ބަދަލުވާ ޙަޔާތް (ނަވާރަވަނަ ބައި): އެންޒައިޓީ އާއި ޑިޕްރެޝަން
ޤުރުއާނަށް ބަލައިފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގެ ސިފަކުރައްވާއިރު، ސުވަރުގެއާއިމެދު ދެ ކަމެއް ވަޙީ ކުރައްވާފައިވެއެވެ. އެއިން މި ދުނިޔަވީ ޙަޔާތުގެ އެންމެ ދަތި އުދަގޫ ދެ ކަން އެނގިގެންދެއެވެ. ސުވަރުގެ ސިފަ ކުރައްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
لاَ خَوْفٌ عَلَيْهِم وَلاَ هُم يَحْزَنُون
“އެބައިމީހުންގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި އެބައިމީހުން ހިތާމައެއް ވެސް ނުކުރާނެއެވެ.”
މިއިން އަޅުގަނޑުމެންނަށް އެނގިގެންދަނީ ދުނިޔަވީ ޙަޔާތުގެ އެންމެ ދަތި އުދަގޫ ދެ ކަމެވެ. ބިރުވެރިކަމާއި ހިތާމަވެރިއެވެ. ‘އެންޒައިޓީ’ އާއި ‘ޑިޕްރެޝަނެވެ.’
ސައިކޮލޮޖީއަށް ބަލައިފިނަމަ، މީހުންނަށް ކުރިމަތިވާ އެންމެ ގިނަ ނަފްސާނީ ބަލިތަކަކީ އެންޒައިޓީއާއި ޑިޕްރެޝަނާއި ގުޅުން ހުރި ބަލިތަކެވެ. އެހެންކަމުން މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަންތަކެވެ. އެކި މީހުންނަށް އެކި ދަރަޖަތަކުގައެވެ. ކްލިނިކަލް ޑިޕްރެޝަން ގެ ޝިކާރައަކަށް ނުވިޔަސް، ހިތާމަވެރިކަމަކީ އިންސާނަކަށް ވުމުގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ދުނިޔަވީ ޙަޔާތުގެ ތަބީޢަތުގައި އެކުލެވޭ ބައެކެވެ. އިންތިހާއަށް ބަލިކަށި ކުރުވާ އެންޒައިޓީ މީހަކަށް ޖެހިފައި ނުވިޔަސް، ކޮންމެ މީހަކު ވެސް ބައެއްފަހަރު ބިރުގަންނަ ކަންތައް ހުރެއެވެ. މިއީ މި ދުނިޔަވީ ޙަޔާތުގައި އެކުލެވޭ އިމްތިޙާންތަކެވެ. ސޫރަތުލް ބަޤަރާގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
“ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ، ކަލޭގެފާނު ދެއްވާށެވެ!” ސޫރަތުލް ބަޤަރާ، 155
މި އާޔަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ތައްޔާރު ކުރައްވަނީއެވެ. ތިބާ ހަމަ ޔަޤީނުންވެސް އިމްތިޙާން ކުރެވޭނެކަން އެކަލާނގެ އަންގަވަނީއެވެ. ތިބާ މީހަކާއިމެދު އަޅާލާނަމަ، އަދި އެމީހަކު ދަތި އުދަގުލަކާއި ކުރިމަތިލާން އުޅޭކަން ތިބާއަށް އެނގޭނަމަ، އެމީހަކު އެކަމަކަށްޓަކައި ތައްޔާރު ކުރުވަން ތިބާ ބޭނުންވާނެއެވެ. ތިބާގެ ކިބައިގައިވާ ރަޙުމެއްގެ ސަބަބުންނެވެ.
އެއްވެސް މިސާލަކަށްވުރެ ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިވެރިވެ ވޮޑިގެންވެއެވެ. މަޔަކު ދަރިއެއްދެކެ ލޯބިވާ ވަރަށް ވުރެ ވެސް އެކަލާނގެ އަޅުގަނޑުމެން ދެކެ ލޯބިވެވޮޑިގެންވެއެވެ. މަތީގައިވާ އާޔަތުން އެކަލާނގެ އަޅުގަނޑުމެން ތައްޔާރު ކުރައްވަނީއެވެ. އަޅުގަނޑުމެންނާއި އެކި ޒާތްޒާތުގެ އިމްތިޙާންތަކާއި ކުރިމަތިވާނެކަން ވަޙީ ކުރައްވަމުންނެވެ. އަދި އެ އިމްތިޙާންތަކުގެ ޒާތް އެކަލާނގެ ސިފަކުރައްވާފައިވެއެވެ.
وَلَنَبْلُوَنَّكُم بِشَيْءٍ، “އަދި ތިމަންރަސްކަލާނގެ ކޮންމެވެސް އެއްޗަކުން ތިޔަބައިމީހުން އިމްތިޙާން ކުރައްވާނަމެވެ.” بِشَيْءٍ ގެ މާނައަކީ އެއްޗެއްގެ ބައެކެވެ. މާނައަކީ އަޅުގަނޑުމެންގެ މުޅި ޙަޔާތް ވޭތުވާނީ މި ދަތި އުދަގޫ އިމްތިޙާންތަކުގައެއް ނޫނެވެ. އެހެނެއްކަމަކު އަޅުގަނޑުމެންނަށް އޭގެ ބައެއް ފެންނާނެއެވެ.
މި ތަންކޮޅު ފަހުމް ކުރެވޭނެ އެހެން ގޮތަކީ، މިސާލަކަށް ބިރުވެރިކަމުގެ ބަޔަކުން ތިޔަބައިމީހުން އިމްތިޙާން ކުރެވޭނެ ކަމެވެ. ބިރުވެރިކަމަކީ މި އާޔަތުގައިވާ އެއްކަމެވެ. ބިރުވެރިކަމާއިމެދު ވާހަކަ ދައްކާއިރު، شَيْءٍ ގެ މާނައަކީ ޙަޔާތުގެ ބައެއް ބައިތަކުގައި އަޅުގަނޑުމެންނަށް ބިރުވެރިކަން އިޙްސާސް ކުރެވޭނެ ކަމެވެ. އޭގެ މާނަ ނެގޭނެ އަނެއް ގޮތަކީ، މި ދުނިޔޭގައި އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ ބިރުވެރިކަމަކީ މީހަކަށް ޤިޔާމަތް ދުވަހު ނަރަކައިގައި އިޙްސާސް ކުރެވޭނެ ބިރުވެރިކަމެއް ނޫނެވެ. (أَعُوْذُ بِاللّه).
އެހެންކަމުން މި ދުނިޔޭގައި އިޙްސާސް ކުރެވެނީ ބިރުވެރިކަމުގެ ބައެކެވެ. އެއީ އެންމެ ބޮޑު ބިރުވެރިކަމެއް ނޫނެވެ. އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެ ބިރުވެރިކަމުން ރައްކާތެރިކަމަށް އެދެމެވެ. މި ދުނިޔަވީ ޙަޔާތަކީ އެކި އިޙްސާސްތައް އެއްވެފައިވާ ޙަޔާތެކެވެ. ބިރުވެރިކަމުގެ ބައެއް ވިޔަސް މުޅި ޙަޔާތަކީ ބިރުވެރި ޙަޔާތެއް ނޫނެވެ. އަދި އެ އިޙްސާސް ކުރެވޭ ބިރުވެރިކަމަކީ، ބިރުވެރިކަމުގެ ބައެކެވެ. އެއީ ބިރުވެރިކަމުގެ އެންމެ މަތީ ދަރަޖައެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް މި ދުނިޔަވީ ޙަޔާތުގައި އަޅުގަނޑުމެން ބިރުގަންނަން ޖެހޭ ބައެއް ޙާލަތްތައް ވެއެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވަނީއެވެ.
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ
މި އާޔަތުގައި ދެންވަނީ ބަނޑުހައިހޫނުކަމުގެ ވާހަކައެވެ. މި ދުނިޔަވީ ޙަޔާތުގައި ތިބާ ބަނޑުހައި ހޫނުކަން އިޙްސާސް ކުރާ ޙާލަތްތަކެއް އަންނާނެއެވެ. އެކި މީހުންނަށް އެކި ދަރަޖައިގައެވެ. ހަމައެކަނި ދެ ވަގުތުގެ ކެއުން އެއްދުވަހު ގެއްލިގެން ދިޔަ މީހަކު ހުރެދާނެއެވެ. ނޫނީ ރޯދައަށް ހުރި މީހަކު ހުރެދާނެއެވެ. އަދި އެތައް މަސްތަކެއް ވަންދެން ކާއެއްޗެއް ނުލިބި އުޅެންޖެހިފައިވާ މީހުން ވެސް ތިބެދާނެއެވެ.
‘ބަނޑުހައި’ ވަނީ ހަމައެކަނި ކާއެއްޗެއްސަކަށް ވެސް ނޫނެވެ. މީހެއްގެ ބަނޑު ފުރިފައި ވިޔަސް މީހަކު ބޭނުންވާ ކަންތައްތަކެއް ހުރެފައި އެކަންތައް ފުރިހަމަ ނުވެ ހިނގައިދާނެއެވެ. ބައެއް މީހުން އެހެން މީހުންގެ ބަލައިގަތުމަށް ހައިވެގެން އުޅޭނެއެވެ. އަދި އެމީހުންނަށް އެކަން ނުލިބި ހިނގައިދާނެއެވެ. ލޯތްބަށް ހައިވެގެން އުޅޭ މީހުން ތިބެދާނެއެވެ. އަދި އެމީހުންނަށް އެ ލޯބި ނުލިބި ހިނގައިދާނެއެވެ. ބައެއް މީހުން އިޙްތިރާމަށް ހައިވެގެން އުޅެދާނެއެވެ. އަދި އެމީހުންނަށް އެ އިޙްތިރާމް ނުލިބި ހިނގައިދާނެއެވެ.
އެހެންކަމުން މި ދުނިޔޭގައި ހައިވެދާނެ އެކި ގޮތްތަކެއްވެއެވެ.
އެންމެ ފަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ ދުނިޔޭގައި ކުރިމަތިވާނެ ގެއްލުންތަކުގެ ވާހަކައެވެ. ކޯޗެއްގެ ގެއްލުމެއް ހެއްޔެވެ؟
އެންމެ ފުރަތަމަ ﷲ ވަޙީ ކުރައްވަނީ މުދަލުގެ ގެއްލުމުގެ ވާހަކައެވެ. ތިބާއަށް ފައިސާ ގެއްލޭ ޙާލަތްތައް އަންނާނެއެވެ. ތިބާގެ މިލްކުގައިވާ މުދާ ގެއްލޭ ޙާލަތްތައް އަންނާނެއެވެ.
ދެން އެކަލާނގެ ވަޙީ ކުރައްވަނީ މީހުން ގެއްލޭ ވާހަކައެވެ. ތިބާގެ ޙަޔާތުގައިވާ މީހުން ގެއްލޭ ވާހަކައެވެ. އެއީ ވަކިވުމުން ކަމަށްވިޔަސް އަދި މަރުވުމުން ކަމަށްވިޔަސް އަޅުގަނޑުމެން ލޯބިވާ މީހުން އަޅުގަނޑުމެންނަށް ގެއްލޭ ޙާލަތްތައް އަންނާނެއެވެ.
އެންމެ ފަހުން އެކަލާނގެ ވަޙީ ކުރައްވަނީ މޭވާ ގެއްލޭ ވާހަކައެވެ. މިއީ ބައެއްފަހަރު އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ‘މޭވާ’ ގެއްލޭ ވާހަކައެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންނަކީ ގަސް ހައްދާ ބައެއް ނޫނެވެ. އެހެންކަމުން މޭވާގެ ސިފައިގައި އަޅުގަނޑުމެންނަށް މިކަން ތަޖުރިބާ ނުކުރެވިދާނެއެވެ. މީގެ މާނަ މިހެން ވެސް ނެގޭނެއެވެ. ތިބާ ކަމަކަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު، އެ މަސައްކަތުގެ ފުރިހަމަ ނަތީޖާ ތިބާއަށް ނުފެނުމެވެ.
ބައެއްފަހަރު ކޮންމެވެސް މީހަކު ރުއްސަން ތިބާ ވަރަށް ބޮޑަށް މަސައްކަތް ކޮށްފާނަމުއެވެ. އެހެނަސް އެކަން އެގޮތަށް ނުވެއެވެ. ބައެއްފަހަރު ކޮންމެވެސް މައްސަލައެއް ޙައްލުކުރަން ތިބާ މަސައްކަތް ކޮށްފާނަމުއެވެ. އެހެނަސް އެ މައްސަލަ ޙައްލެއް ނުވެއެވެ. ބައެއްފަހަރު ކޮންމެވެސް ނަތީޖާއެއް ނެރެން ތިބާ ގަދައަޅައި މަސައްކަތް ކޮށްފާނަމުއެވެ. އެހެނަސް އެ ނަތީޖާ އެއްގޮތަކަށް ވެސް ނުނެރެވެއެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ މި ވަޙީ ކުރައްވަނީ ‘މޭވާ’ ތަކުން ވެސް ގެއްލުންވާނެ ކަމަށެވެ. ނަތީޖާތަކުގައި ގެއްލުންވާނެ ކަމަށެވެ. މި ޙަޔާތް އަޅުގަނޑުމެން ރާވާ ގޮތަށް އަބަދު ނުދާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ.
އެންމެ ފަހުން ﷲ ވަޙީކުރައްވަނީ وَبَشِّرِ الْصَّابِرِيْن އެވެ. މާނައަކީ صَبْر ގެ ވެރިންނަށް އުފާވެރިކަމުގެ ޚަބަރުދޭށެވެ.
މިހާ ހިސާބުން އަޅުގަނޑުމެން ވާހަކަ ދައްކާނީ صَبْر އާއި ގުޅޭ ގޮތުންނެވެ. صَبْر އަކީ އެއާއި ގުޅޭ ގޮތުން ތެދު ނޫން މަޢުލޫމާތު ފެތުރިފައިވާ މަޢުޟޫއެކެވެ. އަދި މީހުންނަށް އެ ފަހުމްވުމުގައި ވެސް މައްސަލަތައް ހުރި މަޢުޟޫއެކެވެ. އަދި އޭގެ މާނައާއިމެދު އޮޅުން އަރާ މަޢުޟޫއެކެވެ.
صَبْر އާއި ގުޅޭ ނުބައި އެއް ޚިޔާލަކީ، އޭގެ މާނައަކީ އެއްވެސް ކަމެއް ނުކުރުމެވެ. އޭގެ މާނައަކީ މީހަކު ކޯތާފަތަށް ހޫނު އެތި ފަހަރެއް ދިނުމުން އަނެއް ކޯތާފަތް ދެއްކުމެވެ. މީހަކު ތިބާއާއިމެދު ބޭއިންސާފުން ކަންތައް ކުރާނަމަ ވެސް ކެތްތެރިވުމަށް އެންގެއެވެ. މި ޙާލަތުގައި صَبْر ނޫނީ ކެތްތެރިކަން މި ބޭނުން ކުރެވެނީ އެއްވެސް ކަމެއް ނުކުރުމުގެ މާނައިގައެވެ. صَبْر ގެ މާނައަކީ މިއީއެއް ނޫނެވެ.
صَبْر ގެ މާނައަކީ މީހަކު ތިބާއަށް އަނިޔާއެއް ދޭ ހިނދު ކަމެއް ނުކުރުމެއް ނޫނެވެ. އަދި އެ އަނިޔާއާއިގެން ކުރިއަށް ދިޔުމުގެ މިނިވަންކަން އެމީހާއަށް ދިނުމެއް ނޫނެވެ. އަދި ތިބާއާއި މެދު ގޯސްކޮށް ކަންތައް ކުރުމުގެ މަގު ފަހި ކޮށްދިނުމެއް ވެސް ނޫނެވެ.
صَبْر ގެ އަސްލީ މާނައަކީ ކަމެއްގެ މަތީގައި ހިތްވަރާއިއެކު ދެމި ހުރުމެވެ. އެ މާނައިގައި ކެތްތެރިކަން ވެސް ހިމެނެއެވެ. މިސާލަކަށް އަނިޔާގެ ޙާލަތުގައި صَبْر ގެ ވެރިއަކަށް ވުމަކީ ހިތްވަރާއިއެކު އެ ޙާލަތް ބަދަލުކުރަން މަސައްކަތް ކުރުމެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ނުބައެއް ފެނިއްޖެނަމަ އެކަން ބަދަލުކުރަން މަސައްކަތް ކުރާށެވެ.
ބަދަލެއް ގެނައުމަށް، އެހެންނޫނީ ބޭއިންސާފުން ވެވޭ ކަމެއް ބަދަލުކުރުމަށް صَبْر ބޭނުންވެއެވެ. صَبْر އަކީ ހިތްވަރާއިއެކު ކުރިއަށް ދިޔުމެވެ. މުޅި ރަމަޟާން މަހު ރޯދަ ހިފުމަށް صَبْر ބޭނުންވެއެވެ. صَبْر ގެ މާނައަކީ އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫނެވެ. އެއީ އިށީނދެ އެއްވެސް ކަމެއް ނުކުރުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޙާލަތާއި ގުޅިގެން صَبْر އަކީ ކުރަންޖެހޭ ކަންތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެއީ ގޯހެއް ފެންނަ ހިނދު އެކަން ބަދަލު ކުރަން ކުރެވެން އޮތްހާ ކަމެއް ކުރުމެވެ. އެ ގޯހެއް ވަނީ ތިބާއަށް ކަމަށްވިޔަސް، ތިބާގެ ދަރިންނަށް ކަމަށްވިޔަސް، ދުނިޔޭގެ އަނެއް ފަރާތުގައި ހުރި މީހަކަށް ކަމަށްވިޔަސްމެއެވެ.
އަޅުގަނޑުމެންނަކީ ޢަމަލުތަކުގެ އުއްމަތަކީމުއެވެ. މިއީ ކަމެއް ދިމާވުމުން އެއްވެސް ކަމެއް ނުކޮށް ތިބޭ ދީނެއް ނޫނެވެ. އަނިޔާ އާއި ބޭއިންސާފަށް އަނދިރި ލޮލެއްދޭ ދީނެއް ނޫނެވެ. މިއީ ވިހަ ދިރުވައިލުމަށްފަހު ހިނިތުންވެލައިގެން ތިބުމަށް ބުނާ ދީނެއް ނޫނެވެ.
އެއީ ހައްތަހާވެސް ޘަޤާފީ ކަންތަކެވެ. މިއީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ދަސްކޮށްދެއްވި ކަންތަކާއި މުޅިން ޚިލާފު ކަންތަކެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ނުބައެއް ފެންނަ ހިނދު އެކަން އަތުން ބަދަލު ކުރެވޭތޯ ބަލާށެވެ. އަތުން ބަދަލު ނުކުރެވޭނެނަމަ ތިބާގެ ދުލުން އެކަން ބަދަލުކުރާށެވެ. އެކަން ނުކުރެވޭނަމަ، ކުޑަމިނުން ހިތުތެރެއިން އެކަމަށް ނަފްރަތު ކުރާށެވެ. މިއީ އީމާންތެރިކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.
صَبْر ގެ ނުބައި މާނަ ދަސްކޮށްދެވިފައިވާ މީހުންގެ ތެރެއިން އަޅުގަނޑާއި ބައްދަލުވި މީހުންގެ ޢަދަދެއް ވެސް އަޅުގަނޑަށް ނޭނގެއެވެ. އެމީހުންނަށް ބުނެދެވިފައިވެއެވެ. އޭގެ މާނައަކީ ތިބާއާއިމެދު ގޯސްކޮށް ކަންތައް ކުރެވޭ ހިނދު ވެސް ތިބާ އެއްޗެކޭ ނުބުނުމެވެ. ކަމެއް ބޭއިންސާފުން ދާހިނދު ވެސް އެއްވެސް އެއްޗެކޭ ނުބުނާށެވެ. މީހަކު ތިބާއަށް ކުރާ އަނިޔާއާއިމެދު އެއްޗެކޭ ނުބުނާށެވެ.
މިއީ ޙަޤީޤަތާއި މުޅިން ވެސް ޚިލާފު ވާހަކަތަކެވެ. އަޅުގަނޑުމެން މި ތިބީ ޢަމަލުތަކުގެ ދީނެއްގައެވެ. އަދި ޢަމަލު ކުރުމަށް އެންގިފައިވަނީ އަޅުގަނޑުމެންނަށެވެ. މުއުމިނުންގެ ގޮތުގައި ބޭއިންސާފާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އެންމެ ކުރީ ސަފުގައި ތިބެންޖެހެނީ އަޅުގަނޑުމެންނެވެ. އަޅުގަނޑުމެން މިއީ އެއްޗެކޭ ނުބުނެ ބޭއިންސާފަށް އަނދިރި ލޮލެއް ދޭ ބައެއް ނޫނެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިބާގެ އަޚާއަކީ އަނިޔާ ލިބެމުންދާ އަދި އަނިޔާ ދޭ މީހާއަށް ވިޔަސް އެ އަޚާއަށް އެހީތެރިވާށެވެ. ޞަޙާބީން ވިދާޅުވިއެވެ. އަނިޔާ ލިބެމުންދާ މީހާއަށް އެހީވާނެ ގޮތް ތިމަންމެންނަށް އެނގެއެވެ. އެ އަޚާއަކީ އަނިޔާދޭ މީހާއަށް ވެއްޖެނަމަ އެ އަޚާއަށް އެހީވާނީ ކިހިނެއް ހެއްޔެވެ؟ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. އޭނަ އަނިޔާ ކުރުމުން ހުއްޓުވުމުންނެވެ.
އެހެންކަމުން އަޅުގަނޑުމެން އަނިޔާވެރިވާ މީހަކު ހުއްޓުވައިފިނަމަ އެއީ އަޅުގަނޑުމެން އެމީހާއަށް ވެދޭ އެހީއެކެވެ. އެހެނަސް އެއްޗެކޭ ނުބުނެ އެ އަނިޔާ ކުރިއަށް ދިޔުމަށް ދޫކޮށްލުމުން، އަޅުގަނޑުމެން އަނިޔާއަށް މަގުފަހި ކުރަނީއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ބޭއިންސާފުދެކެ ލޯބިވެވޮޑިގެން ނުވެއެވެ. އެކަލާނގެ އަމިއްލަ ޒާތުފުޅަށް ވެސް ބޭއިންސާފު ޤަބޫލެއް ނުކުރައްވައެވެ. އަދި އެކަލާނގެ ގެ ޚަލްޤުތަކުންގެ މައްޗަށް ވެސް ބޭއިންސާފު ޤަބޫލެއް ނުކުރައްވައެވެ.
އެހެންކަމުން އަޅުގަނޑުމެންނީ ބޭއިންސާފަށް މަގުފަހި ކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އެހެންކަމުން އަޅުގަނޑު ވަރަށް ސާފުކޮށްދޭން ބޭނުންވެއެވެ. صَبْر ގެ މާނައަކީ އެއްވެސް އެއްޗެއް ނުބުނުމެއް ނޫނެވެ. އަދި އެއީ އަނިޔާއަށް މަގުފަހި ކުރުމެއް ވެސް ނޫނެވެ. މި ކަންތައްތަކުން އަރައިގަތުމަށް އަޅުގަނޑުމެން صَبر ބޭނުންވެއެވެ.
صَبر ގެ އަނެއް ނުބައި މާނައަކީ، ހަރުވުމެވެ. އެއްވެސް ޖަޒުބާތެއް ނުދެއްކުމެވެ. އަޅުގަނޑު ކުރިންވެސް މި މިސާލު ދިނީމެވެ. ޢާއިލާ މެންބަރަކު ނިޔާވެގެން އުޅޭ ޙާލަތެއްގައި ދެ ބަޔަކު ހިތާމަ ކުރާތަން ތިބާއަށް ފެނިދާނެއެވެ. އޭގެ ތެރެއިން އެކަކު ރޮނީއެވެ. ދެރަވެގެން އުޅޭ ކަމުގެ ނިޝާންތައް ދައްކަމުންނެވެ. އަނެއް މީހާ އެއްވެސް ޖަޒުބާތެއް ނުދައްކައެވެ. އެމީހަކު ވަނީ އެތެރެފުށުން ހަރުވެފައެވެ.
އަޅުގަނޑުމެންނަށް ގިނަ ފަހަރު އިވެނީ ކޮން ބަސްތަކެއް ހެއްޔެވެ؟ މީހުން އެ ރޮމުންދާ މީހާ ކައިރިއަށް ގޮސް ބުނެއެވެ. ކެތްތެރިވާށެވެ. صَبر ގެ ވެރިއަކަށް ވާށެވެ. އަދި ނުރޮއި ހުރި މީހާއަށް ބަލައި ބުނެއެވެ. މާ ޝާ ﷲ އެވެ! އެމީހާގެ صَبر އަށް ނިކަން ބަލާށެވެ!
އެހެންކަމުން އަޅުގަނޑުމެންނަށް ހީވެފައިވަނީ ކެތްތެރިވުމަކީ ‘ގަލަކަށް’ ވުން ކަމަށެވެ. އެއްވެސް ޖަޒުބާތެއް ނެތުން ކަމަށެވެ.
މިއީ ޙަޤީޤަތާއި މުޅިން ޚިލާފު ވާހަކަތަކެވެ. މީގެ ހެއްކަކީ ޚުދު ރަސޫލާ ﷺ ވެސް، ޚަދީޖަތުގެފާނު (ރަޟިޔަ ﷲ ޢަންހު) އަވަހާރަވުމުންނާއި، އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ޠާލިބު އަވަހާރަވުމުން ހިތާމަވެރިކަން އެކަލޭގެފާނަށް އިޙްސާސް ކުރެވުނެވެ. އެކަލޭގެފާނުގެ ހިތާމަފުޅުގެ ބޮޑުކަމުން އެ އަހަރަށް ހިތާމަވެރިކަމުގެ އަހަރުން ނަން ދެވިގެން ދިޔައެވެ.
ޔަޢްޤޫބް ޢަލައިހިއްސަލާމް އަށް ޔޫސުފް ޢަލައިހިއްސަލާމް ގެއްލުމުން، ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އެކަލޭގެފާނުގެ ހިތާމަވެރިކަމާއި ގުޅިގެން އެކަލޭގެފާނު ޝަކުވާ ދަންނަވަނީ ހަމައެކަނި ﷲ އަށް ކަމެވެ. ޔަޢްޤޫބް ޢަލައިހިއްސަލާމް ގެ ލޯފުޅުގެ ފެނުން ގެއްލެންދެން އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނު ޖަޒުބާތުތައް ދެއްކެވިއެވެ. ހަމަ އެހެންމެ އެކަލޭގެފާނަށް ހިތާމަވެރިކަން އިޙްސާސް ކުރެވުނެވެ. އެހެނަސް ޤުރުއާނުގައި އެކަލޭގެފާނު ސިފަކުރެވިފައިވަނީ صَبْرٌ جَمِيْلٌ (ރީތިވެގެންވާ ކެތްތެރިކަން) ގެ ވެރިއެއްގެ ގޮތުގައެވެ.
އެހެންކަމުން صَبْر ގެ ވެރިއަކަށް ވުން ނުވަތަ ކެތްތެރިވުމާއި، ޖަޒުބާތުތައް ދެއްކުމާއިމެދު އެއްވެސް އިޚްތިލާފެއް ނެތްކަން އަޅުގަނޑުމެންނަށް މިއިން އެނގެއެވެ. ރަސޫލާ ﷺ ގެ ދަރިކަލުން އަވަހާރަވުމުން އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ. އެކަމާއިމެދު ސުވާލު ކުރެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ލޮލުން ކަރުނަ ފައިބައެވެ. ހިތަށް ހިތާމަވެރިކަން އިޙްސާސް ކުރެވެއެވެ. އެހެނަސް ﷲ ރުހިވޮޑިގެންވާ ބަހެއް ނޫނީ ދުލެއް ނުބުނެއެވެ.
އެހެންކަމުން صَبْر ގެ މާނައަކީ ހަރުވުމެއް ނޫނެވެ. އެއީ އެއްވެސް ޖަޒުބާތެއް ނުދެއްކުމެއް ނޫނެވެ.
އަޅުގަނޑު ދިން މިސާލުގައި، އެ ޖަނާޒާގައި ރޮމުންދާ މީހާގެ صَبْر ހުރުން އެކަށީގެންވެއެވެ. އެމީހާ އެ ލިބުނު ގެއްލުމާއިމެދު ހަމައެކަނި ދެރަވާތީ ރޮވެނީއެވެ. ރަސޫލާ ﷺ ކީރިތި ކުރެއްވި ފަދައިންނެވެ. އެހެނަސް އެ މީހާ ﷲ އާއި ދެކޮޅަށް ޝަކުވާއެއް ނުކުރެއެވެ. ﷲ ގެ ތަޤްދީރާއިމެދު އެމީހާ ސުވާލު ނުއުފައްދައެވެ. އެމީހާ ހަމައެކަނި އެ ޙާލަތުގައި ދެރަވަނީއެވެ. ޙަޤީޤަތަކީ މިއީ ކަމަށްވާނަމަ އެމީހެއްގެ ކިބައިގައި صَبْر އެބަހުއްޓެވެ.
އެ ޖަޒުބާތެއް ނުދައްކާ މީހާ، ނުހަނު ކެތްތެރިކަމަށް އަޅުގަނޑުމެންނަށް ސިފަ ކުރެވޭ މީހާ އެތެރެ ފުށުން މި ޙާލަތާއިމެދު ރުޅި އައިސްފައި ހުރި ކަމަށްވެސް ވެދާނެއެވެ. އެތެރެފުށުން އެމީހުން ﷲ ގެ ނިންމެވުމާއިމެދު ސުވާލު އުފައްދަނީއެވެ. އަހަންނަށް މިފަދަ ކަންތައް ވަނީ ކީއްވެތޯ އަހަމުންނެވެ. އަހަންނާއިމެދު ތިހެން ހަދަނީ ކީއްވެ ހެއްޔެވެ؟
އެތެރެފުށުން އެމީހާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ނަފްރަތު ކުރަނީ ކަމަށް ވެދާނެއެވެ. މިފަދައިން އިޖާބަ ދިނުމުން ﷲ އަޅަމެން ރައްކާތެރި ކުރައްވާށިއެވެ.
އެހެންކަމުން މިފަދަ ފިލާވަޅުތައް ދަނެގަތުމަށް ހަމައެކަނި ބޭރުފުށުން ފެންނަ ސިފަތަކުން ނަގައިގަންނަން އަޅުގަނޑުމެން މަސައްކަތް ކޮށްގެން ނުވާނެއެވެ. صَبْر ގެ މާނައަކީ ހަރުވުމެއް ނޫނެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
ދަތި އުދަގުލެއްގެ ތެރޭގައިވާ މުއުމިނެއްގެ މިސާލަކީ މަޑު، ޅަ ގަހެއްގެ މިސާލެވެ. ދަތި އުދަގުލެއްގެ ތެރޭގައިވާ ކާފިރެއްގެ މިސާލަކީ ގަސްގަނޑު ހަރު ގަހެކެވެ.
ޠޫފާނަކުން އަރައިގަނެވޭނެ އެންމެ ރަނގަޅު ގޮތަކީ ހަރު ނުވުމެވެ. ޠޫފާނެއް އަންނައިރު އެ މަޑު، ޅަ ގަހަށް ވާނެ ގޮތާއިމެދު ވިސްނާށެވެ. އަދި ގަސްގަނޑު ހަރު ގަހަށް ވާނެ ގޮތާއިމެދު ވިސްނާށެވެ. ތިބާއަށް ހީވެދާނެއެވެ. ގަސްގަނޑު ހަރު ގަސް މާ ވަރުގަދައެވެ. އަދި އެ މަޑު، ޅަ ގަސް އެއަށްވުރެ ބަލިކަށި ކަމަށް ތިބާއަށް ހީކުރެވިދާނެއެވެ.
އެހެނަސް ޙަޤީޤަތަކީ މީގެ އިދިކޮޅެވެ. އެ މަޑު، ޅަ ގަސް މަޑުވީތީ އެ ޠޫފާނުން އަރައިގަނެއެވެ. އެހެނީ ރަސޫލާ ﷺ ޙަދީޘް ކުރެއްވި ފަދައިން ވައިޖެހުމުން އެ ގަސް ލެނބިގެންދެއެވެ. އެހެނަސް އެ ގަސް ބިންދައިގެން ނުދެއެވެ.
އެހެނަސް ގަސްގަނޑު ހަރު ގަސް ވައި ޖެހުމާއިއެކު ބިންދައިގެންދެއެވެ.
އެހެންކަމުން ދަތި އުދަގުލުގައި ހަރުވުމުގެ ބިރުވެރިކަމަކީ މިއީއެވެ. އަދި އެއީ صَبْر ކަމަށް ހީކުރެވުމުގެ ބިރުވެރިކަމަކީ މިއީއެވެ. އެހެނަސް صَبْر ގެ މާނައަކީ އެއީއެއް ނޫނެވެ. އަދި ޠޫފާނަކުން އަރައިގަނެވޭނެ އެންމެ ރަނގަޅު ގޮތަކީ އެތެރެފުށުން މަޑުވުމެވެ. އަދި ހިތް ތިރިކޮށް ﷲ ގެ ޙަޟްރަތުން އެހީއަށް އެދުމެވެ.
ނުނިމޭ