ޤަދަރު (އެއްތިރީސްވަނަ ބައި)
އާދައިގެ މިނެއްގައި އޮމާންކޮށް ގުޅެމުން ދިޔަ ބަސްތައް ކިޔަމުން ދިޔަހެން ފަލަކް އޮޅުން އަރާ ގޮތްވިއެވެ. އަފްޒަލް ލިޔެގެން މިއުޅެނީ ކޮން ކަހަލަ މެސެޖެއްތޯ ހިތަށްއެރިއެވެ. އެހެނަސް އެ ޖުމްލަ އެއްކޮށް ފުރިހަމަވެގެން ދިޔަ ހިނދު، ފަލަކްގެ ނޭވާ ކަރުގައި ތާށިވެގެން ދިޔައެވެ. ފާރުގައި ބޮޑު އަކުރުން ލިޔެވިގެން ދިޔަ ޖުމްލައަކީ، “ވިލް ޔޫ މެރީ މީ، ފަލަކް؟” އެވެ.
ފަލަކް ހުއްޓުން އަރާފައި ވަނިކޮށް ވާތްފަރާތުން ލަސް ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ފަލަކް އެ ދިމާލަށް ބަލައިލިއިރު އަފްޒަލް ތަނަށް ވެރިވެފައިވި ފަނޑު އަލީގެ ތެރެއިން ފަލަކްގެ ގާތަށް އަންނަނީއެވެ. ފަލަކާއި ގާތްވަމުން ދިޔަދިޔަހެން ފާރުގައި އެޅިފައިވި އަކުރުގެ ސަބަބުން އިތުރު އަލިކަމެއް އަފްޒަލްގެ މޫނަށް އެޅިގެން ދިޔައެވެ. އަފްޒަލް އެހާ ހިސާބުގައި ހުއްޓިލިއެވެ. އަދި ފަލަކަށް ބަލަން ހުރެފައި ކުއްލި ގޮތަކަށް ހީލިއެވެ. އެހިނދު ފަލަކަށް ވެސް ލިބުނީ ސިހުމެކެވެ.
“ދުވަހެއްގެ ކޮޅުން ވެސް ހިތަކަށް ނާރާ އަހަރެން މިހާ ކްރިއޭޓިވްކޮށް ޕްރޮޕޯސް ކުރާނެ ކަމަށް. އެކަމަކު ކޮށްލެވުނީތީ އުފާވެއްޖެ. ހެހެ….” އަފްޒަލް ފަލަކާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައި ތަކުރާރުކޮށް ހެމުން ދިޔަ ގޮތުން އޭނަ ނުތަނަވަސްވެގެން އުޅޭކަން ޚުދު ފަލަކަށް ވެސް އެނގުންވިއެވެ.
އެހިނދު މި ހުރެވެނީ ހުވަފެނެއްގައިތޯ ހިތަށްއެރިއެވެ. މިފަދަ މަންޒަރުތައް އޭނައަށް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ފިލްމުތަކުންނެވެ. މުށްބާރު ކުރުމެއްނެތި އަންހެން ކުއްޖާގެ ވެސް އެދުމާއިއެކީ ކައިވެނި ކުރަން ބޭނުންވާ ފިރިހެނުން ހަމަ އުޅެނީ ހެއްޔެވެ؟ އެހެންނޫނީ މިއީ އަފްޒަލް އޭނަ ހައްލާލަން ދައްކާލާ ދަޅައެއް ހެއްޔެވެ؟ އެހެނަސް އަފްޒަލަކީ އެކަހަލަ މީހެއްހެން ހިއެއް ނުވެއެވެ.
“ޖަވާބެއް ނުދޭނަންތަ؟” ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން އަފްޒަލް ސުވާލުކުރިއެވެ. އެހިނދު ވެސް އެ ލޯމަތިން އުފާވެރި ޖަޒުބާތުތައް ފުރެމުން ބަންޑުން ވާ ކަހަލަ އަސަރެއް ފެނުނެވެ.
އެވަގުތު ފަލަކްގެ ލޮލުން ކަރުނަތައް ހިލުނީ ކީއްވެކަމެއް ހަމަ އެއްގޮތަކަށް ވެސް އޭނައަށް ދޭހައެއް ނުކުރެވުނެވެ. އެވަގުތު ހިތުތެރޭގައި އުފެދިފައިވީ ދުވަހަކުވެސް އޭނައަށް ތަޖުރިބާ ނުކުރެވޭ ފަދަ ހައިޖާނެކެވެ. ކުރިމަތިން މި ފެންނަމުން ދިޔަ ޒުވާނާ އޭނަގެ އެންމެ އާނއަކުން އޭނަގެ މުޅި ޙަޔާތް އުފާވެރިކަމުން ފުރުވާލާނެ ކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް ހަމަ އެ ވަގުތު އެ ހިތް ވަށާލެވިފައިވި ބިރުވެރިކަން ވެސް އެހާ ބޮޑެވެ.
މި ވަގުތު އޭނައަށް ކުރެވެމުން މިދާ އުފާވެރި އިޙްސާސުގެ އަވައިގައި ޖެހިއްޖެނަމަ، އޭނަގެ މުޅި ދިރިއުޅުން ބަރުބާދުވުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ބުނެ ސިކުނޑި ހަޅޭއްލަވަމުން ދިޔައެވެ. އުފާވެރި ޙަޔާތެއްގެ އުއްމީދުގައި ކައިވެންޏަކަށް އާނއެކޭ ބުނަނީ ކިތައް އަންހެނުން ހެއްޔެވެ؟ އާނއެކޭ ބުނެވެނީ ހަމަ އެވަގުތު އެ އަންހެން ކުއްޖަކާއި ދިމާވެފައިވާ ފިރިހެން ކުއްޖާ ކަމުދާތީވެއެވެ. އެހެނަސް އެންމެ ފަހުން އެ އަންހެން ކުދިންގެ ޙަޔާތް ނަރަކައަކަށް ހަދާލަނީ ވެސް ހަމަ އެ ފިރިހެނުންނެވެ. އޭނަގެ މަންމައަށް ވެސް ވީ އެހެންނެވެ. އަދި ހަމަ އެހެންމެ އެފަދަ އެތައް ޙާދިސާތައް އޭނަގެ ހަމަ ލޮލަށް ވެސް ފެނިފައިވެއެވެ.
“ނޫން…” ލޮލަށް ސިފަވެގެން ދިޔަ އެތައް ނުބައި މަންޒަރުތަކާއިއެކީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ފަލަކަށް ބުނެވުނެވެ. ހަމަ އެއާއިއެކު އޭނައަށް އިސްއުފުލައިލެވުނީ، ކުޑަ ބަހަކުން އޭނައަށް މި ކޮށްލެވުނީ ބޮޑު ކަމެއްހެން ހީވުމުންނެވެ.
އެހިނދު ފަލަކަށް ހީވި ފަދައިން، އަފްޒަލްގެ މޫނުމަތިގެ ކުލަވަރު ލަސްލަހުން މިލައިގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ލޯމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ އަސަރު، ވޭނީ އަސަރަކަށް ބަދަލުވެގެން ދިޔައެވެ. އެއާއިއެކު ފަލަކަށް ވާހަކަ ދެކެވުނެވެ.
“ނޫނެކޭ މިބުނީ….ކޮންމެހެން އަފްޒަލާއި މެރީ ނުކުރާނެ ވާހަކައެއް ނޫން. އިޓްސް ޖަސްޓް….އައިމް ނޮޓް އިންޓު މެރިއޭޖް. އަފްޒަލްއަކީ ގޯސް މީހެއް ނޫންކަން އެނގޭ. އަފްޒަލް ތިއީ ވަރަށް ރަނގަޅު މީހެއް. އަހަރެންގެ މަޤާމުގަ އެހެން އެއްވެސް އަންހެން ކުއްޖަކު ހުރިނަމަ އަފްޒަލަށް އާނއެކޭ ބުނާނެކަން ޔަޤީން. އިން ފެކްޓް އަހަރެން ވެސް އާނއެކޭ ބުނަން ބޭނުން….އެކަމަކު މިވަގުތު އަހަންނަށް އާނއެކޭ ބުނެވޭކަށް ނެތް…” ފަލަކް މާ ބޮޑު ވިސްނުމެއްނެތި ދެއްކިހާ ވާހަކަތަކުގެ ފަހަތުގައިވީ އޭނަގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވި އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ.
އޭނަގެ ވާހަކައިގައި އެއްވެސް ބަރުދަނެއް ނެތް ހިނދު އޭނަ އަފްޒަލަށް ދިން ޖަވާބު ވެސް ސާފެއް ނޫންކަން ފަލަކަށް މާ ރަނގަޅަށް ވެސް އެނގުނެވެ. އެހެނަސް އެވަގުތު އޭނަ ހުރީ އިތުރަށް ވާހަކަ ދެކެވޭނެ ފަދަ ޙާލެއްގައެއް ނޫނެވެ. ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައިރު، އެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވަމުން ދިޔައެވެ.
“އެހެންވީމަ….ފަލަކްގެ ޖަވާބަކީ ނޫންކަމަށްދޯ އަހަރެން ބަލަންވީ؟” އަފްޒަލް އެ ސުވާލުކޮށްލި ހިނދު، އެ އަޑުގައިވި ވޭން ފަލަކަށް ސާފުކޮށް އިވުނެވެ. އެހިނދު އަފްޒަލަށް ބަލައިލިއިރު އެ ލޯ މަތިން ފެނުނު ކުލަވަރުން ފަލަކްގެ ހިތަށްވެސް ތަދުވިއެވެ.
“ނޫނެކޭ ނުބުނަން. އަހަ-“
“އަންހެން ކުއްޖެއްގެ ނިޔަތްތައް ދަނެގަތުމަށް އަހަރެން އެހާ މޮޅެއްނޫން ފަލަކް. ފަލަކް ތިގޮތަށް ވާހަކަ ދައްކަންޏާ އަހަންނަށް ދެންވެސް މޮޔައެއްހެން ފަލަކްގެ ޚިޔާލު ބަދަލުކުރަން މަސައްކަތް ކުރެވޭނެ. ފަލަކް މި ވޭތުވި ދުވަސްތަކުގެ ތެރޭގަ ކަންތައް ކުރި ގޮތުން ވެސް އަހަރެން ފަލަކާއި ދުރުކުރުވަން އުޅުނުހެން ހީވި. ތިމަންނައާ ނުއިންނާށޭ ބުނަން އުޅުނުހެން ހީވި. އެކަމަކު ދެންވެސް ހެޔޮކޮށް ވިސްނައިގެން އަހަރެން މިހާ ހިސާބަށް މިއައީ. މިއީ ކަންނޭނގެ އަހަރެންގެ މައްސަލައަކީ….އެންމެ ފަހު ވަގުތު އަންހެން ކުއްޖާ އަހަންނަށް ފަސްދީފައި އެހެން މީހަކާއިއެކީ ދަންދެން އަހަންނަށް ހުރެވިދާނެ ހެޔޮ އުއްމީދުތަކުގަ…” އަފްޒަލް ރޫރޫ އަޅާ އަޑަކުން ވާހަކަ ދެއްކީ ޚުދު އަމިއްލަ ނަފްސަށް އަމާޒުވެފައިވި ނުރުހުންތެރިކަމާއި އެކީގައެވެ.
އެކަން ވެސް ފަލަކަށް މާ ރަނގަޅަށް ވެސް ދޭހަ ކުރެވުނެވެ. އެހިނދު ފަލަކްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަފްޒަލް އެވަގުތު އޭނަގެ ސަބަބުން އެ ވަނީ ކިހާ ބޮޑު ވޭނެއްގައިކަން އެނގުންވުމުންނެވެ.
“ކޮންމެ ގޮތެއްވިޔަސް އަހަންނަށް އަހަރެންގެ އެ މިޒާޖު ބަދަލު ކުރެވިދާނެހެން ހިއެއްނުވޭ. އަހަންނަކީ އެހާ ފަސޭހައިން މީހުންނާއިމެދު އުއްމީދު ކަނޑާލާ މީހެއްނޫން. ގުޅުންތަކާއިމެދު އުއްމީދު ކަނޑާލާ މީހެއްނޫން….އެހެންވީމަ އަހަރެން ފަލަކަށް ވަގުތުދޭނަން. ފަލަކް އަމިއްލަ ރަށަށް އަނބުރާ ދަންދެން. މީހުން ބުނާ ބަސްތަކަށްވުރެ އެމީހުންގެ ޢަމަލުގެ ތެދުވެރިކަން މާ ބޮޑުވާނެކަމަށް އަހަރެން ޤަބޫލުކުރަން. ފަލަކް އަހަންނަށް ޖަވާބެއް ނުދީ އަނބުރައި ގޮއްސިއްޔާ….އެއީ ވަރަށް ސާފު ޖަވާބެއްގެ ގޮތުގަ އަހަރެން ބަލައިގަންނާނަން. އަސްލު ބޮޑަށް ރަނގަޅީ ވީހާވެސް އަވަހަކަށް އަދި ވީހާވެސް ސާފުކޮށް ފަލަކް ބޭނުންވާ ގޮތް އަހަންނަށް އަންގާލަ ދިނިއްޔާ….އެކަމަކު އަހަރެން ފަލަކް ލައްވާ ގަދަކަމުން ވެސް ޖަވާބެއް ހޯދާކަށް ބޭނުމެއްނޫން….” ކުރުވެފައިވާ ނޭވައަކާއިއެކީ އަފްޒަލް ދިގުކޮށް ވާހަކަ ދެއްކިއެވެ. އޭނަ ބުނެލި ކޮންމެ ޖުމްލައަކީ ހިތުގެ ތެރެއިން އައި ވޭނީ އާހެއް ފަދައެވެ.
ފަލަކަށް ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައި އަފްޒަލަށް ބަލަން ހުރެވުނެވެ. ދާދި ދެންމެއަކު ނުހަނު އުފަލާއިއެކީ އޭނައަށް ބަލަން ހުރި އަފްޒަލް ވަނީ އޭނައާއި ހަތަރުކަޅި ހަމަކުރަން ވެސް ބޭނުން ނުވެފައެވެ. އަފްޒަލް ދުރު ބަލަމުން ގޮސް އެންމެފަހުން އޭނައަށް ފަސްދިނީ، އަފްޒަލް ދެރަވެފައިވި މިންވަރު ފޮރުވަންކަން ވެސް ފަލަކަށް އެނގުނެވެ.
އަފްޒަލް ލޯ މަތިން ގެއްލިގެން ދިޔަދިޔަހެން ފަލަކަށް ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ ފަދަ އުދަގޫތަކެއްވިއެވެ. އެހެން މީހެއްގެ ޖަޒުބާތުތަކުގެ ސަބަބުން އޭނައަށް މިހާ ބޮޑު އަސަރެއް މި ކުރަނީ ފުރަތަމަ ފަހަރެވެ.
**
ކްރިސްޓަލް ޢިމާރާތުން ނިކުމެގެން ދިޔަ ގޮތަށް ގޮސް އަފްޒަލް އެރީ އެތާ ޕާކް ކުރެވިފައި އޮތް އޭނަގެ ކާރަށެވެ. ކާރު ސްޓާޓް ކުރި ވަގުތު އޭނަ ދާނީ ފަލަކް ބަހައްޓާފައިތޯ ހިތަށްއެރިއެވެ. ފަލަކް ގޮވައިގެންދާން އެވަގުތު ވެސް ހިތް އެދުނެވެ. އެހެނަސް ފަލަކް އޭނައަށް ދިން ނުސާފު ޖަވާބުން ހިތަށް ތަދުވެފައިވިއެވެ. އެކަން ފަލަކަށް ދައްކަން އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން އަފްޒަލް ކާރު ދުއްވައިލީ، ފަލަކާއި ދުރަށް ދާ ވަރަކަށް ފަލަކްގެ ޚިޔާލުތަކުން ވެސް ދުރުވެވިދާނެކަމުގެ އުއްމީދުގައެވެ.
އެހެނަސް އެ ޢިމާރާތާއި ދުރަށް ދިޔަދިޔަހެން އަފްޒަލްގެ ވޭނީ ޖަޒުބާތުތަކުގެ ވަކިތައް އިތުރަށް ހިތުގައި ހިފުން ނޫންކަމެއް ނުވިއެވެ. ފަލަކާއި އެކީ އޭނަ ހޭދަކުރި ކިތަންމެ އުފާވެރި ވަގުތުކޮޅުތަކެއް ވިޔަސް، އެވަގުތު މުޅިންހެން ހަނދާންވަމުން ދިޔައީ ފަލަކް ނޫނެކޭ ބުނި ހަނދާނެވެ.
އަފްޒަލް މިރޭ އެ ތައްޔާރީތައް އިންތިޒާމް ކުރީ ހާދަ ފޮނި އުއްމީދުތަކާއި އެކީގައެވެ. ފަލަކް އޭނައަށް އާނއެކޭ ނޫނީ ނުބުނާނެ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރެވިފައިވިއެވެ. އެހެނަސް އެންމެ ފަހުން މިވީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އުއްމީދުތައް ވެއްޔާއި މޮޑެވިގެން ދިޔައީއެވެ. އޭނަގެ ޙަޔާތުގެ ސިލްސިލާގެ ޤަވާޢިދަކީ އެއީ ފަދައެވެ.
އެހިނދު އަނެއްކާވެސް މީގެ 6 އަހަރު ކުރިން ހިތަށް ވެރިވި އިޙްސާސްތައް އަނބުރައި އައެވެ. ﷲ ގެ ތަޤްދީރާއިމެދު ސުވާލު އުފެދުނެވެ. ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށްޓަކައި އޭނަ ދުޢާ ކުރާތާ މިއީ ކޮން ދުވަހެއް ހެއްޔެވެ؟ އޭނަ ވަނީ އެއްފަހަރު އެ ނިޢުމަތުން މަޙްރޫމްވުމުން އެކަމާއިމެދު ވެސް ހިތްހަމަޖައްސައި ޙަމްދުކޮށްފައެވެ. އެއަށްފަހު ވެސް އޭނަ މި ޖެހުނީ ހަމަ އެފަދަ ކަމަކުން އަރައިގަންނަން ހެއްޔެވެ؟
އެ ސުވާލު ހިތަށް ވެރިވުމުން، އެ ހިތް ވަރުބަލިވާ ގޮތްވިއެވެ. ﷲ ގެ ތަޤްދީރާއިމެދު އަނެއްކާވެސް ހިތުގައި ޝަކުވާ އުފެދޭ ގޮތްވިއެވެ. ހަމަ އެއާއިއެކު އެ ހިތުގައިވި އީމާންތެރިކަމުގެ ސަބަބުން، އެ ޝައްކު ކުރުމާއިމެދު އިންޒާރެއް ވެސް އައީ ޚުދު އެ ހިތު ތެރެއިންނެވެ. ﷲ ގެ އިރާދައާއިމެދު ޝައްކު ކުރުމަކީ، އޭނަ އަނދަވަޅަކަށް ވައްޓާލާނެ ފަދަ ޝައްކެއް ކަމަށް ހިތް ބުންޏެވެ.
ހަމަ އެއާއިއެކު އެ ޝައްކުން ދުރުވެލުމަށްޓަކައި އަފްޒަލް ކާރުގެ ޑޭޝްބޯޑުގައި ހުރި ސްކްރީނުން، އޭނަ އެންމެ ފަހުން އަޑުއަހަން ޖައްސާފައިވި ސޫރަތް ޕްލޭއި ކޮށްލިއެވެ. އެއީ ސޫރަތް ޔޫސުފްގެ އިނގިރޭސި ތަރުޖަމާ ކަމަށްވުމުން ކޮންމެ އާޔަތަކަށްފަހު އެ އާޔަތުގެ މާނަ ވެސް އިވެމުން ދިޔައެވެ.
ޔޫސުފް ސޫރަތަކީ ޤުރުއާނުގެ ތަރުޖަމާ އަމިއްލައަށް ބަލަން ފެށި ފަހުން އަފްޒަލަށް ނުހަނު ރީތިވި ސޫރަތެކެވެ. އޭނަ ޤުރުއާން އުނގެނެން ފެށީ، ލީނާ އޭނަގެ ޙަޔާތް އެފުށްމިފުށަށް ޖަހައި ދޫކޮށް ދިޔަ ފަހުންނެވެ. އޭނަ އެ ހިތާމައިގައި ވަނިކޮށް ޤުރުއާން ތަފްސީލުކޮށް އުނގެނުމަށް ނަސޭޙަތްތެރިވީ ގާތް އެކުވެރިއެކެވެ.
އެ ނަސޭޙަތާއިއެކީ، ޤުރުއާނުގައި ދެކެވިފައިވާ ވާހަކަތައް ދަނެގަންނަން ބޭނުންވި ވަރުން، އަފްޒަލް ޤުރުއާނުގެ ތަރުޖަމާ ކިޔައި، އަޑުއަހަން ފެށިއެވެ. އެ ފަދައިން ކިޔަމުން އަޑުއަހަމުން ދާތާ އަހަރުތަކެއްވުމުން، ޢަރަބި ނޭނގުނަސް މިވެނި އާޔަތަކުން ދެކެވެނީ މިވެނި ވާހަކައެއްކަމަށް ގިނަ އާޔަތްތައް އަޑުއަހާފައި އަފްޒަލަށް އެނގެއެވެ. މިހާތަނަށް އައިއިރު ގިނަ ސޫރަތްތައް ދަސްވެފައި ވިޔަސް އަދިވެސް އެންމެ ރީތީ ޔޫސުފް ސޫރަތެވެ. ޔޫސުފްގެފާނުގެ ޙަޔާތްޕުޅުން އޭނައަށް ހިތްވަރެއް ލިބޭތީވެއެވެ.
އެހެނަސް އެވަގުތު އެ ސޫރަތުގެ ތަރުޖަމާ އިވެމުން ދިޔައެއްކަމަކު ހިތްވަރެއް ލިބޭ ގޮތެއް ނުވިއެވެ. އެ ވާހަކައިން ވާގޮތް ހަނދާނުގައި ހުއްޓަސް، އޭނައަކީ ޔޫސުފްގެފާނު ފަދައިން މާ ބޭކަލެއް ނޫންކަމަށް ހިތުގެ ކަނަކުން ގޮވަން ފެށިއެވެ. ވީއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނަގެ ޙަޔާތަށް އެފަދަ އުފާވެރި ނިމުމެއް ގެންނަވަންވީ ސަބަބަކީ ކޮބައިތޯ ހިތަށްއެރިއެވެ.
ނާއުއްމީދީ އަނދިރިކަމެއް މުޅި ޖިސްމަށް ވެރިވެގެން ދިޔަ ހިނދު އިވިގެން ދިޔަ އާޔަތުން އަފްޒަލްގެ ހުރިހާ ޚިޔާލުތަކަށް ހުއްޓުމެއްއައެވެ.
وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ
“އަދި اللَّه ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ކާފިރުވި މީހުން މެނުވީ، اللَّه ގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެއެވެ.”
އެ ބަސްތައް އިވިގެން ދިޔަދިޔަހެން އަފްޒަލްގެ ލޯ ކަރުނުން ފުސްވެގެން ދިޔައެވެ. އެ ބަސްތަކަކީ އަމިއްލަ ދަރިފުޅު ނުފެނި އެތައް އަހަރެއް ވޭތުވި ޔައުޤޫބް ޢަލައިހިއްސަލާމްގެ ބަސްފުޅުކަން ހަނދާންވުމުންނެވެ. އެއީ އެހެން މީހަކު އެކަލޭގެފާނަށް ދިން ނަސޭޙަތެއް ވެސް ނޫނެވެ. އެއީ ޚުދު އަމިއްލަ ދަރިކަލުން ފެންނާނެ ކަމުގެ އުއްމީދުގައި، އަދި އެ ދަރިކަލުން ނުފެނުމުގެ ވޭނާއި ކެކުޅުމުގައި ހުންނަވައިގެން ވިދާޅުވި ބަސްތަކެވެ.
ވީއިރު އޭނަގެ މި ޙާލަތުގައި ދެރަވުމަށް އޭނައަށް ލިބެނީ ކޮން ޙައްޤެއް ހެއްޔެވެ؟ ﷲ އަދި އޭނައަށް އެތައް ބައިވަރު ނިޢުމަތެއް ދެއްވާފައި ވަނިކޮށެވެ. ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ބަސްފުޅުގެ ތެދުކަން އެވަގުތު އިޙްސާސް ކުރެވުނެވެ. ކާފިރުވި މީހުން މެނުވީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާނެ ކަމެވެ. ދާދި ދެންމެއަކު އޭނަ އެ ރަޙްމަތުން އުއްމީދު ކެނޑުމުން އޭނަގެ ހިތަށް ވެރިވީ ހާދަ ގޯސް ޚިޔާލުތަކެވެ. އަދި އަމުދުން ކާފިރުވި މީހުންނަކީ ހަމައެކަނި އީމާންނުވާ މީހުންވެސް ނޫނެވެ. ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމަކީ ވެސް ޢަރަބި ބަހުގައި ‘ކާފިރު’ ވުމެވެ.
އެހެންކަމުން އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ވިސްނުން ނޫނީ ގޮތެއް އޭނައަށް ނެތްކަން އެވަގުތު އަފްޒަލަށް އެނގުންވިއެވެ. އޭނަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ބޭނުންވާ ނަމައެވެ. ހަމަ އެއާއިއެކު ﷲ އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ގިނަކަން ވެސް އެނގުންވިއެވެ. އޭނަ ދުޢާ ކުރި ކަންތަކުގެ ތެރެއިން ﷲ އޭނައަށް ދެއްވާފައި ނުވަނީ ހަމައެކަނި ޒަވާޖީ ޙަޔާތެކެވެ. ޙަޔާތުގެ އެހެން ހުރިހާ ކަމެއް އޭނަ އެންމެ ބޭނުންވި ގޮތަށް ނުވިޔަސް ﷲ ހުރިހާ ކަމެއް އޭނައަށްޓަކައި ފުރިހަމަ ކޮށްދެއްވާފައިވެއެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތް ވެސް އެތައް ހިތާމަތަކުން ފުރިފައިވިއެއްކަމަކު، އެ ދަތި ޙާލަތްތަކުގެ ތެރެއިން އެކަލޭގެފާނުގެ ޙަޔާތްޕުޅަށް އުފާވެރިކަން އައި ގޮތަށެވެ. ހަމަ ޔަޤީނުންވެސް އެކަލޭގެފާނުގެ ރައްބަކީ އޭނަގެ ރައްބުކަން ވެސް އެވަގުތު ޔަޤީން ކުރެވުނެވެ.
**
އީމާންކަމުގެ ނޫރުން އަފްޒަލްގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު، އަފްޒަލް އޭނައަށް ފަސްދިން ފަހުން ފަލަކްގެ ހިތަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ވަރަށް ބޮޑު ގޯހެއް ހެދުނު ކަމުގެ އިޙްސާސުން ބޮޑު ބުރައެއް ހިތަށް ވެރިވެފައިވި ކަހަލައެވެ. އެ އިޙްސާސް ދެގުނަވެގެން ދިޔައީ، އެހެންޏާ އަބަދުވެސް އޭނައަށް އެހީވާ އަފްޒަލްގެ ކާރު، ކްރިސްޓަލް ޢިމާރާތުގެ ބޭރުން ނުފެނުމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން އޭނަ ޓެކްސީއެއްގައި ދާން ޖެހުމުންނެވެ.
ޓެކްސީގައި އިންއިރު ވެސް ފަލަކަށް ތަކުރާރުކޮށް ސިފަކުރެވެމުން ދިޔައީ އޭނައާއި އަފްޒަލާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އަފްޒަލް އެހާ ލޯބިން އެހާ ރޭވުންތެރިކަމާއިއެކީ އޭނައާއި އިންނަން އެދުނު ގޮތެވެ. އޭގެ ބަދަލެއްގެ ގޮތުގައި އޭނަ ދިން ފިނި ޖަވާބެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަފްޒަލްގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރިކަމެވެ.
އެ މަންޒަރު ސިފަވަމުން ދިޔަދިޔަހެން ފަލަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އޭނަ މިހާތަނަށް ވަކާލާތު ކުރަމުން ދިޔައީ އަންހެން ކުދިންނަށްޓަކައެވެ. ފިރިހެނުންނަކީ ޖަޒުބާތީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަންހެން ކުދިން ބަލިކަށި ކުރުވާ ބައެއްކަމަށް ޤަބޫލު ކުރެވިފައިވީތީވެއެވެ.
އެހެނަސް އަންހެނެއްގެ ފަރާތުން ވެސް ފިރިހެނަކަށް އަނިޔާއެއް ލިބިދާނެ ކަމަށް ފަލަކް ހީކޮށްފައި ނެތެވެ. އެ ހީކުރުމުގައި ވަނިކޮށް ފިރިހެނެއްގެ އިޙްސާސްތަކާއި ކުޅުނު އަންހެން ކުއްޖެއްގެ މިސާލަކަށް އޭނައަށް މި ފެނުނީ ޚުދު އޭނައެވެ.
އާނއެކެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނައަށް މިވަނީ އަފްޒަލްގެ އިޙްސާސްތަކާއި ކުޅެވިފައެވެ. އަފްޒަލާއި އޭނަ އިންނަން ބޭނުން ނުވާނަމަ ސީދާސީދަލަށް އެންމެ ކުރިން ވެސް އޭނަ އެ ވާހަކަ ނުބުނީ ކީއްވެތޯ ހިތަށްއެރިއެވެ. ކައިވެންޏަކީ އޭނަ ކުރާ ހިތްވާ ކަމެއް ނޫންކަމަށް ސާފުކޮށް ނުބުނެވުނީ ކީއްވެ ހެއްޔެވެ؟ އަދި އަމުދުން މިރޭ ވެސް އޭނައަށް ސާބިތުކަމާއިއެކީ އަފްޒަލަށް ނޫނެކޭ ނުބުނެވުނީ ކީއްވެ ހެއްޔެވެ؟
އެހެން ހަދަން ނުކުޅެދުނީ، އަފްޒަލްގެ ފަރާތުން ލިބޭ ސަމާލުކަމުން އޭނައަށް އުފަލެއް ލިބޭތީ ހެއްޔެވެ؟ އަފްޒަލަށް ނޫނެކޭ ބުނެފިނަމަ އެ ސަމާލުކަން މުޅިން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރު ހީވީ ހެއްޔެވެ؟
އެ ހުރިހާ ސުވާލުތަކަށް ފަލަކްގެ ހިތުގެ ކަނަކުން އާނއެކޭ ގޮވި އަޑު އިވުނެވެ. އިޙްސާސްތަކާއި ކުޅުމަކީ މިއީއެއް ނޫންނަމަ އެއީ ކޮންކަމެއް ހެއްޔެވެ؟ މިއަދުވެސް ފިރިހެނަކު އަންހެނަކާއިމެދު މިފަދައިން ކަންތައް ކުރި ވާހަކަ އިވުނުނަމަ، ފަލަކް ވިހަ ބަސްތަކުން އެ ފިރިހެނަކު ދުނިޔޭގައި ހުރި އެންމެ ގޯސް މީހުންގެ ތެރެއިން އެކެއްހެން ހީވާ ފަދައިން ސިފަކޮށްފާނެއެވެ. އެހެނަސް މިއަދު އެ ވިހަ ބަސްތައް އަމާޒުވާންޖެހެނީ ޚުދު އޭނައަށްކަން އެނގުންވީ ހިނދު، ހިތް މޭތެރޭގައި އޮވެ، ޖެހި ފިތި ބާރުވާން ފެށިހެން ހީވިއެވެ.
**
އޭގެ އަނެއްދުވަހުން ފެށިގެން އަފްޒަލްމެންގެ ގެއަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ހިމޭންކަމުގައި ވޭތުވި ދެ ތިން ދުވަހު އަފްޒަލާއި ފަލަކް އެކަކު އަނެކަކަށް ނުފެނި އުޅެވޭތޯ މަސައްކަތް ކުރިއެވެ. އެއިން އުދަގޫވީ ހަމަ އެދެމީހުންގެ ހިތަށެވެ. ދެމީހުންގެ ވެސް ހިނިތުންވުންތައް ގެއްލި، ބަސް މަދުވެފައިވީއިރު، އެމީހުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ފަޒީލާގެ ވެސް ވާހަކަތައް މެދުކަނޑައި އަޑުއެހުމެއްނެތި ދެމީހުން ފަޒީލާއާއި ވެސް ދުރުވަމުން ދިޔައެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ﷲ ގެ ނިޔާއާއިމެދު ރުހުންވާން މަސައްކަތް ކުރަމުން ދިޔަ އަފްޒަލަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު، ފަލަކްގެ މޭތެރޭގައިވި ހައިޖާންވީ ބޮޑެވެ. އަފްޒަލް ދެރަކޮށްލެވުނު ކަމުގެ ހައިޖާނެވެ. ފިރިހެނަކަށް ދެރައެއް ދިން ނުބައި އަންހެނަކަށްވުމުގެ ހައިޖާނެވެ. އޭނަ އަމިއްލައަށް ވެސް ބޭނުންވާ ގޮތަކީ ކޮބައިކަން ނޭނގުމުގެ ހައިޖާނެވެ.
އަފްޒަލަށް ފަސްދިން ރޭ އޭނަ 4 ދުވަސްފަހުން ދުބާއިއަށް އަނބުރައި ދިޔުމަށް ޓިކެޓް ނެގިއެވެ. އޭނަގެ ހިތުތެރޭގައިވި އިޙްސާސްތަކުގެ ޙައްލަކީ ވީހާވެސް އަވަހަށް އަފްޒަލާއި ދުރަށް ދިޔުންކަމަށް ސިކުނޑި ބުނީތީވެއެވެ. އޭނައަކީ ދުވަހަކުވެސް ކައިވެންޏެއް ކުރާ ހިތުން ހުރި މީހެއް ނޫންކަމަށް ވިސްނުމުންނެވެ. ވީއިރު އަފްޒަލަށް ވެސް އެންމެ ރަނގަޅުވާނީ އޭނަގެ ފުރައިގެން ދާ ދިޔުމުން ސާފު ޖަވާބެއް ދިނުމުންކަމަށް ނިންމުނީތީވެއެވެ.
ސިކުނޑި ކިތަންމެ ސާފު ނިންމުމަކަށް އަޔަސް، ފަލަކްގެ ހިތް ބުނަމުން ދިޔައީ މުޅިން ތަފާތު ވާހަކައެކެވެ. އަފްޒަލް ދޫކޮށްފައި ދިޔުމަށް އޭނަގެ ހިތް އެއްގޮތަކަށް ވެސް ނޭދުނެވެ. އަފްޒަލް ފަދަ ރަނގަޅު ފިރިހެނަކު އޭނައަށް ދެން ނުލިބިދާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އޭނަ އަފްޒަލް ދޫކޮށްފައި ގޮސްފިނަމަ، ކޮންމެ ދުވަހަކު އަފްޒަލް މަތިން ހަނދާންވާނެކަން ޔަޤީން ކުރެވުނެވެ. އަފްޒަލަކީ އޭނަގެ ހަރުކަށި ނަޒަރިއްޔާތުތަކަށް ބަދަލެއް ގެނައި ޝަޚްޞިއްޔަތެއް ވިއްޔާއެވެ. އަދި އަމުދުން އަފްޒަލް އޭނަ ނޫން މީހަކާއި އިނުމަކީ އޭނައަށް ޚިޔާލު ކުރަން ވެސް ދަތިކަމެއްކަން ޔަޤީންވި ހިސާބުން ފަލަކް ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ބޮލުގެ ރިހުމަކުން ފެށުނު ބަލިން ހުންވެސް ގަދަވެ، މޭނުބައިކޮށް ހޮޑުލެވެން ފެށިއެވެ.
ފަލަކް ހިތުން އޭނަ ހުރީ އެ ހުރިހާ ކަމެއް ގޭގެ އެންމެންނަށް ފޮރުވައިގެންނެވެ. އެހެނަސް އޭނަ އެހާ ބޮޑަށް ބަލިވިތާ ގަޑިއިރެއްގެ ތެރޭގައި އަފްޒަލްގެ ކަންފަތާއި ހަމައަށް އެ ވާހަކަ ފޯރިއެވެ.
“އަފްޒަލް މިއަދު ތަންކޮޅެއް އަވަހަށް ގެއަށް އާދެވޭކަށް ނެތްތަ؟ ފަލަކް ވަރަށް ބޮޑަށް ބަލިވެ އުޅެނީ. އެކަމަކު ތިމަންނަ ރަނގަޅޭ ކިޔައި ޑޮކްޓަރަށް ނުދައްކައި ބޭސްވެސް ނުކައި އެބައުޅޭ. ދެންމެ ނޫރާ ގަދަކަމުން ހުން ބެލިއިރު 38 ގަ ހުރީ…”
ރެސްޓޯރެންޓުގެ އުނދުން ކައިރީގައި ހުއްޓާ ކަންފަތާއި ކޮނޑާއި ދެމެދު އޮތް ފޯނުން އެ ވާހަކަ އިވުމާއިއެކު އަފްޒަލް މި އަންނަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ. އަދި ދެވަނަ ވިސްނުމެއްވެސް ނެތި، އަޅައިގެން ހުރި އެޕްރޯން ނަގާލަމުން ކައިރީގައި ހުރި ކުއްޖާ ގާތު އޭނަ ހަދަން ހުރި އެތި ބެލުމަށް އެންގިއެވެ.
ގެއަށް ދިޔަ ދަތުރުމަތީގައި އަފްޒަލްގެ ހިތުގައި ފަލަކަށްޓަކައި ކަންބޮޑުވުމާއިއެކީ ނުރުހުންތެރިކަން ވެސްވިއެވެ. ފަލަކްގެ ލޯމަތިން އޭނައަށް ވަނީ އިއްޔެވެސް ވަރުބަލިކަން ފެނިފައެވެ. ބަލިވުމުން އަމިއްލަ ނަފްސާއިމެދު އެކުއްޖާ ނުވިސްނަނީ ކީއްވެތޯ ބުނެ އަފްޒަލަށް ހިތާހިތުން ޝަކުވާ ކުރެވުނެވެ. ‘ނޮޓް އިންޓު މެރިއޭޖް’ ވެފައި އެކަނި އުޅެން ބޭނުންވާ ކަމަށްވާނަމަ އަމިއްލަ ނަފްސާއިމެދު ރަނގަޅަށް އަޅާނުލަނީ ކީއްވެތޯ ބުނެ ހިތް ހަޅޭއްލެވިއެވެ.
ގެއާއި ހަމައަށް އާދެވުނުއިރު އަފްޒަލްގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ ނުރުހުންތެރިކަމާއި ކަންބޮޑުވުން އެކުލެވޭ އަސަރެކެވެ. ގެއަށް ގޮސް ވަން ތަނާހެން ފަލަކް ފެނުމުން ހުއްޓުން އަރާ ގޮތްވިއެވެ. އޭރު ފަލަކް ކާ މޭޒު ކައިރީގައި ހުރެ ފެންފުޅިއެއްގެ މަތި އުދަގުލާއިއެކީ ނެގިއެވެ. އެއަށްފަހު ފެން އެޅުމަށްޓަކައި ފަލަކް އެ ފުޅި ހިއްލައިލި ހިނދު އެ އަތް ތުރުތުރު އެޅިއެވެ.
ޚުދު ފަލަކް ވެސް އޭނަގެ އަތުން އެ ބިއްލޫރި ފުޅި ވެއްޓިދާނެކަމުގެ ބިރު ހީވި ހިނދު، އެއްފަރާތަކުން އައި އަތެއް އައިސް އެ ފުޅީގައި ހިފެހެއްޓިއެވެ. ފަލަކް އިސްއުފުލައިލި ހިނދު ނުހަނު ގާތުން އަފްޒަލް ފެނިފައި ހިތް ހުއްޓުމަކަށް އައިހެން ހީވިއެވެ.
ނުނިމޭ
Ash
June 1, 2023 @ 5:10 pm
Amazing as alwasysssssss…
So curious to knw wht will happen in the nest chap 😭🤍✨