Asr (Part 14)
ވިސާމް ޝަފަޤަށް ބަލަން ހުރެފައި ޝަފަޤްގެ އެ އަތަށް ބަލާލިއެވެ. އޭނަ އެހެން ހުއްޓާ ޝަފަޤް ލަސްލަހުން އޭނަގެ މޭމަތީގައި ބޯއަޅާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. މިފަހަރު ޝަފަޤްގެ ޙަރަކާތުން ވިސާމް އެއްވެސް ޙައިރާނެއްނުވީ އޭނަގެ ހިތަށްކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ. އޭނަ ދެލޯ މަރާލަމުން ޝަފަޤްގެ ބޮލުގައި ދަތްދޮޅި ޖައްސައި އެ ތުނި ހަށިގަނޑުގައި އޭނަގެ ބާރުގަދަ އަތް ވަށާލިއެވެ. ވިސާމްގެ އެ ދެއަތަށް އޭނަ އަމިއްލަ ނަފްސު ދޫކޮށްލި ޝަފަޤަށް، އޭނައަށް ދުވަހަކުވެސް ނުކުރެވޭ ފަދަ އިޙްޞާޞްތައް ކުރެވެން ފެށިއެވެ. ވިސާމްގެ ޙަރަކާތްތައް އަވަސްވެގެން ދިޔަދިޔަހެން އޭނަގެ ހިތް މޭފަޅާފައި ނިކުމެދާނެހެން ހީވިއެވެ. ޙަޔާތުގައި ވެސް ނުކުރެވޭ ތަޖުރިބާތަކެއް ކުރެވެން ފެށުމުން އޭނަގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރިއެވެ. އެރޭ ނިމިގެން ދިޔައީ ވެސް ޝަފަޤް ވިސާމްގެ އަތުތެރޭގައި ފުން ނިންޖެއްގެ ތެރެއަށް ގެނބުމުންނެވެ.
އޭގެ އަނެއްދުވަހު ޝަފަޤް އާދައިގެ މަތިން ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވާ އަޑަށެވެ. ހޭލެވުނުއިރު އޭނައަށް އޮވެވުނުތަން ދެނެގަންނަން ޝަފަޤަށް ހިނދުކޮޅެއް ނެގިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ކައިރީގައި އޮތް ވިސާމަށް ބަލާލެވުނުތަނާހެން އޭނަގެ މޫނު ރަތްވެގެން ދިޔައެވެ. އަދި ވެސް ގަދަ ނިންޖެއްގައި ބަންޑުން އޮތް ވިސާމްގެ އެއްއަތްވަނީ އޭނަގެ އުނަގަނޑުގައި އަޅުވާލެވިފައެވެ. ފުރަތަމަ ފަހަރަށް ވިސާމް ނިދަން އޮތްވާ ފެނުމުން ޝަފަޤަށް އިރުކޮޅެއް ވަންދެން އެ މަންޒަރު ބަލަން އޮވެވުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނަ ފަތިސް ނަމާދަށްޓަކައި ވިސާމަށް ގޮވަން ފެށިއެވެ. ވިސާމް ކުޑަ ކުއްޖަކު ފަދައިން ދެލޯ މަރައިގެން އޮވެ ބޮޑާ ހާކަމުން ނޫނޭ ބުނަން ފެށި ގޮތުން ޝަފަޤަށް ހެވޭ ގޮތްވިއެވެ. އޭނަ ގޮވާ ގޮވާ ވިސާމް ހޭނުލުމުން އެންމެ ފަހަކަށް އޭނަ ސައިޑް ޓޭބަލަށް އަތް ދިއްކޮށް އެތާ ކުޑަ ފެންފޮދެއް ހުރި ބިއްލޫރި ތަށްޓެއް ނަގައި ވިސާމްގެ މޫނަށް އެ ފެންފޮދު ޖަހާލިއެވެ. ހަމަ އެއާއެކު ވިސާމް ދެލޯ ތަގުޅި ކޮށްލަމުން އުނދަގުލާއެކީ ދެލޯ ހުޅުވާލިއެވެ. އެއަށްފަހު ލުއްކެއްޖަހައި ތެދުވެލީ އޭނަގެ ސިނގު ރުޅިއާއި އެކީގައެވެ.
“ވަޓް ދަ……” ނުބައި ބަހެއް ބުނެލަން އުޅުނު ވަގުތު ކުރިމަތީގައި އޮތީ ކާކުކަން ވިސާމަށް އެނގުންވެ އޭނަގެ ދުލުގައި ތަޅު އެޅުވުނެވެ. ވިސާމަށް ވީގޮތް ފެނިފައި ޝަފަޤަށް އަނެއްކާވެސް ހީލެވުނެވެ.
“ބަންގި ގޮވައިފި. ހިނގާ ފެންވަރައިގެން ނަމާދަށް.” ޝަފަޤް ރަޖާއާއެކީ ތެދުވެ އަތުގައި ހުރި ބިއްލޫރި ތަށި ސައިޑް ޓޭބްލް މަތީގައި ބަހައްޓަމުން ބުނެލިއެވެ. ނަމާދަށޭ ބުނުމުން ވިސާމަށް ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އޭނަ ނުރުހުންވާންޖެހެނީ އެހެން މީހަކަށް ނޫނެވެ. އަމިއްލަ ނަފްސަށެވެ. އޭނަ ޝަފަޤާއި އިންނަން ނިންމާނީ މުޅި ޢުމުރުގެ ދެން އޮތް ތާނގައި ކޮންމެ ދުވަހެއްވެސް ފެށޭނީ މިހެންކަން ދަނެގެންނެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް އޭނައަށް ދެން ދުވަހަކުވެސް މި ގަޑީގައި ނިދަން ނޯވެވޭނެކަން އެނގުންވީ ހިނދު ވިސާމްގެ ހިތް ރުއެވެ. އޭނައަށް ޝަފަޤާއި ނުއިނދެވުނުނަމައޭ އެ ހިނދުކޮޅަށްޓަކައި ވިސާމްގެ ހިތަށްއެރިއެވެ. އެހެނަސް ރޭ ޝަފަޤް ދެއްކި ވާހަކަތަކާއެކު އޭނަ ކަންތައް ކުރިގޮތް ހަނދާންވެފައި ވިސާމްގެ އެ ހިތް ބަދަލުވިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅެނިކޮށް ޝަފަޤް އަނެއްކާވެސް އަންނާށޭ ބުނެލިއެވެ. އެއާއެކު ވިސާމް ހަމަހޭވެރިކަމެއް ލިބުމުން އެނދުން ފައިބަން އަވަސްވެގަތެވެ.
ދެމީހުން އެކީގައި ފެންވަރައިގެން ރީތިވުމަށްފަހު ވިސާމް ބޭނުންވާނީ ގޭގައި ނަމާދުކުރަން ކަމަށް ޝަފަޤް ހީކުރިއެވެ. ފެންވެރުމަށްފަހު ވެސް އޭނަގެ ލޯ މަތިން ނިދީގެ އަސަރުތައް ފެނުނީތީވެއެވެ. ނަމަވެސް އޭނަ ޝަފަޤް ކައިރި ތިމަންނަ ދާނީ މިސްކިތަށޭ ބުނެ ދާން ހިނގައިގަތުމުން ޝަފަޤަށް ހިނިތުންވެލެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ ވިސާމް މިސްކިތަށް ދިޔައީ އޭނަ ނަމާދުގައި އެއްވެސް އެއްޗެއް ނުކިޔާކަން ޝަފަޤަށް ފަޅާއަރާފާނެތީވެކަމެވެ.
ވިސާމް ދިޔުމުން ޝަފަޤް ފަތިސް ނަމާދު ކުރުމުގެ ކުރިން މިޝްކާގެ ޙާލު ބަލާލަން ދިޔައެވެ. މިޝްކާގެ ނިތުގައި އަތްޖައްސާލި ވަގުތު ހުން ފިނިވެފައިވިކަން އެނގުމުން ޝަފަޤަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އެއަށްފަހު އޭނަ ފަތިސް ނަމާދަށްޓަކައި މިޝްކާއަށް ވެސް ގޮވާލަމުން މިޝްކާއާއެކީ ޖަމާޢާތުގައި ނަމާދު ކުރިއެވެ. ނަމާދުކޮށް ނިމުމާއެކު މިޝްކާގެ ދެލޯ މެރެން ފެށިކަން އެނގުމުން ޝަފަޤް އިތުރަށް އޭނަ ބަހައްޓާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި ޝަފަޤް އަމިއްލައަށް މިޝްކާ އުރާލައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ރަޖާ އަޅާލަދިނެވެ. އެއަށްފަހު ޝަފަޤް އޭނަގެ ދޮޅިއާއި އިސްޓާކީނާއެކީ އަނެއްކާވެސް މިޞްރާބުޖެހީ ވިސާމާއި އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. މިޝްކާގެ ކޮޓަރިން ނިކުތް ވަގުތު އެކޮޓަރިއަށް ވަންނަމުން ދިޔަ ވިސާމް ޝަފަޤަށް ފެނުނެވެ. ފަނޑު އައްޔެއްގެ ތެރެއިން ވެސް ވިސާމްގެ ދެލޯ ނިދިބަރު ވެފައިވިކަން އޭނައަށް ނަގައިގަނެވުނެވެ. އެ ހިނދު އޭނައަށް ވެސް ވަރުބަލިކަމެއް އިޙްޞާޞް ކުރެވުމުން އޭނަ ވެސް ކޮޓަރިއަށް ދިޔައީ ނިދާލުމަށެވެ. އެހެނަސް އޭނަ ކޮޓަރިއަށް ގޮސް ވަތްއިރު ވިސާމް މުޅި އެނދަށް ވާ ގޮތަށް ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ޝަފަޤް ގޮސް ރަނގަޅަށް ބަލާލިއިރު އެނދުގައި އޭނައަށް އޮށޯވެގެން އޮންނާނެ ތަންކޮޅެއް ނެތެވެ. މި ބޮޑު ފިރިހެނާ އޭނައަށް ގުޑުވާވެސް ނުލެވޭނެކަން އެނގުންވި ހިނދު ޝަފަޤަށް ފުން ނޭވައެއް ދޫކޮށް ނިތްކުރީގައި އެއްއަތް ޖަހާލަމުން ބޯހޫރުވާލެވުނެވެ. އޭނަ ހިތުން ނުރުހުންވާން އުޅުމުން ވެސް ހަމަ އެ ހިނދު އޭނައަށް ހީލެވުނެވެ. ވިސާމްގެ އެ ޢަމަލު ޝަފަޤަށް ފެނުނީ ފަރުވާކުޑަ ކަމެއްގެ ބަދަލުގައި “މައުސޫމް” ކަމެއްގެ ގޮތުގައެވެ. ޝަފަޤަށް މިފަހަރުވެސް ވިސާމް ނިދަން އޮތްތަން ބަލަން އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެއަށްފަހު އޭނަ ހިނިތުންވުމެއްގައި ހުރެ ވިސާމަށް ބަލަމުން ބަލަމުން ކޮޓަރިން ނިކުމެގެން ދިޔައީ މިޝްކާގެ ކޮޓަރީގައި ނިދާލުމަށެވެ.
ވިސާމަށް އެދުވަހު ދެވަނަ ފަހަރަށް ހޭލެވުނީ މެންދުރު 2 ޖަހަން ގާތްވެފައި ވަނިކޮށެވެ. ހޭލެވުނު ވަގުތު އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގަޑި ފެނިފައި އޭނައަށް މިފަހަރު ވެސް ތެދުވެވުނީ ލުއްކެއްޖަހާފައެވެ. މިއިން ދުވަހެއްގައި ވެސް އޭނަ މިހާ ލަހުން ހޭލާފައެއްނުވެއެވެ. އޭނަ ލަހުން ހޭލަން އޮތަސް މިޝްކާއާއި ހެދި އޭނައަށް ނިދޭ ގޮތެއް ނުވެއެވެ. މިއަދު މިޝްކާ ކޮބައިތޯ އޭނަގެ ހިތަށްއެރި ވަގުތު ބޭރުން މިޝްކާއާއި ޝަފަޤްގެ ހުނުމުގެ އަޑު އިވުނެވެ. ވިސާމަށް ވަގުތު ކޮޅަށް ތެދުވެ އަޑު އައި ދިމާލަށް ހިނގައިގަނެވުނެވެ.
“މަންމި ޖުހާ ހާދަ މަޖަލޭ ދޯ؟ އެއީ އަސްލު މީހެއްތަ؟” ވިސާމް ގޮސް ހުޅުވާފައި ހުރި ކާގޭގެ ދޮރު މައްޗަށް އެރި ވަގުތު މިޝްކާ ސިންކު ދޮށުގައި ހުރި ޝަފަޤަށް މިޝްކާ ކޭ ތަށި ގެންގޮސްދެނީއެވެ.
“އެއީ އަސްލު މީހެއްނޫން ކޮއްކޯ. އެ ވާހަކަތައް ލިޔެފަ ހުންނަނީ އަހަރުމެން އެއިން ޢިބްރަތް ޙާޞިލުކުރަން. އަސްލު އަހަރުމެންނަށް ނުވާނެ ކަމެއް ވާނެއޭ ކިޔައިގެން އެހެން ނަދުރު ބުނާކަށް ނުވާނެދޯ؟ އެހެން ނޫނީއްޔާ އެ ޕްރޯމިސް ކުރެވުނު މީހަކު ފަހުން ކިހާ ދެރަވާނެ؟” ޝަފަޤް މިޝްކާގެ އަތުން ތަށި ހޯދަމުން އަހާލިއެވެ. މިޝްކާ އޭނަގެ ތިރީ ތުންފަތް އިތުރަށް ބޭރުކޮށް ތުންފިއްތާލަމުން ހޫންލައްވާލިއެވެ. އެވަގުތު ވިސާމް ކަރުކެހިލިއެވެ.
“މިހާރު ކޮއްކޮ ބައްޕިއާ ނުލާ ކާންވެސް ދަސްކޮށްފި ދޯ؟” ޝަފަޤާއި މިޝްކާގެ ނަޒަރުވެސް އޭނައަށް އަމާޒުވުމުން ވިސާމް ދޮރުކަންޏަށް ލެނގިގެން ހުރެ އަހާލިއެވެ. އަދި ޝަފަޤަށް ތޫނު ނަޒަރެއް އަމާޒު ކުރެވޭތޯ ޔަޤީން ކުރިއެވެ.
“ނޫން ބައްޕި! މަންމި ބުނީ ބައްޕި އޮތީ ވަރަށް ގަދައަށް ނިދާށޭ. މެންދުރު ނަމާދަށް ގޮވީމަވެސް ބައްޕިއަށް ހޭނުލެވުނޭ……..ބައްޕި އެކަނި ކާކަށް ނުޖެހޭނެއޭ. މަންމިވެސް ހުރީ ނުކައި. ކޮއްކޮ ކެއިއިރު މަންމި ވާހަކަ ކިޔައިދިނީ. މި ގަޑީގަ ބައްޕިއަށް މަންމިއާ އެކީ ކެވިދާނެއެއްނު؟” މިޝްކާ އެހެން ބުނެލުމާއެކު ވިސާމް އޭނައަށް ބަލަން ހުރެފައި އަނެއްކާވެސް ޝަފަޤަށް ބަލާލިއެވެ. އެ “ލަދުވެތިނޫން” ޝަފަޤް އޭނައަށް ލާނެތް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
“މިޝީ…..ކުޑައިރުކޮޅަކަށް މިޝީގެ ކޮޓަރިއަށް ދޭބަލަ ކަލާރ ކުރަން. ބައްޕި އެބަ ގޮވަން އިރުކޮޅަކުން.” ޝަފަޤާއި ވާހަކައެއް ދައްކަން ބޭނުންވި ވަރުން ވިސާމް ބުނެލިއެވެ.
“އާނ ބައްޕި. ކޮއްކޮ ފިނިޝް ނުކޮށް އޮތް ޑްރޯވިންގްއެއް އޮންނާނެ. ފިނިޝް ކޮށްފަ މަންމިއާއި ބައްޕިއަށް އެބަ ދައްކަން އިނގޭ؟” މިޝްކާ ޝަފަޤާއި ވިސާމަށް ވަކިވަކިން ބަލަމުން ހެވިފައިހުރެ ބުންޏެވެ. ދެމީހުންވެސް ހިނިތުންވުންތަކާއެކީ ބޯޖަހާލުމުން މިޝްކާ ކާގެއިން ނިކުންނަން ދުއްވައިގަތެވެ. މިޝްކާ ނިކުތުމުން ވިސާމް ޝަފަޤަށް ބަލަން ހުރެ އޭނައާއި ދިމާލަށް ދާން ފެށިއެވެ. ޝަފަޤް ވިސާމަށް ފަސްދީފައި މިޝްކާގެ ތަށި ދޮންނަން ފެށިއެވެ.
“ދެންވެސް ކައިގެން ނަމާދަށް ދެވޭތޯ ބަލާބަލަ.” ޝަފަޤް ވިސާމަށް ބަލާލުމެއްނެތި ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އެކަން ފާހަގަވި ވިސާމް ގޮސް ޝަފަޤްގެ ކައިރިއަށް ހުއްޓި ސިންކު ހަރު ކުރެވިފައިވި ކަބަޑުތަކަށް ލެނގިލިއެވެ.
“ކީއްވެޔޯ މިފަހަރު މޫނަށް ފެންނުޖެހީ؟” ވިސާމް އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށް ޝަފަޤްގެ މޫނަށް ބަލަންހުރެ އަހާލިއެވެ.
“ޖެހިން. އެކަމަކު ފެނަކުން ކުރި އަސަރެއްނެތް. ހޭލެވިފަ ވެސް ނިދައިފި.” ޝަފަޤް ހިތާހިތުން ހީލަހީލާހުރެ ނުރުހުންވާކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ.
“ވަރެއްގެ މީހަކާދޯ އިނދެވިގެން މިއުޅެނީ؟” ވިސާމް ލާނެތް ހިނިތުންވުމެއްގައި ހުރެ ރާގަކަށް އަހާލިއެވެ.
“ގައިމެއްނު؟ މުޅި އެނދު ހިފައިގެން ވިއްޔާ ނިދަނީވެސް.” ޝަފަޤް އެއްތަށި ދޮވުމަށްފަހު ސިންކުގައި ދެންވެސް ހުރި ބޯތަށިތަކާއި ސަމުސުތައް ދޮންނަން ފެށިއެވެ.
“ހެހެހެ…….އައިމް ރިއަލީ ސޮރީ އިނގޭ.” ޝަފަޤް އެބުނީ ކީކޭކަން ނަގައިގަނެވުމުން ވިސާމަށް ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު ޝަފަޤް ރުންކުރު ރާގަކަށް ހޫންއަޅުވާލިއެވެ. އެވަގުތު ވެސް އޭނަ އޭނަގެ މޫނުމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ކޮންޓްރޯލް ކުރަން ޖެހުނެވެ. އެކަން ފާހަގަވި ވިސާމަށް ހިނިތުންވެހުރެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު އޭނަ ވާހަކަ ދެއްކިއެވެ.
“ކީއްވެތަ ޝަފަޤް ކުއްލިއަކަށް ބަދަލުވީ؟” ވިސާމް އަހާލިއެވެ.
“ކޮން ގޮތަކަށް ބަދަލުވީ؟ ހޫމް…….” ޝަފަޤް ނޭނގޭ ކަމަށްހަދައި ތުންފިއްތާލަމުން މައްޗަށް ނަޒަރު ހިންގާލީ އޭނަ ވިސްނަން އުޅޭކަން އެންގުމަށެވެ.
“ރޭ ގޮތަށް.” ޝަފަޤް އޭނަ ހައްދަން އުޅޭކަން އެނގި އޭނަ ހަމަޖެހޭ ގޮތް ދައްކަމުން ކުރު ޖަވާބެއް ދިނެވެ.
“ރޭގަވީ ކިހިނެއް؟” ޝަފަޤް އެތާހުރި ދަގަނޑު ހޮޅީގައި އެލުވާފައި އޮތް ތުވާލި ނަގައި އަތްފޮހެމުން މައުސޫމް މޫނަކާއެކީ އަހާލިއެވެ. ވިސާމަށް ލުއި ހީލުމަކާއެކީ އޭނަ މަރާލި ދެލޯ މަތީގައި ދެއިނގިލި އަޅާލެވުނެވެ.
“އަހަންނަށް ހީވަނީ މި ވާހަކަ ކުރިއަށް ނުދާނެހެން. އެހެންވީމަ ނިންމާލަމާ.” ވިސާމް ޝަފަޤަށް ބަލަންހުރެ އެހެން ބުނެލަމުން ދާން އުޅުނެވެ. ނަމަވެސް އެވަގުތު ޝަފަޤް އޭނަގެ އަތުގައި ހިފާލުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޝަފަޤް އެއަތް ދަމާލުމުން އޭނަ އަނެއްކާވެސް ޝަފަޤްގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ.
“ރޮމޭންޓިކް ވަނީ ވަކި ކުރާ ހުރިހާ ކަމެއްގަ ލަދުކުޑަ ކުދިންނެއްނޫން.” ޝަފަޤް ވިސާމާއި ހަތަރުކަޅި ހަމަކޮށްލަމުން ޝަފަޤް ބުނެލިއެވެ. އެވަގުތު ވިސާމްގެ ދެބުމަ ކައިރިވެގެން ދިޔައީ އޭނަގެ ނަޒަރިއްޔާތު ހުރިގޮތް ޝަފަޤަށް އެނގުނު ގޮތުންނެވެ. އޭނަ ޙަރަކާތެއް ކުރަން ނޭނގިފައި ހުއްޓާ ޝަފަޤް އުޑުން ކޮއްޓާލަމުން އޭނަގެ ކޯތާފަތަށް ބޮސްދިނެވެ. އެ ވީގޮތް ޤަބޫލުކުރަން ވެސް ދަތިވެފައި ވިސާމް ހުއްޓާ ޝަފަޤް އޭނައާއި ދުރުވެލަމުން ހިނިތުންވުމަކާއެކީ އެއްލޯ މަރާލިއެވެ. އެއަށްފަހު ވިސާމަށް ފަސްދީފައި ކާގެއިން ނިކުންނަން ދިޔައެވެ. އެވަގުތު ވިސާމަށް ނޭނގި އޭނައަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.
ވިސާމްގެ އެކަނިވެރިކަން ފިލައި އޭނަގެ ޙަޔާތަށް ބަހާރު މޫސުމުގެ ކުލަވަރުތައް އަރަން ފެށި ވަގުތު އަޒާންގެ އެކަނިވެރި ޙަޔާތުގައިވި ޙަރީފު މޫސުމުގެ ތޫފާން ނުރައްކާތެރިވާން ފެށިއެވެ. ޖެހިގެން އައި އާދިއްތަ ދުވަހު އޭނަ ސްކޫލަށް ދިޔުމުން އޭނައަށް ކުރިމަތިވަމުން ދިޔަ މަލާމާތްތައް އެތައް ގުނައެއް އިތުރުވެފައިވިއެވެ. އޭނަ ގޮސް އޭނަގެ ކުލާހަށް ވަތް ވަގުތު ވެސް ހުރިހާ ކުދިންހެން އޭނައަށް ބަލާފައި ހެމުން ދިޔައެވެ. އެއީ ކީއްވެކަމެއް ޚުދު އަޒާނަކަށް ވެސް ނޭނގެއެވެ. މިއަދު ވަކިން ޚާއްޞަކޮށް ހުދާއޭ ކިޔައިގެން އޭނައަށް އަމާޒުވާ ބަހުގެ ޙަމަލާތައް ގިނަކަން އޭނައަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އަޒާން އެއީ މިއަދު އޭނައަށް ހީވާ ހީވުމެއް ކަމުގައި ނިންމައި އިންޓަވަލް ގަޑި އައިމަނާއި އެކީ ހޭދަކުރަން ނިންމިއެވެ. އޭނަގެ ހިތް ދެރަވާ ކޮންމެ ފަހަރަކު އައިމަން އޭނައަށް ހިތްވަރު ލައިދޭތީވެއެވެ.
އިންޓަވަލް ގަޑި ޖެހުމާއެކު އަޒާން އޭނަގެ ކުލާހުން ނިކުމެ އައިމަންގެ ކުލާހާއި ދިމާލަށް މިޞްރާބު ޖެހިއެވެ. ނަމަވެސް ހަމަ އެވަގުތު އައިމަން އޭނަގެ 5 އެކުވެރިންނާއެކީ ވާހަކަ ދައްކަމުން ކެންޓީނަށްދާ މަންޒަރު ފެނިފައި އަޒާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެމީހުން ގާތަށް ދާން ހިތަށް އެރުމުން ވެސް އެރޭ ރެސްޓޯރެންޓުގައި ކަންތައް ވީ ގޮތް ހަނދާންވެފައި އަޒާން ޚިޔާލު ބަދަލު ކޮށްލިއެވެ. އެއަށްފަހު ކެންޓީނަށް ދިޔުމެއްނެތި ސްކޫލްގެ ގޯތި ތެރޭގައި ހެދިފައިހުރި ބޮޑު ގަހެއްގެ ވަށައިގެން އިށީނދެވޭ ގޮތަށް ހަދާފައި ހުރި ތަނުގައި އިށީނެވެ. އޭނަ ވިސްނުމެއްގެ ތެރޭގައި އެތާ އިންދާ އެއްފަރާތަކުން ފިރިހެން ކުއްޖަކު ވާހަކަ ދެއްކިއެވެ.
“އޭ ބަލާބަލަ މިހިރީއޭ މިސްޓަރ ލޯންލީ. ޕިސް ޕިސް ޕިސް ޕިސް…….ޙަޔާތުގައި ވެސް ލޯބިވީ އެންމެ ކުއްޖެއްދެކެ. އެކުއްޖާވެސް ކޮއްކޯފުޅު ޖަހައިގަނެގެން ފިލައިފި.” އަޒާންގެ ކުލާހުގައި އުޅޭ ވިއާމް ޙަމްދަރުދީވާ ފަދަ ރާގަކަށް ބޯހޫރުވަމުން ބުނެލިއެވެ.
“ސުބުޙާނަ ﷲ ދެން އޭނަ ކިހިނެއް ހަދާނީ؟ ކާކު އޭނަދެކެ ލޯބިވާނީވެސް؟ ޖިންނިއަކު ފަހަރެއްގަ އެޓްރެކްޓް ވެދާނެދޯ؟” ވިއާމްގެ ކައިރީގައި ހުރި ވިފާގް ހަމަ އެ ރާގަށް ދޯދިނެވެ. ވިއާމް ޗޮއްކަނޑާލިއެވެ.
“ޖިންނިންގެ ތެރޭގަވެސް އިންނާނެ މީހަކު ނުލިބިގެން އުޅޭ މީހަކު ހުރިއްޔާ އެހެންވާނީ. އެމީހުން ވެސް މިކަހަލަ މީހަކަށްޓަކައި އެހާ ފަސޭހައިން ސެޓްލްއެއް ނުވާނެއެއްނު؟ ލުކް އެޓް ހިމް! ހީވަނީ އަހަރެން މިދިޔަ ހަފްތާގަ އިންޑިޔާއަށް ގޮސް ކެއި ކޭ އެފްސީ ފައިގެ ކަށިގަނޑުހެން.” ވިއާމް އެހެން ބުނެލުމާއެކު އޭނަގެ ވަށައިގެން ތިބި އެންމެން އަޑުގެ ނެތްތަނަށް ހޭންފެށިއެވެ. އޭގެ މާގިނައިރެއްނުވެ ވިއާމް އަޒާނާއި ދިމާލަށް ކުޅު ޖަހާލިއެވެ. އަޒާން އޭނަގެ ފައި ފަހަތަށް ގެނެވުނުކަމީ އޭނަގެ ނަސީބެވެ. އެކުޅު ގޮސް ޖެހުނީ އޭނަގެ ކުރިމަތީގައެވެ.
“ހިތުން އެތައް ބި…ބި…..ބި….ބި….ބިލިއަން ޑް..ޑް….ޑް.ޑް….ޑޮލް…..ލް…..ލަރެއް ލިބޭނެ ބިޒްނަސް މޭޖާރ އެކޯ. އެކަމަކު މިއީ މީނަގެ މަންމަގެ އުނގުން ވެސް ނިކުންނަން ނުކެރިފަ ހުރި މީހެކޭ!” ވިއާމް ހިސާބެއްގެ ރުޅިވެރިކަމާއެކީ އަޒާނަށް ހަނދާން ކޮށްދިނީ އޭނައަކީ އެއްޗެހި ހުށަހަޅަން ކިހާ ދެރަ މީހެއް ކަމެވެ.
“ހުދާ ލިބޭތޯ ކަންނޭނގެ އެހެން ވެސް ހިތަށް އަރުވައިގެން އެ އުޅެނީ. އެކަމަކު އެ ހުދާއަކީ ވެސް ސްޓޭންޑާޑްސް ހުންނަ ކުއްޖެކޭ. އެހެންވެ އޭނަގެ ކިސް އައިމަނަށް ލިބުނީ.” ވިއާމްގެ އެހެން އެކުވެރިޔަކު ބުނެލި ވާހަކައިން އެހުރިހާ އިރު އިސްޖެހިފައި ހުރި އަޒާނަށް އިސްއުފުލައި ބަލާލެވުނެވެ. އެހެނަސް އެ ވަގުތު އެ ބައިގަނޑު ހެމުންހެމުން ކެންޓީނާއި ދިމާލަށް ދާން ހިނގައިގަތެވެ. އެމީހުން ބުނި އެއްޗަކާއިމެދު ވިސްނަން އިންދާ އޮފީހުގައި އުޅޭ މުވައްޒަފަކު އޭނަގެ ކައިރިއަށް އައެވެ.
“އަޒާން ޕްރިންސިޕަލް އޮފީހަށް ގެންނަން ޕްރިންސިޕަލް އެދިލައްވައިފި.” އެ އަންހެން މުވައްޒަފު ބުނެލި ވާހަކައިން އަޒާނަށް ކަންބޮޑުވުމަކާއެކީ ސީދާވެލެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް އޭނަ ވާހަކަ ދެއްކިއެވެ.
“އައިމަން ކޮބައިތަ؟” އޭނަ ސުވާލުކުރިއެވެ.
“ކް..ކް…ކެންޓް…އީންގަ.” އަޅައަޅައިގަނެގެން އަޒާނަށް ބުނެލެވުނެވެ.
“އައިމަން ވެސް ގޮވައިގެން ޕްރިންސިޕަލް އޮފީހަށް އިނގޭ؟” އޭނަ އެހެން ބުނެފައި އަޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދެންމެ ވިއާމްގެ އެކުވެރިޔާ ދެއްކި ވާހަކައަކާއެކު މި ޚަބަރު އޭނަގެ ސިކުނޑީގައި ތަކުރާރުވުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ.
ނުނިމޭ