ޤަދަރު (ތެޔާޅީސްވަނަ ބައި)
ޤަދަރު (ތެޔާޅީސްވަނަ ބައި)
“ނޯ! ފަލަކްގެ ޗުއްޓީ ދުވަސް މިއީ. ކުޑަކޮށް ވިޔަފާރި ދަންނަ މީހެއްގެ ގޮތުގަ އަހަރެން ވެސް ޓިޕެއް ދީފާނަން. ޗުއްޓީ ދުވަސް ޗުއްޓީ ދުވަހުގެ ގޮތުގަ ބޭއްވީމަ އެހެން ދުވަސްތަކުގަ މާ ފުރިހަމައަށް މަސައްކަތް ކުރެވޭނެ. މިވަގުތު ފަލަކްގެ ޓާސްކަކީ އަހަރެން ގޮވައިގެން ޑޭޓަކަށް ދިޔުން!” އަފްޒަލް ބުނި ވާހަކައިން ފަލަކަށް ހެވޭ ގޮތްވިއެވެ.
“ޑޭޓް؟” ފަލަކަށް އަހައިލެވުނެވެ.
“ހުމް…ޑޭޓް.” އަފްޒަލް އެހެން ބުނެލަމުން އެއްލޯ މަރައިލީ، ފަލަކްގެ ޚިޔާލުތަކަށް އިންޤިލާބެއް ގެންނަމުންނެވެ.
ފަލަކް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން އަފްޒަލް އިތުރަށް ވާހަކަ ދެއްކިއެވެ.
“އެހެންޏާ ނޫން…..ދުބާއިގެ ކުއްޖަކު އަހަރެން ދުބާއިއަށް ގެނެއްސަ މި ރީތި ރަށުގެ ތަންތަން ނުދައްކާ އެބަ އުޅޭ. އަވަހަށް ތައްޔާރުވޭ ބޭރަށް ދާން…” އަފްޒަލް އެހެން ބުނެ، އައިޕެޑް ކުރިމަތީގައި ހުރި މޭޒުމަތީގައި ބޭއްވުމަށްފަހު ތެދުވެލިއެވެ. އަފްޒަލް އެ ވާހަކަ ބުނެލި ގޮތުންނާއި އިތުރު އެއްޗެކޭ ނުބުނެ ދާން ފެށި ގޮތުން ފަލަކަށް ހީލެވުނެވެ.
އޭގެ ގަޑިއިރެއްހާއިރު ފަހުން ދެމީހުން ތައްޔާރުވެގެން ލިފްޓަށް އެރިއިރު އަފްޒަލްގެ ކިބައިން ފެންނަމުން ދިޔަ ޖޯޝުން ވެސް ފަލަކަށް ތަކުރާރުކޮށް ހެވެމުން ދިޔައެވެ. އަފްޒަލް ހީކޮށްގެން ހުރީ ފަލަކް އޭނަ ގޮވައިގެން ދާނީ ފަލަކްގެ ކާރަށް އަރަން ކަމަށެވެ. އެހެނަސް ސަމާސާއެއްގެ ގޮތުން ފަލަކް އެއްޗެކޭ ނުބުނެ ކާރު ފަހަނަޅައި ދާން ފެށުމުން އަފްޒަލް ވާހަކަ ދެއްކިއެވެ.
“ފަލަކް ކޮން ތަނަކަށް ތި ދަނީ. މިއޮތީއެއްނު ކާރު؟” އަފްޒަލް އެހިއެވެ.
“ހިނގާފަ މިއަދު އުޅޭނީ. އާދޭ!” ފަލަކް ކުރިއަށް އަރައިގެން ދަމުން ހެވިފައި ހުރެ ބުންޏެވެ.
“ހިނގާފައޭ؟ އަޅެ އަހަރެން އެއްމެ މީޓަރަކަށް ވެސް ސައިކަލުން ދާތާ މި ވަނީ 10 އަހަރޭ….” އަފްޒަލް ވެސް ސަމާސާގައި ބައިވެރިވަމުން ފަލަކާއި އެއްވަރު ކުރަން ކުޑަކޮށް ދުވެލިއެވެ.
ހީ ސަމާސާ ކުރަމުން ފަލަކް އަފްޒަލާއި އެކީ ގޮސް ވަނީ ނުހަނު ކައިރިން ފެނުނު ދުބާއި މޯލްގެ ބޮޑު ދޮރުންނެވެ. އެއާއިއެކު ވަށައިގެން އަލި ގަދަ ބޮކިތަކުން ދިއްލި، ޖެހިޖެހިގެން ހުރި ބްރޭންޑެޑް ފިހާރަތައް ފެނިފައި އަފްޒަލް ޙައިރާންވާހާވިއެވެ. ފުރަތަމަ ފަހަރަށް އެފަދަ މަންޒަރެއް ފެނުމުން ބޭރު ޤައުމުތަކުގެ ފިހާރަތައް ހުންނަނީ މިހެންދޯއޭ ބުނެލެވުނެވެ.
“ދެއާރޒް މޯ….އާދޭ ދައްކާނަން.” ފަލަކަށް އެހެން ބުނެ އަފްޒަލްގެ އަތުގައި ހިފައިގެން ހިނގައިގަނެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ކުރެވުނު ކަމެއް އެނގުންވީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ. އެހެނަސް މިފަހަރު ފަލަކް އަފްޒަލްގެ އަތުން ދޫކުރުމެއް ނެތި ކުރިއަށް ދިޔައީއެވެ. އަފްޒަލް ވެސް ވަކި އެއްޗެކޭ ނުބުނެ އުފަލާއި އެކީ ފަލަކްގެ ފަސްފަހަތުން ދިޔައެވެ.
ފަލަކް އަފްޒަލް ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ފުޑް ކޯޓަށެވެ. އަފްޒަލް ވެސް ހުރީ މެންދުރު ނުކައިކަން ހަނދާން ހުރީތީވެއެވެ. ފަލަކް އެދުވަހުގެ އެ ދަތުރު ރާވަން ބޭނުންވީ މުޅިން ވެސް އަފްޒަލް ބޭނުންވާ ގޮތަށް ކަމަށްވުމުން، އެދުވަހު ދެމީހުން ކެއީ ވެސް އަފްޒަލް ޚިޔާރު ކުރި ތަނުންނެވެ.
ކެއުމަށްފަހު ފަލަކް އަފްޒަލް ގޮވައިގެން ދުބާއި މޯލްގެ އެކި ތަންތަން ބަލަން ދިޔައެވެ. ބޮޑު ފާރެއްގެ އުސްމިނާއި ފުޅާ މިން ހުންނަ އެކުއޭރިއަމްއިން ފެށިގެން، އައިސް މަތީގައި ސްކޭޓް ކުރެވޭ އައިސް ރިންކާއި ހަމައަށް އަފްޒަލް ފަލަކް ގޮވައިގެން ދިޔައީ ނުހަނު ގަޔާވެގެންނެވެ. އަދި ރީތި ތަނެއް ފެންނައިރަށް އަފްޒަލާއި ގާތްވެ ސެލްފީތައް ނަގަމުން ދިޔައީ ވަކި އެއްޗެކޭ ހިތަށް ނާރުވައެވެ. އެފަދަ މާޙައުލަކަށް ދެވުމުން އޭނަ ޢާއްމު ގޮތެއްގައި އެގޮތަށް ދުބާއިގެ ތަންތަން ދައްކައި އުޅޭ އެކުވެރި މެހުމާނެއްގެ ގޮތުގައި އަފްޒަލް ސިފަ ކުރެވެމުން ދިޔައެވެ.
ފަލަކްގެ ފަރާތުން ފެންނަމުން ދިޔަ ގާތްކަމުން އަފްޒަލްގެ ހިތް ޙައިރާންކަމެއްގެ ތެރޭގައިވިއެވެ. ފަލަކް އޭނައާއި ގާތްވާ ކޮންމެ ފަހަރަކު ދުވާ މީރު ވަހުން އަފްޒަލަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގެމުން ދިޔައީ ކިރިޔަކިރިޔާއެވެ. އެހެނަސް ފަލަކަށް ވެފައިވާ ވަޢުދުގެ މަތިންނާއި، ފަލަކަށް އޯގާތެރިވުމަށް ހިތުގައި އޮތް އެދުމުގެ ބޮޑުކަމުން އަފްޒަލް ފަލަކާއި ދުރުމިނެއް ބެހެއްޓީ އުފަލާއި އެކީގައެވެ. އަދި ފަލަކްގެ ހިނިތުންވުންތަކެއްގެ ބަދަލެއްގެ ގޮތުން ފުރިހަމަ ހިނިތުންވުންތަކެއް ހަދިޔާ ކުރަމުން ދިޔައީ ލޯތްބާއި އެކީގައެވެ.
މޯލް ތެރޭގައި ވަގުތު ހޭދަވެގެން ދިޔަ ގޮތެއް ދެ މީހުންނަކަށް ވެސް ނޭނގުނެވެ. ގަޑިން 5:45 ވަމުން ދިޔަތަން ފެނި، އަފްޒަލާއި އެއްވަރަށް ފަލަކް ވެސް ޙައިރާންވާ ގޮތްވިއެވެ. މި ނޫނަސް އޭނަ އެތައް ފަހަރު މަތިން މި މޯލްއަށް އައިސް ވަގުތު ހޭދަކޮށްފައި ވިޔަސް، މިހާ އަވަހަށް ވަގުތު ފާއިތުވެ ދިޔަ ދުވަހެއް ނާދެއެވެ.
5:45 ވުމުން މޯލްއިން ބޭރަށް ދިޔުމުގެ ޚިޔާލު ފަލަކް ދިނީ ކުއްލި ގޮތަކަށެވެ. އެއީ ކީއްވެތޯ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދީ ފަލަކް އަފްޒަލްގެ އަތުގައި ހިފައިގެން ބޭރަށް ދިޔައެވެ. މޯލްގެ މައި ދޮރު ނޫން އެހެން ދޮރަކުން ނިކުމެގެން އައުމުން ނުހަނު ގާތުން ބުރްޖް ޚަލީފާގެ އުސްމިން ނުހަނު ކައިރިން ފެންނަ ގޮތްވިއެވެ. އެ ދިގު ޢިމާރާތުގެ ފަހަތުން އޮއްސެމުން ދިޔަ އިރުގެ އަލީގެ ރީތި ކުލަތައް އުޑުގައި ފެތުރިފައިވި ގޮތުން ޖާދުވީ ގޮތަކަށް ފެންނަމުން ދިޔައެވެ.
އެ މަންޒަރު ފެނި އަފްޒަލް ‘ވާވް’ އޭ ކިޔަމުން އެ ދިމާލަށް ބަލަން ހުރެ ފުރިހަމަ ހިނިތުންވުމަކާއިއެކީ ފަލަކާއި ދިމާލަށް ބަލައިލިއެވެ. އެހިނދު ފަލަކަށް އަފްޒަލްގެ ސޫރަ ފެނުނީ ހުވަފެނީ ގޮތަކަށެވެ. ބޭރުފުށުންނާއި އެތެރެފުށުން ވެސް މިހާ ރީތި ޙަޔާތުގެ ބައިވެރިޔަކު އޭނައަށް ލިބުނީ ކިހިނެއްތޯ އެވަގުތު ހިތާހިތުން ސުވާލު ކުރެވުނެވެ.
“ހާދަ ރީއްޗޭދޯ؟ ދިސް އިޒް ދަ ބެސްޓް ޑޭޓް! ޑޭޓް އޯރގަނައިޒް ކުރަން ފަލަކް ވަރަށް މޮޅު!” އަފްޒަލް އެތާ އޮތް ފެންގަނޑުގެ ވަށައިގެން ހެދިފައިވި ރެއިލިންގްގައި އަތް އަޅުވަމުން ބުންޏެވެ.
“ޔަޤީނެއްނު؟ މިހާ ސަޅި ޑޭޓަކަށް އަދި ދުވަހަކުވެސް ނުދަންދޯ؟” ފަލަކް ސަމާސާގެ ތެރޭގައި ވަކި މާ ބޮޑު ވިސްނުމެއް ނެތި އެހިއެވެ. އެހެނަސް ސުވާލު ކުރެވުމުން ކުއްލިއަކަށް އަފްޒަލްގެ މާޒީއާއި މެދު ހިތުގައި ސުވާލުތައް އުފެދުނެވެ. ފަލަކް ކޮށްލި ސުވާލަށް އަފްޒަލް ކުޑަ ހުއްޓުމަކަށްފަހު ލުއި ގޮތަކަށް ހީލަމުން އިސްޖަހައިލި ގޮތުން އެ ސުވާލުތައް ގިނަވިއެވެ.
“ހަމަ އަސްލުވެސް މިހާ ޚާއްޞަ ޑޭޓަކަށް އަދި ދުވަހަކުވެސް ނުދަން. ފަލަކް އަހަރެންގެ ބައިވެރިޔަކަށްވީތީ ވަރަށް އުފާވޭ…” އަފްޒަލް އެހެން ބުނެލަމުން، ރެއިލިންގްގައި އެޅުވިފައިވި ފަލަކްގެ އަތްމަތީގައި އަތް އަޅައި ހިނިތުންވެލިއެވެ.
އޭގެ ބަދަލުގައި ފަލަކް ހިނިތުންވެލީ ހިނދު ހިތުގައި އުފެދުނު ސުވާލުތައް ދުލާއި ހަމައަށް ގެންނާކަށް ނުކެރުނެވެ. އޭނައަށް ވުރެ ކުރިން އަފްޒަލްގެ ހިތުން ކުއްޖަކަށް ޖާގަ ދެވިފައިވާ ވާހަކަ އަޑުއަހަން ހިތް ނޭދުނީއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ޒުހާ ތެދުވުނީ އަވަހަށެވެ. ބައްޕައާއި މަޝްވަރާ ކޮށްގެން ޒުހާ ހިންގަން އުޅުނު ޞަދަޤާތް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށެވެ.
ޒުހާއަށް މަސައްކަތް ފަސޭހަކޮށްދިނުމަށްޓަކައި ބައްޕަ ދިން ޚިޔާލެއްގެ މަތިން އެ ޕްރޮގްރާމް ހިންގަން ޝައުޤުވެރިވާ ބައްޕަގެ ހޮޓެލްގެ މުވައްޒަފުންގެ ލިސްޓެއް ހޯދައި އެ މުވައްޒަފުންގެ ވައިބާރ ގްރޫޕެއް ހެދިއެވެ. 12 މީހުންގެ އެ ވައިބާރ ގްރޫޕްގައި ގިނައީ އަންހެން ކުދިންނެވެ. ހޮޓެލް ތެރެއިން ދިމާވި މުވައްޒަފުންގެ ތެރެއިން ޒުހާ ގިނައިން ސުވާލު ކުރީ އަންހެން ކުދިންނާއި ކަމަށްވުމުންނެވެ.
ޞަދަޤާތް ސްޓޭންޑް ހަދާނެ ސަރަޙައްދާއި، ސްޓޭންޑް ހަދާނެ ގޮތާއި، ޞަދަޤާތުގައި ހިމަނާނެ އެއްޗެހީގެ މަޝްވަރާ ގްރޫޕްގައި ކުރެވުނެވެ. އެ މަޝްވަރާގެ ނިމުމަކާއި ގާތްވަމުން ދިޔަދިޔަހެން އަދި އެހެން މުވައްޒަފަކު ޕްރޮގްރާމްގައި ބައިވެރި ވިޔަސް މައްސަލައެއް ނެތްތޯ ޒުހާ ގާތުން ސުވާލު ކުރެވުނެވެ. ޒުހާ އާނއެކޭ ބުންޏެއްކަމަކު އެ މުވައްޒަފު ގްރޫޕަކަށް ނުވަދެއެވެ. އެ މުވައްޒަފު ބައިވެރި ކުރުވަން ބޭނުންވި ފިރިހެން ކުއްޖާ، ހުރިހާ މަޢުލޫމާތެއް އެމީހަކަށް ފޮނުވާފައިވާ ކަމަށް ބުންޏެވެ.
އެދުވަހު ހެނދުނު ބައްޕައާއި އެކީ ސްޓޭންޑް ހަދާ ޞަރަޙައްދަށް ދިޔަ މަގުމަތީގައި ވެސް ޒުހާއަށް އެއީ ކާކުކަމާއި މެދު ވިސްނެމުން ދިޔައެވެ. އެހެނަސް ހޮޓެލްގެ މުވައްޒަފުން އެހާ ރަނގަޅަށް ނޭނގޭތީ ވަކި ޖަވާބަކާއި ހަމައަށް ދިޔުމަށް ޒުހާ މަސައްކަތެއް ނުކުރެއެވެ.
ބައްޕަގެ ކާރު ގޮސް މަޑުކޮށްލީ، ކުއަލަލަމްޕޫރުގެ މެދު ފަންތީގެ ޢާއިލާތައް ޢާއްމުގޮތެއްގައި އުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސްގެ ކައިރިއަށެވެ. ކާރު މަޑު ކުރިއިރު ވެސް އެތާ ހިޔާ ކުރެވިފައި ހުރި ބޮޑު ސްޓޭންޑެއްގެ ކައިރީގައި އެއްކަލަ ގްރޫޕްގައި އުޅުނު ކުދިން ފެނުނެވެ. މި ކުދިން މި މަސައްކަތް ނިންމީ ހާދަ އަވަހަށޭ ހިތައި ޒުހާ ކާރުން ފޭބީ، ބައްޕަ ގާތު ދިޔަޔަސް މައްސަލައެއް ނެތްކަމަށް ބުނަމުންނެވެ.
ޒުހާ އެކުދިންނާއި ކައިރިވަމުން ދިޔަދިޔަހެން އެހާ އަވަހަށް ޓެންޓް ޖަހައި ނިމުނީ ކިހިނެއްކަމާއި މެދު އެކުދިން ވެސް ޙައިރާންވެގެން އުޅޭކަން އިވުނު ވާހަކަތަކުން ޒުހާއަށް އެނގުނެވެ. ޒުހާ އެކުދިންގެ ތެރެއިން ފުރޭނެމުން ގޮސް އެ ބޮޑު ސްޓޭންޓަށް ރަނގަޅު ނަޒަރެއް ދިނެވެ.
ހުދު ކުލައިގެ ސަތަރިއަކުން ހިޔާ ކުރެވިފައިވާ އެ ސްޓޭންޑުގެ ހަތަރު ތަނބުގެ ތެރެއިން ކޮންމެ ތަނބެއްގައި، އެއާއި އެއްވަރުގެ ކުލަ ގަދަ ޕޯސްޓަރުތައް ހަރު ކުރެވިފައިވިއެވެ. ކޮންމެ ޕޯސްޓަރެއްގައި ބޮޑު އަކުރުން ޕްރިންޓް ކުރެވިފައިވީ ނަސޭޙަތުގެ ބަސްތަކެވެ. ކެއުމުގެ ކުރިން ބިސްމި ކިޔުމާއި ގުޅޭ ޙަދީޘާއި، ކެއުމަށްފަހު ކިޔާ ދުޢާއާއި، ޙަޔާތުގައި ބަރަކާތް އިތުރު ކުރުމަށް ގިނަގިނައިން އިސްތިޣްފާރު ކުރުމަށާއި، ރަސޫލާ ﷺ ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަށް ނަސޭޙަތްތައް ލިޔެވިފައިވިއެވެ.
“މިއީ އަހަރުމެން ޑިސްކަސް ކުރި އައިޑިއާއަށް ވުރެ ވެސް ފުރިހަމައަށްދޯ ހަދާފަ މިހިރީ؟ ހާދަ ލާރިއެއް ޚަރަދުކޮށްފައޭ އެ މީހަކު މިކަން ކުރާނީ. މިއީ އަނެއްކާ އެހެން ބައެއްގެ ސްޓޭންޑެއްބާ!”
ކޮންމެވެސް ކުއްޖަކު އިނގިރޭސި ބަހުން އެހެން ބުނި އަޑު އިވިފައި ޒުހާ ސްޓޭންޑާއި ދިމާލަށް ހިނގައިގަތެވެ. އެއީ އެމީހުންގެ ސްޓޭންޑްތޯ ޔަޤީން ކުރުމަށެވެ. އަދި އެ ސްޓޭންޑަށްޓަކައި އެމީހުންގެ ތެރެއިން މީހެއް ޚަރަދުކޮށްފައި ހުރިނަމަ ޒުހާ އެކަމުގެ ޒިންމާ ނަގަން ޖެހޭނެތީވެއެވެ.
ޒުހާ ގޮސް އެތާހުރި މޭޒަށް ބަލައިލިއިރު އެމީހުން ރާވާފައިވާ ގޮތަށް ކާ އެއްޗެހި އަޅައި، ކަރުދާސް ފޮށިތައް ބަންދުކުރެވިފައިވިއެވެ. އަދި މީގެ އިތުރުން ޖޫސް ޕެކެޓްތަކާއި ފެންފުޅިތައް ވެސް ރޭވިފައިވިއެވެ. މޭޒަށް ބަލަމުން ބަލަމުން ގޮސް ޒުހާއަށް މޭޒުގެ ކޮޅުގައި ހުރި ފެހި ކުލައިގެ ރިބަން ކޮޅުތައް ފެނުނެވެ. ރޭގެ މަޝްވަރާގައި އެ ފޮށިތަކުގައި ރިބަން ކޮޅަކުން ޓައިއެއް ޖަހާނެ ވާހަކަ ދެކެވުނު ގޮތް ޒުހާގެ ހަނދާނަށް އައެވެ.
ރިބަންތަކުގެ ކައިރީގައި އިނގިރޭސިން ލިޔެވިފައި އޮތް ގަނޑުކޮޅެއް ފެނިފައި ޒުހާ އެ ގަނޑުކޮޅު ނަގައި ކިޔައިލިއެވެ. އެންމެ ފުރަތަމަ ވެސް ލިޔެވިފައިވީ ލާރީގެ ޢަދަދެކެވެ. އެއަށްފަހު އެކައުންޓް ނަންބަރެކެވެ.
“މަތީގައި އެ އޮތީ މި ސްޓޭންޑް ހަދަން ޚަރަދުވި ލާރީގެ ދެބައިކުޅަ އެއްބައި. އެހާވަރު އަޅުގަނޑުގެ އެކައުންޓަށް ޖަމާ ކޮށްލާ. މީހަކު ކުރާ މިހާ ސަޅި ހެޔޮ ޢަމަލުތަކުގަ ވަރަށް ބައިވެރިވާ ހިތްވޭ! އެކަމަކު މި ގަޑީގަ މިއަދު އަހަރެން މިހިރީ ޑިއުޓީގަ. މި ފުރުސަތަށްޓަކައި ޖަޒާކި ﷲ ޚައިރަން!”
އެ ލިޔުން ކިޔާފައި ޒުހާއަށް ދެންވެސް ލިޔުމާއި ދިމާލަށް ބަލަން ހުރެވުނީ، އެ ލިޔުން ކުރިން ވެސް ފެނިފައިވިހެން ހީވުމުންނެވެ. އެއީ ކާކުގެ ލިޔުމެއްކަން ދަނެގަންނަން ޒުހާއަށް މާ ގިނައިރެއް ނުނެގިއެވެ.
**
މަހްރީން އޭނަގެ އަމިއްލަ އޮފީހުގެ ކެބިންގައި އިންދާ ކެބިންގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. އެއީ ކާކުކަން ދަނެހުރެ މަހްރީން އޭނަގެ އަތުގައި އޮތް ފައިލް ލައްޕައިލަމުން ވަނުމަށް އެންގިއެވެ. އެއާއިއެކު އެ ދޮރު ހުޅުވައިލަމުން ކެބިންއަށް ވަނީ، ލީނާ ނޫން ދެވަނަ މީހެއް ނޫނެވެ.
އަޅި ކުލައިގެ ގަޔަށް ހިފިފައިވާ ޓީޝާޓަކާއި، ނޫކުލައިގެ ބާރު ޖިންސެއް ލައިގެން ލީނާ ކެބިންއަށް ވަންއިރު، ރަންކުލައިގެ ޗޭނެއް ހުރި އަތް ދަބަހެއް ކޮނޑުގައި އެޅުވި، އެކި ތަންތަނުން މަޑު އޮރެންޖް ކުލައެއް ޖެއްސިފައިވި ފަން އިސްތަށިގަނޑުގެ މަތީގައި އަވި އައިނު އެޅުވިފައިވިއެވެ.
“ހެލޯ ޕާރޓްނާރ އިން ކްރައިމް! ކޮން އިރަކުތަ އަހަރުމެންގެ ޕްލޭން ކުރިއަށް ގެންދަނީ؟” ލީނާ ގޮސް މަހްރީންގެ ކުރިމަތީގައި އިށީނދެ، ދެފައި ހުރަސްކޮށްލީ ގޮތުން މަހްރީން އަޑިން އަޑިން ނުރުހުންވާ ގޮތްވިއެވެ. އޭނަ ލީނާގެ އެހީ ހޯދަން އުޅުނަސް ލީނާދެކެ ފޫހިވެއެވެ. މިހާތަނަށް އައިއިރު ލީނާ އޭނައާއި މެދު ކަންތައް ކޮށްފައިވަނީ ވަރަށް ދަށްކޮށެވެ. ލީނާ ދިން އޯޑަރެއް ރަނގަޅަށް ލީނާއާއި ހަމައަށް ނުދިޔުމުން އޭނައަށް އެއްޗެހި ވެސް ގޮވާފައިވެއެވެ. މިހާރު ވަކި އޭނައާއި ގާތްކޮށް ވާހަކަ ދައްކަން މިއީ ކާކުތޯ މަހްރީންގެ ހިތަށްއެރިއެވެ.
“މާދަމާ ރޭ. މާދަމާ ރޭ މި އުޅެނީ ފަލަކްއާއި އަފްޒަލް ކައިވެނި ކުރިކަން އަންގަން އޮފީހުގެ މުވައްޒަފުންނަށް ޕާޓީއެއް ދޭން. އެ ޕާޓީގެ ތެރެއިން ޕްލޭން ޖައްސާނީ. ޔަޤީންތަ މީގެ ސަބަބުން ފަލަކާއި އަފްޒަލް ދުރުވާނެކަން؟” މަހްރީން އެހިއެވެ.
“ހަމަ ޔަޤީނެއްނު؟ މަށަށް އެނގެއޭ ތި އަފްޒަލްގެ ގޮތް. ރަނގަޅަށްވިއްޔާ މިހާ ދުވަސް ވީއިރު ވެސް ފަލަކްގާތު އަހަރެންގެ ވާހަކަ ނުބުނެ ހުންނާނީ. އަހަންނާއި މެދު އަދިވެސް ދީވާނާވެގެން އުޅޭތީ. މާދަމާ ރޭ އަހަރެން ޖެހޭނީ ތި އަފްޒަލް އަހަރެންގެ ފަހަތު އަޅައިގެން އަހަރެންގެ ފިރިމީހާއާއި ވަރިވާންހެން. ހަހަހަ…” ލީނާ ގަދައަށް ހޭން ފެށި ގޮތުން މަހްރީން ވިސްނުމަކަށް ގެއްލުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ލީނާ އެ ބުނާ ފަދަ ގޮތެއް ވެދާނެތޯ ހިތަށްއެރިއެވެ.
ނުނިމޭ
It meh
August 2, 2023 @ 5:45 am
Next part when?
🤍
August 3, 2023 @ 4:09 am
🤩🤍🔥💌
I
August 4, 2023 @ 3:41 pm
When next part?
Sha
August 5, 2023 @ 1:25 am
💌
Maryam
August 9, 2023 @ 2:11 pm
next part kondhuvahakun?
✨
December 15, 2023 @ 2:27 am
🔥