ބަދަލުވާ ޙަޔާތް (ފަނަރަވަނަ ބައި): ތިބާގެ އެންމެ ބޮޑު ހިތްވަރު
މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެން ހިތް ސާފުކުރުމާއި، ހިތުގެ މަޤްޞަދާއި، ހިތް ޠާހިރު ކުރާނެ ގޮތްތަކާއިމެދު ވާހަކަ ދައްކައިފީމުއެވެ. އަދި ނޭދެވޭ ކަންތައްތަކުން ހިތް ފުރިގެން ދިޔުމުގެ ނަތީޖާއާއިމެދު ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިފީމުއެވެ.
މި ހުރިހާ ދުވަސް ވަންދެން އަޅުގަނޑުމެން ލޯތްބާއިމެދު ވާހަކަ ދައްކަމުން ދިޔައީ ކީއްވެ ހެއްޔެވެ؟ ލޯތްބާއިމެދު ތަކުރާރުކޮށް ވާހަކަ ދެކެވެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. ﷲ އަޅުގަނޑުމެން ޚަލްޤު ކުރައްވާފައިވަނީ އަޅުގަނޑުމެން ކަމެއް ކުރުމަށް އެންމެ ބޮޑަށް ބާރު އަޅާ ކަމަކީ ލޯބީގެ ގޮތުގައި ލައްވަމުންނެވެ.
އަޅުގަނޑު މިސާލެއް ދޭނަމެވެ. މި މިސާލުގައި އަޅުގަނޑު ދެ ޙާލަތެއް ކިޔައިދޭނަމެވެ. މި ދެ ޙާލަތާއިމެދު ވިސްނައިފިނަމަ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ލޯބިކަން އެނގިގެންދާނެއެވެ.
ނަރުހެއްގެ ވަޒީފާއާއިމެދު ނިކަން ވިސްނާލާށެވެ. ބަލިމީހުން ބެލުމުގައި އެ ނަރުސް ކުއްޖާ ކުރަންޖެހޭ ކަންތަކާއިމެދު ވިސްނާލާށެވެ. އެ ނަރުސް ކުއްޖާ ޤުރުބާން ކުރަން ޖެހޭ ކަންތަކާއިމެދު ވިސްނާލާށެވެ.
ނަރުސް ކުއްޖާގެ މި ވަޒީފާއާއި މަންމައެއްގެ ވަޒީފާއާއި ދެމެދު އަޅާ ކިޔާށެވެ. މަންމައަކު ދަރިއަކަށްޓަކައި ކުރަން ޖެހޭ ކަންތަކާއިމެދު ވިސްނާލާށެވެ.
ދެން ޚިޔާލަށް ގެންނާށެވެ. ކުޑަ ކުއްޖަކު އުޅެނީ ބަލިވެއެވެ. ނަރުސް ކުއްޖާ އެ ކުޑަ ކުއްޖާގެ ކަންތައް ބަލަން ޖެހެއެވެ. އެ ކުޑަ ކުއްޖާގެ މަންމަ ވެސް އެ ކުއްޖާގެ ކަންތައް ބަލަން ޖެހެއެވެ. މި ދެ ‘ވަޒީފާ’ ގެ ދެމެދުގައިވާ ތަފާތުތަކާއިމެދު ނިކަން ވިސްނާށެވެ.
ނަރުސް ކުއްޖާއަށް ބަލާނަމަ، ނަރުސް ކުއްޖާ އެ ބަލި ކުއްޖާއާއިމެދު އަޅާލާން ޖެހެއެވެ. ނިދިން މަޙްރޫމްވެގެން ވެސް ހުންނަންޖެހެއެވެ. އެއީ ނަރުސް ކުއްޖާގެ ވަޒީފާގެ ގަޑި ކަމަށްވާނަމައެވެ. ކުއްޖާ ފާޚާނާއަށް ގެންގޮސްދޭންޖެހެއެވެ. ސާފުކޮށްދޭންޖެހެއެވެ. ކުއްޖާގެ ޢުމުރުގެ ގޮތުން ނަގައިގެން ވެސް ގެންގުޅެން ޖެހިދާނެއެވެ. އެ ބަލި ކުއްޖާގެ މަންމަ ވެސް ހަމަ މި ކަންތައް ކޮށްދޭންޖެހެއެވެ.
އެހެނަސް އިރުކޮޅަކަށް ވިސްނާށެވެ. ހޮސްޕިޓަލުގެ ވެރިފަރާތް އެ ނަރުސް ކުއްޖާ ގާތަށް ގޮސް، މިހާ ހިސާބުން ދެން މުސާރަ ދެވޭކަށް ނެތޭ ބުނެފިނަމަ، އެ ނަރުސް ކުއްޖާ އިތުރަށް ބަލި ކުއްޖާ ބަލައިދޭނެ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ނަރުސް ކަމަކީ ވަޒީފާއެކެވެ. ނަރުސް ކުއްޖާ ވަޒީފާ އަދާ ކުރާނީ މުސާރަ ލިބޭހާ ހިނދަކުއެވެ. އެ ބަލި ކުއްޖާ ބެލުމަކީ ނަރުސް ކުއްޖާގެ ވަޒީފާއެވެ. އެހެންކަމުން މުސާރަ ދެން ނުލިބޭނެއޭ ބުނާހާއިރަށް ނަރުސް ކުއްޖާ ދެން އިތުރަކަށް އެ ބަލި ކުއްޖާ ނުބަލާނެއެވެ.
ދެން މަންމައަށް ނަޒަރު ހިންގާލާށެވެ. އެ މަންމައަށް އެއްވެސް ލާރިއެއް އެބަ ލިބޭހެއްޔެވެ؟ ނޫނެކެވެ. އެހެނަސް އެ މަންމަ ދެންވެސް އެ ބަލި ކުއްޖާއަށްޓަކައި ނިދި ޤުރުބާން ކުރާނެއެވެ. ކުރަން ޖެހިއްޖެނަމަ އަމިއްލަ ނަފްސު ވެސް ޤުރުބާން ކޮށްފާނެއެވެ. ހަމައެކަނި އެ ދަރިފުޅަށްޓަކައެވެ. ކީއްވެ ހެއްޔެވެ؟ އެ މަންމައަށް ލިބޭ ހިތްވަރަކީ ކޮބައިހެއްޔެވެ؟ އެއީ ލާރިއެއް ނޫނެވެ. އެއީ ހަމައެކަނި އެންމެ ކަމެކެވެ. އެއީ ލޯތްބެވެ.
ލޯތްބަކީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑު ހިތްވަރެއްކަން މި މިސާލުން އެބަ އެނގެއެވެ. އެހެން ޖަޒުބާތުތަކާއިމެދު ވިސްނައިލުމުން ވެސް، ބިރުވެރިކަމާއި، ނަފްރަތު ފަދަ ޖަޒުބާތުތައް ވެސް ރަނގަޅަށް ތަޙުޤީޤު ކޮށްފިނަމަ، އެ ޖަޒުބާތުތަކުގެ ވެސް އަސްލަކީ ލޯބިކަން އެނގިގެންދާނެއެވެ. މިއީ ކީއްވެކަން އަޅުގަނޑު ބުނެދޭނަމެވެ.
ތިބާ ބިރުގަންނާނީ ތިބާ އެންމެ ލޯބިވާ އެއްޗެއް ގެއްލުވާލާނެ ފަދަ ކަންތަކަށެވެ. ތިބާ އެއްވެސް އެއްޗެއްދެކެ ލޯބި ނުވާނަމަ ތިބާ އެއްވެސް އެއްޗެއްދެކެ ބިރެއްވެސް ވެސް ނުގަންނާނެއެވެ. ތިބާ އެއްވެސް ކަމަކާއިމެދު އަޅާނުލާނަމަ، ތިބާ އެއްވެސް ކަމަކަށް ބިރެއް ނުގަންނާނެއެވެ.
ހަމަ މިފަދައިން ނަފްރަތު ވެސްމެއެވެ. ނަފްރަތު އުފަންވަނީ ތިބާ ލޯބިވާ އެއްޗަކަށް ގެއްލުމެއްދީ، ނޫނީ ލޯބިވާ އެތި ގެއްލުވާލާނެ ފަދަ މީހެއް ފެނި، ނޫނީ އެ ލޯބިވާ އެތި ތިބާއާއި ދުރުކުރާނެ ފަދަ މީހަކު ފެނުމުންނެވެ. ލޯބި ނުވާނަމަ ނަފްރަތެއް ނުވާނެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކަށް ލޯބިވުމުގެ މި މަޢުޟޫއަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ބަލަންޖެހެއެވެ. ނަފްސު އިޞްލާޙު ކުރުމާއި ގުޅިގެން އަޅުގަނޑު މި ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ގެ ބަސްފުޅު ހަނދާނަށް ގެންނާށެވެ. އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަކީ، ޞަޙާބީންގެ ހިތުގައި ﷲ އަށްޓަކައި ލޯތްބެއްވުމުގެ ކުރިން ބާވައިލެއްވުނު އާޔަތްތަކަކީ ރާ ބުއިން ހުއްޓާލުމަށާއި، ޒިނޭ ނުކުރުމަށް އެންގޭ އާޔަތްތަކަށްވިނަމަ، މީހުން ބުނީހެވެ. އަހަރުމެން ދުވަހަކުވެސް މި ކަންތައް ދުލެއް ނުކުރާނަމެވެ.
އެހެނަސް އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަކީ ﷲ އަށްޓަކައި ހިތުގައި ލޯބި އަށަގެންނެވުމާއި، އެކަލާނގެ ދަނެގަތުމާއި ގުޅޭ ޢިލްމު ހިމެނޭ އާޔަތްތަކެވެ. ﷲ އާއި ގާތް ގުޅުމެއް ބާއްވަން ހިތް ލަންބުވާ ފަދަ އާޔަތްތަކެވެ.
އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ތަރުބިއްޔަތު ކުރުމުގައި ވެސް، އަޅުގަނޑުމެން އަމިއްލަ ނަފްސު މުއުމިނުންގެ ގޮތުގައި ތަރައްޤީ ކުރުމުގައި ވެސް، އަމިއްލަ ނަފްސުގައި އިސްލާމީ އަޚްލާޤު އަށަގެންނެވުމުގައި ވެސް، އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް، ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ވެސް، އެއްވެސް ކަހަލަ ތަރުބިއްޔަތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނީ ލޯތްބަށެވެ. ސަމާލުކަން ދޭންޖެހޭނީ ﷲ އަށްޓަކައިވާ ލޯތްބަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އޮތް ގުޅުމަށެވެ. ﷲ އާއި ދެމެދު އޮތް ‘އެޓޭޗްމެންޓް’ އަށެވެ.
އެހެނީ އަޅުގަނޑު ކުރީ ބައެއްގައި ވެސް ބުނެފައިވާ ފަދައިން، ތިބާ މީހެއްދެކެ ލޯބި ވާނަމަ، އެމީހަކު ފުއްމާށޭ ބުނާއިރަށް ކިހާ މައްޗަކަށްތޯ ތިބާ އަހާނަމުއެވެ. ލޯބީގެ ސަބަބުން ކިޔަމަންތެރިކަން އުފަންވެއެވެ. ލޯބީގެ ސަބަބުން ކިޔަމަންތެރިކަން އުފަންވެއެވެ.
މި ވާހަކަ ނިކަން ފަރުވާތެރިކަމާއިއެކު އަޑުއަހާށެވެ. ތިބާ އެންމެ ލޯބިވާ އެއްޗެއްގެ އަޅަކަށް ތިބާ ވެގެންދެއެވެ. ލޯބި މަސައްކަތް ކުރަނީ މިފަދަ ގޮތަކަށެވެ. ތިބާ އެންމެ ލޯބިވާ އެއްޗެއްގެ އަޅަކަށް ތިބާ ވެގެންދެއެވެ. އެހެން ބަސްތަކަކުން ބުނާޏަމަ، ތިބާ އެންމެ ލޯބިވާ މީހަކީ، ނުވަތަ އެއްޗަކީ ތިބާގެ ރައްބެވެ. ތިބާގެ ވެރިޔާއެވެ.
އެ އެއްޗަކީ ފައިސާއަށް ވިޔަސް، މަޤާމަކަށް ވިޔަސް، ބާރަށް ވިޔަސް، މީހަކަށް ވިޔަސް، އިލާހަށް ވިޔަސްމެއެވެ. ތިބާގެ ވެރިޔަކީ ތިބާ އެންމެ ލޯބިވާ އެއްޗެކެވެ.
އަޅުގަނޑުމެން އެންމެ ލޯބިވާ އެއްޗަކާއިމެދު އެހާ ބޮޑަށް ސަމާލުވާންވީ މިހެންވެއެވެ. އެހެން ނޫންތޯއެވެ؟ އެހެނީ އަޅުގަނޑު އެންމެ ލޯބިވާ އެއްޗެއްގެ އަޅަކަށް އަޅުގަނޑު ވެގެންދެއެވެ. އަޅުގަނޑުގެ ހިތުގެ މައި މަޤާމް ދެވިފައިވާ އެއްޗެއް އަޅުގަނޑުގެ ވެރިއަކަށް ވެގެންދެއެވެ.
ލޯބި މި މަޢުޟޫއާއި އެހާ ގުޅެނީ މިހެންވެއެވެ. އަދި އެހާ މުހިއްމުވެސް ވަނީ މިހެންވެއެވެ.
ޕްލޭޓޯ ބުނެފައިވެއެވެ. ލޯތްބަކީ ވަރަށް ސީރިއަސް ނަފްސާނީ ބައްޔެކެވެ. މިއީ އަޅުގަނޑަށް ވަރަށް މަޖާ ބަސްކޮޅެކެވެ.
ތިބާ މި ބަސްކޮޅާއި އެއްބަސްވަމު ހެއްޔެވެ؟ އިރުކޮޅަކަށް ކިޔުން ހުއްޓާލާފައި މި ކަމާއިމެދު ވިސްނާލާށެވެ. ލޯތްބަކީ ސީރިއަސް ނަފްސާނީ ބައްޔެއްކަމަށް ތިބާ ޤަބޫލުކުރަން ހެއްޔެވެ؟ ޤަބޫލު ކުރާނަމަ ކީއްވެކަމާއިމެދު ވިސްނާށެވެ. ޤަބޫލު ނުކުރާނަމަ އެއީ ކީއްވެކަމާއިމެދު ވިސްނާށެވެ.
*******************************************************
ތިބާ އެކަމާއިމެދު ވިސްނައިފިނަމަ ކުރިއަށް ދަމާ ހިނގާށެވެ. އަޅުގަނޑުމެން ކުރިން ވެސް މިފަދަ މަޢުޟޫތަކާއިމެދު ވާހަކަ ދައްކައިފީމުއެވެ. އަޅުގަނޑު އުއްމީދު ކުރަނީ ޙަޤީޤީ ލޯތްބާއި ‘އަންހެލްދީ އެޓޭޗްމެންޓް’ ގެ ތަފާތު އަޅުގަނޑުމެންނަށް އެނގިފައިވާނެ ކަމަށެވެ. ‘އަންހެލްދީ އެޓޭޗްމެންޓް’ އަކީ ހަމަ ގައިމުވެސް ވަރަށް ސީރިއަސް ނަފްސާނީ ބައްޔެކެވެ.
އެހެންކަމުން ޕްލޭޓޯގެ މި ބަސްކޮޅު އަޅުގަނޑު ކުޑަކޮށް ބަދަލުކޮށްލާނަމަ، އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް އެޅުމަކީ ސީރިއަސް ނަފްސާނީ ބައްޔެކެވެ. އެހެންނޫނީ ‘އަންހެލްދީ އެޓޭޗްމެންޓް’ އަކީ ވަރަށް ސީރިއަސް ނަފްސާނީ ބައްޔެކެވެ. އެހެންނޫނީ ﷲ އާއިއެކީ އެހެން އިލާހެއް ނެގުމަކީ ސިރިއަސް ނަފްސާނީ ބައްޔެކެވެ.
އެހެނަސް ލޯބި އޭގެ އެންމެ ޠާހިރު ގޮތުގައި އޮންނަހާ ހިނދަކު އެއީ ނަފްސާނީ ބައްޔެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ލޯބި ސިފަކުރައްވާއިރު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވަނީ އެއާއި އިދިކޮޅު ސިފައެކެވެ. އެކަލާނގެ އެ ލޯބި ސިފަ ކުރައްވަނީ ހިތުގެ ހަމަޖެހުމުގެ ގޮތުގައެވެ.
لِتَسْكُنُوا إِلَيْهَا
“…އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ…” ސޫރަތުއްރޫމް، 21
قُرَّةَ أَعْيُن ގެ ވާހަކަ ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ލޯބީގެ ސަބަބުން ލޮލަށް ލިބޭ ފިނިކަމުގެ ވާހަކައެވެ.
މީގެއިން އެއްވެސް ސިފަކުރުމަކުން ލޯތްބަކީ ނަފްސާނީ ބައްޔެއްހެނެއް ހިއެއްނުވެއެވެ. އެއީ ހިތްދަތިކަމެއް ހެން ވެސް ހިއެއްނުވެއެވެ. އެއީ ހިތްދަތިކަމަކަށް ވަނީ ކިހިނެއްވުމުން ހެއްޔެވެ؟ ހިތްހަމަޖެހުމުގެ ބަދަލުގައި ވޭނާއި ކެކުޅުން ލިބޭ ކަމަކަށް ލޯބިވެގެން ދަނީ ކިހިނެއްވުމުން ހެއްޔެވެ؟ ޖަވާބަކީ، އެ ލޯތްބަށް ހިތުން ދޭން ނުޖެހޭ މަޤާމް ދިނުމުންނެވެ.
ލޯތްބާއި ‘އެޓޭޗްމެންޓް’ ގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ތަންކޮޅެއް ކުރިން އަޅުގަނޑު ސަލާންޖަހާ މީހާއާއި މުއްސަނދި މީހާގެ މިސާލެއް ދިނީމެވެ. ‘އެޓޭޗްމެންޓް’ އަޅުގަނޑު މިތަނުގައި މާނަ ކުރަނީ އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް އެޅުމުގެ މިސާލުގައެވެ. (ކުރީ ބައިތައް ބައްލަވާ) އަޅުގަނޑު މި ދައްކަނީ ‘އަންހެލްދީ އެޓޭޗްމެންޓް’ ގެ ވާހަކައެވެ.
ލޯތްބާއި ‘އަންހެލްދީ އެޓޭޗްމެންޓް’ ގެ ތަފާތަކީ، ލޯބި އަންނަނީ މުއްސަނދި ހިތެއްގެ ފަރާތުންނެވެ. ލޯބި އަންނަނީ ކުރިންވެސް ފުރިފައިވާ ހިތެއްގެ ވެރިއެއްގެ ފަރާތުންނެވެ. އެމީހަކާއި ﷲ އާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން ރޫޙާނީ ގޮތުންވެސް، ޖަޒުބާތީ ގޮތުންވެސް، ނަފްސާނީ ގޮތުންވެސް ފުރިފައިވާ މީހެއްގެ ފަރާތުންނެވެ. ﷲ ވަތަޢާލާއާއި އެމީހާއާއި ދެމެދު އޮތް ގުޅުމުގެ ސަބަބުންނެވެ. އެ ގުޅުން ވެގެންދަނީ އެމީހެއްގެ ހިތް ފުރޭ ސަބަބަށެވެ.
ހިތް މިފަދައިން ފުރިގެންދަނީ ކިހިނެއް ހެއްޔެވެ؟ ކުރީ ބައެއްގައި އަޅުގަނޑުމެން ދެއްކި ވާހަކައެއް ހަނދާނަށް ގެންނާށެވެ. ޒިކުރު ޗެލެންޖާއި ގުޅޭ ގޮތުންނެވެ. އެކި ބައިތަކަށް ބެހިގެންވާ އެ ޒިކުރު ޗެލެންޖަކީ، ކޮންމެ ދުވަހަކު ހިތާއި ނަފްސަށް ‘ކާނާ’ ދީ އަޅާލާނެ ގޮތެކެވެ. ހިތް ފުރުވަނީ މިފަދައިންނެވެ. އޮރެންޖް ޖޫހަކުން ނޫނެވެ. އެހެނެއްކަމަކު ތެލުންނެވެ. ތެޔޮ ޓޭންކު ފުރުވާނީ ތެޔޮ އަޅައިގެންނެވެ. އެއީ ރަނގަޅު އެތި ހިތުގެ ރަނގަޅު ތަނަށް އަޅަމުންނެވެ. މީހަކު ރޫޙާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުންނާއި، ނަފްސާނީ ގޮތުން ފުރިގެންދަނީ މިފަދައިންނެވެ.
މީހެއްގެ ހިތް ކުރިންވެސް ފުރިފައިވާނަމަ، އަދި އެ ފުރިފައިވާ ޙާލު ގުޅުމަކަށް ގޮއްސިނަމަ، އެމީހަކު ވެގެންދާނީ އަނެކާއަށް ދޭން ތައްޔާރަށް ހުރި މުއްސަނދި މީހަކަށެވެ.
މިއާއި ޚިލާފަށް މީހަކު އެތެރެއިން އެއްކޮށް ހުސްވެފައިވާނަމަ، އެތެރެއިން ހުސްވެފައިވާނަމަ، ތިބާ އެތެރެއިން ހުސްވެފައިވާނަމަ ތިބާއަށް ކުރެވޭނެހާ ވެސް ކަމަކީ އާދޭސްކުރުމެވެ. ހުސްވެފައިވާ މިފަދަ ޙާލެއްގައި ގުޅުމަކަށް ގޮއްސިނަމަ، ސަލާންޖަހާ މީހެއްގެ ގޮތުގައި ގުޅުމަކަށް ގޮއްސިނަމަ، ތިބާ ވާނީ ހަމައެކަނި އަނެކާގެ ފަރާތުން ހޯދަން ނޫނީ ލިބިގަންނަން ބޭނުންވާފަދަ ޙާލަތެއްގައެވެ. ތިބާވާނީ އަނެކާގެ ފަރާތުން ކަންތައް ފުރިހަމަ ކޮށްދިނުމަށް އެދޭ މަޤާމެއްގައެވެ.
އަމިއްލަ ނަފްސުގެ އެދުން ބޮޑުވަނީ މިހާ ހިސާބުންނެވެ. އެއީ ކޮންމެހެން އެ މީހަކީ ނުބައި މީހަކަށްވުމުންނެއް ނޫނެވެ. ސަލާންޖަހާ ކޮންމެ މީހަކީ ކޮންމެހެން ނުބައި މީހެއް ނޫނެވެ. އެހެނަސް އެމީހުން ސަލާންޖަހަނީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ އަތުގައި ދޭކަށް އެއްވެސް އެއްޗެއް ނެތީތީވެއެވެ. ތިބާ އޭގެއިން މީހަކަށް ބަލައި އެމީހަކާއިމެދު ގޮތެއް ނިންމަފާނަމުއެވެ. އަދި އެމީހެއް ކައިރިން އަހާލާނަމުއެވެ. ތިބާ އަހަންނަށް ނުދެނީ ކީއްވެ ހެއްޔެވެ؟ ސަލާންޖަހާ މީހެއްގެ ގާތަށް ގޮސް ތީނަ އަހަންނަށް ނުދެނީ ކީއްވެތޯ ތިބާ އަހާނަން ހެއްޔެވެ؟ އެއީ ހަމަޖެހޭ ސުވާލެއް ނޫނެވެ. އެހެނީ ސަލާންޖަހާ މީހެއްގެ އަތުގައި ދޭނެ އެއްޗެއް ނުހުންނާނެއެވެ. އެމީހުން ވަނީ އަތް ހުސްވެފައެވެ. އެމީހުން ފަޤީރެވެ.
ޖަޒުބާތީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ބައެއް މީހުންނަކީ ފަޤީރު މީހުންނެވެ. އެމީހުންގެ ހިތުތެރޭގައި ކުރަކިތަކެއް ވެއެވެ. އަދި ހުސްކަމެއްވެއެވެ. އެއީ އަދި ރަނގަޅުނުވާ ކުރަކިތަކީ ހުސްކަމެކެވެ. ރަނގަޅު ގޮތުގައި އަދި އެ ހިތް ފުރިފައި ނުވަނީއެވެ. އެހެންނޫނީ ރަނގަޅު ގޮތުގައި އެ ހިތަށް ފަރުވާއެއް ދެވިފައި ނުވަނީއެވެ. އަޅުގަނޑު ފަހުން ބައެއްގައި ނަފްސާނީ ގޮތުން މިކަން ކުރެވޭނެ ގޮތްތަކާއިމެދު ވާހަކަ ދައްކާނަމުއެވެ. މީގެ ފަހަތުގައި ބައެއްފަހަރު ވަނީ ޓްރޯމާއެވެ. ނޫނީ އެބިއުޒްއެވެ. މިފަދަ ކަންތަކުން ވެސް ހިތުގައި ކުރަކިތަކެއް ލާފާނެއެވެ. އެއީ ފަރުވާ ދެވެންޖެހޭ ކުރަކިތަކެވެ. މި ކުރަކިތައް ރަނގަޅު ކުރުމުގެ ނިޔަތުގައި ގުޅުމަކަށް ގޮސްގެންނުވާނެއެވެ. އެ ކުރަކިތަކަށް ޝިފާ ހޯދަންޖެހޭނީ ހޯދަންޖެހޭ ގޮތަށެވެ.
ފުރިފައިވާ ޙާލު މީހަކު ގުޅުމަކަށް ގޮއްސިނަމަ، މުއްސަނދިކަމާއިއެކު ގުޅުމަކަށް ގޮއްސިނަމަ، އަނެކާއަށް ދިނުމަށް އެމީހަކަށް ސަމާލުކަން ދެވޭނެއެވެ. ދެމީހުން ވެސް އަނެކާއަށް ދޭން ސަމާލުކަންދޭ ފަދަ ގުޅުމެއް ޚިޔާލަށް ގެންނާށެވެ. ‘ހެލްދީ ރިލޭޝަންޝިޕް’ އަކީ އެއީއެވެ. އާނއެކެވެ. ގުޅުމެއްގައި ދިނުމާއި ލިބިގަތުން ވެސް އޮވެއެވެ. އެހެނަސް ތިބާގެ އަމިއްލަ ނަފްސު ފުރިފައިވާނަމަ، ތިބާއަށް މުޅިން ވެސް ސަމާލުކަން ދެވޭނީ އަނެކާއަށް ދެވެން އޮތީ ކޯޗެއްކަމާއި މެދުގައެވެ. އެހެންނޫނީ އެ ގުޅުމަށްޓަކައި ދެވެން އޮތީ ކޯޗެއްކަމާއި މެދުގައެވެ.
ދެމީހުން ވެސް މި ފަދައިން ވިސްނާނަމަ، ލޯބިވަނީ ހަމައެކަނި އެކަކޭ ބުނާނެ ޖާގައެއް ނޯންނާނެއެވެ. ހަމަ އެހެންމެ އެކަކީ އަބަދު އަނެކާ ކައިރިން ސަލާންޖަހާ މީހަކަށް ވުމުގެ ފުރުސަތެއް ވެސް ނޯންނާނެއެވެ. އަދި ހުސްފައިވާ ހިތެއް ފުރުވުމުގެ ނިޔަތުގައި ވެސް ގުޅުމަކަށް ނުދާނެއެވެ.
އެފަދަ ނިޔަތެއްގައި ގުޅުމަކަށް ދިޔުމުގެ ނުރައްކަލަކީ، އަޅުގަނޑު ކުރިން ވެސް ބުނި ފަދައިން އަޅުގަނޑުމެން އެންމެންނަކީ ސަލާންޖަހާ މީހުންނެވެ. ސަލާންޖަހާ މީހަކު ތިބާއަށް އެއްޗެއް ދޭން އުއްމީދު ކުރުމަކީ، އެއް ސަލާންޖަހާ މީހަކު އަނެއް ސަލާންޖަހާ މީހާ ގާތުން އެދުން ފަދަ ކަމެކެވެ. އެއީ ދުވަހަކުވެސް ފެންނަ މަންޒަރެއް ނޫނެވެ. ސަލާންޖަހާ މީހުން ތިބާ ތަނެއްގައި، އެންމެން ވެސް އެދެނީއެވެ. އެހެނަސް އޭގެއިން އެއްވެސް މީހަކު އެކަކު އަނެކާ ކައިރިން ނޭދެއެވެ. ސަލާންޖަހާ މީހުން އެކަކު އަނެކަކު ކައިރިން އެއްޗެއް ދޭން އެދޭ މަންޒަރު ދުވަހަކުވެސް ނުފެނެއެވެ. ކީއްވެ ހެއްޔެވެ؟ އެތާ އެންމެންވެސް ފަޤީރުކަން އެމީހުންނަށް އެނގޭތީވެއެވެ.
އެމީހުން އެކަކު އަނެކަކަށް ބުނާނެ ފަދައެވެ. ތިބާގެ އަތުގައި އަހަންނަށް ދޭން ހުރީ ފަހެ ކޯޗެއް ހެއްޔެވެ؟ އަހަރެން ދާންޖެހޭނީ ރަސްގެފާނުގެ އަރިހަށެވެ. އެހެންނޫންތޯއެވެ؟ ސަލާންޖަހާ މީހެއްގެ ގޮތުގައި ހުރެ އެހެން ސަލާންޖަހާ މީހެއްގެ ގާތުން އަޅުގަނޑު ނާހާނަމުއެވެ. އެހެނީ އެމީހުން ވެސް އަޅުގަނޑުހާ ފަޤީރެވެ.
ﷲ ގެ ހުރިހާ ޚަލްޤުތަކުންނަކީ ފަޤީރުންނެވެ. ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެން އެންމެންނަކީ ފަޤީރުންނެވެ.
يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَآ إِلَى اللّه وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ
“އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތް ފާޠިރު، 15
الْغَنِيُّ ވެވޮޑިގެން ފަރާތަކީ ﷲ އެވެ. الْغَنِيُّ ގެ މާނައަކީ ކޮބައިހެއްޔެވެ؟ މާނައަކީ މުއްސަނދިވެގެންވާ ފަރާތަކީ ﷲ އެކެވެ. އަދި ހަމަ އެހެންމެ އަމިއްލަ ޒާތުގައި ފުދިވޮޑިގެންވާ ފަރާތަކީ ﷲ އެވެ. އެހެން އެއްވެސް މީހަކީ ޙަޤީޤީ މާނައިގައި މުއްސަނދި މީހެއް ނޫނެވެ. އަދި އެއްވެސް މީހަކީ އަމިއްލަ ޒާތުގައި ފުދިގެން އުޅޭނެ މީހެއް ވެސް ނޫނެވެ. ﷲ މުއްސަނދި ކުރެއްވި މީހެއް ފިޔަވައެވެ. އަދި ﷲ އެމީހަކަށްޓަކައި ފުއްދަވާ މީހެއް ފިޔަވައެވެ.
މިއީ ގުޅުންތަކުގައި ވަރަށް މުހިއްމު ނުކުތާއެކެވެ. ލޯތްބަކީ ފުދިގެންވާ ހިތަކުން ލިބޭ އެއްޗަކަށް ވުމެވެ. ހުސްވެފައިވާ ހިތަކުން ލިބޭނެ އެއްޗެއް ނޫނެވެ. މިއީ މުއްސަނދި މީހާއާއި ފަޤީރު މީހާއާއި ދެމެދު އޮތް ތަފާތެވެ. ފުދިފައިވާ މީހާއާއި ހައިހޫނުކަމުގައިވާ މީހާގެ ތަފާތެވެ.
‘އަންހެލްދީ އެޓޭޗްމެންޓް’ އަކަށް ގުޅުމެއް ބިނާވެއްޖެނަމަ، އެއީ ހަރުދަނާ ބިންގަލެއްގެ މަތީގައި އުފެދޭ ގުޅުމެއް ނޫނެވެ. އަދި އެއީ ދެމީހެއްގެ ނަފްސަށް ވެސް ނޭދެވޭ އަސަރު ކުރާނެ ގުޅުމެކެވެ. އެހެނީ އެ ލޯބި ބިނާވެގެންވަނީ އަނެކާގެ ފަރާތުން ކަމެއް ލިބިގަންނަން އެދޭ އެދުމެއްގައެވެ. ނުހަނު ފުއްދަން ބޭނުންވެފައި ނުފުދި ހުރި ކަންތަކެއްގެ އެދުމުގައެވެ. ތިމަންނާއަށް ދޭށޭ ތިމަންނާއަށް ދޭށޭ ތިމަންނާއަށް ދޭށޭ ތަކުރާރުކޮށް ބުނަން ބޭނުންވާ ވިސްނުމަކާއި އެކީގައެވެ. އެހެނީ އެފަދަ ޙާލަތެއްގައި އަޅުގަނޑަށް އަނެކާއަށް ދެވޭނެ އެއްޗަކާއިމެދު އަޅުގަނޑަކަށް ނުވިސްނޭނެއެވެ. އެހެނީ އަޅުގަނޑު މިވަނީ އަޅުގަނޑުގެ އެދުންތައް ފުއްދުމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
މިހާ ހިސާބުން ﷲ އަށްޓަކައިވެވޭ ލޯތްބާއިމެދު އަޅުގަނޑު ވާހަކަ ދައްކާނަމުއެވެ. ކުރީ ބައެއްގައި ކުރު ގޮތަކަށް އަޅުގަނޑު މި މަޢުޟޫއަށް އަލިއަޅުވައިލީމެވެ. މިހާ ހިސާބަށް އައިއިރު ރަނގަޅުނޫން ލޯތްބާއިމެދު އަޅުގަނޑު ވަރަށް ގިނައިން ވާހަކަ ދައްކައިފީމެވެ. ރަނގަޅު ލޯބީގެ ވާހަކަ އަދި އެންމެ ފުރިހަމައަށް ނުދެއްކެއެވެ. ސޫރަތުއްރޫމްގައިވާ އާޔަތުގެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިފީމެވެ. ފިރިމީހާއާއި އަނބިމީހާއާއި ދެމެދު އޮންނަ ހަމަހިމޭންކަމާއި، ލޯބީގެ ވާހަކަ އަޅުގަނޑުމެން ދައްކައިފީމެވެ. ކައިވެނިން އަޅުގަނޑުމެންނަށް ލިބެންވާ ލޮލުގެ ފިނިކަމުގެ ވާހަކަ ވެސް ދައްކައިފީމެވެ.
حُبَ فِي سَبِيل اللّه އޭ ކިޔާ އެއްޗެއް ވާކަން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އުނގަންނައި ދެއްވާފައިވެއެވެ. حُبَ فِي سَبِيل اللّه އަކީ ޙަޤީޤީ ލޯބީގެ އެންމެ ލާމަސީލުވެގެންވާ މިސާލެވެ. حُبَ فِي سَبِيل اللّه ކޮބައިހެއްޔެވެ؟
حُبَ فِي سَبِيل اللّه ގެ މާނައަކީ ﷲ އަށްޓަކައި ވެވޭ ލޯތްބެވެ. އަޅުގަނޑުމެން ވަރަށް ގިނައިން މި ވާހަކަ އަޑުއަހާފައިވެއެވެ. ތިބާއަށް ވެސް އިސްލާމް ކިޔެވުމުގެ ތެރޭގައި މި ލޯބީގެ ވާހަކަ އިވިފައިވާނެއެވެ. އެހެނަސް އޭގެ މާނަ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ނޭނގެއެވެ. ﷲ އަށްޓަކައި ލޯބިވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟
މި މަޢުޟޫ ދަނެގަންނާނެ ތަފާތު ގޮތްތަކެއް ވެއެވެ. ﷲ އަށްޓަކައި ލޯބިވުމުގެ މާނައިގައި އެކި ކަންތައް ހިމެނެއެވެ.
ފުރަތަމަ ކަމަކީ، ﷲ އަންގަވާފައިވާ ގޮތަށް ލޯބިވުމެވެ. އަދި ﷲ އަޅުގަނޑުމެންނަށްޓަކައި ކަނޑައެޅުއްވި ޙުދޫދުތަކުގެ ތެރެއިން ލޯބިވުމެވެ.
ދެވަނަ ކަމަކީ، ﷲ އެމީހެއް ނޫނީ އެއްޗެއް ދެކެ ލޯބިވެވޮޑިގެންވާތީ ލޯބިވުމެވެ. މިއީ ވެސް ﷲ އަށްޓަކައި ލޯބިވުމެވެ. މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަސޫލާ ﷺ ދެކެ ލޯބިވެވޮޑިގެންވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންކަމުން އަޅުގަނޑުމެންވެސް ރަސޫލާ ﷺ ދެކެ ލޯބިވަމުއެވެ. ﷲ ވަޙީކުރައްވާފައިވާ ގޮތުން ﷲ އާއި އެކަލާނގެ މަލާއިކަތުން ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ފޮނުއްވައެވެ. އެހެންކަމުން އަޅުގަނޑުމެން ވެސް ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ފޮނުވަމެވެ. އެއީ ﷲ އަށްޓަކައި ލޯބިވުމެވެ.
ﷲ އެންގެވި ގޮތަށް ލޯބިވުމާއި، ﷲ ލޯބިވެވޮޑިގެންވާ މީހެއް ނޫނީ އެއްޗެއް ނޫނީ ކަންތައް ދެކެ ލޯބިވުމާއި އަދި ﷲ އަށްޓަކައި ލޯބިވުން ވެސް ވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް ލޯބިވުން ވެސް ހިމެނެއެވެ. މިއީ ﷲ އަށްޓަކައި ލޯބިވުމުގެ އެކި މާނަތަކެވެ.
ﷲ އަށްޓަކައިވާ ލޯތްބަކީ ނުހަނު ބާރުގަދަ ލޯތްބެކެވެ. ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތް ދުވަހު އެ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ 7 ބާވަތެއްގެ މީހުން ވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ﷲ އަށްޓަކައި ލޯބިވި މީހުންނެވެ.
ނުނިމޭ