޑައިރު ފެނިފައިވި މަންޒަރުތަކެއްގެ ސަބަބުން ފުރާވަރަށް އައިއިރު ވެސް ފިރިހެން ކުދިންނާއި ދުރުދުރުން އުޅެން އޭނަގެ ސިކުނޑި އޭނައަށް އިންޒާރު ދިނެވެ. ދޭތެރެ ދޭތެރެއިން ފިރިހެން ކުއްޖަކާއި ރައްޓެހިވެ، ކައިވެނި ކުރުމުގެ ޚިޔާލުތައް އޭނައަށް ކުރެވެއެވެ. އެހެނަސް އޭނަ އެ ޚިޔާލުތަކަށް ފަސް އަޅައިލަނީ، އެއްވެސް މީހަކަށް ބަރޯސާވާން ނުޖެހޭ ވަރަށް އޭނަ ކާމިޔާބުވާންޖެހޭ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. މަންމައަށް އެ ޙާލު ޖެހުނީ މަންމަ، ބައްޕައަށް އެހާ ބޮޑަށް ބަރޯސާވާތީ ކަމަށް ޤަބޫލު ކުރެވިފައިވާތީވެއެވެ.
އެހެންކަމުން ފިރިހެން ކުދިންގެ ސަމާލުކަން ފަލަކަށް ވެގެން ދިޔައީ އުދަގުލަކަށެވެ. ލަދުކުޑަ ފިރިހެން ކުދިން އޭނައަށް ތަޢުރީފު ކުރާ ގޮތް އިވިފައި ފަލަކް ރުޅިވެސް ގަދަވެއެވެ. އެ ހުރިހާ އެންމެންގެ ލޮލަށް އޭނަ ފޮރުވިދާނެނަމައޭ ހިތަށްއަރައެވެ. އޭނަ ހިތުން ކުރު ހެދުންތައް ލައި އުޅުނީ ފިރިހެނުންގެ އަތްދަށު ނުވުމަށެވެ. އެހެނަސް ޙަޤީޤަތަކީ ކުރު ހެދުން ލައި އުޅުނުއިރު ވެސް އެފަދަ އިޙްސާސެއް އޭނައަށް ކުރެވުނު ކަމެވެ. އެ އިޙްސާސުގެ ޙައްލެއް ގެންނަން ޚުދު ފަލަކް ވެސް ނުކުޅެދިފައިވި ކަމެވެ.
އެ ޚިޔާލުތަކުގައި އިނދެ ފަލަކް ލޯ މަރައިލިއެވެ. އެއަށްފަހު ސިކުންތުކޮޅެއްފަހުން އޭނަ ލޯ ހުޅުވައިލީ، ވަރުގަދަ ޢަޒުމަކާއިކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
ފަލަކް ކޮޅަށް ތެދުވެ އޭނަގެ އިސްތަށިގަނޑު މައްޗަށް ނަގައިލަމުން ޖަހައިލީ ރީތި ގޮށެކެވެ. އެހިނދު އޭނަ ލައިގެން ހުރީ އެއްކަލަ އޮރެންޖު ކުލައިގެ ދިގު ހެދުމެވެ. ގޮށްޖެހުމަށްފަހު ފަލަކް ފަސްއެނބުރި ކޮޓަރީގެ އެނދާއި ދިމާލަށް ދިޔައެވެ. އަދި އެނދުމަތީގައި އޮތް ޝޯލް ނަގައިގެން އަނެއްކާވެސް ލޯގަނޑު ކުރިމައްޗަށް ދިޔައެވެ.
އާނއެކެވެ. އެދުވަހު ފިހާރައިން ފެނުނު ޝޯލް ފަލަކް ވަނީ ގަނެލާފައެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެވެސްމެއެވެ. އެ ޝޯލްއިން އެހެން ކަމެއް ވެސް ކުރެވިދާނެކަމަށް ހިތާހިތުން ކިޔަމުންނެވެ. އެހެނަސް އެންމެ ފަހުން ފަލަކް އޭތި ނަގައި އަޅަން ފެށީ ބޮލުގައެވެ. މި ނޫނަސް ފަލަކް ވަނީ ޝޯލް އަޅާފައެވެ. އެއީ ހަމައެކަނި މަންމަގެ ހަނދާނުގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށެވެ.
އެ ވަގުތު އެތާ ހުއްޓި ހުރެ މާ ބޮޑު އުދަގުލެއްނެތި ފަލަކަށް ޝޯލް އަޅައި ނިންމައިލެވުނީ އެހެންވެއެވެ. ޝޯލްގައި އެންމެ ފަހު ޕިން ޖެހުމަށްފަހު ފަލަކަށް އަތް ތިރި ކޮށްލެވުނީ ލަސްލަހުންނެވެ. އެހިނދު އޭނައަށް ހުރެވުނު ގޮތް ބަލައިލެވުމުންނެވެ. މިގޮތަށް ހުރެ އޭނަ ދާން މިއުޅެނީ ހަމައެކަނި ޢީދު ނަމާދަށް ނޫންކަމަށް އެވަގުތު ސިކުނޑި ބުންޏެވެ. މިއަށްފަހު އޭނަ ބޭރުގައި މުޅިންހެން ވެސް އުޅޭނީ މި ސޫރައިގައި ކަމަށް އޭނަގެ ޒަމީރު ބުންޏެވެ.
އެހިނދު ހިތަށް ތަފާތު އިޙްސާސްތަކެއް ކުރެވިގެން ދިޔައެވެ. އޭނަ ނުރުހޭ ފިރިހެނަކަށް ދެން ހަމަ އޭނަގެ ހަށިގަނޑުގެ ބައްޓަމާއި ރީތި އިސްތަށިގަނޑު ނުފެންނާނީތޯ ހިތަށްއެރިއެވެ. ހުތުރު ޒާތަކަށް އޭނައަށް ތަޢުރީފު ކުރުމުގެ ހުރިހާ ފުރުސަތެއް އެމީހުންނަށް ގެއްލުނީ ހެއްޔެވެ؟ އޭނައަށް ނުރައްކާތެރިކަން އިޙްސާސް ކުރެވޭ ފަދަ ނަޒަރުތަކުން އޭނަ ރައްކާތެރިވެގެން ދިޔައީ ހެއްޔެވެ؟
އެ ޚިޔާލު ހިތަށް ވެރިވުމުން ނޭނގޭ ސަބަބަކާއިހުރެ ފަލަކްގެ ރީތި ލޮލުން ކަރުނަ ހިލުނެވެ. އެހިނދު އޭނަގެ ހިތުން އާނއެކޭ ބުނި އަޑު އޭނައަށް އިވުނެވެ. އާނއެކެވެ. ބުރުގާއަކީ ފިރިހެނަކު އަންހެނުން އަޅުވެތިކުރަން ވިސްނައިގަތް ޚިޔާލަކަށް ނުވާނެއެވެ. މިއީ އާދައިގެ އިންސާނަކަށް ގެނެސްދެވޭނެ ޚިޔާލެއް ނޫނެވެ. މިފަދަ ޚިޔާލެއް ގެނެވޭނީ އަންހެނުންނާއި ފިރިހެނުންގެ ޒާތްވެސް މޮޅަށް ދެނެވޮޑިގެންވާ ރައްބަކަށެވެ. އެ ދެބައިމީހުންގެ ވެސް ރައްކާތެރިކަމަށް ބާވައިލެއްވި ޙުކުމެކެވެ. އަންހެނުން ނުބައި ނަޒަރުތަކުން ރައްކާތެރިވާ ހިނދު، ފިރިހެނުންނަށް އެމީހުންގެ ބެލުން ރައްކާތެރި ކުރެވެއެވެ.
ލޮލުން ކަރުނަ ހިލުނެއްކަމަކު އެވަގުތު ފަލަކްގެ ހިތުގައިވީ، ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ މިނިވަންކަމެކެވެ. އަންހެނުންނަށް އޮތް ޙަޤީޤީ ބާރުވެރިކަމަކީ މިއީއެއް ނޫންތޯ އެވަގުތު ހިތަށްއެރިއެވެ. އަންހެނުން ފިރިހެނުންގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި އަމުރު ބާވައިލައްވާފައިވަނީ ޚުދު ﷲ އެވެ. ވީއިރު ޙަޔާތުގައި އޭނަ ﷲ އަށް ކިޔަމަންވާހާ ހިނދަކު އޭނަ ފިރިހެނަކަށް ބިރުގަންނަންވީ ފަހެ ކީއްވެ ހެއްޔެވެ؟ އޭނަގެ ރައްކާތެރިއަކީ އެ ފިރިހެނުންގެ މައްޗަށް ވެސް ބާރު ހިންގަވާ ވެރިރަސްކަލާނގެއެވެ.
ހިތަށް ވެރިވި އެ ބަސްތަކާއިއެކީ ފަލަކްގެ ގައިން ހީބިހި ނެގިއެވެ. ހަމަ އެހިނދު ލޮލަށް ޖަމާވެފައިވި ކަރުނަތައް ވެއްޓެން އުޅުނުހެން ހީވުމުން ފަލަކް އަވަސްއަވަހަށް ލޮލުގެ ތިރީގައި އިނގިލި ޖައްސައިލަމުން ކަރުނަތައް ހުއްޓުވިއެވެ. އެއަށްފަހު ފުން ނޭވައެއް އެތެރެއަށް ލުމަށްފަހު ދޫކޮށްލިއެވެ. އަދި ލޯގަނޑަށް ބަލަން ހުރެ ބޯޖަހައިލީ މިއީ ހަމަ އޭނަގެ ފަހުގެ ނިންމުންކަން އަމިއްލަ ނަފްސަށް ޔަޤީން ކޮށްދިނުމަށެވެ.
އެއަށްފަހު ފަލަކް އަވަސްއަވަހަށް ގޮސް އަލަމާރި ތެރެއިން އޭނަގެ އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. އެއަށްފަހު ފަލަކް ކޮޓަރިން ނިކުންނަން ދިޔައިރު ސްނޯ ކޮޓަރީގެ ކަނެއްގައި ނިދިފައި އޮތެވެ.
ސިޑިން ފައިބަމުން ދިޔަދިޔަހެން ފަލަކްގެ އަތް ފައި ފިނިވާން ފެށިއެވެ. ތިރިން އަފްޒަލްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިހެން ހީވުމުން ހިތުގެ ތެޅުމަށްވެސް ގޮތެއްވިއެވެ. އެކަންތަކާއިމެދު އަޅާނުލަން މަސައްކަތް ކުރަމުން ފަލަކް ގޮސް ސިޑީގެ އެންމެ ތިރިއަށް ފައިބައި އިސްއުފުލައިލިއެވެ. އެހިނދު ސީދާ އޭނައަށް ބަލަން ހުރި އަފްޒަލާއި ހަތަރުކަޅި ހަމަވުމުން ފަލަކް ހުއްޓުން އަރާ ގޮތްވިއެވެ.
“ދަރިފުޅު ބުރުގާ އެޅީތަ؟ ސުބްޙާނަ ﷲ!” ފަޒީލާ އަނގަމަތީގައި ދެއަތް އަޅައިލަމުން އެހެން ބުނުމާއިއެކު ފަލަކަށް އެދިމާލަށް ބަލައިލެވުނެވެ. ހަމަ އެވަގުތު އަފްޒަލްގެ ފަހަތުން ފެންނަމުން ދިޔަ ކޮޓަރިން ނޫރާ ވެސް ނިކުތެވެ.
“އޯ އެމް ޖީ ކޮން މަންޒަރެއް މި ފެންނަނީ؟ ބުރުގާ އެޅީތަ ފަލަކް؟” ނޫރާގެ މޫނުމަތި ވެސް އުޖާލާވެގެން ދިޔައެވެ.
އެންމެންގެ ސަމާލުކަން އޭނައަށް ލިބިގެން ދިޔުމުން ފަލަކް ލަދުގަންނަ ގޮތްވިއެވެ. އެހެންކަމުން އޭނައާއި އަމާޒުވި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ފަލަކަށް އިސްޖަހައިލަމުން ބޯޖަހައިލެވުނެވެ.
“ޤަބޫލުކުރަން ވެސް ދަތި އެބަވޭ! ނުވެސް ބުނަމެއްނު؟ ކޮން އިރަކު ބުރުގާއާއި ހެދުން ގަތީ؟” ނޫރާ ނުހަނު ޖޯޝާއިއެކީ ފަލަކްގެ ކައިރިއަށް ގޮސް އެހިއެވެ.
“މި ދިޔަ ހަފްތާގަ….” ފަލަކް ބުންޏެވެ.
“އޮހް….އެހެންވީމަ މާ ކުރިން ޚިޔާލު ކޮށްފިންދޯ؟ ސޯ ހެޕީ ފަލަކް! ފަލަކްއާއި ވަރަށް ބޮޑަށް އެބަ ގުޅޭ ބުރުގާ އެޅީމަ. ހާދަ ރީއްޗޭ!” ނޫރާ އެހެން ބުނެ އުފަލުން ގޮސް ފަލަކްގެ ގައިގައި ބައްދައިލިއެވެ.
އޭރުވެސް އަފްޒަލް އެސްފިޔަ ޖަހާލުމެއްނެތި ހުއްޓުން އަރާފައި އޭނައަށް ބަލަން ހުރުމުން ފަލަކަށް އުދަގޫވާ ގޮތްވިއެވެ. އެވަގުތު ފަޒީލާ ވާހަކަ ދެއްކުމުން ފަލަކަށް ހަމަޖެހުމެއް ލިބުނީ އެހެންވެއެވެ.
“ދެން ގަޑި ޖެހެނީއެއްނު ތި މީހުން ތި ދާން އުޅޭ ތަނަކަށް ދާން. އަފްޒަލް ނޭވާލާން ހަނދާން ނައްތާ ނުލައްޗޭ…” ފަޒީލާ ލާނެތް ރާގަކަށް ފަހު ޖުމްލަ ބުނެލި ގޮތުން އަފްޒަލަށް ހަމަހޭވެރިކަމެއް ލިބުނެވެ. އެއާއިއެކު އާނއެކޭ ބުނެ ދެންވެސް އެއްފަހަރު ފަލަކަށް ބަލައިލަމުން ދާންވީއޭ ބުނެ ހިނގައިގަތެވެ.
އަފްޒަލަށް އެ އައި ބަދަލާއިމެދު ފަލަކްގެ ހިތަށް އުފަލެއް ލިބުނެއްކަމަކު ޙައިރާންވެސްވިއެވެ. އުފާވީ އެތައް ދުވަހެއް ފަހުން އަފްޒަލް އޭނައާއި ހެދި ހިނިތުންވިހެން ހީވުމުންނެވެ. އަޖާއިބުވީ މި ހުރިހާ ދުވަހު އޭނައަށް ނުބަލަން އުޅޭ އަފްޒަލް އޭނައަށް ބަލަމުން ދިޔަ ވަރުންނެވެ.
އާދައިގެ މަތިން އޭނައަށްވުރެ ކުރިއަށް އަރައިގެން ކާރަށް އަރަން ދިޔައެއްކަމަކު އަފްޒަލް ފަސްއެނބުރި ވެސް އޭނައަށް ބަލައި ހިނިތުންވިއެވެ. އަދި ކާރަށް އެރުމަށްފަހު ވެސް އޭނަ ފެންނާނެހެން ފަހަތް ފެންނަ ލޯގަނޑު ދިމާކޮށް ދޭތެރެ ދޭތެރެއިން އޭނައަށް ބަލަމުން ދިޔައެވެ. އެކަމާއިމެދު އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި ފަލަކަށް އިނދެވުނެވެ. އަފްޒަލަށް އެ އައި ބަދަލުގެ ފަހަތުގައިވި ސަބަބެއް ނުވިސްނުމުންނެވެ.
އަފްޒަލަށް އައި ބަދަލާއިމެދު ޚުދު އަފްޒަލް އަމިއްލަ ނަފްސަށް ނުރުހުންވަމުން ދިޔައެވެ. ފަލަކާއި ދިމާލަށް ނުބެލުމަށް އެތައް ފަހަރެއްގެ މަތިން ސިކުނޑި ބުންޏެއްކަމަކު އެރޭ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގޭ ގޮތެއްނުވިއެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނަ ކޮށްގެން ހުރި އުއްމީދެއް ފުރިހަމަވުމުން ކަންނޭނގެއެވެ. އެ އުއްމީދު ފުރިހަމަވުމުގެ ނަތީޖާ އަންނާނީ ކިހިނެއްކަން އެނގި، ހިތަށް ލިބިފައިވި އުފާވެރިކަމެއްގެ ސަބަބުން ކަންނޭނގެއެވެ. ކާރު ދުއްވަމުން ދިޔަ ވަގުތު ހިނދުކޮޅަކަށް ވެސް އަފްޒަލްގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. އަދި އެ އުފާވެރި ޚިޔާލުތަކުގެ ތެރެއިން ހީލެވުނީ ވެސް ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
ކާރަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން އަފްޒަލް ހީލި އަޑަށް ފަލަކާއި ނޫރާ ވެސް އޭނައަށް ބަލައިލިއެވެ. ނޫރާ ވަގުތު ކިހިނެއްވީތޯ އެހިއެއްކަމަކު އަފްޒަލް ވަކި ޖަވާބެއް ނުދިނެވެ. އެއްކަލަ ލޯގަނޑުން އަފްޒަލް ނޫންކަމަށް ހަދައި ހުނުން ހުއްޓުވި ގޮތުން ފަލަކަށް ނެގުނީ މުޅިން ނުބައި މާނައެކެވެ.
އަފްޒަލް އޭނައަށް މަލާމާތް ކުރަނީތޯ ހިތަށްއެރިއެވެ. މި ހުރިހާ ދުވަސް ވަންދެން ކުރު ހެދުންތައް ލައި އުޅެފައި ކުއްލިއަކަށް ދިގު ހެދުމެއް ލައި ބުރުގާ އެޅުމުން، އޭނައަކީ ޢަޒުމެއް ނެތް މީހެއްކަމަށް އަފްޒަލް ޤަބޫލުކުރަނީ ހެއްޔެވެ؟ އެހެންނޫނީ އޭނަ ފަދައިން ބުރުގާ އެޅުމަކީ ފިރިހެނުންގެ ފަރާތުން އައި ކަމެއްކަމަށް އަފްޒަލަށް ޤަބޫލު ކުރެވިފައިވަނީ ހެއްޔެވެ؟ ފިރިހެނުންގެ ‘އަތްދަށަށް ދެވޭ’ ކަމެއް ކުރުމުން އަފްޒަލްގެ ޚިޔާލުތަކުގައި އޭނަ ދަށްވެގެން ދިޔައީ ހެއްޔެވެ؟
“ކިތަންމެ ވަރަކަށް ހުނުންތަކާއި މަލާމާތްތައް އަމާޒުވިޔަސް، ﷲ އަމުރު ކުރެއްވިކަމަކުން ދުރުވާކަށް ނުޖެހޭދޯ ނޫރާ؟” ފަލަކް އައި ރުޅީގައި އެހެން ބުނެލީ ދުރުދުރުން ކަމަށްވިޔަސް، އެ ވާހަކަ އަމާޒުވީ އަފްޒަލަށް ކަން އެންމެންނަށް އެނގުންވިއެވެ. އިސާހިތަކު އަފްޒަލްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.
“އެއީ މަލާމާތް ކުރީއެއް ނޫނޭ ފަލަކް. އަސްލު-“
އަފްޒަލްގެ ވާހަކަ ފުރިހަމަ ނުވަނީސް ފަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. ފަލަކް ވަގުތު އަތް ދަބަސް ތެރެއިން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ. ގުޅީ އެރޭ ނޫރާއާއި ބައްދަލު ކުރުވަން އުޅޭ ޑޮކްޓަރަށް ވުމުން ފަލަކް އުޖާލާވި ހިނިތުންވުމަކާއިއެކީ އެތަނަށް ދާން އުޅޭ ވާހަކަ ދެއްކިއެވެ. އެ ޑޮކްޓަރަކީ ފަލަކްގެ އެކުވެރިއަކަށްވުމުން ޙާލު އަހުވާލާއި ފަލަކްގެ މަސައްކަތުގެ ވާހަކަ ވެސް އިނގިރޭސި ބަހުން ދެކެވުނެވެ.
ކޯލު ނިމުމާއިއެކު އަނެއްކާވެސް ފަލަކްގެ ލޯ މައްޗަށް ނުރުހުންތެރިކަން ވެރިވެގެން ދިޔަ މަންޒަރު ފެނި، އަފްޒަލް ދެރަވާ ގޮތްވިއެވެ. ފަލަކް އޭނައަށް ނުރުހުންވެފައި ހުރިހެން ހީވުމުންނެވެ. އެވަގުތުން ވަގުތަށް ވެސް އަފްޒަލް ފަލަކާއި ވާހަކަ ދައްކައި ފަލަކްގެ ގޯސް ހީކުރުން ބަދަލު ކުރަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އެމީހުންގެ މަންޒިލާއި ހަމައަށް ދެވުމުން އެ އެދުން ފުރިހަމަވާ ގޮތެއް ނުވިއެވެ.
**
“ލޯބި ކަންބޮޑުނުވޭ. އަހަރެން 3 ވީކްސް ތެރޭ ހުންނާނީ މެލޭގަ….” ޒައުލް އެހެން ބުނެލީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ހުރި ގޮނޑީގައި އިނދެ އެ މޭޒަށް ދެފައި އަރުވައިގެން އިނދެއެވެ.
“ޔަޤީންތަ؟ ތި ބުނާ ދޮންބެއަކު ހައްލާލެވޭނެހެން ހިއެއްނުވޭ..” އެކޮޅުން އެންޖެލާގެ ރުޅިވެރި އަޑު އިވުނެވެ.
“ނޫން….އަހަރެން މި ރޭވީ ނާކާމިޔާބުވާނެ ރޭވުމެއް ނޫން. އަހަރުމެން ވީހާވެސް އަވަހަކަށް އެކީގަ އުޅުން އަހަރެންގެ އުއްމީދަކީ. އެންޖެލާގެ ކައިރީގަ. އެންޖެލާގެ އަތުތެރޭގަ..” ޒައުލް އެހެން ބުނެލީ ނުހަނު ލޯބިންނެވެ. އެ ވާހަކަތައް އިވިފައި އެންޖެލާގެ ރުޅި މަޑުވާނެ ކަމަށް ހީކުރަމުންނެވެ.
އެހެނަސް ބަދަލުގައި ޒައުލްއަށް ހުތުރު ބަސްތަކެއް އިވިގެން ދިޔުމުން ޚުދު ޒައުލްގެ ހިތަށް ވެސް އަސަރު ކުރިއެވެ. މިއީ އެންޖެލާ ޢާއްމު ގޮތެއްގައި ކުރާ ކަމަކަށް ވިޔަސް ޒައުލް އެކަމާއިމެދު ހިތްހަމަ ނުޖެހެއެވެ. އެކަމަކު އެއީ މައްސަލައަކަށް ނަހަދައި ސަމާސާއަކަށް ހަދައިލީ ވެސް ޚުދު ޒައުލްއެވެ. އެންޖެލާ ކަހަލަ ކުއްޖަކު ގެއްލުވައިލަން ބޭނުމެއް ނުވީތީވެއެވެ.
“ތިކަހަލަ ގަމާރަކަށް ތިކަން ކުރެވޭނެ ހެނެއް ހިއެއްނުވޭ. އެކަމަކު ބަލަމާދޯ ދެން؟ އަހަރެން ބުނި ފައިސާ ގެނެސްދެވޭތޯ ބަލައްޗޭ. އޭރުން ދެމީހުންނަށް އެކީގަ މިކޮޅުގަ ސެޓްލްވެވޭނީ.” އެންޖެލާ ބުންޏެވެ.
“އޮފްކޯސް ގެންނާނަމޭ ލޯބި. ހަނދާން އެބަހުރި…” ޒައުލް ބުންޏެވެ.
“އެހެންވިއްޔާ ރަނގަޅު. ދެން މިއުޅެނީ މިވަގުތު ބިޒީކޮށް. ލަވް ޔޫ.” އެންޖެލާ ވާހަކަ ކުރުކޮށްލަމުން ބުނެލިއެވެ. ޒައުލް ވެސް އެންޖެލާ ދެކެ ލޯބިވާ ވާހަކަ ބުނެ އަލްވަދާޢު ކިޔުމަށްފަހު ފޯނު ކަނޑައިލިއެވެ.
ފޯނު ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޒައުލް އެ މޭޒުމަތިން ނެގީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދޮންބެ ދިން ތާވަލެވެ. ހަފްތާ ނިމުނުއިރު އެ ތާވަލުގެ ހުރިހާ ގޮޅިއެއްގައި ޒައުލް ހެޔޮ ފާހަގަ ޖަހާފައިވިއެވެ. ބައެއް ނަމާދުތަކަށް އޭނައަށް ޖަމާޢަތަށް ނުދެވުމުން ދޮންބެ އޭނައާއި ސުވާލުކޮށްފައިވެއެވެ. އެ ސުވާލުތަކުގެ ޖަވާބަކަށް ޒައުލް ދެރަ މޫނެއް ދައްކާފައި ބުނެލަނީ އޭނަ ގޭގައި ނަމާދު ކުރި ކަމަށެވެ. ބައެއް ނަމާދުތައް އޭނަ ނާއިލާއި އެކީ ވެސް ގޭގައި ކޮށްފައިވެއެވެ. އޭނަގެ ބަސް ޤަބޫލު ނުކުރިޔަސް ދޮންބެ ނާއިލްގެ ބަސް ޤަބޫލު ކުރާނެކަން އެނގޭތީވެއެވެ.
ޒައުލްއަށް ހީވީ ރަނގަޅަށެވެ. ނާއިލްގެ ބަސް އިވުމާއިއެކު ދޮންބެ އޭނަ ދެން ބުނަން ފެށި ވާހަކަތައް ވެސް ޤަބޫލުކުރަން ފެށިއެވެ. އެހެންކަމުން އެ ތާވަލުގެ ގިނަ ފާހަގަތަކަކީ، އޭނަ ގޭގައި ނަމާދު ކުރި ކަމަށް ބުންޏަސް އަދާ ނުކޮށް ހުރި ނަމާދުތަކެވެ.
ތާވަލަށް ބަލަން އިނދެ ހިނދުކޮޅަކަށް ނަމަވެސް ޒައުލްގެ ހިތަށް އުދަގޫވާ ގޮތްވިއެވެ. މީގެ ދުވަސްތަކެއް ކުރިން ނަމާދާއި މެދު ދޮގެއް ހެދުން ކީއްކުރަން ހެއްޔެވެ؟ ނަމާދެއް ދޫވެ ޤަޟާ ނުކުރުމަކީ ވެސް އޭނައަށް ދަތިވެފައިވި ކަމެކެވެ. މިއަދު އޭނައަށް މި ބަދަލު އައިސްފައިވަނީ ކީއްވެތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ.
ހަމަ އެވަގުތު ޝައިޠާނާ އޭނައަށް އުދަގޫކުރުވި އެ ސުވާލަށް ޖަވާބުދިނެވެ. އޭނަ ކޮންމެހެން ނަމާދު ކުރަންވީ ކީއްވެގެންތޯ ހިތަށްއެރިއެވެ. އިސްލާމް ދީނަކީ ޙަޤީޤީ ދީނެއްކަން އެނގެނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނަ މި ހުރިހާ ދުވަސްވަންދެން ނަމާދުކުރީ ހަމައެކަނި ދޮންބެ ބުނާތީވެއެވެ. ދޮންބެ ﷲ ސިފަކޮށްދޭއިރު، ﷲ ވޮޑިގެންވާހެން ހީވެއެވެ. އެހެނަސް އޭނައަށް އެކަން ޔަޤީނެއް ނޫނެވެ. އެންޖެލާ ބުނާހެން ނުފެންނަ ކަމެއް ކޮންމެހެން ޤަބޫލު ކުރާކަށް ނުޖެހެއެވެ. އެންޖެލާގެ ވެސް ހުންނަނީ ދީންތަކާއި މެދު ފަރުވާ ކުޑަ ވިސްނުމެކެވެ.
ދީނާއިމެދު ގޯސްކޮށް ވިސްނުމުން ވެސް ޒައުލްގެ ހިތަށް އުދަގޫވިއެވެ. ދޮންބެއަށް މިކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަ މިއުޅެނީ ދޮންބެއާއި މާ ދުރަށް ދާކަށް ނޫންތޯ ހިތަށްއެރިއެވެ. އެކޮޅަށް ގޮސް އެންޖެލާއާއި ގުޅި، ދިރިއުޅުމެއް ފަށައިގެން ނޫނީ އޭނަ ދޮންބެއަށް ޚަބަރެއް ވެސް ނުވާނެއެވެ. ދޮންބެއާއި ދުރުގައި އޭނައަށް ބޭނުންހާ ގޮތަކަށް ބޭނުން ޒާތެއްގެ ދިރިއުޅުމެއް އުޅެވިދާނެތާއެވެ.
އެ ޚިޔާލުން ޒައުލް ހަމަޖެހުން ހޯދީ، އޭނަގެ ޚިޔާލުތަކުގެ ތެރެއިން އޭނަ ދާން އުޅޭ އަނދިރި މިޞްރާބު ޒީނަތްތެރި ކުރަމުންނެވެ.
**
ޑޮކްޓަރ ކައިލާއާއި ނޫރާ ބައްދަލު ކުރުވުމަށް ޚުދު ފަލަކްވެސް ޑޮކްޓަރ ކައިލާގެ ރޫމަށް ވަނެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ނޫރާ ހުރީ ކައުންސެލިންގް އާއި މެދު ނުތަނަވަސްވެފައި ކަމަށްވުމުންނެވެ.
ކުރީކޮޅު ނޫރާ ވަނީ ކައުންސެލިންގް ހޯދުމަށް މުޅިން ވެސް އިންކާރު ކޮށްފައެވެ. އެފަދަ ތަނަކަށް ދިޔުމަށް އޭނައަކީ ސިކުނޑި ގޯސް މީހެއް ނޫންކަމަށް ބުނަމުންނެވެ. އެހެނަސް ފަލަކް ނޫރާއަށް ވިސްނައިދިނެވެ. ކައުންސެލިންގްއަށް ދަނީ ވަކި މޮޔަ މީހުން ނޫންކަމަށް ބުނެދެމުންނެވެ. ޚުދު ފަލަކް ވެސް ދޭތެރެ ދޭތެރެއިން ޑޮކްޓަރ ކައިލާއާއި ބައްދަލުކުރަންދާ ވާހަކައެވެ. އޭގެ ސަބަބުން އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވަން ފަސޭހަވާ ވާހަކައެވެ.
ނޫރާ ކިރިޔާ ވެސް ކައުންސެލިންގްއަށް ދިޔުމަށް އެއްބަސްވީ، އޭގެ ސަބަބުން ނާއިލަށް ވެސް އިތުރު ސަމާލުކަން ދެވި، ނާއިލްއާއި އެކީ އުފާވެރި ވަގުތުތައް ހޭދަވުމަށް މަގުފަހި ވާނެ ކަމަށް ބުނުމުންނެވެ. އަދުހަމް ވަކިވެ ދިޔަފަހުން ނޫރާ ނާއިލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައް ނޫން އެހެންކަމެއް ނުކުރެވޭ ކަމަށް ނޫރާ ވެސް އެއްބަސްވެއެވެ. އަދުހަމް މަތިން ހަނދާންވެ ދޭތެރެދޭތެރެއިން ރޮވޭތީވެސްމެއެވެ.
ފަލަކް ނޫރާގެ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ޑޮކްޓަރ ކައިލާއަށް ނޫރާ ތަޢާރަފުކޮށްދިނެވެ. އަދި ޑޮކްޓަރާއި މެދު ނޫރާއަށް ދެތިން ސަމާސާ ވާހަކަ ވެސް ކިޔައިދިނެވެ. ތިން މީހުން އެކީގައި ހުނުމުގެ ވަގުތުކޮޅެއް ހޭދަކުރެވުމުން، ނޫރާ ހަމަޖެހުނުހެން ފަލަކަށް ހީވިއެވެ. އެހެންކަމުން ފަލަކް ދެން މާ ގިނައިރެއް ނުކޮށް އެ ރޫމުން ނިކުތެވެ.
ރޫމުން ނިކުމެ ރިސެޕްޝަން އޭރިއާއަށް ދިޔައިރު، އެތާ ހުރި ދިގު ސޯފާގައި އަފްޒަލް އިން މަންޒަރު ފަލަކަށް ފެނުނެވެ. އޭނަގެ ފިޔަވަޅުތަކުގެ އަޑަށް އަފްޒަލް އޭނައާއި ދިމާލަށް ބަލައިލުމުން ފަލަކް ކުޑަ ގޮތަކަށް ހުއްޓުން އަރާ ގޮތްވިއެވެ. އަފްޒަލް އެކަން ފާހަގަވީ ފަދައަކުން ދުރު ބަލަން ފެށިއެވެ. އެއާއިއެކު ފަލަކް އެދިމާލަށް ދާން ފެށީ، އެތާ އެހެން ސޯފާއެއް ހުރިތޯ ދުރުދުރަށް ނަޒަރު ދެމުންނެވެ. އެހެނަސް އިތުރު ސޯފާއެއް ފެންނަން ނެތުމުން ފަލަކް އަފްޒަލް އިން ސޯފާގެ އެންމެ ކޮޅުގައި އިށީނެވެ.
އެއާއިއެކު ދެމީހުންނަށް ތިބެވުނީ ދިގު ސޯފާގެ ދެކޮޅުގައެވެ. ސޯފާގެ ކުރިމައްޗަށްވާ ގޮތަށް ބޮޑު މަސް ޓޭންކެއް ހުރުމުން، ފަލަކަށް ވާހަކަ ނުދައްކައި އިނުމަށް ރަނގަޅު އުޒުރެއް ލިބުނެވެ. އަފްޒަލް ވެސް މަންޒަރު ބަލައިގެން ވަކި އެއްޗެކޭ ނުބުނެ އިނދެދާނެކަމަށް ފަލަކަށް އުއްމީދު ކުރެވުނެވެ. އެހެނަސް….
“އޭރު….އަހަރެން ފަލަކަށް މަލާމާތް ކުރީއެއް ނޫނޭ. އެކަހަލަ އެއްޗެއް ހިތަކަށް ވެސް ނާރާ…” އަފްޒަލް ބުނި އަޑު ފަލަކަށް އިވުނެވެ.
އެއާއިއެކު ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު ޒާތަކަށް އިސްޖެހިފައި އިން އަފްޒަލްގެ މޫނުމަތީގައިވި މާޔޫސްކަން ފަލަކަށް ސާފުކޮށް ފެނުނެވެ. އެހެނަސް އާދައިގެ މަތިން ފަލަކް އޭނަގެ ނުބައި ހީކުރުމުގައި ހިފަހައްޓަން ބޭނުންވިއެވެ. ފިރިހެނަކު ބުރުގާ އަޅާ އަންހެނަކާއި ދިމާލަށް ހޭންވީ އެހެން ސަބަބެއް ނޯންނާނެ ކަމަށް ސިކުނޑި ހަރު އަޑުން ބުންޏެވެ. ވާނީވެސް އެހެންތާއެވެ. މުޅި ޢުމުރު ދުވަހު އޭނައަށް ފިރިހެނުންނާއި މެދު ވިސްނިފައިވަނީ އެފަދަ ގޮތަކަށެވެ.
“ދެން ކީއްވެ އެހެންވީއިރު ހަމަ އެވަގުތު ހެވުނީ؟” ފަލަކް ކިތަންމެ ބޭނުމެއް ނުވިޔަސް އެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ.
“ފަލަކް ބުރުގާ އެޅީމަ އަހަރެން އުފާވީ ވަރުން ހެވުނީ…” އަފްޒަލް ބުންޏެވެ.
އިވުނު އެއްޗެއް ޤަބޫލުކުރަން ވެސް ދަތިވުމުން އަފްޒަލް ސަމާސާއެއް ކުރަނީއޭ ހިތައި ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. އެހެނަސް އެ މޫނުމަތިން ސީރިއަސްކަން ފެނިފައި ފަލަކަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނެވެ.
“ޑޫ ޔޫ ހިއާރ ޔުއާރސެލްފް؟ އަހަރެން ބުރުގާ އެޅީމަ ކޮންމެހެން އަފްޒަލް އުފާވާންވީ ކީއްވެ؟” ފަލަކަށް ހަމަ އެ ނުރުހުންތެރިކަމުގައި އަހައިލެވުނެވެ. އޭނަ ފިރިހެނުންނަށް އަޅުވެތިވަނީ ކަމަށް ހީކުރަނީތޯ ފަލަކަށް ހިތާހިތުން އަފްޒަލް ކުރެން ސުވާލު ކުރެވުނެވެ.
“އެއްވެސް މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅަކަށް ކިޔަމަންވާ މަންޒަރު ފެނުމަކީ އަހަންނަށް އުފަލެއް ލިބޭ ކަމެއް…” އަފްޒަލް މަޑުމައިތިރި އަޑަކުން ބުނެލި ވާހަކައިން، ފަލަކްގެ ހިތުތެރޭގައި ހަރުވެފައިވި އަޑުތައް އެއްފަހަރާ ހިމޭންވެގެން ދިޔައެވެ. އޭނައަށް މި އިވެނީ ހަމަ ރަނގަޅަށްތޯ ހިތަށްއެރިއެވެ. ކައިރީގައި މިހިރަ ފިރިހެން މީހާއަށް ބުރުގާގެ އަސްލަކީ ކޮބައިކަން އެނގެނީ ހެއްޔެވެ؟
“ތެދުތެދަށް ބުނަންޏާ އަހަރެން އުފާވި ހަމައެކަނި ސަބަބަކީ އެއީއެއްނޫން. މި ހުރިހާ ދުވަހު ފަލަކްއާއި ކައިވެނި ކުރުމާއިމެދު އަހަރެން ހުރީ ދެ ޚިޔާލެއްގެ މަތީގަ. އަހަރުމެން ދެމީހުންގެ ވެލިއުސްތައް މާ ބޮޑަށް ތަފާތުހެން ހީވާތީ ކައިވެނި ނުކުރަން ނިންމައިގެން އަހަރެން ހުރީ. އެކަމަކު މިރޭ މި ފެނުނު މަންޒަރުން އަހަރެންގެ ޚިޔާލު އަނެއްކާވެސް ބަދަލުވާން ފަށައިފި…”
އަފްޒަލް އެ ވާހަކަ ބުނެ، ފަލަކަށް ބަލައިލުމާއިއެކު ފަލަކްގެ ލޯ ބޮޑުވެ، ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެން ފެށިއެވެ.
ނުނިމޭ
Someher
May 23, 2023 @ 7:04 am
Next part Kon dhuvahakun??