ބަދަލުވާ ޙަޔާތް (ބާރަވަނަ ބައި): ހިތުގެ އެންމެ ބޮޑު ބަލި
މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެން ހިތުގެ މުހިއްމު ކަމާއިމެދު ވާހަކަ ދައްކައިފީމުއެވެ. ހިތުގެ މަސައްކަތާއި މެދު ވާހަކަ ދައްކައިފީމުއެވެ. ހިތް ޠާހިރު ކުރުމުގެ މުހިއްމުކަމާއި އެކަން ކުރާނެ ގޮތާއިމެދު ވާހަކަ ދައްކައިފީމުއެވެ. ތިބާއަށް އަމިއްލައަށް ވެސް ކުރެވިދާނެ ކަންތަކާއިމެދު އަޅުގަނޑު ވާހަކަ ދެއްކީމުއެވެ. ޒިކުރު ޗެލެންޖާއި ހިތް ރައްކާތެރި ކުރުމާއި ގުޅޭ ގޮތުންނެވެ.
މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާނީ ‘ފޯލްސް އެޓޭޗްމެންޓް’ އާއި ގުޅޭ ގޮތުންނެވެ. ފޯލްސް އެޓޭޗްމެންޓް އެއް އުފެދިގެން ދަނީ އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް އެޅުމުންނެވެ. ﷲ ފިޔަވައި އެހެން އެއްޗަކަށް ހިތުގެ މައި މަޤާމު ދިނުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ﷲ ފިޔަވައި އެހެންނޫނީ ﷲ އާއި އެކީ އެހެން އިލާހެއް ތިބާގެ ޙަޔާތަށް އިޚްތިޔާރު ކުރުމެވެ.
ފޯލްސް އެޓޭޗްމެންޓުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟ ކޮންމެ ފަދަ ގޮތަކުން ވެސް ފޯލްސް އެޓޭޗްމެންޓްއެއް އުފެދިދާނެއެވެ. ކުރީގައި އަޅުގަނޑުމެން އަލި އަޅުވައިލި ތައުބާ ސޫރަތުގެ 24 ވަނަ އާޔަތުން އެނގޭ ގޮތުގައި، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ހަދިޔާތަކުގެ ތެރެއިން ހަދިޔާއަކަށް ވެސް ވެދާނެއެވެ. އެއީ އަޅުގަނޑުމެން ލޯބިވާންޖެހޭ ޙަލާލު ކަންތައްތަކަށް ވެސް ވެދާނެއެވެ. އެހެނަސް އަޅުގަނޑުމެންނަށް ބައެއްފަހަރު ލޯބިވާން ނުޖެހޭ ގޮތަކަށް އެ ކަންތައް ދެކެ ލޯބިވާން ފަށައެވެ. އެ ކަންތަކަކަށް ހިތުގެ މައި މަޤާމް ދެވެއެވެ. ފޯލްސް އެޓޭޗްމެންޓް އަކީ މިއީއެވެ.
ފޯލްސް އެޓޭޗްމެންޓުން އަޅުގަނޑުމެންނަށް ކުރާ އަސަރަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވާ ފޯލްސް އެޓޭޗްމެންޓަކީ ދުނިޔެއަށް އޮންނަ ލޯތްބެވެ. މިއީ ބައްޔެކެވެ. ހިތުގެ ހުރިހާ ބަލިތަކަށް ބަލާއިރު، އެ ހުރިހާ ބައްޔެއްގެ އަސްލަކީ ދުނިޔެއަށް އޮންނަ ލޯބިކަން އެނގިގެންދެއެވެ. ހިތުގެ މައި މަޤާމް ދުނިޔެއަށް ދެވޭ ދަރަޖައިގެ ލޯތްބެކެވެ. މީހަކު ދުނިޔޭގެ އެދުމުން ހިތް ފުރުވައި، އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔެއަށް ހަދާ ޒާތުގެ ލޯތްބެކެވެ.
ވަރަށް ބޮޑު ޢިލްމުވެރިޔަކު އެއްފަހަރު ވިދާޅުވިއެވެ. މުޅި މި ދުނިޔެއަކީ މާ ކަނޑެއް ފަދަ އެއްޗެކެވެ. ހިތްތަކަކީ ބޯޓުތަކެވެ. ކަނޑާއި ބޯޓަކާއި މެދު ވިސްނުމަށް، ނިކަން ޓައިޓެނިކްގެ މިސާލު ނަގާށެވެ. ޓައިޓެނިކްގެ ޒަމާނުގައި ބުނެވިގެން ދިޔައީ ޓައިޓެނިކަކީ ދުވަހަކުވެސް އަޑިއަށް ނުދާނެ އުޅަނދެއް ކަމަށެވެ. އެއީ އެހާވެސް ހައިބަތު ހުރި ބޮޑު އުޅަނދެކެވެ. އެހެނަސް ޓައިޓެނިކްވެސް ހަލާކުވެގެން ދިޔައީ ކޯޗެއްގެ ސަބަބުން ހެއްޔެވެ؟
ޢިލްމުވެރިޔާގެ މިސާލުން ދަސްވަނީ މި ޢިބްރަތެވެ. ބޯޓެއް ކަނޑުގައި ދަތުރު ކުރާ ފަދައިން، ހިތެއް މި ދުނިޔޭގެ ޙަޔާތް ވޭތުކުރަމުން ދާއިރު، ބޯޓު ކާމިޔާބުވާނެ ހަމައެކަނި ގޮތަކީ، އެ ބޯޓަށް ރައްކާތެރިކަން ޔަޤީންވާނެ ހަމައެކަނި ގޮތަކީ، އެ ބޯޓަށް ގެއްލުމެއް ނުލިބި އަޑިއަށް ނުގޮސް އޭގެ މަންޒިލަށް ދެވޭނެ ހަމައެކަނި ގޮތަކީ، ބޯޓުގެ ތެރެއަށް ކަނޑުގެ ފެންގަނޑު ވަނަ ނުދީފިނަމައެވެ. ކަނޑުގެ ލޮނުގަނޑު ބޯޓަށް ވަނުމާއިއެކު ބޯޓު އަޑިއަށް ދާން ފަށައެވެ.
މިއީ ވަރަށް ފުން މިސާލެކެވެ. އަޅުގަނޑުމެން ދުނިޔޭގެ ޙަޔާތް ވޭތުކުރަމުން ދާއިރު، ދުނިޔެ އަޅުގަނޑުމެންގެ ހިތްތަކުގެ މައި މަޤާމަށް ވަނަ ނުދީފިނަމަ، އަޅުގަނޑުމެން ކާމިޔާބުވާނެއެވެ. އަޅުގަނޑުމެންނަށް ހަލާކުގެ ތެރެއަށް ނުގޮސް ދުނިޔޭގެ ޙަޔާތުގައި ދަތުރު ކުރެވޭނެއެވެ. އަޅުގަނޑުމެން އެ ބޮޑު މާސިންގާ ނުރައްކާތެރި ‘ކަނޑުން’ އަޅުގަނޑުމެން ވަށާލެވިގެނެއް ނުދާނެއެވެ.
ޓައިޓެނިކްގެ މިސާލުގައިވެސް، ޓައިޓެނިކް އަޑިއަށް ދިޔައީ، އެ ބޮޑު އުޅަނދުގެ ތެރެއަށް ވެސް ފެން ވަނުމުންނެވެ. އެހެންކަމުން އެހާ ހައިބަތު ހުރި ބޯޓެއް ވެސް އަޑިއަށް ދާން ނެގީ މަދު ބާތަކެކެވެ. ޢިލްމުވެރިން ބުނާ ގޮތުން އައިސްބާގުގައި ޓައިޓެނިކް ޖެހިފައި ޓައިޓެނިކްގައި ބާތައް ހެދުނީއެވެ. އެ އޮތް ބޮޑު، އަޑިއަށް ނުދާނެ ކަމަށް ބުނި ބޯޓު އެއްކޮށް ހަލާކުވުމަށް މެދުވެރިވީ ކުދިކުދި ބާތަކެވެ. އެއީ ދުނިޔެ (އެހެންނޫނީ ކަނޑު) އެ ބޯޓުގެ ތެރެއަށް ވަނުމުންނެވެ.
އިންސާނާގެ ހިތަށް ވެސް ވަނީ މިކަހަލަ ގޮތެކެވެ. ދުނިޔެ އެ ހިތުގެ މައި މަޤާމުގެ ތެރެއަށް ވަނުމަށް އިޒުނަ ދީފިނަމަ، ހިތް ހަލާކުވެގެން ދަނީ އެހާ ހިސާބުންނެވެ.
ރަސޫލާ ﷺ ގެ ޙަދީޘެއްގައި ވެއެވެ. މީސްތަކުން ވަރަށް އަވަހަށް އެކަކު އަނެކަކަށް ގޮވަން ފަށާނެއެވެ. ތިޔަބައިމީހުންނަށް ޙަމަލާ ދިނުމަށެވެ. އެމީހުންގެ ތަށިން ކެއުމަށް އެކަކު އަނެކަކަށް ގޮވާ ފަދައިންނެވެ.
ބައެއް ޤައުމުތަކުގައި ގެންގުޅޭ ބޮޑެތި ތަށިތައް ނިކަން ޚިޔާލަށް ގެންނާށެވެ. އެއް މީހަކަށްވުރެ ގިނަ މީހުންނަށް އެ ތަށިން ކެވޭނެއެވެ. ރަސޫލާ ﷺ މި ދެއްވަނީ އެ މިސާލެވެ.
އެ ޙަދީޘްގައި ވެއެވެ. މީސްތަކުން ވަރަށް އަވަހަށް އެކަކު އަނެކަކަށް ގޮވަން ފަށާނެއެވެ. ތިޔަބައިމީހުންނަށް (މުއުމިނުންނަށް) ޙަމަލާ ދިނުމަށެވެ. އެމީހުންގެ ބަނޑުހައިވެފައިވާ މީހުންނަށް ތަށިން ކެއުމަށް އެކަކު އަނެކަކަށް ދަޢުވަތުދޭ ފަދައިންނެވެ. ޞަޙާބީއަކު ސުވާލުކުރެއްވިއެވެ. އެއީ އަޅުގަނޑުމެންގެ (މުސްލިމުންގެ) ޢަދަދު މަދުވާނެތީތޯއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ތިޔަބައިމީހުންގެ ޢަދަދު މަދެއް ނުވާނެއެވެ. ތިޔަބައިމީހުންގެ ޢަދަދު ގިނަވާނެއެވެ. އެހެނަސް ތިޔަބައިމީހުން ވާނީ ކަނޑުގެ ފޮނުގަނޑު ފަދައިންނެވެ.
ނިކަން ކަނޑުގެ ލޮނުގަނޑާއިމެދު ވިސްނާލަމާ ހިނގާށެވެ. އެހެންނޫނީ ރާޅު ބާނިތައް ނަގާ އެއްވެސް ފެންގަނޑަކާއިމެދު ވިސްނާލަމާ ހިނގާށެވެ. އެ ރާޅުތަކުގެ މަތީގައި ފޮނުތަކެއް ހުރެއެވެ. އެ ފޮނުގައި އެއްވެސް ބުރަދަނެއް ނުހުރެއެވެ. އެ ފޮނުގައި އަމިއްލަ ބާރެއް ޢަޒުމެއް ނެތެވެ. އެ ފޮނު ފެންގަނޑު ދާ ކޮންމެ ދިމާލަކަށް ދެއެވެ.
ރަސޫލާ ﷺ މި ޙަދީޘް ކުރައްވަނީ އަޅުގަނޑުމެން މިފަދައިން ވެގެންދާނެ ޒަމާނެއް އަންނާނެ ކަމަށެވެ. އަޅުގަނޑުމެން ހަމަ އެހާ ވެސް ބަލިކަށި ވާނެއެވެ. އަޅުގަނޑުމެން ވާނީ އެއްވެސް ބުރަދަނެއް، އަދި އަމިއްލަ ޢަޒުމެއްނުވާ ނުވާ ފޮނުތަކެއް ފަދައިންނެވެ. އަޅުގަނޑުމެން ދާނީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަންތައް އަޅުގަނޑުމެން ގެންދާ ދިމާލަކަށެވެ.
މުޖުތަމަޢުއިން ވަކި ގޮތަކަށް ހަދާށޭ ބުނެފިނަމަ އަޅުގަނޑުމެން ހަދާނީ އެ ގޮތަކަށެވެ. ފެޝަން ވަކި ގޮތަކަށް ހަދާށޭ ބުނެފިނަމަ އަޅުގަނޑުމެން ހަދާނީ އެގޮތަށެވެ. އަޅުގަނޑުމެން އެ ބަސްތައް އަޑުއަހައި ތަބަޢަވާނަމުއެވެ. އަޅުގަނޑުމެން އަމިއްލަ މިނިވަން ނިންމުންތަކެއް ނުވެއެވެ. އަޅުގަނޑުމެން އަމިއްލަ ދީނުގެ ޤަވާޢިދުތަކާއިމެދު ސާބިތެއް ނުވަމުއެވެ.
ރަސޫލާ ﷺ އިތުރަށް ޙަދީޘް ކުރެއްވިއެވެ. ﷲ ތިޔަބައިމީހުންގެ ދުޝްމިނުންގެ ހިތްތަކުން ބިރުވެރިކަން ފިއްލަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ‘ވަހަން’ ނަމަކަށް ކިޔާ ބައްޔެއް ލައްވާނެއެވެ.
‘ވަހަން’ ގެ މާނައަކީ ކޮބައިތޯއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ދުނިޔެއަށް ވާ ލޯތްބާއި މަރަށް ނަފްރަތު ކުރުމެވެ.
މި ޙަދީޘުން އަޅުގަނޑުމެންނަށް ދަސްވަނީ ކޮންކޮން ކަންތައްތަކެއްތޯއެވެ؟ މި ޙަދީޘުން އެނގެނީ އަޅުގަނޑުމެން މިއަދު މި ވާ ޙާލަތަކީ، 1400 އަހަރަށް ވުރެ ގިނަ އަހަރު ކުރިން ރަސޫލާ ﷺ ގެ ނުބުއްވިއްޔަތުން އަޅުގަނޑުމެންނަށް އެނގިފައިވާ ކަމެއް ކަމެވެ. މިކަން މިގޮތަށް ވާނެ ކަމަށް ރަސޫލާ ﷺ އަޅުގަނޑުމެންނަށް ކުރިން ވެސް އަންގަވާފައިވެއެވެ. މީހުން އަޅުގަނޑުމެންގެ ކިބައިން ބައިތަކެއް ނަގައިގަންނަން މީހުން އަވަސްވެގަންނާނެހާ ވަރަށް އަޅުގަނޑުމެން ބަލިކަށި ވާނެ ކަމެވެ. މިކަން އެނގެން އަޅުގަނޑުމެން މާ ދުރަށް ދާކަށް ނުޖެހެއެވެ. އަޅުގަނޑުމެންނަށް ހަނގުރާމަވެރިން ޙަމަލާ ނުދޭ ތަންތާނގައި، އަޅުގަނޑުމެންނަށް މާލީ ގޮތުން ދަތިތައް ކުރިމަތިކުރުވެއެވެ. މާލީ ގޮތުން ދަތިތައް ކުރިމަތިނުކުރެވޭނަމަ އިސްލާމްދީނަކީ ބިރުވެރި ދީނެއްކަމަށް މީހުންނަށް ވިސްނައިދެވިފައިވެއެވެ.
އެހެންކަމުން އަޅުގަނޑުމެން މިއަދު މި ވަނީ ރަސޫލާ ރަސޫލާ ﷺ މި ގޮތަށް ވާނެ ކަމަށް ސިފަކުރެއްވި ފަދަ ޙާލަތެއްގައެވެ.
ސިޔާސީ ގޮތުން މިއަދު އަޅުގަނޑުމެން މި ވަނީ، މީހުން އަޅުގަނޑުމެންނާއި މެދު ނުބައިކޮށް ވިސްނުމަކީ ޤަބޫލުވެގެންވާ ކަމަކަށް ވާ ހިސާބުގައެވެ. އިންތިޚާބުން ސިޔާސީ މީހުން ކާމިޔާބު ވަނީ މުސްލިމުންނާއި ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ. އެހެންކަމުން ސިޔާސީ ގޮތުން ކުރިއަރަނީ މުސްލިމުންނާއި ދެކޮޅު ވުމުންނެވެ. ސިޔާސީ ކެންޑިޑޭޓަކާއި މެދު ބުނެވޭނެ އެންމެ ‘ނުބައި’ ވާހަކައަކީ އެއީ މުސްލިމެއް ކަމަށެވެ. ސިޔާސީ ކެންޑިޑޭޓަކު ބަލި ކުރަން ބޭނުންނަމަ އެއީ މުސްލިމެކޭ ބުނެވިދާނެއެވެ.
އެހެންކަމުން އިސްލާމްދީނަށާއި މުސްލިމުންނަށް ނަފްރަތު ކުރުމަކީ މިއަދު މުޖުތަމަޢުގައި ޤަބޫލުވެފައިވާ ކަމެކެވެ. އިސްލާމް ދީނަކީ ބިރުވެރި ދީނެއް ކަމަށް ދައްކަން އެބައިމީހުން އެތައް ފައިސާއެއް ހޭދަކުރެއެވެ.
އެހެންކަމުން މިއީ އަޅުގަނޑުމެން ކޮންމެހެން ޚިޔާލަށް ގެންނަން ޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެން މިއަދު މި ވަނީ މި ޙާލަތުގައެވެ. އެންމެން ދަނީ ހުރިހާ ދިމާލަކުން އަޅުގަނޑުމެންނަށް ޙަމަލާތައް ދެމުންނެވެ. އަޅުގަނޑުމެންނާއި ދެކޮޅަށް ކުރެވޭ ހަނގުރާމަތަކުގެ ވާހަކަ އިތުރަށް ތަފްޞީލު ކުރާކަށް ނުވެސްޖެހޭނެއެވެ.
އެހެންކަމުން ރަސޫލާ ﷺ މި ޙަދީޘް ކުރައްވަނީ ކީކޭތޯއެވެ؟ އަޅުގަނޑުމެންގެ ދުޝްމިނުން ފާޅުގައި އަޅުގަނޑުމެންނަށް އަނިޔާ ދޭހާ ވަރަށް އަޅުގަނޑުމެން ބަލިކަށިވެގެން ދާނެ ކަމަށެވެ. އަދި އެމީހުން އެކަން ކުރުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ކަމެވެ. ކީއްވެ ހެއްޔެވެ؟
ސުވާލަކީ މިއީއެވެ. މިއީ ސިޔާސީ ޙާލަތަކެވެ. އެހެނަސް މީގެ ފަހަތުގައި ވަނީ ރޫޙާނީ ސަބަބެކެވެ. އަޅުގަނޑު އަލިއަޅުވައިލަން ބޭނުމީ މިކަމެވެ. މިއީ ސިޔާސީ ޙާލަތަކަށް ވިޔަސް މީގެ ފަހަތުގައި ވަނީ ރޫޙާނީ ސަބަބެއް ކަމެވެ. އެއީ އަޅުގަނޑުމެންގެ ޢަދަދު މަދުވީމައެއް ނޫނެވެ. އަޅުގަނޑުމެންގެ އަތުގައި ޓެކްނޮލޮޖީއާއި، ފައިސާއާއި ނެތީތީވެއެއް ނޫނެވެ. އެހެނަސް މިއީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ ބައްޔެއްގެ ސަބަބުންނެވެ. ‘ވަހަން’ އެވެ. އެއީ ދުނިޔެ ދެކެ ލޯބިވުމާއި މަރުވުމަށް ނަފްރަތުކުރުމެވެ.
ދުނިޔެއަށް އޮތް ލޯތްބަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އޭގެ ސަބަބުން އަޅުގަނޑުމެން ބަލިކަށި ކުރުވާ ބައްޔެކެވެ. ހަމައެކަނި ފަރުދީ ގޮތުންނެއް ނޫނެވެ. އިޖުތިމާޢީ ގޮތުންވެސްމެއެވެ. އުއްމަތެއްގެ ގޮތުގައިވެސް މެއެވެ.
‘ބަދަލުވާ ޙަޔާތުގެ’ މި ފިލާވަޅުތަކަކީ ނުހަނު މުހިއްމު ފިލާވަޅުތަކެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ
“….ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ ޙާލަތް ބަދަލެއް ނުކުރައްވާނެތެވެ…” ސޫރަތުއްރަޢުދު، 11
އަޅުގަނޑުމެން ބަދަލުތައް ދެކެން ބޭނުންވާނަމަ، ސިޔާސީ ގޮތުން ވިޔަސް، އިޖުތިމާޢީ ގޮތުން ވިޔަސް، ބަދަލުތައް ފެށެނީ އަޅުގަނޑުމެންގެ ހިތުތެރެއިން ކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ. ބަދަލު ފެށެނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުންނެވެ.
މީގެ އަސްލަކީ އަޅުގަނޑުމެންގެ ހިތުގެ މައި މަޤާމް ދެވިފައިވާ އެއްޗެކެވެ. އަޅުގަނޑުމެން އަޅުވެތިވަނީ ކޯޗަކަށް ހެއްޔެވެ؟ ދުނިޔެ ދެކެ ވާ ލޯތްބަކީ ނުހަނު އަވަހަށް ފެތުރެމުންދާ ނުބައި ބައްޔެކެވެ. އެހެން ހުރިހާ މައްސަލަތަކެއް ކުރިމަތިވަނީ މި ބަލީގެ ސަބަބުންނެވެ. އެހެން ހުރިހާ ރޫޙާނީ ބައްޔެއް ޖެހެނީ މި ބަލީގެ ސަބަބުންނެވެ. މިއީ ހިތަށް ޖެހޭ ހުރިހާ ބަލީގެ އަސްލެވެ.
‘ފޯލްސް އެޓޭޗްމެންޓް’ އާއި މެދު ވާހަކަ ދައްކާއިރު، ތައުޙީދުގެ ނަޒަރުން އެއާއިމެދު ވިސްނާލުން މުހިއްމެވެ. ތައުޙީދުގެ އަސްލަކީ ކޮބައިހެއްޔެވެ؟ ތައުޙީދުގެ އަސްލަކީ لاَ إِلَهَ إِلاَّ اللّه އެވެ. މިހާ ހިސާބު އަޅުގަނޑުމެން إِلَهَ ގެ މާނަ ދަނެގަންނަން ޖެހެއެވެ. إِلَهَ ގެ މާނައަކީ ކޮބައިހެއްޔެވެ؟
إِلَهَ ބައެއް ތަޢާރަފުތަކެއް އަޅުގަނޑު ދޭނަމެވެ. މިއީ ބަހެއްގެ އަސްލާއި ހަމައަށް ގޮސް އޭގެ މާނަ ބުނެދޭ ފޮތަކުން ނެގިފައިވާ ތަޢާރަފުތަކެވެ. މި ބަހުގައި އެކުލެވޭ އަކުރުތަކަކީ أ ل އަދި ه އެވެ. މި އަކުރުތަކުން އުފެދޭ ބަސްތަކުގެ މާނަތައް އަންނަނީ މިފަދައިންނެވެ.
އަޖާއިބުވުމާއިއެކު އޮޅުން އެރުމެވެ.
މީހެއްގެ ފަރާތުން ރައްކާތެރިކަން ހޯދައިގެން އެހެންނޫނީ އެމީހަކާއި ގުޅުން ދަމަހައްޓައިގެން ހިމޭންކަމާއި ސިކުނޑީގެ ހަމަޖެހުން ހޯދުމެވެ.
ވެދާނެ ގޯހެއް އެހެންނޫނީ ހަލާކަކާއިމެދު ބިރުގަންނަ ވަގުތު މީހަކު އޭނައަށް ހިޔާވަހިކަން ދިނުމެވެ.
މީހަކާއިމެދު ހިތުގައިވާ އިޙްސާސްތަކުގެ ފުންކަމުން ނުހަނު ދާހިތުން މީހެއްގެ ގާތަށް ދިޔުމެވެ.
އަންހެން ޖަމަލެއްގެ ގެއްލިފައިވާ ދަރި، އޭގެ މަންމަ ފެނުމުން މަންމަ ގާތަށް ގޮސް ބައްދައިލަން އަވަސްވެގަތުމެވެ.
ފޮރުވިފައިވުމެވެ. މަތިވެރިވެފައިވުމެވެ. ލޯބި ލިބިފައިވުމެވެ. އެއަށް އަޅުވެތިވުމެވެ.
އެހެންކަމުން إِلَه މި ބަހުގެ އަސްލުގެ މާނަތަކަށް ބަލާއިރު، އެއީ ހެދިފައިވާ ބުދަކަށްވުރެ މާ ފުން މާނައެއް އެކުލެވޭ ބަހެކެވެ. އެއީ ތިބާ ނަމާދުކޮށް ދުޢާ ކުރާ ފަރާތަށްވުރެ ފުން މާނައެއް އެކުލެވޭ ބަހެކެވެ.
އެންމެ މުހިއްމު ނުކުތާއަށް ބުނާނަމަ، إِلَه އަކީ ތިބާ އެއަށް އަޅުވެތިވާ އެއްޗެކެވެ. އެއީ ހުރިހާ ގޮތަކުން ވެސް އަޅުވެތިވުމެވެ. އަޅުވެތިވުމަކީ ހަމައެކަނި ނަމާދު ކުރުމެއް ނޫނެވެ. އަޅުވެތިވުމަކީ ހަމައެކަނި ދުޢާ ކުރުމެއް ވެސް ނޫނެވެ.
އަޅުވެތިވުމަކީ އެންމެ ބޮޑަށް ލޯބިވުމެވެ. އެންމެ ބޮޑަށް ކިޔަމަންވުމެވެ. އެންމެ ބޮޑަށް އުއްމީދުކުރުމެވެ. އެންމެ ބޮޑަށް ބިރުވެތިވުމެވެ. އެންމެ ބޮޑަށް ބަރޯސާވުމެވެ. މި ހުރިހާ ކަމެއް ދާނީ އަޅުވެތިވުމުގެ ދަށަށެވެ. ތިބާ މި ހުރިހާ ކަމެއް ކުރާނީ ތިބާ إِلَه އެއް ކަމަށް ދިރިއުޅުމުގައި ދެކޭ ފަރާތަށެވެ.
އެހެންކަމުން މީހަކު لاَ إِلَهَ إِلاَّ اللَه އޭ ކިޔާ ހިނދު އެމީހަކު އެ ބުނަނީ ކީކޭ ހެއްޔެވެ؟ އެމީހުން އެ ބުނަނީ އެއްވެސް ކަމެއް، އަހަރެންގެ ފައިސާވެސް، އަހަރެންގެ މަޤާމުވެސް، އަހަރެންގެ މުދާވެސް، އަހަރެންގެ މަޝްހޫރުކަން ވެސް، އަހަރެންގެ ދަރިން ވެސް، އަހަރެންގެ ޢާއިލާ ވެސް، އަހަރެންގެ ފިރިމީހާ/އަނބިމީހާވެސް، އެއްވެސް އެއްޗެއް އަހަރެން އެއަށް އަޅުވެތިވުމަށް ޙައްޤުވެގެން ނުވާ ކަމަށެވެ. ހިތުގެ މެދުން ހަމައެކަނި ﷲ އަށް ދޭންޖެހޭ މަޤާމް އެހެން އެއްވެސް މީހަކަށް އަދި އެއްޗަކަށް ދެވިގެން ނުވާނެ ކަމަށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. މިސާލަކަށް ﷲ ގެ އިންޒާރަށް ބަލާއިރު، މީގެ ކުރިން ވެސް ސޫރަތުއް ތައުބާގައިވާ އިންޒާރާއިމެދު އަޅުގަނޑުމެން ވާހަކަ ދައްކައިފީމުއެވެ. ﷲ ފިޔަވައި އެހެން އެއްޗަކަށް އެ މަޤާމް ދިނުމާއި ބެހޭގޮތުންނެވެ. އެ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިސާލުތައް ވެސް ދެއްވާފައިވިއެވެ. އެހެނީ އަޅުގަނޑުމެން ލޯބިވާ އެއްޗެހި އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަޅުގަނޑުމެންގެ މައިބަފައިންނާއި، ދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފިރިންނާއި/އަނބިންނާއި، ދަށްވެދާނެ ކަމަށް އަޅުގަނޑުމެން ބިރުގަންނަ އަޅުގަނޑުމެންގެ ވިޔަފާރިއާއި، އަޅުގަނޑުމެންގެ މުދަލެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އާއި ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ މީގެއިން އެއްވެސް ކަމެއްދެކެ އަޅުގަނޑުމެން ލޯބިވެއްޖެނަމަ ވެދާނެ ގޮތާއިމެދު ﷲ އަޅުގަނޑުމެންނަށް އިންޒާރު ދެއްވިއެވެ.
އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ
“ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައިފިމީހާ ދުށިން ހެއްޔެވެ؟…” ސޫރަތުލް ޖާޘިޔާ، 23
هَوَا ގެ މާނައަކީ ކޮބައިހެއްޔެވެ؟ هَوَا ގެ މާނަ ޢާއްމު ގޮތެއްގައި ކުރެވެނީ އެދުންތަކުގެ ގޮތުގައެވެ. އެހެނަސް އެއީ އެދުންތަކަށްވުރެ ގިނަ މާނަ އެކުލެވޭ ބަހެކެވެ. އަޅުގަނޑުމެންގެ ހިތްތައް އެދޭ ކަންތަކަށް ވެސް هَوَا އޭ ކިޔޭނެއެވެ. އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން ކުރެވޭ ކަންތަކަށް هَوَا އޭ ކިޔޭނެއެވެ. ތިބާގެ ނަޒަރިއްޔާތުތައް ވެސް هَوَا ގެ ތެރޭގައި ހިމެނެއެވެ.
މީހުން އެބައެއްގެ ނަޒަރިއްޔާތަށް އަޅުކަން ނުކޮށްފާނެއެވެ. ޢާއްމު ގޮތަކަށް ބުނާނަމަ، އަޅުގަނޑުމެން އަޅުގަނޑުމެންގެ އެދުންތަކަށް ނަމާދުކޮށް ދުޢާއެއް ނުކުރަމުއެވެ. އަޅުގަނޑުމެންގެ ނަޒަރިއްޔާތަށް އަޅުގަނޑުމެން ނަމާދެއް ނުކުރަމުއެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އެއަށް އަޅުކަން ކުރަމުއެވެ.
ކިހިނެއް ހެއްޔެވެ؟ މިފަދަ ގޮތަކަށް ވާހަކަ ދައްކާ މީހުން އުޅޭނެއެވެ. މިވެނި އާޔަތަކުން ނޫނީ ޙަދީޘަކުން ބުނަނީ މިހެންކަން އަހަރެން ޤަބޫލު ކުރަމެވެ. އެހެނަސް އަހަރެން އެއާއި އެއްބަހެއް ނުވަމެވެ. އެއިން އެ ބުނާ އެއްޗެއް އަހަރެންގެ ބުއްދިއެއް ޤަބޫލެއް ނުކުރެއެވެ.
އެމީހަކު ބުނާ ފަދައެވެ. އަހަރެންގެ ޚިޔާލުތަކާއި ނަޒަރިއްޔާތުތައް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅަށްވުރެ މަތިވެރިއެވެ.
މީހަކަށް އާޔަތެއް ނޫނީ ޙަދީޘެއް ފަހުމް ނުވެ ހިނގައިދާނެއެވެ. އެ އާޔަތެއް ނޫނީ އެ ޙަދީޘެއް އިތުރަށް ރަނގަޅަށް ދަނެގަންނަން މީހަކު ބޭނުންވެދާނެއެވެ. މިއީ މަތީގައި ބަޔާން ކުރެވުނު މިސާލާއި ތަފާތު ޙާލަތެކެވެ.
އެހެނަސް ބައެއް މީހުން އެމީހުން ތަބާވާ ކަންތަކުގައި އަމިއްލަ ޚިޔާލުތައް އިސްކުރެއެވެ. އެމީހުން ތަބާވަނީ އެމީހުންނަށް ވިސްނޭ ގޮތަކަށެވެ. އެމީހުން ބޭނުންވާ ގޮތަކަށެވެ. އެމީހަކު ޤަބޫލުކުރާ ގޮތަކަށެވެ. އެމީހަކަށް ފަހުމްވާ ގޮތަކަށެވެ.
ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅަކީ ތެދުކަން ޤަބޫލުކޮށް، އެ ބަސްފުޅުތައް އިތުރަށް ދަނެގަންނަން މަސައްކަތް ކުރުމަކީ މަތީގައި ދެންވުނު މީހުންނާއި ތަފާތު ގޮތެކެވެ. މިއީ އެންމެ ރަނގަޅު ގޮތެކެވެ.
އެހެނަސް ބައެއް މީހުން ބުނެއެވެ. ތިމަންނާއަކަށް މި ޙަދީޘުން ބުނާ އެއްޗެއް ފަހުމެއް ނުވެއެވެ. އެހެންކަމުން އަހަރެން މިއަށް ތަބާއެއް ނުވާނަމެވެ. މިކަހަލަ ގޮތެކެވެ.
އަމިއްލަ ޚިޔާލުތައް ނަގައިގެން އެއަށް އަޅުކަން ކުރުމުގެ މިސާލަކީ މިއީއެވެ. މިއީ ތިބާގެ هَوَا އަށް އަޅުކަން ކުރުމުގެ މިސާލެކެވެ.
ތިބާގެ هَوَا އަށް އަޅުކަން ކުރުމުގެ އެހެން މިސާލުތަކެއްވެއެވެ. މިސާލަކަށް ތިބާ ކަމެއް ކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ތިބާގެ ނަފްސު ކަމަކަށް އެދޭ ކޮންމެ ފަހަރަކު، ތިބާ އެއަށް ތަބާވުމަކީ ޒާތެއްގެ އަޅުކަމެކެވެ. އެއީ ތިބާގެ هَوَا ތިބާގެ إِلَه ގެ ގޮތުގައި ނެގުމުގެ މިސާލެކެވެ.
އެ އާޔަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ ފިލާވަޅަކީ މިއީއެވެ. އަޅުގަނޑުމެން އެންމެންގެ ވެސް އެދުންތަކެއް ވާކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަން ޖެހެއެވެ. އަޅުގަނޑުމެންނަކީ އިންސާނުންނަށް ވީތީވެއެވެ. އެ އެދުންތަކުގެ މައްޗަށް އަޅުގަނޑުމެންނަށް ބާރުފޯރުވެން ޖެހޭކަން އަޅުގަނޑުމެންނަށް ވިސްނެން ޖެހެއެވެ. އެ އެދުންތަކަކީ އަޅުގަނޑުމެންގެ މައްޗަށް ބާރުފޯރުވާ އެއްޗަކަށް ހަދައިގެން ނުވާނެއެވެ.
އަޅުގަނޑު ތަކުރާރުކޮށްލާނަމެވެ. އެ އެދުންތަކުގެ މައްޗަށް އަޅުގަނޑުމެންނަށް ބާރުފޯރުވެން ޖެހޭނެއެވެ. އެ އެދުންތަކަކީ އަޅުގަނޑުމެންގެ މައްޗަށް ބާރުފޯރުވާ އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އެހެނީ އެ އެދުންތަކަކީ އަޅުގަނޑުމެންނަށް ބާރުފޯރުވާ އެއްޗަކަށް ވެއްޖެނަމަ، އަޅުގަނޑުމެންނާއި ޖަނަވާރުންނާއި އެއްވެސް ތަފާތެއް ނޯންނާނެއެވެ. ގެރި ބަކަރިއާއި އަޅުގަނޑުމެންނާއި އެއްވެސް ތަފާތެއް ނޯންނާނެއެވެ.
އަޅުގަނޑުމެންގެ އެދުންތަކުގެ މައްޗަށް އަޅުގަނޑުމެން ބާރުފޯރުވަން ޖެހެއެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންގެ ހިތް ކަމަކަށް އެދޭ ވަގުތު، ހެވާއި ނުބައާއިމެދު އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. އެ އެދުމާއިމެދު ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅުން އެނގޭ ކަމަކާއިމެދު ވިސްނާލަން ޖެހެއެވެ.
ތިބާ އެދޭ ކަމަކީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅާއި ޚިލާފު ނުވާ ކަމަކަށްވާނަމަ، އެ އެދުން ފުއްދުމުގައި އެއްވެސް ގޯހެއް ނެތެވެ. ރަސޫލާ ﷺ އަނބިފިރި ކަމުގެ ގުޅުމާއިމެދު ޞަޙާބީންނަށް ޙަދީޘް ކުރެއްވި ބަސްފުޅުން މިކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެ ގުޅުން ހިންގުމަކީ އެކަމަށްޓަކައި ޘަވާބު ލިބޭ ޢަމަލެކެވެ. އޭގެ ރައްދުގައި ޞަޙާބީން ދެންނެވިއެވެ. ތިމަންމެން އަމިއްލަ އެދުން ފުއްދުމުންވެސްތޯއެވެ؟
އެހެނަސް ރަސޫލާ ﷺ މި ތަނުން އަޅުގަނޑުމެންނަށް މި ދަސްކޮށްދެއްވަނީ ވަރަށް މުހިއްމު ފިލާވަޅެކެވެ. އެ ޙާލަތުގައި ތިބާގެ އެދުންތައް ތިބާ ފުރިހަމަ ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައެޅުއްވި ޙުދޫދުތަކުގެ ތެރެއިން ކަމެވެ. އެހެންކަމުން އެކަމަކީ ހަމައެކަނި ހުއްދަ ކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޘަވާބު ލިބޭ ފަދަ ކަމަކަށް ވެގެން ދެއެވެ. އެހެނަސް ﷲ ގެ ޙުދޫދުތަކުގެ ބޭރުން އެ އެދުން ފުއްދައިފިނަމަ ތިބާއަށް ޢަޒާބު ލިބޭނެއެވެ.
އެހެންކަމުން ތިބާ އެދޭ ކޮންމެ އެދުމަކީ ކޮންމެހެން ނުބައި އެދުމެއް ނޫނެވެ. ބައެއް މީހުންނަށް ހީވާ ފަދައެވެ. އެކަމަކުން ލައްޒަތެއް ލިބޭނަމަ އެކަމަކީ ޙަރާމް ކަމެކެވެ. އެހެނަސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. އަޅުގަނޑުމެން ޖެހެނީ އަޅުގަނޑުމެންގެ ކޮންމެ އެދުމެއް ފުއްދުމުގެ ކުރިން މިއީ އިސްލާމީ ޝަރީޢަތް ތަންދޭ ކަމެއްތޯ ނުވަތަ ނޫންތޯ ވިސްނާށެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅުން ތަންދޭ ކަމެއްތޯ ނުވަތަ ނޫންތޯ ވިސްނާށެވެ.
އެހެނީ އަޅުގަނޑުމެންގެ އެދުންތަކަށް އަޅުގަނޑުމެން އަޅުކަމެއް ނުކުރަމުއެވެ. އަޅުގަނޑުމެން އަޅުކަން ކުރަނީ ﷲ އަށެވެ. އަދި އަޅުގަނޑުމެންނަށް ހެވާއި ނުބައި ދައްކަވައި ދެއްވަނީ ﷲ އެވެ. ހެވާއި ނުބައި ދައްކަނީ އަޅުގަނޑުމެންގެ ވިސްނުމާއި، އިޙްސާސްތަކާއި، އެދުންތަކެއް ނޫނެވެ.
މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. އަމިއްލަ هَوَا އަށް އަޅުކަން ކުރާ މީހުންނާއިމެދު ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރަށް ވަޙީ ކުރެއްވިއެވެ.
“ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި، އަދި ޢިލްމު ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟” ސޫރަތުލް ޖާޘިޔާ، 23
ﷲ މި މީހުން ސިފަ ކުރައްވާފައިވާ ގޮތާއިމެދު ނިކަން ވިސްނާށެވެ. މިއިން އަޅުގަނޑުމެންގެ ހިތްތަކަށް ލޮޅުމެއް އަންނަންވާނެއެވެ. މި މީހުންނަށް ވާ ގޮތަކީ މިއީއެވެ. އެމީހުންގެ އަޑުއިވުމުގައި ސިއްކަ ޖެއްސެވެއެވެ. އަދި އެމީހުންގެ ހިތުގައިވެސްމެއެވެ.
އެހެންކަމުން މި މީހުން ﷲ ގެ ބަދަލުގައި އަމިއްލަ އެދުންތަކަށް އަޅުކަން ކުރަން ފެށުމުން އެމީހުންގެ އަޑު އިވުމާއި ހިތުގައި ސިއްކަޖެއްސެވެއެވެ. މިއީ އަޅުގަނޑުމެންނަށް ފެންނަ އަޑުއިވުމާއި ހިތުގެ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ރޫޙާނީ އަޑުއިވުމާއި ހިތުގެ ވާހަކައެވެ. މިއީ ހެވާއި ނުބައި ވަކި ކުރުމުގެ ޤާބިލިއްޔަތު ތިބާގެ ކިބައިން ނެތިދާ ވާހަކައެވެ.
އަދި އެމީހުންގެ ލޮލުގައި ﷲ ފަރުދާއެއް ވެސް ލައްވައެވެ. މިކަމާއިމެދު ނިކަން ވިސްނާލާށެވެ. ތިބާގެ އަޑުއިވުމުގައި ސިއްކަޖެހިގެންދާ ގޮތް ޚިޔާލަށް ގެންނާށެވެ. އަދި ހިތުގައި ސިއްކަޖެހޭ ގޮތް ޚިޔާލަށް ގެންނާށެވެ. އަދި ލޮލުގައި ފަރުދާއެއް ލެވޭ ގޮތް ޚިޔާލަށް ގެންނާށެވެ. އަނދިރިވެ، ބީރުވެ އަދި ހިތުގައި ވެސް ސިއްކަޖެހިފައިވާ މީހެއް ނިކަން ޚިޔާލަށް ގެންނާށެވެ. މި މީހަކީ ކިހާ ބޮޑަށް ގެއްލިފައިވާނެ މީހެއް ހެއްޔެވެ؟ ތެދުމަގުން ކިހާ އެއްކިބާވެފައިވާނެ މީހެއް ހެއްޔެވެ؟
ﷲ ވަޙީ ކުރެއްވިއެވެ. ﷲ މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ ކާކު ހެއްޔެވެ؟
އެހެންކަމުން މިތަނުގައިވާ އިންޒާރަކީ، ﷲ ފިޔަވައި އަޅުގަނޑުމެންގެ އަމިއްލަ އެދުންތައް އިލާހެއްގެ ގޮތުގައި ނަގައިފިނަމަ، އަޅުގަނޑުމެން ވެގެންދާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އަދި ﷲ ގެ ހިދާޔަތް ފިޔަވައި އެހެން ހިދާޔަތެއް ނުވާނެއެވެ.
ނުނިމޭ