ފައްކާވުމާއިއެކު ފަނާވި ބަގީޗާ
މެންދުރުގެ ވަގުތެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުމަތީގައި ހުރަހަށް އޮށޯތީ ވަރުބަލިވެފައި ހުރި ވަރުންނެވެ. ލަމުން ދިޔަ ކޮންމެ ނޭވާއަކާއި އެކީ މޭމަތިން ތޫނު ތަދެއް އިޙްސާސް ކުރެވެމުން ދިޔައެވެ. ހިތަށްއެރިއެވެ. މި ތަދުން ދެން ދުވަހަކުވެސް މިންޖުވެވޭނެ ހެއްޔެވެ؟
ދުވަހަކީ އެއް ސަބަބަކާއިހުރެ ދެވަނަ ޑޮކްޓަރަކަށް ދެއްކުނު ދުވަހެވެ. ފުރަތަމަ ދެއްކި ޑޮކްޓަރު ދިން ބޭހުން އެއްވެސް އަސަރެއް ނުކުރުމުންނެވެ. ވޭތުވެ ދިޔަ ހަފްތާ ތެރޭގައި އެތައް ފަހަރު މަތިން ސަލާމް ބުނަން ޖެހިފައިވީއިރު ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ވަޒީފާއަށް ނުދެވޭނެކަން ޔަޤީންވެފައިވިއެވެ. އަދި އަމުދުން ކިޔުންތެރިންނަށް ވަޢުދުވެފައިވާ ވާހަކައިގެ ބައި އެދުވަހު ވެސް ނުލިޔެވޭނެކަން ޤަބޫލުކުރަން ޖެހިފައިވިއެވެ.
މިހެން ދިމާވާންވީ ކީއްވެތޯ ހިތަށް އަރަން ފެށިއެވެ. ވޭތުވެ ދިޔަ 5 އަހަރަކު އެންމެ ދެ ތިން ދުވަހު ނޫނީ ވަޒީފާއަށް ނުދެވިފައެއް ނެތެވެ. އެކީގައި މަސައްކަތް ކުރާ މީހުންގެ ނަޒަރުގައި އެންމެ ވަޒީފާގައި އެންމެ ހީވާގިކޮށް އުޅޭ މީހުންގެ ތެރެއިން އެކަކީ އަޅުގަނޑެވެ. ޙަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާކޮށް އެކަމަށްޓަކައި ތަޢުރީފުވެސް ލިބިފައިވެއެވެ. އެ ތަޢުރީފުގެ ސަބަބުން އަޅުގަނޑު ނުހަނު ފަޚުރުވެރިވެސްވެފައިވިއެވެ.
އެ ފަޚުރުވެރިކަމުގައި މި ހުރިހާ ކަމަކީ އަޅުގަނޑުގެ ޤާބިލުކަމުގެ ސަބަބުން ޙާސިލުކުރެވުނު ކާމިޔާބީތަކެއް ކަމަށް ހީކުރެވެން ފެށިއެވެ. އެއް ކާމިޔާބީއަކަށްފަހު އަނެއް ކާމިޔާބީ ތަކުރާރުކޮށް ލިބެން ފެށުމުން މިއީ އަޅުގަނޑަށް ޙައްޤުވާ ނިޢުމަތްތަކެއް ކަމަށް ޤަބޫލުކުރެވެން ފެށިއެވެ. މި ކާމިޔާބީތަކަށް ނިމުމެއް ނާންނާނެކަމަށް ހީކުރެވުނެވެ.
އެހެނަސް އެނދުމަތީގައި އޮށޯވެ އޮތް އެ ވަގުތުކޮޅުގައި އެ ހުރިހާ ކަމެއް ވިއްސިވިހާލިވަމުން ދިޔަހެން ހީވިއެވެ. ވަޒީފާގައި އަޅުގަނޑަކީ އެއްދުވަހު އައިއްޔާ އަނެއްދުވަހު އަންނާނެ ކަމުގެ ޔަޤީންކަމެއް ނެތް މީހެކެވެ. މީގެ މަސްތަކެއް ކުރިން އެންމެ ގިނައިން އިސްނަގައިގެން ވަޒީފާގައި އާ ކަމެއް ކުރާ މީހަކީ އަޅުގަނޑު ކަމަށް ވިޔަސް، އެދުވަހު އަޅުގަނޑަކީ ވަޒީފާގެ ޢާއްމު ޒިންމާތައް ވެސް އަދާ ކުރެވޭ މީހެއް ނޫނެވެ. އަދި އޭގެ މައްޗަށް އަހަރެންގެ ކިޔުންތެރިން އަހަންނަށް ކުރަމުން އައި އިތުބާރުވެސް ވަނީ ގެއްލިފައެވެ.
ކީއްވެ ހެއްޔެވެ؟ މޭމަތީގައި އަޅަމުން ދިޔަ ވޭނުގައި އޮވެ ހިތަށް ވެރިވި ސުވާލަކީ އެއީއެވެ.
ހަމަ އެހިނދު ހަނދާންވެގެން ދިޔައީ ސޫރަތުލް ކަހަފްގައި އޮންނަ ދެވަނަ ވާހަކައެވެ. ދެ ބަގީޗާގެ ވެރިމީހާގެ ވާހަކައެވެ. އޭނަގެ ދެ ބަގީޗާއާއި ހެދި އޭނަ ނުހަނު ފަޚުރުވެރިވިއެވެ. އެކަމާއިމެދު ކިބުރުވެރިވެ، އޭނަގެ ފަޤީރު އަވަށްޓެރިޔާ ދަށްކޮށްލާ ޒާތަށް ވާހަކަ ދެއްކިއެވެ. އަދި އެއަށްފަހު އަމިއްލަ ބަގީޗާއަށް ވަންނަމުން ތިރީގައިވާ ބަސްތައް ބުންޏެވެ.
وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَٰذِهِ أَبَدًا ﴿٣٥﴾ وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴿٣٦﴾
“އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް ނުކުރަމެވެ. (35) އަދި ޤިޔާމަތްވާނޭ ކަމަކަށްވެސް އަހަރެން ހީއެއް ނުކުރަމެވެ. އަދި އަހަރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަހަރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހަރެންނަށް ފެންނާނެކަން ކަށަވަރެވެ. (36)”
އެ އާޔަތްތައް ހަނދާންވުމާއިއެކު ހިތަށްއެރިއެވެ. سُبْحَانَ اللّه އެވެ. އަޅުގަނޑާއި އެ ބަގީޗާގެ ވެރިމީހާއާއި ވަކި ތަފާތެއް އެބަ އޮތް ހެއްޔެވެ؟ އޭނަ ފަދައިން އަޅުގަނޑަށް ވެސް ހީވީ އަޅުގަނޑުގެ ކާމިޔާބީތަކަށް ނިމުމެއް ނާންނާނެ ކަމަށެވެ. އެ ޚިޔާލާއި ގެންގުޅެން ފެށިފަހުން އާޚިރަތް މަތިން ވެސް ހަނދާން ވަނީ މަދު ފަހަރަކުއެވެ.
އެ ބަގީޗާގެ ވެރިމީހާ އެ ބަސްތައް ބުނިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭނަގެ ފުދި ފޯވެފައިވާ ބަގީޗާ މުޅިން ހަލާކުވެގެން ދެއެވެ. އަޅުގަނޑަށް ވެސް ދިމާވެފައިވަނީ އެކަހަލަ ގޮތެކެވެ. އަޅުގަނޑުގެ ކާމިޔާބީތަކުގެ ދުވަސްވަރަށް ނިމުމެއް އައިސްފައިވިއެވެ. އަނބުރާ އެ ދުވަސްތައް އިޢާދަ ނުކުރެވޭނެހެން ހީވާ ދަރަޖައަށެވެ.
އެވަގުތުކޮޅު ވެގެން ދިޔައީ އަޅުގަނޑު ތައުބާވާންޖެހޭކަން އަޅުގަނޑަށް އެނގުންވި ވަގުތުކޮޅަކަށެވެ. ހިތުގައިވި ކިބުރުވެރިކަމުން ދުރުވާން ޖެހޭކަން އެނގުންވީ އެދުވަހުއެވެ. އަދި ޢަމަލުތައް ހަމައެކަނި ﷲ އަށްޓަކައި ޚާލިޞްކުރަން ޖެހޭކަން ދަސްވީ ވެސް އެދުވަހުއެވެ. މިއަދާއި ޖެހެންދެން ވެސް އެއީ އަދި އަހަންނަށް ކާމިޔާބު ކުރެވިފައިވާ ކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން އަބަދުވެސް ﷲ ގެ ޙަޟްރަތުން ވާގިއަށް އެދެމެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑުމެންނަށް މި ދުނިޔޭގައި ލިބޭހާ ކާމިޔާބީތަކަކީ ﷲ ގެ ފަޟްލަވަންތަކަމުން ލިބޭ ކާމިޔާބީތަކެވެ. އެކަލާނގެ އިރާދަކުރެއްވި ނަމަ އަޅުގަނޑުމެންނަކީ އެއްވެސް ހުނަރެއް ނެތް ބައެއް ކަމުގައި ލެއްވީހެވެ. އެހެނަސް އެކަލާނގެ އަޅުގަނޑުމެންނަށް ހުނަރުތަކާއި އެހެނިހެން ނިޢުމަތްތައް ދެއްވީ އިމްތިޙާނަކަށްޓަކައެވެ. އެ ހުނަރުތަކުގެ ބޭނުންކޮށްގެން ހަމައެކަނި އެކަލާނގެއަށްޓަކައި ޢަމަލުތައް ޚާލިޞްކުރާ މީހުން ދަނެގަތުމަށްޓަކައެވެ. އަދި އެ ކާމިޔާބީތަކުގައި ވެސް ﷲ ހަނދުމަކޮށް އެކަލާނގެއަށް ޙަޤީޤީ ގޮތުގައި ޙަމްދުކުރާ މީހުން ދަނެގަތުމަށްޓަކައެވެ.
ދުނިޔަވީ ކާމިޔާބީތަކަށް ވުރެ އަހަރުމެން އިސްކަން ދޭންވީ އުޚްރަވީ ކާމިޔާބީތަކަށެވެ. ދެދުނިޔެއިން ވެސް އަޅުގަނޑުމެންނަށް ކާމިޔާބީ ލިބުން ވަނީ އެ މަގުންނެވެ. (އިން ޝާ ﷲ)