ޤަދަރު (ފަންސާސްވަނަ ބައި)
ހޮސްޕިޓަލުގެ ކުރިމަތީގައި ޕާކްކުރެވިގެން ދިޔަ ޓެކްސީއިން ފޭބުމަށްފަހު، މަޑުވެސް ކުރުމެއްނެތި ހޮސްޕިޓަލަށް ވަންނަން ދިޔަ އަފްޒަލްގެ ހެއެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“ތިއީ މިސް ފަލަކް މަޖީދުގެ ޢާއިލާ މެމްބަރެއްތޯ؟ ދާދި ދެންމެ ހިނގި ޙާދިސާއެއްގަ ފަލަކް ހޫނު ފެނުގެ ދަށުވެ އަނދައިގެން މި ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެނެވިފަވަނީ.”
ނޭނގޭ ނަންބަރަކުން އަފްޒަލަށް ގުޅާފައި އެންގި އެންގުމަކުން ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން އަފްޒަލަށް ހީވިއެވެ. އިވުނު އެއްޗެއް ޤަބޫލުކުރަން ވެސް ދަތިވެ، ގަބުވެފައި ހިނދުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އިންތަނުން ތެދުވެ، އަވަސްވެފައިވި ހިތަކާއިއެކީ އެ ހޮސްޕިޓަލަށްދާން އަވަސްވެގަނެވުނެވެ.
ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރުވެސް އަފްޒަލްގެ ހިތް މޭފަޅާލާފައި ނިކުމެދާނެހެން ހީވަމުން ދިޔައެވެ. ފޯނުން އިވުނު ބަސްތައް ކަންފަތުގައި ތަކުރާރުވަމުން ދިޔަދިޔަހެން ފަލަކްގެ ގައިގައި އަޅަމުންދާނެ ވޭން ޚިޔާލު ކުރެވެމުން ދިޔައެވެ. އެ ޚިޔާލުތަކާއިއެކީ ހަށިގަނޑުން ވަރުވެސް ދޫވަމުން ދިޔައެވެ.
“ފަލަކް…މަޖީދު..”
ރިސެޕްޝަނަށް ގޮސް ކުރުވެފައިވާ ނޭވައަކާއިއެކީ އަފްޒަލަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެއާއިއެކު ތިއޭޓާރތައް ހުރި ދިމާލަށް ދިޔުމަށް އަފްޒަލަށް އެންގުނެވެ.
ފަލަކަށް ފަރުވާ ދެވެމުން ދިޔަ ތިއޭޓަރާއި ހަމަވިއިރު، ތިއޭޓަރުގެ ބޮކި އޭރުވެސް ދިއްލިފައިވުމުން އަފްޒަލް އެތާ ހުރި ހުސް ގޮނޑިބަރީގައި އިށީނެވެ. އެހިނދު ވެސް އެ ހިތުގައިވި ހާސްކަމަށް ބަދަލެއް ނާދެއެވެ. މިއީ ކިހިނެއް ހިނގި ކަމެއްތޯ ހިތަށް އަރަން ފެށިއެވެ. މި ކަމުގައި ލީނާގެ އަތެއް ވެދާނެތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވެން ފެށިއެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ފަލަކް ސައްޙަ ސަލާމަތުން އޭނައާއި ހަމައަށް އަންނާނެ ގޮތެއްވުމަށް ދުޢާ ކުރެވެމުން ދިޔައެވެ.
އަފްޒަލްގެ އެ ދުޢާ އިޖާބަވެގެން ދިޔައެވެ. އިރުކޮޅެއްފަހުން ފަލަކް ތިއޭޓަރުން ނެރެވުނެވެ. އެވަގުތު ފަލަކްގެ ލޯ ފިޔަވައި މުޅި މޫނުގައި ބެންޑޭޖް އެޅިފައިވުމުން އަފްޒަލްގެ ހިތަށް އުދަގޫވިއެވެ. ދުއްވަމުން ދިޔަ އެނދުގެ ފަހަތުން އަފްޒަލް ދާން އުޅުނު ވަގުތު ޑޮކްޓަރު ވާހަކަ ދެއްކިއެވެ.
“ތިއީ…ފަލަކްގެ ބެލެނިވެރިޔާތޯ؟” ސާރޖަރީ ޔުނިފޯމުގައި ހުރި ޑޮކްޓަރު މާސްކު ނަގަމުން އިނގިރޭސިން ސުވާލު ކުރިއެވެ.
“ފިރިމީހާ…” އަފްޒަލް ޖަވާބު ދިނެވެ.
އެއާއިއެކު ޑޮކްޓަރު އަފްޒަލް ގޮވައިގެން ޑޮކްޓަރުގެ އޮފީހަށް ގެންދިޔައެވެ.
“ޑޮކްޓާރ…މިހާރު ފަލަކް ކިހިނެއްތޯ؟ ހުރިހާ ކަމެއް ރަނގަޅު ދެއްތޯ؟” ޑޮކްޓަރު ކުރިމަތީގައި އިށީނދެވުމާއިއެކު އަފްޒަލް ސުވާލު ކުރިއެވެ.
“މިހާރު ދެން ފަލަކްގެ ޞިއްޙަތުދާނީ ރަނގަޅުވަމުން އިން ޝާ ﷲ. އެ ޙާދިސާގެ ސަބަބުން ފަލަކްގެ އެތެރެ ހަށީގެ ގުނަވަންތައް ވެސް ކުޑަ ޝޮކަކަށް ގޮސްފަވާނީ. އެކަމަކު ލަސްލަހުން ކުޑަކުޑަކޮށް ކާންފެށީމަ ރަނގަޅުވާނެ. ލޮލުގެ ފެނުމަށް ވެސް ފަހަރެއްގަ އަސަރެއްކޮށްފަ ހުރުން އެކަށީގެންވޭ. ފަލަކް ހޭއެރީމަ ލޮލުގެ ޓެސްޓްތައް ހަދައި ޔަޤީން ކުރެވޭނީ. އެކަމަކު….އެ ޙާދިސާގެ ސަބަބުން ފަލަކްގެ ހަށިގަނޑުގެ ބޮޑުބައެއްވަނީ އަނދާފަ. މޫނުގެ ބައެއް ވެސް ވަނީ އަނދާފަ. ވަގުތާއިއެކީ ބައެއް ފާރުތައް ރަނގަޅުވުން ވެސް އެކަށީގެންވޭ. އެކަމަށް ބަލާފަ ފާރުތަކަށް ހުރި ހަންގަނޑު ރަނގަޅު ކުރަން އިތުރު ސާރޖަރީއަކަށް ދެވޭނީވެސް.” ޑޮކްޓަރު ކިޔައިދިނެވެ. އަފްޒަލް ދެރަވެފައިވި ހިތަކާއިއެކީ ބޯޖަހައިލިއެވެ. ދެރަވީ ފަލަކަށް ލިބިފައިވި ޒަޚަމްތަކުން ފަލަކަށް ލިބޭނެ ވޭން ތަޞައްވުރު ކުރެވުމުންނެވެ.
“މިއީ ބަލިމީހާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް. އަޅުގަނޑު ނަސޭޙަތްތެރިވާނީ ވީހާވެސް ވަރަކަށް ބަލިމީހާ ހިތްހަމަޖެހޭ ވާހަކަތައް ދެއްކުމަށް. މިހާ ބޮޑު ކަމެއް ދިމާވިޔަސް ފަލަކަށް ހަމަ ކުރީގެ ދިރިއުޅުމަށް އިއާދަވެވޭނެކަން ވިސްނައިދޭންވީ. ފަލަކްގެ ފިރިމީހާގެ ގޮތުގަ، ފަލަކްއާއެކީ ހުންނަން އަދިވެސް ނިންމައިގެން ހުރިއްޔާ އެކަން ބަހާއި ޢަމަލުން ވެސް އަންގަދޭންވީ.”
އަފްޒަލަށް އެ ވާހަކަތަކަށް ވެސް ބޯޖަހައިލެވުނެވެ. ހަމަ އެ ވަގުތުން ވަގުތަށް ވެސް އޭނަ ފަލަކާއި ވާހަކަ ދައްކާނެ ގޮތް ސިކުނޑީގައި ރޭވެން ފެށިއެވެ.
އަފްޒަލް އެ އޮފީހުން ނިކުތް ގޮތަށް ދިޔައީ ފަލަކް ބޭއްވިފައި އޮތް ޕްރައިވޭޓް ވޯޑަށެވެ. އޭގެ ގަޑިއިރުތަކެއްފަހުން ފަލަކްގެ މޫނުން ބެންޑޭޖްތައް ނެގުނީ އަފްޒަލް ބަލަބަލާ ހުއްޓައެވެ.
ފަލަކްގެ ދެކޯތާފަތާއި ނިތުގެ ބައެއް އެއްކޮށް ފާރުވެފައިވިތަން ފެނި، އަފްޒަލް ވަގުތުން ފެންކަޅިވިއެވެ. އެ މަންޒަރު ބަލަން ހުރިހުރިހެން ދެފައިން ވާގި ދޫވާން އުޅުނުހެން ވެސް ހީވިއެވެ. ނަރުހުން ވޯޑުން ނިކުމެގެން ދިޔުމާއިއެކު އަފްޒަލަށް ގިސްލައި ރޮވެން ފެށިއެވެ. ފަލަކް އެކަނިމާއެކަނި ތަޙައްމަލު ކޮށްފައިވާނެ ވޭން ހިތަށް ގެނެވުމުންނެވެ. ރޮމުން ފަލަކްގެ އެނދު ކައިރީގައި ކަކޫ މައްޗަށް ތިރިވެވުނު ހިނދު، މި ހުރިހާ ކަމަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެދުވަހު ހަވީރު ފަލަކް ދިޔަ ދެވުނީތީވެއެވެ. ފަލަކް އިންކާރު ކުރިޔަސް އޭނައަށް އިތުރަށް ބުނެވުނުނަމައޭ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ.
އެހެނަސް ހުރިހާ ކަމެއްވެސް ވާނީ ﷲ ގެ މަތިވެރި ތަޤްދީރުފުޅާއި އެއްގޮތަށްކަން އަފްޒަލް ހަނދާން ކުރިއެވެ. ކޮންމެ ކަމެއްގެ ވެސް ފަހަތުގައި މަތިވެރި ޙިކުމަތެއް ވާނެކަން ހަނދާން ކުރިއެވެ. ފަލަކަށް އަމިއްލަ ސޫރަ ފެނޭ ހިނދު ފަލަކަށް ވެސް މިކަން ވިސްނޭނެ ގޮތެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ.
**
ފަތިސްވަމުން ދިޔަ ވަގުތު ފަލަކްގެ ލޯ ތަގުޅިވެގެން ދިޔައެވވެ. އޭގެ ދެވަނަ ސިކުންތުގައި ލޯ ހުޅުވިގެން ދިޔުމުން ވަށައި ނަޒަރު ހިންގައިލެވުނެވެ. ފަނޑު ރީނދޫ ކުލައިގެ ބޮތްކެއް ދިއްލިފައިވި އެ ކޮޓަރިއަކީ އަމިއްލަ ކޮޓަރި ނޫންކަން ޔަޤީންވުމުން އެއީ ކޮންތަނެއްތޯ ފަލަކަށް ވިސްނެން ފެށިއެވެ. އޭނަ އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިން އަފްޒަލް އޭނަގެ ކާނަތު އަތް މަތީގައި ބޯ އަޅައިގެން ނިދަން އޮތް މަންޒަރު ފެނުނީ އެވަގުތެވެ. ހަމަ އެހިނދު، އަރިމަތީ މޭޒުމަތީގައި އޮތް އަފްޒަލްގެ ފޯނު ވައިބްރޭޓްވެ، ބަންގީގެ އަޑު އިވެން ފެށުމުން އަފްޒަލަށް ހޭލެވުނުކަން ފަލަކަށް އެނގުނެވެ.
އަފްޒަލް ބޯހިއްލައިލުމާއެކު ފަލަކަށް ލޯ މަރައިލެވުނީ ކީއްވެކަމެއް ޚުދު ފަލަކަކަށް ވެސް ނޭނގުނެވެ. އަފްޒަލަށް އޭނަ ފޮރުވަން ބޭނުންވާ ކަމެއް އޮތް ކަމަށް ހިތުގެ އަޑިން އެންގި ފަދައެވެ. އަފްޒަލް ފޯނު ނަގައި ބަންގީގެ އަޑު ކަނޑުވައިލުމަށްފަހު ގޮނޑިން ތެދުވުނުކަން އިވުނު އަޑުތަކުން ފަލަކަށް އެނގުނެވެ. އެއަށްފަހު އަފްޒަލް އޭނައާއި ގާތްވިހެން ހީވުމުން އަފްޒަލް އޭނަގެ ނިތުގައި ބޮސްދޭނެކަމަށް ފަލަކް ހީކުރިއެވެ. އެހެނަސް ނިތުގެ ބަދަލުގައި އަފްޒަލް ބޮސްދިނީ އޭނަގެ އިސްތަށިގަނޑުގައެވެ. އަދި ފިރުމައިލީ ވެސް އިސްތަށިގަނޑު މަތިންނެވެ.
އެކަމާއިމެދު ފަލަކްގެ ހިތުގައި ސުވާލު އުފެދެން ފެށި ވަގުތަކީ، އަފްޒަލް އެ ރޫމުގެ ދޮރު ހުޅުވައި ލައްޕައިލި އަޑު ފަލަކަށް އިވުނު ވަގުތެވެ. އެވަގުތު އަފްޒަލް ދާނީ ފަތިސް ނަމާދަށްކަން އެނގުންވުމުން ފަލަކަށް ލޯ ހުޅުވައިލެވުނެވެ. ހަމަ އެހިނދު ޚުދު އަމިއްލަ ހަޅޭކުގެ އަޑު ފަލަކްގެ ކަންފަތުގައި ގުގުމައިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެއްކަލަ ސްޕްރިންކްލާރތަކުން ފެން އޮހޮރެން ފެށި ގޮތް ސިފަވެ ގައިގެ އެކި ތަންތަނުން ދިލަ ނަގަން ފެށިއެވެ.
އެއާއިއެކު ފަލަކަށް ކުއްލި ގޮތަކަށް ތެދުވެލެވުނެވެ. އެހިނދު ގައިގައި އެޅި ވޭނުން ލުއި އާހުތަކުގެ އަޑު ފަލަކްގެ އަނގައިން ނިކުތެވެ. އަތުގެ ނުފުށުން ދިލަ ނަގަމުން ދިޔައީތީ އެވަގުތު އެ ދެއަތަށް ބަލައިލެވުނެވެ. އެ ހިނދު އެ ދެ އަތުން ފެނިގެން ދިޔަ ޒަޚަމްތަކުން ލިބުނު ޝޮކާއިއެކީ ފަލަކްގެ މެއަށް ފިނިވެ، ދެލޯ ބޮޑުވިއެވެ. އެހިނދު މޫނާއި ކަނދުރާއިގެ ހަންގަނޑު ވެސް އިޙްސާސް ކުރެވެމުން ދިޔައީ ތަފާތު ގޮތަކަށްކަން އެނގުންވުމުން، އެނދުން ފޭބުނީ ރޫމުގެ އެއްފަރާތުގައި ހުރި މޫނުބަލާ ލޯގަނޑާއި ދިމާލަށް ދިޔުމަށެވެ.
ފަލަކް އެނދުން ފޭބުމުން ވެއްޓިގެން ދިޔަ އައިވީ ސްޓޭންޑާއި އެ އަތާއި ގުޅިފައިވި އައިވީ ބިންމަތީގައި ދެމުނެއްކަމަކު، ފަލަކް އެއަށް ފަރުވާލެއްނެތި ލޯގަނޑު ކައިރިއަށް ދިޔައެވެ. އެ ހިނދު ޚުދު އަމިއްލަ ސޫރަ ފެނިފައި ފަލަކް ޖެހިލުންވާ ގޮތްވިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތް އަމިއްލަ ކޯތާފަތާއި ހަމައަށް ގެނައިއިރު މޭ ރޫރޫއަޅައެވެ. އެއީ ހަމަ އޭނަގެ ސޫރަކަން ޔަޤީންވި ވަގުތު ފަލަކަށް ހަޅޭއްލަވައިގަނެވުނެވެ.
އެ ހަޅޭކުގެ އަޑު އިވިގެން ދިޔައީ އެ ވޯޑުގެ ބޭރުގައި ނަރުހަކާއި ވާހަކަ ދައްކަން ހުރި އަފްޒަލަށެވެ. އިސާހިތަކު އަފްޒަލް ހިތުގެ ތެޅުމެއްހާ ބާރު މިނުގައި އެ ވޯޑުގެ ދޮރާއި ހަމައަށް ގޮސް ދޮރު ހުޅުވައި އެތެރެއަށް ވަނެވެ. ލޯގަނޑު ކުރިމަތީގައި އަޑުން އަޑު ނަގައި ރޯން ހުރި ފަލަކް ފެނިފައި އަފްޒަލް ދުވެފައި ގޮސް ފަލަކްގެ ގައިގައި ބައްދައިލިއެވެ.
“އިޓްސް އޯކޭ ފަލަކް. އިޓްސް އޯކޭ. އަހަރެން މިހިރީ ފަލަކް ކައިރީގަ.”
އަފްޒަލް ފަލަކްގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ. އެހެނަސް އެއަކުން ފަލަކްގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ފަލަކްގެ މޫނު އަފްޒަލްގެ މޭމަތީގައި ފޮރުވިފައިވުމުން ރުއިމުގެ އަޑު މަޑުވިއެއްކަމަކު، ފަލަކްގެ ކަރުނަތަކުން އަފްޒަލްގެ ގަމީސް ތެމެމުން ދިޔައެވެ.
“الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ…. أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ”
(އެބައިމީހުންނީ އެބައިމީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެބައިމީހުންނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެބައިމީހުންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ.)
ބުނާނެ އެހެން ވާހަކައެއް ނޭނގުމުން އަފްޒަލް ފަލަކަށް ކިޔައިދިނީ އެ އާޔަތްތަކެވެ. އެ އާޔަތްތައް އިވިގެން ދިޔަދިޔަހެން ފަލަކް ހިމޭންވިއެވެ. އެހެނަސް ދެންވެސް ލުއި ގޮތަކަށް ގިސްލެވެމުން ދިޔައީތީ އަފްޒަލް ފަލަކްގެ ގައިގައި ހިފަހައްޓައިގެން ހުއްޓެވެ.
**
އަމިއްލަ ދޮންތަގެ ޙާލާއިމެދު ރޭކާލުމެއްނެތި ޒުހާ، ބައްޕަގެ ހާޒިރީގައި އަނަސްއާއެކީ ގުޅުން ބަދަހި ކުރަމުން ދިޔައެވެ.
“ކޮންމެ ރެއަކު އެކައްޗެއްދޯ ޒުހާ ކައި އުޅެނީ މަޖީދުބެ؟” އަނަސް ވީޑިއޯ ކޯލުގެ ތެރެއިން ސަމާސާ ރާގަކަށް ބުންޏެވެ.
“އާނ….ރޮށްޓާއި ރިހައަކީ ޒުހާގެ ފިކްސްޑް މެނޫއެއް މި ދުވަސްކޮޅު. ދެކުދިން ގުޅުނީމަ ނިކަން ރަނގަޅަށް ކާންދެވޭތޯ ބަލާބަލަ މި ކުއްޖާއަށް އަނަސް!” މަޖީދުވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
ޒުހާ ނޫނޭ ކިޔަކިޔާ އިނެއްކަމަކު އެ ދެމީހުން ހުނުމާއިގެން ކުރިއަށް ދިޔައެވެ. އެންމެ ފަހުން ދެއަތް އުރައި އަނަސްއަށް ރުޅި މޫނެއް ދެއްކުމުން އަނަސް ހުނުން ހުއްޓައިލިއެވެ.
“އޯކޭ ސޮރީ….ހިނގާދޯ މިރޭގެ ވާހަކަ ފަށަމާ. ރޭގަ ޒުހާ ބުނީމެއްނު މިރޭ ކޮންމެވެސް ވާހަކައެއް ކިޔައިދޭނަމޭ؟” އަނަސް ބުންޏެވެ.
“އޮހް….އާނ..” ޒުހާއަށް ބުނެވުނެވެ. ޒުހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތް އަނަސްއަށް ފާހަގަކުރެވުނެވެ.
“ކޮން ވާހަކައެއް އެއީ؟” ޒުހާ އެއްޗެކޭ ނުބުނުމުން އަނަސް އިތުރަށް ސުވާލުކުރިއެވެ.
“އަނަސްއަށް….އެދުވަހު ހޮޓެލް ތެރެއިން ފެނުނު ކުއްޖާއަކީ އަހަރެން ކުރީގަ ރައްޓެހިވެގެން އުޅުނު ކުއްޖާ.” ޒުހާ އިސްޖެހިފައި އިނދެ ޖެހިލުންވުމަކާއިއެކީ ބުންޏެވެ. މި ވާހަކައަކީ ކުރީ ދުވަހު ބައްޕައަށް ވަކިން ކިޔައިދީފައިވާ ވާހަކައަކަށް ވުމުން ބައްޕަ އެ ވަގުތު ސުވާލެއް ނުކުރެއެވެ.
“އޮހް! އެދުވަހުވެސް ހީވިއޭ ތިކަހަލަ ގޮތެއް. އޭނައަށް ޒުހާ ޖަވާބު ދިންގޮތް އަހަންނަށް ކަމުދިޔަ. ހެހެ…ޒުހާއަކީ އެހާ ވަރަށް ރުޅި އަންނަ ކުއްޖެއް ކަމަށް ހިއެއް ނުކުރަން….ކީއްވެ އެ ކުއްޖާއާއި ބްރޭކް އަޕް ވީ؟” އަނަސް އެހިއެވެ.
“އަހަރެން އެ ކުއްޖާއާއި ރައްޓެހިވީ އެހާ ބޮޑަށް ދީނާއިމެދު ޢިލްމެއް ނެތް ދުވަސްވަރެއްގަ. ދީން އުނގެނި ދީނަށް ލޯބިޖެހެން ފެށީމަ އަހަރެންގެ މިޒާޖު ބަދަލުވީ. އެ ކުއްޖާއަށް އަހަރެން ކަމުނުދިޔައީ. އަހަންނަށް ވެސް އެ ކުއްޖާ ކަމުނުދިޔައީ.” ޒުހާ ކުރު ގޮތަކަށް ކިޔައިދެމުން ޒައުލްގެ ނޭދެވޭ ސިފަތައް ފޮރުވިއެވެ. ﷲ ލޯބިވެވޮޑިގެންވާނެ ގޮތަކީ އެއީހެން ހީވުމުންނެވެ.
“މާ ޝާ ﷲ! ތި ބްރޭކް އަޕް އަކީ ޒުހާއަށް ލިބުނު ނިޢުމަތެއްނު؟ ﷲ އިރާދަކުރެއްވީ ޒުހާ އެ ކަލާނގެ ހަނދުމައިގެ މަތީ ދެމިހުރުމަށް. ޚިޔާރު ކުރާ ބައިވެރިއަކީ ﷲ ގެ ހަނދުމައިން ދުރު މީހަކަށް ވެއްޖެނަމަ ދެ ދުނިޔެއިން ވެސް އަބާއްޖަވެރިވުން ގާތް….އެއްގޮތަކަށް ވެސް ނުބުނަން އިނގޭ މަ މީ ޞާލިޙު މީހެކޭ. އާޚިރަތުގަ އަދި މަގޭ ޙާލެއް އެނގެނީއެއްނޫނޭ. އަސްތަޣްފިރު ﷲ! އެކަމަކު އުއްމީދަކީ ޒުހާގެ ޙަޔާތުގަ އަހަންނަކީ ޒުހާއަށް ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރުދޭ މީހަކަށްވުން. ޒުހާ މިހާ ތަނަށް އައިއިރު އަހަންނަށް ވެސް ހިތްވަރު ދިން ގޮތަށް.”
އަނަސް ދެއްކި ވާހަކަތަކުން ޒުހާއަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ޒުހާއަށް ކަމުދިޔައީ އަނަސްގެ ހިތްތިރި ކަމެވެ. އަނަސްގެ ދީނީ ޢިލްމު އޭނައަށް ވުރެ ދެގުނަ ވާނެކަން ބައްޕަ ފަރާތުން ޒުހާއަށް އެނގިފައިވެއެވެ. އެހެނަސް އަނަސް ދުވަހަކުވެސް އޭނައަށް އެފަދައިން އިޙްސާސް ކުރުވާފައެއް ނުވެއެވެ.
ހަމަ އެވަގުތު މަޖީދުގެ ފޯނު ރިންގުވާން ފެށި އަޑަށް ޒުހާއާއި އަނަސްގެ ސަމާލުކަން އެ ދިމާލަށް ދިޔައެވެ.
“ސޮރީ އިނގޭ. އަފްޒަލްބެގެ ކޯލެއް. ސަލާމް އަފްޒަލް ހާދަ ދުވަހެއްފަހުން ތި ގުޅާލީ؟”
މަޖީދު ހިނިތުންވުމަކާއިއެކީ ފޯނުން ވާހަކަ ދައްކަމުން ސޯފާއިން ތެދުވެގެން ދާން އުޅުނެވެ. އެހެނަސް އެކޮޅުން އިވިގެން ދިޔަ ޚަބަރަކުން މަޖީދުގެ ހިނިތުންވުން ފިލައި ހުއްޓުން އެރިއެވެ. އެ މަންޒަރު ފެނުނު ޒުހާއާއި އަނަސްގެ ހިނިތުންވުންތައް ވެސް ގެއްލި ދިޔައެވެ. ޒުހާ ކިހިނެއްވީތޯ އަހަން އުޅުނު ވަގުތަކީ، މަޖީދު އަތުން ފޯނު ދޫވެގެން ގޮސް ބިންމަތީގައި ޖެހި، ތަޅައިގެން ދިޔަ ވަގުތެވެ.
**
ފަލަކަށް ކުރީކޮޅު އަމިއްލަ ސޫރަ ފެނިފައި ރޮވުނެއްކަމަކު ފަހުން ފަހުން އައިސް ފަލަކް އެހާ ބޮޑަށް ހިތާމަ ކުރާ ތަނެއް ނުފެނެއެވެ. މިއީ ﷲ ގެ ޤަދަރުފުޅުކަން ފަލަކަށް ޤަބޫލުކުރެވިފައިވާ ފަދައެވެ. ފަހުން އައިސް ފަލަކްގެ ބައްޕައާއި ޒުހާ ވެސް ގުޅުމުން ފަލަކް ވާހަކަ ދެއްކީ ހިނިތުންވުންތަކާއި އެކީގައެވެ. އެމީހުން ހިތްހަމަޖައްސައިދިން މީހަކަށްވީ ފަލަކެވެ. މިއީ ވެސް އިމްތިޙާނެއްކަމަށް ބުނަމުންނެވެ.
އަފްޒަލަށް އެކަމާއިމެދު އުފާ ކުރެވުނެއްކަމަކު، ފަލަކް އޭނައާއި ބަހައްޓަމުން ދިޔަ ދުރުކަމުން އަފްޒަލް ދެރަވަމުން ދިޔައެވެ. ފަލަކް ހޭއެރިފަހުން އެއްފަހަރުވެސް އޭނައާއި ހަތަރުކަޅި ހަމަ ނުކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިސްނަގައިގެން އޭނައާއި ވާހަކަ ނުދައްކާ ތާނގައި، އޭނަ ކުރާ ސުވާލުތަކަށް ދެނީ ކުރު ޖަވާބުތަކެވެ. އޭނަ ފަލަކަށް ކާންދޭން ހުންނަ ވަގުތުތަކުގައި ފަލަކަށް ގިސްލެވެން ފަށައެވެ. އޭގެއިން ކޮންމެ ފަހަރަކު އަފްޒަލް ކިހިނެއްވީތޯ އަހައި ފަލަކްގެ ގައިގައި ބައްދައިލައެވެ. އެހެނަސް ބަދަލުގައި ފަލަކް އޭނަގެ ގައިގައި ބައްދައެއް ނުލައެވެ. ކުރާ ސުވާލަކަށް ޖަވާބެއް ނުދެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އަފްޒަލްގެ ހިތަށް އުދަގޫވެފައިވެއެވެ. ފަލަކާއި އެކީ ހުންނަށް ވަގުތުތަކުގައި ވެސް ފަލަކް މަތިން ހަނދާންވަމުން ދިޔައެވެ.
އެހެނަސް އަފްޒަލް ޝަކުވާ ނުކުރަން ނިންމިއެވެ. ފަލަކަށް މި ދިމާވީ އާދައިގެ ކަމެއް ނޫންކަން ދަނެގެންނެވެ. މިއީ މި ޙާލަތުގެ ސަބަބުން ފަލަކަށް އައި ވަގުތީ ބަދަލެއް ކަމަށް އަމިއްލަ ނަފްސު ގާތު ބުނެ އަފްޒަލް އުއްމީދު އާލާ ކުރިއެވެ. އަދި ފަލަކް ވާހަކަ ނުދެއްކިޔަސް ފަލަކާއި ސަމާސާކޮށް، ހިނިތުންވުންތަކާއިއެކީ ވާހަކަ ދެއްކިއެވެ.
އަފްޒަލަށް ނޭނގުނު ކަމަކީ އެދުވަހު ލީނާ ދެއްކި ވާހަކަތައް އޭރުވެސް ފަލަކްގެ ހިތުގައި ވަކި ހިފާފައިވި ކަމެވެ. މިއީ ފަލަކަށް ކުރިމަތިވި އިމްތިޙާނެއްކަން ފަލަކަށް އެނގެއެވެ. މި އިމްތިޙާނަށް ކެތްތެރިވެ، ޝުކުރުކޮށްފިނަމަ ﷲ އޭނައަށް އަޖުރު ދެއްވާނެކަން ފަލަކަށް ޔަޤީން ކުރެވިފައިވެއެވެ.
އެހެނަސް ފަލަކްގެ ޙަޔާތުގައި ނުހަނު މުހިއްމު މީހަކަށްވެފައިވި އަފްޒަލް، ކޮންމެހެން އޭނަގެ މި އިމްތިޙާނުގައި ބައިވެރިވާން ނުޖެހެއެއް ނޫންތޯ ފަލަކްގެ ހިތަށް އަރަމުން ދިޔައެވެ. އަފްޒަލް ބޭރުފުށުން އެކަން ނުދެއްކިޔަސް އޭނަ ފެންނަ ކޮންމެ ފަހަރަކު އަފްޒަލް މޭނުބައި ކުރާނެތާއޭ ހިތަށް އަރަމުން ދިޔައެވެ. އެގޮތުގައި އަފްޒަލް މުޅި ޢުމުރު ދުވަހު އުޅޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަފްޒަލްގެ ހިތްހެޔޮކަމުން އަފްޒަލް އޭނައާއި އެކީ އުޅެން ނިންމިޔަސް، އޭނަ އެކަމުގެ ފައިދާ ނަގައިގެން ނުވާނެއެވެ.
ފަލަކް ހޮސްޕިޓަލުގައި ބޭއްވުނުތާ ހަފްތާތަކެއް ފަހުން ޙާލަތަށް ބަލައި ފަލަކް ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ގައިގައި ރިއްސުން ފުދޭވަރަކަށް ރަނގަޅުވެފައިވުމުން އެދުވަހު ގެއަށް ދިޔުމަށްޓަކައި ފަލަކް ހެދުން ބަދަލުކުރީ އަމިއްލައަށެވެ. ޢާއްމުކޮށް ލައި އުޅޭ ކަހަލަ ކަޅުކުލައިގެ އަބާޔާއަކާއެކީ ޝޯލް އެޅުމަށްފަހު ލޯގަނޑަށް ނަޒަރެއް ދެވުނެވެ. މޫނުގައި ހުރި ޒަޚަމްތަކުގެ ކުލަ އިހުނަށްވުރެ މަޑުވެފައިވިއެއްކަމަކު، ދެންވެސް އެ ތަންތަނުން ރޫނަގައި، ރަތްވެފައިވިއެވެ.
ސޫރަ ހުރި ގޮތާއި މެދު ހިތްހަމަ ނުޖެހުމުން ފަލަކް އިތުރު ޝޯލްއެއް ނަގައި ދޫ ގޮތަކަށް ބޯމަތިން އަޅައި، ޝޯލްގެ އެއްބައި އެއްކޮނޑުމަތިން ވައްޓައިލިއެވެ. އިސްޖެހުމުން ޝޯލްގެ ހިޔަނި ބޮޑު ގޮތަކަށް މޫނަށް އެޅޭ ފަދައަކުންނެވެ.
ފަލަކްގެ އިންތިޒާތުގައި ވޯޑުގެ ސޯފާގައި އިން އަފްޒަލް، ފަލަކް ނިކުތުމާއިއެކު އުޖާލާވި ހިނިތުންވުމަކާއިއެކީ ތެދުވެވުނެވެ.
“ވާވް މިއަދު މުޅިން އާ ސްޓައިލަކަށްތަ ބުރުގާ އަޅައިގެން ތި އައީ؟ އެތައް ދުވަހެއް ފަހުން އަނެއްކާ ބުރުގަ އަޅައިގެން ހުރިތަން ފެނުނީމަ އައި ތިންކް އައިމް ފޯލިންގް އިން ލަވް އަގެއިން.” އަފްޒަލް ފަލަކްގެ ކައިރިއަށް ގޮސް ފަލަކްގެ ކޮނޑުގައި ހިފައިލަމުން އެހެން ބުނެލީ ހިތުގެ އެންމެ ފުން މިނުންނެވެ. އެތާ ފަލަކްގެ އެނދުގެ ކައިރީގައި ޝީޓްތައް ނަގަން ނަރުސް ކުއްޖެއް ހުރިކަން ވެސް އަފްޒަލަށް އެނގުނީ އެކުއްޖާ ލުއި ގޮތަކަށް ހީލި އަޑަށެވެ. އެ ހިނދު އަފްޒަލް ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. އަދި ރަތްވެފައިވާ މޫނަކާއިއެކީ ފަލަކަށް ބަލައިލަމުން ހީލެވުނެވެ.
އެހެނަސް އަފްޒަލްގެ ތަޢުރީފުގެ ބަސްތައް ފަލަކްގެ ހިތާއި ހަމައަށް ފޯރިހެނެއް ހިއެއްނުވެއެވެ. ފަލަކް މިހާރުގެ އާދައިގެ މަތިން އިސްޖެހިފައި ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އޭނަ ބުނި ވާހަކަ ފަލަކަށް ޤަބޫލު ނުކުރެވޭހެން ހީވުމުން އަފްޒަލްގެ ހިނިތުންވުން ފޭދުނެވެ. ފަލަކް އެ ވީ ހިތާމައިގެން ފުންކަން އިޙްސާސް ކުރެވޭ ޙާލު އަފްޒަލް، ފަލަކް ދޫކޮށް އަޅާފައިވާ ބުރުގާގެ ދެކޮޅުގައި ހިފައި، އެ މޫނު ރަނގަޅަށް ފެންނާނެހެން ރީތިކޮށްލިއެވެ. އެހިނދު ނަރުސްކުއްޖާ ވޯޑުން ނިކުމެގެން ގޮއްސިއެވެ. އަފްޒަލް ލުއި ހިނިތުންވުމަކާއިއެކީ ދާން ހިނގަމާ ދޯއޭ ބުނަން އުޅުނުތަނާ ފަލަކްގެ އަޑު އިވުނެވެ.
“އަފްޒަލް…”
ފަލަކް އޭނަގެ ނަމުން ގޮވައިލި އަޑަށް އަފްޒަލް ހުއްޓުން އަރާ ގޮތްވިއެވެ. އެހިނދު ނޭނގޭ އުފަލެއް އޭނަގެ ހިތް ވަށައިލިއެވެ. އެތައް ދުވަހެއް ފަހުން ފަލަކް އަމިއްލައަށް އޭނައާއި ވާހަކަ ދައްކަން އުޅޭހެން ހީވުމުންނެވެ. އަދި އެއްފަހަރު އޭނަގެ ނަމުން ގޮވާލަދީބަލާށޭ ބުނަން ބޭނުންވިއެވެ.
“ލައްބަ ލޯބި ކީކޭ؟” އަފްޒަލް އެހެން ބުނެލީ، ފަލަކް އެދިދާނެ ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭން ބޭނުންވާ ޙާލުގައެވެ. އެހެނަސް….
“ހިނގާ ވަރިވާން…” ފަލަކް ބުންޏެވެ.
އިވިގެން ދިޔަ ބަސްތަކުން އިސާހިތަކު އަފްޒަލްގެ ހިނިތުންވުން ފިލައިދިޔައެވެ.
ނުނިމޭ
Suma
January 4, 2024 @ 7:00 am
Subhaanallah! Mi vy kihiney? Falak ah hadhan dhera gothekey Evy insha’Allah adhi rangalhu vaane kamah mi balany 🥹
Jana
January 5, 2024 @ 3:59 am
Varah dhera asluves. Jana ahves rovunu. Balamaa dhen rangalhu veytho dhww