ޤަދަރު (ސަތުތިރީސްވަނަ ބައި)
ޤަދަރު (ސަތުތިރީސްވަނަ ބައި)
ފަލަކާއި ދުރުގައި ހުންނަން ނިންމީ އަފްޒަލް ކަމަށް ވިޔަސް، އެއީ އަފްޒަލަށް ފަސޭހަ ކަމަކަށް ނުވިއެވެ. ފަލަކްގެ އެ ރީތި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަފްޒަލް ފަލަކް އޭނަގެ އަތުތެރެއަށް ގެންނަން ބޭނުންވަމުން ދިޔައެވެ. އެކުގައި ހިނގާފައިދާ ކޮންމެ ފަހަރަކު އެ އަތުގައި ހިފައިލަން ހިތް އެދެމުން ދިޔައެވެ. އޭނަ ފަލަކް ދެކެ ކިހާ ލޯބިވާކަން އަންގައިދޭން އެ ނިތުގައި ބޮސްދީ، ގާތްވާން ކެތްމަދުވަމުން ދިޔައެވެ.
އެހެނަސް ފަލަކްގެ ނަޒަރިއްޔާތު މިވަގުތު ހުރި ގޮތުން އޭގެއިން އެއްވެސް ޙަރަކާތެއްގެ މާނަ، ލޯބީގެ ގޮތުގައި ފަލަކަށް ނުނެގޭނެކަން އަފްޒަލަށް ޔަޤީންވެފައިވިއެވެ. ކައިރިވާން ބޭނުންވެ ހުރެވެސް އަފްޒަލް ދުރުދުރުން އުޅެމުން ދިޔައީ އެހެންވެއެވެ. އޭނަ ގެންނަ ކުޑަ ޙަރަކާތަކުން ވެސް ފަލަކް އޭނައަށް ކުރަމުން އަންނަ އިތުބާރު ގެއްލިދާނެތީވެއެވެ. ކައިވެނީގެ ފުރަތަމަ ރޭ އޭނަ ފަލަކާއި ވީ ވަޢުދު އޭނަ ކޮންމެހެން ވެސް ފުއްދަން ޖެހެއެވެ. އޭނަ އެފަދައިން ކަންތައް ކޮށްފިނަމަ، އެ ދެމީހުންގެ ގުޅުން ފުންވެގެން ދާނެ ރީތި ގޮތްތައް އަފްޒަލަށް ސިފަ ކުރެވެމުން ދިޔައެވެ.
ހިތުތެރޭގައި ޒީނަތްތެރިވަމުން ދިޔަ އެ ޚިޔާލުތައް ޙަޤީޤަތަކަށް ވާން ފަށާނީ ވެސް އަދި ވަރަށް ދުވަހުން ކަމަށް އަފްޒަލަށް ނިންމިފައިވިއެވެ. ފަލަކާއި އެހާ ގާތުގައި ފްލައިޓްގައި އިންއިރު ވެސް އަފްޒަލް ކުޑަދޮރުން ބޭރު ބަލަން ހުރީ އެހެންވެއެވެ. ފަލަކްގެ ސޫރަ އެހާ ގާތުން ފެނި، އޭނައަށް އިތުރު ޙަރަކާތެއް ނުގެނެސް ނުހުރެވޭނެހެން ހީވަމުން ދިޔައީތީވެއެވެ.
އަފްޒަލް އެހެން އިންދާ ކުޑަކޮށް ސިހިގެން ދިޔައީ، މަޑު އަތެއްގެ އިޙްސާސް އޭނަގެ އަތްމަތިން ކުރެވިގެން ދިޔުމުންނެވެ. އިސާހިތަކު އަފްޒަލް ފަލަކާއި ވީ ފަރާތަށް ބަލައިލި ހިނދު، ފަލަކް އޭނަގެ އަތް ދުރުކޮށްލި މަންޒަރު އަފްޒަލަށް ފެނުނެވެ. އެއާއިއެކު އަފްޒަލަށް ޤަބޫލުކުރަން ވެސް ދަތިވެފައި އިނދެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފަލަކްގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސްކަން ފެނި، ބޭއިޚްތިޔާރުގައި ހީލެވުނެވެ. ފަލަކަށް ދެންމެ އޮޅުމަކުން އޭނަގެ އަތްމަތީގައި އަތް އެޅުނީތޯ އަފްޒަލަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ. އެހެންނޫނީ ފަލަކް އޭނައާއި ގާތްވާން ބޭނުންވެ ހުރެވެސް ޖެހިލުންވަނީތޯ ހިތަށްއެރިއެވެ.
އެ ދެވަނަ ޚިޔާލު ޤަބޫލުކުރަން އަފްޒަލަށް ދަތިވިއެވެ. އެހެނަސް ފަލަކް ދެންމެ އެ ޙަރަކާތަށްޓަކައި މަޢާފަށް ނޭދުނު ގޮތުންނާއި، އެވަގުތު ފަލަކްގެ ކޯތާފަތް ރަތްވެފައިވި ގޮތުން އަފްޒަލަށް ޙާލަތު ދޭހަ ކުރެވުނީ އެފަދައިންނެވެ. އެހެންކަމުން އަފްޒަލް ދެންމެ ފަލަކް ހިއްލައިލި އަތުގައި ހިފައިލަމުން ގެނެސް، ސީޓުގެ އަތްގަނޑުމަތީގައި ބޭއްވިއެވެ. އަދި އޭނަ އެތައް އިރެއް ވަންދެން ބޭނުންވެގެން ހުރި ފަދައިން ލަސްލަހުން އެ މަޑު އަތުގައި ފިރުމައިލިއެވެ.
ފަލަކް އަފްޒަލްގެ އެ ޙަރަކާތާއި ދެކޮޅު ނެހެދި ގޮތުން އަފްޒަލަށް ހިނިތުންވެލެވުނެވެ. ބަދަލުގައި ފަލަކްގެ ކޯތާފަތް އިތުރަށް ރަތްވެގެން ދިޔަ ގޮތުން އަފްޒަލަށް އަނެއްކާވެސް ހެވޭ ގޮތްވިއެވެ. އޭނަގެ ހުނުމުގެ އަޑަށް ފަލަކް ވެސް ހިނިތުންވެލުމުން އަފްޒަލްގެ ހިތް އުފަލުން ފުރިގެން ދިޔައެވެ.
4 ގަޑިއިރުގެ ފްލައިޓަކަށްފަހު އަފްޒަލާއި ފަލަކް ދަތުރު ކުރަމުން ދިޔަ ފްލައިޓް ދުބާއި އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސިއެވެ. ފްލައިޓުން ފޭބުމަށްފަހު އެއާރޕޯޓުގެ ތެރެއަށް ވަދެގެން ދިޔަދިޔަހެން އެއާރޕޯޓުގެ ބޮޑުކަން ފެނިގެން ދިޔުމުން އަފްޒަލް ޙައިރާންވާހާވިއެވެ. އަފްޒަލް ‘ވާވް’ އޭ ކިޔަމުން ވަށައި ބަލަމުން ދިޔަ ގޮތް ފަލަކަށް ލޯބިވިއެވެ.
“އަދި އިރުކޮޅަކަށް ތި ވާވްތައް ސޭވްކޮށްލާފަ މިކޮޅަށް ބަލާބަލަ…” ލަގެޖް ބެލްޓުގެ ކައިރީގައި ދެމީހުން ތިއްބާ ފަލަކް އެހެން ބުނެލީ، އަފްޒަލާއި ދިމާލަށް ފޯނު ދިއްކޮށްގެން ހުރެއެވެ. އަފްޒަލް އޭނައަށް ބަލައިލުމާއިއެކު ފަލަކް ފޮޓޯ ނެގިއެވެ. ފޮޓޯ ނަގާކަން އެނގުމުން އަފްޒަލް އޭނަގެ މޫނާއި ދިމާލުން އެއްއަތް ދިއްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފަލަކް ނެގި ދެ ފޮޓޯގެ ތެރެއިން ފުރަތަމަ ފޮޓޯގައި އަފްޒަލް ލުއި ހިނިތުންވުމަކާއިއެކީ އޭނައަށް ބަލަން ހުރިއިރު ދެވަނަ ފޮޓޯއިން އަފްޒަލްގެ އަތުން މޫނު ފޮރުވި، ފޮޓޯ ނުސާފުވެފައިވިއެވެ.
“ކިއުޓް!” ފަލަކް ފޮޓޯތަކަށް ބަލަމުން ހެވިފައި ހުރެ ބުންޏެވެ.
“ކިއުޓް މައި ފުޓް! އަދި ހުރޭ ފަލަކްގެ ފޮޓޯ ނަގަންދެން…ޑިލީޓް ކުރަން އާދޭސް ކުރާ ކަހަލަ ފޮޓޯ ނަގައިދޭނަން!” އަފްޒަލް ރުޅިވާ ކަމަށް ހެދެމުން ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
“އެއާރޕޯޓުންދޯ ސިމެއް ނަގާނީ؟ މަންމައަށް ވީހާވެސް އަވަހަކަށް ގުޅާލަން ބޭނުން.” އަފްޒަލް ބުންޏެވެ.
“އާނ…ލަގެޖް ނަގައިގެންދާނީ. ބޭނުމިއްޔާ މިހާރު ވެސް އެއާރޕޯޓް ވައިފައި ކަނެކްޓް ކޮށްގެން ވައިބާރއިން ގުޅާލާ…” ފަލަކް ޚިޔާލެއް ދިނެވެ. އެއާއިއެކު އަފްޒަލް ފަލަކް ބުނި ގޮތަށް ހެދިއެވެ.
އަފްޒަލް ހަމަ އެވަގުތުން ވަގުތަށް މަންމައަށް ގުޅައި، ފްލައިޓް ޖެއްސި ވާހަކައާއި، މިހާރު މިތިބީ އެއާރޕޯޓުގައި ކަމަށް މަންމަ ގާތު ބުނި ގޮތުން ފަލަކް ޙައިރާންވާހާވިއެވެ. އަދި އެވަގުތު މަންމަ ކީއްކުރަނީތޯ އަހައި، މަންމަ ގާތު ނުހަނު ލޯތްބާއިއެކީ އަވަހަށް ނިދާލުމަށް ބުނިގޮތުން ފަލަކްގެ ހިތް މަޑު ކަފަ ކޮޅަކަށްވިއެވެ.
“އަދިވެސް ތަންތަނަށް ފުރައިގެން ދާއިރު މަންމައަށް އަންގަންތަ؟” ދެމީހުންގެ ލަގެޖާއި، ސްނޯވެސް ޓްރޯލީއަކަށް ލައިގެން އަފްޒަލް ޓްރޯލީ ކޮއްޕަމުން ދިޔަދިޔަހެން ފަލަކް ސުވާލު ކުރިއެވެ.
“އަދިވެސް…އޭ ތިބުނީ؟” އަފްޒަލް އެހިއެވެ.
“މިބުނީ….ކުޑައިރުއެއް ނޫންތަ ފުރައިގެން ގޮއްސަ ފްލައިޓް ޖައްސާއިރަށް ގުޅާށޭ މަންމަމެން ބުނެފަ އޮންނަނީ؟” ފަލަކް ބުންޏެވެ. އެއާއިއެކު އަފްޒަލް ހީލިއެވެ. އެ ހީލުމުން ފަލަކަށް ޙައިރާންކަމެއް ލިބުނެވެ.
“ކުޑައިރު ފްލައިޓް ޖައްސާއިރަށް މަންމައަށް ގުޅަނީ މަންމަ ބުނެފަ އޮންނާތީދޯ؟ އެކަމަކު ބޮޑުވީމަ ދޭހަ ކުރެވެނީ މަންމަ އަހަރުމެންނާއިމެދު ކަންބޮޑުވާތީކަން އެގޮތަށް ބުނެފަ އޮންނަނީ. އެހެންވީމަ މަންމަގެ ހިތްހަމަޖައްސައިދޭން ގުޅަނީ….” އަފްޒަލް ކިޔައިދިނެވެ.
“ހުމް….އެއީދޯ މަންމަމެންގެ ޒާތަކީ؟” ފަލަކް އެހެން ބުނެލީ މަންމަގެ ހަނދާންތަކާއިއެކީ ހިތް ދެރަވެފައިވާ ޙާލުގައެވެ. އެވަގުތު ފަލަކަށް ބަލައިލި އަފްޒަލަށް އެކަން ދޭހަ ކުރެވުނެވެ.
“ފަލަކް ބައްޕައަށް ގުޅާފަ ނާންގަންތަ ފްލައިޓް ޖެއްސި ވާހަކަ؟ ބައްޕަ ވެސް ފަލަކް ވީ ތަނެއް ބަލަން ބޭނުންވާނެ ކަންނޭނގެ…” އަފްޒަލް ބުންޏެވެ.
“ބައްޕަ ދޯ؟ ވީ ހެވެންޓް ބީން ސޯ ކްލޯޒް. އޯލްސޯ ހިއެއް ނުވޭ ބައްޕަ ބޭނުންވާނެހެން އަހަރެންގެ ޚަބަރެއް ބަލަން…” ފަލަކް ބުނެލިއެވެ.
“ކޮންމެ ހީއަކީ ޙަޤީޤަތެއް ނޫން ފަލަކް….ގުޅުމެއް ބަދަހި ކުރަން މަސައްކަތް ކުރީމަ ނޫނީ ނޭނގޭނެ އެމީހެއްގެ ޒާތެއް. ފަލަކް ބުނެބަލަ….ފަލަކްއާއި ބައްޕަ އެހާ ކްލޯޒް ނޫނީ ބައްޕަ ފަލަކް ދުރުކޮށްލީމަތަ؟ އެހެންނޫނީ ފަލަކް އަމިއްލައަށްތަ ބައްޕައާއި ދުރުވީ؟”
އަފްޒަލް ކޮށްލި އެ ސުވާލާއި އެކީ ފަލަކް ވަގުތުން ޖަވާބެއް ދޭން އުޅުނެވެ. އެހެނަސް އެ ސުވާލުތަކާއި މެދު ރަނގަޅަށް ވިސްނައިލުމުން ޖަވާބުދޭން ދަތިވިއެވެ.
ކުޑައިރު ފަލަކް ބައްޕައާއި ދުރުވާން ފެށީ މަންމައަށް އަނިޔާ ކުރީ ބައްޕަހެން ހީވީތީވެއެވެ. ފުރާވަރަށް އެޅިގެން ދިޔަދިޔަހެން ބައްޕައަށް އިތުރަށް ފޫހިވާ ގޮތްވީ ބައްޕަ ގިނަ ފަހަރު މަތިން އޭނަގެ ސްކޫލަށް ހާޒިރުވާން ޖެހޭ ދުވަސްދުވަހު ވެސް ހާޒިރު ނުވާތީވެއެވެ. އަދި ގިނަ ފަހަރު ބައްޕަ ގޭގައި ވެސް ނުހުރެއެވެ. އޭނައަށް ވަގުތެއް ނުދެއެވެ. ބައްޕަ މަންމައާއި މެދު ވެސް ފަރުވާ ކުޑަ ކޮށްފައިވާނީ އެފަދަ ގޮތަކަށް ކަމަށް ފަލަކަށް ނިންމުނީ އެހާ ހިސާބުންނެވެ. ކިޔަވައި ނިމުމާއި އެކުހެން ބައްޕައާއި ވަކިން އުޅެން ނިންމީ އޭނައެވެ. ބައްޕަ އެކަމާއި ނުރުހުންވިކަން އެނގުނަސްމެއެވެ. އެ ފަހުން ވެސް ބައްޕަ ޒުހާ މެދުވެރިވެގެން އޭނައާއި ގުޅަން މަސައްކަތް ކުރުމުން ވެސް އޭނަ އެތައް ފަހަރު މަތިން ބައްޕައަށް ފަސްދީފައިވެއެވެ. ބައްޕަ އޭނަގެ ވިޔަފާރިއާއި ގުޅިގެން އެއްޗެކޭ ކިޔައިގެން ނޫނީ އޭނަ ބައްޕައާއި ބައްދަލުކުރަން އެއްބަސްވެފައެއް ވެސް ނުވެއެވެ.
“ޓެކްސީއެއްގަދޯ އަހަރުމެން ގެއަށްދާން ޖެހޭނީ؟” ފަލަކް ޚިޔާލަކަށް ގެއްލިފައި ވަނިކޮށް އަފްޒަލް އެހިއެވެ.
“އެނ؟ އުނހު ނޫނޭ….ކީއްކުރާ ޓެކްސީއެއް؟ އަފްޒަލަށް އާދެވިގެން ތިއުޅެނީ އަހަރެންގެ ރަށަށޭ!” ފަލަކް މޫޑު ބަދަލުކޮށްލަމުން ހެވިފައި ހުރެ ބުންޏެވެ. އެއާއިއެކު އަފްޒަލް ދިގުކޮށް ‘އޯ’ އޭ ކިޔައިލިއެވެ.
އެއާރޕޯޓުން ނިކުމެ މާ ދުރަށް ނުދެވެނީސް ރަތް ކުލައިގެ އޮފު އަރާ ކާރެއް ދެމީހުންގެ ކުރިމައްޗަށް އައިސް މަޑު ކުރިއެވެ. އެ ކާރުގެ ޑްރައިވާރސް ސީޓުން ފޭބީ، ފުރަގަހަށް އިސްތަށިގަނޑު އައްސައިގެން، ކުރިން ފަލަކް ލައި އުޅުނު ކަހަލަ ފެހި ކުލައިގެ އަތް ކުރު، ކަކުލާއި ހަމައަށް އޮތް ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ.
މަހްރީން ހުރި ގޮތް ފެނިފައި ފަލަކަށް ޝޮކެއް ލިބުނުއިރު އަފްޒަލް އޭނަގެ ފޯނާއި ކުޅެން ފެށިއެވެ. މަހްރީން ލައިގެން ހުރި ހެދުމުން ފަލަކް އަޖައިބުވީ، ފުރުމުގެ ކުރިން މަހްރީން ގާތު ދިގު ހެދުމެއް ލައިގެން އައުމަށް އޭނަ އަންގާފައި އޮތުމުންނެވެ. މިއީ މަހްރީން އޭނަ ބުނި ގޮތާއި ޚިލާފަށް ކަންތައް ކުރި ފުރަތަމަ ފަހަރެވެ.
“އައްސަލާމްޢަލައިކުމް މޭމް. ހިނގާ އަވަހަށް ގެއަށް ދުރުވަން. އަޅުގަނޑު ޑްރައިވް ކޮށްދޭނަން.” މަހްރީން ހިނިތުންވުމަކާއިއެކީ ޢަރަބި ބަހުން ފަލަކާއި މުޚާތަބު ކުރިއިރު، އަފްޒަލަށް ބަލައިވެސް ނުލިއެވެ.
“އަ….އާނ މައްސަލައެއްނެތް. އަފްޒަލް، މިއީ އަހަރެންގެ ޕާރސަނަލް ސެކްރެޓަރީ، މަހްރީން. މަހްރީން މައި ހަޒްބެންޑް، އަފްޒަލް.” ފަލަކް ހިނިތުންވުމެއް ދަމަހައްޓަން މަސައްކަތް ކުރަމުން ބުންޏެވެ.
އަފްޒަލް ތަޢާރަފު ކޮށްދިނުމުން މަހްރީން އަފްޒަލަށް ކަޅިއެއް އެއްލުމަށްފަހު އަނެއްކާވެސް ފަލަކާއި ވާހަކަ ދެއްކިއެވެ. އަފްޒަލް ދަށްކޮށްލަން އުޅޭ ފަދައަކުންނެވެ. އެކަހަލަ ހީއެއް އަފްޒަލަށް ކުރެވުނެއްކަމަކު އަފްޒަލް ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ. ފަލަކް ވެސް އެވަގުތު ހެޔޮކޮށް ވިސްނަން މަސައްކަތް ކުރި ފަދައިންނެވެ. މަހްރީން އިވެންޓެއްގައި ހުރެފައި ހެދުން ބަދަލުކުރާނެ ފުރުސަތެއް ނުލިބިފައި އޮވެދާނެ ކަމަށް ފަލަކަށް ނިންމުނެވެ. އެވަގުތު އަފްޒަލް ވެސް ހުއްޓާ ފަލަކް އެ ވާހަކައަށް އަލި އަޅުވަން ބޭނުން ނުވީ އެއް ސަބަބަކީ އެއީއެވެ.
ދަތުރު މަތިން ވެސް މަހްރީން މުޅިންހެން ވާހަކަ ދެއްކީ ފަލަކާއި އެވެ. ޢަރަބި ބަހުން އެދެމެދުގައި ވާހަކަ ދެކެވެން ފެށުމުން ބީރައްޓެހިކަމުގެ އިޙްސާސް އަފްޒަލަށް ކުރެވުނެވެ. އެހެނަސް އެ އިޙްސާސަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓުމަށް އަފްޒަލް ބޭރުން ފެންނަމުން ދިޔަ އުސް ޢިމާރާތްތަކަށް ނަޒަރު ހިންގަމުން ދިޔައެވެ.
މަހްރީންގެ ވާހަކަ ހުރި ގޮތުން ފަލަކް އިތުރަށް ޙައިރާންވާހާވިއެވެ. މަހްރީންއަކީ ޢާއްމު ގޮތެއްގައި އޭނަ މެހުމާނެއް ގެނެސްފިނަމަ އަމިއްލަ ފަރާތުން ވެސް އެ މެހުމާނަށް ނުހަނު ހޫނު މަރުޙަބާއެއް ކިޔައި ހަދިޔާ ވެސް ދޭނެއެވެ. އަދި އެ މެހުމާނާއި ވެސް ވާހަކަ ދައްކައި ދުބާއިއާއި ބެހޭގޮތުން އިނގިރޭސި ބަހުން އިތުރު މަޢުލޫމާތު ދޭނެއެވެ. އެ މެހުމާނުގެ ކުރިމަތީގައި ވީހާވެސް ވަރަކުން ޢަރަބިން ވާހަކަ ނުދައްކައި ވެވޭތޯ މަސައްކަތް ކުރާނެއެވެ. ބަހެއް ނޭނގޭ މީހެއްގެ ކުރިމަތީގައި އެ ބަހަކުން ވާހަކަ ދެއްކުމަކީ މަހްރީންގެ ނަޒަރުން އެ މީހަކަށް ބޭއިޙްތިރާމް ކުރުން ކަމަށްވާތީވެއެވެ.
ފަލަކް އިންތިޒާރު ކޮށްކޮށް މަހްރީން ވިޔަފާރީގެ ވާހަކަ ހުއްޓައި ނުލުމުން އެންމެފަހުން ދެން ތި ވާހަކަ ފަހަށް ބާއްވަމާހޭ ފަލަކް ބުންޏެވެ. އެއަށްފަހު އަފްޒަލަށް ސަމާލުކަން ދިނެވެ. އަދި ބޭރުން ފެންނަމުން ދިޔަ ޢިމާރާތްތަކަކީ ކޮބައިކަން އަފްޒަލަށް ކިޔައިދޭން ފެށިއެވެ.
30 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ފަލަކްގެ ކާރު ވެއްދިގެން ދިޔައީ ދުބާއި މޯލްގެ އަންޑަރގްރައުންޑް ޕާރކިންގް ލޮޓަށެވެ. ކާރު ޕާކް ކުރެވިގެން ދިޔުމާއިއެކު ކާރުން ފޭބުމަށްފަހު ފަލަކް މަހްރީން ގާތު އޭނައާއި ތަޅުދަނޑި ޙަވާލު ކުރުމަށްފަހު ދިޔުމަށް އިނގިރޭސި ބަހުން އެންގިއެވެ. އެއާއިއެކު މަހްރީން ފަލަކް ބުނި ގޮތަށް ހެދުމުން އަނެއްކާވެސް ފަލަކާއި އަފްޒަލަށް އެކަނިވުމުގެ ފުރުސަތެއް ލިބުނެވެ.
“އެހާ ގިނައިރު ވަންދެން ޢަރަބި އަޑު އަހަންވީމަ ފޫހިދޯ؟ ސޮރީ….އިޓް ވޯންޓް ރިޕީޓް.” ފަލަކް އަފްޒަލާއި އެކީ ހިނގައިގަންނަމުން ބުންޏެވެ.
“ހެހެ….އިޓްސް އޯކޭ. ދުވަސްކޮޅަކުން އަހަންނަށް ވެސް ޢަރަބި ދަސްވެދާނެތާ!”
އަފްޒަލް އެހެން ބުނުމާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ. ފަލަކް އަފްޒަލް ގޮވައިގެން ގޮސް އެރީ ޕާކިންގް އޭރިއާގެ އެއްފަރާތުން ފެނުނު ލިފްޓަކަށެވެ. އެ ވެސް ވެގެން ދިޔައީ އަފްޒަލަށް ނުހަނު އާ ކަމަކަށެވެ. އެއަށްވުރެ ބޮޑަށް ޙައިރާންވެގެން ދިޔައީ އެ ލިފްޓުގައި މިނެޓެއްހާއިރު ވެސް ނުވަނީސް 114 ވަނަ ފަންގިފިލާއާއި ހަމައަށް ދެވުމުންނެވެ. ފަންގިފިލާއަށް ގޮސް ކުޑަ ތަންކޮޅަކަށް ހިނގުމަށްފަހު އެޕާޓްމެންޓެއްގެ ދޮރު ކުރިމައްޗަށް މަޑުކޮށްލަމުން ފަލަކް ކީ ކާޑެއް ނެގިއެވެ. ކީ ކާޑު ދިއްކޮށްލުމާއިއެކު އަޑެއް ކިޔުމުން ފަލަކް ފަސޭހަ ކަމާއިއެކީ ދޮރު ހުޅުވައިލިއެވެ.
ދޮރު ހުޅުވުމަށްފަހު ފަލަކް އެޕާޓްމެންޓަށް ވަދެގެން ދިޔަ ދިޔަހެން އެ ތަނަވަސް އެޕާޓްމެންޓްގެ ބޮކިތައް ދިއްލެން ފެށިއެވެ. ފަލަކްގެ ފަސްފަހަތުން އަފްޒަލް އެޕާޓްމެންޓަށް ވަދެގެން ދިޔަ ވަގުތު އެޕާޓްމެންޓްގެ ތަނަވަސްކަން ފެނި، އާގަމަވެފައި ހުރެވުނެވެ. އެޕާޓްމެންޓްގެ އެއްފަރާތުން ޝާހީ ޒާތަކަށް ފަރުމާ ކުރެވިފައިވި ސޯފާތަކާއި، ފާރުގައި ހަރުކުރެވިފައިވި ބޮޑު ސްކްރީން ޓީވީ ފެންނަމުން ދިޔައިރު، އަނެއްފަރާތުން ފެންނަމުން ދިޔައީ 10 މީހުންނަށް އިށީނދެވޭނެ ދިގު ކާމޭޒެކެވެ. މި ނޫނަސް އެޕާޓްމެންޓުގެ އެކި ދިމާލުން އެއް ޑިޒައިނަކަށް ފެތޭ ކަބަޑުތަކެއް ވީއިރު، ފްރޭމް ކުރެވިފައިވި ރީތި ކުރެހުންތަކުން ފާރުތައް ފަޅު ފިލުވާފައިވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ހުދުކުލައިގެ ފަރުދާތަކުން، އޭގެ ފަހަތުގައިވާނީ ހުސްވެސް ބިއްލޫރި ކުޑަ ދޮރުތަކެއްކަން އަފްޒަލަށް ނަގައިގަނެވުނެވެ.
“ރީތިދޯ؟” ސޯފާތަކާއި ދިމާލުން ސީލިންގްގައި އެޅުވިފައިވި ޗާންދަލިޔާއަށް ބަލަން ހުރި އަފްޒަލް ކުރެން ފަލަކް އެހިއެވެ. އެއާއިއެކު އަފްޒަލް ފަލަކަށް ބަލައިލަމުން ބޯޖަހައިލިއެވެ.
“ހެހެ….އާދެބަލަ އިރުކޮޅަކަށް އިށީންނަން….” ފަލަކަށް އެހެން ބުނެލަމުން ގޮސް އަފްޒަލްގެ އަތުގައި ހިފައިލެވުނީ ބޭއިޚްތިޔާރުގައެވެ.
އެހިނދު އެ ދެ ހިތުގައި ވެސް ކަރަންޓު ރާޅު ބާނީތަކެއް ނެގިއެވެ. އިސާހިތަކު ދެމީހުންގެ ލޯ ބައްދަލުވެގެން ދިޔައީ އެހެންވެއެވެ.
**
މެލޭޝިޔާގެ ގަޑިން 9 ޖެހި ވަގުތު ޒައުލް އިނީ ހޮޓެލް ރޫމުގެ އެނދުގައި ފޯނުން ގޭމެއް ކުޅޭށެވެ. ނުހަނު ގަދައަށް ގޭމު ކުޅެމުން ގޮސް ވަކި ހިސާބަކުން ‘ގޭމް އޯވާރ’ ވުމުން ޒައުލް ނުބައި ބަހެއް ކިޔައިލަމުން ފޯނު އެނދުގެ އެއްފަރާތަކަށް އެއްލައިލިއެވެ.
އެވަގުތު ޒައުލްއަށް ބަނޑުގައި އެއްއަތް އަޅައިލެވުނީ އޭނަ ބަނޑުހައިވެފައި ހުރި ވަރު އިޙްސާސް ކުރެވުމުންނެވެ. އެއާއިއެކު ނާއުއްމީދުން ހިތް ފުރިގެން ދިޔައީ އޭނައަށް އެ ބަނޑުހައި ފިލުވޭނެ ގޮތެއް ނެތްހެން ހީވުމުންނެވެ.
އާނއެކެވެ. ޒައުލް މި ބީރައްޓެހި ޤައުމަށް އައިސް މި ދަނީ ނިކަމެތިވަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނައަށް އެންމެފަހުން އެންޖެލާއަށް ގުޅައިލެވުނީ އެދުވަހުގެ ހެނދުނުގެ ވަގުތެވެ.
“އާނ ލޯބި. ކޮބާ އަހަންނަށް ތި ގެއަށް އާދެވޭނެ ގޮތެއް ހަމަޖެއްސިއްޖެ؟” އެންޖެލާ ފޯނު ނެގުމާއިއެކުހެން ޒައުލްއަށް ކޮށްލެވުނީ އެ ސުވާލެވެ. ޒައުލް އުޅެމުން ދިޔަ ހޮޓެލުގައި ހުރުމަށް ކޮންމެ ދުވަހަކު 500 ރިންގިޓް ދައްކަން ޖެހޭއިރު، ކެއުމަށްވެސް އިތުރަށް ލާރި ނަގާތީ އަތުގައި ހުރި ފައިސާއިން މާ ގިނަ ދުވަހު ދެކޮޅު ނުޖެހޭނެ ކަމުގެ ބިރު ހީވަމުން ދިޔައީތީވެއެވެ.
“ނޫނޭ….އަދިވެސް މިގޭގެ ވެރިން ގޭގަ އެބައުޅޭ. މިވަގުތަށް ދެން ޒައުލް އަހަންނަށް ދޭން ގެނައި ލާރި އަހަންނަށް ފޮނުވާލަބަލަ.” އެންޖެލާ ބުންޏެވެ.
“ލާރިއޭ؟ ލޯބި….އަހަރެން މިވަގުތު އުޅެމުން މިދަނީ ހޮޓެލެއްގަ. މި ތަނަށް ވެސް ވަރަށް ލާރި ދައްކަން ޖެހޭ. ހީވަނީ ލޯބިއަށް ދޭން ގެނައި ލާރިކޮޅު ވެސް ސްޕެންޑް ވެދާނެހެން މިތާ އުޅެމުންދަންޏާ.” ޒައުލް ކިޔައިދިނެވެ.
“ކީކޭ؟ އެކަމަކު އެހެން ނަހަދާތި! އެއީ އަހަރެންގެ ލާރިއެއްނު؟” އެންޖެލާ ނުރުހުންތެރިކަމާއިއެކީ ބުނި ގޮތުން ޒައުލްވެސް ހިސާބަކަށް ނުރުހުންވާ ގޮތްވިއެވެ. އެހެނަސް ޒައުލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެންޖެލާ ދާން ޖެހިއްޖެއޭ ބުނެ ފޯނު ކަނޑައިލިއެވެ.
އެއަށްފަހު މުޅި ދުވަސް ތެރޭގައި ޒައުލް އެންޖެލާއަށް ގުޅަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެންޖެލާ ފޯނު ނުނަގާ ކޮންމެ ފަހަރަކާއި އެކީ ޒައުލްގެ ފިކުރުވެސް ބޮޑުވަމުން ދިޔައެވެ. އެންޖެލާ އޭނައަށް އެހީ ނުވެއްޖެނަމަ އޭނަގެ ދުވަސް ދިޔައީއެވެ. އޭނަ ނުހަނު ލަދުވެތިވާނެ ފަދައަކުން ދޮންބެއަށް ހުރިހާ ކަމެއް ފަޅާ އަރާނެއެވެ.
ޒައުލް އެހެން ވިއައެއް ނުދޭނެއެވެ. ޙާލުގައި ޖެހުނަސް އޭނަ ދޮންބެއަށް އެއްވެސް ކަމެއް ނާންގާނެއެވެ. މީގެ އިރުކޮޅެއް ކުރިން ދޮންބެ އޭނައަށް މެސެޖުކޮށް، ހުރިހާ ކަމެއް ރަނގަޅުތޯ އެހުމުން ވެސް އޭނަ އާނއެކޭ ބުނެލީ އެހެންވެއެވެ. ކޮންމެހެން ވެސް ދޮންބެއަށް ނާންގާ އޭނަ މި ޙާލަތުން ރެކެން އެބަޖެހެއެވެ.
ޒައުލް އެ ޚިޔާލުގައި ވަނިކޮށް ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ޒައުލް ލުއްކެއްޖަހައި ސީދާ ވެލަމުން ފޯނު ނެގިއެވެ. ސްކްރީނުން އެންޖެލާގެ ވައިބާރ ނަން ފެނިފައި ފަޅި ސިކުންތެއްގެ ތެރޭގައި ޒައުލް ފޯނު ނެގިއެވެ.
“ހެލޯ ލޯބި!” ޒައުލް އެހެން ބުނެ އަނެއްކާވެސް ގެ ހަމަޖެއްސިތޯ އަހަން ބޭނުންވިއެއްކަމަކު ނޭހިއެވެ. އެންޖެލާ އަނެއްކާ ދެރަކުރަން ބޭނުން ނުވީތީވެއެވެ.
“އޯކޭ ޒައުލް ލިސެން….މާދަން ނޫން އަނެއްދުވަހު ޒައުލް-“
“ތިއީ ކީއްތިކުރަނީ އެންޖެލާ!!!”
އެންޖެލާގެ ވާހަކަ މެދުކެނޑިގެން ދިޔައީ، ނުހަނު ބާރު އަޑަކުން އަންހެނަކު ހަޅޭއްލެވި އަޑަށެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކެނޑިގެން ދިޔުމުން ބުމަގޮށްޖެހިގެން ދިޔަ ޒައުލްގެ ހިތް ކަންބޮޑުވުމުން ފުރިގެން ދިޔައެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެސް އެންޖެލާއަށް ގުޅައިލެވުނެވެ. އެހެނަސް އެކޮޅުން ވަގުތުން ކޯލު ބިޒީ ކުރެވިގެން ދިޔައެވެ.
**
“މަ ކިތައް ފަހަރު ތީނަ ކައިރި ބުނާނީ ގޭގަ މަސައްކަތުގަ އުޅޭއިރު ފޯނާއި ނުކުޅޭށޭ؟ އަމިއްލަ މަޤާމު ދަނެގެން މަށަށް ކޮފީއެއް ހަދައިދީ!” ލީނާ ބަދިގެ ތެރެއަށް ވަންނަމުން އިނގިރޭސި ބަހުން އެންޖެލާއާއި ދިމާލަށް ހަޅޭއްލެވިއެވެ. އެހިނދު ބަދިގޭގެ ކެބިނެޓު ކައިރީގައި ހުއްޓި ހުރި އެންޖެލާ ހުރީ ސިހުންވެފައެވެ.
“މަޢާފުކޮށްދެއްވާ….މި އަންނަނީ ކޮފީ ހަދައިގެން.” ތުރުތުރު އަޅާ އަޑަކުން އެންޖެލާ ބުންޏެވެ. އެއާއިއެކު ލީނާ ތުން އޫކޮށްލަމުން އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ނިކުތެވެ.
ލީނާ ފަސްދިނުމާއިއެކު އެންޖެލާ ލީނާއަށް ލޯ އަޅައިލިއެވެ. އެހެނަސް މާ ގިނައިރެއް ނުކޮށް ލީނާ ބުނި ކޮފީ ހަދައިދޭން އަވަސްވިއެވެ.
ޒައުލްއަށް ކިތަންމެ ރީތި މަންޒަރެއް ދައްކައިގެން އުޅުނަސް އެންޖެލާގެ ދިރިއުޅުމަކީ މިއީއެވެ. އޭނައަކީ އެގޭގެ ވެރިފަރާތް ކަމަށްވާ ލީނާގެ ޕާރސަނަލް އެސިސްޓެންޓެއް ނޫނެވެ. އެއީ އެގޭގެތެރެ ސާފުކޮށް ކައްކައި ހަދަން އުޅޭ މަސައްކަތު އަންހެން ކުއްޖާއެވެ.
އެހެނަސް އެންޖެލާ ސޯޝަލް މީޑިއާގައި އަމިއްލަ ދިރިއުޅުން ދައްކާފައި ހުންނަނީ ނުހަނު ތަފާތު ގޮތަކަށެވެ. ލީނާމެން އެގޭގައި ނުއުޅޭ ދުވަސްވަރު ގޭގެ އެތި ތަންތާ ހުއްޓިލައިގެން ފޮޓޯ ނަގަނީ އެ ގެއަކީ އޭނަގެ ގެއެއްހެން ހީވާ ފަދައަކުންނެވެ. އެ ފޮޓޯތަކަށް ދުނިޔޭގެ އެތައް ފިރިހެން ކުދިންގެ ލައިކް ލިބުމުން އޭނައަކީ އަގެއް ހުރި މީހެއްކަމަށް އެންޖެލާއަށް ޤަބޫލު ކުރެވެއެވެ. އަދި ފަހުން ފަހުން އައިސް އޭނަ އެ ފިރިހެން ކުދިންގެ ސަމާލުކަމުގެ ބޭނުން ހިފައި އެ ފިރިހެން ކުދިންގެ އަތުން ލާރި ވެސް ހޯދަން ފަށާފައިވެއެވެ. ޒައުލްއަކީ އެފަދައިން އެންމެ ފަހަކަށް އޭނަގެ މަޅީގައި ޖެއްސި ފިރިހެން ކުއްޖާއެވެ.
އެންޖެލާ ކޮފީ ހަދަމުން ދިޔަ ވަގުތު ވެސް ޒައުލް ގުޅަން ފެށުމުން އެންޖެލާ ޒައުލްއަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. އެ ވީ ފޫއްސާއި އެކީ އެންޖެލާ އެވަގުތު ފޯނު ނިވައިލިއެވެ.
**
އެންޖެލާއަށް ރޯޅި ބޭލުމަށްފަހު ލީނާ ފެން ބޮމުން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ފުން ނޭވައެއް ދޫކޮށްލިއެވެ. އެހިނދު އެ ލޯމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އޭނަގެ މުޅި ޙަޔާތާއިމެދު ވެސް އިޙްސާސް ކުރެވެމުން ދާ ފޫހިކަމެވެ.
ލީނާ އެންޖެލާއަށް ބައިލާ ރުޅީގެ ފަހަތުގައިވަނީ ލީނާ އޭނަގެ ފިރިމީހާ ނިޒާމްއަށް އަންނަ ރުޅިއެވެ. ނިޒާމް ގޭގައި ވަގުތު ހޭދަ ނުކުރާތާ މިވަނީ 5 ރެއެވެ. އެކަމާއިމެދު ނިޒާމްއާއި ޖަދަލުކުރަން ބޭނުންވިޔަސް ލީނާ ޖަދަލު ނުކުރަނީ، ވަރިއަކާއި ހަމައަށް ގޮސްފާނެތީވެއެވެ. ލީނާގެ ނަޒަރުން ނިޒާމް ފަދަ މުއްސަނދި، މޮޅު ފިރިއަކު އޭނަ ވަރިކޮށްފިނަމަ އެއީ އޭނައަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އަދި އަމުދުން ނިޒާމް އޭނަ ދޫކޮށްލައިފިނަމަ މިފަދަ މުއްސަނދި ދިރިއުޅުމެއް އޭނައަށް ލިބިދާނެ ކަމެއް އެނގެނީއެއް ނޫނެވެ.
ނޭދެވޭ ޚިޔާލުތަކުން ލީނާގެ ސިކުނޑި ފުރެން ފެށުމުން ލީނާ ވަގުތުން ފޯނު ނެގިއެވެ. އަދި އިންސްޓާގްރާމް ހުޅުވައިލީ އޭނައަށް ލިބިފައިވާ ލައިކްތައް ބަލައި، ހާސްކަން ފިލުވައިލުމަށެވެ.
އެހެނަސް އިންސްޓާގްރާމް ހުޅުވައިލުމާއިއެކު ފަލަކް ލާފައި ހުރި ފޮޓޯއެއް ފެނިފައި ލީނާ ހުއްޓުން އަރާ ގޮތްވިއެވެ. ފިރިހެނުންނަށް އެހާ ނަފްރަތު ކުރާ ފަލަކް، ކަޅާއި ހުދުގެ ފިލްޓާރއެއް ލާފައި ހުރީ ފިރިހެނެއްގެ ފޮޓޯއެކެވެ. ފޮޓޯއަށް ރަނގަޅަށް ނުބަލައި ލީނާއަށް ބަލައިލެވުނީ ފަލަކް ލިޔެފައި އޮތް އެއްޗެކެވެ.
“ސަމްވަން އިޒް އެކްސައިޓެޑް ޓު ބީ އިން ދުބާއި.”
އެ ބަސްތައް ކިޔުމަށްފަހު ލީނާ ސާފުކުރަން އުޅުނު ކަމެއް ސާފު ނުވުމުން ކޮމެންޓްތައް ހުޅުވައިލެވުނެވެ. އައިސްފައިވި 5 ކޮމެންޓުގައި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދިފައި ހުރިތަން ފެނި، ލީނާގެ ހިތް ގެނބޭ ގޮތްވިއެވެ. ފަލަކަކީ އޭނަ އެކުއްޖަކާއިމެދު އަބަދުވެސް ޙަސަދަވެރިވާ ކުއްޖެކެވެ. ފަލަކްގެ ޙަޔާތަށްވުރެ އޭނަގެ ޙަޔާތް ފުރިހަމަ ކަމަށް ލީނާ މިހާތަނަށް ބުނަމުން އައީ އޭނަގެ ޙަޔާތުގެ ބައިވެރިއެއް ހުންނާތީވެއެވެ. އެހެނަސް މިއަދު ފަލަކަށް އެ ނިޢުމަތްވެސް ލިބިއްޖެކަން އެނގުންވުމުން ހިތް މޭތެރޭގައި އޮވެ ގެނބުނެވެ.
ލީނާ ދެން ބަލައިލަން ބޭނުންވީ ފަލަކަށް ލިބުނީ ރީތި ފިރިހެނެއްތޯއެވެ. ނިޒާމްއަށްވުރެ ރަނގަޅު ފިރިހެނެއްތޯއެވެ. އެކަން ބެލުމަށް ލީނާ އެ ފޮޓޯއަށް ރަނގަޅު ނަޒަރެއް ދިން ވަގުތު ހިތަށް އެނގުންވި އެނގުންވުމާއިއެކު އަތް ފިނިވެ، ލޯ ބޮޑުވިއެވެ.
ނުނިމޭ