ޤަދަރު (ފަންސާސްހަތްވަނަ ބައި)
“އަހަންނެއް…ނު-“
“ކިހިނެއްވެގެންތަ މިއުޅެނީ؟”
އެ ސުވާލުކޮށްލީ އަމިއްލަ ކޮޓަރިން ނިކުތް ޒޫނާއެވެ. އެހިނދު ޒޫނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ކުރުތާއަކާއި ހަރުވާޅެކެވެ.
އެއާއިއެކު ޒުލްފާއާއި އެވަގުތު އެތަނަށް އައި ޒައިނާ ވެސް ޒަހްރާއަށް ދިނީ ނުރުހުމުގެ ނަޒަރުތަކެވެ. އެ ނަޒަރުތަކަށް ފަހު އެއްވެސް އެއްޗެކޭ ނުބުނެ ޒުލްފާއާއި ޒައިނާ އަވަސްވެގަތީ، ޒުލްފާގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔުމަށެވެ.
އެ ދުވަސްވެގެން ދިޔައީ ޒަހްރާގެ ޙަޔާތުގެ އަނދިރި ބާބެއްގެ ފެށުމަށެވެ. ޒަހްރާއަށް ފަލަކާއިއެކީ ވަކިން ޓެކްސީއެއްގައި ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު ޒުލްފާގެ ދަރިފުޅު ދުނިޔެ ދޫކޮށް ގޮސްފިއެވެ. ޒަހްރާއަށް ފެނުނީ ޒުލްފާ އެމަޖެންސީ ރޫމުގައި މޮޔައެއްހެން ހަޅޭއްލަވައި ރޮމުން ދިޔަ މަންޒަރެވެ. އެ ރުއިމުގެ ތެރެއިން ޒަހްރާއާއި ހަތަރުކަޅި ހަމަވުމާއިއެކު އެ ލޮލުން އަލިފާން ކަނި ބުރާހެން ހީވިއެވެ.
“ކަލޭ! ކަލޭ މަގޭ ދަރިފުޅު މަރާލީ!!!!!” ޒުލްފާ، ޒަހްރާގެ ގާތަށް ޖެހިގަންނަމުން ޒަހްރާގެ މޭމަތީގައި އަޅައި ކޮއްޕައި، ކީއްކުރަންހޭ ކިޔައި ބުރުގާގެ މަތިން ޒަހްރާގެ އިސްތަށިގަނޑުގައި ހިފިއެވެ. އެވަގުތު ޒަހްރާ ރޯން ފެށުމުން ޒަހްރާގެ ކައިރީގައި ހުއްޓިހުރި ފަލަކް ވެސް ރޯން ފެށިއެވެ. އެދުވަހު ޒުލްފާ، ޒަހްރާއާއި ދުރުކޮށްލެވުނީ އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އެހީގައެވެ.
ޒުލްފާ އޭނައާއިމެދު ކަންތައް ކުރި ގޮތުން ވީ ޖެހިލުންވުމުގައި ޒަހްރާއަށް ދެން ގެއަށް ދާކަށް ނުކެރުނެވެ. ޔޫސުފްގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވާން ކިތަންމެ ބޭނުންވިއެއްކަމަކު، ޒުލްފާ އެކަމާއި ނުރުހިދާނެތީ ގެއަށް ނުދިޔައީއެވެ. އެހެނަސް ޒަހްރާ އެރޭ ދުބާއިއަށް ފުރީ، އެންމެންގެ ފަސްފަހަތުން ގޮސް މިސްކިތަށް އަރައި، ޔޫސުފްގެ ކަށުނަމާދުގައި ބައިވެރި ވުމަށްފަހުއެވެ.
ޢަބްދުލްޣަފޫރު ޒަހްރާއަށް ގުޅާފައިވާ ޢަދަދު ޒަހްރާއަށް ފެނުނީ، ދުބާއިއަށް ދިޔުމަށް ފަލަކާއިއެކީ ބަހަށް އެރިފަހުންނެވެ. މުޅި ދުވަސްތެރޭ ބައްޕަ ގުޅުމުން ވެސް ޒަހްރާއަށް ފޯނު ނަގާކަށް ނުކެރުނެވެ. ބައްޕަ ވެސް އޭނަގެ ބޮލުގައި އިލްޒާމް އަޅުވާނީ ކަމަށް ހީކުރެވުނީތީވެއެވެ. އެ ބަސްތައް އަޑުއަހަން އޭނަގެ ހިތަށް ކެތް ނުކުރެވިދާނެކަމުގެ ބިރު ހީވިއެވެ.
ކޮންމެއަކަސް ބައްޕައަށް ޖަވާބެއް ދޭންވާނެއޭ ހިތައި ބަހުގައި އިނދެ، ޒަހްރާ ބައްޕައަށް ގުޅައިލިއެވެ. އެންމެ ރިންގެއްގެ ތެރޭގައި ބައްޕަ ފޯނު ނަގައި ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ ޒަހްރާ ކޮންތާކުތަ ތިހިރީ؟ ބައްޕަ ހާދަ ވަރަކަށް ހޯދައިފީމޭ ދަރިފުޅު. ހާދަ ވަރަކަށް ގުޅައިފީމޭ…” ބައްޕަގެ ކަންބޮޑުވުން އެކުލެވިފައިވާ އަޑުއިވިފައި އިސާހިތަކު ޒަހްރާގެ ލޯ ކަރުނުން ފުސްވިއެވެ. މުޅި ދުވަހު ޒަހްރާއަށް ހުރެވުނީ ރޯންވެސް ނޭނގިފައެވެ. އެދުވަހު ހިނގި ކަންތައް ޤަބޫލުކުރަން ނޭނގިފައެވެ. އެކަންތަކާއިމެދު އިޙްސާސް ކުރަންވީ ގޮތެއް ނުވިސްނިފައެވެ. ޔޫސުފްގެ މަރުގެ ޒިންމާ އުފުލަން ޖެހެނީ އޭނަ ކަމަށްވިއްޔާ، އެކަމާއިމެދު ހިތާމަކުރުމުގެ ޙައްޤެއް އޭނައަށް ލިބޭތޯ ޔަޤީން ނުވެފައެވެ.
އެހެނަސް ބައްޕަ ލޯބިން އޭނައާއި މުޚާތަބު ކުރުމާއިއެކު ޒަހްރާއަށް ރޮވެން ފެށިއެވެ. ކޯތާފަތުން ފައިބަން ފެށި ކަރުނަތަކުން އަތުތެރޭގައި ނިދިފައި އޮތް ފަލަކްގެ ހެދުމާއި، އަތުގެ ބައެއް ތެމެން ފެށިއެވެ.
“ނުރޮއި ދަރިފުޅު….ދަރިފުޅުގެ ކުށެއް ނެތްކަން ބައްޕައަށް އެނގޭ. ބައްޕަ އަޑުއެހީމޭ ދަރިފުޅު ޒޫނާއަށް ގޮވި އަޑު. ބައްޕަ ޒުލްފާމެން ގާތު މި ވާހަކަ ބުނިން. އެކަމަކު ޒުލްފާއަށް ކުރިމަތިވި ހިތާމައިގެ ސަބަބުން އަދި އެކުއްޖާއަށް ވެސް ރަނގަޅަށް ނުވިސްނޭ. ވަގުތާއިއެކީ ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ…ބަހުގަތަ ތިހިރީ؟” ވާހަކަ ދައްކަމުން ގޮސް، ބަސް ހުއްޓިއަކަށް ބަސް މަޑު ކުރި އަޑު އިވުނު ހިނދު ބައްޕަ އެހިއެވެ.
“ހުމް….މި ދަނީ….ދުބާއިއަށް.” ޒަހްރާ ބުންޏެވެ.
“އެންމެ ރަނގަޅު ދަރިފުޅު. ދުބާއިއަށްދޭ. ދުވަސްކޮޅަކުން ޒުލްފާއަށް ވެސް ވިސްނުނީމަ ދަރިފުޅު މިކޮޅަށް އައުން ރަނގަޅީ. މަޖީދު އަންނާނެދޯ މާދަމާ؟” ބައްޕަ އެހިއެވެ.
ޒަހްރާ އެ ސުވާލަށް ހޫންލެއްވިއެވެ. އެއަށްފަހު ވެސް ބައްޕަ އޭނަގެ ޙާލު އަހައި، ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުނެ ހިތްވަރުދިނެވެ. ޒަހްރާއަށް ހިނދުކޮޅަކަށް ނަމަވެސް ބައްޕަގެ އެ ބަސްތައް ޤަބޫލުކުރެވުނެވެ.
އެކަމަކު ކަންތައް ވެގެން ދިޔައީ ޒަހްރާއާއި ޢަބްދުލްޣަފޫރު އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އޭގެ ހަފްތާތަކެއް ފަހުން ޒަހްރާ އަނެއްކާވެސް ފަލަކް ގޮވައިގެން އަބޫދާބީއަށް ދިޔައެވެ. އެހެނަސް ޒުލްފާގެ ފަރާތުން ޒަހްރާއަށް މުޅިން ވެސް ލިބުނީ ނުރުހުމުގެ ނަޒަރުތަކެވެ. ޒައިނާ ވެސް ޒަހްރާއާއި ވާހަކަ ދައްކާކަށް ނުއުޅުނެވެ. ނުވިތާކަށް ޒޫނާ އައިސް އެންމެން ކުރިމަތީގައި ޒަހްރާއަކީ ކުށްވެރިއެއް ފަދައިން ވާހަކަ ދައްކަން ފެށިއެވެ.
“ލަދެއް ވެސް ނުގަނޭތަ ޒުލްފާއޭ ކިޔާފަ މިގެއަށް އަންނަން؟ ކަލޭގެ ސަބަބުން އަދި އަދަށް ދާންދެންވެސް ޒުލްފާ އުޅޭ ޙާލު ކަލެއަށް ނުވިސްނޭތަ؟ ކައިރީގަ ތިހިރަ އަމިއްލަ ދަރިފުޅަށް ކަމެއްވީ ދުވަހަކު ކަލޭގެ ތި ބޮލަށް އެއްޗެއް-“
“ޒޫނާ!”
ޒޫނާގެ ވާހަކަ މެދުކެނޑުނީ، ހޮސްޕިޓަލުން ގެއަށް އައިސް މައިދޮރު މަތީގައި ހުރި ޢަބްދުލްޣަފޫރު ގޮވައިލުމުންނެވެ. އެއާއިއެކު ޒޫނާގެ އަނގަ ބަންދުވިއެވެ.
“ބައްޕަ ކިތައް ފަހަރު ބުނެފިންތަ ޒަހްރާއޭ ކިޔައި ތިކަހަލަ ވާހަކަ ނުދައްކާށޭ؟ ހަމަ ގައިމުވެސް ބައްޕައަށް މުޖުރިމެއްގެ ގޮތުގަ ފެންނަނީ އެހެން މީހެއް. އެ ޝައްކު އޮތްވާ ޒަހްރާ ކުށްވެރި ކުރުމުގެ އެއްވެސް ޙައްޤެއް އެކަކަށް ވެސް ލިބިގެނެއްނުވޭ!” ޢަބްދުލްޣަފޫރު އެންގިއެވެ. އެއާއިއެކު ޒޫނާ އޭނަގެ ލޮލަށް ކަރުނަތައް އެއްކޮށްފިއެވެ.
“މިއީ އާ ކަމެއް ނޫން. ބައްޕައަށް އަބަދުވެސް ދޮންފުތުވެފަ ހުރީ ޒަހްރާ. އެހެންވެއެއްނޫންތަ އަހަރުމެންނަށް ވުރެ ބޮޑު ބިމެއް ޒަހްރާއަށް ދީފަ ހުރީ ވެސް؟ އެކަމަކު ޒަހްރާ ދިފާޢުކުރަން ބައްޕަ އަހަރެންގެ ބޮލުގަ ދޮގު ޒިންމާ އަޅުވާތީ ދެރަވޭ.” ޒޫނާ އެހެން ބުނުމަށްފަހު ގިސްލަމުން އެންމެންނަށް ފަސްދީފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އެއަށްފަހު ވެސް ޒުލްފާއާއި ޒައިނާ، ޒަހްރާއާއި ވާހަކަ ދައްކާކަށް ނުއުޅުނެވެ.
އެދުވަހު ވެސް ޒަހްރާ އަނބުރާ ދުބާއިއަށް ދިޔައީ، އޭނަގެ ދައްތަމެންނަށް އެންމެ ރަނގަޅީ އޭނަ އެމީހުންނާއި ބައްދަލުކުރަން ވެސް ނުދިޔައީމަ ކަމަށް ނިންމަމުންނެވެ. އެފަހުން އަބޫދާބީއަށް އަނބުރާ ނުދާން ކަނޑައަޅަމުންނެވެ.
އެހެނަސް އެ ވާނީ ރަޙިމުގެ ގުޅުން ކަނޑައިލުން ނޫންތޯއޭ ހިތަށް އަރާ ކޮންމެ ފަހަރަކު ޒަހްރާ އަނބުރާ އެ ރަށަށް ދެއެވެ. އެއާއިއެކު އަނެއްކާވެސް ޒަހްރާ ކުރިމަތިލާން ޖެހެނީ ވިހަގަދަ ބަސްތަކާއިއެވެ. ފަހުން ފަހުން އައިސް ޒުލްފާއާއި ޒައިނާ ވެސް ރުޅިވެރި ބަސްތަކުން އޭނައާއި މުޚާތަބު ކުރަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންގެ ސިކުނޑިތައް ފުރިފައިވަނީ ޒޫނާ އެމީހުންގެ ކަންފަތްތައް ފުރާފައިވާ ވަސްވާސްތަކުންނެވެ. އެމީހުންގެ ރުޅިވެރިކަން އަމާޒުވުމާއިއެކު ޒަހްރާ އަނެއްކާވެސް އަނބުރާ ރަށަށް ދެއެވެ.
ޒަހްރާ އުޅޭ ޙާލު ފެނިފައި މަޖީދުގެ ހިތަށް ކެތް ނުކުރެވެއެވެ. އަމިއްލަ ދައްތަމެން ޒަހްރާ ދުރުކޮށްފައިވާތީ ޒަހްރާ އެކަނިމާއެކަނި ރޯން އިންނަ މަންޒަރު އެތައް ފަހަރު މަތިން މަޖީދަށް ފެނިފައިވެއެވެ. އެހެންކަމުން މަޖީދު އެންމެ ފަހުން ޢަބްދުލްޣަފޫރުގެ އިޒުނައާއިއެކީ ޒަހްރާ ގޮވައިގެން މާލެއަށް ދިޔުމަށް ނިންމިއެވެ. ޒަހްރާއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަން ޢަބްދުލްޣަފޫރަށް ވެސް ވިސްނުމުން ޢަބްދުލްޣަފޫރު އެކަމާއި އެއްބަސްވިއެވެ. އެހެނަސް ޒަހްރާ އެ ވާހަކައަށް އެއްބަސް ކުރުވުންވެގެން ދިޔައީ ދަތިކަމަކަށެވެ.
“އެކަމަކު މަޖީދު، އެކޮޅަށް ގޮއްސިއްޔާ އަހަންނަށް އަހަރެންގެ ދައްތަމެންނާއި އެއްގޮތަކަށް ވެސް ބައްދަލު ނުކުރެވޭނެއެއްނު؟ ވާހަކަ ނުދައްކާ ތާނގައި ނުވެސް ފެންނަންޏާ އަހަރުމެންގެ ގުޅުން އެއްކޮށް ނެތިގޮއްސިއްޔާޔޯ؟ ﷲ ގެ ޙަޟްރަތުގަ އަހަރެން ދޭނީ ކޮން ޖަވާބެއް؟ ރަޙިމުގެ ގުޅުން އެއްކޮށް ކެނޑިދާނެތީ އަހަރެން ބިރުގަނޭ މަޖީދު….” ޒަހްރާ ރޮވިފައިވާ ޙާލު ބުންޏެވެ.
“ޒަހްރާ….ގުޅުން ދެމެހެއްޓުމުގެ ވާޖިބު އޮތީ ހަމައެކަނި ޒަހްރާގެ ބޮލުގައެއް ނޫނޭ. ޒަހްރާ ގުޅުން ދަމަހައްޓަން މަސައްކަތް ކުރި މިންވަރު ﷲ މޮޅަށް ދެނެވޮޑިގެންވޭ. އަދި މިއަދު ވެސް ޒަހްރާގެ ނިޔަތަކީ އެއީކަން ﷲ ދެނެވޮޑިގެންވޭ….އަހަންނާ އެކީގަ ރާއްޖެއަށް ދިޔަޔަސް ޒަހްރާގެ އެ ނިޔަތް ބަދަލެއް ނުވާނެ އިން ޝާ ﷲ. ޙަޤީޤަތުގަ އެކޮޅަށް މިދަނީވެސް އަހަރެންގެ ވިޔަފާރި އެކޮޅުގަ ކުރިއަރުވަން. މި ދުވަސްވަރަކީ އެކޮޅުގަ ވިޔަފާރިން ވަރަށް ފައިދާ ލިބޭނެ ދުވަސްވަރެއް. އަހަރުމެން ޢާއިލާގެ މުސްތަޤްބަލަށް ވިސްނާފަ ނިންމާ ނިންމުމެއް މިއީ. ޕްލިޒް ޒަހްރާ….” މަޖީދު ވިސްނައިދިނެވެ. އެއާއިއެކު ޒަހްރާ ޖެހިލުންވުމަކާއި އެކީ ވިޔަސް އެއްބަސްވިއެވެ.
މަޖީދު އުއްމީދު ކުރި ފަދައިން މާލެއަށް ބަދަލުވެ، މާޙައުލު ބަދަލުވުމުން ޒަހްރާގެ ޙާލަތު ރަނގަޅުވާން ފެށިއެވެ. ދިވެހިންގެ ބަހުރުވަ ނޭނގުމުން ކުރީކޮޅު ޒަހްރާއަށް ދަތިވިއެވެ. އެ ޒަމާނުގެ ގިނަ ދިވެހިންނަށް އިނގިރޭސި ވެސް ރަނގަޅަށް ނޭނގޭތީވެއެވެ. އެހެނަސް އިސާހިތަކު ޒަހްރާ ދިމާވާ ކޮންމެ މީހަކާއި އެކީ ޒަހްރާގެ ގުޅުން ބަދަހި ކުރަމުން ދިޔައެވެ. އެކަން ކުރެވިގެން ދިޔައީ ޒަހްރާގެ ހިތްހެޔޮކަމުގެ ބަހުރުވައިންނެވެ. ފެންނަ ކޮންމެ މީހަކަށްހެން ޒަހްރާ އެހީވެދޭނެއެވެ. ހިނިތުންވާނެއެވެ. ޢިޝާރާތުން ވިޔަސް ބޭނުންވަނީ ކޮންކަމެއްތޯ އަހައި އެކަމެއް ފުރިހަމަ ކޮށްދޭނެއެވެ.
ނަތީޖާއެއްގެ ގޮތުން މާލޭގައި ޒަހްރާ ދަންނަ އެންމެންގެ ލޯބި ޒަހްރާއަށް ލިބެންފެށިއެވެ. މާލެއަށް އައިތާ މާ ގިނަ ދުވަހެއްނުވެ މަޖީދު ދިން ޚިޔާލަކާއި އެއްގޮތަށް ޒަހްރާ، ފަލަކް ސްކޫލަށްދާ ގަޑީގައި ހެދުން ފަހާ ގެއަކަށް ދާން ފެށިއެވެ. ޒަހްރާ ހެދުން ފަހާ ގޮތް ފުރިހަމަވެފައި ރީތިވުމުން އެތާތިބި އެންމެން ވެސް ތިބެނީ އާގަމަވެފައެވެ. އެމީހުންނަށް އޭނަ ފަހާ ގޮތް ރީތިހެން ހީވުމުން ޒަހްރާ އެމީހުންނަށް ވެސް ދަސްކޮށްދޭން ފެށިއެވެ. އަދި އެމީހުންގެ ފަރާތުން ވެސް ދިވެހިންގެ ހެދުންތައް ފަހާގޮތް ދަސްކުރަން ފެށިއެވެ.
ހެދުން ފަހާ ގޭގެ ކުރިމަތީގައި ހުންނަ ގޭގެ ފަޒީލާގެ ދެމަފިރިންނާއި ޒަހްރާގެ ގުޅުން ބަދަހިވީ، ފަޒީލާ އަމިއްލަ ހެދުން ފައްސަން އައި ދުވަހަކު އެގޭ އަފްޒަލް ފަޒީލާގެ ފަހަތުން އައި ދުވަހުން ފެށިގެންނެވެ.
“މަންމާ މިތަނުން ނުވިއްކާތަ ޖާޒީއެއް؟ އަހަރެން ބޭނުން ފުޓުބޯޅަ ކުޅޭއިރު ޖާޒީއެއް ލާން މަންމާ ޕްލީޒް. ރޮނާލްޑޯ ގޮތަށް ޓީޝާޓުގަ ނަން ވެސް އޮންނަންވާނެއެއްނު؟”
ފަޒީލާގެ ފަހަތު އުޅެމުން 7 އަހަރުގެ އަފްޒަލް ކުދި ކިޔަމުން ދިޔަ ގޮތް ޒަހްރާއަށް މަޖާވިއެވެ. އަފްޒަލް ކިޔުނު އެއްޗަކާއި ފަޒީލާ ދިވެހިން ބުނި އެއްޗެއް ސާފު ނުވީތީ އެމީހުން ދިޔުމުން، ޒަހްރާ ފަހާ ކުދިން ކުރެ އިނގިރޭސި ދަންނަ ކުއްޖެއް ކައިރިން ސުވާލު ކުރިއެވެ.
އަފްޒަލް އުޅެނީ ޖާޒީއެއް ނުލިބިގެން ކަމާއި، ފަޒީލާ އަތުގައި ޖާޒީއެއް ގަންނަން ލާރި ނެތް ވާހަކަ ޒަހްރާއަށް އިވުނެވެ. އެއާއިއެކު ޒަހްރާ، އަފްޒަލަށް ދޭން ޖާޒީއެއް ފަހަން ނިންމިއެވެ. ޖާޒީ ފެހުމަށްފަހު އެ ޒަމާނުގައި މީހުން ނުކުރާ ކަމަކަށް ވިޔަސް، އެކްސްރޭ ގަނޑެއްގައި އަފްޒަލްގެ ނަން ކަނޑާ ނެގުމަށްފަހު، ޒަހްރާ ދުބާއިއިން ގެނެސްފައިވާ ކުލަ ބޭނުންކޮށްގެން އަފްޒަލްގެ ނަން ޓީޝާޓުގައި ޖެހިއެވެ.
ފަޒީލާގެ ހެދުން ނަގަން ފަޒީލާ އައި ދުވަހު އަފްޒަލް ގޮވައިގެން އައުމަށް ޒަހްރާ އެދުނެވެ. ރަތްކުލައިގެ ޖާޒީ ފެނުމާއިއެކު އަފްޒަލް ވީ އުފަލުން ޒަހްރާގެ ގައިގައި އޮޅުލައިގަތެވެ.
“ތެންކިއު ދައްތާ ތެންކިއު ސޯ މަޗް!”
އެކުއްޖާގެ އުފާވެރިކަން ފެނިފައި ޒަހްރާއަށް ހީލެވުނެވެ. ޒަހްރާ އެންމެ ބޮޑަށް ޙައިރާންވާން ފެށީ އެ ކުޑަ ކުއްޖާގެ ކިބައިން ފެނުނު ހިތްހެޔޮ ކަމުންނެވެ. އެ ދުވަސްފަހުން އަފްޒަލް އަމިއްލައަށް އެދިގެން އެގޭ ރެސްޓޯރެންޓުގައި އަފްޒަލަށް މީރު އެއްޗެއް ހެދިއްޔާ ޒަހްރާއަށް ގެނެސްދޭނެއެވެ. އެއީ އަފްޒަލް އަމިއްލައަށް އެދިގެން ކުރާ ކަމެއްކަން ފަޒީލާގެ ފަރާތުން އެނގުން ޒަހްރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަދި އަފްޒަލް ހިދާޔަތް ލިބިގެންވާ ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށް އެދި ދުޢާ ކުރެވެން ފެށިއެވެ.
ޒަހްރާގެ މި އުފާވެރި ދިރިއުޅުން ކުރިއަށް ދިޔައީ ވަކި ހިސާބަކަށެވެ. އެ އުފާވެރިކަމަށް ހިޔަނި އެޅިގެން ދިޔައީ، އެއްދުވަހު ޒަހްރާ ގޭގައި ހުއްޓާ، ޒޫނާ އޭނައަށް ގުޅުމުންނެވެ.
“އައްސަލާމްޢަލައިކުމް ޒޫނާ….ކިހިނެއްތަ؟” ޒޫނާއާއި މެދު ހިތުގައި ކިތަންމެ ނޭދެވޭ އިޙްސާސްތަކެއް ވިޔަސް، ޒަހްރާ ﷲ އަށްޓަކައި އެ ހުރިހާ އިޙްސާސެއް އެއްފަރާތް ކުރިއެވެ.
“ވަޢަލައިކުމުއްސަލާމް. ފުރަތަމަ ކިޔައިދީބަލަ….ތިކޮޅުގަ ކިހިނެއް ހުރިހާ ކަމެއް…” ޒޫނާ އެހިއެވެ. އެއާއިއެކު ޒަހްރާ ފުން ނޭވައެއް ދޫކުރިއެވެ.
“ވަރަށް ރަނގަޅު ހުރިހާ ކަމެއްވެސް. މި ޤައުމުގެ މީހުން ވަރަށް ހިތްހެޔޮ. މިކޮޅުގަ ވެސް ހެދުން ފެހުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ…” ޒަހްރާ ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ މާ ރަނގަޅެއްނު؟” ޒޫނާ އެހެން ބުނުމުން ޒަހްރާގެ ދެބުމަ ކައިރިވިއެވެ.
“ކިހިނެއް ރަނގަޅީ؟ ބައްޕައާއި ދައްތަމެންނާއި ދުރުގަ މިހެން އުޅެންވީމަ؟”
“އުނހު….ރަނގަޅޭ މި ބުނީ އަހަންނަށް ރަނގަޅު ވާހަކައޭ…”
“ތިބުނީ؟”
“މި ބުނީ…..އަސްލު އަހަރެން މިއުޅެނީ ޒަހްރާއަށް ބައްޕަ ދުބާއިއިން ދީފައި އޮތް ބިން ނުލިބިގެން. ބައްޕަ ގާތު އަހަރެން އެދުނިން ދޭށޭ. އެކަމަކު ޒަހްރާއަށް އެނގެއެއްނު ބައްޕަ އަހަންނަށް ނަފްރަތު ކުރާ ގޮތް؟ އަސްލު އަހަރެންގެ ފިރިމީހާ ބޭނުން އެބަވޭ ވިޔަފާރިއެއް ހިންގަން ބިމެއް. ޒަހްރާ ދެން އެ ބިން ބޭނުމެއް ނުވާނެއެއްނު؟ މިހާރު ތިކޮޅުގަ ވިއްޔާ ތިއުޅެނީ. އަޅެ އަހަންނަށް އެ ބިން ދީފާނަންތަ؟”
“ޒޫނާ ބުނީމަ އަހަރެން ދޭން ބޭނުން. އަހަރެން މިއީ ދުނިޔަވީ އެއްޗެއްގެ އެދުމުގަ އުޅޭ މީހެއްނޫން. އެކަމަކު ބައްޕަ މިކަމާއިމެދު ރުހޭނެހެން ހިއެއްނުވޭ.”
“ބަލަ ޒަހްރާއޭ ބައްޕައަށް ވިސްނައިދޭނީ! ޒަހްރާ ބުނީމަ ބައްޕަ އަޑުއަހާނެ. އަޅެ ދެމީހުން ގާތްކަން ބައްޕައަށް ވިސްނައިދޭން އަހަރެން ތިކޮޅަށް އަންނަންވީތަ؟ އާނ އެއީ ރަނގަޅު ޚިޔާލެއް! އެއަށްފަހު ޒަހްރާ އަހަންނަށް ބިން ދިނީމަ ޒުލްފާގެ ދަރި މެރީ ވެސް އަހަރެން ކަމަށް އަހަރެން އިޢުތިރާފުވާނަން…”
ޒޫނާ އެހާ ފަސޭހައިން ދެއްކި ވާހަކަތަކުން ޒަހްރާގެ މޭނުބައި ކުރިއެވެ. ޒޫނާ އޭނައާއި އެއްތަނެއްގައި އުޅުމުގެ ޚިޔާލުން ވެސް ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެ ބިރުވެރިކަމާއިއެކީ ވާހަކަ ދެކެވުނެވެ.
“ޒޫނާ މިކޮޅަށް ނަޔަސް އޯކޭވާނެ. އަހަރެން…ޒޫނާއަށް ބިން ދޭން ބައްޕައާ ވާހަކަ ދައްކާނަން. އޭރުން….ޒުލްފާ ދައްތައާއި ޒައިނާ ދައްތައަށް ޒޫނާ ޙަޤީޤަތް ހާމަކުރާނަންތަ؟” ޒަހްރާ ޖެހިލުންވުމަކާއިއެކީ ބުންޏެވެ.
“އާނއެކޭ! އޭރުން އެންމެން ވެސް އުފާވެރި ޢާއިލާއަކަށް ވާނެއެއްނު؟ ޒަހްރާ ބޭނުންވާ ގޮތެއްނޫންތަ އެއީ؟”
ޒޫނާ އެހެން ބުނުމާއިއެކު ޒަހްރާގެ ހިތަށް އާ ދިރުމެއް އައެވެ. އަނެއްކާވެސް ޒުލްފާއާއި ޒައިނާ އޭނައާއި ހިނިތުންވުންތަކާއިއެކީ ވާހަކަ ދައްކާ މަންޒަރު ސިފަ ކުރެވުމުން ހިތަށް ލިބުނީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ.
ޒަހްރާ އެރެއިން އެރެއަށް ވެސް ޢަބްދުލްޣަފޫރަށް ގުޅައި ޒޫނާ އެދުނު ކަންތައް ކިޔައިދިނީ ޖޯޝުން ފުރިގެންވި ހިތަކާއި އެކީގައެވެ.
“ޒޫނާ ބުނީ އަހަރެން ޒޫނާއަށް އެ ބިން ދީފިއްޔާ ތިމަންނަ ޙަޤީޤަތް ހާމަކުރާނަމޯ….އަހަރެން ބޭނުންވަނީ ޒޫނާ އެދޭ ގޮތަށް ކަންތައް ކޮށްދޭން. އޭރުން ހުރިހާ ކަމެއް ރަނގަޅުވާނެއެއްނު ބައްޕާ؟”
ފަލަކް ނިންދެވުމަށްފަހު އެނދުގައި އިނދެ ވައި އަޑުން ޒަހްރާ ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޢަބްދުލްޣަފޫރު ވާހަކަ ދެއްކިއެވެ.
“ޒަހްރާ ދަރިފުޅު އަދިވެސް ޒޫނާއަށް އިތުބާރު ކުރަންތަ؟” ޢަބްދުލްޣަފޫރު ކޮށްލީ ހަމައެކަނި އެ ސުވާލެވެ.
“އާނ ބައްޕާ. ޒޫނާ އެވާހަކަ ބުނި ގޮތުން އަހަރެން ޤަބޫލުކުރަން ބޭނުން. އަހަރެން ޒޫނާއަށް އެ ބިން ދީފިއްޔާ ބައްޕަ ނުރުހުންވާނެތަ؟”
“ނޫނޭ ދަރިފުޅު. ދަރިފުޅު ހެޔޮ ނިޔަތެއްގަ ކުރާ ކަމަކަށް ބައްޕަ ނުރުހުމެއް ނުވާނެ. އެކަމަކު އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް އަބަދުވެސް ވިސްނައްޗޭ ދަރިފުޅު.”
ބައްޕަ އެރޭ ދިން ނަސޭޙަތަކީ އެއީއެވެ. އެހެނަސް ޒަހްރާ އެކަމާއިމެދު މާ ބޮޑަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އަމިއްލަ ތެދުވެރި ހިތުގެ ސަބަބުން، އެހެން މީހުންވެސް ތެދުވެރިވާނެ ކަމަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވިއެވެ.
އެހެނަސް ޒަހްރާއަށް އޭނަގެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރަން ހުރަސް އެޅީ މަޖީދެވެ.
“ޒޫނާއަށް އެ ބިން ދީގެން ނުވާނެ ޒަހްރާ. މިހެން މި ބުނަނީ އަހަރެން ކޮންމެހެން އެތަން ބޭނުންވެގެނެއްނޫން. އެކަމަކު ޒޫނާ ޒަހްރާގެ ފައިދާ ނަގަން އުޅޭތީ. އަހަރެން ކުޑަވެސް އޭނައަށް އިތުބާރެއް ނުކުރަން ޒަހްރާ. ޒަހްރާ ތިކަން ކޮށްދިނަސް ޒޫނާ ޒަހްރާއަށް ހެވެއް ނޭދޭނެ.” މަޖީދު ބުންޏެވެ.
އެއާއިއެކު ޒަހްރާ، ޒޫނާ އެދުނު ކަންތައް ކުރުމުގައި ލަސްކުރަން ޖެހުނެވެ. އިސްތިޚާރާ ނަމާދުކޮށްފައި ﷲ ދައްކަވާ ޢިޝާރާތަކަށް އިންތިޒާރުކުރަން ޒަހްރާ ނިންމިއެވެ. މި އިންތިޒާރުގައި ވަނިކޮށް އެދުވަހުގެ ހަވީރު ވަގުތު އެމީހުންގެ އެޕާޓްމެންޓުގެ ދޮރުގައި ޓަކި ދެވުނެވެ. ޒަހްރާއާއި މަޖީދު ވެސް ސިޓިންގް ރޫމުގައި ތިއްބާ އެ އަޑު އިވުމުން އާދައިގެ މަތިން ދޮރު ހުޅުވަން ދިޔައީ މަޖީދެވެ. މަޖީދު ދޮރު ހުޅުވުމާއިއެކު ހުއްޓުން އެރިއެވެ.
“ޒޫނާ؟!” މަޖީދު އެ ނަން ކިޔައިލި އަޑަށް ސިޓިންގް ރޫމުގެ ސޯފާގައި ހުރި ޒަހްރާއަށް ތެދުވެލެވުނެވެ. އަދި އިސާހިތަކު ދޮރާއި ހިސާބަށް ގޮސް މަޖީދުގެ ކައިރީގައި މަޑުކޮށްލެވުނެވެ.
“ދެމީހުން މާ ލޯބިން އުޅޭތީތަ ޒަހްރާގާތު ކުރަން ބުނި ކަމެއް ނުކުރެވިގެން އުޅެނީ؟” ޒޫނާ އެއްފަހަރު މަޖީދަށް އަނެއްފަހަރު ޒަހްރާއަށް ބަލަމުން ޢަރަބި ބަހުން ބުންޏެވެ.
ޒަހްރާ އެއަށް ޖަވާބު ދޭން އުޅެނިކޮށް މަޖީދު އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ.
“ހިތުން ތި ބަހުން ވާހަކަ ދެއްކީ އަހަންނަށް ނޭނގޭނެ ކަމަށްތަ؟ ކޮންމެ އެއްޗެކޭ ބުންޏަސް ތީނަ އުޅެނީ ޒަހްރާއަށް ކޮންމެވެސް އަނިޔާއެއް ދޭންކަން އަހަންނަށް އެނގޭ. ޒަހްރާ ތީނަ ބުނާ ކަމެއް ކޮށްނުދޭނެ. ޒަހްރާގެ ފިރިމީހާގެ ގޮތުގަ އަހަރެން އެކަން ވިޔައެއްނުދޭނަން! ހިތުން ފޮށި ހިފައިގެން ތި އައީ މި ގޭގަ އުޅެވޭނެ ކަމަށްތަ؟ ޚަބަރުދާރު މި ގޭގެ ތެރެއަށް އެންމެ ފިޔަވަޅެއް އެޅިއްޔާވެސް. ޒަހްރާ މީނައަށް މިގެއަށް ވަނަ ނުދޭތި އަހަރެން ނެތަސް. މި ގެއަކީ މީނަ އައިސް ފިތުނަ އުފައްދަން އަހަރެން ހޯދި ގެއެއްނޫން. ނުކިޔަވާ އަންހެނާއަށް އަހަރެން މި ކިޔާ ނުކިޔާ އެއްޗެއް ނޭނގުނިއްޔާ ޒަހްރާ މީނައަށް ނިކަން ސާފުކޮށް ކިޔައިދީ!”
މަޖީދު ރުޅިން ތުރުތުރު އަޅާ ޙާލު ބުންޏެވެ. އެއާއިއެކު ޒަހްރާ ވީހާ ވެސް ރީތި ބަހުން ޢަރަބިން އެ ވާހަކަތައް ޒޫނާއަށް ކިޔައިދިނެވެ.
ދެމީހުންނަށް ވެސް އުއްމީދު ކުރެވުނު ގޮތާއި ޚިލާފަށް ޒޫނާ އެމީހުން ބުނި ގޮތާއި އެއްގޮތަށް ޢަމަލުކުރިއެވެ. ޒޫނާ އެ ދުވަސްފަހުން އެގޭގެ ކައިރިން ވެސް ނުފެނެއެވެ. އަދި މާލެތެރެއިން ވެސް އެ މީހުން ފެންނަ ހިސާބަކަށް ނާދެއެވެ. އެހެންކަމުން ޒޫނާ އަނބުރާ ރަށަށް ދިޔައީކަމަށް މަޖީދާއި ޒަހްރާއަށް ހީކުރެވުނެވެ. އެހެން ހީކުރެވުނުތާ މާ ގިނަ ދުވަހެއްނުވެ އެގޭގެ ދޮރު ދަށުން މީހަކު ފޮޓޯގަނޑެއް ފޮނުވާފައި އޮތް މަންޒަރު ޒަހްރާއަށް ފެނުނެވެ. އެއީ ވީދިފައިވާ ފޮޓޯގަނޑެއްކަން ޒަހްރާއަށް އެނގުނީ އޭތި ނެގުމުންނެވެ. ފޮޓޯގަނޑު އަނެއްފަރާތަށް އަނބުރައިލި އިރު އެއީ އޭނައާއި އޭނަގެ ދައްތަމެން އެކީގައި ނަގާފައިވާ ފޮޓޯއެއްކަން ޒަހްރާއަށް އެނގުނެވެ. ފޮޓޯއިން ވީދިފައިވީ ޒޫނާގެ ކައިރީގައި ހުއްޓިހުރި އޭނަގެ ބައިކަން ވެސް ޒަހްރާއަށް އެނގުންވިއެވެ. އެއާއިއެކު ޒަހްރާ ކުއްލި ގޮތަކަށް ދޮރު ހުޅުވައިލީ ޒޫނާ ފެނޭތޯ ބެލުމަށެވެ. އެހެނަސް ޒޫނާ ފެންނަން ނެތުމުން ޒަހްރާއަށް ލަސްލަހުން ދޮރު ލައްޕައިލެވުނެވެ.
އެރޭ މަޖީދު އޮފީހުން ގެއަށް އައިއިރު ޒަހްރާ އިނީ ފަލަކްގެ ކޮޓަރީގައެވެ. ފަލަކް އެނދުގައި ނިންދަވާފައި އޮތްއިރު ޒަހްރާ އެ އެނދަށް ލެނގިލައިގެން އުނގުމަތީގައި އޮތް ފޮތެއްގައި އެއްޗެއް ލިޔަމުން ދިޔައެވެ.
“ކޯޗެއް ތި ލިޔަނީ؟” މަޖީދު ގޮސް ޒަހްރާގެ ކައިރީގައި އިށީންނަމުން އެހިއެވެ. ޒަހްރާގެ އަތުގައި އޮތީ ދީނީ ފޮތެއްކަމާއި، ލިޔަމުން ދިޔައީ ފޮތުގެ ތެރޭގައި އޮތް ގަނޑެއްގައިކަން މަޖީދަށް އެނގުނީ އެހިނދެވެ.
“މި ލިޔަނީ އަހަރެންގެ ދައްތަމެންގެ ނަމާއި، އެޑްރެސްތައް. މިއަދު ހިތަށް އައި ޚިޔާލަކީ….އަހަރެން ދުނިޔޭގައި ނެތް ދުވަހަކުން ވެސް ފަލަކްގެ ބޮޑުދައިތަމެން ފަލަކަށް އެނގެންވާނެއޭ. ފަލަކް ބޮޑުވާ ދުވަހަކުން އަހަރެން ދުނިޔޭގަ ނެތިއްޔާ…މަޖީދު މި އެޑްރެސްތައް ފަލަކަށް ދައްކާލައްޗޭ. ފަލަކް މެދުވެރިވެގެން ވެސް އެ ގުޅުންތައް އަނބުރާ އިއާދަ ވެވިދާނެއޭ. އަހަރެންނަށް ދައްތަމެން ނަފްރަތުކުރިޔަސް ފަލަކަށް ނަފްރަތެއް ނުކުރާނެދޯ؟” ޒަހްރާ މަޖީދަށް ބަލައިލަމުން އެހިއެވެ. މަޖީދު ފުން ނޭވައެއް ދޫކުރިއެވެ.
“އަހަންނަކަށް ނޭނގެ ޒަހްރާ. އަހަންނަށް ހީވަނީ ޒަހްރާއަށް ހެޔޮ ނޭދޭ ބަޔަކު ފަލަކަށް ވެސް ހެވެއް ނޭދޭނެހެން. އަހަރެން ޙަޤީޤަތުގަ ބޭނުމެއް ނުވޭ ފަލަކް އެމީހުންނާއި ކައިރި ހިސާބަކަށް ދާކަށް ވެސް. އެހެންވީމަ މަޢާފަށް އެދެން. ހިއެއްނުވޭ އަހަރެން ދުވަހެއްގެ ކޮޅުން ވެސް ތީތި ފަލަކަށް ދައްކާނެހެން. އެހެންނޫނަސް ދެމީހުންކުރެ އެންމެ ކުރިން ދުނިޔެ ދޫކޮށް ދާނީ އަހަރެން ނޫންކަމެއް ވެސް ނޭނގެ.”
“މަޖީދު ދެން ތިހެން ނުބުނެބަލަ!”
“އެހެންވީމަ ޒަހްރާ ވެސް ތިކަހަލަ ވާހަކަ ނުދައްކާ…”
މަޖީދު އެހެން ބުނުމާއިއެކު ޒަހްރާއަށް ހިމޭންވެލަމުން އިސްޖަހައިލެވުނެވެ. ޒަހްރާ އިތުރު އެއްޗެކޭ ނުބުނުމުން މަޖީދަށް ވާހަކަ ދެކެވުނެވެ.
“މިހާރު ތިކަހަލަ ވާހަކައެއް ދެއްކީމަ ދޭން އައި ޚަބަރު ވެސް ދޭ ހިތެއްނުވޭ.” މަޖީދު ބުންޏެވެ.
“ކޮން ޚަބަރެއް؟” ޒަހްރާއަށް އަހައިލެވުނެވެ.
“އަހަރެންގެ ވިޔަފާރިއަށް އިންވެސްޓްކޮށްދޭނެ ޖަރުމަނު ވިލާތުގެ މީހަކާ މިއަދު ދިމާވީ. އެމީހާ ބުނީ އަހަރެން ޖެހޭނީ އެ ޤައުމަށް ދާށޭ. އެމީހާގެ ވިޔަފާރީގެ އުކުޅުތައް ދަސްކުރަން. ކަނޑުމަގުން ދެވެން އޮތީ. އެމީހާ ވެސް ރާއްޖެ އައިސް ހުރީ އެމީހާގެ ބޯޓުންވީމަ. އެހެންވީމަ ދަތުރަށް ފުދޭވަރަކަށް ދުވަސް ނަގާނެ. އަދި ދަތުރުމަތިން މިކޮޅަށް ނުގުޅޭ ދުވަސްތައް ވެސް އައިސްދާނެ.” މަޖީދު ކިޔައިދިނެވެ.
“ކޮބާ މައްސަލައަކީ؟ އަހަރެން މިހިރީއެއްނު ފަލަކް ކައިރީގަ؟ މިއީ އެހާ ނާމާން ޤައުމެއް ވެސް ނޫނެއްނު؟ އަވަހަށް އުފާކުރޭ. މަޖީދު އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރި ދުވަހެއް ނޫންތަ މިއީ؟” ޒަހްރާ އުޖާލާވި މޫނަކާއިއެކީ ވާހަކަ ދެއްކިއެވެ.
“އާނ އެކަމަކު….އެހާ ދުވަސް ވަންދެން ތި ދެމައިންނާއި ދުރަށް ދާންވީމަ….އެ ބުނާ ޒޫނާ ރަށަށް ގޮއްސިތަ މިހާރު؟” މަޖީދު އެހިއެވެ.
“އަ…އާނ މިހާރު ގޮސްދާނެ…ރަށަށް ގޮސްފަވީމައެއްނު މިކޮޅުން ނުފެންނާނީ؟” ޒަހްރާ އެހެން ބުނެލީ، މިއަދު އޭނައަށްވީ ޝައްކު މަޖީދަށް ފޮރުވަމުން ޒަހްރާ ބުންޏެވެ.
“އާނދޯ؟ އެހެންވީމަ…..ދާންވީތަ؟” މަޖީދު އެހިއެވެ.
“ދާށޭއެއްނު މި ބުނީ؟ ނުދިޔައިއްޔާ ކޮއްޕާފަވެސް ފޮނުވާނަން!”
ޒަހްރާ އެހެން ބުނުމާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
އޭގެ ތިން ދުވަސްފަހުން މަޖީދު އެ ދަތުރު ދިޔުމަށްޓަކައި ތައްޔާރުވިއެވެ. މުޅި އެދުވަސް މަޖީދު ހޭދަކުރީ ފަލަކާއިއެކީ ކުޅެ، ލޯބި ކުރުމުގައެވެ. އަދި ޒަހްރާއަށް ވެސް އެކި ކަންކަމާއި އެހީވަމުން ޒަހްރާދެކެ ވެސް ތަކުރާރުކޮށް ލޯބިވާ ވާހަކަ ބުނުމުގައެވެ. އެދުވަހު ޒަހްރާ ފަހާ ގެއަށް ވެސް ނުދާތީ މުޅި ދުވަސް ހޭދަކުރީ މަޖީދާއި އެކީގައެވެ. މަޖީދު ފުރުމަށްޓަކައި މައިދޮރުން ނިކުތުމުގެ ކުރިން ވެސް ޒަހްރާގެ ނިތުގައި ބޮސްދީ، ޒަހްރާދެކެ ލޯބިވާ ވާހަކަ ބުންޏެވެ. ޒަހްރާ ވެސް މަޖީދު ގައިގައި ފަހުފަހަރަށް ބައްދައިލަމުން ލޯބިވާ ވާހަކަ ބުންޏެވެ.
މަޖީދު އެދުވަހު އެ ދޮރު ލައްޕައިލި ގޮތަށް ދެން އެ ދޮރު ހުޅުވެން ފެށީ ޒަހްރާއަށް އަނިޔާއިން ފުރިގެންވި ގޮތަކަށެވެ. އޭގެ ހަފްތާއެއްހާ ދުވަސްފަހުން އެ ގޭގެ ދޮރުގެ ބެލް އަޅުވައިލުމުން ޒަހްރާ ދޮރު ހުޅުވުމާއިއެކު އޭނަގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. ޒަހްރާ ލޯ ހުޅުވައި ބަލައިލިއިރު ދޮރުމަތީގައި ހުރީ ޒޫނާ ނޫން ދެވަނަ މީހެއް ނޫނެވެ.
“ކިހާ ދުވަހެއް ނަގާތަ ބިމުގެ ވެރިއަކަށް ބިމެއް ޙަވާލުކުރަން؟” ދެ އަތް އުރައިގެން ބުމަގޮށްޖެހިފައި ހުރެ ޒޫނާ އެހިއެވެ.
“އަދި….ނުވެގެންނޭ މިއުޅެނީ. ކުރާނަން އަދި-“
“ކޮން ދުވަހަކު؟ ކޮން ދުވަހަކު؟ ކޮން ދުވަހަކުހޭ؟!!!” ޒޫނާ އޭގެއިން ކޮންމެ ސުވާލެއް ކުރަމުން ޒަހްރާގެ މޭގައި އަތް އަޅައި ކޮއްޕިއެވެ. އަދި އެންމެ ފަހު ފަހަރު ކޮއްޕީނުން ޒަހްރާ ބިންމައްޗަށް ވައްޓައިލިއެވެ. ހަށިގަނޑުގައި އެވަގުތު އެޅި ވޭނުން ޒަހްރާގެ އަނގައިން އާހުގެ އަޑުތައް ނިކުތެވެ.
“އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި! ތީނައާ ހެދި އަހަރެންގެ ފިރިމީހާ އެ އުޅެނީ ވިޔަފާރިއެއް ނުފެށިގެން. އެކަމަކު ތީނަގެ ފިރިމީހާ އެ އުޅެނީ ވިޔަފާރި ދަތުރުގަ މުޅި ދުނިޔެ ވަށާ! ކިބުރުވެރި ވިޔަސް ތިއީ ބޮޑުވަރު. ވާހަކަ ދައްކައިގެން ކަލެއަށް އެއްޗެއް ވިސްނޭނެހެން އަހަންނަށް ހިއެއްނުވޭ. މިއަދުން ފެށިގެން އަހަރެން ބުނާ ގޮތަށް ނަހަދާހާ ހިނދަކު ކަލޭ އުޅޭނީ އަހަރެންގެ ފަރާތުން ލިބޭ ޢަޒާބެއްގެ ތެރޭގަ.”
ޒޫނާ އެ ފަހު ބަސްތައް ބުނެލީ އިންތިހާއަށް ބޮޑާވެގަންނަމުންނެވެ. ތިމަންނަގެ ފަރާތުން ލިބޭ ޢަޒާބޭ ބުނި ހިނދު ﷲ ގެ ޢަޒާބުގެ މަތިން އެއްގޮތަކަށް ވެސް ހަނދާނެއް ނެތެވެ.
އިސާހިތަކު އެގެއަށް ވަނީ މޫނު ނިވާކޮށްގެން ހުރި ފިރިހެން ކުއްޖެކެވެ. އިސާހިތަކު އެ ކުއްޖާގެ އަތުގައި އޮތް ދަނޑިއަކުން ޒަހްރާއަށް އަނިޔާކުރަން ފެށިއެވެ.
ޒޫނާ ބުނި ފަދައިން އެހާ ހިސާބުން ޒަހްރާގެ ‘އަދަބަށް’ ހުއްޓުމެއް ނައެވެ. ޒަހްރާ ގިނައިރު އަމިއްލަ ގޭގައި ހުންނަނީ ވެސް ބަނދެވިފައެވެ. މުޅި ދުވަސްތެރޭގައި ކާއެއްޗެއް ނުދެވޭއިރު ބޮވެނީ ކުދިކުދި ފެންފޮދުތަކެވެ. އޭނައާއިއެކީ ފަލަކަށް ވެސް އަނިޔާކުރަން ޒޫނާ އިންޒާރު ދިން ދުވަހު، ވަކީލަކާއި ބައްދަލުކުރަން ދިޔަ ދިނުމަށް ޒަހްރާ އެދުނެވެ. އެއާއިއެކު ޒަހްރާގެ ގައިގައި ބަނދެވިފައިވާ ފަށްތައް މޮހެވިގެން ދިޔައެވެ.
ޒަހްރާ އެ ދިޔަ ގޮތަށް ދިޔައީ ފަހާގެއަށެވެ. އަދި އެތާނގައި ހުންނަ އިނގިރޭސި ކުއްޖާ ލައްވާ އޭނަ ބޭނުން މެސެޖެއް ދިވެހިން ގަނޑުކޮޅެއްގައި ލިޔުއްވައިގެން، ގޭގެ ކުރިމަތީގައި ހުންނަ ގެއަށް ދިޔައެވެ. އެދުވަހު އެގޭގެ ދޮރު ހުޅުވައިލީ އަފްޒަލްގެ ބައްޕަ އާމިރެވެ. ޒަހްރާ އެ ގަނޑުކޮޅު އާމިރާއި ޙަވާލުކުރިއެވެ.
“ވަކީލެކޭ؟ އެދުވަހު ފަހާގެއަށް ވެސް ދިޔަ ނަދީމް ވާހަކަދޯ؟ އަހަރެން ޖެހޭނީ ބަލާލަން. ޒަހްރާ ކިހިނެއްވެފަތަ ތިހިރީ؟” އާމިރަށް ސުވާލުކުރެވުނެވެ. ޒަހްރާގެ މޫނުގެ އެކި ތަންތަން ނޫފަންގަނެފައިވި ގޮތުންނެވެ.
އެއާއިއެކު ޒަހްރާ ގަނޑުކޮޅުގެ ތިރީގައި އަވަސްކުރަން ތަކުރާރުކޮށް ލިޔެފައިވާ ބަސްތަކަށް ޢިޝާރާތްކުރިއެވެ. އެއާއިއެކު އާމިރު ބޯޖަހައިލިއެވެ.
އެދުވަހު ގެއަށް ގޮސް ޒަހްރާ އޭނަ ވަކީލަކު ހޯދަން އުޅޭ ވާހަކަ ޒޫނާ ގާތު ބުންޏެވެ. އެކަމާއިމެދު ޒޫނާ އުފާފާޅު ކުރީ ކުޑަ ވަގުތުކޮޅަކަށެވެ. އިސާހިތަކު އަނެއްކާވެސް އެއްކަލަ މޫނު ނިވާ ކޮށްފައި ހުންނަ ކުއްޖާ ލައްވައި ޒަހްރާއަށް އަނިޔާ ކުރުވަމުން ދިޔައެވެ. އެހާ ހިސާބަށް ދިޔައިރު ޒަހްރާއަށް އަނިޔާ ކުރުމަކީ ޒޫނާއަށް ލިބޭ ހިތްހަމަޖެހުމަކަށް ވެފައިވިއެވެ. އަނިޔާ ލިބެމުން ދިޔަ ޒަހްރާގެ ރީތިކަން ގެއްލޭ ވަރަކަށް ޒޫނާ އުފާވަމުން ދިޔައެވެ. ޙަޤީޤީ ރީތިކަމަކީ ޒަހްރާ ފަދައިން މި ޙާލަތުގައި ވެސް ﷲ ހަނދުމަކޮށް ﷲ އަށް ވަކީލުކުރުން ކަން ޒޫނާއަށް ނޭނގެއެވެ.
ޒަހްރާ އެންމެ ދެރަވަމުން ދިޔައީ ޒޫނާ ދޭތެރެ ދޭތެރެއިން އޭނަ ކަމަށް ހެދިގެން ފަލަކްގެ ގާތަށް ދާތީވެއެވެ. އަދި މަންމައަށް އަނިޔާ ކުރަނީ ފަލަކްގެ ބައްޕަ ކަމަށް ބުނެ ބައްޕައާއި ވަރިވާން ބޭނުންވާ ވާހަކަ ބުނަމުން ދިޔަ ގޮތުންނެވެ. އެ ވަގުތު ކޮޅުތަކުގައި ޒަހްރާ ހުންނަނީ ބަނދެވި، އަނގަވެސް ބަންދުކުރެވިފައި ކަމަށްވުމުން އިންތަނުގައި އިނދެ ރުއިން ނޫންކަމެއް ޒަހްރާއަށް ނުކުރެވެއެވެ.
އެންމެފަހުން ޒަހްރާއަށް ވަކީލުގެ ކޯލު އައުމުން ކޯލު ނެގީ ޒޫނާއެވެ. ވަކީލު ބައްދަލުކުރަން އޮތް ދުވަހު ޒަހްރާގެ ޙާލެއް ނެތުމުން ޒަހްރާ ކަމަށް ހެދިގެން ޒޫނާ ވަކީލާއި ބައްދަލުކުރަން ދިޔައެވެ. ޒޫނާ ދިން މަޝްވަރާގެ މަތިން ލިޔުންތައް ތައްޔާރުކުރުމަށް ނަދީމް އެއްބަސްވިއެވެ. ހަފްތާއެއްހާ ތެރޭގައި ލިޔުންތައް ލިބޭނެކަމަށް ނަދީމް ބުންޏެވެ. ނަދީމް އެ ހަފްތާ ތެރޭ ސަޢޫދީއަށް އަނބުރާ ފުރަން ޖެހޭތީ ލިޔުން ލިބޭނީ އާމިރު ނަމަކަށް ކިޔާ ފިރިހެނަކު މެދުވެރިވެގެން ކަމަށް ޒޫނާ ގާތު ނަދީމް ބުންޏެވެ.
އެ ލިޔުން ލިބޭ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ޒޫނާ އުފާވީވީހެން ނުތަނަވަސްވެސްވިއެވެ. ލިޔުން ހޯދައިގެން އަދި ރަށަށް ގޮސްގެން ކަމަކު ދާކަށް ނެތްކަން ޒޫނާއަށް މާ ރަނގަޅަށް ވެސް އެނގުނެވެ. ޒަހްރާ މި ޙާލަށް ދޫކޮށްފައި އޭނަ ރަށަށް ގޮސްފިނަމަ ޒަހްރާ އެ ޙާލުގައި ޖެއްސީ ކާކުކަން މަޖީދު އެނގެން ބޭނުންވާނެއެވެ. މަޖީދަށް އެކަން އެނގިއްޖަނަމަ ބައްޕައަށް ވެސް އެނގޭނެއެވެ. އޭރުން އޭނަގެ ސަލާމަތެއް ނޯންނާނެއެވެ.
މިކަމުގެ ޙައްލަކަށް ޒޫނާއަށް ވިސްނުނީ އެންމެ ގޯސް ޚިޔާލެވެ. އެއީ އޭނަ މިހާތަނަށް އައިއިރު ކޮށްފައިވާ ނުބައި ޢަމަލުތަކުން، އޭގެ ދެވަނަ ދަރަޖައަށް ދިޔުމަށް ޝައިޠާނާ ދިން ވަސްވާހެވެ. އާނއެކެވެ. އަމިއްލަ ކޮއްކޮ މަރައިލުމުގެ ޚިޔާލެވެ. އެއްބަނޑެއްގައި އެއްވަގުތު ހޭދަކުރި ކޮއްކޮ މަރައިލުމުގެ ޚިޔާލެވެ.
ޒޫނާ މިކަން ރޭވީ ނުހަނު ފަރުވާތެރި ކަމާއިއެކީގައެވެ. ޒަހްރާ އަމިއްލައަށް މަރުވަނީހެން ހީވާ ފަދަ ޙާލަތެއް ރޭވުމަށް އޭނަ ލާރި ދީފައި ހުންނަ ޒުވާނާ ގާތު ބުންޏެވެ. އަދި ހުކުރު ދުވަހު އެކަން ހިންގުމަށް އެންގިއެވެ. ހުކުރު ދުވަހަކީ އެއްކަލަ ލިޔުން ޒޫނާއަށް ލިބެން އޮތް ދުވަހަށްވުމުންނެވެ.
އެހެންކަމުން ހުކުރު ދުވަސް ޖެހެންދެން ޒޫނާ، ޒަހްރާގެ ގެއަށް ނުވެސްދެއެވެ. އެގޭގައި އެއްކަލަ ޒުވާނާ ޒަހްރާއަށް ދެމުން ދިޔަ އަނިޔާތައް މަދުވެސް ކޮށްލައިފިއެވެ. އަދި ޒަޚަމްތަކަށް ފަރުވާ ހޯދޭނެ ގޮތްތައް ވެސް މެދުވެރިކޮށްދިނެވެ.
އެއަށްފަހު ހުކުރު ދުވަހު އެއްކަލަ ލިޔުން ހޯދުމަށް ޒޫނާ ގުޅައިލީ އާމިރަށެވެ. ޒަހްރާ ކަމަށް ހެދިގެންނެވެ. އަދި ލިޔުން ގެނެސްދިނުމަށް އެދުނެވެ. ހަމަ އެހިނދު އެއްކަލަ ޒުވާނާއަށް ވެސް ގުޅައި އޭނަ އެންގި ކަންތައް ކުރުމަށް އެދުނެވެ.
ޒަހްރާ އެދުވަހު ހަވީރު އެތައް ދުވަހެއް ފަހުން ނުހަނު ލޯތްބާއިއެކީ ފަލަކް ފެންވަރުވައި ރީތި ކުރިއެވެ. ރީތިކޮށް ނިމުނު ވަގުތު އެއްކަލަ މޫނު ނިވާކުރި ޒުވާނާ ކުއްލި ގޮތަކަށް އެ ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. ޒަހްރާއަށް ބޭއިޚްތިޔާރުގައި ރޯންފެށި ފަލަކް، އަތުތެރޭގައި ފޮރުވައިލެވުނެވެ.
“އަހަރެންގެ ދަރިއަށް އެއްވެސް އަނިޔާއެއް ނުކުރަން ބުނެފަ އޮންނާނީ!” ޒަހްރާ ޢަރަބި ބަހުން ބުންޏެވެ. އެ ޒުވާނާއަށް ޢަރަބި އެނގޭކަން އެނގޭތީވެއެވެ.
އެއާއިއެކު އެ ޒުވާނާ ޒަހްރާ ގާތު ބޭރަށް އައުމަށް އެންގިއެވެ. ޒަހްރާ، ރޮމުން ދިޔަ ފަލަކް އެނދުމަތީގައި ބޭންދުމަށްފަހު ކަރުނަތައް ފޮހެދީ، ހިނިތުންވެލިއެވެ. އެހެނަސް ފަލަކް ރުއިން ހުއްޓާ ނުލަނީސް ޒަހްރާ ދާންޖެހުނީ، އެ ޒުވާނާ އަވަސްކުރުމަށް އިންޒާރު ދިނުމުންނެވެ. އެއާއިއެކު ޒަހްރާ ދެއަތް އުފުލައިލަމުން އެ ޒުވާނާ ބުނިގޮތަށް ކޮޓަރިން ނިކުމެގެން އައެވެ.
އެދުވަހު ފުރަތަމަ ފަހަރަށް ޒަހްރާއަށް ފަލަކްގެ ކޮޓަރީގެ ދޮރު ލެއްޕުމެއްނެތި އެ ކޮޓަރިން ނިކުމެވުނެވެ. އެހެންކަމުން ރޮމުން ދިޔަ ފަލަކް ވެސް މަންމަގެ ފަހަތުން ކޮޓަރިން ނިކުމެގެން އައެވެ. އެކަން އެނގުންވުމުން ޒަހްރާ ފަސްބަލަން އުޅުނެއްކަމަކު ޒުވާނާ އެ ފުރުސަތެއް ނުދީ ޒަހްރާ ކޮއްޕައި އިންޒާރު ދިނެވެ. އަދި އެ ކޮޓަރިން ނިކުމެވެގެން އޮތް ބެލްކަނީއާއި ހަމައަށް ދިޔައެވެ.
ބެލްކަނީއާއި ހަމައަށް ގޮސް ޒުވާނާ ޒަހްރާ ގާތު އަތް ދިއްކުރުމަށް އެދުނެވެ. ޒަހްރާ އަތް ދިއްކުރުމާއިއެކު ޒުވާނާ އިންޒާރެއްނެތި ޒަހްރާގެ އަތުގައި ކުޑަ ހުޅާއި ދިމާލުން ވަޅި އެޅިއެވެ. ވީ ތަދާއިއެކު ޒަހްރާއަށް ހަޅޭއްލަވައިގަނެވުނު ހިނދު ލޮލަށް ކަރުނަތައް ވެސް ޖަމާވިއެވެ. ލޭފެނިފައި ހޭނެތެން އުޅުނުހެން ހީވި ވަގުތު ވެސް ފަލަކްގެ ގަދަވެފައިވާ ރުއިމުގެ އަޑު އިވިފައި މޭމައްޗަށް ތަދުވަމުން ދިޔައެވެ.
ޒަހްރާ ހޭނެތެމުން ދިޔަ ވަގުތު ޒުވާނާ ޒަހްރާ އުފުއްލައިލަމުން ބެލްކަނީގެ ތިރި ރެއިލިންގްގެ އަނެއްފަރާތަށް ގެންގޮސް، ޒަހްރާގެ އަތް، އެ ރެއިލިންގައި ދޫ ގޮތަކަށް އެޅުވިއެވެ. ޒަހްރާގެ އަތުގައި ހުރި ލޭ ރެއިލިންގްގައި ހުންނާނެ ގޮތަށެވެ. އެއަށްފަހު ޒުވާނާ ޒަހްރާ ދޫކޮށްލީ، އެއީ ޒަހްރާގެ ނިމުން ކަމަށް ހީކުރަމުންނެވެ. އެހެނަސް ކައްސާލައިގެން ސީދަލަށް ވެއްޓެމުން ދިޔަ ވަގުތު ޒަހްރާއަށް ހެޔޮ އަތުން ރެއިލިންގް ކައިރީގައި ހުރި ހުސް ބައިގައި ހިފަހައްޓައިލެވުނެވެ. އެ މަންޒަރު ފެނި، ޒުވާނާ އެ އިނގިލިތަކުގެ މައްޗަށް އަރައި އެ އަތުގެ ވެސް ވަރު ދޫކުރިއެވެ.
އިސާހިތަކު ޒަހްރާ އެ ޢިމާރާތުގެ ތިރިން ދުއްވަމުން ދިޔަ އެތައް ކާރެއްގައި ޖެހިގެން ދިޔަ އަޑު އިވުނެވެ. އެހިނދު ފަލަކް ބިންމަތީގައި ރޯން އިން މަންޒަރު ކޮޓަރީގައި ބަލަން ހުރީ ޒޫނާ ނޫން ދެވަނަ މީހެއް ނޫނެވެ. އެހެން ނަމަވެސް ޒޫނާ އައީ ފަލަކަށްޓަކައެއް ނޫނެވެ. ޒޫނާ އައީ އޭނަގެ މަސައްކަތް ކުރި ޒުވާނާގެ ސަލާމަތަށްޓަކައެވެ. އެ ޒުވާނާ ޒޫނާ ފެނުމާއިއެކު ޒޫނާގެ ޢިޝާރާތަށް ޒޫނާގެ ގާތަށް އައެވެ. އަދި ޒޫނާ ބުނި ފަދައިން އެ ގެއިން ނިކުންނަން އައެވެ.
**
އެ ދުވަހަކީ ޒޫނާއަށް ފަލަކް ފެނުނު އެންމެ ފަހު ފަހަރު ކަމަށް ޒޫނާ ހީކުރިއެވެ. އެހެނަސް މިއަދު 29 އަހަރުގެ ފަލަކް ސީދާ އޭނަގެ ކުރިމަތީގައި ހުރި ގޮތުން ޒޫނާގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ޖަޒުބާތުތައް ހިނގައިލިއެވެ. ފަލަކްގެ މަންމައާއިމެދު ކަންތައް ކުރެވިފައިވާ ގޮތުންނެވެ. ފަލަކް އޭނައާއި ބައްދަލުކުރަން މިއައީ ޙަޤީޤަތް އެނގިގެންތޯ ހިތަށްއެރިއެވެ.
ނުނިމޭ
Jana
January 19, 2024 @ 1:38 pm
Note: Salaam readers! Next episode will be uploaded on Monday In Sha Allah <3
Anonymous
January 20, 2024 @ 4:44 pm
Zaharu dheegen kujjaku meryma ekan thahugeegu nukureytha?zahra ge maruge thahugeeg ves?
Jana
January 21, 2024 @ 12:59 pm
Adhi thibai annaane ^_^