ބަދަލުވާ ޙަޔާތް (ސައުވީސްވަނަ ބައި): ﷲ އާއި އޮތް ގުޅުމާއި، މީހުންނާއި ހުރި ގުޅުން
އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން މިދަނީ ގޯސް ކަންތައްތައް ހިތުގެ ތެރެއިން ނެރެ، ހިތް ހުސްކުރުމަށްފަހު ހިތް ފުރުވާނެ ގޮތްތަކާއި މެދުގައެވެ. ﷲ ގެ ލޯބިފުޅުންނާއި ނޫރުފުޅުން ހިތް ފުރުވާނެ ގޮތްތަކާއި މެދުގައެވެ.
އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ ކަންތަކުގެ ތެރެއިން އެއް ކަމަކީ ބަރޯސާވުމާއި ގުޅޭ ގޮތުންނެވެ. އަޅުގަނޑުމެން ވަރަށް ގިނައިން ތައުޙީދާއި މެދު ވާހަކަ ދައްކައިފީމެވެ. لاَ إِلَهَ إِلاَّ اللّه އަށް އީމާންވުމުގެ މާނައާއި މެދު ވަރަށް ގިނައިން ވާހަކަ ދައްކައިފީމެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ އަސާސަކަށްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި ޙައްޤުވެގެންވާ އެހެން އެއްވެސް ފަރާތެއް ނެތް ކަމާއިމެދު ވާހަކަ ދައްކައިފީމެވެ.
މި ކަންތައް މިގޮތަށް ކުރުމުގައި ކުރަންޖެހޭ އެއް ސުވާލަކީ، އަޅުގަނޑުމެން ބަރޯސާވަނީ ކޮން ފަރާތަކަށްތޯއެވެ؟ އަޅުގަނޑުމެން ބަރޯސާވަނީ ޚަލްޤުތަކުންގެ މައްޗަށް ހެއްޔެވެ؟ އެހެންނޫނީ އަޅުގަނޑުމެން ބަރޯސާވަނީ ޚާލިޤުވަންތަ އިލާހުގެ މައްޗަށް ހެއްޔެވެ؟
މިކަން ހާމަ ކޮށްދޭ ކަންތައްތަކެއް ހުންނާނެއެވެ. އަޅުގަނޑުމެން ބަރޯސާ ވަނީ އަޅުގަނޑުމެންގެ ލާރިއަށް ހެއްޔެވެ؟ އަޅުގަނޑުމެން ބަރޯސާ ވަނީ އަޅުގަނޑުމެންގެ ބާރުގެ މައްޗަށް ހެއްޔެވެ؟ އެހެންނޫނީ އަޅުގަނޑުމެން ބަރޯސާ ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ހެއްޔެވެ؟
ސޫރަތުލް ބަޤަރާގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا
“…ފަހެ، ޠާޣޫތަށް ކާފިރުވެ اللَّه އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ…” ސޫރަތުލް ބަޤަރާ، 256
ﷲ ސުބްޙާނަހޫ ވަތަޢާލާ މި ވަޙީ ކުރައްވަނީ ތާޣޫތަށް ކާފިރުވެ ﷲ އަށް އީމާންވެއްޖެ މީހާ އެންމެ ވަރުގަދަ ޢަޤީދާގައި ހިފައްޓައިފިކަމެވެ. الْعُرْوَةِ الْوُثْقَىٰ އަކީ ނުހަނު ވަރުގަދަ ހިފާ ތަނެކެވެ. މިއީ، ޠާޣޫތަށް ކާފިރުވެ ﷲ އަށް އީމާންވެއްޖެނަމަ އަޅުގަނޑުމެންނަށް ‘ވެއްޓުމުގެ’ ކުރިން ނޫނީ ‘ބެހިގެން’ ދިޔުމުގެ ކުރިން ހިފަހައްޓާނެ ވަރުގަދަ އަދި އިތުބާރު ހުރި އަތް އަޅުވާ ތަނެއް ލިބޭނެ ކަމުގެ ވަޢުދެވެ. އަދި ތިބާގެ އަތް އަޅުވާނެ މި ތަން ދުވަހަކުވެސް ހަލާކުވެ ގެއްލި ނުދާނެ ކަން ވެސް މި އާޔަތުން އެނގެއެވެ.
މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. އަޅުގަނޑުމެން ޙަޔާތުގައި ﷲ އަށް ބަރޯސާވާން ދަސްކުރުމުގެ ކުރިން، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އެހެން އެއްޗެއްސަށް ބަރޯސާވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ހިތްދަތިކަން ވެސް ލިބެއެވެ. ވަކިން ޚާއްޞަކޮށް ޚަލްޤުތަކުންނަށް ބަރޯސާވާން ނުޖެހޭ ގޮތަށް ބަރޯސާވުމުންނެވެ. އަޅުގަނޑު މިހާރު މި ދައްކަނީ އެހެން އެއްޗެއްސަށް ހުރިހާ ބަރޯސާއެއް ކުރުމާއި ގުޅޭ ގޮތުންނެވެ.
ޙަޔާތް ކުރިއަށް ދާ ވަރަކަށް އަޅުގަނޑުމެން މި ބަރޯސާވާ ކަންތައް ‘ހަލާކުވެ’ ‘ގެއްލި’ ދެއެވެ. ތިބާގެ އަތް އަޅުވާ ތަން ހަލާކުވެގެންދެއެވެ.
މިސާލަކަށް މީހަކު ބަރޯސާވަނީ އެމީހެއްގެ ފައިސާއަށެވެ. އޭނަ އަތުގައި ފައިސާ ނެތުމުން އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހަކު ބަރޯސާ ވަނީ އެމީހެއްގެ ބާރަށެވެ. އެމީހެއްގެ ބާރު ނެތި ދިޔުމުން އެމީހާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހަކު ބަރޯސާ ވަނީ އެމީހަކު ކުޅަދާނަވެގެންވާ ކަންތަކަށެވެ. އެމީހެއްގެ އަތް ބަނދެވި، އެމީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެހެން ހީވާ ހިނދު އެމީހާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ބާރެއް އެހީއެއް ނެތޭ ދުވަހު މި މީހުން ބަރޯސާ ވާނީ ކޯޗަކަށް ހެއްޔެވެ؟
އެހެންކަމުން އަޅުގަނޑުމެން އެއީ ސަލާމަތްތެރިކަން ހެން ހީވާ އަސްލެއްނެތް ކަންތަކުގައި ހިފަމުއެވެ. ޙަޔާތުގައި މި އަސްލެއްނެތް ކަންތަކަށް ބަރޯސާވުމަށްފަހު، ބައެއްފަހަރު ނުހަނު އުދަގޫ ގޮތްގޮތަށް، މިއީ ސަލާމަތްތެރިކަމަށްޓަކައި ހިފުން އެންމެ ރަނގަޅު ތަންތަނެއް ނޫންކަން އަޅުގަނޑުމެންނަށް ދަސްވެގެން ދެއެވެ. އަޅުގަނޑުމެން އެފަދަ ތަންތަނުގައި ހިފުމުން އެ ތަންތަން ހަލާކުވެގެން ދެއެވެ. އަދި އަޅުގަނޑުމެން ވެއްޓެއެވެ. އެހެނަސް ދެން އަޅުގަނޑުމެން ދަސްކުރަމުއެވެ. އަދި ތެދުވަމުއެވެ. އަދި ދެންވެސް އެހެން އެއްޗަކަށް ބަރޯސާ ކުރަމުއެވެ.
ސަލާމަތްތެރިކަމަށްޓަކައި ހިފާ މި ތަންތަނުގެ އެކި ބާވަތްތަކެއްވެއެވެ. ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ الْعُرْوَةِ ގައި ހިފަންޖެހޭ ގޮތަށް އަޅުގަނޑުމެން ހިފާ އެހެން އެއް ތަނަކީ، އަޅުގަނޑުމެންގެ ޙަޔާތުގައިވާ އެހެން މީހުންނެވެ. ޖަޒުބާތީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް އެހެން މީހަކަށް މުޅިން ބަރޯސާވުމެވެ.
އަޅުގަނޑުމެން މިފަދައިން މީހަކަށް ބަރޯސާ ކޮށްފައި ވަނިކޮށް އެމީހަކު ތިބާ ދެރަވާ ފަދަ ގޮތަށް ކަންތައް ކުރުމުން ތިބާއަށް ނޭދެވޭ އަސަރު ކުރެއެވެ. ޚުދު ރަސޫލާ ﷺ އަވަހާރަވެވަޑައިގަތް ދުވަހު މުސްލިމުންގެ ތެރެއިން މި އަސަރު ހިނދުކޮޅަކަށް ނަމަވެސް ފެނިގެން ދިޔައެވެ. ޚުދު ޢުމަރުގެފާނަށް ވެސް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެން ރަސޫލާ ﷺ އަވަހާރަވެ ވަޑައިގަތީކަން ޤަބޫލު ކުރައްވަން ދަތިވެފައިވިއެވެ. ރަސޫލާ ﷺ އަވަހާރަވެވަޑައިގަތީ ކަމަށް ބުނާ މީހުންނަށް އިންޒާރު ދެއްވައި ކަނޑިވެސް ނެރުއްވިއެވެ.
އަބޫބަކުރުގެފާނު ރަސޫލާ ﷺ ދެކެ އިންތިހާއަށް ލޯބިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ރަސޫލާ ﷺ ގެ އެންމެ ގާތް އަޞްޙާބުންގެ ތެރެއިން އެކެކެވެ. އެހެނަސް ރަސޫލާ ﷺ އަވަހާރަވެވަޑައިގަތް ދުވަހު އަބޫބަކުރުގެފާނު ތެދުވެ ވަޑައިގެން މީސްތަކުންނަށް ހަނދާން ކޮށްދެއްވިއެވެ. މި މުހިއްމު ފިލާވަޅާއި ގުޅޭ ގޮތުންނެވެ.
އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މުޙައްމަދުގެފާނަށް އަޅުކަން ކުރި މީހުން ދަންނާށެވެ. މުޙައްމަދުގެފާނު އަވަހާރަވެވަޑައިގެންފިއެވެ. އެހެނަސް ތިޔަބައިމީހުން އަޅުކަން ކުރަނީ ﷲ އަށް ކަމަށްވާނަމަ، ﷲ އަވަހާރަވެވޮޑިއެއް ނުގަންނަވާނެކަން ދަންނާށެވެ.
އަޅުގަނޑުމެންގެ މައިގަނޑު ފިލާވަޅަކީ މިއީއެވެ. އެއީ އަޅުގަނޑުމެންނަށް މީހުން ދެކެ ލޯބިވެވިދާނެ ކަމެވެ. މުދަލާއި ފައިސާ ހުރުމަކީ ގޯހެއް ނޫންކަމެވެ. ބާރާއި މަޤާމް ލިބިފައިވުމަކީ ވެސް ގޯހެއް ނޫންކަމެވެ. އެހެނަސް ﷲ ފިޔަވައި މިކަންތަކަށް ތިބާ ބަރޯސާވުމުން، ތިބާއަށް މިކަންތަކުން އެކަށޭނަ އެހީ ނުލިބޭ ޙާލަތްތައް އަންނާނެއެވެ. އެހެނީ ރަސޫލާ ﷺ އަކީ ވެސް ހަމަ އިންސާނެކެވެ. އަދި އެކަލޭގެފާނަށް ވެސް އަބަދުގެ އަބަދަށް މި ދުނިޔޭގައި ހުންނެވުމުގެ ބާރު ލިބިވަޑައިގެނެއް ނުވެއެވެ.
އެހެންކަމުން އެ މިސާލުން އަޅުގަނޑުމެންނަށް އެނގެނީ، މުޙައްމަދު ﷺ އަށް އަޅުކަން ކުރި މީހުން އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ޤަބޫލު ކުރަން ޖެހޭ ކަމެވެ. އަދި ﷲ އަށް އަޅުކަން ކުރާ މީހުން، އެކަލާނގެ އަވަހާރަވެވޮޑި ނުގަންނަވާނެކަން ދަންނަން ޖެހޭ ކަމެވެ.
އަބަދުވެސް ތިބާގެ ބަރޯސާ ﷲ އަށް ކުރުމަށް ކަނޑައަޅައިގެން ހުންނާށެވެ. އަދި މިފަދައިން ކަންކޮށްފިނަމަ އަޅުގަނޑުމެން މި ހިފާލީ ހަލާކުވުމެއް ނުވާ ސަލާމަތްތެރިކަމެއްގައި ކަން ދަންނާށެވެ.
އަޅުގަނޑުމެން ﷲ އަށް ބަރޯސާވާނަމަ، އަޅުގަނޑުމެން ޚަލްޤުތަކުންނާއިމެދު ކަންކުރާނީ ކިހިނެއް ހެއްޔެވެ؟ މިހާ ހިސާބުން އަޅުގަނޑުމެން ދަސްކުރާނީ، މިހާ ތަނަށް އަޅުގަނޑުމެންނަށް ދަސްވި ރޫޙާނީ ޤަވާޢިދުތަކުގެ ސަބަބުން އަޅުގަނޑުމެން އެކަކު އަނެކެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ކުރާ އަސަރެވެ. އަޅުގަނޑުމެންނާއި ޚަލްޤުތަކުންނާއި ދެމެދު އޮތް ގުޅުން އިޞްލާޙު ކުރާނީ ކިހިނެއް ހެއްޔެވެ؟ ﷲ އާއި އަޅުގަނޑުމެންނާއި މެދު އޮތް ގުޅުން އިޞްލާޙުކޮށް އޭގެ ތެރެއިން ޚަލްޤުތަކުންނާއި އަޅުގަނޑުމެންނާއި ދެމެދު އޮތް ގުޅުން އިޞްލާޙު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ޚަލްޤުތަކުންނާއި އަޅުގަނޑުމެންނާއި ދެމެދު އޮތް ގުޅުން ރަނގަޅުކޮށް އޭގެ ތެރެއިން ﷲ އާއި އަޅުގަނޑުމެންނާއި ދެމެދު އޮތް ގުޅުން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑު ވަރަށް ގިނައިން ވިސްނަމުންދާ ކަމެއްވެއެވެ. އަޅުގަނޑުގެ އަމިއްލަ މި ޙަޔާތުގެ ދަތުރުގައެވެ. އަޅުގަނޑަށް ހީވާ ގޮތުގައި ވަރަށް ގިނަ މީހުންނަށް މިކަން ތަޖުރިބާ ކުރެވިފައިވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގު ހޯދަން މަސައްކަތް ކުރަމުން ދާއިރު، މީހުން އެކި މަރުޙަލާތައް ކަނޑައްތު ކުރެއެވެ. އަޅުގަނޑު މިފަދައިން ކަނޑައްތު ކޮށްފައިވާ އެއް މަރުޙަލާއަކީ، އަދި އަޅުގަނޑަށް ފެނިފައިވާ ވަރަށް ގިނަ އެހެން މީހުން ވެސް ކަނޑައްތު ކޮށްފައިވާ އެއް މަރުޙަލާއަކީ، ވަށައިގެންވާ ދުނިޔެއާއިމެދު ހިތްހަމަނުޖެހުމެވެ.
ތިބާ ދީން އުނގެނެން ފެށުމުގެ ކުރިން ދުނިޔެދެކެ ލޯބިވީމުއެވެ. ތިބާ ދުނިޔެއާއިމެދު އެތައް އުއްމީދެއް ކުރީމުއެވެ. ތިބާ އުއްމީދު ކުރީ ދުނިޔެ ފުރިހަމަވާނެ ކަމަށެވެ. އޭގެ ތެރެއިން ތިބާ ހޭލެވިގެން ދިޔައެވެ. އެހާ ހިސާބުން ދުނިޔެއަކީ ފުރިހަމަ ތަނެއް ނޫންކަން ތިބާއަށް އެނގެއެވެ. މީހުންނަކީ ފުރިހަމަ ބައެއް ނޫނެވެ. ތިބާގެ ޙަޔާތް ވެސް ފުރިހަމައެއް ނުވާނެއެވެ.
ބައެއް މީހުންނަށް މި ކަންތައް އެނގުންވެގެން ދަނީ ނުރުހުންވާ ފަދަ ގޮތަކަށެވެ. އެހެންކަމުން ތިބާ ދުނިޔެ ދޫކޮށް ދީނަށް އަހަމިއްޔަތުކަން ދޭން ފަށާ ފުރަތަމަ މަރުޙަލާގައި ދުނިޔެއަށް ނުރުހުންވެވެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ ދުނިޔެ ތިބާ އުއްމީދު ކުރި ގޮތަށް ނުވީތީވެއެވެ.
އެހެނަސް ދުނިޔެ ތިބާ އުއްމީދު ކުރި ގޮތަށް ނުވީ، ދުނިޔޭގެ ޒާތާއި ޚިލާފު އުއްމީދެއް ތިބާ ދުނިޔެއާއިމެދު ކުރީތީވެއެވެ. ތިބާ އުއްމީދު ކުރީ ދުނިޔެއަކީ ސުވަރުގެއަށް ވާށެވެ. ތިބާ އުއްމީދު ކުރީ ދުނިޔެ ފުރިހަމަ ވާނެ ކަމަށެވެ. ތިބާ އުއްމީދު ކުރީ ތިބާގެ ގުޅުންތައް ވެސް ފުރިހަމަ ވާނެ ކަމަށެވެ. ތިބާގެ ޙަޔާތް ފުރިހަމަ ވާނެ ކަމަށެވެ. އަދި ހަމަ ފަހަރެއްގައި ތިބާގެ އަމިއްލަ ނަފްސު ވެސް ފުރިހަމަ ވާނެ ކަމަށް ތިބާ އުއްމީދު ކުރީމުއެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަކީ ވެސް އަޅުގަނޑުމެން ދެރަކޮށްލާ ބަޔަށް ވެގެންދެއެވެ. އެހެން ނޫން ހެއްޔެވެ؟
މުޅިން ނުރުހުންތެރިކަމުގެ މަރުޙަލާއަށް އަޅުގަނޑުމެން ދަނީ މިހެންވެއެވެ. ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފްސުތަކާއިމެދު އިންތިހާއަށް ނުރުހުންވެއެވެ. އަމިއްލަ ނަފްސު ފުރިހަމަ ނުވާނެކަން އެނގޭ ހިސާބުންނެވެ.
މިފަދަ މަރުޙަލާއަކަށް އައުމުން ބައެއް މީހުންނަށް ބުނެވެއެވެ. އަހަރެން އިތުރު މީހުން ބޭނުމެއް ނޫނެވެ. މީހުންގެ އެއްވެސް ބޭނުމެއް ނެތެވެ. އެންމެ މުހިއްމީ ހަމައެކަނި ﷲ އެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ގެންގުޅެވޭ ނޭދެވޭ ފިކުރެކެވެ. މީހުންގެ ބޭނުމެއް ނެތް ކަމުގެ ފިކުރެވެ. ކޮންމެ މީހަކީ ވެސް ތިބާ ދެރަކޮށްލާނެ މީހެއް ކަމެވެ. އެހެންކަމުން މީހުންނާއިމެދު ހަނދާން ނައްތާލާށެވެ. އަދި ހަމައެކަނި ﷲ އަށް ސަމާލުކަން ދޭށެވެ.
މިއީ އެންމެ ރަނގަޅު މީޒާނެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނިއްޔަތުން ދަސްކޮށްދޭ ގޮތަކީ ވެސް މިއީއެއް ނޫނެވެ. އެހެނަސް މި ދަތުރުގައި ތަންކޮޅެއް ކުރިއަށް ދިޔުމުން، އެ ފިކުރުގެ އެހެން ބައެއް ވެސް ވާކަން ތިބާއަށް ދަސްވެގެންދެއެވެ. އެއީ މިއެވެ. އަޅުގަނޑުމެންނާއި ﷲ އާއި ދެމެދު އޮތް ގުޅުން އިޞްލާޙު ކުރުމުން، ﷲ އަޅުގަނޑުމެންގެ އެހެން ގުޅުންތައް އިޞްލާޙު ކުރާ ކަމެވެ. އަޅުގަނޑުމެންގެ އެހެން ހުރިހާ ކަންތަކާއިމެދު ﷲ އެހީތެރިވެ ވޮޑިގެންވެއެވެ.
މީގެ އިދިކޮޅަކީ ވެސް ޙަޤީޤަތެކެވެ. އަޅުގަނޑުމެންނާއި މީހުންނާއި ދެމެދު އޮތް ގުޅުން އިޞްލާޙު ކުރުމުން، އެއިން އަޅުގަނޑުމެންނާއި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ދެމެދު އޮތް ގުޅުން ވެސް އިޞްލާޙުވެގެން ދާނެ ކަމެވެ.
އަޅުގަނޑު މީގެއިން މާނަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ މީގެ އެއް މިސާލަކީ މަޢާފު ކުރުމެވެ. އަޅުގަނޑުމެންނާއި މެދު އެހެން މީހަކު ގޯސްކޮށް ކަންތައް ކުރުމަކީ އަޅުގަނޑުމެން އެންމެން ތަޖުރިބާ ކޮށްފައިވާނެ ކަމެކެވެ. މަޢާފުކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އަޅުގަނޑުމެން ގާތް ކުރުވާ ސަބަބަކަށް ވެގެންދަނީ ކީއްވެ ހެއްޔެވެ؟
އަޅުގަނޑު މިސާލެއް ދޭނަމެވެ. އަބޫބަކުރުގެފާނަށް އެކަލޭގެފާނުގެ ދަރިކަނބަލުން، ޢާއިޝަތުގެފާނާއި މެދު ދެކެވެމުން ދޮގު ވާހަކަ އިވިވަޑައިގެންނެވިއެވެ. އަދި އެ ވާހަކަ ފަތުރަމުން ދިޔަ މީހަކީ ގާތްތިމާގެ މީހެއްކަން އެނގިވަޑައިގެންނެވިއެވެ. އަދި މި ތިމާގެ މީހަކީ އަބޫބަކުރުގެފާނު ފައިސާގެ އެހީ ދެއްވަމުން ގެންދެވި މީހެކެވެ.
މިކަން ޚިޔާލަށް ގެންނާށެވެ. މި ތިމާގެ މީހަކީ ތިބާއަށް ނުހަނު ފުން ހިތާމައެއް ދިން މީހެކެވެ. ތިބާގެ ދަރިފުޅާއިމެދު ދޮގު ވާހަކަތައް ފަތުރައިގެންނެވެ. އަދި މީގެ އިތުރުން މި ތިމާގެ މީހަކީ ތިބާ ފައިސާގެ އެހީ ދޭ މީހެކެވެ.
އަބޫބަކުރުގެފާނަށް މިކަން އެނގި ވަޑައިގެންނެވުމުން، އެކަލޭގެފާނު ކޮންމެހެން ބަދަލު ހިއްޕަވާކަށް ނުއުޅުއްވައެވެ. އެހެންނޫނީ އެމީހަކު ތަޅާލާނެ މީހަކު ހޯއްދަވަން ވެސް މަސައްކަތެއް ނުކުރެއެވެ. އެކަލޭގެފާނު ކުރެއްވި ހަމައެކަނި ކަމަކީ، އެ ތިމާގެ މީހާއަށް ފައިސާގެ އެހީ ދެއްވުން ހުއްޓަވާލެއްވިއެވެ.
އަބޫބަކުރުގެފާނު މިފަދައިން ކަން ކުރެއްވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އާޔަތެއް ބާވައިލައްވައެވެ. މިއީ ނޫރު ސޫރަތުގެ އާޔަތެކެވެ. މި އާޔަތުން ވަރަށް މުހިއްމު ޤަވާޢިދެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވައެވެ. އެއީ މިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުން އަބޫބަކުރުގެފާނާއި މުޚާތަބު ކުރައްވައެވެ.
وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ
“…އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟…” ސޫރަތުއްނޫރު، 22
އެ ފިލާވަޅަކީ މިއީއެވެ. މަޢާފުކޮށް އެއީ ނުވާކަމަކަށް ހެދުމަށެވެ. އެއަށްފަހު މި ރަނުގެ ސުވާލު ކުރެވިގެންދެއެވެ. ﷲ ތިބާއަށް ޢަފޫކޮށް ފާފަ ފުއްސެވުމަށް ތިބާ ލޯބި ނުކުރަން ހެއްޔެވެ؟
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދަސްކޮށްދެއްވަނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ އެކަލާނގެ އަޅުގަނޑުމެންގެ ސަމާލުކަން ބަދަލު ކުރައްވައިފިއެވެ. އަބޫބަކުރުގެފާނާއި އެކަލޭގެފާނުގެ އެ ތިމާގެ މީހާއިން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށެވެ. މި އާޔަތަކީ ހަމައެކަނި އަބޫބަކުރުގެފާނާއި އެމީހާއާއި ގުޅޭ އާޔަތެއް ނޫނެވެ. މިއީ ހަމައެކަނި ތިބާއާއި ތިބާއަށް ދެރައެއް ދިން މީހެއްގެ ވާހަކައެއް ވެސް ނޫނެވެ. މިހާރު މި ވާހަކަ ބަދަލުވެއްޖެއެވެ. މިހާރު މިއީ ތިބާއާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ދެމެދުގެ ވާހަކައެކެވެ.
އެހެންކަމުން ﷲ ގެ ފާފަ ފުއްސެވުން ލިބޭނެ އެއް ގޮތަކީ، ތިބާއަށް ދެރައެއް ދިން މީހަކަށް ތިބާ މަޢާފު ކުރުމެވެ.
ތިބާ ޤުރުއާނާއި، ސީރަތާއި ސުންނަތް އުނގެނޭ ހިނދު ފާހަގަވާނެ ކަމެއް ވާނެއެވެ. މި ޤަވާއިދު އެ ހުރިހާ ފިލާވަޅުތަކެއްގެ ތެރެއިން ފެންނާނެއެވެ.
“ދަ ގޯލްޑެން ރޫލް” އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟ “ދަ ގޯލްޑެން ރޫލް” އަކީ ތިބާއާއި މެދު ކަން ކުރެވެން އެދޭ ފަދައިން ތިބާ އެހެން މީހުންނާއިމެދު ކަން ކުރާށެވެ.
އިސްލާމްދީނުގެ ފޮތްތަކުގައި މިއަށްވުރެ ވެސް މަތިވެރި ޤަވާޢިދެއް ވެއެވެ. މިއަށް “ދަ ޕްލެޓިނަމް ރޫލް” ކިޔަމާ ހިނގާށެވެ. އެ ޤަވާޢިދަކީ މިއީއެވެ. ﷲ ތިބާއާއި މެދު ކަން ކުރައްވަން އެދޭ ފަދައިން އެހެން މީހުންނާއިމެދު ކަންކުރާށެވެ.
މިސާލަކަށް މަޢާފު ކުރުމެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ހުޅުއްވާފައިވާ ފުރުސަތެކެވެ. އެއީ ތިބާ އެހެން މީހުންނަށް މަޢާފު ދީފިނަމަ ﷲ ތިބާއަށް ޢަފޫ ދެއްވައި ފާފަ ފުއްސަވާނެއެވެ.
ޙަދީޘަކުން އަޅުގަނޑުމެންނަށް އެނގެއެވެ. ޚަލްޤުތަކުންނަށް ރަޙުމް ކުރާ މީހާއަށް ޚާލިޤުވަންތަ ރަސްކަލާނގެ ރަޙްމަތް ލައްވާނެއެވެ. އަދި އެހެން މީހުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ގެ ޙަޟްރަތުން ރަޙްމަތް ނުލެއްވޭނެއެވެ.
އެހެންކަމުން ތަކުރާރުކޮށް އަޅުގަނޑުމެންނަށް މި ފިލާވަޅު ފެނިގެން ދެއެވެ. އަޅުގަނޑުމެން މީހުންނާއިމެދު ކަންކުރާ ގޮތާއި ﷲ އަޅުގަނޑުމެންނާއި މެދު ކަންކުރައްވާ ގޮތާއި ދެމެދު އޮތް ގުޅުމެވެ.
އަޅުގަނޑު އެއްކަމެއް ސާފު ކޮށްލަދޭން ބޭނުމެވެ. މީހުންނަށް މަޢާފު ކުރުމާއިމެދު ވާހަކަ ދައްކާއިރު، ކަމެއް ނުވާކަމަށް ހެދުމާއިމެދު ވާހަކަ ދައްކާއިރު، އޭގެ މާނައަކީ ލިބެމުންދާ އަނިޔާއާއި މެދު އެއްވެސް ކަމެއް ނުކުރުމެއް ނޫނެވެ. އޭގެ މާނައަކީ މީހަކު ތިބާއާއިމެދު ނޭދެވޭ ގޮތަށް ޢަމަލު ކުރާއިރު ވެސް، ތިބާއާއިމެދު ބޭއިންސާފުން ކަންކުރާއިރު ވެސް މަޢާފުކޮށް، އިތުރަށް އަނިޔާ ކުރުމަށް ކޯތާފަތުގެ އަނެއްފަރާތް ދެއްކުމެއް ނޫނެވެ.
މަޢާފަކީ މާޒީގައި ވެފައި އޮތް ކަމަކަށްޓަކައި ދޭ އެއްޗެކެވެ. މިސާލަކަށް، މާޒީގައި މީހަކު ތިބާއަށް އަނިޔާއެއް ދީފައިވާނަމަ، ފުރަތަމަ ކަމަކަށް، އެ އަނިޔާ ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ތިބާއަށް ކުރެވެން އޮތްހާ ކަމެއް ކުރާނީއެވެ. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތަކީ މިއީއެވެ. އަޅުގަނޑުމެންނަކީ ޤަޞްދުގައި އަނިޔާ ލިބިގަންނަން ތިބޭ ބައެއް ނޫނެވެ. އަޅުގަނޑުމެންނަކީ އަނިޔާވެރިކަމަށް މަގުފަހި ކުރާ ބައެއް ނޫނެވެ. އަދި ނޭދެވޭ ގޮތަށް އަޅުގަނޑުމެންނާއި މެދު ކަންކުރެވުމަށް ވެސް މަގުފަހި ކުރާ ބައެއް ނޫނެވެ. އަޅުގަނޑުމެންނަކީ ބޭއިންސާފާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިބާއަށް ނުބައެއް ފެނިއްޖެނަމަ އެކަމެއް ބަދަލު ކުރެވޭތޯ މަސައްކަތް ކުރާށެވެ. ތިބާގެ އަތުން ބަދަލު ނުކުރެވޭނަމަ ދުލުންނެވެ. ދުލުން ބަދަލު ނުކުރެވޭނެނަމަ ކުޑަމިނުން ހިތުން އެކަމަށް ނަފްރަތު ކުރާށެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.
އެހެންކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަނީ އީމާންތެރިކަމާއި، އަނިޔާވެރިކަމާއި ދެކޮޅަށް ފިޔަވަޅު އެޅުން ގުޅުއްވާފައެވެ. އެހެންކަމުން މަޢާފުކުރުމާއި صَبر ގެ މާނައަކީ އަނިޔާ ލިބެމުން ދާއިރު އެކަމާއި ދެކޮޅަށް ފިޔަވަޅު ނޭޅުން ކަމަށް ހީނުކުރާށެވެ. އެހެނެއްކަމަކު އެއީ ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅައި، މާޒީގައި ވެފައިވާ ކަމަކަށް މަޢާފު ކުރަން މަސައްކަތް ކުރުމެވެ. މުސްތަޤްބަލުގައި އަނިޔާ ލިބޭނެ ހުރިހާ މަގެއް ބަންދުކުރުމާއި އެކު، މާޒީގައިވީ ހުރިހާ ކަމެއް ދޫކޮށް މަޢާފު ކުރުމެވެ. އެއީ މީހަކު އަޅުގަނޑުގެ އެއްކޯތާފަތަށް އެތިފަހަރެއް ދީފިނަމަ، އަނެއް ކޯތާފަތުގައި އެމީހާއަށް ނުޖެހޭނެ ފަދައިން ކަންކުރުމެވެ. އެހެނަސް އެ ފުރަތަމަ ފަހަރު ޖެހި ކަމަށްޓަކައި މަޢާފު ކުރުމެވެ.
މަޢާފު ކުރުމަކީ ވެސް އެކި މަރުޙަލާތަކަށް ބެހިގެންވާ ކަމެކެވެ. އެއީ އެކަމަކަށްޓަކައި އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެހީއަށް އެދެންޖެހޭ ކަމެކެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފަސޭހަ ކުރެއްވި ކަމެއް މެނުވީ އެއްވެސް ކަމެއް ފަސޭހައެއް ނުވެއެވެ. އެހެންކަމުން މަޢާފު ކުރުމަކީ އަޅުގަނޑުމެންނަށްޓަކައި ފަސޭހަ ކަމެއް ކަމުގައި ލެއްވުމަށް އަޅުގަނޑުމެން އަބަދުވެސް ﷲ ގެ ޙަޟްރަތުގައި ދަންނަވަން ޖެހޭނެއެވެ. އަދި އަޅުގަނޑުމެން ޙަޔާތުގައި ކުރިއަށް ދިޔުމަށް ދަތިކުރުވާ ހިތްދަތި މާޒީ ދޫކޮށްލުމަށް ފަސޭހަ ކޮށްދެއްވުމަށް އެދި ދަންނަވަން ޖެހޭނެއެވެ.
އަޅުގަނޑު މި ވާހަކައަށް އިތުރު ކޮށްލަން ބޭނުންވާ ނުކުތާއެއް ވެއެވެ. މާޒީއާއި ކުރިމަތިލާއިރު، އަދި މާޒީގައި ހިތްދަތިކަމާއި ކުރިމަތިލާއިރު، އެހެންނޫނީ މާޒީގެ ‘ޓްރޯމާއެއް’ ނޫނީ ތިބާއާއި މެދު ގޯސްކޮށް ކުރެވުނު ކަމަކާއި ކުރިމަތިލާއިރު، އަޅުގަނޑުމެން މެދުމިން ޚިޔާރު ކުރަންޖެހޭނެއެވެ.
އެއްކަމަކަށް ބަލާއިރު، ރަނގަޅަށް ފަރުވާ ދެވެންޖެހޭ ‘ޒަޚަމްތަކެއް’ ތިބާއަށް ލިބިފައިވެދާނެއެވެ. އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން ތިބާގެ އަތަށް ވަޒަނެއް ހެރިފައިވާނަމަ އޭގެ މަތީގައި ބެންޑޭޖެއް އަޅައި ތިބާ ރަނގަޅުކަމަށް ތިބާއަށް ނުބުނެވޭނެއެވެ. ވަގުތުން ޝިފާ ލިބޭނެ ކަމަށް ތިބާއަށް ނުބުނެވޭނެއެވެ. ތިބާ އެ ޒަޚަމްތަކަށް ރަނގަޅު ފަރުވާއެއް ހޯދަން ޖެހޭނެއެވެ.
އެ އިޙްސާސްތައް ނެތް ކަމަށް ހެދުމުން އިޙްސާސްތައް ގެއްލިއެއް ނުދެއެވެ. އެހެން ކަންތައްތަކުގެ ތެރޭގައި މަޝްޣޫލުވެ އިޙްސާސްތަކުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރުމުން ވެސް މައްސަލަ ޙައްލެއް ނުވާނެއެވެ. ދަތުގައި ރިއްސައިގެން އުޅުނު ފިރިހެން މީހާ ފަދައިންނެވެ. އޭނަ ހަމައެކަނި ތަދު ފިލުވައިލީއެވެ. އޭގެ ސަބަބުން އޭނަ އިންފެކްޝަނުގެ ޝިކާރައަށްވެ މަރުވެގެން ދިޔައެވެ. އޭނަ ޙަޤީޤީ މައްސަލަ ޙައްލު ކުރަން ނުއުޅުނީތީވެއެވެ.
އެހެންކަމުން ޒަޚަމްތަކަކީ ނެތް އެއްޗެއް ކަމަށް ހެދުމުން ޒަޚަމަށް ޝިފާއެއް ނުލިބެއެވެ. އަޅުގަނޑުމެން މިހާތަނަށް ދަސްކުރި ރޫޙާނީ އާލާތްތަކުގެ އިތުރުން ކައުންސެލިންގް ތެރަޕީގެ އެހީ ވެސް ހޯދަން ޖެހޭ ޙާލަތްތައް ވެއެވެ.
އަޅުގަނޑުމެން ޒަޚަމަކަށް ފަރުވާ ދޭން މަސައްކަތް ކުރުމަށްފަހު، އޭގެ އަނެއްކޮޅަށް ނުދިޔުން ވެސް މުހިއްމެވެ. އޭގެ އަނެއްކޮޅަށް އަޅުގަނޑު ކިޔަނީ ‘ފާރުގަނޑު ކޮށްޓުމެވެ.’
އަޅުގަނޑުގެ ކިބައިގައި މި މައްސަލަ ހުންނަ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އަޅުގަނޑު ފަދައިން ވަރަށް ގިނަ މީހުންގެ މި އާދަ ހުރެއެވެ. ފާރުގަނޑު ކޮށްޓުމުގެ އާދައެވެ. ފާރުގަނޑު ރަނގަޅުވަމުން ދާހިނދު ހިކިފައިވާ ތަންތަންކޮޅުގައި ކޮށްޓުމެވެ.
ޖަޒުބާތީ ޒަޚަމްތަކާއިމެދު ވެސް މިފަދައިން ކަންކުރުމުން ވަރަށް ގެއްލުން ލިބެއެވެ. އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ތިބާގެ މާޒީގައި ކޮންމެވެސް ހިތްދަތިކަމެއް ވެއްޖެއެވެ. އެހެންނޫނީ ތިބާ ފަޚުރުވެރި ނުވާފަދަ ކަމެއް މާޒީގައި ކުރެވުނީއެވެ. ތިބާ އެކަން ކުރެވުނީތީ އެކަމާއިމެދު ހިތާމަކުރާ ކަމެކެވެ. މާޒީގައި ތިބާއަށް ކުރެވިފައިވާ ފާފަތަކެވެ.
މީގައި މެދުމިނެއްވެއެވެ. އާނއެކެވެ. ތިބާ ޒަޚަމަށް ފަރުވާ ހޯދަން ޖެހެއެވެ. ތިބާއަށް ފާފައެއް ކުރެވިފައިވާނަމަ ތިބާ ތައުބާވާން ވާނެއެވެ. އެއަށްފަހު ތިބާ ޖެހޭނީ ކުރިއަށް ދާށެވެ. އަޅުގަނޑުމެން ވާގި ދޫކުރުވާ އެއް މައްސަލައަކީ، މާޒީގައި ގަނޑުވެފައި ހުރުމެވެ.
ބައެއް މީހުން ފާރުގަނޑުގައި ކޮށްޓައެވެ. ފާރުގަނޑުގައި ކޮށްޓުމުން އެ ފާރުގަނޑު ރަނގަޅުވުމަށް ފުރުސަތެއް ނުދެވެއެވެ. ޒަޚަމަކަށް ޝިފާ ލިބުމުގައި މަރުޙަލާތަކެއްވެއެވެ. ޒަޚަމެއް ހުއްޓައި ޒަޚަމަށް ފަރުވާ ހޯދުމަށްފަހު އެއަށް ފުރިހަމަ ޝިފާއެއް ލިބެންދެން ދޫކޮށްލާނީއެވެ. ޝިފާ ލިބުމުގެ އެއް ބަޔަކީ ހިކިފައިވާ ފާރުގަނޑެވެ. އެހެނަސް އެ ހިކިފައިވާ ތަންތަންކޮޅު ކޮށްޓަމުން ދާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭރު ޒަޚަމް އަނެއްކާވެސް ހުޅުވިގެންދާނެއެވެ. އެހެންކަމުން އެ ފާރުގަނޑު ރަނގަޅުވުމަށް ފުރުސަތެއް ނުލިބެއެވެ.
އެހެންކަމުން އަޅުގަނޑުމެން މާޒީއާއިމެދު ވާހަކަ ދައްކަމުން ދާނަމަ، ހިތްދަތި ދުވަސްތައް ހަނދާން ކުރަމުން ދާނަމަ، އެ ހަނދާންތައް ‘ރިޕްލޭ’ ކުރަމުން ދާނަމަ، ތިބާއަށް ކުރެވިފައިވާ އެހާ ފަޚުރުވެރިނުވާ ކަންތައް ހަނދާންކޮށް އެކަންތަކާއިމެދު ވިސްނަމުން ދާނަމަ މިއީ ވެސް މައްސަލައެކެވެ. އެހެނީ މިކަންތަކުން ތިބާގެ އަމިއްލަ ނަފްސު ކުރިއަށް ގެންދިޔުމަށް ތިބާއަށް ހުރަސް އެޅެނީއެވެ. އަދި ތިބާގެ ޒަޚަމްތަކަށް ޝިފާ ލިބުމަށް ވެސް ހުރަސް އެޅެނީއެވެ.
އަޅުގަނޑަށް ކޮންމެވެސް ތަނަކުން ފެނުނު ބަސްކޮޅެއްގައިވެއެވެ. މި ބަސްކޮޅުން މި ދެންނެވި ފިލާވަޅު ވަރަށް ރަނގަޅަށް ޚުލާޞާވެގެން ދެއެވެ. އެއީ މިއެވެ.
“މާޒީއަކީ ފިލާވަޅު ލިބިގަންނަ ތަނެކެވެ. އެއީ ދިރިއުޅޭ ތަނެއް ނޫނެވެ.”
މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މީގެ މާނައަކީ މާޒީއިން ދަސްކުރާށެވެ. ތިބާ ބާރުގަދަ ކުރުވާނެ ކޮންމެ ކަމެއް މާޒީއިން ނަގާށެވެ. އެހެނަސް ކުރިއަށް ދާށެވެ. މާޒީގައި ދިރި ނުއުޅޭށެވެ. އަޅުގަނޑުމެން މި ދަނީ ކުރިއަށްކަން ހަނދާން ކުރާށެވެ. ކާރު ދުއްވާ ފަދައިންނެވެ. ކާރު ދުއްވާއިރު ތިބާ ކުރިމަތިން ފެންނަމުންދާ މަގަށް ބަލަމުއެވެ. އެހެނަސް ކާރުގެ ކުރިމަތީގައި ކުޑަކުޑަ ލޯގަނޑެއް ވެސް ހުރެއެވެ. އެ ކުޑަ ލޯގަނޑުން ދައްކަން ފަހަތެވެ. އެހެނަސް މީހަކު ދުއްވަމުން ދާއިރު އޭނަ ދާ މަގަށް ނުބަލައި އެ ލޯގަނޑަށް ބަލަމުންދާ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެ މީހަކު ދަނީ ކޮން ދިމާލަކަށްކަން ހަނދާން ނައްތައި، ފާއިތުވެފައިވާ ކަންތަކަށް ސަމާލުކަން ދޭ މީހާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި މިސާލުގައި ތިބާ އެ ކުޑަ ލޯގަނޑުން ފަހަތް ބަލަމުން ދާނަމަ، ތިބާ ތަނެއްގައި ޖެހި ބޮޑު އަނިޔާއެއް ވެދާނެއެވެ.
މައްސަލައަކީ މިއީއެވެ. އަޅުގަނޑުމެންނަށް މާޒީއިން ފިލާވަޅު ލިބިގަނެވޭނެއެވެ. އެ ކުޑަ ލޯގަނޑުން ފަހަތް ބެލިދާނެއެވެ. ހަދަންޖެހޭ ފަދައިންނެވެ. ފަހަތުގައިވަނީ ކޯޗެއްކަން އެނގެންޖެހެއެވެ. ތިބާ ފަސްކުރީ ކޯޗެއްކަން ތިބާއަށް އެނގެން ވާނެއެވެ. އެއިން ދަސްކޮށްގެން ރަނގަޅަށް ކާރު ދުއްވާށެވެ. އެހެނަސް ހުސް އެ ލޯގަނޑަށް ނުބަލާށެވެ. އަޅުގަނޑުމެން ސަމާލުކަން ދޭންވާނީ އަޅުގަނޑުމެން ދާ މަންޒިލަށެވެ. އަޅުގަނޑުމެން ވާންވާނީ އަބަދުވެސް ކުރިއަށް ދާ ބަޔަކަށެވެ. އަދި ކުރިއަރައިދާ ބަޔަކަށެވެ. އަދި އެއްދުވަހަށްވުރެ އަނެއް ދުވަހު ރަނގަޅަށް އުޅޭ ބަޔަކަށް ވާށެވެ.
ނުނިމޭ