ބަދަލުވާ ޙަޔާތް (ތޭރަވަނަ ބައި): ޝިރުކު ނުކުރަންވީ ކީއްވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އަޅުގަނޑުމެން އެހެން އިލާހެއް ނެގުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އަދި މިކަމާއި ގުޅިގެން އެހާ ބޮޑު އިންޒާރެއް އައިސްފައިވަނީ ކީއްވެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
لَّا تَجْعَلْ مَعَ اللَّهِ إِلَٰهًا آخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا
“اللَّه އާއެކު އެހެން إله އަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ ޙާލު، ތިބާ އިންނަންޖެހިދާނެއެވެ.” ސޫރަތުލް އިސްރާ، 22
إله އަކީ ކޮބައިކަން މިހާރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ﷲ އާއިއެކު އެހެން إله އެއް ނަގައިފިނަމަ އަޅުގަނޑުމެންނަށް މަލާމާތް ލިބި، ނިކަމެތިކަން ލިބިގެން ހިނގައިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ވަޙީ ކުރައްވަނީ ﷲ އާއި އެކީ އެހެން إله އެއް ނަގައިފިނަމަ ކުރިމަތިލާންޖެހޭނެ ނަތީޖާއެވެ. އެ ވެގެން ދާނީ ތިބާގެ އަމިއްލަ ނަފްސަށް ތިބާ ދޭ އަނިޔާއަކަށެވެ. އެ ވެގެން ދާނީ ތިބާ އަމިއްލައަށް ތިބާ ނިކަމެތިކޮށް ލަދުވެތި ކުރުވުން ފަދަ ކަމަކަށެވެ.
އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. މިއީ ޝުޢަރާ ސޫރަތުގެ 213 ވަނަ އާޔަތެވެ.
فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ
“ފަހެ، اللَّه އާއެކު އެހެން إله އަކަށް ކަލޭގެފާނު ދުޢާ ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން ޢަޒާބު ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.” ސޫރަތުއްޝުޢަރާ، 213
އަޅުގަނޑު އަދިވެސް ހަނދާން އެބަ ހުއްޓެވެ. އެންމެ ފުރަތަމަ އަޅުގަނޑު މި އާޔަތް ކިޔުނު ދުވަހު ޙަޤީޤަތުގައި ވެސް އަޅުގަނޑުގެ ހިތަށް ގުޑުމެއް އައެވެ. އެހެނީ، މި އާޔަތުގައި ވެސް ﷲ މި ދެއްވަނީ އިންޒާރެކެވެ. އަޅުގަނޑު ކުރީގައި ވެސް ބުނި ފަދައިން މިސާލަކަށް ތިބާގެ ދަރިފުޅުދެކެ ތިބާ ވަރަށް ލޯބިވާނަމަ، އެ ދަރިފުޅަށް ގެއްލުމެއް ވާކަމަކާއި ދިމާލަށް ދަރިފުޅު ދާކަށް ތިބާ ބޭނުމެއް ނުވާނެއެވެ. ތިބާ ބޭނުންވާނީ އެ ގެއްލުންދެނިވި ކަމާއި ކައިރިވުމަށް ވެސް އެ ދަރިފުޅަށް އިންޒާރު ދޭށެވެ.
ﷲ ތަކުރާރުކޮށް މިފަދައިން ޤުރުއާނުގައި އިންޒާރު ދެއްވައެވެ. އެއްވެސް މިސާލަކަށްވުރެ އެކަލާނގެ މަތިވެރިވެ ވޮޑިގެންވެއެވެ. އެއްވެސް މައަކު ދަރިއެއް ދެކެ ލޯބިވާނެ ވަރަށް ވުރެ ބޮޑަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ދެކެ ލޯބިވެވޮޑިގެންވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގައި މި ވަޙީ ކުރައްވަނީ فَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ އެވެ. މީގެ މާނައަކީ ﷲ އާއި އެކީ އެހެން އިލާހަކަށް ދުޢާ ނުކުރުމަށެވެ. ނޫނީ ކަންކަމަށް އެދި ނުގޮވުމަށެވެ. އެހެން ހަދައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ﷲ މި ދެއްވަނީ އިންޒާރެކެވެ. فَتَكُونَ مِنَ الْمُعَذَّبِينَ ތިބާ ވެގެންދާނީ ޢަޒާބު ލިބިގެންދާ މީހުންގެ ތެރެއިންނެވެ.
މިއީ ނިކަން ސީދާ ވާހަކައެކެވެ. ތިބާ ވެގެންދާނީ ޢަޒާބު ލިބިގެންދާ މީހުންގެ ތެރެއިންނެވެ. الْمُعَذَّبِينَ މި ބަސް އަންނަނީ عَذَاب މި ބަހުންނެވެ. عَذَاب އަކީ ވޭނާއި ތަދާއި ކެކުޅުމެވެ. ﷲ މި އިންޒާރު ދެއްވަނީ، އެކަލާނގެއާއި އެކީ ތިބާ އެހެން އިލާހެއް ނަގައިފިނަމަ، ތިބާ އަމިއްލަ ނަފްސުގެ މައްޗަށް ވޭނާއި ތަދާއި ކެކުޅުން ގެންނާނެ ކަމަށެވެ.
ސުބްޙާނަ ﷲ! މިއީ ކީއްވެ ހެއްޔެވެ؟ ޝިރުކު ކުރުމުން އާޚިރަތުގައި ޢަޒާބު ލިބޭނެ ވާހަކައަކީ މިއީ އަޅުގަނޑުމެން އެންމެންނަށް އެނގޭ ޙަޤީޤަތެކެވެ. އެހެނަސް ވަރަށް ގިނަ މީހުންނަށް ނޭނގޭ ކަމަކީ އެ ޢަޒާބުގެ ކުރިން މި ދުނިޔޭގައި ވެސް ޝިރުކުގެ ސަބަބުން ވޭނާއި ތަދާއި ކެކުޅުން ލިބޭ ކަމެވެ. މިއީ ކިހިނެއްކަން އަޅުގަނޑު ކިޔައިދޭނަމެވެ.
ކާރުގެ ތެޔޮ ޓޭންކަށް އޮރެންޖް ޖޫސް އެޅުމުން ވީ ކިހިނެއް ހެއްޔެވެ؟ މިއީ ކޮންމެހެން އާޚިރަތުގެ ވާހަކައެއް ނޫނެވެ. ތިބާ އެހެން ހަދައިގެން މިއަދުގެ މި ވަގުތު މިތާ ކާރު ހަލާކު ކޮށްލީއެވެ. އެހެނީ ކާރު ފަރުމާކޮށްފައިވަނީ ތެޔޮ ޓޭންކަށް އޮރެންޖް ޖޫސް އަޅައިގެން މަސައްކަތް ކުރާ ޒާތަކަށް ނޫނެވެ.
ހަމަ މިފަދައިން އަޅުގަނޑުމެންގެ ހިތް ފަރުމާކޮށްފައިވަނީ، ﷲ އަށްޓަކައިވާ ލޯތްބާއި އެއްވަރަކަށް އެހެން މީހެއް ނޫނީ އެއްޗެއް ދެކެ ލޯބިވެވޭނެ ޒާތަކަށް ނޫނެވެ. ހިތަކަށް ޝިރުކު ބަރުދާސްތެއް ނުކުރެވޭނެއެވެ. ޙަޤީޤަތަކީ މިއީއެވެ. ހިތަކަށް ޝިރުކެއް ބަރުދާސްތެއް ނުކުރެވޭނެއެވެ.
އެހެންކަމުން ތިބާ އެއްވެސް ޒާތެއްގެ ޝިރުކެއް ކޮށްފިނަމަ، ލޯބީގެ ޝިރުކު ވިޔަސް، އުއްމީދު ކުރުމުގެ ޝިރުކު ވިޔަސް، ބަރޯސާވުމުގެ ޝިރުކު ވިޔަސް، ބިރުވެތިވުމުގެ ޝިރުކު ވިޔަސް، އިތުބާރު ކުރުމުގެ ޝިރުކު ވިޔަސް، އެއްވެސް ކަހަލަ ޝިރުކެއް ކޮށްފިނަމަ، ތިބާ އަމިއްލަ ހިތް ނަގައި، އެ ހިތް ދުވަހަކުވެސް ކުރަން ފަރުމާ ކުރެވިފައި ނުވާ ކަމެއް އެ ހިތް ލައްވާ ކުރުވަނީއެވެ. އެއީ ތިބާ އަމިއްލަ ހިތް ނަގައި ގުޅައަކަށްލުން ފަދަ ކަމެކެވެ. އެ ހިތުގެ ބައްޓަން ބަދަލު ކުރަން މަސައްކަތް ކުރުން ފަދަ ކަމެކެވެ. އެ ހިތް ކުދިކުދި ކުރުން ފަދަ ކަމެކެވެ. ހިތް ހަލާކުވާން މެދުވެރިވާ ސަބަބަކީ މިއީއެވެ.
މި ބައިގައި ‘ފޯލްސް އެޓޭޗްމެންޓް’ އާއި ހިތް ކުދިކުދިވުމާއި މެދު ވާހަކަ ދެކެވެނީ މިހެންވެއެވެ. މިއީ އެއްޗެއް ގެއްލިގެން، އެހެންނޫނީ ކުޑަކުޑަ ކަމަކާއި ހިތްހަމަނުޖެހިގެން ބުނާ ބުނުމުގައި ހިތް ކުދިކުދިވާ ވާހަކައެއް ނޫނެވެ. އަޅުގަނޑު މި ދައްކަނީ އެހާ ކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. އަޅުގަނޑު މި ދައްކަނީ ތިބާ ލޯބިވާ އެއްޗެއް ގެއްލުމުން ތިބާގެ ހިތް ކުދިކުދިވާ ގޮތާއި ބެހޭގޮތުންނެވެ.
މިއީ ވަރަށް ކުޑަ ވިޔަސް މުހިއްމު ތަފާތެކެވެ. އަޅުގަނޑު ލިޔުނު ‘ރިކްލެއިމް ޔުއާރ ހާރޓް’ ފޮތުގެ ބާބެއްގައި އަޅުގަނޑު މި ވާހަކަ ސިފަކޮށްދީފައިވާނެއެވެ. އަޅުގަނޑު އެއަށް ކިޔަނީ ‘އަތަށްވާ ތަދާއި’ ‘ހިތަށްވާ ތަދެވެ.’ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާއަށް ހަދިޔާއެއް ލިބި، ތިބާގެ ހިތުން އެ ހަދިޔާއަށް ދޭންވާ މަޤާމު ދީގެން އުޅޭނަމަ، ހިތުގެ ޙާލަތު ރަނގަޅު ވާނެއެވެ.
އަޅުގަނޑު މިސާލެއް ދޭނަމެވެ. ރަސޫލާ ﷺ ޚަދީޖާ ރަޟިޔަ ﷲ ޢަންހާ ދެކެ ލޯބިވެވޮޑިގެންވި ހެއްޔެވެ؟ އާނއެކެވެ. އެކަލޭގެފާނު އެކަމަނާ ދެކެ ލޯބިވެވޮޑިގެންވިއެވެ. ޚަދީޖާ ރަޟިޔަ ﷲ ޢަންހާ ރަސޫލާ ﷺ އަށް ގެއްލުމުން، އެކަލޭގެފާނު ހިތާމަކުރެއްވި ހެއްޔެވެ؟ އާނއެކެވެ. އެކަލޭގެފާނު ވަރަށް ވޭނުގައި އުޅުއްވިއެވެ. އެ އަހަރަށް ވެސް ހިތާމައިގެ އަހަރުން ނަން ދެވިގެން ދިޔައެވެ. އެކަލޭގެފާނު އުޅުއްވީ އެހާ ވެސް ވޭނުގައެވެ.
ރަސޫލާ ﷺ ގެ ދަރިކަލުން އަވަހާރަވުމުން އެކަލޭގެފާނު ކީރިތި ކުރެއްވި ހެއްޔެވެ؟ އާނއެކެވެ. އެކަލޭގެފާނު އެ ދަރިކަލުން ދެކެ ލޯބިވެވޮޑިގެންވި ހެއްޔެވެ؟ އާނއެކެވެ.
އެހެނަސް ތިބާ ހަދިޔާއެއް ނަގައި އެއަށް ދޭން ނުޖެހޭ މަޤާމެއް ހިތުން ދީފިނަމަ، ހިތުގެ މައި މަޤާމް ދީފިނަމަ، އޮރެންޖް ޖޫސް ގޭސް ޓޭންކަށް އަޅައިފިނަމަ، ދެން އެ ހަދިޔާ ގެއްލުމުން ހިތަށް ކުރާނީ އެހެން ދަރަޖައެއްގެ ހަލާކުގެ އަސަރެކެވެ. ރޯމިއޯ އެންޑް ޖޫލިއެޓް ފަދަ ޙާލަތްތަކަށް އަޅުގަނޑުމެން އަންނަނީ މީގެ ސަބަބުންނެވެ. މިއީ ޤުރުއާނުން ސިފަކޮށްދޭ ލޯތްބެއް ނޫނެވެ. އެހެނަސް މިއީ އަޅުކަމެވެ. އެ ޙާލަތުގައި އެއީ އަޅުކަން ކުރާ ފަރާތް ގެއްލުން ފަދަ ކަމެކެވެ. ހިތް ކުދިކުދިވަނީ މީގެ ސަބަބުންނެވެ. އެހެނީ ހިތް ހައްދަވާފައިވަނީ ހަމައެކަނި ތައުޙީދު އުފުއްލޭ ފަދަ ގޮތަކަށެވެ. ޝިރުކު އެ ހިތަކަށް ބަރުދާސްތެއް ނުކުރެވޭނެއެވެ.
ހިތުގެ ޚާލިޤަކީ ﷲ އެވެ. ﷲ އެ ހިތް ޚަލްޤު ކުރެއްވީ އެކަލާނގެއަށްޓަކައެވެ. އެ ހިތް އެކަމަކަށްޓަކައި ފަރުމާ ކުރެވިފައި ނުވާ ކަންތައް ތިބާ އެ ހިތުން ކުރަން އުޅެފިނަމަ އެ ހިތް ކުދިކުދި ވެގެންދެއެވެ. މީހާ ހަލާކުކޮށްލާ ފަދަ އެންމެ ފުން ހިތާމަތައް މެދުވެރިވާ ސަބަބަކީ މިއީއެވެ.
އަޅުގަނޑު އެހެން މިސާލެއް ދޭނަމެވެ. ފައިސާއަށް އަޅުކަން ކުރާ މީހުންނެވެ. ސްޓޮކް މާރކެޓަށް އަޅުކަން ކުރާ މީހުންނެވެ. އަދި އެއިން ލިބޭ ފައިސާއަށް އަޅުކަން ކުރާ މީހުންނެވެ. ސްޓޮކް މާރކެޓް ކްރޭޝްވުމުން މި މީހުންނަށް ވަނީ ކިހިނެއް ހެއްޔެވެ؟ ފައިސާއަށް އަޅުކަން ކުރާ މީހަކު، ފައިސާއަކީ އެމީހަކު އަޅުކަން ކުރާ އެއްޗަކަށް ހަދައިފި މީހަކު، އެ ޙާލަތުގައި އެމީހެއްގެ ޙަޔާތަށް ނިމުމެއް ގެނެސްފާނެއެވެ. މިއީ ވަރަށް ބޮޑުވަރެއްގެ މިސާލެކެވެ.
ސްޓޮކް މާރކެޓް ކްރޭޝްވުމުން މީހަކު އަމިއްލައަށް މަރުވާންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ އެ ސްޓޮކް މާރކެޓަކީ އެމީހަކު އަޅުކަން ކުރާ އެއްޗަށްވުމެވެ. އަދި އެމީހުންނަށް އެ އެއްޗެއް ގެއްލުނީއެވެ.
އެހެންކަމުން މި ކަމުގައިވާ ނުރައްކަލަކީ، އެމީހަކު އޭނަގެ ހިތަށް ކޮށްފައިވަނީ، އެ ހިތް އެކަމަށްޓަކައި ފަރުމާ ކުރެވިފައި ނުވާ ކަމަކަށް ވުމެވެ. ﷲ އަޅުގަނޑުމެންނަށް އިންޒާރު ދެއްވަނީ މިކަމާއި ގުޅިގެންނެވެ. ﷲ އާއި އެކީ އެހެން إِلَه އެއް ނުނެގުމަށެވެ. ކަންތައް އެއް ނުކުރުމަށެވެ. އެއްޗެހި ނަގައި ހަމައެކަނި ﷲ އަށް ދޭންވާ މަޤާމް އެ އެއްޗެއްސަށް ނުދިނުމަށެވެ. ތިބާގެ ހިތުގައެވެ. ތިބާގެ ޙަޔާތުގައި ވެސްމެއެވެ. ތިބާ ސަމާލުކަން ދޭ ކަންތަކުގައި ވެސްމެއެވެ. އެހެން ހަދައިފިނަމަ ތިބާ ވެގެންދާނީ ޢަޒާބު ލިބޭ މީހުންގެ ތެރެއިންނެވެ. ތިބާ ވާނީ ތިބާގެ އަމިއްލަ ނަފްސަށް ޢަޒާބެއް ދޭ މީހަކަށެވެ.
މިއީ އަޅުގަނޑުމެން ބަރުދާސްތުކުރާ ވޭންތަކެވެ. ﷲ އަށް އެއްވެސް ގެއްލުމެއް ދިނުމެއް ނެތިއެވެ. އަނިޔާ ދެވެނީ ﷲ އަކަށް ނޫނެވެ. އަނިޔާ ދެވެނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުމެންނަށްޓަކައި ނިމުމެއް ނުވާ ރަޙްމަތެއް ވެއެވެ. އެކަލާނގެ މިކަމާއިމެދު އަޅުގަނޑުމެންނަށް އިންޒާރު ދެއްވަނީ އެހެންވެއެވެ. މިކަމަކީ އެކަލާނގެއަށް އަނިޔާއަކަށް ނުވިޔަސް އަޅުގަނޑުމެންނަށް އަނިޔާއަކަށް ވާތީވެއެވެ.
އެހެންކަމުން އެކަމުން ރައްކާތެރިކަން ލިބިގަންނަން އަޅުގަނޑުމެން ﷲ ގެ ޚަޟްރަތުން އެދެމުއެވެ. އަދި ރަނގަޅު ގޮތުގައި ލޯބިވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުމަށް ވެސް އެދެމުއެވެ. އަޅުގަނޑުމެންނަށް އެ ލޯބިން ޙަޤީޤީ ލައްޒަތު ލިބޭނެ ފަދައަކުންނެވެ. ލޯބީގެ ނަމުގައި އިންތިހާ ދަރަޖައިގެ ވޭން ލިބޭ ކަމެއް ނުލިބުމަށެވެ.
މި ނުކުތާ ސިފަކޮށްދިނުމަށްޓަކައި، ޔޫސުފް ސޫރަތުގައި އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ.
އެއްކަލަ އަންހެނުންނަށް ޔޫސުފް ޢަލައިހިއްސަލާމް ފެނުމުން އެމީހުންނަށް ވީ ކިހިނެއް ހެއްޔެވެ؟ މިއީ ‘ފޯލްސް އެޓޭޗްމެންޓަކާއި’ ގުޅިގެން ހިނގާ ކަންތައް ސިފަކޮށްދޭ ރަނގަޅު މިސާލެކެވެ.
އޭގެއިން ކޮންމެ އަންހެނަކަށް ވަޅިއެއް ދެވެއެވެ. މޭވާ ކޮށުމަށެވެ. އެހިނދު ޔޫސުފް ޢަލައިހިއްސަލާމް އެތަނަށް ވަޑައިގަންނަވައެވެ. އެވަގުތު އެ އަންހެނުން ކީއްކުރީ ހެއްޔެވެ؟ އެމީހުންގެ އަމިއްލަ އަތްތައް އެމީހުން ކަނޑަން ފެށިއެވެ.
އެހެންކަމުން ‘ފޯލްސް އެޓޭޗްމެންޓްތައް’ އަޅުގަނޑުމެންގެ ހިތްތަކުގައި ވާނަމަ، އަޅުގަނޑުމެންނަށް އަމިއްލަ ނަފްސުތަކަށް އަނިޔާ ދެވެއެވެ. އެފަދަ އެޓޭޗްމެންޓްތަކުގެ ހިތާމައަކީ މިއީއެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް އަޅުގަނޑުމެން ކުރާ ކަމަކަށް ވާތީވެއެވެ. އަޅުގަނޑުމެންނަށް އެހެން ބައެއްގެ ބޮލުގައި އިލްޒާމެއް ނޭޅުވޭނެއެވެ. އެހެނީ އޮރެންޖް ޖޫސް ގޭސް ޓޭންކަށް އަޅަން ޚިޔާރު ކުރަނީ އަޅުގަނޑުމެންނެވެ. ކާރު ހަލާކުވީތީ އެ ކާރު އުފެއްދި ކުންފުންޏަށް ގޮސް ތިބާއަށް މައްސަލަ ނުޖެއްސޭނެއެވެ. އެއީ ކާރު ހަލާކު ކޮށްލީ ތިބާ އަމިއްލައަށް ކަމަށްވާތީވެއެވެ. ކާރު އިތުރަށް މަސައްކަތް ނުކުރެއޭ ތިބާ ގޮސް ބުންޏަސް، ތިބާ އެ ކާރަށް ކުރީ ކީއްތޯ އެމީހުންނަށް ސުވާލު ކުރެވޭނެއެވެ.
އެހެންކަމުން މިއީ ކާރު އުފެއްދި ފަރާތުގެ މައްސަލައެއް ނޫނެވެ. މިއީ ތިބާއަށް ކުރެވުނު ކުށެކެވެ. ތިބާ އެ ކާރަށް ކުރީ، އެ ކާރު އެކަމަކަށްޓަކައި އުފެއްދިފައި ނުވާ ކަމަކަށް ވާތީވެއެވެ.
އަޅުގަނޑު ދެން ތި ބޭފުޅުންނާއި ޙިއްސާކޮށްލަން ބޭނުންވަނީ، އަޅުގަނޑަށް ނޫހެއްގެ ޚަބަރަކުން ފެނުނު ވާހަކައެކެވެ. މި ވާހަކަ އަޑު އަހާއިރު ވާހަކައިން ވާ ގޮތާއިމެދު ނިކަން ރަނގަޅަށް ވިސްނާށެވެ. އަދި މި ވާހަކައިގައި އުޅޭ މީހާގެ إِلَه އަކީ ކޮބައިކަން ދަނެގަންނަން މަސައްކަތް ކުރާށެވެ.
މިއީ އިންޑިޔާގެ ނޫހެއްގައި ޝާއިއުވެފައިވާ ޚަބަރެކެވެ. އެ ޚަބަރުގައި ވާ ގޮތުން ހުކުރު ދުވަހު 23 އަހަރުގެ ޒުވާނަކު، އޭނަގެ އަމިއްލަ ގޭގައި އަމިއްލައަށް މަރުވެފައިވެއެވެ. ފައްޅިއެއްގައި ބޭއްވުނު މުނާސަބަތެއްގެ ތެރެއިން، ގިނަ ބައެއްގެ ކުރިމަތީގައި އަންހެނަކު އޭނަގެ ގައިގައި ޖަހާފައިވާ ޚިޔާލު ބަރުދާސްތު ނުކުރެވުމުންނެވެ.
އެ ޒުވާނާގެ ތިމާގެ މީހުން ބުނި ގޮތުގައި، އެ ޒުވާނާ ތަކުރާރުކޮށް އެއްވާހަކައެއް ކިޔައިދީފައިވެއެވެ. ވަރަށް ގިނަ ބައެއްގެ ކުރިމަތީގައި އަންހެނަކު އޭނަގެ ގައިގައި ތެޅުމުން އޭނައަށް ވަރަށް ބޮޑަށް ލަދުވެތިކަން އިޙްސާސް ކުރެވެމުން ދިޔަ ކަމަށެވެ.
މި ޙާދިޘާ ހިނގި ސަބަބަކީ، ޒުވާނާ ވީ އެދުވަހުގެ ހަވީރު ވަގުތު މަސްތުގެ ޙާލުގައެވެ. އެ ޙާލަތުގައި އޭނަ ފައްޅީގައި އޮތް މުނާސަބަތުގައި ވަނިކޮށް އޭނައާއި އަންހެނެއްގެ ދެމެދުގައި ޒުވާބެއް ފެށިގެން ދެއެވެ. އެ އަންހެން މީހާއަކީ ފުލުހެކެވެ. އެ ފުލުސް އަންހެން މީހާ ޒުވާބުގެ ތެރެއިން އެ ޒުވާނާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލިއެވެ.
އެހެންކަމުން މި ވީ ގޮތަކީ ވަރަށް ގިނަ މީހުންގެ ކުރިމަތީގައި އަންހެނަކު މި ޒުވާނާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލީއެވެ. އެއަށްފަހު މި ފިރިހެން މީހާ ގެއަށް ގޮސް އަމިއްލައަށް މަރުވެގަތީއެވެ.
އަޅުގަނޑު ކުރަން ބޭނުން ސުވާލަކީ، މި ފިރިހެން މީހާ އަޅުކަން ކުރީ ކޯޗަކަށްތޯއެވެ؟ އަންހެނަކު އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލުމުން ގެއަށް ގޮސް އަމިއްލައަށް މަރުވުމުގެ އެދުމެއް އެމީހާގެ ހިތުގައި އުފެދުނީ ކިއްވެ ހެއްޔެވެ؟
ކުޑައިރުކޮޅަކަށް މަޑުކޮށްފައި ނިކަން މިކަމާއިމެދު ވިސްނާލާށެވެ. މި ޙާލަތުގައި އެ މީހާގެ إِلَه އަކީ ކޮބައިހެއްޔެވެ؟ މިއަށް ތަފާތު ޖަވާބުތަކެއް ދެވޭނެއެވެ. އެހެނަސް އެނގެންޖެހޭ ކަމަކީ އެކި ތަފާތު ޘަޤާފަތަކުގައި ތަފާތު ކަންތައް އެންމެ މުހިއްމު ކަމަކަށް ވެގެންދާ ކަމެވެ. މި ޙާލަތުގައި އެމީހާގެ އިލާހަކީ އެމީހާގެ ކިބުރުވެރިކަމެވެ.
އިންތިހާ ދަރަޖައަށް ކިބުރުވެރިވެފައިވާ މީހެއްގެ ނަމަށް ކުޑަވެސް ބުރޫއެއް އަރާ ކަމެއް ކޮށްފިނަމަ، އެއީ އެމީހެއްގެ ނަޒަރުގައި އެމީހެއްގެ އިލާހަށް ކުޑައިމީސް ބަސް ބުނުން ފަދަ ކަމެކެވެ. އެމީހަކު ބުނާ ފަދައެވެ. ތީނަ ކުޑައިމީސް ތިބުނީ އަހަންނަށެވެ. އަހަރެންގެ ‘މަތިވެރިކަމަށް’ ތިބާ މަލާމާތް ކޮށްފީމުއެވެ. އެންމެންގެ ކުރިމަތީގައި ތިބާ އަހަރެން ލަދުގަންނަވައިފީމުއެވެ.
ކިބުރުވެރިކަމާއި، ޤަދަރުވެރިކަމާއި، ޤަދަރުވެރިކަމުގެ ވަކި މާނައެއް ނަގައިގެން ގެންގުޅެނިކޮށް، އެ ޤަދަރުވެރިކަމަށް މަލާމާތް ކުރެވިއްޖެނަމަ، މަތީގައި ބަޔާން ކުރެވުނު ޙާލަތުގައި އަންހެނަކު ހޫނު އެތިފަހަރެއް ވިއްލައިގެން ފަދަ ގޮތެއް ވެއްޖެނަމަ، އެއީ ތިބާއަށް ބަރުދާސްތު ނުކުރެވޭ ފަދަ ކަމަކަށް ވެދާނެއެވެ. އެ ޒުވާނާ ގެއަށް ގޮސް އަމިއްލައަށް ދަންޖެހިގެން މަރުވާ ހިސާބަށް ދިޔައީ އެހެންވެއެވެ.
މިއީ އަޅުގަނޑުމެން ‘އަޅުކަން’ ކުރުމަށްޓަކައި ޚިޔާރުކޮށްގެން ގެންގުޅޭ ބައެއް ކަންތަކެވެ. ބައެއްފަހަރު އަޅުގަނޑުމެން އަޅުކަން ކުރަނީ އެހެން މީހުން އަޅުގަނޑުމެންނާއި މެދު ގެންގުޅޭ ނަޒަރިއްޔާތަށެވެ.
މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ މީހުން އެއްކަލަ މީހާއާއި މެދު ބުނާނީ ކީކޭ ހެއްޔެވެ؟ އެމީހާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލީ އަންހެނެކެވެ. އެފަދަ ލަދުވެތިކަމެއް އެމީހާއަށް ބަރުދާސްތެއް ނުކުރެވުނެވެ. އެހާ ބޮޑު ފިޔަވަޅެއް އޭނަ އަޅަން ޖެހުނީ ބަރުދާސްތު ނުކުރެވުމުންނެވެ.
އެހެން މިސާލަކަށް ބަލަމާ ހިނގާށެވެ. މިއީ ރޯމިއޯ އެންޑް ޖޫލިއެޓް ގެ ވާހަކައިން ނެގިފައިވާ ތަންކޮޅެކެވެ. އަޅުގަނޑު ކުރިން ވެސް މި މިސާލު ކިޔައިދިނީމެވެ. ރޯމިއޯ ހީކުރީ ޖޫލިއެޓް މަރުވީ ކަމަށެވެ. އެހެނަސް އޭރު ޖޫލިއެޓް މަރެއް ނުވެއެވެ. ޖޫލިއެޓް މަރުވީ ފަދަ ގޮތަކަށް އޮތީއެވެ.
މި ޙާލަތުގައި ރޯމިއޯއަށް ގެއްލި މި ދަނީ ރޯމިއޯ އަޅުކަން ކުރާ ފަރާތެވެ. އެފަދަ ހީވުމެއް ހީވުމާއިއެކު ރޯމިއޯ އަމިއްލައަށް މަރުވެގަތެވެ.
މީހަކަށް އެމީހަކު އަޅުކަން ކުރާ ފަރާތް ގެއްލިއްޖެނަމަ، އެއީ އިންސާނާއަށް ބަރުދާސްތު ނުކުރެވޭނެފަދަ ގެއްލުމެކެވެ.
ހަމަ އެ ފަދައިން ޖޫލިއެޓަށް ފަހުން ހޭލެވުނެވެ. ރޯމިއޯ މަރުވެއްޖެކަން ޖޫލިއެޓަށް އެނގުމާއެކު، އެއީ ޖޫލިއެޓް ވެސް އަޅުކަން ކުރާ ފަރާތަށްވުމުން، ޖޫލިއެޓް ވެސް އަމިއްލައަށް މަރުވެގަތެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ރައްކާތެރި ކުރައްވާށިއެވެ! އެއްވެސް އެއްޗެއް ނަގައި އެ އެއްޗަކަށް ﷲ އާއިއެކީ އަޅުކަން ކުރުމުންނެވެ. ނޫނީ ﷲ އަށް އަޅުކަން ކުރާ ވަރަށް އަޅުކަން ކުރުމުންނެވެ.
މިހާ ހިސާބުން އަޅުގަނޑު ތި ބޭފުޅުންނަށް ތަމްރީނެއް ދޭނަމުއެވެ. މި ސުވާލުތައް ނަގައި، އިރުކޮޅަކަށް މަޑުކުރުމަށްފަހު، މި ސުވާލުތަކަށް ޖަވާބުދޭށެވެ. ތިބާއާއި ﷲ އާއި ދެމެދުގައެވެ. މި ތަމްރީން ފަރުމާ ކުރެވިފައިވަނީ ތިބާއަށްޓަކައެވެ. ތިބާގެ ހިތުގެ މައި މަޤާމަށް ދިޔުމަށް މަސައްކަތް ކުރަނީ ތިބާގެ ޙަޔާތުގެ ކޮން ކަންތަކެއް ކަން ދަނެގަތުމަށް އެހީވެދޭނެ ތަމްރީނެކެވެ.
މިއީ ދެ ތިން ސުވާލެކެވެ. ތިބާގެ އަމިއްލަ ނަފްސާއި ކުރުމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ހަދިޔާތަކުގެ ތެރެއިން، އެ ހަދިޔާތަކަށް ވާ ލޯތްބާއި ﷲ އަށްޓަކައި ވާ ލޯތްބާއި އެއްވަރު ނުކުރަން މަސައްކަތް ކުރަންވީ ކަންތައް ދަނެގަތުމަށެވެ.
ތިބާއަށް ރޮވެނީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟
ތިބާ އެންމެ ގިނައިން ވިސްނަނީ ކޮންކަމަކާއި ގުޅޭ ގޮތުން ހެއްޔެވެ؟
ތިބާ އެންމެ ބިރުގަންނަނީ ކޮން ކަމަކަށް ހެއްޔެވެ؟
ތިބާ އެންމެ ބޮޑަށް ކަންބޮޑުވަނީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟
ތިބާ އެންމެ ފުރަތަމަ ހެނދުނު ތެދުވާ ވަގުތާއި، ނިދުމުގެ ކުރިން ތިބާގެ ސިކުނޑިއަށް އަންނަ އެންމެ ފަހު ޚިޔާލަކީ ކޮބައިހެއްޔެވެ؟
ތިބާ ނަމާދުގައި ވިސްނަނީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟
ތިބާ އެންމެ ބޮޑަށް ހިތްދަތިވަނީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟
އަޅުގަނޑު މި ސުވާލުތައް ކުރާއިރު، އެކި މީހުން ޖަވާބު ދެނީ އެކި ގޮތްގޮތަށެވެ. ކޮންމެ މީހަކު ވެސް އެންމެ ހިތް އެދޭ ކަމަކާއި ގުޅިގެން ޖަވާބުތައް ތަފާތުވެގެން ދެއެވެ. ފިރިހެނުންނާއި އަންހެނުން މި ސުވާލުތަކަށް ދޭ ޖަވާބުތައް ތަފާތެވެ. އެމީހުން އެންމެ ބޮޑަށް ހިތް ކިޔާ ކަންތަކާއި ގުޅިގެންނެވެ.
ކޮންމެ ގޮތެއްވިޔަސް މި ސުވާލުތަކުން އެންމެންނަށް ވެސް އެމީހުންގެ ޙަޔާތުގައި އެމީހުންނަށް އެންމެ މުހިއްމީ ކޮންކަމެއް ކަން ދަނެގަނެވެއެވެ. އެހެންކަމުން އިރުކޮޅަކަށް މަޑުކޮށްލަމުން ތިބާ މި ސުވާލުތަކަށް ޖަވާބުދޭށެވެ. އެއަށްފަހު އަޅުގަނޑުމެން އެ ޖަވާބުތަކާއިމެދު މަޝްވަރާ ކުރާނަމުއެވެ.
ނުނިމޭ